Episode 69
ހިތް އެދޭހާ ކަމެއް.. (69 ވަނަބައި)
ރާހިލްގެ ވާހަކަ ނިމުމާއެކު އެ ޑްރައިވަރު އެއްފަހަރު ޝައިނާއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލުމަށްފަހު ކާރުދުއްވައިލިއެވެ. ފަހަތުގައި ތިބި ސައިކަލުތައްވެސް ކޮށްޓަކުން ދޫކޮށްލެވުނު ސޫފިތަކެއްފަދައިން އޭގެ ފަހަތުން ދުއްވައިލިއެވެ. އަނެއްކާވެސް ހަރަކާތްތެރި ތަނަކަށް ބަދަލުވެގެންދިޔަ އެ މަގުގައި ހަރަކާތެއް ކޮށްލަން ނޭނގިފައިހުރި ހަމައެކަނި މީހަކީ ޝައިނާއެވެ.
"އަމްމް އެކްސްކިއުޒް މި-" ރާހިލް އޭނާއަށް ގޮވައިލުމާއެކު ޝައިނާއަށް ލިބިފައިހުރި ޝޮކުން އަރައިގަނެވުނެވެ. އަދި ދުވެފައިގޮސް ކައިރީގައިހުރި އިމާރާތުން އެތެރެއަށްވަނެވެ. އޭނާ ހުރީ ހިނގައިދިޔަ ކަންތައްތައް ގަބޫލު ނުކުރެވިފައެވެ. އެހާ ގިނަދުވަހަށްފަހު ރާހިލްގެ އަޑު އިވުމުން ހިތަަށް ހަމަޖެހުމެއް ލިބުނު ނަމަވެސް ޖަޒުބާތުގައި ޖެހުނުވަރުން އޭނާގެ ދެލޯ ފެންކަޅިވަމުންދިޔައެވެ. އެ ޖަޒުބާތުތައް ސިއްރުކުރުމަށްޓަކައި ދަބަހުން ނެގި ޓިޝޫއަކަށް ދެލޮލުގައި ގިނަވެފައިވި ކަރުނަތައް ހިންދައިލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހުގޮސް އޮފީހަށްވަދެ ދުވަހުގެ މަސައްކަތާ ކުރިމަތިލިއެވެ.
******************
"މޭން! ޔޫ އަރ ސޯ ވެރީ ލޭޓް" ރާހިލް އަންނާނެ އިރެއްގެ އިންތިޒާރުގައި މީޓިންގްރޫމްގެ ބޭރުގައި ކުރުކާލި ކަނޑަމުންދިޔަ ލީވާންއަށް ލިފްޓުން ނުކުތް ރާހިލް ފެނި ކަންފަތުގައި ޖަހައިގެންހުރި ފޯނު ތިރިކޮށްލިއެވެ.
"އެނގެޔޭ.. އަންނަނިކޮށް ފާޑެއްގެ އަންހެނަކާ ޑްރައިވަރަކާ ދިމާވެގެން"
ރާހިލް އަވަސް ފިޔަވަޅުތަކެއްގައިގޮސް މީޓިންގްރޫމަށް ވަނުމުން ލީވާންވެސް ރާހިލް ދެއްކި ވާހަކައާއި އޭނާ ދެއްކި ވާހަކައިގައި ހުރި ގުޅުމެއް ނޭނގިފައިހުރެގޮސް މީޓިންގްރޫމަށްވަނެވެ. މީޓިންގް ކުރިއަށްދިޔައިރުވެސް ރާހިލްގެ ސިކުނޑިވަނީ އެހެން ދިމާލެއްގައިކަން ލީވާނަށް ފާހަގަކުރެވުނެވެ. ރާހިލްއާ ކުރެވޭ ކޮންމެ ސުވާލެއް ތަކުރާރުކުރަން ޖެހުމުންނާއެކު އޭނާ އިނީ މުޅިން އެހެން ވިސްނުމެއްގައިކަން އެތަނުގައި ތިބި އެންމެނަށްވެސް ކަށަވަރުވިއެވެ.
"އައި މީން.. ލެޓް އެލޯން އަ ތޭންކްޔޫ.. ޝީ ޑިޑްންޓް އިވަން ޓަރން އަރައުންޑް ޓު ލުކް އެޓް މީ. އޭމް އައި ރިއަލީ ދެޓް އަންޕްލެޒެންޓް" އަޅުވައިލައިފައިހުރި ޕްރެޒެންޓޭޝަންގެ މެދުތެރެއިން ހުރިހާ އެންމެންގެ މޫނުތައް ރާހިލްއާ ދިމާލަށް އެނބުރުނީ އޭނާ އެ ވަގުތާ މުޅިން ނުގުޅޭ ވާހަކައެއް ފެށުމުންނެވެ.
"ރާހިލް" ލީވާން ހިތްހަމަނުޖެހިފައި އިނދެ ދަތްކުނޑިވިކައިލަމުން ރާހިލްއަށް ގޮވައިލިއެވެ. އަދި އެހާމެ އަވަހަށް އެތަނުގައި ތިބި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީހުންނަށް ހިނިތުންވެލަމުން އޭނާ އިށީނދެއިން ގޮނޑިން ތެދުވިއެވެ.
"ޖެންޓްލްމެން… ލެޓް އަސް ޓޭކް ފައިވް؟" ލީވާން އެމީހުންނާ މުހާތަބުކޮށް ބުންޏެވެ. އަދި ރާހިލްގެ ކޮނޑުގައި ޖަހައިލުމަށްފަހު އޭނާއާއެކު މީޓިންގްރޫމުން ނުކުތުމަށް އިޝާރާތްކުރިއެވެ.
"ސީރިއަސްލީ މޭން؟ ވަޓް ދަ ހެލް ވޯޒް ދެޓް؟" ލީވާން ދަތްކުނޑިވިކައިލަމުން ރާހިލްގާތު އަހައިލިއެވެ.
"ކޯއްޗެއް؟" ރާހިލް ނޭނގޭކަމަށް ހެދުނެވެ.
"ތިއީ ރާހިލް ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެއްނު.. ކޮން އަންހެނެއްގެ ވާހަކަތަ ތި ދައްކަނީ؟ އެ އެންމެންގެ ކުރިމަތީގަ ކީކޭތަ ތި ކިޔަނީ؟ ޔޫ ނޯ އައި ޑޯންޓް ޕްލޭ ވިތް މައި ކްލަޔަންޓްސް ރާހިލް" ލީވާންގެ އަޑުންވެސް އޭނާ ހިތްހަމަނުޖެހިފައިވާ މިންވަރު ސާފުވެއެވެ.
"ކިޔާބަލަ.. ކިހިނެއްތަވީ؟" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ލީވާން ހަމަޖެހޭތޯ މަސައްކަތްކުރަމުން ބުންޏެވެ.
"ކަމެއްނުވޭ" ރާހިލް ނިކަން އަވަހަށް ޖަވާބުދިނެވެ.
