Episode 35
ހިތް އެދޭހާ ކަމެއް.. (35 ވަނަބައި)
"މެންދުރު ކައިގެން ރަށް ބަލާލަން ދާންވާނެއްނު.. ޒީވް ބޭނުމިއްޔާ ޕޫލަށްވެސް އެރެންވީ.. ވިލާގަވެސް އޮންނާނެ ޕޫލެއް.." ރިއާންގެ ވާހަކައަށް ބޯޖަހައިލުން ފިޔަވައި އިތުރު ރައްދެއް ޒީވާގެ ފަރާތަކުން ނުލިބުނެވެ. ރިއާންއަކަށް މި ވެގެންއުޅޭ ގޮތެއް ނޭނގުނެވެ. އަދި ހުދު އޭނާއަކީވެސް މިޒާޖުގައި މާ ވާހަކަގިނަ މީހަކަށް ނުވާތީއާއެކު ޒީވާއާ އިތުރަށް ދައްކާނެ ވާހަކައެެއްވެސް ނޭނގުނެވެ.
***********
ރިސޯޓުގެ މައި ރެސްޓޯރެންޓްގައި ތައްޔާރުކުރެވެމުންދިޔަ ގިޑިގެއަށް ނަޒަރު ހުއްޓާލައިގެންހުރި ޝައިނާވަނީ ފުންހިޔާލެއްގެ ތެރޭގައެވެ. ކުރިމަތީގައި ހިނގަމުންދިޔަ އެއްވެސް ކަމަކަށް އޭނާގެ ސަމާލުކަން ދިނުން ދަތިވެފައިވާ ކަހަލައެވެ. ޕާޓީއަށް ވަމުންދާ ތައްޔާރީތަށް ބަލަން އެއްއަތުގައި އޮތް ޓެބްލެޓް މޭގައި ލައްކޮށްލައިގެން ހުރިއިރު އަނެއް އަތުގައިހުރި ކޮފީތަށިން އިރުއިރުކޮޅާ ކޮފީފޮދެއް ބޮއެލައެވެ.
"ޝައި.. ޝައި ދުރަށް ޖެހިލަބަ" ކައިރިން މީހަކު ގޮވައިލި އަޑަށް ޝައިނާ ސިހިފައި ދުރަށްޖެހުނެވެ. އޭރު އޭނާއަށް ހުރެވުނީ ގިޑިގެތެރޭގައި މީހުން ހިނގާބިނގާވެ އުޅުނު މަގުގައެވެ. އެހެންކަމުން ރަތްކުލައިގެ މާމެލާމެލިން ޖަރީކުރެވިފައިވާ ބޮޑު ވަކަރެއް ހިފައިގެން އައި ބަޔަކު އެމަގުން ނުދެވިފައި ހުއްޓެވެ.
"ޝައިއަށް މިއަދު ކިހިނެތް ވެފަތަ ތި ހުންނަނީ؟ ހިއެއްނުވޭ މާބޮޑަށް މިކަމާ ވާހެނެއް" ޝައިނާއާއެކު އެތަން ތައްޔާރުކުރުމުގައި އުޅުނު އިލްހާމް ބުންޏެވެ.
"ކަމެއްނުވޭ.. ނުނިދާ އުޅުނީމަ ކުޑަކޮށް ބޮލުގަ ރިއްސަނީ.." ޝައިނާ ހިނިތުންވެލިއެވެ.
"މިރޭ އަދި ޕާޓީ އޮތީ.. ތިހެން އެއްގޮތަކަށްވެސް ކަމަކު ނުދާނެ.. ފައިނަލް ޓަޗް ކުރާގަޑީ ޝައި ކޮންމެހެންވެސް ހުންނަންވާނެ.. ޝައި ދޭ އިހަކަށް ނިދާލަން.. އަހަރެން މިކަމާ އުޅެލަދޭނަން" އިލްހާމްގެ ވާހަކައަށް ޝައިނާ ބޯޖަހައިލިއެވެ.
ހަގީގަތުގައިވެސް ޝައިނާހުރީ އެތަނުންދާން ބޭނުންވެފައެވެ. އެލީޝާއާމެދު ކޮންމެ ގޮތަކަށް އެއްބަސްވެވިފައިވިޔަސް އަދި ރާހިލްއާއި އެލީޝާގެ ކައިވެންޏަކީ ދުނިޔޭގެ ލޮލުގައި އަޅުވާ އަނދުނެއް ކަމުގައިވިޔަސް އެތަށްބައެއްގެ ކުރިމަތީގައި ރާހިލް އެހެން މީހެއްގެ ހައްޤަކަށްވާންއުޅޭ ކަމުގެ ހިޔާލުން އޭނާގެ ނިންޖާއި ހަމަޖެހުން ނަގާލެވިފައިވެއެވެ. ފިރިމީހާ އެހެން މީހަކާ ކުރެވޭ ކައިވެނީގެ ހަފްލާ އަމިއްލައަށް ޒީނަތްތެރި ކުރަމުންދާއިރު އެހިތުގައި އަޅާވޭން އިހުސާސްވާނެ އެކަކުވެސް ނުހުންނާނެއެވެ. އޭނާއާއި ރާހިލްގެ ކައިވެނި ކުލަގަދަ ގޮތެއްގައި ނުކުރެވުނު ކަމުގައިވިޔަސް އަދި ބޮޑު ހަފްލާއެއް ނުބޭއްވައި ބޮޑުހެދުމެއް ނުލެވުނު ކަމުގައިވިޔަސް އޭނާގެ ޝަކުވާއެއްނެތެވެ. ނަމަވެސް ކިތަންމެ ފަހަރަކު މިރޭ އެލީޝާގެ ޖާގައިގައި އޭނާ ހުންނާނެ ނަމައޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.
އެތަން ދޫކޮށްދިޔުމުގެ ކުރިން އޭނާ އަދިވެސް އެއްފަހަރު ފަހަތައް އެނބުރި ބަލައިލިއެވެ. ރާހިލްއަށް އެތަނުގައި ހުރި މަސައްކަތް ފެނިއްޖެނަމަ ހިތްހަމަ ނުޖެހޭނެވަރު އޭނާއަށް އަންދާޒާކޮށްލެވުނެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް އިތުރު އެއްވެސް ހިޔާލެއް ނައީތީ އެގޮތަށް އެތަން ފަރުމާކުރަން ޖެހުނީއެވެ.
