Episode 7

ބުނާށޭ ލޯބި ނުވަނީހޭ. (7 ވަނަބައި)

"މައިރާ ކީއްވެތަ އަހަރެން ބުނާބަސް ނާހަނީ؟" އިވާން އެ ސުވާލު ކުރީ ކިތަންމެ މަޑުން ނަމަވެސް މިފަހަރު އެ އަޑުން މައިރާއަށް އިވާން ހިތްހަމަނުޖެހިފައިހުރި މިންވަރު ދެނެގަނެވުނެވެ. ދެން ފެނުނީ ކުއްލިއަކަށް އިވާން މައިރާގެ އުނަގަނޑާ ދިމާލުން ދެއަތް ވަށައިލިތަނެވެ. މައިރާ ބަލައިލިއިރު މީގެ ކުޑައިރުކޮޅެއް ކުރިން އިވާން ލައިގެންހުރި ޓީޝާޓު އިވާންގެ ދެއަތުން މައިރާގެ އުނަގަނޑުގައި އައްސާލައިދެނީ އެވެ. އެހަރަކާތާއެކު މައިރާއަށް ހީވީ އޭނާގެ ހިތް ރީތި ރާގަކަށް ތެޅިލިހެނެވެ. ބަނޑުގައި ކޮކާ އުދުހެން ފަށައިފިކަމުގެ އިހުސާސެއްވެސް ކުރެވުނެވެ. އިވާން އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި އެތަނުން ދުރަށް ހިނގައިގަތްއިރުވެސް މައިރާއަށް އެތެރެއަށް ދަމައިލި ނޭވާ ބޭރަށް ދޫކޮށްލަން ނޭނގިފައި ހުރެވުނީ އެވެ. އޭނާއަށް ހިތާހިތުން އިވާންއަށް ޝުކުރު އަދާކުރެވުނެވެ.

މަޖަލާއި ސަކަރާތުގައި ހޭދަވެގެންދިޔަ މަސްދަތުރުގެ ކޮންމެ މިނެޓެއް މައިރާ ދިޔައީ ތަސްވީރުތަކެއްގެ ގޮތުގައި ރައްކާކުރަމުންނެވެ. އާދައިގެމަތިން މީހުންގެ ފޮޓޯ ނެގުމުން އިސްތިސްނާވަމުން ދިޔައެއްކަމަކު ކަނޑުމަތިން ފެންނަ ދޫނި ސޫފާސޫތްޕާއި ބާނާފައިވާ މަސްމަހާމެހީގެ ފޮޓޯތައް ނަގަމުންދިޔަ އެވެ. ނަމަވެސް ވަކި ހިސާބަކުން މައިރާއަށް އެކަމުގެ ފޯރިވެސް ގެއްލިއްޖެ އެވެ.

ހަގީގަތުގައި އެ ދަތުރު އައި އިރު އެދަތުރުގައި އަންހެންކުއްޖަކަށް ބައިވެރިވާނީ ހަމައެކަނި އޭނާކަން މައިރާއަކަށް އެނގިފައެއްނެތެވެ. އެހެންކަމުން ހުރިހާ ފިރިހެނުންތަކުގެ މެދުގައި ބާކީވެފައި ނީނދެ އޭނާ ގޮސް ދޯނީގެ ދިރުނބާކޮޅުގައި އިށީނެވެ. ނޫކުލައިގެ ސާލެއްފަދަ ތެޔޮފާންލައިފައިވާ ކަނޑަށް ބަލަހައްޓައިގެން އިންއިރު އެއީ ކެމެރާއެއްގެ ލެންސުން ބަލައިލަން ކިތަންމެ ރީތި މަންޒަރެއް ކަމަށްވިޔަސް ހަމަލޮލަށް ފެންނަ ފެނުމާ ގާތްވެސް ނޫނޭ މައިރާގެ ހިތް ބުނެލި އެވެ. ގުދުރަތުގެ ކޮންމެ މިސާލެއްވެސް އާޝޯހުވާހާ ފުރިހަމަ އެވެ. ފަރުބަދަތަކާއި ފެންކޯރުތައް އަދި ވަލުޖަނަވާރުތައް ހައްދަވާފައިވާގޮތެވެ. ދޫނި ސޫފާސޫތްޕާއި ގަސްގަހާގެހީގައިވާ ރީތި ކުލަތަކެވެ. ކާއިނާތުގެ ރީތިކަމެވެ. އަދި އިންސާނުން ހައްދަވާފައިވާލެއް ފުރިހަމަކަމެވެ. މައިރާއަށް ބަލައިލެވުނީ އެހެން އެންމެނާއެކު ދުރުގައި މަސްބާނަން ހުރި އިވާންއަށެވެ. އެ ބެލުމުގައިވަނީ ޝައުގުވެރިކަމެވެ. އިވާންގެ މިޒާޖާގުޅޭ މާގިނަ ކަންތައްތަކެއް ނޭނގުނަސް މައިރާގެ ހިތުގައި އިވާންއާމެދު ޝައުގެއް އުފެދިއްޖެ އެވެ. ތުނިކޮށް ކޮށާލެވިފައިވާ އިވާންގެ ބުޅި އިސްތަށިގަނޑުން ފެށިގެން އެ ދެލޮލާއި ތުންފަތްވެސް މައިރާއަށް ކަމުގޮސްފި އެވެ. ދަޅައަޅަމުންދިޔަ އިރުގެ އަވި އެ އޮޅަލިކުލައިގެ ހަށިގަނޑަށް އެޅިފައިވާގޮތުން އިވާންގެ ބުރަކައްޓާއި ބަނޑުގައި ތަރުތީބުކޮށް އެތުރިފައިވާ މަސްތަކަށް އިތުރު ރީތިކަމެއް ގެނެސްދެ އެވެ. އެ ހުރިހާ ސިފައަކަށްވުރެވެސް ބޮޑަށް މައިރާ ގަޔާވީ އެހެން މީހުން ދައްކަމުންދިޔަ ސަމާސާ ވާހަކަތައް އިވޭ ހިނދު އިވާންގެ ތުންފަތަށް އެ ވެރިވާ ހިނިތުންވުމެވެ. އެހެން ހިނިތުންވެލާ ކޮންމެ ފަހަރަކު އިވާންގެ ކޮލަށް އެޅޭ އަޑިކޮޅެވެ. އިންސާނެއްގެ ރީތިކަމަށް ހިތާހިތުން ނަމަވިޔަސް އެވަރަށް ތައުރީފުކުރެވުނު ހަނދާނެއް މައިރާގެ ނެތެވެ. ގުދުރަތުގެ އެންމެ ފުރިހަމަ މިސާލުތައް ލިސްޓެއްގައި ހިމަނާލައިފިނަމަ އެ ލިސްޓުގެ ކިހާ ކުރިއަކުން އިވާން ޖާގަ ހޯދާނެބާއޭ މައިރާގެ ހިތަށް އަރަމުންދިޔަ އެވެ.

އެއްލި ކަޅިއަކުން ދުރުގައި އިން މައިރާ އޭނާއަށް ބަލަހައްޓައިގެން އިންތަންފެނި އިވާން ނުވާކަމަކަށް ހެދެމުން މައިރާއާ ނަޒަރު ވަކިކޮށްލި އެވެ. އެހެނަސް މައިރާގެ ނަޒަރު އަދިވެސް އޭނާއާ ވަކި ނުވާކަން އިވާންއަށް އެނގެ އެވެ. ކިތަންމެ ދުރުގައި ހުރިނަމަވެސް މައިރާގެ ދެލޮލުގައިވާ ތޫނުކަން އިހުސާސް ކުރެވެމުންދިޔަ އެވެ. އެކަމުގެ ސަބަބުން އޭނާއަށް އިތުރު ކަމަކަށް ސަމާލުކަން ދިނުންވެސް ވީ އުނދަގޫ ކަމަކަށެވެ. ދޮށީގައި ހިފަހައްޓައިގެން ހުރި އަތްވެސް ދާހިއްލަން ފަށައި އެ ދޮށި އޭނާގެ އަތުން ދޫވެދާނޭ ހީވާ ފަހަރުވެސް އާދެ އެވެ. މެދު އުޑުގައި ރަސްކަން ކުރަމުންދިޔަ އިރުގެ އަވިން ދެމުންދިޔަ އަވީގެ ހޫނަށްވުރެން ދިލަ ހޫނެއް އޭނާއަށް ވަމުންދިޔައީ މައިރާގެ ނަޒަރުންނެވެ. މިއީ ދެން ކިހާ ދެރަކަމެއްހެއްޔެވެ؟ މައިރާއެއްކަމަކު މިވަރަށް އޭނާއާ ދިމާލަށް ބަލަންޖެހޭ ހެއްޔެވެ؟ ކިރިޔާވެސް އަގަލެއް އުޅުމެއް އަޚުލާގެއްހުރި އަންހެންކުއްޖެއްނަމަ މައިރާއަށް އެހާ ވަރަށް ހިލޭ ފިރިހެނަކާ ދިމާލަށް ބަލަން ކެރޭނެ ހެއްޔެވެ؟ ތަހުޒީބުވެގެން ދިޔަ ދިޔައިނުން ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތީއޭ އިވާންގެ ހިތަށް އެރި އެވެ. ހިތާހިތުން މައިރާއަށް ކުދި ކިޔާލަކިޔާލައި ހުއްޓައި މައިރާ އައިސް އެމީހުންގެ ގާތަށް ހުއްޓުނެވެ.

