Episode 65
ހިތް އެދޭހާ ކަމެއް.. (65 ވަނަބައި)
5 އަހަރު ފަސް…
މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ މާލޭގެ މަގުމައްޗަށް ފިޔަވަޅެއް އަޅައިލަން ނުކެރިހުރި އިޝްވާ އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. އަތުގައިހުރި ފޮތްތައް ވާރޭއިން ތެމިދާނެކަމުގެ ބިރުގައި މޭގައި ލައްކޮށްލައިގެންހުރެ އޭނާ މަސައްކަތް ކުރަމުންދާ ރޫބީޒް ޑޭކެއަރ ސެންޓަރުގެ އަސްކަނިދަށުން ހިޔާ ހޯދަމުންދިޔައެވެ. ހީވާގޮތުން އޭނާހުރީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. ނަމަވެސް ހަވީރު ފަހެއް ޖަހާއިރު ފެށޭ ކޮލެޖްގެ ކްލާސްތަކަށް ދާން ވަގުތު ކުޑަތަން ވާންފެށުމުން ކައިރީގައި ބަހައްޓައިފައިހުރި ކުޑަ ނަގައި ހުޅުވައިލިއެވެ. އަދި ފެންބޮޑުވެފައިވާ މަގުމައްޗަށް ނުކުތުމަށްޓަކައި ފިޔަވަޅެއް އަޅައިލިއެވެ. އެވަގުތު އެތަނަށް ހުއްޓައިލި އަޅިކުލައިގެ ކާރު ފެނި އިޝްވާއަށް ދެލޯ މަރައިލަމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއްއައީ ކަހަލައެވެ. އުސްކޮށް އަތުރައިފައިހުރި ގާތަކުގެ މަތިން ފަރުވާތެރިކަމާއެކު ހިނގައިފައިގޮސް ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވައިލައި އެތެރެއަށް ދެމިގަތެވެ.
"ކިރިޔާ އެނގޭ ތި އާދެވުނީ.. އިޝީ ހަމަ ހިނގާފަ ދާން އުޅެނިކޮށް" ޓިޝޫފޮށިން ނެގި ދެތިން ޓިޝޫއެއްގެ އެހީގައި އަތްތިލަ ހިއްކައިލަމުން އިޝްވާ ބުންޏެވެ.
"ބިޒީވީމަ ލަސްވީ" ރާހިލްގެ ފަރާތުން ލިބުނީ ކުރު ޖަވާބެކެވެ. އެކަން ވާނީ އެހެންކަން އިޝްވާއަށް މާކުރިންވެސް އެނގެއެވެ. އެހެނެއްކަމަކު ލަހުން އާދެވުނީތީ މަޢާފަށް އެދިލުން ވާނީ ކީއްހޭ އިޝްވާގެ ހިތަށް އެރިއެވެ.
"ދޮންބެއާހެދި ކްލާސް ކެޓިނަމަ މުޅި ހަފްތާއެއް ވަންދެން ކެޗް-އަޕް ނުކުރެވިގެން އުޅެން ޖެހޭނީ. ހާދަ އެއްޗެއްސެކޭ ޑިގްރީގަ ކިޔަވަން އޮންނަނީ. އައި ވޮންޑަރ ހައު ޔޫ ގައިޒް ޑިޑް އިޓް. އައި ތިންކް އައި ނީޑް އަނަދަރ ޓޫ އިޔަރ ބްރޭކް" އޭލެވެލް ނިންމައިލުމަށްފަހު ޑިގްރީ ފެށުމުގެ ކުރިން ހުސްކޮށްލި ދެއަހަރަށް އިޝާރާތްކުރަމުން އިޝްވާ ބުންޏެވެ.
"މިހާރުވެސް މާ ލަސްވެއްޖެ. ޖޮބް އިން ކެނޑިގެންވިޔަސް އަވަހަށް ތިކަން ނިންމާލީމަ އިޝްކޮއަށްވެސް ބޮލަށް ފަސޭހަވާނީ" ރާހިލް ބުންޏެވެ.
"އަދި އިޝީއަށް އެންމެ 23 އިޔަރޒް އޭ. އަދި ޑިގްރީ ނުނިމިގެން އުޅޭކަށް ނުވެއެއްނު. އެހެންނޫނަސް ޖޮބްއަކުން ނުކެނޑޭނަން. ދެޓް އިޒް މައި ހެޕީ ޕްލޭސް" އިޝްވާ ހިނިތުންވެލިއެވެ.
"ހެޕީ ޕްލޭސް ފުލް އޮފް ސްޕޮއިލްޑް ބްރެޓްސް" ރާހިލް މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.
"ދެން ދޮންބޭ.. ތިހެން ނުކިޔަބަލަ އެއީ ކުޑަކުޑަ ކުދިންނޭ. އާން އަދި މި ހަނދާންވީ.. މާދަމާ ހަވީރު އެބައޮތް ޒިއްކޮގެ ބަރތްޑޭ ޕަރޓީ. ދާނަންދޯ؟" އިޝްވާ އަހައިލިއެވެ.
"ގޮސްފިއްޔާ ޒީގެ ލެކްޗަރަކުން ސަލާމަތެއް ނުވާނެ. މަންމަ ނެތް ތަންކޮޅު އެބަ ފޫބައްދާ ރަނގަޅަށް" ރާހިލް ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.
"ލެކްޗަރު ދޭނެ ދޯ. އުމުރު މައްޗަށް ދާވަރަކަށް ދޮންބެގެ މެޗުއަރިޓީ ލެވެލް ދަނީ ދަށަށް. ތިއީ ދުވަހަކުވެސް ތިހެން އިސްތަށިގަނޑާ ތުނބުޅިއާ އެއްޗެހި ދިގުކޮށްގެން އުޅުނު މީހެއްވެސް ނޫނެއްނު. ނިކަން ތި އިސްތަށިގަނޑާ ތުނބުޅިއާ އެއްޗެހި ކޮށާލާފަ ކުރިން ހުރިހެން ސްމަރޓް މީހަކަށްވީމަ ދޮންތިވެސް ލެކްޗަރެއް ނުދޭނޭ" މޭލް-ބަން އަކުން ހައްޔަރުކޮށްލެވިފައިވާ ކޮނޑާހަމައަށް ދިގުކޮށް އޮތް ރާހިލްގެ ރާޅުބާނީ އިސްތަށިގަނޑާއި ބޯ ތުނބުޅިއަށް އިޝްވާ ފާޑުކިއެވެ. އެހެނަސް ރާހިލްގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. އިޝްވާ ދެއްކި ވާހަކަތަކަށް ރައްދުދޭކަށް އޭނާ ނޫޅުނެވެ. މިފަހަރުވެސް ރާހިލްގެ އެ ބަސްމަދުކަމުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން ޖެހުނީ އިޝްވާއަށެވެ.
