Episode 74

ހިތް އެދޭހާ ކަމެއް.. (74 ވަނަބައި)

"ޝްޝްޝް. ޖަސްޓް ފައިވް މިނަޓްސް. ޕްލީޒް"

ރާހިލްގެ އަޑުގައިވާ ޖަޒުބާތުތައް އިވުމާއެކު ރާހިލްއަށް ނޫނެކޭ ބުނުން ޝައިނާގެ ދުލަކަށް ކުޅަދާނައެއް ނުވިއެވެ. އެހެނަސް ރާހިލް އެދުނު ފަދައިން އޭނާއަށް އެ ގޮތުގައި އިތުރަށް ހޭދަކުރެވުނީ އެންމެ މިނެޓެވެ. އިތުރަށް އެންމެ ސުކުންތެއްވެސް މަޑުކޮށްފިނަމަ އޭނާގެ ހިތް ސިކުނޑީގެ މައްޗަށް ބާރުފޯރުވާނެކަން ޝައިނާއަށް ޔަގީންވިއެވެ. އެގޮތަށް އެކަން ވާކަށް އޭނާ ބޭނުމެއްނުވިއެވެ. ރާހިލްގެ ސަބަބުން އޭނާގެ ހިތް ފުނޑުފުނޑުވެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދިޔަ ދުވަހު އޭނާގެ ހަޔާތުން ރާހިލްއަށް ދެވަނަ ފުރުސަތެއް ނުދޭނަން ކަމުގައި އަމިއްލަ ނަފްސަށް ވެވުނު ވައުދުގައި ހިފަހައްޓަން އޭނާ ބޭނުންވިއެވެ. އެ ނިންމުމުގައި ސާބިތުވެ ހުރުމުގެ އަޒުމުގައި ޝައިނާ އަތަށް ލެވުނުހާ ބާރެއް ލުމަށްފަހު ރާހިލް ދުރަށް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި ރާހިލް އަރިއަޅައިލުމާއެކު ދެތިން ފިޔަވަޅު ފަހަތަށް އަޅައިލަމުން އޭނާގެ ހަށިގަނޑު ކޮންޓްރޯލްކޮށްލިއެވެ. އޭރު އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވާން ހުއްޓެވެ. އޭނާ ސުވާލުގެ ނަޒަރަކުން ޝައިނާއަށް ބަލައިލިއެވެ.

"އަހަރެން ވަރަށް ބައިވަރު މަސައްކަތް ކުރަންވެފަ އެބަހުރި" ޝައިނާ ދުރަށް ހިނގައިގަންނަމުން ބުންޏެވެ.

"އަހަރެން ހެލްޕް-"

"ނޯ ނީޑް ރާހިލް. އިޝީ އެކަންޏެއްނު ގޭގަ ހުންނަނީ. ރަނގަޅުވާނީ ރާހިލްވެސް އެހާ ލަސްވަންދެން މަޑުނުކޮށް ދިޔުން" ޝައިނާގެ ވާހަކަތައް ހުރިގޮތުން ރާހިލްއަށް ޝައިނާ އޭނާ ފޮނުވައިލާނެ ބަހަނާތައް ދައްކަނީކަން އެނގުނެވެ. އެހެނަސް އެ ބަހަނާތަށް ދެން އިތުރަށް އަޑު އަހަން ބޭނުމެއް ނުވިއެވެ. އޭނާ ޝައިނާގެ ފަހަތުންގޮސް ޝައިނާގެ އަތުގައި ހިފެހެއްޓުމަށްފަހު ގެނައި ކުއްލި ހަރަކާތާއެކު ކައިރީގައިހުރި ފާރަށް ޝައިނާގެ ހަށިގަނޑު ތަތްކޮށްލިއެވެ.

"އަހަރެން ވާހަކަދައްކާނެ ފުރުސަތެއް ދެވިދާނެތަ؟" ރާހިލް އަހައިލިއެވެ.

"ރާހިލް. އަހަރެން އަދި ރާހިލްއާ އެއްވެސް ވާހަކައެއް ދައްކާކަށް ތައްޔާރެއްނޫ–"

"އޯ ޕްލީޒް ސޭވް އިޓް" ރާހިލް ޝައިނާގެ ވާހަކަ މެދުކަނޑައިލަމުން ބުންޏެވެ.

"ޝައިނާ ހީކުރީ ކިހާ ދުވަހަކު އަހަރެންނަށް ފިލައިގެން އުޅެވޭނެކަމަށްތަ؟ ހީ ނުކުރައްޗޭ އަހަރެން ޝައިނާ ހޯދައިގެން ނުގެނައީ އަހަރެންނަށް އެކަން ނުވާނެތީއޭ. އައި ވޯޒް ވެއިޓިންގް އެންޑް ވެއިޓިންގް އެންޑް ވެއިޓިންޑް ފޯރ ޔޫ. އިންތިޒާރުކުރީ ޝައިނާ އަމިއްލައަށް ރެޑީވި ދުވަހަކުން އަހަރެންގާތަށް އަލުން އަންނާނެކަމަށް. ބަޓް ގެސް ވަޓް؟ ޔޫ ނެވަރ ކޭމް. ސޯ އިތުރަށް ޝައިނާ އަހަރެން އިގްނޯރ ކުރާނެ ފުރުސަތެއް އަހަރެން ނުދޭނަން" ރާހިލް ޝައިނާގެ އަތުގައި ހިފަހައްޓައިގެންހުރި އަތަށް ބާރުލަމުން ބުންޏެވެ.

"އާގްހް. ރާހިލް ދޫ.. ދޫކުރާށޭ." ޝައިނާ ރުޅިއައިސްފައިހުރެ ރާހިލްގެ އަތް ދުރަށް ފޮޅައިލިއެވެ.

"ކިހާ ދެރަކަމެއްތަ! ދާށޭ ބުނީމަ އަޑެއް ނީވޭތަ؟" ޝައިނާ ހިތްހަމަނުޖެހިފައި ކޮށްލި ސުވާލު އިވުނީ ރަނގަޅަށް ކަމުގައި ރާހިލްއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ލޯބިވި ޝައިނާއަކީ ކިތަންމެ ގޮތްދޫނުކުރާ މީހަކަށްވިޔަސް އެއި އެހާ ހިލަ ހިތެއްގެ ވެރިއަކަށް ވާނެއެކޭ އޭނާ ހިއެއް ނުކުރެވެ.

"ސީރިއަސްލީ؟ އެތަށް އަހަރަކަށްފަހު ދިމާވީމަވެސް ތިއީތަ ޝައިނާއަށް އަހަރެންނާ ދޭތެރޭ ކަންތައްކުރަން އެނގޭ ގޮތަކީ؟ އަހަރެން ފޮނުވާ ނުލެވިގެންތަ ތިއުޅެނީ؟ ޝައިނާގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރަނީތަ؟ އަހަރެން މަތިން ހަނދާންނެތުނީތަ؟ ބުނެބަލަ އަހަރެންދެކެ ލޯބިނުވަނީތަ؟" ރާހިލްގެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ޖަޒުބާތެކެވެ. ކެތްމަދުވެފައިހުރެ ޝައިނާގެ ފަރާތުން ޖަވާބަކަށް އުއްމީދުކުރަމުންދިޔައިރު އެ ތޫނު ނަޒަރު ޝައިނާގެ ދެލޮލާއި ތުންފަތަށް ހުއްޓެމުން ދިޔަގޮތްފެނި ޝައިނާގެ އަތްފައި ފިނިވަމުންދިޔައެވެ. އެހެނަސް ރާހިލްއަށް ޖަވާބުދިނުމުގެ ގޮތުން ޝައިނާ ދެކޮނޑު އަރުވައިލުމަށްފަހު ބޯ ހޫރައިލިތަންފެނި ރާހިލްގެ ސިކުނޑީގައި ސުވާލުމާކު ޖެހިގެންދިޔައެވެ.

"ނޭނގެ ރާހިލް. ރާހިލް ތިއީ މިހާރު އަހަރެންގެ ދިރިއުޅުމުގަ އެހާ މުހިއްމު މީހެއްނޫން. އަހަރެންނަށް ރާހިލްއާ ދިމާވުމުން ކުރިން ކުރެވޭ އެއްވެސް އިހުސާސެއް މިއަދަކު ނުކުރެވޭ. ތިއީ އަހަރެންނަށް މުޅިން ބީރައްޓެއްސެއް ކަހަލަ. ސޯ ޔެސް ރާހިލް. އަހަރެންނަކަށް މިހާރު ގަބޫލެއް ނުކުރެވޭ އަހަރެން ރާހިލްދެކެ ލޯބިވާކަމަކަށް" ޝައިނާގެ އެބަސްތައް ރާހިލްގެ ހިތަށް އައިސް ހެރުނީ މިޔަތޫނު ހަންޖަރުތަކެއް ފަދައިންނެވެ. ހިނދުކޮޅަކަށް އޭނާގެ މުޅި ދުނިޔެވެސް ހުއްޓިއްޖެހެން ރާހިލްއަށް ހީވިއެވެ.

"ކީ.. ކީކޭ؟ ނުވާނެ.. އަހަރެން ގަބޫލެއް ނުކުރާނަން" ރާހިލް ބޯ ހޫރައިލަމުން ބުންޏެވެ.

"ގަބޫލުކުރުމާ ނުކުރުން އޮތީ ރާހިލްގެ އަތްމަތީގަ. އެކަމަކު އަހަރެން ރާހިލްދެކެ ލޯބިވަންޏާ އަހަރެން ކީއްކުރަން މި މާބޮނޑިތަށް ފޮނުވި މީހާއަށް ރައްދުދޭންވީ.. އެއީ ރާހިލްކަމެއް އަހަރެންނަކަށް ނޭނގެއޭ. ބަޓް އައި ޝުޑް ހޭވް ނޯން. ޔޫ އެންޑް ޔޯރ ސޭމް އޯލްޑް ޓްރިކް ވިތް ފްލަރވަރޒް" ޝައިނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.

"ކީ.. ކީކޭ؟ މިހާ ދިގު އިންތިޒާރަކަށް ނިމުމެއް އައިމަވެސް ތި ވިސްނަނީ ދެވަނަ ފަހަރަށް އަހަރެންނާ ދުރަށްދާންތަ؟" ރާހިލްގެ އަޑު ކުރަކިވާންފެށިއެވެ. ޝައިނާގެ ފަރާތުން ލިބުނު ހިމޭންކަމުން އޭނާއަށް އެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ.

"އައި.. އައި ކާންޓް ބިލީވް އިޓް. ތިއީ ދޮގެކޭ ބުނޭ. ޕްލީޒް.. ޔޫ އަރ ބްރޭކިންގް މައި ހަރޓް ލަވް.. އާރ ޔޫ ރިއަލީ ދިސް ކްރޫލް؟"

ރާހިލްގެ އަޑުން ފާޅުވާން ހުރީ އިންތިހާ ދަރަޖައިގެ ޝަކުވާއާއި ވޭނެވެ. ޝައިނާގެ ހިތުގެ އެންމެ ހިމަ ނާރާ ހިސާބަށްވެސް އެ ޝަކުވާތައް ފޯރިއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ރާހިލްގެ އެ މޮޅު ބަސްތަކަށް ހެއްލޭކަށް އޭނާ ބޭނުމެއްނުވިއެވެ. އިސާހިތަކު އެދެމެދަށް ވެރިވެފައިއޮތް ހިމޭންކަމަށް ނިމުމެއް އައީ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި އަޑުންނެވެ. އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ދޮރު ކުރިމަތީގައި ގަނޑުވެފައިހުރި ޝިމާންއަށް ރާހިލް ފެނި ކަންބޮޑުވެފައި ޝައިނާއަށް ބަލައިލެވުނެވެ.