"އައި ސްވެއަރ ރާހިލް އައި–"
"އޯކޭ އޯކޭ! ވީ ގޮތަކީ…" ރާހިލް ހަތިޔާރު ބަހައްޓަމުން ލީވާންއަށް ކަންތައް ހިނގައިދިޔަގޮތް ކިޔައިދިނެވެ. "ކޭން ޔޫ ބިލީވް އިޓް؟ އަހަރެންނަށް ޝުކުރު އަދާނުކުރިތާ ބަލާލާފަ ހިނިތުންވެލަން ރަނގަޅެއްނު" ރާހިލް ވާހަކަ ނިންމައިލަމުން ބުންޏެވެ.
"އެކަމަކުވާ ސާބަސް. ރާހިލް ކޮންއިރަކުތަ މާ ވަރަކަށް އަންހެންކުދިން ހިނިތުންވާތަން ބަލާހިތްވެގެން ތިއުޅެނީ؟ މޮޔަވީތަ؟" ލީވާން ދެފަރާތަށް ބޯ ހޫރައިލަމުން ބުންޏެވެ.
"ނޭނގެ. އެކަމަކު އޭނާ އަހަރެން އިގްނޯރ ކުރި ކުރުން އަހަރެންނަކަށް ކަމަކުނުދޭ… ނޭނގެ ބުނެދޭކަށް.. ފާޑެއްގެ އުނދަގުލެއްވަނީ.." ރާހިލް ބުމަ ގޮށްޖަހައިލައިގެންހުރެ ބުންޏެވެ.
"ހޫމް.. އެބަ އެނގެޔޭ ތި ވެގެން އުޅޭ ގޮތެއް. މާ ގިނަދުވަސްކޮށްފަ ފޫޓެއްހާ ގާތުން އަންހެނަކު ފެނުނީމަ ތިވާ އުނދަގުލެއް ތިވަނީ. ބުނަން.. ތިކަމަށް ހައްލެއް ހޯދިދާނެ. ފުރަތަމަ މީޓިންގް ނިންމޭތޯ ބަލަން ހިނގާ" ރާހިލްގެ ކޮނޑުގައި އަތްއަޅައި މީޓިންގްރޫމާ ދިމާލަށް ކޮށްޕައިލަމުން ލީވާން ބުންޏެވެ.
******************
ޝައިނާއާ ބައްދަލުކުރަންބުނި ދުވަސް އައިސް ބޯމަތިވިއިރު ޝައިނާ ދައްކަންއުޅޭ ވާހަކައަކާމެދު ވިސްނޭވަރުން އިޝްވާއަށް އިތުރު ކަމަކަށް ސަމާލުކަން ދެވޭވަރެއް ނުވެއެވެ. އެ ވާހަކައަކީ ރާހިލްއާ ގުޅުންހުރި ވާހަކައެއްކަމުގައި އޭނާގެ ހިތް ބުނަމުންދިޔައެވެ. ހިތުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން އެދުވަހު ދެތިން ފަހަރު ޔާނާގާތު ރާހިލްގެ އިތުރު ވާހަކައެއް ޝައިނާއަށް ކިޔައިދިނިންތޯ އަހައި ސުވާލު ކުރެވުނެވެ.
"ޔާނާ ބޭބީ.. ޔަގީންތަ؟ މަންމިގާތު ބޭބެގެ އެއްވެސް ވާހަކައެއް ނުބުނަންދޯ؟" ގެއަށް ގެންދިޔުމަށްޓަކައި ޔާނާގެ ދަބަހަށް ހުރިހާ އެއްޗެއް ހަމަކޮށް ނިންމައިލުމަށްފަހު އިޝްވާ މިފަހަރުވެސް އަހައިލިއެވެ. ޔާނާ އެހެން ކޮންމެ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ނޫނެކޭ ބުނުމަށްޓަކައި ބޯ ހޫރައިލިއެވެ.
"ޕްރޮމިސް އިޝީ އާންޓީ" ޔާނާއަށް އިޝްވާގެ މޫނުމަތީގައިވި ހާސްކަން ދެނެގަނެވުނީ ކަންނޭނގެއެވެ. ޔަގީންކަން ދޭ ފަދައަކުން ޔާނާ ހިނިތުންވެލިއެވެ.
"އޯކޭ. މިއަދު އިޝީ އާންޓީއާ އެއްކޮށް ދޯ ގެއަށް ދާނީ.. ޔާނާ ބަސްއެހީމަ އެބައޮތޭ ސަރޕްރައިޒެއް" އިޝްވާ ޔާނާ އުރާލައިގެންހުރެ ބޭރަށް ނުކުންނަން ހިނގައިގަތެވެ.
"މިއަދު އިޝީތަ ޔާނާ ގޮވައިގެންދަނީ؟" އެތަނަށް އައި ނަބްހާ އިޝްވާމެން ގާތަށް ހުއްޓިލަމުން ޔާނާގެ ކޮލުގައި ހިފައިލިއެވެ.
"ހްމްމް. މިއަދު ކްލާސް ނެތީމަ..ސިސް ބުނީ ޔާނާ ގޮވައިގެން އައިސްބަލާށޭ" އިޝްވާ ބުނެލިއެވެ.
"އެހެންތަ؟ ބާއީ ޔާނާ!" ޔާނާއަށް ހަނާ އަޅައިލަމުން ނަބްހާ ބުންޏެވެ.
"ބައި ނަބޫ ދައްތީ" ޔާނާވެސް ނަބްހާއަށް ހަނާ އަޅައިލުމަށްފަހު ނަބްހާއާ ދިމާލަށް "ފްލައިންގް ކިސް" އެއް ފޮނުވައިލިއެވެ. ޔާނާގެ އެ ހަރަކާތާއެކު ނަބްހާގެ އިތުރުން އިޝްވާއަށްވެސް ހެވުނެވެ.
"އަހަހަ. ޔޫ ހޭވް ދަ ކިއުޓެސްޓް ނީސް އެވަރ" ނަބްހާ ބުނެލިއެވެ.
"ދޯ.. މައި ބޭބީގަރލް. ދެން ދަނީ އެނގޭ ނަބޫ.. ސީ ޔޫ ޓުމޯރޯ" އިޝްވާ ސެންޓަރުގެ ދޮރުން ނުކުންނަމުން ގޮވައިލިއެވެ. އޭރު އެމީހުން ބަލާއައި ރާހިލްގެ ކާރު ސެންޓަރުގެ ދޮރުމައްޗަށް މަޑުކޮށްލަނީއެވެ. އިޝްވާއަށް އެމަންޒަރު ފެނުމާއެކު ނިކަން ހެވިފައިހުރެ ޔާނާއަށް އެ މަންޒަރު ދައްކައިލިއެވެ.
"ބަލަ.. ޔާނާގެ ސަރޕްރައިޒް އޯ އެ އައީ" އިޝްވާ ބުނެލިއެވެ.