"ފައިން. އަހަރެން ދޮންތިގާތު ބުނާނަން ދޮންބެގެ އިސްތަށިގަނޑަށް ކޮމެންޓް ނުކުރަން. އެހެންވީމަ ދޮންބެ ކޮންމެހެންވެސް ދާންވާނެ. ނުދިޔައިއްޔާ ދޮންތިވެސް ޒިއްކޮވެސް ވަރަށް ދެރަވާނެ. މިހާރުވެސް ޒިއްކޮ ހުންނާނީ ދޮންބެގެ ގިފްޓް ބަލަން ބޭނުންވެފަ" އިޝްވާ ބުންޏެވެ.
"އަނެއްކާ އަނެއް ސްޕޮއިލްޑް ބްރެޓްގަނޑު ދޯ" ރާހިލް ސަމާސާ ރާގެއްގައި ބުންޏެވެ.
"ދެން ސާބަހޭ.. ދޮންބެއަށްވެސް ކުއްޖެއް ލިބުނީމަކާ ތިހެނެއް ނުކި–" ކުއްލިއަކަށް އިޝްވާއަށް އޭނާގެ ވާހަކަ ހުއްޓައިލެވުނީ ބުނެވުނީ ކީކޭކަން ރޭކައިލުމުންނެވެ. އެ މައުލޫއަކީ ރާހިލްގާތު ނެގުން އެހާ ރަނގަޅު މައުލޫއެއް ނޫންކަމުން އޭނާއަށް ރާހިލްއިން ދިމާލަށް އިތުރަށް ބަލައިލަންވެސް ނުކެރުނެވެ. ފަސްއަހަރަށްފަހުވެސް އެވާހަކައިން ރާހިލްއަށް ކޮށްފާނެ އަސަރެއްދެކެން އޭނާ ތައްޔާރު ނޫނީއެވެ. އެހެންކަމުން އަތުގެ ނިޔަފަތިތަކުގައި ދަތްއަޅައިލައިގެން އިނދެ އިޝްވާ ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. އެ ބިއްލޫރިގަނޑުގައި ހަރުލާ ކޮންމެ ފެންތިއްކެއް އެއާ އެއްފަދަ އެހެން ވާރޭގެ ތިއްކަކަށް ޖާގަދެމުން ތިރިއަށް ފޭދެމުންދާ މަންޒަރުން ހަނދާންކޮށްދެމުންދިޔައީ ދުނިޔޭގެ ކޮންމެ ކަމަކީވެސް ވަގުތީ ކަމެއްކަމެވެ. ހަމައެފަދަައިން ތިމާއާއެކު ހަޔާތުގެ ދަތުރުގައި ބައިވެރިވާ ކޮންމެ މީހަކީ އެ ދަތުރު ނިމެންދެން ތިމާއާއެކު ހުންނާނެ މީހެއްކަމުގައި ބަަލައިގެންނުވާނެއެވެ. އެފަދަ މީހުންނާ ވަކިވާން ޖެހޭވަގުތު އެކަމުގައި ކެތްތެރިވެ ދެން ކުރަންޖެހޭނެ ކަމަކީ އެ ހުސްވި ޖާގަ އެހެން ބަޔަކަށް ދިނުމެވެ. ބިއްލޫރިގަނޑުގައި ހަރުލައިފައިހުރި ވާރޭގެ ތިކިތައް އޭގެ އެހެން ތިކިތަކަށް ޖާގަދިނުމަށްފަހު ފޭދެމުންދާ ފަދައިންނެވެ. އެހެނަސް އެކަން އޭނާގެ އިތުރުން ރާހިލްއަށްވެސް އެހާ އުނދަގޫ ކަމަކަށް ވެފައި މިވަނީ ކީއްވެގެން ހެއްޔެވެ؟
އިޝްވާ ކިޔަވަމުންދާ ޔުނިވަރސިޓީގެ ގޭޓު ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ކުޑައާއި ފޮތްތައް މޭގައި ލައްކޮށްލައިގެންހުރެ ކާރުގެ ދޮރުފަތް ހުޅުވައިލިއެވެ. ނަމަވެސް ބޭރަށް ނުކުތުމުގެ ކުރިން އޭނާ ފަޅި ސިކުންތަކަށް ކާރުގެ ތެރޭގައި މަޑުކޮށްލިއެވެ.
"ތޭންކްސް އެންޑް.. ސޮރީ ފޯރ ދެޓް" އައި މަގުމަތީގައި ދެކެވުނު ވާހަކައަށް އިޝާރާތް ކުރަމުން އިޝްވާ ބުންޏެވެ. އަދި ރާހިލް ދީފާނެ ރައްދަކަށް މަޑުކުރުމެއްނެތި އަވަހަށް ކާރުން ނުކުތެވެ. އިޝްވާގެ ވާހަކަތަކުން އަސަރެއް ނުކުރާކަމުގެ މޫނުމަތި އަޅައިގެން އިން ރާހިލް މޭގައި އުފެދުނު ދިލަކަން ފިލުވައިލުމަށްޓަކައި ކަރުކެހިލަމުން ކާރު ދުއްވައިލިއެވެ. އެންމެ ބޮޑެތި އަދި އެންމެ ކާރޫބާރޫބޮޑު މަގުތަކާއި ހިމަ ގޯޅިތައް ހުރަސްކުރަމުންގޮސް އެންމެފަހުން އޭނާގެ ކާރު ހުއްޓައިލީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ޖާގައިގެ ގޮތުން ތަނަވަސް އެ ރެސްޓޯރެންޓަކީ ބޮޑެތި އާއިލާ ހަފްލާތަކާއި އޮފީސްތަކުގެ މުވައްޒަފުން އެކުވެ ގުޅުން ބަދަހި ކުރުމަށްޓަކައިވެސް އެހާމެ އެކަށޭނެ ރެސްޓޯރެންޓެކެވެ. ރާހިލް ލައިގެންހުރި ކަޅުކުލައިގެ ގަމީސް ފަޓުލޫނަށް ބަލައިލުމުން އޭނާވެސް އެ އައީ އެފަދަ ކޮންމެވެސް ހާއްސަ ހަފްލާއަކަށްކަން ޔަގީންވެއެވެ.
