Episode 6
ބުނާށޭ ލޯބި ނުވަނީހޭ. (6 ވަނަބައި)
"ޔޫ ގޮޓް ޔޯސެލްފް އަ ޑޭޓް ގަލް!!! އިން ޓޫ އަވަޒް!!" ހަމްނާ ތޫލި އަޑަކުން ހަޅޭއްލަވައިގަތުމަށް ފަހު އައިލީންގެ ކޮނޑުގައި އެލިގަތެވެ. ނަމަވެސް އައިލީން އެ އަތް ދުރުކޮށްލިއެވެ.
"އަޅޭ ދެން ކިހިނެއްހަދާނީ ހަމް؟ އަހަރެންނަށް އޭނައާ ދޭތެރޭ އެހާ ގޯސްކޮށް ހީކުރެވުނީމަ ގިލްޓީ ފީލްވި ވަރުން ކަންނޭނގެ އެއްބަސްވެވުނީ. ހަމްވެސް އެވަރަށް ކީމައޭ ދެން މި އެއްބަސް ވެވުނީ. އާގްހް!!" އައިލީން ގޮތްހުސްވެފައިވާ ފަދައަކުން އެނދުގައި އިށީނދެލި އެވެ.
"ދެން ތިކަމާ ނުވިސްނާ. ލީން އަތުގަ އެބައޮތްތަ ހެދުމެއް؟ ޑޭޓް އެޕްރޮޕްރިއޭޓް. އަހަރެން އަތުގަ އޮންނާނެ ފޮޓޯ ނަގަންކަމަށް ގެނައި ދެތިން ހެދުން" ހަމްނާގެ ވިސްނުން ހުރީ އައިލީން އެރެއަށް ތައްޔާރުކުރާނެ ގޮތަކާމެދުގަ އެވެ.
"ދެން އެކަމަކު ހަމް. އަހަރެން ނުދާނަން ކަންނޭނގެ. ވޯކް ޓްރިޕެއްގަ އައިސް. ދެން ކީކޭ އަނެއް ދެ މީހުންވެސް ހިތަށް އަރާނީ" އައިލީންގެ ހިތުގައިވަނީ ނުތަނަވަސްކަމެވެ.
"ހާސްނުވެބަލަ ލީން. ދުވާލު ދޯ ވޯކް ޓައިމްއަކީ. ރޭގަނޑުމީ އަހަރުމެންގެ އޯން ޓައިމްއެއްނު؟ އެހެންނޫނަސް އަހަރުމެންނާއެކު އައި އެންމެންގެ ރޭގަނޑު ކެއުން އިންނާނީ ބުފޭ ރެސްޓޯރެންޓްގަ. ލީން ތި ދާންއުޅޭ ތަނުގައެއްނޫން. ސޯ އަހަރެން ބުނެފާނަން ލީން ބަލިވެ މިރޭ ކޮޓަރީގަ މަޑުކޮށްލީއޭ" ހަމްނާ ބުންޏެވެ. އެންމެފަހުން އައިލީންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ހިތާއި ދެކޮޅަށްވިޔަސް ނަދާލްއާ ބައްދަލުކުރަން ދިޔުމަށްޓަކައި ތައްޔާރުވާން ފެށި އެވެ.
ނަދާލް އެދުނުފަދައިން އެރޭގެ އަށެއްޖެހީ އައިލީން ރެސްޓޯރެންޓްގެ ކައުންޓަރު ކައިރީގައި ހުއްޓިލައިގެން ހުއްޓައެވެ. ނަދާލްއާ އެންމެ ފުރަތަމަ ބައްދަލުވި ޖާގައިގައެވެ. އާންމުގޮތެއްގައި ލައި އުޅޭ ޖީންސާއި ޓޮޕްގެ ބަދަލުގައި ކަކުލަށްވުރެން ދެތިން އިންޗި ތިރިއަށްހުރި ކަޅުކުލައިގެ ވައްތިރި ހެދުމެއްގައި ހުންނަން ޖެހުމުން އައިލީންއަށް އުނދަގޫވަމުންދިޔައެވެ. އެއަށްވުރެވެސް ބޮޑު ވޭނެއް ލިބެމުންދިޔައީ ހެދުމާއި ގުޅޭނެހެން އަރައިގެންހުރި ކަޅުކުލައިގެ އުސްފައިވާނުގެ ސަބަބުންނެވެ.
"އާހް… މި ހަމްގެ ކަންތަކޭ މިއީ" ހަމްނާ މިރޭ އޭނާ ތައްޔާރުކޮށްދިން ގޮތާމެދު ކުދިކިޔަމުން އައިލީން ވަށައިގެން ހޯދައިލިއެވެ. ތަންކޮޅެއް ދުރުމޭޒެއްގައި އިން ނަދާލް ހަނާ އަޅައިލިތަންފެނި އައިލީން އެދިމާލަށް ހިނގައިގަތެވެ. ކުރިއަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ތެޅުން އިހުނަށްވުރެން އަވަސްވާހެން އައިލީންއަށް ހީވަމުންދިޔައެވެ. އެ ހިތުގެ ތެޅުމުގެ އަޑު އޭނާއަށް އިވެމުންދިޔައީ ރެސްޓޯރެންޓްގައި ޖަހައިފައިހުރި ލުއި މިއުޒިކުގެ އަޑަށްވުރެވެސް ބާރަށެވެ.
އައިލީންއަށް މޭޒާ ގާތަށް ދެވުމުން ނަދާލް އިށީނދެ އިން ގޮނޑިން ތެދުވެގެން އައިސް އައިލީން އިށީނުމަށްޓަކައި މޭޒުގެ އަނެއްފަރާތުގައިހުރި ގޮނޑި ދުރުކޮށްލައިދިނެވެ. ކުރެވުނު ހާއްސަ އިހުސާސުން އައިލީންގެ ތުންފަތަށް ބޭއިޚްތިޔާރުގައި ހިނިތުންވުމަކުން ދެމިލިއެވެ.
"ތޭންކްޔޫ ފޯރ ކަމިންގް.. ކޯއްޗެއް ކާނީ؟" ނަދާލް އަލުންގޮސް ގޮނޑީގައި ހަމަޖެހިލިއެވެ.
"ތިހާ ފޯމަލް ނުވިޔަސް އޯކޭވާނެ.. މިހާރު ހީވަނީ ބިޒްނަސް މީޓިންގްއެއްހެން" ނަދާލްގެ ދެލޮލާއި ނަޒަރު ސީދާވެލިހިނދު އައިލީންގެ ހިތުގައި އުފެދުނު ނުތަނަވަސްކަން ފޮރުވޭތޯ މަސައްކަތްކުރަމުން ބުންޏެވެ.
"ސޮރީ.. އިޓްސް ޖަސްޓް އަ ހެބިޓް.. ކޯއްޗެއް ކާނީ؟" ނަދާލް މިފަހަރު އަހައިލީ އެކުވެރި ރާގެއްގައެވެ.
"ކޮންމެ އެއްޗެއްވެސް ރަނގަޅުވާނެ. މާ ގިނައިން ކާނެ ވަގުތެއް ނެތެއްނު. ބައި ގަޑިއިރު އެނގޭ ލިބޭނީ" އައިލީން މަޒާޖީ ގޮތަކަށް ބުންޏެވެ. ނަދާލްވެސް އޭނާއަށް ކަމޭހިތާކަން އިހުސާސްވަމުންދާތީ އެއީ ކޮންމެ ގޮތަކަށް ރޭވުނު ބައްދަލުވުމެއް ކަމަށްވިޔަސް އެރޭ ނަދާލްއާ ހިތްހެޔޮކަމާއެކު ވާހަކަދެއްކުމަށް އައިލީންގެ ހިތުލިއެވެ.