*************
ކޮޓަރިއަށް އައިއްސުރެން ޒީވާއަކަށް ރިއާންގެ ހަބަރެއްނުވެއެވެ. އޭނާ ކާންދާން ބޭނުން ނޫން ކަމުގައި ބުނުމުން މެންދުރުކާން ނުކުތްމީހާ އެނބުރިއައީ ހަވީރު ހަތަރެއް ޖެހުމާ ގާތްވެފައި ވަނިކޮށެވެ. ރިއާން ފެނުމާއެކު ޒީވާގެ މޫނުމަތިން އެހެންޏާ ނުފެންނަ ޒާތުގެ ފޫހިކަމެއް ފެނުނެވެ. ނަޝްވާއާއެކު ރިއާން އުޅުނު ގޮތުގެ ހިޔާލުން ސިކުނޑީގައި ހައިޖާނު އުފެދުނެވެ. އެއީ މީގެ އަށް އަހަރު ކުރިއެވެ. ނަމަވެސް އޭރާއި ބަލާއިރު މިހާރު ނަޝްވާއަކީވެސް ކުރިއަށްވުރެވެސް ފުރިހަމަ އަންހެނެކެވެ. ރޭގައި އޭނާގެ ކުރިމަތީ ރިއާން ނަޝްވާއާ ނުރުހޭކަން ދެއްކިނަމަވެސް އޭނާ ނިދުމަށްފަހު އެދެމީހުންގެ ދޭތެރޭގައި ހިނގި އެއްވެސް ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟
ޒީވާ ކޮޓަރިން ނުކުމެ މަޑުހިނގުމެއްގައިގޮސް ޕޫލް ކައިރީގައި މަޑުކޮށްލުމަށްފަހު ލައިގެންހުރި ހުދުކުލައިގެ ހަރުވާޅު ކަކުލާއި ހިސާބަށް އޮޅައިލަމުން ޕޫލްގެ ތެރެއަށް ދެފައިލިއެވެ. އޭނާއަށް އެގޮތުގައި އިނދެވުނީ މަދުއިރުކޮޅެއްވަންދެނެވެ. ޕޫލްގެ ފެންގަނޑުގައިހުރި މަޑުމަޑު ތާފަނާކަން އިހުސާސްކުރެވުމާއެކު މަޑުމަޑުން ޕޫލްގެ ތެރެއަށް ފައިބައި ފަތައިލިއެވެ. އެއަށްފަހު އަނެއްކާވެސް ޕޫލްގެ ކައިރިފަށަށް އައިސް ފޮޓޯނަގަން ފެށިއެވެ. އެވަގުތު އެތަނުން މީހެއްގެ ހިލަމެއްވެގެން ބަލައިލިއިރު ރިއާން ދުރުގައި ޒީވާގެ ފޮޓޯނަގަން ހުރިތަން ފެނުނެވެ. ޒީވާއަށް އެމަންޒަރު ފެނިއްޖެކަން އެނގުމުން ރިއާން ހިސާބަކަށް ރަކިވިނަމަވެސް އެކަން ފޮރުވައިލުމަށްޓަކައި އޭނާވެސް ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު ޒީވާ ހުރި ދިމާލުން ޕޫލަށް ފޭބިއެވެ. ރިއާން އެފަދަ ގޮތަކަށް އޭނާގާތަށް އައީތީ ޒީވާގެ ހިތް އުފަލުން ނަށައިލިނަމަވެސް އޭނާ އެހިތުގެ މައްޗަށް ބާރު ފޯރުވަމުން އެތަނުން ދާން ހިނގައިގަތެވެ.
"ދަނީތަ؟" ރިއާން ހައިރާންވެފައި އަހައިލިއެވެ.
"ހްމްމް. ހަމަ އެކަނި ފޮޓޯކޮޅެއް ނަގަން އެރުނީ.. މިހާރު އޯކޭ" ޒީވާ ރިއާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޕޫލްއިން އެރުނެވެ. ތެމުމުގެ ސަބަބުން ގައިގައި ތަތްލާފައިވާ ތުނި ފޭރާމުގެ ތެރެއިން ފެންނަންހުރި އޭނާގެ ހަށިގަނޑުގެ ވަނާތަކަށް ރިއާންގެ ނަޒަރު ދަތުރުކުރިކަން ހުދު ޒީވާއަށްވެސް އެނގުނެވެ. އެނަޒަރުން ސަލާމަތްވުމަށްޓަކައި އޭނާ ކައިރީގައި އޮތް ގޮނޑިން ތުވާއްޔެއް ނަގައި ގައިގައި އޮޅައިލަމުން ގޮސް އެތެރެއަށްވަނެވެ.
"ކޮންމެހެން މިހާރު އަހަރެންނަށް ބަލަނީ ކީއްކުރަން ކުރިން އަހަރެން ހުންނަގޮތަށް މަލާމާތްކޮށްފަ؟ ނަޝްވާއަށް ބެލީމަ ވީއެއްނު؟" ހިތާހިތުން ރިއާންއާ ދިމާލަށް ކުދިކިޔަމުން ޒީވާ އަތުގެ ހުރި ހުރިހާބާރަކާއެކު ކޮޓަރީގެ ދޮރުފަތް ކަހައިލިއެވެ.
**************
ދުވަހުގެ އިރު އޮއްސުނުއިރުވެސް ޝައިނާ އެނދުން ތެދުވާހިތެއް ނުވިއެވެ. އޭނާގެ ގައިގައިވާ ހުރިހާ ހަކަތައެެއް ހުސްވެފައިވާފަދައެވެ. ޕާޓީ ބާއްވަން ހަމަޖެހިފައިވާ ތަނުގެ މަސައްކަތް ނިމެމުންދިޔަ ވަރަކަށް އިލްހާމް އެތަނުގެ ފޮޓޯތަކާއި ވީޑިޔޯތައް އޭނާއަށް ފޮނުވަމުންދިޔަ ނަމަވެސް ޕާޓީ ފެށުމުގެ ކުރިން އޭނާ އެތަން ބަލާލަން ދާން ޖެހޭނެކަމަށް އޭނާ ގަބޫލުކުރިއެވެ. އޭނާއަކީ ދުވަހަކުވެސް ހަވާލުވެފައިވާ ޒިންމާއަކާމެދު މިހެން ފަރުވާކުޑަ ކޮށްލާ މީހެއްނޫނެެވެ. އެހެނަސް މިއަދު ހާލަތު މުޅިން ތަފާތެވެ.