ކައިރި ހިސާބެއްގައި ކާރު މަޑުކޮށްލުމަށްފަހު ކުޑައެއް ނަގައިގެންހުރެ ރާހިލް ގޮސް އެ ރެސްޓޯރެންޓަށް ވަދެ އެތަނުގެ ދެވަނަ ފްލޯއަށް ދިޔުމަށްޓަކައި ހަދައިފައިވާ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭރު އެ ސިޑިއާ އިންވެގެންހުރި ކައުންޓަރުގެ ކައިރީގައި ހަމަ ރާހިލްއެކޭ އެއްފަދައިން ކަޅުކުލައިގެ ގަމީސް ފަޓުލޫނުގައިހުރި ޒުވާނާ ފެނުމާއެކު ރާހިލް އެދިމާލަށްގޮސް މަޑުމަޑުން އޭނާގެ ކޮނޑުގައި ޖަހައިލިއެވެ.
"އޭ އާން. ތި އައީ ދޯ. މަތީގަ އެބަތިއްބޭ އެންމެން. ހިނގާ ދާން. އެތާ ހުސްކޮށްހުރި ކަރޯކޭ ރޫމް ބުކް ކުރަން ކިޔާވަރުން މަވެސް މި އައީ" ލީވާން ފުޅާ ހިނިތުންވުމަކާއެކު ބުންޏެވެ.
"ބްރޯ ދޭ. އަހަރެން ތި ޕޭ ކޮށްލާފަ ދާނަން. އެހެންނޫނަސް އަހަރެން ދޭން ޖެހޭ ރެޔެއްނުމީ" ރާހިލް އެތަނުން ލީވާން ފޮނުވައިލުމަށްފަހު ލީވާން ހިފި ކަރޯކޭ ރޫމަށް ފައިސާ ދެއްކިއެވެ. އެކަން ނިންމައިލުމަށްފަހު އޭނާ ދިޔައިރު އެ އެންމެން އެބުނާ ކަރޯކޭ ރޫމްއަކަށް ވަދެ ނިމިއްޖެއެވެ. ރާހިލްވެސް އެތަނުގައިހުރި މުވައްޒަފުގެ އިރުޝާދާއެކުގޮސް އެތަނަށްވަނެވެ. އެއާއެކު އޭނާގެ ދެކަންފަތް ހީވީ އެއްފަހަރާ ބީރުވިހެނެވެ. އަޑުގަދަކޮށް ޖަހައިފައިވާ ހިޕްހޮޕް ލަވައިގެ ރާގާއެކުވެ އިވެމުންދިޔަ މީހުންގެ ތޫލި އަޑުތަކާއެކު ކަންފަތުގެ ތޫރި ގުޑައިގެން ދިޔަހެންވެސް ހީވިއެވެ. ސީލިންގުގައި ހަރުކުރެވިފައިވާ އެކި ކޮޅުކޮޅަށް އެނބުރޭ ޑިސްކޯ ލައިޓްތަކުން ވިއްސާރަދުންޏެއްގެ ކުލަތައް މުޅި ކޮޓަރީގެ ތެރެއަށް އޮއްސައިލައިފައިވެއެވެ. ދެލޯ ތަރަތަރަޖަހައިގެން ދިޔުމާއެކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު އެ އަލިތަކަށް ލޯ ހާނައިލަމުން ބަލައިލިއިރު ދެތިން މީހަކު މައިކު ނަގައިގެން އެމީހަކަށް ކިޔުނު ގޮތަކަށް ޓީވީން އަޅުވައިފައިހުރި ލަވަ ކިޔޭތޯ އުޅުނުތަން ފެނުނެވެ. ރާގަކާ ރާގެއްވަނީ ދޫކޮށްލައިފައެވެ. ދެފަރާތަށް ބޯ ހޫރައިލަމުން ރާހިލް ގޮސް ކޮޓަރީގެ ކަނެއްގައި ހުރި ސޯފާއެއްގައި އިން ލީވާންއާ ޖެހިގެން މީހެއްގެ ޖާގައެއް ދޫކޮށްލުމަށްފަހު އިށީނެވެ.
"އޭތް އޭތް ލަވަ ނިއްވާލަބަަލަ ކުޑަ ބޮސް މިއައީ. ކޮބާ ކޭކު؟" ރާހިލް އައިސްފިކަން އެނގުމާއެކު އެތަނުން އެކަކު އަޑުގެ ނެތްތަނަށް ގޮވައިލިއެވެ. އެއާއެކު އެމީހުން ލަވަ ނިއްވައިލުމަށްފަހު އެކިޔާ ކޭކެއްގެ އިތުރުން ރަތް ފިނިފެންމާ ބޮނޑިއެއްގެނެސް ރާހިލްގެ ކުރިމަތީގައި ބެހެއްޓިއެވެ. އެ މާބޮނޑިއާ ގުޅޭނެހެން ރަތްކުލައިގެ ފޮންޑެންޓް ފިނިފެންމަލުން ތައްޔާރުކޮށްފައިވާ ޗޮކްލެޓް ކޭކު ފެނުމާއެކު ރާހިލް ނުރުހުންވެފައިވާ ނަޒަރަކުން ކައިރީގައި އިން ލީވާނަށް ބަލައިލަމުން ބުމައަރުވައިލިއެވެ. އޭރު ލީވާންގެ އިތުރުން އެތަނުގައިހުރި އެ އޮފީހުގެ ފަނަރަ ވަރަކަށް މުވައްޒަފުންގެ މޫނުމަތިންވެސް ހީވަނީ ދެންމެ ދެންމެ ހިނިގަނޑެއް ފަަޅައިގެންދާން އުޅޭހެނެވެ. އެހެނަސް ރާހިލްއަކަށް އެކަން އެއްވެސް މަޖަލެއްނުވިއެވެ.
"ކާކުގެ ކަމެއް މީ؟" ރާހިލްގެ ސުވާލާއެކު އެ އެންމެންގެ ލޯތަށް ލީވާނަށް އަމާޒުވިތަންފެނި ރާހިލް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އަހަރެން ނުދަނެހުރިން މި ފާހަގަކުރަނީ ލީވާންއާ އަހަރެންނާ ދެމީހުންގެ ލޯބީގެ އެނިވަރސަރީއެއް ކަމަކަށް. ބަަލަ މިއީ އަހަރެން ލީވާންގެ ބިޒްނަސް ޕަރޓްނަރަކަށް ވިތާ ދެއަހަރު ފާހަގަކުރަން އައި ތަނެއް ނޫންތަ؟" ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ.
