Episode 67
ހިތް އެދޭހާ ކަމެއް.. (67 ވަނަބައި)
ފޯނުގެ އަނެއްފަރާތުން އޭނާއާ ވާހަކަދައްކަމުންދިޔައީ ކާކުކަން އެނގުމާއެކު އިޝްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލެވުނުއިރު އޭނާގެ ހިތްވެސް ބާރުބާރަށް ތެޅެން ފަށައިފިއެވެ.
"ސިސް؟" ޝައްކެއްގެ މަތީގައިހުރި އިޝްވާއަށް ވައި އަޑުން ގޮވައިލެވުނެވެ.
"ޔެސް އިޝީ.. މީޓް ކޮށްލެވިދާނެތަ؟ އިޝީ އެކަނި؟" އިޝްވާއަށްހުރީ އަދިވެސް އޭނާއަށް ވާހަކަދެއްކެމުންދިޔައީ ޝައިނާއާކަން ގަބޫލު ނުކުރެވިފައެވެ.
"އިޝީ؟ ހެލޯ؟ ހެލޯ؟" އިޝްވާގެ ފަރާތުން ޖަވާބެއްނުލިބި ގިނައިރުވާން ފެށުމުން ޝައިނާ ގޮވައިލިއެވެ. އެއާއެކު އިޝްވާ ތެޅިގެންފައި ޝައިނާގެ ސުވާލަށް ޖަވާބުދިނުމަށް އަވަސްވެގަތެވެ.
"ޔެސް. ޔެސް ސިސް ކޮންތާކު. ސެންޑް މީ ދަ އެޑްރެސް. ހަމަ މިހާރު މި ދަނީ" އިޝްވާ އަވަސްއަވަހަށް ދުވާރުގެ މަގަތަށް ޖެހިލައި ޓެކްސީއެއް ހޯދުމުގެ މަސައްކަތްފެށިއެވެ.
****************
އިޝްވާ އަންނާނެ އިރެއްގެ އިންތިޒާރުގައި ސިޓިންގްރޫމްގެ ދެކޮޅަށް ކުރުކާލި ކަނޑަމުންދިޔަ ޝައިނާގެ ހިތުގެ ތެޅުން ވަނީ މެކުހަށް ޖަހައިފައެވެ. އޭނާ ފުރައިގެންދިޔަދުވަހު އިޝްވާ އެއަރޕޯޓަށްގޮސް ޝިމާންގާތު ކުރި އާދޭސް އޭނާގެ ކަންފަތުގައި އަދިވެސް ހަރުލައިފައި ހުއްޓެވެ. އެފަދަ ގޮތަކަށް ވަކިވެ ދިޔުމަށްފަހު އެހާ ދުވަހަށްފަހު އިޝްވާއާ ބައްދަލުކުރަން ޖެހުމުން ލިބިފައިވާ ހާސްކަން އެ މޫނުމަތިން ފާޅުވާން ހުއްޓެވެ. އެހެނަސް އޭނާހުރީ އިޝްވާ ދެކިލާހިތުން ކެތްމަދުވެފައެވެ. އެ ހިތުގައި އިޝްވާއަށްޓަކައި ވަނީ އަމިއްލަ ކޮއްކޮއެއްދެކެ ވާފަދަ ލޯތްބެކެވެ.
މާގިނައިރެއްނުވެ ގޭގެ ބެލް އަޅައިލި އަޑު އިވުމާއެކު ޝައިނާ ދުވެފައިގޮސް ދޮރުހުޅުވައިލިއެވެ. ކުރިމަތީގައި ހުރި އިޝްވާ ފެނުމާއެކު އޭނާގެ މޫނުމައްޗަށް ހައިރާންކަން ވެރިވިއެވެ. އެއީ މީގެ ފަސް އަހަރުކުރިން އޭނާ ދެކެއުޅުނު އިޝްވާއެއް ނޫނޭވެސް ހީވިކަހަލައެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިޝްވާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުފެނި ގަބޫލުނުކުރެވިފައި ހުރެވުނީއެވެ. އިޝްވާގެ ހަށިގަނޑު ކުރިއަށްވުރެ ފަލަވެ ރޫފަ ހެޔޮވެލައިފައި ހުރިއިރު ދެކޯވެސްވަނީ މަސްޖަހައި ލޯބިކޮށް ފުފިލައިފައެވެ. އެކަމުގެ ސަބަބުން އިޝްވާގެ ރީތިކަން ކުރިއަށްވުރެ އިތުރުވެފައިވާހެން ހީވެއެވެ. ގަދަ ރަތްކުލައެއް ޖައްސައިލެވިފައިވާ އެބުޅި އިސްތަށިގަނޑު އުނަގަނޑާ ހިސާބަށް ދިގުވެލައިފައި އޮތްއޮތުންވެސް އިޝްވާއާ އެހާމެ ގުޅެއެވެ.
"އޯ އެމް ޖީ އިޝްކޯ!! މައި ބޭބީގަރލް" ޝައިނާގެ ދެލޯ ފެންކަޅިވާން ފެށުމާއެކު ކުރިއަށްޖެހިލައި އިޝްވާގެ ގައިގައި ބައްދައިލިއެވެ. އިސާހިތަކު އިޝްވާގެ ދެލޯވެސް ކަރުނައިން ފުރުނެވެ. އޭނާ ޝައިނާގެ ގައިގައި ބައްދައިލައިގެންހުރެ ރޯންފެށިއެވެ.
އިޝްވާ ހަމައަކަށް އެޅުމާއެކު ޝައިނާ އިޝްވާގެ ގައިން ދޫކޮށްލަމުން ފަހަތައް ޖެހިލިއެވެ. އަދިވެސް އެއްފަހަރު ރަނގަޅަށް އިޝްވާއަށް ބަލައިލިއެވެ.
"އިޝީ ޔޫ ލުކް.."
"ފެޓް ދޯ" އިޝްވާ ނޭފަތް އެތެރެއަށް ދަމައިލަމުން ބުންޏެވެ.
"ކިއުޓް!! އެންޑް ތިކް!!!! އެންޑް ގޯޖަސް. އެތެރެއަށް ވަދެބަލަ ދޮރުމަތީ ތިބެގެންތަ ރޮނީ. ހިއެއްނުކުރަން އިޝްކޮގެ ނަންބަރަށް ގުޅޭނެ ކަމަކަށްވެސް" އިޝްވާ އެތެރެއަށް ވަނުމަށް ޖާގަދެމުން ޝައިނާ ބުންޏެވެ.
"އެހާ ގިނަދުވަސްކޮށްފަ ސިސް ފެނުނީމަ މާ އިމޯޝަނަލް ވެވުނީއޭ" އިޝްވާ އެ އެޕަރޓްމެންޓުގެ ތެރެއަށް ނަޒަރު ހިންގައިލަމުން ދެލޯ ފޮހެލިއެވެ. ތަރުތީބުކޮށް ބަހައްޓަމުންދާ އެ ތިންކޮޓަރީގެ އެޕަރޓްމެންޓްގައި އިތުރުބައެއްގެ ހިލަމެއް ވާކަށްނެތެވެ.
"ވާއު. އައި ލައިކް ދިސް ޕްލޭސް. ސިސް އެކަނިތަ މިތާ ތި އުޅެނީ" އިޝްވާ އެތަނުގައިހުރި ސޯފާގައި އިށީންނަމުން ބުންޏެވެ.
"ނޫނޭ. މިއީ ފްރެންޑެއްގެ ތަނެއް. އެމީހުން މެލޭއަށްދާން އުޅުނީމަ މަހެއްހާ ދުވަހަށް މިކޮޅަށް އައިސްލީ. ރާއީވެސް ޑޮކްޓަރަށް ދައްކާލާށާއެކު" ޝައިނާ ބުންޏެވެ.
"ރާއީ؟" އިޝްވާ ސުވާލު އުފެދިފައި އަހައިލިއެވެ. ޝައިނާގެ ދަރިފުޅު ކޮބައިތޯ އަހަން ބޭނުންވިޔަސް ޝައިނާ އިސްވެ އެވާހަކަ ނުދައްކަނީސް އެވާހަކަ ފަށާކަށް އިޝްވާއަކަށް ނުކެރުނެވެ. އެހެންކަމުން ރާއީ އަކީ އެކުއްޖާ ކަމަށްވޭތޯ އޭނާ ހިތާހިތުން ދުޢާކުރަމުންދިޔައެވެ.
"ހްމްމް ރާއީ. އޯހް ވެއިޓް އަދި އިޝީއާ މީޓް ނުކޮށްދެވޭ ދޯ. އެބަ އަންނަން" ޝައިނާ ސޯފާއިން ތެދުވެގެންގޮސް އެތަނުގައިހުރި ތިންކޮޓަރީގެ ތެރެއިން މެދަށްވާގޮތަށް ހުރި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭރު ރާއީއާއި ޔާނާ އެނދުގައި ޓެބްލެޓު ހިފައިގެން ތިއްބެވެ. ޝައިނާ ގޮވައިލުމާއެކު ދެކުދިންވެސް ޓެބްލެޓް ބާއްވައިފައި އައިސް ސިޓިންގްރޫމަށް ނުކުތެވެ. ސޯފާގައި އިން އިޝްވާއަށް އެދެކުދިން ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ. ލަދުލަދުންތިބެ ޝައިނާގެ ފަސްފަހަތުން އެދެކުދިން އައިސް އިޝްވާގެ ގާތަށް ހުއްޓުނެވެ.
"އިޝީ.. މިއީ ރާއީ.. މިއީ ޔާނާ. އެހާ ވައްތަރެއްނޫން ދޯ. ރާއީ 3 މިނަޓްސް ބޮޑުވާނީ" ޝައިނާ ފަހަރަކު ކުއްޖެއްގެ ނަން ބުނެލުމާއެކު އެކުދިން ލަދުންހުރެ އިޝްވާއާ ސަލާންކޮށްލިއެވެ. އިޝްވާއަށް ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލައިގެންހުރެ އެއްފަހަރު ޝައިނާއަށް އަނެއްފަހަރު އެދެކުދިންނަށް ބަލައިލިއެވެ. ރާއީ ފެނުމާއެކު އޭނާގެ ނަޒަރު އެހެން ދިމާލަކަށް އަނބުރައިލުންވެސް ވީ ދަތިކަމަކަށެވެ. ކުރިމަތީގައިހުރީ ހަމަ އޭނާގެ ދޮންބެގެ ކުޑައިރުގެ ސޫރައެވެ. ކުޑަވެސް ތަފާތެއް އެ މޫނުމަތިން ފެންނާކަށްނެތެވެ.