"ނަސީބެއްތާ އަހަރެން ކުރީބައިގަ އޯޑާ ދިންކަން. ޔޫ ކޭން ހޭވް ދި ސްޓަރޓަރޒް.." މޭޒުމަތީގައި ބަހައްޓައިފައިހުރި ތައްޓަކަށް އިޝާރާތްކޮށްލަމުން ނަދާލް ބުންޏެވެ. އައިލީން މަޑުމަޑުން ބޯ ހޫރައިލުމަށްފަހު އެ ކެއުމުން މަނާވެގަތެވެ. އެހާ ހިސާބުން ދެމީހުންނަށްވެސް ތިބެވުނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އެ ހަމަހިމޭންކަމުގެ ސުކޫތުގައި އައިލީން ހިތް އަވަސްވެފައި އިނދެ އުނގުމަތީގައި އޮތް ދަބަހުގެ ވާގަނޑާއި ކުޅެލަކުޅެލައި އިންއިރު ނަދާލްއަށް އިނދެވުނީ ކަޅި ޖަހާނުލައި އައިލީންއަށް ބަލަހައްޓައިގެނެވެ. ކަޅު ރޭގަނޑެއްފަދަ ފަން އިސްތަށިގަނޑުގެ ހިޔަލުގައިވާ އައިލީން ދޮންމޫނު ނަދާލްއަށް ސިފަވަމުންދިޔައީ ސާދަވިލޭރޭގެ ހަނދެއްހާ ފުރިހަމަކޮށެވެ. ރަތް ފިނިފެންމަލެއްފަދަ ތުންފަތާއި މޭޒުމަތީގައިވާ އުއްބަތީގެ އަލިން ވިދަމުންދިޔަ ކަޅުކަންގަދަ ދެލޮލަށް ނަދާލްގެ ހިތުން ތައުރީފު އޮހެންފެށިއެވެ. އިސްޖަހާލައިގެން އިން ނަމަވެސް ނަދާލްގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން އައިލީންއަށް އިހުސާސްކުރެވެމުންދިޔައެވެ. އެގޮތުގައި ގިނަ ވަގުތު ހޭދަވެއްޖެނަމަ އެ މޫނުގެ ޖަންބު ކުލަވަރު ނަދާލްއަށް ބޭޒާރުވެދާނެ ކަމުގެ ބިރުގައި އައިލީން އަވަހަށް ވާހަކަ ދެއްކި އެވެ.
"ބާކީ ފަންސަވީސް މިނަޓް" ނަދާލް ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެންދިޔައެވެ. އައިލީން އެބުނި އެއްޗެއް ދޭހަކުރަން ނޭނގިފައި އިނދެ ނަދާލް އަނގަ ހުޅުވައިލި ވަގުތު އައިލީން ދޭންބުނި ބައި ގަޑިއިރުގެ މަތިން ހަނދާންވެ އަނެއްކާވެސް ހިނިތުންވެލަމުން އަނގަ ލައްޕައިލި އެވެ.
"ފަންސަވީސް މިނަޓުން ފުދޭނީ ކިހިނެއް؟" ނަދާލް އަހައިލިއެވެ.
"ތިބުނީ؟" އައިލީންގެ ދެބުމަ ގޮށްޖެހުނެވެ.
"މިބުނީ.. ފުރަތަމަ ގަޑި ކީ އިރަކު އަހަރެންނަކަށް ނޭނގެ ކިހާ ރީތިކުއްޖަކަށްކަމެއް މި ގަޑި ކިޔުނީ" ނަދާލްގެ ތޫނު ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އައިލީންގެ ދެލޮލާ ވަކިނުވެ އެވެ.
"ތިވަރަށް ހުޝާމަތު ކުރުމަކީ އަހަރެން ވަރަށް ލަދުގަންނަ ކަމެއް" އައިލީން ދިނީ ސީދާ ސާދާ ޖަވާބެކެވެ. ހިތުގައި އުފެދޭ ޝުއޫރުތައް ފާޅުނުކޮށް ހުރުމަކީ އެއްވެސް އިރެއްގައި އައިލީންގެ ގޮތެއްނޫނެވެ.
"އޯކޭ އޯކޭ. އެހެންވިއްޔާ މި ވަގުތައް މި ހުއްޓާލީ.. ދެން އެހެން ވާހަކައެއް ދައްކަމާ. ލީން މިކޮޅުގަ ކީއްކުރަނީ؟ މިއަދު އެއްކޮށް ސްކޫލްކުދިންތަކެއް ގޮވައިގެން އުޅުނުތަން ފެނުނީ. ފުރަތަމަ އަހަރެން ހީކުރީވެސް ސްކޫލް ކުއްޖެއްކަމަށް"
"ހަހަ ފަނީ.. ރަށު ސްކޫލްގަ ވަގުތީ އިންގްލިޝް ޓީޗަރަކަށް އަހަރެން އުޅެނީ. ދެން ޓީޓީ ޓްރިޕަށް އަންނާނެ ޓީޗަރުން ހަމަނުވީމަ.. ދެދުވަހަށް މިއައީ.." އައިލީން ޖަވާބުދިނެވެ.
"ޓީޗަރެކޭ؟ ނުވާނެ އެހެނެއް.. ހައު އޯލްޑް އާރ ޔޫ" އައިލީންގެ ވާހަކައަށް ނިސްބަތްކޮށް ނަދާލްއަށް އަހައިލެވުނެވެ.
"ވިހި އަހަރު" އައިލީން ޖަވާބުދިނެވެ.
"ވާއު" ނަދާލްގެ ފަރާތުން ފެނުނީ ހައިރާންކަމެވެ. އައިލީންގެ މޫނުގައިވާ މައުސޫމުކަން އޭނާއަށް އެކުއްޖާގެ އުމުރުގެ ހަގުކަން ބުނެދެމުން ދިޔަނަމަވެސް އައިލީންއަށް ވާނީ އަދި އެންމެ ވިހި އަހަރުކަމަކަށް އޭނާ ހިއެއްނުކުރެ އެވެ.
"ކިހިނެއްވީ؟" ނަދާލްގެ މޫނަށް ވެރިވި ހާސްކަންފެނި އައިލީންއަށް އަހައިލެވުނެވެ.
"ލީން އަދި ޓީޗަރަކަށް ވާން މާ ކުޑައެއްނު" ނަދާލްގެ އަޑަށް ވެރިކުރުވި ސަމާސާ ރާގުން މޫނުމަތީގައިވި ހައިރާންކަން ފިލުވައިލިއެވެ.
"ދެން ތިބުނީ ޓީޗަރުންނަށް ވެވޭނީ މުސްކުޅިންނަށޭތަ؟" އައިލީން ކަޅި އަނބުރައިލަމުން ބުންޏެވެ.
