Episode 34
ހިތް އެދޭހާ ކަމެއް.. (34 ވަނަބައި)
"ދަނީ އިނގޭ.. މިއޮއް ގުޅަނީ ފަހަރި" ޝައިނާ ފޯނަށް އަރައިފައިވާ އެލީޝާގެ ނަންބަރު ރިއާންއާއި ރާހިލްއަށް ދައްކައިލިއެެވެ. އެމީހުން ނުކުތުމާއެކު ރިއާން އެ ހުރިހާއިރު ހިފަހައްޓައިގެންހުރި ހިނިގަނޑު ދޫކޮށްލަމުން ރާހިލްއަށް ބަލައިލިއެވެ. ރާހިލް ފާޑަކަށް ނުރުހިފައި އިނދެ ރިއާންއަށް ލޯ އަޅައިލުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތެވެ.
*************
އާރް.އެލް ބިޒްނަސް ހޮޓެލްގެ ގްރީންހައުސް ރެސްޓޯރެންޓްގައި ކަލަޔަންޓަކާއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވެއިން ރިއާންގެ މޫނުމަތީގައިވަނީ ކަންބޮޑުވުމެވެ. އޭނާގެ ނަޒަރު އިރުއިރުކޮޅާ ކައިރީގައި އޮތް ފޯނަށް ހުއްޓެމުން ދިޔައެވެ. ގެއަށް އަންނަނީ ކިހާ އިރަކުތޯ އެހުމަށްޓަކައި ޒީވާ ފޮނުވި މެސެޖަށްފަހު އެތަނުގައި އިނުން އޭނާއަށް އުނދަގޫ ވެފައިވިއެވެ. ޒީވާއަކީ ކަމަކާނުލައި އެފަދަ ސުވާލެއް ކުރިމަތިކުރާނޭ ކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. އެ މެސެޖު ލިބުނުތާ މާ ގިނައިރެއްނުވެ ބޯކޮށް ވެހެންފެށި ވާރޭގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާއަށް ހާސްވެފައި ނިއްކުރީގައި އަތް ހިންގައިލެވުނެވެ.
"ރިއާން. އަރ ޔޫ އޮލްރައިޓް؟" ރިއާންގެ ކުރިމަތީގައި އިން ބޭރުމީހާ އަހައިލިއެވެ. އެމީހާއާ ޖެހިގެންހުރި ގޮނޑީގައި އިން އަންހެންމީހާވެސް ކަންބޮޑުވެފައި ރިއާންއަށް ބަލައިލިއެވެ.
"ޔެސް.. ޔެސް އައިމް ވެލް" ރިއާން އެދެމަފިރިންނަށް ހީނިތުންވެލިއެވެ. އޭނާއަށް އެ ބައްދަލުވުން ދޫކޮށްލާފަ ދެވެން ނެތްކަން ގަބޫކުރިއެވެ. އެއީ އާރް.އެލްއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ މަސައްކަތެއް ކުރަމުން އަންނަ ސްވިޓްޒަރލޭންޑް ކުންފުންޏެއްގެ އެންމެ ބޮޑު ދެ ހިއްސާދާރުންނާއެކު ބޭއްވޭ ބައްދަލުވުމަކަށްވާއިރު އެމީހުންނާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އާރް.އެލްގެ ނަން ފުޅާކުރުމަށް އޭނާ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަނެއްކޮޅުން އެދެމަފިރިންގެ ފްލައިޓް މާދަމާ ހެނދުނަށް ހަމަޖެހިފައިވީތީ އޭނާ ކޮންމެހެންވެސް މިރެއަށް އެ ބައްދަލުވުން ތާވަލު ކުރަންޖެހުނީއެވެ.
"އަރ ޔޫ ޝުއަރ ޔޫ ޑޯންޓް ވޯންޓް ޓު އަންސްވަރ ދެޓް؟" އެމީހާ ކުރި ސުވާލަށް ދޭނެ ޖަވާބަކާމެދު ރިއާން އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފޯނު ނެގިއެވެ.
"ހެލޯ؟ ރިއާން ކޮންތާކު؟ ޒީ އެކަނިތަ ގޭގަ؟ އަހަރެންނަށްވެސް ދެވެން ނެތީމަ. ރާހިލް ވަރަށް ސުވާލު ގިނަ ކުރާނެ" ޝައިނާ ގުޅީ ކީއްވެކަން ރިއާންއަށް ފަހުމްވިއެވެ. ޒީވާ ޝައިނާއަށް ގުޅާފައި ގެއަށް އައިސްދޭން އެދުމުން ޝައިނާއަށް ދެވެން ނެތީތީ ރިއާންއަށް ގުޅީއެވެ. ވާނީވެސް އެހެންތާއެވެ. ޝައިނާއަކީވެސް މިހާރު މީހެއްގެ އަންބެކެވެ. ކުރިއެކޭ އެއްގޮތަށް ޒީވާ ގުޅާލާ އިރަކުން އެތަނަކަށް ނުދެވޭނެކަން އޭނާއަށްވެސް އެނގެއެވެ. ވަކިން ހާއްސަކޮށް މިފަދަ ވިއްސާރަ ރެއެއްގައި ރާހިލްއާ ދުރަށް ޝައިނާ ފޮނުވުމަކީ ނާދިރުކަމެކެވެ. އޭނާގެ ރަހްމަތްތެރިޔާގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ.
ފޯނު ބޭއްވުމާއެކު ޖަހައިލި ގުގުރީގެ އަޑަށް ރިއާން ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ޖެހިލުންވެފައި އިނދެ ކުރިމަތީގައި އިން ދެމީހުނަށް ބަލައިލިއެވެ.
"އެކްޗުއަލީ އިޓްސް މައި ވައިފް.." ރިއާން ދެހިޔާލެއްގައި އިނދެ ބުންޏެވެ.
"އޯހް ޔޯރ ވައިފް! ޔޫ ޝުޑް ހެވް ބްރޯޓް ހަރ ފޯރ ޑިނަރ.. އިފް އިޓްސް ޔޯރ ވައިފް ޔޫ މަސްޓް ޑެފިނިޓްލީ ގޯ" އެމީހާ ހިނިތުންވުމާއެކު ބުންޏެވެ.
"ތެންކްޔޫ ސޯ މަޗް ޖެރަޑް. ތެންކްޔޫ ޖޮއިސް. އައި ވިލް ބީ ޝުއަރ ޓު މޭކް އަޕް ފޯރ ދިސް ނެކްސްޓް ޓައިމް" ރިއާން އެދެމަފިރިންނާ ސަލާންކޮށްލަމުން ތެދުވިއެވެ.
"ނޯ ޕްރޮބްލެމް އެޓް އޯލް.. ޑޫ ބްރިންގް ޔޯރ ވައިފް ނެކްސްޓް ޓައިމް.. އައިމް ލުކިންގް ފޯވަރޑް ޓު އިޓް" ޖޮއިސް ރިއާންއަށް ހިނިތުންވެލިއެވެ. ރިއާންވެސް ޖޮއިސްގެ އެދުމަށް ބޯ ޖަހައިލިއެވެ.