ހިތްވަރުކޮށްފައި އެނދުން ތެދުވެ އޭނާ ފުރަތަމަވެސް ރާހިލްއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވުމާއެކު ބޮލުގައިވާ ރިހުމަށް ލުޔެއް ލިބޭތޯ ބޭސްގުޅައެއް ކައިލުމަށްފަހު ނަމާދުކޮށްލައިގެން ޕާޓީއަށްދާން ތައްޔާރުވާންފެށިއެވެ. ޕާޓީގެ ކުލައަކީ ރަތްކުލަކަމުގައި ވިޔަސް އޭނާ ލުމަށް ތައްޔާރުކޮށްފައިވަނީ ކަޅުކުލައިގެ މާމެއިޑް ހެދުމެކެވެ. އެ ހެދުމާއެކު ރަތްކުލައިގެ ކަންފަތުލާއެތިކޮޅު ހެޔޮވަރުކޮށްލަމުން އަވަސް އަވަހަށް ކޮޓަރިން ބޭރަށް ނުކުތެވެ. އޭނާ ދިޔައިރު ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާ ތަން ތައްޔާރު ކުރެވިފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. އެހެންކަމުން އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ރާހިލް ގާތަށް ދިޔުމަށް އަވަސްވެގަތެވެ. ބަގީގައިގޮސް ރާހިލް އުޅޭ ކޮޓަރީގެ ބޭރަށް ހުއްޓައިލި ވަގުތު އެތަނުގައި ހުރި ރިއާން އޭނާގެ ލޮލުގައި އަޅައިގަތެވެ.
"ކޮބާ؟" ޝައިނާ އިޝާރާތާއެކު އަހައިލިއެވެ.
"އެތެރޭގަ. ރެޑީ ވަނީ.." ރިއާންގެ ޖަވާބަށް ބޯ ޖަހައިލަމުން ޝައިނާގޮސް ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަނެވެ. އޭރު ކަޅުކުލައިގެ ވެޑިންގް ސޫޓެއްގައިހުރި ރާހިލް ލޯގަނޑުގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިހުރެ ކަރުގައިއޮތް ޓައި ހެޔޮވަރު ކުރަނީއެވެ. ލޯގަނޑުން ޝައިނާގެ ސޫރަ ފެނުމާއެކު އޭނާ ޝައިނާއަށް ހިނިތުންވުމެެއް ރައްދުކުރިއެވެ. ނަމަވެސް އެހިނިތުންވުމުގެ އެއްވެސް އަސަރެެއް އޭނާގެ މޫނުމައްޗަކު ނެތެވެ.
"ހެލޯ ހެންޑްސަމް" ޝައިނާ ލަސްފިޔަވަޅުތަކެއްގައި ރާހިލް ގާތަށް ދިޔައެވެ. އަދި ރާހިލްގެ ޓައިގައި ހިފަހައްޓައިލިއެވެ.
"ލެޓް މީ.."
"ނޯ" ރާހިލް ޝައިނާއާ ހަތަރުކަޅި ހަމަ ކުރުމެއްނެތި އެ ޓައި އަތުލަމުން ދުރަށް ޖެހުނެވެ.
"ރާހިލް" ޝައިނާ ހިތްހަމަނުޖެހިފައި ގޮވައިލިއެވެ. އަދި އަލުން އެ ޓައި އަތުލައި ރާހިލްގެ ކަރުގައި އަޅުވައިދިނެވެ. އެދެމެދަށް ވެރިވެފައިވި ހިމޭންކަން ނައްތައިލެވުނީ ކުއްލިއަކަށް އިވުނު އަތްތިލަބަޑީގެ އަޑުންނެވެ.
"ވާ ވާ ވާ.. ދެކެދެކެވެސް މިވަރު ކަމެއް ނުދެކެން. އަމިއްލައަކަށް ތިމާގެ ފިރިމީހާ ދެވަނަ ކައިވެންޏަށް ތައްޔާރުކޮށްދީފަ އަމިއްލަ ދެއަތުން ލޯބިވާ ފިރިމީހާ ގޮސް އެހެން މީހެއްގެ އަތުތެރެއަށް ލާދެނީ. އަހަރެން ގަބޫލެއް ނުކުރަން ތިދެމީހުންކުރެ އެކަކުވެސް އެކަކު އަނެކަކުދެކެ ލޯބިވާކަމަކަށް." އިޝްވާގެ އަޑުގައިވާ ނުރުހުން ސިއްރެއް ނުވިއެވެ.
"އިޝްކޯ ތީ ކޮން ވާހަކައެއް؟ މިއީ ތިކަހަލަ ވާހަކަ ދައްކަން އަންނަންވި ގަޑިއެއްނޫން" ރާހިލް އިޝްވާއާ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ.
"އަހަރެންގެވެސް ނެތޭ މާ ބޮޑު ޝައުގެއް ތި ކުޅޭ ޑްރާމާގަނޑު ބެލުމުގެ. މި ދޭން ވެގެން މިއައީ. އަން" އިޝްވާ އަތުގައި އޮތް ބްރޫޗް އެނދުމައްޗަށް އެއްލުމަށްފަހު އެތަނުން ނުކުތެވެ.
"އިޝްކޮ ކިޔާ އެއްޗަކަށް މާބޮޑަށް އަޅާލާނެ ކަމެއްނެތް.. އަހަރެން ޝައިނާއަށް ދެރައެއް ނުދޭނަން.. އިތުބާރު ކުރޭ" ރާހިލްގެ ވާހަކައަށް ޝައިނާ ބޯޖަހައިލިއެވެ. ނަމަވެސް ޝައިނާގެ މޫނުމަތިން މާޔޫސްކަން ފާޅުވާން ހުއްޓެވެ. އެހެންކަމުން ރާހިލް މަސައްކަތްކުރީ ޝައިނާގެ މޫޑު ރަނގަޅު ކޮށްލެވޭތޯއެވެ.
"ވާއު. ޖަސްޓް ލުކް އެޓް މައި ގޯޖަސް ވައިފް.. ރިއާން! ރިއާން!" ރާހިލް އެދެމީހުންގެ ގުޅިފައިވާ ދެއަތް ހިއްލައިލުމަށްފަހު ޝައިނާ ރީތިގޮތަކަށް އަނބުރައިލަމުން ރާހިލް ބުންޏެވެ. އޭރު އޭނާ ގޮވައިލި އަޑަށް ރިއާން އައިސް އެ ކޮޓަރިއަށް ވަންނަނީއެވެ.