"ނޫން އެހެނެއް ނޫން" ނަދާލް އަވަސްއަވަހަށް ބޯ ހޫރައިލިއެވެ. "ދެން އައިލީން އެބައޮތްތަ.. އަހަރެންނާ ކުރަން ބޭނުންވާ ސުވާލެއް؟"
"ހްމްމް. އަހަރެންވެސް ނެތް އަހާނެ މާ ގިނަ ސުވާލެއް. ނަދާލް މިކޮޅުގަ ކީއްކުރަނީ. ޗުއްޓީއަށްތަ؟"
"ލެޓްސް ޖަސްޓް ސޭ އައިމް ހިޔަރ ފޯރ ބިޒްނަސް"
"ބިޒްނަސް؟"
"ހްމްމް. މައި ފެމިލީ ވޯކްސް އިން ފުޑް އެންޑް ކޭޓެރިންގް. ވީ އޮޕެރޭޓް އަ ކަޕްލް އޮފް އިޓާލިއަން ރެސްޓޯރަންޓްސް އަރައުންޑް މޯލްޑިވްސް. އިންކްލޫޑިންގް ދިސް ވަން. ސޯ ހަމަ އައުޓްލެޓަކަށް ކުރި ރޭންޑަމް ވިޒިޓެއް ކަމަށް ނިންމަމާ" ނަދާލް ހުލާސާ ކޮށްދިނެވެ.
"މި…މިއީ ނަދާލްގެ އަމިއްލަ ރެސްޓޯރެންޓެއް؟" އައިލީންއަށް ލިބުނީ ހައިރާންކަމެކެވެ.
"ނޫންނޫން. އަހަރެންގެއެއް ނޫން. އަހަރެންގެ ފެމިލީގެ" ނަދާލް ބުންޏެވެ. އައިލީންއަށް އިނދެވުނީ ހިނިގަނޑު ހިފަހައްޓައިލައިގެނެވެ. ނަދާލްއަށް އައިލީންގެ މޫނުމަތި ފެނި އައިލީން މިފަހަރުވެސް އޭނާގެ ވާހަކަ ގަބޫލު ނުކުރާކަން އެނގުނެވެ. "ވެއިޓް.. ޔޫ ޑޯންޓް ބިލީވް މީ ޑޫ ޔޫ؟"
"ދޮގު ނުހަދާ ބުނަންޏާ އެންމެ ފުރަތަމަ ކަމަކަށް އަހަރެންނަށް ގަބޫލެއް ނުކުރެވޭ ނަދާލްގެ ނަންވެސް. ދެން އަހަރެން މިވީ މިހާރު ނަދާލް ތިއީ މަހުޖަނެއްކަމަށް ގަބޫލުކުރަންތަ؟"
"ދެން ތިވަރުން ތި ޖެހުނީ ކިޔާދޭންތާ ދޯ؟ އަސްލުވެސް އަހަރެންނަކީ ރާއްޖެ މީހެއް.. އެކަމަކު ނަސްލަށް ބަލަންޏާ އަހަރެންނަކީ ދިވެއްސެއްނޫން.. އަހަރެން ރާއްޖެއައީ އުމުރުން ދިހަ އަހަރުގަ. ބަޓް މައި މަދަރ އިޒް.." ނަދާލްގެ ވާހަކަ އެހިސާބަށް ދިޔަ ވަގުތު ކާއެއްޗެހި ހިފައިގެން އައި ހަތަރު ސާރވަރުންނާއެކު ރެސްޓޯރެންޓްގެ ޝެފް އެ މޭޒުގެ ކައިރިއަށް ހުއްޓިލައިފިއެވެ.
"ގުޑް އީވްނިންގް ސަރ.. ގުޑް އީވްނިންގް މޭމް.. ސްޕެރިއާމޯ ކެ އިލް ޗީބޯ ތި ޕިއަރޗާ..' ޝެފް އިޓަލީބަހުން ދެއްކި ވާހަކައަށް ނަދާލް ހިނިތުންވެލި ގޮތުން އޭނާއަށް އެ ކީ އެއްޗެއް ހަމަ އެނގުނީބާއޭ އައިލީންގެ ހިތަށް އެރި އެވެ.
"ނެސުން ޑޫބިއޯ ސު ކުއެސްތޯ. ގްރާސިއާ މީލާ އަލްބަރތޯ" އައިލީންގެ ހައިރާންކަން އިތުރުވީ ނަދާލްވެސް އެ ޝެފާ ހަމަ އެ ބަހުން ވާހަކަދެއްކުމުންނެވެ. ނަދާލްއާ އިތުރު ވާހަކަތަކެއް ދެއްކުމަށްފަހު އައިލީންއަށް ހިނިތުންވެލާފައި އެ ޝެފް އެތަނުން ދިޔައިރުވެސް އައިލީންއަށް ލިބުނު ހައިރާންކަންމަތީ ގަނޑުވެފައި އިނދެވުނީއެވެ. އޭނާއަށް އެސްފިޔަ ޖަހައިލަންވެސް އެނގުނީ އަނެއްކާވެސް ނަދާލް އޭނާއާ ވާހަކަދައްކަން ފެށުމުންނެވެ.
"ސޯ އޭރު ކީކޭތަ ކިއީ؟ އަމް ޔެސް.. އަހަރެން ރާއްޖެއައީ އުމުރުން ދިހަ އަހަރުގަ. އަސްލު މައި މަދަރ އިޒް—"
"އިޓާލިއަން" ފެނި އިވުނު މަންޒަރުތަކަށް ބަލައި ނަދާލްގެ ޖުމްލަ ފުރިހަމަކޮށްދިނީ އައިލީންއެވެ.
"ބިންގޯ!" ނަދާލް ބޯޖަހައިލިއެވެ. "ދެން ތިބުނާ "މަހުޖަން" ގެ ބައި އެކްސްޕްލެއިން ކޮށްދެވެން އޮތީ ކުޑަކޮށް ޓްރެޖިކް ގޮތަކަށް. އެވާހަކަ އެހެން ފަހަރަކަށް ބާއްވާފަ ދެން ކާން އުޅެމާ.. ހައުޒް ދަ ފުޑް؟ މީރުތަ؟" އައިލީންއަށް މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެއްސަށް ސަމާލުކަންދެވޭވަރުވީ ނަދާލް އެ ސުވާލުކޮށްލުމުންނެވެ. އަވަސް ނޭވާއެއް ދޫކޮށްލުމަށްފަހު މޭޒުމަތީގައި އޮތް އޫ ނަގައި އެންމެފުރަތަމަ ޖެހުނު ތަށިން ރަހަބަލައިލިއެވެ. އޭގައިހުރީ ޒާތެއްގެ ސްޕެގެޓީއެކެވެ. އޭގެ ރަހަ އަނގައިގެ ތެރެއަށް ފެތުރިގަތްވަގުތު އައިލީންއަށް ދެލޯ މަރައިލަމުން ހިނިތުންވެލެވުނެވެ.
"ހްމްމް. އިޓްސް ގޫޑް" އައިލީން ދެލޯ ހުޅުވައިލިއިރު ނަދާލް ނުކަން ހެވިފައި އައިލީންއަށް ބަލަހައްޓައިގެން އިނެވެ. ނަމަވެސް މިފަހަރު އައިލީން އެކަމާ ފަރުވާލެއް ނުބަހައްޓައެވެ. "ވަރަށް ވަރަށް މީރު. އެކަމަކު މިއީ ހާދަ އެއްޗެއްސެކޭ. ކިހިނެއް މި ހުރިހާ އެއްޗެއް ކާނީ؟" މޭޒުމަތީގައި އަތުރާފައިހުރި ތަށިތަކަށް ބަލައިލަމުން އައިލީން ބުންޏެވެ.