ހަގީގަތުގައި އޭނާ ޒީވާ އެފަދަ ބައްދަލުވުންތަކަށް ނުގެންނަނީ ޒީވާ އެކަމާ ގަޔާނުވާނެތީއެވެ. ނަމަވެސް އެވާހަކަވެސް ޒީވާއާ ދެއްކުމަށް ސިކުނޑީގެ ކަނެއްގައި ނޯޓުކޮށްލަމުން އެނާ އަވަސް އަވަހަށް އެތަނުންދިޔައެވެ.
ގެ ހުންނަ މިސްރާބަށް ކާރު ދުއްވަމުންދިޔައިރު ޖަހައިލާ ކޮންމެ ގުގުރިއަކާއެކު ރިއާން ދުއްވަމުންދިޔަ ކާރުގެ ސްޕީޑް ބާރުވަމުންދިޔައެވެ. އާރް.އެލް ބިޒްނަސް ހޮޓެލް ހުންނަނީ ހުޅުމާލޭގައިކަމުން މާގިނައިރެއްނުވެ އޭނާ ދިރިއުޅޭ އިމާރާތާ ހަމައަށް ވާސިލްވެވިއްޖެއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އޭނާ އެޕަރޓްމެންޓްގެ ތެރެއަށްވަދެ އެތަންމިތަން ހޯދަންފެށިއެވެ. ޒީވާ އުޅޭ ކޮޓަރީގެ ތަޅުގައި ހިފައިލުމާއެކު ދޮރު ހުޅުވުނެވެ. ނަމަވެސް އެތަނުގައި ޒީވާއެއް ނެތެވެ. ހާސްވެފައިހުރެ ޒީވާގެ ފޯނަށް ގުޅަމުން އޭނާގޮސް އަމިއްލަ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އެ ކޮޓަރީގެ ބޮޑު އެނދުގައި އަރާމުކޮށް ނިދާލައިފައި އޮތް ޒީވާފެނި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައިގޮސް ޒީވާގެ ގައިމަތީގައި އޮތް ރަޖާ ރީތިކޮށްލުމަށްފަހު އެތަނުން ނުކުތެވެ. އެކޮޓަރިއަކީ ބޭރުގެ އަޑުތައް ނީވޭނެހެން ސައުންޑްޕްރޫފް ކޮށްފައިވާ ކޮޓަރިއެކެވެ. މިފަހަކަށް އައިސް އޭނާއަށް ކޮޓަރި ތަޅުނުލާ އޮފީހަށް ދެވޭކަމީ ނަސީބެއްތާއޭ އޭނާގެ ހިތަށްއެރިއެވެ. ޒީވާއަށްއެރޭ އެތަނުގައި ހަމަޖެހިލައިގެން ނިދޭނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ހިނިތުންވެފައިހުރެ ރިއާން ޓީވީ ހުޅުވައިލުމަށްފަހު ގަމީހުގެ މޭމަތިން ދެގޮށެއްވަރު ނައްޓައިލަމުން ސޯފާއަށް ވެއްޓިގަތެވެ.
**************
ޖެހިގެން އައި ދުވަހެވެ. އާދައިގެމަތިން އޮފީހުން ނުކުތުމަށްފަހު ޝައިނާ ވަށައިގެން ހޯދާލީ ރާހިލް ފެނޭތޯއެވެ. ނަމަވެސް ފެންނަ ހިސާބުގައި ނެތުމުން ފޯނު ނަގައި ގުޅައިލަން އުޅުނު ވަގުތު ސައިކަލުގައި އައިސް ކުރިމައްޗަށް އައިސް ހުއްޓިލި ނީމް ފެނުމާއެކު އޭނާގެ ހަރަކާތްތަށް މަޑުޖެހުނެވެ.
"ނީމްވެސް ނިންމާލީދޯ މިއަދަށް؟" ޝައިނާ އެކުވެރި ރާގެއްގައި އަހައިލިއެވެ.
"ހްމްމް. ޝައި ގެއަށްތަ؟" ނީމް ސުވާލުކުރިއެވެ.
"އާނ.. ރާހިލް އަންނަންދެން މި ހުންނަނީ… ވެދާނެ ކުޑަކޮށް ބިޒީވީ ކަމަށްވެސް" ޝައިނާ ބުންޏެވެ.
"އަހަރެން ގެންގޮސްދެންތަ؟ އަދި ތިގެއަށް ދާށޭ މި އުޅުނީ.. ކުރީދުވަހު އާދެވުނީ ވާރޭކޯޓު ބާއްވާފަ. ދާންވީނު އަހަރެންނާއެކު" ނީމް ބުނެލިއެވެ. ޝައިނާ އިރުކޮޅަކު މަޑުމަޑުން ހުރުމަށްފަހު ބޯޖަހައިލިއެވެ.
"އެބަ އަންނަން ރާހިލް ކައިރި ބުނެލާފަ ނީމްއާ އެއްކޮށޭ މި ދަނީ އެނގޭ" ޝައިނާ ފޯނުގައިހުރެ އެއްކައިރިއަކަށް ޖެހިލިއެވެ. އަދި ކޯލް ނިންމައިލުމަށްފަހު އައިސް ނީމްގެ ސައިކަލަަށް އަރައި ހަމަޖެހިލިއެވެ.
***************
"އަޅެ ކޮބާތަ؟ އަހަރެންގެ ކޮޓަރިވެސް ބަލައިފިން!! އެކަމަކު މިގެއިން ގެއްލޭނެ ގޮތެއް ނޯންނާނެ ދޯ." ޝައިނާ ކަންބޮޑުވެފައިހުރެ ސިޓިންގްރޫމްގެ ސޯފާގައި އިށީނެވެ.
"އަހަރެން މިތާ ބޭއްވި ހަނދާނެއްވަނީ" ނީމްވެސް ބުންޏެވެ.އެވަގުތު ޝިމާން އޭނާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ނުކުތެވެ.
"ޝިމާން!! ކޮބާތަ މިތާ އޮތް ވާރޭ ކޯޓު؟؟ އަހަރެންވެސް ދުށް ހަނދާނެއްވެޔޭ!! ނީމްގެ ކޯޓެއް އެއީ.." ޝައިނާގެ ވާހަކަ ނުނިމެންދެން ރިއާން ކޮޓަރިއަށް ވަނެވެ. ދެން ނުކުތީ ރީނދޫކުލައިގެ އިރުދޭމާތަކެއް ޖަހައިފައިވާ ހުދު ވާރޭ ކޯޓެއް ހިފައިގެންނެވެ.
"އިޝީގެ ކޯޓެއްކަމަށް ހީކޮށް ފޮރުވީ.. ސޮރީ" ޝިމާން އެ ކޯޓު ނީމްއަށް ދިއްކޮށްލިއެވެ. ނީމް ހިނިތުންވުމަކާއެކު އެ ކޯޓުގައި ހިފުމަށްފަހު މެޔާލައި ބޮނޑިކޮށްލިއެވެ.