"ޝޯން… މައިވެސް ބޭނުން މަސްބާނަން" މައިރާ ބުންޏެވެ. އެހެންމީހުނެކޭ އެއްފަދައިން މަސްބާނަން ބޭނުންވީ އެވެ. އޭނާ އެންމެ ފުރަތަމަ ބޭނުންވީ އިވާންގާތުން އެހީއަކަށް އެދުމަށެވެ. ނަމަވެސް އިވާން ހުރީ އޭނާދެކެ ހިތްހަމަ ނުޖެހިފައިކަމަށް ހީވުމުން ޝާވިންގާތު ބުނީ އެވެ. ޝާވިން އެއްފަހަރު މައިރާއަށް އަނެއްފަހަރު ކައިރީގައިހުރި އިވާންއަށް ބަލައިލުމަށްފަހު އަތުގައި އޮތް މަސްބާނާ ދޮށި މައިރާގެ އަތަށް ދިނެވެ.

"އަން މި ހިފައިގެން ހުންނައްޗޭ. ވިސްނައިގެން ހުންނާތި އެނގޭ.. އެބަ އަންނަން މައިއަށް ދަސްކޮށްދޭން އެއްޗެހި ހިފައިގެން" މައިރާ އަވަސް އަވަހަށް ބޯ ޖަހައިލި ވަގުތު ޝާވިން ދުރަށް ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ދެތިން ފިޔަވަޅު ދުރަށް ނޭޅެނީސް ކުއްލިއަކަށް މައިރާ ހަޅޭލަވައިގަތް އަޑު އިވުނެވެ. އޭރު މައިރާ ހީވީ ހިފައިގެންހުރި ދޮށްޓާއެކު ދެންމެ ދެންމެ ދޯނިން ބޭރަށް ވެއްޓިދާނެހެނެވެ. އިވާން ހުށިޔާރުކަމާއެކު މައިރާގެ އުނަގަނޑުގައި އެއްއަތް ވަށައިލަމުން އޭނާގެ ގަޔާ ކައިރީގައި ހިފަހައްޓައިލި އެވެ.

"ޝޯން މީގަ ހިފާބަލަ" އިވާން މަސްބާނަން ގެންގުޅުނު ދޮށި ޝާވިންގެ އަތަށް ދިނުމަށްފަހު މައިރާއަށް އެހީތެރިވުމަށް އަވަސްވެގަތެވެ.

"ބަލާބަ.. ސްޕިން ދިސް ބެކްވަރޑްސް… މައި.. މައިރާ!" އިވާންގެ ގާތްކަމުން ސިހިފައި ހުރެވުނު މައިރާއަށް މިފަހަރުވެސް ހަމަހޭވެރިކަމެއްވީ އިވާން ގޮވައިލުމުންނެވެ. އަޖައިބެކެވެ. އިވާން އޭނާއާ ގާތްވެލާ ކޮންމެ ފަހަރަކު މައިރާގެ އަތްފައި ފިނިވެ މުޅި ހަށިގަނޑު އެކީ ހުއްޓުމަކަށް އަންނަނީ ކީއްވެ ހެއްޔެވެ؟

އިވާންގެ އިރުޝާދާ އެއްގޮތަށް ކަންތައް ކުރެވޭތޯ ބެލި ނަމަވެސް އިރުއިރުކޮޅާ އިވާންގެ އިނގިލިތަކުގެ ކުރި މައިރާގެ އަތުގައި ބީހިލާގޮތުންނާއި އިވާން އޭނާގެ ގައިގައި ބައްދައިލައިގެން ކަހަލަގޮތަކަށް ހުރުމުން އޭނާގެ ސަމާލުކަން ކުރަން އުޅޭ ކަންތަކުން ކައްސައިލަ އެވެ. އެންމެފަހުން މައިރާގެ މާބޮޑު އެއްބާރުލުމަކާނުލައި އިވާން މައިރާގެ ދޮށީގައި ގަތް މަސް ބާނައި ފެނުން މައްޗަށް ހިއްލާލައިފި އެވެ.

"ޝޯން ބައި ގަޑިއިރު ހުރިއިރުވެސް މަހެއް ނުގަތްދޯ؟ ނިކަން ބަލާލަބަ މައި. ހަމަ އަތްޖައްސާލީ މަހެއް ގަތީ. އަދި އެވެސް މިއަދުގެ އެންމެ ބޮޑު މަސް" އިވާން މައިރާއާއި ދުރަށް ޖެހިލިވަގުތު ނާއިލް ސަމާސާ ރާގަކަށް ޝާވިންއާ ދިމާކުރަން ފެށުމުން މައިރާއަށްވެސް "އޭނާ ބޭނި" މަހަށް ބަލައިލަން ޖެހުނެވެ. އެއާއެކު އޭނާގެ މޫނުން މުޅިން އާ ޖޯޝެއް ފެނުނެވެ.

"އޯ. އެމް. ޖީ.. އައި ޑިޑް އިޓް. އައި ކޯޓް އަ ފިޝް ގައިޒް. ޝޯން ލުކް. ބަލާބަ އިވާން އައި ކޯޓް އަ ފިޝް" މައިރާއަށް ލިބުނު އުފަލުން ކުޑަކޮށް ފުންމައިލައި އަތް ޖަހައިލެވުނެވެ.

"ޝުއަރ ޔޫ ޑިޑް. މަރުހަބާ މަރުހަބާ" އިވާން މައިރާއަށް ހަދިޔާކޮށްލީ މަސްނޫއީ ހިނިތުންވުމެކެވެ. ވާނީވެސް އެހެންތާއެވެ. ކަންކުރީ އިވާން އެވެ. ނަން މިވީ މައިރާ އެވެ.

އަސްރުވަގުތު ވުމުގެކުރިން ރަށާހަމައަށް ފޯރޭތޯ ދޯނި އަލުން އައި ކޮޅަށް މިސްރާބުޖެހިއިރު ބޮޑުބެރުގެ ފޯރިގަދަ އަޑު ދޯނީގެ ތެރެއިން އިވެމުން ދިޔަ އެވެ. ޔައީޝްގެ ބެރުޖެހުމުގެ ހުނަރާއި އެއްވަރަށް އެންމެންގެ ނެށުމުގެ ހުނަރު އިރުއިރުކޮޅާ ފެނިލި އެވެ. އެތަނުގައި އެއްވެސް ވަރަކަށް ނުނަށައި އިނީ އިވާންގެ އިތުރުން މައިރާ އެވެ.

"އިވާން ނުނަށަންތަ؟ އަހަރެން ހުރީމަތަ؟" މައިރާއަށް ހީވީ އިވާން އިނީ ލަދުން ކަމަށެވެ.

"ކޮންމެހެން މައި އިނދެގެނެއް ނޫން އެއީ. މައި ނެތަސް އޭނަ ނުކުރާނެ އެކަހަލަ ކަންކަމެއް. ދެން މާ ލަދުރަކި މީހެކޯ މިއީ" ޝާވިން ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.

"އަހަރެން ބައިންދަބަލަ. ކަލޭ ތިއުޅެނީ ނަށާހިތުން ނީނދެވިގެންކަން މަށަށް އެނގެޔޭ ކަލޭ ދޭބަލަ" އިވާން ފޫހި ރާގެއްގައި ބުންޏެވެ.