"ކޮބާ؟" ޔާނާއަކަށް އިޝްވާ އެ ބުނި އެއްޗެއް ނޭނގުނެވެ. އެ ހަދިޔާއެއް ފެންނަން ނެތީތީ އެ މޫނުމަތިން ފާޅުވާން ހުރީ މާޔޫސްކަމެވެ.
"ހިނގާބަލަ އަޅެ. ސަރޕްރައިޒް.. މި ކޮން ކުއްޖެއް؟" ޔާނާ އުރައިލައިގެންހުރެ ކާރުގެ ކުރީ ސީޓަށް އަރަމުން އިޝްވާ ޑްރައިވަރު ސީޓުގައި އިން ރާހިލް ދައްކައިލިއެވެ.
"ޔޭއި. ޔާނާ ފޭވްރިޓް ބޭބެ" ޔާނާ ހީވީ އުފަލުންގޮސް ދެންމެ ދެންްމެ އިޝްވާގެ އަތުން ވީއްލިގަނެގެން ރާހިލްގެ ގައިގައި ބައްދައިލައިފާނެހެނެވެ. އެފަދަ ކަމަކަށް ވިސްނައިގެން އިން އިޝްވާ ޔާނާގެ ގައިގައި ބާރަށް ހިފެހެއްޓިއެވެ.
"އެންޑް މިއީ ބޭބެގެ ފޭވްރިޓް ޕްރިންސަސް.. މައި ޕްރިންސަސް ކޮންތާކަށް ދާނީ؟" ރާހިލް ޔާނާގެ ކޮލުގައި ކޮށްޓައިލަމުން އަހައިލިއެވެ.
"ކުޑަކޮށް ދުއްވާލާފަ ގެއަށް ދާނީ.. ޔާނާގެ މަންމިއަށް ލަސްވެދާނެ.. އިޝީގާތު ޔާނާ ގެނެސްދޭން ބުނީމަ ޔާނާ ގޮވައިގެން ހިނގާފަ ނުދާންވެގެން މިއަދު ދޮންބެއަށް މި ގުޅީވެސް" ރާހިލްގެ ސުވާލަށް ޖަވާބުދިނީ އިޝްވާއެވެ.
"އޯކޭ.. އައިސްކްރީމް ބޯލައިގެން ގެއަށް ދޯ ދާނީ" ރާހިލް ދެންވެސް ވާހަކަދެއްކީ ޔާނާއާއެވެ.
ޔާނާއާއެކު ކާރުގައި ހޭދަވި ވަގުތުގައި ރާހިލްގެ އިތުރުން އިޝްވާގެ މޫނުމަތިންވެސް ހިނިތުންވުން ފިލައިނުދެއެވެ. އެ ކުއްޖާގެ ކޮންމެ މައުސޫމު ވާހަކައަކުން އަދި ކޮންމެ ހަރަކާތަކުން އެމީހުންގެ މުނިފޫހިފިލައިދެއެވެ. ކާރުގައި ޖަހައިފައިވާ ލަވައިގެ ރާގާއި އެއްވަރަށް ބޯ ޖަހައި ނަށަމުން އަދި މަގުމަތިން ފެންނަ އެއްޗެއްސާމެދު ސުވާލު އުފައްދަމުންދިޔައިރު ހީވަނީ މުޅިން އާ ރަށަކަށް އާދެވިގެން އުޅުނުހެނެވެ. ޔާނާގެ ވާހަކަތައް ހުރިގޮތުން ރާހިލްއަށް ޔާނާމެން މާލެ އައިތާ މާ ގިނަދުވަހެއް ނުވާކަން ޔަގީންކުރެވުނެވެ.
"ބޭބެ ބަލާބަ އެހެރީ ޕޮލިސް ބޭބެއެއް. އެހެރީ.. ބޭބޭ ބޭބޭ އެއީ ކޯއްޗެއް؟" ޔާނާ އެމަގުން ދިޔަ ޕިކަޕަކަށް އިޝާރާތްކޮށް އަހައިލިއެވެ.
"އެއީ ޕިކަޕެއްނު.." ރާހިލް ފޫހިކަމެއްނެތި ޔާނާާާކުރާ ކޮންމެ ސުވާލަކަށް ޖަވާބުދެމުން ގެންދިޔައެވެ.
"އޯހް.. ޔާނާމެން އައިލެންޑްގަވެސް ހުރޭ ޕިކަޕެއް. ޔާނާމެން ރަށުގަ ހުރޭ ބިގް ހައުސްއެއް. ބިގް ގާރޑަންއެއްވެސް ހުރޭ" ޔާނާ ކިޔައިދެމުން ދިޔައެވެ.
"އެހެންތަ؟ މިއީ އައިލަންޑް ޕްރިންސަސްއެއްދޯ.. މާލެދެކެ ލައިކްއެއް ނުވޭތަ؟" ރާހިލް އަހައިލިއެވެ.
"މާލޭގަ ޔާނާގެ ހައުސްއެއްވެސް ނެތެއްނު. އާދިންމެން ހައުސްދެކެ ޔާނާ ލައިކްއެއް ނުވޭ. އާދިން ގޯސް. އާދިން އަބަދު ޔާނާގެ ޕެއިންޓިންގްސްތައް ހަލާކު ކޮށްލަނީ. ބަލާބަ އިޝީ އާންޓީ.. ބްލޫ ކުލައިގެ ލައިޓްއެއް ދިއްލާފަ" ޔާނާ ދައްކަމުންދިޔަ ވާހަކައިގެ މެދުތެރެއިން ވާހަކަ ބަދަލުކޮށްލަމުން މަގުމަތިން ފެނުނު ފިހާރައެއްގެ ނަންބޯޑު ރާހިލްއަށް ދައްކައިލިއެވެ.
"މި އާދެވުނީ އައިސްކްރީމް ޝޮޕްއަށް.." ރާހިލް މަގުގެ އެއްފަރާތުގައި ކާރު ބާއްވައިލަމުން ބުންޏެވެ.
"ޔޭއި. ދޭބަ ބޭބެއާ އެއްކޮށް އައިސްކްރީމް ގަނެގެން އަންނަން.. އިޝީ އާންޓީއަށް ޗޮކްލެޓް އިނގޭ!" ރާހިލްއާއެކު ޔާނާ ފޮނުވައިލަމުން އިޝްވާ ބުންޏެވެ. ރާހިލް ޔާނާ އުރައިލައިގެންހުރެ އައިސްކްރީމް ގަތުމަށް ހިނގައިގަތެވެ.
"މައި ލިޓްލް ޕްރިންސަސް ބޭނުމީ ކޮން ފްލޭވަރއެއް؟" ރާހިލް އަހައިލިއެވެ.