"ނަސީބެއްނު ނުގެއްލެންދެން ޝިމާން ފޮރުވިކަން! ނީމް ދެން މިއަދު ސައިބޮއެގެން ދާންވާނީ" ޝައިނާ ބުންޏެވެ.
"ނޫނޭ މިހާރުވެސް ކުޑަކޮށް ލަސްވެއްޖެ" ނީމް ބުންޏެވެ.
"އޯކޭ.. އަހަރެން ނީމްއާއެކު ފައިބާނަން" ޝައިނާ ބުންޏެވެ.
"ނޫނޭ ރަނގަޅުވާނެ. ޝިމާންވެސް އެދަނީ ތިރިއަކަށްނު ދޯ ޝިމާން؟" ނީމްގެ ސުވާލަށް ޝިމާން ހިނިތުންވުމަކާއެކު ބޯ ޖަހައިލިއެވެ. ދެމީހުން އެކުގައި ސިޑިން ފައިބައިގެން ދިޔައިރު އެދެމެދަށް ވެރިވެފައިވި ހިމޭންކަން ނައްތައިލުމުގައި ޝިމާން އިސްނެގިއެވެ.
"ނީމް ދޯ ކިޔަނީ؟ އުމުރުން ކިހާވަރެއް." ޝިމާން އަހައިލިއެވެ.
"އަށާރަ އަހަރު" ނީމް ކުރު ޖަވާބަކުން ފުއްދައިލިއެވެ. ޝިމާންގެ ހަޔާތައް ކުއްޖަކު އައިސްފައިވާކަން ޔަގީންކުރެވުމުން އޭނާ މާގިން ވާހަކަތައް ދައްކަން ބޭނުންނުވީއެވެ.
"ހަމަ އަހަރުމެންނާ އެއް އުމުރެއްދޯ؟ ކިޔަވާކަށް ނުވިސްނަންތަ؟ ކީއްވެ ވަޒީފާއަކަށް ދާން ނިންމީ؟" ޝިމާން އެއްސެވެ.
"ނޫނޭ ކިޔަވަން.. އެންމެނަކީ އެއްކަމަކަށް ހުސްވެގެން ހުރެވޭހާ ނަސީބުގަދަ ބައެއް ނޫނެއްނު؟ ޝިމާން ވަރަށް ލަކީ.. ޝިމާން ނަގާ ކޮންމެ ޑެސިޝަންއަކަށް އެއްބާރުލުންދޭން ޝައިނާކަހަލަ ދައްތައެއް ހުންނާތީ"
"އެނގޭ ތިކަން. ސިސްއަކީ ހަމަ އެއްވަނަ" ޝިމާންވެސް ނީމްގެ ވާހަކައަށް އެއްބަސްވިއެވެ. އޭރު އެދެމީހުންނަށް ތިބެވުނީ ސިޑީގެ އެންމެ ތިރީ ހަރުފަތާ ހިސާބަށް އާދެވިފައެވެ. ނީމްއަށް ބޭއިހްތިޔާރުގައި އޭނާގެ މޭގައި ބޮނޑިކޮށްލައިގެންހުރި ވާރޭކޯޓު ނޭފަތުގައި ޖައްސައިލެވުނީ އޭގެން ދުވި މީރުވަހުގެ ސަބަބުންނެވެ.
"ސޮރީ! އިޝީގެ ކޯޓު ކަމަށް ހީކޮށް އަހަރެންގެ ސެންޓުފުޅި ޖަހާލީ" ޝިމާންއަށް ނީމްގެ ހަރަކާތް ފާހަގަވެ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"އިޝީ.. ޖީ.އެފްތަ؟" ނީމްގެ ސުވާލަށް ޝިމާން ބޯ ޖަހައިލިއެވެ.
"އަހަރެން ވަރަށް އުއްމީދުކޮށްގެން ހުރީ ޝިމާން ހުސްކަމަށް.. ކިހާ ދެރަދޯ" ނީމް ސަމާސާ ރާގެއްގައި ބުންޏެވެ.
"ކިހިނެއް އެނގެނީ ދެން އަހަރެންނާ ބައްދަލުވާއިރު ހުސްކޮށް ނުހުންނާނެ ކަމެއްވެސް؟ ގުޑްބައި ނީމް" އެ ރައްދާއެކު ޝިމާން މަޑު ދުވުމެއްގައިގޮސް ގޭގެ ދޮރާށިން ނުކުތްއިރު ނީމްއަށް އެހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުރެވުނެވެ. ޝިމާން އެބުނި ބަހުގެ މާނަ ނަގާނެ ގޮތެއް ނޭނގިފައެވެ.
*************
ސިޓިންގްރޫމްގެ ފާރުގައިހުރި ބޮޑު ގަޑިއަށް ބަލައިލި ޒީވާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އިރުއިރުކޮޅާ އެޕަރޓްމެންޓްގެ ދޮރާ ދިމާލަށް ބަލައިލެވެނީ ރޭ ދެބައިވެ ދިޔައިރުވެސް ރިއާންގެ ހަބަރެއް ނުވާތީއެވެ. މިފަހަކަށް އައިސް ރިއާން އަވަހަށް ގެއަށް އަންނާތީ އޭނާއަށް އެރޭ ގޭތެރެއިން ފަޅުކަން އިހުސާސްކުރެވެމުން ދިޔައެވެ. ސޯފާގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު ޒީވާ ސިކުންތެއްވެސް ލަސްކުރުމެއް ނެތި ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.
“އަހަރެންގެ ހުރިހާ އެއްޗެއް ޕެކްކޮށް ނިންމައިފިން.. ރިއާން އަދިވެސް ގެއަށް ނާންނާތީ މީނީ.. އަދިވެސް ނޭނގެ ޝައި ކީއްވެ ކަމެއް ބްރައިޑްސްމެއިޑުންނާ ތަފާތުކޮށް ހެދުން ފެހީ.. ފެށުނީއްސުރެން މިކިޔަނީ މިއީ ހަމަ ޝައިގެވެސް ފެމިލީއޭ” ޒީވާ ކަންބޮޑުވެފައި ބުންޏެވެ.
“ދެން އެވާހަކަ ނުދައްކަމާ.. ރިއާން ގެއަށް އައިމަ ބުނައްޗޭ އަހަރެންނަށް ގުޅާލަން.. އަހަރުމެންދާ ސީޕްލޭން އޮތީ ހަމަޖެހިފަ އެކަމަކު ހަވީރު ދާ މެހެމާނުންނަށް އޮފީހުން ލޯންޗު ހަމަޖައްސަދޭން ޖެހޭނެއްނު.. އަހަރެންނަށްވުރެން ރިއާން އެކަމާ އުޅުނިއްޔާ ފަސޭހަވާނީ..” ޝައިނާ ފޯނު ކަނޑައިލަމުން ބުންޏެވެ.