"އަހަރުމެން ދެމީހުންގެ ފޮޓޮއެއް ނަގާބަލަ" ރިއާން ފެނުމާއެކު ރާހިލް ޖީބުން ނެގި ފޯނު ރިއާންއަށް ދިއްކޮށްލަމުން ބުންޏެވެ. ރިއާން އެ ފޯނުގައި ހިފުމަށްފަހު ރާހިލް އެދުނުގޮތަށް ކަންތައްކުރިއެވެ. ފޮޓޯނެގުމުގައި އުޅެނިކޮށް ކުއްލިއަކަށް އިވެންފެށި ޒީވާގެ އަޑަށް ރިއާން ސިހިފައި ފޯނު ތިރިކޮށްލިއިރު ރާހިލްވެސް ޝައިނާގެ އުނަގަނޑުގައިވާ އަތް ތިރިކޮށްލަމުން ދުރަށް ޖެހިލިއެވެ.
"ދޮންބޭ! ދޮންބޭ! މި އިޝީ މި ކިޔަނީ ތެދެެއްތަ؟" ޒީވާގެ ސުވާލާއެކު އެތަނުގައި ތިބި އެންމެނަށްވެސް ސިހުން ލިބުނެވެ. ރިއާންއާއި ރާހިލް އަދި ޝައިނާ ކަންބޮޑުވެފައި އެކަކު އަނެކެއްގެ މޫނަށް ބަލައިލުމަށްފަހު އިޝްވާއަށް ބަލައިލިއެވެ. އަނެއްކާ އިޝްވާ ޒީވާގާތު ދައްކައިގެން މި އުޅެނީ ކޮން ވާހަކައެެއްބާއެވެ؟
"ދޮންބެ އަޅެ އެލީ ކައިރި ބުނީތަ ޝައި ބްރައިޑްސްމެއިޑް އަކަށް ނަހަދަން؟ ތިދެމީހުން ފައިޓް ކުރިޔަސް ތިއީ ބޮޑުވަރު. ޝައިވެސް އެއީ މިގޭގެ ކުއްޖެކޭ" ޒީވާ އަހައިލިއެވެ. އެތަނުގައި ތިބި އެންމެނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"ދެން ސާބަހޭ ދޮންތީ! އެއީ އެލީއާއި ދޮންބެގެ އަމިއްލަ ކަމެއްނު" އިޝްވާ ބުންޏެވެ.
"އަޅެ އެކަމަކު.. ދެން ކީއްކުރާނީ ދޯ؟ އެނގޭތަ؟ އެލީ ކައިރިއަށް ގޮސްލާފަ މިއައީ.. ހާދަ ރީއްޗޭ މާޝާﷲ. ހިއެއްނުކުރަން އެހާ ރީތި ފަހަރިއެއް އަހަރުމެންނަށް ލިބޭނެކަމަކަށް. ދޯ އިޝްކޯ؟" ޒީވާ އައިސް ރާހިލްގެ އަތުގައި އޮޅުލައިގަންނަމުން ބުންޏެވެ.
ރާހިލްއަށް ކަންބޮޑުވެފައި ޝައިނާއަށް ބަލައިލެވުނެވެ. ޝައިނާ އެތަނުގައި މަޑުކުރުމެއްނެތި ބަހަނާއެއް ދެއްކުމަށްފަހު އެތަނުން ނުކުތުމުން ރާހިލްވެސް އިތުރަށް އެތަނުގައި މަޑުކުރާކަށް ގަސްދެއްނުކުރިއެވެ. އެހެންކަމުން އެންމެން އެކީ ބަގީއެއްގައި ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާތަނަށް މިސްރާބުޖެހިއެވެ. އެހެނަސް އެތަނަށް ވަނުމަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކުވެސް ރާހިލްގެ ނިތަށް ރޫތަށް ގިނަވިއެވެ. އަދި ޝައިނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ދުރަށް ހިނގައިގަތެވެ.
"އަރ ޔޫ ކިޑިންގް މީ؟ މިއީ ޝައިނާ އަހަރެންނާ ކުރާ ސަމާސާއެއްތަ؟ އަހަރެންނަށް ކުރެވުނު ކަމެއްގެ ބަދަލު ހިފަނީތަ އޭން؟" ރާހިލް ހިތްހަމަނުޖެހިފައިހުރެ ބުންޏެވެ.
"ރާހިލް މިއީ ދެން ތި ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއްނޫނެެއްނު" ރިއާންވެސް ކަންބޮޑުވެފައިހުރެ އެދެމީހުން ގާތަށް އައެވެ. އެތަނުގައި ޝައިނާ ކޮށްފައި އެހުރި ކަމެއް ރާހިލްގެ އިތުރަށް ދެން އެނގޭ ހަމައެކަނި މީހަކަށް ހުރީ އޭނާއެވެ.
"ވެޑިންގް ރަތްކުލައިން އޮތީމަ.. ރާހިލް އަހަރެން.." ޝައިނާއަކަށް ދައްކާނެ ބަހަނާއެއް ނޭނގުނެވެ. ރާހިލް ދަތްކުނޑި ވިކައިލުމަށްފަހު ރިއާންގެ ފަހަތުން އެތެރެއަށް ހިނގައިގަތެވެ. ޝައިނާއަަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ހަގީގަތަކީ އެލީޝާ ކައިވެނީގެ ކުލައަކަށް ރަތްކުލަ އިހްތިޔާރުކުރި ވަގުތުން ފަށައިގެން އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ރާހިލްގެ ކައިވެނި ޕާޓީ ޒީނަތްތެރި ކުރުމަކީ އޭނާއަށްވެސް ފަސޭހަކަމެއް ނޫނެވެ. ދެތިން ހަފްތާވަންދެން ވިސްނި އިރުވެސް އެތަން ޒީނަތްތެރިކުރާނެ ގޮތުގެ ހިޔާލެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ ސިކުނޑި ފުސްވެ މަސައްކަތްކުރުން ހުއްޓިފައިވި ކަހަލައެވެ. އެ ކުލައަކީ އޭނާއަށްވެސް އަދި ރާހިލަށްވެސް އެންމެ ކަމުދާ ކުލައެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅުނު ރެއަށް ހާއްސަކުރެވިފައިވާ ކުލައެވެ. އެހެނެއްކަމަކު އެންމެ ފަހު ވަގުތު އޭނާއަށް އިތުރު ހިޔާލެއް ނުލިބުނީތީ އެރޭ ރާހިލް އޭނާއަށްޓަކައި އާރް.އެލްގެ ޓެރަސް ތައްޔާރުކުރި ގޮތާއި ގާތްކުރާ ގޮތަކަށް ތައްޔާރީތައް ކުރެވުނީއެވެ. އެތަނުގައި އޭނާ ތައްޔާރުކޮށްފައި އެވާ ގިޑިގެއަކީ ހަމަ އެރޭ އެ ޓެރަސްމަތީގައިހުރި ގިޑިގެއޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ.
