Episode 73
ހިތް އެދޭހާ ކަމެއް.. (73 ވަނަބައި)
ރާހިލްއަށް ހީވީ މީހަކު އޭނާގެ ހިތުގައި ވަރުގަދަ އެތިފަހަރަކުން ވީއްލައިލިހެނެވެ. ކުރަމުންދިޔަ ހުރިހާ ހިތްވަރެއް ދެލޮލުން އޮހެންފެށި ކަރުނައިގެ ސިފައިގައި ބޭރުވިއިރު އެދެތުންފަތް ފޫ އަޅުވައިލައި ނުކުތް ވޭނީ އާހުގެ އަޑު ހޯލްވޭގެ ފާރުތަކުގެ ތެރެއަށް "އެކޯ" ވެގެން ދިޔަ ދިޔައިނުން އެއަޑު އިވުނު އެންމެންގެ ގައިން ހީބިހި ނަގައިގެން ދާނެކަން ޔަގީނެވެ. ކަކުލުހުޅުން ވާގި ދޫވާން ފެށުމާއެކު ރާހިލްގެ ހަށިގަނޑު އަރިއަޅައިލިނަމަވެސް ރިއާން ރާހިލްގެ ގައިގައި ހިފެހެއްޓިއެވެ. އޭރު ރާހިލް ދިޔައީ ހަމަ ރަނގަޅަށްވެސް ގިސްލަގިސްލާފައި ރޮމުންނެވެ. އޭނާއަށް އެވަގުތު ކޮޅަށް ހުރެވުނީވެސް ރިއާންގެ ހަށިގަނޑުން ލިބުނު ބާރެއްގެ އެހީގައެވެ.
ރާހިލްގެ ރުއިމާއި ގިސްލުމުގެ އަޑު ޝައިނާގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ރާހިލްއާއެކު އޭނާއަށް ހޭދަކުރެވުނު އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ފަހަރަކުވެސް ރާހިލް އެފަދަ ހިތްދަތިގޮތަކަށް ރުއި ހަނދާނެއް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ. އޭނާއަށް އަބަދުވެސް ފެނިފައިވަނީ ރާހިލްގެ ހަމަޖެހޭ އުފާވެރި ސަކަ މިޒާޖާއި ލޯބިވެތިކަމެވެ. ވީއިރު އެ އަޑު ވެފައިވަނީ އޭނާއާ މުޅިން ބީރައްޓެހި އަޑަކަށެވެ. އެހެންނަމަވެސް އެ އަޑުގެ ސަބަބުން އޭނާގެ ހިތުގެ ކަނެއްގައި ފޮރުވިފައިވި އިހުސާސްތަކެއް ހޭލައްވައިލައިފިއެވެ. މިދިޔަ ފަސްއަހަރު އޭނާގެ ހުރިހާ ލޯތްބެއް ދެމުންއައި ބަޔަކީ އޭނާގެ ދެކުދިންނެވެ. އިތުރަށް ރާހިލްއަށްޓަކައި ދޭނެ ލޯތްބެއް އެހިތުގައި ނެތްކަމަށް އޭނާ އެ ހިތަށް ވިސްނައިދިން ވިސްނުން ރާހިލް ފެނުނު ހިސާބުންފެށިގެން ބަދަލުވެއްޖެއެވެ. ރާހިލްއަށްޓަކައި އެ ހިތުގައިވި ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަކަން އޭނާއަށް އެނގުނީ އެވަގުތު ރާހިލްގެ ގާތަށް ދިޔުމަށް އޭނާގެ ހިތް އެދެމުން ދިޔައީތީއެވެ. ރާހިލް ގެނެސް އެ މޭގެ ތެރޭގައި ފޮރުވައިލަމުން ރާހިލްގެ ހުރިހާ ހިތާމައަކަށް ނިިމުމެއް ގެނެސްދޭން ބޭނުންވި ކަމުގައިވިޔަސް އޭނާއަކަށް އެ ހިތްވަރެއް ނުލިބުނެވެ.
ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު ޝައިނާގެ ދެލޯ ކަރުނައިން ފުރި ބަންޑުންވަމުންދިޔައެވެ. އޭނާ އިސްއުފުލައިލީ އެވަގުތު ކައިރީގައި އިން ޒީވާ އޭނާގެ އަތުގައި ހިފައިލުމުންނެވެ. އެހެންނަމަވެސް އަނގައިން ބުނެލުން ކީއްތޯއެވެ. ރައްދުގައި ޒީވާއާ ދިމާލަށް އިސްއުފުލައި ބަލައިލުންވެސް އެހާލަތުގައި ޝައިނާއަށްވީ އުނދަގޫ ކަމަކަށެވެ. ވުމާއެކު ޒީވާގެ އަތް ފޮޅުވައިލުމަށްފަހު އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ވަނީ އެތަނުގައިހުރި ޒިވްޔަންގެ ކޮޓަރިއަށެވެ.
"ރާހިލް.. ދެން ހުއްޓާލާ. މިހާރު އެމީހުންނާ ކުރިމަތިލާންވީ ވަގުތު ޖެހިއްޖެ. ޝައިނާ އެކަންޏެއް ނޫނެއްނު އައިސް ހުރީ. މިގޮތަށްތަ އެކުދިންނާވެސް ރާހިލް ކުރިމަތިލާނީ؟" ރާހިލް ކުޑަކޮށް ހަމައަކަށް އެޅެން ފަށައިފިހެން ހީވުމާއެކު ރިއާން ބުންޏެވެ.
"ކުދިން؟" ރާހިލް ސުވާލު އުފެދިފައި އަހައިލިއެވެ.
"ޔޫ ގޮޓް އަ ޓްވިންސް ލަކީ ބަ*ޓަރޑް" ރިއާންގެ އަޑަށް އުފާވެރިކަން ވެރިކުރުވަމުން ބުންޏެވެ. އެއާއެކު ރާހިލްގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވިއެވެ.
"ދޮގު" ރާހިލްއަކަށް ގަބޫލެއް ނުކުރެވުނެވެ.
"ދޮގެއްހެން ހީވަންޏާ އަމިއްލައަށް އެތެރެއަށްވަދެ ބަލާބަލަ" ރިއާން ހެވިފައިހުރެ ބުންޏެވެ. އެވަގުތު އިޝްވާ ލަސްފިޔަވަޅުތަކެއްގައި އައިސް ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
"ދޮންބޭ. އޯކޭތަ؟" އިޝްވާ ކަންބޮޑުވެފައި އަހައިލިއެވެ.
"ހްމްމް" ރާހިލް ނޭފަތް ދަމައިލުމަށްފަހު ދެއަތުން މޫނު ފޮހެލަމުން އެޕަރޓްމެންޓްގެ ތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. އޭރުވެސް ސިޓިންގްރޫމްގޭ ކަނެއްގައި އަޅައިފައިއޮތް މެޓު މަތީގައި ކުޅެންތިބި ތިން ކުދިންގެ ތެރެއިން ދެކުދިންގެ މޫނެއް އޭނާއަކަށް ނުފެނެއެވެ. އޭނާއާ ވީ ފަރާތަށް ކުރިމަތިލައިގެން އިން ހަމައެކަނި ކުއްޖަކީ ޒިވްޔަންއެވެ.
"ރާހިލް އަންކަލް!" ޒިވްޔަންއަށް ރާހިލް ފެނުމާއެކު ރާހިލްއާ ދިމާލަށް ދުއްވައިގަތެވެ. އެވަގުތު އެތަނުގައި ތިބި ދެކުދިންވެސް ފަސްއެނބުރި ޒިވްޔަން ދުއްވައިގަތް ދިމާލަށް ބަލައިލިއެވެ. ރާހިލްއަށް ދެން ލިބުނީ މީގެ ފަސްމިނެޓެއްހާއިރު ކުރިން އޭނާއަށްލިބުނު ޝޮކަށްވުރެވެސް މާބޮޑު ޝޮކެކެވެ. އެއީ އެތަނުގައި އިން ޔާނާ ފެނިފައި ލިބުނު ޝޮކެއްކަމެއް ނުވަތަ އޭނާގެ ތުއްތުއިރުގެ ކޮޕީ ތައްގަނޑެއްފަދަ ފިރިހެންކުއްޖާ ފެނިފައި ލިބުނު ޝޮކެެއްކަމެއް ވަކި ކުރާކަށް ހުދު ރާހިލްއަކަށްވެސް ނޭނގުނެވެ. އޭނާގެ އަތުގައި ހިފައި އޮޅުލައިގެން އުޅުނު ޒިވްޔަންއަށްވެސް ރާހިލްގެ ސަމާލުކަމެއް ނުދެވުނެވެ. އެސްފިޔަ ޖަހައިލަން އޭނާއަށް އެނގުނީ އެތަނުގައި އިން ޔާނާ ބުމަ ގޮށްޖަހައިލުމަށްފަހު ދުވެފައި އައިސް އޭނާގެ އަނެއް އަތުގައި ހިފުމަށްފަހު ޒިވްޔަން ދުރަށް ކޮށްޕައިލުމުންނެވެ.
"ޒިވްޔަންއަކަށް ނުލިބޭނެ. މިއީ ޔާނާގެ ބޭބެއެއް" ބިންމަތީގައި ވެއްޓިފައި އޮތް ޒިވްޔަންއަށް ލޯ އަޅައިލަމުން ޔާނާ ބުންޏެވެ.
ޒިވްޔަން ރޯން ފެށުމުން އިޝްވާ އަވަސްއަވަހަށް އައިސް ޒިވްޔަން އުރާލައިގެން ކޮޓަރިއަށް ގެންދިޔައެވެ. ރާހިލްއަށް އަދިވެސް ހުރެވުނީ ހަރަކާތްކުރަން ނޭނގިފައެވެ. އޭނާއަށް ފެންނަމުންދިޔައީ ހުވަފެނެއްނޫންކަން ޔަގީންވީ އެވަގުތު އިވުނު ޝައިނާގެ އަޑުންނެވެ.
"ޔާނާ!" ޒިވްޔަން ރޯންފެށި އަޑަށް ކޮޓަރިން ނުކުތް ޝައިނާއަށް އެއީ ޔާނާގެ ކަމެއްކަން އެނގުމާއެކު ހިތްހަމަނުޖެހިފައި ގޮވައިލިއެވެ.
