Episode 3

ބުނާށޭ ލޯބި ނުވަނީހޭ. (3 ވަނަބައި)

"އިވާން ބުނިއްޔާ އަހަރެން ސަލާމަތްކުރަން ކަނޑަށް އެރެންވެސް ޝާވިން ޖެހިލުމެއް ނުވާނެ. އަހަރެން ހިތަށް އަރާ ތިދެމީހުންގެ އޮންނަނީ އަނެއްކާ ކޮންކަހަލަ ގުޅުމެއް ބާއޭ" އައިލީން ސަމާސާ ރާގެއްގައި ބުންޏެވެ. ޝާވިން ވަކި އެއްޗެކޭ ނުބުނެ ދެފަރާތަށް ބޯ ހޫރައިލި އެވެ. ސައިކަލުގެ ލޯގަނޑުން ފެންނަމުންދިޔަ އައިލީންގެ މޫނަށް ބަލައިލިއިރު އޭނާގެ ތުންފަތުގައިވަނީ މާނަފުން ހިނިތުންވުމެކެވެ. އެބުނެވުނީ ކިހާވަރެއްގެ ހަގީގަތެއްކަމެއް ޚުދު އައިލީންއަށްވެސް ނޭނގޭނެ އެވެ. އެއީ އައިލީން ސަލާމަތްކުރަން ކަނޑަށް އެރެން ޖެހިއްޖެނަމަ ޝާވިން ދެވަނަ ވިސްނުމަކާނުލައި އެކަން ކުރާނެކަމެވެ. އެހެނަސް އެއީ އިވާން ބުނެގެނެއް ނޫނެވެ. އެއީ ޝާވިންގެ ހިތް އެދޭގޮތްކަމަށްވާތީ އެވެ.

----

މަހަލްދީބް އައިލަންޑް ރިޒޯޓުގެ ސީޕްލޭން ޕްލެޓްފޯމުގެ މަތީގައި ހުއްޓިލައިގެން ތިބި ނަދާލްއާއި މައިރާ އިންތިޒާރުކުރަމުންދިޔައީ އެރިސޯޓުގެ ކައިރީގައި އޮންނަ ރަށަށް މައިރާ ފޮނުވައިލުމަށްޓަކައި ހަމަޖެހިފައިވާ ލާންޗު ފާލަންދޮށަށް ކައިރިކުރާނެ ވަގުތަކަށެވެ. މާގިނައިރެއްނުވެ އެވަގުތު އައިސް ޖެހުމުން މައިރާ ލާންޗަށް އެރުމަށް ތައްޔާރުވެލިއެވެ.

"ހަމަ ޔަގީންތަ އެންމެ ދުވަހަކުވެސް މިކޮޅުގަ މަޑުކޮށްލަން ބޭނުން ނޫންކަން؟ މޫސުންވެސް އެހާ ރަނގަޅެއް ނޫނެއްނު” ނަދާލްއަށް ޔަގީންނުވެފައި އަހައިލެވުނެވެ. ސީޕްލޭންގައި އެމީހުން އެ ރިސޯޓަށް ތިރިކުރީ ހަމަ ދެންމެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އުޑުމަތި ބައްދައިލެވިފައިވާ ބަނަ ވިލާތަކުން ގަދަ ވިއްސާރައެއްގެ އިންޒާރުދެމުންދިޔައެވެ. ވުމާއެކު މައިރާ އެހާ އަވަހަށް އެ ރަށަށް ދާންއުޅޭނެކަމަށް ނަދާލްއަކަށް އުއްމީދުކުރެވިފައެއްނެތެވެ.

"އަހަރެން ދާނަން. ނެޑްއަށް ހަމަ ޔަގީންތަ އެ ރަށަށް ދާން ބޭނުން ނޫންކަން؟" ނަދާލްގެ ސުވާލާ ވިއްދާފައި މައިރާވެސް ކޮށްލީ ސުވާލެކެވެ.

"މައިއަށް އެނގެއެއްނު އަހަރެންނަށް މާ ކަމުދާ ތަންތަނެއް ނޫންކަން ލޯކަލް އައިލަންޑްސްތަކަކީ. އެހާ ލިމިޓަޑް ތަންތާކު އަހަރެންނަކަށް ނޫޅެވޭނެ. ހީވަނީ ޕަވަރޓީގަ އުޅޭހެން. އެންޑް އެ ހުރިހާ ކަމެއްގެ މައްޗަށް ދަ ކަންމަތީ އާންޓީޒް.. ދަ ސްޓެއަރޒް.. މައި ގޯޑް އައިޑް ރާދަރ ޑައި" ނަދާލްގެ ވާހަކަ އިވުމާއެކު މައިރާ ފޫހިގޮތަކަށް ކަޅި އަނބުރައިލިއެވެ. އާއިލާގެ ކަންކަމުގައި ޒިންމާދާރު ނަމަވެސް ނަދާލްއަކީ މިޒާޖުގައި ފޮނި އަދި ކިބުރުވެރި ގޮތެއް ހުންނަ މީހެކެވެ. "އެކަމަކު މައި ބޭނުން ކޮންމެ ވަގުތަކު އަހަރެންނަށް ގުޅާލާ. ހީކޮށްލާ މިހިރީ ހަމަ އެންމެ ފަނަރަ މިނަޓު ކައިރީގައޭ" ލާންޗު ނައްޓައިލުމުގެ ކުރިން ނަދާލް މައިރާއަށް ޔަގީންކަންދިނެވެ. ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައަށް ކެކިގެންފައިވާ މާކަނޑުގެ ރުޅިގަދަ ބާނިތައް ކަފަމުންދިޔަ ލާންޗު ލޮލުގެ ކޮޅަށް އޮބައިލަންދެން ބަލަން ހުރުމަށްފަހު ނަދާލް ލަސް ފިޔަވަޅުތަކެއްގައިގޮސް ރިސޯޓުގެ އެރައިވަލް ލޯންޖަށްވަނެވެ.