"ޔާނާއަށް ސްތޯބެރީ.. ބޭބޭ.. މަންމިއާ ދޮންބެއާ ދެކުދިންނަށް ވެނީލާ އައިސްކްރީމް" ޔާނާގެ ވާހަކަ އިވުމާއެކު ރާހިލް އިޝްވާއާއި ޔާނާއަށް ގަތް އައިސްކްރީމްގެ އިތުރުން އަދި ދެ އައިސްކްރީމް ގަނެގެން ފިހާރައިން ނުކުތުމަށް ހިނގައިގަތެވެ. ކާރަށް އެރުމަށްފަހު ކުރިންވެސް އިން ފަދައިން ޔާނާ އިޝްވާގެ އުނގުގައި ބޭންދުމަށްފަހު ކާރު ދުއްވައިލުމާއެކު ޔާނާ އަތުގައި އޮތް ކޮތަޅުން ނެގި ޗޮކްލެޓް އައިސްކްރީމްތަށި އިޝްވާއަށް ދިއްކޮށްލިއެވެ.
"ކާރުގަ ނުކާނެ. އައްޗި ވެދާނެ. ގޭގަ ދޯ ކާނީ؟" އިޝްވާ ބުންޏެވެ.
"މަންމިއާ އެއްކޮށް ކާނީ.." ޔާނާ ޖަވާބު ދިނެވެ.
"އިޓްސް ފައިން.. ޝީ ކޭން ހޭވް އިޓް ހިއަރ.." އެދެމެދުގައި ދެކެވިދިޔަ ވާހަކަތައް އަޑުއަހަން އިނުމަށްފަހު ރާހިލް ބުނެލި ޖުމްލަ އިޝްވާއަށް ގަބޫލުކުރަން ދަތިވިއެވެ. ރާހިލްއަކީ ކުރިން ދުވަހަކުވެސް އެކާރުގައި ކާއެއްޗެއް ކެއުން ކީއްކުރަން ހެއްޔެވެ؟ ކާއެެއްޗެއް އޭގައި އުފުލުމުގެ ހުއްދަވެސް ދީފައިވާ މީހެއްނޫނެވެ. ޔާނާގެ ސަބަބުން ރާހިލްގެ މިޒާޖަށް އަންނަމުންދާ ބަދަލުތަކާމެދު އިޝްވާ އިނީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ. މީގެ އަހަރުތަކެއް ކުރިން ގެއްލުނު އުފާވެރިކަމާއި ސަމާސާގޮތް ރާހިލްގެ މިޒާޖަށް އިއާދަވާން ފަށައިފި ކަހަލައެވެ. އެ ހުރިހާ ކަމެއް ލޯމަތިން ފާޅުވަމުން ދިޔައިރު ޔާނާގެ ހަގީގަތް ރާހިލްއަށް ސިއްރުކޮށްގެން ހިމޭނުން ހުންނާކަށް އިޝްވާއަކަށް ފަސޭހައެއް ނުވިއެވެ. އެ ވާހަކަތައް ރާހިލްއާ ދެއްކުން އޭނާއަށް މުހިއްމު ކަމަކަށްވިއެވެ.
"ޝީ ވިލް ހޭވް އިޓް ވިތް ހަރ މޯމް.. ދޮންބޭ.. އަހަރެން.. އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް" އިޝްވާ ނޭވާ ހިފަހައްޓައިލަމުން ބުންޏެވެ.
"ޔެސް؟" ރާހިލް އެ ވާހަކައަކާމެދު ސުވާލު އުފައްދާ ފަދައަކުން ބުންޏެވެ. އޭރުވެސް ރާހިލްގެ މޫނުމަތީގައިވަނީ ހިނިތުންވުމެވެ. މަގު ހުސްވެލާ ކޮންމެ ފަހަރަކު އެ މަގުން ނަޒަރު ވަކިކޮށްލުމަށްފަހު ޔާނާއާ ސަމާސާ ކޮށްލައެވެ. ދައްކަންއުޅޭ ވާހަކައިގެ ސަބަބުން އެ އުފާވެރި ވަގުތުކޮޅަށް ހުރަސް އެޅިދާނެކަމުގެ ބިރުގައި އިޝްވާގެ ހިޔާލު އަނެއްކާވެސް ބަދަލުވިއެވެ.
"މިއީ.. މިއީ ފަހުން ބުނާނަން.. އިހަކަށް ހިނގާ ޔާނާ ގެއަށް ގެންދަން" އިޝްވާ ވާހަކަ އޮޅުވައިލިއެވެ.
"އޯކޭ… ކޮން މަގަކަށް ދާންވީ؟" ރާހިލް އިޝްވާގެ ގާތުން ޔާނާމެން އުޅޭ މަގު އޮޅުން ފިލުވުމަށްފަހު އެދިމާލަށް ކާރުގެ މިސްރާބު އަނބުރައިލިއެވެ. އެހެނަސް ގެ ހުންނަ މަގަށް އެޅުމާއެކު ޔާނާ ބޮޑާ ހާކަން ފަށައިފިއެވެ. "ނޯ.. ޔާނާ ބޭނުން އަދި ކާރު ދުއްވަން.. ޕްލީޒް"
"ދެން އެހެން ދުވަހަކުން ބޭބެ އަންނާނޭ ޔާނާ ގޮވައިގެން ކާރު ދުއްވާލަންދާން. މިހާރު މަންމި ހުންނާނީ މިސްވެފައެއްނު. ލެޓްސް ގޯ މަންމިގާތަށް ދޯ"
"ޔެސް. ޔާނާވެސް މިސްވޭ މަންމި" ޔާނާގެ ހިޔާލު ބަދަލުވާލެއް ނުހަނު އަވަހެވެ. "ބާއީ ބޭބޭ" އެކުއްޖާ ރާހިލްއަށް ހަނާ އަޅައިލިއެވެ .ރާހިލްވެސް ހިނިތުންވެލަމުން ޔާނާއަށް ހަނާ އަޅައިލުމާއެކު ޔާނާ އިޝްވާގެ އަތުގައި ހިފައިގެންހުރެ ކާރުން ފޭބިއެވެ. އެހެނަސް ކާރުގެ ދޮރު ލައްޕައިލެވުމުގެ ކުރިން އަނެއްކާވެސް ކާރާ ދިމާލަށް އެނބުރިލުމަށްފަހު ކޮނޑުގައި އަޅުވައިފައި އޮތް ކުޑަ ދަބަހުން ރީނދޫ ކުލައިގެ ކުޑަކުޑަ ރަބަރު އަސްދޫންޏެއް ނެގިއެވެ.
"މަންމި ބުނީ ކުދިން ގިފްޓް ދިނީމަ ތެންކްޔޫ ގިފްޓް ދޭންވާނެޔޯ. ތެންކްޔޫ ބޭބޭ" ޔާނާގެ އަތުގައިއޮތް އައިސްކްރީމް ކޮތަޅު ދައްކައިލުމަށްފަހު އެ އަސްދޫނި ކާރުގެ ތެރޭގައި ބޭންދިއެވެ.
"ތަންކޮޅެއް ލަހުން ކަންނޭނގެ އިޝީއަށް ދެވޭނީ.. ޔޫ ކޭން ގޯ އެނގޭ" އިޝްވާ ކާރުގެ ދޮރުފަތް ލައްޕައިލަމުން ބުންޏެވެ.
