Episode 68
ހިތް އެދޭހާ ކަމެއް.. (68 ވަނަބައި)
ޔާނާގެ މަޖާ ވާހަކަތަކުން ހިނިއައިސްފައި އިން ރާހިލްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެނަސް ޔާނާގެ ބައްޕައާ ބެހޭގޮތުން ދެއްކި ވާހަކަތަކާމެދު އޭނާއަށް ވިސްނެމުންދިޔައެވެ. އޭނާގެ ހިތް އެކުއްޖާއަށްޓަކައި ހަމްދަރުދީން ފުރުނީ އެކުއްޖާގެ ބައްޕަ ނިޔާވެފައިވާކަމަށް އެ ވާހަކަތަކުން ހީވެގެނެވެ. ކޮންމެއަކަސް އޭނާގެ ދަރިފުޅުވެސް މިއަދު ބޮޑުވަމުން އަންނަނީ އޭނާއާ ދުރުގައި ކަމަށްވާތީއާއެކު ބައްޕައަކާނުލައި ބޮޑުވަމުންއައި ޔާނާގެ ހިތުގައިވާ އިހުސާސްތައް ދެނެގަތުމަށް އޭނާ ޝައުގުވެރިވިއެވެ. އެހެނަސް ރާހިލްއަށް އެކަމާ ގުޅިގެން ސުވާލެއް ކުރުމުގެ ފުރުސަތު ނުލިބުނީ އެވަގުތު ފަހަތުން އިޝްވާގެ އަޑު އިވުމުންނެވެ.
"ޔާނާ!" އިޝްވާގެ އަޑުގައިވަނީ ހާސްކަމެވެ.
———
"އިޝީ"
ހަލުވިކަމާއެކު ސިޑީގެ ހަރުފަތްތަކުން ފައިބައިގެން އައި އިޝްވާ ފެނުމާއެކު ކައުންޓަރުދޮށުގައި އިން ނަބްހާ ގޮވައިލިއެވެ. ދަބަހުގައިހުރި ފޮތްތަށް ހަމައަކަށް އަޅުވަމުން އިޝްވާ އެ ކައުންޓަރުދޮށަށް ޖެހިލީ ނަބްހާ އެ ދައްކަން އުޅޭ ވާހަކައެއް އަޑުއެހުމަށެވެ.
"ހާދަ ލަސްވީ.." އިޝްވާ އައުމާއެކު ނަބްހާ ބުންޏެވެ.
"އާން މިއީ.. އެބަ އުޅެއެއްނު އެއްއަހަރުގެ ބޭބީއެއް ގެނެސްގެން.. އިޝީ ރެޑީވެގެން ނުކުމެ ހަމަ އުރާލާހިތުން ނުހުރެވިގެން އެ ބޭބީ އުރާލި އިރަށް ގަޔަށް ހޮޑުލީ. ދެން ޖެހުނީ އަނެއްކާ ނަޝާއާ ހަވާލުކޮށްފަ އަލުން ރެޑީވާން ދާން. ވަރަށް ލަސްވެއްޖެ ދޮންބެވެސް ގުޅަ ގުޅާފަ ހުއްޓާލައިފި މިހާރު. އައިސްފަ ދިޔައީ ކަންނޭނގެ" އިޝްވާ ހާސްވެފައިހުރެ ފޯނު ނެގީ ރާހިލްއަށް ގުޅުމަށެވެ.
"އިޝީގެ ދޮންބެ އެއިނީނު އިޝީގެ ނީސްގާތު. އިޝީ ބަލާ މިތަނަށް ވަނޭ. އަހަރެން މަޑުކޮށްލާށޭ ބުނީމަ އެއިނީ. ޔާނާ ކައިރިއަށް ދިޔައިމާ އަޅާނުލީ އެއީ އިޝީމެން ތިމާގެ ކުއްޖެކޭ ބުނީމަ"
ނަބްހާގެ ވާހަކަތައް އިވުމާއެކު އިޝްވާ ހުއްޓުންއެރިއެވެ. ހިތާހިތުން އެއީ ދޮގުވާހަކައަކަށްވުމަށް ދުއާކުރަމުން ފަސްއެނބުރި ބަލައިލެވުނެވެ. އެއާއެކު އިޝްވާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ޔާނާގެ ކުރިމައްޗަށް ވާގޮތަށްހުރި މޭޒުގެ އަނެއްފަރާތުގައި ދެކަކޫ މައްޗަށް އިށީނދެލައިގެން އިނީ ރާހިލް ފިޔަވައި އިތުރު މީހެއް ނޫންކަން އޭނާއަށް ޔަގީންވިއެވެ.
"އޯހް ނޯ ނަބޫ. ކީއް ތި ކުރީ؟!" އިޝްވާއަށް ބުނެވުނެވެ. ދުރުފިޔަވަޅުތަކެއްގައިގޮސް ޔާނާމެން ތިބި ދިމާލުގައި ހުއްޓެވުނު ގޮތްވެސް އޭނާއަކަށް ނޭނގުނެވެ. ބޭއިޚްތިޔާރުގައި ޔާނާއަށް ގޮވައިލެވުނުއިރު އެ އަޑުގައިވާ ހާސްކަން ފޮރުވުމަށް އޭނާ ނުކުޅެދުނެވެ.
"ޔާނާ!" އިޝްވާ ދުވެފައި އައިސް ޔާނާގާތު އިށީނުމާއެކު ރާހިލް އެ އިންތަނުން ތެދުވިއެވެ.
"އިޝީ އާންޓީ ބަލަ. އައި މެޓް އަ ފްރެންޑް ބޭބެ." ޔާނާ އަތުގެ އިޝާރާތުން އިޝްވާއަށް ރާހިލް ދައްކައިލަމުން ބުންޏެވެ.
"ޔެސް އޯކޭ. އެކަމަކު އެގޮތަށް އަންނަ ހުރިހާ ބޭބެއަކާ ވާހަކަ ނުދައްކައްޗޭ އެނގޭ. މަންމި ހާސްވާނެއެއްނު ދޯ. ޑްރޯވިންގް ނިމުނީތަ؟ މަންމި ނާދޭތަ އަދި ޔާނާ ބަލާ؟" އިޝްވާ ސުވާލަކަށްފަހު ސުވާލެއް ކުރަން ފެށިއެވެ. ޔާނާ ނިކަން ލޯބިކޮށް އެއިން ކޮންމެ ސުވާލަކަށް ބޯ ޖަހައިލައެވެ.
"އޯކޭ.. އިޝީ އާންޓީ ކޮލެޖަށްދަނި އިނގޭ. ޔާނާ ބަސްއަހައިގެން އިންނައްޗޭ ނަބޫ ދައްތަ ކައިރީގަ. ސްޓްރޭންޖަރޒް އާ ވާހަކަ ނުދައްކައްޗޭ އެނގޭ. ބާއީ. ސީ ޔޫ ޓުމޯރޯ" އިޝްވާ އަވަސް އަވަހަށް ޔާނާގެ ކޮަލަށް ދޮނެއް ދިނުމަށްފަހު އިންތަނުން ތެދުވިއެވެ.
"ބޭބޭ ބޭބޭ. މާދަމާ އަންނައްޗޭ ބްލޫ ބަޓަރފްލައި ބަލާ" ޔާނާ އުއްމީދުން ފުރިގެންވާފަދަ ބެލުމަކުން ރާހިލްއަށް ބަލައިލިއެވެ.
"އޯކޭ.. ޕްރޮމިސް…" ޔާނާގެ ވާހަކައަށް ބޯ ޖަހައިލަމުން ރާހިލް ޔާނާއަށް ހަނާ އަޅައިލިއެވެ.
އެމަންޒަރު ފެނި އިޝްވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައިވެސް ރާހިލްއާއި ޔާނާގެ ގުޅުން ބަދަހިވެފައިވާކަން ނަގައިގަނެވުނެވެ. އޭނާ ރާހިލްގެ އަތުގައި ހިފައި ދަމަމުން ކަހަލަގޮތަކަށް ސެންޓަރުން ނުކުތެވެ. އެ މޫނުން ހާސްކަމުގެ ދާތިކިތައް ފާޅުވާންހުއްޓެވެ. ރާހިލް އެތަނުގައި ހުއްޓައި ޝައިނާއަށް އާދެވުނުނަމަ ކަންތައްތައް ވާނެގޮތް ވިސްނާލަންވެސް އޭނާއަށް ދައްޗެވެ. ވައުދާ ހިލާފުވީތީ ޝައިނާގެ ކުރިމަތީގައި އޭނާ ކުށްވެރިވާނެކަން ގައިމެވެ. އަދި އޭނާއަަށް އެނގިހުރެ ހުރިހާކަމެއް ސިއްރުކުރީތީ ރާހިލްގެ ކުރިމަތީގައިވެސް އޭނާވާނީ ކުށްވެރިއަކަށެވެ. ރާހިލްގެ ހިތް އޭނާގެ މައްޗަށް ދުވަހަކުވެސް ސާފުވާނެހެން އޭނާއަކަށް ހިއެއްނުވެއެވެ. ޝައިނާމެންނާ ބައްދަލުވިތާ ހަފްތާއެއްހާ ދުވަސް ފާއިތުވެފައިވާތީ މިހާރު ރާހިލްއަށް އެ ހަގީގަތް ހާމަކުރަން މާ ލަސްވެއްޖެއެވެ. އިޝްވާ ހުރި ހަމަރަނގަޅަށްވެސް ހަދާނެގޮތް ހުސްވެފައެވެ.