---

"ޕިސް. އަދިވެސް ނާދޭތަ؟ މިހާރު 2 ޖަހައިފިއެއްނު" އައިލީންގެ މޫނުމަތިން ފާޅުވާންހުރީ ފޫހިކަމެވެ. "ހިނގާބަލަ ތަންކޮޅެއް ކައިރިއަށް ގޮސްލަން. ޝޯންއަށްވެސް މި ނޫންތަނެއް ނުލިބުން ދޯ މަޑުކުރާކަށް. ކަންފަތް ބައްވެދާނެހެން މިހާރު ހީވަނީ" އޭނާ އިތުރަށް ޝަކުވާކުރިއެވެ. އެމީހުން ސައިކަލު މަޑުކޮށްލައިގެންތިބީ ބަނދަރުމަތީގައި ހަދާފައިހުރި ސިޔާސީ ޖަގަހައެއްގެ އަސްކަނިދޮށުގައިކަމުން ޖަގަހައިގައި ޖަހާފައިހުރި ބޮޑުބެރުލަވަ ނިކަން ބާރަށް އިވެމުންދިޔަ އެވެ.

"ލީން ބުންޏަކަސް އަހަރެންނެއްވާ ތޮށިގަނޑާ ދިމާލަކަށް ނުދާނަން. ބަލާބަލަ އުޑުމަތި. ދެންމެދެންމެ އޮއްސާލަފާނެހެން ހީވަނީ. އެންމެ ރަނގަޅުވާނީ މި ހިޔާ ތަންކޮޅުގަ މަޑުކޮށްލައިގެން ތިބުން. ލާންޗެއް ގާތްކުރިއްޔާ ނުފެންނަހާ ދުރު ހިސާބެއްވެސް ނޫނެއްނު މީ" ޝާވިން ހަމަހިލާ ގޮތްދުލެއްނުކުރިއެވެ. އައިލީން ފާޑަކަށް ތުންއަނބުރައިލުމަށްފަހު މަޑުމަޑުން ޝާވިންގެ ސައިކަލު ފަހަތުގައި އިށީނދެލައިގެން އިނީއެވެ. ޝާވިންވެސް ޖަގަހައިން އިވެމުންދިޔަ ލަވައިގެ ހަމައާ އެއްވަރަށް ސައިކަލުގެ ހުންގާނުގައި ބެރުޖަހައިލައި ޖަހައިލައި އިނެވެ. އެގޮތުގައި މާ ގިނައިރެއްނުވެ ބަނދަރާ ގާތްކުރި ލާންޗު ފެނުމާއެކު އައިލީން އަވަސްއަވަހަށް ޝާވިންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

"ބަލާބަ އެ އައީ ކަންނޭނގެ. ހިނގާބަލަ އަވަހަށް" އައިލީންގެ ބަހަށް ޝާވިންވެސް ދެލޯ ކުޑަކޮށްލަމުން ލާންޗުން ފޭބި މީހުންނަށް ނަޒަރު ހުއްޓައިލިއެވެ. މޫސުމުގެ ގޮތުން މާ ގިނަ ދަތުރުވެރިންތަކެއް ނެތް އެ ލޯންޗުން ފޭބި ހަމައެކަނި އަންހެންކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ލަސްނުކޮށް ސައިކަލު އެދިމާލަށް ދުއްވައިލި އެވެ.

---

ރަށަށް އެރުމަށްފަހު މައިރާ ހާސްވެފައިހުރެ ވަށައިގެން ހޯދަމުންދިޔައީ އޭނާ ބަލައި އަންނާނެކަމަށްބުނި އަފްނާންގެ ރަޚްމަތްތެރިޔާ ފެނޭތޯއެވެ. ބަނދަރުމަތީގައި މީހުން ގިނަ ކަމުގައިވިޔަސް އާދެވިފައިވަނީ ބީރައްޓެހި ރަށަކަށްކަމުން އޭނާއަށް އެކަނިވެރިކަން އިހުސާސްކުރެވެންފެށިއެވެ. ފޯނު ނަގައި އަފްނާންގެ ނަންބަރަށް ގުޅައިލަން އުޅުނު ވަގުތު ބާރު ސްޕީޑްގައި އޭނާއާ ދިމާލަށް އައި ސައިކަލުފެނި މައިރާއަށް ސިހިފައި އެއްފަރާތަކަށް ޖެހިލެވުނެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އޭނާ ދެތިން ފޫޓު ގާތަށް އާދެވިފައިވަނިކޮށް ކުއްލިއަކަށް އެ ސައިކަލު ހުއްޓައިލުމުންނެވެ.

"ޕިސް. ދެން މި ޝޯންގަނޑު އަދި ވަރަށް ލާނެތްވާނެ!" ޝާވިންގެ ކޮނޑުގައި ކޮނޑުގައި ޖަހައިލުމަށްފަހު ސައިކަލުން ފޭބި އައިލީން ބުންޏެވެ. “އައިލީން އެނގޭ މިއީ. ލީން ކިޔަސް އޯކޭވާނެ.. ދެން މިހިރީ ޝާވިން” އައިލީން ތައާރަފުވެލިއެވެ.

"މައިރާ. މައި ކިޔަސް އޯކޭ" މައިރާ ހިނިތުންވެލި އެވެ.

"އެންމެ ފޮށްޓެއްތަ ގެނައީ؟ ޝޯންއާ އެއްކޮށް ފޮށި ފޮނުވާލާނީ ދޯ؟ އަހަރުމެންނަށް ހިނގާލާފަ ދެވޭނެއެއްނު؟" އައިލީން ހިޔާލަށް މައިރާ ތާއިދުކުރިއެވެ. ޝާވިންއާއެކު ސައިކަލުގައި ފޮށި ފޮނުވައިލުމަށްފަހު ދެމީހުން އެކުގައި ރަށުތެރެއަށް ހިނގައިގަތެވެ. އެ ދެމީހުން ހިއްސާކުރާ އެއް އެކުވެރިޔަކު ހުރި ނަމަވެސް ކުރިން ދިމާވެ ވާހަކަ ދެކެވިފައިނުވާތީ އެ ދެމެދުގައިވީ ބީރައްޓެހިކަމެވެ. އެ ބީރައްޓެހިކަމުގެ ސަބަބުން އެދެމެދަށް ވެރިވެފައިވި ހިމޭންކަމަށް ނިމުމެއް ގެނައި މީހަކީ މައިރާއެވެ.

"ގެ ވަރަށް ދުރުވާނެތަ؟" މައިރާ އަހައިލިއެވެ.

"ނޫން. ހާސްނުވޭ. ދެން މާ ގިނައިރަކު ހިނގާކަށް ނުޖެހޭނެ" އައިލީން ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.