"ސުބްހާނައްﷲ. ހަމަ ދޮންބެގެ ކަރބަން ކޮޕީއެއް.." ރާއީގެ އަތުގައި ހިފަހައްޓައިލަމުން އިޝްވާއަށް ބުނެވުނެވެ.
"މަންމީ މަންމީ.. ހޫ އިޒް ދިސް؟" ޝައިނާގެ އަތުގައި ކޮށްޓައިލަމުން ޔާނާ އަހައިލީ ކިތަންމެ ސިއްރުން ކަމުގައިވިޔަސް އިޝްވާއަށް އެއަޑު އިވުނެވެ. އޭނާ ރާއީގެ އަތުގައި ހިފަހައްޓައިލައިގެން ހުރި އަތްނޫން އަނެއްއަތުން ޔާނާގެ އަތުގައި ހިފައި ގާތަށް ދަމައިލިއެވެ.
"ޔާނާ.. ރާއީ.. މިއީ ތިދެކުދިންގެ އާންޓްއެއް އިނގޭ.. އިޝީ އާންޓީ މިއީ.. ޔޫ ކޭން ކޯލް މީ ތިއްތަ" އިޝްވާ ހިނިތުންވެލައިފައި ބުންޏެވެ. އެއާއެކު ޔާނާ އެތުއްތު އަތުން އަނގަ ނިވާކޮށްލަމުން ހޭންފެށިއެވެ.
"މަންމީ. މަންމިގެ ސިސްޓަރއެއް ހުރޭތަ؟" ޔާނާ މައުސޫމުގޮތަކަށް އަހައިލިއެވެ.
"އެއީ ބައްޕިގެ ސިސްޓަރއެކޭ ދަރިފުޅޫ.." ޝައިނާ ލޯތްބާއެކު ޔާނާގެ ބޮލުގައި ފިރުމައިލިއެވެ.
"އަހަހަހަ. ބައްޕިގެ ސިސްޓަރ ހީވަނީ މެރީޑާހެން" ޔާނާ ހެމުން ހެމުން ބުންޏެވެ.
"އިޝީ އާންޓީ ކައިރީގަވެސް ބައްޕި ބުނިތަ ބަސްއަހައިގެން އުޅެންޏާ ޔުނިކޯނެއް ގެންނާނަމޭ" ޔާނާގެ ވާހަކަ ހުރިގޮތުން ޝައިނާއާއި އިޝްވާގެ ގާތަށް ހިނިއައެވެ. އެ ހުރިހާއިރު އެތަނުގައި ބަހެއްވެސް ބުނެނުލައިހުރި ރާއީވެސް މިފަހަރު ޔާނާއަށް ރައްދުދިނެވެ.
"ޔުނިކޯންސް އަރ ނޮޓް ރިއަލް" ރާއީ ބުނީ ހަމައެކަނި އެހެނެވެ.
"ނޯ. ރިއަލް" ޔާނާ ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. ޔާނާއާ ދެބަސްވާކަށް ރާއީއެއް ނޫޅުނެވެ. މިޒާޖުގައިވެސް އެކުއްޖާއަކީ ވަރަށް ފަސޭހައިން ކަންތައްތައް ދޫކޮށްލާ ކުއްޖެކެވެ. އެހެންކަމުން ޔާނާގެ ޖަވާބަށް ދެކޮނޑު އަރުވައިލުމަށްފަހު އެކުއްޖާ ޝައިނާގެ އަތުގައި ކޮއްޓައިލީ ކޮޓަރިއަށް ދިޔުމުގެ ހުއްދައަކަށް އެދެމުންނެވެ.
"އަހަރެންދެކެ ލައިކް ނުވެގެންތަ އެ ދިޔައީ؟" ޝައިނާގެ އިޒްނައާއެކު ރާއީ އަލުން ގޮސް ކޮޓަރިއަށް ވަނުމާއެކު އިޝްވާ ކަންބޮޑުވެފައި ޝައިނާގެ މޫނަށް ބަލައިލިއެވެ. ބަދަލުގައި ޝައިނާ ހިނިތުންވެލުމަށްފަހު ދެފަރާތަށް ބޯ ހޫރައިލީ އެކަމާ އަޅައިނުލާށޭ ބުނާ ފަދައަކުންނެވެ.
"ނޫނޭ. އެއި އެހާވަރު ކަމެއްނޫން. ރާއީއަކީ އެހާ ސޯޝަލް ކުއްޖެއްނޫން. އެހެންވެ ތެރަޕިސްޓަކަށް ދައްކާލަން ގެނައީވެސް" ޝައިނާ ބުންޏެވެ.
"ޔުނިކޯންސް އަރ ރިއަލް. ދޯ އާންޓީ" ޔާނާ ހުރީ އަދިވެސް ގޮތް ދޫކުރާ ގޮތަކަށްނޫނެވެ.
"އަޅޭ. ނޭނގެ އިޝީ އާންޓީއަކަށް. ބައްޕި ބުނީތަ ޔާނާއަށް ޔުނިކޯނެއް ގެނެސްދޭނަމޭ. ބައްޕި ދިޔައީ ކޮންތާކަށްތަ؟" އިޝްވާ ފުރަތަމަވެސް ބޭނުންވީ ޔާނާއަށް ޝައިނާ ކިޔައިދީފައިވަނީ ކޮން ހަގީގަތެއްތޯ ހޯދުމަށެވެ.
"ޔާނާ ކައިރިއަކު ނުބުނޭ. މަންމި ކައިރީގަ އެކަނިބުނީ ވަރަށް ސީކްރެޓްކޮށް. މަންމި ސީކްރެޓްކޮށް ބުނީ ޔާނާ ކައިރި. ޔާނާ ސީކްރެޓްކޮށް ބުނެފާނަން ތިއްތަ ކައިރީގަ" ޔާނާގެ ހުންނަނީ ރާއީގެ މިޒާޖާ ދިމާ އިދިކޮޅު މިޒާޖެއްކަމުން އެކުއްޖާ އިޝްވާއާ ރަޚްމަތްތެރިވާކަށް މާ ގިނައިރެއް ނުނެގިއެވެ. އިޝްވާގެ ކަންފަތް ދޮށުގައި އަތް ޖޯޑުކޮށްލުމަށްފަހު ސިއްރެއް ބުނުމަށް ތައްޔާރުވެލިއެވެ.
"ބައްޕި ދިޔައީ ވޮންޑަރލޭންޑަކަށް. މަންމި ބުނީ އެއީ ވަރަށް މަދު ލަކީ ކުދިން ދާ ތަނެކޯ"
"ރިއަލީ؟" އިޝްވާ އެވާހަކަ ގަބޫލުކުރާ ކަމަށް ހެދިލަމުން ޝައުގުވެރިކަމާއެކު އަހައިލިއެވެ. އެއާއެކު ޔާނާ އެކަން އިތުރަށް ޔަގީންކޮށްދިނުމަށްޓަކައި ބޯ ޖަހައިލިއެވެ.
"އެތަނުން ބައްޕި އަންނައިރުގަ ޔާނާއަށް ޔުނިކޯނެއް ގެންނާނެ. ދޯ މަންމީ" ޔާނާގެ ވާހަކައިގައި ޝައިނާވެސް ބައިވެރިކުރިއެވެ.
"ހްމްމް. ދަރިފުޅު ދޭބަަލަ ދޮންބެ ކައިރިއަށް ޓެބްލެޓް ކުޅެން. މަންމި އެބަދަން ތިއްތައާ ވާހަކަދައްކާލާފަ" ޝައިނާ އަވަސްއަވަހަށް ޔާނާ އެތަނުން ފޮނުވައިލިއެވެ.
"ޔާނާ މިއީ ހާދަ މަޖާ ކުއްޖެކޭ ދޯ. ރާއީގެ ދިމާ އިދިކޮޅު. ކީކޭތަ ރާއީގެ ތެރަޕިސްޓް ބުނީ" އިޝްވާ އަހައިލިއެވެ.
"އަދި ވަކި ގޮތަކަށް ނިންމަން މާ އަވަހޯ ބުނީ.. އިޝްކޯ" ޝައިނާ ޖެހިލުންވެފައި އިނދެ ގޮވައިލިއެވެ. އިޝްވާ ހޫން ލައްވައިލަމުން ޝައިނާގެ ވާހަކައަށް ސަމާލުކަންދިނެވެ.
"އަހަ.. އަހަރެން ވަޒީފާއެއް ހޯދައިފިން.. މާދަމާ ނޫން އަނެއްދުވަހު ނުކުންނަންޖެހޭ" ޝައިނާ ބުންޏެވެ.
"ވާއު. ކޮންގްރެޓްސް ސިސް" އިޝްވާ އުފަލުންގޮސް ޝައިނާގެ ގައިގައި ބައްދައިލިއެވެ. "ވެއިޓް. ތީގެ މާނައަކީ ސިސް ދެން ނުދާނަމޭ ދޯ؟" އިޝްވާ އަހައިލިއެވެ.
"ހްމްމް. ރާއީ މިހާރު ތެރަޕީއަށްވެސް ގެންދަން ޖެހޭ. ކުދިން ގޮވައިގެން ރަށެއްގަ އުޅޭނީ ކިހިނެއް. އަބަދުވެސް އޮންނަނީ ކޮންމެވެސް ކަމެއްގަ މާލެއަށް އަންނަން ޖެހިފަ. އެކަމަކު ރަށުގަ ހުންނައިރު ހެދުމެއް ފަހާލައިދީގެން ލިބޭ އެއްޗަކުން އުޅެވުނަސް މާލޭގެ އެހެން އުޅޭނީ ކިހިނެއް؟ އައުފާމެން އައިމަ މިތާކުވެސް ނުތިބެވޭނެއެއްނު. ތަނެއްވެސް ހިފަން ޖެހޭނީ. އެހެންވެ ޖޮބްއަކަށްލީ. އިޝީ.. އައި ނީޑް ޔޯރ ހެލްޕް…" ޝައިނާ ކުރިއަށް ޖެހިލައި އިޝްވާގެ އަތުގައި ހިފައިލިއެވެ.
"އޮފްކޯސް. އެނީތިންގް ޔޫ ވޯންޓް ސިސް" އިޝްވާ އަވަސްއަވަހަށް ބޯ ޖަހައިލިއެވެ.
