Episode 75
ހިތް އެދޭހާ ކަމެއް.. (75 ވަނަބައި)
"މިހާ ލަސްކޮށް އަހަރެން ހޯދަން އައިމަ ދެން މިރޭ އަހަރެންނާއެކު ޑިނަރއަށް ގޮސްފަ އެނގޭ ދެވޭނީ. ބުނެބަލަ. ކޮންކަމަކުތަ ތި އައީ؟" ލައިޝާގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ.
"ލައި.. އައި ނީޑް އަ ގުޑް ލޯޔަރ" ރާހިލްގެ މޫނުމަތިން ފާޅުވާން ހުރީ ސީރިއަސްކަމެވެ.
"ތި އާދެވުނީ ހަމަ އެންމެ ރަނގަޅު މީހާ ގާތަށް. އައި މީން.. ނޮޓް ޓު ބްރެގް ބަޓް އައި އޭމް އަ ގުޑް ލޯޔަރ" ލައިޝާ ފޮނިވެލިއެވެ.
"އެނގެޔޭ. ލައި ތިއީ ހަމަ ބެސްޓް ލޯޔަރ.. ކޯޕަރޭޓް ކަމަކިއްޔާ ލައި ނޫން މީހެއްގާތަށް އަހަރެން ނުދާނަން އެކަމަކު ބޭނުންވެގެން މި އުޅެނީ މުޅިން އެހެން ދާއިރާއެއްގެ ލޯޔަރއެއް." ރާހިލް ބުންޏެވެ.
"ރާހިލް.. އަނެއްކާ ކަމެއް ހިނގީތަ؟ ނިކަން ވެގެން އުޅޭ ގޮތެއް ބުނެބަލަ" ލައިޝާ ހާސްވިއެވެ.
"އަހަރެން… އަހަރެން މި އުޅެނީ ޑިވޯރސް ވާންވެގެން ލައި" ރާހިލްގެ ދުލުން އެބަސްތައް ބޭރުކޮށްލެވުމާއެކު އޭނާއަށް އަނގައިން ލޭރަހަ ލާވަރަށް ކޮލުގައި އެތެރެއިން ދަތް އަޅައިލެވުނެވެ.
"ތިބުނީ؟ އަހަރެންނަކަށް އަދި ތި ކިޔާ އެއްޗެއް ނޭނގުނު." ލައިޝާގެ ސިކުނޑީގައި ސުވާލުމާކު ޖެހިގެން ދިޔައެވެ. އޭނާ މި ހުރިހާދުވަހު ހީކުރީ ރާހިލް ހުރީ ހުސްހަށިބަޔަށް ކަމުގައެވެ. ރާހިލްގެ ފަރާތުން އަންބަކު ހުންނަކަމުގެ އިޝާރާތެއްވެސް ނުވެއެވެ. ދުވާލާއި ރޭގަނޑުގެ ބޮޑުބައި މަސައްކަތުގައި ހޭދަކުރާއިރު ހީވަނީ އާއިލީ އެއްވެސް ޒިންމާއެއްނެތް މީހަކުހެނެވެ. ނުވިތާކަށް އޮފީހުގެ އިތުރު މީހެއްގެ ފަރާތުންވެސް އޭނާއަކަށް ރާހިލްގެ އަންބަކު ހުންނަކަމެއް އެނގިފައެއް ނުވެއެވެ. ލީވާންގެ ފަރާތުން ވެސްމެއެވެ.
"ލައިޝާ.. ލައި؟ އޯކޭތަ؟" ހުއްޓުން އަރައިފަައިއިން ލައިޝާގެ މޫނުމަތިން އަތް ހޫރައިލަމުން ރާހިލް އަހައިލިއެވެ.
"ހްމްމް އޯކޭ.. އަހަރެން ހީކުރީ.. މިބުނީ. ރާހިލްގެ ވައިފް މަރުވީއެއްނު. އޭގެ ފަހުން ރާހިލް ކޮންއިރަކު މީހަކާ އިނީ؟" ލައިޝާ އަހައިލިއެވެ.
"އޭގެ ކުރިން.."
"ވަޓް؟" ރާހިލްގެ ޖަވާބާއެކު ލައިޝާއަށް ހަޅޭއްލަވައިގަނެވުނެވެ.
"ޝްޝްޝް. ލައި..ހަމަޖެހިބަލަ. އޭރަށް ދޯ އަހަރެންނަށް މި ކޭސް ހިއްސާކުރެވޭނީ ލައި އާ" ރާހިލް ބުންޏެވެ.
"ކޭސް؟ އާންމުކޮށް ޑިވޯރސް އަޑުއެހުންތައް ރާއްޖޭގަ ކުރިއަށް ގެންދަނީ ލޯޔަރަކާ ނުލައެއްނު. ދެން ކޮން ކޭސްއެއް؟ އަނެއްކާ އެއީ މާ ބޮޑު މުއްސަންޖަކީތަ؟ މުދާ ބައިކުރަންވެގެންތަ ވަކީލަކު ތި ހޯދަނީ؟" ލައިޝާއަށް އެންމެ ފުރަތަމަ ވިސްނުނުގޮތަށް އަހައިލިއެވެ.
"ނޯ ލައި! އަހަރެން މިއީ އެވަރުގެ ގޮތެއްނެތް މީހެކޭ ލައި ހީކުރަންވީ ކީއްވެ؟ އަހަރެން ނޫޅެން މީހެއްގެ މުދަލެއް ބޭނުންވެގެނެއް. އަހަރެން ބޭނުންވަނީ އަހަރެންގެ ދެކުދިން-"
"ވަޓް!" ރާހިލް ސިއްސައިގެންދިޔައީ އަނެއްކާވެސް ލައިޝާ ތޫލި އަޑަކުން ހަޅޭއްލަވައިގަތުމުންނެވެ. މިފަހަރު ކުރިއަށްވުރެންވެސް ބާރަށެވެ. އޭނާ ބަލައިލިއިރު ލައިޝާ ހުރީ ގޮނޑި ދުރުކޮށްލުމަށްފަހު ދެފައި މައްޗަށް ތެދުވެއެވެ.
"ކާމް ޑައުން ލައި-"
"އަހަރެން ކިހިނެއް ކާމްވާނީ؟" ލައިޝާ މޭޒުކައިރީގައި ކުރުކާލި ކަނޑަން ފެށިއެވެ.
"އަހަރެންނަކަށް މިހާރު ޔަގީނެއް ނޫން ތިތާ ތިއިނީ ރާހިލް ކަމެއްވެސް. ފުރަތަމަ އައިސް އަތްނބެއް ހުރިވާހަކަ. ދެން ދެކުދިން ތިބި ވާހަކަ. ވަޓްސް ނެކްސްޓް؟ ކާފަ ކުއްޖަކުވެސް އެބަ ހުއްޓޭތަ ބުނާނީ؟" ލައިޝާ ދެއަތް އުކަމުން ވާހަކަދައްކަން ފެށިއެވެ. މީ
"ސްޓޮޕް އިޓް ލައި މިހާރު ދެން މާ ޑްރާމާބޮޑު ކުރަނީ ތިއީ. އަދި އެކުދިންނަށް އެންމެ ފަސް އަހަރޭ" ރާހިލް މަޖާވެލައިފައި ބުންޏެވެ.
"ދެކުދިންނަށްވެސް؟" ލައިޝާ އަހައިލިއެވެ.
"ހްމްމް. ދޭ އަރ ޓްވިންސް" ރާހިލް ބުންޏެވެ.
"ވާއު ރާހިލް. އައިމް ހެޕީ ފޯރ ޔޫ. މިބުނީ ނޮޓް ދަ ޑިވޯރސް ޕަރޓް. ދަ ކިޑްސް ޕަރޓް. އެކަމަކު އަހަރެންނަށް މިހާރު ވަރަށް ސްޓުޕިޑް ފީލިންގްއެއް ލިބެނީ. އައި ވޯޒް ކްރަޝިންގް އޮން ޔޫ ދިސް ހޯލް ޓައިމް. ރާހިލްއަށްވެސް އެކަން އެނގެއެއްނު. ރާހިލް އަހަރެން ރިޖެކްޓްކޮށް އިގްނޯރ ކުރިޔަސް ފަހުން ޗާންސެއް އޮތްހެން ހީވާތީ އަހަރެން ގިވްއަޕް ނުކުރީ. ރާހިލް އަޅެ އެންމެ ފަހަރަކުވެސް އަހަރެންގާތު ސިންގަލްއެއްނޫނޭ ބުނެލިނަމަ. އޯހް ގޯޑް ދިސް އިޒް އެމްބެރެސިންގް" ލައިޝާ ގޮނޑީގައި އިށީނުމަށްފަހު މޫނުގައި ދެއަތް އަޅައިލިއެވެ.
"އައިމް ސޮރީ ލައި. ލައި އަކީ ގޯސްކުއްޖެއްނޫން. ލައިގެ ހިތްހަލާކު ކޮށްލެވިދާނެތީ އަހަރެން ހަނުހުރީ. އައި ނޯ ދަ ޕެއިން އޮފް ރިޖެކްޝަން" ރާހިލް ބުންޏެވެ.
"ޕެއިން މައި ފުޓް ރާހިލް އައި ވިލް ހިޓް ޔޫ ވިތް މައި ހީލް!" ލައިޝާ ކުއްލިއަކަށް ފައިން ނައްޓައިލި ފައިވާންކިބަ އަތަށް ނަގަމުން ރާހިލްއާ ދިމާލަށް މަޅައިލިއެވެ. ރާހިލް އަވަހަށް ބިރުން ފަހަތަށް ޖެހިލިއެވެ.
"އަހަރެން ރާހިލްދެކެ ލޯތްބެއްނުވެޔޭ. ރާހިލް ސާފުސީދާ ބަހުން ނޫނެކޭ ބުނެގެން ހިތްހަލާކެއް ނުވާނޭ. އަހަރެން ގަބޫލުކުރާ ގޮތުގަ ލޯބި ވެވޭނީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްވީމަ. އިޓް ވޯޒް ޖަސްޓް އަ ކްރަޝް ރާހިލް. ދެރައީ އެކަމަކު ރާހިލްވެސް އަހަރެން ތެޅުވީމަ. ރާހިލް ލިބިދާނެކަމަށް އަހަރެންނަށް ހުޒާމްގާތުވެސް ނޫނެކޭ ބުނެވު– އޯ މައި ގޯޑް ހުޒާމް!" ކުއްލިއަކަށް ލައިޝާ ކަމެއް ހަނދާންވި ފަދައިން ދެއަތް ޖަހައިލަމުން ބުންޏެވެ.
