Episode 7

ހިތް އެދޭހާ ކަމެއް.. (7 ވަނަބައި)

އިތުރަށް ގޮނޑީގައި އިންނަން އުނދަގޫ ކަމަކަށްވުމުން ރިއާން ތެދުވެ ދެފަރާތަށް ހިނގަންފެށިއެވެ. ނަމަވެސް އެއްބިތުގައި އެއްކޮށް ޖަހައިފައިވާ ބިއްލޫރި ގަނޑުން އެތެރެއަށް އެޅިގެންދިޔަ ވިދުވަރުގެ އަލިން ކެބިން ދިއްލައިލުމާއެކު އޭނާގެ ފިޔަވަޅުތައް ހުއްޓައިލިއެވެ. އެއާވިދިގެން ކެބިންގެ ތެރެއަށް ފޭދިގެންއައި ފަނޑު ގުގުރީގެ އަޑު އޭނާގެ ކަންފަތަށް އިވުނެވެ. ކެބިންގައި ޖަހައިފައިވާ ސައުންޑް ރެސިސްޓެންޓް ބިއްލޫރި ފޫ އަޅުވައިލާ އެއަޑު އޭނާއާހިސާބަށް ފޯރާނަމަ އެ އަޑު މަގުމަތީގައިހުރި ޒީވާއަށް އިވޭނީ ކިހާބާރަށްކަން އޭނާއަށް އެނގުނެވެ. ވުމާއެކު އިތުރަށް އެންމެ ސުކުންތެއްވެސް ލަސްކުރުމެއްނެތި ކާރުގެ ތަޅުދަނޑި ހިފައިގެން ރިއާން ދޮރުން ނުކުތުމަށް ހިނގައިގަތެވެ.

***********

ސްޕީޑް މީޓަރުން ދައްކަމުންދިޔަ މަތީ ސްޕީޑަށް ބެލުމެއްނެތި ބްރިޖްމަތިން ކާރު ދުއްވާފައި ދިޔައިރު ދެފަހަރެއްގެ މަތިން ފެނުނު ޓްރެފިކް ބައްތިތަކުން އަޅަމުންދިޔަ ރަތްސިގްނަލަކީ ރިއާންއަށް މާ މުހިއްމު އެއްޗަކަށް ނުވިއެވެ. ވަގުތާއި މޫސުމުގެ ގޮތުން ބްރިޖްމަތީގައި ދުއްވާ އެއްޗެއް ނެތްނަމަވެސް ހެދިފައިވާ ފެންގަނޑުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށާއި ޒީވާއަށް އެހީތެރި ވެވޭނީވެސް ސަލާމަތުން އެހިސާބަށް ދެވިގެންކަން އޭނާގެ ސިކުނޑި ބުނަމުން ދިޔައެވެ. މިފަދަ ރެއެއްގައި އޭނާ ދުއްވަމުން އެދާ ސްޕީޑުގައި ދަނިކޮށް ސިކުނޑިން އިންޒާރު ދެމުން އެދާފަދަ ހާދިސާއެއް ހިނގައިފިނަމަ އޭނަގެ ފުރާނަ ސަލާމަތްވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން ހުދު އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ހިތުގެ ތެރޭގައި ވަންހަނާވެފައިވާ ނޭނގޭ އަޑަކުން ޒީވާގެ ގާތަށް ވީހާވެސް އަވަހަށް ދިޔުމަށް އޭނާ ގާތު ބުނަމުން ދިޔަ ކަހަލައެވެ. ނޫނެކެވެ. އެއީ އޭނާގެ ހިތްކަމަކަށް އޭނާ ގަބޫލެއް ނުކުރާނަމެވެ. އެކަމަކު އެނގޭހާވެސް އެއްޗަކީ އޭނާގެ މުޅި ހަށިގަނޑަށް އެ އަޑު އިހްސާސްވަމުން ދިޔަކަމެވެ. އަދި އެ އަޑަށް ބީރު ކަންފަތެއްދޭން އޭނާ ނުކުޅެދިފައި ވާކަމެވެ.

ފޯނުން ދައްކަމުންދިޔަ ލޮކޭޝަނާއި ގާތަށް އާދެވުމާއެކު ރިއާން ކާރުގެ ދުވެލި މަޑުކޮށްލިއެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން މުޅި ސަރަހައްދު ފެންނަމުން ދިޔައީ ފުސްކޮށެވެ. ނަމަވެސް ތަންކޮޅެއްދުރު އަސްކަންޏެއްގެ ދަށުގައި މީހަކު މަޑުކޮށްލައިގެން ހުރި ކަމުގެ ނިޝާނެއްވުމާއެކު ރިއާން ކާރުގެ އަލި އަޅުވައިލަމުން އެދިމާ ބަލައިލިއެވެ. މޫނު ސާފުކޮށް ފެންނަ ވަރު ނުވި ކަމުގައިވިޔަސް ހުދު ކުލައިގެ ނަރުސް ޔުނީފޯމް ފެނުމާއެކު ރިއާނަށް އެއީ ޒީވާކަން އެނގުނެވެ.

**********

ވަގުތުތައް ފާއިތުވަމުން ދާވަރަކަށް ނާއުއްމީދުވެ ޒީވާގެ ހިތްވަރު އެލެމުންދިޔައެވެ. އޭރު އޭނާގެ ހަށިގަނޑުވެސް ދިޔައީ ފިނިން ތުރުތުރުލަމުންނެވެ. ހަނިއަސްކަންޏަށް އެރޭގެ ބޯވާރެއިން ޒީވާ ސަލާމަތް ނުކުރެވުމުގެ ސަބަބުން މުޅިމީހާ އެއްކޮށް ތެމި ފޯވެ ލައިގެންހުރި ޔުނީފޯމް ވަނީ ގައިގައި ތަތްލާފައެވެ. އޭނަގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް މޫނުގައި ޖެހެމުންދާ ވާރޭގެ ތިކިތަކާ އެކުވެ ވަންހަނާވެފައިވާއިރު ކަރުނައިގެ ފުސްކަމުގެ ތެރެއިންވެސް މަގުގެ އަނެއްފަރާތުގައި މަޑުކޮށްލި ކަޅު ކާރު އޭނާގެ ލޮލުގައި އަޅައިގަތެވެ. އަދި ކާރުން ފައިބައިގެން ވާރޭގެ ތެރޭގައި ޒީވާއާ ދިމާލަށް ހިނގައިފައި އަންނަ ކަޅު ހިޔަންޏެއް އޭނާއަށް ފާހަގަ ކުރެވުނެވެ. ޒީވާއަށް އެ މަންޒަރު ފެންނަމުން ދިޔައީ ބިރުވެރި ފިލްމެއްގެ މަންޒަރެއްހެނެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން ސިކުނޑި އޭނާއާ ސަމާސާ ކުރަނީއޭ ޒީވާ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެ ހިޔަނި ގާތްވަމުން އައި ވަރަކަށް ޒީވާ އިތުރަށް ފާރާ ކައިރިއަށް ޖެހެމުންދިޔައެވެ. ރޭގެ އަނދިރިކަމާއި އެކަނިވެރިކަމުގެ ތެރެއިިން ފިރިހެނެއްގެ ހިޔަންޏެއް ފެނުން ވެގެންދިޔައީ ދުވަސްކޮޅެއްކުރިން ހޮސްޕިޓަލުގައި ހިނގައިދިޔަ ހާދިސާގެ ހަނދާންވެ ޒީވާގެ ސިކުނޑި ކިލަނބުކުރުވި ކަމަކަށެވެ. ޖަހަމުންދިޔަ ހޮނުގުގުރިއަށް ގަންނަ ބިރަށްވުރެ ބޮޑު ބިރެއް އޭނާގެ ހިތުގައި އުފަންވިއެވެ. އިސާހިތަކު ދެތުންފަތް ފޫއަޅުވައިލައި ނުކުތް ގިސްލުމުގެ އަޑާއެކު އޭނާގެ ރުއިން ކޮންޓްރޯލްކުރަން އުނދަގޫވިއެވެ. ބޮލަށް ބަރުވެ ވެއްޓެން ދާކަމުގެ އިހްސާސެއް ކުރެވުމާއެކު ކޮނޑުގައި އަޅުވާލެވިފައިވާ އަތްދަބަސް މެއާ ކައިރި ކޮށްލަމުން އޭނާއަށް ބިންމައްޗަށް ތިރިވެވުނެވެ. އޭރު އޭނާއަށް ކުރިން ފެނުނު ހިޔަނީގެ ސިފަ ކުލަވާން ފަށައިފިއެވެ. ކަޅުކުލައިގެ ބިޒްނަސް ސޫޓެއްގައިހުރެ ޒީވާގެ ކައިރިއަށް ތިރިވެލި ޒުވާނާއަކީ ކާކުކަން އޭނާއަށް އެނގުނެވެ.

"ރިއާން" ޒީވާ މަޑުމަޑުން ގޮވައިލިއެވެ.

"ޝްޝްޝް ޒީވް. އައިމް ހިޔަރ. ސްޓޭ ވިތް މީ" ޒީވާގެ ދެލޯ މެރެމުން ދިޔަ ވަގުތު ރިއާން އޯގާތެރިކަމާއެކު ޒީވާގެ ކޮނޑުގައި ހިފަހައްޓާލައި އެ މެއާ ކައިރިކޮށްލިކަމުގެ އިހުސާސެއް ޒީވާއަށް ކުރެވުނެވެ. އެ ހަށިގަނޑުގެ ހޫނުން އޭނާގެ ހަށީގައި ހިފައިފައިވާ ފިނިކަން ފިލައިގޮސް އަރާމު ނިންޖަކަށް ފީނައިގަންނަ ފަދައިން ލޯ މަރައިލެވުނެވެ.

ޒީވާގެ މޫނު މޭގައި ލައްކޮށްލައިގެން އިނދެ ރިއާން އިސް އުފުލައިލައި ވެހެމުންދިޔަ ބޯ ވާރެއަށް ބަލައިލިއެވެ. އޭނާ ވިސްނަމުން ދިޔައީ އެ ވާރެއިން ސަލާމަތްކޮށްގެން ކާރާއި ހިސާބަށް ޒީވާ ގެންދާނެ ގޮތަކާމެދުގައެވެ. ރިއާން ދެފަހަރެއްގެ މަތިން ޒީވާއަށް ގޮވައިލިއެވެ. ނަމަވެސް ހޭވެރިކަމުގެ އިޝާރާތެއް ނުވިއެވެ. ރިއާންގެ މޫނުމައްޗަށް ހާސްކަމުގެ ކުލަވަރުތައް ވެރިވިއެވެ. ހިތުގެ ތެޅުން އަވަސްވެ ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިވިއެވެ. ވާރެއަށް ބެލުމެއްނެތި ލަސްނުކޮށް ޒީވާ އަތްދަނޑިމައްޗަށް އުފުލައިލަމުން ކާރާ ދިމާލަށް ހިނގައިގަތެވެ. އަދި ކާރުގެ ކުރީ ސީޓު ތިރިކޮށްލައި ޒީވާ ބޭއްވުމަށްފަހު އޭނާވެސް ކާރަށް އެރުމަށް އަވަސްވެގަތެވެ. އެއަށްފަހު އަނެއްކާވެސް ޒީވާ ހޭއެރުވޭތޯ މަސައްކަތް ކުރިއެވެ. މަޑުމަޑުން ޒީވާގެ ކޮލުގައި ޖަހައިލުމަށްފަހު ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. ދެތިން ފަހަރަކު އެ ހަރަކާތް ތަކުރާރު ކޮށްލި ތަނާހެން ޒީވާ އެސްފިޔަތަށް ތަޅުވައިލައި ކުޑަކުޑަކޮށް ލޯ ހުޅުވައިލިއެވެ. އެ މަންޒަރު ފެނުމާއެކު ރިއާންގެ ހިތްއަވަސްކަން ފިލައިގޮސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ޒީވާ އިށީނދެގެން އިން ސީޓު އުސްކޮށްލިއެވެ. އަދި ފެންފުޅިއެއް ނަގައި ޒީވާގެ ތުނބުގައި ޖައްސައިދިނެވެ. ޒީވާ އަމިއްލައަށް އޭގައި ހިފުމުން ފަސޭހަކޮށްދިނުމުގެ ގޮތުން ޒީވާ އިންދިމާލަށް އަލިވާނެހެން ކާރުތެރޭގައި ހުރި ލައިޓް ޖައްސައިލިއެވެ. އެއާއެކު އޭނާއަށް ހީވީ އޭނާ ލައިލައިހުރި ނޭވާވެސް ވައިނޮޅީގައި ތާށިވިހެންނެވެ. ވާރެއާއެކުވެ ހުދު ކުލައިގެ ޔުނީފޯމް ގައިގައި ތަތްލާފައިވުމުން ޒީވާގެ ހަށިގަނޑު ހާމަވެފައިވަނި ވަނާތަކުގެ އިތުރުން އެތެރެއިން ބޭނުންކޮށްފައިވާ އަންނައުނުގެ ކުލަވެސް ވަކިވާހާ ބޮޑަށެވެ. ބޭއިޚްތިޔާރުގައި ރިއާންއަށް ޒީވާގެ ކޮނޑުން ތިރިއަށް ނަޒަރު ހިންގައިލެވުނެވެ.