"ކީއްވެ ކޮއްކޮ ކޮށްޕާލީ؟ ދަރިފުޅު ކޮއްކޮއާ ތޮޅެންޏާ ދެން މިގެއަކަށް ނުގެންނާނަން އެނގޭ" ރާހިލްއަކީ އެތަނުގައި ހުރިމީހެއްތޯވެސް ބަލައިލުމެއްނެތި ޝައިނާގޮސް ހިފީ ޔާނާގެ އަތުގައެވެ. އޭނާގެ އަޑުން ފާޅުވާން ހުރި ހަރުކަށިކަމުގެ ސަބަބުން ޔާނާ ވަގުތުން ފެންކަޅިވިއެވެ.
"ޒިވްޔަން އުޅުނީ ޔާނާގެ ބޭބެ ސްޓީލް ކުރަން މަންމީ" ޔާނާ އެހެން ބުނިއިރު އެކުއްޖާއަށް ހަމަ ރަނގަޅަށްވެސް ރޮވެން ފަށައިފިއެވެ. އެއާއެކު ޝައިނާގެ ހިތް މަޑު ފުށްކޮޅަކަށް ބަދަލުވެގެންދިޔައެވެ. އޭނާ ވަގުތުން ޔާނާއާ އެއްވަރަށް ތިރިވެލުމަށްފަހު މަޑުމައިތިރިކަމާއެކު ޔާނާގެ އަތުގައި ހިފަހައްޓައިލަން އުޅުނެވެ. އެހެނަސް ޔާނާ މޫނު އަނބުރައިލުމަށްފަހު ޝައިނާއަށް ފުރަގަސްދެމުން ރާހިލްގެ ގައިގައި ބައްދައިލިއެވެ. ޔާނާ އުރައިލުމަށްޓަކައި ރާހިލް ކުޑަކޮށް ގުދުވެލިވަގުތު ހިނދުކޮޅަކަށް ރާހިލްއާއި ޝައިނާގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ދެމީހުންކުރެ އެކަކަށްވެސް އެކަކު އަނެކަކާ މުހާތަބުކުރާކަށް ނުކެރުނެވެ. ރާހިލް ޔާނާ އުރައިލުމާއެކު ޔާނާ ރާހިލްގެ ކޮނޑުގައި ބޯ އަޅައިލިއެވެ.
"މައި ޕްރިންސެސް.. ޔޫ ރިއަލީ އަރ މައިން" ލޯތްބާއެކު ރާހިލް ޔާނާގެ މަޑުމަޑު ކޯތާފަތުގައި ބޮސްދިން އިރު އޭނާގެ އަޑު ނުކުތީ ކުރެހިގެންނެވެ. އޭނާ މީގެ ކުރިން ދުވަހަކުވެސް ޔާނާއަށް ބޮސްދީފައެއް ނުވެއެވެ. އެކުއްޖާއާ ކިތަންމެ ގާތް ގުޅުމެއް އޮތްނަމަވެސް އެދެމެދުގައި ބީރައްޓެހިކަމެއްވާކަން އޭނާ އަބަދުވެސް ގަބޫލުކުރިއެވެ. އެހެންކަމުން އެ ހިނދުކޮޅުގައި ރާހިލްއަށް ކުރެވުނު ފުން ފޮނި އިހުސާސް ދުލާއި ގަލަމުން ބަޔާންކޮށްދޭކަށް ނޭނގޭނެއެވެ. ޖަޒުބާތުން ދެލޯ ފޯވާން ފެށި ނަމަވެސް ހިންދިރުވައިލަމުން އޭނާ އެ ކަރުނަތައް ހިންދައިލިއެވެ.
"މަންމި ގޯސް ބޭބޭ" ޔާނާ ނޭފަތް ދަމައިލަމުން ބުންޏެވެ.
"ދަރިފުޅޫ. އަޅެ. މަންމި ސޮރީއޭ" ޝައިނާ ހުރީ ހަގީގަތުގައިވެސް ޔާނާއާ ދޭތެރޭ ހަރުކަށި ވެވުނީތީ ދެރަވެފައެވެ. ވަކިން ހާއްސަކޮށް ރާހިލްގެ ކުރިމަތީގައި ޔާނާ އެފަދަ ގޮތަކަށް އޭނާއާ ގުޅުވައި ވާހަކަދެއްކީތީ ޝައިނާ ކަންބޮޑުވިއެވެ. އެހެނަސް ހިނގައިދިޔަ ކަންތަކަށްފަހު ހިތާއި ސިކުނޑީގައި ގިނަވެފައިވި އަޑުތަކުގެ ސަބަބުން އޭނާގެ އަމިއްލަ އަޑު ކޮންޓްރޯލް ކުރުމަށް އެވަގުތު ނުކުޅެދުނީއެވެ.
"މަންމި ސޮރީ އެބުނީނު. ދެން އަވަހަށް ހުއްޓާލާ" ރާހިލް ލޯތްބާއެކު ޔާނާގާތުން އެދުނެވެ. އެއާއެކު ޔާނާ އަވަސްއަވަހަށް ބޯ ޖަހައިލަމުން އެކުއްޖާގެ ތުއްތު ދެއަތުން ކޯތާފަތް ފޮހެލިއެވެ.
"ބޭބެ ކީއްވެ ދެރަވެފަ؟" ރާހިލްގެ ދެލޮލުގައިވި ކަރުނައިގެ އަސަރު ދެނެގަންނާކަށް ޔާނާއަކަށް އުނދަގުލެއްނުވިއެވެ.
"ދެރަވެފައެއް ނޫނޭ މިއީ. ޕްރިންސަސް ފެނުނީމަ މާބޮޑަށް އުފާވީ" ރާހިލް ޔާނާގެ އަތްތިލަ ގެނެސް އޭނާގެ ދެލޮލުގައި ޖައްސައިލަމުން ބުންޏެވެ.
"ދޮންބޭ.. އާދެ އިށީންނަން" އެންމެފަހުން ޒީވާއަށް މަޑުން ނުހުރެވިގެން ބުންޏެވެ. އެއާއެކު ރާހިލް ކައިރީގައިހުރި ޝައިނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޔާނާ ގޮވައިގެންގޮސް ސޯފާގައި އިށީނެވެ. ހަމަ އެވަގުތު ދުރުގައި އިން ރާއީ ދުވެފައިގޮސް ޝައިނާގެ އަތުގައި ހިފިއެވެ.
"މަންމީ.. ގެއަށް ދާން.." ރާއީ ބުންޏެވެ. އޭރު ރާހިލްގެ ނަޒަދުވެސް ހުއްޓިފައިވަނީ އެ ދެމީހުންނާ ދިމާލަށެވެ.
"ދަރިފުޅޫ. ކިހިނެއްވީ އެހާ އަވަހަށް ގެއަށްދާން ބޭނުންވީ" ޝައިނާ އަހައިލިއެވެ.
"ޒިވްޔަން ދިޔައީ.. މިހާރު ފޫހި" ރާއީ ބުންޏެވެ. ޔާނާއާ ދެކުދިންގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ޒިވްޔަން ކޮޓަރިއަށް ގެންދިޔައީތީ ރާއީ ހުރީ ފޫހިވެފައެވެ.
"ޒިވްޔަން ދިޔައީ ކޮޓަރިއަށް. އިރުކޮޅަކުން އަންނާނޭ ޒިވްޔަން. އާދެބަލަ މަންމިއާއެކު" އިތުރަށް ދެން ފިލައިގެން އުޅެވެން ނެތްކަން އެނގުމާއެކު ރާއީގެ އަތުގައި ހިފައިގެން ޝައިނާ ދިޔައީ ރާހިލްގެ ގާތަށެވެ. ރާހިލްއާ ޖެހިގެން ފޫޓެއްހާތަން ދޫކޮށް އިށީނުމަށްފަހު އަތުގެ އިޝާރާތުން ރާއީއަށް ރާހިލް ދައްކައިލިއެވެ. ރާހިލްއާ ދިމާލަށް ރާއީ ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ.
"މިއީ.. މިހިރީ ޒިވްޔަންގެ އަންކަލް.. ހައި ބުނެލަބަ" ޝައިނާއަކަށް ރާހިލް ތައާރަފުކޮށްދޭނެގޮތެއް ނޭނގުނެވެ. ރާހިލް އެކަމާމެދު ޖަދަލުކުރާކަށް ނޫޅުނެވެ. ނަމަވެސް އޭނާ މާޔޫސްވީ ރާއީ އަމިއްލައަށް އޭނާއާ ވާހަކަ ދެއްކުމުގެ ހިޔާލެއް ނުގެންގުޅުނީތީއެވެ. ބަދަލުގައި ވާހަކަދައްކަން ޖެހުނީ ޝައިނާއަށެވެ.
"މިއީ..މިއީ ރާއީ.." ޝައިނާގެ ނަޒަރު ރާހިލް ފިޔަވައި އެތަނުގެ އެހެން ހުރިހާ ދިމާލަކަށް ހުއްޓެމުންދިޔައެވެ.
"ރާއީ" ރާހިލް ގާތަށް އައުމަށް ބުނާ ފަދައަކުން ރާއީއާ ދިމާލަށް އަތް ދަމައިލިއެވެ.
ރާއީ ހަދާނެ ގޮތެއް ނޭނގިފައިހުރެ އެ މައުސޫމު ދެލޮލުން ޝައިނާއަށް ބަލައިލުމާއެކު ޝައިނާ މަޑުމަޑުން ރާއީގެ ކޮނޑުގައި ހިފައި ރާހިލްއާ ގާތްކޮށްލިއެވެ. ރާއީ އެ އިޝާރާތް ނަގައިގަތް ކަހަލައެވެ. އެކުއްޖާ ޖެހިލުންވެފައިހުރެ ގޮސް ރާހިލްގެ އުނގަށްވަނުމުން ރާހިލް ނިކަން ލޯތްބާއެކު ރާއީގެ ކޮލުގައި ބޮސްދިނުމަށްފަހު ރާއީގެ ގައިގައި ބައްދައިލިއެވެ. އޭރުވެސް ޔާނާ އޭނާގެ އެއްފައިމަތީގައި އިށީނދެ އިނެވެ. ޔާނާއަށް އެދެބަފައިން ބައްދައިލި މަންޒަރު ފެނުމާއެކު ޒިވްޔަންއާ ދޭތެރޭ ކަންތައްކުރި ހެން ރާއީގެ ކޮނޑުގައިވެސް އަތްއަޅައި ދުރަށް ކޮށްޕައިލިއެވެ. ރާއީ ފަހަތައް ވެއްޓުމުގެ ކުރިން މިފަހަރު ޝައިނާ ރާއީގެ ގައިގައި ހިފެހެއްޓިއެވެ.