"ހުޒާމް؟" ރާހިލް އެއީ ކާކުހޭ އަހައިލާ ފަދައަކުން ބުންޏެވެ.
"ޔެސް ހުޒާމް. ހުޒާމް އިޒް ދަ ބެސްޓް ތިކަހަލަ ކަންކަމުގަ. ލައިއާ އެއްކޮށް ހުޒާމްވެސް ލޯ ސްކޫލް ނިންމީ އެކަމަކު ހުޒާމް ވަރަށް ކޯޕަރޭޓް ކޭސަސްގަ މަސައްކަތް ނުކުރާނެ. އެކަމަކު ފެމިލީ ލޯއަށް ހުޒާމްވަރެއް ނުހުންނާނެ އެނގޭ. ވަރަށް ފަހުންވެސް ހަމަ ތިކަހަލަ ދެ ހަޟާނާތުގެ މައްސަލައެއް ހުޒާމްއާ އެއްކޮޅަށް ނިމުނު" ލައިޝާ ބުންޏެވެ.
"ދެޓްސް ގްރޭޓް. ލައި އެރޭންޖް ކޮށްލަދޭންވީނު އަހަރެންނަށް ހުޒާމްއާ ބައްދަލުކޮށްލެވޭނެ ގޮތެއް" ރާހިލް ބުންޏެވެ.
"ނައްއައްއާ! ރާހިލްއަކަށް އަހަރެން ދެންމެ ބުނި އެއްޗެއް ނީވުނުތަ؟ އަހަރެން ހުޒާމް ރިޖެކްޓް ކުރީއޭ. ހުޒާމް އެހެންވެ މިހާރު އަހަރެން ބްލޮކް ކޮށްލައިފި. އެކަމަކު އަހަރެން ރާހިލްއަށް މި ދެނީ ހުޒާމްގެ ނަންބަރު. ރާހިލް އަޅެ ގުޅާލަބަލަ" ލައިޝާ ފޯނުން ހޯދައިލި ނަންބަރެއް ގަނޑުކޮޅެއްގައި ނޯޓުކޮށްލުމަށްފަހު ރާހިލްގެ އަތަށް ދިނެވެ.
"ތޭންކްސް ލައި. އައިލް ސީ ޔޫ ޓުމޯރޯ" ރާހިލް ގޮނޑިން ތެދުވަމުން ބުންޏެވެ. އަދި އެތަނުން ދުރަށް ހިނގައިގަތުމަށްފަހު ކަމެއް ހަނދާންވާ ފަދައިން އައިސް އަނެއްކާވެސް ލައިޝާގެ މޭޒުކައިރިއަށް ހުއްޓުނެވެ. ލައިޝާ ކިހިނެއްވީހޭ އަހައިލާ ފަދައަކުން ރާހިލްއަށް ބުމަ އަރުވައިލިއެވެ.
"ލައި ދެންމެ ބުނީމެއްނު ޑިނަރއަށް ދާ ވާހަކަ" ރާހިލް ބުންޏެވެ.
"އޯހް. އެކަމާ ދެން އަޅާނުލާ. އަހަރެންނަށް އެނގޭ ރާހިލް ޑިވޯރސްއަށްފަހު ސިންގަލްވާނެކަން. މިބުނީ ދެން އަދި އަހަރުމެންގާތު ނުބުނާ އެހެން ވައިފެއްގެ ވާހަކަ ނެތިއްޔާ" ލައިޝާގެ ސަމާސާއިން ރާހިލްގާތަށް ހިނިއައެވެ. "ބަޓް އައި ޑޯންޓް ތިންކް އައިމް ރެޑީ ޓު ބީ އަ ސްޓެޕްމަމް ރާހިލް. މަރުހަބާ. މިރެއިން ފެށިގެން އަހަރެންގެ އުނދަގުލުން ރާހިލް ތި ސަލާމަތްވީ" ލައިޝާ ހިނިތުންވުމަކާއެކު ބުންޏެވެ.
ރާހިލް އެންމެ ރަނގަޅޭ ބުނާ ފަދައަކުން ބޯ ޖަހައިލުމަށްފަހު އެތަނުން ހިނގައިގަތުމާއެކު ލައިޝާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ. ދެލޮލުގެ ކަރުނަވަޅުގައި އިނގިލި ޖައްސައިލުމަށްފަހު ކަރުނަތައް ހިންދައިލި ވަގުތު ރާހިލް ފަސްއެނބުރި ބަލައިލުމަށްފަހު ލައިޝާއަށް ގޮވައިލިއެވެ. ލައިޝާ ސިއްސައިގެންގޮސް އިސްްއުފުލައިލަމުން ރާހިލްއަށް ހިނިތުންވެލިއެވެ.
"ތޭންކްސް ލައި. މި ހުރިހާ ކަމަކަށް" ރާހިލްގެ އަތުގައި އޮތް ގަނޑުކޮޅު ދައްކައިލަމުން ބުންޏެވެ. "އެންޑް ލައި އަށް ވަންޏާ މި ވާހަކަ އޮފީސް މީހުންނަށް ސިއްރުކުރެވިދާނެތަ؟" އޭނާ އިތުރު ކޮށްލިއެވެ. އެއާއެކު ލައިޝް އަތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި ޖައްސައިލުމަށްފަހު ޒިބެއް އަޅުވައިލާ ފަދައިން އަނގަމަތިން ހުރަސްކޮށްލިއެވެ. ބަދަލުގައި ރާހިލް އަތުގެ ދެއިނގިލި ނިއްކުރިއާ ކައިރިކޮށްލަމުން ލައިޝާއަށް އަވަސް ސެލިއުޓެއް ދިނުމަށްފަހުގައިގޮސް ލިފްޓަށް އެރިއެވެ.
****************
ހުޒާމްއާ ބައްދަލުކުރުމަކީ ރާހިލްއަށް މާ އުނދަގޫކަމަކަށް ނުވިއެވެ. ހުޒާމްގެ އެކުވެރި މިޒާޖުގެ ސަބަބުން ރާހިލްއަށް އޭނާގެ ވާހަކަތައް ހުޒާމްއަށް ހިއްސާކުރަން ފަސޭހަވިއެވެ. އަދި ދެމަފިރިން މިހާރުވެސް ދިރިއުޅެމުންދަނީ ވަކިން ކަމުގައިބުނެ ހުޒާމްގެ އެހީގައި އެކުދިންގެ ހަޟާނާތުގެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ. މިކަމުގެ ހިލަމެއްވެސް ނުވާހާލު ވަރިއާ ގުޅޭ ފުރަތަމަ އަޑުއެހުމަށް ޝައިނާ ދިޔައިރު، ރާހިލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ކޯޓުން އޮޅުންފިލުވައިދިން ވަގުތު ޝައިނާއަށް ގަބޫލު ނުކުރެވިފައި ރާހިލްއާ ދިމާލަށް ބަލައިލެވުނެވެ. ރާހިލްގެ ފަރާތުން އެ ފެނިގެންދިޔައީ އޭނާ އެއްވެސް ހާލެއްގައި އުއްމީދު ކޮށްގެންހުރި ކަމެއް ނޫނެވެ. އެހެނަސް ސިހުމާއި ހިތާމަ އެކުލެވިފައިވާ ޝައިނާގެ ބެލުމުގެ ކުރިމަތީގައި މިފަހަރު ރާހިލް އިސްޖަހާކަށް ނޫޅުނެވެ. އަބަދަކު އޭނާއަށްވެސް ޝައިނާގެ ފަހަތުން އާދޭސްކޮށް ޝައިނާ ބޭނުންވާ ގޮތަށް ކަންކަން ދޫކޮށްލަން ރުހެވޭނީ ކިހިނެއްހެއްޔެވެ؟ ޝައިނާގެ ހިތް އޭނާގެ މައްޗަށް އެހާ ހަރުނަމަ އުމުރުގެ ފުރަތަމަ ފަހަރަށް އޭނާގެ ހިތަކީވެސް ޝައިނާގެ މައްޗަށް ހިލަގަނޑަކަށް ހަދަން ރާހިލްހުރީ ތައްޔާރަށެވެ.
"ރާހިލް.. މިއަދު ދެއްކި ވާހަކަތަކުން ހިއެއްނުވޭ ޝައިނާވެސް ހުރީ ގޮތްދޫކުރާ ގޮތަކަށްހެން. ރާހިލްވެސް މިފަހަރު ވާނެ މިކަމުގަ ވަރަށް ސާބިތުވާން. މިއަދު މި ހިނގައިދިޔަ ކަންތަކަށްފަހު.. މިބުނީ ރާހިލް އެކުދިންގެ ބަލަދުވެރިކަން ބޭނުންވާކަން ޝައިނާއަށް އެނގުމަށްފަހު ރާހިލް ދެން ފަހަތަށް ޖެހިއްޖެނަމަ ދެން ޝައިނާ އެކުދިންނާ ރާހިލް މުޅި އުމުރަށް ވަކިކުރާކަށްވެސް ފަސްނުޖެހޭނެ" މާޒީގައި ކަންހިނގައިފައިވާ ގޮތަށް ރިއާޔަތްކުރަމުން ހުޒާމް ރާހިލްއަށް ނަސޭހަތްތެރިވިއެވެ.
"ހުޒާމް ތިކަމާ ހާސްވާނެ ކަމެއްނެތް. މިފަހަރު އަހަރެންވެސް މިކަން ކޮންމެވެސް ކޮޅެއްގަ ޖައްސަން ބޭނުން" ރާހިލް ބުންޏެވެ.
"އޯކޭ. އެހެންވީމަ ހިނގާ ކޮފީއަކަށް ގޮސްލާފަ ދަމާ ދޯ" ހުޒާމް ބްރީފްކޭސް ހިފައިގެންހުރި އަތް ނޫން އަނެއްއަތް ހިއްލައިލައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ.