"އޯކޭ މަ މި ދަނީ. މައިވެސް އާދޭ އަވަ—"

"ޔޫ ވިލް ނޮޓް" ޝާވިންގެ ވާހަކަ ނުނިމެންދެން އިވާން މައިރާގެ އަތުގެ ކުޑަހުޅާއި ދިމާލުން އަތުގައި ހިފެހެއްޓި އެވެ. އިވާންގެ އަޑުގައިހުރި އަމުރުވެރިކަން އިވި މައިރާއަށް ބުމަ ގޮށްޖަހައިލެވުނެވެ. އޭނާ ޝާވިންގެ ދައުވަތު ގަބޫލުކުރުމުގެ ހިޔާލެއްވެސް ނުގެންގުޅެ އެވެ. ނަމަވެސް އޭނާގެ ކޮންމެ ކަމެއްގެ މައްޗަށް އަމުރު ފޯރުވަން އިވާން މީ ކާކުހެއްޔެވެ؟

"އަހަރެންނަކަށް ނުވިސްނުނު" އިވާންގެ އަތު ތެރެއިން މައިރާގެ އަތް ދަމައިގަތެވެ.

"ކޮންކަމެއް" ދުރަށް ނަޒަރު ހުއްޓައިލައިގެން އެ އިން ގޮތަށް އިނދެ އިވާން އަހައިލި އެވެ.

"އިވާން އަބަދު އަހަރެންނަށް ތި އަމުރުކުރާ ސަބަބެއް. ގެއިން ބޭރަކަށް ނުދެވޭނޭ. މިވެނި ހެދުމެއް ލައިގެން ނުވާނޭ. ބޮޑުބެރަށް ނަށަން އަރައިގެން ނުވާނޭ. އިވާންއަށް ކޮން ހައިސިއްޔަތެއް އޮތީ އަހަރެން ކުރާހާ ކަމެއް ކޮންޓްރޯލްކުރުމުގެ. އަހަރެންނަށް އިވާން މާ ރަނގަޅަކަށް އެނގެނީކީވެސް ނޫން. ކުޑަމިނުން ރަހްމަތްތެރިކަމެއްވެސް އޮތީކީނޫން. ސޯ އަހަރެންނަކީ އިވާންގެ މެހެމާނަކަށްވުމުގެ މާނައެއް ނޫން އެނގޭ އަދި އިވާންއަށް އަހަރެންގެ އޯނަރޝިޕް ލިބުނިއްޔެކޭ. އިވާންއަށް އެހެން ހީވަންޏާ ތިއީ ވަރަށްބޮޑު ކުށްހީއެއް"

އިވާންއަށް މިފަހަރު ސިހިފައި މައިރާގެ މޫނަށް ބަލައިލެވުނެވެ. ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި މައިރާ އެހާ ގިނައިން އޭނާއާ ވާހަކަ އެ ދެއްކީ އެންމެ ދެފަހަރެއްގެ މަތިންނެވެ. އެތަނުން އެއްފަހަރަކީ ސްޓޭޝަނުން މައިރާއާ ދިމާވެގެން ގެއަށް ގެނައި ދުވަހު ވާހަކަދެއްކި ފަހަރެކެވެ. ދެފަހަރަކީވެސް އޭނާއާ ޖަދަލުކުރުމަށްޓަކައި ވާހަކަދެއްކި ދެފަހަރެވެ. ނޫންނަމަ މައިރާގެ އުސޫލަކީ އޭނާގާތު އެއްޗެއް އަހައިލުމަށް ނުވަތަ އޭނާ އަހާ ސުވާލަކަށް ޖަވާބުދިނުމަށްޓަކައި ނޫނީ އޭނާއާ ވާހަކަ ނުދެއްކުމެވެ. އިވާން އެ ހައިރާންކަންމަތީ ބަހެއް ބުނަން ނޭނގިފައި އިންދައި އަނެއްކާވެސް މައިރާ ވާހަކަ ދައްކަން ފަށައިފި އެވެ.

"ލީން ގައިމު އަހަރެންގާތު ބުނި އިވާންއަކީ އެހާ ރުޅިގަދަ މީހެއްނޫނޭ.. ރުޅި އަންނަން ނުވެސް އެނގޭނެއޭ.. ކުރީ ދުވަހު ގަރާޖް ކައިރިންވެސް އަހަރެންނާ ވާހަކަދެއްކީ ނުލާހިކު ރީތިކޮށް.. އެކަމަކު ހަމަ ހުރެލާފަ ހިތަށް އެރީމަ އިވާންއަށް ތި ވަނީ ކިހިނެއްތަ؟ ގައިމު މިތާ އުޅޭ އެންމެނާވެސް އިވާން ތި ވާހަކަ ދައްކަނީ އެކުވެރިކޮށް.. ތިއީ އަހަރެންނަށް ހާއްސަ ރުޅިއަކީތަ؟ އެހެންވިއްޔާ ސަބަބެއް އޮންނަން ވާނެއްނު؟" މައިރާގެ ސުވާލުތަކަށް ރައްދުދޭން އިވާން ނުކުޅެދުނެވެ. މައިރާގެ އުޅުން ހުންނަ ގޮތަކުން އޭނާއަށް އެހާ އުނދަގޫ ވާންޖެހޭ ސަބަބެއްވެސް ނެތެވެ. އެފަދަ ކުދިންނާ އިވާންއާ އެ ދިމާވަނީ އަލަކަށް ނޫނެވެ. އެހެނެއްކަމަކު އޭނާ ދުވަހަކުވެސް އެއިން ކުއްޖަކާ ދިމާލަށް އެއްޗެކޭ ބުނެފައެއް ނުވާނެ އެވެ. އެހެނަސް މައިރާއާމެދު ތަފާތުކޮށް ކަންތައް މި ކުރެވެނީ ކީއްވެ ހެއްޔެވެ؟ މީގެ ފަހުން އެކަން އެގޮތަށް ނުވާނެކަމަށް އިވާން ހިތާހިތުން ޔަގީން ކުރި އެވެ. މައިރާގެ އުޅުމަށް ބަސް ނުކިޔަން އަމިއްލަ ނަފްސަށް ވައުދުވި އެވެ. އެހެނަސް އެ ވައުދު ވެގެން ދިޔައީ ސައިބޯނި ބޮތްކެއް ފަދަ ކުޑަ ހިނދުކޮޅެއްގެ މެހެމާނަކަށެވެ. ޝާވިން މައިރާގެ އަތުގައި ހިފައިގެންގޮސް ނަށަމުންދިޔަ މީހުންގެ ތެރޭގައި ބެހެއްޓިއިރު އިވާންއަށް އިނދެވުނީ ދެލޯ އަޅައިގެނެވެ.

ޝާވިންގެ އެ އިސްނެގުން މަނާކޮށް ގަދަހަދަން ނޫޅުނެއްކަމަކު އެ އެންމެންގެ ތެރޭގައި މައިރާ ހުރީ އެއްވެސް ހަރަކާތެއް ނުކޮށެވެ. ހަމައެކަނި އިވާންގެ ދެލޮލަށް ބަލަހައްޓައިގެނެވެ. މަދު ސިކުންތުކޮޅެއް އެގޮތުގައި ހުރުމަށްފަހު މައިރާ މަޑުމަޑުން ބެރުގެ ހަމައާ އެއްވަރަށް ފައި ހަމަކޮށްލައި ފަރާތަކަށް ޖެހިލިއެވެ. އެއާއެކު އިވާން ދުމެއް ޖެހިފަދައިން އިންތަނުން ތެދުވެގެން ދިޔަގޮތަށްގޮސް އެއްއަތުން ހިއްލައިލީ ޔައީޝް ޖަހަން އިން ބެރެވެ. ލިބުނު ކުއްލި ހައިރާންކަމުގައި ޔައީޝްއަށް އިސްއުފުލައި ބަލައިލެވުނުއިރު ނަށަންތިބި މީހުންނަށްވެސް ވާނުވާ ނޭނގިފައި އިވާންއަށް ބަލައިލެވުނެވެ.

"ކޮންހާ ސަކަރާތެއްތަ ތި ޖަހަނީ؟ މިއީ ކަނޑުމައްޗޭ" އިވާން ބޭރު ހިފައިގެން ގޮސް ކުރިންވެސް އިން ތަނުގައި އިށީން އިވާންގެ ވާހަކަތައް ހުރިގޮތުން އެންމެންގެ ސިކުނޑީގައިވި ސުވާލުތައް ވީ އިތުރެވެ. އެފަދަ ކަންބޮޑުވުމެއް އޮތްނަމަ މި ވީ ބައި ގަޑިއެއްހާއިރުތެރޭގައި އިވާން އެކަންތައް ނުހުއްޓުވީ ކީއްވެ ހެއްޔެވެ؟ މިހާރު ދޯނި ގާތްގަނޑަކަށް ރަށުގެ ފަޅަށް ވަންނަނީއެވެ. ކޮންމެއަކަސް އިވާންގެ މިޒާޖަށް އައި ކުއްލި ބަދަލުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު ހޯދުމަށް ނޫޅެ އެންމެންވެސް ރަށަށް އެރުމަށް ތައްޔާރުވާން ފެށި އެވެ. އެ ސަބަބުގެ ހިލަމެއްވާ ބަޔަކަށްތިބީ މައިރާއާއި ޝާވިން އެވެ. އެހެނަސް އެމީހުންވެސް އިތުރަށް އެވާހަކައެއް ނުދައްކަ އެވެ.

