Episode 66

ހިތް އެދޭހާ ކަމެއް.. (66 ވަނަބައި)

ލިބިފައިވާ ވަރުބަލިކަމާއި ބޮލުގައި އުފެދިފައިވާ ގަދަ ރިހުމަށް ލުޔެއް ހޯދުމަށްޓަކައި ނިދީގެ ތެރެއަށް ފީނައިގަތުމަށް އޭނާ ބޭނުންވިއެވެ. އެހެނަސް އެ ހުރިހައި ކަމަކާއެކުވެސް ކޮފީގެ އަސަރު ސިކުނޑިން ނުފިލައި ހުރުމުން އެއީ އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ. އެންމެފަހުން އޭނާ ތެދުވެގެންގޮސް އަލަމާރީގެ ވަތްގަނޑެއް ދަމައިލުމަށްފަހު އޭގެން ނެގި ނިދާބޭސް ކާޑެއް ނެގިއެވެ. އަދި އެކާޑުން ބޭސްގުޅައެއް ފިލުވައިލައި ފެންފޮދަކާއެކު ދިރުވައިލަމުން އަނެއްކާވެސް އެނދުގައި އޮށޯވެ ދެލޯ މަރައިލިއެވެ.

****************

"ހެދިފަހުރި އެސެސްމެންޓްތަކަށް ބަލާއިރު ރާއީގެ މާބޮޑު މައްސަލަތަކެއް ހުރިކަމަކަށް އަޅުގަނޑަކަށް ނުފެނޭ.. ދެން ވާހަކަދައްކަންފަށާ އުމުރު ތަންކޮޅެއް ލަސްވުމަކީ ބައެއް ކުދިންނަށް ދިމާވާ ސައިކޮލޮޖިކަލް މައްސަލަތަކާހުރެ ވަރަށް އާއްމު ކަމެއް.. ރާއީއާ ވާހަކަ ދައްކައިލުމުންވެސް ފާހަގަ ކުރެވުނު ކޮންވަރޒޭޝަންއަކަށް އެހާ އިންޓްރެސްޓެއް ނުހުންނަކަން. ޕަރސަނަލަޓީގެ ގޮތުން ކަމަށްވެސް ވެދާނެ. އެކަމަކު އެކަންކަމަކީ ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް ވަރަށް ބަދަލުވާނެ ކަންކަން. އެހެންވީމާ އަދި ޖަޖްމެންޓެއް މޭކްކުރަން މާ އަވަސް." ޑޮކްޓަރުގެ ވާހަކަތަކަށް ބޯ ޖަހައިލަމުން ޝައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް އެ މޫނުމަތީގައިވާ ހާސްކަން ޑޮކްޓަރަށް ސިއްރެއް ނުކުރެވުނެވެ.

"ބައްލަވާ.. އަޅުގަނޑަށް އެނގޭ ޕްރެގްނަންސީގަ އެހާގިނަ ކޮމްޕްލިކޭޝަންސްތަކެއް ދިމާވެފަހުރީމަ ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނި ދުޅަހެޔޮކަމާއި ގުޅިގެން ހިތުގައި ބިރުވެރިކަމެއް އުފެދިފައި އޮވެދާނެކަން." ޝައިނާގެ ފަރާތުން ކުރިން އިވިފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް ޑަކްޓަރު ބުންޏެވެ. "އެކަމަކު ﷲގެ އިރާދަފުޅާއެކު ރާއީގެ އެކަހަލަ އެއްވެސް ކަމެއް ފާހަގަ ކުރެވޭކަށް ނެތް. އިންފެކްޓް.. މިކޮޅުންހެދި އައިކިޔު އެންޑް އީކިޔު ޓެސްޓްތަކުންވެސް ރާއީގެ ނަތީޖާ ވަރަށް ރަނގަޅު. ހީ އިސް އިންކްރެޑިބަލީ އިންޓެލިޖަންޓް ފޯ ހިޒް އޭޖް. ސޯ ހީ ޖަސްޓް ނީޑްސް ސަމް ޓައިމް. ގިނަގިނައިން ރާއީ އެހެން ކުދިންގެ ތެރެއަށްނެރެ ސޯޝަލައިޒްވާނެ ފުރުސަތު ދެވިއްޖެނަމަ ވަރަށް އަވަހަށް އިމްޕްރޫވްމެންޓް ފެނިދާނެ. އެކަމަކު ޕޭރެންޓް އެދިލައްވާނަމަ އަޅުގަނޑުމެންނަށް މިކޮޅާ ވާހަކަދައްކައިގެން ކައުންސެލިންގް ނުވަތަ ސްޕީޗް ތެރަޕީގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދެވިދާނެ"

ޑޮކްޓަރުގެ ވާހަކަތަކާމެދު ޝައިނާއަށް ވިސްނައިލެވުނެވެ. ދަރިފުޅުގެ ހާލަތު ރަނގަޅުކުރަން ބޭނުންވި ކަމުގައިވިޔަސް ތެރަޕީއަކީ ކިހާބޮޑު ހަރަދެއް ހިނގާނެ ކަމެއްކަން އޭނާއަށް އެނގެއެވެ. އެކަމަށް ތައްޔާރުވުމަށްޓަކައި އޭނާ އަދި ވަގުތު ބޭނުންވާނެއެވެ. ވުމާއެކު ޑޮކްޓަރުގެ ވާހަކައާމެދު ވިސްނާނެ ކަމަށްބުނެ ޝުކުރު އަދާކުރުމަށްފަހުގައި އޭނާ އެކޮޓަރިން ނުކުތެވެ. އެތަނުގެ ބޭރުގައިހުރި ގޮނޑިބަރީގައި ނަރުހެއްގާތު އިށީނދެލައިގެން އިން ރާއީއަށް އޭނާ ގޮވައިލިއެވެ. ފަސް އަހަރަށްދާ ރާއީ ދުވެލައިލައި އައިސް ޝައިނާގެ އަތުގައި ހިފައިލިއެވެ. ޝައިނާ އެތަނުގައިހުރި ނަރުސްކުއްޖާއަށް ހިނިތުންވެލުމަށްފަހު ކްލިނިކުން ނުކުމެގެންގޮސް މަގުގެ އަނެއްފަރާތުގައިހުރި ފިހާރައަށް ވަތްއިރު އެތަށްހާސް ކަމަކާމެދު އޭނާގެ ފިކުރު ބޮޑުވަމުންދިޔައެވެ.

"ދަރިފުޅޫ.. ކޮއްކޮއަށް ކޯއްޗެއް ގަނެގެން ދާނީ؟" ފިހާރައިގެ ތެރެއަށް ނަޒަރު ހިންގައިލަމުން ޝައިނާ ސުވާލުކުރިއެވެ. އެއާއެކު ރާއީ އަތް ހިއްލައިލުމަށްފަހު އިނގިލި ދިއްކޮށްލީ ފިހާރައިގެ ހަރުގަނޑެއްގައި ބަހައްޓައިފައިހުރި ޗޮކްލެޓްތަކަކަށެވެ. ޝައިނާ ވަގުތުން ރާއީގެ އަތުގައި ހިފައި ތިރިކޮށްލުމާއެކު ރާއީއާ އެއްހަމައަކަށް ތިރިވެލިއެވެ.

"ނޫން. ޕޮއިންޓް ކުރާނީކީނޫން. މަންމިގާތު ރީތިކޮށް އަނގައިން ބުނާނީ ކޯއްޗެއްކަން ގަންނަންވީ" ޝައިނާ ބޭނުންވީ ރާއީ ލައްވައި ކުޑަކޮށްވިޔަސް އަނގައިން ބުނުއްވާށެވެ.

"ބުނެބަލަ. ދަރިފުޅު ކޯއްޗެއް ބޭނުމީ.. ކޮއްކޮއަށް ގެންދާނީ ކޯއްޗެއް؟" ޝައިނާ އަހައިލިއެވެ.