"ފުރަތަމަ ކަމަކަށް.. އިޝީ ވައުދުވޭ.. ރާހިލްގާތު އަހަރެންގެ އެއްވެސް ވާހަކައެއް ނުދައްކާނެކަމުގަ. އަދި ރާއީގެވެސް. ޔާނާގެވެސް.." ޝައިނާގެ ޖުމްލައާއެކު އިޝްވާގެ މޫނުމަތީގައި ކުރެހިފައިވި ހިނިތުންވުން ފިލައިދިޔައެވެ.
"އިޝީ…" އިޝްވާގެ ފަރާތުން ޖަވާބެއްނުލިބި ގިނައިރުވާން ފެށުމުން ޝައިނާ ކަންބޮޑުވިއެވެ.
"އެކަމަކު ސިސް.. ތިހާ ބޮޑުކަމެއް.. އަހަރެން ހީކުރީ ސިސް ދޮންބެގެ ލައިފްއަށް އަނބުރާ އަންނަން ނިންމީ ކަމަށް" މާޔޫސީ ރާގެއްގައި އިޝްވާ ބުންޏެވެ.
"ނޫން އިޝްކޯ ޕްލީޒް. ޔޫ ކާންޓް ޓެލް ހިމް. އަހަރެން އިޝްކޮއަށް ގުޅުމަކީ ރިގްރެޓްކުރާ ނިންމުމަކަށް ވިޔަ ނުދީ.. ޕްލީސް އެއްބަސްވޭ.. ނޮޓް އަ ވޯޑް" ޝައިނާ އާދޭސް ކުރިއެވެ. އިޝްވާ އެކަމާމެދު ވިސްނާ ފަދައަކުން އިސްޖަހައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.
"އައި.. އައި ޕްރޮމިސް ސިސް.. އެކަމަކު.." އިޝްވާ ހިތާދެކޮޅަށް އެއްބަސްވިއެވެ. "އެކަމަކު ސިސް ކިހާ ދުވަހެއް ތިހެން އުޅޭނީ. ކިހާ ދުވަހެއްވަންދެން ދޮންބެއާ އެކުދިން ދުރުކޮށްގެން އުޅެވޭނީ. ދޭ އަރ ނޮޓް ގޮނަ ބިލީވް އިން ޔޯރ ވޮންޑަރލޭންޑް ޓޭލް ފޮރެވަރ"
"އެނގެޔޭ އެކަން. މިހާރުވެސް ރާއީ ގަބޫލެއް ނުކުރޭ އަހަރެން ދައްކާ ވާހަކައެއް. ކިތަންމެ މަޑުން ހުއްޓަސް ރާއީ ވަރަށް ސްމަރޓްވާނެ. އަހަރެންވެސް ނޫޅެމޭ އުމުރުދުވަހު އެކުދިން ފޮރުވައިގެން އުޅޭކަށް އިޝީ.. އައި.. އައި ޖަސްޓް.. އަހަރެންނަށް އަދި ވަގުތު ބޭނުން. އެކުދިން ބޮޑުވީމަ އެކުދިންނަށްވެސް ވިސްނޭނެ. އިޝްކޯ. އަހަރެން އިޝްކޮއަށް ވަރަށް އިތުބާރުކޮށްފަ މިއަދު މި ގެނައީ. އަހަރެންނަށް މިކަމުގަ އެހީވެދީ" ޝައިނާ އެދުނެވެ. އެންމެފަހުން އިޝްވާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
"އޯކޭ.. އިޝީ ކީއްކޮށްދޭންވީ؟" އިޝްވާ އަހައިލިއެވެ.
"މިދުވަސްކޮޅު މިއީ ސްކޫލް ޗުއްޓީވީމައާއެކު.. އަހަރެންނަށް އެކުދިން ސްކޫލަކަށްވެސް ފޮނުވެން ނެތީމަ.. އިޝްކޮއަށް އާދެވޭނެތަ އަހަރެން ޑިއުޓީ ނިމެންދެން ކޮންމެ ދުވަހަކު ދެކުދިން ބަލާލަދޭން. ޕްލީޒް. އަހަރެންނަކަށް ކޮންމެކޮންމެ މީހަކަށް އިތުބާރު ކުރާކަށް ނުކެރޭނެ. ވަރަށް ވިސްނާފަ އިތުރު ގޮތެއް ނެތީމަ އަހަރެން އިޝްކޮއަށް ގުޅަން ނިންމީ.. ޕްލީޒް އިޝީ" ޝައިނާ އާދޭހުގެ ރާގެއްގައި ބުންޏެވެ.
"ސިސް.. އަސްލު–"
"އިޝީއަކަށް އެއްވެސް އުނދަގުލެއް ނުވާނެ. އިޝީ މިގެއަށް އައިސް އިނދެ ކިޔެވިޔަސް ޔާނާމެން އެއްވެސް އުނދަގުލެއް ނުކުރާނެ. އަދި ސަފުން ރާއީ.. ރާއީ ވަރަށް ބަސްއަހާނެ. ގޭގަ އިންނަ ކުއްޖެއްހެންވެސް ހިއެއްނުވާނެ. އަހަރެން ދާނީވެސް ކައްކާފަ. ޔޫ ޖަސްޓް ހޭވް ޓު ކީޕް އޭން އައި އޮން ދެމް… އަސްލު އައުފާގެ ދައްތަގެވެސް ހުންނާނެ ރާއީއާ އެއްވަރުގެ ބޯއީއެއް. އެމީހުންވެސް ކިޔާނެ އަބަދު އެކުއްޖާ އެކަނިވާތީ ރާއީ އެބަޔަށް ނުފޮނުވައިގެން. ރާއީ އެގޭގަވެސް ބަހައްޓާލެވިދާނެ. ރާއީ ބަސްއަހާނެ. އެކަމަކު ޔާނާ އުޅޭނީ އަބަދުވެސް ކޮންމެވެސް ކުއްޖަކާ ކޯޅޭ ހިތުން. ބައެއްގެ ގެއަކަށް ދޫކޮށްލާފަވެސް ނުދެވޭނެ. އެހެންނޫނަސް ޝީ އިޒް އަ ގަރލް.. އައިމް ރިއަލީ ވޮރީޑް އަބައުޓް ހަރ.. ކިހިނެއް ކޮންމެ ކޮންމެ މީހަކާ ހަވާލުކޮށްލާފަ ދާން ކެރޭނީވެސް؟"
އިޝްވާގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ އަނެއްކާވެސް ފައްޗަކަށް އަމުނައިލިއެވެ. އޭނާ އެ އެދުނު ކަންތަކާ އިޝްވާ ދެކޮޅު ހަދައިފާނެކަމުގެ ބިރު އޭނާއަށް އޮތެވެ. މިދަނޑިވަޅުގައި އިޝްވާގެ އެހީ އޭނާއަށް ކޮންމެހެންވެސް ބޭނުންވެއެވެ.
"ސިސް.. ކާމް ޑައުން.. އިޝީ ނާންނާކަށް ނޫނޭ.. އަސްލު އިޝީވެސް މިހާރު ޖޮބްގަ އުޅޭތީ. އެކަމަކު ސިސް ހާސްނުވޭ.. އިޝީ ކޮންމެހެންވެސް ސިސްއަށް ހެލްޕްވާނަން. ޖޮބް އިން ކެނޑިގެންވިޔަސް އިޝީ އަންނާނަމޭ އެކަމަކު ދެޓް ވިލް ޓޭކް ސަމް ޓައިމް ދޯ. އެމީހުންގާތު ކުރީބައިގަ ބުނަން ޖެހޭނެއެއްނު" އިޝްވާގެ ވާހަކަ އިވުމާއެކު ޝައިނާ މާޔޫސްވިއެވެ.
"އޯހް. އިޝްކޮ އުޅެނީ ޖޮބްގަތަ؟ އަހަރެެންނަކަށް ނޭނގޭ ތިކަމެއް. އެނގުނު ނަމަ.. ދެން އަޅާނުލާ. ކޮންމެވެސް ގޮތެއް ހޯދާނީ އަހަރެންނަށް ހެލްޕްވާން އިޝްކޮ ޖޮބްއިން ކެނޑޭނެކަމެއް ނެތް" ޝައިނާ ބުންޏެވެ.
"އެހެންނެއްނޫނޭ. ސިސް ތިހެން ނުބުންޏަސް އިޝީ ހުރީ މިއަންނަ މަހުގަ ޓެސްޓް ފެށެންވާއިރަށް ކެނޑެންވެގެން. އެހެންނޫނަސް ޢިޝީއަކަށް މި ވަޒީފާ އެހާ މުހިއްމެއްނޫން. އެކަމަކު ސިސްގެ ވާޒީފާ ސިސްއަށް ވަރަށް މުހިއްމު. އެބައޮތް ގޮތެއް. އިޝީ ވޯކްކުރާ ޑޭކެއަރއަށް ކޮއްކޮމެން ލާންވީނު. އައި ވިލް ލުކް އާފްޓަރ ދެމް ދެއަރ" އިޝްވާ ބުންޏެވެ.
"އިޝީ ވޯކް ކުރަނީ ޑޭކެއަރއެއްގަތަ؟ އެހެންވިއްޔާ ތިއީ ރަނގަޅުގޮތެއް. އެކަމަކު ދެކުދިންނަށް ޑޭކެއަރ އެފޯރޑް ކުރާނީވެސް ކިހިނެއް؟" އިޝްވާގެ ހިޔާލަށް ޝައިނާ އެއްބަސްވި ނަމަވެސް އޭނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެގޮތުގައި މިނެޓެއްހާއިރު އިނުމަށްފަހު އެންމެފަހުން އޭނާ ގޮތެއް ނިންމިފަދައިން ބޯ ޖަހައިލިއެވެ.
"ލެޓްސް ޑޫ ދިސް. ކުރިންވެސް ބުނިހެން އައުފާ ދައްތަގާތު އިހަކަށް ރާއީ ބަހައްޓާލާނީ.. އިތުރު ގޮތެއް ފެންނަންދެން. ރާއީ ބަލާކަށް އެމީހުންނަކަށްވެސް އުނދަގުލެއް ނުވާނެއެއްނު. ސޯ އިޝީ އަޅެ ޔާނާ ތި ޑޭކެއަރއަށް ވެއްދޭ ގޮތެއް ހަމަޖައްސާދީބަލަ އެނގޭ. އައި ތިންކް ޝީ ވިލް ބީ މޯރ ސޭފް ދެއަރ" ޝައިނާ ބުންޏެވެ.