"އިޝީ މަޑުކޮށްބަލަ. މިއޮތީއޭ ކާރު. ކޮންތާކަށްތަ މާ އަވަސްއަރުވާލައިގެން ތި ގެންދަނީ؟" ރާހިލްގެ އަތުގައި ހިފައިގެންހުރެ މަގު ހުރަސްކުރަން އުޅުނު އިޝްވާއަށް ކަންމަތީގައި އޮތް ކާރު ދައްކައިލަމުން ރާހިލް ބުންޏެވެ.
"އޯހް" އިޝްވާގެ އަނގައިގައި ތަޅެއް އެޅުވިފައިވާ ކަހަލައެވެ.
"ސީރިއަސްލީ ވަޓްސް ދަ ރަޝް؟" ރާހިލް ކާރުގެ ޑްރައިވަރު ސީޓުހުންނަ ފަޅިއަށް ހިނގައިގަންނަމުން ބުންޏެވެ.
"މިއީ.. މިއީ ކޮލެޖް ގަޑި ޖެހޭތީ. އަވަސްކޮށްބަލަ" ރާހިލްއާ އެކުއެކީގައި ކަހަލަގޮތަކަށް ކާރަށް އަރަމުން އިޝްވާ ބުންޏެވެ. އިޝްވާ އުޅޭގޮތް ގަބޫލު ނުކުރެވިފައިހުރި ރާހިލް ބޯ ހޫރައިލަމުން ކާރު ދުއްވައިލިއިރު އެކާރުގެ ކަނާތްފަރާތުން އެމަގަށް ހުއްޓައިލި ހުދުކުލައިގެ ޓެކްސީއަށް އޭނާ އެންމެ ފަހަރަކުވެސް ބަލައިނުލިއެވެ. އެ ޓެކްސީން ފޭބި ޝައިނާ އޭނާގެ ލޮލުގައި އަޅައިގަތްނަމަ ޔާނާގެ ސަބަބުން އޭނާގެ ހިތުގައި އުފެދިފައިވި އެތަށް ސުވާލަކަށް ޖަވާބު ލިބިގެންދިޔައީސްކަން ގައިމެވެ.
"އެއީ ހާދަ މަޖާ ކުއްޖެކޭ ދޯ" ކާރު ދުއްވައިލަމުން ރާހިލް އިޝްވާގާތު ބުންޏެވެ.
"ކޮން.. ކާ.. ކާކު؟" އިޝްވާ އަޅައަޅައިގަންނަމުން އަހައިލިއެވެ.
"ދެންމެ ދިމާވި ކުއްޖާ. ސޯ ޓެލެންޓެޑް. ދުވަހަކުވެސް ޝައިނާގެ އާރޓް ފިޔަވާ އިތުރު އާރޓްއަކަށް އަހަރެން އިމްޕްރެސް ކުރެވިފައެއްނެތް. ބަޓް ދެޓް ހޭޒް ޗޭންޖްޑް ޓުޑޭ.. އެކުއްޖާގެ ބައްޕަ ނިޔާވީމަ ހާދަ ދެރައޭދޯ" ރާހިލް ބުންޏެވެ.
"އޯހް.. ޔާނާތަ؟ ޔާނާ ދޮންބެގާތު ބުނީތަ ޔާނާގެ ބައްޕަ މަރުވެފައޭ" އިޝްވާ ހައިރާންވެފައި އަހައިލިއެވެ. ރާހިލްއަށް ޔާނާގެ ފަރާތުން އެނގުނީ ކިހާ މިންވަރެއްތޯ ދެނެގަތުމަށް އޭނާ ބޭނުންވިއެވެ.
"ނޫން. ބުނީ ކޮންމެވެސް ވޮންޑަރލޭންޑަކަށް ޔުނިކޯނެއް ބަލާ ދިޔަވާހަކަ. އެކަމަކު ކޮންމެ ކުއްޖެއްގެ މަންމަވެސް ބުނާނީ އެހެންދޯ. ޓު ސޭ ދެއަރ ޑޭޑް އިޒް އިން ހެވެން. ވަރަށް މަޖާ ވަރަށް ރީތި ވޮންޑަރލޭންޑެއް ގޮތުގަ ދޯ ސިފަކޮށްދޭނީ" ރާހިލް ބުންޏެވެ.
"ޔާ.. އެކަމަކު ޔާނާއާ ދޭތެރޭ ހާސްވާނެ ކަމެއްނެތް. ޔާނާގެ މަންމައަކީ ވަރަށް ހިތްވަރުހުރި މީހެއް. ކުޑަ ދެކުދިން އެ ގެންގުޅެނީ އެކަނިމާއެކަނި. އެކަމަކު ބައްޕައެއްނެތްކަމުގެ އިހުސާސެއް ނުކޮށްދޭނެ" އިޝްވާ ފަނޑު ހިނިތުންވުމަކާއެކު ބުންޏެވެ.
"ޔާނާ.. ޔާނާގެ ކޮއްކޮއެއް ހުރޭތަ؟" ރާހިލް އަހައިލިއެވެ.
"ނޫން. ދޮންބެއެއް" އިޝްވާ ބުންޏެވެ. އޭނާ ހެދީ ތެދު ކަމުގައިވިޔަސް އެ ތެދުގެ ސަބަބުން ރާހިލްގެ ހިތުގައި ކުޑަ ޝައްކެއް އުފެދިފައިވި ނަމަވެސް އެ ޝައްކު ފިލައިދާނެކަން އޭނާއަށް ޔަގީންވިއެވެ. ޔާނާގެ މަންމަގެ ދެކުދިން ހުންނަކަމަށް ބުނެފިނަމަ އެއީ ޝައިނާއަށް ވެދާނެކަމުގައި ރާހިލް ދުވަހަކުވެސް ޝައްކެއް ނުކުރާނެއެވެ. "ކޮން ބްލޫ ބަޓަރފްލައިއެއްގެ ވާހަކަތަ ޔާނާ އެ ދެއްކީ؟" އިޝްވާ އިތުރުކޮށްލިއެވެ.
"ނޭނގެ. އަހަރެންނަށް ކުރަހަދޭންބުނި އެއްޗެއް" ޔުނިވަރސިޓީގެ ދޮރުމައްޗަށް ކާރު ހުއްޓައިލަމުން ރާހިލް ހިނިތުންވެލިއެވެ.
"އޯހް. ކޮންމެހެން ދޮންބެ ނުދިޔަސް އިޝީ މާދަން އޭތި ދޮންބެއަށް ގެނެސްދީފާނަން.. ދޮންބެ ވަރަށް ބިޒީވާނެއެއްނު" އިޝްވާ ހުށަހެޅިއެވެ. ޔާނާއާއި ރާހިލް އިތުރަށް ބައްދަލުވާކަށް އޭނާ ބޭނުމެއްނުވިއެވެ.
"ޔެސް. ދެޓް ވުޑް ބީ ގްރޭޓް. މާދަން ވަރަށް މަސައްކަތްވެސް އެބައޮތް" ރާހިލްގެ ވާހަކައަށް ބޯ ޖަހައިލަމުން އިޝްވާ ކާރުން ފޭބިއިރު ކުރިންހުރި ހާސްކަމެއް އެ މޫނުގައެއް ނެތެވެ. އޭނާހުރީ ހިސާބަކަށް ހަމަޖެހިފައެވެ.
****************
"ޔާނާ. ދޫނީ ބަލާބަލަ. އިޝީ އާންޓީގެ ފްރެންޑެކޭ އެއީ. އިޝީ އާންޓީ ދޭނަމޭ ބޭބެއަށް ތި ޑްރޯވިންގް. އަވަހަށްގެނޭ. ދެން ހުއްޓާލަބަލަ"
މޭޒުގައި ބޯ އަޅައިލައިގެން ރޯންއިން ޔާނާއާމެދު ކަންބޮޑުވެފައި އިޝްވާ ބުންޏެވެ. އެދުވަހު ޑޭކެއަރއަށް ގެނައީއްސުރެން ޔާނާގެ ކަމަކީ ރާހިލް އާދޭތޯ ދޮރުކައިރީގައި މުގޯލި އެޅުމެވެ. މަތީ ފަންގިފިލާއަށް ގެންދަން އުޅުމުން އެކަމާވެސް އެއްބަހެއްނުވިއެވެ. ތިރީގައިހުރި ޕްލޭ އޭރިޔާއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް އެއްބަހެއްނުވިއެވެ. އެންމެފަހުން މެންދުރުފަހު ބައެއް ކުދިންގެ މައިންބަފައިން އައިސް އެކުދިން ގޮވައިގެންދާތަން ފެނުމުން ގެއަށްދާންޖެހޭ ވަގުތު ގާތްވެއްޖެކަން ރޭކައިލުމާއެކު ފެށީ ރޯށެވެ. އިޝްވާއަށް ޖެހުނީ ދުވަސް އެއްކޮށް ޔާނާ މަސަލަސްކުރުމުގައި އުޅޭށެވެ.