"ޝައި އަވަސް. މިހާރު އެ ފެށެނީ" ޝައިނާ ސިއްސައިގެންދިޔައީ ފަހަތުން އައި ޒީވާ އޭނާގެ ކޮނޑުގައި އަތް ބާއްވައިލުމުންނެވެ. އޭރު އެތަނުގައިތިބި ގިނަ ބަޔަކު ކައިވެނިކުރާ މޭޒުގެ ވަށައިގެން އެއްވަމުންދިޔައެވެ.
ޒީވާ ޝައިނާގެ އަތުގައި ހިފައިގެން މީހުންތަކުގެ ތެރެއިންގޮސް އެންމެ ކުރީ ސަފުގައި ހުއްޓި ފޯނުގެ ކެމެރާ ސެޓުކޮށްލިއެވެ. ކަންދިމާކުރިގޮތުން އެދެމީހުންނަށް ތިބީ ރާހިލްއާއި އެލީޝާ އިށީންނަށް ތިބި ދިމާލުގެ ކުރިމައްޗަށް ވާގޮތަށެވެ. އޭރުވެސް އެލީޝާއ އެތަނުގައި އިށީނދެލައިގެން އިނެވެ. އޭނާގެ ބްލޯންޑް ކުލައިގެ ބުޅި އިސްތަށިގަނޑުގައި ރީތި ހުޅިއެއް ޖަހާލައިފައިވާއިރު ލައިފައިވާ އޮފްޟޯލްޑާރ ވެޑިންގްޑްރެސްގައި ފެންނަމުންދިޔަ އެލީޝާގެ ރީތިކަމަށްޓަކައި ޝައިނާގެ ހިތުގައިވެސް ހަސަދައިގެ އޮއެވަރެއް ދަތުރުކުރިއެވެ. ރާހިލްފަދަ އަންހެންކުދިންގެ ތެރޭގައި މަގުބޫލު މާޒީއެއް އޮތް މީހަކަށް އެލީޝާފަދަ ރީތި ކުއްޖެއްގެ ޖާދޫގައި ނުޖެހި ހުރެވިދާނެބާއެވެ.
އެލީޝާގެ ކޮންމެ ސިފައަކީ ޝައިނާގެ ސިފަތަކާއި ދިމާ އިދިކޮޅު ސިފައެކެވެ. ޝައިނާގެ ހަށިގަނޑުގައިވާ އޮޅަލި ކުލަޔާއި ހިލާފަށް އެލީޝާގެ ހަށިގަނޑުގައިވާ ހުދު ދޮންކުލައަށް ރާހިލްގެ ހިތް ޖެހިދާނެބާއެވެ. އެ ފެހި ދެލޮލާއި ރަންކުލައިގެ އިސްތަށިގަނޑަށް ރާހިލްގެ ހިތްޖެހިދާނެބާއެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އޭނާ ރާހިލްއަށް ފުރިހަމަ އިތުބާރުކުރެއެވެ. ގޯސް ވަސްވާސްތައް ސިކުނޑިން ފޮހެލުމަށްޓަކައި ޝައިނާ ބޯ ދެފަރާތަށް ހޫރައިލިއެވެ.
އިރުކޮޅެއްފަހުން ހަރުކޮށް ހިނގައިލައިފައި އައިސް ރާހިލް ގޮނޑީގައި އިށީނދެލިއެވެ. އޭރުވެސް ރާހިލްގެ ނަޒަރު އަމާޒުވެފައިވަނީ ކުރިމަތީގައިހުރި ޝައިނާއަށެވެ. ޝައިނާގެ މޫނުމަތީގައިވާ މާޔޫސްކަން ފެނި ރާހިލްގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އެކަން ފާހަގަކުރެވުމާއެކު ޝައިނާ އަވަސް އަވަހަށް ހިނިތުންވެލީ ރާހިލްގެ ހާސްކަން ފިލުވައިލުމަށެވެ. އެއަށްފަހު އެދެމީހުންގެ މެދުގައި މާގިނަ ނަޒަރުތަކެއް ބަދަލުކުރާނެހާ ފުރުސަތެއް ނުލިބުނެވެ.
ހުރިހާ އެންމެން މޭޒުގައި އިށީނދެ ހަމަޖެހިލުމާއެކު އިރުކޮޅެއްގެ ފަހުން ކައިވެނީގެ ޚުތުބާ ފެށުނެވެ. ޚުތުބާ ނިމެން ކައިރިވަމުން ދިޔަވަރަކަށް ޝައިނާގެ ކެތްތެރިކަން ކޮޅުންލަމުންދިޔައެވެ. މިއީ ދުނިޔޭގެ ލޮލުގައި އަނދުނެއް އެޅުވުމަށްޓަކައި ކުރެވޭ ބާތިލު ކައިވެންޏެއްކަމުގައި ވިސްނަން މަސައްކަތްކުރި ނަމަވެސް އެކަމުން އެހިތަކަށް ތަސައްލީއެއް ނުލިބުނެވެ. ރާހިލްގެ ދުލުން އެހެން މީހަކު އަންބެއްގެ ގޮތުގައި ގަބޫލުކުރަމޭ ބުނާއަޑު އަހާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެހެންކަމުން އޭނާ އެތަނުގައި މަޑުކުރުމެއްނެތި އަވަސް ފިޔަވަޅުތަކެއްގައިގޮސް އެތަނުން ނުކުތެވެ. އެތަނުގައި އޮތް ދިގު ފާލަން ހުރަސްކޮށް ދޮންވެލިގަނޑާއި ހިސާބަށް އާދެވެމުން ދިޔަ ވަރަކަށް އޭނާގެ ދެލޯ ފެންކަޅިވަމުންދިޔައެވެ. ބޭ އިޚްތިޔާރުގައި ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. އެކަރުނަތައް ހިފެހެއްޓުމަށްޓަކައި އޭނާ ދިޔައީ ކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްތެރިވަމުންނެވެ. އަތިރިމަތީގައިހުރި އުނދޯލިގެއާ ހިސާބަށް ދެވުމާއެކު އޭނާ ފިޔަވަޅުތައް ހުއްޓައިލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަމަ އެވަގުތު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ނީރާލިއެވެ.