"ސިސް… ސިސް މިހެން އުޅޭކަށް ނުޖެހޭނެއޭ. ދޮންބެއަށް އެންމެ ފަހަރަކުވެސް ގުޅާލަބަ. ހީ އިޒް ލިވިންގް އަ ޕްރިޓީ ޑީސަންޓް ލައިފް. އެހެންނޫނަސް މިއީ ދޮންބެގެ ޒިންމާއެއްނު. ދޮންބެ އެކުދިންނަށް ހަރަދުކުރަން ޖެހޭނެއެއްނު" އިޝްވާ ވިސްނައިދިނެވެ.
"ނޫން އިޝްކޯ. ޕްލީޒް. ރާހިލްއާ ކުރިމަތިލާކަށް އަހަރެން އަދި ބޭނުމެއްނޫނޭ. މި ހުރިހާދުވަހު އެކުދިން ރާހިލްއާ ދުރުގަ ގެންގުޅެފަ އަހަރެންނަށް ގޮތްހުސްވީމަ ރާހިލްގެ ޒިންމާގަ ހިފާދަމާކަށްވެސް ބޭނުމެއްނޫން. އިރާދަކުރެއްވިއްޔާ އަހަރެންނަށް މިކުދިން ބެލޭނެ. އައި ޖަސްޓް ނީޑް އަ ލިޓްލް ހެލްޕް ފްރޮމް މައި ލިޓްލް ސިސްޓަރ" ހިނިތުންވުމަކާއެކު އިޝްވާގެ ބޮލުގައި ފިރުމައިލަމުން ޝައިނާ ބުންޏެވެ. އިޝްވާ އެ ހިނިތުންވުން ރައްދުކޮށްލަމުން ޝައިނާގެ ވާހަކައަށް ބޯ ޖަހައިލިއެވެ.
"އޯކޭ. ޔޫ ވިލް އޯލްވޭޒް ހޭވް މީ ސިސް. މިރޭ ފޮނުވާލާނަން އެޑްމިޝަން ފޯމްއެއް. ފިލްކޮށްލާފަ އިޝީއަށް ފޮނުވާލާ. އިޝީ ހުރިހާ ކަމެއް ހަމަޖައްސާދޭނަން" އިޝްވާ ބުންޏެވެ.
"ނައު ދެޓް އިޓް އިޒް ސެޓްލްޑް… ކާންވީނު. ކޯއްޗެއް ކައްކާންވީ؟" ޝައިނާ ސޯފާއިން ތެދުވެ ބަދިގެއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. އޭރު އިޝްވާއަށް އިނދެވުނީ ފުން ހިޔާލަކަށް ގެއްލިފައެވެ. ޝައިނާ ފެނުނީއްސުރެން އޭނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލު ކުރާނެ ގޮތަކާމެދު ވިސްނަމުންދިޔައެވެ. އާނއެކެވެ. ޝިމާންގެ ހަބަރެއް ޝައިނާގާތުން ހޯދަން ބޭނުންވި ކަމުގައިވިޔަސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެހެންކަމުން ޝައިނާ ދެވަނަ ފަހަރަށް އޭނާއަށް ގޮވައިލުމާއެކު އިޝްވާ އަވަސްއަވަހަށް ޝައިނާގެ ސުވާލަށް ޖަވާބުދިނެވެ.
"ސިސް ބޭނުން އެއްޗެއް އޯކޭވާނެ. މިއަދު ދާނީ ސިސް އަތުން ކައިގެން" އިޝްވާ ބުންޏެވެ.
"އޯކޭ. ނޫޑްލްސް ހަދަނީ. ދޭބަ ކޮއްކޮމެން ގޮވަައިގެން އަންނަން" ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން އިޝްވާ އެ ކުދިން ބަލައި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
******************
ޓީވީއިން އަލްޖަޒީރާ ނޫހުގެ ހަބަރުގަޑި އަޅުވައިލައިގެން ސިޓިންގްރޫމްގެ ސޯފާގައި މަސައްކަތައް ގެއްލިފައި އިން ރާހިލް އިސްއުފުލައިލީ ދެފަހަރަކު ޕެންތްހައުސްގެ ބެލް އަޅައިލި އަޑު އިވުމުންނެވެ. ލޮލުގައި އަޅައިގެން އިން ނަންބަރު އައިނު ލެޕްޓޮޕްގެ ކީޕެޑް މަތީގަިއ ބޭއްވުމަށްފަހު ދޮރު ހުޅުވަންދާން ތެދުވެލިތަނާހެން އެ ބެލްއެޅި މީހަކު އެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. ރާހިލް ކުރިއަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ކުރިންވެސް އިންހެން އިށީނދެ ހަމަޖެހިލީ އެއީ އިޝްވާ ކަމުގައި ނިންމަމުންނެވެ. އެހެނަސް އެދޮރުން އެތެރެއަށް ވަތް ރިއާން ފެނުމާއެކު ރާހިލް ފޫހިގޮތަކަށް ޗޮކެއް ކަނޑައިލުމަށްފަހު އަނެއްކާވެސް ގޮނޑިން ތެދުވެއްޖެއެވެ. އޭރު ރިއާން ލަސްފިޔަވަޅުތަކެއްގައިގޮސް އެތަނުގައިހުރި މޮޑަރން ކިޗަންގެ ކެބިނެޓުތަކުން ފަހަރަކު ކެބިނެޓެއް ހުޅުވައި ބަލަމުންދިޔައެވެ. ރިއާން މިކުރަނީ ކީއްތޯ ބަލަން ރާހިލް ޝައުގުވެރިކަމާއެކު މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުއްޓައި ރިއާން އެ ބަދިގެއިން ނުކުމެ ސިޑިން މައްޗަށް އެރިއެވެ.
ރާހިލް އަދިވެސް މި ވަމުންދާގޮތެއް ނޭނގިފައިހުރެ ރިއާންގެ ފަހަތުންގޮސް މަތީ ފަންގިފިލާއަށް އަރައިފިއެވެ. ދެމީހުންކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ދައްކާކަށް ނޫޅުނެވެ. ނަމަވެސް ރިއާން އެ ފަންގިފިލާގައިހުރި ސްޓަޑީގެ ދޮރު ހުޅުވައިލުމާއެކު ރާހިލް އޭނާއަށް ގޮވަންފެށިއެވެ.
"ރިއާން! ރިއާން!" ރާހިލް ހުއްޓާނުލައި ގޮވަމުންދަނިކޮށް ރިއާން އެ ސްޓަޑީއަށް ވަދެ އެތަނުގައިހުރި ކެބިނެޓުތަކުންވެސް ފަހަރަކު ކެބިނެޓެއް ހޯދާން ފަށައިފިއެވެ. އެގޮތުން ސްޓަޑީގެ މެދުގައި ބަހައްޓައިފައިހުރި މޭޒުގެ ވަތްގަނޑެއް ދަމައިލުމަށްފަހު ރިއާން އޭގެން ނެގީ ކުޑަ ކަޅުކުލައިގެ ފޮއްޓެކެވެ. ރިއާންއަށް އެ ފޮށި ހުޅުވައިލުމުގެ ފުރުސަތު ނުލިބެންދެން ރާހިލް އެ ޖަހައިގަތުމަށްފަހު ރިއާން ދުރަށް ކޮށްޕައިލިއެވެ.
"ވަޓް ދަ ހެލް ބްރޯ. ޔޫ ކާންޓް ޖަސްޓް ވޯކް އިން ހިއަރ ލައިކް ޔޫ އޯން ދި ޕްލޭސް" ރާހިލް ހުރީ ހިތްހަމަނުޖެހިފައެވެ.
"އެކްސެޕްޓް އައި ޑޫ އޯން ދިސް ޕްލޭޒް. މިތަން އަމިއްލަކުރުމުގެ ކުރިން އަދި އަހަރެންނަށް ހަތަރު އަހަރުގެ މަންތްލީ އިންސްޓޯލްމެންޓްސް ދައްކަން ޖެހޭކަން ހަދާންނެތުނީތަ؟ ދެން ބުނޭ. ތި ފޮށީގަ ތިއީ ކޯއްޗެއް" ރިއާން ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ.
"ޕްފްފްޓް. ސީރިއަސްލީ. ތިއައީ ލޭންޑްލޯޑެއްގެ ރޯލު ކުޅެންތަ؟ ފައިން. ހަނދާނުން ކައްސާލީމަ މި މަހުުގެ އިންސްޓޯލްމަންޓް ލަސްވީ.. ދެއަރ ޔޫ ގޯ ޑަން.." ރާހިލް ފޯނުގެ ބޭންކިންގް އެޕުން ރިއާންއަށް ކުރި ޓްރާންފަރ ދައްކައިލަމުން ބުންޏެވެ. އެއަށްފަހު އޭނާ ދެން ދައްކާލީ އަނެއްއަތުގައި އޮތް ކަޅުކުލައިގެ ފޮއްޓެވެ. އެއީ ދެންމެ އޭނާ ރިއާންގެ އަތުން ޖަހައިގަތް ފޮއްޓެވެ. "އެންޑް ދިސް.. ދިސް އިޒް ނަން އޮފް ޔުއަރ ޑޭމްން ބިޒްނަސް!" ރާހިލް އެ ފޮށި އަލުން އަނބުރައި ވަތްގަނޑަށްލަމުން ބުންޏެވެ.
"އޯކޭ. އެކަމަކު މީގެ ހަތް އަހަރުކުރިން އަހަރެން ޒީގެ ކައިވެނީގެ ކަންތަކާ ކަޓައިގެން އުޅެނިކޮށް ރާހިލް އައިސް ގޭގެ ސެކިއުރިޓީ ޗެކެއް ކުރިއިރު އަހަރެން ނުބުނަން ދޯ އިޓްސް 'ނަން އޮފް ޔޯރ ބިޒްނަސް' އެކޭ" ރިއާން ބުންޏެވެ.
"ވަޓް ދަ ފ*. އަހަރެން މިހެން ހުންނާތީވެ ރިއާންވެސް މިހާރު ޝައްކު ކުރަންފެށީތަ؟" ރާހިލް އޭނާގެ އިސްތަށިގަނޑަށް އިޝާރާތް ކުރަމުން ބުންޏެވެ. "ހިއެއްނުކުރަން މީހަކު ހުންނަ ގޮތަށް ބަލައި ބަލާ ޖަޖްކުރާވަރު ނެރޯ-މައިންޑަޑް މީހަކަށް ރިއާން ވާނެކަމަކަށް. އެންޑް ފޯ ދަ ލާސްޓް ޓައިމް އައިމް ނޮޓް ޔޫޒިންގް އެނީތިންގް. އަހަރެން އެވަރުކަމެއް ކުރާއިރު ރިއާންއަށް އެކަން ސިއްރުވެފައެއް ނޯންނާނެ" ރާހިލް ބުންޏެވެ. ރިއާން ފުންނޭވައެއް ދޫކޮށްލިއެވެ.