"އަޅޭ ޔާނާ ދޫނީ.." އިޝްވާ ޔާނާގެ އަތުގައި ހިފައިލިއެވެ. އެއާއެކު ޔާނާ އިޝްވާގެ އަތް ފޮޅުވައިލުމަށްފަހު މޭޒުން އިސްއުފުލައިލިއެވެ.
"ނޫން. ނުދޭނަން އެއްވެސް ކުއްޖަކަށް. ބޭބެއަށް އެކަނި ދޭނީ. ޔާނާ ޕްރިންސަސް ހެދުންވެސް ލީ ބޭބެ އަންނާތީ. އެކަމަކު ބޭބެ ދޮގުހެދީ. ޔާނާ ޑްރޯވިންގް ވީދާލާނީ" ޔާނާ ބޮޑާހާކަމުންގޮސް އެންމެފަހުން ކުރަހާފޮތުން އެ ގަނޑު ވީދާލަން އުޅުނެވެ. އިޝްވާ އަވަސްއަވަހަށް އެކަން ހުއްޓުވީ ފަހުން އަނެއްކާ ޔާނާ އެކަމާ ދެރަވެގެން ރޯނެކަން އެނގޭތީއެވެ. ޔާނާގެ އެ ހުންނަނީ ހަމަ ޝައިނާގެ ހުންނަ ގޮތްދޫނުކުރުމުގެ މިޒާޖޭ އޭނާގެ ހިތަަށްއެރިއެވެ. އޭނާއަށް މަޖުބޫރުވީ ރާހިލް އެތަނަށް ގެންނާށެވެ.
"އޯކޭ އޯކޭ. ވެއިޓް. ބޭބެއަށް އެބަ ގުޅަން އެނގޭ. ހިނގާ ބޭބެއަށް އާދެވޭނެތޯ ބަލާލަން ދޯ" އިޝްވާ ރާހިލްއަށް ގުޅޭތޯ މަސައްކަތްކުރަމުން ބުންޏެވެ. ޔާނާ ބަލައި އަންނަން އަދި ގަޑިއެއްހާއިރު އޮތުމުންނާއެކު އަދި ރާހިލް އެތަނަށް ގެނައުމަކުން ޝައިނާއަށް ފެނުމުގެ ނުރައްކަލެއް ނެތްކަމުގައި އޭނާއަށް ވިސްނުނެވެ.
***************
މީޓިންގްރޫމުން ބޭރަށް ނުކުމެ ފޯނު ހުޅުވައިލުމާއެކު ބަރިބަރިއަށް އައިސްފައިވާ އިޝްވާގެ ކޯލުތައްފެނި ރާހިލްއަށް ނިތް އަރުވައިލެވުނެވެ. އިޝްވާއަށް ގުޅައިލުމަށްފަހު ފޯނު ކަންފަތުގައި ޖަހައިލިވަގުތު އިވުނީ އޭނާ އުއްމީދުކޮށްގެން ހުރިފަދަ ވާހަކައެއްނޫނެވެ.
"ޔާނާ މަސަލަސް ނުވެގެން މި އުޅެނީ. ދޮންބެ ކީއްކުރަންތަ ނުވިސްނޭ ވަރުގެ ކުޑަކުދިންގާތު މޮޅެތި ވައުދުތައްވަނީ؟ ބުނީ އަހަރެންނަކަށް އެ ކުރެހުމެއް ނުދޭނަމޯ. ދޮންބެ ދޮގުހެދީއޭ ކިޔައިގެން މިއަދު ހަތަރުދަމު އެ ބޮޑާހާކަނީ" އިޝްވާގެ ވާހަކަ އިވުމާއެކު ރާހިލްގެ ހިތަށް ފިނިކަމެއްލިބި ތުންފަތް ހިނިތުންވުމަކުން ދެމިލީ ކީއްވެކަމެއް ނޭނގުނެވެ. ހިނިތުންވެލައިގެންހުރި ޔާނާގެ މައުސޫމު ލޯބި މޫނު ސިފަވުމާއެކު ކޮންމެހެންވެސް އެ ކުއްޖާ ދެކިލާހިތްވިއެވެ. އެހެންކަމުން އޭނާ ފޯނު ކަނޑައިލުމަށްފަހު އޮފީހުން ނުކުތީ އިޝްވާ އެދުނުފަދައިން ޔާނާގެ ގާތަށް ދިޔުމަށެވެ. ނަމަވެސް ޔާނާ އޭނާއަށް ހަދިޔާއެއް ދޭން އުޅޭއިރު އޭނާވެސް އެކުއްޖާއަށް ކޮންމެވެސް ހަދިޔާއެއް ގެންދަންވާނޭ ރާހިލްގެ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ ފުރަތަމަ ގޮސް މަޑުކޮށްލީ ތުއްތު އަންހެންކުދިން ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު ސާމާނުހުރި ފިހާރައެއްގެ ކުރިމައްޗަށެވެ. އެއީ އޮފީހަށް އައުމުގެ މަގުމަތީގައި ކޮންމެ ދުވަހަކު ފެންނަ ފިހާރައެއްކަމުން އޭނާއަށް އެތަން ހޯދާކަށް އުނދަގުލެއް ނުވިއެވެ. ފިހާރައިގައިހުރި އެއްޗެއްސަށް ބީރަށްޓެހި ނަޒަރެއްދެމުން އޭނާ ކުރިއަށް ހިނގައިގަތްވަގުތު ދުރުގައި މަޑުކޮށްލައިގެންހުރި މުވައްޒަފަކު އޭނާގެ ގާތަށްއައިސް ސަލާމް ގޮވައިލިއެވެ.
"ކޯއްޗެއްތޯ ހޯއްދަވަނީ؟" އެކުއްޖާ އަދަބުވެރިކަމާއެކު އަހައިލިއެވެ.
"މިއީ.. އެބަހުރިތަ ކޮކާލެއް ކަހަލަ ޑިޒައިނެއް ނޫނީ ޕެޓަރންއެއްހުރި އެއްޗެއް." ރާހިލް ކުޑަކޮށް ވިސްނައިލުމަށްފަހު ބުންޏެވެ.
"އަމްމް. ޔެސް. މިކޮޅަށް އައިސްލަދެއްވާ" އެކުއްޖާ ރާހިލްގެ ކުރިއަށްހުރެ ހިނގައިގަންނަމުން ބުންޏެވެ. "ދަރިފުޅަށް ކިތަށް އަހަރުތޯ؟" އެކުއްޖާގެ ސުވާލާއެކު ރާހިލްގެ ހިނިތުންވުން ފޮހެވިގެންދިޔައެވެ. ހީވީ މީހަކު އޭނާގެ ލަގޮނޑީގައި ހިފައި ބާރުކޮށްލިއެވެ. އުނދަގޫކަމާއެކު ހިންދިރުވައިލަމުން ރާހިލް އެ ސުވާލަށް ޖަވާބުދިނެވެ.
"ފައިވް" ރާހިލްގެ އަޑުގައިވަނީ ހިމޭންކަމެވެ. އެ މުވައްޒަފު އެތަނުން ފަސްއަހަރުގެ ކުދިންނާ އެކަށޭނެ ހެދުމާއި ބޫޓު އަދި ބޮލުގަ އަޅާ ބޭންޑުފަދަ އެއްޗެހި ދައްކަންފެށިއެވެ. ރާހިލްގެ ލޮލުގައި އަޅައިގަތީ އެތަނުގައި ހަރުކޮށްފައި އިން ބޮލުގަ ޖަހާ ދެ ދައްޗެވެ. ވިދުން އަރާ ނޫކޮކާލެއް އެއިން ކޮންމެ ދައްޗެއްގައި ހަރުކޮށްފައިހުއްޓެވެ. އެ ފެނުމާއެކު އޭނާ އެންމެ ފުރަތަމަވެސް ހަނދާންވީ ޔާނާގެ މަތިންނެވެ.
"އައި ތިންކް އައި ވިލް ޓޭކް ދިސް ވަން. ތޭންކްޔޫ" ރާހިލް ބުންޏެވެ. އެ ހަދިޔާއަށް ފައިސާ ދެއްކުމަށްފަހު އޭނާ ފިހާރައިންނުކުތެވެ.