"ކޮއްކޮއަށް ޗޮކްލެޓް. ރާއީ ބޭނުމެއްނޫން" ރާއީ މަޑުމަޑުން ބުންޏެވެ. އެއާއެކު ޝައިނާއަށް ހިނިތުންވެލެވުނެވެ. އަވަސްއަވަހަށް ރާއީގެ ކޮލަށް ދޮނެއް ދިނުމަށްފަހު ތެދުވެ އެބުނި ޗޮކްލެޓް ހަރުގަނޑުން ހަތަރު ޗޮކްލެޓް ނަގައި އެއަށް ފައިސާ ކަނޑައިލިއެވެ. ރާއީ ނުބުނި ކަމުގައި ވިޔަސް ހަގީގަތުގައި ހުރީ އެ ޗޮކްލެޓް ބޭނުންވެފައިކަން ޝައިނާއަށް ޔަގީންވިއެވެ.

ރާއީއަކީ އެ އުމުރުގެ އެހެން ކުދިންނާ ވަރަށް ތަފާތު ކުއްޖެކެވެ. މިއަދާ ހަމައަށްވެސް އޭނާގެ ގާތު ދުވަހަކުވެސް އެއްޗެއް ގަނެދޭން ބުނެފައެއް ނުވެއެވެ. އޭނާގެ އިހުސާސްތައް އެ ތުއްތު ދަރިފުޅަށް ވަރަށް ރަނގަޅަށް އެނގޭކަހަލައެވެ. ދެރަވެފައި ހުންނަ ވަގުތަކިއްޔާ އައިސްފައި ބައްދައިލާނެއެވެ. ލޯބިން މަންމާއޭ ކިޔައިފައި ގޮވައިލާނެއެވެ. ހިނިތުންވެލާނެއެވެ. އެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ޝައިނާގެ ހިތަށް ހަމަޖެހުން ގެނެސްދިން ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނާގެ ހިތުގެ ކަނެއްގައި ރިއްސައިލައެވެ. އެއީ އެ ހިނިތުންވުމެއްގެ ސަބަބުން އޭނާގެ ހިތް ގަތުލުވެ ހަޔާތް އެފުށްމިފުށަށް ޖެހިގެންދިޔަ ހިނިތުންވުމާ ދާދި އެއްގޮތް ހިނިތުންވުމެކެވެ. އެ ހިނިތުންވުން އެކަންޏެއް ނޫނެވެ. ރާއީގެ އެހެން ކޮންމެ ސިފައެއްވެސް ހަމަ ރާހިލްއާ އެހައި އެއްގޮތްމެއެވެ. އެ ތުއްތު ކުއްޖާގެ މޫނުމަތީގައި ކުރަހައިލެވިފައިވަނީ ރާހިލްގެ ކުޑައިރުގެ ތަސްވީރެއްކަހަލައެވެ. ހަމަ އެ ދެލޮލާއި ބުމައާއި ނޭފަތެވެ. ރާހިލްގެ ކުޑައިރުގެ ފޮޓޮއެއް ބަލައިލައިފި މީހަކަށް އޭގައި އެވަނީ ރާއީ ކަމެއް ރާހިލްކަމެއް ވަކިކުރާކަށް ނޭނގޭނެއެވެ.

ރާހިލް ދަންނަ އެއްވެސް މީހަކަށް ރާއީގެ ސިފަތަކުން އެއީ ރާހިލްއާ ގުޅުމެއްހުރި ކުއްޖެއްކަން ނޭނގި ނުދާނެތީ ޝައިނާ އެކަމާމެދު އިންތިހާއަށް ކަންބޮޑުވެއެވެ. އެއިން މީހަކަށް ރާއީ ފެންނަން ބޭނުން ނުވާތީ އެކަމާމެދު ފަރުވާ ބަހައްޓައެވެ. އެގޮތުން އެހެން ކޮންމެ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ޝައިނާ ފިހާރައިން ނުކުތުމުގެ ކުރިން ދަބަހުން ނެގި އަވިއައިނެއް ރާއީގެ ލޮލުގައި އަޅުވައިދިނެވެ. ޓެކްސީއެއްގައިގޮސް އެދެމައިން ފޭބީ ދާދިފަހުން މާލޭގައި އިމާރާތްކޮށްފައިވާ ބާރަ ފަންގިފިލާގެ އިމާރާތެއްގެ ކައިރިއަށެވެ. އެ އިމާރާތުގެ ދެވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ރާއީ އުރާލައިގެންހުރެ ޝައިނާ ލިފްޓުން ނުކުތެވެ. އަދި އެތަނުގައިހުރި ހަމައެކަނި އެޕަރޓްމެންޓްގެ ބެލް އަޅައިލިއެވެ. ދޮރު ހުޅުވައިލީ ގާތްގަނޑަކަށް އަށްވަރަކަށް އަހަރުގެ ފިރިހެންކުއްޖެކެވެ.

"އައިކް. ކޮބާ މަންމި؟" ޝައިނާ އެޕަރޓްމެންޓްގެ ތެރެއަށް ފިޔަވަޅެއް އަޅައިލަމުން ރާއީ ބިންމަތީގައި ބަހައްޓައިލިއެވެ.

"މަންމި ޕެކް ކުރަނީ.." އެކުއްޖާ އަލުން ގޭތެރެއަށް ދުއްވައިގަތުމުގެ ކުރިން ބުންޏެވެ.

"މިހާރު މި ނިމުނީ ޕެކްކޮށް. ކާރު ހިފައިގެން އެބަ އަންނަމޯ ފާއިޒް ބުނީ. ތި އައީ ދޯ ކްލިނިކުން. ކީކޭތަ ޑޮކްޓަރ ބުނީ؟" ފޮށި ހިފައިގެން ކޮޓަރިން ނުކުމެ ސިޓިންގްރޫމްގައި ބަހައްޓައިލަމުން އައުފާ ބުންޏެވެ.

"ހަމަ އައުވެސް ބުނިގޮތަށް ބުނީ. އަދި އެއްވެސް ކަމަކާ ހާސްވާ ވަރެއްނުވެޔޯ. ބޭނުމިއްޔާ ސްޕީޗް ތެރަޕީ ސެޝަންސް ފެށިދާނެއޭ ބުނީ" ރާއީގެ ބޫޓު ބައިލައިދިނުމަށްފަހު ހަރުގަނޑުގައި ބަހައްޓަމުން ޝައިނާ ބުންޏެވެ. އެއާއެކު ރާއީ ލުއި ފިޔަވަޅުތަކެއްގައި ދުވެލައިފައިގޮސް އެތަނުގައިހުރި ކޮޓަރިއަކަށް ވަދެ ގެއްލިއްޖެއެވެ.

"ކޮބާ އަހަރެން ބުނީމެއްނު. ތެރަޕީ ފެށުމަކީ ގޯސްކަމެއްނޫން. އެ ޑޮކްޓަރ ވަރަށް ރަނގަޅުވާނެ. އަހަރެންނަށް ޕަރސަނަލީވެސް އޭނަ އެނގޭ. ދެން ޝައި ތި ވިސްނަނީ މިކޮޅުގަ މަޑުކުރަންތަ؟" އައުފާ އަހައިލިއެވެ.

"ނޭނގެ. ދެ ހިޔާލެއްގަ މިހުންނަނީ. އަތޮޅުތެރޭ ރަށެއްގަ ހުރެގެން ވާނީވެސް ކޮންކަމެއް. މިހާރު އަހަރެންނަށްވެސް މުހިއްމީ މި ދެކުދިންގެ މުސްތަގްބަލް. މާލެއަށް ބަދަލުވުމުގެ ހިޔާލެއްވެސް އެބަ ގެންގުޅެން. ވަރަށް ވިސްނޭ އެބަ އެކަމާ" ޝައިނާ ހާސްވެފައިހުރެ ބުންޏެވެ.

"ދެން ޝައި ވިސްނާނެ ވަރަކަށް ނިންމާފަ ގޮތް ނިންމަންވެސް މިއޮތީ ދުވަހެއްނު. އަހަރުމެން މެލޭއިން އަންނާނީ މަހެއްހާ ދުވަސްފަހުން. އެހާތަނަށް ޝައި މިގެ ރަނގަޅަށް ބަލާދީ. އޭގެ ކުރިން ރަށަށް ދާން ވިސްނަންޏާ މަންމަމެން އުޅޭބަޔާ ތަޅުދަނޑި ހަވާލުކޮށްދީ" އައުފާ ދަބަހުންނެގި ތަޅުދަނޑިފަތި ޝައިނާއާ ހަވާލުކުރުމަށްފަހު ޝައިނާގެ ގައިގައި ބައްދައިލިއެވެ.