"މިވަގުތަށް އަހަރެން މި ދަނީ.. އެކަމަކު.. ވީ ވިލް ޓޯކް"

ރާހިލް ހަރު ފިޔަވަޅުތަކެއްގައިގޮސް އެޕަރޓްމެންޓުން ނުކުތީ އެތަނުގައިހުރި ޝިމާންގެ ކޮނޑިގައި ދެފަހަރަކު ޖަހައިލުމަށްފަހުގައެވެ. ޝިމާންއަށް ހަރަކާތެއްވެސް ކޮށްލަން އެނގުނީ ރާހިލް ލޯމަތިން ގެއްލުމުންނެވެ.

"އަހަރެންނަށް ހީވި ގޮތެއްތަ ނޫނީ މިތާ ދެންމެ ހުރީ؟" ޝިމާން ދޮރަށް އިޝާރާތް ކޮށްލަމުން ޝައިނާއާ ސުވާލު ކޮށްލިއެވެ.

"ހީވި ގޮތެއް ނޫން.. އެއީ ރާހިލް.. މިއަދު.. މިއަދު ޒީމެންގެ ގެއިން ދިމާވީ" ޝައިނާ އެތަނުގައި ހުރި ސޯފާގައި އިށީންނަމުން ބުންޏެވެ.

"ވާއު. އޯ.. އޯކޭ. އަހަރެން ބުނިން ދޯ ތިގޮތަށް އިޝީއާ ޒީއާ މާ ގާތްގުޅުމެއް ބާއްވަންޏާ އޭނައަށް ވަރަށް އަވަހަށް އެނގޭނެޔޭ. ކިހިނެއް ރިއެކްޓްކުރީ؟" ޝިމާން އައިސް ޝައިނާގާތު ސީފާގައި އިށީންނަމުން އަހައިލިއެވެ.

"ވަރަށް ދެރަވެފަ ކަންނޭނގެ ހުރީ. ނޭނގެ. ލީވް އިޓް ޝިމާން. އަހަރެން ބޭނުމެއްނޫން މިގަޑީގަ ތިވާހަކަ ދައްކާކަށް. ޝިމާން ނުކަންޏާ އެއްޗެހި ފްރިޖަށް ލައްޗޭ. އަހަރެން މި ދަނީ ނިދަން" ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ސޯފާއިން ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އެދުވަސް އޭނާގެ ބޯމަތިން ދުއްވައިލުމަށެވެ.

***************

ސިޓިންގްރޫމްގެ ސޯފާއަށް ދެފައި އަރުވައިލައިގެން އިނދެ ޓީވީން ދައްކަމުންދިޔަ ފިލްމަށް ސަމާލުކަންދެވޭތޯ މަސައްކަތްކުރަމުންދިޔަ އިޝްވާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެދުވަހު ހިނގައިދިޔަ ކަންތަކުގެ މަންޒަރުތަކެވެ. އަތުގައިހުރި ޗީޒްކޭކުތަށިން ސަމްސަލަކަށްފަހު ސަމްސަލެއް އަނގަޔަށްލަމުން ދިޔައިރު މި ކެވެނީ ކިހައި ވަރަކަށްތޯވެސް އޭނާއަކަށް ވިސްނޭހެނެއް ހިއެއްނުވެއެވެ. ކުއްލިއަކަށް ގޭގެ ދޮރު ހުޅުވައިލި އަޑު އިވުމާއެކު އިޝްވާ ސިހިފައި ޓީވީން ނަޒަރު ވަކިކޮށްލިއެވެ. އޭރު ރާހިލް ގެއަށް ވަނުމަށްފަހު ފަޔާ ވަކިކޮށްލި ފައިވާން ހަރުގަނޑުގައި ބަހައްޓައިލަނީއެވެ. އޭނާއަށް އިޝްވާ ފެނުމާއެކު ސިޑިއާ ދިމާލަށް ހިނގައިގަތުމުގެ ބަދަލުގައި އިޝްވާގާތަށް އައިސް ސޯފާގައި އިށީނދެލިއެވެ.

"އިޝީ ހީކުރީ މިރޭ ދޮންބެ ނާންނާނެކަމަށް" އިޝްވާ ބުންޏެވެ.

"ޝީ ޑަޒަންޓް ވޯންޓް މީ އެނީމޯރ އިޝީ.. ޝައިނާ މިހާރު އަހަރެންނާއެކު އުޅޭކަށް ބޭނުމެއްނުވޭ" ރާހިލް ފުންނޭވާއަކާއެކު ހަށިގަނޑު ސޯފާގެ ތެރެއަށް ދޫކޮށްލަމުން ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ. ސިޓިންގްރޫމަށް ވެރިވެފައިއޮތް ފަނޑު އޮރެންޖް އަލީގައި ރާހިލްގެ ފެންކަޅިވެފައިވާ ދެލޯ ދަޅައަޅަމުން ދިޔަގޮތް ފެނުމާއެކު އިޝްވާގެ އަތުގައިހުރި ކޭކު ތަށި ކޮފީމޭޒުމަތީގައި ބެހެއްޓުމަށްފަހު ރާހިލްއާ ގާތަށް ޖެހިލިއެވެ.

"ދޮންބޭ" އިޝްވާ ކަންބޮޑުވެފައި ގޮވައިލިއެވެ.

"އައި ނޯ އައި ހާރޓް ހަރ އިޝީ. އަހަރެންނަށް އެނގެޔޭ ޝައިނާއަށް އަހަރެން ވައުދުވި ދިރިއުޅުމާއި ލޯބި ނުދެވުނުކަން. ޝައިނާގެ އިހުސާސްތަކާމެދު ވިސްނައިނުލައި އެތައް ކަމެއް ގޯސްކޮށް ކުރެވުނުކަން. އެކަމަކު އޭރުވެސް މިހާރުވެސް އަހަރެން ހީކުރީ ޝައިނާ އަހަރެންދެކެ ވާލޯތްބަށް ބަދަލެއް ނާންނާނެކަމަށް. އެލީޝާގެ ހުރިހާ ކަމެއް ހަމައަކަށް އެޅުމަށްފަހު އަހަރެން ޝައިނާގާތަށް މުޅި އުމުރަށް ދާންދެން ކެތްތެރިވާނެ ކަމަށް. އަހަރެންނަށް މަޢާފުދޭނެ ކަމަށް.. އެކަމަކު އެ މަޢާފަށް އެދޭނެ ފުރުސަތެއްވެސް ނުދީ މިއަދު.. މިއަދު ޝައިނާ ބުނެފި އަހަރެންދެކެ ލޯތްބެއްނުވެޔޭ. އެއީ މިހާ ދުވަހަށްފަހު ބައްދަލުވި ވަގުތު އަހަރެން އަޑުއަހަން ތައްޔާރަށްހުރި ބަސްތަކެއްނޫން" ރާހިލްގެ އަޑުން އޭނާ ގޮތްހުސްވެފައިވާ މިންވަރު ހާމަވާން ހުއްޓެވެ.

"ދޮންބޭ.. އެހާވަރަށް ނުވިސްނަބަ. އެ.. އެވާނީ ސިސް އެހާބޮޑަށް ވިސްނައިނުލާ ބުނި އެއްޗަކަށް. އަހަރެންނަށް ސިސް ކުޑަކޮށްވެސް އެނގެންޏާ މިބުނީ.. ސިސް އަދި އެހެން ބުނެވުނީތީ ހިތާމަކޮށް ދޮންބެގާތުން މަޢާފަށް އެދޭނެ. ދޮންބެ އުޅުނުހާ ގޮތެއް ބަލަން ދުރުގަހުރެ ސިސް ވަރަށް ކެތްކުރި. އެކަމަކު ކެތްވާނީވެސް ވަކި ވަރަކަށްނު. އެ ލަކުނުތައް ސިސްގެ ހިތުގަ އަދިވެސް އާރޯކަންމަތީ ހުރީމަ އެކަހަލަ އެއްޗެކޭ އެ ބުނެވުނީ.. އަހަރެންނަށް ޔަގީން އަދިވެސް ސިސް ދޮންބެދެކެ ވަރަށް ލޯބިވާކަން.. ދޮންބެ ހަނދާންވޭތަ؟ އެއްކަލަ ހުކުރުދުވަހު ކާންހުރި ލަޒާންޏާ ރަހަބަލާފަ ރެސިޕީ ބަދަލުކުރަން ބުނީމެއްނު؟ ގެސްކޮށްބަ ކާކުކަން އެ ހެދީ؟" އިޝްވާ ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން އަހައިލިއެވެ.

"އެހެހެހެ. ޝައިނާތަ؟" ރާހިލް މަޑު ހީނލުމަކާއެކު އަހައިލިއެވެ.

"ހްމްމް. އިޝީ އެދުވަހު ދޮންބެއަށް ކާން ހަދަންޖެހޭ ވާހަކަ ބުނީމަ ޝީ ކުޑުންޓް ހެލްޕް އިޓް. ދޮންބެގެ ހުރިހާ ފޭވްރިޓެއް ހަދާފަ ފޮނުވާލީ. ޝީ ސްޓިލް ލަވްސް ޔޫ ޑޫޑް! އެހެންނޫނަސް އަހަރެން ދަންނަ ދޮންބެއަކީ އެހާ އަވަހަށް ހިތްވަރު އެލުވާލާނެ މީހެއްނޫން.." ރާހިލްއަށް ހިތްވަރުދެމުން އިޝްވާ ބުންޏެވެ.

"އެހެންނޫނަސް އަހަރެން މިފަހަރު އެހާ ފަސޭހައިން ޝައިނާ ދާން ދޫކޮށްލާނޭ އިޝީ ހީކުރީތަ؟ އަހަރެން ދުވަހަކުވެސް ޝައިނާއާމެދު އުއްމީދުކަނޑައެއް ނުލާނަން. ހާސްފަހަރު މަސައްކަތްކުރަން ޖެހުނަސް އަހަރެން ޝައިނާގެ ލޯބި ހޯދާނަން!" ރާހިލް އިޝްވާއަށް ހިނިތުންވެލިއެވެ.

"ޓްރަސްޓް މީ! ދޮންބެއަށް ތިކަން ވާނެ!" އިޝްވާ އުފާވެލައިފައި ބުންޏެވެ.

"ހްމްމް. އެކަމަކު އިޝީ އަހަރެންނާ ދެން ޓްރަސްޓްގެ ވާހަކަ ނުދައްކާ" ރާހިލްގެ ހިނިތުންވުން ފިލައިދާކަށް މާގިނައިރެއް ނުނެގިއެވެ.