"އަހަހަހަހަހަ. ކިހިނެެއްތަވީ؟ އަހަރުމެން ހަމަ މަޖާކޮށްލީއޭ ދޯ ލައި؟" ލީވާން ދެންވެސް ކޮށްލީ ލާނެތް ސަމާސާއެކެވެ. އެތަނުގައި މިވަގުތު ތިބި މުވައްޒަފުންނަކީ މިހާރު 50 އެއްހާ މުވައްޒަފުން ތިބިއިރު އެއީ އޮފީހަށް ރާހިލް ވަނީއްސުރެން މިއަދާ ހަމައަށް ތިބި އޭރުގެ 15 މުވައްޒަފުންނެވެ. އެ އެންމެންނަކީވެސް މިހާރު ރާހިލްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ވާއިރު އޭގެ ތެރެއިން ލައިޝާއަކީ ރާހިލްގެ ކޮންމެ ފިޔަވަޅަކަށް ބަލަބަލައި ހުންނަ ރާހިލްއަށް ހިތް ކިޔައިގެންއުޅޭ މުވައްޒަފެއްކަން އެތަނުގައިތިބި އެންމެނަށްވެސް އެނގޭނެއެވެ. ވީއިރު އެއީ އެކަން އެނގިހުރެ ލައިޝާއާއި އޭނާ އަޅުވައި ކިޔުމުގެ ނިޔަތުގައި ލީވާން ކުރި ކަމެއްކަން އޭނާއަށް އެނގެއެވެ.
"އަހަރެން އޭރުވެސް ބުނީމެއްނު ލީވާން ގާތު. ރާހިލް ޑަޒަންޓް ޑޫ ފްލަރވަރޒް އޭ. ހީ ހޭޓްސް ދެމް. ދޯ ރާހިލް؟ ބުކޭ ވެސް އެއްލާލާ. ނޫނީ އަހަރެންނަށް ދީ." ލީވާން ދެއްކި ވާހަކައިގެ ތެރެއަށް ފުންމައިލަމުން ލައިޝާއައިސް ރާހިލްއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީނެވެ. ރާހިލްއަށް އެކަމުން އުނދަގޫވެފައި އިނދެ ލައިޝާއާ ދުރަށް ޖެހިލަމުން ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ.
"ކޮބާ އަދި ކާ އެއްޗެހި ނުގެންނަންތަ؟ އަވަހަށް އޯޑަރ ކުރޭ. ވަރަށް ބަނޑުހައި" ރާހިލް ބުންޏެވެ. އެއާއެކު އެއްބަޔަކު ކާއެއްޗެއްސަށް އޯޑަރު ދިނުމަށް ތައްޔާރުވިއިރު އަނެއްބަޔަކު ކުރިއެކޭ އެއްފަދައިން ކަރޯކޭގެ އަވައިގައިޖެހި ލަވަކިޔަން ފަށައިފިއެވެ. އެހުރިހާ ކަމެއް ހިނގައިދިޔައިރު އޭނާގާތު އިން ލައިޝާއަކީ ރާހިލްއަށް ފެންނަ މީހެއްކަންވެސް ހަދައިނުލައެވެ. އެންމެފަހުން ލައިޝާ އެކަމާ ވީ ފޫހިން އެތަނުގައި އޮތް މާބޮނޑި ނަގައިގެންގޮސް އެންމެންނާ ވަކިން ދުރުގައި އިށީނެވެ. ރާހިލްއަށް ހަމަނޭވާއެއްވެސް ދޫކޮށްލެވުނީ ލައިޝާ އޭނާއާ ދުރަށް ދިޔުމުންނެވެ.
"ތިހިރީއޭ ބަލަ. އަހަރެން ރާހިލްއަށް ވި ވައުދު ފުއްދައިފިން. މަސައްކަތް ރަނގަޅިއްޔާ ޕަރޓްނަރެއްގެ ގޮތުގަ ފުރުސަތު ދޭނަމޭ ބުނިން. އޭޒް ޕްރޮމިސްޑް. މިހާރު ތިއީ އަހަރެން ނަގާފަ މި ފާމްގެ ވެރިމީހާ. އެކަމަކު އެގޮތުގަ ދެ އަހަރު ފާއިތުވިއިރު.. ރާހިލް އަހަރެންނަށް ވި ވައުދު އަދިވެސް ނުފުއްދާ. ފަސް އަހަރުން ކުރިން ހިނގައިދިޔަ ހާދިސާއިން އަދިވެސް އަރައިގަތްހެނެއް ހިއެއްނުވޭ." ލީވާން ކަންބޮޑުވެފައި ބުންޏެވެ.
"އަހަރެންގާތު ލީވާން ހަނދާން ނައްތާލަން އެދުނު ހާދިސާއަކީ އެލީޝާގެ މަރު. އެކަން އަހަރެންނަށް ކާމިޔާބުވި. އެހެންނޫނަސް އަހަރެން ޕަޓްނާރަކަށް ހަދަން ޖެހުނީ ލީވާންއަށް އެދުވަހު ޗޮއިސްއެއް ނެތީމަ. ލީވާންގެ ފަރުވާކުޑަ ކަމުން އެތަށް މުހިއްމު ކްލަޔަންޓުންތަކެއްގެ އިތުބާރު ފާމަށް ގެއްލުނުދުވަހު އަހަރެން ސްޓެޕް އަޕް ކޮށްގެން އެ އިތުބާރު އަލުން ހޯދީމަ ލީވާނަށް އިތުރު ގޮތެއް ނެތުނީ.. އެހެންވީމަ މިހާރު ދައްކަން ތި އުޅެނީ ކޮންމެވެސް އެހެން ވާހަކައެއް. ތި މައުލޫއަށް ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން" ރާހިލްގެ ވާހަކައަށް ބޯ ޖަހައިލަމުން ލީވާން ފުންނޭވާއެއް ދޫކޮށްލިއެވެ.
އޮފީހަށް ވަތް ދުވަސްކޮޅު އެމީހުންނާއެކު ހީނ ސަކަރާތްޖަހައި އުޅުނު ރާހިލްގެ މިޒާޖަށް އައި ކުއްލި ބަދަލުގެ ފަހަތުގައިވާ ސިއްރަކީ އެލީޝާގެ މަރުހެން ހީވިޔަސް މިދިޔަ ފަސްއަހަރު ދުވަސްތެރޭ ލީވާންއާއި ރާހިލްގެ އެކުވެރިކަން ބަދަހިވެ ދިރިއުޅުމުގެ އެހެން ސިއްރުތައްވެސް ރާހިލްވަނީ އޭނާއާ ހިއްސާކޮށްފައެވެ. އެގޮތުން ކުރިން ރާހިލްގެ މޫނުމަތީގައިހުންނަ ހިނިތުންވުމާއި އުޖާލާކަން މިއަދާ ހަމައަށްވެސް އެ މޫނާ ބީރައްޓެހިވެފައިވާ ސަބަބަކީ ރާހިލްގެ ފުރަތަމަ އަނބިމީހާކަން މިހާރު އޭނާއަށް އެނގެއެވެ. އެއީވެސް މާޒީ ކަމުގައިދެކި އެކަމުން އަރައިގަނެ ކުރިއަށްދިޔުމަށް ރާހިލްއަށް ނަސޭހަތްތެރިވާން މަސައްކަތްކުރިނަމަވެސް އެ ފުރުސަތު އޭނާއަށް ނުލިބެނީ އެއީ ރާހިލް މާ ގަޔާވާ މައުލޫއަކަށް ނުވާތީއެވެ.