"ނޫނޭ އެހެނެއްނޫން. ކިތަންމެ އިރެއް ވަންދެންވެސް ހިނގިދާނެ އެކަމަކު. ވާރޭ" މައިރާ އުޑުމައްޗަށް ބަލައިލަމުން ބުންޏެވެ.އޭރު ވެހެމުންދިޔަ ހިމަފޮދު ވާރޭގެ ސަބަބުން އެމީހުން ކުޑަކޮށް ތެމެމުންދިޔައެވެ.

"ދެން މިދުވަސްކޮޅު އޮންނާނީ މިކަހަލަ ގޮތަކަށް. ތެމިއްޖެއްޔާ ގެއަށްގޮސް ފެންވަރާލީމަ އޯކޭވާނެ" އައިލީންގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުހުއްޓުނެވެ. ނަމަވެސް މައިރާ އޭނާއާ އިސްވެ ވާހަކަދެއްކުމަކީ އެދެމެދުގައި ރަޚްމަތްތެރިކަމުގެ ގުޅުން ގާއިމުކުރުމަށް އައިލީންއަށް ލިބުނު ހިތްވަރެކެވެ. އެކި ވާހަކަތަށް ދައްކަމުން އައިލީން އެމީހުންނަށް އާދެވިފައިތިބި މަގުގެ ވައަތްފަރާތުގައިހުރި ގެއަކާ ދިމާލަށް ދުއްވައިގަތެވެ. އައިލީން އުޅޭގޮތުން އެއީ ވިހި އަހަރުގެ އަންހެންކުއްޖެކޭ މީހަކު ނުބުނާނެއެވެ. އެހާވެސް ސިޔާސަވެފައި ޅަގޮތްގަނޑެއް ހުރެއެވެ. އެހެން ހިތަށް އެރުމާއެކު މައިރާއަށް މަލަކްގެ މަތިން ހަނދާންވިއެވެ. އެދެކުދިންގެ މިޒާޖު ހާދަ އެއްގޮތެވެ. މަލަކްގެ ހަޔާތަށް މި އަނދިރި ދުވަސްތައް އައުމުގެ ކުރިން މަލަކްވެސް އުޅެނީ ހަމަ މިހެންނޭ މައިރާގެ ހިތަށް އެރި އެވެ.

އެފަދަ ހިޔާލުތަކެއްގައިހުރެ މައިރާގޮސް އައިލީންގެ ފަހަތުން އެ ގޭގެ ފެހިކުލައިގެ ދޮރާށި ހުޅުވައިލިއެވެ. ގާތްގަނޑަކަށް ހައެއްކަ ފޫޓު އުސްމިނުގެ ވަށާފާރެއް ރާނާފައިހުރި އެ ގެވަނީ ރަނގަޅު ފެންވަރަކަށް ހަދައިފައެވެ. ރީއްޗަށް ކުނިކަހައި ދޮންވެލި ލާފައިއޮތް ގޯތި ތެރޭގައި އެއްފަރާތުގައި ޓިނު ގުދަނެއްފަދަ ތަނެއް ހުރިއިރު އަނެއްފަރާތުގައި ކޮންކްރީޓް ތަޅުމެއް އަޅާފައިވާ އުނދޯލިގެއެއް ފެންނަން ހުއްޓެވެ. ދޮރާށިން ފެށިގެން ދުރު ދުރުގައި ޖަހައިފައިހުރި ކޮންކްރީޓް ޓައިލްސްތަކުގެ މަތިން ހިނގާފައިގޮސް ވަދެވެންހުރީ ގޭގެ ތަނަވަސް ސިޓިންގްރޫމަށެވެ. ލަކުޑިން ހަދާފައިވާ ބޮޑު ސޯފާއަކާއި ކާމޭޒެއްގެ އިތުރުން ޓީވީއެއް ބަހައްޓައިފައިހުރި ބޮޑު ހަރުގަނޑެއް އެތަނުގައި ހުއްޓެވެ.

"މާމާ. މިހިރީއޭ މާމަ ނުފެނިގެން އުޅުނު ކުއްޖާ" އައިލީން އަޑުގެ ނެތްތަނަށް ގޮވައިލިއެވެ. އެއާއެކު އެތަނުގައިހުރި ކޮޓަރިއަކުން ނުކުތީ ގާތްގަނޑަކަށް އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ދައިތައެކެވެ. އެ ދައިތަ މައިރާއާ ދިމާލަށް ހިނގަމުންއައީ އޭނާގެ ގާތުގައި ހުރި އުމުރުން ތިރީހަކަށް އަހަރުގެ ބިދޭސީ އަންހެނެއްގެ އެހީއާއެކުގައެވެ.

"ޝާވިންބެ ގެންނަނީ ފޮށި. އަހަރެން ބުނީމަ މަތީ ކޮޓަރީގަ ބަހައްޓަނީ.." އައިލީން އެހުމުގެ ކުރިން ރޫމީ ހުރިހާކަމެއް އޮޅުން ފިލުވައިދިނެވެ.

"އޯކޭ. ރަނގަޅުތާ ދޯ؟ ބައިދަވޭ މައިރާ. މިއީ އަހަރުމެންގެ މާމަ. ދެން މިއީ ރޫމީ. މާމަގެ ކެއަރޓޭކަރ. މާމާ. މިއީ މައިރާ އެނގޭ" އައިލީން ކުރުގޮތަކަށް އެންމެންގެ ތައާރަފެއް ދިނެވެ.

"މާޝާﷲ. ހާދަ ރީތި ކުއްޖެކޭ. ދަރިފުޅު ކައިގެން އެނގޭ މައްޗަށް ދާންވާނީ" އަޒީމާ ހިތްހެޔޮކަމާއެކު ބުންޏެވެ.

"މައްޗަށް؟" މައިރާ ސުވާލު އުފެދިފައި އައިލީންއަށް ބަލައިލިއެވެ.