-------

އައިލީން ރޭގައި ދިން ޖަވާބަށްފަހު ނަދާލްގެ މުޅި ދުވަސް ހޭދަކުރެވުނީ އެކި ގޮތްގޮތުން އައިލީންއަށް ފާރަލުމުގައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މާދަމާއަކީ އައިލީން ފުރަން ހަމަޖެހިފައިވާ ދުވަސްކަމަށްވާތީ އޭނާއަށް ދެން އައިލީންއާ ބައްދަލުވާނޭ ހަމައެކަނި ދުވަހަކީ އެ ދުވަސްކަން ނަދާލްއަށް އެނގެ އެވެ. އެހެންކަމުން އެރޭ ކޮންމެހެންވެސް އައިލީންއާ ބައްދަލުކުރަން ހިތުއަޅައިގެން ނަދާލް ނުވައެއް ޖެހުމާ ގާތްވެފައި ވަނިކޮށް އައިލީން ހުންނަ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހި އެވެ.

ކޮޓަރީގެ ބެލް އެތައް ފަހަރަކު އެޅިއިރުވެސް ޖަވާބެއް ނައުމުން ނަދާލް ބޭރުގައި މަޑުކޮށްލައިގެންހުރީ އައިލީން އެވަގުތު ކޮޓަރީގައި ނޫޅޭނީކަމަށް ނިންމައިގެނެވެ. އެގޮތުގައި މަޑުކޮށްލައިގެން ހުރި އިރުވެސް ގޮތްނޭނގޭ ސަބަބަކާހުރެ އިއްޔެ މި ދިމާވި ގޮތްނޭނގޭ ކުއްޖާއަށްޓަކައި އިންތިޒާރުގެ ވަގުތުތައް މި ހުސްކޮށްލެވެނީ ކީއްވެކަމާމެދު ނަދާލްގެ އަމިއްލަ ނަފްސާ ސުވާލުކުރަމުންދިޔަ އެވެ. އެ ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެންދިޔައީ ބައިގަޑިއެއްހާއިރު ފަހުން އެކޮޓަރީގެ ކައިރިއަށް ބަގީއެއް އައިސް މަޑުކޮށްލުމުންނެވެ. އޭގެން ފޭބި ދެކުދިންގެ ތެރެއިން ނަދާލްގެ ފުރިހަމަ ސަމާލުކަން ދެވުނީ އަޅި ނޫކުލައިގެ އަތްދިގު ޓޮޕަކާއި ކަޅުކުލައިގެ ދޫ ޖީންސެއްގައިހުރި އައިލީންއަށެވެ. އައިލީން އޭނާއާ ހަތަރުކަޅި ހަމަކޮށްލި ހިނދު މީގެ އިރުކޮޅެއް ކުރިން ނަދާލްގެ އަމިއްލަ ނަފްސާ ކުރެވެމުންދިޔަ ސުވާލުތައް ހުއްޓުމަކަށް އައެވެ. އައިލީންގެ އެންމެ ބަލައިލުމަކުން އޭނާ އައިލީންއަށްޓަކައި ކުރި އިންތިޒާރަކީ ފޮނި އެއްޗެއް ކަމުގައިވެ ނިމިއްޖެ އެވެ.

ރޭގަނޑުގެ ކެއުން ނިންމައިލުމަށްފަހު ކޮޓަރިއަށް އައި އައިލީންއަށް ދޮރުކައިރީގައިހުރި ނަދާލް ފެނުމުން ހައިރާންވެފައިހުރެ ބުމަ ގޮށްޖަހައިލެވުނެވެ. ރޭގައި ނަދާލް އިތުރު ބައްދަލުވުމެއްގެ ވާހަކަ ދެއްކިނަމަވެސް އެއީ އެހާ ސީރިއަސްކޮށް ދެއްކި ވާހަކައެއް ކަމަކަށް އައިލީން ހިއެއްނުކުރެ އެވެ. އެހެންކަމުން އޭނާއަށް ހުރެވުނީ ދެން ހަދަންވީ ގޮތެއް ނޭނގިފަ އެވެ. އެންމެފަހުން ހަމްނާއަށްވެސް އެކަން ފާހަގަވެ އައިލީންގެ އަތުގައި ކޮށްޓައިލި އެވެ. އޭރު ނަދާލް ލަސްހިނގުމެއްގައި އެމީހުންނާ ދިމާލަށް ހިނގަމުން އާދެ އެވެ.

"ހާއި.. ޔޫ ޕްރޮމިސްޑް މީ އަ ޑޭޓް. ރިމެމްބަރ؟" ނަދާލް ހިނިތުންވެލި އެވެ.

"އަހަރެން ހަނދާނެއް ނުވޭ އެއްވެސް ޕްރޮމިސްއެއް ކުރެވުނު ހަނދާނެއް" އައިލީން އިސްޖަހައިލިއެވެ. ހަމްނާ ހުއްޓައި ނަދާލް އެހާ ފާޅުކަން ބޮޑުގޮތަކަށް އައިސް އެހެން ބުނުމުން އައިލީން ހިސާބަކަށް ރަކިވިއެވެ.

"ދެން ލީން.. ރޫޑް ނުވެބަލަ" އައިލީންގެ ގާތުގައިހުރި ހަމްނާ ބުނި އަޑު އިވުނެވެ.

"އެތެދެއް ލީން. ރޫޑް ނުވެބަލަ" ހަމްނާގެ ލަފްޒުތައް ނަދާލް ތަކުރާރު ކޮށްލިއެވެ. "އަހަރެން ލީން ގަޑިއެއްހާއިރަށް ކިޑްނެޕް ކުރިއްޔާ މައްސަލައަކަށް ވާނެތަ؟"

"ނޮޓް އެޓް އޯލް." ހަމްނާ ބުންޏެވެ. އެއަށްފަހު އޭނާ ބެލީ އަވަސްއަވަހަށް އެތަނުން ދުރަށް ދެވޭތޯ އެވެ. އައިލީން ހިތާހިތުން ހަމްނާއަށް ކުދިކިޔަމުން ނަދާލްއާއެކު ކުރިއަށް ހިނގައިގަތެވެ.

"ކޮފީ ހިފައިގެން އައީ. އެކަމަކު މިހާރު ހޫނުކަން ކެނޑިއްޖެ" ނަދާލްގެ އަތުގައިހުރި ދެ ކޮފީތަށިން އެއްތަށި އައިލީންއަށް ދިއްކޮށްލަމުން ބުންޏެވެ.

"ނޯ ތޭންކްސް. ތި ބޮއެފިއްޔާ މިރޭ ނުނިދޭނެ" އައިލީންގެ ޖަވާބާއެކު ނަދާލް ކޮނޑު އަރުވައިލުމަށްފަހު ދެ ކޮފީތަށިވެސް ކައިރީގައިހުރި ޑަސްބިނަށް ވައްޓައިލި އެވެ.

"ކޮންތާކަށް ދާނީ؟" ނަދާލްއާއެކު ކުރިއަށް ހިނގައިގަންނަމުން އައިލީން އެއްސެވެ.

"މިރޭ ދާނީ ލީން ބޭނުންތާކަށް" ނަދާލް ބުންޏެވެ.