ޒީވާއަށް އެކަން ފާހަގަވީކަންނޭނގެއެވެ. ޖެހިލުންވެފައިހުރެ އޭނާގެ ދެއަތުން މެދުހަށީގައި ބައްދައިލިއެވެ. ޒީވާގެ އެ ހަރަކާތާއެކު ރިއާންއަށްވެސް އެކުރެވޭ ކަމެއް ރޭކައިލިއެވެ. އަވަސް އަވަހާ ކަރުކެހިލުމަށްފަހު ޑްރައިވަރ ސީޓުގައި ހަމަޖެހިލައި ކުރިއަށް ނަޒަރު ހުއްޓައިލިއެވެ. އަދި ޒީވާ ޖެހިލުންވެފައި އިންހެން ހީވެ އޭނާ ލައިގެން ހުރި ކޯޓު ބާލައި ޒީވާއަށް ދިއްކޮށްލިއެވެ. އާންމުގޮތެއްގައި އޮފީހަށްދާއިރު އެހާ ރަސްމީކޮށް ހެދުންނޭޅި ނަމަވެސް ދުވަސްކޮޅުގެ ގޮތުން ދާންޖެހޭ ބައްދަލުވުންތަށް ގިނަވެ މިއަދު ރަސްމީކޮށް ހެދުން އަޅަން ޖެހުމަކީ ލެއްވި ނަސީބެކޭ އޭނަގެ ހިތަށް އެރިއެވެ. ޒީވާ ކޯޓުގައި ހިފުމުން ހަމަޖެހިލަން ވަގުތުކޮޅެއް ދިނުމަށްފަހު ރިއާން ލަސްލަހުން ކާރު ދުއްވައިލީ ޒީވާގެ ބޮލަށް އެނބުރުން އަރާފާނެކަމަށް ވިސްނައިގެން އިނދެއެވެ.

ގާތްގަނޑަށް ދިހަ ވަރަކަށް މިނެޓަށްފަހު ރިއާން އޭނާ ދިރިއުޅެމުންދާ އެޕަރޓްމެންޓް ކޮމްޕްލެކްސްގެ ތިރީގައިވާ ޖާގައިގައި ކާރު ޕާކްކޮށްލިއެވެ. އަދި ކާރު ނިއްވާލުމަށްފަހު ޑްރައިވަރ ސީޓުން ފައިބައިގެން އައިސް ޒީވާ އިން ފަރާތުގެ ދޮރު ހުޅުވައިދިނެވެ. ބޮލަށް ބަރުވެފައި ހުރުމުން ކާރުން ފޭބި ވަގުތު ޒީވާ އަރި އަޅައިލިނަމަވެސް ރިއާން ހުޝިޔާރުކަމާއެކު ޒީވާގެ ކޮނޑުގައި ހިފެހެއްޓިއެވެ.

"އެކަނި ހިނގޭނެތަ؟ ލިފްޓް ކުޑަކޮށް ދުރުވާނެ" އެރޭ ފުރަތަމަ ފަހަރަށް ޒީވާއަށް ރިއާންގެ އަޑު އިވުނެވެ. ރިއާންއަށް ޖަވާބު ދިނުމުގެ ގޮތުން ޒީވާ ބޯޖަހައިލިއެވެ. އަދި ގައިގައި އޮޅައިލެވިފައިވާ ރިއާންގެ ކޯޓުގައި ބާރަށް ހިފަހައްޓައިލަމުން ރިއާންގެ ފަހަތުން ހިނގައިގަތެވެ. އޭނާއެކޭ އެއްފަދައިން ރިއާންއަކީވެސް މިޒާޖުގައި ބަސްމަދު މީހެއްކަން އޭނާ ދަނެއެވެ. ނަމަވެސް ހިނގައިދިޔަ ކަންތަކަށްފަހު ކާރުގައި ވޭތުވެދިޔަ ވަގުތުކޮޅުގައި އެންމެ ފަހަރަކުނަމަވެސް ރިއާން އޭނާގެ ހާލު އަހާލާނެ ނަމައޭ ޒީވާގެ ހިތަށް އަރަމުންދިޔައެވެ. ރިއާންގެ އަމަލުތަކުން އޭނާއާ މެދު ބެހެއްޓި އޯގާތެރިކަން ފެނުނަސް އެ ދުލުން އޯގާތެރި ބަސްތަކެއް އިވުމަށް ޒީވާއަށް އުއްމީދު ކުރެވުނެވެ.

ނުވަވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއެކު ރިއާން އައިސް ކީ ކާޑު ޖައްސައިލަމުން އެޕާޓްމެންޓް ހުޅުވައިލިއެވެ. އަދި ޒީވާ ވަނުމަށް ތަންދެއްކިއެވެ. ޒީވާގެ ފަހަތުން އޭނާވެސް ވަދެ އެޕާރޓްމެންޓް ދޮރު ލައްޕައިލިއެވެ. އަދި ދޮރާއި ޖެހިގެން ފާރުގައި ހަރުކުުރެވިފައި ހުރި ރިމޯޓު ނަގައި ސީލިންގުގައި ހަރުކުރެވިފައިވާ ޒަމާނީ ޗާންދެލިޔާ ދިއްލައިލިއެވެ. ތަނަށް ވެރިވެގެންދިޔަ ގަދަ އަލީގެ ސަބަބުން ރިއާންއަށް އުނދަގޫވިއެވެ. އެ އެޕާރޓްމެންޓް ގަތީއްސުރެވެސް މިހާ އަލިކުރި ދުވަހެއް އޭނާގެ ހަނދާނަކަށް ނާދެއެވެ. ނަމަވެސް ޒީވާ ގަނެފައިވާ ބިރު ފިލުވާލުމަށްޓަކައި އެ އެޕާރޓްމެންޓް ފުރެންދެން އުއްބައްތި ޖަހަން ޖެހިއްޖެނަމަ އެކަންވެސް ކުރަން އޭނާހުރީ ތައްޔާރަށޭ ހުދު އޭނާއަށްވެސް ހީވާކަހަލައެވެ. އެ ހީވުންތަކަށް ދޭނެ ރައްދަކާމެދު ވިސްނޭ ވަރަށްވުރެ އޭނާގެ ސިކުނޑި އޭރުވަނީ އެހެން ކަމެއްގައި މަސްއޫލުވެފައެވެ. އާނއެކެވެ. އެ ރީތި އެޕާރޓްމެންޓްގެ ފުރިހަމަ ކަމާމެދު އާޝޯހުވެފައިހުރި ޒީވާގެ މޫނުމަތީގައިވި ހިނިތުންވުން ތަސްވީރު ކުރުމުގައެވެ. އެތަނުގެ ސީލިންގާއި ފަރުނީޗަރު ތަކުން ފަށައިގެން ގޮސް ބަހައްޓައިފައިވާ ކުދި ކުދި އެއްޗެެއްސަށްވެސް ޒީވާ ނަޒަރު ހިންގަމުންދިޔައެވެ. އެންމެ ފަހުން ޓީވީ ހަރުކުރެވިފައިވާ ފާރާ ދިމާލުން ތަންކޮޅެއް މަތީގައި ހަރުކޮށްފައިވާ ހަރުތަކާ ހިސާބަށް ކޮރައިލަމުން ހިނިތުންވެފައިހުރެ އޭގައި ބަހައްޓާފައި ހުރި ފޮތްތަކުގައި އަތްބީއްސައިލިއެވެ. ރިއާންގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ވާނީވެސް އެހެންތާއެވެ. ޒީވާގެ މޫނުމަތީގައިވާ އުޖާލާކަން ފެނިއްޖެ މީހަކު އެއީ ދާދި ކުޑަ އިރުކޮޅެއްކުރިން ބިރުން ހޭހުއްޓިގެން ރިއާންގެ އަތްމައްޗަށް ވެއްޓުނު ކުއްޖާއޭވެސް ނުބުނާނެއެވެ.

"ރިއާން ފޮތް ކިޔަންތަ؟ އަހަރެން ހިއެއް ނުކުރަން ރިއާންތީ ފޮތް ކިޔާ މީހެއް ކަމަކަށް." ޒީވާގެ އަޑު އިވުމާއެކު ރިއާންއަށް އޭނާގެ ހިޔާލުތަކުން ދުރުވެވުނެވެ. ބުނީ ކީކޭކަން ނޭނގުނު ނަމަވެސް ޒީވާގެ ވާހަކައަށް ބޯޖަހައިލަމުން އޭނާ ބެލްކަންޏަށް ނުކުތެވެ. އަދި ވާރޭގެ ސަބަބުން ތެމިފައިވާ ބޫޓާއި އިސްޓާކީން ބޭލިއެވެ.