"ޓޭކް ކެއަރ. ޔޫ ވިލް ބީ އޯކޭ. ކަމެއް ގޯސްވަންޏާ އަހަރެންނަށް ގުޅާތި. މިކުދިން ގޮވައިގެން ދައްތަމެން ބަޔަށް ވަދެލައްޗޭ.. ދައްތަގެ ކުދިންވެސް އައިކްމެން ނެތީމަ ވަރަށް އެކަނިވާނެ. ރާއީ ނައިސްގެން އަބަދު އެވާހަކަ ދައްކާނެ" އައުފާ ބުންޏެވެ.

"ހްމްމް. ހޭވް އަ ސޭފް ފްލައިޓް." ޝައިނާ ހިނިތުންވެލިއެވެ.

"ދަރިފުޅާ އައިކް. އާދޭ ކޮއްކޮ ގޮވައިގެން ތިރިއަށްދާން. މިހާރު ބައްޕި އަންނާނެ ކާރުގަ" އައުފާ ގޮވައިލުމާއެކު ސޯފާގައި އައިޕެޑާ ކުޅެންއިން އައިކް ދުވެލައިފައިގޮސް އެތަނުގައިހުރި ކުޑަކުދިންގެ ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އެއާއެެކު އެތަނުން އިވުނު ދެކުއްޖެއްގެ ރުއިމުގެ އަޑަށް ޝައިނާއާއި އައުފާ އެކުއެކީ އެދިމާލަށް ދުއްވައިގަތެވެ. އޭރު އައުފާގެ ހަގު ދަރިފުޅު އާދިން އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އެކުއްޖާއަށްވުރެ ދެއަހަރެއްހާވަރު ކުޑަ އަންހެންކުއްޖަކު އެކުއްޖާގެ ބުރަކަށިމައްޗަށް އަރައިގެން އިނދެ އިސްތަށިގަނޑުގައި ހިފައި ދަމަމުން ދިޔައެވެ.

"އާދިން!" "ޔާނާ!"

ޝައިނާއާއި އައުފާ އެއްފަހަރައި ހަޅޭއްލަވައިގަތެވެ. އަވަސް އަވަހަށްގޮސް އެދެކުދިން ދުރު ކުރެވުނުއިރު ދެކުދިންވެސް ދިޔައީ އެއްވަރަކަށް ރޮމުންނެވެ. އޭރު ތަންކޮޅެއް ދުރުގައިހުރި ބީންބޭގެއްގައި ރާއީ އިނީ ފޯނުން ކުޅެމުންދިޔަ ވީޑިއޯގޭމަށް ގެއްލި ހުސްވެފައެވެ.

"ޔާނާ! މަންމި ކިތަށް ދުވަހު ދަރިފުޅުގާތު ބުނާނީ އެހެން ކުދިންނާ ފައިޓް ނުކުރާށޭ" ޝައިނާ ހިތްހަމަނުޖެހިފައިހުރެ ޔާނާއަށް އަޑުލައިގަތެވެ.

"ޔާނާގެ ޕެއިންޓިންގް ހަލާކުކޮށްލީ މަންމީ.." ޔާނާ ރޮމުން ރޮމުން ޝައިނާއަށް އެތަނުގައިހުރި ކުޑަމޭޒެއްގެ މަތީގައި އޮތް ކުރެހުމެއް ދައްކައިލިއެވެ. ފެންކުލައިން ކުރަހައިފައިވާ އެ ކުރެހުމުގެ މައްޗަށް ކުލަފެންތަށި އޮއްސައިލައިފައި އޮތުމުން އޭގައި ކުރަހާފައިވަނީ ކޯއްޗެއްކަންވެސް ސާފެއްނުވިއެވެ. އައުފާއަށް އެމަންޒަރު ފެނުމުން އޭނާވެސް ހިތްހަމަ ނުޖެހުމުގެ ކުލަވަރު މޫނުމަތިން ދައްކައިލަމުން އާދިންއަށް ނަސޭހަތްދިނެވެ.

"އާދިން!! ދަރިފުޅު ކީއްވެ އެ ޕެއިންޓިންގް ހަލާކުކޮށްލީ. ޔާއްކޮ ކިހާ ދެރަވާނެ. އަވަހަށް ސޮރީ ބުނޭ" އައުފާ ބުންޏެވެ. ނަމަވެސް އާދިން ބޯ ހޫރައިލަމުން އެކަމަށް އިންކާރުކުރިއެވެ.

"ނޯ. ޔާނީ ފަސްޓް!" އާދިން ހަމަހިލާ ގޮތްދުލެއް ނުކުރިއެވެ.

"އަވަހަށް ސޮރީ ބުނޭ ދަރިފުޅާ" ޝައިނާ ޔާނާގާތުން އެދުނެވެ.

ޔާނާ އިރުކޮޅެއްވަންދެން ހިމޭންކަންމަތީ ހުރުމަށްފަހު ކުއްލިއަކަށް ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. ހީވާގޮތުން ރުޅިއައިސްފައިހުރެ އެތަނުގައި ހުރި ސިންގަލް އެނދަށް އަރައި މޫނާއެކީ ރަޖާ އަޅަމުން އޮށޯތެވެ. އެވަގުތު ދަބަހުގައި އޮތް އައުފާގެ ފޯނުވެސް ރިންގުވާން ފަށައިފިއެވެ.

"ބައްޕި އެ ގުޅަނީ. ހިނގާ އަވަހަށް ތިރިއަށްދާން. ބަލާބަލަ ނިކަން އިސްތަށިގަނޑުވެސް ހަޑިކޮށްލީނު. އެއްވަރުގެ ގޮތްދޫނުކުރާ ދެކުދިން މިއީ. އާދިން ވާނެ ފަހުން ޔާއްކޮއަށް ގުޅައިގެން ސޮރީ ބުނަން. ލެޓްސް ގޯ.. ޝައި.. ދަނީ އެނގޭ.. ސީ ޔޫ ސޫން" ޔާނާގެ ސަބަބުން ހަޑިވެފައިހުރި އާދިންގެ އިސްތަށިގަނޑު ރީތިކުރަމުން އައުފާ އެތަނުން ނުކުތެވެ.

ޝައިނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދުރުގައި ގޭމްކުޅެން އިން ރާއީއަށް ބަލައިލުމަށްފަހު ޔާނާގާތަށް ގޮސް ޔާނާގެ ގާތުގައި އޮށޯވެ ޔާނާގެ ގައިގައި ބައްދައިލިއެވެ. އޭރުވެސް ޔާނާ އެ ރަޖާ ދަށުގައި އޮވެ ގިސްލަގިސްލާފައި ރޮމުންދިޔައެވެ.

"ދަރިފުޅޫ.. ދެން ހުއްޓާލަަބަލަ އަޅެ" ޝައިނާ އެދުނެވެ.

"މަންމީ" ޔާނާވެސް ޝައިނާ އޮތް ފަރާތަށް އެނބުރިލަމުން ޝައިނާގެ ގައިގައި ބައްދައިލިއެވެ. "މަންމި.. އަން.. އަންނަންވާއިރަށް ސަ.. ސަޕްރައިޒްދޭން ހެދި ޕެއިންޓި..ންގް އާދި.. ން.. ހަލާކުކޮށްލީ" ޔާނާއަށް ރޮވޭވަރުން ވާހަކަވެސް ދެއްކެނީ ހަމަ ކިރިޔާއެވެ.

"ޕެއިންޓިންގް ހަލާކުކޮށްލިޔަސް އެހެން ކުދިންނަށް ހަރޓް ކޮށްގެން ނުވާނެއެއްނު" ޝައިނާ ދެންވެސް މަސައްކަތްކުރީ ޔާނާއަށް ވިސްނައިދޭށެވެ.

"މަންމިވެސް ހުންނަނީ އާދިން ސައިޑްއަށް. ޔާނާ ބޭނުމެއްނޫން މަންމިއެއް" ޔާނާ ބޮޑާހާކަައިލިއެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޔާނާ އެނދުން ތެދުކުރުވިއެވެ.