"މާ ދުރަކަށް ނުދެވޭނެ. ހްމްމް. ހިނގާ މިތާ ކައިރި ބީޗަށް ނުކުމެލަން. މިރޭ ހަނދުވަރުވެސް ކިހާ ރީތި" އައިލީން އުޑުމައްޗަށް ބަލައިލުމުން ނަދާލްވެސް އައިލީންއެކޭ އެއްފަދައިން އުޑުމައްޗަށް ނަޒަރު ހިންގައިލި އެވެ. އާނއެކެވެ. ކުޅަދުންވަންތަކަމުގެ ލާމަސީލު މިސާލެއްފަދަ ސާދަވިލޭރޭގެ ބުރުހަމަ ހަނދު އޭގެ އެންމެ ފުރިހަމަ ހައިބަތުގައި އުޑުގައި ރަނިކަން ކުރަމުންދިޔަ އެވެ. އެ ހަނދުގެ ބެބުޅުމުން ވަށައިގެންވާ ތަރިތަކުގެ ވިދުންވެސް ފަނޑުކޮށްލާހައިވެ އެވެ. ނަމަވެސް އެ ހަނދުގެ ރީތިކަން މިރޭ ނަދާލްގެ ނަޒަރުގައިވަނީ މާބޮޑަށްވެސް ފަނޑުވެފަ އެވެ. އެރޭ އޭނާގެ ހިތުން ހުރިހާ ތައުރީފެއް ބަންޑުންވަމުންދިޔައީ އޭނާގެ ކައިރީގައިހުރި ހަނދެއްފަދަ އަންހެންކުއްޖާއަށެވެ. އޭނާގެ ގާތުގައިހުރި އައިލީންގެ ތުންފަތުގައިވި ހިނިތުންވުމާއި އެ ދެލޮލުގައިވި ވިދުވަރު އެރޭގެ ހަނދަށްވުރެން އެތައްހާސް ގުނައެއް ފުރިހަމަވެފައި ހިތްގައިމެވެ.

މިނެޓެއްހާއިރުގެ ހިނގުމަކަށްފަހު ނަދާލްއާއި އައިލީންއަށް ގޮނޑުދޮށަށް ފޭބިއްޖެ އެވެ. ހިމުން ދޮންވެލިގަނޑުގައި އެޅި ފުރަތަމަ ފިޔަވަޅާއެކު އައިލީން އަރައިގެންހުރި އުސްފައިވާން ވެލިގަނޑުގެ ތެރެއަށް ގަނބައިގަތެވެ.

"ނަދާލް ވެއިޓް" އައިލީން ހުށިޔާރުކަމާއެކު ނަދާލްގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. ނަދާލްއަށް ސިހިފައި އައިލީންގެ އަތަށް ބަލައިލެވުނެވެ. އެއީ އެ އަތުގެ ބީހުން އޭނާއަށް އިހުސާސްވި ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާގެ ހިތާއި ނަފްސު އެ ބީހުމަށް މަރުހަބާ ކިއެވެ. އެހެނީ އައިލީން އަނެއްއަތުގެ އެހީގައި ދެފައިން ފައިވާންކިބަ ނައްޓައިލުމަށްފަހު ނަދާލްގެ އަތުން ދޫކޮށްލުމުން ނަދާލްއަށް އިހުސާސްވީ ފަޅުކަމެވެ. އޭނާ އައިލީންއަށް އެކަން ނުދައްކައިވޭތޯ މަސައްކަތްކުރި އެވެ.

"ގެނޭ ތި އަހަރެން އަތަށް" އައިލީންގެ އަތުގައި އޮތް ފައިވާން ނަދާލް އަތުލި އެވެ.

"ސޮރީ.. އަސްލު އަހަރެން އެހާ ފަރިތައެއް ނުވާނެ އުސް ފައިވާންތަކުގަ ހިނގާކަށް. މިއީވެސް ރައްޓެއްސެއް އަރާތަން ފެނިގެން ޓްރައިކޮށްލާ ހިތުން އުޅުނީމަ އޭނަ ދިން ފައިވާނެއް. ޝީ އިޒް ޕްރިޓީ ގުޑް އެޓް އިޓް. އައި މީން.. ޝީޒް ގުޑް އެޓް އެވްރީތިންގް.. ވަރަށް ތަފާތު ކުއްޖެއް އެއީ" އައިލީން ދައްކަމުންދިޔައީ މައިރާގެ ވާހަކަ ނަމަވެސް ނަދާލްއަށް އެކަމެއް ނޭނގެ އެވެ.

"ލޫނާއަށް ވަރަށް ކަމުދާ ފްރެންޑެއް ކަމަށް މިބަލަނީ" ރާޅުޖަހާ ފަށުގައި ހިނގަމުންދިޔަ އައިލީން މޫދާ ދުރުކޮށްލުމަށްފަހު ނަދާލް އައިލީންއާއި މޫދާ ދެމެދަށް ހުރަސްވެލި އެވެ.

"ޔެސް. އަދި ދިމާވިތާ އެހާ ދުވަހެއްނުވޭ. އެކަމަކު ބައެއް މީހުން ތިބެއެއްނު ފުރަތަމަ ވާހަކަދައްކާލާއިރުވެސް ކަނެކްޓްވާ ގޮތެއް ހުންނަ މީހުން. ޝީ އިޒް ލައިކް ދެޓް. އަދި އެނގޭތަ ވަރަށް އެޑްވެންޗަރަސް ވާނެ." އައިލީން ވާހަކައަށް ގެއްލިފައިހުރެ ވައިގެ ތެރޭގައި ނަށަމުންދިޔަ އޭނާގެ ބުޅި އިސްތަށިގަނޑު، ހެދުމުން ނައްޓައިލި ކަކުނި ދައްޗެއްގެ އެހީގައި ހައްޔަރު ކޮށްލެވޭތޯ މަސައްކަތްކުރި އެވެ.

"ލެޓް އިޓް ބީ" ނަދާލްއަށް އައިލީންގެ އަތުގައި ހިފެހެއްޓުނެވެ. ބޭއިޙްތިޔާރުގަ އެވެ. އިސްތަށިގަނޑު ދޫކޮށްލާފަ އޮންނައިރު ލޫނާއާ މާ ގުޅޭ” ނަދާލްގެ ދުލުން އެ ބަސްތައްވެސް ބޭރުވީވެސް ހަމަ ބޭއިޚްތިޔާރުގައެވެ. ނަދާލް އެފަދަ ފާޅުކަންބޮޑު ގޮތަކަށް ތައުރީފެއް ކުރުމުން އާދައިގެ މަތިން އައިލީންގެ މޫނަށް ލަދުން ޖަންބުކުލަ ވެރިވި އެވެ. އެކަން ނަދާލްއަށް ބޭޒާރުވިޔަ ނުދިނުމަށްޓަކައި އައިލީން އަވަސްއަވަހަށް ކުރިން ދައްކަމުންދިޔަ ވާހަކައާ ގުޅުވައި ނަދާލްއާ ސުވާލެއްކޮށްލި އެވެ.

"ނަދާލްގެ ލައިފްގަ ނުހުރޭތަ.. ނަދާލްއާ އެގޮތަށް ކަނެކްޓް ވާ ގާތް މީހެއް؟" އައިލީންގެ ސުވާލާމެދު ވިސްނައިލުމަށް ނަދާލްއަށް ވަގުތުކޮޅެއް ބޭނުންވި އެވެ.

"ކާފަ" ނަދާލްގެ އަޑު މަޑެވެ. "އަހަރެންނާ އެންމެ ކަނެކްޓްވި މީހަކީ ކާފަ.. އަދި އަހަރެންގެ ލައިފްގަ މިހާތަނަށް އެންމެ ހިތްވަރުގަދަ އެންމެ ދުރުވިސްނޭ މީހަކަށްވެސް ފެނުނީ ކާފަ. ކާފަ އަހަރެން އަމިއްލަ އާއިލާއެއްގެ ގޮތުގަ ބަލައިގަނެ.. އަހަރެންނަށް މުޅިން އާ ދިރިއުޅުމެއް ފަށާނެ ފުރުސަތު ނުދިންނަމަ އަހަރެން މިއަދު އެއްވެސް މީހަކަށް ނުވާނެ.. ލޫނާ.. އަހަރެމެންގެ އާއިލީ ވިޔަފާރިއަކީ ކާފަގެ ދަލާއި ލޭ އޮޙޮރުވައިގެން... މުޅި އުމުރު އެކަމަކަށް ހުސްކޮށްލައިގެން ކޮޅަށް ޖެހި ވިޔަފާރިއެއް.. އިޓްސް ހިޒް ލެގަސީ.. އަހަރެން ވަރަށް ބޭނުން ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމަށް ވާސިލްވެ، ކާފަގެ ލެގަސީ ކޮންޓިނިއުކުރަން"

"އިރާދަކުރެއްވިއްޔާ ނަދާލްއަށް ތި ކަންތައް ކާމިޔާބުވާނެ" އައިލީން ހިތްވަރުދިނެވެ. "އެކަމަކު. އަހަރެން އަސްލު ހިތަށް އަރާ ކީއްވެހޭ ފުޑް އިންޑަސްޓްރީ ޗޫޒްކުރީ.. ކިޔާތީ އަޑުއަހަން ފުޑް އިންޑަސްޓްރީއަކީ ވިޔަފާރީގަ އެންމެ ރިސްކީ އަދި އެންމެ މަސައްކަތް ބުރަ އެއް އިންޑަސްޓްރީކަމަށް.." އައިލީންގެ ވާހަކައިން މިފަހަރު ނަދާލްގެ ގާތަށް ހިނި އައެވެ. "ލޫނާއަށް އެނގޭތަ ބޭސިކް ހިއުމަން ނީޑްސް ގެ ގޮތުގަ މިކިޔާ ތިނެއްޗަކީ ކޮބާކަން؟" އޭނާ އަހައިލި އެވެ.