"އަޅޭ. ސިސް ފަހުން ދޮންބެއާ ބައްދަލުކުރާނަމޭ ބުނެފަ އޮއްވާ އިޝީއަށް ބުނަން ކެރޭނީ ކިހިނެއް؟ އިޝީ ވިސްނީ ދޮންބެއާ ދޭތެރޭގަ. އިޝީގެ ފަރާތުން މިކަންތައް ދޮންބެއަށް އެނގިއްޖެކަން ސިސްއަށް ފަޅާއެރިއްޔާ ސިސް އަނެއްކާވެސް ހިނގައިދާނެތީ އިޝީ ހުރީ ވަރަށް ވަރަށް ބިރުން. އަންޑަރސްޓޭންޑް ވޭބަ ދޮންބޭ.. އިޝީއަށް ވީ ވަރަކުން އެހީވީމެއްނު ދޮންބެއާ ޔާނާގެ ގުޅުން ރަނގަޅުކުރަންވެސް. އެކަން ކޮންސިޑާރ ކޮށްފަވެސް އިޝީއަށް މަޢާފުކޮށްބަލަ! ޕްލީޒް! ދޮންބެ ސިސްއާ ދިމާލަށްވެސް އެއްޗެކޭ ނުބުނަމެއްނު" އިޝްވާ ފަހު ޖުމްލަ ބުނެލީ ޝަކުވާއެއް ފަދައިންނެވެ.

"ޝައިނާއާއި އިޝީއާ މިކަމުގަ ތަފާތޭ އިޝީ. އަހަރެން އެކްސްޕެކްޓްއެއް ނުކުރަމޭ ފަސް އަހަރު ނޫނީ ހަ އަހަރު ފަހުން ޝައިނާ އަންނަގޮތަށް އަމިއްލައަށް ފެނިގެން އަހަރެންގެ ގާތަށް އަންނާކަށް. މިހުރިހާ ދުވަހު އަހަރެން ދިރިއުޅުނު ގޮތް ބަލަން ހުރީ ޝައިނާއެއް ނޫނޭ. އެކަމަކު އަހަރެން އަބަދުވެސް ހީކޮށްގެންހުރީ އަހަރެންގެ އާއިލާއަށް، ހާއްސަކޮށް އިޝީއަށް ނޫނީ ރިއާންއަށް ޝައިނާގެ ކުޑަވެސް ހަބަރެއް ލިބޭ ދުވަހަކުން އެންމެ ފުރަތަމަވެސް އެކަން އަހަރެންނަށް އަންގާނެކަމަށް. އަހަރެންނަށް ހީކުރެވުނީ ގޯސްކޮށް" ރާހިލް ހިތިގޮތަކަށް ހިނިތުންވެލިއެވެ.

"ދޮންބޭ އި-"

"ކޮންމެ ގޮތެއްވިޔަސް ތިއީ އަހަރެންނާ ވަކިކުރެވޭނެ ބައެއް ނޫން. އެހެންވީމަ ދެން އަޅާނުލާ. މިހާރު ދަންވެއްޖެ. ދެން އިޝްކޮވެސް ނިދަންދޭ" ރާހިލް ސޯފާއިން ތެދުވިއެވެ.

އިޝްވާ ދެރަވެފައި ރާހިލް ދިޔަދިމާލަށް ބަލަން އިނުމަށްފަހު އަނެއްކާވެސް މޭޒުމަތީގައި ބެހެއްޓި ކޭކުތަށި ނަގައިގެން ކާންފެށިއެވެ.

***************

"ކީކޭ؟ އަހަރެން ކޮންތާކުން ޔުނިކޯނެއް މި ރާއްޖެއިން ކީއްކުރަން ދުނިޔެއިންވެސް ހޯދާނީ؟ ވުޖޫދުގަވެސް ނެތް އެއްޗެއްގެ ވާހަކަ ތި ދައްކަނީ.. ޑައިނަސޯރއެއް ހޯދަން ބުންޏަސް ތިއަށްވުރެން ފަސޭހަވީސް. ޓައިމް ޓްރެވެލް މެޝިނެއް ހުރިއްޔާ ކޮންމެވެސް ޕޮސިބިލިޓީއެއް އޮންނާނެ" ފޯނުން ރާހިލް ދައްކަމުންދިޔަ ވާހަކައާމެދު އަންތަރީސްވެފައިހުރެ ލީވާން ބުންޏެވެ. ރާހިލް ފޯނު ކަނޑައިލުމަށްފަހު ދެން ގުޅީ ރިއާންއަށެވެ.

"ޔުނިކޯނެކޭ؟ ރާހިލް ހަމަބުއްދި ފިލީތަ؟ އަހަރެންނަށް ހީވަނީ ޝައިނާ އެންޓަރ ވާ ހިސާބުން ރާހިލްގެ ސިކުނޑިން މަސައްކަތްކުރަނީ ނުއަތަށް ކަންނޭނގެ." ރިއާންއަކަށްވެސް ފޯނުން ރާހިލް ދެއްކި ވާހަކަ ނަގައެއް ނުގަނެވުނެވެ. އެހެނަސް ރާހިލް ދެންބުނި ވާހަކައާއެކު ރިއާންއަށް އެ ކަންތައް ކޮށްދޭން މަޖުބޫރުވިއެވެ.

"ރިއާން މިހާރުވެސް އަހަރެން ހިތްހަމަނުޖެހޭގޮތަށް ވަރަށްގިނަ ކަންކަން ކޮށްފި. އެކަމަށްޓަކައި އަހަރެންގެ މަޢާފު ބޭނުމިއްޔާ ލައިފް ސައިޒް ޔުނިކޯނަކާ އެންމެގާތަށް ރިއާންއަށް ލިބޭނެ އެއްޗެއް އަހަރެންނަށް ހޯދައިދީ" ރާހިލް ފޯނު ކަނޑައިލިއެވެ.

ރިއާން ގަބޫލު ނުކުރެވިފައިހުރެ ކެނޑިފައި އޮތް ފޯނަށް ބަލައިލަމުން އޭނާ އިށީނދެ އިން ގޮނޑިން ތެދުވިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކެބިންގެ ބޭރަށް ނުކުމެ އޭނާގެ އެސިސްޓެންޓް އިންނަ މޭޒާ ދިމާލަށް ހިނގައިގަތެވެ.

"ނީމް!"

"ނީމްއެއްނޫން ސަރ. ސާރާ" މޭޒު ދޮށުގައި އިން އަށާރަ ނުވަތަ ނަވާރަ ވަރަކަށް އަހަރުގެ ޒުވާން އަންހެންކުއްޖާ ބުނެލިއެވެ.

"ހްމްމް ސޭރާ." ރިއާން އެ ނަން ކިޔައިލިއިރު ފަރަންޖީ ގޮތްގަނޑެއް ހުރި ނަމަވެސް ސާރާ އެކަމަކާ ބަހެއް ނުބުންޏެވެ.

"ފައިންޑް މީ އަ ޔުނިކޯރން" ރިއާންގެ މޫނަށް ސާރާ ބަލަހައްޓައިގެންހުރީ ރިއާންއަކީ މޮޔައަކު ފަދައިންނެވެ.

"ޔުނިކޯން؟" ސާރާ އަދިވެސް އެއްފަހަރު އޭނާއަށް އިވުނީ ރަނގަޅަށްތޯ ޔަގީން ކޮށްލިއެވެ.

"ހްމްމް. ލައިފް ސައިޒް ޔުނިކޯނަކާ އެންމެ ގާތްކޮށް ލިބޭ އެއްޗެެއް. މިވަގުތުން ފެށިގެން ތިން ގަޑިއިރުތެރޭ އަހަރެން އެ ޔުނިކޯން ބޭނުން" ރިއާން އެތަނުން ދުރަށް ހިނގައިގަތުމުގެ ކުރިން ބުންޏެވެ. ސާރާއަށް އަދިވެސް ހުރި ފިޔަވަޅު މަތީ ގަނޑުވެފައި ހުރެވުނީ ރިއާން އެ ކުރަނީ ސަމާސާއެއް ކަމުގައި ހީވުމުންނެވެ. އޭނާ އަށް ސިހުމެއް ލިބުނީ ރިއާން ކެބިންއަށް ވަނުމުގެ ކުރިން އޭނާގެ ނަމުން ގޮވައިލުމުންނެވެ.

"ސޭރާ" ރިއާން އަތުކުރީގައި އޮތް ގަޑީގައި ދެފަހަރަކު ޖަހައިލަމުން ވަގުތު ހިނގަނީކަމުގެ އިޝާރާތެއް ކޮށްލިއެވެ. އެއާއެކު ސާރާ އަވަސް އަވަހަށް ދަބަސް ހިފައިގެން ލިފްޓާ ދިމާލަށް ދުއްވައިގަތެވެ.

***************

ގުނަމުންދިޔަ ތިން ގަޑިއިރުގެ ވަގުތު ހަމަވުމާއެކު ރިއާންގެ ފޯނު އެލްރމްވާން ފެށިއެވެ. އޭނާ މަސައްކަތް ހުއްޓައިލުމަށްފަހު ސާރާއަށް ގުޅައިލިއެވެ. އޮފީހުގެ ގިނަ މުވައްޒަފުން މިހާރު މެންދުރުގެ ހުސްވަގުތުކޮޅަށް ގެއަށްވެސް ހިނގައްޖެއެވެ. އަދިވެސް ސާރާގެ ހިލަމެއް ނުވެއެވެ.

ދެފަހަރަކު ރިންގުވުމަށްފަހު ސާރާ ފޯނަށް ޖަވާބުދިން ނަމަވެސް ސާރާގެ އަޑަށްވުރެން ކުރިން ރިއާންގެ ކަންފަތުގައި ޖެހުނީ ވަޑާންގެއެއްގެ އަޑުތަކެވެ. އެއްޗެހި ކީހާ އަޑާއި، ރޮންދާގެ އަޑާއި، މަރުތޭލުގެ އަޑުތައް އިވެން ފެށުމާއެކު ރިއާންގެ ދެބުމަ ގޮށް ޖެހުނެވެ.

"ހަލޯ؟ ސޭރާ؟" ރިއާން ގޮވައިލިއެވެ.

"ޔެސް. ސަރ. ފެނިއްޖެ. މިބުނީ.. ޔުނިކޯންއެއް ލިބިއްޖެ" ސާރާގެ ވާހަކަ އިވުމާއެކު ރިއާން އަޖައިބުވިއެވެ.

"މަޑުކޮށްބަލަ މަޑުކޮށްބަލަ. ސޭރާ ކޮންތާކު ތިހިރީ؟" ރިއާން އަހައިލިއެވެ.

"ހުރިހާ ކުޑަކުދިންގެ ޝޮޕްތައް ބެލިއްޖެ. މާލެއާ ހުޅުމާލޭގެވެސް. އެއްވެސްތާކުން ތިބުނާ ސައިޒްގެ ޔުނިކޯނެއް ނުފެނުނު. ދެތިން ކާރޕެންޓްރީ ޝޮޕް ބަލާލި އިރު ހުޅުމާލޭގަ ހުރި ޝޮޕްއަކުން ފެނުނީ ހެއްލޭ އަހެއްގެ ސިފައަށް ހަދާފަހުރި އެއްޗެއް. ސާރާ އެހީމަ އެމީހުން ބުނީ ވަރަށް އަވަހަށް އޭތި މޮޑިފައި ކޮށްލަދެވޭނެޔޯ ޔުނިކޯންއެއް ގޮތަށް. އަދި ޕެއިންޓްވެސް ކުރަން ޖެހޭނީ. އެކަމަކު ހަވީރަށް ނިންމަދޭނަމޯ ބުނީ" ސާރާ އެއްނޭވާއިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އޯ މައި ގޯޑް ސޭރާ ޔޫ އަރ އަ ޖީނިއަސް. ލޮކޭޝަން ފޮނުވާލާ އަހަރެން ހަމަ މިހާރު މި ދަނީ ތިކޮޅަށް. ސޭރާ ދެން މިއަދުގެ ބާކީބައި އޮފީހަށް ނައިސް ރެސްޓް ކޮށްލިޔަސް އަހަރެންގެ މައްސަލައެއްނެތް" ރިއާން ކާރުގެ ތަޅުދަނޑި ހިފައިގެން އޮފީހުން ނުކުތުމަށް ހިނގައިގަތެވެ. އަދި ކާރަށް އަރައި ހަމަ ޖެހިލުމަށްފަހު އެންމެ ފުރަތަމަވެސް ރާހިލްއަށް ގުޅައިލައި ފޯނު ސްޕީކަރަށްލުމާއެކު ޖެހިގެންހުރި ސީޓަށް އެއްލިއެވެ. ރާހިލް އެ ކޯލަށް ޖަވާބު ދިނުމާއެކު ރިއާން ހަލޯއޭވެސް ބުނުމެއްނެތި އަހައިލީ ސުވާލެކެވެ.