"ދޮންބެ ގުޅީތަ ރިއާންއަށް މިރޭ. އަހަރެން ހިއެއްނުކުރަން އަސްލު އެހެންވާނެކަމަކަށް. ސޮރީ. އެނގޭ މިތާ މަޑުކުރީމަ ރިއާންއަށް އުނދަގޫ ވާނެކަން." ޒީވާ ދެެއްކި ވާހަކައަށް ރައްދު ދިނުމުގެ ބަދަލުގައި ރިއާން ބެލްކަނިން ނުކުމެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަދި އޭނާއާއެކު އައުމަށް ޒީވާއަށް އިޝާރާތްކުރިއެވެ. ޒީވާ އެ ބޮޑު ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. ކޮޓަރީގެ ފާރުތަކުގައި އަޅިކުލައިގެ ރީތި ފަރުމާއެއްގެ ވޯލްޕޭޕަރު ހަރުކުރެވިފައިވާއިރު ކަޅާއި ރަންކުލައިން ފަރުމާކުރެވިފައިވާ ކިންގް ސައިޒްގެ ބޮޑު އެނދާއި، އެނދުގެ ހުރަހަށްވާހެން ކަނާތް ފަރާތަށްހުރި ފާރު އެއްކޮށް ފޮރުވޭހެން ސީލިންގާ ހަމައަށް ޖަހައިފައިވާ ކަޅުކުލައިގެ އަލާމާރީގެ އިތުރުން ވަކި ބިތެއްގައި ނުޖެހޭގޮތަށް އެނދާއި ދެތިން ފޫޓު ދުރުގައި ބެހެއްޓިފައިވާ ރަންކުލައިގެ ޗެއިސްލާންޖް ސޯފާއިން ކޮޓަރީގެ ހައިބަތު އިތުރު ކޮށްދެއެވެ. ނަމަވެސް ޒީވާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ޗެެއިސްލޯންޖްގެ އަރިމައްޗަށް ވާގޮތަށްހުރި ފާރުގައި ހަރުކޮށްފައިވާ ރަންކުލައިގެ ބޯޑަރުއެޅި އިސްކޮޅަށްވުރެ ދިގު އެހާމެ ފުޅާ ލޯގަނޑެވެ. ޒީވާއަށް ހިންދިރުވައިލެވުނެވެ. ތަނުގެ ސިޓިންގްރޫމުން ފެނުނު ފުރިހަމަކީ މި ކޮޓަރީގެ ފުރިހަމަކަމާއި އަޅާބަލާއިރު ޒައްރެއްގެ މިންވަރުތާއޭ ޒީވާގެ ހިތަށް އެރިއެވެ. އެކޮޓަރީގެ ކޮންމެ ކަނަކުންވެސް ޒީވާއަށް ރިއާންގެ ވަރުގަދަ ހައިބަތާއި ޝަހްސިއްޔަތު ފެންނަމުންދާ ކަހަލައެވެ.

"އެންމެ ކޮޓަރިއެއް ބޭނުން ކުރާތީ އަނެއް ކޮޓަރި ފަހަރެއްގާ ހިރަފުސް ވެދާނެ. އެހެންވީމަ މިރޭ މިތަނުގަ މަޑުކޮށްލާ. އަހަރެން ބޭރުގެ އޮވެލާނަން. އެންޑް ގުގުރިޔަސް ހާސްވާނެކަމެއް ނެތް. ދޮރުގަ ޖަހާ ޓަކި ފިޔަވައި މިކޮޓަރިން ބޭރުގެ އެއްވެސް އަޑެއް އެތެރެއަކަށް އަދި އެތެރޭގެ އެއްވެސް އަޑެއް ބޭރަކަށް ނީވޭނެ. އިޓްސް ސައުންޑްޕްރޫފް ސޯ މޭކް ޔޯސެލްފް ކޮމްފޮޓަބަލް" ރިއާން ޒީވާގެ ސަމާލުކަން ހޯދިއެވެ. އަދި އަލަމާރީގެ ދޮރުފަތް ކަހައިލުމަށްފަހު ޓީޝާޓަކާއި ސޯޓެއް ނެގިއެވެ. އެ ތަކެތި ނަގާދިނީ ޒީވާއަށްހެން ހީވި ނަމަވެސް ދެން ފެނުނީ ރިއާން އިތުރު އެއްޗެއް ނުބުނެ އެ ހިފައިގެން ކޮޓަރިން ނުކުތްތަނެވެ.

"ދެން ކޮންކަހަލަ މީހެއްތަ؟ އަހަރެން ލާނެ އެއްޗެއްވެސް ދޭން ނޭނގުނުތަ؟" ފޫހިގޮތަކަށް ތުން އަނބުރައިލި ޒީވާ އޭނާގެ ގައިގައި އޮޅާލެވިފައިވާ ރިއާންގެ ކޯޓު ގަޔާ ވަކިކޮށްލަމުން އަތުގެ ތެރޭގައި ބޮނޑިކޮށްލިއެވެ. އަދި މަޑުމަޑުން ހިނގައިފައިގޮސް އެނދުގެ ވައަތްފަރާތުގައިވާ ބިއްލޫރި ފާރު އެއްކޮށް ފޮރުވޭހެން އަޅުވައިފައިވާ ދޮރުފޮތިތަށް ކަހައިލިއެވެ.

އެ ބިއްލޫރިގަނޑުގައި ހަރުލައިފައިވާ ފެންތިކިތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނަގެ ސިކުނޑީގައި މަންޒަރާގުޅޭ މަޑުރާގެއް ކުޅެވެމުން ދިޔަ ކަހަލައެވެ. ބޭއިޙްތިޔާރުގައި އަތުގައި އޮތް ރިއާންގެ ކޯޓުގެ ގެނެސް ނޭފަތުގައި ޖައްސައިލިއެވެ. ހިތްފުރިގެން ބަންޑުންވާފަދަ މީރުވަހެއް ނޭފަތުގައި ހަރުލުމާއެކު އޭނާ ދެލޯ މަރައިލަމުން ހިނިތުންވެލިއެވެ. އެވަގުތު ވެގެންދިޔައީ ފޯނުގެ ޗާޖަރު ހޯދުމަށްޓަކައި ރިއާންއަށް ކޮޓަރީގެ ދޮރު ހުޅުވައިލެވުނު ވަގުތަށެވެ. ނަމަވެސް ޒީވާގެ ފަރާތުން ފެނުނު މަންޒަރުގެ ސަބަބުން ރިއާންގެ ހަރަކާތްތަށް ގަނޑުވެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބަނޑުގައި ކޮކާ އުދުހޭހެންވެސް ހީވާންފެށިއެވެ. އަވަސްއަވަހަށް ދޮރު ލައްޕައިލުމަށްފަހު ހަލުވި ފިޔަވަޅުތަކެެއްގައި ގޮސް ސިޓިންގްރޫމްގެ މެދުގައި ހުއްޓިލިއެވެ. ފާއިތުވެދިޔަ ގަޑިއެއްހާއިރު ތެރޭގައި ހިނގައިދިޔަ ކަންތައްތަކާއި ބީރައްޓެހި އިހުސާސްތަށް އޭނާގެ ސިކުނޑީގެ މަސްލަހަތު ނަގައިލައިފައި ވިއެވެ. ހިޔާލަށް އަންނަމުންދިޔައީ އެ ބޯވާރޭގެ ތެރެއިން ޒީވާ ފުރަތަމަ ފެނިލުމާއެކު ލިބުނު ހަމަޖެހުމާއި، ޒީވާގެ ހަބަރުހުސްވެފައި އޮތް ހަށިގަނޑު އެ އަތުތެރޭގައި ވީއިރު ލިބުނު ހިތްނުތަނަވަސްކަމެވެ. ފެނުގެ ސަބަބުން ތުނިވެފައިވި ފޭރާމުގެ ތެރެއިން ޒީވާގެ ހަށިގަނޑުގެ ވަނާތައް ފެނުނު ވަގުތު ހިނދުކޮޅަކަށް ނަމަވެސް އެނާގެ ހިއްސުތައް ހަމަބުއްދިން ކައްސާލިގޮތެވެ. އޭނާއަކީ ރާހިލްއެއްނޫނެވެ. އޭނާގެ ހިއްސުތަކާ ކުޅުމަކީ ކޮންމެ އަންހެންކުއްޖަކަށް އެހާ ފަސޭހަކަމެއްނޫންކަން ހުދު އޭނާއަށްވެސް އެނގެއެވެ. ވަކިން ހާއްސަކޮށް ޒީވާގެ ހާލަތުވެސް އެހާ ނާޒުކުވެފައިވި ދަނޑިވަޅެއްގައި ސިކުނޑިއަށް ވެރިވެގެންދިޔަ ވަސްވާހުގެ ސަބަބުން އޭނާއަށް ދިޔައީ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުންނެވެ. އެކަންތައްތައް ސިކުނޑިން ނުފިލައިގެން އުޅެނިކޮށް ޒީވާ އޭނާގެ ކޯޓުން ވަސްބަލާލައިގެން ހުރި ގޮތާއި އޭރު އެމޫނުގައިވި މައުސޫމު ހިނިތުންވުން ސިފަވެ ކުރުވި އިހުސާސާއި ވަހުމުތަކުން އޭނާގެ ބޯ ހާސްވަމުން ދިޔައެވެ.

"ކީއްވެ އެހެން ވާންވީ؟ ޒީވާ އަދިވެސް… ނޫނޭ ރިއާން ކުށްހީ ނުކުރޭ. މިހާރު އޭގެ ފަހުން ކިތަށް އަހަރު ފާއިތުވެއްޖެ؟ އެވާނީ ޒީވާއަށް ސެންޓުގެ ވަސްމީރު ވީކަމަށް. ޔޫ ހޭވް ގްރޭޓް ޓޭސްޓް އިން ޕާރފިއުމް." ރިއާންގެ ސިކުނޑި އޭނާގެ އަމިއްލަ ޒަމީރާ ވާހަކަ ދައްކަމުންދިޔައެވެ. ތެތްވެފައިވާ ގަމީސް ގަޔާ ވަކިކޮށްލަމުން އޭނާ ސޯފާގައި އިށީނެވެ. އަދި ސައިލެންޓް މޯޑުގައި އޮތް ފޯނަށަ އަންނަމުން ދިޔަ ކޯލަށް ޖަވާބުދިނެވެ.

"ޓު ހެ* ވިތް ޔޫ އެންޑް ދަ ސިޗުއޭޝަންސް ޔޫ ގެޓް މީ އިން ރާހިލް." ފޯނު ނެގުމާއެކު ސުކުންތެއްވެސް ލަސްނުކޮށް ރިއާން ބުންޏެވެ.

"ކޮބާ ޒީއާ ދިމާވެއްޖެތަ؟ ޒީ އޯކޭތަ؟" ރިއާންގެ ބަސްތަކަށް ފަރުވާލެއްނުދީ ރާހިލް އަހައިލިއެވެ.

"އާނ މިވަގުތަށް އޯކޭ.. ބަޓް ރިއަލީ ރާހިލް؟ ގުގުރާއިރު ޒީ ހާސްވާކަން އެނގިހުރެ ކީއްވެ ދައްތަމެން ތިގޭ ޑްރައިވަރ ނުލާ ޒީވާ ހުޅުމާލެ ފޮނުވީ؟ އަދި އެވެސް މިހާ ދަންވީމަ. އަހަރެން ކުޑަކޮށް ލަސްވިނަމަ ޒީވާ އޮންނާނީ ފެންގަނޑުތެރޭގަ. އަނބުރައިގަނެފަ." ރިއާންއަށް އެ މަންޒަރު ސިފަވުމާއެކު ރުޅިއާދެވުނެވެ.

"އަހަންނަކަށްވެސް ނޭނގެއޭ ޒީ މިދުވަސްކޮޅު އެކަނި ދިޔަ ސަބަބެއް. އެހެންނޫނަސް ޒީ ދިޔައީ އެހާ ދަންކޮށްފަހެނެއް ހިއެއްނުވޭ. ދެން ހަމަޖެހިބަލަ. ޒީ އެހާ ކަންތައްބޮޑެއް ނުވާނޭ. އިޝްކޮނަމަތާ ރިއާންއަށް އުނދަގު ވާނީވެސް. ޒީ އަކީ އަހަރުމެން ތިންބެއިންގެ ތެރެއިންވެސް އެންމެ ބަސްއަހާ އަންސްޕޮއިލްޑް އެންޑް ޑްރާމާބައި ކުޑަ މީހާ." ރާހިލް ހިސާބަކަށް ހަމަޖެހިފައި ބުނެލިއެވެ.