"މައްސަލައެއްނެތް. އަހަރެން މާބޮޑަށް ޕެރަނޮއިޑް ވަނީ ކަންނޭނގެ. އެކަމަކު ޒީވް އެދުވަހު ގޭގަ ހިނގި ކަންތައް ކިޔާދިން ފަހުން ލީވާނަށް ގުޅީމަވެސް ބުނީ ރާހިލް މި ދެދުވަހު އޮފީހަށް ނުނިކުންނަ ވާހަކަ" ރިއާން ދިފާއުގައި ބުންޏެވެ.
"ބިކޯޒް އައި ވޯޒް ވޯކިންގް ފްރޮމް ހޯމް" ރާހިލް ދެކޮނޑު އަރުވައިލަމުން މައްސަލައެއް އެބައޮތްހޭ އަހައިލާ ފަދައަކުން ޖަވާބުދިނެވެ. "ތިބުނީ ރަނގަޅަށް. ޒީއާ އެކީ އުޅެއުޅެ ރިއާން މާބޮޑަށް ޕެރޯވެފަ ތި ހުންނަނީ. މިހާރު ދެން ޕޭމެންޓްވެސް ލިބިއްޖެއެއްނު. އައި ކަންތައް ނިމުނީތާ." ރިއާންގާތު ނުކުންނާށޭ ބުނާ ފަދައަކުން ރާހިލް ދޮރަށް އިޝާރާތްކުރިއެވެ.
"ކަމޯން މޭން. ތިހެން ބުނާއިރުވެސް އެނގޭދޯ އެކަމުގަ ނޫންކަން މި އައީ. ކޮންމެ މަހަކު ތި ދައްކާ ތިރީސްފަސްހާސް ރުފިޔާ ނުދިނަސް އަހަރެންނަށް ކީއް؟ އައިމް ލިޓެރަލީ މޭކިންގް މަނީ އޭޒް ވީ ސްޕީކް.. ކަންތައްގަނޑު ބޮޑުނުކޮށްލިނަމަ އަހަރެން މިތަން ރާހިލްއަށް ގިފްޓްވެސް ކުރީސް." ރިއާން ބުންޏެވެ.
"ދެން އިތުރު ކޮންކަމަކު ތިއައީ؟" ރާހިލް ރުންކުރުކަމާއެކު އަހައިލިއެވެ.
"ޒީވް ދެއްކީ ރަނގަޅު ވާހަކައެއްކަން ރާހިލް ގަބޫލު ކުރަންޖެހޭނެ. ޔޫ ހޭވް ޓު ލެޓް ގޯ އޮފް ޔުއަރ ޕާސްޓް" ރިއާންގެ ވާހަކަ ހުރިގޮތުން ރާހިލްގާތަށް ރުޅިއަންނަން ފެށިއެވެ.
"ކިތައް ފަހަރުތަ ބުނަންވީ ޝައިނާއަކީ އަހަރެންގެ މާޒީއެއް ނޫނޭ! ރިއާން މިތަނަށް ތިއައީ ޒީވާގެ ވަކީލެއްގެ ގޮތުގަ ޒީވާ ދެއްކި ވާހަކަތައް އަހަރެންގެ ސިކުނޑިއަށް ވެއްދޭނޭ ހިތާތަ؟ ރާހިލްގެ އަޑު ބާރުވިއެވެ.
"ނޯ އައި އޭމް ހިޔަރ ޓު ގިވް ޔޫ އަ ފަ*** ރިއަލިޓީ ޗެކް! ޝައިނާ ހޯދަން ރާހިލް ކުރަންޖެހޭ ހުރިހާކަމެއްގަ އެހީތެރިވާން އަހަރެން ހުރީ ތައްޔާރަށް. އިންވެސްޓިގޭޝަން އެހިސާބަށް ގޮސްފަ އޮއްވާ ތިމާވަރުގެ ރަނގަޅު ހެޔޮލަފާ މީހަކު ނެތިގެން ޝައިނާ ހޯދުމުގެ ފުރުސަތު އޮވެ ޝައިނާ ދޫކޮށްލީ. އިފް ޔޫ ޑިޑްންޓް ފޮލޯ ދަ ރޫލްސް ޝީ ވުޑް ބީ ހިއަރ ނައު. ދެން މިހާރު އަބަދު ޝައިނާގެ ފޮޓޮއަށްބަލަން އިނދެ ހިތާމަކުރުމުގެ ހައްގެއް ރާހިލްއަކަށް ނޯންނާނެ" ރިއާން ބުންޏެވެ.
"އަހަރެންގެ ހައްގު އަހަރެންނަށް ކިޔާދޭކަށް ރިއާންއަކަށް ނުޖެހޭނެ. އަދި އަބަދުވެސް ބުނާހެން ޝައިނާގެ ގޮތެއް އަހަރެންނަކަށްވުރެ ބޮޑަށް ރިއާންއަކަށް ނޭނގޭނެ. އެދުވަހު އަހަރެން ޝައިނާ ހޯދަން އުޅުނުނަމަ މިއަދު ޝައިނާ އަހަރެންގެ އަންބެއްގެ ނަމުގަވެސް ނުހުންނާނެ. އެހެންނޫނަސް ގަވައިދާ ހިލާފަށް އެތަން މިތަނުން ލިޔުން ހޯދައިގެން މީހެއް އުޅޭ ނޫޅޭގޮތް ބަލައި ފާރަލުމަކީ އަހަރެން ގަބޫލު ކުރާގޮތެއްނޫން. އަހަރެންނާހެދި ރިއާން ތިފަދަ މަގާމެއްގަހުރެ ގާނޫނާ ހިލާފަށް ނުފޫޒުގެ ބޭނުން ކުރުމަކީ އަހަރެން ބޭނުންވާ ގޮތެއްވެސް ނޫން. އިޓްސް އަގައިންސްޓް މައި ޕްރިންސިޕަލްސް"
"ޔުއަރ ގުޑްނެސް އެންޑް ޕްރިންސިޕަލްސް ވިލް ބީ ދަ އެންޑް އޮފް ޔޫ… ތި ބުނާވަރުގެ ހިތްހެޔޮ ހެޔޮލަފާ މީހަކަށްވެގެން ރާހިލްއަށް މިހާތަނަށްވީ ކޮން ފައިދާއެއް. އަމިއްލަ ލޯބި ގުރުބާންކޮށްފަ ބީރައްޓެއްސަކާ އިނދެގެން އެމީހާގެ ދަރިއާ ހަވާލުވާން އެއްބަސްވީ ހަމަ ތި ޕްރިންސިޕަލްސްއަކާހެދި. އެންމެފަހުން ވީ ކިހިނެއް؟ ރާހިލްގެ ސެނިޓީއަށް ރާހިލް ނުވިސްނި ވަރަށް ވިސްނާފަ އޭނަވެސް އަމިއްލައަށް މަރުވީ. މުސްކުޅިން ބުނާހެން ކަތިވަޅިޔާ މަރިޔަނބާ ކޮށިދަނޑުވެސް ގެއްލުނީ." ރިއާންގެ އަޑުން ނުރުހުން ފާޅުވާން ހުއްޓެވެ.
"ޝަޓަޕް. ތިއީ ކޮށި ދަނޑު ގެއްލޭ ވާހަކަ ދައްކާކަށް މާ ރަނގަޅު މީހެއްނޫން. ޔޫ އޯލްމޯސްޓް ގޮޓް ޑިވޯރސްޑް ޓްވައިސް" ރާހިލް މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"ބަޓް އައި ޑިޑްންޓް" ރިއާން ރައްދުދިނެވެ.
"ދެޓްސް ބިކޯޒް ޔޫ ޑިޑްންޓް ލެޓް ހަރ ގޯ ލައިކް އަ ފަ*** ސައިކޮޕާތް. އަހަރެންނެއް އެ ދަރަޖައަކަށް ނުވެއްޓޭނަން. މަށަކީ ރިއާންވަރުގެ އިމޯރަލް މީހެއްނޫން"
"އަހައް. މޯރަލިޓީ؟" ރިއާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. "ދަ އޮންލީ ޑިފަރެންސް ބިޓްވީން ޔޫ އެންޑް އައި ރާހިލް.. އިޒް ޖަސްޓް ދެޓް އައި ބިލީވް އައި އޭމް އިމޯރަލް. އައި އޭމް ނޮޓް ދަ ބެސްޓް ޕަރސަން. އައި މޭ ނޮޓް ޓޭކް ދަ މޯސް އެތިކަލް ޑެސިޝަންސް.. އަހަރެން އެކަން ގަބޫލުކުރަން. އެކަމަކު ރާހިލް ތިއީ އެންމެ މޯރަލް ކަމަށް ދައުވާ ކުރާމީހާގެ މޯރަލިޓީ ނިމޭ ހިސާބެއް އަދި އިމޯރަލިޓީ ފެށޭ ހިސާބެއް އަހަރެންނަކަށް ނޭނގޭ؟ ލޯބިވާކަމަށް ބުނާ އަނބިމީހާ ގޭގަ ބައިންދާފަ އެހެން އަންހެނެއް ގޮވައިގެން ވޯކް ޓްރިޕަށް ސިންގަޕޫރަށްދާ ހިސާބުންތަ؟ ލޯބިވާކަމަށްބުނާ އަނބިމީހާ ބަލިވެއިންދާ އެކުއްޖާ ވައްޓާލާށޭ ބުނެފަ އެހެން މީހެއްގެ ދަރިއަކާ ހަވާލުވާ ހިސާބުންތަ؟ ޔޫ ކާންޓް ވޯކް އަވޭ ފްރޮމް ސަމްވަން ދެޓް ނީޑްސް ޔޯރ ހެލްޕް ބަޓް ޔޫ ވަރ ޕަރފެކްޓްލީ ފައިން ވިތް މޭކިންގް ޔޯރ ވައިފް ސަފަރ؟ ޓެލް މީ ރާހިލް؟ މިއީތަ ތިބުނާ މޯރަލް މީހުން ކަން ކުރާ ގޮތަކީ؟ ރާހިލްގެ މޯރަލިޓީ ނިމެނީ ރާހިލްގެ އަނބިމީހާއާ ހިސާބުންތަ؟"
"ޝަޓަޕް ޖަސްޓް ޝަޓް ދަ ފަ*އަޕް" ރާހިލް ކުއްލިއަކަށް އެތަނުގައިހުރި މޭޒުމައްޗަށް ބާރު އެތިފަހަރެއް ވީއްލައިލަމުން ހަޅޭއްލަވައިގަތެވެ. އޭރު އޭނާގެ ހަށިގަނޑު ރުޅިން ތުރުތުރުލަމުންދިޔައިރު އޭނާއަށް ފުންނޭވާތަކެއް ލެވެމުން ދިޔައެވެ.