"ސޯ. ވިޗް ކަލަރ ޑޫ ޔޫ ވޯންޓް ޔޯރ ގޯޑް ޑޭމްންޑް ޔުނިކޯން؟"

****************

"ބްލޫ" ކާޕެޓްމަތީގައި ކާން އިން ޔާނާ ދެއަތް ހިއްލައިލަމުން ހަޅޭއްލަވައިގަތެވެ. "މަންމީ ބްލޫ ޔުނިކޯނެއްތަ ޔާނާއަށް ލިބޭނީ؟ އޭރުން ޔާނާ ކިޔާނީ ބްލޫ" ޔާނާގާތު އިށީނދެލައިގެން އިން ޝައިނާކުރެން އެކުއްޖާ އަހައިލިއެވެ.

"ދަރިފުޅޫ. އަޅެ ބައްޕި ކިހިނެއްތަ ޔުނިކޯނެއް ގެންނާނީ؟" ޝައިނާ އަތުގައިހުރި ބަތްތަށިން ސުވާއެއް ޔާނާގެ އަނގަޔަށް ލަވައިދެމުން ބުންޏެވެ.

"ބުނީމެއްނު ޔުނިކޯން ނޮޓް ރިއަލްއޭ" ޔާނާގާތު ކާން އިން ރާއީވެސް އެ ވާހަކައާ އެއްބައިވިއެވެ.

"އެކަމަކު ބައްޕި ބުންޏެއްނު ޔާނާއާ އެއްކޮށް ޔުނިކޯން ބަލާ ދާނަމޭ" ޔާނާ ހަނދާންކޮށްދިނެވެ.

"ނޭނގެ ދެން މަންމިއަކަށް.. ބައްޕިއަށް ހަމަ އެނގޭނީ" ޝައިނާ ބުންޏެވެ. އެވަގުތު ގޭގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުމުން ޝައިނާ އެކުދިންނަށް ކާންދޭން އިން ތަށި ކާޕެޓްމަތީގައި ބެހެއްޓުމަށްފަހުގައި ގޮސް ދޮރު ހުޅުވައިލިއެވެ. ރާހިލްއަށް ޝައިނާ ފެނުމާއެކު ލޮލުގައި އަޅައިފައިއޮތް އަވިއައިނު ނަގަމުން ޝައިނާއަށް ހިނިތުންވެލިއެވެ. ޝައިނާގެ ހިތް ހީވީ ލުއި މިއުޒަކަކަށް ނަށައިލިހެނެވެ. އެ ހިނިތުންވުމަށް ގެއްލިފައި ހުރެވެނިކޮށް އޭނާއަށް ހަމަބިމަށް އާދެވުނީ ރާހިލް ވާހަކަ ދެއްކުމުންނެވެ.

"ހާއި. ޔާނާއަށް އެއްޗެއް ހިފައިގެން މި އައީ.." ލޮލާއި ވަކިކޮށްލި އަވިއައިނު ގަމީހުގެ މޭމަތިން ނައްޓައިލައިފައިހުރި ދެ ގޮށުގެ ތެރެއިން ފަހުގޮށުގައި އަޅުވައިލަމުން ރާހިލް ބުންޏެވެ.

ޝައިނާ ވަށައިގެން ހޯދައިލީ ރާހިލް އެބުނާ އެއްޗަކީ ކޮބައިތޯ ބެލުމަށެވެ. ރާހިލްގެ އަތުގައިހުރި ކޮތަޅާއި ރަތް ފިނިފެންމާބޮނޑި ފެނުމާއެކު އޭނާ ސުވާލުގެ ނަޒަރަކުން ބުމަ އަރުވައިލިއެވެ. އެހެނަސް ރާހިލް އެއްކައިރިއަކަށް ޖެހިލި ވަގުތު ފަހަތުގައިހުރި ލަކުޑިން ހަދައިފައިވާ ހެއްލޭ ޔުނިކޯން ފެނި ޝައިނާ ހައިރާންވިއެވެ. އަދި ރާހިލް ވަނުމަށްޓަކައި ޖާގަ ދިނެވެ.

"މިއީ ޔާނާއަށް.." ރާހިލް އެ "ޔުނިކޯން" އެއްއަތުން ހިއްލައިލައިގެންގޮސް ސިޓިންގްރޫމްގެ މެދުގައި ބަހައްޓަމުން ބުންޏެވެ. "މިއީ ޔާނާގެ މަންމިއަށް" ރާހިލް އަތުގައި އޮތް ރަތް ފިނިފެންމަލުގެ ގުލްދަސްތާ ޝައިނާއަށް ދިއްކޮށްލިއެވެ. ޝައިނާ އޭގައި ހިފަމުން އަވަސްއަވަހަށް ޔާނާއަށް ގޮވައިލިއެވެ.

"ޔާނާ.. ދަރިފުޅޫ" ޝައިނާގެ އަޑަށް ޔާނާ ދުވެފައި އައިސް އެމީހުންގެ ގާތަށް މަޑުކޮށްލުމާއެކު އެކުއްޖާގެ މޫނުމަތި ވަގުތުން އުޖާލާވެގެންދިޔަތަން ފެނުނެވެ. އުފާވެލައިފައި ގޮސް ރާހިލްގެ ގައިގައި ބައްދައިލިއެވެ.

"މަންމީ.. ބަލާބަ ބްލޫ ކުލަ. ޔާނާ ބޭނުން ގޮތަށް" ޔާނާ ނޫކުލައާއި ފިޔާތޮށި ކުލަ އެކުލެވޭ އެ ޔުނިކޯނަށް ބަލައިލަމުން ބުންޏެވެ.

"އެހެންތަ؟ ބައްޕި ހަމަ މޮޅީ ދޯ ގެސް ކުރަން" ރާހިލް ޔާނާ ހުރި ހިސާބަށް ތިރިވެލަމުން ބުންޏެވެ.

"އެކަމަކު މިއީ ރިއަލް ޔުނިކޯނެއް ނޫނެއްނު ބައްޕީ؟" ޔާނާ ބުންޏެވެ.

"އަޅޭ.. ޕްރިންސަސް ބޭނުމީ ރިއަލް ޔުނިކޯނެއްތަ؟ ބައްޕިއަކަށް ނޭނގޭނެއްނު. އަނެއްކާ ބައްޕި ދާންވީދޯ ވޮންޑަރލޭންޑަށް ރިއަލް ޔުނިކޯނެއް ބަލާ" ރާހިލް އަހައިލިއެވެ.

"ނޯ ބައްޕި ދެން ނުދައްޗޭ ޕްލީޒް. ޔާނާ ރިއަލް ޔުނިކޯނެއް ބޭނުމެއްނޫން ޔާނާ ބޭނުންވަނީ ބައްޕި" ޔާނާ އިތުރަށް ރާހިލްގެ ގައިގައި ބައްދައިލަމުން ބުންޏެވެ. ރާހިލް ދެލޯ ކުޑަކޮށްލުމަށްފަހު ކައިރީގައިހުރޮ ޝައިނާއަށް ބަލައިލިއެވެ. ޝައިނާ ނަޒަރު ހުއްޓައިލީ ދުރަށެވެ.

"ޔާނާ ބޭނުން ޔުނިކޯނަށް އަރަން" ދެވަނަ ސުކުންތުގައި ޔާނާ ރާހިލްގެ ގައިން ދޫކޮށްލަމުން ބުންޏެވެ.

"އަދި ނާރާނެ. އަދި ޕެއިންޓް ނުހިކެއެއްނު ބަލަ އަތް ތަތްލަނީ މި. ދޭބަލަ މީތި ދޮންބެއަށްދޭން. ދަރިފުޅަށް ޔުނިކޯން ގެނައިމަ ދޮންބެ ދެރަވެދާނެތީ ދޮންބެއަށް ގެނައި ގިފްޓެއް މިއީ" ރާހިލް އަތުގައި އޮތް ކޮތަޅު ޔާނާއަށް ދިއްކޮށްލަމުން ބުންޏެވެ.

"ދަރިފުޅު. އަހަހަ" ޔާނާ އަނގަ މަތީގައި އަތް އަޅައިލައިގެން އިނދެ ލަދުރަކިކޮށް ހޭންފެށިއެވެ.

"ހްމްމް ތިއީ ބައްޕިގެ ދަރިފުޅެއްނު" ރާހިލް އަހައިލިއެވެ.

"އޯކޭ. އެކަމަކު ޔާނާ މިއީ ޕްރިންސަސް" ޔާނާ މައުސޫމުކަމާއެކު ބުންޏެވެ.

"އޯކޭ އޯކޭ ޕްރިންސަސް. ދެން އަވަހަށް ދޭ ދޮންބެގެ ގިފްޓް ދޮންބެއަށް ދޭން" ރާހިލްގެ ގާތަށް ހިނިއައެވެ. އޭނާ އަވަސްއަވަހަށް ޔާނާ ފޮނުވައިލުމަށްފަހު ހަމަ އިސްކޮޅަށް ތެދުވެލަމުން އޭނާއަށް ބަަލަންހުރި ޝައިނާއަށް ބުމަ އަރުވައިލިއެވެ.

"ރާހިލް ތި އުޅެނީ އެދެކުދިން ސްޕޮއިލް ކުރަންވެގެން" ޝައިނާ ރާހިލްއަށް ފަސް ދިނުމަށްފަހު ބަދިގެއާ ދިމާލަށް ހިނގައިގަތެވެ

"ކޮބާ މައްސަލައަކީ؟" ޝައިނާގެ ފަހަތުން ހިނގައިގަންނަމުން ރާހިލް އާދައިގެ ގޮތަކަށް އަހައިލިއެވެ.

"ތިކަމުގެ ހުރިހާ ގެއްލުމެއް ވާނީ އަހަރެންނަށޭ. އަހަރުމެން ވަކިވާ ދުވަހަކުން ރާހިލް ތި ހޯދައިދޭހާ އެއްޗެހި އަހަރެން އެކުދިންނަށް ހޯދައި ނުދެވެންޏާ އެކުދިން ނަފްރަތު ކުރާނީ އަހަރެންނަށޭ. އެވަރު ހަމަ ނޭނގެނީތަ؟" ޝައިނާގެ އަޑުން ހިތްހަމަ ނުޖެހުން ފާޅުވާން ހުއްޓެވެ.