"މައްސަލައެއްނެތް. އެކަމަކު ބުނަން. ނަސީބަކީ ކަތީބަކު ދޭ އެއްޗެއްނޫން. ގެއްލުނު ޖަވާހިރެއްގެ ހިތާމައިގެ އިތުރަށް އެ މައުދަން ހުންނަ ވަޅު ކޮނުން ހުއްޓާލާނީ ވަރަށް މޮޔަ މީހަކު. މިބުނި އެއްޗެއް ރާހިލްއަށް ވިސްނޭނެކަމަށް މި ބަލަނީ" ލީވާން ބަލައިލީ ދުރުގައި އިން ލައިޝާއަށެވެ.
"ފަސްއަހަރުވީ.. އަދި ކިތަށް އަހަރު؟ އުމުރު ހުސްވަންދެން ބޭކާރު ކޮށްލާނީތަ؟ ލައި އަކީ ގޯސް ކުއްޖެއްނޫން. ލައި އާ އެކީ އަހަރެން މަސައްކަތް ކުރާތާ ހަތްއަހަރު ވީ އިރުވެސް ރާހިލްއާ ހެދި އެ އުޅޭހެން އޮފީހުގެ އެހެން މުވައްޒަފަކާހެދި އުޅުނުތަނެއް ނުފެނޭ. ޒީރޯއިން ފެށިގެން މިހާރު އެހެރަ ކާމިޔާބު ވަކީލެެއްގެ މަގާމަށް ލައި އައިގޮތް އެންމެ ގާތުން ދުށް އެކަކީ އަހަރެން. މަސައްކަތުގެ އިތުރުން ލައިފްގަވެސް ވަރަށް ޑިސިޕްލިންޑް އެންޑް ހާރޑްވޯކިންގް ކުއްޖެއް އެއީ" ލީވާން ހީވީ ރާހިލްއަށް ކަމެއް ވިސްނައިދޭން އުޅުނުހެނެވެ.
"ތިކަން އެނގެޔޭ.. އެހެންވެއެއްނު އެ ހުރިހާ އުނދަގުލެއް ކުރާއިރުވެސް ނުފެންނަކަމަށް ހެދިގެން މި ހުންނަނީ. ލީވާންއަށް ތިހާ ކަމުދަންޏާ ލީވާން ބަލަންވީނު ލައިޝާގެ ކަންތައް ވޭތޯ." ރާހިލް ނުރުހުމުގެ ރާގެއްގައި ބުންޏެވެ. ލީވާން ދައްކަންފެށި ވާހަކައިގެ ސަބަބުން އޭނާގެ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ. އެވަގުތު ވެއިޓަރުންތަކެއް ކާއެއްޗެހި ހިފައިގެން އެތަނަށް ވަތްތަންފެނި ރާހިލްއަށް ލިބުނު ފުރުސަތުގައި އަވަހަށް އެތަނުން ނުކުތުމަށްޓަކައި އަވަސްވެގަތެވެ.
"އޭ އޭ ކޮންތާކަށް؟" ލީވާން އަވަސްއަވަހަށް އަހައިލިއެވެ.
"ބިލް ކަނޑާލާފަ ދާން މި ދަނީ. މިރެއަށް ވަރަށް މަސައްކަތް ރާވާފަ އެބައޮތް. ކޮންމެހެން އަހަރެންގެ ޓްރީޓް ވީމަ މި އައީވެސް. ނެކްސްޓް ޓައިމް އަހަރެން އަންނާނެކަމަށް މިކަހަލަ ކަންކަން ޕްލޭން ނުކުރާތި. އެންޑް ލައިކް ޝީ ސެޑް.. ނޯ ފަ**ގް ފްލަރވަރޒް" ދުރުގައި އިން ލައިޝާގެ އަތުގައި އޮތް މާބޮނޑިއަށް ބަލައިލަމުން ރާހިލް ބުންޏެވެ. ލީވާން ހެމުން ހެމުން މައްސަލައެއްނެތޭބުނެ ރާހިލް އެތަނުން ފޮނުވައިލިއެވެ. ރާހިލް ހުރެއްޖެނަމަ އެތަނުގައިތިބި މީހުންގެ މޫޑު އިތުރަށް ޚަރާބުވުން ނޫންކަމެއް ނުވާނެކަން ލީވާނަށްވެސް އެނގޭކަހަލައެވެ. މިހާރުވެސް އެ ދަނީ ލައިޝާގެ މޫޑު މުޅިން ޚަރާބުކޮށްލައިފައެވެ. ލީވާން ބޯ ހޫރައިލުމަށްފަހު އިށީނދެ އިން ގޮނޑީގެ ކުރިއަށް ޖެހިލައި އެތަނުގައިހުރި ކޭކު ކާންފެށިއެވެ. އޭގައިހުރި މާތަށް ފެނުމާއެކު އޭނާ ގާތަށް އަނެއްކާވެސް ހިނި އަތުވެއްޖެއެވެ. ރާހިލް މާމެލާމެއްޔަށް މި ކުރާ ނަފްރަތަކީ މީހަކު އަޖައިބުވާހާ ނަފްރަތެކެވެ.