"އޮފްކޯސް ހައް! ރާހިލް! އައި ވޯޒް އޮން މައި ނީޒް އިން ދެޓް ޑިސްގަސްޓިންގް މަޑް އިން އަ ފްރީކިން ސޫޓް. އަހަރެންމިއީ މިހާރު ކޮން މަގާމެއްގަހުރި ކާކުކަން ރާހިލްއަށް ވަރަށް ރަނގަޅަށް އެނގޭނެ! މީހަކަށް ފެނުނުނަމަ މާދަމާ ހަބަރުގަ އޮންނާނެ ސުރުހީ ވިސްނާލެވޭތަ؟" ރިއާންގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ރާހިލްއަށް އެކަން ވީ މަޖާ ކަމަކަށެވެ.

މާގިނައިރު ރިއާންއާ ވާހަކަ ދައްކަން އިނުމުގެ ބަދަލުގައި ރާހިލް ނިދަން ދިޔުމަށްޓަކައި ފޯނު ކަނޑައިލިއެވެ. ލެޕްޓޮޕް އެނދުމަތީގައި ބޭއްވުމަށްފަހު ފާހަނައަށް ވަނުމަށްއެޅި ފިޔަވަޅާއެކު ކުއްލިއަކަށް ކަމެއް ހަނދާންވިފަދައިން ރާހިލް ދުއްވައިގަތެވެ. އޭނާގޮސް ހުއްޓުނީ ޝައިނާގެ ކޮޓަރީގެ ފާހަނަ ކައިރީގައެވެ. ޝައިނާ އެތަނުގައި ތަޅުލިތާ މިހާރު ދެ ގަޑިއިރު ވަނީއެވެ. ރާހިލް ދެފަހަރަކަށް ޝައިނާގެ ނަމުން ގޮވާލުމުންވެސް ޝައިނާގެ ހަބަރެއް ނުވިއެވެ. އިތުރަށް ވަގުުތު ބޭކާރު ނުކޮށް ފާހަނައިގެ ބޮކި ނިއްވާލުމަށްފަހު އޭނާ ތަންޑު ނައްޓައިލީ ޝައިނާ ހުރެދާނެ ހާލަތަކަށް ވިސްނައިލަމުންނެވެ. އިންޗިއެއްހާތަން ކުޑަކޮށް ހުޅުވުމަށްފަހު އިތުރަށް ދޮރު ކުރިއަކަށް ނުދިއައެވެ. އޭނާއަށް ޝައިނާ އިނީ ދޮރުގައި ލެގިގެންކަން އެނގި ދުރަށް ޖެހުމަށް ގޮވައިލިއެވެ. ނަމަވެސް ޖަވާބެެއް ނުލިބުނެވެ. އިތުރަށް ދޮރު ހުޅުވާލުމުން ފާހަނައިގެ ތެރެއަށް އެއްޗެއް ވެއްޓުން ކަހަލަ އަޑެއް އިވި ރާހިލް ދޮރު ކޮށްޕާލުމަށްފަހު ފާހަނައިގެ ތެރެއަށް ވަނެވެ.

"ސިރިއަސްލީ މި އަންހެންވެރިންގެ ހޭނެތުންވެސް ހުންނަނީ ބެސްޓްފްރެންޑާ ސިންކް ވެފަތަ؟" ހޭހުސްވެފައި ބިންމަތީގައި އޮތް ޝައިނާގާތަށް ތިރިވެލަމުން ރާހިލްއަށް ބުނެވުނެވެ. ނަމަވެސް އޭނާގެ އަޑުގައި ސަމާސާގެ އަސަރެއް ނެތެވެ. ހާސްވެފައިހުރެ ޝައިނާއަށް ގޮވައިލުމަށްފަހު އަވަހަށް ވިންދު ބަލައިލިއެވެ. އަދި ބޮލަށް ކުރާނެ އަސަރު ވީހާވެސް ކުޑަވާނެހެން ޝައިނާ އުފުލާލައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ. ފާރުގައިޖެހި ޝައިނާގެ ނިއްކުރިން ފަޅައިގެން ގޮސްފައިވާތަން އޭނާއަށް ފެނުނީ އަދި ކިރިޔާއެވެ. އެތަނުގައި ތާޒާ ލޭގެ އަސަރު ފެންނަން ހުރުމާއެކު އެއީ އޭނާ ދޮރު ކޮށްޕައިލި ވަގުތު ލިބުން އަނިޔާއެއްކަން ރާހިލަށް ޔަގީންވިއެވެ. އެފަހަރު އޭނާއަށް އެ އިވުން އަޑަކީ އެއީތާއެވެ. ޝައިނާގެ ނިއްކުރި ފާރުގައި ޖެހުނު އަޑުތާއެވެ.

ރާހިލް ކޮޓަރި ތެރެއިން އޭނާއަށް އެންމެ އަވަހަށް އަތުޖެހުނު ހެދުން ކުޑަކޮށް ތެންމާލުމަށްފަހު އައިސް ޝައިނާގެ ނިއްކުރީގައި ޖައްސައި ހިފަހައްޓައިލިއެވެ. އަދި މޫނުގައި ފެން ހާކަން ފެށިއެވެ. އެކަމުން ކާމިޔާބެއް ނުފެނުނެވެ. ޝައިނާ ހޭއަރުވަން ހަދާނެ އިތުރު ގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ. ކުޑަމިނުން އެރަށުގައި ހުންނަ ހޮސްޕިޓަލުގެ ނަންބަރުވެސް އޭނާއަށް އެނގެނީކީ ނޫނެވެ. އޭނާއަކީ ދުވަހަކު މިފަދަ ކަމަކަށް އުއްމީދު ކޮށްގެންވެސް ހުރި މީހެއް ނޫނެވެ. އޭނާގެ ވިސްނުމަށް އައި އެންމެ ރަނގަޅު ހިޔާލަކީ ޒީވާއަށް ގުޅުމެވެ. ޒީވާއަކީ ނަރުހަކަށްވީތީ އޭނާ ދެން ހަދަންވާގޮތެއް ޒީވާއަށް އެނގޭނެ ކަމުގައި ނިންމިއެވެ. ނަމަވެސް އޭނާގެ މަސައްކަތްވީ ނާކާމިޔާބެވެ. ޒީވާގެ ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ. ޝަައިނާގެ ހަށިގަނޑުގައި ހަރަކާތެއްނެތި ފާއިތުވަމުންދާ ކޮންމެ ސުކުންތެއް އަދި ކޮންމެ މިނެޓަކާއެކު ރާހިލްއަށް ގޮތްހުސްވަމުންދިޔައެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި އުފަންވެގަތެވެ. އޭގެ ސަބަބުން ހިތުގެ ތެޅުން އާދަޔާ ހިލާފަށް އަވަސްވެ ވަށައިގެންވާ ދުނިޔެވެސް ހުއްޓެންދާ ކަހަލަ އިހުސާސެއް ކުރެވުނެވެ.

"އަޅޭ ޝައިނާ ހެޔޮނުވާނެ ހޭލަބަ. އަހަރެންނާ ދިމާލަށް ދެލޯ އަޅަންވިޔަސް ތި ރީތި ދެލޯ ހުޅުވާލަބަ. ގްލެއަރ އެޓް މީ… ގިވް މީ ދެޓް ޑެތް ސްޓެއާ.. ޖަސްޓް އެނީތިންގް ޕްލީޒް" ރާހިލް ފޯނު ހިފަހައްޓާލައިގެން ހުރި އަތް ނޫން އަނެއް އަތުން ޝައިނާގެ އަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ކިޔަމުން ދިޔައެވެ.

"ގޯޑް ޑެމިޓް ޒީ ފޯނު ނަގާބަލަ." ރާހިލް އަމިއްލަ ނަފްސަށް ހަމަޖެހުމަށް ބާރު އަޅަމުން ޒީވާއަށް ގުޅަމުންދިޔައެވެ. ވިއްސަކަށް ކޯލަށްފަހު ޒީވާ ފޯނު ނުނަގާނެކަން އެނގިހުރެ ފަހުންކުރި ކޯލު ކަނޑައިލިއެވެ. އަދި އެކުގައި އުޅޭ ނިހާމަށް ގުޅައިލީ ހޮސްޕިޓަލުގެ ނަންބަރު ހޯދުމަށެވެ. ދެފަހަރެެއްގެ މަތިން އޭނާ ކުރި މަސައްކަތުން ނިހާމްއަށް ގުޅުނެވެ. ރާހިލް ކުރުގޮތަކަށް ވެގެންއުޅޭގޮތް ކިޔައިދިނެވެ.

"އޭ އޯކޭ އެބަ ފޮނުވާލަން ނަންބަރު. ބަލާބަ އެއްޗެއްގެ ވަސް ޖައްސައިގެން އޯކޭ ވޭތޯ. މަގޭ މަންމަ އަނބުރައި ގަތީމަވެސް އަހަރުމެން ހަދަނީ އެހެން." ނިހާމް ބުންޏެވެ.

"ތޭންކްސް މޭން." ރާހިލް ވަގުތު ބޭކާރު ނުކޮށް ފޯނު ކަނޑައިލުމަށް ފަހު ޑްރެސިންގް ޓޭބަލްގައި ހުރި ސެންޓުފުޅި ނަގައި އަމިއްލަ އަތަށް ޖަހައިލިއެވެ. އަދި ޝައިނާގެ ނޭފަތާ ކައިރިކޮށްލިއެވެ.

"ގޯޑް ޑޭމްން މީ ޝައިނާ އައިމް ސޯ ސޮރީ. ހެޔޮނުވާނެ ދެން ހޭލަބަލަ" ރާހިލް ބުންޏެވެ. ފާއިތުވަމުންދާ ކޮންމެ ސުކުންތަކާއެކު އޭނާގެ ހާސްކަން އިތުރުވެ ހިތް އަވަސްވަމުން ދިޔައެވެ. ނިހާމް ފޮނުވި ނަންބަރަށް ގުޅަމުންވެސް އޭނާ ހުއްޓުމެއްނެތި ޝައިނާއަށް ގޮވަމުން ދިޔައެވެ. އޭނާގެ ދެލޯ ފުސްވެ މަޑު ދިލައެއް ނަގަން ފެށިއެވެ.

"ވޭކް އަޕް ޝައިނާ! ވޭކް އަޕް!" ކެތްތެރިކަން ކުޑަވެފައިވާ ހާލު އޭނާއަށް ޝައިނާގެ ހަށިގަނޑުގައި ހިފައި ތަޅުވައިގަތެވެ. އެއާއެކު ޝައިނާ މަޑުމަޑުން ލޯ ތަގުޅިކޮށްލިތަން ރާހިލްއަށް ފެނުނެވެ. އަދި އުނދަގުލާއެކު ނަމަވެސް ދެލޯ ހުޅުވައިލިއެވެ. ރާހިލްއަށް ހިނދުކޮޅަކަށް ގަނޑުވެފައި ހުރެވުނީއެވެ. ނަމަވެސް ސްޕީކަރަށް ލައިފައިވާ ފޯނުން، ހޮސްޕިޓަލުން ޖަވާބުދިން ކުއްޖާ ސަލާމްގޮވައިލި އަޑު އިވުމާއެކު ރާހިލްއަށް ވާނުވާ ރޭކައިލިއެވެ. ފޯނު ކަނޑައިލުމަށްފަހު އެނދުގައި އުޅަނބޮށި ޖައްސައިލަމުން ތެދުވަން މަސައްކަތް ކުރި ޝައިނާގެ ގައިގައި އޮޅުލައިގަނެވުނެވެ. އެއީ ރާހިލްގެ އަމިއްލަ އިހްތިޔާރުން ބޭރުގައި ހިނގިކަމެއް ކަމުގައިވިޔަސް އޭނާގެ އަވަސްވެފައިވާ ހިތަށް އެކަމުން ހަމަޖެހުމެއް ލިބި ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ އެ ހުރިހާކަމެއް ހިނގައިދިޔައިރު އޭނާ ނޭވާލާންވެސް ހަނދާން ނެތިފައިވިހެންނެވެ.