ރާހިލް އެވާހަކަތަކަކަށް މާބޮޑު ފަރުވާލެއް ނުދިނެވެ. ޝައިނާގެ ކުދިކިޔުންތަކަށް އޭނާ ވަނީ އާދަވެފައެވެ. އޭނާގެ ނަޒަރު ހުއްޓިފައިހުރީ ކާމޭޒު މަތީގައި ބިއްލޫރި ވާހަކަށް ޖަހައިފައިހުރި ލިލީ މާތަކަށެވެ. އޭނާ ރޭގައި އައިއިރު އެ މާތަށް ހުރީ އެއްވެސް ތަރުތީބެއްނެތި އުކައިލެވިފައެވެ. ނަމަވެސް މިއަދު އެ މާތަށް ރީތިކޮށް ފަރުވާތެރިކަމާއެކު ވާހަށް ޖަހައިފައި ހުރިތަން ފެނި ރާހިލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

"އަހަރެން ރޭގަ އައި އިރު މި މާބޮނޑި އޮތީ އެއްލައިލައިފަ. މިއަދު ކިހިނެއްވީ؟" ރާހިލް އެ ވާހުގައި ހުރި މާތަކަށް ލޮލުން އިޝާރާތްކުރަމުން ބުންޏެވެ. ޝައިނާގެ ދޫ ވަގުތުން ބަންދުވި ކަހަލައެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ހަގީގަތަކީ އެއީ ރާހިލްގެ ހަދިޔާއެއްކަން އެނގުމުން އެހެން މާބޮނޑިތައް އެއްލައިލި ފަދައިން އޭނާއަށް އެންމެ ފަހުން ލިބުނު މާބޮނޑި ރޭގައި އެއްލައިލަން ނުކެރުނީއެވެ. އެހެންނަމަވެސް ޝައިނާ ރާހިލްގާތު އެކަމަށް އެއްބަސްވާކަށް ބޭނުމެއްނުވިއެވެ.

"އެއީ..އެއީ ޔާނާ.. އާން. ޔާނާ އެއީ.. އަހަރެން އެއްލައިލަން އުޅެނިކޮށް ޔާނާއަށް މާތަށް ރީތިވެގެން ރޯން ފެށީމަ.. ޔާނާގެ ފޭވްރިޓް މަލޭ އެއީ. ލިލީމާ. އެހެންވެގެން. ޔާނާ ބުނީމަ. ހަމަ ތެދެއް. އަހަރެން ކީއްކުރަން ދޮގު ހަދަންވީ.. އަހަރެން–"

"އޯކޭ އޯކޭ. ތި ހަމަޖެހިބަލަ. އަހަރެން ނުބުނަމެއްނު ތި ހަދަނީ ދޮގެކޭ. އަހަރެންނަށްވެސް އެނގެޔޭ ޔާނާގެ ފޭވްރިޓް ފްލާވަރ އަކީ ލިލީ ކަން" ރާހިލް ހިނިގަނޑު އޮއްބައިލުމަށްފަހު ޝައިނާ ދޫ ހަލުވިކޮށްލައިފައި ދައްކަމުންދިޔަ ވާހަކަ މެދުކަނޑައިލިިއެވެ. އެހެން ބުނިއިރުގައިވެސް އޭނައަށް ޔާނާއަށް އެންމެ ކަމުދާ މަލަކީ ޝައިނާއެކޭ އެއްފަދައިން ފިނިފެންމާކަން ހަމަ ރަނގަޅަށް އެނގެއެވެ.

"ޔެސް. ޔާނާގެ ފޭވްރިޓް. ރާހިލް.. އަހަރެން.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް" ޝައިނާ ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ.

"އަޑު އަހަން މިހިރީ" ރާހިލް ޖީންސުގެ ދެޖީބަށް އަތްޖަހައިލުމަށްފަހު ކޮނޑުއަރުވައިލަމުން ބުންޏެވެ. ދެވަނަ ސިކުންތުގައި އޭނާއަށް އިސްޖަހައިލަން މަޖުބޫރުވީ ރާއީ އައިސް އޭނާ ލައިގެންހުރި ގަމީހުގެ ފަސްބައިގައި ހިފައި ދަމައިލުމުންނެވެ. ރާއީ އަމިއްލައަށް އިސްނަގައިގެން އޭނާގެ ގާތަށް އައުމުން ރާހިލްއަށް ލިބުނީ ހައިރާންކަމެކެވެ.

"ތެންކްޔޫ" ރާއީގެ އަތުގައި އޮތް ރިމޯޓު ކާރު ރާހިލްއަށް ދައްކައިލިއެވެ.

"ޔޫ އަރ ވެލްކަމް. ތިކާރު ދުއްވަން އެނގޭތަ؟" ރާއީގެ ބޮލުގައި ފިރުމައިލުމަށްފަހު ރާހިލް ހިނިތުންވެލިއެވެ. ރާއީ ބޯ ހޫރައިލީ ރާހިލްގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުންނެވެ.

"ބައްޕި ރާއީއަށް ދަސްކޮށްދީބަ" ރާއީގެ އަތުގައި އޮތް ރިމޯޓު ރާހިލްއަށް ދިއްކޮށްލަމުން ބުންޏެވެ. ރާއީގެ ދުލުން އޭނާއާ މުހާތަބުކުރި ލަފްޒު އިވިފައި ރާހިލްއަށް ލިބުނު ސިހުމުގައި ކަޅި ޖަހައިލަންވެސް ނޭނގި ރާއީއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތުގައި އުފެދެންފެށި އުފާވެރި ޖަޒުބާތުތަކުގެ ސަބަބުން އަރުބެދި ހިންދިރުވައިލަންވެސް ދަތިވިއެވެ. އެހެނަސް އޭނާ އެ އިހުސާސްތައް ކޮންޓްރޯލް ކޮށްލުމަށްފަހު ރާއީ ދިއްކޮށްލައިގެންހުރި ރިމޯޓުގައި ހިފިއެވެ. ވަގުތުން ރާއީ އޭނާގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ހިނގައިގަތުމާއެކު ރާހިލް ޝައިނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ރާއީއާ އެކުގައި ދިޔައެވެ.

އެދުވަހުގެ ހަވީރުވަގުތު އެއްކޮށް ރާހިލް ހޭދަކުރަންޖެހުނީ ޔާނާއާއި ރާއީއާ އެކުގައި ކަމަށްވާތީ ޝައިނާ ދައްކަން ބޭނުންވި ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. ރާހިލް އެ ގެއިން ދިޔައީ އޮފީހުން ގުޅާވަރުން މަޑުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެނެވެ. ނަމަވެސް އޮފީހަށް ވަނުމާއެކު ރާހިލްގެ ފޯނަށް ޝައިނާގެ މެސެޖެއް އައެވެ. ހަމަ އައުމާއެކު ރާހިލް ސުކުންތެއްވެސް ލަސްކުރުމެއްނެތި ޝައިނާއަށް ގުޅައިލިއެވެ.

"ހަލޯ؟ ރާހިލް؟ ނޯޓުގަ އިން ނަންބަރަށް މި މެސެޖުކުރީ" ޝައިނާ ޔަގީން ނުވެފައި އަހައިލިއެވެ.

"ޔެސް. މި މެސެޖަށް އިންތިޒާރު ކުރާތާ ހާދަ ދުވަހެއް ވެއްޖެޔޭ" ރާހިލް އަހައިލިއެވެ.

"އަހަރެން ބުނީމެއްނު ވާހަކައެއް ދައްކަން އެބައޮތޭ. ކީއްވެ ދިޔައީ؟" ޝައިނާ އަހައިލިއެވެ.

"އޯހް. ކުއްލިއަކަށް އޮފީހުގެ ކަމެއްގަ އަންނަންޖެހުނީ. ހިނގާ މިރޭ ތަންކޮޅެއް ފަހުން ޑިނަރއަކަށް ދާން. ޔޫ ސްޓިލް އޯވް މީ އަ ޑޭޓް" ރާހިލް ސަމާސާ ރާގެއްގައި ބުންޏެވެ.

"ކޮން.. ކޮން ޑޭޓެއް؟" ޝައިނާއަކަށް ރާހިލްގެ ވާހަކަ ފަހުމެއް ނުވިއެވެ.

"ޔާނާގެ މަންމަ އިއްޔެ އަހަރެންނާ ދިމާކުރަން ގަޑިކީ ހަނދާނެއް ނުވޭތަ؟ އެ ޑޭޓް އަދިވެސް އޮންނާނެއެއްނު" ރާހިލް ބުންޏެވެ.

"އޯހް. އެ ދޯ. ރާހިލް އަހަރެ–"

"ސޯ ޑިނަރ ޓުނައިޓް؟ ކީކޭ ބުނަނީ؟" ރާހިލް އަހައިލިއެވެ.

"ނޫން. ޑިނަރވިއްޔާ މާ ގިނައިރުވާނެ. އެހާ ގިނައިރަށް ކުދިން ދޫކޮށްލާފަ ދާކަށް ނުކެރޭނެ. އަހަރެން ބޭނުންވަނީ ހަމަ ކުޑަ ވަގުތުކޮޅެއް" ޝައިނާ ބުންޏެވެ.

"އެހެންވިއްޔާ އަހަރެން އޮފީސް ނިންމާލާފަ އެބަދަން" ރާހިލް ބުންޏެވެ.

"ނޫންނޫން ނޫން. ބޭނުމީ ޔާނާމެން ނެތްތާކު މިވާހަކަ ދައްކަން. ބޭރުން ބައްދަލުކޮށްލެވިދާނެތަ؟ ރާހިލް ބުނާތާކަށް އަހަރެން ދާނަން" ޝައިނާ އަހައިލިއެވެ.

"މައްސަލައެއްނެތް. ކާނިވާ ސަރަހައްދަށް އާދޭ ނުވައެއް ޖަހާކަން ހާއިރު. ސީ ޔޫ ދެއަރ" ރާހިލް ބުންޏެވެ. ޝައިނާ އެކަމަަށް އެއްބަސްވަމުން ފޯނު ކަނޑައިލިއެވެ.

***************

ގަޑިތަކުން ބަރާބަރު ނުވައެއް ޖެހިއިރު ރާހިލްގެ ސައިކަލު ކަނިވާ ސަރަހައްދުގައިހުރި ޕާކިންގް އޭރިޔާގައި މަޑުކޮށްލައިފިއެވެ. އަތުކުރީގައި އޮތް ގަޑިއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އޭނާ ދުވަމުން ހިނގަމުން ކަހަލަ ގޮތަކަށް ޝައިނާ ފެނޭތޯ މުޅި ސަރަހައްދު ހޯދަންފެށިއެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ތޮށިގަނޑާއި މާ ދުރުނޫން ހިސާބެއްގައި މޫދަށް ނަޒަރު ހުއްޓައިލައިގެންހުރި ޝައިނާ ފެނުމުންނެވެ. ހުއްޓިލައިގެންހުރި ގޮތުން އޭނާއަށް އޭރު ޝައިނާގެ މޫނު ނުފެނުނު ކަމުގައިވިޔަސް އެ ރާޅުބާނީ އިސްތަށިގަނޑާއި ގަޔަށް ހިފައިލައިފައިހުރި ކަޅުކުލައިގެ ކުރުތާގެ ސަބަބުން ފާޅުވާންހުރި މިންހެޔޮ ބައްޓަމުގެ އިތުރަށް އެ ހެޔޮވަރު އިސްކޮޅުން އެކަނިވެސް ރާހިލްއަށް އެއީ ޝައިނާކަން ޔަގީންކުރެވުނެވެ. އޭނާގެ ލޮލުގައި ވަކިން ހާއްސަކޮށް އަޅައިގަތީ ޝައިނާ އަރައިގެންހުރި ކަޅުކުލައިގެ އުސްފައިވާނެވެ. އުސްކަށި ހުންނަ ފައިވާންތަކަށް އެރުމަށް ލޯބިކުރާ ޝައިނާގެ އެ އާދަ އަދިވެސް ބަދަލުވެފައި ނުވާކަން އެނގި ރާހިލްއަށް ހިނިތުންވެލެވުނެވެ.