"އޯކޭ. ސޮރީ ސޮރީ. ހިނގާބަލަ އެހެން ޕެއިންޓިންގްއެއް ކުރަހާލަން ދޯ ދަރިފުޅޫ. މަންމިއާ އެއްކޮށް؟ ދޮންބެވެސް ކުރަހާނެ ދޯ ދޮންބޭ؟" ޝައިނާ ހިނިތުންވެލަމުން ރާއީއަށް ގޮވައިލިއެވެ. ރާއީ އަވަސް އަވަހަށް ބޯ ޖަހައިލަމުން ދުވެލައިފައި އައިސް ޝައިނާއާއި ޔާނާގާތު އިށީނެވެ. އެއާއެކު ތުއްތު ޔާނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. އަނގައިގެ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލައިގެންހުރެ ދުވެފައިގޮސް އޭނާ ކުރަހަން ބޭނުންކުރާ ފޮތާއި ކުލަތަށް ހިފައިގެން ޝައިނާމެން ގާތަށްއައެވެ.

"މަންމިއަށް ރެދް ކުލަ" ޔާނާ އަތުގައި އޮތް ނޫކުލައިގެ ކުލަފަންސޫރު ޝައިނާގެ އަތަށްދިނެވެ. ދެކުދިންނާއެކު ކުރެހުމާއި ކުލަޖެއްސުމުގައި ވަގުތުކޮޅެއް ހޭދަކުރަމުންދިޔައިރު ޝައިނާގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. އިވެމުންދިޔައީ އުފާވެރި ހުނުމުގެ އަޑުތަކެވެ. އެއީ އުފާވެރި މާހައުލެކެވެ.

**************

"މިއަދުވެސް ވިއްސާރަ ފާޑަކަށް ދޯ އުޑުމަތި އޮތީ. ވާރޭ ވެހުނިއްޔާ ގުޅާނަން އެނގޭ" ޑޭކެއަރ ސެންޓަރުގެ ކުރިމައްޗަށް ހުއްޓައިލި ކާރުން ފޭބުމުގެ ކުރިން އިޝްވާ ރާހިލްގާތު ބުންޏެވެ.

"ބައިދަވޭ ދޮންބޭ. ޒިއްކޮ ވަރަށް ޝަކުވާކުރި ދޮންބެ ޕާޓީއަށް ނުދިޔައިމަ. ރިއާންބެވެސް އެހި ދޮންބެ ކޮބާހޭ" އިޝްވާ ބުނަން އުޅުނީ ކީކޭކަން ރާހިލްއަށް އެނގުނެވެ.

"މިއަދުވެސް ވަރަށް ބިޒީ" ރާހިލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ. އިޝްވާއަށް ރާހިލް އެބުނީ ކީކޭކަން ދޭހަވުމާއެކު ފޫހިގޮތަކަށް ތުން އަނބުރައިލަމުން ކާރުގެ ދޮރުލެއްޕުމަށްފަހު ޑޭކެއަރއަށް ވަނުމަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ފޯނަށް ކޯލެއް އަންނަން ފެށުމާއެކު އިޝްވާ ބުމަ ގޮށްޖަހައިލައިގެންހުރެ ޑިސްޕްލޭއަށް އަރައިފައިވާ ނުދަންނަ ނަންބަރަށް ބަލައިލިއެވެ. ފޯނު ނެގުމަށް ތައްޔާރުވިތަނާހެން ފޯނު ކެނޑުމާއެކު އޭނާ ދެކޮނޑު އަރުވައިލުމަށްފަހު ފޯނު ދަބަހަށްލީ އެއީ ކޮންމެވެސް މީހަކަށް އޮޅިގެން ކުރެވުނު ކޯލެއް ކަމުގައި ބަލަމުންނެވެ.

އިޝްވާ ކާރުން ފޭބުމާއެކު ރާހިލް އޮފީހަށް ދިޔުމަށްޓަކައި ކާރު ދުއްވައިލި ނަމަވެސް އޭނާގެ ޟަމީރު އެ ހިޔާލާ އެއްބަހެއްނުވިއެވެ. އިޝްވާ ދެއްކި ވާހަކަތަކާމެދު ދެވަނަ ވިސްނުމަކަށް ދެވެންފެށިއެވެ. އެންމެފަހުން އޮފީސް ހުންނަ ހިސާބާ ނުހަނު ގާތަށް އާދެވިފައިވަނިކޮށް އޭނާ ކާރު އަނބުރައިލީ އޮފީހާ ދުރަށް މާލޭގައި އެންމެ ފިހާރަތައް ގިނަ މަޖީދީމަގާ ދިމާލަށެވެ.

*****************

ސިޓިންގްރޫމްގެ މެދުގައި އަޅައިފައިވާ ބޮޑު ރަގެއްގެ މަތީގައި ލެގޯސެޓެއްގެ އެކި ބައިތައް އަތުރައިލައިގެން އިން 5 އަހަރުގެ ޒިވްޔަން އިރުއިރުކޮޅާ ޒީވާއަށް ގޮވައިލައި އޭނާ ރާވަމުންދިޔަ ފެހިކުލައިގެ ސާރު ޒީވާއަށް ދައްކައިލައެވެ. ސޯފާގައި އޮށޯވެލައިގެން އޮތް ޒީވާ އެއިން ކޮންމެ ފަހަރަކު ޒިވިޔަންގެ މަސައްކަތަށް ތައުރީފު ކޮށްލުމަށް އަނެއްކާވެސް އަތުގައި އޮތް ވާހަކަފޮތުގެ ދުނިޔެއަށް ވަދެ ގެއްލެނީއެވެ. އެގޮތުގައި ވިއްސަކަށް މިނަޓުފާއިތުވެ ދިޔަތަނާހެން އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑުއިވިއްޖެއެވެ. އަތުގައި އޮތް ފޮތް މޭޒުމަތީގައި ބޭއްވުމަށްފަހު ޒީވާ ތެދުވީ ދޮރު ހުޅުވަން ދިޔުމަށެވެ. ނަމަވެސް އޭނާއަށް އެ ދޮރާ ހަމައަށް ދިޔުމަށްޓަކައި ފިޔަވަޅެއްވެސް ނޭޅެންދެން ޒިވްޔަން ދުވެލައިފައިގޮސް ދޮރު ހުޅުވައިލައިފިއެވެެ.

"އަންކަލް!" ދޮރުމަތީގައިހުރި ރާހިލް ފެނުމާއެކު ޒިވްޔަން އުފާވެލައިފައި ގޮވައިލިއެވެ. ރާހިލް ފުޅާ ހިނިތުންވުމަކާއެކު ޒިވްޔަންގެ އިސްކޮޅާ އެއްވަރަށް ތިރިވެލުމަށްފަހު ޒިވްޔަންގެ ބަނޑުގައި ކޮށްޓައިލިއެވެ. އަދި ދެވަނަ ސިކުންތުގައި ޒިވްޔަން ނަގައި ކޮނޑަށް އަރުވައިލައިގެންހުރެ އެޕަރޓްމެންޓްގެ ދޮރުން އެތެރެއަށް ހިނގައިގަތެވެ. އިސާހިތަކު ޒިވްޔަންގެ ހުނުމުގެ އަޑާއެކު އެ އެޕަރޓްމެންޓްގައިވި ފަޅުކަން ފިލައިދިޔައެވެ.

"އަދި އަޕް" ބިންމަތީގައި ބެހެއްޓުމާއެކު ޒިވްޔަން އޭނާގެ ތުއްތު ދެއަތް މައްޗަށް ހިއްލައިލަމުން ބުންޏެވެ.

"ނޯ ނޯ. އަންކަލް އިޒް ޓަޔަޑް ނައު ބަލަ ޒިއްކޮ ޓޫ ސްޓްރޯންގް" ރާހިލް މޭގައި އަތްއަޅައިގެންހުރެ މާނޭވާތަކެއް ލަމުން ޒިވްޔަންއާ ސަމާސާކޮށްލިއެވެ.

"ހެހެހެހެ. ޔެސް ޒިވްޔަން މިހާރު ބޮޑު ކުއްޖެއް. ފައިވް އިޔަރޒް" ޒިވްޔަން ނިކަން ހެވިލައިފައި ބުންޏެވެ.

"ރިއަލީ؟ ނުވާނެ އެހެންނެއް. އަޅެ ކޮންއިރަކު ފައިވް އިޔަރޒް ވީ" ރާހިލް ދެލޯ ބޮޑުކޮށްލަމުން އަހައިލިއެވެ.