"ނޫނޭ. ހުޒާމް ދޭ. އަހަރެން ދެން ދާނީ އޮފީހަށް" ރާހިލްގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު ހުޒާމް ސައިކަލަށް އަރައިގެން ނައްޓައިލި ތަނާހެން ރާހިލްއަށް ފަހަތުން ޝައިނާ ގޮވައިލިއަޑު އިވުނެވެ. އޭރު ޝައިނާ ކޯޓުން ނުކުމެގެން ދުވެފައި ކަހަލަ ގޮތަކަށް އައިސް މަގުގެ އަނެއްފަރާތުގައި ހުރި ރާހިލްގެ ގާތަށް މަޑުކޮށްލައިފިއެވެ.
"ރާހިލް ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟" ޝައިނާ ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ނުރުހުންވެފައި އަހައިލިއެވެ.
"ކިހިނެއްވީ؟ އަހަރެން ކަމަށް ކޮށްފިތަ؟" ރާހިލް ދެކޮނޑު އަރުވައިލުމަށްފަހު ކަމެއް ނުވާކަމަށް ހެދެމުން އަހައިލިއެވެ.
"ކީކޭ ހިތަށް އަރައިގެން ޔާނާއާއި ރާއީގެ ކަސްޓަޑީ ހޯދަން ތި މަސައްކަތްކުރަނީ؟" ޝައިނާ ރުޅިއައެވެ.
"މައްސަލައަކީތަ؟ އެއީ އަހަރެންގެވެސް ދަރިންނެއްނު. އެކުދިންގެ މައްޗަށް ޝައިނާއަށް ލިބިގެންވާ ކޮންމެ ހައްގަކަށް ހައްގެއް އަހަރެންނަށްވެސް ލިބިގެންވޭ!" ރާހިލް ބުންޏެވެ.
"ކީކޭ؟ ހައްގޭ؟ ރާހިލްގެ ލަދުކޮބާ؟ މިއަދު ތިބުނާ ހައްގުގެ ވާހަކަ ދައްކާއިރު މިހުރިހާ ދުވަހު ރާހިލް ކޮބާ؟ އަހަރެން ކޮބާތޯ ނޫނީ ކުދިން ކޮބާތޯ ރާހިލް ބަލާލިންތަ؟ އެހެންވެ އަހަރެން ބުނަނީ ރާހިލް އަހަރުމެންދެކެ ލޯތްބެއްނުވެޔޭ!" ޝައިނާގެ އަޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ.
"ޝައިނާ އަހަރެންނަށް ފިލައިގެން ދިޔުމަކީ އަހަރެންގެ ކުށްތަ؟ ޝައިނާ ހޯދަން އަހަރެން މަސައްކަތްކުރިން. ތެދެއް. ޝައިނާ ދިޔުމާއެކު އަހަރެންގެ ދިރިއުޅުމުގަ ދިމާވި ކަންތައްތަކުގެ ސަބަބުން އަހަރެން ރިއާންގާތު ބުނެގެން ޝައިނާ ހޯދުމުގެ މަސައްކަތް މަޑުޖައްސާލީ. އެލީޝާގެ މަރާއެކު ގެއިން ނުކުމެ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ… ފޯރުންތެރި ދިރިއުޅުމެއް ހޯދޭތޯ އަހަރެންނަށް މަސައްކަތްކުރަން ޖެހުނީ.. އޭރު އަހަރެންނަށް ޝައިނާ ހޯދައިގެން އުފާވެރި ހަޔާތެއް ނުދެވޭނެހެން ހީވާނެތީ.. އަދި އެ އައިސްފައިހުރި ރުޅީގެ ހޫނުކަންމަތީ ޝައިނާ އަހަރެން ދޫކޮށްލަފާނެކަމުގެ ބިރުގަ އަހަރެން ހުރިހާ ކަމެއް މަޑުޖައްސާލީ.. އެކަމަކު އޭގެ ފަހުން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ. އެއްވެސް އިދާރާއަކުން ހޮސްޕިޓަލަކުން ޝައިނާގެ އެއްވެސް ރެކޯޑެއް ނުފެނުނު. ކުޑަމިނުން ޝައިނާ އެ ދެކުދިން ވިހެއީ ކޮން ހޮސްޕިޓަލަކު ކަމެއްވެސް އަހަރެންނަކަށް ނޭނގެ" ރާހިލް ތެދުތެދަށް ހަގީގަތް ކިޔައިދިނެވެ.
"އައި ހޭޑް އަ މިޑްވައިފް" ޝައިނާ އިސްޖަހައިލަމުން ބުންޏެވެ.
"އަ ވަޓް ނައު؟" ރާހިލްއަށް ހުރެވުނީ ޝައިނާ އެ ބުނި ޖުމްލަ އިވުނީ ރަނގަޅަށް ކަމާމެދު ޝައްކު އުފެދިފައެވެ.
"އަހަރެން އުޅުނު ރަށުގަ އުޅުނު ވަރަށް ރަނގަޅު ފޫޅުމައެއް. އޭނަ-"
"ވަޓް ދަ ހެލް ޝައިނާ ވަޓް ދަ!" ރާހިލް އޭނާގެ ދޫކޮށްލެވިފައިވާ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން ފަހަތަށް ދެތިން ފިޔަވަޅު އަޅައިލިއެވެ. ދެވަނަ ސުކުންތުގައި ހަމަ އެހާ އަވަހަށް ކުރިއަށް ދުރު ފިޔަވަޅެއް އަޅައިލަމުން އަނެއްކާވެސް ޝައިނާއާ ކުރިމަތިލިއެވެ.
"ހަމަ އެހާ ވަރަށް؟ ހަމަ އެހާ ވަރަށް އަހަރެންނަށް ނަފްރަތު ކުރާތީތަ ހޮސްޕިޓަލަކުންވެސް ޝައިނާގެ ރިކޯޑެއް ނުހޯދޭނެހެން ތިވަރަށް ތި މަސައްކަތްކުރީ؟ ޔޫ ނިއު ޕްރެގްނަންސީ ވޯޒް އޯލްރެޑީ ޑޭންޖަރަސް ފޯރ ޔޫ. އެވަރުންވެސް އެދެކުދިންނާއި ހުދު ޝައިނާގެ ފުރާނަވެސް ރިސްކް ކުރީ ހަމަ އަހަރެންނާ ދުރުގަ–" ރާހިލްއަކަށް އޭނާގެ ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އަޑު ކުރަކިވާން ފެށުމާއެކު އޭނާ އިތުރަށް އެތަނުގައި ނުހުރެ އަވަސް ފިޔަވަޅުތަކެއްގައި ދުރަށް ހިނގައިގަތެވެ. ޝައިނާ ދުވެފައިގޮސް އަނެއްކާވެސް ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
"ރާހިލް އެއީ އެއްވެސް ނުރައްކަލެއް ނެތްކަމެކޭ.. އެހެންނޫނަސް މިިހާރު ތި ވާހަކަ އޮޅުވާލަނީ.. މައްސަލަ ނަގާ!" ޝައިނާ އެދުނެވެ.
"ވިތްޑްރޯ ދަ ޑިވޯރސް އެންޑް މޫވް އިން ވިތް މީ!" ރާހިލް ޖަދަލުކުރިއެވެ.
"ރާހިލް.. އަހަރެން މިބުނީ ރާހިލްއަށް ރަނގަޅަކަށް. ރާހިލްއަށް މި ކޭސްއިން މޮޅެއް ނުހޯދޭނެ. އެއީ ދިހަ އަހަރު ކީއްކުރަން ހަތް އަހަރުވެސް ނުވާ ދެކުދިންނޭ. އެވަރު ކުދިންގެ މައްސަލަތައް އަބަދުވެސް ނިމޭނީ މަންމައާ އެއްކޮޅަށް" ޝައިނާ ބުންޏެވެ.
"އައި ވިލް ގިވް އިޓް މައި ބެސްޓް ޝޮޓް" ރާހިލް ސައިކަލު ޕާކުކޮށްފައި ހުރިތަނުން ނެރެމުން ބުންޏެވެ.
"ތިއީ ބޭކާރުކަމެއް. އަހަރެންނާ ރާހިލްއަށްވެސް ބޭކާރު ވަގުތުތަކެއް ގެއްލުން ނޫންކަމެއް ތިކަމަކުން ނުވާނެ" ޝައިނާ ބުންޏެވެ. ރާހިލްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"މިފަދަ ޒަމާނެއްގަ ޝައިނާ ކޯޓުތަކަށް ތިހާ އިތުބާރު ކުރާތީ އަހަރެން ހަމަ ހައިރާންވޭ. އަހަރެންގެ އަތުގަ ހުރިއްޔާ ހުރި ފައިސާއަކާ މުދަލެއް ކުރަންޖެހުނު ގޮތަކަށް ހޭދަކޮށްގެންވިޔަސް އަހަރެން އެ ދެކުދިން ހޯދާނަން. އޭރުން ޝައިނާއަކަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ!" ރާހިލް އެ ވިހަ ހިނިތުންވުމާއެކު ބުންޏެވެ.
"ކީކޭ؟ ތިބުނީ ރާހިލް އެމީހުންނަށް ރިޝްވަތު ދޭނީއޭތަ؟ އެއީ ކިހާ ނުބައިކަމެއް. ނޫން. ރާހިލް އެވަރުގެ އިމޯރަލް ކަމެއް ނުކުރާނެ. އިޓްސް ނޮޓް ޔޫ!" ޝައިނާ ދެފަރާތަށް ބޯ ހޫރައިލަމުން ބުންޏެވެ.
"މޯރަލިޓީ ހޭޒް ނެވަރ ޑަން މީ އެނީ ގުޑް. މޯރަލްވެގެން ވީ ކޮން ފައިދާއެއް. އެހެންނޫނަސް ޝައިނާއަކަށް މިހާރު އަހަރެންނެއް ނޭނގޭނެ. ބުނި ހަނދާނެއް ނުވޭތަ މިއީ ބީރައްޓެއްސެކޭ" ރާހިލް ސައިކަލު އިސްޓާޓު ކޮށްލުމަށްފަހު އަމިއްލަ މެއަށް އިނގިލިން އިޝާރާތްކޮށްލަމުން ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ނޯ ރާހިލް. ޔޫ ވުޑުންޓް ޑެއަރ.."