"އަލްހަމްދުލިއްﷲ. އަހަރެން ހާދަ ކަންބޮޑުވިޔޭ. ޝައިނާ ޕްލީޒް. އައިމް ސޯ ސޮރީ އަހަން-" ރާހިލްގެ ވާހަކަ މެދުކެނޑުނީ ޝައިނާ ނޭފަތް ދަމާލިއަޑަށެވެ. އޭރު ޝައިނާއަށް ދިޔައީ ރޮވެމުންނެވެ.

"ލުކް އައިމް ސޯ ސޮރީ ޝައިނާ. އަހަރެން ދިޔައީ ލައިޓްވެސް އޮން ކޮށްފަ. އަހަރެން އެއްވެސް ވަރަކަށް ހިތަކަށް ނާރާ ޝައިނާއަށް މިހެން ވެދާނެ ކަމަކަށް" ރާހިލް ހާސްވެފައިވާ އަޑަކުން ބުންޏެވެ. އެހެން ބުނުމާއެކުހެން ކުއްލިއަކަށް ޝައިނާ އެނާގެ ދެއަތުގައި ހުރި ބާރެއްލުމަށްފަހު ރާހިލް ދުރަށް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައި އިން ރާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ. އެގޮތަށް އޭނާ ކޮށްޕާލުމުގެ ހައްގު ޝައިނާއަށް އޮތްކަން ފުރިހަމައަށް ގަބޫލު ކުރެވުނަސް އެކަމުގެ ސަބަބުން އޭނާގެ ހިތަށް އުނދަގުވިއެވެ.

"ޝައިނާ ޕްލީޒް" ރާހިލް ކުރިއަށް ޖެހެން މަސައްކަތްކުރުމުން ޝައިނާ އަތް ދަމައިލައި ދުރުގަ ހުރުމަށް އިޝާރާތްކުރިއެވެ. އެއަށްފަހު އެނދުގެ އެއްފަރާތެއްގައި ހުރި ސައިޑްކަބަޑުގެ މަތީގައި ހުރި ފެންފުޅިއާއި ކަބަޑުގެ ތެރެއިން ދެތިން ބޭސްކާޑެއް ނެގުމަށްފަހު އެއިން ކޮންމެ އެއްޗަކުން ގުޅައެއް ނަގައި ކައިލިއެވެ. ރާހިލްގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދުނެވެ. އެހެނެއްކަމަކު އެއިން އެންމެ ސުވާލެއްވެސް އޭނާގެ ދުލާހަމައަކަށް ނުގެނެވުނެވެ. މިފަހުން ޝައިނާގެ ފަރާތުން އެހާ ސަމާލުކަން ލިބުމަށްފަހު ޝައިނާގެ ފަރާތުން ފެންނަމުންދާ މަޑުމޮޅިކަމާއި އެދެމެދަށް ވެރިވެފައިވާ ހިމޭންކަމުގެ ސަބަބުން ރާހިލްއަށް އުނދަގު ވަމުންދިޔައެވެ.

"އައިމް ސޮރީ ޑަރލިންގް… ސްކްރީމް އެޓް މީ.. ޔެލް އެޓް މީ.. އިންސަލްޓް މީ އިފް ޔޫ ވޯންޓް. ބަޓް ޑޯންޓް ކިލްމީ ވިތް ދެޓް ސައިލަންސް." ރާހިލް އަނެއްކާވެސް ކައިރިވެލަމުން ޝައިނާގެ މޫނާ ދިމާލަށް އަތްހިއްލައިލިއެވެ. ނަމަވެސް ޝައިނާ މޫނު އަނބުރާލަމުން ދުރުކޮށްލިއެވެ.

"އަހަންނަށް ކަމެއް ކޮއްދެންޏާ ރާހިލް މިތަނުން ދޭ." ޝައިނާ ހަރުކަށިކަމާއެކު ބުންޏެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާހިލް ބޯ ޖަހައިލިއެވެ. ސަމާސާ ވިހަވެެއްޖެކަން އޭނާއަށް އެނގުނެވެ. އަދި އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އޭނާގެ ސަބަބުން ޝައިނާއަށް ގެއްލުމެއްވާން އުޅުނުކަމުގެ ހިޔާލުން އެ ހިތުގައި ނޭނގޭ ރިހުމެއް އުފެދިފައިވިއެވެ. ހިތްވަރުކޮށްފައި ނިދަންކުރި މަސައްކަތް ބޭކާރުވުމާއެކު ރާހިލްއަށް އައި ރުޅީގައި ކައިރީގައި އޮތް ބާލީސް ނަގައި ކޮޓަރީގެ ފާރާ ދިމާލަށް ހޫރައިލެވުނެވެ.

***********

ރާހިލެކޭ އެއްފަދައިން އެރޭ ރިއާންގެ ލޮލާވެސް ނިދި ވަނީ ބީރައްޓެހި އެއްޗަކަށް ވެފައެވެ. ނިދި އަންނަކަހަލަ ޕްރޮގްރާމެއް ހޯދުމަށްޓަކައި އޭނާ ތެދުވެ ޓީވީ ހުޅުވާލިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ނުތަވަސްކަމަކީ އަރާމު އެނދު ދޫކޮށްލުމަށްފަހު ސޯފާގައި އޮންނަން ޖެހުމުންވާ އުނދަގުލެއްކަން އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ. އެހެނެއްކަމަކު އެ ބީރައްޓެހި އިހުސާސްތައް ހިތުގައި އުތުރިގެންދާ ކޮންމެ ފަހަރަކު އޭނާއަށް ބަލައިލެވެނީ ޒީވާ ނިދާފައި އޮތް ކޮޓަރިއާ ދިމާއަށެވެ. އެންމެފަހުން މޭޒުމަތީގައި ބާއްވައިފައި އޮތް ސިނގިރޭޓުފޮށިން ސިނގިރޭޓެއް ނަގައި އެ ރޯކޮށްލަމުން އެނާ ބެލްކަންޏަށް ނުކުތެވެ. އޭރުވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުން ދިޔައެވެ. ފަޒާގެ ތެރޭގައިވާ ތެތްފިނި ވައިރޯޅީގެ އަސަރު އޭނާގެ ހާމަވެފައިވާ މޭމައްޗަށްކުރުމާއެކު ރިއާންގެ ގައިގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ. އެހެނަސް އެފިންޏަށް ދޫދިނުމަށްފަހު އެތެރެއަށް ވަނުމުގެ ބަދަލުގައި ރިއާން އޭނާގެ އަތުގައި އޮތް ސިނގިރޭޓު ހުލިކުރަމުންދިޔައީ ޒީވާގެ ތަސްވީރު ސިކުނޑިން ފޮހެލުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަށް ހުރަސްއެޅުނީ ފަހަތުން ދޮރެއްގެ ތަޅު ހުޅުވުނު އަޑަށެވެ. އަވަސް ހަރަކާތަކާއެކު މުށުގެ ތެރެއަށް ސިނގިރޭޓް ނިއްވާލުމަށްފަހު ރިއާން ފަހަތަށް އެނބުރުނެވެ. ކޮލެޖް ދުވަސްވަރުގައި އޭނާ އާންމުކޮށް ލައި އުޅުނު ގަދަނޫކުލައިގެ ސްވެޓާރގައި ޒީވާ ފެނުމާއެކު ރިއާންއަށް ކަޅިޖަހައިނުލައި ބަލަހައްޓައިގެން ހުރެވުނެވެ. އެއީ ހުދު ރިއާންއަށްވެސް ދޫ ސްވެޓަރެއްކަމުން ސްވެޓަރގެ ދިގުމިން ހުރީ ޒީވާގެ ފަލަމަސްގަނޑާ ހިސާބަށެވެ. ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލަން ބޭނުންވިޔަސް ރިއާންގެ ނަޒަރު ޒީވާގެ ހާމަވެފައިވާ ފައިން ދުރުކޮށެއްނުލެވުނެވެ. ޒީވާގެ ސަބަބުން އޭނާއަށް މި ކުރާ އަސަރުތަކަކީ އޭނާ އެއްވެސް ވަރަކަށް ގަޔާވާ އަސަރު ތަކެއްނޫނޭ އޭނާގެ ހިތަށްއެރިއެވެ.

"ޔުނީފޯމް ތެމިފަ އޮތީމަ. އަލަމާރިން މީތި ނެގުނީ. ސޮރީ."ޒީވާ ލައިގެންހުރި ސްވެޓަރުގައި ހިފައި ތިރިއަށް ދަމައިލަމުން ބުންޏެވެ. ނަމަވެސް ރިއާންއަށް އެ އަޑު ނީވޭ ކަހަލައެވެ. ރިއާންގެ ދެލޯ އޭނާއާ އަމާޒުވެފައިވާކަން އެނގި ޒީވާގެ ހިތްއަވަސްވިއެވެ. އޭނާ އިސްޖަހައިލަމުން ބުންޏެވެ. "އަހަރެން ހީކުރީ ރިއާން ނިދީ ކަމަށް. އެހެންވެ ނުކުތީ. ކީއްވެ ނުނިދާ ތިއުޅެނީ؟"

"ސޯފާ އުނދަގޫވީމަ." ރިއާން އޭނާގެ އަމިއްލަ ސިކުނޑިއަށް ދައްކަމުންދިޔަ ބަހަނާ ޒީވާއަށްވެސް ދެއްކުނުކަން ރޭކައިލީ ޖަވާބު ދެވުނު ފަހުންނެވެ. އެއީ ކިހާ މޮޔަކަމެއް ކަންވެސް އެނގުނީ އެހިސާބުންނެވެ. މިހާރުދެން ޒީވާ ހީކުރަނީ ޒީވާ އެގޭގައި ހުރީތީ އޭނާއަށް އުނދަގޫވަނީ ކަމަށެވެ. ރިއާންއަށް އަމިއްލަ މޮޔަކަމާމެދު ވިސްނައިލެވުނެވެ.

"އަހަރެން އޮވެދާނަން ބޭރު ނޫނީ ކޮޓަރީގެ ސޯފާގަވެސް. މިއިން ސޯފާއެއް އަހަރެންނަކަށް ކުޑައެއްނުވާނެ." ޒީވާ ބުންޏެވެ. ރިއާން ދިން ޖަވާބުގެ ގޮތުން ޒީވާ ބުނާނީ އެހެންކަން ރިއާންއަށް މާކުރިންވެސް އެނގެއެވެ. އޭނާއަކީ އެވަރު ނުވިސްނޭ ކުޑަކުއްޖެއް ނޫނެވެ. އިތުރަށް ވާހަކަ ދައްކައިފިނަމަ އަނެއްކާވެސް ހަމަނުޖެހޭ އެއްޗެއް ބުނެވިދާނެކަމަށް އޭނާ ހިމޭންކަން ޚިޔާރުކުރިއެވެ.

"ނޫނީ އެނދު ޝެއަރވެސް ކުރެވިދާނެ. ދެމީހުނަށް އޮވެވޭހާ ޖާގަ އެބަ އޮތެއްނު." ޒީވާ އިސްޖަހާލައިގެންހުރެ ބުންޏެވެ.

ޒީވާގެ މައުސޫމުކަމާމެދު ރިއާންއަށް ހިނިތުންވެލެވުނެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައި ގޮސް ޒީވާގެ ކުރިމަތީގައި ހުއްޓިލިއެވެ.