"އާނ މާމައާއި ރޫމީއާ އެކަނި ތިރީބައިގަ އަނެއްހެން އުޅޭނީ. ދެން ހުންނަ ދެ ކޮޓަރި ހުންނާނީ މަތީގަ. މައި ހުންނާނީ އަހަރެންގެ ކޮޓަރީގަ. އެންމެ ރަނގަޅެއްނު؟" މައިރާގެ ހިތުގައި އުފެދުނު ސުވާލު އައިލީންއަށް އެނގިގެން ޖަވާބުދިން ކަހަލައެވެ. "އެކަމަކު މައި ކައިގެން އެނގޭ މައްޗަށް ދާންވާނީ. ނޫނިއްޔާ ގޮސް ލޮޑުވެފަ ހުންނަ ވަރުން ޖައްސާލާތަނުން ނިދިދާނެ" އައިލީންވެސް އަޒީމާގެ ވާހަކައަށް ތާއިދުކުރިއެވެ.

ކަންތައްވީ ވެސް ހަމަ އައިލީންއާއި އާޒިމާ ލަފާކުރިގޮތަށެވެ. ކައި ނިންމާފައި ކޮޓަރިއަށްގޮސް ފެންވަރާލައިގެން އެއްޗެހި ބަދަލުކޮށްލުމުން ވެފައިހުރި ވަރުބައްޔާއެކު މައިރާއަށް ނިދުނުގޮތެއްވެސް ނޭނގުނެވެ. ދަތުރަކީ ކިތަންމެ ކުރު ދަތުރެއް ނަމަވެސް މޫސުމުގެ ގޮތުން ގަދަ ދަތުރެއްކަމުން ވަރުބަލިކަން އިހުސާސްވެފައިހުރީ އިންތިހާއަށެވެ. ހަވީރު ނިދި މީހާއަށް ހޭލެވުނުއިރު ދަންވަރުވާން ގާތްވެއްޖެއެވެ. އޭރު އެނދުގެ އަނެއްފަރާތުގައި އައިލީން ނިދާފައި އޮތެވެ. އެފަދަ ވަގުތަކު އެގޭގައި އިތުރު މީހަކު ހޭލައި ނޫޅޭނެކަން މައިރާއަށް ޔަގީންވިއެވެ. އިތުރަށް ނިދި ނައި ނަމަވެސް ކޮޓަރިން ބޭރަށް ނުކުންނާކަށް ނުކެރުނެވެ. އެންމެފަހުން އޭނާ ގެންގުޅޭ ލެޕްޓޮޕާއި ކެމެރާ ހިފައިގެން އައިސް ކޮޓަރީގެ އެއްފަރާތުގައިހުރި ލިޔާމޭޒުދޮށުގައި އިށީނެވެ. އަދި ކޮޓަރި ތެރެއަށް ފިނި ވައި ވައްދައިލުމަށްޓަކައި އެތަނުގައި ބެލްކަންޏަށް ވާގޮތަށްހުރި ކުޑަދޮރު ހުޅުވައިލިއެވެ. އެދުވަހުގެ ދަތުރުމަތީގައި ނެގި ފޮޓޯތައްބަލައި ފޫހިކަމެއްނެތި އެ އެޑިޓްކުރުމުގެ މަސައްކަތުގައި މައިރާ އިންދައި މީހެއްގެ ކެއްސުމުގެ އަޑު އިވުނުހެން ހީވެ މައިރާ ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. އެއާއެކު އެ ފަންގިފިލާގައި ހުންނަ އަނެއް ކޮޓަރީގެ ބެލްކަންޏަށް ނުކުތް ފިރިހެންމީހާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ކުޑަދޮރު ހުރި ދިމާލުގެ ގޮތުން އޭނާއަށް އެ ބެލްކަނި ކިތަންމެ ސާފުކޮށް ފެނުނު ނަމަވެސް އެމީހަކު ހުރީ އޭނާއަށް ފަސްއެނބުރިގެން ކަމަށްވާތީ އެއީ ކޮން އުމުރެއްގެ ކާކުކަން އޭނާއަށް ސާފެއްނުވިއެވެ. އެނގޭހާވެސް އެއްޗަކީ އެއީ ހެޔޮވަރުގެ އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ފިރިހެނެއްކަމެވެ. ބެލްކަނީގައި ދިއްލާފައިހުރި ފަނޑު އަލީގައި މައިރާއަށް ހަމައެކަނި ފެންނަމުންދިޔައީ އުނަގަނޑުންމަތި ހާމަކޮށްލައިގެންހުރި އެމީހާގެ ހިޔަންޏެކެވެ. އެހެނަސް އެމީހެއްހެ ބާރުހުރި ދެއަތާއި، ބުރަކަށީގެ މަސްތައް އެތުރިފައިވާގޮތުގެ ފުރިހަމަކަން މައިރާއަށް އެ ހިޔަނިން އެކަނިވެސް ޔަގީންކުރެވުނެވެ. އޭނާގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓައިލުން އުނދަގޫވެފައި ވަނިކޮށް ކުއްލިއަކަށް އެމީހާ ކޮޓަރިއަށް ވަނުމަށް ހިނގައިގަތްތަންފެނި މައިރާއަށް ތެޅިގެންފައި އަވަސްއަވަހަށް ކުޑަދޮރު ލައްޕައިލެވުނެވެ. އިރުކޮޅެއްވަންދެން ގުޑިނުލައި އިނުމަށްފަހު ލެޕްޓޮޕް ލައްޕާލައިފިއެވެ.

ޑިއުޓީ ނިންމައިލުމަށްފަހު ގެއަށްއައިސް ފެންވަރައި ތާޒާވެލައިގެން އިވާން ކޮޓަރީގެ ބެލްކަންޏަށް ނުކުތީ ރޭގަނޑުގެ ހިމޭންކަމުން ސިކުނޑިއަށް ލުޔެއް ހޯދައިލުމަށެވެ. އާދައިގެ މަތިން ހައެއްކަ މިނަޓުގެ އެތަނުގައި މަޑުކޮށްލުމަށްފަހު އަލުން އަނބުރައި ކޮޓަރިއަށް ވަނުމަށް ހިނގައިގަތްވަގުތު އައިލީންގެ ކޮޓަރިން ދޮރެއް ލެއްޕުނުކަހަލަ އަޑެއް އިވުނުހެން ހީވެ އޭނާގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އެހެނަސް އެތަނުގައި ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ވާކަށްނެތެވެ. އިވާން ކޮޓަރިއަށްވަނީ އެ އިވުނު އަޑަކީ އޭނާއަށް ހީވި ހީވުމެއް ކަމުގައި ނިންމަމުންނެވެ.