"އަހަރެންނަކަށް ނޭނގެ ލީން ލައިކްވާނީ ކޯއްޗެއް ކަމެއް. ފަސްޓް އިމްޕްރެޝަން ރަނގަޅުކުރަން ބޭނުންވެފަހުރި ވަރުން އައި އޯޑަރޑް ހާފް އޮފް ދި މެނިއު" ނަދާލް ޖެހިލުންވުމަކާނުލައި ބުންޏެވެ.
"ވަޓް؟" އައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނަދާލް ފަހަރަކު ތައްޓަކަށް އިޝާރާތްކޮށްލަމުން އެތަނުގައި ހުރި ކާއެއްޗެހީގެ ތަޢާރަފު ދެމުންދިޔައެވެ. އެއިން ގިނަ ނަންތަކަކީ އައިލީންއަށް ބީރައްޓެހި ނަންތަކެއް ކަމަށްވިޔަސް ނަދާލްގެ ދުލަށް އެ ނަންތައް ފަރިތަވެފައިވާ މިންވަރުން އެ ކާއެއްޗެހި ތައްޔާރުކުރި ޝެފަކީވެސް ޙުދު ނަދާލްއޭ އައިލީންއަށް ހީވާކަހަލައެވެ. ނަދާލްއާއެކު ހޭދަކުރަން ވައުދުވި ބައި ގަޑިއިރުގެ ބަދަލުގައި އެއްގަޑިއިރަށް ދިގުދެމިގެންދިޔަ އެ ބައްދަލުވުމުގެ ބާކީބައިގައި ދެފަރާތުގެވެސް މާގިނަ ޒާތީ ވާހަކަތަކެއް ނުދެކެވެއެވެ. އެހެނަސް އެދެމީހުންގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރި ހިނިތުންވުން ހެކިދެނީ އެ ދެމީހުންނަށްވެސް އެކަކު އަނެކެއްގެ މިޒާޖާއި ސިފަތައް ކަމުދިޔަކަމެވެ. އެނގުމަކާނުލައި ނަދާލްގެ އެ ހިތްގައިމު އަޑާއި ހިނިތުންވުމަށް އައިލީންގެ ހިތް ދޫވެގެންދިޔައިރު އައިލީންގެ މައުސޫމުކަމާއި ސާދާކަން ނަދާލްގެ ހިތުންވެސް ޖާގައެއް ހޯދައިފިކަން ކަށަވަރެވެ.
ކެއުން ނިންމައިލުމަށްފަހު އައިލީން ހުންނަ ކޮޓަރިއާ ހިސާބަށް އައިލީން ގެނެސްދިނުމަށް ނަދާލްވެސް އައެވެ. ބަގީއެއްގައި އެ ސަރަހައްދަށް ދާން ނައްޓައިލި ވަގުތު ނަދާލް އެ މުޅިރޭ އޭނާގެ ހިތުގައި އުފެދެމުން އައި ސުވާލު އައިލީންއާ ކޮށްލިއެވެ. "މާދަމާރޭ ފްރީ ވާނެތަ؟"
"ކިހިނެއްވީ؟ އަނެއްކާވެސް ޑޭޓްއެއް ޕްލޭން ކުރަންވެގެންތަ؟" އައިލީން ޖެއްސުމުގެ ރާގެއްގައި އެއްސެވެ.
"ކުރުމަކީ ގޯހެއްތަ؟ ހައު ވެލް އާރ ޔޫ ލައިކިންގް ދިސް ވަން ސޯ ފާރ؟" ނަދާލްވެސް މިފަހަރު އައިލީންއަކަށް ދުލެއްނުދިނެވެ.
"ހްމްމް. އަހަރެން ދޭނީ.... ދިހައަކުން އަށެއް" އައިލީންގެ ޖަވާބާއެކު ނަދާލްގެ ލުއި ހީނލުމުގެ އަޑުއިވުނެވެ. އެ އަޑުން އެކަނިވެސް އައިލީންގެ ހިތް ފުރިދާހާވެއެވެ.
"ރިއަލީ؟ އެއިޓް؟ ބިއުޓިފުލް ނައިޓް. ޕަރފެކްޓް ލައިޓިންގް. އެކްސެލެންޓް ފުޑް އިން އެން އޯވަރ ވޯޓަރ ލަގްޜަރީ ރެސްޓޯރަންޓް. އަދި އެންމެ މުހިއްމު ކަމަކަށް އަ ގޯޖަސް މޭން ސިޓިންގް އިންފްރަންޓް އޮފް ޔޫ. ޑޫ ޔޫ ތިންކް އެނީވަން ކޭން ޓޮޕް ދިސް؟" ނަދާލް ސާބިތުކަމާއެކު އަހައިލިއެވެ.
"ހާދަ އީގޯވެސް ބޮޑޭ ދޯ. ބައެއް މީހުންނަށް އަރާފަ އޮންނަ އޮޅުމެއް ކަންނޭނގެ އަގު ބޮޑެތިހާ އެއްޗެއްސާ ކަންކަމަކީ އެންމެ ޕާރފެކްޓް އެއްޗެއްސޭ. ނޫނީ ކަންކަމޭ. ކިޔާތީ އަހަން ދުނިޔޭގެ އެންމެ ރޮމޭންޓިކް މީހުނަކީ އިޓަލީ މީހުނޭވެސް. ނަދާލްގެ ތި ހުންނަނީ އެހެންވީމަ ދިވެހީންގެ ގޮތްތާ ދޯ؟ ތިއަށްވުރެން ތަންކޮޅެއް ކްރިއޭޓިވް ވާން ވެއްޖެއެއްނު؟"
"ޓޫޗޭ! ސޯ އަނެއްކާވެސް ފުރަތަމަ ކުރި ސުވާލަށް ދަމާ. ލީން ކޮން އިރަކުން ފުރަނީ؟ މާދަމާ ފްރީ ވާނެތަ؟" އައިލީން ބަގީއިން ފޭބި ވަގުތު ނަދާލް އަނެއްކާވެސް އަހައިލިއެވެ.
"މޭބީ.. މޭބީ ނޮޓް.. ވީ ވިލް ސީ" ނަދާލްއަށް ފަސްދިނުމަށްފަހު ކޮޓަރިއަށް ވަނުމަށްޓަކައި ދުއްވައިގަތުމުގެ ކުރިން އައިލީން ޖަވާބުދިނެވެ. އައިލީން ގޮސް ކޮޓަރިއަށް ވަނުމާއެކު ބަގީ އެތަނުން ނައްޓާލައިފިއެވެ.
ފަނޑުއައްޔަކުން ދިއްލާލެވިފައިވާ ކޮޓަރީގެ ތެރެއަށް އައިލީން ވަނީ ސިއްރު ފިޔަވަޅުތަކެއްގައެވެ. ނިދިފައި އޮތް ހަމްނާއަށް އުނދަގޫނުކޮށް ފާހަނައާ ދިމާލަށް ދަނިކޮށް ކުއްލިއަކަށް މުޅި ކޮޓަރި އަލިވެގެންދިޔައެވެ. އައިލީން ބަލައިލިއިރު ކުރިން އެނދުގައި އޮށޯވެލައިގެން އޮތް ހަމްނާ މިހާރު އިނީ ތެދުވެ އިށީނދެލައިގެނެވެ. އޭނާގެ އަތުގައި ކޮޓަރީގެ ލައިޓްތައް ކޮންޓްރޯލް ކުރަމުންދިޔަ ރިމޯޓުއޮތެވެ.