****************
ޖައްސައިލި ކީކާޑުން އިވިގެންދިޔަ ބީޕްގެ އަޑާއެކު ހުޅުވުނު ދޮރުން އެތެރެއަށް ވަތް ރާހިލްއަށް ގޭތެރެއިން މަރުހަބާކީ އަނދިރިކަމެވެ. އިޝްވާ އަދިވެސް ގެއަށް ނާންނަނީކަން ރާހިލްއަށް އެނގުނެވެ. ނަމަވެސް ރޭގެ އިރާކޮޅު ކަމަށްވެފައި ވާރޭ ހުއްޓައިލައިފައި ވުމާއެކު އިޝްވާ ބަލައިދާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ފޯނުން ހުޅުވައިލި އެޕްލިކޭޝަންގެ އެހީގައި ސީލިންގްގުގައި ހަރުކޮށްފައިހުރި ޗާންދެލިޔާ ދިއްލައިލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
ދެ ފަންގިފިލާއަށް ވާގޮތަށް ފަރުމާކޮށްފައިވާ އެ ޕެންތްހައުސްގެ ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ ޝާހީކަމެވެ. ތަނުގެ ހައިބަތަށް ފުރިހަމަކަން ގެނެސްދޭ މަޑު ކުލަތަކާއި ގުޅޭހެން ބިންމަތީގައި ޖަހައިފައިވާ ޕާކޭއާއި ސީލިންގުގައިވާ ޒަމާނީ ފަރުމާތަކުގެ އިތުރުން ބޭނުންކޮށްފައިވާ ފަރުނީޗަރުތަކުން ފެށިގެން ޒީނަތްތެރިކުރުމަށް ބޭނުންކުރެވިފައިވާ ތަފާތު ކުރެހުންތަކާއި ބިއްލޫރިއާއި ހިރިގަލުގެ ކުދިކުދި އާލާތްތަކުންވެސް ފެންނަމުންދިޔައީ ފާޑުވެރިކަމެވެ. އެތަނުގެ ތިރީ ފަންގިފިލާގައި ބޮޑު ސިޓިންގްރޫމަކާއެކު ޒަމާނީ ބަދިގެއެއްގެ އިތުރުން އިން ވަކިވާނެހެން ބޮޑު ކާމޭޒެއް ބަހައްޓާފައިހުއްޓެވެ. ސިޓިންގްރޫމްގެ ސޯފާތަށް ބެހެއްޓިފަހުރީ ހުރިހައި ދިމާލަކުން ދެތިން ހަރުފަތް ތިރިއަށް ފޭބޭނެހެން ހަދާފައިވާ ވަށްބުރެެއްގެ ތެރޭގައެވެ. އެ ސިޓިންގްރޫމްގެ ވައަތްފަރާތަށް ހުރި މާ ހަނިނޫން ގޯޅިގަނޑެއްގައި ތިންކޮޓަރި ހިމެނޭ ކޮޓަރިބަރިއަކާއި ކުޑަ ލައުންޑްރީއެއް ހުރިއިރު ސިޓިންގްރޫމްގެ ކަނާތްފަރާތުގައިހުރީ މަތީ ފަންގިފިލާއަށް ދިޔުމަށްޓަކައި ހަދައިފައިވާ މާބްލް ސިޑިއެކެވެ.
ރާހިލް ލަސްފިޔަވަޅުތަކެއްގައި ހިނގައިގަތީ ކިޗަން ކައުންޓަރާ ދިމާލަށެވެ. ކައުންޓަރުގެ މަތީގައިހުރި ކެބިނެޓެއްގައި އަތް ޖައްސައިލުމުން ހުޅުވިގެންދިޔަ ކެބިނެޓްގެ ދޮރާއެކު ދިއްލުނު އޮޓޮމެޓިކް ލެޑް ލައިޓްތަކުން އެހިސާބު އަލިވެލިއެވެ. އެކެބިނެޓުން އޭނާ ނެގީ އަތްމަތީ ސައިޒެއްގެ ތަރުމޯޒެކެވެ.
ތަރުމޯޒަށް ވާވަރަށް ކޮފީ ގިރުމުގެ މަސައްކަތުގައި ދެތިން މިނެޓު ހޭދަކޮށްލުމަށްފަހު ރާހިލް އެ ހިފައިގެން އެތަނުގައިހުރި ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭނާ އާއްމުކޮށް ދިރިއުޅޭތަނަކީ އެ ޕެންތްހައުސްގެ މަތީ ފަންގިފިލާއެވެ. ޖާގައިގެ ގޮތުން ތިރީ ފަންގިފިލައާއި އެއްވަރުވި ނަމަވެސް އެތަނުގައި ހަމައެކަނި ހުންނަނީ ޕެންތްހައުސްގެ މާސްޓަރ ބެޑްރޫމާއި ކުޑަ ސްޓަޑީއެއްގެ އިތުރުން ޓެރަހާއެކުލެވިފައިވާ ޕޫލް އޭރިޔާއެކެވެ. އެ ޓެރަހުގެ މައި ދޮރުފަތް ގުޅުވައިލެވިފައިވަނީ އެތަނުގެ މާސްޓަރ ބެޑްރޫމާއެވެ. އެއީ އެ ކޮޓަރީގެ އެއްފާރުގެ އެއްފަރާތުން އަނެއްފަރާތަށް ކަހައިލެވޭގޮތަށް ހުރި ބޮޑު ބިއްލޫރި ދޮރެކެވެ.
ކޮޓަރިއަށް ވަނުމާއެކު ރާހިލްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ހިސާބަކަށް ހުޅުވައިލެވިފައިހުރި ޓެރަހުގެ އެ ބިއްލޫރި ދޮރެވެ. އޭނާއަށް ދެން ބަލައިލެވުނީ ބިންމައްޗަށެވެ. ޓެރެހުގެ ދޮރުން ފެށިގެން ހުރަހަށް ވާގޮތަށް އައިސް ކޮޓަރީގެ މައި ދޮރާ ހިސާބަށް ހުރި ފެންގަނޑުތައް ފެނި ރާހިލްގެ މޫނުން ހިތްހަމަނުޖެހުން ފާޅުވިއެވެ. މިއަދުވެސް އޭނާ ނެތްވަގުތު ބަލައި އިޝްވާ ޕޫލަށް އެރެން ގޮސްފައި އެހެރީ އެ ކޮޓަރީގެ ތެރެއިންލައިފައެވެ. އެވަރަށް ކޮޓަރީގެ ބޭރުންލާފައި ޓެރަހަށް ނުކުމެވޭގޮތަށް ހުންނަ ދޮރު ބޭނުންކުރަން ބުންޏަސް އިޝްވާއަށް އެ އަޑު އިވޭކަމަކަށް ނުވެއެވެ. އިޝްވާގެ ކަންތައްތައް ހުންނަގޮތުން ކިތަންމެ ފަހަރަކު އެގެއިން ފޮނުވާލަންވެސް އޭނާގެ ހިތަށް އަރައެވެ. އެހެނަސް މީގެ އަހަރެއްހާ ދުވަސްކުރިން ނާޝިދުގެ މަޖިލިސް ގޮނޑި ގެއްލުމާއެކު ވާފިޔާއާއި ނާޝިދުވަނީ އަވަށްޓެރި ގައުމަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ވީއިރު އިޝްވާ އެކަނި ގޭގައި އުޅެންދާން ދޫކޮށްލުމަކީވެސް ރާހިލް ބޭނުންވާގޮތެއްނޫނެވެ. އެހެންކަމުން އިޝްވާއާ ދިމާލަށް އެއްޗެކޭ ބުނުމުގެ ހިޔާލު ދޫކޮށްލުމަށްފަހު އޭނާ އަމިއްލައަށް ކޮޓަރިތެރެ ސާފުކޮށްލިއެވެ. އަދި ފެންވަރައި ތާޒާވެލައިގެން އައިސް ލެޕްޓޮޕާއެކު އިށީނދެލީ އެނދުގެ ހުރަހަށް ވާގޮތަށް ކޮޓަރީގެ އަނެއްފަރާތުގައި ބަހައްޓައިފައިވާ ސޯފާ ގޮނޑިތަކުން ގޮނޑިއެއްގައެވެ. އެ ގޮނޑިތަކުގެ މެދަށްވާގޮތަށް ބަހައްޓައިފައިވާ ތިރި މޭޒުމަތީގައި އޮތް ނަންބަރު އައިނު ނަގައި ލޮލަށް ހެޔޮވަރުކޮށްލުމާ ލެޕްޓޮޕުން ފެންނަމުންދިޔަ ކުންފުންޏެއްގެ ހިސާބުތަކުގެ ތެރެއަށް އޭނާ ގެއްލުމާދެމެދު މިނެޓެއްހާއިރުވެސް ހޭދަނުވެއެވެ. އެ މަސައްކަތުގައި ދެތިން ގަޑިއިރު ވޭތުވެގެންދިޔަކަން އޭނާއަށް ރޭކައިލީ އަނގައިގައި ޖަހައިލި ތަރުމޯޒުން ކޮފީ ހުސްވެފައިވާކަން އެނގުމުންނެވެ. އެއާއެކު އޭނާގެ މަސައްކަތްވެސް މެދުކެނޑުމަކަށްއައެވެ. ކައިރީގައި އޮތް ފޯނުނަގައި ހުޅުވައިލީ އިޝްވާގެ ހަބަރެއް ބަލައިލުމުގެ މަގްސަދުގައެވެ. އެހެނަސް ފޯނުގެ ޑިސްޕްލޭގައިވާ ފޮޓޯ ފެނުނު ވަގުތު އޭނާ އެ ފޯނު ހުޅުވައިލި މަގްސަދުގެ މަތިން މުޅިން ހަނދާންނެތުނެވެ.