---

އާ ދުވަހަކަށް މަރުހަބާ ކިޔަމުން އިރު ފެނުން ތޮޅިލައިފި އެވެ. ރަންދޯދިތަކުން އަލިވެގެންދިޔަ އުދަރެހާ ދިމާލަށް ކެމެރާގެ ލެންސް އަމާޒުކޮށްލަމުން މައިރާ އެ ރީތި މަންޒަރު ރައްކާކޮށްލިއެވެ. ނެގުނު ފޮޓޮއާމެދު ހިތްހަމަޖެހިފައިހުރެ އޭނާ ރަށުތެރެއަށް ހިނގައިގަތީ މީހުން ތަންމަތިތައް ދޫކޮށް ތެދުވުމުގެ ކުރިން ގެއާ ހަމައަށް ވާސިލްވެވޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ގޭގެ ދޮރާށި ހުޅުވައިލި ވަގުތު އޭނާގެ ކަންފަތުގައި ޖެހުނު އައިލީންގެ އަޑުއިވި މައިރާއަށް އެކަން ނުވާނެކަން އެނގުނެވެ.

"އަހަރެން ހޭލިއިރު ނުވެސް ނެތޭ ކޮޓަރީގަ. ދެން ކިހިނެއް ހަދާނީ؟ މައި އެކަނި ނުކުމެގެން އުޅެނިކޮށް މަގު އޮޅުނިއްޔާއޯ؟" ހާސްވެފައިހުރެ މައިރާގެ ފޯނަށް ގުޅަމުންދިޔަ އައިލީންއަކަށް އޭނާގެ ފަހަތުގައިހުރި މައިރާއެއް އަދި ނުފެނެއެވެ.

"ސާބަހޭ ދަރިފުޅަށް. އެ އައިއެއްނު މައިރާ." ކާމޭޒުދޮށުގައި އިން އާޒިމާއަށް މައިރާފެނި ބުންޏެވެ.

"މައި.. ހަމަ ކިރިޔާ އެނގޭ ޕޮލިހުންނަށް ނުގުޅާ މިހިރީ." އައިލީން ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

"އިއްޔެ މާ އަވަހަށް ނިދުނީމަ ރޭގަ ހޭލެވުނުގޮތަށް ފަތިސްވިއިރުވެސް ނުނިދުނު. އެހެންވެ ހިތަށް އެރީ ފޮޓޯކޮޅެއް ނަގާލަން ބޭރަށް ނުކުންނާނީއޭ. ނޭނގޭ ހިސާބަކަށް ނުދަމޭ. ބަނދަރަށް ދިޔައީ" މައިރާ ބުންޏެވެ.

"ނަސީބެއްނު. ދެން އަޅާނުލާ ހިނގާ ސައިބޯން. ހަވީރު ނިދިގޮތަށް ވީމަ ވަރަށް ބަނޑުހައިވެފައެއްނު ހުންނާނީ" އައިލީން ބުންޏެވެ. މައިރާއަށް ގަޑި ބަލައިލެވުނެވެ. އޭރު އަދި ހެނދުނު ހަގަޑި ބައިވެސް ނުވެއެވެ. ރަށްރަށުގެ މީހުންނަކީ ހާދަ އަވަހަށް ހޭލާ އުޅޭ ބަޔެކޭ އޭނާގެ ހިތަށް އެރިއެވެ.

"މައި ވާނެ އެނގޭ އަދި އަހަރެންނަށް މައި ނަގާ ފޮޓޯތައް ދައްކާލަން. ރަށަށް އައިއްސުރެން ކެމެރާއެއް ހިފައިގެން އުޅޭތަން ފެންނަނީ. އެހެންވެ ވަރަށް ކިޔުރިއަސް. ހެހެހެ" އައިލީން ސައިބޯން ފަށަމުން ބުންޏެވެ.

"ދަރިފުޅު ދޭބަލަ މައިރާ ގޮވައިގެން ރަށުތެރެ ދައްކާލަން" އާޒިމާ ކެއުމުގެ ތެރެއިން ބުންޏެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން އާޒިމާގެ ވާހަކަދެއްކުމުގައި ލަސްކަމެއް ހުއްޓަސް އައިލީންއަށާއި މައިރާއަށްވެސް އޭނާގެ ވާހަކަ ސާފުވާހާވެއެވެ.

"މިއަދު ތިކަން ކުރާށޭ އުޅުނީ މާމާ. އެކަމަކު ސްކޫލުގަ އެބައޮތް މެންދުރުފަހު އެމަރޖެންސީ މީޓީންގްއެއް. އެހެންވީމަ މާދަމާ މައި ގޮވައިގެން ނުކުމެވޭ ވަރުވާނީ. ސޮރީ މައި" އައިލީން ދެރަވެލާފައި ބުންޏެވެ.

"އޯކޭވާނެ ދުވާލު އަހަރެން އެކަނި ނުކުމެލިޔަސް. އަހަރެން ނުގެއްލޭނަމޭ ޕްރޮމިސް" މައިރާ ބުންޏެވެ. އައިލީން އެބުނާ ބައްދަލުވުމަކަށް ދިޔުމުން އެކަނި ގޭގައި އިންނަން ޖެހޭނެތީ މައިރާއިނީ ކަންބޮޑުވެފައެވެ. އެގޮތަށް އެއްތަނެއްގައި ބަންދުވެފައި އިންނަން ޖެހުމަކީ އޭނާ އެންމެ ފޫހިވާ ކަންތަކެވެ.

"ހްމްމް އޯކޭ އެހެންވިއްޔާ. މައިއަށް އެނގޭތަ ސައިކަލު ދުއްވަން؟ ލައިސަންސް އޮވޭތަ؟" ވާހަކައިގެ މައުޟޫއު ބަދަލުކޮށްލަމުން އައިލީން އެއްސެވެ. އެފަދަ އެކި ވާހަކަތަކުގައިހުރެ ހެނދުނުސައި ނިންމައިލުމަށްފަހު ދެކުދިން ކޮޓަރިއަށް ދިޔައީ މައިރާ ނަގާފައިވާ ފޮޓޯތައް އައިލީންއަށް ދައްކައިލުމަށެވެ. މައިރާ ނަގާފައިވާ ގިނަ ފޮޓޯތަކުގައިވަނީ މުޅިންވެސް ރާއްޖެއިން ބޭރުގެ މަންޒަރުތަކެވެ. ގުދުރަތީ ރީތި މަންޒަރުތަކާއި އާސާރީ ބިނާތަކުގެ މަންޒަރުތަކުގެ އިތުރުން އެންމެ ގިނައީ ޖަނަވާރުންގެ މަންޒަރުތަކެވެ. ކުރިން އައިލީންގެ ލޮލުން ދެކިފައިނުވާ ތަފާތު ބާވަތްތަކުގެ ދޫންޏާއި ވަލުޖަނަވާރުގެ ފޮޓޯތައް ހުއްޓެވެ.