"އޮކްސިޖަން. ވޯޓަރ.. ފުޑް" އައިލީން ފަސޭހަކަމާއެކު ޖަވާބުދިނެވެ. އޭނާގެ ނަޒަރުގައި ނަދާލް ކުރީ ތާކުންތާކު ނުޖެހޭ ސުވާލެކެވެ.

"ފުޑް. ޝެލްޓަރ. އެންޑް ކްލޯތިންގް" ނަދާލް އެ ޖަވާބު ފުރިހަމަ ކޮށްދިނެވެ. "ބުނަން މި އުޅޭ ވާހަކައަކީ.. އިފް ޔޫ ނޯ ހައު ޓު ޓްރާންސްފޯމް ދީސް ނީޑްސް އިންޓު އެން އޮޕޯޗުނިޓީ... ސަކްސެސް އިޒް ޖަސްޓް އެޓް އެން އާރމްސް ލެންތް. އަހަރެން ދެކޭގޮތުގަ މިކަހަލަ މާކެޓްތަކުގަ ހުންނާނެ އެއްސިފައެއް... މާކެޓްގެ ޓޯޓަލް ޑިމާންޑް ދުވަހަކުވެސް ދަށެއް ނުވާނެ. ކުރަން ޖެހޭނެހާވެސް ކަމަކީ ވިޔަފާރިއަށް އެ މާކެޓުން ޖާގައެއް ހޯދުން.. އޮފްކޯސް އެއީ ފަސޭހަކަމެއް ނޫން.. ލީން ތި ބުނިހެން މިއީ މަސައްކަތް ބުރަ އިންޑަސްޓްރީއެއް މީ.. ވިޔަފާރި ކާމިޔާބޭ ކިޔާފަ ހިންދަމާލައިގެން ނުހުރެވޭނެ.. އަބަދުވެސް މިކަމުގެ ތެރޭގަ އުޅެންޖެހޭނީ.. ބޭނުންވާ އިންގްރިޑިއެންޓްސް، ޑޭ-ޓު-ޑޭ ކޭޝް، ސަޕްލައިޒް، މި ހުރިހާ ކަމެއްގަވެސް ސައިކަލް ވަރަށް ފްރީކުއެންޓް ވާނެތާ ބައެއް އެހެން ވިޔަފާރިތަކަށްވުރެ.. ޕްލަސް އަހަރުމެންގެ ޑިޝްތަކަކީ އެންމެ ސްކިލްޑް ޝެފުން ލައްވާ އޮތެންޓިކް ސްޓައިލްގަ ތައްޔާރުކޮށްގެން ކަސްޓަމަރާ ހިސާބަށް ގެންދާ ޑިޝްތައް.. އެހެންވީމަ އަހަރުމެންނަކަށް ނޯވޭ މެޝިންތައް ލައިގެން މާބޮޑަކަށް ކަންކަން އޮޓޮމެޓިކް ކުރެވޭކަށް" ނަދާލްގެ ވާހަކައިން އައިލީންއަށް ދޭހަވީ ވިޔަފާރީގެ ދުނިޔެއަށް ނަދާލްގެ ލޯ ހުޅުވިފައިވާ މިންވަރެވެ.

"ޔަޕް.. މިހާރު ގަބޫލު ކުރެވިއްޖެ ނަދާލް ރޭގަ ސަޅިބައިސާ ކެނޑީކީ ނޫންކަން.. ޔޫ ޑެފިނިޓްލީ ސައުންޑް ލައިކް އަ ބިޒްނަސްމޭން. އަހަހަ" އައިލީންގެ ހުނުމުގައި ނަދާލްވެސް ބައިވެރިވި އެވެ.

"މިހެން ވިޔަފާރިއާގުޅޭ ބޯރިންގް ވާހަކަތައް ދައްކަންޏާ ލޫނާ އަހަރެންދެކެ ފޫހިވާނީ.. އެހެންވީމަ އެވާހަކަ ބާއްވަމާ. ރޭގަވެސް މިރޭވެސް މި ދެއްކެނީ ހުސް އަހަރެންގެ ވާހަކަ. ލޫނާގެ އެއްވެސް ވާހަކައެއް އަހަރެންނަކަށް ނޭނގެއެއްނު." ނަދާލް ބުންޏެވެ.

"އަހަރެން ދޯ.. އަހަރެންގެ ލައިފްގަ މާ ޑްރެމެޓިކް ސްޓޯރީއެއް ނެތް. މައިންބަފައިން ދުނިޔޭގަ އެބަތިބި އެކަމަކު ޑިވޯރސްޑް. އަހަރެން ވަރަށް ކުޑައިރު ދެމީހުންވެސް އިތުރު ކައިވެންޏެއް ކޮށްގެން ބީރައްޓެހި ރަށްރަށަށް ބަދަލުވީ. ފުރަތަމަ އަހަރެން އުޅުނީ މަންމަ ކައިރީގަ. މަންމައަށް އިތުރު ދެކުދިން ލިބުނު ހިސާބުން ކުއްލިއަކަށް ހީވާންފެށީ އަހަރެންނާހެދި މަންމަގެ ދިރިއުޅުމުގެ ކުނިޖެހެން ފަށައިފިޔޭ. އެދުވަސްކޮޅު އިވުނީ ބޮޑުބޭބެ ނިޔާވި ހަބަރު. ބޭބެގެ އާއިލާ އުޅުނީ މާމަގާތު. ދެން ބޭބެ ނިޔާވީމަ ފަހަރިވެސް ކުޑަ ދުވަސްކޮޅަކު މާމަ ކައިރި މަޑުކޮށްފަ ކުދިން ގޮވައިގެން މާލެގޮސް އެހެން މީހަކާ އިނީ. އެހިސާބުން އަހަރެން މަންމަގާތު ބުނީ މާމަ އެކަނި އުޅޭތީ އަހަރެން އެރަށަށް ފޮނުވަދޭށޭ. މަންމަ ވަރަށް ފަސޭހައިން އެއްބަސްވި. އެ ދިޔަގޮތަށް އޯލެވެލް ނިމެންދެން ރަށުގަ އުޅުނީ. ދެން އަހަރެންގެ ކަޒިންއެއް.. މިބުނީ ނިޔާވި ބޮޑުބޭބެގެ ދަރިއެއް އުޅޭނެ ޕޮލިހުގަ. ޓްރެއިނިންގް ނިންމާފަ ހީ ވޯޒް އެސައިންޑް ރަށަށް. ދެން އޭނަ ރަށަށް އައިސްފަ މާމަ ބަލަން ގެއަށް ބޭރު މީހަކު ގެނައިމަ އަހަރެން އޭލެވެލް ކިޔަވަން މާލެ ބަދަލުވީ. ހަޔަރ ސްޓަޑީޒް އާ ހިސާބުން ފައިނޭންޝަލް އިޝޫޒްއާހެދި އިތުރަށް ކުރިއަކަށް ނުދެވުނު. ސޯ ހިއަރ އައި އޭމް. ބެކް ވިތް މާމަ" އައިލީން ކުރުގޮތަކަށް އޭނާގެ ދިރިއުޅުން ގޮސްފައިވާ ހިސާބު ހުލާސާކޮށްދިނެވެ.

"ދެން ބައްޕަ ކޮބާ؟" އައިލީންގެ ވާހަކައިގައި ބައްޕަގެ ނަން ނީވޭތީ ނަދާލް ސުވާލު އުފެއްދި އެވެ.

"ނޭނގެ. ބައްޕަވެސް މަންމަވެސް ނުވެސް ގުޅާ. އެހެންވެ އަހަރެންވެސް ނޫޅެން މާވަރަކުން.. ހިއެއްނުވޭ އަހަރެންނަކީ އެމީހުންނަށް މާ މުހިއްމު މީހެއްހެން" އައިލީން ނިކަން އާދައިގެ ރާގެއްގައި ބުނި ނަމަވެސް އެވާހަކަތަކުގެ އައިލީންގެ ހިތަށް އުނދަގޫވަމުންދިޔަ މިންވަރު ނަދާލްއަށް އަންދާޒާ ކޮށްލެވުނެވެ.