ޒީވާ އަނެއްކާވެސް ގަޑި ބަލައިލުމަށްފަހު ޓީވީން އަޅުވައިފައިވާ ފިލްމަށް ނަޒަރު ހުއްޓައިލިއެވެ. ބައި ގަޑިއެއްހާއިރު ފަހުން ގޭގެ ދޮރު ހުޅުވުނު އަޑަށް އޭނާ ފަހަތް ބަލައިލިއިރު ރިއާން އެތެރެއަށް ވަތްތަން ފެނުނެވެ.
“މާދަން ހެނދުނު ފުރަން ޖެހެއެއްނު؟ އަދިވެސް ނުނިދަންތަ؟” ރިއާންއަށް ޒީވާ ފެނުމާއެކު ސުވާލު ކުރިއެވެ.
“ރިއާން އަންނަންދެން މީނީ.. އެއްވެސް އެހީއެއް ބޭނުންތޯ ބަލާލަން.. ޕެކް ކޮށްފިންތަ؟” ޒީވާ އަހައިލިއެވެ. ރިއާން ޖަވާބުގައި ބޯޖަހައިލިއެވެ.
“މީގެ ކުރިންވެސް އަހަރެން ތަންތަނަށް ދަތުރު ކުރަމެއްނު.. ޕެކް ކުރަނީ ހަމަ އަހަރެންނޭ” ރިއާން ސަމާ
ސާ ރާގެއްގައި ބުންޏެވެ.
“އޯހް.. އަހަރެން ހީކުރީ ޖޫލީކަމަށް.. އެހެންވެ މިއަދު ޖޫލީ ނާންނާތީ..” ޒީވާއަށް ބުނެވުނެވެ.
“އިޓްސް އޯކޭ.. އައި ވިލް މެނޭޖް.. ޖޫލީއަކާވެސް އަހަރެން އެކަހަލަ ކޫސަނި ކަންކަމެއް ނުޖައްސަމޭ.. ޒީވްވެސް ދެން ދޭ ނިދާ-” ރިއާންގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ ކުއްލިއަކަށް އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑު އިވުމުންނެވެ. ރިއާންގެ އިތުރުން ޒީވާގެވެސް ބުމަ ގޮށްޖެހިގެން ދިޔައެވެ. މިހާރު ރޭގަނޑު 11 ޖެހީއެވެ. މިފަދަ ވަގުތެއްގައި އެގެއަށް އަންނާނީ ކާކުބާއެވެ.
“ދޮންބެ ކަންނޭނގެ” ޒީވާ އަވަހަށްގޮސް އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލިވަގުތު ކުރިމަތީގައި ހުރި އަންހެންކުއްޖާ ފެނި ހައިރާންކަމެއް ލިބުނެވެ. އެއީ އޮޅަލި ކުލައިގެ ހަންގަނޑެއް ލިބިފައިވާ ދިގު އިސްކޮޅެއްގެ ވެރި އަންހެން ކުއްޖެކެވެ. އުނަގަނޑާ ހިސާބަށް އޮތް ރީތި ބުޅި އިސްތަށިގަނޑުގައި އިޝްވާގެ އިސްތަށިގަނޑާ އެއްގޮތް ކަމެއް ހުއްޓެވެ. ލައިގެންހުރި ދަނބުކުލައިގެ ބަނޑު ފެންނަވަރު ޓޮޕްކޮޅާއި ގަދަ ނޫކުލައިގެ ބާރު ޖީންސުގެ ސަބަބުން އެ ހަށިގަނޑުގެ ފުރިހަމަ ވަނާތައް އެއްވެސް ހުރަހަކާނުލައި ފާޅުވެފައިވިއެވެ. ޒީވާއަށް ވަގުތުން އެއީ ކާކުކަން ނަގައިގަނެވުނެވެ.
“ނަޝް؟” ޒީވާގެ އަޑަށް ފަހަތުން އައި ރިއާން ދޮރުން ބޭރަށް ބޯ ދިއްކޮށްލިއެވެ. ބޭރުގައިހުރި ކުއްޖާ ފެނުމާއެކު އޭނާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ.
“ރިއާން” ނަޝްވާ ހިނިތުންވުމަކާއެކު ކުރިއަށް ފިޔަވަޅެއް އަޅައިލުމަށްފަހު ރިއާންގެ ކަރުގައި އޮޅުލައިގަތެވެ. ޒީވާ އެތަނުގައި ހުރިކަމަށްވެސް ހަދާނުލައި އެޕަރޓްމެންޓުގެ ތެރެއަށް ވަދެގަތެވެ.
“ސޯ ގުޑް ޓު ސީ ޔޫ.. އޭރުވެސް އެނގުނު ރާއްޖެ އައިއްޔާ ރިއާން ހޯދާކަށް މާ އުނދަގުލެއް ނުވާނެކަން.. ނަސީބެއްނު މިތާ ތިރިން ފެނުނުކަން. ފާރަލަމުން އެރީމަ މިއޮތީ އެންމެ ފަހުން ގެވެސް އެނގިފައެއްނު” ނަޝްވާ ހިނިތުންވެލަމުން ރިއާންއާ ދުރަށް ޖެހިލިއެވެ. ނަމަވެސް ރިއާންގެ އަތުން ދޫކުރުމުގެ ހިޔާލެއް އޭނާގެ ނެތް ކަހަލައެވެ.
ރިއާން ކަންބޮޑުވެފައި ޒީވާއަށް ބަލައިލިއިރު ޒީވާގެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭފަދަ ޝުއޫރުތަކެކެވެ. ކުއްލި ހައިރާންކަމެއް ލިބިފައިވާ މީހަކު ފަދައިން އެއްފަހަރު ރިއާންއަށް އަނެއް ފަހަރު އެދެމީހުންގެ ގުޅިފައިވާ އަތަށް ބަލައިލިއެވެ. ރިއާން ސިހިފައި ނަޝްވާގެ އަތުން ދޫކޮށްލިއެވެ.
“ނަޝް.. މިއީ އަހަރެންގެ އަންހެނުން ޒީވާ” ރިއާން ޒީވާއަށް އިޝާރާތް ކޮށްލަމުން ނަޝްވާ
އާ ދުރަށް ޖެހިލިއެވެ.
“އޯހް.. ޒީއާ ދޯ ރިއާން އެންމެފަހުން މެރީ ކުރީ؟ އަހަރެންވެސް ހަބަރުން ދުށީމޭ.. ވަގުތުން އެނގިއްޖެ އެރޭންޖްޑް މެެރިޖެއްކަން.” ނަޝްވާގެ ބަސްތަކާއެކު ރިއާން ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި ދެދަތްޕިލަ ޖައްސައި ބާރު ކޮށްލިއެވެ. އަދި ނަޝްވާ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ޒީވާއާ ދުރަށް ގެންދިޔައެވެ.