"ވާއު. މިއީ ހަމަ މައި ނަގާފަ؟" ތަންކޮޅެއް ކައިރިން ނަގާފައިވާ މިނިކާވަގެއްގެ ފޮޓޮއަށް އިޝާރާތްކޮށް އައިލީން އެއްސެވެ.

"ހްމްމް. ތިއީ އަސްލު އެހާ ކައިރިންނެއް ނޫނޭ. ޒޫމްކޮށްފަ ނަގާފަ ދެން އެޑިޓް ކުރީމަ އެހާ ރީތީ. ތިއީ ކަޒިންސްއާ އެއްކޮށް އިންޑިޔާއަށް ދިޔަ ޓްރިޕެއްގަ ނަގާފަ. އަދި ކޮލެޖް ފްރެންޑްސްއާ އެއްކޮށް އެފްރިކާއަށްދިޔަ ޓްރިޕެއްގަވެސް ހުންނާނެ ބައިވަރު އެނިމަލްސްގެ ފޮޓޯނަގާފަ. މަޑު ކުރައްޗެ އެބަ ހޯދާލަން އެ ފޯލްޑަރ" އައިލީންގެ އަތުގައިހުރި ލެޕްޓޮޕް ނަގަމުން މައިރާ ބުންޏެވެ.

"މައި ކީއްވެ މީހުންގެ ފޮޓޯ ނުނަގަނީ. ވެޑިންގްސް.. ޕާރޓީސް ކަހަލަ އެއްޗެހި ކަވަރ ނުކުރަންތަ؟" އައިލީން ހައިރާންވިއެވެ.

"ހްމްމް. މިއީ އަހަރެން ޕްރޮފެޝަނަލްކޮށް ކުރާ ކަމެއް ނޫނޭ. މޯރ ލައިކް ބައި ޕެޝަން. ދެން އަހަރެން ލައިކްވާ ނޫނި ޝައުގުވެރިވާ އެއްޗެއް ނޫނީ ތަނެއްގެ ފޮޓޯތާ ދޯ ނަގާނީ" މައިރާ ދެކޮނޑު އަރުވައިލަމުން ޖަވާބުދިނެވެ.

"ހެހެހެ. ތިބުނީ އިންސާނުން ފޫއްސޭތަ؟" އައިލީންއަށް މަޖާވިއެވެ.

"ދެން އެވަރުގެ ޝައުގުވެރި އިންސާނަކާ އަދި ދިމާ ނުވަނީ ކަންނޭނގެ ދޯ؟ ހަހަހަ" މައިރާވެސް އައިލީންގެ ހުނުމުގައި ބައިވެރިވިއެވެ.

މެންދުރުވާން ފެށުމުން އައިލީން ސްކޫލްގެ ބައްދަލުވުމަށް ދިޔުމަށްޓަކައި ތައްޔާރުވާންފެށިއެވެ. މައިރާވެސް ރީތިވެލައިގެން ނުކުތީ ރަށުތެރެ ބަލައިލަން ދިޔުމަށެވެ. ގޯތި ތެރެއަށް ނުކުމެވުމާއެކު މައިރާގާތު މަޑުކުރާށޭ ބުނުމަށްފަހު އަޒީމާގެ ކޮޓަރިއަށް ދުއްވައިގަތެވެ. އޭނާ އެނބުރި އައީ ބޮޑު ތަޅުދަނޑިފައްޗެއް ހިފައިގެނެވެ.

"މިއަދު އެހީމެއްނު ސައިކަލު ދުއްވަން އެނގޭހޭ…" މައިރާ ގޮވައިގެން އައިލީން ގޮސް މަޑުކޮށްލީ ގޭގެ އެއްފަރާތުގައި ހަދާފައިވާ ޓިނު ގަރާޖުގެ ކައިރިއަށެވެ. އެތަނުގެ ދޮރު ހުޅުވައިލިއިރު އެތަނުގައި ސައިކަލުތަކެއްގެ އިތުރުން ސައިކަލު މަރާމާތުކުރުމަށް ބޭނުންކުރާ ތަފާތުގިނަ ސާމާނު ފެންނަންހުއްޓެވެ. "އެހެރީ މިތަނަށް ހަދަން ގެނެސްފަ ހުރި ސައިކަލުތަކެއް. އެކަމަކު މިއީ އިވާން ކޮންމެވެސްތާކުން ގަނެގެން ހަދައިގެން އުޅޭ ސައިކަލެއް. މައިއަށް ދުއްވަން އެނގެންޏާ މައި މިރަށުގަ ހުންނައިރު ބޭނުން ކޮށްލިޔަސް އޯކޭއޭ އިވާން ބުނީ.. މައި.. އަހަރެން މީޓިންގްއަށް ވައްޓާލާފަ ދޯ ދާނީ"