"އަހަހަހަ. ޔާނާ ބޭނުމެއްނުވޭ ދޯ އެއްގޮތަކަށްވެސް ދޮންބެ ޝެއަރ ކުރާކަށް" ޒީވާ މަޖާވެލައިފައި ބުންޏެވެ. ރިއާންގެ މޫނުމަތިންވެސް ޝައުގުވެރިކަން ފާޅުވާން ހުއްޓެވެ.
"ބޭބޭ.. ޒިވްޔަންއާ ޔާނާއާ ދެކުދިން ކަޒިންސް ވީމަ ޒިވްޔަންގެ އަންކަލް ބޭބެ ތިއީ ޔާނާގެވެސް އަންކަލް ބޭބެއެއްތަ؟" ޔާނާގެ ސުވާލާއެކު އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ހިނިތުންވުން ފިލައިދިޔައިރު ރާހިލްއާއި ޝައިނާއަށް ބަލައިލެވުނީ އެކެއް އަނެކެއްގެ މޫނަށެވެ. އެދެކުދިންނަށް ދޭނެ ޖަވާބަކާމެދު ދެމީހުންވެސް ދިޔައީ ވިސްނަމުންނެވެ. އެންމެފަހުން އެކަމުގައި އިސްނަގަން ޖެހުނީ ޝައިނާއަށެވެ. ގަރުނެއްހާތަނަށް ދެމިގެންދިޔަހެން ހީވި އެ ސުކުންތުކޮޅަށްފަހު ޝައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ރާއީ އާއި ޔާނާ އޭނާގެ ކައިރިއަށް ގެނެސް އެ ދެކުދިންގެ އަތުގައި ހިފައިލީ ހިތްވަރު ލިބިގަންނަ ފަދައަކުންނެވެ.
"ރާއީ.. ޔާނާ.. މަންމި ކުޑަކޮށް ސަރޕްރައިޒް ވާހަކައެއް ބުނަން މި އުޅެނީ އެނގޭ.. މިއީ.. މިއީ ދަރިފުޅުމެންގެ ބައްޕިއޭ" ޝައިނާ ދެލޯ މަރައި ތަގުޅިކޮށްލަމުން ބުންޏެވެ. އެއީ އޭނާގެ ދުލަށް ކިތަންމެ ބަރުހެން ހީވި ޖުމްލައެއް ކަމުގައިވިޔަސް އެ ޖުމްލަ ދުލުން ބޭރުވުމާއެކު މުޅި ނަފްސަށް އެކަމުން ލިބުނު ހިތްހަމަޖެހުމާ ނުބައްދަލެވެ. ހީވީ އެ ހުރިހާ ދުވަހު އޭނާ ހިފަހައްޓައިލައިގެން ހުރި ނޭވާއެއް ސާފު ވެއްޓެއްގެ ތެރެއަށް ދޫކޮށްލެވުނުހެނެވެ.
"އަހަހަ. އެކަމަކު އެއީ ޔާނާގެ ފްރެންޑް ބޭބެއެއްނު މަންމީ" ޔާނާ ސުވާލު އުފެއްދިއެވެ.
"މަންމި ކީއްވެ ދޮގުހަދަނީ؟" ރާއީ އަދި އަމުދުން އެވާހަކަ ގަބޫލެއްނުކުރިއެވެ.
"މަންމި ދޮގެއް ނަހަދަމޭ ދޫނީ.. ޔާނާ.." ޝައިނާއަށް ހަދާނެގޮތް ހުސްވިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނޭނގިފައި އިންދާ ރާހިލް ޝައިނާގެ ގާތަށް ޖެހިލުމަށްފަހު އެދެކުދިންނަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"އެ ތެދެއް. ބައްޕި ވޮންޑަރލޭންޑުން އައިސްގެން އުޅެނިކޮށް ޔާނާއާ މީޓް ވީމަ މަންމި ސަރޕްރައިޒް ކޮށްލަންވެގެން ޕްލޭންއެއް ހެދީ. މިހާރު ބަލާބަ. މަންމި އެހެރީ ސަރޕްރައިޒްވެފަ އެއްނު." ރާހިލް ބުންޏެވެ.
"ދަރިފުޅު ނުވެސް ބުނަމެއްނު މަންމިކައިރި ފްރެންޑް ބޭބެއަކީ ބައްޕިއޭ. މަންމި އިޒް ސޯ ސަރޕްރައިޒްޑް" ޝައިނާ ހައިރާންވާކަމަށް ހެދިލިއެވެ.
"އަހަހަ. މަންމީ.. ބައްޕި އެކަނި ހެދި ޕްލޭންއެކޭ އެއީ.. ޔާނާއަކަށްވެސް ނޭނގޭ. ބައްޕި ކީއްވެގެން ޔާނާގާތު ޕްލޭން ނުބުނީ؟" ޔާނާ އަހައިލިއެވެ. އެއީ ޔާނާގެ ދުލުން އޭނާއަށް ބައްޕަގެ ނަމުން ގޮވައިލި ފުރަތަމަ ފަހަރަށް ވާތީއާއެކު ރާހިލްއަށް ހީވީ އެވަގުތު އޭނާގެ ހިތް ހަށިގަނޑާއި ވަކިވެދިޔަހެނެވެ. މުޅި އުމުރުގައިވެސް އެވަރު އުފާވެރިކަމެއް އިހުސާސްކުރެވުނުހެނެއް އޭނާއަކަށް ހިއެއްނުވެއެވެ.
"ޕްރިންސަސް ގާތު ކުރިން ބުނިނަމަ މަންމިގާތު ސަރޕްރައިޒް ސްޕޮއިލް ކޮށްލެވިދާނެއެއްނު ދޯ" ރާހިލް ނެތް ހިތްވަރާއެކު ޖަޒްބާތުތައް ކޮންޓްރޯލް ކުރަމުން ބުންޏެވެ. އެއާއެކު ކުއްލިއަކަށް ޔާނާ ކަމެއް ހަނދާންވާ ފަދައިން ރާހިލްއާ ސުވާލެއް ކޮށްލިއެވެ.
"ބައްޕި ދެން ނުދާނަންދޯ.. ދެން ކޮބާ ޔާނާގެ ޔުނިކޯން؟" އެ ސުވާލާއެކު އެތަނުގައިތިބި ރިއާންއާ ޒީވާގެ މޫނުމަތީގައި ސުވާލުމާކު ޖެހިގެންދިޔައިރު ރާހިލްއާއި ޝައިނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
"ހްމްމް. ބައްޕި ދެން ނުދާނަން.. ޔުނިކޯން އޮންނާނެ ފޮރުވާފަ. ޔުނިކޯން ބަލާ ދާންވާނެ ބައްޕިއާ އެއްކޮށް އިނގޭ" ރާހިލް ހިންދިރުވައިލަަމުން ބުންޏެވެ.
"އޯކޭ ބައްޕީ" ޔާނާ އަވަސްއަވަހަށް ބޯ ޖަހައިލިގޮތުން ހީވީ ރާހިލްގެ ވާހަކަ ގަބޫލުކޮށްލިހެނެވެ. ނަމަވެސް ރާއީގެ މޫނުމަތިން އެކަމުގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ.
"ގޮވާލަބަ ބައްޕިއަށް" ޝައިނާ ރާއީގާތު އެދުނެވެ. ނަމަވެސް ރާއީ އިރުކޮޅެއް ވަންދެން ރާހިލްއާ ދިމާލަށް ކަޅި އަޅައިގެން ހުރުމަށްފަހު ދުއްވައިގަތީ ޒިވްޔަންގެ ކޮޓަރިއާ ދިމާލަށެވެ. ރާއީ ދިޔަތަން ފެނުމާއެކު ޔާނާވެސް ހިޔާލެއް ފިކުރެއްނެތި ރާއީގެ ފަހަތުން ދުއްވައިގަތެވެ. ޝައިނާ އެކުދިންގެ ފަހަތުން ވަކިން ދާން ތެދުވި ނަމަވެސް ރާހިލް ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ.
ޝައިނާއަށް ސިހިފައި ރާހިލްއާ ދިމާލަށް ބަލައިލެވުނުއިރު އަތުގެ ކުޑަ ހުޅާހިސާބުން މުޅި ހަށިގަނޑަށް ކަރަންޓުގެ އޮއެވަރެއް ދަތުރުކޮށްލައިފިހެން ހީވިއެވެ. ރާހިލްއަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ދެމީހުން އެކަކުއަނެކެއްގެ ލޮލަށް ގެއްލިފައި ތިއްބައި އެތަނުގައި އިން ރިއާން ޒީވާގެ އަތުގައި ކޮށްޓައިލުމަށްފަހު އެމަންޒަރު ދައްކައިލަމުން ޒީވާގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށް ވަނީ އެދެމީހުންނަށް އެކަނިވެލާނެ ވަގުތުކޮޅެއް ދިނުމަށެވެ.
"އެހެމް. ހިއެއްނުވޭ ރާއީ އަހަރެންނާ އެހާ ގަޔާވާހެނެއް" ރާހިލް ކަރުކެހިލުމަށްފަހު ޝައިނާގެ އަތުން ދޫކޮށްލިއެވެ.
"ރާއީ.. ރާއީ ކުޑަކޮށް ތަފާތުވާނެ.. ވާހަކަދައްކާލީމަ އަދި ފަހުން އޯކޭވާނެ ކަންނޭނގެ" ޝައިނާ އިސްޖަހައިލައިގެން އިނދެ ދެއަތުގެ އިނގިލިތަކާ ކުޅެމުން ބުންޏެވެ. އެވަގުތު އެތަނުގައި ތިބީ އެދެމީހުން އެކަނިކަން އެނގުމާއެކު އޭނާގެ އަތްފައި ފިނިވާންފެށިއެވެ. ރާހިލްވެސް އެއްފައި ތަޅުވަައިލައި ތަޅުވައިލައި އިންގޮތުން އޭނާވެސް އިނީ އެވަގުތު ނުތަނަވަސްވެފައިކަން ޝައިނާއަށް އެނގުނެވެ.