“މޮޔަވީތަ؟ ކީކޭ ހިތަށް އަރައިގެން މިގެއަށް ތި އައީ؟ އަހަރެންނާ ނަޝްވާއާ ދެމެދު މިހާރު އެއްވެސް ގުޅުމެއް ނޯންނާނެ..” ރިއާންގެ އަޑުން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. ނަމަވެސް އޭނާ ދެއްކި އެއްވެސް ވާހަކައެއް ޒީވާއަކަށް ނީއްވައެވެ. ބަދަލުގައި ނަޝްވާ ވާހަކަދައްކަމުން ދިޔައީ ޒީވާއަށްވެސް އަޑުއިވޭ ވަރަށެވެ.
“އަހަރެން ހީކުރީ އަހަރެން ފެނުނީމަ ރިއާން އުފާވާނެކަމަށް.. ކޯސް ނިންމާލި ގޮތަށް ކުއްލިއަކަށް ގެއްލުނީމަ އަހަރެން ކިހާ ވަރަކަށް ރިއާން ހޯދަން މަސައްކަތްކުރިން.. ރާހިލްގާތު ކިޔާ ކިޔާވެސް ހަމަހިލާ ރިއާންގެ ރާއްޖޭގެ ނަންބަރެއް ނުދިން.. އިންސްޓަގްރާމުން ކުރި އެއްވެސް މެސެޖަކަށް ރިއާންގެ ރައްދެއް ނުލިބޭ.. އަހަރެންގެ ކިޔެވުމުގަ ބާކީ ދެއަހަރު އޮތީމަ މާލެ ނާދެވުނީ.. އެކަމަކު މިހާރު އަހަރެން މި އައީއެއްނު.. ރިއާން އުފާ ނުވިޔަސް އަހަރެން ވަރަށް އުފާވެއްޖެ ރިއާންއާ ދިމާވީމަ. އަދި އެހާ ދުވަސްފަހުން ޒީއާ ވެސް” ނަޝްވާގެ ވާހަކަ ނިންމައިލަމުން ދުރުގައިހުރި ޒީވާއަށް ހަނާ އަޅައިލިއެވެ.
“އޯކޭ ދެޓްސް އިނަފް ނައު ގެޓް އައު-”
“ރިއާން” ރިއާންގެ ވާހަކަ މެދުކެނޑުނީ ދުރުގައިހުރި ޒީވާ ގޮވައިލި އަޑަށެވެ. “އެހާ ދުވަސްކޮށްފަ ނަޝްއާ ދިމާވީމަވެސް ފޮނުވާލަނީތަ؟ ތިގޮތަށް މެހެމާންދާރީ އަދާނުކޮށް ފޮނުވާލާކަށް ނުވާނެ.. އިށީނދެލާ.. އަހަރެން ކޮންމެސް އެއްޗެއް ގެނެސްދޭނަން.. ޖޫސްތަ ނޫނިއްޔާ ކޮފީތަ؟” ޒީވާ ހިތްހެޔޮކަމާއެކު އަހައިލިއެވެ.
“ދެޓް ވޯންޓް ބީ ނެސެސަރީ ޒީވާ”
“ކޮފީ. ރިއާން ބޯ ގޮތަށް. އަހަރެންނާ ރިއާންއާ ވަރަށް އެއްގޮތްވާނެ.. ޒީއަށް ނޭނގުނަސް އަހަރެމެންގެ ގުޅުން ވަރަށް ގާތްވާނެ” މިފަހަރު ރިއާންގެ ވާހަކަ މެދުކަނޑައިލީ ނަޝްވާއެވެ.
“ރިއާން ނުވެސް ބުނޭ ކިޔަވަން އުޅުނު އިރު އަލުން ނަޝްއާ ދިމާވިކަމެއް.. އަހަރެން އެބަ އަންނަން އެނގޭ.. ޔޫ ޓޫ ކެޗް އަޕް” ޒީވާ މިފަހަރުވެސް ހިނިތުންވެލިއެވެ. އަދި ރިއާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ކިޗަން އައިލަންޑްގެ މަތީގައިވާ ކޮފީ މެޝިނާ ދިމާލަށް ހިނގައިގަތެވެ. އާންމުކޮށް ރިއާންއާއެކު އެހެން އަންހެން ކުއްޖަކު ފެނިއްޖެނަމަ އޭނާގެ އަމަލުތައް ހުންނަ ހަރުކަށިގޮތާ ހިލާފަށް ނަޝްވާ ފެނުމުން އޭނާގެ ހަރަކާތްތައް ތަފާތެވެ. ހިތް ނޭދޭ އެކި ހިޔާލުތަކުން ސިކުނޑިފުރި އޭނާގެ ހައިސިއްޔަތަކީ ކޮބައިކަން ހަނދާންވިއެވެ. މީގެ އަށް އަހަރުކުރިންވެސް ނަޝްވާ ހިޔާރުކުރި ފަދައިން ރިއާންދެންވެސް ހިޔާރުކުރާނީ ނަޝްވާކަމަށް ހީވެ މާޔޫސްވިއެވެ.
“އަދިވެސް ޒީ ހާދަ ނައިސްއޭ ދޯ.. އާއި
ލާއިން ކުރުވި ކައިވެންޏެއްގަ ހައްޔަރުވެގެން އެކަހަލަ ކުއްޖަކަށް އެއްވެސް އުފަލެއް ނުލިބި އިނުން ހައްގެއް ނޫން.. ޒީގެ އުފާވެރިކަމަށް ހުރަސްނާޅާ ރިއާން ޒީ ދޫކޮށްލަންވީނު.. ޝީ އިޒް ސޯ ނޮޓް ޔޯ ޓައިޕް” ނަޝްވާ ވާހަކަދެއްކީ ރިއާންއަށް އެކަނި އިވޭވަރަށް ކަމުގައި ވިޔަސް އެދެމީހުންގެ ވާހަކައަށް ކަންފަތް ދީގެން ހުރި ޒީވާއަށް އެ ދެއްކި ވާހަކަ އިިވި ހިތް މާޔޫސްވިއެވެ.
“ކޮބާ ނަޝްވާގެ މަގްސަދަކީ؟ ތިން އަހަރުފަހުން ނަޝްވާ ތިއައީ އަހަރެންގެ ފަރާތުން ކޮންކަމެއް ބޭނުންވެގެން؟ އޭރުވެސް އަހަރެން ބުނަމުން ދިޔައީ އަހަރެން ނަޝްވާދެކެ ލޯތްބެއް ނުވެޔޭ.. އުޅޭކަށް ބޭނުމެއް ނޫނޭ.. ހޭބަލިވެގެން މަގޭ ފަހަތުން ދުވެ އުޅުނު މީހަކީ ތިއީ.. އުނދަގުލަކަށްވެގެން އަހަރެން ކޯސް ނިމެންދެން ނަޝްވާއާއެކު އުޅުނީ.. އެކުގަ އުޅެންވެސް ވަރަށް މަސައްކަތްކުރިން.. އެކަން ނުވީ ނަޝްވާގެ މިޒާޖު އަހަރެންނަށް ކަމުނުދާތީ.. އެހެންވީމަ އަހަރެން ނަޝްވާއަށް ހަބަރެއްނުވެ ގެއްލުނޭ ކިޔާފަ ހައިރާންވާކަށް ނުޖެހޭނެ..” ރިއާން ދެންވެސް ވާހަކަދެއްކީ ޒީވާއަށް ނީވޭނެހާ ސިއްރުންނެވެ.