"ހަމް؟ އަދިވެސް ނުނިދަންތަ؟" އައިލީންގެ ފިޔަވަޅުތަކުގެ މިސްރާބު އެނދާ ދިމާލަށް ބަދަލުކޮށްލިއެވެ.
"ނިދަން އޮތީ.. ލީން އައިހެން ހީވެގެން މި ތެދުވީ. ބުނެބަލަ. ހައު ވޯޒް ޔޯރ ޑޭޓް؟" ހަމްނާ އަހައިލިއެވެ.
"ދެން…. އެކަހަލަ ގޮތެއް" އެނދުގައި އުއްޑުން އޮށޯވެލިއިރު އައިލީންގެ ތުންފަތުގައިވި ފުޅާ ހިނިތުންވުމުން އެތަކެއް ވާހަކަތަކެއް ބުނެދެމުން ދިޔައެވެ.
"ހޫން ހޫން. އެބެފެނޭ އެނގޭ ތިވާ ގޮތްގޮތް. ދެން ކިޔާދީބަލަ. ކިހިނެއް ކިހިނެއްތަ؟" ހަމްނާގެ ޝައުގުވެރިކަން ސިއްރެއްނުވެއެވެ.
"ދެން ނޭނގެ ކިޔާދޭކަށް. ހީ އިޒް އަ ޖެންޓްލްމޭން ހަމަ ގައިމުވެސް. އެންޑް ހީ ހޭޒް ދިސް ވޭ ވިތް ވޯޑްސް. ވާހަކަދެއްކުމުގަވެސް ފާޑުވެރިގޮތެއް ހުރޭ.. ވަރަށް ޗާމިންގް.. ހަމްއަށް އެނގޭތަ؟ އަހަރެންނަށް ހީވީ ހަމަ ރަނގަޅަށް. ހީ އިޒް އިޓާލިއަން. އަދި އެނގޭތަ؟ އެ ރެސްޓޯރެންޓްވެސް އެއީ އެމީހުންގެ ތަނެކޭ" އައިލީން ކިޔައިދިނެވެ.
"ވަޓް؟ ރިޗް. ހެންޑްސަމް. އިޓާލިއަން އެންޑް ވަޓް ނޮޓް؟ ދެން ހާދަ ޑްރީމީއޭ ދޯ. އަނެއްކާ ޔަގީންތަ އިންސާނެއްކަން. ވެމްޕަޔަރެއްތަ؟ އަހަރެން އަޑުއެހިން ވެމްޕަޔަރުންވެސް ސިފަ ރީތިވެފަ މުއްސަނދިވާނެއޭ" ހަމްނާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.
"ދެން އެއްކަލަ ހަމްގަނޑު. އަހަރެންވެސް ފުރަތަމަ ހީކުރީ ތިހެނޭ. އެކަމަކު އޭނައަށް އެނގޭ އެ ރެސްޓޯރެންޓްގެ ހުރިހާ މުވައްޒަފުންވެސް. އޮން އަ ފަރސްޓް ނޭމް ބޭސިސް. ދެން އަހަރެން ޖެހޭނީ ގަބޫލު ކުރާކަށްނު. ދެން އެހެންނޫނަސް މި ކަންތައްވެސް މި ނިމުނީތާ ދޯ. ފައިނަލީ" އައިލީން އެނދުން ތެދުވަމުން ބުންޏެވެ.
"ނިމުނީއޭ؟" ހަމްނާ އަހައިލިއެވެ.
"ހްމްމް. އެހެން ދިމާވާ މީހުނާމެދު މާބޮޑު އުއްމީދެއް ކުރާކަށް ނުވާނެ އޭނަ ބުނީމަ އަހަރެން މިރޭ އޭނައާ އެއްކޮށް ޑިނަރއަކަށް ގޮސްލީ. ދެން މާދަމައަށްފަހު އަހަރެންނަށް އޭނަ ފެންނާނީކީވެސް ނޫން. ސޯ ޔާހް. ނިމުނީ" އައިލީން ފާހަނައާ ދިމާލަށް ހިނގައިގަތެވެ.
"އޯކޭ އޯކޭ. ލީން ބުނިއްޔާ ދެން މި ނިންމީ ތިހެންކަމަށް" އައިލީންގެ މޫނުމަތީގައިވި ކުލަވަރުން ބުނެދެމުންދިޔައީ އެހެން ވާހަކައެއްކަމަށް ވާތީ ހަމްނާއަށް އައިލީންގެ ބަސްތައް ގަބޫލެއް ނުކުރެވުނެވެ.
-----
"މާމަ ތި ބުނާ ފޮތެއް ނުފެނުނު. ކޮންކުލައެއްގެ ފޮތެއްކަން ހަނދާން އެބަހުރިތަ؟" އާޒިމާގެ ކޮޓަރީގައިހުރި ބޮޑު ފޮތްހަރުގަނޑު ހާވަމުންދިޔަ މައިރާ ވާހަކަދެއްކީ އެނދުގައި އިން އާޒިމާއާއެވެ. މިފަހަކަށްއައިސް ލޯބޯކޮށިވެފައިވާތީ ފޮތް ނުކިޔުނަސް އާޒިމާއަކީ އޭނާގެ ޒުވާން އުމުރުގައި ފޮތްކިޔުމަށް ލޯބިކުރި މީހެއްކަމުން އެ ކޮޓަރީގެ އެއްބިތުގައި އެކިކަހަލަ ފޮތްހުރި ހަރުގަނޑެއް ހުއްޓެވެ. މައިރާ އުޅުނީ މެންދުރު ކާގަޑި ނިންމައިލުމަށްފަހު އަރާމުކުރަން އޮށޯވެލި އާޒިމާއަށް ފޮތެއް ކިޔައިދޭށެވެ. އައިލީން ދިޔުމުން މައިރާވެސް ގިނަވަގުތު ހޭދަކުރަނީ އާޒިމާއާ އެކުގައިކަމުން އެ ދެމީހުންގެ ގުޅުންވަނީ ބަދަހިވެފައެވެ.
"ހަނދާނެއް ނެތް ދަރިފުޅާ. ދެން އަޅާނުލާ އެހެން ފޮތެއްވެސް ރަނގަ—"
"މާމާ.." އާޒިމާގެ ވާހަކަ މެދުކެނޑުނީ އެވަގުތު އެ ކޮޓަރިއަށްވަތް އިވާން އޭނާއަށް ގޮވައިލުމުންނެވެ.
"އާދެބަލަ ދަރިފުޅާ.. ރަނގަޅޭ އައިކަން. ލީނާ މިފަހަރު މާލެއިން އައި އިރު މާމައަށް ގެނައި ފޮތް މައިރާއަށް ހޯދަ ދީބަލަ. ދަރިފުޅެއްނު އެންމެފަހުން މާމައަށް އެފޮތް ކިޔާދިނީވެސް" އާޒިމާ ބުންޏެވެ.