އެދެމެދަށް ވެރިވެފައިވި ހިމޭންކަމުގެ ތެރޭގައި ރާހިލްގެ ނަޒަރު ސީލިންގުގެ ކަނުން ކަނަށް ހުއްޓެމުންދިޔަ ނަމަވެސް ޝައިނާއަށް ލޮލުގެ ހިމަކޮޅުން ރާހިލްއަށް ބެލެމުންދިޔައީ ބޭއިޚްތިޔާރުގައެވެ. އިހަށްވުރެން ކުޑަ ތަންކޮޅެއް އަނަރޫފަވެފައި ހުރި ނަމަވެސް ރާހިލްގެ ހަށިގަނޑަށް މާބޮޑު ބަދަލެއް އައިސްފައިވާކަމަކަށް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ. އެހެނަސް ދޫކޮށް ހުޅި ޖަހައިލެވިފައިވާ އިސްތަށިގަނޑާއި ބޯ ތުނބުޅީގެ ސަބަބުން ރާހިލްގެ ސިފައަށް އައިސްފައިވާ ބަދަލު އޭނާއަށް ކަމުދިޔައެވެ. ލައިގެންހުރި ކަޅުކުލައިގެ ލިނެން ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅައިލެވިފައިވުމުން ހާމަވެފައިވާ ދެއަތުގެ މުލައްދަނޑިއަށް އޭނާގެ ނަޒަރު ހުއްޓުމާއެކު ޝައިނާގެ ހިޔާލުތައް އެނބުރެންފެށީ މުޅިން އެހެން މިސްރާބަކަށެވެ. ރާހިލްގެ ދެއަތް އޭނާގެ ހަށިގަނޑުގައި ލޯބިން ބީއްސާލާ ގޮތުގެ ހަނދާން އާވާންފެށުމާއެކު އޭނާގެ ހަށިގަނޑުގައި ނިދައިފައިވި އިހުސާސްތަކެއް ހޭލަން ފަށައިފިހެން ހީވިއެވެ. މާހައުލަށް އުދާސްކަން ވެރިވާން ފަށައިފިހެން ހީވިއެވެ.
"ސްޓޮޕް އިޓް" ޝައިނާ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ހިތާހިތުން ބުންޏެވެ. އެހެނަސް އޭނާގެ ދުލުން އެ ލަފްޒުތައް ބޭރުވިކަން ރޭކައިލީ އެވަގުތު ރާހިލްކުރި ސުވާލު އިވުމުންނެވެ.
"އެއްޗެކޭ ބުނިންތަ؟" ރާހިލް ސީލިންގާ ނަޒަރު ވަކިކޮށްލަމުން ޝައިނާއަށް ބަލައިލިއެވެ.
"ނޫން.. މިއީ.. ރާ.. ރާހިލް ރަނގަޅުތަ؟" ޝައިނާގެ މޮޔަކަމާމެދު ހިތާހިތުން އަމިއްލަ ނަފްސަށް އަޑުލަމުން އަހައިލިއެވެ. އެހެނަސް އެސުވާލާއެކު ރާހިލްގެ ތުންފަތަށް ވެރިވީ މާނައެއްނެތް ހިތި ހިނިތުންވުމެކެވެ.
"ހަމަ ޝައިނާތަ ތިހެން ތި އަހަނީ؟" ރާހިލް އަނެއްކާވެސް ދުރަށް ނަޒަރު ހުއްޓައިލިއެވެ. ވާހަކަ ދެން ކުރިއަށް ނުދާނެކަން އެނގުމާއެކު އެކަކުވެސް އިތުރު އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ދެންވެސް އެދެމެދަށް ވެރިވީ ހިމޭންކަމެވެ.
"ރިއާން.. ރިއާން އާދެބަލަ!" އިންޗިއަކަށް ހުޅުވައިލެވިފައިވާ ކޮޓަރީގެ ދޮރު ދޭތެރެއިން ޝައިނާއާއި ރާހިލްއަށް ބަލަންހުރި ޒީވާ ސިއްރު ސިއްރުން އެނދުގައި އޮތް ރިއާންއަށް ގޮވައިލިއެވެ.
"ރިއާން.. ބަލާބަލަ.. ކީއްވެތަ އެމީހުން ވާހަކަ ނުދައްކަނީ؟" ޒީވާ އެ ހަނި ދޭތެރެއިން ރިއާންއަށް އެމީހުން ދައްކައިލުމަށްފަހު ވައި އަޑުން އަހައިލިއެވެ.
"ޕިސްޕިސްޕިސް. ބޭބް" ރިއާން އަކުރުތަކަށް ދަމައިލަމުން ގޮވައިލިއެވެ. "ތި ކޮންކަމެއް؟ އާދެ އެތެރެއަށް. އެމީހުންނަށް ފާރަލާން ތިތާ ހުންނާނެ ކަމެއްނެތް" ރިއާން ޒީވާގެ އަތުގައި ހިފައިލިއެވެ.
"ރިއާން. ދެން އަޅެ. ބަލާބަލަ. އެމީހުން އެކަކު އަނެކަކަށް ބަލާވެސް ނުލާ. ޝައި އެ އިނީ އިސްޖެހި ގޮތަށް ބުދެއްހެން. ދޮންބެވެސް ހީވަނީ މިގޭގެ ސީލިންގް އަލަށް ފެނިގެންއުޅޭ މީހެއްހެން." ޒީވާ އަނެއްކާވެސް ވައި އަޑުން ބުންޏެވެ. ޒީވާ އުޅޭގޮތް ގަބޫލު ނުކުރެވިފައިހުރެ ރިއާން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ހާދަ އޮކްވާރޑްއޭ. މިވަރުން މިކަން ދޫކޮށްލައިގެނެއް ނުހުރެވޭނެ. އާދެ ބޭރަށް" ރިއާންއަށް އިތުރު އެއްޗެކޭ ނުބުނެވެންދެން ޒީވާ ރިއާންގެ އަތުގައި ހިފައިލައިގެންހުރެ ދޮރު ބޮޑަަށް ހުޅުވައިލަމުން ބޭރަށް ނުކުތެވެ.
"ޝައި. ކޮބާތަ ޔާނާމެން؟ އަދިވެސް ޒިވްޔަންގާތު ދޯ. ހިނގާބަލަ އެކުދިން ގޮވައިގެން ބީޗަށް. ބެލްކަނިން ބަލާލާފަ މިއައީ. މިއަދު ސަންސެޓް ވަރަށް ރީތިވާނެހެން ހީވަނީ" ޒީވާގޮސް ޝައިނާގާތު އިށީނދެލަމުން ބުންޏެވެ.
"ދޮންބެވެސް ދާނަންދޯ؟ އިޝީ ބުނި ދޮންބެ ކޮންމެވެސް ތާކަށް ދާށޭ އައީ. އެކަން ނިންމާލާފަ އަންނައްޗޭ އެނގޭ އަހަރުމެން ތިބޭނަން ބީޗްގަ. ދޯ ރިއާން؟" ޝައިނާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ ދެންވެސް ވާހަކަދެއްކީ ޒީވާއެވެ.
"ތާކަށް ދާން އައީ އެކަމަކު.. ހީވަނީ މިހާރު ކެންސަލްވެއްޖެހެން އެކަން" ރާހިލް ފޯނު ބަލައިލުމަށްފަހު އާދައިގެ ރާގެއްގައި ބުންޏެވެ. ޒީވާއާ ރިއާންއަށް ތިބީ ހިނިގަނޑު ހިފަހައްޓައިލައިގެނެވެ.
"އޯކޭ އެހެންވިއްޔާ. ރިއާން ދޭބަލަ އިޝީގާތު ބުނަން ޒިވްޔަން ރެޑީ ކޮށްލާށޭ. އަހަރެންވެސް މިދަނީ ކުޑަކޮށް ތައްޔާރުވެލަން. އެހެން އެންމެން ރެޑީއެއްނު." ޒީވާ ބުންޏެވެ. ނަމަވެސް އޭނާގެ ވާހަކަ ނުނިމެންދެން ރިއާންއަށްވުރެން ކުރިން އެތަނުގައި އިން ރާހިލް ވައިސޫރިއެއްހެންގޮސް ޒިވްޔަންގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
ޔާނާއާއި ރާއީގެ އިތުރުން ޒިވްޔަންއާއެކު ބިންމަތީގައި އިށީނދެ އިނދެ ބަސްހަދާ ގޭމެއް ކުޅެން އިން އިޝްވާ އަވަސް އަވަހަށް އިސްޖަހައިލީ ކޮޓަރިއަށްވަތް ރާހިލް ނުފެންނަކަމަށް ހެދެމުންނެވެ.
"ބައްޕީ ބަލާބަ ސްކްރެބްލްސް އެއް މިހިރީ" ޔާނާ އެތަނުގައި ހުރި ލަފްޒުހަދާ ބޯޑު ރާހިލްއަށް ދައްކައިލިއެވެ. ރާހިލްގެ ހިތް އުފަލުން ނަށައިލިއެވެ. ޔާނާގެ ތުއްތުއަޑުން އޭނާއަށް ބައްޕައޭ ގޮވައިލާ ކޮންމެ ފަހަރަކު އެކުއްޖާ އުރައިލުމަށްފަހު ވައިގެތެރޭގައި އަނބުރައިލަން ހިތަށް އަރައެވެ. ނަމަވެސް މިވަގުތު އޭނާ އެތަނަށް އައީ މުޅިން އެހެން ބޭނުމެއްގައެވެ.
"ކޮންކުއްޖެއް މޮޅުވަނީ؟" ރާހިލްގޮސް އިޝްވާގެ ގާތަށް ހުއްޓިލަމުން އަހައިލިއެވެ.
"ދޮންބެ" ޔާނާ ބުންޏެވެ. އެއާއެކު ރާހިލް އެތަނުގައި އިން ރާއީގެ ބޮލުގައި ފިރުމައިލުމަށްފަހު ދެން އިޝްވާގެ ކޮނޑުގައި ކޮއްޓައިލިއެވެ.
"ހިނގާބަލަ" ރާހިލް ކޮޓަރީގެ ދޮރާއި ދިމާލަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
"އޯކޭ" އިޝްވާއަށް ޖަދަލުކުރާނެ ގޮތެއް ނޭނގުމުން އަވަސް އަވަހަށް އެ އިންތަނުން ތެދުވިއެވެ. އޭނާ ބޭނުންވީ ރާހިލްއަށްވުރެން ކުރިންގޮސް ކޮޓަރީގެ ބޭރަށް ނުކުންނާށެވެ.