“ކޮފީ” ޒީވާ ގެނައި ދެޖޯޑު މޭޒުމަތީގައި ބަހައްޓައިލަމުން ހިނިތުންވުމަކާއެކު ބުންޏެވެ. އަދި އެތަނުން ދުރަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ އެވަގުތު ރިއާން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
“ޒީވާ މަޑުކުރޭ.. ޒީވާއަސް ނޭނގޭހެން ނަޝްވާ އަހަރެންނާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ” ރިއާން ބުންޏެވެ.
“އައްދޭ.. ހާދަ ވަރަކަށޭ ދޯ އަނބިދަށުވެފަ ތި ހުންނަނީ.. ތިގޮތް ރިއާންއާ ނުވެސް ގުޅޭ.. ހިއެއް ނުކުރަން ޒީވެސް އެހާ ޓޮކްސިކް ވާނެކަމަކަށް.. އަހަރުމެން މީ ހަމަ ކުރީގެވެސް ރަހްމަތްތެރިންނެއްނު” ނަޝްވާގެ ބަސްތަކުގައި މަލާމާތުގެ ރާގެއް އެކުލެވިފައިވިއެވެ. ފަހުން ފަހުން ރިއާންއާ ގާތް ގުޅުމެއް ބޭއްވި ނަމަވެސް ނަޝްވާއަކީ ކުރިން ޒީވާގެ ރައްޓެއްސެކެވެ.
“ރަނގަޅުވާނެ ރިއާން.. އަހަރެން ކޮޓަރީގަ މަޑުކޮށްލާނަން.. ކަމެއް ބޭނުންވެއްޖެއްޔާ ގޮވާލައްޗޭ.. ފަހަރެއްގާ ނިދިދާނެ” ޒީވާ ރިއާންއަށް ހިނިތުންވެލުމަށްފަހު ރިއާންގެ އަތުތެރެއިން އޭނާގެ އަތް މިނިވަން ކޮށްލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައިގޮސް ކޮޓަރިއަށްވަނެވެ. އެއާއެކު އޭނާ އެ ހުރިހާއިރު ކުރަމުންދިޔަ ހިތްވަރު އެކީ އެލިގެން ދިޔައެވެ. ކަރުނަތައް އޮއްބާލަން މަސައްކަތްކުރަމުން އެނދުގައި އޮށޯވެލައި ބާލީހުގައި ބައްދައިލިއެވެ. ނަމަވެސް ނަޝްވާގެ ވާހަކަތައް ކަންފަތް ދޮށުގައި ތަކުރާރުވަމުންދިޔަ ވަރަކަށް އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން އިތުރުވަމުން ދިޔައެވެ. މީގެ އަށް އަހަރު ކުރިން އޭނާ ރިއާންއަށް ލޯބި ހުށަހެޅި ރޭގައި ރިއާން ނަޝްވާއާއެކު އުޅުނު ގޮތުގެ މަންޒަރުތައް އޭނާގެ ލޯ ކުރިމަތިން ފެންނަން ފެށި ކަހަލައެވެ. އެދުވަހުން ފެށިގެން މީގެ ހަތަރު އަހަރު ކުރިއާ ހިސާބަށް ޒީވާ ކުރަމުންދިޔަ އާދޭސްތަކަަށް ބީރު ކަންފަތެއް ދިނުމަށްފަހު ރިއާންގެ ދުވަސްތައް ހޭދަކުރަމުންދިޔައީ ނަޝްވާއާ އެކުގައި ހެއްޔެވެ؟ ރިއާންގެ
ލޯތްބަށް އެދި އޭނާ އާދޭސް ކުރަމުންދިޔައިރު އެ ލޯބި ލިބެމުންދިޔައީ ނަޝްވާއަށް ހެއްޔެވެ؟ މި ހުރިހާދުވަހު އޭނާ ދެކެމުންދިޔަ ހުވަފެންތަކުގެ ހުރަހަކަށްވެ ރިއާންގެ ލޯބީގައި އުދުހެމުންއައި ނަސީބުހުރި ކުއްޖަކީ އެއީ ހެއްޔެވެ؟ ރިއާންއަށް އަދިވެސް އޭނާދެކެ ލޯބި ނުވެވިގެން އުޅޭ ސަބަބަކީ އެއީ ހެއްޔެވެ؟
އެ ހިޔާލުތަކުގެ ސަބަބުން ޒީވާގެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ. އެ ރިހުމަށް ކެތްކުރާހާލު މޭގައި ހިފަހައްޓައިލަމުން އޭނާ ފުންނޭވާތަކެއް ލާން ފެށިއެވެ. އޭރު އެދެލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތަށް އެއްވެސް ހުރަހަކާއިނުލާ އޭނާގެ ބާލީސް ތެންމަމުން ދިޔައެވެ. ޒީވާއަށް ނޭނގެނީ އެ ވަހުމްތަކުގައި ޒީވާ ގެނބިގެންދިޔައިރު ފަރުދާގެ އަނެއް ފަރާތުގައި ކުޅެވެމުންދިޔަ މަންޒަރު މުޅިން ތަފާތު ކަމެވެ. އެންމެ ފަހަރަކުވެސް ކޮޓަރީގެ ދޮރު ކައިރިއަށް ޖެހިލިނަމަ އެދޮރުގެ އަނެއް ފަރާތުން އޭނާގެ ހިތަށް ތަސައްލީއެއް ލިބިދާނެ ކަހަލަ އަޑުތަކެއް އިވުނީހެެވެ.
“ދެޓްސް އިޓް! ޒީވާ މިތާ ހުރީތީ ނަޝްވާ ތި ޖެއްސިހާ ވައްތަރުތަކަށް އަހަރެން ވަރަށް ކެތްކޮށްފިން. މިހާރު ފުދިއްޖެ! ހަމަމިހާރު މިތަނުން ނުކުމޭ” ޒީވާ ކޮޓަރިއަށް ވަނުމާއެކު ރިއާން އިންތަނުން ތެދުވެ ދޮރާ ދިމާލަށް އިޝާރާތް ކުރިއެވެ.