"ސިސް؟" ފަހަތުން އިވުނު އިޝްވާގެ އަޑަށް ޝައިނާ އަވަސް އަވަހަށް އެކަރުނަތިކި ފޮހެލަމުން އިޝްވާއާ ކުރިމަތިލިއެވެ. ނަމަވެސް އިޝްވާއަކަށް ޝައިނާގެ އެ ހަރަކާތް ސިއްރެއް ނުވިއެވެ.
"އަޅޭ ސިސް" އިޝްވާ ދެރަވެލައިފައިހުރެ ޝައިނާގެ ގާތަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ ގައިގައި ބައްދައިލިއެވެ. "އައިމް ސޯ ސޮރީ.." އިޝްވާ ބުންޏެވެ.
"އަހަރެން އޯކޭއޭ އިޝްކޯ" ޝައިނާ ނޭފަތް ދަމައިލަމުން އިޝްވާއާ ދުރަށް ޖެހިލިއެވެ. "އިޝްކޮ ކީއްވެ ނުކުތީ؟" އޭނާ އަހައިލިއެވެ.
"އަހަރެންނަށް އެނގޭ ސިސް ނުކުންނާނެކަން. އެހެންނޫނަސް ދޮންބެ އެ ކުޅޭ ކުޅިގަނޑު ބަލާކަށް އަހަރެންނަކަށް ނުހުރެވޭނެ. ނޭނގެ ކިހާ ދުވަހެއް ވަންދެންކަމެއް މި ސިއްރު ހިފެހެއްޓޭނީ.. އެނގޭހާވެސް އެއްޗަކީ ސިސް މިކަމާ ގަބޫލުވާނީ މިކަމުގަ ހިކުމަތެއް އޮވެގެންކަން.. އަހަރެން އަބަދުވެސް ސިސްއާއެކު ހުންނާނަން" އިޝްވާ ބުންޏެވެ.
"އިޝްކޯ.. ތިހެން އުޅޭކަށް ނުވާނެ. އިޝީގެ މަންމައާ ބައްޕަ ހީކުރާނީ ކީކޭ؟ އިޝްކޮ މިރޭ ދިޔުން ވަރަަށް މުހިއްމު. އަހަރެން ދެން ދާނީ ނިދާލަން" ޝައިނާ ނަސޭހަތްތެރިވިއެވެ.
"ނޫން ސިސް. އަހަރެންނެއް ނުދާނަން. އެ އެލީޝާގަނޑު ފެނުނަސް އަހަރެން ހާދަ ރުޅިއާދެޔޭ. އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެެއްވެސް. އިނގޭ މާނުވެސް ހުންނަނީ މިހާރު ވަރަަށް ފާޑަކަށް ކަން.. މިއީ ހުސް ދޮންބެގެ ކަންތައް. ވަރަށް ފޫހިވޭ" އިޝްވާ މޫނު ކުނިކޮށްލިއެވެ.
"އޯކޭ އޯކޭ. އިޝީ ގަދަކަމަކުން އެތަނަކަށް ފޮނުވާކަށް އަހަރެން ނޫޅެމޭ.. ހިނގާ ފިލްމެއް އެއްޗެެއް ބަލާލަން ދާން ދޯ. އަދި ޕާޓީ ނިމޭނީ ކޮން އިރަކުން" ޝައިނާ ހެވިފައިހުރެ އިޝްވާއާއެކު ހިނގައިގަތެވެ.
**************
ކޮޓަރީގެ އެނދުގައި އޮށޯވެލައިގެން ފޮތެއްގައި ކުރަހާލަ ކުރަހާލައި އޮތް ޝައިނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ކުރިމަތީގައިވާ ފޮތަށް އޭނާގެ ދެލޯ ހުއްޓިފައިވި ނަމަވެސް އޭނާގެ ހިޔާލުތަކުގައި ރަސްކަންކުރަމުން ދިޔައީ ރާހިލްއެވެ. މެންދަންވެދިޔަ އިރުވެސް ރާހިލްގެ ހަބަރެއް ނުވާތީއާއެކު އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އޭނާ ރާހިލްއަށް ގުޅޭތޯ ކުރި މަސައްކަތް ބޭކާރުވީ ރާހިލްގެ ފޯނު ނިއްވައިލައިފައި އޮތުމުންނެވެ. އެފަދަ ނުތަނަވަސް ހިޔާލުތަކެއްގައި ވަނިކޮށް ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިންއަޑު އިވުމުން ޝައިނާ ސިހިފައި ދޮރާއި ދިމާލަށް ބަލައިލިއެވެ. މިހާރު މެންދަންވެ އެކެއްޖެހުމާއި ގާތްވަނީއެވެ. މިފަދަ ވަގުތެއްގައި އަންނާނީ ކާކުބާއެވެ؟ ނުވަތަ ކޯއްޗެއްބާއެވެ؟ އެ ކޮޓަރިއަކީ ފަޅުގައި އަޅައިފައިވާ "ވޯޓާ ވިލާ"އެއް ކަމުން އޭރުވެސް އޮޔާއައިސް ތަނބުތަކުގައި ބީހިލާ ރާޅުގެ އަޑު އިވިއިވި ހުއްޓެވެ. އެފަދަ ވަގުތެެއްގައި އެއީ އަހާލަން ބިރުވެރި އަޑެކެވެ. އެންމެ ގިނަ މަހުލޫޤުންނާއި ޝައިތާނުން އުޅޭ ތަނަކީ ކަނޑޭ އޭނާގެ ބޮޑުދައިތަ ބުނާ ހަނދާންވިއެވެ.