"ލޫނާ.. އައިމް ސޯ ސޮރީ" މަޑުމޮޅިވެފައިހުރި އައިލީންގެ އަތުގައި ހިފައިލަމުން ނަދާލް ބުންޏެވެ.

"ކޮންކަމަކާ؟.އިޓްސް ރިއަލީ އޯކޭ" އައިލީން ހިނިތުންވެލި އެވެ.

"އިޓްސް ނޮޓް.. ތިއީ ލޫނާއަށް ހައްގު މިންވަރެއްނޫން.. ސަމްވަން ލައިކް ޔޫ ޑިޒަރވް އޯލް ދި ގުޑް ތިންގްސް އިން ދި ވޯލްޑް" ނަދާލް ބުންޏެވެ. އެ ތޫނު ނަޒަރުން ސަލާމަތްވުމަށްޓަކައި އައިލީން ދުރުދުރަށް ކަޅިއުކަން ފެށި އެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ގޮނޑުދޮށުގެ މާ ދުރުހިސާބެއް ރިހި ނޫކުލައިން ދިއްލާލައިފައިވި މަންޒަރެވެ. ލިބުނު އުފަލުގައި އައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިސާހިތަކު މީގެ މަދު އިރުކޮޅެއްގެ ކުރިން ހިއްސާކުރެވިދިޔަ ޖަޒުބާތީ ވާހަކަތައްވެސް އައިލީންގެ ހަނދާނުން ކައްސައިލި އެވެ.

"ނަދާލް އެއީ ކޯއްޗެއް؟" އައިލީން ކުއްލިއަކަށް ނަދާލްގެ އަތުގައި ހިފައި ތަޅުވައިގަތުމުން ނަދާލްވެސް ދެލޯ ކުޑަކޮށްލައި އައިލީން އެ ދައްކަމުންދިޔަ އެއްޗެއް ފެނޭތޯ ހޯދައިލި އެވެ. "ރެދަން.. ރެދަން ދޯ އެއީ.. ހިނގާބަ އެތަނަށް ޕްލީޒް ޕްލީޒް ޕްލީޒް" ނަދާލްއަށްވުރެން ކުރިން ޖަވާބުދިނީ އައިލީން އެވެ.

"އެއީ ހާދަ ދުރޭ" އައިލީންގެ މިޒާޖަށް މިއައީ ކުއްލި ޖޯޝާމެދު ހައިރާންވެފައިހުރެ ނަދާލްއަށް ބުނެވުނެވެ.

"އެހާ ދުރެއް ނޫނޭ ދެން އެއީ ހިނގާބަލަ ޕްލީޒް ނަދާލް.. އަހަރެން ދުވަހަކުވެސް ރެދަން ނުދެކެން އަދި ހަމަލޮލުން. ރަށަކަށް ރެދަނެއް ނުލައޭ.. ޕްލީޒް.. އޯކޭ ލެޓްސް ރަން. ކާކަށްތޯ ކުރިން ދެވެނީ ބަލަން.." އައިލީން ކުރު ނުކުރުމުން އެންމެފަހުން ނަދާލްއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވި އެވެ.

"އޯކޭ އޯކޭ އިފް ޔޫ އިންސިސްޓް.. އޮން އަ ކައުންޓް އޮފް ތްރީ އެނގޭ.. އަހަރެން ހެޑް ސްޓަރޓްއެއް ދޭނަން.. ވަން.. ޓޫ.. ތްރީ" ނަދާލްއަށް ފަހު ނަންބަރު ރަނގަޅަށް ނުގުނިގެން އުޅެނިކޮށް އައިލީން އެތަނުން ދުއްވައިގަނެފި އެވެ.

އައިލީންގެ ސިޔާސަކަމާމެދު ހެވިފައިހުރެ ބޯ ހޫރައިލި ނަމަވެސް ނަދާލް އައިލީންގެ ފަހަތުންދިޔަ އެވެ. ރެދަންލާފައި އޮތް ހިސާބަށް ދެވުމާއެކު އައިލީން ދޮންވެލިގަނޑުގައި ދެފަޔާއި އަތް ކާތައިފައި އުޅުނު ގޮތުން ނަދާލްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. މިއީ ހަމަ މީގެ އިރުކޮޅެއްކުރިން އެކަނިވެރިކަމުން ފުރިގެންވާ ދިރިއުޅުމެއްގެ ވާހަކަތައް އޭނާއާ ހިއްސާކުރި ކުއްޖާބާ އެވެ. ދުރުން ބަލައިލައިފި މީހަކަށް އައިލީން އެ ތަހައްމަލް ކުރަމުންދާ އެކަނިވެރިކަމުގެ ހިލަމެއްވެސް ނުވާނޭ ނަދާލްގެ ހިތަށް އެރި އެވެ. ހަމަ ގައިމުވެސް އައިލީންގެ ތުންފަތުގައި އެވަނީ މަސްނޫއީ ހިނިތުންވުމެއް ނޫނެވެ. އެކުއްޖާގެ ހިތުގައި ދިރިއުޅުމާމެދު އެއްވެސް ޝަކުވާއެއް ނުވާކަހަލަ އެވެ.

އައިލީންގެ އަތުގައި އޮތް ފޯނު ނަދާލްގެ އަތަށް ދިނުމަށްފަހުގޮސް ރެދަންތަކުގެ ތެރޭގައި ހުއްޓިލި އެވެ. ނަދާލް އައިލީން އެދުނުހެން އައިލިންގެ ދެތިން ފޮޓޯއަކާއި ވީޑިއޯއެއް ނަގައި ދިނުމަށްފަހު އައިލީންގެ އަތަށް އެ ފޯނު ގެންގޮސްދިނެވެ. އައިލީން ފަރުވާތެރިކަމާއެކު އެ ވީޑިޔޯއަށް ބަލަން ހުރިއިރު ނަދާލްއަށް ގެއްލިފައި ހުރެވުނީ އައިލީންގެ ހަރަކާތްތަކަށެވެ.

"ލޫނާ.. ސްޓޭ" ސިކުނޑިން ވިސްނައި ނުލެވޭހާ އަވަހަށް ނަދާލްގެ ހިތުގައިވި ބަސްތައް ދުލުން ބޭރުވެ ހިނގައްޖެ އެވެ. މާދަމާ ހެނދުނު އައިލީން ފުރަންޖެހޭކަމުގެ ހިޔާލުން އޭނާއަށް އުނދަގޫވީ އެވެ. މި ޖާދުލެއްފަދަ އަންހެންކުއްޖާއާ ދުރަށްދާކަށް އޭނާ އަދި ތައްޔާރެއްނޫނޭ ޟަމީރު ބުނަމުންދާކަހަލަ އެވެ.

"ތިބުނީ؟" އައިލީން ސުވާލު އުފެދިފައިހުރެ ނަދާލްގެ މޫނަށް ބަލައިލި އެވެ.

"މިބުނީ.. އެކްސްޓެންޑް ދަ ޓްރިޕް. ސްޓޭ ހިޔާ ފޯ އަ ފިއު މޯ ޑޭޒް. އޮފް ޑިއުޓީ. އޮންލީ ފަން" ނަދާލް ހުށަހެޅި އެވެ.

"އެކަމަކު.. ސްކޫލް.. އެންޑް.. އަހަރެން ކިހިނެއް އަމިއްލަ ހަރަދުގަ މިކަހަލަ ތަނެއްގަ ހުންނާނީވެސް" އައިލީން ކުޑަކޮށް ވިސްނާލައިފައި ބުންޏެވެ. އޭނާވެސް އަދި އިތުރަށް ނަދާލްއާއެކު ވަގުތު ހޭދަކޮށް ނަދާލް ދަސްކުރަން ބޭނުމެވެ. އެހެނަސް ހާލަތު އެކަމަކަށް ތަނެއް ނުދެ އެވެ.