"ވޮޗް މީ!" ރާހިލް ސައިކަލު ދުއްވައިލިއިރު އޭނާގެ މޫނުމަތީގައިވަނީ ފަތަހައިގެ ހިނިތުންވުމެކެވެ. އެންމެ ފަހުވަގުތު އޭނާ ބޭނުންވި ފަދައިން ޝައިނާގެ މޫނުމަތިން ކުރިން ފާޅުވާން ނެތް ބިރުވެރިކަމަކާއި ޖެހިލުންވުމެއް ފެނުނީތީ އޭނާ ހުރީ ހިތްހަމަޖެހިފައެވެ.
***************
"އަހަރެންނަކަށް ތިކަމެއް ނުކޮށްދެވޭނެ. މިހާރުވެސް އަހަރެންނާ ރާހިލްއާ ދެމީހުންގެ އެކުވެރިކަމުގަ ޝައިނާގެ ސަބަބުން އެތައް ކުންޏެއް ޖެހިއްޖެ" ޝައިނާގެ ވާހަކައަށް އިންކާރު ކުރަމުން ރިއާން އިމާރާތުގެ ބޭރު ފެންނާނެހެން ކެބިންގެ ބިތުގައި ޖަހައިފައިވާ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ.
"ރިއާން ޕްލީޒް. އަހަރެންނަށް އިތުރު ގޮތެއް އޮތްނަމަ ރިއާންގާތު މިވަރު ކަމަކު ކިޔާކަށް ނާންނާނަން. ރިއާން ބުނީމަ ރާހިލް ގަބޫލުކުރާނޭ! އަހަރެން ރިއާންގެ އެހީ ވަރަށް ބޭނުން." ޝައިނާ ސޯފާއިން ތެދުވެގެން އައިސް ރިއާންގެ ފަހަތުގައި ހުއްޓިލިއެވެ.
"އަހަރެންނަށް ރާހިލްއާ ވާހަކަދައްކަން މަސައްކަތް ކުރެވިދާނެ. ޝައިނާއަށް ވަކީލަކުވެސް ހަމަޖައްސައި ދެވިދާނެ. ރާހިލް ދޭން ކިޔާ އަދަދަށްވުރެ ހާސްގުނަ ގިނައިން ކޯޓަށް ރިޝްވަތުވެސް ދެވިދާނެ. އެކަމަކު އަހަރެން އެއިން އެއްވެސް ކަމެއް ނުކުރާނަން. ރާހިލް އެދައްކަނީ ގޯސް ވާހަކަތަކެއް ނޫނެއްނު. ޝައިނާ ދިންހާ އަދަބަކަށް އޭނަ ވަރަށް ކެތްކޮށްފި. އަހަރެން ނަމަވެސް އެހެން ކަންނޭނގެ ކަންތައް ކުރެވޭނީ" ރިއާން ސާބިތުކަމާއެކު ބުންޏެވެ. ޝައިނާގެ ފަރާތުން ވަކި ރައްދެއް ނުލިބުނެވެ.
"ރިއާން-"
"ޝައިނާ!" ރިއާން އެއްއަތް ހިއްލައިލުމަށްފަހު ޝައިނާގެ ވާހަކަ ހުއްޓައިލުމަށް އިޝާރާތްކުރިއެވެ.
"ޝައިނާއަކީ އަހަރެންގެ ކުރީގެ މުވައްޒަފެއް. މި ކުންފުންޏަށްޓަކައި ޝައިނާކޮށްދިން ހުރިހާ ކަމަކަށް އަހަރެން ގަދަރުކުރަން. އަދި އަންހެނަކަށްވީތީ އެ އިހްތިރާމްވެސް ކުރަން. އެކަމަކު ތެދަށް ބުނާނަމަ އަހަރެން ޝައިނާދެކެ ފޫހިވާވަރަށް ޝައިނާ ރާހިލްއާ ދޭތެރޭ އިހާނެތިވެއްޖެ. ހަގީގަތުގައި މިވަގުތު ޝައިނާއަށް އަހަރެން ކުރާ ހަމައެކަނި ރެސްޕެކްޓަކީ ރާހިލްގެ އަންހެނުންނަށް ވީތީ ކުރާ ރެސްޕެކްޓެއް. ޒީވާގެ އެކުވެރިއަކަށް ވީތީއެއްވެސް ނޫން. ވީއިރު ރާހިލްއާ ދެކޮޅަށް ތިވަރު ކަމެއް ކުރަން އަހަރެންނަށް ދުވަހަކުވެސް އެހީތެރިއެއް ނުވެވޭނެ!" ރިއާން ބުންޏެވެ. ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އޭނާއަށް ދެން އިވުނީ ކެބިންގެ ދޮރު ބާރަށް ލެއްޕުނު އަޑެވެ.
ރިއާންގެ ކެބިންއިން ނުކުމެވުނުއިރު ޝައިނާހުރީ ގޮތްހުސްވެގެން ހަދާނެގޮތެއް ނޭނގިފައެވެ. ފެންކަޅިވެފައިހުރެ އަވަސް ފިޔަވަޅުތަކެއްގައިގޮސް ލިފްޓަށް އެރިއިރު އެ އޮފީހުން އޭނާ ދަންނަ މީހަކާ ދިމާ ނުވޭތޯ ހިތާހިތުން ދުޢާ ކުރެވެމުންދިޔައެވެ. ނަމަވެސް ލިފްޓު ހުޅުވައިލުމާއެކު އޭނާއަށް ފުރަތަމަވެސް ފެނުނީ ކުންފުނީގެ މުވައްޒަފުންނާބެހޭ ބައި ހިންގުމާ ހަވާލުވެ ހުންނަ މޯޑެވެ.
"ޝައިނާ؟" ލިފްޓަށް އެރުމަށްޓަކައި ތައްޔާރުވެހުރި ޝައިނާ ފެނުމާއެކު މޯޑަށް ހައިރާންކަމެއް ލިބުނެވެ.
"ހާދަ ދުވަހެއް ކޮށްލާފައޭ ތި ޖައްސާލީ. ކޮންތާކުތަ އުޅުނީ؟ އަނެއްކާ މިކޮޅުން ޖޮބްއަކަށްލީތަ؟" މޯޑަށް ޝައިނާ ފެނުމާއެކު އަހައިލިއެވެ.
"ޖޮބްއަކަށް ނޫން. މޯޑު. ސޮރީ.. މިވަގުތު މަޑުކުރެވޭކަށް ނެތް" ޝައިނާ އަވަސްއަރުވައިލުމަށްފަހު އޮފީހުން ބޭރަށް ދުއްވައިގަތީ އެ މޫނުމަތީގައިވާ އަސަރުތައް މޯޑަށް ބޭޒާރު ވެދާނެތީއެވެ. އެންމެ އަވަހަށް އެދިމާލަށް އައި ކާރާ ދިމާލަށް އަތްހޫރައިލިއެވެ.
ޝައިނާ ކާރަށް އެރިތަން ފެނުމާއެކު ރިއާން ބިއްލޫރިގަނޑުން ނަޒަރު ވަކިކޮށްލުމަށްފަހު އަވަސްއަވަހަށް މޭޒާ ގާތަށް ޖެހިލިއެވެ. އަދި ފޯނުނަގައި ޒީވާއަށް ގުޅައިލިއެވެ.
"ހަލޯ ބޭބް. ގޭގަތަ؟" ޒީވާގެ އަޑު ޖެހުމާއެކު ރިއާން އަވަސް އަވަހަށް އަހައިލިއެވެ.
"ސްކޫލް ހުޅުވެން އުޅޭތީ އޭގެ ކުރިން ޒިވްޔަން ގޮވައިގެން ޕާކަށް ގޮސްލަންކަމަށް އުޅުނީ.. ރިއާން؟ ހާދަ ހާސްވެފަ" ޒީވާ ބުންޏެވެ.
"މަޑުކޮށްލައްޗޭ އަހަރެންނާއެކު ދާން. މިދަނީ ހަމަ. ކުޑަކުޑަ އިރުކޮޅެއް. ވާހަކައެއް އެބައޮތް" ގޮނޑީގައި އަޅުވައިފައި އޮތް ކޯޓު ހިފައިގެން ރިއާން ހިނގައިގަތެވެ.
***************
ކަންތައްތައް ކޮންމެ ގޮތަކަށް ދިޔަ ކަމުގައިވިޔަސް ޝައިނާ އޭނާގެ ދިރިއުޅުމާއިގެން ކުރިއަށްދާން މަސައްކަތްކުރީ އެއިން އެއްވެސް ކަމަކާ ނުވިސްނައިވޭތޯ މަސައްކަތް ކުރަމުންނެވެ. ގިނިކަންޏާ މުޅި ދުނިޔެއާ ކުރިމަތިލާން ޖެހުނަސް ޔާނާއާއި ރާއީ އޭނާއާ ވަކި ނުކުރެވޭނެކަމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. އޭނާގެ ދެކުދިންނަށްޓަކައި ކޮންމެ އާހެނދުނަކާ ކުރިމަތިލަމުން ދިޔައީ ކަށީގެ މަދުން ހިތްވަރުނެރެމުންނެވެ. އެހެނަސް އޭނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުތައް ކެކިގަތީ އެއްދުވަހެއްގެ އޮފީސް ނިންމާފައި އައި ވަގުތު ގޭތެރެއިން ޔާނާ ނުވަތަ ރާއީގެ އެއްވެސް ހަބަރެއް ވާން ނެތުމުންނެވެ. އަދި ހާސްވެފައިހުރެ ޝިމާންއަށް ފޯނު ކުރުމާއެކު ދިން ޖަވާބުންނެވެ.
"ބޭބެ އައީ.. އައި ގޮތަށް ބުނީ ޔާނާއާއި ރާއީ ގޮވައިގެން ކާރު ދުއްވާލަން ގެންދަނީ އޭ. ހުއްދައަކަށްވެސް ނާހާ. އަހަރެން ކީކޭ ބުނާނީ. ބޭބެގެ ކުދިންނެއްނު؟ ދެން އެމީހުން ދިޔައިމަ އަހަރެންވެސް ގޭގަ ނޯވެ މި ނުކުތީ ކޮފީއަކަށް" ޝިމާން އާދައިގެ ރާގެއްގައި ބުންޏެވެ.