ރާހިލްއަށް އިނދެވުނީ ކާރު ދުއްވައިލަންވެސް ނޭނގިފައެވެ. ބިރެއް ފެނުނު ފަދައިން ދެލޯ ބޮޑުކޮށްލައިގެން އެ ކުޑަ ކުޑަ ރީނދޫކުލައިގެ ރަބަރު އަސްދޫންޏަށް ބަލާށެވެ. އޭނާގެ ދެލޯ އަވިއައިނުން ފޮރުވައިލެވިފައި ނެތްނަމަ ރާހިލްއަށް އެ އައި ބަދަލު ދެންމެ އިޝްވާއަށްވެސް ފާހަގަކުރެވުނީސްކަން ގައިމެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ރާހިލް އެ އަސްދޫނި ނަގައި ދެފަހަރަކު އަޑުގޮށްވައިލަމުން ރަނގަޅަށް ބަލައިލިއެވެ. އެއީ މީގެ އަހަރުތަކެއްކުރިން އޭނާ ޝައިނާއަށް ހަދިޔާކުރި އަސްދޫނިތަކާ ދާދި އެއްގޮތް އަސްދޫންޏެކެވެ. މިއަށްވުރެން ބޮޑު އިއްތިފާގަކާ އޭނާއަށް ކުރިމަތިވާނެ ހެއްޔެވެ؟
ފަހަތަށް ޖަމާވި ވެހިކަލްތަކުގެ އަޑަށް ރާހިލް ކާރު ދުއްވައިލިއިރު އޭނާގެ ސިކުނޑީގައިވަނި އެއްފަހަރާ އެތައްހާސް ސުވާލެއް އުފެދިފައެވެ. ޔާނާގެ އަސްލު ހަގީގަތާމެދު ޝައްކު ކުރެވެން ފަށައިފިއެވެ. ޔާނާގެ ނަމުން ފެށިގެން ޔާނާގެ ސިފަތަކާއި ގޮތްދޫނުކުރުމުގެ މިޒާޖާއި ކުރެހުމުގެ ހުނަރުންވެސް އޭނާއަށް ހަނދާންކޮށްދެނީ ހަމަ އެންމެ ފަރާތެކެވެ. އިޝްވާއާއި ޔާނާގެ މެދުގައި އޮތް ގުޅުންވެސް ސެންޓަރުން ދިމާވި އެހެންކުދިންނާ އިޝްވާއާ ދެމެދުގައި އޮންނަ ގުޅުމަށްވުރެ ގާތްކަމަށް އޭނާއަށް ފާހަގަކުރެވުނެވެ. އެކަމާމެދު ކުރިން ސުވާލު އުފެދިފައި ނުވިޔަސް އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރާމެދު ރާހިލްއަށް ވިސްނެންފެށިއެވެ. އެހެނަސް އިޝްވާއަށް ޝައްކު ކުރާކަށް ރާހިލް ބޭނުމެއްނުވިއެވެ. އޭނާގެ ހާލު އެންމެ ރަނގަޅަށް އެނގިހުރެ އޭނާގެ ދިރިއުޅުމާ އެހާބޮޑަށް ގުޅިފައިވާ ކަމެއް އިޝްވާ އޭނާއަށް ސިއްރުކޮށް އޮޅުވައިލާނޭ ރާހިލްގެ ހިތެއް ނުބުނެއެވެ.
އަވަސްވެފައިވާ ހިތް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން ރާހިލްއަށް ދެންވެސް ބަލައިލެވުނީ ކާރު ތެރޭގައި ޔާނާ ބައިންދައިފައިދިޔަ އަސްދޫންޏާ ދިމާލަށެވެ. އޭނާއަށް މިވަގުތު ކުރެވެމުން މިދަނީ ކުށްހީއެއް ކަމުގައިވާނަމަ ތަގުދީރު އޭނާއާ މިފަދަ ސަމާސާއެއް ކުރަންވީ ކީއްވެހެއްޔެވެ؟ އެކަމާ ވިސްނި ވަރަކަށް ރާހިލްގެ ސިކުނޑި ސުމަކަށްދާވަރުވިއެވެ.
****************
"މަންމީ!!" ގެއަށް ވަތްވަގުތު ސޯފާގައި އިން ޝައިނާ ފެނުމާއެކު ޔާނާ އިޝްވާގެ އަތުން ދޫކޮށްލުމަށްފަހު ދުވެފައިގޮސް ޝައިނާގެ އަތުތެރެއަށްވަނެވެ.
"އަހް. މަންމި ދޫނި. ދަރިފުޅު ބަސްއެހިންތަ؟" ޔާނާގެ މޫނުގައި ލޯތްބާއެކު ބޮސްދެމުން ޝައިނާ ކުރި ސުވާލަށް ޔާނާ އަވަސް އަވަހަށް ބޯ ޖަހައިލިއެވެ.
"ބަލަ. ޔާނާ ގެނައީ މަންމިއަށް އައިސްކްރީމް" އަތުގައި އޮތް ކޮތަޅު ޝައިނާއަށް ދައްކައިލަމުން ޔާނާ ބުންޏެވެ.
"ތެންކްޔޫ.. ދަރިފުޅު ބަސްއެހީމަ އިޝީ އާންޓީ އައިސްކްރީމްއެއް ގަނެދިނީތަ؟ ކޮބާ ތެންކްޔޫ ބުނިންތަ؟" ޝައިނާއަށް ދިއްކޮށްލި އައިސްކްރީމް ތަށީގައި ހިފަމުން އަހައިލިއެވެ. އެއާއެކު އެ ދެމައިންގެ ދެމެދުގައި ދެކެވުނު ވާހަކަ އަޑުއަހަންހުރި އިޝްވާގެ ހިނިތުންވުން ފިލައިގޮސް ހާސްވާންފެށިއެވެ.
"ނޫން. އިޝީ އާންޓީގެ ފްރޭންޑް ބޭބެ" ޔާނާ ބޯ ހޫރައިލަމުން ބުންޏެވެ. އެ ޖަވާބު އިވުމާއެކު ޝައިނާގެ ބުމަ ގޮށްޖެހިގެން ދިޔަތަން އިޝްވާ ސާފުކޮށް ދުށްޓެވެ. ޝައިނާ ކޮށްފާނެ ސުވާލަކަށް ދޭނެ ޖަވާބާމެދު ވިސްނުމަށް އިޝްވާގެ ސިކުނޑި އަވަސްވެގަތެވެ.
"އޯކޭ.. ދަރިފުޅު ދޭބަ ދޮންބެ ކައިރިއަށް… މަންމި އައިސްކްރީމްތަށި ފިނިކޮށްލާފަ ގޮވާނަން އެނގޭ" ޝައިނާ އަވަސް އަވަހަށް ޔާނާ އެތަނުން ފޮނުވައިލިއެވެ. އަދި އެއަށްފަހު އިޝްވާއަށް އޭނާއާއެކު އައުމަށް ލޮލުން އިޝާރާތްކުރުމަށްފަހު ގޮސް ހުއްޓުނީ ބަދިގެއާ ދިމާލުގައެވެ.