"އަހަރެންނަށް ހެދުނު ކޮންމެ ގޯހެއްވެސް އަހަރެންނަށް އެނގެޔޭ! ލޯ މަރާލާ ކޮންމެ ފަހަރަކު ބިރުވެރި ހުވަފެނެއްގެ ސިފައިގަ އެއިން ކޮންމެ މަންޒަރެއްފެނޭ! އަހަރެން މި ތަހައްމަލުކުރާ ވޭނެއް އެކަކަށްވެސް ނޭނގޭނެ. ސޯ ރިއާންއަށްވެސް އަހަރެންނަށް ހިތްވަރެއް ނުދެވެންޔާ އެކުށްތައް ހަނދާންކޮށްދޭން ނައިސްހުރޭ. ޖަސްޓް ލީވް." އެ ހުރިހާ ވާހަކައެއް ދައްކަމުންދިޔައިރު ރާހިލްގެ ކަތުރުކަށިގަނޑަށްވަނީ ރެނދުލާވަރަށް ބާރުކޮށްލެވިފައެވެ.
"މިވަގުތަށް އަހަރެން މިދަނީ އެކަމަކު އަދި އަންނާނަން. ރާހިލްގެ ގާތަށް ދެން ޝައިނާ ނާންނާނެ ސަބަބުތައް ބުނެދީގެން ވިޔަސް ޝައިނާގެ މަތިން ރާހިލް ހަނދާންނައްތާލަން މަޖުބޫރުކުރާނަން. ޔޫ ލޮސްޓް ހަރ. އިޓްސް ހައި ޓައިމް ޔޫ މޫވް އޮން!" ރިއާންގެ އަޑުގައި އަދިވެސްހުރީ ސާބިތުކަމެވެ. ހިޔާލުތަކުގެ ތެރެއަށް ރާހިލް ދޫކޮށްލުމަށްފަހު އޭނާ އެ ސްޓަޑީން ނުކުމެ ދޮރުލައްޕައިލިއެވެ. އެވަގުތު ރާހިލް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތް އަޑާއެކު މޭޒުމަތީގައި ހުރި އެއްޗެހިތައް ބިންމައްޗަށް ފޮޅައިލިއަޑުވެސް އޭނާއަށް އިވުނެވެ. އެހެނަސް އޭނާ ހަމަޖެހިފަހުރެ ހިނގައިގަތީ ކުރިއަށެވެ. ރާހިލް އަންނަ ރުޅިއަކަށް އަދި ވާނެ ދެރައަކަށް ވިސްނާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭނާ ގަބޫލުކުރާގޮތުގައި އޭނާ އެ ހުރިހާކަމެއްވެސް އެ ކުރަނީ އަދި އެ ހުރިހާ އެއްޗެއްވެސް އެ ކިޔަނީ ހަމަ ރާހިލްއަށް ރަނގަޅަކަށެވެ. މާޒީގެ ހިޔަނިން ތާ އަބަދު ރާހިލްގެ މުސްތަގްބަލް ބަނަވެފައި އޮތުމަކީ އޭނާ ބޭނުންވާ ގޮތެއްނޫނެވެ.
*****************
ރޫބީޒް ޑޭކެއަރ ސެންޓަރަށް ޔާނާ ގެންދަންފެށި ދުވަހުން ފެށިގެން އިޝްވާއާ ޔާނާގެ ގުޅުން ވަނީ ވަރަށްބޮޑަށް ބަދަހިވެފައެވެ. ހުރިހާ ކަމެއްވެސް ހިނގަމުންދިޔައީ އަމަަން އޮމާންކަމާއެކުގައެވެ. ރާއީ ބަހައްޓައިދިނުމަށް އެދުނުހިނދު އައުފާގެ ދައްތަމެންވެސް އެކަމަށް މަރުހަބާ ކިއީ ލޯތްބާއި އުފަލާއެކުގައެވެ. ޑިއުޓީ ނިންމައިލުމަށްފަހު ޝައިނާ ކޮންމެ ދުވަހަކުވެސް ގެއަށްދަނީ ޔާނާ ގޮވައިގެނެވެ. ދުވާލުގެ ބާކީބައި ރާއީއާއި ޔާނާގެ ކަންތައްތަކުގައި ފޫހިކަމެއްނެތި އޭނާ ހޭދަކުރެއެވެ. އެދެކުދިންނަކީ އޭނާގެ ފުރާނައެވެ. އޭނާގެ ދެލޮލުގެ ދެ ނޫރެވެ. އެއީ އޭނާއަށް މާތްﷲ ދެއްވި ނިއުމަތެކެވެ. ދިރިއުޅުމަށްޓަކައި ލިބޭ އެންމެ ބޮޑު ހިތްވަރުވެސްމެއެވެ. ދިރިއުޅުމުގެ ހާލަތު އޮތްގޮތުން ދުވާލުގެ ބޮޑުބައި އެކުދިންނާ ވަކިން ހޭދަކުރަން ޖެހުނު ކަމުގައިވިޔަސް އެ އުނިކަން އެކުދިންނަށް އިހުސާސްކޮށްނުދީވޭތޯ އޭނާ މަސައްކަތްކުރެއެވެ.
މިގޮތުން އައި އާދައިގެ ދުވަހެކެވެ. މޫސުމީ ވިއްސާރައިގެ އަސަރު ހަފްތާއަކަށް މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް މާލެއަށް ކެރިކަނޑައިނުލައި އޮތް ދުވަހެކެވެ. ޑޭކެއަރ ސެންޓަރުގެ ދޮރުމަތީގައި އިޝްވާ މަޑުކޮށްލައިގެންހުރީ ޔާނާ ބަލައި ޝައިނާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ކްލާހަށްދާ ގަޑިވެސް ކައިރިވާތީއާއެކު އޭނާ ޝައިނާ ވީ ހިސާބެއް ހޯދުމަށްޓަކައި ގުޅައިލިއެވެ. އެހެނަސް ދެފަހަރަކު ގުޅައިލިއިރަށް ޝައިނާ ފޯނު ނެގުމަށްފަހު ދިން ޖަވާބާއެކު އިޝްވާ މާޔޫސްވިއެވެ.
"ވާރޭ ވެހޭތީ.. އަދި ކާރެއް ނުލިބިގެން އޮފީހުގަ ސްޓަކްވެފަ މިހިރީ. ތިތަނުން އެހެން ކުއްޖަކާއެކު ޔާނާ ބައިންދާފަ އިޝްކޮ ކްލާހަށްދިޔަސް އެންމެ ރަނގަޅޭ. އަދި ލަސްވެދާނެހެން ހީވަނީ. އަހަރެންނަށް ދެވެންވާއިރަށް އިޝްކޮ ގަޑިޖެހޭނެ"
އިޝްވާ އެ ފޯނު ކަނޑައިލުމަށްފަހު ދެން ގުޅީ ރާހިލްއަށެވެ. އޭނާ ބަލައި އައިސްދިނުމަށް އެދުމާއެކު ރާހިލް ނުހަނު ފަސޭހައިން އެއްބަސްވިއެވެ. ބޯކޮށް ވާރޭވެހޭ ދުވަހެއްކަމުން އިޝްވާ ގުޅާނެކަން މާކުރިންވެސް ރާހިލްއަށް އޮތީ އެނގިފައެވެ. އެހެންކަމުން އޭނާ އެވަގުތު ހުރީ އެދިމާލާ ނުހަނު ކައިރީގައެވެ.
ރާހިލް "ކާރުގައި މި ކައިރިކުރީ" އޭ ބުނުމާއެކު އިޝްވާއަށް ތެޅިގަނެވުނެވެ. ޕްލޭ އޭރިޔާގައިހުރި މޭޒެއްގެ ދޮށުގައި އެއްޗެއް ކުރަހަން އިން ޔާނާއަށް ބަލައިލިއެވެ. ރިސެޕްޝަނާ ގުޅުވައިލެވިފައި ހުންނަ އެ ޕްލޭ އޭރިޔާގެ ތެރޭގައި އެކި ކުދިން ކުޅިވަތުތަކުގައި ހޭލަމޭލަވެ އުޅުނުއިރު ވާރޭގެ ސަބަބުން ސެންޓަރުގައި ތާށިވެފައިތިބި ބައެއް މައިންބަފައިންވެސް އެ ކުދިންނާއެކު ހަރަކާތްތެރިވަމުންދިޔައެވެ. ރިސެޕްޝަންގައިތިބި އެކުވެރިންނަށް ބަލައިލުމަށްފަހު އެތަނުގައި ޔާނާއަށް ނުރައްކަލެއް ނެތްކަން ޔަގީންކުރަމުން އޭނާ ސިޑިން މައްޗަށް ދިޔައީ ފުރަތަމަ ފްލޯރގައިހުރި އޭނާގެ ދަބަސް ބަލައެވެ. އަދި ކޮލެޖަށް ދިޔުމުގެ ކުރިން ކުޑަކޮށް ރީތިވެލުމަށްޓަކައި ފާހާނާއަށްވަނެވެ.
އިޝްވާ ނުކުންނަންދެން ކާރުގައި މަޑުކޮށްލައިގެން އިން ރާހިލް އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަނީ ދެތިން މިނަޓު ހޭދަވެގެން ދިޔައިރުވެސް އިޝްވާގެ ހަބަރެއް ނުވުމުންނެވެ. ގުޅައިގުޅައި ފޯނެއްވެސް ނަގަނީކީ ނޫނެވެ. އެންމެފަހުން މަގު އެއްކޮށް ތޮއްޖެހި ކާރުގެ ފަހަތުން ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު އިވެން ފަށައިފިއެވެ.