ޝައިނާ ފެނުމާއެކު ގޮވައިލަން ހިތަށް އެރި ކަމުގައިވިޔަސް ރާހިލްގެ އެހިޔާލު ބަދަލުވީ އެހުރެވުނު ތަނަށް ބަލައި ސިކުނޑިއަށް ވެރިވި ދުރު ހަނދާނަކުންނެވެ. އެއީ ދުރު ހަނދާނެއްހެން ހީވިޔަސް އެރޭގެ ކޮންމެ ވަގުތެއް ރާހިލްގެ ސިކުނޑީގައި އިއްޔެ ހިނގައިދިޔަ ކަމެއްހެން ރައްކާކުރެވިފައިވެއެވެ.

އާނއެކެވެ. އެމީހުންނަށް ތިބެވުނީ އެންމެ ފުރަތަމަ ރާހިލްގެ ހިތް ޝައިނާއަށް ހުޅުވައިލި ރޭ ތިބެވުނު ތަނުގައެވެ. އޭނާ މިރޭ ޝައިނާގާތު އެތަނަށް އައުމަށް ބުނީ އެ ހަނދާންތައް ޝައިނާއަށްވެސް އާކޮށްދިނުމުގެ އުއްމީދުގައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ރާހިލް އޭނާގެ ޖީބުން ނެގި ކަޅުކުލައިގެ ލެދަރ އަންގިއެއް ދެއަތަށް ހެޔޮވަރުކޮށްލުމަށްފަހު ތަންކޮޅެއް ދުރުގައި އޮތް އަޅިކުލައިގެ ބުޅަލަކާ ދިމާލަށް ހިނގައިގަތެވެ. އަދި އެ ބުޅާ އުރާލައިގެންހުރެގޮސް ޝައިނާގެ ފަހަތުގައި ހުއްޓިލުމަށްފަހު މަޑުމަޑުން ޝައިނާގެ ކަންފަތްދޮށަށް ފުމެލިއެވެ. ސިއްސައިގެންގޮސް ފަހަތަށް އެނބުރިލި ޝައިނާއަށް ލިބުނު ސިހުން އިތުރުވީ ރާހިލްގެ އަތުގައިއޮތް ބުޅާ ފެނުމުންނެވެ. އެވަގުތު ޝައިނާގެ މޫނަަށް ވެރިވެގެންދިޔަ ކަންބޮޑުވުމުގެ އަސަރު އޭނާއަކަށް ސިއްރެއް ނުކުރެވުނެވެ. އޭނާ ހާސްވެފައިހުރެ ރާހިލްގެ އަތުން އެ ބުޅާ އަތުލިއެވެ.

"ވަޓް ދަ ހެލް ރާހިލް. ރާހިލް އެލަރޖިކް ކަން ހަނދާން ނެތުނީ…ތަ؟" ޝައިނާ އެއްއަތުން ރާހިލްގެ އަތުގައި ހިފައި ހިއްލައިލިއިރު އަތަށް ލައްވައިފައިވާ އަންގި ފެނި ރާހިލްގެ މޫނަށް ބަލައިލެވުނެވެ. އޭރު ރާހިލް އެއްމިޔަކަނިން ހިނިތުންވެލައިގެން ޝައިނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ އަތުގައި އޮތް ބުޅާ ފުންމައިގެންގޮސް އަނެއްކާވެސް ރާހިލްގެ ދެއަތުގެ ތެރޭގައި ހަމަޖެހިލިއެވެ. ޝައިނާގެ ސިކުނޑީގައި ވަގުތުން ސުވާލުމާކު ޖެހިގެންދިޔައެވެ.

"އަހަހަހަ. މިއީ އަހަރެންނާ ވަރަށް ރައްޓެހި ބުޅަލެކޭ. މި ބުޅާ އެކަންޏެއްނޫން. މިތާ އުޅޭ ހުރިހާ ބުޅަލެއްވެސް" ރާހިލް އެ ބުޅާ ބިންމައްޗަށް ދޫކޮށްލަމުން ބުންޏެވެ.

"އެ ކީއްވެ؟ މިއީ ރާހިލް މާ ގިނައިން އަންނަ ތަނަކީތަ؟" ޝައިނާ މޭމަތިން ދެއަތް ހުރަސްކޮށްލަމުން އަހައިލިއެވެ.

"އަބަދަކު ނޫން. އެކަމަކު މާބޮޑަށް މިސްވީމަ.. ދޭތެރެއަކުން އައިސްލަނީ" ރާހިލް ފަނޑު ހިނިތުންވުމަކާއެކު ޝައިނާއަށް ބަލައިލިއެވެ ރާހިލްއާ ނަޒަރު ވަކިކޮށްލަމުން ޝައިނާ އިސްޖަހައިލިއެވެ.

"އެރޭ ހުރިހާ ވާހަކައެއް ދެއްކީ އަހަރެންނެއްނު. މިއީ ޝައިނާގެ ރޭ. ޝައިނާ ބޭނުންވާހަކައެއް ދައްކާ" ކުރީގެ ހަނދާނެއް އާކޮށްލަމުން ރާހިލް ބުންޏެވެ.

"އަހަރެން.. އަހަރެން ދައްކާކަށް މާގިނަ ވާހަކައެއް ނެތް ރާހިލް. އަހަރެން.. އަހަރެން ފޯމް ލައިފިން" އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ޝައިނާ ބުންޏެވެ.

"ފޯމޭ؟ ކޮން ފޯމެއް؟" ރާހިލްގެ ނިތަށް އެތައްހާސް ރުލެއް އެއްފަހަރާ ޖަމާވިއެވެ. ޝައިނާ މި ކިޔަނީ ކީކޭބާއެވެ؟

"ވަރިވާން" ރާހިލްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެނެވެ. ޝައިނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ވަކިން ހާއްސަކޮށް އޭނާއާ އަލުން ދިމާވުމަށްފަހު އެކަން ކޮށްފާނެ ކަމަކަށް އޭނާއަށް ހުވަފެނެއްގައިވެސް ހީކުރެވިފައެއްނެތެވެ.

"ކޮން.. ކޮން އިރަކު؟" ރާހިލް ހިންދިރުވައިލަމުން އަހައިލިއެވެ.

"ކުރީ ދުވަހު. ޔާނާގެ ފްރެންޑް.. މިބުނީ ރާހިލްއާ ދިމާކުރަން ދާން އެއްބަސްވެފަ އަހަރެން އެ ނޯޓު ލިޔުންދުވަހު ވަރިވާން ފޯމުލީ.. އަހަރެ-"

"ދެން މިހާރު ފޯމު އަލުން އަނބުރާ ނަގަންވީނު. ޝައިނާއަށް މިހާރު އެނގިއްޖެއެއްނު ޝައިނާ ބައްދަލުކުރަން ބޭނުންވި މީހަކީ އަހަރެންކަން" ރާހިލް ޝައިނާގެ ވާހަކަ މެދުކަނޑައިލުމަށްފަހު ޝައިނާގެ އަތުގައި ހިފިއެވެ.

"ރާހިލް.. އަހަރެން.. އަހަރެން ބޭނުމެއްނޫނޭ ފޯމު ނަގާކަށް. އަހަރެން ރޭގަ ދެއްކި ވާހަކަތައް ރާހިލްއަށް އަޑު ނީވެނީތަ؟ އަހަރެންނަށް ރާހިލްއަކީ މިހާރު ބީރައްޓެއްސެކޭ. މިހާރު އަހަރެން ރާހިލްދެކެ ލޯތްބެއްނުވެއޭ އަދި ރާހިލްއާއެކު އުޅޭކަން ބޭނުމެއްނޫނޭ. އަހަރުމެން ދެމީހުންގެ ޗެޕްޓަރ ނިމޭ ހިސާބަކީ މިއީ ރާހިލް" ޝައިނާ ބުންޏެވެ.

"އަހަރެން ރޭގަ ބުނި އެއްޗެއް ޝައިނާއަކަށްވެސް ނީވުނެއްނު. އަހަރެން ތި ދޮގުތަކެއް ގަބޫލެއް ނުކުރަމޭ" ރާހިލް ބުންޏެވެ.

"އެއީ ކީއްވެ؟ ކީއްވެގެންތަ ރާހިލްއަށް އެއްބަސް ނުވެވިގެން ތިއުޅެނީ އަހަރުމެން ދެމީހުންގެ ދެމެދުގަ އޮތް ލޯތްބަށް ނިމުމެއް އައިސްފިކަން. އަހަރެންނާ ރާހިލްއާ ގުޅުވައިދޭ ހަމައެކަނި ކަމަކީ މިހާރު އެ ދެކުދިން. ރާހިލްވެސް އަހަރެންދެކެ ލޯބިވާނަމަ ޔާނާއަކީ ރާހިލްގެ ދަރިއެއްކަން ނޭނގޭއިރު އެކުއްޖާގެ މަންމަ ހާސިލްކުރަން މަސައްކަތެއް ނުކުރީހެއްނު." ޝައިނާ މަސައްކަތްކުރީ ރާހިލްއަށް އެދެމެދުގައި ލޯތްބެއް ނުވާކަން ވިސްނައިދޭށެވެ.

"ޝައިނާ.. ތިވަރު ނިންމުމެއް ނިންމާއިރު ވިސްނާލަބަލަ. އަހަރުމެންނަކީ މިހާރު ކުޑަކުދިންނެއް ނޫނޭ. މިއީ މީގެ ފަސް އަހަރު ކުރިއެއްވެސް ނޫނޭ. އަހަރުމެން ރުޅިއައިސްގެން ނިންމާ ކޮންމެ ނިންމުމެއްގެ އަސަރު ކުރާނީ މިހާރު އަހަރުމެންނަށް އެކަންޏެއްނޫން. އެދެކުދިންނަށްވެސް. ޝައިނާ ވިސްނައެއްނުލަންތަ؟" ރާހިލް މަސައްކަތްކުރީ ޝައިނާއަށް ވިސްނައިދޭށެވެ.