"ކުރީދުވަހު ރާހިލްއާ ދިމާވި.." ކުއްލިއަކަށް ޝައިނާ ވައްޓައިލި ބޮމާއެކު އިޝްވާގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. ޝައިނާއަށް ރާހިލްއާ ދިމާވިނަމަ ހުރިހާ ހަގީގަތެއް މިހާރު ފަޅާއަރައިފާނެކަން އިޝްވާއަށް އެނގުނެވެ. ޔާނާއާ ބައްދަލުކުރާ މީހަކީވެސް ރާހިލްކަން މިހާރު އެނގޭނެއެވެ.
"ކޮން..ކޮންއިރަކު؟" އިޝްވާ އަޅައަޅައިގަންނަމުން އަހައިލިއެވެ.
"ކުރީ ދުވަހު.. އޮޅުމަކުންވިޔަސް އެ ދިމާވީ އަހަރުމެންގެ ވެޑިންގް އެނިވަރސަރީގަ.. ވަރަށް ފާޑަކަށް ދިމާވީ.. މަގުމަތިން.. ނުވެސް ފެނޭ.. އެކަމަކު އަހަރެންނަށް ޔަގީން އެއީ ރާހިލްކަން. އެއީ ހަމަ ރާހިލްގެ އަޑު.. ވީ ގޮތަކީ.."
ޝައިނާގެ އަތުގައިހުރި ކޮތަޅުންނެގި އައިސްކްރީމްތަށިތައް އައިސްއަލަމާރީގައި އަތުރައިލުމަށްފަހު އައިސް އިޝްވާގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑީގައި އިށީންނަމުން އެދުވަހުގެ ވާހަކަ އިޝްވާއަށް ކިޔައިދޭންފެށިއެވެ.
"ތި ވާނީ ސިސްއަށް ހީވި ގޮތަކަށް. ޔޫ ބޯތް އަރ ޑެސްޓިންޑް ފޯރ އީޗްއަދަރ އެކަމަކު ތިވަރުގެ ބޮޑު އިއްތިފާގަކާ ދިމާވާނީ ކިހިނެއް؟ ސިސް އެދުވަހު މާ އިމޯޝަނަލްވެފަ ހުރީމަ ދޮންބެގެ އަޑުހެން ހީވީ ކަންނޭނގެ" އިޝްވާ ބުންޏެވެ. ޝައިނާ ދެއްކީ ރާހިލްގެ ވާހަކަ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ.
"ވެދާނެ ދޯ. އެކަމަކުވެސް އަހަރެންގެ ހިތް ބުނަނީ އެއީ ހަމަ ރާހިލްއޭ.. ދެން އަޅާނުލާ.. އަހަރެން އިޝްކޮ ގާތު އަންނަން ބުނީ މުޅިން އެހެން ވާހަކައެއް ދައްކަންވެގެން.. މިވާހަކަ ދައްކަންވެގެން އެދުވަހުވެސް އުޅުނީ.. އަހަރެން މިހާރު މިކަންތަކާމެދު ވަރަށް ކަންބޮޑުވާން ފަށައިފި"
"ކޮންކަމެއް؟" އިޝްވާ ނޭނގޭކަމަށް ހެދުނެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިޝްވާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ކޮންކަމެއްކަން ނޭނގޭތީތަ އިޝްކޮ ތި އަހަނީ؟ ޔާނާ އެ ދައްކަނީ ކޮން ބޭބެއެއްގެ ވާހަކަތަ؟ ކުރީ ރޭ ނިންދަވަން އުޅުނު ގަޑީގަ އަހަރެންނާވެސް އެ ވާހަކަދެއްކި. ދެން މިއަދު. އަހަރެން އިޝީއާ ޔާނާ ހަވާލުކުރީ ވަރަށް އިތުބާރުކޮށްފަ. ނުދަންނަ މީހުންނާ ޔާނާ ވާހަކަދައްކައި ގުޅުން ބަދަހިކުރާނެ ފުރުސަތު ދޭނެ ކަމަކަށް ހިއެއް ނުކުރަން" ޝައިނާގެ އަޑުން ފާޅުވާންހުރީ ހިތްހަމަނުޖެހުމެވެ.
"ސިސްގެ އިތުބާރު ގެއްލޭވަރުކަމެއް އިޝީ ނުކުރާނަން. އެއީ އިޝީ ދަންނަ މީހެއް" އިޝްވާ އިސްޖަހައިލަމުން ބުންޏެވެ.
"ކާކުތަ؟ ޔާނާ ކިޔާގޮތުން ޕާޓޭއެއްހެން ހީވަނީވެސް. ބޯދިގުކޮށްފަ ތުނބުޅި ދިގުކޮށްފަ ހުންނަ ބޭބެއެކޯ ބުނީ.. އަނެއްކާ އިޝީގެ ބޯއިފްރެންޑްތަ؟ އޭގެ ކުއްޖަކާތަ އިޝީ ރައްޓެހިވެގެން އުޅެނީ." ޝައިނާގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވެރިވި ސުވާލު އިޝްވާއާ އަމާޒުކޮށްލިއެވެ.
"ނޫން ނޫން ނޫން. މާނުއާ ރުޅިވިފަހުން.. މިބުނީ.. އިޝީ ކޮލެޖަށް ދާންފެށިފަހުން އަދި އެކަހަލަ ގުޅުމަކަށް ދޭނެ ވަގުތެެއް ނުވޭ. އެއީ.. އެއީ އިޝީގެ ސީނިއަރއެއް.. މިބުނީ އޭނަ ކޮލެޖްގަ އުޅުނުއިރު އިޝީއަށް ވަރަށް ގިނަ ކަންކަމުގަ ހެލްޕް ވާނެ.. ވަރަށް ވަރަށް ކްލޯޒް ފްރެންޑެއް.. އިޝީ ގާތަށް އައި ދުވަހެއްގަ ޔާނާއާ ދިމާވީ.. ދެން މިއަދުވެސް.. އަސްލު އެހެން ހުއްޓަސް އެއީ ޕާޓޭއެއްނޫނޭ. ވަޒީފާގަ އުޅެނީވެސް" އިޝްވާ އަޅައަޅައިގަންނަމުން ކިޔައިދިނެވެ.
"އެކަމަކުވެސް ހެޔޮ. ޔާނާއާ އޭނަ މާގިނައިން ބައްދަލުވެ އުޅޭކަށް އަހަރެން ބޭނުމެއްނޫން" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝައިނާ ބުންޏެވެ.