ޝައިނާ ފޯނު ކަނޑައިލުމަށްފަހު ރާހިލްއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ދެތިން ފަހަރު ފޯނު ކެނޑެންދެން ރިންގުވިއިރުވެސް ރާހިލް ފޯނު ނަގާކަށް ނޫޅުނެވެ. އޭނާއަކަށް ރާހިލް އުޅޭ އެޑްރެސްވެސް އެނގެނީކީ ނޫނެވެ. އަނެއްކާ އޭނާގެ ކިބައިން ބަދަލު ހިފުމަށްޓަކައި ރާހިލް އެ ދެކުދިން އޭނާގެ ދިރިއުޅުމުން ޖަހައިގަތީބާއެވެ. ޝައިނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔަ ވަރަކަށް އޭނާގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އިޝްވާއަށް ގުޅަންކުރި މަސައްކަތްވެސް ވީ ބޭކާރެވެ. އޭނާގެ ކޯލަށް ޖަވާބުދިން ހަމައެކަނި މީހަކަށްވީ ޒީވާއެވެ.
"ހަ.. ހަލޯ.. ޒީ.. ރާހިލް ތިގެއަށް ދިޔަތަ؟" ޝައިނާ އަހައިލިއެވެ.
"ނޫން ކިހިނެއްވީ ޝައި؟ ޝައި ރޮނީތަ؟" ޒީވާ ކަންބޮޑުވިއެވެ.
"ޒީ.. ރާހިލް އެކުދިން ގެންގޮސްފި. ޒީ. ޔާނާ.. ރާއީ..ރާހިލް އުޅެނީ އެކުދިން އަހަރެންނާ ދުރުކު-" ޝައިނާއަށް ކުއްލިއަކަށް ވާހަކަ ހުއްޓައިލެވުނީ ދޮރުގެ ތަޅުގައި މީހަކު ހިފައިލިހެން ހީވުމުންނެވެ. ދެން ފެނުނީ ރާހިލް އެ ދޮރު ހުޅުވައިލިތަނެވެ. އަދި ރާއީއާއި ޔާނާ ގޭތެރެއަށް ދުއްވައިގަތްތަނެވެ. ޝައިނާ އަވަސްއަވަހަށް އެދެކުދިންގެ ގައިގައި ބައްދައިލިއެވެ.
"މަންމި ކީއްވެ ރޮނީ؟" ރާއީ އަހައިލިއެވެ.
"ދަރިފުޅުމެން ދިޔަތަނެއް ނޭނގުނީމަ މަންމި ހާސްވީނު" ޝައިނާ އަވަސް އަވަހަށް ދެލޯ ފޮހެލިއެވެ.
"ބައްޕިއާ އެއްކޮށް ކާރު ދުއްވާލަން ދިޔައީ މަންމީ. ވަރަށް މަޖާ. އިޝީ އާންޓީވެސް ދިޔަ. އައިސްކްރީމްވެސް ބުއިން" ޔާނާ ކިޔައިދިނެވެ. ޔާނާއާއި ރާއީގެ ގައިން ދޫކޮށްލުމަށްފަހު ދޮރުމަތީގައިހުރި ރާހިލްއާ ދިމާލަށްދިޔައެވެ.
"ތިއުޅެނީ އަހަރެން ބިރުގަންނަވާލާނަމޭ ހިތާތަ؟ ރާހިލްއަކަށް އެކުދިން އަދި އެހެނެއް ނުގެންދެވޭނެ. އަހަރެން ހިތްހަމައެއްނުޖެހޭ އަހަރެންނަށް ނާންގާ އެކުދިން ގެންދާކަށް" ޝައިނާ ބުމަ ގޮށްޖަހައިލަމުން ބުންޏެވެ.
"އަހަރެން މިއުޅެނީ ޝައިނާ ހިތްހަމަޖައްސައިދޭކަށް ނޫނޭ. އެހެންނޫނަސް އަހަރެންނަށް ޝައިނާ ރުހޭގޮތަކަށް ނޫޅެވެއެއްނު. އައި ޑޯންޓް ކެއަރ އެނީމޯރ." ރާހިލް ބުންޏެވެ.
"އެތެރެއަކަށް ނުވަދެވޭނެ" ޝައިނާ ދޮރު ކައިރިކޮށްލަމުން ބުންޏެވެ.
"އަހަރެން ނޫޅެން މަޑުކުރާކަށް. މިއައީ ދެކުދިން ގެއާ ހަމައަށް ގެނެސްދޭންވެގެން. ޝައިނާ ހޯދާކަށްނޫން. އަހަރެންނަށް މާދަމާ ކޯޓުންވެސް ޝައިނާ ފެންނާނެއެއްނު" ރާހިލް ލޮލަށް އަވިއައިނު ހެޔޮވަރުކޮށްލުމަށްފަހު އެތަނުން ދިޔުމާއެކު ޝައިނާ ދޮރު ލައްޕައިލިއެވެ. ދުރުގައިތިބި ޔާނާއާއި ރާއީއަށް ބަލައިލެވުމާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
**************
ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެންތިބި ޒީވާއާއި ރިއާން އިންތިޒާރު ކުރަމުންދިޔައީ ރާހިލްއާއި ޝައިނާ އެތަނުން ނުކުންނާނެ އިރަކަށެވެ. ކުރީ ދުވަހެކޭވެސް އެއްފަދައިން މިއަދުވެސް އެންމެ ފުރަތަމަ ނުކުތީ ރާހިލްއާއި ހުޒާމެވެ. ހުޒާމްއަށް ރިއާންމެން ފެނުމާއެކު ރިއާންއާ ސަލާމްކޮށްލުމަށްފަހު ރާހިލްގެ ކޮނޑުގައި ދެފަހަރަކު ޖަހައިލައިފައި އެތަނުން ދިޔައެވެ. ޒީވާ އަވަސް އަވަހަށް ރާހިލް ގާތަށް ޖެހިލުމަށްފަހު ކަންތައްތައް ހިނގައިދިޔަގޮތް އޮޅުންފިލުމަށް މަސައްކަތްކުރިއެވެ. އެހެނަސް ރާހިލްއަށް ޖަވާބެއް ދޭނެ ފުރުސަތު ލިބުމުގެ ކުރިން ރިއާން ރާހިލްއަށް ލޮލުން އިޝާރާތްކޮށްލީ ފަހަތް ބަލައިލުމަށެވެ. އޭރު ޝައިނާ ހަލުވި ފިޔަވަޅުތަކެއްގައި އެދިމާލަށް ހިނގައިފައި އާދެއެވެ. ރާހިލް ދެއްކި ވާހަކަތަކުގެ ސަބަބުން މައްސަލަ ރާހިލްއާ އެއްކޮޅަށް ނިމިދާނެކަމުގެ ބޮޑު ބިރެއް ޝައިނާއަށްވަނީ ލިބިފައެވެ. ރާހިލްގެ ވަކީލު މިއަދު ދެއްކި ވާހަކަތަކުގެ ދިފާއުގައި އެއްޗެއް ބުނާނެ ފަހި ފުރުސަތެއްވެސް އޭނާއަކަށް ކޯޓުގެ ފަރާތުންނެއް ނުލިބުނެވެ. އެކަމާއިހުރެ އޭނާގެ ރުޅިގަނޑު ހުރީ ފަޅައިގެންދާން ކައިރިވެފައެވެ.
"ތިއީ ހާދަ ނުލަފާ މީހެކޭ!" ޝައިނާ އައިގޮތަށް އައިސް ރާހިލްގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕައިލިއެވެ.
"ޔާނާއާއި ރާއީއަށް ހަރަދުކުރެވޭނެ ފެންވަރު އަހަރެންގެ ނެތްވާހަކަ ދައްކަން ތިއީ ކާކު؟ އެކުދިން އުފަލުގަ ބަހައްޓަށް އަހަރެންނަށް ވީވަރަކުން މަސައްކަތްކުރަން." ޝައިނާ ހަޅޭއްލަވައިގަންނަމުން އަނެއްކާވެސް ރާހިލް ދުރަށް ކޮށްޕައިލިއެވެ.
"އަދި ބުނެފިއެއްނު މިހުރިހާ ދުވަހު އެކުދިންނަށް ދޮގުހަދައިގެން ބައްޕައާ ދުރުގަ ގެންގުޅުނީއޭ! ތިވަރުގެ ފިނޑި ގޮތެއްނެތް މީހެއް އަހަރެން މުޅި އުމުރުގަވެސް ނުދެކެން! އަހަރެން އެކަނިމާއެކަނި ހުރިހާ ވޭނަކާ ބުރައެއް އުފުލައިގެން އެކުދިން ބޮޑުކުރީމަ އެނގިއްޖެ ދޯ ދަރިން އެބަތިބިކަން. މިހާރު ދޯ އަމިއްލަ ދަރިން ފެނިގެން ތިއުޅެނީ.. އަހަރެންގާތު ދަރިފުޅު ވައްޓާލަން.. އުހޫން.. މަރާލަން ބުނިއިރު ދަރިފުޅެއް ނުފެނޭދޯ! ހިތަކަށް އެކައްޗެއްވެސް ނާރާދޯ. އެދެކުދިންނާ ބެހޭގޮތުން ކަލެއަށް އެނގެނީ ކޯއްޗެއްތަ އޭން؟" ޝައިނާ ހީވީ ދެންމެ ދެންމެގޮސް ރާހިލްގެ ގަޔަށް ބޮލަށް އަރައި ރާހިލްގެ ގައިގައި ތަޅައިގަނެފާނެހެނެވެ. ޒީވާއާއި ރިއާން ޝައިނާގެ ގައިގައި ނުހިފެހެއްޓިނަމަ އެކަން ވާނީ އެގޮތަށެވެ. އޭރު އޭނާގެ ދެލޮލުން ކަރުނައިގެ ކޯރުތައް ދެމެމުންދިޔައެވެ.
"ޝައި.. ޝައި ހަމަ ޖެހިބަލަ މިއީ މަގުމައްޗޭ.. ހިނގާ ގެއަށްގޮސް ވާހަކަދައްކަން.." ޒީވާ މަޑުމަޑުން ބުންޏެވެ.