“ޗިލް ރިއާން. ޒީ ކިހާ ކޫލް.. އަހަރެމެން ދެމީހުންނަށް ޕްރައިވަސީ ދީފަ ނިދަން އެވަނީ. އޭނައަށްވެސް އެނގެޔޭ ރިއާންކަހަލަ ތަނަވަސް ފިރިހެނަކަށް އިތުރު އަންބަކު ހޯދިދާނެކަން… މުއްސަނދިންގެ އަނބިން ތިބޭނީ ވަކި ހިސާބަކުން އެދުވަސް އަންނާނެކަން ގަބޫލު ކޮށްގެން.. އެވަރުންވެސް ރިއާން ތި އުޅެނީ އެކަން ބަލައިނުގަނެ މި ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލަން.” ޒީވާ ގެނައި ކޮފީތަށި ދެއަތުން ހިފަހައްޓައިލުމަށްފަހު ނަޝްވާ ހަމަޖެހިލައިފައި ބުންޏެވެ. ނަމަވެސް އޭނާގެ ތުންފަތާ ހިސާބަށް އެތަށި ނުފޯރަނީސް ރިއާން އެ ތަށި އަތުލުމަށްފަހު މޭޒުމަތީގައި ބެހެއްޓިއެވެ. އަދިވެސް އެއްފަހަރު ހަށިގަނޑު ތެދުކޮށްލުމަށްފަހު ސޯފާގައި އިށީނދެގެން އިން ނަޝްވާއަށް ބަލައިލިއެވެ.
“އިސްރާފުވާވަރަށް ފައިސާ ލިބުނަސް އަހަރެން އިތުރު އަނތްބަކު ބޭނުމެއް ނޫން. ކޮންމެ ހާލަތެއްގަ ކައިވެނި ކުރެވުނަސް އަހަރެންނަށް ޒީވާ ފުދޭ! ކަލޭ ހީކުރަނީ އަހަރެންނަށް ކަލޭގެ ގޮތް ނޭނގޭނެކަމަށްތަ؟ މަށަށް އެނގެޔޭ ތި ހުރިހާ އެއްޗެއް ތި ކިޔަނީ ޒީވާއަށް އަޑު އިއްވަންކަން! އައި ޑޯންޓް ވޯންޓް ޓު ޓަޗް ޔޫ އިވަން އިފް އިޓްސް ޓު ޑްރެގް ޔޫ އައުޓް އޮފް ހިޔަރ. އެކަމަކު ކަލޭގެ ވިހަދުލުން މަގޭ އަންހެނުންނަށް ނިސްބަތްކޮށް ނޫނީ އޭނަގެ ހިތުގަ ޖެހޭހެން ދެން އެންމެ ލަފްޒެއް ބުންޏަސް އަހަރެން ކަލޭ ދަމާފަ ގެންގޮސް އެހެރަ ދޮރުން ބޭރަށް ނެރޭނަން! އެގޮތް ބޭނުން ނެތިއްޔާ ހަމަ މިހާރު ނުކުމޭ” ރިއާންގެ ރުޅިގަނޑު ހުރީ ހަމައިން ނެއްޓޭހާ ހިސާބުގައެވެ.
“އޯކޭ އޯކޭ. ވަރަށް ބޮޑަށް ސޮރީ ރިއާން.. ރުޅި ނާދެބަ. އަހަރެންނަށްވެސް އެނގެޔޭ މިހެން ކުއްލިއަކަށް މިގެއަށް އައުމަކީ ރަނގަޅުގޮތެެއް ނޫންކަން.. ސޮރީ.. އެހާ ދުވަސްކޮށްފަ ރިއާން ފެނުނީމަ އަހަރެންނަށްވެސް ދުރުގަ ނުހުރެވުނީ.. ޒީއަކީވެސް ކުރީގެ ރައްޓެއްސެއްވީމަ އެއީ މައްސަލައެއް ކަމަށް ނުފެނުނީ.. އެކަމަކު ރިއާން އަހަރެންދެކެ ރުޅި އަންނާކަށް އަހަރެން ބޭނުމެއް!” ނަޝްވާ ގޮތްދޫކޮށް ރިއާންއާއެކު އެޕަރޓްމެންޓްގެ މައި ދޮރާ ހަމައަށް ހިނގައިގަތެވެ. ރިއާން އެ ދޮރު ހުޅުވައިލުމަށްފަހު ނުކުންނާށޭ ބުނެ ބޮލުން އިޝާރާތެއް ކޮށްލި އެވެ.
“އަހަރެންގެ ނަޒަރުގަ ރިއާން ތިއީ އަދިވެސް މިނިވަނެއް! އަދި އަހަރެންގެ ހުވަފެނުގަ ތިއީ އަހަރެންގެ މީހެއް! ވަރަށް އަވަހަަށް އަހަރެން މި ހުވަފެން ކުލަކުރާނަން! ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް އަހަރެންނަށް ރިއާން ހާސިލްވަންދެން އަހަރެން މަސައްކަތް ކުރާނަން.! ހަމަ އެ ފަހެރެކޭވެސް އެއްގޮތަށް މިފަހަރުވެސް ރިއާން އަހަރެންގެ މީހަކަށް ހަދާނަން!” ނަޝްވާގެ ބަސްތައް ވީ އޭނާގެ ހިތުގައެވެ. ކޮނޑު އަރުވައިލުމަށްފަހު ރިއާން އެދުނު ފަދައިން ހަރުކޮށް ހިނގާފައިގޮސް އެޕަރޓްމެންޓްގެ ދޮރުން ނުކުތެވެ.
ނަޝްވާ ނުކުތުމުން ރިއާން ދޮރު ތަޅުލުމަށްފަހު ނިތްކުރިއާއި
ނޭފަތް ގުޅޭ ހިސާބުގައި ދެ އިނގިލިން ހިފަހައްޓައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކުއްލިއަކަަށް ކަމެއް ހަނދާންވި ފަދައަކުންގޮސް ޒީވާ ވަތް ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ދެތިން މިނަޓުވަންދެން ޒީވާއަށް ގޮވަމުން އެކޮޓަރީގެ ދޮރުގައި ޓަކި ދިންއިރުވެސް ޒީވާގެ ހިލަމެއް ނުވިއެވެ. އެންމެފަހުން ޒީވާ ނިދީކަމުގައި ނިންމުމަަށްފަހު އޭނާވެސް ގޮސް ކޮޓަރިއަށް ވަނެވެ.
************
"ޝައިނާ އުޅޭނީ މިހާރުވެސް މިކޮޅުގަ. ފަތިހުގެ ލޯންޗުން އައީ.. މަންމަމެން މެންދުރު ކެއުން ނިންމާލާފަ މިރެއާ ހަމައަށް ވިލާގަ މަޑުކޮށްލިޔަސް ރަނގަޅުވާނެ" ރިސޯޓަށް ފޭބުމަށްފަހު ރިއާން އޭނާއާއެކު އައި މީހުންނަށް އިރުޝާދުދިނެވެ. އެތަނުގައިތިބީ ރިޔާޒްއާއި ޝީރީނާއި ނާޝިދާއި ވާފިޔާގެ އިތުރުން އާމިރުގެ ދެމަފިރިންނެވެ. އެ އެންމެން ހުރުމަށް ކަނޑައެޅިފައިވަނީ އާއްމުކޮށް ރިސޯޓުގައި ވެރިޔާ ހުރުމަށް ކަނޑައެޅިފައިވާ ވިލާއެވެ. ލިވިންގް އޭރިޔާއަކާއި ޑައިނިންގް އޭރިޔާއެއް އަދި ޕޫލަކާއި ޓެރަހެއް ހިމެނޭ އެ ވިލާގައި ތިން ކޮޓަރި ހުންނާތީއާއެކު ރިއާން އެ ވިލާ އެމީހުނަށް ހަމަޖައްސައިދިނެވެ. އެ އެންމެން ދިޔުމާއެކު ދުރުގައިހުރި ރާހިލް އައިސް ރިއާންގެ ކޮނޑުގައި އެލިގަތެވެ.