ރާހިލްއަށް މަޖުބޫރުވީ ކައިރި ހިސާބެއްގައި ކާރު ބޭއްވުމަށްފަހު އިޝްވާ ހޯދަން ދިޔުމަށެވެ. އެގޮތުން މަގުގެ ކަންމައްޗަކަށް ވާގޮތަށް އޮތް ހުސް ޖާގައެއްގައި ކާރު ބާއްވައިލުމަށްފަހު އިމާރާތްތަކުގެ އަސްކަނިދަށުން ހިނގަަމުންގޮސް ސެންޓަރުގެ ތެރެއަށްވަނެވެ. ބޯކޮށް ފަޅައިފައިވާ ތުނބުޅީގައި އަތްފުނާ އަޅައިލުމަށްފަހު ވާރޭގެ ސަބަބުން ކުޑަކޮށް ތެމިފައިވާ އިސްތަށިގަނޑު ހިއްކައިލުމަށްޓަކައި ބޮލުގައި ޖަހައިފައިވާ ހުޅި ނައްޓައިލަމުން ކޮނޑާ ހަމައަށް އޮތް އިސްތަށިގަނޑު ފޮޅައިލިއެވެ. އޭރު ރިސެޕްޝަންގައި އިން ކުއްޖަކު އޭނާއަށް ކަޅިއަޅައިލިތަން ރާހިލްއަށްފެނި ހިސާބަކަށް ޖެހިލުންވެސްވިއެވެ. ލަސްފިޔަވަޅުތަކެއްގައިގޮސް ކައުންޓަރުގެ ކައިރިއަށް ހުއްޓިލީ އޭނާ އެތަނަށް އައި ސަބަބު އޮޅުން ފިލުވައިދިނުމަށެވެ. ކުޑަކުދިންގެ ސަލާމަތް ރައްކާކުރާ ތަނަކަށް އެފަދަ ގޮތަކަށް އެތަނާ މުޅިން ބީރައްޓެހި މޫނެއް އައިސް ވަދެގަތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަން ހުދު އޭނާއަށްވެސް ގަބޫލު ކުރެވުނެވެ.
"ހައި.. އިޝްކޮ.. މިބުނީ އިޝްވާއަށް ގޮވާލަދީފާނަންތަ؟ އަސްލު އަމްމް. އިޝްކޮ ކްލާހަށްދާ ގަޑި ޖެހޭތީ.." ރާހިލް އަހައިލިއެވެ.
"ތިއީ އިޝީގެ ދޮންބެދޯ" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އެކުއްޖާއަށް އިޝްވާގެ ފަރާތުން އިވިފައިވާ މިންވަރުގެ މައްޗަށް ބުރަވެހުރެ އަހައިލިއެވެ. ރާހިލް ބޯ ޖަހައިލުމާއެކު އެކުއްޖާ މަތީ ފަންގިފިލާގެ ފޯނަށް ގުޅޭތޯ މަސައްކަތްކުރިއެވެ.
"އިޝީ ކުއްލިއަކަށް ކުޑަކޮށް ބިޒީވީއޭ ފޯނު ނެގި ކުއްޖާ ބުނީ. އިރުކޮޅެއްވާނޭ ބުނީ. އިހަކަށް އިށީނދެލިޔަސް އެންމެ ރަނގަޅު" އެކުއްޖާ އެތަނުގެ ޕްލޭ އޭރިޔާގައިހުރި ރަތްކުލައިގެ ދަވާދުލީ ބެންޗަކަށް އިޝާރާތްކޮށް ބުންޏެވެ.
ރާހިލް ޝުކުރު އަދާކޮށްލުމަށްފަހު އެތަނުގައި އިށީންއިރު އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އެތަނުގައި ތުއްތު ކުދިންނާއެކު ވަގުތު ހޭދަކުރަމުންދިޔަ މައިންބަފައިންގެ މޫނުގައިވި އުފާވެރި ހިނިތުންވުމަކީ އޭނާއަށް ބަލަން ފަސޭހަ ހިނިތުންވުމެއްނޫނެވެ. އެ އުފާވެރި އާއިލާތައް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ރިއްސައިލަނީ އެއްވެސް އިހްތިޔާރަކާނުލައެވެ. އެހެންކަމުން ފޯނުން އިސްއުފުލައިލައި އެ މަންޒަރުތައް ބެލުމުގެ އެއްވެސް ނިޔަތެއް އޭނާގެނެތެވެ. އެހެން އިންދައި ކައިރީގައި ހުރި މޭޒަކުން ވެއްޓުނު ކުލަ ފަންސޫރެއް އެނބުރެމުން އައިސް އޭނާގެ ފައިތިލައިގައި ޖެހުނެވެ. އެކަންވެސް ނޭނގޭކަމަށް ހެދިގެން އިންދައި އޭނާއަށް އިސްއުފުލައިލަން ޖެހުނީ ހަމަ އެދިމާލުން މީހަކު އެއްލި ކުލަ ފަންސޫރެއް އޭނާގެ އަތުގައި ޖެހުމުންނެވެ.
ލިބުނީ ސިހުމުގައި ރާހިލްގެ އަތުން ފޯނުވެސް ދޫކޮށް ނުލެވުނީ ހަމަކިރިޔާއެވެ. ހިތްހަމަނުޖެހިފައިހުރެ އެ ފަންސޫރު އައި ދިމާލަށް ބަލައިލިއިރު އެތަނުގައި އިނީ ގާތްގަނޑަކަށް ޒިވްޔަންއާ ދާދި އެއްއުމުރެއްގެ އަންހެން ކުއްޖެކެވެ. އޮޅަލި ކުލައިގެ ހަންގަނޑަކާއި ދެފަރާތަށް އައްސައިލެވިފައިވާ ރާޅުބާނީ އިސްތަށިގަނޑެއްގެ ވެރި އެކުއްޖާ ބުމަ ގޮށްޖަހައިލައިގެން އިނދެ ރާހިލްއަށް ބަލަމުންދިޔަގޮތުން ކަމަކައި ނުރުހިފައި އިންހެން ހީވި ކަމުގައިވިޔަސް އެކުއްޖާގެ މޫނުމަތިން ފެންނަންހުރީ މައުސޫމުކަމެވެ. ކުރިއަށް އަތް ދަމައިލައިގެން އިން ގޮތުން ރާހިލްގާތު ކޮންމެވެސް އެއްޗެއް ދޭށޭ ބުނާ ކަހަލައެވެ.
"ކުލަ" އެކުއްޖާގެ ތުއްތު އަޑުން ރާހިލްގާތު ބުނެލިއެވެ.
ރާހިލް ދެހިޔާލެއްގައި ހުރުމަށްފަހު ބިންމައްޗަށް ވެއްޓިފައި އޮތް ދެ ކުލަ ފަންސޫރު ނަގައިގެންގޮސް އެކުއްޖާގެ އަތަށްދިނެވެ. އެވަގުތު މޭޒުމަތީގައި އޮތް އެކުއްޖާގެ ކުރަހާފޮތަށް ބޭއިޚްތިޔާރުގައި ރާހިލްގެ ނަޒަރުހުއްޓުނެވެ. އެ ފޮތުގައި ކުރަހާލެވިފައިވާ ލޭކޮކާ ފެނުމާއެކު ރާހިލްއަށް ހައިރާންވެފައި ބަލަން ހުރެވުނީ އެ ކޮކާލުގެ ފުރިހަމަ ކަމުންނެވެ. ކޮކާލުގެ ކޮންމެ ތަފްސީލެއްވެސް ކުރަހައިލެވިފައިވަނީ އެހާމެ ފުރިހަމައަށެވެ. ކުލަޖެއްސުމުގައިވެސް ފާޑުވެރިގޮތެއް ހުއްޓެވެ. ރަތާއި ރީނދުލާއި އޮރެންޖްކުލައިގެ ކުލަތައް އެ ކޮކާލުގެ ތެރޭގައި ފަރުވާތެރިކަމާއެކު ޖައްސައިލައިފައިވާގޮތުން ހީވަނީ އިރުއޮއްސޭ މަންޒަރެއް އެ ކޮކާލުގެ ތެރެއިން ދައްކައިދޭހެނެވެ. އެފަދަ ތުއްތު އުމުރެއްގައިވެސް އެކުއްޖާއަށް ލިބިފައި އެވާ ހުނަރުވެރިކަން ފެނުމާއެކު ރާހިލްގެ ހިތުގައި އެކުއްޖާއާ ވާހަކަދައްކައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ.
"ހާއި ޕްރިޓީ ގަރލް.. ވަޓް އަ ބިއުޓިފުލް ޑްރޯވިންގް. އަމިއްލައަށްތަ ކުރެހީ؟" ރާހިލް ކުޑަކޮށް ގުދުވެލަމުން އެކުއްޖާގާތު އަހައިލިއެވެ. އެކުއްޖާ އިރުކޮޅެއް ވަންދެން އެ ބޮޑު މުށިކުލައިގެ ދެލޮލުން ރާހިލްއާ ދިމާލަށް ލޯ އަޅައިލައިގެން އިނުމަށްފަހު ބޯ ޖަހައިލީ ރާހިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
"ރިއަލީ.. ހާދަ މޮޅޭދޯ." ރާހިލް ބުންޏެވެ.
"ބޭބެ ސިޓް" ޔާނާ އިޝާރާތްކޮށްލީ މޭޒުގެ އަނެއްފަރާތުގައިހުރި ކުޑަކުޑަ ގޮނޑިއަކަށެވެ. އެހެނަސް ރާހިލް އެ ގޮނޑި އެއްފަރާތްކޮށްލުމަށްފަހު ކާޕެޓް މަތީގައި ދެކަކޫމައްޗަށް އިށީނދެލިއެވެ.
"މަންމި ދަސްކޮށްދިނީ. މަންމި މާ މޮޅުވާނެ. މަންމި އިއްޔަގަ ގްރީން ބަތަރފްލައި ކުރެހީމަ މަންމިއަށްދޭން އޮރެންޖް ބަތަރފްލައިއެއް ކުރެހީ." މަންމައަށް ތައުރީފު ކުރިއިރު އެކުއްޖާގެ ދެލޮލުން އާދަޔާހިލާފު ވިދުމެއް ފާޅުވާން ހުއްޓެވެ. މަންމަދެކެ އެކުއްޖާވާ ލޯބި ރާހިލްއަށް ސާފުވިއެވެ. ކޮންމެ ކުއްޖަކުވެސް އެކުދިންގެ މައިންބަފައިންދެކެ ހަމަ މިހާ ލޯބިވާނެބާއެވެ؟ އޭނާގެ ދަރިފުޅުވެސް މިހާރު ހުންނާނީ މި އުމުރަށް އެޅިފައެވެ. އެ ދަރިފުޅު އޭނާއާމެދު ދެކޭނީ ކިހިނެއްބާއެވެ؟ އޭނާދެކެ ލޯބިވާނެބާއެވެ؟ އޭނާއާ ބައްދަލުކުރަން ބޭނުންވެދާނެބާއެވެ؟
"ބޭބެ ބޭނުންތަ ބްލޫ ބަތަރފްލައިއެއް؟ ހިނގާ ބްލޫ ބަތަރފްލައި ކުރަހަން" ރާހިލްގެ ސަމާލުކަން ދެވުނީ އެކުއްޖާގެ ތުއްތު އަޑުން އަނެއްކާވެސް ރާހިލްއާ ވާހަކަދެއްކުމުންނެވެ. އެކުއްޖާގެ ވާހަކަ ހުރިގޮތުން ރާހިލްގެ ފޫހިކަން ފިލައިގޮސް އިތުރަށް ވާހަކައިގެ ތެރެއަށް ވަދެވުނެވެ.