އިވާން މާބޮޑު ފިކުރަކާނުލައި ފޮތްހަރުގަނޑާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުހުރީ ހަމަސީދާ މައިރާއާ ދިމާލަށެވެ. މައިރާއަށް އެކަން ފާހަގަވެ ލިބުނު ހާސްކަމުގައި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އިވާން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުނުވަގުތު އަނެއްކާވެސް ފަހަތައް ފިޔަވަޅެއް އަޅައިލަން އުޅުނެވެ. ނަމަވެސް އޭރު މައިރާގެ ބުރަކަށި ފޮތްހަރުގަނޑުގައި ޖެހިފައިހުރުމުން އިތުރަށް ފަހަތައް ދެވޭގޮތެއް ނުވިއެވެ. ސިހިފައި އިވާންއަށް ބަލައިލިއިރު އޭނާ ހުރީ މައިރާއާ ޖެހޭ ނުޖެހޭ ހިސާބު ގާތުގައެވެ. އެދެމެދުގައި ކައިވަތެއްހާ ދުރުމިންވެސް ނެތެވެ. ދެމީހުންގެ އިސްކޮޅުގައިހުރި ހައެއްކަ އިންޗީގެ ތަފާތާއެކު އިސްއުފުލައިލައިގެންހުރި އިވާންގެ ހޫނު ނޭވާ މައިރާގެ އިސްތަށިގަނޑުގައި ބީހެމުންދިޔައެވެ. އެ ގާތްކަމުން މައިރާއަށް ވަމުންދިޔަ އެއްވެސް އުނދަގުލެއް އިވާންއަށް ވާހެނެއް ހީއެއްނުވެއެވެ. މައިރާގެ ދެލޯ އިވާންގެ މޫނުން ވަކިކޮށްލަން ނުކުޅެދިފައި ހުރިނަމަވެސް އިވާންގެ ދެލޯ އަމާޒުވެފައިވަނީ މައިރާގެ ބޮލަށްވުރެ ތަންކޮޅެއް މަތީގައިހުރި ހަރުފަތަކަށެވެ. އިވާން ނުހަނު ފަސޭހަކަމާއެކު އެ ހަރުފަތުން ހޯދައިލި ފޮތެއް ހިފައިގެން މައިރާއާ ދުރަށް ޖެހިލިއިރު އެ ތުންފަތުގައިވި ހިނިތުންވުންވަނީ މައިރާއަށް ވަންހަނާވެފަ އެވެ.
"މިއީދޯ އެފޮތް. މައިރާ ދަރިފުޅާ މިއޮތީ އެފޮތް" އިވާން ގެނައިފޮތަށް ބަލައިލުމަށްފަހު އާޒިމާ ބުންޏެވެ. "ދަރިފުޅު ކޮންތާކަށްތަ މާ އަތަރުލައި މީރުވަސް ދުއްވާލައިގެން ތިދަނީ" އާޒިމާ ދެން ވާހަކަދެއްކީ އިވާންއާއެވެ.
"މިދަނީ ކޮފީއަކަށް މާމާ. މި ދެދުވަސް ޗުއްޓީވީމަ މި ޝޯންމެން ރޭވައިފި މަސްދަތުރަކަށް ދާންވެގެން.. އެވާހަކަ ދައްކާލަން މިދަނީ. ދަމުން މާމަ ކޮބާތޯ ބަލާލަން މި ވަދެލީ" އާޒިމާގެ ގާތު އެނދުގައި އިށީނދެލަމުން އިވާން ބުންޏެވެ.
"މައިރާވެސް ގޮވައިގެން ދޭބަލަ. ލީނާ ނެތީމަ އޭނަވެސް ހާދަ ފޫއްސެއް ވާނެއޭ." މިހާރު އާޒިމާގެ އެންމެބޮޑު ކަންބޮޑުވުމަކީ އެއީ އެވެ.
"މައިރާ؟ ހުސް ފިރިހެނުންނޭ ދަނީ މާމާ. އަނެއްކާ ހިއެއްނުވޭ މައިރާއަށް މަސްބާނަން އެނގޭނެހެންވެސް" އަދިވެސް ފޮތްހަރުގަނޑު ކައިރިން ގުޑިލަން ނޭނގިފައިހުރި މައިރާއަށް އަވަސް ނަޒަރެއްދެމުން ބުންޏެވެ.
"މިހާރު އަންހެންކުދިންވެސް މަސްދަތުރުދެޔޭ. މަސް ނުބޭނުނަސް މައިރާ ނިކަން މޮޅަށް ފޮޓޯވެސް ނަގާނެ" އާޒިމާގެ ވާހަކަ ކުރުނުކުރުމުން އިވާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު މައިރާއަށް ބަލައިލި އެވެ.
"ބޭނުންތަ ދާން؟" އިވާންގެ ސުވާލު ސާފެވެ.
"ހައް؟ މި އަމްމް ނޯ.. އައި މީން ޔާ" މައިރާ އަޅައަޅައިގަންނަމުން ބުންޏެވެ. އަޖައިބެކެވެ. އިވާން އޭނާއާ ސުވާލެއް ކުރާ ކޮންމެ ފަހަރަކު އޭނާގެ ދޫއޮޅި މީހާ ފިނިވަނީ ކީއްވެހެއްޔެވެ؟ ގައިމު އެ ކުރީ ކިހާ ސީދާ ސާދާ ސުވާލެއްހެއްޔެވެ؟ ފަހަރެއްގައި އިވާން އަދާކުރާ ވަޒީފާގެ ގޮތުން ތަމްރީނުވެފައިވާ ގޮތްކަމަށްވެސް ވެދާނެއެވެ. އެ އަޑާއި ބެލުމުގައި ހުންނަ ސާބިތުކަމުގެ ސަބަބުން ކުރާ ކުޑަކުޑަ ސުވާލެއްވެސް ތަހުޤީގެއްފަދައެވެ. ޖަވާބުދޭން އުނދަގޫވެފައި ދޮގުހަދަން މާ އުނދަގުލެވެ.
"މާދަން ފަތިހު ހައެއް ޖަހާއިރު ދޯނި ނައްޓާލާނެ! އަންނަންޏާ އަންނަންވީ.. އެންޑް.." އެނދުން ތެދުވެ ކޮޓަރީގެ ދޮރާ ހަމައަށް ދިޔުމަށްފަހު އިވާން މަޑުކޮށްލިއެވެ. "ވެއަރ ސަމްތިންގް ޕްރޮޕަރ.." އާޒިމާއަށް ދޭހަ ނުވާނޭފަދައިން އިނގިރޭސިބަހުން އިވާން ބުނެލިއެވެ. އިވާން ނުކުތުމާއެކު މައިރާއަށް މިފަހަރުވެސް ބަލައިލެވުނީ އޭނާ ލައިގެންހުރި އެއްޗެއްސަށެވެ. ކަކުލާ ހިސާބަށްދާ ކަޅުކުލައިގެ ފަޔަށްބާރު ޓައިޓަކާއި މުށިކުލައިގެ ދޫ ޓީޝާޓެއްގައިހުރި މައިރާއަކަށް މިފަހަރުވެސް އެ ހެދުމަކުން މައްސަލައެއް ނުފެނުނެވެ.
-----
"އޭ ހަމަވީ ދޯ އެންމެން؟ ވާ މޮހެލަނީއޭ. ކޮބާ އިންމަ؟" އެންމެ ފަހަށް ހުރި އިވާން ދޯންޏަށް އެރުމާއެކު ދޯނީގެ ވަލާ ދިމާލުގަ ހުއްޓިލައިގެންހުރި ޝާވިން ގޮވައިލި އެވެ.
"އޭ އޭ. އިންމަ ކޮބާ؟" ދޯނީގެ ތެރެއިން ނާއިލް ގޮވައިލި އަޑު އިވުނެވެ.