"އެކަމަކު ޔާނާ ވަރަށް ލައިކްވޭ–"
"އިޝީ ޕްލީޒް. އެއީ އިޝީއާ ކިތަންމެ ގާތް މީހެއްކަމަށްވިޔަސް އަހަރެންނަށް ކިހިނެއް އިތުބާރު ކުރެވޭނީ… އައި ހޯޕް ޔޫ އަންޑަރސްޓޭންޑް. އިޝީއަށް އަހަރެން ބުނާގޮތަށް ޔާނާ ނުބެލެންޏާ އަހަރެން ދެން އެހެންގޮތެއް ހޯދަފާނަން" ޝައިނާ ހީވީ އޭނާގެ އެންމެފަހުގެ ނިންމުން ނިންމައިލިހެނެވެ. ޝައިނާގެ ބަސްތައް ހުރިގޮތުން ހިތުގައި ޖެހުނު ނަމަވެސް ޔާނާއާއި ރާއީގެ ކަންތައްތަކުގަ ޝައިނާ ބަހައްޓާ ހަރުކަށިކަންފެނި އިޝްވާއަށް އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކިތަންމެ ފަހަރަކު ރާހިލްގެ ވާހަކަ ޝައިނާގާތު ބުނަންވެސް އޭނާގެ ހިތަށް އެރިއެވެ. އޭނާ ދެކޭ ގޮތުގައި ރާހިލް އެދެކުދިންނާ ބައްދަލުކުރުމަކީ ހަގީގަތުގައި ޝައިނާގެ އެއްވެސް މައްސަލައެއް އެކަމުގައި އޮންނަންޖެހޭ ކަމެއްނޫނެވެ. އެދެކުދިންގެ މައްޗަށް ރާހިލްގެވެސް ހައްގެއްވޭ ނޫންހެއްޔެވެ؟ އެފަދަ ހިޔާލުތަކެއްގައި އިން އިޝްވާ އިސްއުފުލައިލީ ކުއްލިއަކަށް ޝައިނާ އޭނާގެ އަތުގައި ހިފައިލުމުންނެވެ.
"އިޝްކޮ ދެރަވީތަ؟ ސޮރީ.. އަހަރެންނަށް ވަރަށް ރޫޑްކޮށް ދޯ ބުނެވުނީ.. ރިއަލީ ސޮރީ.. އަހަރެންނަށް އެނގޭ އިޝީއަށްވުރެ ރަނގަޅަށް އެކަަކަށްވެސް ޔާނާ ނުބެލޭނެކަން.. ޔޫ އަރ ދެއަރ ފެމިލީ.. އަދި ތިއީ އަހަރެންގެ ކޮއްކޮއެއް ކަހަލަ ކުއްޖެއް. އިޝީ ދެރަކުރާކަށް އަހަރެން ބޭނުމެއްނޫން.. އެކަމަކު އިޝީއަށްވެސް އެނގޭދޯ އަހަރެން މި ބުނަން އުޅޭ އެއްޗެއް. އެދެކުދިންނަކީ އަހަރެންގެ ދެލޮލުގެ ކޮއިފަދަ ދެކުދިން. ކަމެއް ވެދާނެތީ އަބަދުވެސް ހިތްބިރުގަނެފަ ހުންނަނީ" ޝައިނާ ބުންޏެވެ. އިޝްވާއާ އެހާ އަޑުހަރުކޮށް ވާހަކަދެއްކުނީތީ އޭނާ ދެރަވިއެވެ.
"ޔެސް.. އައި އަންޑަރސްޓޭންޑް.." އިޝްވާ ހިނިތުންވެލިއެވެ. ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލެވުނެވެ. "ސިސް.. ދެން އިތުރު ވާހަކައެއް ނެތްދޯ.. އިޝީ ދަނީ.. ޓެސްޓަށްވެސް ދަސްކުރަން އެބަޖެހޭ"
"ޔާ.. ޔާ ޓޭކް ކެއަރ އެނގޭ.. ގުޑްލަކް. ބައިދަވޭ.. މާދަން ހުކުރެއްނު. އިޝްކޮ ކޮންމެހެންވެސް އަންނަންވާނެ މިގެއަށް މެންދުރުކާން.." ޝައިނާ ބުންޏެވެ.
"ފްރައިޑޭ ދޯ.. ފްރައިޑޭގަ ނާދެވޭނެ ސިސް. އެހެން ދުވަހަކުން އަންނާނަން.." އިޝްވާ ގޮނޑިން ތެދުވަމުން ބުނެލިއެވެ.
"ފްރައިޑޭ ކީއްވެ؟ ޑިއުޓީވެސް ނޯވެއެއްނު؟" ޝައިނާ އަހައިލިއެވެ.
"ޔެސް އެކަމަކު.. ސިސްއަށް އެނގޭ ދޯ މަންމަމެން ބޭރަށް ބަދަލުވިފަހުން އިޝީ އުޅެނީ ދޮންބެ ކައިރީގަކަން.. މި ފްރައިޑޭގަ އިޝީ ކޮންމެހެންވެސް ގޭގަ ކަައްކަން ޖެހޭނެ. ސިސްއަށްވެސް އެނގެއެއްނު ކުރިން އަހަރުމެންގެ ފެމިލީއަކީ ކިހާ ފުރިހަމަ ފެމިލީއެއްކަން.. ކޮންމެ އިރަކަށްވެސް ގޭގެ ސުފުރާމައްޗަށް އެންމެން އެކީގަ ކާން އަރާނެ. އެކަމަކު މިހާރު ދެމީހުން އެއް ގެއެއްގަ އުޅުނަސް ދޮންބެއާ ދިމާވާނީ މަދު ފަހަރެއްގަ. ބިޒީކޮށް އުޅެންޖެހޭތީއާއެކު ގިނަ ފަހަރު އެމީހަކު އަމިއްލައަކަށް ކައްކައިގެން ނޫނީ ބޭރުން ކައިގެން އުޅެނީ.. އިޝީ އެކަންޏެއްނު މިހާރު ދޮންބެގެ ފެމިލީއަކަށްހުރީ؟ އެލީގެ މަރަށްފަހު ދޮންބެ ގެއިން ނުކުމެގެން ދިޔުމާ ގުޅިގެން އާއިލާ އެއްކޮށް ރޫޅުނު… ގޭގެ ސުފުރާމަތިން ކާލެވޭ ހަމައެކަނި ދުވަހަކީ ހުކުރު ދުވަ–"
"އިޝް… އިޝްކޮ ކީކޭ ތިބުނީ؟ އެލީޝާ.. އެލީ މަރުވީތަ؟" ޝައިނާގެ ނިތަށް އެތައްހާސް ރުލެއް އެއްފަހަރާ ޖަމާވިއެވެ.
"ހްމްމް. ސިސް ދިޔަތާ ދެތިން ހަފްތާވެސް ނުވަންދެން އެލީ ސޫސައިޑްކުރީ.. އެއަށްފަހު.."