"ހްމްމް. އެކަމަކު ބޭބެއަށް ބްލޫ ބަތަރފްލައި ކުރަހާދޭ އާރޓިސްޓްގެ ނޭމްވެސް އަދި ނުބުނަމެއްނު. ކޮން ނަމެއްކިޔާ ކުއްޖެއްތަ މިއީ؟" ރާހިލް އަހައިލިއެވެ.
"ޔާނާ.." ޔާނާގެ ނަން އިވުމާއެކު ރާހިލްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދުރުހިޔާލެއް އޭނާގެ ސިކުނޑީގައި ކޮށްޓައިލިއެވެ. އެ ސިހުމުން އަރައި ނުގަނެވިފައި ހުއްޓައި ޔާނާ ރާހިލްގެ އަތުގައި ހިފެހެއްޓުމަށްފަހު އެ އަތުގެ ތެރެއަށް ކަޅުކުލައިގެ ކުލަ ފަންސޫރެއް ލައިދިނެވެ. "ބޭބެއަށް ބްލެކް ކުލަ. މިތާ ޖައްސާނީ މިގޮތަށް"
ރާހިލް އިތުރު ސުވާލަކާނުލައި ޔާނާ ދެއްކިގޮތަށް ކުލަޖައްސަން ފެށިއިރު އޭނާގެ ހަނދާނުގައިވަނީ މީގެ ހައެއްކަ އަހަރުކުރިން ޝައިނާއާ ދެކެވުނު ވާހަކައެކެވެ. އެއީ އޭނާއާއި ޝައިނާގެ ލޯބީގެ އެންމެ އުފާވެރި ދުވަސްތަކުގެ ހަނދާނެކެވެ.
"އަހަރެމެންނަށް ފިރިހެންކުއްޖެއް ލިބުނިއްޔާ ފުރަތަމަ ކިޔާނީ އަޔާން. އަންހެންކުއްޖެއް ލިބުނިއްްޔާ ކިޔާނީ ޔާނާ. ރާހިލްއަށް އޯކޭ ދޯ" އެއްދުވަހަކު ދެކެވުނު ވާހަކައިގެ ތެރެއިން ޝައިނާ އަހައިލިއެވެ.
"ޝައިނާ ޕްލީޒް. އަހަރެން ބުނެފީމެއްނު ތިކަހަލަ ވާހަކަ ނުދައްކާށޭ.. ޝައިނާގެ ފުރާނައަށް ނުރައްކާވާގޮތަކަށް އަހަރެން ކުއްޖަކު ބޭނުމެއްނޫން. ޔޫ އަރ އިނަފް. އައި ކޭން ލިވް ވިތައުޓް އަ ޗައިލްޑް ބަޓް އައި ކާންޓް ލިވް ވިތައުޓް ޔޫ" ރާހިލްގެ ވާހަކައަށް ޝައިނާ ތުން އަނބުރައިލިއެވެ.
"ރިސްކް ނުނަގަންޏާ ހެޕިނަސްއެއް ނުލިބޭނެ" ޝައިނާ ބުންޏެވެ.
"އައި އޭމް ހެޕީ. އެންޑް ނޯ ރިސްކް އިޒް ވޯތް އިޓް އިފް އިޓް މީންސް ޓު ރިސްކް ޔޫ. ސޯ ޕްލީޒް ދެން ތިވާހަކަ ނުދައްކާ. އެކަމަކު ލަވް ބޭނުމިއްޔާ ބޭބީއެއް އެޑޮޕްޓް ކޮށްފަ ބޭނުންނަމެއް ކިއިދާނެ" ރާހިލް ބުންޏެވެ.
"ރިއަލީ؟" ޝައިނާ އުފާވެލައިފައި އަހައިލިއެވެ. އަދި ހިނިތުންވެލަމުން ރާާހިލްގެ ގައިގައި ބައްދައިލިއެވެ.
"އެކަމަކު ކީއްވެ އަޔާން؟ އެންޑް ޔާނާ؟" ރާހިލް އަހައިލިއެވެ.
"ދޮންތަގެ ނަމާ ގުޅުވާފަ. ޝިޔާނާ.. ޔާނާ.. އަޔާން.. އޭރުން ދޮންތަގެ ހަނދާނެއް އަބަދުވެސް އަހަރެންނާ އެކުވާނެ" ޝައިނާ ބުންޏެވެ.
"މައްސަލައެއްނެތް. އިންޝާﷲ މެރީކޮށްފަ ވީ ވިލް އެޑޮޕްޓް ބިއުޓިފުލް ބޭބީގަރލް އެންޑް ނޭމް ހަރ ޔާނާ" ރާހިލް ލޯތްބާއެކު ޝައިނާގެ ނިއްކުރީގައި ބޮސްދިނެވެ.
"ދެން ނިމުނީ" ރާހިލްއަށް ހިޔާލުގެ ދުނިޔެއިން ބޭރުވެވުނީ އަނެއްކާވެސް ޔާނާގެ އަޑު ޖެހުމުންނެވެ. އޭރު ޔާނާ އޭނާގެ އަތުގައި އޮތް ކުލަފަންސޫރު ޖަހައިގެންފިއެވެ.
"ބޭބެ އެހާ މޮޅެއްނޫންދޯ. ޔާ.." ރާހިލްއަށް ޔާނާގެ ނަމުން ގޮވުމަކީ އެހާ ފަސޭހަކަމަކަށް ނުވިއެވެ "ޔާނާ މާ މޮޅު. ޔާނާއަށް ކިޔަނީ ކޮން ނިކްނޭމްއެއްތަ؟" ރާހިލް އިތުރު ނަމެއް ހޯދުމުގެ މަގްސަދުގައި އަހައިލިއެވެ.
"ހްމްމް. މަންމި ޔާނާއަށް ކިޔަނީ ދަރިފުޅު" ޔާނާ ބޯޖަހައިލަމުން މައުސޫމުގޮތަކަށް ދިން ޖަވާބުން ރާހިލްގެ ގާތަށް ހިނިވެސްއައެވެ.
"ހުރިހާ މަންމިމެންވެސް ބައްޕިމެންވެސް ކުދިންނަށް ކިޔާނީ ދަރިފުޅެއްނު. އެއީ އެންމެ ޓޫ ކުދިންނަށް ކިޔޭ ނިކްނޭމެއް. އެކަމަކު މިއީ ބޭބެއެއްނު. ބޭބެ ޔާނާއަށް ކިޔާނީ ކީކޭ؟" ރާހިލް އަހައިލިއެވެ. އެއާއެކު ޔާނާ އިރުކޮޅަކު ވިސްނާލާ ފަދައިން ހިފައިގެން އިން ކުލަ ފަންސޫރު ކޮލުގައި ޖައްސައިލިއެވެ.
"އެކަމަކު ޔާނާގެ ބައްޕި ދަރިފުޅެއް ނުކިޔާ. ބައްޕި ދިޔައީ ޔާނާއަށް ޔުނިކޯނެއް ބަލާ ވޮންޑަރލޭންޑަކަށް. ޔާނާއަށް ދަރިފުޅު ކިޔަނީ އެންމެ ކުއްޖެއްވީމަ ބޭބެއަށް ކިޔޭނެއެއްނު. ބޭބެ ވާނީ ޓޫ ވަނަ ކުއްޖާއަކަށްނު" ޔާނާ އިރުކޮޅެއްވަންދެން ވިސްނައިލުމަށްފަހު ބުންޏެވެ. ޔާނާގެ އެ މައުސޫމު ވާހަކައިގެ ސަބަބުން ރާހިލްގެ ހިތުގެ ހިސާބެއްގައި މީހަކު ވިކައިލިފަދަ އިހުސާސެއް ކުރެވުނެވެ. ހަމަ އެއާ އެއްވަރުގެ އުފާވެރިކަމެއްވެސް ހިތަށް ވެރިވިހެން ހީވިއެވެ.
"ބޭބެ ޔާނާއަށް ކިޔާނީ ޕްރިންސަސް. އެގޮތް އޯކޭއެއްނު؟" ޔާނާ ދެއްކި ވާހަކަތަކަށް ރައްދުދޭނެ ގޮތެެއް ނޭނގުމާއެކު ރާހިލް އަހައިލިއެވެ. އެއާއެކު ޔާނާގެ އަނގައިގައި ފަޅައިފައިވާ ފުރަތަމަ ސޯޅަދަތް އެކީ ފެންނަވަރަށް ހިނިތުންވެލަމުން ބޯޖަހައިލިއެވެ.
ޔާނާ އުޅޭ މަޖާގޮތުން ހިނިއައިސްފައި އިން ރާހިލްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެނަސް ޔާނާގެ ބައްޕައާ ބެހޭގޮތުން ބުނި ވާހަކައާމެދު އޭނާއަށް ވިސްނެމުންދިޔައެވެ. އޭނާގެ ހިތް އެކުއްޖާއަށްޓަކައި ހަމްދަރުދީން ފުރުނީ އެކުއްޖާގެ ބައްޕަ ނިޔާވެފައިވާކަމަށް އެ ވާހަކަތަކުން ހީވެގެނެވެ. ކޮންމެއަކަސް އޭނާގެ ދަރިފުޅުވެސް މިއަދު ބޮޑުވަމުން އަންނަނީ އޭނާއާ ދުރުގައި ކަމަށްވާތީއާއެކު ބައްޕައަކާނުލައި ބޮޑުވަމުންއައި ޔާނާގެ ހިތުގައިވާ އިހުސާސްތައް ދެނެގަތުމަށް އޭނާ ޝައުގުވެރިވިއެވެ. އެހެނަސް ރާހިލްއަށް އެކަމާ ގުޅިގެން ސުވާލެއް ކުރުމުގެ ފުރުސަތު ނުލިބުނީ އެވަގުތު ފަހަތުން އިޝްވާގެ އަޑު އިވުމުންނެވެ.
"ޔާނާ!" އިޝްވާގެ އަޑުގައިވަނީ ހާސްކަމެވެ.
No comments yet
Be the first to share your thoughts about this episode!