"އިންމަ ބުނީ ފާޑެއްގެ ހުމެއް ޖެހިގެން ނާދެވޭނެޔޯ" ޔައީޝް ޖަވާބުގައި ގޮވައިލިއެވެ.
"ތިވާނީ އެންމެ މަދުން މަސްބާނާ މީހަކު ކާންދޭން ޖެހޭނޭ ބުނީމަ ގަތްބިރުން ހުން އައީ ކަމަށް ހެހެހެ. އަޅާނުލާ ޝޯން. ވާ މޮހެލާ." ނާއިލް އެންމެފަހުން ގޮތް ނިންމި އެވެ.
"އޭ އިންޓެ؟ ކޯއްޗެއް ތި ބަލަނީ؟" ޝާވިންގެ ލޮލުގައި އެހެން އެންމެނާ އެކަހެރިކޮށްހުރި އިވާން ބަނދަރާ ދިމާލަށް ކަޅި އުކަމުންދިޔަތަން އަޅައިގަތެވެ.
"މިއީ.. އެއްޗެއްނޫން.. އެންމެން ހަމަވީއެއްނު. ހިނގާ ނައް—"
"އޭތް!! މަޑުކުރައްޗޭ. އަހަރެން ނުލާ ނުދާތި. އެބަ އަންނަން ސައިކަލު ޕާރކްކޮށްފަ" އިވާންގެ ވާހަކަ މެދުކެނޑުނީ ދޯނި އޮތް ދިމާލުން ބަނދަރުމައްޗަށް މަޑުކުރި ސައިކަލުގައި އިން މައިރާގެ އަޑުންނެވެ. މައިރާ ބާރުދުވެލީގައި ސައިކަލު ދުއްވާލާފައި ގޮސް ދުރުގައިހުރި ހިރުނދުގަހެއްގެ ދޮށުގައި ސައިކަލު ޕާކުކޮށްލާފައި އަލުން ދޯންޏާ ދިމާލަށް ދުއްވައިގަތެވެ. އޭރު ދޯނީގައި ބާކީތިބި އެންމެންވެސް ތިބީ ލިބުނު ސިހުމުގައި އަނގައިން ބުނެލަންވެސް ނޭނގިފައެވެ. ޝާވިންއަށްވެސް ބުނާނެ އެއްޗެއް ނޭނގިފައިހުރެ އިވާންއަށް ބަލައިލަމުން ބޯ ހޫރައިލެވުނެވެ.
"މަށާ ދިމާލަށް ނުބަލަބަލަ. މާމައޭ އޭނަ ގާތުބުނީ" އިވާން ނަފްސުގެ ދިފާއުގައި ބުންޏެވެ.
"ނޫނޭވާ ދެން ކުރާނެކަމެއްނެތް. ނޭނގެ ދުވަހަކު ކަނޑުމައްޗަށް އެރި ކަމެއްވެސް. ފަޅުން ނުނިކުމެވެނީސް ކަމަނާފާނު ހާލު ދެރަވެގެން މަސްދަތުރު ކުރުކޮށްލަން ނުޖެހުނިއްޔާ ވެދާނެ" އިވާންގެ ކޮނޑުގައި ޖަހައިލުމަށްފަހު ޝާވިން ވާ މޮހެންފެށިއެވެ. އޭރު މައިރާވެސް ދޯންޏަށް އަރަނީއެވެ. ކަކުލަށްވުރެ ދެތިން އިންޗި މައްޗަށްހުރި މުށިކުލައިގެ ސޯޓަކާއެކު ދަށަށް ޖަހާލައިފައިވާ ދަނބުކުލައިގެ ގަޔަށްދޫ ޓީޝާޓުގައިހުރި މައިރާގެ ރީތިކަމަށް ހިތާހިތުން ތައުރީފުނުކުރާ ހަމަ އެކަކުވެސް އެ ދޯނީގައިނެތެވެ. ކޮނޑުގައި އޮތް ދަބަހުން ނެގި މުށިކުލައިގެ ބޮޑު ތޮތްޕެއް ބޮލުގައި އަޅައިލުމަށްފަހު މައިރާ ލޮލުގައި އޮތް އަވި އައިނު ނަގައި ދަބަހުގެ ތެރެއަށް ކޮށްޕައިލިއެވެ. އޭނާ އަބަދުމެ ގެންގުޅޭ ކެމެރާ އޮތީ އާދައިގެ މަތިން ކަރުގައި އަޅުވާލެވިފައެވެ.
"އިންޓޭ ކަލޭ ވާ ރަނގަޅު ސަޕްރައިޒެއް ތި ދިނީ. ކޮބާ ކިހިނެއް؟ ޔައީޝް އެނގޭ" ހިނިގަނޑެއް ޖަހައިލުމަށްފަހު އިވާންއާ ވާހަކަދެއްކި ޔައީޝްގެ ފަހު ސުވާލު އަމާޒުވީ މައިރާއާއެވެ.
"މައިރާ" ހިނިތުންވުމަކާއެކު މައިރާ އެ ސަލާމް ރައްދުކޮށްލިއެވެ. އެއަށްފަހު އެތަނުގައި ހުރި އެންމެނާވެސް ވަކިވަކިން ސަލާންކޮށްލިއެވެ. އެ މަންޒަރު ބަލަންހުރި އިވާންއަށް އޭނާގެ ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނެވެ. ޝާވިން އެހީއަކަށް ގޮވަގޮވާ އޮއްވައި އެ އަޑަށްވެސް ބީރުކަންފަތެއް ދިނުމަށްފަހުގޮސް މަސްބާނަން ގެނައި ދޮށިތައް ތައްޔާރުކުރަން ފެށިއެވެ.
ދޯނި ފަޅުން ނުކުތުމާއެކު އެންމެންވެސް އަވަސްވެގަތީ މަސްބާނަން ފެށުމުގެ ކުރިން ހެނދުނުގެ ނާސްތާ ކުރުމަށެވެ. "ކޮބާ މިއަދު މި ވީގޮތުން މައިއަށް އެނގޭ މަސްހުނި މޮޑެން ޖެހޭނީ."
"އޯކޭ އަހަރެން ކިހިނެއް ހަދަންވީ؟" ޝާވިން ސަމާސާ ރާގެއްގައި ބުނި ވާހަކަ މައިރާ ނެގީ ސީރިއަސްކޮށެވެ. އެހެންކަމުން ޝާވިން ހަމަ ހަގީގަތުގައިވެސް މައިރާގެ ބޮލަށް އެ މަސައްކަތް ޖަހައިލިއެވެ.
"ވަޓް؟ މައިއަކަށް ނޭނގޭތަ މަސްހުނި މޮޑޭކަށް؟" ޝާވިން ކޮށްލި ސުވާލަށް މައިރާގެ ފަރާތުން ލިބުނު ހިމޭންކަން އެ އެންމެނަށް ޖަވާބަކަށް ފުދުނެވެ.