"އަހަރެން ބޭނުމެއްނޫން އެ ނުލަފާ މީހާގަނޑާ އެއްކޮށް އެއްވެސް ތާކަށް ދާކަށް. ޒީ.. އޭނަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލާފަ މިހާރު އެ އުޅެނީ އަހަރެން ދިރިހުރުމުގެ ހަމައެކަނި މަގްސަދުވެސް އަހަރެންނާ ވަކިކުރަން. އަހަރެން މިހާ ބަދުނަސީބު މީހެއްގޮތުގަ އުފަންވީ ކީއްވެތަ؟ މިއީ ކޮން ކުށެއްގެ ސަޒާއެއް؟ އަހަރެންނަށް އުފަލެއް ލިބޭނީ ކޮންއިރަކުންތަ؟" ޝައިނާ ރޮމުން ރޮމުން ޒީވާގެ ގައިގައި އޮޅުލައިގަތެވެ. ޝައިނާގެ ހަށިގަނޑުން އެއްކޮށް ހަކަތަ ހުސްވެފައިވާ ކަހަލައެވެ. ޒީވާއަށް އަމިއްލަ ބާރުގައި ޝައިނާ ހިފަހައްޓައިލެވެނީ ހަމަ ކިރިޔާއެވެ.
ޝައިނާގެ ކަރުނަތައްފެނި ޝަކުވާތައް އިވުމަށްފަހު ރާހިލްއަށް ބޭއިޚްތިޔާރުގައި ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. ވަގުތުން ޝައިނާގެނެސް އެ މޭގެ ތެރޭގައި ބޮނޑިކޮށްލުމަށްފަހު ޝައިނާ އެދޭގޮތަށް ހުރިހާކަމެއް ކޮށްދޭން ބޭނުންވިއެވެ. އެ ކަރުނަތަކަށް ނިމުމެއް ގެނެސްދޭން ބޭނުންވިއެވެ. އެހެންނަމަވެސް މިވަގުތު އޭނާ ބަލިކަށިވެއްޖެނަމަ އޭނާއަށް ޝައިނާގެ އިތުރުން އެ ދެކުދިންވެސް މުޅި އުމުރަށް ގެއްލިދާނެކަމުގެ ބިރުގައި ރާހިލް ހިތް ރޮމުންދިޔަ ހާލުގައި އެތަނުން ދުރަށް ހިނގައިގަތެވެ. އަދި އެންމެ ފަހަރަކުވެސް ފަސްއެނބުރި ބެލުމެއްނެތި ސައިކަލަށް އަރައިގެން ނައްޓައިލިއެވެ. އޭނާ ދިޔުމާއެކު ޒީވާއާއި ރިއާންވެސް ޝައިނާ ގޮވައިގެންގޮސް ދުރުގައި އޮތް ކާރަށްއެރިއެވެ. ރިއާން ޑްރައިވަރު ސީޓަށް އެރުމާއެކު ޝައިނާ ގޮވައިގެން ޒީވާ އެރީ ފަހަތަށެވެ. ކާރު ދުއްވައިލުމުން ޝައިނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. އެހެނަސް އޭނާގެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ.
"ޝައި. ހަމަޖެހިފަ ކިޔާދީބަލަ. ކިހިނެއްތަވީ؟ ދޮންބެ ކީކޭތަ ކިއީ؟" ޒީވާ އަހައިލިއެވެ.
"ރާހިލް އެއްވެސް ވާހަކައެއް ނުދައްކާ. އެ ހުރިހާއިރު އިސްޖަހައިގެން އިނީ.. އަހަރެންނަށް ބަލާވެސް ނުލާ. ހުރިހާ ވާހަކައެއް ދެއްކީ ހުޒާމް" ޝައިނާ ނޭފަތް ދަމައިލަމުން ބުންޏެވެ.
"އޭނަ ކޮން ވާހަކަތަކެއްތަ ދެއްކީ؟" ޒީވާ ތަކުރާރުކޮށް އަހައިލިއެވެ.
"އޭނަ ބުނީ.. އަހަރެން އެކުދިންނަށް ދޮގު ހަދައިގެން އުޅުނީ ރާހިލް މަރުވެއްޖެކަމުގައި ބުނެގެނޯ. ބައްދަލުކުރާނެ ފުރުސަތެއްވެސް ނުދީ ބައްޕައަކަށް ވީތީ ލިބޭނެ އެއްވެސް ހައްގެއްނުދީ.. އެކަމަކު އަހަރެން ދުވަހަކުވެސް އެކުދިން ގާތު ބައްޕަ މަރުވިއެކޭ ނުބުނަން ޒީ" ޝައިނާ ހީވީ އަނެއްކާވެސް ރޯން ފަށައިފާނެހެނެވެ.
"އެހެން އެކަނިތަ ބުނީ؟ ދެން ނުކިޔާތަ އެއްޗެކޭ؟" ޒީވާ އަހައިލިއެވެ.
"ނޫން. އެއީ އަދި ކުޑަ މިންވަރެއް. އޭނަ ބުނި އެކުދިންނަށް ހަރަދުކުރެވޭނެ ފެންވަރެއް އަހަރެންގެ ނެތޯ.. އަހަރެންގެ އާއިލާއެއްވެސް ނެތޯ.. ކުދިންގެ ކަމެއްގަވެސް އެހީތެރިކަން ހޯދަންޖެހެނީ އިޝްކޮ- މިބުނީ ރާހިލްގެ އާއިލާގެ ފަރާތުންނޯ. ވީއިރު ޑިވޯރސްއަށްފަހު އެ ގުޅުން ކެނޑުނީމަ އެ އެހީތެރިކަން އަހަރެންނަށް ލިބުމަކީ ނާދިރުކަމެކޯ. އަހަރެން އެކުދިންނާމެދު އިތުރަށް އިހުމާލުވާނީއޯ. އަދި އެނގޭތަ ޒީއަށް އޭނަ ބުނި އެއްޗެއް؟ އަހަރެން އެ ކުދިން ގެންގުޅެނީ އެކުދިންނާ މުޅިން ހިލޭ ފިރިހެނަކާ އެކީގައޯ. އެކުދިންގެ ސަލާމަތާ ރައްކާތެރިކަމަށް އަހަރެން ނުވިސްނާ ވާހަކަ.. ބޭރަށް ދާއިރުވެސް ބަހައްޓަނީ އެ ހިލޭ ފިރިހެނާގެ ގާތުގައޯ. ޔާނާވެސް. ޝިމާންގެ ވާހަކަ އެ ބުނީ.." ޝައިނާގެ ވާހަކައިން ޒީވާއަށް ހައިރާންވެފައި ރިއާންއަށް ބަލައިލެވުނުއިރު ރިއާންވެސް ކާރުގެ ކުރީ ލޯގަނޑުން ޒީވާއަށް ބަލައިލިއެވެ.
"ދެން ޝައި؟ ޝައި ނުބުނަންތަ އެއީ ކަޒިންއެކޭ" ޒީވާ އަހައިލިއެވެ.
"އަހަރެން ބުނީމޭ! ބުނީމަ ބުނީ ޝަރުއީ ގޮތުން ޝިމާންއަކީ އަހަރެންނަށްވެސް އެ ދެކުދިންނަށްވެސް ހިލޭ ފިރިހެނަކޯ. އަޅެ ޒީ އެކަހަލަ ވާހަކަ ދައްކަން ހެޔޮވާނެތަ؟ އެހެންނޫނަސް ރަށުގަ އަހަރެން އެކުދިން ބަހައްޓާފަ އެއްވެސް ތާކަށް ނުދަން. މާލެ އައިސްފަ ވަޒީފާއަކަށް ދާންޖެހުނީމަވެސް ޔާނާ ލީ ޑޭކެއަރއަށް. މިފަހުން މަދުމަދުން ޝިމާންގާތު ބަހައްޓާފަ މި ދަނީވެސް. ރާހިލްއަށްވެސް މި ހުރިހާކަމެއް އެނގޭނެ. ޝިމާންގެ ގޮތްވެސް އެނގޭނެ. ދެން ކީއްވެ؟" ޝައިނާ ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ.
"އަހަރެމެންވެސް މިތިބީ ތި ކަންތަކުގެ ވަކި ބައެއްގެ ކޮޅަށް އަރަން ނުކެރިފަ. ތިއީ ތި ދެމީހުންގެ ވަރަށް ޕަރސަނަލް ކަމެއް. ދެމީހުންނަށްވެސް މިސްޓޭކްސް ހެދުނު. ދެމީހުންނަށްވެސް އެކަކު އަނެކަކަށް ހަރޓް ކުރެވުނު. ދޮންބެވެސް އަދި ޝައިވެސް ކޭސް ވިންކުރަން ދެއްކެންހުރި ހުރިހާ ވާހަކައެއް ދައްކާނެކަން އެނގޭ. އެކަމަކު ޝިމާންއާ ގުޅިގެން އެކަހަލަ ވާހަކަތަކެއް ދެއްކީމަ އަހަރެންވެސް ވަރަށް ހިތްހަމަ ނުޖެހިއްޖެ. ދޯ ރިއާން" ޒީވާ ރިއާންއަށް ދޯ ދިނެވެ.
"ހްމްމް. އަހަރެން ރާހިލްއާ ތިވާހަކަ ދައްކާނަން" ރިއާން ބުންޏެވެ.
"ނޫން. ރާހިލްއާ ވާހަކަދައްކާނީ އަހަރެން. މިހާރު މިވަގުތު. ރާހިލް ކޮންތާކަށް އެ ދިޔައީ" ޝައިނާ އަހައިލިއެވެ.
"އަދި މެންދުރެއްނު މިއީ. އޮފީހަށްހެން ހީވަނީ ދާނީ" ރިއާން ބުންޏެވެ.
"އަހަރެން އެދިމާލަށް ގެންގޮސްދީ" ޝައިނާ ބުންޏެވެ.
"ޝައި" ޒީވާ އެކަމާމެދު ވިސްނާލާށޭ ބުނާ ފަދައަކުން ގޮވައިލިއެވެ.