"ތިންކުދިން ބަސްއަހައިގެން ތިބެއްޗޭ. އެބަ އަންނަން އިޝީ އާންޓީ ގޮވައިގެން އިރުކޮޅަކުން އެނގޭ" އިޝްވާގެ ފަހަތުންގޮސް ކޮޓަރިން ނުކުތުމުގެ ކުރިން ރާހިލް ގޮވައިލިއެވެ. އެހެންނަމަވެސް ސިޓިންގްރޫމަށް ނުކުތްއިރު އިޝްވާ ފެންނަން ނެތީތީ އޭނާގެ ބުމަ ގޮށްޖެހުނެވެ. ފަރުވާތެރިކަމާއެކު އެތަނުގައި ތިބި ތިންމީހުންގެ މޫނަށް ބަލައިލުމަށްފަހު އޭނާ ހިނގައިގަތީ ޓީވީ ހަރުގަނޑު ކައިރީގައި ހުއްޓިލައިގެންހުރި ރިއާންއާ ދިމާލަށެވެ. އޭނާގޮސް ރިއާންއާ ދެތިން ފޫޓެއްހާ ކައިރިވިތަނާހެން ރިއާން ހެވިފައިހުރެ ދެކޮނޑު އަރުވައިލަމުން އެއްފަރާތަކަށް ޖެހިލީ ފަހަތުގައި އިޝްވާ ހުރިކަން ބޭޒާރު ކޮށްލަމުންނެވެ. އިޝްވާ ވަގުތުން ދުއްވައިގަންނަން އުޅުނު ނަމަވެސް ރާހިލް ދުރު ފިޔަވަޅެއް ކުރިއަށް އަޅައިލުމަށްފަހު ކިރިޔާ ތަދުވާނެހެން އިޝްވާގެ ކަންފަތުގައި ހިފިއެވެ.
"އަތްދޯތް ދޮންބޭ. ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ" އިޝްވާ ބަނދިވަރެއްހެން ކިޔަން ފެށިއެވެ. އެމަންޒަރު ފެނި ޝައިނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއިރު ކިތަންމެ ނުހޭން މަސައްކަތްކުރި ނަމަވެސް ޒީވާއަކަށް ހިނިގަނޑެއް ނުހިފެހެއްޓުނެވެ. ބަދަލުގައި ރިއާން ހިކި ކެއްސުމަކާއެކު ހިނިގަނޑު ހިފަހައްޓައިލިއެވެ.
"އަޅޭ އިޝީ އެކަންޏެއްނޫނޭ ކުށްވެރިވާނީކީ. ދޮންތިއަށްވެސް ރިއާންބެއަށްވެސް އެނގޭނެ. އެންމެންވެސް ބުނީ ދޮންބެއަށް ބަސްޓްވާ ދުވަހަކުން އިޝީއަށް ސަޕޯރޓް ކުރާނަމޭ އެކަމަކު ބަލާބަ ރިއާންބެވެސް ދުރަށް ޖެހުނުގޮތް. އިފް ޔޫ ގޯ ޑައުން ވީ ގޯ ޑައުންއޭ ކިޔާފަ ވަރަށް ފޫހިވޭ ހުސް ބެކް ސްޓެބަރޒް" އިޝްވާ ބޮޑާ ހާކަން ފެށިއެވެ.
"ބެކް ސްޓެބަރޒް ޔާ؟ ޓެލް މީ އަބައުޓް އިޓް" ރާހިލް ކުޑަކުޑަކޮށް އިޝްވާގެ ކަންފަތް އަނބުރައިލިއެވެ. އެއާއެކު އިޝްވާ އަނެއްކާވެސް "ސޮރީ ސޮރީ" އޭ ކިޔަން ފެށިއެވެ.
ޝައިނާއަކަަށް އިތުރަށް މަޑުކޮށްގެނެއް ނުހުރެވުނެވެ. އޭނާ ދުރު ފިޔަވަޅުތަކެއްގައިގޮސް އިޝްވާގެ ކަންފަތުން ރާހިލްގެ އަތް ފޮޅައިލުމަށްފަހު އިޝްވާގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލިއެވެ.
"އިޝީގާތު ސިއްރުކުރިކަމެއް ކުރަން ކުރަން ބުނި މީހަކީ އަހަރެން" ޝައިނާ އަވަސްވެގަތީ އިޝްވާ ދިފާއުކުރުމަށެވެ.
"ޔޫ! އައި ވިލް ޑީލް ވިތް ޔޫ ލޭޓަރ!" ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލުމަށްފަހު ޝައިނާއާ ހަތަރުކަޅި ހަމަކޮށްލަމުން ޝަހާދަތް އިނގިލިން އިޝާރާތްކޮށްލިއެވެ. އެ އަޑުގައިވި ސާބިތުކަން އިވުމާއެކު ޝައިނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވިސްނާލަން ނޭނގިފައި ހުއްޓައި ރާހިލް އޭނާގެ ގާތުގައިހުރި އިޝްވާގެ އަތުގައި ހިފައި ރާހިލްގެ ގާތަށް ގެންދިޔައެވެ.
"ޔާނާއާ އަހަރެން ދިމާވިތާ އަދި މިވީ ދޮޅުމަސްދުވަސް! ކިހާ ދުވަހެއް ވީ އިޝްވާއަށް އެނގޭތާ؟" ރާހިލް ދެއަތް އުނަގަނޑުގައި އަޅުވައިލައިގެންހުރެ އިޝްވާއާ ކުރިމަތިލިއެވެ. އިޝްވާ އަތް ހިއްލައިލައި ދެ އިނގިލި ދައްކައިލުމާއެކު ރާހިލް ބޯ ޖަހައިލުމަަށްފަހު ބަލައިލީ ދުރުގައި ތިބި ރިއާންއާއި ޒީވާއަށެވެ.
"ދެ މަސް؟ ތިމީހުންނޯ؟" ރާހިލް އަހައިލިއެވެ.
"އަދި އެންމެ މަހެއްވީ އަހަރުމެންނަށް ޝައި އައިކަން އެނގުންތާ" ޒީވާ އިސްޖަހައިލަމުން ބުންޏެވެ.
"އެރޭ.. އެރޭ އަހަރެން މިތާ ޔާނާގެ މަންމަގެ ވާހަކަ ދެއްކިއިރު.. ނޭނގޭ ކަމަށް ހަދައިގެން އެންމެންވެގެން އަހަރެން މޮޔަހެއްދީ ދޯ؟" މާޔޫސްކަމާއި ހިތްހަމަނުޖެހުން އެކުވެފައިވާ ރާގެއްގައި ރާހިލް އަހައިލިއެވެ.
"ރާހިލް. ހުވާކޮށްފަ މި ބުނަނީ. އެރޭ ރާހިލް ދެއްކީ ޔާނާގެ ވާހަކަކަން އަހަރުމެންނަކަށް ނޭނގޭ. އެންމެ ފަހަރަކުވެސް ރާހިލް ޔާނާގެ ނަމެއް ނުކިޔަމެއްނު. އެނގުނުނަމަ-"
"އެނގުނުނަމަ ކީއްކުރާނީ؟ އެރޭވެސް އިޝްވާއަށް އެކަން އެނގެއެއްނު. ރިއާންއަށް އެނގިގެން ވަކި ވާނީ ކީއް؟ ރިއާންއަށް އެއްވެސް ކަމެއް އެނގިގެން އަހަރެންގެ ކަންފަތާ ހަމައަށް އެކަމެއް ފޯރައިފިތަ؟ އަހަރެން.. އަހަރެންގެ ދިރިއުޅުން އެންމެ ރަނގަޅަށް އެނގިތިބެ– އަހަރެން ދެން އިތުބާރު ކުރަންވީ ކޮންބަޔަކަށް؟" ރާހިލް ފަހަތައް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ.
"ރާހިލް. ތިގޮތަށް ހުރިހާ ކަމެއްގަ އެމީހުން ކުށްވެރިއެއް ނުކުރެވޭނެ. އަހަރެންނޭ އެމީހުންގާތު ބުނީ" ޝައިނާ ހިތްހަމަނުޖެހިފައި ބުންޏެވެ. ރާހިލްއަށް އެ އަޑު ނީވޭ ކަހަލައެެވެ. ނުވަތަ ޝައިނާއާ ޖަދަލު ކުރުމުގެ ހިތްވަރު އެވަގުތު އޭނާގެ ނެތީއެވެ. ލަސް ފިޔަވަޅުތަކެއްގައިގޮސް އެތަނުގައިހުރި ބިއްލޫރިދޮރު ކަހައިލުމަށްފަހު ބެލްކަންޏަށް ނުކުމެ ސަރާސަރަށް ފެންނަންއޮތް ނޫކުލައިގެ ކަނޑަށް ނަޒަރުހުއްޓައިލިއެވެ. އޮއްސެމުންދިޔަ އިރުގެ ކުލަތަކުން ޖަރީކުރެވިފައިވާ އުޑުގެ ކުލަތައް އެ ކަނޑަށް ރިވެލިވެފައިވާ ގޮތްފެނި އެހެންޏާ ލިބޭފަދަ ހިތްހަމަޖެހުމެއް މިއަދު އޭނާގެ ހިތަކަށް ނުލިބުނެވެ. ހަމައެހެންމެ އަހަރުތަކަކަށްފަހު ޝައިނާއާ ބައްދަލުވުން އޭނާއަށް ލިބޭނެކަމަށް އުއްމީދުކުރެވުނު ހަމަޖެހުމެއްވެސް ނުލިބުނެވެ. އެއާޚިލާފަށް އޭނާގެ ހިތް އެތައްހާސް ޝަކުވާއަކުން ފޯވަމުންދިޔައެވެ. ރާއީގެ ފަރާތުން ލިބުނު ބީރައްޓެހިކަމާއި އާއިލާއިން އޭނާއަށް އޮޅުވައިލި އޮޅުވައިލުމުގެ ސަބަބުން ހިތުގައި އަޅަމުންދިޔައީ މީގެ ކުރިން ދުވަހަކުވެސް އިހުސާސްނުކުރެވޭހާ ބަރުދާސްތުކުރަން ދަތި ވޭނެކެވެ.
އެ ދެ ސަބަބުވެސް އޭނާއަށް ކުރިމަތިކުރުވި މީހަކީ ޝައިނާއެވެ.
އޭނާގެ ދަރިންނާއި އާއިލާއަކީ އޭނާ ނުދަންނަ ބީރައްޓެހި ބަޔަކަށް ހެދި މީހަކީ ހަމަ ޝައިނާއެވެ.
ހަށިގަނޑާއި ފުރާނައިން ގުރުބާންވާ މިންވަރަށް ލޯބިވާ ދެ ކޮއްކޮއާއި އެކުވެރިޔާއަށް ކުރަމުންދިޔަ އިތުބާރު މަދު ދުވަސްކޮޅެއްގެ ތެރޭގައި ގެއްލުވައިލި މީހަކީ ހަމަ ޝައިނާއެވެ.