"އަހަންނަށް އެނގޭ މީ ވަރަށް ވިއަޑް ސިޗުއޭޝަނެއްކަން. ވަކިން ހާއްސަކޮށް އެއިޓް އިޔަރޒް ކުރިން ވެދިޔަ ކަންތައްގަނޑަށްފަހު… އެކަމަކު ރިއާން އަހަރެންނާ ވާހަކަ ނުދައްކަންޏާ ހައްތަހާ ވިއަޑްވާނި. މިހާރު އަހަރުމެންވެސް ބަދަލުވެއްޖެ. ފީލިންގްސް ވެސް ބަދަލްވެއްޖެ. ރިއާން އެނދުގަ އޮތަކަސް އަހަންނަށް އުނދަގުލެއް ނުވާ–"

"ޝްޝްޝް. ގޯ ޓު ސްލީޕް" ރިއާން ޒީވާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަމުން ވާހަކަ މެދުކަނޑައިލިއެވެ. ޒީވާ މާ އަނގަގަދަވާން ފަށައިފިނަމަ ގޯހެއް ހެދިދާނޭ ރިއާންއަށް ހީވީ ކަހަލައެވެ.

"ރިއާން އޮފީހަށްވެސް ދާން ޖެހޭނެއްނު. ރަނގަޅަށް ނިދަން ވާނެއެއްނު" ޒީވާ އިސްއުފުލައިލަމުން ރައްދުދިނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ރިއާންގެ ގައިގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރި ކަހަލައެވެ. އަނދިރީގެ ތެރެއިން ފާޅުވާންހުރި ޒީވާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ކާރުތެރޭގައި އޭނާއަށް ފެނުނު ޒީވާގެ ތަސްވީރު ސިކުނޑިން ފޮހެވިގެން ނުުދާ ތަނުގައި އެތޫފާނީ ރޭގެ ސަބަބުން މާހައުލުގައި ހިފައިފައިވާ ފިނިކަން އޭނާގެ ހިއްސުތައް ހޭލައްވަމުންދިޔައެވެ. ހިތުގެ ގޮވައިލުން ދޮގުކުރެވުނު ނަމަވެސް ހަށިގަނޑުގެ އެދުން އޭނާއަށް ދޮގު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟

ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭހާލު އޭނާ އިތުރަށް ދެމީހުންގެ ދެމެދުގައިވާ ޖާގަ ހަނިކޮށްލިއެވެ. އޭރު އެކެއް އަނެކެއްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތަށް އެ ދެމީހުންނަށް ވަނީ ކައިރިވެވިފައެވެ. ރިއާން ޒީވާގެ ހުޅިން ނެއްޓިގެން ފައިބައިފައިވާ އިސްތަށިތަށް ކަންފަތުގައި އަޅުވައިލިއެވެ. އަދި މަޑުމަޑުން ޒީވާގެ ކޯތާފަތުގައި އަތްބީއްސައިލިއެވެ. އެ ބީހިލުމާއެކު ޒީވާގެ ދެލޯ މެރިގެންދިޔަ ގޮތްފެނި ރިއާންއަށް ހީވީ އެއީ އޭނާއަށް ލިބުނު ދައުވަތެއްހެންނެވެ. ޒީވާގެ ހިތުގައި އޭނާއަށްޓަކައިވާ އިހުސާސްތައް އޭނާއަށް އެނގެއެވެ. އިންފަހަނައަޅައި ދެވޭއިރުވެސް ޒީވާ އޭނާގެ އަމަލުތަށް ހުއްޓުވާނެކަމާމެދު ރިއާންއަށް ޝައްކެވެ. ނަމަވެސް މިފަދަ ރެއެއްގައި ޒީވާ އޭނާގެ ހިމާޔަތުގެ ދަށުގައި ވަނިކޮށް ޒީވާގެ ފައިދާ ނަގާކަށް އޭނާގެ ޟަމީރު ހަމަހިލާ އެއްބަހެއްނުވިއެވެ. އެކަމަށްޓަކައި އޭނާ ދިޔައީ ކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްތެރިވަމުންނެވެ.

"ޔޫ އަރ ރައިޓް ޒީވް." ރިއާންގެ އަޑަށް ޒީވާއަށް ލޯ ހުޅުވައިލެވުނެވެ. ރިއާން އެ ބުނި އެއްޗެއް އަދި އެ މޫނުން ފެންނަމުންދާ އަސަރެއް ދޭހަ ކުރާކަށް ޒީވާއަކަށް ނޭނގުނެވެ. އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ވަނިކޮށް އަނެއްކާވެސް ރިއާން ވާހަކަ ދެއްކިއެވެ.

"ފީލިންގްސް ހޭވް ޗޭންޖްޑް.. ވީ.. ހޭވް ޗޭންޖްޑް. އަހަރުމެންނަކީ ކުޑަކުދިންނެއް ނޫން. ޔޫ އަރ އަ ވެރީ ކޮމްޕްލީޓް ވުމަން…" ރިއާން ޒީވާގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. "އެންޑް އައިމް އަ ހޮޓް ބްލަޑަޑް މޭން." ޒީވާއާ ހަތަރުކަޅި ހަމަކޮށްލަމުން ރިއާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ދެޓްސް ވައި.. ވީ ކާންޓް ޝެއަރ ދަ ބެޑް ޒީވް. އެންޑް ދެޓްސް ވައި އައި އޭމް އެކްސްޕެކްޓިންގް ޔޫ ޓު އަންޑަރސްޓޭންޑް ދިސް އެންޑް ގޯ ބެކް ޓު ޔޯ ރޫމް." ރިއާންގެ އަޑުގައިވާ އަސަރުން ޒީވާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެބުނި އެއްޗެއްގެ މާނަ ނަގައިގަނެވުމާއެކު ލަދުންގޮސް އޭނާގެ މޫނަށް ޖަންބުކުލަ ވެރިވިއެވެ. އިތުރަށް މަޑުކުރަން ނުހަދައި ރިއާން އެދުނުގޮތަށް ދުވެލާފައިގޮސް އޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ޒީވާ ދިއުމާއެކު ރިއާންއަށް ފުންނޭވާއެެއް ދޫކޮށްލެވުނެވެ. ޖީބަށް ޖަހާލެވިފައިވާ އަތުގެ ތެރެއަށް ނިއްވާލި ސިނގިރޭޓު ރޯކޮށްލަމުން އަނެއްކާވެސް ބެލްކަންޏަށް ނުކުތެވެ. "ގޯޝް ރާހިލް އައި ހޭޓް ޔޫ" ސިނގިރޭޓުގެ ދުންތަކާއެކު ރިއާންގެ އަނގައިން އެ ލަފްޒުތައް ބޭރުކޮށްލެވުނެވެ. މިއީ ހުސް ރާހިލްއާހެދި އޭނާއަށް ޖެހޭހާ ކަންކަމެވެ.

ރިއާންއަށް އާހެނދުނަކަށް ހޭލެވުނީ ކޮފީގެ މީރުވަސް ނޭފަތުގައި ޖެހުމުންނެވެ. އިރުކޮޅެއް ވަންދެން މޫނުގައި ބާލީސް އަޅައިގެން އޮތުމަށްފަހު ކުޑަކުޑަކޮށް ދެލޯ ހުޅުވައިލަމުން އޭނާ އެބާލީސް ނެގިއެވެ. ސޯފާގެ ކައިރީގައި އިށީނދެލައިގެން އިން ޒީވާފެނި އޭނާއަށް މަޑުމަޑުން ރޭގެ މަންޒަރުތައް ސިފަވާން ފެށިއެވެ. ޒީވާއާ ދެއްކުނު ވާހަކަތަކަކީ ކިހާ ގޮތެއްފޮތެއްނެތް ވާހަކަތަކެއްކަން ހަނދާންވުމާއެކު ފުންމައިގެންތެދުވެ ސޯފާގައި އިށީނދެވުނެވެ. އޭނާއަށް ނިދުނީވެސް ފަތިސްވާން އުޅެނިކޮށް ކަމަށްވާތީ އޭރުވެސް ދެލޮލުގައި ނިދީގެ އަސަރު ހުއްޓެވެ.

"ކޮފީ؟" ޒީވާ އަތުގައި ހުރި ކޮފީމަގު ދިއްކޮށްލަމުން ބުންޏެވެ. ރިއާން އެ ތަށީގައި ހިފަން އަތްދިއްކޮށްލިއެވެ. ނަމަވެސް އޭނާއަށް އޭގައި ހިފުމުގެ ކުރިން ޒީވާ އެ ތަށި ދުރުކޮށްލިއެވެ. "ފުރަތަމަ ބްރެކްފަސްޓް!" ޒީވާ އިންތަނުން ކޮޅަށް ތެދުވަމުން ބުންޏެވެ. ކުރިމަތީގައި ހުރި ކޮފީމޭޒު މަތީގައި ބަހައްޓާފައިހުރި ޓްރޭގައި ހެނދުނުގެ ނާސްތާ އަތުރާފައި ހުރިތަން ރިއާންއަށް ފެނުނީ އަދި ކިރިޔާއެވެ. ޕާނާއި ޖޭމް އަދި ބިސްގަނޑެއްގެ އިތުރުން ފޮތިކޮށް ކޮށާފައިވާ ދޮންކެޔޮވަކަކާއި އާފަލެއް ތަބަކުގައި އަތުރާފައި ވިއެވެ.

"ޒީވް ކޮންމެހެން މިކަން ކުރާކަށް ނުޖެހޭނެ." ރިއާން ބުނެލިއެވެ.

"ސާބަސް. ތިއީ ރިއާންއަށް ޝުކުރު އަދާކުރުމުގެ ގޮތުން އަހަރެން ކޮށްދިން ކަމެކޭ. ތީ އަހަންނަށް ފްރިޖުން ފެނުން އެއްޗަކީ. ކޮފީ މެޝިން ފެނުނީމަ އޭރުވެސް ހިތަށްއެރި ރިއާންތީ ހޭލާގޮތަށް ކޮފީބޯ މީހެކޭ. އެކަމަކު ކީއްކުރާނީ. އަހަރެން މަސައްކަތްކުރަނީ ސިއްހީ ދާއިރާގަ. ދުޅަހެޔޮގޮތް އޮއްވާ އެހާ ކަންފަސޭހަ އާދައަކަށް އަހަރެން ހިތްވަރެއް ނުދޭނެދޯ.. ސޯ ކޮފީ ލިބޭނީ ބްރެކްފާސްޓް ނިންމާފަ." ޒީވާގެ ވާހަކައިވި ވީފޫއްސާއި އައި ރުޅިން ރިއާނަށް މޫނުގައި އަތް އުނގުޅައިލެވުނެވެ. އޭނާއަކީ ހެނދުނު ހޭލާއިރު އާދަޔާހިލާފު ރުޅިއެއް އަންނަ މީހެއްކަމަށްވިޔަސް އޭނާގެ އެ ސިފަ ޒީވާއަށް ދައްކަން އޭނާ ބޭނުންނުވީއެވެ. ފާރުގައި ހަރުކުރެވިފައިވާ ގަޑިން އޭރު ހެނދުނު ނުވައެއް ޖަހައިފިކަށް އަންގަމުން ދިޔައެވެ. އެއީ ރިއާން އާންމުކޮށް ހޭލާ ގަޑިތަކަށްވުރެ ލަސް ގަޑިއެކެވެ. ހިތްހަމަނުޖެހިފައި އިނދެ ފައިދޮށުގައި އޮތް ޓީޝާޓުނަގައި ބޮލަށް މަހައިލަމުން ކައިރީގައި އޮތް އޫ ނަގައި އާފަލުފޮއްޗަކަށް ހަރައިލިއެވެ. ޒީވާއަށް ބަލައިލިއިރު އެހާ ހެނދުނާވެސް ޒީވާ ހުރީ ރޭގައި ލައިގެންހުރި ޔުނީފޯމަށް ބަދަލުކޮށް ގެއަށްދާން ތައްޔާރު ވެގެންކަން އޭނައަށް އެނގުނެވެ. ރިއާން ނާސްތާ ކުރުން އަވަސްކޮށްލިއެވެ. އޭނާއަކީ އާންމުކޮށް ދަތްނޫނގުޅާ ކާ މީހެއްވެސްނޫނެވެ. އެކަންވެސް ހަނދާން ނައްތާލައި ނާސްތާ ނިންމައިލުމަށްފަހު ކޮފީތަށި ދޭށޭ ބުނާފަދަ ގޮތަކަށް ޒީވާއާ ދިމާލަށް އަތްދިއްކޮށްލިއެވެ. ނަމަވެސް ކޮފީތަށި ތުނބުގައި ޖައްސައިލުމަށްފަހު އޭގައި ލީ ރަހައަކުން ކުއްލިއަކަށް ދުރުކޮށްލެވުނެވެ.