ފަސްވަރަކަށް މިނަޓު ފާއިތުވެދިޔައިރު ރާހިލް ސައިކަލުގައިގޮސް ޑޭކެއަރ ސެންޓަރުގެ ކައިރިއަށް މަޑުކޮށްލައިފިއެވެ. އެތަނުގައި ހުރި ބިއްލޫރި ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަތްއިރު އޭނާ ކުރީ ދުވަހު އިށީނދެ އިން ބެންޗުގައި އިޝްވާއާއި ޔާނާ އޭނާގެ އިންތިޒާރުގައި ތިއްބެވެ. ރާހިލް ފެނުމުން އިޝްވާ ޔާނާގެ ގައިގައި ކޮށްޓައިލަމުން ޔާނާއަށް ރާހިލް ދައްކައިލިއެވެ. އެއާއެކު ޔާނާ ލައިގެންހުރި ހުދުކުލައިގެ ފުއްޕާލައިފައިވާ ހެދުމާއެކު ޕަރީއެއްހެން ދުވެލައިފައި އައިސް ރާހިލްގެ ފައިގައި އޮޅުލައިގަތެވެ.
"އަޅޭ.. ބޭބެގެ ޕްރިންސަސް މި ރޮނީ ކީއްވެ؟" ޔާނާ އުރައިލަމުން ރާހިލް ލޯތްބާއެކު އަހައިލިއެވެ. އެއީ އޭނާ ޔާނާ އުރައިލި ފުރަތަމަ ފަހަރު ކަމުގައިވިޔަސް އެކަމުން އޭނާގެ ހިތަށް އާދަޔާހިލާފު ހަމަޖެހުމެއްލިބުނެވެ. ހިތުގައި ލެވިފައިވާ ދުވަސްވީ ޒަހަމަކަށް ފަރުވާ ލިބިގެންދިޔަހެން ހީވިއެވެ. ރާހިލް ހައިރާންވިއެވެ. ޒިވްޔަންއާއެކު ހޭދަކުރާ ވަގުތުތަކުގައިވެސް ނުލިބޭފަދަ އުފާވެރިކަމާ ހިތްހަމަޖެހުމެއް ޔާނާއާއެކު ހޭދަކުރާ ވަގުތުތަކުގައި ލިބޭ ސަބަބާމެދު ސުވާލުވެސް އުފެދުނެވެ. އެހެނަސް އެ ކުރެވުނު ބީރައްޓެހި އިހުސާސް ހަނދާން ނައްތައިލަމުން އޭނާ ބެލީ ޔާނާގެ ވާހަކައަށް ސަމާލުކަންދެވޭތޯއެވެ.
"އިޝީ އާން..ޓީ ވަރަށް.. ގޯ..ސް. އުޅުނީ ޔާ..ނާ.. ބޭބެއަށް ދޭންބުނި ޑްރޯވިންގް.. އަތު..ލަންވެގެން" ރާހިލްގެ ކަރުގައި ބައްދައިލައިގެން އޮވެ ޔާނާ ގިސްލަގިސްލާފައި ކިޔައިދިނެވެ.
"އަޅޭ އިޝީ އާންޓީ ނޫޅެމޭ ޔާނާގެ ޑްރޯވިންގް އަތުލާކަށް. ބޭބެ ބުނީއޭ އިޝީ އާންޓީގާތު ޑްރޯވިންގް ގެނެސްދެން. ދޯ ބޭބޭ" އިޝްވާ ދެރަވިއެވެ. ޔާނާ އޭނާދެކެ ރުޅިއަންނާކަށް އިޝްވާ ބޭނުމެއްނުވެއެވެ.
"އެ ތެދެއް. ބޭބެ ބުނީއޭ އިޝީ އާންޓީގާތު ބޭބެއަށް ނާދެވިއްޖެއްޔާ ޕްރިންސަސްގެ ޑްރޯވިންގް ގެނެސްދޭށޭ. އެކަމަކު މިހާރު މި އައީނު ބޭބެ. ދެން އަވަހަށް ހުއްޓާލާ" ރާހިލް އެދުނެވެ. ޔާނާ އަވަސްއަވަހަށް ބޯ ޖަހައިލަމުން އޭނާގެ ތުއްތު ދެއަތުން ކޮލުގައިވާ ކަރުނަތައް ފޮހެލިއެވެ.
"ގުޑް ގަރލް. ދެން އަވަހަށް ދޭ ބޭބެގެ ޑްރޯވިންގް ބަލާ" ޔާނާ ބިންމަތީގައި ބަހައްޓައިލަމުން ރާހިލް ބުންޏެވެ.
"އެންމެ ދުވަހެއްތެރޭ ޔާނާ ދޮންބެއާ ދޯޅުވެލި ވަރު. އައި ރިއަލީ ކާންޓް ބިލީވް" އިޝްވާ ބުންޏެވެ.
"ސަރޕްރައިޒް ވާވަރު ކަމެއްނޫނެއްނު. އަހަރެން މިއީ އަބަދުވެސް ކިޑްސް ފޭވްރިޓް. ޒިވްޔަންގެވެސް. ހީ ލަވްސް މީ މޯރ ދޭން ޔޫ" ރާހިލް ލިބުނު ކުޑަ ފުރުސަތުގައިވެސް އިޝްވާ ރުޅިއަރުވައިލިއެވެ.
"އައްޗި. ޔޫ ވިޝް" އިޝްވާވެސް ވަކި ރާހިލްއަކަށް ދުލެއްނުދިނެވެ. އެދެމީހުންގެ ކޯޅުން ހުއްޓުނީ އެވަގުތު ޔާނާ އައިސް އެބުނާ ކުރެހުމެއް ހިފައިގެން ރާހިލްގެ ގާތަށް ހުއްޓިލުމުންނެވެ. ރާހިލް ޔާނާ ހުރި ހިސާބަށް ކުޑަކަކޫ ޖަހައިލަމުން ތިރިވެލުމާއެކު ޔާނާ އެ ކުރެހުން ރާހިލްއަށް ދައްކައިލިއެވެ.
"ވާއު ސޯ ބިއުޓިފުލް. އައި ލަވް އިޓް" ރާހިލް ބުންޏެވެ. އެއާއެކު ޔާނާ ހީވީ ލަދުންގޮސް މޯޅިވެދާނެހެނެވެ.
"ޕްފްފްޓް. ތުއި ކުއްޖެއް" ޔާނާއާ ދިމާކޮށްލުމުގެ ގޮތުން އިޝްވާ ޔާނާގެ ކޮލުގައި ހިފައިލަމުން ބުންޏެވެ. ރާހިލްގެ ގާތަށްވެސް ހިނިއައެވެ.
"ޒީ ކުޑައިރު އުޅޭގޮތްމަތިން ދޯ ހަނދާންވަނީ" ރާހިލް އިޝްވާއަށް އަޑުއިވޭވަރަށް ބުންޏެވެ.
"ކިހިނެއް އިޝީއަށް އެނގޭނީ؟" އިޝްވާ ކަޅި އަނބުރައިލަމުން ބުންޏެވެ.
"ބޭބޭ ބަލާބަލަ. ޔާނާ މިހިރީ ޕްރިންސަސްއަކަށްވެފަ. ބޭބެ ބުނީމެއްނު ޔާނާ މިއީ ޕްރިންސެސްއެކޭ" އިޝްވާއާ ރާހިލް ދައްކަމުންދިޔަ ވާހަކަ މެދުކަނޑައިލަމުން ޔާނާ ރާހިލްގެ މޫނުގައި ހިފައި އަނބުރައިލިއެވެ. އިޝްވާއަށް ރާހިލް ސަމާލުކަންދޭތަން ފެނި ޔާނާ އެކަމާ ގަޔާނުވީ ކަހަަލައެވެ. ރާހިލްގެ ގާތަށް އެކަމުން ކުޑަކޮށް ހިނިވެސް އައެވެ.
"ވާއު. ސޯ ޕްރިޓީ. ބޭބެވެސް ގެނައީމޭ ޕްރިންސެސްއަށް ގިފްޓެއް." ރާހިލް ޖީބުން ނެގި ކަރުދާސްގަނޑެއް ޔާނާގެ އަތަށް ލައިދިނެވެ.
ޔާނާ އެ ކަރުދާސްގަނޑު ނިއުޅައިލިއެވެ. އޭގައި އޮތް ނޫކޮކާ ޖަހައިފައިވާ ދެ ދަތި ފެނުމާއެކު އުފަލުންގޮސް ޔާނާގެ މޫނު އުޖާލާވިއެވެ. ވަގުތުން ރާހިލް އަތަށް އެ ދަތިތައް ދިނުމަށްފަހު ބޮލުގައި ޖަހައިދިނުމަށް އެދުނެވެ. ރާހިލް ޔާނާގެ އިސްތަށިގަނޑު ދެފަރާތަށް އައްސައިލައިފައިހުރި ދެ ވޫލުކޮޅުގެ މަތީގައި އެ ދެ ދަތި ހަރުކޮށްލައިދިނެވެ.
"އިޝީއަކަށް ގިފްޓެއް ނުގެންނަންތަ؟" އިޝްވާ އަހައިލިއެވެ.