"އަހަރެން އެބަ ޖެހެޔޭ ރާހިލްއާ ވާހަކަދައްކަން. ރިއާން. އަހަރެން އެ އޮފީހާ ދިމާލަށް ގެންގޮސްދީ. އަހަރެން ކޮންމެވެސް އެއްބަސްވުމަކަށް އާދެވޭތޯ ބަލާނަން" ޝައިނާ ހަމަހިލާ ކުރެއްނުކުރިއެވެ. އެންމެފަހުން ރިއާން ކާރުގެ މިސްރާބު ބަދަލުކޮށްލުމަށްފަހުގައި ގޮސް ހުއްޓައިލީ ރާހިލްމެންގެ އޮފީސް ހުންނަ އިމާރާތުގެ ކުރިމައްޗަށެވެ. އެއީ ޝައިނާމެންގެ އޮފީހާވެސް މާ ދުރުނޫން ތަނެއްކަން ޝައިނާއަށް ފާހަގަކުރެވުނެވެ.
"މި އިމާރާތުގެ އެންމެ މަތީ ތިން ފްލޯ" ރިއާން ކާރުން ފޭބި ޝައިނާއަށް އޮޅުން ފިލުވައިދިނެވެ. ޝައިނާ އަވަސްއަވަހަށް ބޯ ޖަހައިލުމަށްފަހު އެ އިމާރާތުގެ ތެރެއަށް ދުއްވައިގަތެވެ.
ރިއާން ބުނި ތިން ފަންގިފިލާގެ ތެރެއިން ފުރަތަމަ ފަންގިފިލާއަށް ލިފްޓު ހުއްޓައިލުމާއެކު ޝައިނާ އަވަސް އަވަހަށް މޫނު ފޮހެލައި އިސްތަށިގަނޑުގައި އަތްފުނާ އަޅައި ރީތިކޮށްލިއެވެ. އަދި އެތަނުގައިހުރި އެ އޮފީހުގެ ބިއްލޫރި ދޮރުގައި ދެތިން ފަހަރަކު ޓަކިދިނެވެ. އެވަގުތު އެތެރޭގައި ތިބި މީހުންނަށް ޝައިނާ ފެނުމާއެކު އެތަނުގައި އިން އަންހެންކުއްޖެއް އަވަސް އަވަހަށްގޮސް ދޮރުހުޅުވައިލިއެވެ.
"ޔެސް؟ ހައު ކޭން އައި ހެލްޕް ޔޫ؟" އެކުއްޖާ އަހައިލިއެވެ.
"ރާހިލް އެބަ އުޅޭތަ؟" ޝައިނާ އަހައިލިއެވެ.
"ހަމަ ދެންމެ އެ އައީ. އެންޑް ޔޫ އަރ؟" އެކުއްޖާ ޔަގީންނުވެފައި އަހައިލިއެވެ.
"ރާހިލްގެ ވައިފް. ރާހިލްއާ ބައްދަލު ކޮށްލެވިދާނެތަ؟" ޝައިނާގެ ޖަވާބާމެދު އަޖައިބުވެފައިހުރެ އެކުއްޖާ ޝައިނާ ގޮވައިގެން އެންމެ މަތީ ފަންގިފިލާއަށް ދިޔުމަށް ހިނގައިގަތެވެ. އެތަނުގައިހުރި ރާހިލްއާއި ލީވާންގެ ކެބިންދޮރު ހުޅުވައިލަމުން އެކުއްޖާ ރާހިލްއަށް ގޮވައިލިއެވެ.
"ރާހިލް.. ޔުއަރ ވައިފް.." ރާހިލް ފޯނުގައިހުރެ ބުމަ ގޮށްޖަހައިލަމުން އެ ދޮރާ ދިމާލަށް ބަަލައިލިއިރު އެތަނުގެ ބޭރުގައި މަޑުކޮށްލައިގެންހުރި ޝައިނާ ފެނި އެކުއްޖާއަށް އެތަނުން ދިޔުމަށް އިޝާރާތް ކުރިއެވެ. އެކުއްޖާ ދިޔުމާއެކު ޝައިނާ އެ ކެބިންއަށްވަދެ މަޑުކޮށްލީ ރާހިލްގެ ފޯނުކޯލު ނިމެންދެނެވެ.
"އޯކޭ އޯކޭ. އެހެންވީމަ މިވަގުތަށް ރަނގަޅުވާނެކަމަށް މި ބަލަނީ. ދެން އިތުރުކަމެއް އޮތިއްޔާ އަހަރެން ފަހުން ގުޅާލާނަން" ރާހިލް ފޯނު ކުރުކޮށްލުމަށްފަހު ދުރުގައިހުރި ޝައިނާއަށް ބުމަ އަރުވައިލީ ކިހިނެއްވީހޭ އަހައިލާ ފަދައަކުންނެވެ.
"ރާހިލް.. އަހަރެން މި އައީ ވާހަކައެއް ދައްކަންވެގެން" ޝައިނާ އިސްޖަހައިލަމުން ބުންޏެވެ. ރާހިލް އޭނާ ހުއްޓިހުރި މޭޒުކައިރިން ނުކުމެގެން އައިސް ޝައިނާގާތަށް މަޑުކޮށްލިއެވެ.
"ކުޑަކޮށް އަވަސްކޮށްލަބަ. ތަނަކަށް ދާންވެފަ އެބައޮތް." ރާހިލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ.
"އަހަރެން ކީއް ކޮށްދިނީމަ ރާހިލް އެ މައްސަލަ ނަގާނީ." ޝައިނާ އިސްއުފުލައިލަމުން ރާހިލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"އަހަރެން ނުބުނަންތަ؟ ވިތްޑްރޯ ދަ ޑިވޯރސް އެންޑް މޫވް އިން ވިތް މީ. ސިމްޕަލް އޭޒް ދެޓް." ރާހިލް ދެކޮނޑު އަރުވައިލިއެވެ.
"ނޫން. އަހަރެން ރާހިލްއާ އިނދެގެން އުޅޭކަށް ބޭނުމެއްނޫން. ހާއްސަކޮށް ތި ނުލަފާކަން މިއަދު އަހަރެންނަށް އެނގުމަށްފަހު" ޝައިނާ ބުންޏެވެ.
"މައްސަލައެއްނެތް. ޔުއަރ ޗޮއިސް" ރާހިލް ކެބިން އިން ނުކުތުމަށްޓަކައި ތަޅުގައި ހިފައިލިއެވެ. އެހެނަސް އެވަގުތު ޝައިނާ ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
"ރާހިލް ޕްލީޒް. ތިނޫން ކޮންމެ އަގެއް މިކަމަށްޓަކައި ދައްކަފާނަން. ރާހިލްއާއެކު މޫވް އިން ނުކުރިޔަސް ރާހިލް ބޭނުމީ ފިޒިކަލް ރިލޭޝަންޝިޕެއްވިއްޔާ އެކަ-"
"ޗި. ޝައިނާ ހީކުރީ އަހަރެން މިއުޅެނީ ޝައިނާ އަހަރެންގެ ގެއަށް ގެނެސް ފިޒިކަލް ރިލޭޝަންޝިޕެއް ނުބޭއްވިގެން ކަމަށްތަ؟ އަހަރެން ބޭނުންވަނީ ހަމައެކަނި ފިޒިކަލް ރިލޭޝަންޝިޕެއް ކަމަށް ވަންޏާ އަހަރެން މި ހުރިހާދުވަހު މަޑުކުރީ ކީއްކުރަން؟ ތިބުނާ ކަންތަކުގަ ޝައިނާއަކީ އަހަރެންގެ ހަމައެކަނި އޮޕްޝަންއެއް ނޫނޭ. ދެން އޮތީ އެންމެ ފަހުގެ އަޑުއެހުން. ޝައިނާ ބޭނުންވަނީ ކޮންމެހެންވެސް ވަރިވާން ކަމަށްވާނަމަ ދެން އޮތް އަޑުއެހުމުގަ އަހަރެން ކޮންމެ ވާހަކައެއް ދެއްކިޔަސް ކޯޓުން އެކަން ކޮށްދޭނެކަން އެނގެއެއްނު. އެކަމަކު ޝައިނާއަށްވެސް މިއަދުން ފެށިގެން އެނގޭނެ އެއަށްފަހު ޔާނާއާއި ރާއީ ގެއަށް އަންނާނީ އަހަރެންނާ އެކުކަން. އެ މައްސަލަ ޝައިނާއަށް ކާމިޔާބު ކުރެވޭނެ ގޮތެއް އެއީ ނެތްގޮތެއް" ރާހިލް އަނެއްކާވެސް ދޮރު ހުޅުވައިލުމަށްޓަކައި ތަޅުގައި ހިފައިލި ވަގުތު އަނެއްކާވެސް ޝައިނާ ރާހިލް ހުއްޓުވިއެވެ.
"ރާހިލް ޕްލީޒް. އާދޭސްކުރަން. އެދެކުދިން އަހަރެންނާ ދުރު ނުކުރޭ. އަހަރެންނަކަށް އެކުދިން ނުލާ ދިރިއެއް ނުހުރެވޭނެ" ޝައިނާ ދެއަތް ޖޯޑުކޮށްލަމުން ރާހިލްގާތު އާދޭސްކުރިއެވެ. ރާހިލް ފުންނޭވާއަކާއެކު ތަޅުން އަތް ދޫކޮށްލުމަށްފަހު ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހައިލިއެވެ.