ވީއިރު މިއަދު އޭނާގެ ހިތުގައި އަޅަމުން އެދާ ވޭނުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ މީހަކީ ޝައިނާއެވެ.
އެހެނަސް އޭނާގެ ހިތް ޝައިނާގެ މައްޗަކަށް ކިލަނބެއްނުވިއެވެ. ކިތަންމެ މަސައްކަތްކުރި ނަމަވެސް ޝައިނާއަށް ނަފްރަތުކުރުމަކީ އޭނާއަށް ވާކަމެއްނޫނެވެ. ދުނިޔޭގެ އަނިޔާވެރިކަމާ ޝައިނާ ކުރިމަތިލައިފައިވަނީ ވަރަށް ތުއްތު އިރުގައެވެ. އެއަށްފަހު ހުދު އޭނާ ޝައިނާއަށްވި އެތައް ވައުދަކާ ހިލާފަށް އޭނާގެ ފަރާތުންވެސް ޝައިނާއަށް ލިބުނީ އަނިޔާއެވެ. ރާހިލްގެ ހިތުގައި އަޅަމުންދިޔަ ދިލަ ވޭނާއެކުވެސް މިފަދަ އެތަށް އެތަށް ބަހަނާތަކުން އެހިތް އޭނާ ޝައިނާދެކެ ވާ ލޯބި ދިފާއު ކުރަމުންދިޔައެވެ. ޝައިނާ ނިންމި ކޮންމެ ނިންމުމެއް ދިފާއުކުރަމުން ދިޔައެވެ. ނަމަވެސް އިންސާނެއްގެ ހިތަށް ކެތްވާނީ ކިހައި މިންވަރަކަށް ހެއްޔެވެ؟ ޔާނާއާއީ ރާއީ އަދި އެހެން އެންމެންގެ ކުރިމަތީގައި އޭނާގެ ކަރުނަތައް ހިފަހައްޓަށް ކިތަންމެ ހިތްވަރެއް ކުރިނަމަވެސް ރާހިލްގެ ހިތަށް ދެން އިތުރަކަށް ކެތެއްނުވިއެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނައިގެ ސަބަބުން ފުސްވަމުންދިޔަ ގުދުރަތީ ރީތި މަންޒަރުން އޭނާހެ ނަޒަރު ވަކިކޮށްލުމަށްފަހު ރާހިލް އިސްޖަހައިލިއެވެ. އަދި ރެއިލިންގްގައި ދެއުޅަނބޮށި އަޅުވައިލުމަށްފަހު ދެއަތުން މޫނު ފޮރުވައިލައިގެންހުރެ ހިމޭންކަމާއެކު އެ ކަރުނަތައް މިނިވަންވާން ދޫކޮށްލިއެވެ. އިރު އޭގެ އުދަރެހުން ގެއްލި އުޑުމަތި އަނދިރިވާން ފެށީވެސް އޭނާ އެގޮތުގައި ހުއްޓައެވެ.
"ހޭ މޭން ޒީވް– ރާހިލް؟" ބެލްކަންޏަށް ނުކުތް ރިއާންގެ އަޑު އިވުމާއެކު ރާހިލް އަވަސް އަވަހަށް ރެއިލިންގްއިން ދުރަށް ޖެހިލުމަށްފަހު ދެލޯ ފޮހެލަމުން ނޭފަތް ދަމައިލިއެވެ.
"ކީ.. ކީކޭ؟" ރާހިލް ކަރުކެހިލުމަށްފަހު އަހައިލިއެވެ.
"ޒީވް ބުނީ ބީޗްއަަށް ނުދެވުނީމަ ޑިނަރ ޕްލޭންއެއް ހަދަނީއޯ. ކޮންމެވެސް ކަމެއް ކުރަން ބޭނުންވެޔޯ ރީޔޫނިއަން ސެލެބްރޭޓްކުރަން.. ރާހިލް.. މޭން ޔޫ ގުޑް؟" ރިއާން ކަންބޮޑުވިއެވެ. ރާހިލްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ތިހެން އަހަރެންނާ ދޭތެރޭ ވިސްނާކަމުގެ އެކްޓް ނުޖެއްސިޔަސް ހެވޭ. އަހަރެން ރަނގަޅު. ޒީވާ ގާތު ބުނޭ ޑިނަރ އޯކޭ އޭ. ޑިނަރ އިޒް އޮން މީ" ރާހިލް ހުރީ ހަގީގަތުގައިވެސް ރިއާންދެކެ ހިތްހަމަނުޖެހިފައެވެ.
"ކަމޯން ބްރަދަރ. އެނގޭ ދޯ އަހަރެންނަށް ޗޮއިސްއެއް އޮތްނަމަ ހުރިހާ ވާހަކައެއް ކިޔައިދޭނެކަން. އަހަރެންނަށް އެނގުނު ދުވަހު ރާހިލްއަށް ގުޅޭތޯ ވަރަށް މަސައްކަތްކުރިން. ނުގުޅެންދެން ޒީވްއަށް އާދެވުނީމަ ބުނީ ޝައިނާ އަދި ރެޑީވާން ދުވަސްކޮޅަކު މަޑުކޮށްލަން." ރިއާން ބުންޏެވެ.
"ކޮން ރެޑީއެއްތަ؟ ބަލަ އަހަރެންމީ އަރާ ކާ އެއްޗެއްތަ؟ ނޫނީ މާ ރުޅިގަދަ މީހަކީތަ؟ އަހަރެންގެ ގޮތް ޝައިނާއަށް ނޭނގެނީތަ؟ ހަ އަހަރުތެރޭ ޝައިނާއަށް އަހަރެންނާ ކުރިމަތިލާން ނުވެވުނު ރެޑީއެއްވާންތަ ރިއާން މަޑުކޮށްގެން ހުރީ؟" ރާހިލްގެ ސުވާލުތަކަކަށް ހުއްޓުމެއްނައެވެ. އެންމެފަހުން ރިއާންއަަށް ހަތިޔާރު ބަހައްޓަން ޖެހުނެވެ.
"ޔާ. ޔޫ އަރ ރައިޓް މޭން. އައިމް ސޮރީ. މިކަންތައް ސިއްރުކުރެވުން އެއީ އަހަރެންނަށް ކުރެވުން ވަރަށް މޮޔަކަމެއް. އިޓް ވޯޒް ސްޓުޕިޑް އޮފް މީ" ރިއާން ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. ދެ އެކުވެރިންގެ ދެމެދަށް ވެރިވެދިޔަ ހިމޭންކަމަށް ނިމުމެއް އައީ ކައިރި މިސްކިތަކުން އިވުނު މަޢްރިބް ނަމާދުގެ ބަންގީގެ އަޑުންނެވެ. އެއާއެކު ރާހިލް ބެލްކަނިން ނުކުމެ ގޭތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ.
"އަހަރެން ދަނީ. ޒީމެން ކައިރީގަ ބުނޭ އަންނަންވާއިރަށް ދާނެ ރެސްޓޯރެންޓެއް ނިންމާފަ ރެޑީވެގެން ތިބެން. އޭރުން އެހާ ލަސްނުކޮށް ދެވޭނީ" ރާހިލް ބުންޏެވެ.
"ކޮންތާކަށް މިހާރު ތި ދަނީ؟" ރިއާން އަހައިލިއެވެ.
"ނަމާދަށް. ރާއީ ގޮވައިގެން ދާނީ. ނޫނިއްޔާ އަހަރެން އަންނަންވާއިރަށް ޝައިނާ އަނެއްކާ މިގެއިން ހިނގައިދާނެ. އެހެންނޫނަސް އަހަރެން ބޭނުން މިއީ ރަނގަޅު ފެށުމަކަށްވާން" ރާހިލް ބުންޏެވެ.
"އޯކޭ. އަހަރެންވެސް އެބަދަން އިރުކޮޅަކުން" ރިއާން ބޯ ޖަހައިލަމުން ބުންޏެވެ. އަދި ރާހިލްގޮސް ޒިވްޔަންގެ ކޮޓަރިއަށް ވަތްތަން ބަލަން ހުރުމަށްފަހު ޒީވާ ހޯދުމަށް ހިނގައިގަތެވެ.
*****************
ރާހިލްއާއި ރިއާން ރާއީއާއި ޒިވްޔަންއާއެކު ނަމާދުން ފައިބައިގެން އައިއިރު އެމީހުން އެދުނު ފަދައިން ޒީވާއާއި އިޝްވާ ތިބީ ތައްޔާރުވެގެން ފައިބައި ތިރީގައި މަޑުކޮށްލައިގެނެވެ. އެދެމީހުންގެ މޫނުމަތިންވެސް ކުށްވެރިކަމުގެ އިހުސާސް ފާޅުވާންހުރިއިރު އެކަކަށްވެސް އިސްނަގައި ރާހިލްއާ އަނގައިން ބުނާކަށް ނުކެރުނެވެ. ރާހިލްގެ ލޮލުގައި އަޅައިގަތީ އެވަގުތު ޔާނާގެ އަތުގައި ހިފައިގެން އައިސް އެތަނަށް ހުއްޓިލި ޝައިނާއެވެ. ޔާނާއަށް ރާހިލް ފެނުމާއެކު އަތްދިއްކޮށްލި ގޮތުން ރާހިލްއަށް ޖެހުނީ ޔާނާ އުރައިލާށެވެ.
"ބައްޕި ކީއްވެގެން ޔާނާ ނުލާ ދޮންބެ ގޮވައިގެން ދިޔައީ" ތަނަށް ވެރިވެފައި އޮތް ނުތަނަވަސްކަން ކަނޑުވައިލި މީހަކީ ޔާނާއެވެ. ރާހިލް ޔާނާގެ ސުވާލަށް ހަމަޖެހޭ ޖަވާބެއް ދޭން މަސައްކަތްކުރަމުން ރިއާންއާއެކު އެތަނުން ދުރަށް ހިނގައިގަތެވެ.
"ކާރުގަތަ އައީ؟" ރިއާން އަހައިލިއެވެ.