"ކުރީ ދުވަހު ޕާޓީގަ. އަންކަލް ނާދޭ ޕާޓީއަކަށް" ޒިވްޔަން ދެރަވެލައިފައި ބުންޏެވެ.

"ސޮރީ.. އަންކަލް ކުޑަކޮށް ބިޒީވީ އޭ. ބަޓް ސީ. އައި ގޮޓް ޔޫ ޔޯރ ގިފްޓް ޓުޑޭ" ރާހިލް އަތުގައި އޮތް ހުދުކުލައިގެ ކޮތަޅު ޒިވްޔަންއަށް ދިއްކޮށްލިއެވެ.

ޒިވްޔަން އަވަސްއަވަހަށް ރާހިލްގެ އަތުން އެ ކޮތަޅު ޖަހައިގަތުމަށްފަހު އޭގައި އޮތް ރިހިކުލައިގެ ޕާރުސަލް ކަނޑަންފެށިއެވެ. ރާހިލްވެސް ބައެއް ފަހަރު އެ ކެނޑުމުގައި ޒިވްޔަންއަށް އެހީވެދެއެވެ. އެދެމީހުންގެ ސަކަރާތްގަނޑު ބަލަން ސޯފާގައި އިން ޒީވާގެ މޫނުގައިވަނީ ހިނިތުންވުމެވެ.

"ޔޭއި! ނިއު ލެގޯ! މަންމީ ލުކް އިޓްސް އަ މަރޗޭޑީޒް ޒީ-ވޭގަން" ސެޓުގެ ބޭރުގައި ކުރަހާފައި އިން ހުދުކުލައިގެ ކާރު ޒީވާއަށް ދައްކައިލަމުން ޒިވްޔަން ބުންޏެވެ. ޒިވްޔަން އެހެންބުނުމާއެކު ޒީވާގެ އިތުރުން ރާހިލްއަށްވެސް ހެވުނެވެ.

"މަރޗޭޑީޒް ޒީ-ވޭގަންއެއް ނޫނޭ ދަރިފުޅޫ މަރސޭޑީޒް ޖީ-ވޭގަން" ޒީވާ ރަނގަޅުކޮށްލައިދިނެވެ. "ބައްޕިއަށް ތި ލެގޯ ފޮރުވައްޗޭ ނޫނީ އަނެއްކާވެސް އަތުލައިގެން އޮފީހަށް ގެންދާނީ. އެންމެފަހުން ދުބާއީއަށް ގޮސްފަ ގެނައި ކާރު މޮޑެލްގެ ލެގޯވެސް ޒިވްޔަންއާއެކު ގޭގަ އެންމެ ފަހަރަކު ރާވާލާފަ އޮފީހަށް ގެންދިޔައީ. އެއްވަރުގެ ދެކުދިން ކަންނޭނގެ މިގޭގަ މި އުޅެނީ" ޒީވާ ދެފަރާތަށް ބޯ ހޫރައިލަމުން ބުންޏެވެ. އޭރު ޒިވްޔަން އެ ސެޓު ހިފައިގެންގޮސް ކުރިން އިން ކާޕެޓްމަތީގައި އިށީނދެ އޭތި ރާވަން ފަށައިފިއެވެ. ކުރިން އެތަނުގައިހުރި ލެގޯ ސެޓުތަކަކަށް މިހާރު އެކުއްޖާގެ ސަމާލުކަމެއްނެތެވެ.

"ކޮބާތަ ރިއާން. އަދި އޮފީހުގަ ދޯ އުޅޭނީ؟" ރާހިލް އަތުކުރީގައި އަޅައިފައި އޮތް ގަޑިއަށް ބަލައިލަމުން ސޯފާގައި އިށީނެވެ.

"ހްމްމް. އެހެން ދުވަސްދުވަހު ޒިވްޔަން ސްކޫލަށް ލާދޭން އަންނާނެ. އެކަމަކު ކުރީދުވަހު ޒިވްޔަންގެ ޕާޓީ އޮވެގެން އޮފީހަށް ނުދާތީއާއެކު މިއަދު ތަންކޮޅެއް ބިޒީވާނޭ ބުނީ. އަސްރުން ފައިބައިގެން ޒިވްޔަން ސްކޫލަށް ބަލައި ދާންވާއިރަށް އަންނާނެހެން ހީވަނީ" ޒީވާ ބުންޏެވެ.

"ކިހާއިރަކު ޒިއްކޮގެ ސްކޫލް އޮތީ. އަހަރެން ޑްރޮޕް ކޮށްލަދީފާނަން" ރާހިލް ބުންޏެވެ.

"ދެގަޑިބަޔަށް ދާން ޖެހޭނީ. އަދި އެކެއްނު އެ ޖެހީ. ދޮންބެ މަޑުކޮށްލާ.. މިއަދު އަހަރެން ދާނަން. އަބަދު ރިއާން ފޮނުވާތީވެ އޮންނަނީ ޓީޗަރާވެސް ވާހަކަދައްކާ ނުލެވިފަ. ސޯ މިއަދު ކޮންމެހެންވެސް ދާން އެބަޖެހޭ" ޒީވާ ސޯފާއިން ތެދުވުމަށްފަހު ބަދިގެއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. "ދޮންބެ ކޯއްޗެއް ބޭނުމީ؟ ކާންވީނު؟ އެބަހުރި މަސްފިހެފަ"

"ނޫނޭ. މިރޭ ކްލަޔަންޓަކާއެކު ޑިނަރއެއް އެބައޮތް. ކޮފީއެއް ރަނގަޅުވާނެ" ރާހިލް ބުންޏެވެ.

"ޕިސްޕިސްޕިސް. ކޮފީއެކޭ. ތިހެން ދުވާލަކު އެއްއިރު ކައިގެން ދެން ހުރިހާއިރަކު ކޮފީއިން ފުއްދައިގެން ތިއީ މީހުން އުޅޭގޮތްތަ؟ އިޝީބުނި އަހަރެންގާތު ދޮންބެގެ އިސްތަށިގަނޑާއި ތުނބުޅިއާ އެއްޗެއްސަށް ކޮމެންޓް ނުކުރާށޭ. އެހެންވީމަ އަހަރެން އެކަމާ އެއްޗެކޭ ނުބުނެ ހުރެފާނަން. އެކަމަކު ސިއްހަތަށް ބަލަން ވާނެއެއްނު. ތިއީ އަހަރުމެންނާ އެއް ލޭ. އަމިއްލަ ސެލްފް ތިހާވަރަށް ނިގްލެކްޓް ކުރަންޏާ ކިހިނެއް އެއްޗެކޭ ނުބުނެ ހުންނާނީ. ދިޔަމީހެއް ދިޔައީ. އެއީ އަހަރުމެންނާ ކިތަންމެ ގާތްމީހެއްވިޔަސް ކިތަންމެ ލޯބިވާ މީހެއްވިޔަސް.. އެކަމާ ކުރެވޭނެ ކަމެއް ނޯންނާނެ. އެމީހެއްގެ ހިތުގަ އެވަރަށް ލޯތްބާއި ގާތްކަން ނެތީމަ ދޯ މިވީހާދުވަހު އަންނަން ނޫޅެ އެހުންނަނީ. އެހެނޭ ކިޔާފަ އަމިއްލަ މީހާއާދޭތެރޭ ފަރުވާކުޑަކޮށްލުމުގެ ބޭނުމަކީ ކޮބާ؟ އަހަރެންނާ ކިތަންމެ ގާތްކޮށް އުޅެފަދިޔަސް ހަގީގަތްވާނީ ހަގީގަތަށް. އައި ތިންކް ޔޫ ޝުޑް މޫވް އޮން ނައު. އޭނައާހެދި ދޮންބެ ފަނާވެދާތަން ބަލަން އަހަރުމެން ހަމަ ތިބެންވީތަ؟ ބީރައްޓެއްސަކަށްވުރެ އަހަރުމެންނާ ގާތްވާނީ އަހަރުމެންގެ އެއްބަނޑު މީހާއޭ. ވީ ކެއަރ އަބައުޓް ޔޫ"

އެ ހުރިހާވާހަކައެއް ނިމުނުއިރު ޒީވާ މޮޑެގެންއައި ބަތްތަށި ސޯފާގައި އިން ރާހިލްގެ އަތަށް ދިއްކޮށްލަނީއެވެ. ނަމަވެސް ރާހިލް އެ ބަތްތަށީގައި ހިފުމުގެ ބަދަލުގައި އިސްޖަހައިލައިގެން އިނދެ ދެންމެ ޒީވާ ދެއްކި ވާހަކަތަކަށް ކުރު ރައްދެއްދިނެވެ.