އިޝްވާގެ ވާހަކަތައް ނިމުނުއިރު ޝައިނާއަށް އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިހުރިހާ ދުވަހު ރާހިލްގެ ދިރިއުޅުމާ ދުރުގަ އޭނާ އުޅުނީ ބޭކާރުކޮށް ހެއްޔެވެ؟ އެ ދިރިއުޅުން އެހާ ފަޅުވެފައިވާއިރުވެސް ރާހިލް އޭނާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރީ ކީއްވެބާއެވެ؟
"ސިސް!! ސިސް!!" އިޝްވާ ގޮވައިލުމާއެކު ޝައިނާ އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން އަނެއްކާވެސް ހިނިތުންވެލިއެވެ. "އަދިވެސް ލަހެއް ނުވެއެއްނު… ސިސް ބޭނުމިއްޔާ މިހާރުވެސް ދޮންބެގެ ލައިފްއަށް ހަމަ އަންނަންވީ.. އިޝީއަށް ޔަގީން ދޮންބެ އުފަލުން މަރުހަބާކިޔާނެ" އިޝްވާ އުއްމީދީ ރާގެއްގައި ބުންޏެވެ.
"އަހަރެން.. އަހަރެން ވިސްނާނަން.." ޝައިނާއަށް ބުނެވުނެވެ. ޝައިނާގެ ފަރާތުން އެ ލިބުނު ރައްދާމެދު އުފަލުންހުރެ އިޝްވާގޮސް އެ ގެއިން ނުކުތް އިރުވެސް ޝައިނާއަށް އެ ފިކުރުތަކުގައި އިނދެވުނެވެ.
ލިބިފައިވާ އުއްމީދުގެ ސަބަބުން ގެއަށް އާދެވުނުއިރުވެސް އިޝްވާގެ މޫނުމަތިން ހިނިތުންވުން ފިލައިނުދެއެވެ. އަތުގައި އޮތް ދަބަހާއި ފޮތްތައް ސޯފާމައްޗަށް އެއްލައިލުމަށްފަހު ޕެންތްހައުސްގެ މަތީ ފަންގިފިލާއަށް ދާން ހުރި ސިޑިން މައްޗަށް ދުއްވައިގަތެވެ. ދެފަހަރަކު ރާހިލްގެ ކޮޓަރީގައި ޓަކި ޖަހައިލުމަށްފަހުގައިވެސް ނުހުޅުވުމުން އަނެއްކާވެސް ތިރިއަށް ފޭބިއެވެ. ސޯފާމަތިން ނެގި ދަބަހާއި ފޮތްތަށް ހިފައިގެންގޮސް ކޮޓަރިއަށް ވަދެ ވަދެ ހުއްޓައި ސިޓިންގްރޫމުން މީހެއްގެ ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު އަނެއްކާވެސް އޭނާ ދުއްވައިގަތީ ސިޓިންގްރޫމަށެވެ. އޭރު ޖިމް ދަބަސް ކޮނޑުގައި އަޅުވައިލައިގެންހުރެ ފަޔަށް ބޫޓު ހެޔޮވަރުކޮށްލަމުން ރާހިލް ގެއިން ނުކުތުމަށް ތައްޔާރުވަނީއެވެ.
"ދޮންބޭ.. ވާހަކައެއް އެބައޮތް.." އިޝްވާ ވަގުތުން ރާހިލްގެ ސަމާލުކަން އަތުލިއެވެ. ރާހިލް އިޝްވާއަށް ބަލައިލުމަށްފަހު ބުމަ އަރުވައިލިއެވެ.
"ހާދަ ހެވިފަ؟ ކިހިނެއްބާ ވީ އަނެއްކާ؟ ޑިޑް ޔޫ މީޓް ސަމްވަން؟ ލައިކްވާ ކަހަލަ ކުއްޖަކާ ދިމާވީތަ؟" ރާހިލް ހިނިތުންވެލަމުން އަހައިލިއެގެ.
"ނޯ އައިމީން.. ޔެސް އައި މެޓް ސަމްވަން.. ސަމްވަން ސްޕެޝަލް" އިޝްވާ ބުންޏެވެ.
"ހްމްމް. ތި ސްޕެޝަލް ކުއްޖާއާ މީޓް ކޮށްދޭންވާނެ އެނގޭ.. ތިވާހަކަ ދޯ މިއަދު ކާރުގަވެސް ދައްކަން އުޅުނީ" ރާހިލް ސަމާސާ ރާގެއްގައި ބުންޏެވެ.
"ހްމްމް. ދޮންބެ ފްރީ ވީމަ އެވާހަކަ ދައްކާނީ.. އިންޝާﷲ ވަރަށް އަވަހަށް މީޓް ކޮށްދޭނަން.." އިޝްވާ ބުންޏެވެ. ރާހިލް އެންމެ ރަނގަޅޭބުނެ ބޯ ޖަހައިލަމުން ގެއިން ނުކުތުމަށްޓަކައި ދޮރު ހުޅުވައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިޔާލު ބަދަލުވެ އަނެއްކާވެސް ފަސްއެނބުރިލަމުން އިޝްވާއާ ސުވާލެއް ކުރިމަތިކުރުވިއެވެ.
"އިޝީ… މި. ޔާނާ.. ޔާނާގެ މަންމަ އިޝީއާ ވަރަށް ކްލޯޒްތަ؟ މިބުނީ އާންމުކޮށް އެންމެނެއް ނުދާނެ ދޯ ސެންޓަރުގެ ހުރިހާ ކުދިން ގެއަށް ޑްރޮޕް ކޮށްދޭކަށެއް.." ރާހިލް ބުންޏެވެ.
"އޯހް.. އެއީ ދޯ.. ޔެސް ޔާނާގެ މަންމަ ވަރަށް ކްލޯޒްވާނެ.. އިޝީގެ ވަރަށް ކްލޯޒް ފްރެންޑެއް އެއީ.. އެދުވަހު ޔާނާގެ ދޮންބެގެ ކޮންމެވެސް ކަމެއްގަ ބިޒީވެގެން އިޝީގާތު ޔާނާ ގެންގޮސްދޭން ބުނީ" އިޝްވާ ބުންޏެވެ.
ރާހިލް އެވާހަކައަށް ބޯ ޖަހައިލުމަށްފަހު އިތުރު ސުވާލަކާނުލައި ގެއިން ނުކުތުމުން އިޝްވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ދެފަހަރަކު އަމިއްލަ ނިއްކުރީގައި ޖަހައިލުމަށްފަހުގޮސް ކޮޓަރިއަށްވަނެވެ.
"ސްޓުޕިޑް އިޝްވާ.. ހުސް އަމިއްލައަށް ފުންމާލާ އަލިފާންވަޅު ތިއީ.. ތިހެން އުޅެނިކޮށް ރޯ ވާނީ ދެން އަމިއްލަ ގައިގަ. ދޮންބެގާތު ހުރިހާ ވާހަކައެއް ބުނާނީވެސް ކިހިނެއްތަ؟ ކީކޭ ހިތަށް އަރައިގެންތަ ސިސްގެ އެ ޝަރުތާ އެއްބަސްވީ؟ އާރގްހް އައި ހޭޓް ދިސް" އިޝްވާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ބުންޏެވެ.
No comments yet
Be the first to share your thoughts about this episode!