"ސައިކުގަ. އިޝީ އަތުގަ އެހެރީނު ހެލްމެޓްތައް" ރާހިލް ބުންޏެވެ. ރާހިލްގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު ރިއާން ކާރު ހިފައިގެން އެބަ އަންނަން ކަމުގައި ބުނެ ޕާކިންގްއަށް ވަނުމަށް ހިނގައިގަތެވެ. ރާހިލް އެ ހުރިތަނުން ގުޑައިލާންވެސް ނޫޅުނެވެ. ޝައިނާމެން ތިބި ދިމާލަށް އެންމެ ފަހަރަކުވެސް ބަލައެއްނުލިއެވެ. ޔާނާ އުރައިލައިގެންހުރެ އެކުއްޖާއަށް ދުރުން ފެންނަމުންދިޔަ އިމާރާތްތަކާއި ދުއްވާއެއްޗެހި ދައްކަމުން އެކި ވާހަކަތައް ކިޔައިދެމުންދިޔައެވެ. ޝައިނާއަށް އެމަންޒަރު ބަލަން ދުރުގައި ހުރެވުނީއެވެ. އެހެެން ހުރިއިރު އިރުއިރުކޮޅާ ޔާނާގެ ހުނުމުގެ އަޑު އިވިލާގޮތުން ޝައިނާގެ ތުންފަތަށްވެސް ހިނިތުންވުން ވެރިވެއެވެ.
"ޕިސް ޕިސް ހާދަ ތުއި ކުއްޖެކޭ ދޯ؟" ޒީވާ ސަމާސާ ރާގެއްގައި ބުންޏެވެ.
"ހްމްމް ވަރަށް ފޮނިވާނެ. ދޮންބެ ފެންނައިރަށް ވަގުތުން ބަދަލުވާނެ ޕްރިންސަސްއަކަށް. ދޮންބެވެސް އެހާ ފޮނިކޮށޭ ޔާނާ ގެންގުޅެނީ.. ނަބޫވެސް ހުންނަނީ ހީހީ ހަލާކުވެފަ" އިޝްވާ ޔާނާއާއި ރާހިލްގެ ވާހަކަތައް ކިޔައިދެމުންދަނިކޮށް ރިއާންގެ ކާރު އައިސް އެމީހުންގެ ކުރިމައްޗަށް ހުއްޓައިލިއެވެ.
ޒީވާ ސުކުންތެއްވެސް ލަސްކުރުމެއްނެތި ޒިވްޔަންއާއެކު ކާރުގެ ކުރީ ސީޓަށް އަރައި ހަމަޖެހިލިއިރު އިޝްވާ ދުއްވައިގަތީ ރާހިލްގެ އަތުން ޔާނާ ހޯދުމަށެވެ. ޝައިނާ ރާއީ ގޮވައިގެން ކާރަށް އަރަން ތައްޔާރު ވަމުންދަނިކޮށް އިޝްވާ އެއަށްވުރެންކުރިން ޔާނާ ގޮވައިގެން އައިސް ކާރަށް އެރިއެވެ. އަދި ރާއީގެ އަތުގައި ހިފައި ރާއީވެސް ކާރުގެ ތެރެއަށް ވެއްދިއެވެ.
"މަޑުކޮށްބަ މަޑުކޮށްބަ. ސިސް ދާންވީނު ދޮންބެއާއެކު؟" ޝައިނާ ކާރަށް އަރަން އުޅުނު ވަގުތު އިޝްވާ އެކަން މަނާކުރިއެވެ.
"އެކަމަކު އަދި ޖާގަ އެބަ އޮތެއްނު؟" ޝައިނާ ބުންޏެވެ. އެއާއެކު އިޝްވާ އޭނާގެ އުނގުގައި އިން ޔާނާއަށް ސީޓުން ޖާގަ ހަދައިލުމަށްފަހު ޝައިނާ އިށީންނަން އޮތް ޖާގަ ހަނިކޮށްލިއެވެ. އެމަންޒަރު ބަލަން ހެވިފައތިބި ރިއާންއާ ޒީވާ ހިތާހިތުން އިޝްވާއަށް ސާބަސްދެމުން ދިޔައެވެ.
"ސިސް ދައްކާ ވާހަކަ މިވަރުން ފިތޭނީއެއްނު. މިހާރު ބަލަ ޔާނާވެސް ރާއީވެސް ކިހާ ހަމަޖެހިލައިން އެތިބީ. ދެން ދޭބަލަ އޭރުން ދޮންބެވެސް އެކަންޏެއް ނުވާނެއެއްނު" އިޝްވާ ހަމަހިލާ ޝައިނާ ކާރަށް އަރުވާކަށް އެއްބަހެއް ނުވިއެވެ.
އިޝްވާއަށް ލޯ އަޅައިލުމަށްފަހު ޝައިނާ ކާރުގެ ދޮރު ލައްޕައިލިއެވެ. އަދި ކާރުގެ ފަހަތަށް އައިސް މަޑުކޮށްލި ރާހިލްގެ ސައިކަލާ ދިމާލަށް ހިނގައިގަތެވެ.
"މިއީ.. ކާރުގަ ޖާގަ ނެތީމަ" ޝައިނާ ބުންޏެވެ. ރާހިލް ލޮލުގެ އިޝާރާތުން ފަހަތައް އެރުމަށް އިޝާރާތް ކުރުމާއެކު ޝައިނާ ސައިކަލަށް އަރައި ހަމަޖެހިލިއެވެ. އެވަގުތު ރާހިލް ޖަހައިފައިވާ ސެންޓުގެ ވަހުން އޭނާގެ ހިއްސުތަކަށް ބާރުފޯރުވާން ފަށައިފިއެވެ. ކުރިއެކޭ އެއްފަދައިން އަތްދަމައިލައި ރާހިލްގެ ހަށިގަނޑުގައި ބައްދައިލަން އެދުނު ނަމަވެސް އޭނާ އެދެމެދުގައި ފުދޭވަރެއްގެ ޖާގައެއް ބެހެއްޓިއެވެ.
ރާހިލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނާގެ ސައިކަލަށް އަރައި ޝައިނާއަށް އޭނާއާ އެހާ ދުރުގައި އިނދެވޭނެކަމަށް ހީކުރެވުމަކީ ކުށްހީއެކެވެ. ރާހިލް ސައިކަލު އިސްޓާޓުކޮށް ދުއްވައިލީ ހަމަ ކުއްލިއަކަށެވެ. އެއާއެކު ޝައިނާގޮސް ރާހިލްގެ ބުރަކަށީގައި ޖެހި ތަތްލިއެވެ. ޝައިނާއަށް ރާހިލް އެކަންކުރީ ގަސްތުގައިކަން އެނގުނު ނަމަވެސް އެކަމާމެދު އެއްޗެކޭނުބުނެ އަނެއްކާވެސް ދުރަށް ޖެހިލިއެވެ. އެވަގުތު ރާހިލް އަނެއްކާވެސް ސައިކަލުގެ ސްޕީޑް ބާރުކޮށްލައިފިއެވެ. މިހެން ތަކުރާރުކޮށް ސްޕީޑް ބާރުކުރަމުންގޮސް އެންމެފަހުން ރިއާންމެން ދުއްވަމުންދިޔަ ކާރުގެ ކުރިއަށް ސައިކަލު އަރައިފިއެވެ. އެމީހުންނަށް ރާހިލްއާ ޝައިނާގެ ކޮންމެ ހަރަކާތެއް ފެންނާނެކަން އެނގުމާއެކު އެންމެފަހުން ޝައިނާއަށް ޖެހުނީ ގޮތްދޫކޮށް ރާހިލް ބޭނުންވާގޮތަށް ސައިކަލުގައި އިންނާށެވެ.
އެރޭގެ ބާކީބައި ރާހިލްއާއި ޝައިނާގެ ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ޒީވާމެން ދައްކާ ވާހަކަތަކުގެ ތެރެއަށް އިތުރު ކޮށްލާ މަދު ޖުމްލައެއް ފިޔަވައި އެދެމީހުންގެ ފަރާތުންވެސް ފެންނަމުންދިޔައީ ހިމޭންކަމެވެ. ދެމީހުންވެސް ބެލީ އެކަކު އަނެކަކަށް ވީހާވެސް ނުބަލައި ވޭތޯއެވެ. ބަލާބެލުމަށް ދެންތިބި ބަޔަކަށް އެދެމެދުގައި ބީރައްޓެހިކަމުގެ ބޯ ފާރެއް ލެވިފައިވާހެން ހީވިޔަސް ދެ ހިތުގައިވެސް ޖަހަމުން ދިޔައީ އެއް ވިންދެކެވެ. ދައްކަންހުރި ވާހަކަތައް މަދެއްނޫނެވެ. ރާހިލް މަޑުކުރަމުންދިޔައީ ޝައިނާއާއެކު އެކަނިވެލާނެ ވަގުތުކޮޅަކަށެެވެ.
ރެސްޓޯރެންޓްގައި ދެގަޑިއެއްހާއިރު ފާއިތުކުރުމަށްފަހު އެންމެންވެސް ނިންމީ ގެއަށްދިޔުމަށެވެ. އޭރު ޔާނާ ވަރުބަލިވެގެންގޮސް ޝައިނާގެ ގައިގައި އޮޅުލައިގެން އުޅެއުޅެފައި ނިދައިފިއެވެ. ރާއީއާއި ޒިވްޔަންއަށްވެސް ހީވަނީ ދެންމެ ދެންމެ ނިދިދާނެހެނެވެ. ނަމަވެސް ރިއާން ނިންމީ އެންމެފުރަތަމަ މާލެއަށް ދިޔުމަށެވެ. ނިދިފައި އޮތް ޔާނާއާއި ކިރިޔަ ކިރިޔާ ނުނިދިހުރި ރާއީ ގޮވައިގެން މިފަހަރު ކާރަށް އެރީ ޝައިނާއެވެ. އެކާރުގެ ފަހަތުން އިޝްވާއާއި ރާހިލް ސައިކަލުގައި ދުއްވަމުންއައިސް ފުރަތަމަ މަޑުކޮށްލީ ޝައިނާމެން ދިރިއުޅޭ ގެ ހުންނަ މަގަށެވެ.
"މި މަގަކަށް ނޫނެއްނު އެއްކަލައިރު ޔާނާ ގޮވައިގެން އަންނަނީ" ރާހިލް އިޝްވާގާތުން އަހައިލިއެވެ.
"އާން އޭރު އުޅުނީ ސިސްގެ ރައްޓެއްސެއްގެ ގޭގަ. ޔާނާ ކިޔެއްނު އާދިންއެއްގެ ވާހަކަ. މިފަހުން ގެ ބަދަލުވީ" އިޝްވާ އޮޅުންފިލުވައިދިނެވެ.