"ޒީއަށްވެސް ހަމައެކަނި ދުލުން ތިހެން ބުނެލަން ފަސޭހަވާނި. އަށް އަހަރުވަންދެން ޒީއަށް ރިއާންގެ އިންތިޒާރުގަ ހުރެވުނުއިރު ރިއާންއަކީ ޒީއަށް ބީރައްޓެއްސެއް. އެކަމަކު އަހަރެން މި މަޑުކުރަނީ އަހަރެންގެ ވައިފްއަށް. އަހަރެންގެ ދަރިފުޅުގެ މަންމައަށް. އެކްސެޕްޓް އިޓް އޯރ ނޮޓް ޝީ ސްޓިލް އިޒް ޔޯ ސިސްޓަރ-އިން-ލޯ. އޭނަ ޒީއަށް ބީރައްޓެއްސަކަށްވާނީ އަހަރެންނަކީވެސް ޒީއަށް ބީރައްޓެއްސަކަށްވީ ދުވަހަކުން. ސޯ ރިމެމްބަރ ދެޓް ދަ ނެކްސްޓް ޓައިމް ޔޫ ކޯލް ހަރ އަ ސްޓްރޭންޖަރ" ރާހިލް ސޯފާއިން ތެދުވެ ޒީވާ ދިއްކޮށްލައިގެންހުރި ބަތްތަށީގައި ހިފަމުން ކާމޭޒާ ދިމާލަށް ހިނގައިގަތެވެ. ކިތަންމެ ނޫން ކަމުގައި ހެދުނަސް އޭނާވެސް ހުރީ ބަނޑުހައިވެފައިކަމުން ވޯޓަރ ޑިސްޕެންސަރުން ފިނިފެންތައްޓެއް އަޅައިލައިގެން އައިސް އިށީނދެ ކާންފެށިއެވެ.

ޒީވާ އެތަަނުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒިވްޔަން ރީތިކޮށްގެން ސްކޫލަށްދާން ނުކުތްއިރުވެސް ރާހިލް އެ އިންގޮތަށް ފޯނަށް ނަޒަރު ހުއްޓައިލައިގެންއިނެވެ. ފޮރީން އެކްސްޗޭންޖްގެ މާކެޓުގައި ޑޮލަރުގެ އަގުތަކަށް އަންނަމުންދިޔަ ބަދަލުތަށް ބަލައި ޓްރޭޑްކުރަމުން ލަސްލަހުން ކާށެވެ. އޮފީހުގެ މަސައްކަތުން ހުސްވަގުތެެއް ލިބިއްޖެނަމަ އޭނާ ދެން ކުރާ ހަމައެކަނި ކަމަކީ އެއީއެވެ. އެކަމުންވެސް އޭނާއަށް ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބެއެވެ.

ޒީވާ އެ އެޕަރޓްމެންޓުން ނުކުމެއްޖެކަން އެނގުމާއެކު ރާހިލް ކައި ނިންމައިލުމަށްފަހު ތަށި ސިންކަށް ލައިފައިގޮސް އަނެއްކާވެސް ސިޓިންގްރޫމަށް ނުކުތެވެ. ކަރުމައްޗަށް ޖަހައިލައިގެންހުރެ އޭނާ އެ އެޕަރޓްމެންޓްގެ ވަށައިގެން ނަޒަރުހިންގައިލިއެވެ. ރިއާން އެކަނި އުޅުނުއިރު އެ އެޕަރޓްމެންޓްހުރި ގޮތާއި މިހާރު ހުރިގޮތް ވަރަށްވެސް ތަފާތެވެ. އޭރު ދިރުމެއްނެތް ފަޅު އަނދިރި ތަނެއްގެ ގޮތުގައި އޮތް އެޕަރޓްމެންޓްގެ އަޅި ފާރުތަކުގައި މިހާރު ލައިފައިވަނީ ހުދުކުލައެވެ. އެއާ ގުޅޭ މުށިކުލައަކުން ސިޓިންގްރޫމްގެ ފަރުނީޗަރުތައްވެސް އާކުރެވިފައިވާއިރު އެތަން މިތަނުން ފެންނަމުންދިޔަ ޒިވްޔަންގެ ބައެއް އެއްޗެހިން އެޕަރޓްމެންޓްއަށް އެ ތުއްތުކުއްޖާގެ ސަބަބުން ދިރުމެއް ގެނުވައިފައިވާކަން ހެކިކޮށްދެއެވެ. ރާހިލް ލަސް ފިޔަވަޅުތަކެއްގައިގޮސް ހުއްޓުނީ އެތަނުގައިހުރި ޓީވީގެ ކުރިމައްޗަށެވެ. އޭގެ މަތީގައިހުރި ލަކުޑި ހަރެއްގައި ފޮތާއި މާމެލާމެލީގެ ޓުކުރިތަކާއި ބިއްލޫރި ފުޅިތަކެއްގެ އިތުރުން ދެތިން ފޮޓޯފްރޭމް ބެހެއްޓިފައި ހުއްޓެވެ. އެހެން ކޮންމެ ދުވަހެކޭވެސް އެއްފަދައިން އޭނާގެ ލޮލުގައި އަޅައިގަތީ އެތަނުގައި ބަހައްޓައިފައިހުރި ފޮޓޯފްރޭމްތަކެވެ. އޭގެ ތެރެއިންވެސް ޒީވާގެ ކައިވެނީގެ ދުވަހު އިޝްވާއާއި ޝައިނާއާއެކު ޒީވާ ނަގައިފައިވާ ފޮޓޮއެވެ. އެއީ އޭނާއަށްވެސް ނުހަނު ހާއްސަރެއަކާ ގުޅިފައިވާ ފޮޓޮއެކެވެ. ޝައިނާއަށް ލޯބި ހުށަހެޅި ރޭގެ ފޮޓޮއެވެ. އެހެންކަމުން އެ ފޮޓޯގައި ޝައިނާ ލާފައިހުރި ހެދުން ފެނުމާއެކު ރާހިލްގެ ސިކުނޑީގައި އެރޭގެ ހަނދާންތައް އާވިއެވެ. އެހެނަސް އެހަނދާންތަކުގައީ މާ ގިނަ ވަގުތު ޢަރަގުވެގެންދާނޭ ފުރުސަތު ނުލިބުނީ ޖީބުގައިއޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ރާހިލް އެ ފޮޓޯއިން ނަޒަރު ވަކިކޮށްލުމަށްފަހު އޭނާއަށް އައި ކޯލަށް ޖަވާބުދެމުން ހަރު ފިޔަވަޅުތަކެއްގައިގޮސް އެޕަރޓްމެންޓުން ނުކުތެވެ.

******************

ކްލާހާ ހިސާބަށް ޒިވްޔަން ގެންގޮސްދިނުމަށްފަހު ސްކޫލްގެ ދޮރާށިން ބޭރަށް ނުކުތް ޒީވާ މަގުގެ އަނެއްފަރާތުގައި ހަދައިފައިވާ ކުޑަކުޑަ ޕާކަށްވަނުމަށް ހިނގައިގަތެވެ. ޕާކުގެ ހިޔާ ސަރަހައްދެއްގައިހުރި ބެންޗުތަކުން ބެންޗެއްގައި އިށީނުމަަށްފަހު އޭނާ ރިއާންއަށް މެސެޖުކޮށްލީ ހުސް ވަގުތެއްތޯ އަހައިލުމަށެވެ. މިނެޓެއްވެސް ނުހިނގަންދެން ފޯނަށްއައި ރިއާންގެ ކޯލު ފެނި ޒީވާ ހިނިތުންވުމަކާއެކު އެ ކޯލަށް ޖަވާބުދިނެވެ.