ހަދާނެ ގޮތެއް ނޭނގި ދޮރަށް ބަލަހައްޓައިގެން އިންދާ އަނެއްކާވެސް ހަމަ މަޑުމަޑުން ދޮރުގައި މީހަކު ޓަކިދިން އަޑު އިވިއްޖެއެވެ. ޖެހިލުންވެފައިހުރެ ޝައިނާގޮސް ދޮރުގެ ބްލައިންޑްސްތައް ދުރުކޮށްލައި ބޭރު ބަލައިލިއެވެ. ބޭރުގައިހުރި ރާހިލް ފެނި ހައިރާންވި ނަމަވެސް ދެންވެސް އޭނާގެ ހިތަށް ވެރިވީ ބިރުވެރި ހިޔާލުތަކެކެވެ. ޕާޓީ އެހާ ލަސްކޮށް ނިންމައިލުމަށްފަހުވެސް މިފަދަ ވަގުތެއްގައި ރާހިލް އެތަނަށް އަތުވެދާނެބާއެވެ؟ އެއީ ރާހިލް ނަމަ އޭނާގެ ފޯނަށް ގުޅުމުގެ ބަދަލުގައި ނުވަތަ ބެލް އެޅުމުގެ ބަދަލުގައި ޓަކި ޖަހަންވީ ކީއްވެހެއްޔެވެ؟ އޭނާއަށް އިތުރު ސިހުމެއް ލިބުނީ ކެހިފައިވާ ބްލައިންޑްތަކުގެ ތެރެއިން ރާހިލް އޭނާއާ ހަތަރުކަޅި ހަމަކޮށްލުމުންނެވެ. ލިބުނު ސިހުމުގައި އޭނާއަށް އެ ބްލައިންޑްތައް ދޫކޮށްލަމުން ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ.
"ސީރިއަސްލީ ޝައިނާ؟ ޝައިނާ! ދޮރު ހުޅުވަބަލަ!" ރާހިލް ކިރިޔާ އެތެރޭގައިހުރި ޝައިނާއަށް އިވޭވަރަށް ގޮވައިލިއެވެ.
"ތިއީ.. ތިއީ ރާހިލްތަ؟" ޝައިނާ އަޅައަޅައިގަންނަމުން އެއްސެވެ.
"ވަޓް؟ އަރ ޔޫ ސީރިއަސް؟" ރާހިލްއަށް ޝައިނާގެ ސުވާލު ފަހުމެއް ނުވިއެވެ.
"އަހަރެންނަށް ކިހިނެއް އެނގެނީ ތިއީ ރާހިލްކަމެއް؟ ކީއްވެ ފޯނަށް ނުގުޅި؟" ޝައިނާ އަހައިލިއެވެ.
"ފޯނު ނިވިފަ އޮތީ.. ޗާޖު ކޮށްގެން އަންނަން މާ ލަސްވެދާނެތީ މި އައީ. ދެން ކިހާއިރަކު އަހަރެން މިތާ ބޭރުގަ ބަހައްޓަންތަ ތި އުޅެނީ؟" ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދެއަތް އުނަގަނޑުގައި ވިއްދައިލިއެވެ.
"ކިހިނެއް އަހަރެން ޔަގީންކުރާނީ ތިއީ ރާހިލްކަން؟" ޝައިނާހުރީ އަދިވެސް ޖެހިލުންވެފައެވެ.
"ޝައިނާ ރަނގަޅަށް ބަލައިލައިފިއްޔާ އެނގޭނެ އަހަރެންގެ ދެފައި ބިމުގަ ޖެހޭކަން. އަދި ފަޔަކު ކަށްޓެއްވެސް ނެތްކަން" ރާހިލްގެ ޖަވާބާއެކު ޝައިނާ އަނެއްކާވެސް ބްލައިންޑްތައް ދުރުކޮށްލުމަށްފަހު މިފަހަރު ރާހިލްގެ ފަޔަށް ބަލައިލިއެވެ.
"އަހަރެންނަށް ކިޔަނީ ކޮންނަމެއް؟ އަހަރެންނަށް ތިއީ ރާހިލްކަން ޔަގީންވާނީ ކިހިނެއް؟" ޝައިނާ އަހައިލިއެވެ. ރާހިލް އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދެފަރާތަށް ބޯ ހޫރައިލިއެވެ. ކަންތަކާ ޖެހުނީ ތާއެވެ؟
"ޔަގީންވާނެ ގޮތެއް އަހަރެންނަކަށް ނޭނގެ. އެކަމަކު ތިއީ އަހަރެންގެ ވައިފް.. މަރިޔަމް ސަންތި. އޭޖް 24. އަހަރުމެން ކައިވެނި ކުރީ 22 ނޮވެމްބަރުގަ"
"ދެން ރާހިލް ތިކަހަލަ ބިރުވެރި ނަމުން ނުކިޔަބަލަ މިގަޑީ" ކުއްލިއަކަށް ގެނައި އަވަސް ހަަރަކާތާއެކު ޝައިނާއަށް ދޮރު ހުޅުވުނު ގޮތެއްވެސް ނޭނގެއެވެ.
"ސާބަހޭ ސަންތީ.. އަހަރެން ހިއެއް ނުކުރަން ތިހާ ބިރު ގަންނާނެ ކަމަކަށް އެނގޭ.. ދެން ބުނޭ ކުރުސި ކިޔާށޭ" ރާހިލް ކޮޓަރީގެ ތެރެއަށް ވަނުމަށްފަހު ފައިން ބޫޓު ނައްޓައިލަމުން ސަމާސާކޮށްލިއެވެ. ނަމަވެސް އެ ސަމާސާއާއެކު ޝައިނާ ކުއްލިއަކަށް ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
"ކިޔާބަ"
"ކޯއްޗެއް؟" ރާހިލްއަށް އޮޅުނެވެ.
"ކުރުސި" ރާހިލްއަށްހުރީ ޝައިނާ ދައްކާވާހަކަ ގަބޫލުވެސް ނުކުރެވިފައެވެ. ނަމަވެސް މިރެއަށް މިނޫންގޮތެއް ނެތްކަމަށް ވިސްނައި އޭނާ އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކުރުސި ކިޔަން ފެށިއެވެ.
"އޯކޭ.. އަހަރެން ހިއެއް ނުކުރަން ޕާޓީ އެހާ ލަހުން ނިމުނީމަ ރާހިލް އަންނާނެކަމަކަށް. އެލީ ކޮބާ؟" ޝައިނާ އަހައިލިއެވެ.
"ނޭނގެ. ނިދާލަން ބުނެފަ އަހަރެން މި އައީ.. އެލީއަށް މިދުވަސްކޮޅު ވަރަށް ރެސްޓް ބޭނުންވާނެއެއްނު. އެހެންނޫނަސް މިހެން އައިސް އުޅޭއިރު ޝައިނާއާ ވަކިން އަހަރެން ރެއެއް ހޭދަކުރާނީ ކިހިނެއް؟" ރާހިލް އައިސް ޝައިނާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.
"އެކަމަކު ވަރަށް ހޫނުވެފަ މިހިރީ.. ފުރަތަމަ ފެންވަރާލަން ބޭނުން.. އަންނާނަންތަ؟" ރާހިލް ކޯޓު ބޭލުމަށްފަހު ޓައި ދޫކޮށްލައި ބެލްޓް ނައްޓައިލިއެވެ. އޭނާ އެތަނަށް އައީވެސް ޕާޓީއަށް ލައިގެން ހުރި ސޫޓްގައެވެ.