"ކިހިނެއް ވެގެންތަ ތި އުޅެނީ ލަދުން ބޯހަލާކޭ" ރިއާން ސިހިފައި ރާހިލް ދުރަށް ކޮށްޕައިލިއެވެ. އެމަންޒަރު ބަލަންތިބި ޒީވާއާއި އެލީޝާއަށް ހިނިގަނޑު ހިފަހައްޓައިލެވުނީ ހަމަ ކިރިޔާއެވެ.
"ސާބަހޭ އެ އެންމެންްގެ ކަންތަކާ އުޅެފަ އަހަރެން މަތިން ހަނދާނެއްވެސް ނެތެއްނު؟ އަހަރެން މިހާރު މިތާ އަވީގަ ހުރެ ހުރެ އަނބުރައިގަންނަހާ ވެއްޖެ. ކޮބާތަ އަހަރެން ހުންނަންވި ކޮޓަރި؟" ރާހިލްގެ ޝަކުވާ ފެށިގެންދިޔައެވެ.
"ވެލްކަމް ޓު ދަ ސަނީ ސައިޑް އޮފް ލައިފް. އަސްލު ބުނަން؟ ތިދެމީހުނަށް ހަދަންވި ގޮތެއް އެނގޭނީ ޝައިނާއަށް. އެކޮޅުން ފާޑެއްގެ ސެލޫނެއްގެ ބަޔަކު ގެނެސްގެން އުޅެނީ.. އެހެރީ ޝައިނާ ފޮނުވި މީހާ. އޭނައާއެކު ދޭ.. ދެމީހުނަށް ދެ ކޮޓަރި ހަމަޖެއްސީ.." ރިއާން ދުރުގައިހުރި މުވައްޒަފެއް ދައްކައިލިއެވެ.
"މަޑުކޮށްބަ! ޝައިނާ ކޮބާތަ؟" ރާހިލް އަހައިލިއެވެ.
"ބަލަ އަހަރެންތަ ޝައިނާއާ އިނދެގެން މި އުޅެނީ؟ ރާހިލްވެސް ގުޅާލާފަ އަހާލަން ރަނގަޅެއްނު؟ ރާހިލްގެ އަންހެނުންވިއްޔަ. އަހަރެންނަށް ހީވަނީ މިރޭ ޕާޓީ އޮތީމަ ބިޒީކޮށްހެން އުޅޭނީ" ރިއާން ބުންޏެވެ.
ރާހިލް ބޯ ޖަހައިލުމަށްފަހު ޝައިނާގެ ފޯނަށްގުޅަން މަސައްކަތް ކުރަމުން ރިއާންބުނި މުވައްޒަފާއެކު ދުރަށް ހިނގައިގަތެވެ. އޭނާއާއެކު އެލީޝާވެސް ދިޔައެވެ. ބާކީ އެތަނުގައިހުރީ ޒީވާ އެކަންޏެވެ. ރިއާންގެ ސަމާލުކަން ޒީވާއަށް ހުއްޓުނެވެ. މުޅި ދަތުރުގައިވެސް ޒީވާގެ ފަރާތުން ފެންނަމުންދިޔަ ހިމޭންކަން އޭނާއަށް އުނދަގޫ ކުރަމުންދިޔައެވެ. ޒީވާގެ އެ މަޑުމައިތިރިކަމާއި ރޭގައި ނަޝްވާ އެގެއަށް ދިޔުމާ ގުޅުމެއްވާކަން ގަބޫލުކުރެވުނު ނަމަވެސް އެވާހަކަ އަލުން ފަށައިގެން ދައްކާނެ ހިތްވަރެއް ރިއާންއަކަށް ނުލިބުނެވެ.
"ދާންވީނު" ރިއާން ޒީވާއާ ގާތަށް ޖެހިލަމުން ބުންޏެވެ.
"އަހަރުމެން ދެމީހުންވެސް ތިބެނީ ދެ ކޮޓަރީގަތަ؟ މިބުނީ ވަކިންހޭ" ޒީވާ އަހައިލިއެވެ.
"ބައްޕަމެންވެސް އައީމަ އަދި އެއްކޮށް.. ޒީވް ބޭނުމިއްޔާ އަދިވެސް ވަކި-"
"ނޫން އޯކޭވާނެ. ވަކިން ހުރިއްޔާ ދޮންބެވެސް އެއްޗެކޭ ހިތަށް އަރާފާނެ.. ހިނގާދާން" ޒީވާ ރިއާންއަށް ހިނިތުންވެލިއެވެ. އެއާއެކު ރިއާންގެ ސިކުނޑީގައިވާ ރިހުން އޭގެ ހަގުނައަށް އިތުރުވިއެވެ. އެ ހިނިތުންވުމަކީ އޭނާ ދަންނަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން މޫނުމައްޗަށް ގެނައުމަށްޓަކައި ޒީވާ ކިތަންމެ ކުޅަދާނަ ކަމުގައިވިޔަސް އެ ހިނިތުންވުމަކީ މަސްނޫއީ ހިނިތުންވުމެއްކަން އޭނާއަށް ފޮރުވުމުގައި ޒީވާއަށް މިވީހާތަނަށްވެސް ކާމިޔާބު ލިބިފައެއް ނުވެއެވެ.
"މެންދުރު ކައިގެން ރަށް ބަލާލަން ދާންވާނެއްނު.. ޒީވް ބޭނުމިއްޔާ ޕޫލަށްވެސް އެރެންވީ.. ވިލާގަވެސް އޮންނާނެ ޕޫލެއް.." ރިއާންގެ ވާހަކައަށް ބޯޖަހައިލުން ފިޔަވައި އިތުރު ރައްދެއް ޒީވާގެ ފަރާތަކުން ނުލިބުނެވެ. ރިއާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހުދު އޭނާއަކީވެސް މިޒާޖުގައި މާ ވާހަކަގިނަ މީހަކަށް ނުވާތީއާއެކު ޒީވާއާ އިތުރަށް ދައްކާނެ ވާހަކައެެއް ނޭނގުނެވެ. އެރަށުން ފުރުމުގެ ކުރިން ޒީވާގެ މިޒާޖު ބަދަލުވެ ހިތްހަމަޖެހޭތޯ ހިތާހިތުން ދުޢާކުރަމުން އިސްޖަހައިލިއެވެ.
No comments yet
Be the first to share your thoughts about this episode!