ސައިކަލުން ނަޒަރު ވަކިކޮށްލުމެއްނެތި މައިރާ އުފަލުންހުރެ އަވަސްއަވަހަށް ބޯޖަހައިލިއެވެ. ބީރައްޓެހި ރަށެއްގައި އެކަނި އުޅެންޖެހުނު ނަމަވެސް ދުއްވާލާނޭ ސައިކަލެއް ލިބުނީތީ އޭނާހުރީ އުފަލުންނެވެ. އައިލީން ސްކޫލްދޮށަށް ލައިދިނުމަށްފަހު އެ ރަށުގެ ތަނަވަސް މަގުތަކުގައި ފަރިތަކަމާއެކު ސައިކަލު ދުއްވަމުންދިޔައިރު އޭނާ ގަޔާވާ މަންޒަރެއް ފެނިއްޖެނަމަ ދޭތެރެއަކުން މަޑުކޮށްލައި ފޮޓޮއެއް ނަގައިލައެވެ. އެގޮތުން އެންމެފަހުން ނެގުނު ފޮޓޮއަށް ބަލަހައްޓައިގެންހުރެ ހިޔާލެއް ފިކުރެއްނެތި އެއްއަތުން ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިގެން ދުއްވަމުންދަނިކޮށް ޖެހިގެން ހުރި ގޯޅިން އެހެން ސައިކަލެއް ނުކުތެވެ. ހުސްކޮށް އޮތް މަގުގެ ބޭނުންހިފުމަށް ސައިކަލުގެ ދުވެލި ބާރުކޮށްލި މައިރާއަށް އެ ސައިކަލު ފެންނަގޮތްވީ މާލަހުންނެވެ. ކަންދިމާކުރިގޮތުން އެ ސައިކަލުވެސް މައިރާގެ ސައިކަލުން ރެކި ގަތުމަށްޓަކައި އަނބުރައިލީ މައިރާވެސް އެ ސައިކަލާ މުޑިނޭރުމަށްޓަކައި އަނބުރައިލި ފަޅިއަށެވެ. އިސާހިތަކު ދެ ސައިކަލުޖެހި ދެމީހުން އެކުގައި ބިންމައްޗަށް ވެއްޓުނެވެ.

----

އަތުގައި އޮތް ކްލިއަރ ފޯލްޑަރުު މޭޒުމައްޗަށް ދޫކޮށްލުމަށްފަހު އިވާން ގޮނޑީގައި އިށީނދެ ސިސްޓަމުން ފެންނަމުންދިޔަ ކޭސް ރިޕޯޓަށް ނަޒަރު ހިންގައިލިއެވެ. ނުތަނަވަސްކަން އެކުލެވިފައިވާ މޫނުމަތީގައި އަތް ހިންގައިލިއިރު އޭނާގެ ދެބުމަވަނީ ގޮށްޖެހިފައެވެ. އޭނާގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލަން ޖެހުނީ ކެބިންގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލުމަށްފަހު އެތެރެއަށް ވަދެގެންއައި ފުލުސް އޮފިސަރު ފެނުމުންނެވެ. އޭރު އެ ކެބިންގެ ބޭރުން ބަޔަކު ހަޅޭއްލަވާ އަޑުވެސް އޭނާއަށް އިވެމުންދިޔައެވެ. އޮފިސަރުގެ މޫނަށް ބަލައިލުމުން ކަންތައްތައް ރަނގަޅުނޫންކަން އެނގޭހާވެއެވެ. އެހެންކަމުން އިވާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އިން ގޮނޑިން ތެދުވެ ކެބިންއިން ބޭރަށް ހިނގައިގަތެވެ. އޭނާއާ ބައްދަލުކުރީ އެ ފުލުސް ސްޓޭޝަނަށް އާ މޫނެއްނޫނެވެ. އެއީ އެކި ތުހުމަތުތަކުގައި ގެނެވި، ބައެއް ތުހުމަތުތަކުގައި ހައްޔަރުކޮށް، އަދި މިނިވަންވެފައިވާ ކުށްވެރިއެކެވެ. ރަށުތެރޭގައި ގާނޫނާ ހިލާފުކަމެއް ހިނގަމުންދާނަމަ އެކަމެއްގެ އެންމެ ކުރީގައި ހުންނަ ދާދާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

"އޮޕަރޭޝަނެއް ހިންގީތަ؟ އަހަރެންނަކަށް ހަބަރު ލިބިފައެއްނެތް" އިވާން އެ ކުށްވެރިޔާގެ މޫނުން ނަޒަރު ވަކިކޮށްލުމެއް ނެތި އޭނާ ގާތު ހުރި އޮފިސަރަށް ކިރިޔާ އިވޭވަރަށް ސުވާލުކޮށްލި އެވެ.

"ނޫން. ރޯޑް އެކްސިޑެންޓެއް" އޮފިސަރު ޖަވާބުދިނެވެ.

"ހެލޯ އާސިމް. ވީ މީޓް އަގައިން.." ކައިރި މޭޒަކުން ނެގި ނޯޓުޕެޑެއްގައި ޖީބުންނެގި ގަލަން ޖައްސައިލަމުން އިވާން އެ ކުށްވެރިޔާއާ ކުރިމަތިލިއެވެ.

"ބުނަން ބްރޯ؟ މަށަށް އެނގޭ ކައެމެން މަގޭ ސެލް ކުރާހާ ސްޓޯރީއެއް ގަބޫލެއް ނުކުރާނެކަން އެކަމަކު މަށެއް ނޫނޭ މިއަދު ކަޑަކޮށް ކަންތައްކުރީ! ބަލާބެ މަގޭ ސައިކު! އިހަށް ދުވަހުއޭ ފަސްހާސް ރުފިޔާ އެ ސައިކަށް ތަޅާލީ. އެވަރަށް ސަޅިކޮށްލީމަ އެގޮލާ އައިސް މަގޭ ސައިކު ބަލާބެ ފުނޑާލާފަ އޮތްވަރު. ކޮންޓްރޯލް ނުވާއިރުވެސް މާ ގައްޑާވެފަ ބާރަށް ދުއްވަންޖެހޭ" އާސިމްގެ ވާހަކަ ނުނިމެނީސް އިވާންގެ ސަމާލުކަން ހުއްޓުނީ އެ ކުށްވެރިޔާގެ ފަހަތުން އިވުނު އަންހެން އަޑަކަށެވެ.