"އިޝީ އާންޓީއަކަށް ނުގެންނާނެ. މިއީ ޔާނާގެ ފްރެންޑެއް. ޔާނާގެ ބެސްޓްފްރެންޑް މީ" އިޝްވާއަށް ލޯ އަޅައިލަމުން ޔާނާ ބުންޏެވެ.
"އޯކޭ އިޝީ އާންޓީ ސޭޑް. ދަނީ މައްޗަށް އެހެން ކޮއްކޮމެން ކައިރިއަށް. ދޮންބޭ އެބަ އަންނަން މައްޗަށް ގޮސްލާފަ އެނގޭ. މިއަދު އެއްކޮށް މި ޔާނާއަކާހެދި މިތާ ތިރީގަ މި އުޅެން ޖެހުނީ. އިޝީ ގޮވައިގެން ގެއަށްދާން މަޑު ކުރައްޗޭ" އިޝްވާ ފަހު ދެތިން ޖުމްލަ ރާހިލްއަށް އެކަނި އިވޭ ވަރަށް ބުނެލުމަށްފަހު މައްޗަށް ހިނގައިގަތީ ދިޔުމުގެ ކުރިން ނަބްހާއަށްވެސް ޔާނާ ބަލައިދިނުމަށް ލޮލުން އިޝާރާތް ކޮށްލުމަށްފަހުގައެވެ.
އިޝްވާގެ ޑިއުޓީ ނިމެން އަދި ދިހަވަރަކަށް މިނަޓު އޮތުމުން ރާހިލް އެ ހުރިހާ ވަގުތެއް ހޭދަކުރީ ޔާނާއާއެކުގައެވެ. ޔާނާ ބޭނުންވީ ރާހިލްއާ އެކުގައި ކޮންމެވެސް އެއްޗެއް ކުރަހާށެވެ. އެކަމުގައި ރާހިލް ބައިވެރިވިތާ މާ ގިނައިރެއްނުވެ އިޝްވާ ދަބަސް ހިފައިގެން ތިރިއަށް ފޭބިއެވެ. ރާހިލްއާއި ޔާނާގެ ހަރަކާތްތަކަށް ބަލަން އޭނާއަށް އިރުކޮޅަކު ހުއްޓުން އަރައިފައި ހުރެވުނެވެ.
ތަގްދީރުގެ ނިޔާއާމެދު އިޝްވާ ހުރެވުނީ ބުނާނެ އެއްޗެއް ކުރާނެ ކަމެއްވެސް ނޭނގިފައެވެ. ރާހިލްއަކީ ދުވަހަކުވެސް އޭނާ މަސައްކަތްކުރާ ސެންޓަރަށް ކުރިން ވަދެފައިވާ މީހެއްނޫނެވެ. އެހެނަސް ރާހިލްއަށް އިއްޔެ އެތަނަށް އާދެވުމާއި އެތަނުގައި ތިބި އެތަށް ކުދިންނެއްގެ ތެރެއިންވެސް ވަކިން ހާއްސަކޮށް ޔާނާއާ ދިމާވުމަކީ ހަމައެކަނި އިއްތިފާގެއް ކަމުގައި ގަބޫލު ކުރެވުނީހީ އެ ބައްދަލުވުން އެހިސާބުން ނިމިގެން ދިޔަނަމަތާއެވެ. އެހެނަސް ހަމަ ކުޑަ ވަގުތުކޮޅެއްގެ ޔާނާގެ ތުއްތު ހިތުގައި ރާހިލްއަށް ހާއްސަކަމެއް ދެވުމާއި ޔާނާގެ ސަބަބުން މިދިޔަ ފަސްއަހަރުގެ ތެރޭގައި ރާހިލްގެ މޫނުމަތިން ގެއްލިފައިވި ހިނިތުންވުން އިއާދަވުމަކީ ހަމައެކަނި އިއްތިފާގެއް ކަމުގައި ނުވާނެއެވެ. އެއީ މާތް ރަސްކަލާނގެ އިރާދަކުރެއްވި ގޮތްކަމުގައި ނޫނީ ނުވާނެއެވެ. އެ އިރާދައަށް ގޮންޖެހުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއްނޫނެވެ. ޔާނާއަކީ ރާހިލްގެ ދަރިފުޅުކަން ރާހިލްއަށް ކޮންމެވެސް ދުވަހަކުން އެނގޭނެއެވެ. އެ ދުވަހަކާ ޖެހެންދެން އިޝްވާއަށް މަޖުބޫރުވެފައިވަނީ ޝައިނާ އެދޭގޮތަށް ކަންތައްތަކުގައި އެއްބާރުލުން ދިނުމެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިޝްވާ ކުރިއަށް ހިނގައިގަތީ ޝައިނާ އައުމުގެ ކުރިން ޔާނާއާ ވަދާއުގެ ސަލާން ކޮށްލުމަށްފަހު ރާހިލްއާއެކު އެތަނުން ނުކުތުމުގެ ގޮތުންނެވެ.
**************
ރޭގަނޑުގެ ވަގުތެވެ. ގޭތެރޭގެ މަސައްކަތްތައް ނިންމައިލައި އަލިތައް ފަނޑުކޮށްލުމަށްފަހު ޝައިނާ ކޮޓަރިއަށް ވަތްއިރު އާދައިގެ މަތިން ރާއީއާއި ޔާނާ ނިދަން ތައްޔާރުވެ އެނދުގައި އޮށޯވެލައިގެން ތިއްބެވެ. ޝައިނާގެ ތުންފަތަށް ވެރިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. މޫނާއި އަތްފައި ދޮވެލައިގެން އޭނާއައިސް އޮށޯވެލީ އެދެކުދިންގެ މެދުގައެވެ.
"މަންމީ މަންމީ. ސްޓޯރީ" އޭނާއަށް އެނދުގައި ރަނގަޅަށް ހަމަނުޖެހެންދެން ޔާނާ އޭނާގެ ގައިގައި ބައްދައިލަމުން ބުންޏެވެ. އެފަދަ އެއްވެސް ކަމަކަށް އެކުއްޖާގެ ފަރުވާއެއް ނުހުރެއެވެ. އެއާހިލާފަށް ރާއީ އޭނާގެ ގައިގައި ބައްދައިލީ އޭނާ އެނދުގައި އޮށޯވެ ހަމަޖެހިލި ފަހުންނެވެ.
"ހްމްމް. އޯކޭ ހިނގާ ވޯޓްކުރަން. ދަރިފުޅުވެސް ބޭނުމީ ސްޓޯރީތަ؟ ނޫނީ ލަވަތަ؟"
"ސްޓޯރީ" ޝައިނާގެ އަނގައިގައި ފަހުންކުރި ސުވާލުގެ އެއްބައި އޮއްވައި ރާޢީ ބުންޏެވެ.
"ޕްލީޒް ސްޓޯރީ މަންމީ. މަންމި ލަވަކިޔަނީ ހަޑިކޮށް. ޔާނާ ފޫހިވޭ" ރާއީގެ ވާހަކައަށް ތާއިދުކޮށް ޔާނާ ބުންޏެވެ.
"އަހަހަހަ. އޯކޭ އޯކޭ. ކޮން ސްޓޯރީއެއް ކިޔާދޭންވީ.. މާމެއިޑް ސްޓޯރީތަ؟ ފެއަރީ ސްޓޯރީތަ؟ އޭލިއަން ސްޓޯރީއެއްދޯ؟" ޝައިނާ އަހައިލިއެވެ.
"މަންމީ.. ޕްރިންސަސް ސްޓޯރީއެއް ކިޔާދީބާ" ޔާނާ އެދުނެވެ.
"ޕްރިންސަސް ސްޓޯރީއެކޭ. މަންމިއަކަށް ނުވެސް އެނގޭ ޕްރިންސެސް ސްޓޯރީއެއް. އެ ކިހިނެއް ކުއްލިއަކަށް ޕްރިންސަސް ސްޓޯރީ؟ ދަރިފުޅު ފޭވްރިޓްއަކީ މާމެއިޑްއެއްނު" ޝައިނާ އަހައިލިއެވެ. ޔާނާ އެހެންޏާ ކިޔައިދޭން ނުބުނާފަދަ ވާހަކައެއް ކިޔައިދޭން ބުނުމުން ޝައިނާ ހައިރާންވިއެވެ.
"ކުރިން ޔާނާ ބޭނުންވަނީ މާމެއިޑްއަކަށް ވާން. އެކަމަކު މިހާރު ޔާނާ ބޭނުމީ ޕްރިންސަސްއަކަށް ވާން" ޔާނާ ބުނެލިއެވެ.
"އެއީ ކީއްވެ؟ މާމެއިޑްސް ކޭން ސްވިމް. މާމެއިޑްސް ހޭވް ސުޕަރ ޕަވަރޒް. މާމެއިޑްސް ހޭވް–"
"އެކަމަކު ޔާނާ ޕްރިންސަސްއަކަށް ނުވަންޏާ ބޭބެ ޔާނާއަށް ޕްރިންސަސްއެއް ނުކިޔާނެއެއްނު މަންމީ" ޔާނާގެ ވާހަކައިން ޝައިނާގެ ސިކުނޑީގައި ސުވާލުގެ ބޮޅަކަށްފަހު ބޮޅެއް އިތުރުވަމުންދިޔައެވެ.