އާނއެކެވެ. އެއީ މިއަދާ ހަމައަށްވެސް މި ދުނިޔެމަތީގައި އޭނާގެ ހިތް ދެވުނު ހަމައެކަނި އިންސާނާގެ ފޮޓޮއެކެވެ. ފަހަތުން ނަގައިފައިވާ ފޮޓޮއެއްކަމުން އޭގައިވާ މީހެއްގެ މޫނު ފެންނާކަށް ނެތެވެ. ފޮޓޯގައި އެވަނީ ޝައިނާކަން އެނގޭނެ ހަމައެކަނި މީހަކަށް ހުންނާނީ ރާހިލްއެވެ. ޝައިނާގެ މޫނު ފެންނާނެހެން ކުރިން އެ ޑިސްޕްލޭއަށް ލައިފައިވާ ފޮޓޯ އޭނާ ބަދަލުކުރަން ޖެހުނީ ފޯނު ހުޅުވައިލާ ކޮންމެ ފަހަރަކު އޭނާއަށް ލިބޭ ވޭނަށް ކެތްނުވުމުންނެވެ. އެފޯނުގައިވާ ޝައިނާގެ އެއްވެސް ހަނދާނެއް ފޮހެލުމަށް މިއަދާ ހަމައަށްވެސް އޭނާވަނީ ނުކުޅެދިފައެވެ. ޝައިނާގެ ތަސްވީރެއް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތްވަރު އެލި ނަފްސުގެ ގައިބާރު ދޫވެގެންދާއިރު، އެ ރީތި ދެލޯ ފެނިލާ ކޮންމެ ފަހަރަކު ދުވަހުގެ ބާކީބައި އެ ހަނދާންތަކުގައި ހޭދަ ކުރަންވެއްޖެނަމަ އޭނާ އަދިވެސް ހުރީހީ މީގެ ފަސްއަހަރުކުރިން ޝައިނާ އޭނާ ބަހައްޓައިފައި ދިޔަ ހިސާބުގައެވެ. ދިރިއުޅުމާމެދު އުއްމީދު ކަނޑައިލަައިގެން ނުހުރެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޭނާ ކަނޑައެޅި އަޒުމު އޮންނާނީ ހުވަފެނެއްގެ ގޮތުގައެވެ. އެހެންކަމުން އޭނާގެ ކޮންމެ ދުވަހެއްގެ އެންމެ ބޮޑު އަމާޒަކަށްވަނީ ފޯނުގައިވާ ޝައިނާގެ އެއްވެސް ފޮޓޮއެއް ނުބަލައިހުރުމެވެ. އެގޮތުގައި މިއަދުގެ ސައުވީސްގަޑިއިރު ހަމަވެ އާދުވަހަކަށް މަރުހަބާކިޔުމަށް ގަޑީގެ ދެކަށި އެއްވަރުވާކަށް މިހާރު މާގިނައިރެއްނެތެވެ. ޝައިނާގެ މޫނު ދެކިލާހިތުން ކެތްމަދުވާން ފެށުމާއެކު ރާހިލްއަށް ދެން އިތުރަކަށް މަޑެއް ނުކުރެވުނެވެ. ފޯނުގައި ލޮކް ކޮށްފައިވާ ފޮޓޯ އަލްބަމެއް ހުޅުވައިލިއެވެ. އެންމެ ފުރަތަމައަށްވެސް ފެންނަންހުރި ޝައިނާގެ ފޮޓޯގައި އޭނާގެ ބޮޑުވައި އިނގިލި ބީއްސައިލެވުނީ އިޚްތިޔާރުން ބޭރުގައެވެ.
"އައި ޝުޑް ހޭވް ލިސަންޑް ޓު ޔޫ.. އެންޑް ރިއާން.. ތިކަހަލަ ސްޓަބަރން މީހެއްދެކެ ލޯބިނުވާށޭ ބުނިއިރު.. އެ ވާހަކަ އަޑު އެހުނުނަމަ" ރާހިލް ހިތިގޮތަކަށް ހިނިތުންވެލިއެވެ.
"އަދިވެސް އަހަރެންދެކެ ރުޅިއައިސްފަތަ؟ ބުނެބަލަ.. އަހަރެން.. އަހަރެން މޫވްއޮން ކުރަންވީތަ؟ ޝައި.. ޝައިނާއަށް ކެތްވާނެތަ؟" މޭޒުމަތީގައި ބަހައްޓައިލި ފޯނުގައިވާ ޝައިނާގެ ފޮޓޮއާ ރާހިލް ސުވާލުކުރިއެވެ.