"އަހަރެން ދިޔައީ މައި މަގުން. ގަވައިދުގަ ނޯވޭތަ މައި މަގުން ދާ އުޅަނދަށް އިސްކަންދޭކަށް. ދެން މައްސަލައެއްނެތް! އަހަރެން ދިޔައީ ނުބަލަޔޯ. އެކަމަކު އަހަރެން ދިޔައީ ގަވައިދުގަ އޮންނަ ސްޕީޑަށޭ. އޭނަ އައީ މީހަކަށް މަތަނުވާނެހާ ބާރަށް. އަހަރެން ބަލައިގެން ދިޔަނަމަވެސް އެ ސައިކަލުގަ ޖެހޭނެ. ކީއްވެތަ ގަބޫލު ނުކުރަނީ ކޮބާތަ އިންޗާރޖް؟" އިވާންގެ ދެބުމަ ގޮށްޖެހުނެވެ. ބޯ އަރިކޮށްލައި އެ އަޑުގެ ވެރިފަރާތް ހޯދައިލިއެވެ. ސްޓޭޝަންގެ އަނެއްފަރާތުގައި އަންހެން ފުލުހެއް އިންނަ މޭޒުގެ ދޮށުގައި އޭނާއަށް ފުރަގަސްދީގެން އަންހެންކުއްޖަކު އޭނާގެ ލޮލުގައި އަޅައިގަތެވެ. ކައިރީގައިހުރި އޮފިސަރަށް އާސިމް ވަކިން ދިމާލަކަށް ގެންދިޔުމަށް އިރުޝާދުދީފައި ދުރުގައިހުރި މޭޒާ ދިމާލަށް އިވާން ހިނގައިގަތެވެ.

"ސަރ.." އިވާން ފެނުމާއެކު މޭޒުދޮށުގައި އިން އަންހެން އޮފިސަރު ތެދުވަން އުޅުނު ނަމަވެސް އިވާން އަތްދަމައިލައި އެކަން މަނާކުރަމުން އައިސް ޝަކުވާ ކުރަމުންދިޔަ ކުއްޖާގެ މޫނު ފެންނަހެން މޭޒުގެ ކައިރިއަށް ހުއްޓުނެވެ. އެކުއްޖާ ނިކަން ރުޅިއައިސްފައި އިސްއުފުލައިލި ވަގުތު އިވާންއާ ހަތަރުކަޅި ހަމަވިއެވެ. އެ މުށިކުލައިގެ ދެލޮލުން އޭނާއަށް ޖެއްސީ ކޮންކަހަލަ ސިހުރެއްކަމެއް އިވާންއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އެތެރެއަށް ދަމައިލި ނޭވާ ދޫކޮށްލުމަށް ނުކުޅެދިފައިވާ މިންވަރަށް އެ ފުންމިން ނޭނގޭ ކަނޑެއްފަދަ ދެލޮލުގެ ތެރެއަށް އޭނާ ގެނބިގެންދިޔަކަމެވެ. ނަމަވެސް ކުއްލިއަކަށް އެ އަންހެންކުއްޖާ އިންގޮނޑިން ތެދުވެ އިވާންއާ ދިމާލަށް ހަޅޭއްލަވައިގަތުމާއެކު އެ ދެލޮލުގައިވާ ފުންމިނުގެ ތެރޭގައި ޢަރަގުވެގެން ނުދަނީސް މައްޗަށް ފީނައިގަތުން އިވާންއަށް މަޖުބޫރުވިއެވެ. ހަށީގައިވި ހުރިހާ ބާރަކާއެކު ވައިނޮޅީގައި ތާށިވެފައިވި ނޭވާ ދޫކޮށްލިއެވެ.

"ތިއީ ކާކު؟ ބުނަން. މިއީ އަހަރެން މިރަށަށް އައިތާ އަދި ދެވަނަ ދުވަސް އެހެންވީމަ އަހަރެން ބޭނުމެއްނެތް މި މައްސަލަ ބޮޑުކުރާކަށް. އަހަރެންނަކަށް ވަގުތެއްނެތް އެހެން މީސްމީހުނާ ވާހަކަ ދައްކާކަށް. އަހަރެންނަކީ ބީރައްޓެއްސެއްވެފަ އޭނައަކީ ރަށު މީހެއްވީމަ ބޭނުން ގޮތެއް ތި ހަދަނީ. ކޯލް ޔޯރ އިންޗާރޖް ނައު" މައިރާގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. އިވާން ވަކިއެއްޗެކޭ ނުބުނެ ސުކޫތެއްވަރު މަޑުކޮށްލީ މައިރާގެ ރުޅި ފިނިވެ އަޑު މަޑުވެދާނެކަމުގެ އުއްމީދުގައެވެ. "އަޑެއްނީވޭތަ! ކާކުތަ މިތާ އިންޗާރޖްއަކީ؟" އިވާން ހީކުރިގޮތާ ހިލާފަށް ހިމޭންކަމަކުން މައިރާގެ ރުޅިއަށް ފިނިކަމެއް ނުލިބުނެވެ.

"ދެޓް ވުޑް ބީ މީ" އަތުގައި އޮތް ނޯޓްޕެޑާއި ގަލަން މޭޒުމައްޗަށް ދޫކޮށްލުމަށްފަހު ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން އިވާން ބުންޏެވެ.

"ތިއީ؟" މައިރާއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާގެ ކުރިމަތީގައި މިހިރަ ހެޔޮވަރުގެ އިސްކޮޅެއްގެވެރި ޒުވާނާއަކީ ހަމަ މި ފުލުސްއޮފީހުގެ އެންމެ މަތީ މީހާ ހެއްޔެވެ. އެ ސްޓޭޝަނުގައި ތިބި ހުރިހާ ފުލުހުންނާ ހިލާފަށް އެ ޒުވާނާ ހުރީ ޔުނީފޯމެއްގެ ބަދަލުގައި ހުދުކުލައިހެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައެވެ. ތުނިކޮށް ކޮށާފައިވާ އިސްތަށިގަނޑަކާއި ތުނބުޅި މަތިމަސް އެ މޫނާއި ނުހަނުގުޅެއެވެ. ބަލާބެލުމަށް އަދި ތިރީސް އަހަރުވެސް ނުވާނޭކަން މައިރާއަށް އެނގުނެވެ. ދެން އޭނާ އެވާހަކަ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ. ނަމަވެސް އެ ޒުވާނާ މައިރާގެ ކުރިމަތީގައި ހުއްޓިލައިގެން ހުރިގޮތާއި އެ ދެލޮލުގައިވި ނުރައްކާތެރިކަން ފެނި މައިރާއަށް އެ ޝަހްސިއްޔަތުގެ ވަރުގަދަކަން އިހުސާސް ކުރެވެމުންދިޔައެވެ. މީގެ ހިނދުކޮޅެއްކުރިން އޭނާއަށް އިވުނު ފިރިހެންވަންތަ ބަރު އަޑުގެ ވެރިޔާއަކީ މިއީކަން އެނގުމުން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"ސްޓޭޝަން އިންޗަރޖް.. ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިވާން އިސްމާއިލް."

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!