"ކޮން.. ކޮން ބޭބެއެއް؟" ތެޅިތެޅިއޮތް ހިތަކާއެކު ޝައިނާ އަހައިލިއެވެ. ޔާނާގެ ވާހަކަ ހުރިގޮތުން އޭނާ މިހާރު ކަންބޮޑުވާން ފަށައިފިއެވެ.
"ރޫބީ ސެންޓަރގަ ހުންނަ ބޭބެ. މަންމިއަށް އެނގޭތަ އެއީ ޔާނާ ވަރަށް ފޭވަރިޓް ބޭބެއެއް. ޔާނާއަށް މިއަދު ބަޓަރފްލައި ކްލިޕްވެސް ދިނީ ބޭބެ. އިއްޔެގަ ޔާނާގެ ބަޓަރފްލައި ޑްރޯވިންގަ ކުލަޖައްސަންވެސް ބޭބެ ހެލްޕްކޮށްދިން. ބޭބެ ބުނީ ޔާނާ މިއީ ޕްރިންސަސްއެކޭ" ޔާނާގެ ވާހަކަ އެހިސާބަށް ދިޔައިރު ޝައިނާއަށް ލިބިފައިވި ނުތަނަވަސްކަމުގެ ސަބަބުން ދެން ވާހަކަވެސް ދެއްކުނީ ހަރުކަށިކޮށެވެ.
"ޔާނާ! މަންމި ޔާނާ ކައިރި ބުނަމެއްނު ނުދަންނަ ބޭބެތަކާ ވާހަކަ ނުދައްކާށޭ! ޔާނާ ކީއްވެތަ ބަސްނާހާ އުޅެނީ؟ އެހެންވެއޭ ދޮންބެ ބަހައްޓާފަ ދިޔަސް މަންމިއަށް ޔާނާ ފްރެންޑް ގެއެއްގަވެސް ބަހައްޓާފަ ދާން ނުކެރެނީ. ޔާނާ ކީއްވެތަ ދޮންބެގޮތަށް ބަސްއަހައިގެން ނޫޅެނީ؟" ޝައިނާގެ އަޑު ފުދޭވަރަކަށް ބާރެވެ. ޔާނާ އިނީ ހަމަ ރަނގަޅަށްވެސް ރޮވެން ކައިރިވެފައެވެ.
"އެއީ ސްޓްރޭންޖަރ ބޭބެއެއްނޫން މަންމީ. އެއީ އިޝީ އާންޓީގެ ފްރެންޑް ބޭބެއެކޭ. ސޮރީ މަންމީ. ޔާނާ ބަސްއަހާނަން" ޔާނާ ރޮމުންރޮމުން ޝައިނާގެ ގައިގައި އިތުރަށް ބައްދައިލިއެވެ. އެއާއެކު ޝައިނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އޯކޭ އޯކޭ. ސޮރީ މަންމިވެސް. ދެކުދިން ކައިރިންވެސް ސޮރީ.. މަންމި ހާސްވީއޭ ދަރިފުޅޫ. ސްޓްރޭންޖަރ ބޭބެއެއް އައިސް ޔާނާ ގެންދަން އުޅުނިއްޔާ މަންމި ކިހާ ދެރަވާނެ. ބުނެބަލަ.. އިޝީ އާންޓީގެ ފްރެންޑް ބޭބެއެއްތަ އެއީ؟ ކިހިނެއް ހުރި ބޭބެއެއް؟" ޝައިނާ އެ ސުވާލު ޔާނާގާތު އަހައިލީ ހިތާހިތުން އެއީ ރާހިލްއަށް ނުވޭތޯ ދުއާ ކުރަމުންނެވެ.
"ބޭބެ ވަރަށް މަޖާ ވާނެ. ލޯންގް ހެއަރއެއް ލާފަ ބިއަރޑްއެއް ލާފަ ހުންނާނީ.." ޔާނާއަށް އެނގޭވަރަކުން އެބުނާ "ބޭބެ" އެއްގެ ސިފަތައް ކިޔައިދެމުންދިޔަ ވަރަކަށް ޝައިނާ ހަމައަކަށް އެޅެންފެށީ އެއިން ކޮންމެ ސިފައަކީވެސް ރާހިލްއާ ދިމާ އިދިކޮޅު ސިފައެއްކަމުންނެވެ. އިޝްވާ އޭނާއަށްވީ ވައުދުގައި ހިފަހައްޓާނެކަމާއި ރާހިލްގެ ހިޔަނި އެ ހަޔާތަށް އެޅޭނެ ފުރުސަތު ނުދޭނެކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް ލިބުނެވެ. އެހެނަސް ޔާނާ ދެއްކި ވާހަކަތަކާމެދު އޭނާގެ ހިތުގައި އޮތް ކަންބޮޑުވުމަށް އަދިވެސް ނިމުމެއް ނާންނާތީ އެވާހަކަ އިޝްވާއާ ދެއްކުމަށް ސިކުނޑީގެ ކަނެއްގައި ނޯޓުކޮށްލަމުން އޭނާ އެދެކުދިން އެދުނު ފަދައިން ވާހަކަ ކިޔައިދޭންފެށިއެވެ.
މާގިނައިރެއްނުވެ ޔާނާއާއި ރާއީ ނިދުމުން އޭނާވެސް އަމިއްލަ ހިޔާލުތަކުގެ ތެރެއަށް ގެނބެންފެށިއެވެ. މަޑުމަޑުން ބަނޑުމަތީގައި އޮތް ޔާނާގެ އަތް އެއްފަރާތް ކޮށްލުމަށްފަހު ތެދުވެގެންގޮސް އަލަމާރި ހުޅުވައިލައި އޭގެން ކުޑަކުޑަ ދަބަހެއް ނެގިއެވެ. އެ ދަބަހުން އޭނާ ނެގީ ރަތް އެހެއް ޖަހައިފައިވާ ރަންއަނގޮޓިއެކެވެ. އިރުކޮޅެއްވަންދެން އެ އަނގޮޓިއާ ދިމާލަށް ބަލަން ހުރުމަށްފަހު އޭނާ ވައަތުގެ ކަށި އިނގިއްޔަށް އެ އަނގޮޓި ހެޔޮވަރުކޮށްލިއެވެ. ފާރުގައިހުރި ގަޑީގެ ކަށި ބާރައާ އަރައި ހަމަވަންދެން އޭނާ އެ އަނގޮޓިއަށް ބަލަހައްޓައިގެން ހުއްޓެވެ.
"ހެޕީ އެނިވަރސަރީ ރާހިލް.." ގަޑީގެ ކަށި ބާރައާ އަރައި ހަމަވުމާއެކު އޭނާ މަޑުމަޑުންބުނެލިއެވެ. އެގޮތުގައި މިނެޓެއްހާއިރު ފާއިތުވަންދެން ހުރުމަށްފަހު އެ އަނގޮޓި ކުރިން އޮތް ދަބަހުގެ ތެރެއަށްލައި އަލަމާރީގައި ފޮރުވައިލިއެވެ. އަދި އެނދުގައި އޮށޯވެލަމުން ނިދީގެ ތެރެއަށް ފީނައިގަތުމަށްޓަކައި ދެލޯ މަރައިލިއެވެ.
****************
ޖެހިގެންއައި ހެނދުނެވެ. އިޝްވާ ޑިއުޓީއަށް އައި އިރު ޔާނާގޮވައިގެން އައި ޝައިނާ އެހެން ދުވަސްދުވަހާ ހިލާފަށް ސެންޓަރުގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ޝައިނާގެ މޫނުމަތިން ކަމަކާމެދު ހިތްހަމަނުޖެހިފައި ހުރިކަމުގެ ކުލަވަރު ފާޅުވާން ހުރިނަމަވެސް އިޝްވާ އެކަމަށް ސަމާލުކަން ނުދީވޭތޯ ބަލަމުން ޝައިނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
"ސިސް.. ހާދަ ހެނދުނަކާ. ޔާނާ އެތެރެއަށް ވެއްދީތަ؟" ސެންޓަރުގެ ދޮރަށް އިޝާރާތްކޮށްލަމުން އިޝްވާ އަހައިލިއެވެ.
"ހްމްމް. އިޝްކޮއާ ވާހަކައެއް ދައްކާލަން ހިތު އަޅައިގެން ތަންކޮޅެއް އަވަހަށް އައީ އެކަމަކު މިހާރު އޮފީސްގަޑި ޖެހެނީ. އިޝީ މިއަދު ފަހުން ފްރީވާނެތަ؟" ޝައިނާ އަހައިލިއެވެ.