"ނޯ ވޮރީޒް. މާ ބޮޑު ކަމެއް ނޫނޭ އެއީ. މިހިރީ ހުރިހާ އެއްޗެއް ރެޑީކޮށްފަ. ހަމަ މި ހުރިހާ އެއްޗެއް މިކްސް ކޮށްލަންވީ. ކެމެރާ ގެނޭ އަހަރެން އަތަށް. ފޮޓޯ ނަގާދޭނަން. އެކަމަކު މައި ވާނެ ދަސްކޮށްދޭން" ނާއިލް ބުންޏެވެ. މައިރާ އެންމެ ރަނގަޅޭ ބުނެ ކަރުގައި އަޅުވާފައި އޮތް ކެމެރާ ނަގައި ނާއިލްއަށް އެ ބޭނުންކުރާގޮތް ކިޔައިދޭންފެށިއެވެ. އެ ދެމެދުގައި ދެކެވިދިޔަ އެއްވެސް ވާހަކައެއް ނީވޭހާ ދުރުގައި ހުރި އިވާންއަށް ފެނުނުހާވެސް މަންޒަރަކީ މައިރާ ނާއިލްގެ ގާތަށް ޖެހިލިމަންޒަރާއި ނާއިލް ގާތްގޮތަކަށް މައިރާގެ ކޮނޑުގައި އަތް އަޅުވައިލި މަންޒަރެވެ. އެއަށްވުރެވެސް ބޮޑަށް އިވާންގެ ސިކުނޑި ކަމުން ދިޔައީ މައިރާ ލައިގެންހުރި ނިވާކަންކުޑަ ހެދުމުގެ ސަބަބުން ދޯނީގައި ބާކީތިބި ހައެއްކަ މީހުންގެ ސަމާލުކަންވެސް މައިރާއަށް ހުއްޓެމުންދިޔަ ގޮތުންނެވެ. އިވާންއަށް ކުއްލިއަކަށް އޭނާ ހިފަހައްޓައިގެންހުރި ކަންވާރުން އަތް ދޫކޮށްލެވުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިންތަނުން ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ. އަދި އަވަސް ހަރަކާތަކާއެކު އޭނާ ލައިގެންހުރި ކަޅުކުލައިގެ އަތްދިގު ޓީޝާޓު ބާލައި ކޮނޑުމައްޗަށް އެއްލަމުން މައިރާމެން ތިބި ދިމާލަށް ހިނގައިގަތެވެ.
ނާއިލް ކިޔައިދިން ގޮތަށް މަސްހުނި މޮޑުމަށްޓަކައި މައިރާ ތައްޔާރުވެލިއެވެ. ދުވަހަކުވެސް ނުކުރާ ޒާތުގެ މަސައްކަތެއް ކުރަން ޖެހުމުން އޭނާ ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ. އަތުގައި މަޑު ތުރުތުރެއް ހުރިހެންވެސް ހީވިއެވެ. އެ ހާސްކަން އިތުރުން ވެގެންދިޔައީ ގިނަބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓިފައިވާކަން އެނގުމުންނެވެ. ޝާވިންއާއި ޔައީޝް އަދި ނާއިލްގެ ފަރާތުން ލިބުނު ހިތްހެޔޮކަމާއި ރަހްމަތްތެރިކަން އޭނާއަށް ބަލައިގަނެވުނެއްކަމަކު ދޯނީގައި ބާކީތިބި ގިނަ މީހުންގެ ބެލުންތައް ހުރިގޮތުން ޙުދު މައިރާއަށްވެސް ލިބެމުންދިޔައީ ނުތަނަވަސްކަމެވެ. އިވާން ބުނި ފަދައިން އޭރުވެސް ތަންކޮޅެއް ރަނގަޅު ހެދުމެއް ލައިގެން އާދެވުނުނަމަ މިހެނެއް ނުވީހެވެ. އިވާންގެ ބަހަށް ގޮންޖަހަން އުޅެނިކޮށް މި ލިބުނީ ކިހާ ދެރަ ލަނޑެއްހެއްޔެވެ. އިތުރަށް ދެން އެ ކަމާމެދު ކުރެވޭނެ ކަމެއްނެތުމުން އެ ހިޔާލުތައް ސިކުނޑިން އެއްފަރާތް ކޮށްލިއެވެ. އެކި ތަށިތަކުގައި ކޮށާފައިހުރި ހުރިހާ އެއްޗެއް ހުނިތައްޓަށް އަޅައިލުމަށްފަހު އެއްކޮށްލަން އުޅުނު ވަގުތު ފަހަތުން އައި މީހަކު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. މައިރާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"ތިހެން އުޅެނިކޮށް އަތުން ދިލަ ނަގާނީ" އިވާންގެ އަޑު ކަންފަތުގައި ޖެހުމާއެކު މައިރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އިވާން ކައިރީގައި އޮތް ޕެކެޓަކުން ރަބަރު އަންގިއެއް ނަގައި ފަރުވާތެރިކަމާއެކު މައިރާގެ އަތަށް އެ ލައްވާލައިދިނެވެ.
"މައިރާ" މައިރާގެ އަތް ތިރިކޮށްލަމުން އިވާން ލަސްލަހުން ގޮވައިލިއެވެ. އޭރުވެސް އިވާންހުރީ މައިރާގެ ފަހަތުގައި ހުއްޓިލައިގެންކަމުން މައިރާއަކަށް އިވާންގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެ މޫނުމަތީގައިވަނީ އެކުވެރިކަންކަމެއް ނުވަތަ ހިތްހަމަނުޖެހުންކަމެއް އޭނާއަކަށް ނޭނގުނެވެ. ވާނީވެސް އެހެންތާއެވެ. އިވާންގެ މޫޑަކީ ހަމަ ކުއްލިކުއްލިއަށް ބަދަލުވާ އެއްޗެކެވެ.
"ހްމްމް" މައިރާ ޖަވާބުދިނެވެ. ކަނޑުގެ ބާނިތަކުގައި ފިރުކިލާފައި އަންނަ ވައިރޯޅިން ފިނިކަން ލިއްބައިދެމުންދިޔަ ނަމަވެސް އިވާންގެ ގާތްކަމާއި ހޫނު ނޭވާއިން ހީވަނީ މައިރާގެ ކަނދުރާ ފިއްސައިލައިފާނެހެނެވެ.
"މައިރާ ކީއްވެތަ އަހަރެން ބުނާބަސް ނާހަނީ؟" އިވާން އެ ސުވާލު ކުރީ ކިތަންމެ މަޑުން ނަމަވެސް މިފަހަރު އެ އަޑުން މައިރާއަށް އިވާން ހިތްހަމަނުޖެހިފައިހުރި މިންވަރު ދެނެގަނެވުނެވެ. ދެން ފެނުނީ ކުއްލިއަކަށް އިވާން މައިރާގެ އުނަގަނޑާ ދިމާލުން ދެއަތް ވަށައިލިތަނެވެ. މައިރާ ބަލައިލިއިރު މީގެ ކުޑައިރުކޮޅެއްކުރިން އިވާން ލައިގެންހުރި ޓީޝާޓު އިވާންގެ ދެއަތުން މައިރާގެ އުނަގަނޑުގައި އައްސާލައިދެނީއެވެ. އެހަރަކާތާއެކު މައިރާއަށް ހީވީ އޭނާގެ ހިތް ރީތި ރާގަކަށް ތެޅިލިހެނެވެ. ބަނޑުގައި ކޮކާ އުދުހެން ފަށައިފިކަމުގެ އިހުސާސެއްވެސް ކުރެވުނެވެ. އިވާން އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި އެތަނުން ދުރަށް ހިނގައިގަތްއިރުވެސް މައިރާއަށް އެތެރެއަށް ދަމައިލި ނޭވާ ދޫކޮށްލަން ނޭނގިފައި ހުރެވުނީއެވެ. އޭނާއަށް ހިތާހިތުން އިވާންއަށް ޝުކުރު އަދާކުރެވުނެވެ.
No comments yet
Be the first to share your thoughts about this episode!