"ރާހިލްގެ ތި ހުންނަނީ ކޮންފަދަ ނާތަހުޒީބީ ވިސްނުމެއްތަ؟ ކުދިންނަށްޓަކައޭ ކިޔާފަ ރޫޅިފައި އޮތް ކައިވެންޏެއްގައެއް އަހަރެން ނުހުންނާނަން. މިހާރު މިދެމެދަކު ލޯތްބެއްނެތޭ. ކުރިން ރާހިލްއަށް އަހަރެން ހުންނަތާކު އަދި ނެތްތާކުވެސް އަހަރެން ނޫން މީހެއް ނުފެންނާނެ. އެކަމަކު އިއްޔެ ޒީމެންގޭގަ އެ ހޭދަވި ހުރިހާ އިރަކު އެންމެ ފަހަރަކުވެސް އަހަރެންނަށް ބަލާނުލިތާ އަހަރެންމީ ހުރި މީހެއްތޯވެސް ހަދާނުލީ އަހަރެންދެކެ ލޯބިވާތީތަ؟"

"ބިކޯޒް އައި ވޯޒް ބެއަރލީ ހޯލްޑިންގް މައިސެލްފް ބެކް" ރާހިލްގެ އަޑު ބާރުވިއެވެ. "އާނ.. އިއްޔެ ޒީވާމެންގެ ގޭގަ އަހަރެން ޝައިނާއާ ދިމާލަށް އެހާވަރަކުން ނުބެލީ.. އަހަރެންނަށް ޝައިނާއާ ދުރުގަ ނުހުރެވިދާނެތީ. އެ އެންމެންގެ ލޯ ކުރިމަތީގަ އަހަރެން ބޭނުންވާގޮތަށް ޝައިނާއަށް ބަލާނީ ކިހިނެތް؟" ރާހިލް ޖީންސުގެ ދެޖީބަށް އަތްޖަހައިލުމަށްފަހު ޝައިނާއާ ދުރަށް ފިޔަވަޅެއް އަޅައިލިއެވެ. ޝައިނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ލަސް ނަޒަރެއް ހިންގައިލިއެވެ. އަހަރުތަކަކަށް ފަހު ބައްދަލުވި އިރުގައިވެސް ޝައިނާގެ ރީތިކަމަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ޝައިނާ ފެންނަހިނދު އޭނާގެ ހިތުވިންދާއި ލެޔާ އަވަސްވަމުންދަނީ އެމީހުންގެ ލޯބީގެ އަލަތު ދުވަސްވަރެކޭ އެއްފަދައިންނެވެ. އެކަން ޝައިނާއަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟

"އެކަމަކުވެސް ހެޔޮ ރާހިލް. އަހަރެންނަށް ރާހިލްއާ މިހާ ދުރަށް އާދެވިފަ ހުއްޓާ ކުރިން ފުންމާލި ވަޅުގަނޑަށް ދެވަނަ ފަހަރު ފުންމާލާކަށް ބޭނުމެއްނޫން" ޝައިނާ ބުންޏެވެ.

"ކުރިޔާ މިހާރާ އެއްގޮތެއްނޫނޭ ޝައިނާ. ޕްލީޒް ލަވް.. އަހަރެންނަށް އިތުބާރުކޮށްބަލަ" ރާހިލް ކުރިއަށް ޖެހިލައި ޝައިނާގެ ދެއަތުގައި ހިފައިލަމުން ބުންޏެވެ.

"އިތުބާރޭ ބުނެލަން ރާހިލްއަށް ވަރަށް ފަސޭހަދޯ؟ އަހަރެން ރާހިލްދެކެ ވި ލޯބީގެ ފައިދާ ނަގައިގެން ރާހިލްއަށް ކޮންވީނިއަންޓްހާ ގޮތަކަށް އުޅުނީ ހަމަ ތި އިތުބާރުގެ ބަހަނާގައޭ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކޮށްފަވެސް ބުނަމުންދިޔައީ އިތުބާރު ކުރާށޭ. އެހެން ކައިވެންޏެއް ކޮށްފަ. އެމީހާއާ އެއްކޮށް ބޭރަށް ގޮސްފަ. އައިސްފަ. އަނެއްކާ ގޮސްފަ އައިމަވެސް އަހަރެން ހުރީ ހަމަ ތިބުނާ އިތުބާރާއި ލޯބީގެ ވާފަށުގަ ހިފަހައްޓައިގެނޭ. އަދި ރާހިލްގެ މަންމަގެ ފަރާތުން އެހާ ނުރުހުމާއި ނަފްރަތު ކުރިމަތިވިއިރުވެސް އަހަރެން ކެތްކުރީމެއްނު. އެކަމަކު އަހަރެންގެ ފިރިމީހާ މަޑުމަޑުން އަހަރެންނަށް ގެއްލެމުންގޮސް އެހެން މީހެއްގެ ފިރިއަކަށް ވާތަން އަދި އެމީހެއްގެ ދަރީގެ ބައްޕައަކަށް ވާތަން ބަލަން އަހަރެންނަށް ނުހުރެވުނީ. ބުނެބަލަ. އަހަރެންގާތު ދަރިފުޅު ވައްޓާލަން ބުނި އިރު އެ އިތުބާރާއި ލޯބި ކޮބާތަ؟ އަހަރެން ކިހިނެއް ދެވަނަ ފަހަރު އެ އިތުބާރު ކުރާނީ" އެހާ ހިސާބަށް ޝަކުވާތައް ކުރިއަށް ގެންދެވުނުއިރު ޝައިނާގެ ދެލޮލުގައިވެސް ކަރުނައިގެ މުތީތައް ބަބުޅަން ފަށައިފިއެވެ.

"ބުނެބަލަ. ޔާނާއާއި ރާއީ ފެނުނީމަ ރާހިލްއަށް އެހެން ބުނެވުނު ދުވަސް ހަނދާނެއް ނުވޭތަ؟ ކުށްވެރިކަމުގެ އިހުސާސެއް ނުކުރެވޭތަ؟"

"ކުރެވެޔޭ ކުރެވެޔޭ. އެކަމަކު އެދުވަހު ޝައިނާ ނަމަނަމަ އޭ ކިޔައިގެން އަހަރެންނާ ކުރީ ހައިޕޮތެޓިކަލް ސުވާލެކޭ. އެދުވަހު އަހަރެން އެހެން ބުނީ އެލީޝާގެ ދަރިފުޅަށް ވިސްނާފައެއްނޫން. ހަމައެކަނި ޝައިނާއަށް ވިސްނާފަ. ޝައިނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަކަށްވީމަ އަހަރެންނަށް ޝައިނާ ގެއްލިދާނެތީ. ދެވަނަ ފަހަރަށްވެސް އެދުވަސް އައިސްފިނަމަ އަހަރެން ދެންވެސް ޗޫޒްކުރާނީ ޝައިނާ. ބަޓް ބިލީވް މީ. އަހަރެންގެ ޗޮއިސަސްއާހުރެ އަހަރެންނަށް ޝައިނާ ގެއްލިދާނެކަން އެނގުނުނަމަ އައި ވިލް ގިވް އެނީތިންގް ޓު ގޯ ބެކް ޓު ދޯސް ޑޭޒް އެންޑް ޗޭންޖް އިޓް. އެދުވަހު ޝައިނާއާ ދިމާލަށް ބުނެވުނު އެ ޖުމްލަ. އޭގެ ކުރިއާއި ފަހުން ހިނގައިދިޔަ ހުރިހާ ކަމެއް. އެލީޝާއާ ކުރި ކައިވެނި. އެހުރިހާ ކަމެއް ބަދަލު ކުރުމުގެ ކުޑަވެސް ފުރުސަތެއް އޮތްނަމަ އަހަރެން ދުނިޔޭގައިވާހާ މައުދަނަކުން އަގު ދައްކައިގެންވިޔަސް އެކަން ކުރީސް. އެއީ އަހަރެންގެ މާޒީ. އަހަރެން ކީއްކުރާނީ" ރާހިލް ގޮތްހުސްވެފައި ބުންޏެވެ.

"އެއީ އަހަރެންގެވެސް މާޒީ. އަހަރެންގެ ހިތް ކުދިކުދިވެ، ދުނިޔެއަށްޓަކައި އުފެދުނު ހަމައެކަނި އުއްމީދުގެ ހުޅުކޮޅުވެސް ނިއްވައިލެވުނު މާޒީ. އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭ ރާހިލް. ރާހިލްއާއެކު އުޅެން ނިންމައިފިނަމަ އޭގެ މާނައަކީ ކޮންމެ ދުވަހަކު އެތަށް ފަހަރަކު އަހަރެން އެ ދުވަސްތައް ހަނދާންކުރަން ޖެހުން" ޝައިނާ ހުރީ ހަމަހިލާ ފަހަތައް ޖެހޭ ގޮތަކަށް ނޫނެވެ.

"ޝައިނާ ހެޔޮނުވާނެ. އަހަރެން މަޢާފަށް މި އެދެނީ. އަހަރެންނަށް މަޢާފު ހައްގެއްނޫންތަ؟ ޝައިނާ ހިތްފުރޭވަރަށް އަދިވެސް އަހަރެންނަށް އަދަބު ނުދެވެނީތަ؟ އަހަރެން ޝައިނާދެކެ ވަރަށް ވަރަށް ލޯބިވޭ. އަހަރެންގެ ނޭވާއަކީވެސް ތިއީ. އަހަރެންގެ ނޭވާއާނުލައި މި ހުރިހާ ދުވަހު ދިރިއުޅުނުގޮތް ޝައިނާއަށް އިހުސާސްކުރެވޭތަ؟ ޝައިނާ އެކަންޏެއްނޫން. އެ ދެ ކުދިން. އެކުދިންގެ ފުރަތަމަ ތޮޅިލުން.. އެކުދިން މި ދުނިޔެއަށް ނޭވާލި ފުރަތަމަ ދުވަސް.. ފުރަތަމަ ރޮއެލުމާއި ހީނލުން… ފުރަތަމަ ލަފްޒު.. ފުރަތަމަ ފިޔަވަޅު.. އައި މިސްޑް އިޓް އޯލް! ޔޯރ ޕްރެގްނެންސީ.. ޗައިލްޑް ބަރތް.. އަލަށް މަންމައެއްގެ ގޮތުގަ ހޭދަކުރި ފުރަތަމަ ދުވަސްތައް.. އެއިން އެއްވެސް ވަގުތަކު އަހަރެންނަށް ޝައިނާގާތު ނުހުރެވުނު. އެނގޭތަ އަހަރެންގެ ހިތުގަ އަޅާވޭން. މިވަރުން ދެން އަހަރެންނަށް ފުދިއްޖެ ނޫންތަ؟ ނުވިތާކަށް އަހަރެންގެ ފުރާނަފަދައިން ލޯބިވާ ކޮއްކޮމެން މެނިޕިއުލޭޓްކޮށްގެން އެމީހުން ލައްވާ އަހަރެންނަށް އެތައް ކަމެއް އޮޅުވާލިއިރު އެވަރުންވެސް ނުފުދެނީތަ؟" ރާހިލްގެ އަޑަށް ވެރިވެފައިވަނީ ހިމޭންކަމެވެ.

"އައިމް ސޮރީ ރާހިލް. އަހަރެންގެ ނިންމުން ދެން ބަދަލެއްނުވާނެ" ޝައިނާ ފަހަތައް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ. އެއާއެކު ރާހިލް އޭނާގެ ދެއަތް އިސްތަށިގަނޑުގެ ތެރެއަށް މަހައިލަމުން ދެތިން ފިޔަވަޅު ފަހަތައް ޖެހިލިއެވެ. އަދި ޝައިނާއަށް ފަސްއެނބުރުމަށްފަހު ދުރުދުރަށް ދާންދެން ފެތުރިފައި އޮތް މާކަނޑަށް ބަލަންހުރެ ފުންނޭވާތަކެއް ލާންފެށިއެވެ. އެގޮތުގައިހުރެ މީހާ ހަމައަކަށް އެޅިލުމާއެކު ދެލޯ މަރައިލުމަށްފަހު ބޯ ޖަހައިލީ ޝައިނާގެ ނިންމުމާމެދު އެއްބަސްވަމޭ ބުނާ ފަދައަކުންނެވެ.