"އަހަރެން ހަމަޖައްސަދޭނަން. އަހަރެންގެ އަތުގަ ފައިސާ އެބަހުރި ލޫނާ. ނުލިބެނީ އެ ފައިސާ ހޭދަކުރާނެ މުނާސަބު ސަބަބަކާއި ވަގުތެއް. ބަޓް އެވްރީ މިނަޓް ވިތް ޔޫ ހިޔަރ ހޭޒް ބީން ވޯތް އިޓް." އައިލީންގެ ދެކޮނޑުގައި ހިފަހައްޓައިލުމަށްފަހު ނަދާލް ވާހަކަދެއްކީ ސީދާ އައިލީންގެ ދެލޮލާ އެވެ. އައިލީންއަށް ހީވީ އޭނާގެ ބަނޑުގައި އެތައް ސަތޭކަ ކޮކާލެއް އެއްފަހަރާ އުދުހިގަތްހެނެވެ. ވަގުތުން ޖަވާބެއް ދޭން އުނދަގޫވިއެވެ. އެ ހުށަހެޅުމަށް އިންކާރުކުރުމަކީ އޭނާއަށް އޮތް އިޚްތިޔާރެއް ނޫނޭ ހިތް ބުނަމުންދިޔަ އެވެ.

"ހަމް ކައިރީގަ އަހާލަން ޖެހޭނީ" ނަދާލްގެ އެ ތޫނު ބެލުމުގެ ކުރިމަތީގައި އައިލީންއަށް އިސްޖަހައިލަން މަޖުބޫރުވި އެވެ.

"ޖަސްޓް ޓޫ މޯރ ޑޭޒް.. އޮފް ޑިއުޓީ. އޮންލީ ފަން. ޔޫ ޑިޒަރވް އިޓް" ނަދާލްގެ ތުންފަތަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ.

"ޓޫ މޯރ ޑޭޒް؟" ހަމްނާއަށް ހުރީ އަދިވެސް އައިލީން ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. ނަދާލްއާ އައިލީންގެ ދެމެދުގައި ދެ ދުވަހެއްގެ ރަހްމަތްތެރިކަމެއް އުފެދުނު ނަމަވެސް ކަންތައްތައް މިހިސާބަށް ގެންދަން ނަދާލް އުޅެފާނެއެކޭ ހަމްނާ ހިއެއް ނުކުރެއެވެ. ފުރަތަމަ ނަދާލްއާމެދު ގޯސްކޮށް ނުދެކުނު ނަމަވެސް މިހާރު ހަމްނާއަށް ނަދާލްގެ ނިޔަތާމެދު ޝައްކުވާން ފަށައިފި އެވެ.

"ޔެސް. ބުނީ ހުރިހާ ހަރަދެއް ކޮށްދޭނަމޯ" އައިލީން ބުންޏެވެ.

"ތިކަން އޮތީ ތިހެން.. އެކަމަކު ސްކޫލް؟" ހަމްނާއަށް އަހައިލެވުނެވެ.

"ސްކޫލުން އަޅާލާނެހެން ހިއެއްނުވޭ… އަހަރެން މީ ދާއިމީ މުވައްޒަފެއްވެސް ނޫނެއްނު. ދެން އެހެންނޫނަސް ސްކޫލް ބަންދުވެސް ދުވަސްކޮޅެއްނު މީ" އައިލީން ބުންޏެވެ.

"ދެން ލީންގެ މާމައޯ؟ އިވާން އެހިއްޔާ އަހަރެން ބުނާނީ ކީކޭ؟" ހަމްނާ ކަންބޮޑުވި އެވެ.

"އިވާން ނާހާނޭ. އެހިއްޔާ ބުނޭ ލީން ކުޑަކަމެއްގަ މަޑުކޮށްލީއޭ. އަހަރެން ރަށަށް ގޮސްފަ ކޮންމެވެސް އެއްޗެކޭ ކިޔާނަން" އައިލީން ހުރީ ދިމާވެދާނެ ކޮންމެ ކަމަކަށް ތައްޔާރުވެގެން ކަހަލަ އެވެ.

"ދެން އެކަމަކު ލީން.. ލީންއަށް އެނގޭނެ އަހަރެން ލީން ނަދާލްއާ ބައްދަލުކުރަންވެސް ހިތްވަރު ދިންވަރު. މިއީ އެއްގޮތަކަށްވެސް ލީންއަށް ގޯސްކޮށް ބުނާ އެއްޗެއް ނޫން އެކަމަކު.. އަހަރެންނަކަށް ނުފެނޭ މަޑު ކުރާކަށް. އަދި ތިމީހެއްގެ ގޮތެއްވެސް އެނގެނީކީ ނޫން. ރޭގައެއްނު ލީން ބުނީވެސް އެހެން ދިމާވާ މީހުނާމެދު އުއްމީދު ކުރާކަށް ނުވާނޭ. އެހިސާބުން އެކަންތައް ނިމުނީއޭ. ކުއްލިއަކަށް ހިޔާލު ބަދަލުވީ ކީއްވެ؟" ހަމްނާ މަސައްކަތްކުރީ އައިލީންއަށް ވިސްނައިދެވޭތޯއެވެ. އެހެނަސް އުމުރާއި ވިސްނުމުގައި ހަމްނާއަށްވުރެން ހަގު އައިލީންއަށް އެއިން އެއްވެސް ކަމެއް ދޭހަވާހެނެއް ހިއެއް ނުވެ އެވެ.

"އެނގެޔޭ ހަމް އެކަމަކު.. ނަދާލްއާ އެއްކޮށް ގިނަ ވަގުތު ހޭދަކުރާ ވަރަކަށް އަހަރެންގެ ވިސްނުން ބަދަލްވޭ. އެއީ ގޯސްމީހެއް ނޫނޭ. އަހަރެންގެ އުފާވެރިކަމާމެދު ނަދާލް ވިސްނާކަން އަހަރެންނަށް ޔަގީންވޭ. އަހަރެން ބޭނުން އިތުރަށް އޭނަ ދަސްކުރަން. އަދި ނަދާލް ބުނީ އަސްލު އަހަރުމެންނަށް ނުދެވޭ ބައިވަރު ތަންތަން ހުންނާނެޔޯ މި ރިސޯޓުގަ. ކުރާނެ ބައިވަރު ކަންކަންވެސް. ޖެޓްސްކީ ރައިޑްސް.. ސްނޯކްލިން… ސަންސެޓް ކްރޫޒް. ޑޮލްފިން ޓުއާ. ހަމް.. މިއީ އަހަރެން ކަހަލަ މީހަކަށް އުމުރަކު އެއްފަހަރު ލިބޭކަހަލަ ފުރުސަތެއްނު؟ އައި ޖަސްޓް ވޯންޓް ޓު އެންޖޯއީ ކުޑަ ދުވަސްކޮޅެއް" އައިލީންގެ ވާހަކަ ހުރިގޮތުން ނަދާލްހުރީ ހަމަ ރަނގަޅަށްވެސް އައިލީންގެ ބޯ ކައިލައިފައިތާއޭ ހަމްނާގެ ހިތަށްއެރި އެވެ.

"ދެން އަހަރެންނަށް ކީކޭ ބުނެވޭނީ.. ލީންއަށް އެނގޭނީ. މާދަމާ ހެނދުނެއްނު ލާންޗު އޮތީ. އަދިވެސް ވަގުތު އެބައޮތް ލީން ތިކަމާމެދު ވިސްނަން" ހަމްނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިކަންތަކުގެ ނަތީޖާ ރަނގަޅެއްނުވާނޭ އޭނާގެ ހިތް ބުނަމުންދިޔައީ ކީއްވެކަމެއް ނޭނގުނެވެ.

----------

ފެންވަރާލައިގެން ނުކުމެ ތުވާލިން ބޯ ހިއްކަމުން ނަދާލް ލޯގަނޑުގެ ކައިރިއަށް ހުއްޓިލި އެވެ. ކައިރީގައި ބަހައްޓާފައިވާ މޮއިސްޗަރައިޒިންގް ކްރީމްފުޅިން މޫނާއި ދެއަތުގައި އުނގުޅައިލިވަގުތު ޗާރޖަށް ޖަހައިފައި އޮތް ފޯނު ރިންގުވި އަޑު އިވި އެދިމާލަށް ހިނގައިގަތެވެ. އަންނަމުންދިޔަ މައިރާގެ ކޯލު ފެނުމާއެކު ފޯނުގައި ޖައްސައިލި އިނގިލި ކަނާތަށް ކަހާލައި އެ ކޯލަށް ޖަވާބުދިނެވެ.

"ހެލޯ ކަޒިން ޑިއަރެސްޓް. ސަޕް ދެއަރ؟ އެބަ ކުރިއަށްދޭތަ؟" މައިރާއަށް އެއްޗެކޭ ނުބުނެވެނީސް ނަދާލް އަހައިލި އެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!