"އޯލްވޭޒް ފްރީ ފޯރ ޔޫ މައި ލަވް. ކީއްކޮށްލަދޭންވީ؟" ފޯނު ނެގުމާއެކު ސަލާމްވެސް ކޮށްލުމެއްނެތި ރިއާން އަހައިލިއެވެ. ޒީވާގެ ހިނިތުންވުން އިތުރަށް ފުޅާވެލިއެވެ.

"މި.. މިއީ ކަމެއް ނުވޭ. ރިއާން މީޓިންގްއެއްގަ ކަމަށް ހީކުރީ.. ކޮންއިރަކުން އަންނާނީ؟" ޒީވާ އެއްސެވެ.

"އަމްމް. އިރުކޮޅެއް ނަގާނެ. ތަންކޮޅެއް މުހިއްމު މެއިލްއެއް ޑްރާފްޓް ކުރުމުގަ މިއުޅެނީ" ރިއާން ޖަވާބުދިނެވެ.

"އޯހް. ރިއާންތަ މެއިލްވެސް ޑްރާފްޓްކުރަނީ؟ ޕީ.އޭ ކޮބާ؟" ޒީވާ ސުވާލުކުރިއެވެ.

"އަދި ބޭބް ކައިރި ނުބުނެވޭދޯ.. އިއްޔެ ރެޒިގްނޭޝަން ލައިފި. އިތުރު ކުއްޖަކު ނެގެންދެން އަހަރެން ޖެހޭނީ މިކަހަލަ ކަންކަން ކޮށްލާކަށްނު؟" ރިއާން ބުންޏެވެ. އެއާއެކު ޒީވާއަށް އެވާހަކަ ގަބޫލު ނުކުރެވިފައިހުރެ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ޕިސްޕިސްޕިސް. ނީމް ދިޔަފަހުން މިހާރު ތިންވަނަ ކުއްޖާ ދޯ އެ ކެނޑުނީ. ރިއާންގެ ކަންތައް ބޮޑުކަމުން ހަމަ އެއީ. ހިތަށްއަރާ ނީމް ކިހިނެއްބާއޭ ހިފަހައްޓާލީވެސް. ދެން ރިއާންވެއްޖެއެއްނު އޮފީހުގަވެސް ތަންކޮޅެއް ސޮފްޓް ބޮސްއަކަށްވާން. ގައިމު އަހަރެންނަށްވެސް ކިހާ ސްވީޓް" ޒީވާގެ ވާހަކައާއެކު ފޯނުގެ އަނެއްފަރާތުން ރިއާންގެ ލުއި ހުނުމުގެ އަޑު އިވިގެންދިޔައެވެ.

"ބޭބް ދައްކާވާހަކަ ދޯ. ސްވީޓް ވާނީ ކިހިނެއް؟ އެ އެންމެނަކީ ބޭބްއެއް ނޫނެއްނެ. އެހެންނޫނަސް މިތަނުގެ 80 އިންސައްތަ ސްޓާފުންނަކީ ދިވެހިން. ޒީވްއަށް އެނގެއެއްނު ދިވެހިންގެ ގޮތް. އެހާ ކަންނެތްވާނެ. ކުޑަކޮށް ނުބަލާ ދޫކޮށްލިޔަސް އެހާ ފަރުވާކުޑަވާނެ. ސޮފްޓް ބޮސްއަކަށްވެގެން ދެތިންމަސް ނިމޭއިރު ޖެހޭނީ އޮފީހުގެ ދޮރުގަ ތަޅުއަޅުވަން" ރިއާން ބުންޏެވެ.

"އޯކޭ އޯކޭ. ދެން ތި ނިންމާލާފަ އަވަހަށް އާދެބަ. ވަރަށް މިސްވޭ. ސްކޫލް ކައިރީގަހުރި ޕާރކްގަ މީނީ. ޒިއްކޮ ނިމުނީމަ ގޮވައިގެން ދެން ގެއަށްދާނީ" ޒީވާ ބުންޏެވެ.

"އޯކޭ. މިސް ޔޫ ޓޫ ލަވް. މިކަން ނިންމާލާފަ އިރުކޮޅަކުން ތި ދިމާލަށް މި ދަނީ" ރިއާން އިތުރު ސުވާލަކާނުލައި ޒީވާގެ ވާހަކައަށް އެއްބަސްވިއެވެ.

ކޯލު ކުރުކޮށްލުމަށްފަހު ޒީވާ އެ ބެންޗުގައި މަޑުކޮށްލައިގެން ފޯނާކުޅެން އިނެވެ. އެގޮތުގައި ވިއްސަކަށްމިނަޓު ފާއިތުވެ ދިޔައިރު އޭނާ ހަމަރަނގަޅަށްވެސް ފޫހިވާންފަށައިފިއެވެ. އެހެންކަމުން ޕާކުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ އެކި އުމުރުގެ މީހުންނަށް އަވަސް ނަޒަރެއް ދިނުމަށްފަހު އޭނާ ހިނގައިގަތީ އެތަނުގައި ހުރި ހަޓަކާއި ދިމާލަށެވެ. އެތަނުން ގަތް އައިސްކްރީމެއް ކަމުންއައިސް ކުރިން އިން ބެންޗުގައި އިށީނދެ އަނެއްކާވެސް ފޯނާކުޅެން ފެށިއެވެ. މިފަހަރު އެގޮތުގައި މާގިނައިރެއް ނުވަންދެން އޭނާގެ ފޯނަށް އަނެއްކާވެސް ރިއާންގެ ކޯލެއް އަންނަން ފެށިއެވެ.

"ބޭބް ކޮބާ؟ މިހާރު ޕާކުގެ ބޭރުގަ މިއޮތީ.." ފޯނުން ރިއާންގެ އަޑު އިވުމާއެކު ޒީވާ އިށީނދެ އިން ބެންޗުން ތެދުވެ ޕާކުގެ ވަށައިގެން ހޯދައިލިއެވެ. އަދި ރިއާންގެ ކާރު ލޮލުގައި އަޅައިގަތުމާއެކު ހިނިތުންވެލަމުން އެދިމާލަށް ހަނާއަޅައިލިއެވެ. ފޯނު ކަނޑައިލުމަށްފަހު ބެންޗުމަތިން ނެގި ހުދުކުލައިގެ އަތްދަބަހާއި އައިސްކްރީމްތަށި ހިފައިގެން ކާރާދިމާލަށް ހިނގައިގަތްއިރު ޑްރައިވަރު ސީޓުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެންއިނދެ ރިއާން ޒީވާއަށް ބަލަމުންދިޔައެވެ. އޭނާގެ ނަޒަރު އެހެން ދިމާލަކަށް އަނބުރައިލަން ނުކުޅެދިފައިވާކަހަލައެވެ. ވާނީވެސް އެހެންތާއެވެ. މަޑު ފިޔާތޮށިކުލައިގެ އަބާޔާ ހެދުމާއި ހަމަ އެކުލައިގެ ޝޯލްއެއްގައިހުރި ޒީވާ ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ލިބޭހާ އުޖާލާ ހިނިތުންވުމެއް އެ މޫނުމަތީގައިވިއެވެ.

ރިއާން ބަލަބަލާ އިންދައި ޒީވާއައިސް ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވައިލައި އެތެރެއަށް ދެމިގަތުމާއެކު ރިއާން ބިއްލޫރިގަނޑު މައްޗަށް ކަހައިލުމަށްފަހު ޒީވާ އިންފަރާތަށް ޖެހިލައި ޒީވާގެ ކޮލަށް ދޮނެއްދިނެވެ.

"މައި ލަވްލީ ވައިފް.. ޕްރިޓީ އޭޒް އޯލްވޭޒް." ރިއާން ސިއްރުސިއްރުން ޒީވާގެ ކަންފަތްދޮށުގައި ސަމާސާކޮށްލިއެވެ. އެއާއެކު ޒީވާގެ ލަދުން އިސްޖަހައިލިއެވެ. ހީވީ ދެންމެ ދެންމެ އެ މޫނުގެ ކުލަ އޭނާ އަޅައިފައިހުރި ޝޯލްގެ ކުލައާ އެއްގޮތްވެދާނެހެނެވެ. ރިއާންއަށް އެ މަންޒަރުފެނި މަޑުމަޑުން ހީނލިއެވެ. ކައިވެންޏަށް ހަތް އަހަރުވާން ގާތްވެފައިވާއިރު އަދިވެސް އޭނާ ކުރާ ކޮންމެ ތައުރީފަކަށް ޒީވާ ލަދުން މޯޅިވެލާއިރު ހީވަނީ އޭނާއާ ދިމާވި ފުރަތަމަ ދުވަސްހެނެވެ. އެދެމެދުގައިވާ ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދެއެވެ.