"މެޝިން ހުއްޓަކަސް އެއާ ކުޅެން ނޭނގެންޏާ އަހަރެންނަކަށް ކޮފީއެއް ނުގިރޭނެއްނު. އެހެންނޫނަސް އަހަންނަކަށް ނޭނގެ ރިއާން ބޯ ގޮތެއް. އެހެންވެ އަހަރެން ބޯ ގޮތަށް ގިރީ. ކޮފީ ޕްލަސް ގެރިކިރު." ޒީވާ އޭނާގެ ކޮލުގައިވާ އަޑިކޮޅުތަށް ފެންނަހާ ބޮޑަށް ހިނިތުންވެލައިގެން އިނދެ ބުންޏެވެ. ރިއާން ކުރެވުންހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރައިލުމެވެ. ކޮފީއަށް ގެރިކިރު އަޅައިގެން ބޮއެ އުޅެނީ ކޮން ގަބީލާއެއްގެ ކޮން ވަންހައެއްގެ ބައެއްބާއޭ އޭނާގެހިތަށް އެރިއެވެ. ނަމަވެސް ޒީވާގެ އެ ލޯބި ހިނިތުންވުން ފެންނަ މީހަކަށް ޒީވާދެކެ ރުޅިއާދެވޭނީ ކިހިނެތްހެއްޔެވެ؟ ރިއާން އެއްނޭވާއިން ކޮފީތަށި ހުސްކޮށްލުމަށްފަހު ޒީވާ ގާތު މަޑުކުރުމަށްބުނެ ކޮޓަރިއަށް ދިޔައެވެ.

ރިއާން ސައިބުއި ތަށިތައް ދޮވެ ނިންމައިލުމަށްފަހު ޒީވާ އައިސް ސޯފާގައި އިށީނދެއިނެވެ. އޭނާގެ ނަޒަރު އިރު އިރުކޮޅާ ކޮޓަރީގެ ދޮރަށް ހުއްޓެމުންދިޔައެވެ. ބައި ގަޑިއެއްހާއިރު ފަހުން ރިއާން ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި އަޅި ކުލައިގެ ސޯޓެެއްގައިހުރެ ނުކުމެގެން އައިތަން ފެނުނެވެ. ފެނުގެ ތާޒާ އަސަރު ހަރުލާފައިވާ އިސްތަށިތައް އަތްފުނާ އަޅަމުން އައިސް ސޯފާ ކައިރީގައި ހުރި މޭޒުގައި ބާއްވައިފައި އޮތް އަތުކުރީ ގަޑި އަޅައިލިއެވެ. އެމަަންޒަރު ބަލަން ޒީވާއަށް އާގަމަވެފައި ހުރެވުނީއެވެ. ރިއާންއަށް އެކަންވީ މަޖާ ކަމަކަށެވެ. އޭނާ އެއްމިޔަކަނިން ހިނިތުންވެލިއެވެ. ގަސްތުގައި ކަރުކެހިލަމުން ޒީވާ ގާތު ދާން ބުނުމާއެކު ޒީވާ ތުންއަނބުރައިލަމުން ރިއާންގެ ފަހަތުން ހިނގައިގަތެވެ. ފިސާރި ފޮނިވެސް ފިރިހެނެއްތާއެވެ.

ރިއާން ކާރު ހިފައިގެން އަންނަންދެން ޒީވާ ދުވާރުމަތީގައި މަޑުކޮށްލިއެވެ. އިރުކޮޅަކުން ކުރިމައްޗަށް ހުއްޓައިލި ކަޅުރަތްކުލައިގެ މޮޅު ސްޕޯރޓްސް ކާރު ފެނުމާއެކު ޒީވާއަށް އެއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެން ހުއްޓައި ކާރުގެ މަތިގަނޑު އުފުލިލައިފައި ގޮސް ކާރުގެ ފަހަތުގައި ބޭއްވުނެވެ. ޑްރައިވަރ ސީޓުގައި އިން ރިއާން ފެނުމާއެކު ޒީވާ އަވަސްއަވަހަށް ކާރަށް އެރިއެވެ.

"މީ ރޭގަ އައި ކާރެއް ނޫންދޯ. އަޅެ އޭގަ ވީ އަހަރެންގެ ފޯނާ ދަބަސްވެ-" ޒީވާގެ ވާހަކަ ފުރިހަމަވުމުގެ ކުރިން ރިއާން ޒީވާގެ ދަބަހާއި ފޯނު ދިއްކޮށްލިއެވެ.

"ދޮންބެގެ ސާޅީސް ހަތް މިސްޑް ކޯލް…" ފޯނު ބަލައިލުމާއެކު ޒީވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ އަވަހަށް އޭނާ ހުރީ ހެޔޮހާލުގައިކަން ރާހިލްއަށް މެސެޖްކޮށްލުމަށްފަހު ޗާޖު ނެތުމުން ފޯނު ދަބަސްތެރެއަށް ވައްޓައިލިއެވެ. "ރިއާން ކިތަށް ކާރު ދުއްވަންތަ؟" ކާރުގެ އެތަން މިތަނަށް ބަލަމުން ޒީވާ އަހައިލިއެވެ.

"އަދި ދޭއް. ރޭގަ އައީ އަހަރެން އާންމުކޮށް ދުއްވާ އުޅޭޭ ކާރުގަ. އިޓްސްއަ މެޓް ބްލެކް މަސްޓޭންގް. މި ކާރު އާންމުކޮށް ނެރެލަނީ ހުކުރު ދުވަހު ހެނދުނު. އެހާ ވަރަކަށް ނުދުއްވޭ." ރިއާން ގަޔާވެލައިފައި ބުންޏެވެ. ކާރެއްގެ ވާހަކައަކިއްޔާ ފޫހި ކަމެއްނެތި އޭނާއަށް ކިތަންމެ ވަރަކަށްވެސް ދެއްކިދާނެއެވެ.

"އަންނަ މަހުގަ އެބަ ގެންނަން އިތުރު ކާރެއް. މާލެ ކޮޅުގަ ބާއްވަން. އިޓްސް އަ…" ރިއާން ޝައުގުވެރިކާމާއެކު ވާހަކަ ދައްކަމުން ދިޔައިރު ޒީވާއަށް އިނދެވުނީ އެ މޫނުމަތީގައިވާ ހިނިތުންވުމަށް ގެއްލިފައެވެ. އެކި ވާހަކައިގައި ތިބެ ބައިގަޑިއެއްހާއިރު ފަހުން ޒީވާމެން އުޅޭ ގެ ހުންނަ މަގުގެ ކަންމައްޗަށް ކާރު ހުއްޓައިލިއެވެ.

"ރިއާން ނުފައިބާނަންތަ؟" ކާރުން ފޭބުމުގެ ކުރިން ޒީވާ ބުންޏެވެ.

"އެހެން ފަހަރަކުން ދޯ. މިވަގުތު ދާނީ އޮފީހަށް." ރިއާން ބުންޏެވެ.

"މަންމަ ވަރަށް ކިޔާ ރިއާން ނާންނަ ވާހަކަ." ޒީވާ ބުންޏެވެ. ރިއާން އިރުކޮޅަކު ވިސްނާލުމަށްފަހު ބޯ ޖަހައިލިއެވެ. މިއަދު ދިޔައިމަ މިކަންވެސް ނިމުނީތާއޭ އޭނާގެ ހިތަށް އެރިއެވެ. އެންމެ އަވަހަށް ލިބުނު ޖާގައިގައި ކާރު ބާއްވައިލުމަށްފަހު ޒީވާއާއެކު ހިނގައިގަތެވެ.

އެޕާރޓްމެންޓްގެ ބެލް އަޅައިލުމަށްފަހު ބޭރުގައި މަޑުކޮށްލައިގެން ހުރި ޒީވާއާއި ރިއާން އެކަކު އަނެކަކަށް ބަލައިއެވެ. އެއީ އެެމީހުންގެ އެތަކެއް ހަނދާނަކާއި ގުޅިފައިވާ ގެއެކެވެ.

އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލީ އިޝްވާއެވެ. އޭނާ އިރުކޮޅަކު ދެލޯބޮޑުކޮށްގެން ހުރެފައި ކުއްލިއަކަށް އަޑުކޮޅަށް ހަޅޭލަވައިގަންނަމުން އެތެރެއަށް ދުއްވައިގަތެވެ.

"ޕްލީޒް އެކްސްކިއުޒް މިގޭ ޑްރާމާކުއީން." ޒީވާ ކަޅި މައްޗަށް ހިންގައިލަމުން ގޭތެރެއަށްވަނެވެ. ރިއާންވެސް ސޯޓުގެ ޖީބަށް އަތް ޖަހައިލައިގެންހުރެ ޒީވާގެ ފަހަތުން ވަނެވެ. ނަމަވެސް ސޯފާގައި އިން މެދުއުމުރުގެ ފިރިހެން މީހާ ފެނުމާއެކު ޒީވާގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ބައްޕާ. ކޮން އިރަކުތޯ ދުރުވީ؟" އެ ސުވާލަށް ނާޝިދުގެ ޖަވާބެއް ނުލިބިގެން އުޅެނިކޮށް ޒީވާގެ އަޑަށް ބަދިގޭގައި ހުރި ވާފިޔާ އައިސް ޒީވާގެ ގައިގައި ބައްދައިލިއެވެ.

"ދަރިފުޅު ކޮންތާކުތަ އުޅުނީ؟ ފަތިހު ބައްޕަ އައި އިރުއްސުރެން މަންމަ ހާދަ ގުޅައިފީމޭ. މަންމަމެން ހީކުރީ ހެނދުނު ޑިއުޓީއަށް ދިޔަކަމަށް. އިޝީ ރޭގަ ނާދެޔޭ ބުނީމާ މަންމައަށް އެނގުނީ ދަރިފުޅު ނެތްކަން. ކޮންތާކު ރޭ ގުގުރިޖެހި އިރު އުޅުނީ؟؟" ވާފިޔާގެ އަޑުން އޭނާގެ ކަންބޮޑުވުން ފާޅުވާން ހުއްޓެވެ.