"މައްސަލައެއްނެތް. ތިއީ ޝައިނާގެ ފަހުގެ ނިންމުން ކަމުގައިވާނަމަ އަހަރެންނަކަަށް ތިކަމާމެދު ބުނެވޭނެ އެއްޗެއް ނެތް. ޝައިނާ ދިން ހުރިހާ އަދަބަކަށް ކެތްކުރިއިރު ތި އަދަބަށް ކެތް ނުކުރެވެންވީ ސަބަބެއް ނެތެއްނު. އެކަމަކު ހަނދާންކުރާތި! ޝައިނާ އަހަރެންނާ ވަކިވިޔަސް.. ޔާނާއާއި ރާއީ ދެން އިތުރަށް އަހަރެންނާ ވަކިކޮށްގެން އުޅުމުގެ ފުރުސަތެއް އަހަރެން ޝައިނާއަކަށް ނުދޭނަން! އެހެން ހިތުލުމަކީވެސް ޝައިނާއަށް ކުރެވޭނެ ވަރަށްބޮޑު ކުށްހީއެއް. މިބުނިގޮތާ ހިލާފުވެގެން ޝައިނާއަށް ލިބޭނެ ދެރައަކަށް އަހަރެން ނުބަލާނަން. މިއީ އަހަރެން ޝައިނާއަށް މުޅި އުމުރުގަވެސް ދޭ ފުރަތަމަ އިންޒާރު" ރާހިލް ހަރުކަށިކަމާއެކު ބުންޏެވެ. އަދި އެވާހަކަތަކަށް ރައްދުދޭނެ ފުރުސަތެއް ޝައިނާއަށް ދިނުމެއްނެތި އެތަނުން ހިނގައިގަތީ ދެން އިތުރަށް އޭނާ ޝައިނާގެ ކުރިމަތީގައި އާދޭސްކުރަން ބޭނުން ނުވާތީއެވެ.

***************

ޝައިނާއާ ދެކެވުނު ވާހަކައަށްފަހު ރާހިލް ކިތަންމެ މާޔޫސްވެފައިހުރި ކަމުގައިވިޔަސް ހިތުގެ ކަނަކުން ޝައިނާގެ އެ ނިންމުން ބަދަލުކުރާނެ ކަމުގައި އޭނާއަށް އުއްމީދު ކުރެވެމުންދިޔައެވެ. ޖެހިގެންއައި ދުވަހުގެ ވަގުތުތައް އޭނާއަށް ގުނެމުންދިޔައީ ހަމަ އެ ނިންމުން ބަދަލުވެދާނެކަމުގެ އިންތިޒާރުގައެވެ. އެހެންނަމަވެސް ހުރިހާ ކަމެއް ބަދަލުވީ އެދުވަހުގެ މެންދުރުވަގުތު ރާހިލްއަށް އައި ފޯނުކޯލަށް ފަހުގައެވެ. ކޯޓުން އޭނާއަށް އައި ފޯނުކޯލަށްފަހު ރާހިލްއަށް އެދުވަހުގެ އެއްކަމެއްވެސް ރަނގަޅަށް ކުރެވޭގޮތެއް ނުވިއެވެ. މަސައްކަތަށް ސަމާލުކަމެއް ނުދެވުނެވެ. އެންމެފަހުން ރިއާންއަށް ގުޅައިލައި ކޮފީއަކަށްދާން އެދެމުން އޭނާ އޮފީހުން ނުކުތެވެ.

*****************

"ޑިވޯރސް؟" ކޮފީތަށިން ކޯވަރެއް ދަމައިލުމަށްފަހު މޭޒުމަތީގައި ބަހައްޓަމުން ރިއާން އަހައިލިއެވެ. "ރާހިލް އެކަމާ އެއްބަސްވީތަ؟ ދެން ޔާނާއާއި ރާއީއޯ؟"

"ނޭނގެ އަހަރެންނަކަށް. އަހަރެން އެއްބަސްނުވިއްޔާ ވަކި ވާނީ ކީއް؟" ރާހިލް ބުންޏެވެ.

"ތިއީއޭ ރާހިލްގެ މައްސަލައަކީ. އަބަދުވެސް ކަންތައްތައް މާ ފަސޭހައިން ނިމެން ދޫކޮށްލަނީ" ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.

"ނޫނޭ ރިއާން. މިފަހަރު އަހަރެން އެހާ ފަސޭހައިން މި ކަންތައް ދުލެއް ނުކުރާނަން. ޝައިނާއަށް އަބަދުވެސް ފެނިފަ ހުންނާނީ އަހަރެންގެ ރަނގަޅުކަން. މިފަހަރު ތަފާތުވާނެ" ރާހިލް ޔަގީންކަމާއެކު ބުންޏެވެ.

***********

ކޮފީ ނިންމައިލުމަށްފަހު ގެއަށް ދިޔުމާއެކު ރާހިލްގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ކާމޭޒުމަތީގައި ބާއްވައިފައި އޮތް ހުދުކުލައިގެ ސިޓީއުރައެވެ. އެއީ އޭނާއަށް ފޮނުވައިފައިވާ އެއްޗެއްކަން އެނގުމާއެކު ރާހިލް އެ ހުޅުވައިލަން އުޅުނު ވަގުތު ފަހަތުން އިޝްވާގެ އަޑު އިވުނެވެ.

"އޯހް ފެނިއްޖެ ދޯ. ދޮންބެއަށް އައިސްފަ އޮތް އެއްޗެއް ތިއީ.. އިޝީ އައިއިރު ތިރީ ރިސެޕްޝަންގަ އިން ކުއްޖާ ތި ދިނީ. ތި ކޯއްޗެއްތަ؟" އިޝްވާ އެ ސިޓީއުރަ އަތުލަމުން އަހައިލިއެވެ. ރާހިލް ތެޅިގެންފައި އަވަސްއަވަހަށް އެ ސިޓީއުރަ ޖަހައިގަތެވެ.

"އަހަރެންނަށް އެނގެޔޭ މިއީ ކޯއްޗެއްކަން" ރާހިލް ސިޓީއުރަ ހިފައިގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭނާ އެ ސިޓީއުރަ ހުޅުވައިލީ މަތީ ފަންގިފިލާގައިހުރި ސްޓަޑީއަށް ވަނުމަށްފަހުގައެވެ.

ސްޓަޑީގެ ގޮނޑީގައި ހަމަޖެހިލުމަށްފަހު އޭނާ އޭގައި އޮތް އެއްޗަކަށް ރަނގަަޅަށް ބަލައިލިއިރު އެއީ ކޯޓަށް ހާޒިރުވާން އަންގައިފައިވާ އަމުރެކެވެ. އޭނާގެ ފޯނަށް އެކަމާ ގުޅިގެން އައިސްފައިވި މެސެޖާއި ކޯލަށް ފަހުގައިވެސް އެ ލިޔުން ފެނުމާއެކު ރާހިލްގެ ދެއަތް ތުރުތުރުލާންފެށިއެވެ. އަވަސް އަވަހަށް އެ ލިޔުން މޭޒުމައްޗަށް ދޫކޮށްލުމަށްފަހު ގޮނޑިއާއެކު ފަހަތަށް ޖެހިލިއެވެ. އަދި ހަމައަކަށް އެޅިލުމަށްޓަކައި ދެތިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަލުން އެ ލިޔުން ކިޔައިލުމަށްޓަކައި މޭޒާ ކައިރިވި ވަގުތު މިފަހަރު އޭނާގެ ލޮލުގައި އަޅައިގަތީ އެ މޭޒުމަތީގައި ބަހައްޓައިފައި އިން ރީނދޫކުލައިގެ ކުޑަކުޑަ ރަބަރު އަސްދޫންޏެކެވެ.
އެއީ ޔާނާ އޭނާއަށް ދިން އަސްދޫންޏެވެ. ޔާނާ އޭނާއަށް ހަދިޔާކުރި ނޫކޮކާލުގެ ކުރެހުން އެ އަސްދޫނީގެ ދަށުގައި ބާއްވައިލެވިފައި އޮތެވެ. ރާހިލް އެ ކުރެހުން ނަގައި އެއަށް ނަޒަރު ހުއްޓައިލިއިރު ޔާނާއާ ދިމާވި ފުރަތަމަ ދުވަސް އޭނާގެ ހަނދާނުގައި ކުޅެވެމުންދިޔައެވެ.

ރާހިލް އެއަށް ބަލަން އިނދެފައި ދެން މޭޒުގެ އަރިމަތިން ހުޅުވައިލި ވަތްގަނޑަކުން ކުޑަކުޑަ ފޮށްޓެއް ނެގިއެވެ. އެ ފޮށި ހުޅުވައިލިއިރު އޭގައިވަނީ ތުއްތު ކުއްޖެއްގެ ބޫޓު ކޮޅަކާއި ޝައިނާގެ މާބަނޑުގެ ސްކޭން ފޮޓޮއެކެވެ. އެއީ ޝައިނާ މީގެ ހައަހަރު ކުރިން އޭނާއާ ވަކިވެ ދިޔައިރު ދީފައިދިޔަ ހަދިޔާއެވެ. ރާހިލް އެ ފޮށީގައިހުރި އެއްޗެހި ނެގުމަށްފަހު އެއްފަރާތުގައި ބަހައްޓައިލަމުން ޔާނާ ދިން ކުރެހުމާއި އަސްދޫނިވެސް އޭގެ ކައިރީގައި ބަހައްޓައިލިއެވެ. އެއަށްފަހު އަނެއްފަރާތުގައި ކޯޓުން ދިން ލިޔުން ބޭއްވުމަށްފަހު އެ ހުރިހައި އެއްޗަކަށް ވަކިވަކިން ބަލައިލިއެވެ. އެއަށްފަހު އޭނާ ބޭނުންވާގޮތް އޭނާގެ ސިކުނޑިއަށް ވިސްނައިދޭކަށް އިތުރު މީހަކު ބޭނުމެއްނުވިއެވެ. ފޯނު ނަގައި ނަންބަރަކަށް ގުޅައިލުމަށްފަހު އޭނާ އިށީނދެ އިން ގޮނޑިން ތެދުވިއެވެ.

"ހަލޯ ލައި؟ އޮފީހުގަތަ؟" ލައިޝާ ފޯނު ނެގުމާއެކު ރާހިލް ސުކުންތެއްވެސް ލަސްނުކޮށް އެއްސެވެ.

"އަށެއް ޖަހަނީނު. އިރުކޮޅަކުން ނުކުންނަން އުޅުނީ އެކަމަކު ރާހިލް އަންނަންޏާ މަޑުކޮށްލެވިދާނެ" ލައިޝާ ޖަވާބުދިނެވެ.

"އޯކޭ. އަހަރެން އެބަ ދަން. ލަހެއްނުވާނެ" ރާހިލް ފޯނު ކަނޑައިލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުތުމަށް ހިނގައިގަތެވެ. ހައެއްކަ މިނަޓުތެރޭ އޭނާއަށް އޮފީހާ ހަމައަށް އާދެވުނުއިރު އޭރު މުޅި އޮފީހުގައިވެސް ތިބީ ލީވާންއާއި ލައިޝާ އެކަންޏެވެ. ރާހިލް އައި އިރު ލީވާންވެސް އޮފީހުން ނުކުންނަނީއެވެ. ވުމާއެކު އޭނާގޮސް ލައިޝާ އިށީނދެ އިން މޭޒުގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑިއެއް ދަމައިލަމުން އިށީނެވެ.

"މިހާ ލަސްކޮށް އަހަރެން ހޯދަން އައިމަ ދެން މިރޭ އަހަރެންނާއެކު ޑިނަރއަށް ގޮސްފަ އެނގޭ ދެވޭނީ. ބުނެބަލަ. ކޮންކަމަކުތަ ތި އައީ؟" ލައިޝާގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ.

"ލައި.. އައި ނީޑް އަ ގުޑް ލޯޔަރ"

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!