"މިއަދު ކްލާސް އެބައޮތް.. މާދަންވެސް. އެކަމަކު އޭގެ އަނެއްދުވަހުން ފްރީ.." އިޝްވާ ބުންޏެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލީ އެހާ މުހިއްމު ވާހަކައެއްދެއްކުން ލަސްކުރަންޖެހޭތީއެވެ. އެހެނަސް ދައްކަން އުޅެނީ އިޝްވާއާ ގުޅުންހުރި މީހެއްގެ ވާހަކަ ކަމަށްވުމުން އިޝްވާ ހަމަޖެހިލައިގެން ވަގުތު ދީގެން ނޫނީ އެވާހަކަ ދެއްކުމަކީ ބުއްދިވެރިގޮތެއް ނޫނެވެ. އެވާހަކަ ގޯސްކޮށް ނަގައިގަނެވިއްޖެނަމަ އޭނާއާއި އިޝްވާގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެދާނެކަމުގެ ބިރު އެބައޮތެވެ. މިދަނޑިވަޅުގައި އެފަދަ ހީނަރުކަމަކަށް ޖާގަދޭކަށް އޭނާ ބޭނުމެއްނޫނެވެ.
"އޯކޭ. އެހެންވިއްޔާ އިޝްކޮ އެދުވަހުން އާދެބަލަ ޔާނާ ގޮވައިގެން ގެއަށް. އަހަރެން އެވާހަކަ ދައްކާލާނަން. މިވަގުތަށް ދެން ގޮސްލީ" ޝައިނާ އެތަނުން ދިޔައީ އިޝްވާ ސުވާލުމާކެއްގެ ތެރެއަށް ދޫކޮށްލުމަށްފަހުގައެވެ. ވުމާއެކު ޑިއުޓީއަށް ރިޕޯޓު ކުރުމަށްފަހު އޭނާ އަވަސްވެގަތީ ޔާނާ ހޯދައިގެން އެ ސުވާލުތަކަށް ޖަވާބު ލިބިގަތުމަށެވެ. އެތަނުގައި އިން އެހެން ކުޑަ އަންހެންކުއްޖަކާއެކު ކުޅެން އިން ޔާނާ ފެނި އޭނާ ދުވެލައިފައިގޮސް ޔާނާގެ އަތުގައި ހިފައިގެން ކުޑަކޮން ދުރަށް ގެންދިޔައެވެ. އަދި އޭނާގެ ހިތުގައި އުފެދެމުން އައި ސުވާލު ޔާނާއާ ކޮށްލިއެވެ.
"ޔާނާ. ދޫނީ.. މަންމިގާތު ޔާނާ ފްރެންޑް ބޭބެގެ ވާހަކަ ބުނިންތަ؟" އިޝްވާގެ ސުވާލާމެދު އިރުކޮޅެއްވަންދެން ވިސްނާލަން ހުރުމަށްފަހު ބޯ ޖަހައިލިއެވެ.
"ހްމްމް މަންމި ބެޑްތައިމް ސްޓޯރި ކިޔާދިންގަޑީ ޔާނާ ބުނީ" އިޝްވާއަށް ލިބުނު ނުތަނަވަސްކަމުގައި ދެލޯ މަރައިލަމުން ނިއްކުރީގައި އަތްޖައްސައިލެވުނެވެ.
"ޔާނާ ކީކޭ ބުނީ މަންމިގާތު؟ އަޅޭ އިޝީ އާންޓީގާތު ބުނެބަ މަންމިގާތު ބުނިގޮތަށް" އިޝްވާ އެދުނެވެ. ޔާނާ ލަސްލަހުން ޝައިނާއަށް ރާހިލް ސިފަކޮށްދިންގޮތް ހަނދާންކުރަމުން އިޝްވާއަށް ކިޔައިދިނެވެ.
"ދެން އެހެން ވާހަކައެއް ނުބުނަން ދޯ މަންމި ގާތުގައެއް؟ ބުނިންތަ އެއީ ވަރަށް ޓޯލް ބޭބެއެކޭ" އިޝްވާ އަހައިލިއެވެ. ރާހިލްއާ ގުޅިގެން ކުޑަވެސް ޝައްކެއް ޝައިނާއަށް ވެފައިވޭތޯ ޔަގީންކުރަން އޭނާ ބޭނުންވިއެވެ.
"ނޫން. ހުރިހާ ބޮޑެތިކުދިންވެސް ޔާނާއަށްވުރެ ޓޯލްއެއްނު" ޔާނާގެ ޖަވާބު އިވި އިޝްވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
"އޯކޭ. ޔާނާ ދޫނީ.. ބޭބެގެ އެއްވެސް ވާހަކައެއް މަންމިގާތު ދެން ނުބުނައްޗޭ އެނގޭ. ޕްލީޒް. މަންމި އިޝީ އާންޓީދެކެ ވަރަށް ވަރަށް ސޭޑްވާނެ. ޕްރޮމިސްކުރޭ.. މަންމި ސޭޑް ވަންޏާ ބޭބެ ދެން ނުވެސް އަންނާނެ ޔާނާ ގާތަކަށް" ޔާނާއަށް މި ހިތްވަރު ދެވެނީ ކިހާ ގޯސްކަމަކަށްކަން އެނގިހުރެވެސް އިޝްވާ ބުންޏެވެ. އޭނާއަށް އެނޫން އިތުރުގޮތެއް ނެތުމުންނެވެ.
"އޯކޭ ޕްރޮމިސް. ބޭބެ މިއަދު އަންނާނެތަ؟" ޔާނާ އަހައިލިއެވެ.
"މިއަދަކު ނޫން އެކަމަކު ޔާނާ ބަސްއަހައިގެން އުޅެންޏާ ބޭބެ ގެނެސްދޭނަން އެނގޭ. ޕްރޮމިސް. ދެން ދޭ އަވަހަށް ބަސްއަހައިގެން ކުޅެލަން" އިޝްވާގެ ވާހަކައަށް ބޯ ޖަހައިލަމުން ޔާނާ ދުވެލައިފައިގޮސް ކުރިން އިން ތަނުގައި އިށީނެވެ.
***************
ޝައިނާ މަސައްކަތްކުރާ އޮފީހުގެ ދޮރުމައްޗަށް ޓެކްސީ ހުއްޓައިލުމާއެކު އޭނާ ކުރީގައި އިން ޑްރައިވަރަށް ފަސްސަތޭކަ ރުފިޔާ ދިއްކޮށްލިއެވެ.
"މި ރުފިޔާ މާރު ވާކަށް ނެތް؟ ކުދިކޮށް ނެތްތަ؟" ޑްރައިވަރު އެ ފަސްސަތޭކަ ރުފިޔާ އަލުން ޝައިނާއަށް ދިއްކޮށްލިއެވެ. ޝައިނާ އެ ހިފައިގެން ކާރުން ފޭބީއެވެ.
"އޮފީސް ގަޑި ޖެހެނީ. ބޭބެގެ އެކައުންޓް ނަންބަރު ދޭންވީނު. އަޅުގަނޑު އޮފީހަށް އަރާފަ ކުއްޖަކު ލައްވާ ޓްރާންފަރ ކޮށްދޭނަން.. މިވަގުތު އަޅުގަނޑުގެ ބޭންކް އެކައުންޓުގަ ފައިސާ ނެތީމަ" ޝައިނާ އަދަބުވެރިކަމާއެކު ބުންޏެވެ. މީގެ ފަސްއަހަރު ކުރިން ބޭންކް އެކައުންޓުގައިހުރި ހުރިހައި ފައިސާއެއް ނަގަން ޖެހުމުން މިވަގުތު އޭނާގެ އަތުގައިހުރީ ނަގުދު ފައިސާ އެކަންޏެވެ.
"ތިއީ ކޮން މޮޅު ވާހަކައެއް. ތިހެން ކިޔާފަ ވަގުހަދަން ތިއުޅެނީ. އަންހެނުންނަކީ ބުރުސޫރަ ރީތިވާ ވަރަކަށް ހީލަތްތެރިކަންވެސް އިތުރުވާބައެއް. ތިހެނެއް ނުދެވޭނެ" ބިއްލޫރިގަނޑު ތިރިކޮށްލެވިފައިވާ ކާރުގެ ބިއްލޫރިގަނޑުގެ ދޭތެރެއިން އެމީހާ ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ.
"މައް.. މައްސަލައެއްނެތް. އަޅުގަނޑު މި ފިހާރައަށް ވަދެފަ ރުފިޔާ ކުދިކޮށްގެން އައިސް ދީފާނަން. ޕްލީޒް އަންޑަރސްޓޭންޑް" ޝައިނާ އެދުނެވެ. އޭނާގެ މާލީ ހާލަތު ހުރިގޮތުންނާއެކު އެ ފަސްސަތޭކަ ރުފިޔާ އެކީ ދޫކޮށްލެވޭކަށް އޭނާއަކަށްނެތެވެ. އޭނާ އެމީހާގެ އަތުން އަމިއްލަ އަތް ދަމައިގަންނަން ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. އެފަދަ ބާރުގަދަ މީހެއްގެ ކައިރީގައި އޭނާއަށް ވަކި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ޝައިނާއަށް ހަދާނެގޮތް ހުސްވިއެވެ.