"ނުކެރޭނެ. އަދިވެސް ކިހިނެއް އެނގެނީ ތިއީ ރާހިލްކަމެއް؟" މިފަހަރު ޝައިނާވެސް ކުރީ ސަމާސާއެކެވެ. ގަމީހުގެ ގޮށްތަށް ނައްޓަމުންދިޔަ ރާހިލް ހަރަކާތް ހުއްޓައިލުމަށްފަހު ޝައިނާއާ ދިމާލަށް ދުއްވައިގަތެވެ. ޝައިނާވެސް ހަޅޭއްލަވައިގަންނަމުން ރާހިލްއާ ދުރަށް ދުއްވައިގަތެވެ.
"ތިހެން ސަލާމަތެއް ނުވެވޭނެ އިނގޭ! މިފަހަރު މި ހަންޑިގަނޑުވަރު ދޮންމަނިކުގެ ވެސް ހުރިވަރެއް ދައްކާލާނަން" ރާހިލް ޝައިނާ އަތުކުރުމަށްފަހު ލުއި ފަތެެއްހެން ކޮނޑުމައްޗަށް އެއްލަމުން ފާހަނައާ ދިމާލަށް ހިނގައިގަތެވެ. އޭރު އެ ކޮޓަރީގައި ހިފައިލައިފައިވަނީ އެ ދެމީހުންގެ ހުނުމާއި ސަކަރާތުގެ އަޑެވެ.
***************
އިރުގެ ދޯދިތައް ކޮޓަރީގެ ތެރެއަށް ފާއްދައިލުމާއެކު ނިދިފައި އޮތް ރާހިލް ދެފަހަރަކަށް އެސްފިޔަ ޖަހައިލަމުން ލޯ ހުޅުވައިލިއެވެ. ކައިރީގައި ނިދާފައި އޮތް ޝައިނާގެ ނިއްކުރިއަށް ބޮސްދިނުމަށްފަހު އެނދުން ތެދުވެ ފާހަނައާ ދިމާލަށް ހިނގައިގަތެވެ. ވިއްސަކަަށް މިނަޓުފަހުން އޭނާ ނުކުމެ ޝައިނާގެ ފޮށިން ނެގި އޭނާގެ ގަމީހާއި ސޯޓު ގަޔަށް ހެޔޮވަރުކޮށްލަމުން ކޮޓަރީގެ މިނީބާއިން ނެގި އާފަލެއް ހިފައިގެން އައިސް ޝައިނާ ފެންނަ ހިސާބުގައި އިށީނެވެ. އަދި ޝައިނާ ހޭލާނެ އިރެެއްގެ އިންތިޒާރުގައި އިނދެ އެ ކާން ފެށިއެވެ.
މާގިނައިރެއްނުވެ ޝައިނާ މޯޅިއަކަށް ދެމިލަމުން ދެލޯ ތަގުޅިކޮށްލިތަންފެނި ރާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޝައިނާ ތެދުވެ އާފުރިލަމުން އެނދުގައި އިށީނެވެ. އޭރުވެސް އޭނާގެ ލޯ ރަނގަޅަށް ނުހުޅުވޭއިރު އިސްތަށިގަނޑަށްވެސް ހީވަނީ ނަގޫރޯޅިއެއް އަރައިފައިވާހެނެވެ.
"ގުޑް މޯނިންގް ސަންތި" ރާހިލް އޭނާއިން ގޮނޑިން ތެދުވެ ޝައިނާގެ އިސްތަށިގަނޑު އިތުރަށް ހާވައިލަމުން ބުންޏެވެ. "ހިއެއް ނުކުރަން އެހާ އަވަހަށް ހޭލާނެ ކަމަކަށް އެނގޭ"
"ހްމްމް ކަންފަތް ކައިރީގަ އިނދެ އާފަލު ހަފަންޏާ ނިދާނީ ކިހިނެއްތަ؟" ޝައިނާ ނިދީގެ އަސަރު އެކުލެވިފައިވާ ރާގެއްގައި ބުންޏެވެ.
"އަހަހަ. ލަވް ހޭލަންދެނޭ އަހަރެން މަޑުން މީނީ. މިއަދު ފުރާތީ މި ދަނީ އިނގޭ މަންމަމެން ކައިރިއަށް ގޮސްލަން.. ހަނދާންކޮށް ސައިބޮއްޗޭ" ރާހިލްގެ ވާހަކައަށް ބޯޖަހައިލުމަށްފަހު ޝައިނާ އަނެއްކާވެސް އާފުރިލަމުން ލޯމަރައިލިއެވެ.
"ދެން ނިދަން ނޯވެ ހޭލާ. އެހެންނޫނީ ބަހައްޓާފަ މާލެ ދާން ޖެހިދާނެ އެނގޭ؟ އޭރުން ނޭނގެ މިރޭ އަސްލު ފުރޭތައެއް ނޫންކަންވެސް އަރާނީ" ރާހިލް ޝައިނާގެ މޫނަށް ބާލީހެއް އެއްލިއެވެ.
"ދެން ރާހިލް!!" ޝައިނާ މޫނުމަތިން ބާލީސް ނަގައި ރާހިލްއާ ދިމާލަަށް ހޫރައިލިއެވެ. ރާހިލް އެ ހަމަލާއިން ރެކިގަތުމަށްފަހު ހެމުންހެމުން އައިސް ޝައިނާއާ ދިމާލަށް ގުދުވެލުމަށްފަހު ޝައިނާގެ ނިއްކުރީގައި ބޮސްދިނެވެ.
"ބާއި.. ލޯބިވޭ" ރާހިލް ޝައިނާގެ ބޮލުގައި ފިރުމައިލުމަށްފަހު ދުރަށް ޖެހުނެވެ. ޝައިނާ ނިދީގެ ތެރެއިން ރާހިލްއަށް އެ ބަސްތައް ރައްދުކޮށްލި އަޑު އިވުނެވެ. ރާހިލް ހިނިތުންވެލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި އެތަނުން ނުކުތީ ފުރަން ތައްޔާރު ވެވޭނެ ވަގުތު އޮއްވާ ޝައިނާ ހޭލާނެ ކަމަަށް ޔަގީންކުރަމުންނެވެ.
No comments yet
Be the first to share your thoughts about this episode!