"މަންމާ. އަހަރެން މަގުމަތީގަ ހުރެފަ ދޮންބެއަށް ގުޅީމަ ދޮންބެ ރިއާން ފޮނުވީ. އަހަރެން އެ ގޭގައޭ ހުރީ." ޒީވާގެ ވާހަކަ އިވުމާއެކު އިޝްވާ ބޯންއިން ކޮފީފޮދު ކަރުގައި ތާށިވެ ކެއްސަން ފެށިއެވެ. ޒީވާ އިޝްވާއާ ދިމާލަށް ލޯ އަޅައިލިއެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވާހާލު ވާފިޔާ ފަހަތުގައިހުރި ރިއާންއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

"ރިއާން. ދަރިފުޅުވެސް އެބަހުރިންތަ؟ އާދޭ އަވަހަށް އިށީންނަން." ވާފިޔާއަށް ހިނިތުންވެލަމުން ރިއާން އައިސް ސޯފާގެ ވަކިން އިށީނދެވެން ހުރި ގޮނޑީގައި އިށީނެވެ.

"ނާޝިދަށް އެނގޭތަ މިސޮރު މިހާރު މިގެއަށް ނުވެސް އާދޭ. މާލެ އައިސް އުޅޭތާ އަހަރެއްވީއިރު ރަނގަޅެއްނު ގައިމު އެއްދުވަހު މިގެއަށް ވަދެލަން. ރާހިލް ނެތަކަސް ގައިމު ޒީވެސް މީ ކުޑައިރު ރިއާންއާ އެއްކޮށް އުޅެ ބޮޑުވި ކުއްޖެއް ވިއްޔާ." ވާފިޔާ ޝަކުވާކުރިއެވެ.

"ތަންކޮޮޅެއް ބިޒީވީމަ ދައްތާ" ރިއާން ބޯ ކަހައިލަމުން ބުންޏެވެ.

"އެ ތެދެކޭ ވާފިޔާ. އެއި ދެން މިހާރު ކުޑަކުދިންނެއް ނޫނެއްނު. ރިޔާޒް ބުންޏޭ ރިއާން ވިޔާފާރިއާ ހަވާލުވި ވާހަކަ. ކިހިނެއްތަ މިހާރު އެއްކަލަ ސަފާރީ ފްލީޓްގެ ކަންތައް އޮތީ؟" ނާޝިދު ރިއާންގާތު އެހިއެވެ.

"ބުނަން ވާހަކައެއް. މިގަޑީ ކޮންމެހެން ތި ވާހަކައެއް ދައްކާނެ ކަމެއް ނެތް. ރިއާން. ދަރިފުޅު މެންދުރު ކައިގެންނު ދާންވާނީ." ވާފިޔާ އެދެމީހުންގެ ވާހަކައަށް ހުރަސްއެޅިއެވެ.

"މަންމާ. ރިއާން އެހެރީ މިހާރުވެސް ދާން ލަސްވެފައޭ." ޒީވާ ސޯފާގައި އިން އިޝްވާގާތު އިށީންނަމުން ބުންޏެވެ.

"އެކަމަކުވެސް ހެވޭ. މަންމައަށް ޔަގީން އެގެއަށް ގޮސްފަ އައި އިރު ޝީރީންވެސް ދަރިފުޅަށް ސައިނުދީ ނުފޮނުވާނެކަން." ވާފިޔާ ބުންޏެވެ. ވާފިޔާގެ ހީކޮށްގެން އެ އުޅެނީ ޒީވާ ރިއާންގެ މަންމަމެންގެ ގޭގައި މަޑުކުރިކަމަށްކަން ރިއާންއަށް ނަގައިގަނެވުނެވެ. އެ ހީވުން އެގޮތަށް އޮތުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ބަލައި ރިއާން ޒީވާއަށް ބަލައިލަމުން ބޯ ހޫރައިލީ އެ ވާހަކަ ދޮގުނުކުރުމަށް އިޝާރާތް ކުރަމުންނެވެ. ނަމަވެސް ރިއާންގެ ހަރަކާތުން ޒީވާއަށް ހީވީ އެވާހަކަ އޮޅުން ފިލުވައިދޭން ބުނީކަމުގައެވެ.

"މަންމާ. އަހަރެން ދިޔައީ ޝީރީން ދައްތަމެން ގެއަކަށް ނޫނޭ. ރިއާން މިހާރު އުޅެނީ ވަކިންނޭ."

"ވަޓް؟؟؟" ޒީވާގެ ވާހަކަ އިވުމުން އިޝްވާއަށް ކުއްލިއަކަށް ބުނެވުނެވެ. ރައްދުގައި ޒީވާ އިޝްވާގެ ބަނޑުގައި އުޅަބޮށިން ޖަހައިލިއެވެ. ރިއާން އޭރު އިނީ ޒީވާގެ މޮޔަކަމާމެދު ވިސްނި ހަމަ ރަނގަޅަށްވެސް ބޯ ގޮވައިފައެވެ. ނަސީބު ދިމާކުރިގޮތުން ވާފިޔާއަށް އެއީ މާ ބޮޑު ކަމަކަށްނުވި ނަމަވެސް ނާޝިދު އޭނާއާ ބަދަލުކޮށްލި ނުރައްކާތެރި ނަޒަރު ރިއާންއަށް ފެނުނެވެ. ރިއާން ވިސްނީ ވީހާވެސް އަވަހަކަށް އެތަނުން ދިޔުމަށެވެ.

"ދައްތާ. އަޅުގަނޑު ގޮސްލީ އިނގޭ" ރިއާން ކޮޅަށް ތެދުވިއެވެ. އަދި ނާޝިދަށް ބޯ ޖަހައިލުމަށްފަހު ވާފިޔާގެ އިޒުނައާއެކު ދޮރުން ނުކުންނަން ހިނގައިގަތް ވަގުތު ފަހަތުން އިޝްވާ ގޮވައިލި އަޑު އިވުނެވެ.

"އިޝީ ޑްރޮޕް ކޮށްދީބާ ބާސްކެޓް ކޯޓަށް ޕްލީޒް ޕްލީޒް ތޭންކްސް." ރިއާންގެ ޖަވާބަކަށް މަޑުކުރުމެއްނެތި އިޝްވާ ދަބަސް ހިފައިގެން ރިއާންގެ ފުލުން އަޅުވައިލިއެވެ. އެއީ ހަމަ ރާހިލްގެވެސް ގޮތޭ ރިއާންގެ ހިތަށް އެރިއެވެ. މީހަކު ބުނާނެ އެއްޗަކަށް ބެލުމެއް ނޯންނާނެއެވެ. އެޕަރޓްމެންޓްގެ ދޮރުން ނުކުމެވުމާއެކު އިޝްވާ ކަރުކެހިލަމުން ރިއާންގެ އަތުގައި ޖެހިގަތެވެ. ރިއާން ބަލައިލިއިރު އިޝްވާހުރީ އަނގައިގެ ހުރިހާ ދަތެއް ފެންނަ ވަރަށް ހީގެން ރިއާންއަށް ބަލާށެވެ.

"ނޯ އިޝްކޮ. އުއްމީދުވެސް ކުރާނެ ކަމެއް ނެތް. ހަނދާން ނައްތާލާ!!" ރިއާންއަށް އިޝްވާގެ ހިތުގައި އޮތް އެއްޗެއް އެނގިހުރެ ބުންޏެވެ.

"ދެން އަޅެ ކޮބާތަ މައްސަލައަކީ… ދެންމެ އެތެރޭގަ ހުރި އިރުވެސް ތި ދެމީހުންނަށް އެތަނުން އެހެންބައެއް ނުވެސް ފެންނަކަހަލަ. އެހާވެސް ގެއްލިފަ. އައި ކުޑް ފީލް ދަ ޓެންޝަން ހަމަ. އިޝީވެސް މިހާރު އެހާ ކުޑައެއް ނޫނޭ.. އިޝީއަށްވެސް އެނގެޔޭ ވާނުވާ.." އިޝްވާ ބުންޏެވެ. ރިއާންގެ ހިޔާލު ދަތުރުކުރީ އެރޭ އޭނާއާއި ޒީވާގެ ދެމެދުގައި ހިނގައިދިޔަ ކުޑަ ހިނދުކޮޅަށެވެ. ޒީވާއެކޭ އެއްފަދައިން ރިއާންވެސް އެއީ ނުވާކަމެއް ކަމުގައި ނިންމައިގެން ހުއްޓަސް ޒީވާ ކޮޓަރިއަށް ނުވަތްނަމަ ރޭ އެދެމެދުގައި ހިނގާނެ ކަންތައްތަކުގެ ހިޔާލުތައް އޭނާގެ ސިކުނޑި ހިސާރުކޮށްފައިވިއެވެ.

"އޯކޭ. މަޑުން ހުރީމަވެސް އެނގިއްޖެ." ރިއާންގެ ފަރާތުން ރައްދެއް ނުލިބުމުން އިޝްވާ ބުންޏެވެ.

"ކޯއްޗެއްތަ؟ އިޝީ ޕްލީޒް ހުއްޓާލަބަ. ތި ދެން ކޮން ވާހަކައެއްތަ؟" ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.

"އަހަންނަކަށް ނުފެނޭ މައްސަލައެއް. ރިއާންބެއަށް ރަނގަޅަށް އެނގޭ ދޮންތި ލައިކްވާކަން. ރިއާންބެ ބުނާގޮތުން ރިއާންބެވެސް އެއްވެސް ކުއްޖެއްދެކެ ލައިކް އެއް ނުވޭ. ފުރުސަތެއް ދިނިއްޔާ ދޮންތިވެސް އުފާ ވާނެއްނު." އިޝްވާ ބުންޏެވެ.

"ތިކަހަަލަ ވާހަކަ ނުދައްކާ. ރާހިލްއަށް އެނގުނިއްޔާ ވަރަށް ހިތްހަމަ ނުޖެހޭނެ. އެހެންނޫނަސް އިޝްކޮއާ ޒީވްއާ އަހަރެންނަށް ވަކި ތަފާތެއްނޯންނާނެ. ޒީވްއަށްވެސް މިހާރު ވިސްނޭނެ. ކުރިންހެނެއް ނުވާނެ. މިހާރު ކޮންދުވަހެއް" ރިއާން ލިފްޓުން ނުކުންނަމުން ބުންޏެވެ.

"އެހެންވިއްޔާ ކީއްވެތަ ދޮންތި އަދިވެސް އޭގެ ފަހުން ރިލޭޝަން އަކަން ނުގޮސް އުޅެނީ؟ ދޮންބެއަކީ ތި ބުނާހާ ބޯހަރު މީހެއްނޫން. ދޮންބެވެސް ބޭނުންވާނެ ދޮންތި އުފަލުގަ ހުންނަން. ކޮންމެސް އެހެން ކަމަކާ ރިއާންބެ ބިރުގަންނަނީ. ހާދަ ފިނޑިއޭ ދޯ"

"އިޝްކޯ" އިޝްވާގެ ވާހަކައަށް ރައްދެއް ނުދެވިގެން އުޅެނިކޮށް މީހަކު ގޮވައިލި އަޑު ރިއާންއަށް އިވުނެވެ. އޭރު އުނަގަނޑާ ހިސާބަށް ދިގުކޮށްފައި އޮތް އިސްތަށިގަނޑެއްގެ ވެރި ފިރިހެނެއް އެމީހުނާ ދިމާލަށް އަންނަތަން ފެނެއެވެ. އެމީހާއަށް އިޝްވާ ނުފެންނާނެ ފަދައިން ރިއާން މަގަތަށް ޖެހިލިނަމަވެސް ކުއްލިއަކަށް އޭނާ އައިސް އިޝްވާގެ ކުރިމައްޗައް އެރިއެވެ.

"ދުރަށްދޭ!" އިޝްވާ އަޑަށް ބާރުލައިފައި ބުންޏެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!