"ޝައިނާ ހީކުރީ މިހުރިހާދުވަހު އަހަރެންވެސް ދިރިހުރީ ޝައިނާއާނުލައި ދިރިހުންނަން ފަސޭހަވެގެން ކަމަށްތަ؟ އަހަރެން ނުބުނަންތަ ޝައިނާއާނުލައި އަހަރެންނަކަށް ދިރިއެއް ނުހުރެވޭނޭ. ފުރާނައަކީ ހެއްދެވި ފަރާތުގެ އަމާނާތެއް. އެ ފުރާނައިގެ އަޖަލު ނުޖެހޭތީ.. ނޭވާ ހިނގާތީ.. ދިރިހުންނަން މަޖުބޫރުވީ. އެކަމަކު ޝައިނާ އަހަރެންނާ ވަކިވި ދުވަހުން ފެށިގެން އަހަރެންގެ ހަޔާތުގެ ހުރިހާ ކުލައެއް އޮއްސުނު ފަދަ. އެތަށް އަހަރެއްފަހުން ދިރުމެއްނެތް ހަޔާތެއްގައި އަހަރެންނަށް ކުލަޖައްސައިދިނީ އަހަރެންގެ ދަރިފުޅު ޔާނާ. އެދުވަހު އެކުއްޖާ ކުރަހަން އިން ކޮކާލުގެ އޮރެންޖު ކުލަ އެއީ އަހަރެންނަށް ފެނުނު ފުރަތަމަ ކުލަ. އެހެންވީމަ އަހަރެންނަކަށް ދެވަނަ ފަހަރަށް ޔާނާވެސް.. އަދި ރާއީވެސް ދުލެއް ނުކުރެވޭނެ. ދެވަނަ ފަހަރަށް އެ ކަޅާއި ހުދުގެ ދުވަސްތަކަކާ ކުރިމައްޗެއް ނުލެވޭނެ. ޝައިނާއަށް އަހަރެންގެ އިހުސާސްތައް މުހިއްމު ނުވާއިރު، ޝައިނާއަކީވެސް އެވަރުގެ ބޮޑު ގުރުބާނީއެއް އަހަރެން އެމީހަކަށްޓަކައި ވާވަރުގެ މުހިއްމު މީހެއްނޫން" ރާހިލް ބުންޏެވެ.
"ރާހިލް ހެޔޮނުވާނެ.. އަހަރެން އެކުދިން ރާހިލްއަކާ ދުރެއް ނުކުރާނަން. އަހަރެން ފިލާކަށް ނޫޅެން. ރާހިލް ބޭނުންއިރަކު އެކުދިންނާ ބައްދަލުކުރެވޭނެ. ބޭނުން ތާކަށް ގެންދެވޭނެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނާނަން. އެކުދިންނާ ރާހިލްއާ ދެމެދުގަ އެޅޭ ހުރަހަކަށް ދެން އަހަރެން ނުވާނެކަމުގެ ޔަގީންކަން ދެން. އެކަމަކު ޕްލީޒް. އެކުދިން އަހަރެންގާތުގަ ބަހައްޓައިދީ" ޝައިނާ ކަރުނައިން ފުރިފައިވާ ދެލޮލުން ރާހިލްއަށް ބަލައިލަމުން އެދުނެވެ.
"އަހަރެން ކިހިނެއް ތިކަމުގަ ޝައިނާއަށް އިތުބާރު ކުރާނީ؟" ޝައިނާގެ މޫނާ ދުރަށް ނަޒަރު ހުއްޓައިލަމުން ރާހިލް ބުންޏެވެ. އެ އަޑުގައިވަނީ ސާބިތުކަމެވެ. ރާހިލް ގޮތް ދޫނުކުރާނެކަން އެނގުމާއެކު ޝައިނާއަށް ރޮމުންރޮމުންގޮސް ރާހިލްގެ މޭގައި ލައްވެލިއެވެ. އޭރުވެސް އޭނާގެ ދުލުން އާދޭހުގެ ބަސްތައް ފިޔަވައި އިތުރު އެއްޗެއް ނުނިކުމެއެވެ.
ރާހިލްއަށް ޝައިނާގެ އެ ގިސްލުމާއި އާދޭސްތަކުން އަސަރު ކުރަމުންދިޔައީ ހީކުރި ވަރަށްވުރެ ބޮޑަށެވެ. އޭނާގެ ގަމީހުގެ މޭމައްޗަށް ހިނދިގެންދާ ޝައިނާގެ ކޮންމެ ކަރުނަތިއްކަކާއެކު ރާހިލްގެ ހިތްވަރު ފުނޑުފުނޑުވެދާނެހެން ހީވާކަހަލައެވެ. އެންމެފަހުން އޭނާ ދެލޯ މަރައިލުމަށްފަހު ޝައިނާ އޭނާގެ ގަޔާ ދުރުކޮށްލިއެވެ.
"ސްޓޮޕް އިޓް." ޝައިނާގެ އަތުގައި ހިފައިގެންގޮސް ރާހިލް ބޭންދީ އެ ކެބިންގެ ލީވާންއާއި އޭނާގެ ފަޅި ވަކިވާނެހެން ބަހައްޓައިފައިހުރި ސޯފާތަކުން ސޯފާއެއްގައެވެ. އެއަށްފަހު ޝައިނާގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑީގައި އޭނާ އިށީނެވެ. އަދި އެދެމެދުގައި ހުރި ބިއްލޫރި ކޮފީމޭޒުމަތީގައިހުރި ޓިޝޫފޮށި ޝައިނާއަށް ގާތްކޮށްދިނުމަށްފަހު އެތަނުގައިހުރި ޖަގުން ތައްޓަކަށް ފެންއަޅައި ޝައިނާގެ ކުރިމަތީގައި ބެހެއްޓިއެވެ. ޝައިނާ އެ ޓިޝޫފޮށިން ޓިޝުލެއް ނަގައި މޫނާއި ނޭފަތް ފޮހެލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.
"ރާހިލް ޕްލީ-"
"ޝޫޝް އައިމް ތިންކިންގް" ޝައިނާގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ދިނުމަކާނުލައި ރާހިލް ބުންޏެވެ. ރާހިލް ވިސްނާފައި ޖަވާބެއްދޭނެ އިރެއްގެ އިންތިޒާރުގައި ޝައިނާ ކަޅި ޖަހައިނުލައި ރާހިލްއަށް ބަަލަންއިނެވެ. އެގޮތުގައި ދެތިން މިނަޓު ހޭދަވި ތަނާހެން ރާހިލް ކުއްލިއަކަށް އިނގިލީގެ ކުރިން ޓަތްކެއް ގޮއްވައިލުމަށްފަހު އިސް އުފުލައިލިއެވެ.
"އެބައޮތް ގޮތެއް. ދެންވެސް ހަމަ ޝައިނާގެ ޗޮއިސް. ރާއީ ނޫނީ ޔާނާ އަހަރެންނާއެކު ފޮނުވާ" ރާހިލް ބުންޏެވެ.
"ތިބުނީ؟" ޝައިނާއަކަށް ސާފެއްނުވިއެވެ.
"މިބުނީ އަހަރުމެން ވަކިވިޔަސް.. ކޮންޓްރެކްޓެއްގެ ދަށުން އަށާރަ އަހަރުވަންދެން އެއްކުއްޖަކު ހުންނާނީ އަހަރެންގާތު.. އަނެއްކުއްޖާ ހުންނާނީ ޝައިނާގެ ގާތުގަ" ރާހިލް އާދައިގެ ރާގެއްގައި ބުންޏެވެ.
"ރާހިލްއަށް ހީވަނީ މިއުޅެވެނީ ހަންޑިގަނޑުވަރު ދޮންކަމަނަ ފިލްމުގައޭތަ؟" ޝައިނާ ގަބޫލު ނުކުރެވިފައި އަހައިލިއެވެ.
"ކޮން ދޮންކަމަނައެއް. ތިއީ މަގޭ ސަންތިއެއްނު؟" ރާހިލް ފާޑަކަށް ހިނިއައިސްފައި އިނދެ ބުންޏެވެ.
"ރާހިލް އަހަރެންނަކަށް މަޖަލެއްނޫނޭ" ޝައިނާ ހިތްހަމަ ނުޖެހިފައި އޭނާ ބޯންއިން ފެންތަށި މޭޒުމަތީގައި ބަހައްޓައިލިއެވެ.
"އަހަރެންވެސް ސީރިއަސްއޭ! ފަހަރެއްގާ މި ހާލަތު އަހަރުމެންނަށް ދިމާވާން ތަގުދީރުގަ އޮތަތީވެ ކަންނޭނގެއެއްނު އަހަރުމެންނަށް އެއްމާބަނޑު ދެކުދިން ލިބުނީވެސް. އަހަރެން މި ފުރުސަތު ޝައިނާއަށް މި ދިނީ ވަރަށް ވިސްނާފަ. މިއަށްވުރެން ލުއި ކޮށްދެވޭނެހެނެއް ހިއެއްނުވޭ. މިއީ ދެމީހުންނަށްވެސް އެންމެ ހަމަހަމަކޮށް މިކަން ނިންމާލެވޭނެގޮތް. ޝައިނާ ބޭނުންވަނީ ކޯޓު މެދުވެރިކޮށް ދެކުދިން އަހަރެންނަށް ލިބެންތަ ނޫނީ ޝައިނާގާތު އެއްކުއްޖަކު ބަހައްޓަންތަ؟ ވިސްނާނެ ވަރަކަށް ވިސްނާފަ މިރޭގެ އަށެއް ޖެހުމާ ހަމައަށް އަހަރެންނަށް ޖަވާބެއްދީ. އޭރުން އަހަރެން ބަލާދާނަން. ޔާނާ ނޫނީ ރާއީ. ދެން މިދަނީ ދާން. މިހާރުވެސް ލަސްވެއްޖެ" ރާހިލް ގޮނޑިން ތެދުވެ ކެބިންގެ ދޮރާދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. ޝައިނާއަށް ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި އިނދެވުނީއެވެ. ސިއްސައިގެން ދިޔައީ ރާހިލް އޭނާގެ ނަމުން ގޮވައިލުމުންނެވެ.
"ޝައިނާ.." ރާހިލް ނުކުމެގެން ގޮސްފައި އައިސް ކެބިންގެ ދޮރު ހުޅުވައިލިއެވެ. "މާ ގިނައިރު މަޑުނުކޮށް ގެއަށް ދައްޗޭ. ގޮސްފަ ރަނގަޅަށް ވިސްނާތި"
ޝައިނާ އެކަނި ބޭންދުމަށްފަހު ރާހިލް އަނެއްކާވެސް ދިޔައީއެވެ. ޝައިނާވެސް މާގިނައިރު އެތަނުގައި މަޑުނުކޮށް ގެއަށްދިޔައިރު އޭނާގެ ސިކުނޑީގައި ރާހިލް ދެއްކި ވާހަކަތައް އެނބުރެމުންދިޔައެވެ.
No comments yet
Be the first to share your thoughts about this episode!