"ހޭވް.. ހޭވް ޔޫ މޫވްޑް އޮން؟ އަހަރެން ގަބޫލެއް ނުކުރާނަން.. އައިމް ސްޓިލް ވެއިޓިންގް ފޯރ ދި ކޯރޓް ޗިޓް. އެ ނުލިބޭހާ ހިނދަކު.. ޝައިނާ އަހަރެންގެ މަތިން ހަނދާން ނައްތައިލިކަމަކަށް ގަބޫލެއް ނުކުރާނަން.." ރާހިލް ބުންޏެވެ. އެވާހަކަތައް ދައްކަމުންދިޔައިރު އިރުއިރުކޮޅާ ވާހަކަ ހުއްޓައިލާގޮތުން ހީވަނީ އެ ވާހަކަތަކަށް ރައްދުދޭނެ ފުރުސަތު ޝައިނާއަށް ދޭހެނެވެ. ބަލައިލައިފި މީހަކަށް އެ ހިމޭންކަމުގެ ތެރޭގައި އޭނާ ވާހަކަ ދައްކަމުން އެދަނީ ރޫހާނީ ބާރަކާއޭ ހީވާނެކަން ގައިމެވެ.
"އައި ނީޑް އަންސަރޒް ޑޭމް އިޓް!!! ކިހާ ދުވަހެއްވަންދެން އަހަރެންނަށް މި އަދަބު ދޭނަމޭ ހިތާ ތިއުޅެނީ؟ ކިތަށް އަހަރުތަ އަހަރެން ޝައިނާގެ އިންތިޒާރުގަ ހުންނަންވީ؟ ބުނެބަލަ!! މި ވޭނުގަ އަހަރެން މަރުވަންދެންތަ؟ އޭރުން ޝައިނާ ހިތްހަމަޖެހުމެއް ލިބޭނެތަ؟" ކުއްލިއަކަށް ރާހިލްގެ އަޑަށް ހަރުކަށިކަން ވެރިވިއެވެ.
"ޓެލް މީ.. އާރ ޔޫ ހެޕީ ވިތް މީ ޑައިންގް އިން ދިސް ޕެއިން؟ އާރ ޔޫ ސެޓިސްފައިޑް ވިތް ވަޓް ޔޫ ހޭވް ޑަން ޓު މީ؟ އަރ ޔޫ ރިއަލީ ދިސް ކްރޫލް؟ އާރ ޔޫ.." ރާހިލްގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ އޭނާގެ އަރު ބެދި އަޑު ކުރަކިވާން ފެށުމުންނެވެ. އެ ޝަކުވާތަށް ފެށިއިރު އެ އަޑުގައިވާ ހަރުކަށިކަން ފިލައިގޮސް އަޑަށް މަޑުމައިތިރިކަން ވެރިވެއްޖެއެވެ.
"އާރ ޔޫ ޑުއިންގް އޯކޭ؟ އާރ ޔޫ ހެޕީ.. މައި ލަވް؟ އަވަރ.. އަވަރ ބޭބީ..ޑިޑް ހީ.. ޑިޑް ޝީ.. އާސްކް އަބައުޓް މީ؟ ޑިޑް ވީ ގެޓް އަ ބޭބީ ގަރލް ވިތް ޔޯރ ބިއުޓިފުލް އައިޒް އެންޑް ހެއަރ؟ ޑިޑް ވީ ގެޓް އަ ބޯއީ ވިތް މައި ސްމައިލް ދެޓް ޔޫ ލަވް ސޯ މަޗް؟" ހިތްތަށް ކުދިކުދިވާނެހާ އަސަރަކާއެކު ރާހިލްގެ ސުވާލުތައް ޝައިނާގެ އެ ފޮޓޯގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ.
"ޑޯންޓް ބީ ޖެލަސް! އައި ޕްރޮމިސް އައި ޑޯންޓް ސްމައިލް ލައިކް ދެޓް އެނީމޯރ. އައި.. އައި ޖަސްޓް ކާންޓް.. އައި.. އައި މިސް ޔޫ ސޯމަޗް.. ޕްލީޒް.. ޕްލީޒް ދެން އާދޭ. ހެޔޮނުވާނެ. ޕްލީޒް…"
އެހިސާބަށް ވާހަކަ ކުރިއަށްދިޔައިރު ރާހިލްގެ އަޑު ތުރުތުރުލާން ފަށައިފިއެވެ. އޭނާ ގޮނޑީގެ ކުރިއަށް ޖެހިލައި ދެކަކުލުގައި އުޅަނބޮށި އަޅުވައިލަމުން ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލިއެވެ. އެގޮތުގައި އިނދެ އެންމެ އަޑެއްވެސް ލައްވައިލުމެއްނެތި އެތަށްހާސް ކަރުނައެއް ދެލޮލުން ހުސްކޮށްލުމަށްފަހު މޫނުފޮހެލައި ހަމަ އިސްކޮޅަށް ތެދުވެލިއިރު ދެލޯ ރަތްވެ ބޮލުގައިވަނީ އާދަޔާހިލާފު ރިހުމެއް އުފެދިފައެވެ. މޭޒުމަތީގައި އޮތް ފޯނަށް ބަލައިލެވުނު ނަމަވެސް ނިވިފައިވާ ސްކްރީން އަލުން ހުޅުވުމުގެ ބަދަލުގައި އޭނާ ގޮސް ފާހަނައަށްވަދެ މޫނުދޮވެލައިގެން ނުކުތެވެ. އަދި ކޮޓަރީގެ އަލި ފަނޑުކޮށްލުމަށްފަހު އެތަނުގައިވާ ކިންގް ސައިޒް އެނދުގެ މަޑު ތަންމައްޗަށް ހަށިގަނޑު ދޫކޮށްލިއެވެ.
މަސައްކަތުގައި ގިނައިރު އިނުމުގެ ސަބަބުން ލިބިފައިވާ ވަރުބަލިކަމާއި ބޮލުގައި އުފެދިފައިވާ ގަދަ ރިހުމަށް ލުޔެއް ހޯދުމަށްޓަކައި ނިދީގެ ތެރެއަށް ފީނައިގަތުމަށް އޭނާ ބޭނުންވިއެވެ. އެހެނަސް ކޮފީގެ އަސަރު ސިކުނޑިން ނުފިލައި ހުރުމުން އެއީ ފަސޭހަކަމަކަށް ނުވިއެވެ. އެންމެފަހުން އޭނާ ތެދުވެގެންގޮސް އަލަމާރީގެ ވަތްގަނޑެއް ދަމައިލުމަށްފަހު އޭގެން ނިދާބޭސް ކާޑެއް ނެގިއެވެ. އަދި އެކާޑުން ބޭސްގުޅައެއް ފިލުވައިލައި ފެންފޮދަކާއެކު ދިރުވައިލަމުން އަނެއްކާވެސް އެނދުގައި އޮށޯވެ ދެލޯ މަރައިލިއެވެ.
No comments yet
Be the first to share your thoughts about this episode!