"ކާރަށް އަރާ!" އެމީހާ އަމުރުކުރިއެވެ. މަގުބެދި ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑު އިވެމުންދިޔައިރުވެސް އެމީހާ ޝައިނާގެ އަތުން ދޫކުރާކަށް ނޫޅުނެވެ. ހިނދެއް ހިނދަކަށް ޝައިނާގެ އަތުގައި ހިފަހައްޓައިފައިހުރި އަތަށް ބާރުލަމުން ދިޔާގޮތާއި ޝައިނާއާ އަމާޒުކޮށްލައިގެން ހުރި ނަޒަރު ގޯސްވަމުން ދިޔަގޮތުން އެމީހާގެ ނިޔަތް ގޯސްވާން ފަށައިފިހެންވެސް ހީވާން ފެށިއެވެ.
————-
ވަގުތު ކުޑަތަންވެފައިވާ މީޓިންގްއަކަށް ދިޔުމަށްޓަކައި ކާރުގައި އޮފީސް ހުންނަމަގަށް އެޅި ވަގުތު ޓްރެފިކްގައި ޖެހުމުން ރާހިލްއަށް ހިތްހަމަނުޖެހިފައި ޗޮކެއް ކަނޑައިލެވުނެވެ. އަވަހަށް ތާކަށް ދާން އުޅޭނަމަ އަދި ލަސްވުން ނޫންގޮތެއް ނުވާނޭ އޭނާގެ ހިތަށް އެރިއެވެ. ދެފަހަރަކު ބަރުގޮނު އަޅައިލުމުންވެސް ޓްރެފިކް ގުޑާލާ ގޮތެއްނުވިއެވެ. އޭނާގެ ކުރިމަތީގައި ހުރި ސައިކަލެއްގައި އިން މީހަކު ފަސްއެނބުރި އޭނާއަށް ބަލައިލުން ފިޔަވައި އިތުރު ކުރިއެރުމެއް ނުލިބުނެވެ. އެމީހުންގެ ކުރިމަތީގައި އޮތް ޕިކަޕުގެ ސަބަބުން އޭގެ ކުރީގައި ހިނގައިގެން އުޅޭ ކަމެއް ފެންނަވަރުވަނީކީވެސް ނޫނެވެ. ރުޅިއައިސްފައިހުރި ރާހިލް ކާރުން ނުކުމެ އެމީހާގާތު ވެގެން އުޅޭ ގޮތެއް އަހައިލިއެވެ.
"ނޭނގެ ޓެކްސީއެއް ހުއްޓައިގެން އުޅެނީ.. ލާރީގެ ކަމަކާ ކަސްޓަމަރާ މައްސަލައެއް ޖެހިގެން ކަންނޭނގެ" ސައިކަލުގައި އިން މީހާ ބުންޏެވެ. ރާހިލް ކުރިމަތީގައި އޮތް ޕިކަޕުގެ އެއްފަރާތެއްގައި އޮތް ހަނި ދޭތެރެއިން އެބުނާ ޓެކްސީއެއް ފެނޭތޯ ބަލައިލިއެވެ. އެބުނާ ޓެކްސީގެ ޑްރައިވަރު އޭގެން ފޭބި އަންހެންކުއްޖާގެ އަތުގައި ހިފަހައްޓައިގެންހުރި ގޮތުން އެކަނިވެސް އެ މައްސަލަ ކިހާ ބޮޑުވެފައިވާކަން ރާހިލްއަށް އެނގުނެވެ.
"މިވަރު ކަމެއްވެސް ކޮށްދޭނެވަރު މީހަކު މިތާ ނެތީތަ؟"
ހިތާހިތުން އެތަނުގައިތިބި އެންމެނަށް ކުދިކިޔަމުން ރާހިލް ޕިކަޕުގެ އެއްފަރާތުގައި އޮތް ހަނި ދޭތެރެއިން ކުރިއަށްގޮސް އެ ޓެކްސީގެ ކައިރިއަށް ހުއްޓުނެވެ. އޭގެން ފޭބި އަންހެންކުއްޖާއާ ފޫޓެއްހާ ދުރުމިނުގަައެވެ. އެކުއްޖާ ހުރީ އޭނައަށް ފުރަގަސްދީގެންކަމުން ރާހިލްއަށް އެކުއްޖާގެ މޫނު ނުފެނުނުއިރު އެކުއްޖާއަށް ބަލައިލުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. އަދި އެކަމުން ސަލާމަތްކުރުމުގެ ނިޔަތުގަައި ނަމަވެސް އެ ނުދަންނަ އަންހެންކުއްޖާގެ ގައިގައި އިނގިލިކުރިންވެސް ޖައްސައިލުމުގެ ނިޔަތެއް އޭނާގެ ނެތެވެ. ވޮލެޓުން ނެގި ސަތޭކަ ރުފިޔާގެ ނޫޓު ހުޅުވައިލައިފައިހުރި ބިއްލޫރިގަނޑުގެ ތެރެއިން ޑްރައިވަރާ ދިމާލަށް ހޫރައިލުމަށްފަހު ދެން ހިފީ އެ ޑްރައިވަރުގެ އަތުގައެވެ. އަދި ލުއްކެއްޖަހައި އެ ކުއްޖާގެ އަތުން ޑްރައިވަރުގެ އަތް ނައްޓުވައިލިއެވެ.
——————–
ކުއްލިއަކަށް ފަހަތުން އައި މީހަކު ކާރުގެ ތެރެއަށް ސަތޭކަ ރުފިޔާގެ ނޫޓެއް ހޫރައިލި މަންޒަރު ފެނި ޝައިނާއަށް ހައިރާންކަމެއް ލިބުނެވެ. އެންމެ ލުތްކެއްގެ އެހީގައި އެމީހާ އެ ޑްރައިވަރުގެ އަތުން އޭނާގެ އަތް މިނިވަންކޮށްދިންގޮތް ފެނުމާއެކު އެ ބާރުގަދަ މުލައްދަނޑީގެ ވެރިއަކީ ކާކުތޯ ބަލައިލުމުގެ ޝައުގު އޭނާގެ ހިތުގައި އުފަންވެގަތެވެ. އެކަމަށްޓަކައި ފަސްއެނބުރިލަން ހިތަށް އެރިވަގުތު ފަހަތުން އިވުނު އަޑާއެކު އޭނާގެ ހަރަކާތްތައް ގަނޑުވެ އަތްފައި ފިނިވެގެންދިޔައެވެ.
އެއީ އޭނާ ދަންނަ އަޑެކެވެ. އެކަން އޭނާއަށް ޔަގީނެވެ. ދުނިޔޭގެ ހުރިހާ އަޑަކަށް އޭނާގެ ދެ ކަންފަތް ބީރުވިނަމަވެސް އޭނާގެ ހިތާއި ސިކުނޑިން އެ އަޑު އަދި އެ އަޑުގެ ވެރިޔާ ފޮހެލުމަކީ ނާދިރުކަމެކެވެ. އެހެނަސް އަވަސްވެފައިވާ ހިތުގެ ތެޅުމުގެ އަޑާއެކުވެ އެ އަޑުން ދެއްކި ވާހަކަ މިފަހަރު އޭނާއަށް އިވުނީ ހަމަ ކިރިޔަކިރިޔާއެވެ.
"ތިއީ ކޮންމެ މީހަކަސް ތި ކުރަނީ ވަރަށް ފީކަޅާ ކަމެއް. މިނޫން ވަގުތަކު ކަލެއާ ދިމާވިނަމަ މި މައްސަލަ މިއަށްވުރެ ބޮޑުކޮށްލީސް. އެކަމަކު މިވަގުތު އަހަރެން މި އުޅެނީ ލަސްވެގެން. ކަލޭ އަވަހަށް ތި ކާރުގަ މި މަގުން ނުކުތީމަ މަ ބޭނުން ތާކަށްވެސް ދެވެން އޮތީ. ސޯ ފަ* އޮފް!"
ރާހިލްގެ ވާހަކަ ނިމުމާއެކު އެ ޑްރައިވަރު އެއްފަހަރު ޝައިނާއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލުމަށްފަހު ކާރުދުއްވައިލިއެވެ. ފަހަތުގައި ތިބި ސައިކަލުތައްވެސް ކޮށްޓަކުން ދޫކޮށްލެވުނު ސޫފިތަކެއްފަދައިން އޭގެ ފަހަތުން ދުއްވައިލިއެވެ. އަނެއްކާވެސް ހަރަކާތްތެރި ތަނަކަށް ބަދަލުވެގެންދިޔަ އެ މަގުގައި ހަރަކާތެއް ކޮށްލަން ނޭނގިފައިހުރި ހަމައެކަނި މީހަކީ ޝައިނާއެވެ.
No comments yet
Be the first to share your thoughts about this episode!