"އިޝްކޯ. އާދެބަލަ" ނިދިފައި އޮތް ޔާނާ ކޮނޑުގައި ބާއްވައިގެންހުރެ ކާރުން ފޭބި ޝައިނާ ގޮވައިލިއެވެ. އޭރު ރާއީއަށްވެސް ނިދިފައި އޮތީތީ އޭނާ އިޝްވާގާތުން އެދުނީ ރާއީ ގެއަށް ގެންގޮސްދިނުމުގައި އެހީވުމަށެވެ. އެވާހަކަ އަޑުއިވުމާއެކު ރާހިލް އެންމެ ކައިރިން ލިބުނު ޖާގައިގައި ސައިކަލު ޕާކުކޮށްލުމަށްފަހު އައިސް އިޝްވާގެ އަތުން ރާއީ އަތުލިއެވެ.
"ދޭ ރިއާންމެންނާއެކު ގެއަށް. އަހަރެން ދާނަން ފަހުން" ރާހިލް އިޝްވާއަށް ބުންޏެވެ. ރާހިލް ރުޅިއައިސްފައި ހުރީތީ އޭރުވެސް ބިރުގެންފައިހުރި އިޝްވާ އަވަސް އަވަހަށް ބޯ ޖަހައިލަމުން ރިއާންމެންނާއެކު ކާރުގައި ދިޔުމުން ރާހިލް ޝައިނާގެ ފަހަތުންގޮސް އެތަނުގައި ހުރި ގެއަކަށް ވަނެވެ.
"ލިފްޓެއް ނެތްތަ؟ ކިތައްވަނަ ފްލޯރ؟" ރާހިލް އަހައިލިއެވެ.
"ދޭއް" ޝައިނާ ޖަވާބުދިނެވެ.
"ޔާނާވެސް ގެނޭ އަހަރެން އަތަށް" ރާހިލް ބުންޏެވެ.
"އޯކޭވާނެ. އެހާ އުހެއްނޫނެއްނު" ޝައިނާ ސިޑިން މައްޗަށް ހިނގައިގަންނަމުން ބުންޏެވެ.
ދެވަނަ ފަންގިފިލާގައިހުރި މުށިކުލައިގެ ދޮރު ފެނުމާއެކު ޝައިނާ ދަބަހުން އެޕަރޓްމެންޓްގެ ތަޅުދަނޑިފަތި އަތުޖެހޭތޯ އުޅުނެވެ. ޔާނާ އުރާލައިގެންހުރެ އެކަން ކުރުންވީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން އޭނާއަށް ޖެހުނީ އެކަމުގައި ރާހިލްގެ އެހީ ހޯދާށެވެ.
ރާހިލް އެ ދަބަހުގެ ތެރެއިން ތަޅުދަނޑިފަތި ހޯދައިލުމަށްފަހު އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލުމާއެކު ޝައިނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ޔާނާ އެނދުގައި ބާއްވައިލިއެވެ. އޭރު އޭނާއަށްހުރީ ވަރުބަލިވެގެންގޮސް މާނޭވާ ލެވޭ ވަރުވެފައެވެ. ރާހިލްވެސް މަޑުމަޑުން އެޕަރޓްމެންޓްގެ އެތަން މިތަނަށް ނަޒަރު ހިންގަމުންގޮސް ކޮޓަރިއަށްވަނެވެ. އަދި ޝައިނާ ދެއްކި ޖާގައިގައި ޔާނާއާ ޖެހިގެންކަހަލަ ގޮތަކަށް ރާއީ ބާއްވައިލިއެވެ.
"އެކަނިތަ އުޅެނީ؟" ޝައިނާގެ ފަހަތުން ނުކުމެ ކޮޓަރީގެ ދޮރު ލައްޕައިލަމުން ރާހިލް އަހައިލިއެވެ.
"ޝިމާންވެސް އެބައުޅޭ. ތަންކޮޅެއް ލަސްކޮށް ޖިމް ނިންމާފަ އަންނާނީ" ޝައިނާ ކޮޓަރިން ނެރުނު ދާވަށިގަނޑުގައި ހުރި އެއްޗެހި މެޝިނަށް އަޅަމުން ބުންޏެވެ. ރާހިލްއާ ހަތަރުކަޅި ހަމަ ނުކުރުމަށްޓަކައި އޭނާ އެހެން ކަންކަމުގައި މަސްއޫލުވީއެވެ.
"ޔާ.. ޔާނާ ނިދައިފިއެއްނު. ދެން ރާހިލް ދިޔަސް އޯކޭ ވާނެ. ކީއްވެ އަދިވެސް ތި މަޑުކުރަނީ؟" ޝައިނާ މެޝިން ޖައްސައިލުމަށްފަހު ހަމަ އިސްކޮޅަށް ތެދުވެލިއެވެ.
"ހަމަ ނޭނގެނީތަ؟" ޝައިނާއަށް އެ ސުވާލު އަޑު އިވުނީ އޭނާގެ ކަންފަތްދޮށުގައި ބުނެލި ސިއްރެއް ފަދައިންނެވެ. ސިހިފައި ފަހަތައް އެނބުރުނުއިރު ރާހިލް ހުރީ އޭނާއާ ޖެހޭ ނުޖެހޭ ހިސާބު ގާތުގައެވެ.
އޭނާ އެނބުރުމާއެކު ރާހިލްގެ ނަޒަރު އޭނާގެ ބޮލުން ފެށިގެން ފަޔަށް ހިންގައިލިގޮތް ފެނި ޝައިނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހަރަކާތްކޮށްލަންވެސް ނޭނގިފައި ހުއްޓައި ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ބަދަލުގައި އޭނާ ފަހަތައް ފިޔަވަޅެއް އަޅައިލި ނަމަވެސް މެޝިނުގައި ޖެހިފައި ހުރުމުން ދެން އިތުރަށް ފަހަތަށް ދެވޭގޮތެއް ނުވިއެވެ. ރާހިލް އޭނާ ކޮށްޓެއްގެ ތެރޭގައި ބަންދުކޮށްލާ ފަދައިން ދެއަތް ދެފަރާތުން ގެންގޮސް މެޝިންގައި އަޅުވައިލި ގޮތުން ދެން ހެދޭނެ އެއްވެސް ގޮތެއް ނެތްކަން ޝައިނާއަށް ކަށަވަރުވުމާއެކު އިސްއުފުލައިލައި ރާހިލްގެ ދެލޮލާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ވަޓް ޑޫ ޔޫ ވޯންޓް ރާހިލް؟" ޝައިނާ ދަތްކުނޑި ވިކައިލަމުން އަހައިލިއެވެ. ނަމަވެސް ރާހިލްގެ މޫނުމަތިން ފެންނަންހުރީ ލާނެތް ހިނިތުންވުމެކެވެ.
"ކަމް ހިއަރ" ރާހިލް ޝައިނާ ގެނެސް އޯގާތެރިކަމާއެކު އޭނާގެ މޭގެ ތެރޭގައި ފޮރުވައިލިއެވެ. އެވަގުތު ރާހިލްއަށް ހީވީ އޭނާގެ މޭގެ ތެރޭގައި ވޭންއަޅަމުންދިޔަ ހިތަށް ވަގުތީ ފަރުވާއެއް ލިބިގެންދިޔަހެނެވެ. ޝައިނާ ފެނުނީއްސުރެން ތެޅި ފޮޅެމުންދިޔަ އެ ހިތަށާއި ހަލަބޮލިވެފައިވި އޭނާގެ ސިކުނޑިއަށް ހިމޭންކަމެއް ލިބިގެންދިޔައިރު އެދެވެމުން ދިޔައީ މުޅި އުމުރަށް އެގޮތުގައި ޝައިނާ އެ މޭގެ ތެރޭގައި ބޮނޑިކޮށްލައިގެން ހުރުމަށެވެ.
ޝައިނާއަށްވެސް ރާހިލްގެ އެ ކުއްލި ހަރަކާތުން ނޭވާ ހިފަހައްޓައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ދޫކޮށްލެވުނު ހަމަޖެހުމުގެ ނޭވާއާއެކު ދެލޯ މަރައިލެވުނެވެ. މަންޒިލަށް ވާސިލްވެފައިވާ މުސާފިރަކަށް ކުރެވޭނެ ފަދަ ފޮނި އިހުސާސަކުން އޭނާގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އޭނާ އެ ކަރުނަތަކަށް އޮހިގަންނާނެ ފުރުސަތު ނުދިނުމަށްޓަކައި އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން ރާހިލްގެ މޭގައި އަތްއަޅައި ކޮށްޕައިލިއެވެ. އެކަމުން ރާހިލްގެ ހަށިގަނޑަށް ކުޑަވެސް ގުޑުމެއް ނައެވެ.
"ރާހިލް އައި–"
"ޝްޝްޝް. ޖަސްޓް ފައިވް މިނަޓްސް. ޕްލީޒް" ރާހިލްގެ އަޑުގައިވާ ޖަޒުބާތުތައް އިވުމާއެކު ރާހިލްއަށް ނޫނެކޭ ބުނުން ޝައިނާގެ ދުލަކަށް ކުޅަދާނައެއް ނުވިއެވެ. އެހެނަސް ރާހިލް އެދުނު ފަދައިން އޭނާއަށް އެ ގޮތުގައި އިތުރަށް ހޭދަކުރެވުނީ އެންމެ މިނެޓެވެ. އިތުރަށް އެންމެ ސުކުންތެއްވެސް މަޑުކޮށްފިނަމަ އޭނާގެ ހިތް ސިކުނޑީގެ މައްޗަށް ބާރުފޯރުވާނެކަން ޝައިނާއަށް ޔަގީންވިއެވެ. އެގޮތަށް އެކަން ވާކަށް އޭނާ ބޭނުމެއްނުވިއެވެ. ރާހިލްގެ ސަބަބުން އޭނާގެ ހިތް ފުނޑުފުނޑުވެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދިޔަ ދުވަހު އޭނާގެ ހަޔާތުން ރާހިލްއަށް ދެވަނަ ފުރުސަތެއް ނުދޭނަން ކަމުގައި އަމިއްލަ ނަފްސަށް ވެވުނު ވައުދުގައި ހިފަހައްޓަން އޭނާ ބޭނުންވިއެވެ. އެ ނިންމުމުގައި ސާބިތުވެ ހުރުމުގެ އަޒުމުގައި ޝައިނާ އަތަށް ލެވުނުހާ ބާރެއް ލުމަށްފަހު ރާހިލް ދުރަށް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި ރާހިލް އަރިއަޅައިލުމާއެކު ދެތިން ފިޔަވަޅު ފަހަތަށް އަޅައިލަމުން އޭނާގެ ހަށިގަނޑު ކޮންޓްރޯލްކޮށްލިއެވެ. އޭރު އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވާން ހުއްޓެވެ.
No comments yet
Be the first to share your thoughts about this episode!