"ދެން ކިޔާބަލަ.." ކާރު ދުއްވައިލަމުން ރިއާން ބުންޏެވެ. ޒީވާ ލަދުގަނެފައި އިނުމުން އޭނާ އެހެން ވާހަކައެއް ފެށުމަށް ނިންމީއެވެ.

"ކޮން.. ކޯއްޗެއް؟" ޒީވާއަކަށް ރިއާން ބުނިއެއްޗެއް ފަހުމެއްނުވިއެވެ.

"ޒީވް ދުވަހަކުވެސް ބޮޑުކަމެއް ވެގެން ނޫނީ އަހަރެން އޮފީހުގަ އިންދާ ނުގުޅަމެއްނު. ސޯ ކިޔާބަލަ.. ކިހިނެއްވީ؟" ރިއާން ސުވާލުކުރިއެވެ.

"ދޮންބެ މިއަދު އައި. ޒިވިޔަންއަށް ގިފްޓް ހިފައިގެން." ޒީވާ ބުންޏެވެ. އެއާއެކު ރިއާން ފުންނޭވާއެއް ދޫކޮށްލީ އޭނާއަށް ވާނުވާ ރޭކައިލި ފަދައަކުންނެވެ.

"އަނެއްކާ ދޮންބެއާ ދިމާލަށް އެއްޗެކޭ ބުނީ ދޯ. ޒީވްގާތު ކިތަށް ދުވަހުތަ އަހަރެން ބުނާނީ ރާހިލްއާ ޒުވާބު ނުކުރާށޭ" ރިއާން ހިތްހަމަނުޖެހުނެވެ.

"ޒުވާބެއް ނުކުރަމޭ.. ވީގޮތަކީ" ރާހިލްއާއެކު ދެކެވުނު ވާހަކަ ޒީވާ ކުރުގޮތަކަށް ހުލާސާކޮށްދިނެވެ. "ރިއާން ބުނެބަލަ. އަހަރެންނަށް އަޅެ ގޯސް އެއްޗެއް ބުނެވުނުތަ؟" ޒީވާގެ ސުވާލަށް ރިއާން އިޚްތިޔާރުކުރީ ހިމޭންކަމެވެ.

"ދެން މައްސަލައެއްނެތޭ. ދޮންބެ އެބަހުރި ގޭގަ. ބުނީ ރިއާންއާ މީޓްކޮށްލާފައޭ މިއަދު ދާނީ. އެ ކޮންވަޒޭޝަންއަށްފަހު ދޮންބެއާ ވަކިން ކުރިމަތިލާންދާން ނުކެރިގެން ރިއާން އަންނަންދެން ޕާކްގަ މީނީ. އެކަމަކު ރިއާންވެސް ހުންނާނީ ދޮންބެގެ ސައިޑްއަށް" ޒީވާ ފޫހިގޮތަކަށް ތުން އަނބުރައިލިއެވެ.

"އައިމް ނޮޓް އޮން އެނީވަންސް ސައިޑް ބޭބް. އިޓްސް ޖަސްޓް– ދެން އަޅާނުލާ" ރިއާން އެ މައުލޫ ދޫކޮށްލިއެވެ.

ބައިގަޑިއެއްހާއިރު ވަންދެން ހުޅުމާލޭގެ އެތެރެ މަގުތަކުގައި ކާރު ދުއްވައިލުމަށްފަހު ޒިވްޔަންގެ ސްކޫލްގަޑި ނިމުމުން ޒިވްޔަން ގޮވައިގެން ދެމީހުން ދިޔައީ ގެއަށެވެ. އޭރު ރާހިލްއެއް އެތަނަކުން ފެންނާކަށް ނެތެވެ. މައްސަލަ ހައްލު ނުކުރެވެންދެން ރާހިލް ދިޔުމުން ޒީވާއަށް އެގޮތް ކަމަކުނުދިޔައެވެ. ކަންބޮޑުވެފައިހުރެ ރިއާންއަށް ބަލައިލުމާއެކު ރިއާން ބޯ ޖަހައިލީ އެކަން އޭނާގެ އަތްމައްޗަށް ދޫކޮށްލާށޭ ބުނާފަދައަކުންނެވެ. އެދުވަހުގެ ބާކީއޮތް ކޮންމެވެސް ވަގުތެއްގައި ރާހިލްއާ ވާހަކަދައްކައިލަން ދިޔުމަށް ރިއާން ގަސްތުކުރިއެވެ.

****************

މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އިޝްވާއަށް ދުވަހުގެ ޑިއުޓީގައި އަމިއްލަ އެއްވެސް ކަމެއް ކޮށްލާކަށް ހުސްވަގުތުކޮޅެއް ނުލިބުނެވެ. ހެނދުނު އައި ގޮތަށް ލޮކަރުގައި ބެހެއްޓި ފޯނާއި ދަބަސްވެސް އޭނާއަށް ފެންނަވަރުވީ ހަވާލުވެވިފައިވާ ތިންކުދިން ގެއަށް ފޮނުވައިލުމަށްފަހުގައެވެ. ކްލާހަށްދާންޖެހޭ ވަގުތު ކުޑަތަންވެފައި ވާތީއާއެކު އޭނާ އިތުރަށް އެތަނުގައި މަޑުނުކޮށް ސެންޓަރުން ނުކުތެވެ.

ނަސީބު ކަންދިމާކުރިގޮތުން އެ މޫސުމުގެ އެހެން ދުވަސްދުވަހާ ބަލާއިރު މިއަދު އުޑުމަތި ސާފެވެ. އެހެންކަމުން ލަސްފިޔަވަޅުތަކެއްގައި އެ މަގާ އެންމެ ދެތިން ގޯޅި ދޫކޮށް ދުރުގައިހުންނަ ޔުނިވަރސިޓީ ކެމްޕަހާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެދިޔަ މަގުމަތީގައި ފޯނު ހުޅުވައިލުމާއެކު ފުލުފުލުގައި އަންނަންފެށި ނޮޓިފިކޭޝަންތަކަށް އޭނާގެ ސަމާލުކަންދެވުނެވެ. ގިނަ ނޮޓިފިކޭޝަންތައް މާބޮޑު ވިސްނުމަކާނުލައި ފޮހެލި ނަމަވެސް އެދުވަހުގެ ހެނދުނު އޭނާއަށްގުޅި ނުދަންނަ ނަންބަރުން އިތުރު ކޯލުތަކެއް އައިސްފައިވާކަން އޭނާއަށް ފާހަގަކުރެވުނެވެ. ސުވާލެއްގެ މަތީގައިހުރެ އިޝްވާ އެ ނަންބަރަށް ގުޅައިލަމުން ފޯނު ކަންފަތުގައި ޖަހައިލިއެވެ. ދެތިން ފަހަރަކު ރިންގުވިފަހުން އެ ކޯލަށް ޖަވާބުލިބުނީ އަންހެނެއްގެ އަޑުންނެވެ.

"ހެލޯ؟ ކާކު؟" ފޯނަށް ޖަވާބުދިން މީހާގެ "ހެލޯ"ގެ ރައްދަކަށް އިޝްވާކޮށްލީ ސުވާލެކެވެ.

"އިޝްކޯ. ހާއި.. އިޓްސް މީ.. އައި.. އައިމް ބެކް"

ފޯނުގެ އަނެއްފަރާތުން އޭނާއާ ވާހަކަދައްކަމުންދިޔައީ ކާކުކަން އެނގުމާއެކު އިޝްވާގެ ފިޔަވަޅުތައް ހުއްޓުނެވެ. ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލެވުނުއިރު އޭނާގެ ހިތްވެސް ބާރުބާރަށް ތެޅެން ފަށައިފިއެވެ.

"ސިސް؟" ޝައްކެއްގެ މަތީގައިހުރި އިޝްވާއަށް ވައި އަޑުން ގޮވައިލެވުނެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!