Episode 64

ހިތް އެދޭހާ ކަމެއް.. (64 ވަނަބައި)

"މިފެންވަރުގެ ތަނެއް ނޫނަސް ރަނގަޅުވާނެ. އަހަރެންވެސް އުމުރުދުވަހު ރިއާންއަށް ބަރޯސާވެގެން އުޅޭކަން ނޫޅެމޭ. ބޭނުންވަނީ ވަރަށް އާދައިގެ ތަނެއް. ވަޒީފާގަ ހަމައަކަށް އެޅިލެވުނީމަ އަހަރެން އަމިއްލައަށްވެސް މެނޭޖްކޮށްލައިގެން އުޅެވޭނެވަރުގެ" ރާހިލް ބުންޏެވެ.

ރާހިލްގެ ހިޔާލަށް ތާއީދުކޮށް ރިއާން އެކަމާ އެއްބަސްވީ އެއީ ރާހިލްއަށްވެސް އެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް ލިބޭނެ ހިތްވަރަކަށްވާތީއެވެ.

****************

ދަންވަރުގެ ހިމޭންކަން ދުނިޔެއަށް މަރުހަބާ ކިޔަމުން ދިޔަވަގުތު އޭސީގެ އަރާމު ފިނީގައި އޮތްއިރުވެސް ޒީވާއަކަށް ހަމަހިލާ ނިދޭގޮތެއްނުވިއެވެ. ރާހިލްއާމެދު ފިކުރު ބޮޑުވެފައިވާ ވަރުން ނިދިވަނީ އޭނާގެ ލޮލާ ބީރައްޓެހި އެއްޗަކަށްވެފައެވެ. ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ނޭވާ ހާސްވަމުންދާހެން ހީވާންފެށުމާއެކު އޭނާގެ ގައިގައި ބައްދައިލައިގެން އޮތް ރިއާންގެ އަތް ދުރުކޮށްލުމަށްފަހު ޒީވާ އެނދުން ތެދުވިއެވެ. ލުއި ފިޔަވަޅުތަކެއްގައި ސިޓިންގްރޫމަށް ނުކުތީ މިހާރު ރާހިލްވެސް ނިދަން ވަދެފާނެކަމުގައި ޔަގީންކުރަމުންނެވެ. އެހެނަސް ހީކުރިގޮތާ ހިލާފަށް ސޯފާގައި އޮތް ރާހިލް ފެނުނު ވަގުތު ޒީވާއަށް ސިއްސައިގެންގޮސް ހަޅޭއްވެސް ލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. އަޑެއް ބޭރުވެދާނެ ކަމަށްޓަކައި އަނގަމަތީގައި އަތް އަޅައިލައިގެން މިނެޓެއްހާއިރު ރާހިލްގެ މިލައިފައިވާ މޫނަށް ބަލަން ހުރުމަށްފަހު ގޮސް ވަނީ އޭނާ ކުރިން އުޅުނު ކޮޓަރިއަށެވެ. އަދި އެ އެކޮޓަރީގެ އެނދުމަތީގައި އޮތް ރަޖާ ހިފައިގެން އައިސް ރާހިލްގެ ގައިމަތީގައި އަޅައިލައިދިނެވެ. ނިދާފައި އޮތް އިރުވެސް އެ މޫނުމަތިން ފެންނަމުންދިޔަ ހިތްދަތިކަމުގެ ސަބަބުން ޒީވާގެ ހިތުގައި ރިއްސައިލިއެވެ. ފަހަތައް ފިޔަވަޅެއް އަޅައިލި ވަގުތު އަނެއްކާވެސް ސިއްސައިގެންދިޔައީ އޭނާގެ ބުރަކަށި ކޮންމެވެސް މީހެއްގެ ގައިގައި ޖެހުމުންނެވެ. ހަޅޭއްލަވައިގަތުމަށް އަނގަ ހުޅުވައިލެވުނު ނަމަވެސް އެފަދަ ކަމަކަށް ވިސްނައިގެންހުރި ރިއާން އަވަސް އަވަހަށް ޒީވާގެ އަނގަމަތީގައި އަތްއަޅައިލަމުން ޒީވާ ދަމާފައިގޮސް ކޮޓަރިއަށް ވެއްދިއެވެ.

"ރިއާން! ސާބަހޭ ބިރުން ހަލާކުނުވީ ކިރިޔާއޭ. އަމިއްލަ ގޭގަ ވަގެއްހެން ތިއުޅެނީ ކިހިނެއްވެގެންތަ؟" އަނގަމަތީގައި އަޅައިފައި އޮތް ރިއާންގެ އަތް ދުރުކޮށްލަމުން ޒީވާ ބުންޏެވެ.

"ކޮބާ އަދިވެސް އަހަރެންނެއްނު މި ގޯސްވީ. ޒީވް އެނދުން ތެދުވިހެން ހީވެގެން ބަލައިލިއިރު ނެތީމަ ސްލީޕްވޯކް ކުރަނީހެން ހީވެގެން އަހަރެން ނުކުތީ!" ރިއާން އެނދުގައި އިށީންނަމުން ބުނެލިއެވެ.

"ސްލީޕްވޯކްއޭ.. އަހަރެން؟ އަހަރެން މިއީ ސްލީޕްވޯކް ކުރާ މީހެއް ނޫން" ޒީވާ ޔަގީންކަން ދިނެވެ.

"ތިކަމެއްވާ ނޭނގެ މިފަހަކަށް އައިސް ދެރޭ ގޮސް ފްރިޖް ކައިރި ނިދާފަ ހުއްޓާ މި ގެންނަނީ.. ނަސީބެއްނު އަހަރެންމީ ނިދި މަޑު މީހެއްކަންވެސް" ރިއާން ބުންޏެވެ.

"އަޅެ. ކުރިން އެހެނެއް ނުވޭ. އަހަރެންނެއް ނޫން އެއީ ރިއާން.. އެއީ ބޭބީ" ޒީވާ ދެރަވެލައިފައި އައިސް ރިއާންގާތު އިށީނެވެ.

"ދަރިފުޅު ހާދަ ހިނގާ ހިތުންނޭ ދޯ ތި އުޅެނީ. މަންމިއަށް ނިދާލަންވެސް ޗާންސްއެއް ނުދެމެއްނު" ރިއާން މަޑުމަޑުން ޒީވާގެ ބަނޑާ ދިމާލަށް ގުދުވެލަމުން ބުނެލި ގޮތުން ޒީވާއަށް ހަމަ ރަނގަޅަށްވެސް ހެވުނެވެ.

"ސާބަހޭ ރިއާންއަށް. މިއީ އަދި ބޭބީއަކަށްވެސް ނުވާ ބޭބީއެކޭ.. ރިއާން.. އަޑެއްވެސް ނީވޭނެއެއްނު؟ ރިއާންއަށް ޝައި ދިޔަތަނެއް ހަމަ ނޭނގޭތަ؟" ޒީވާ ވާހަކައިގެ ރާގު ބަދަލު ކޮށްލަމުން ްއަހައިލިއެވެ.

"އެނގޭނަމަ އަހަރެން ބޭބްގާތު ނުބުނެ ހުންނާނެތަ؟" ރިއާންވެސް ބަދަލުގައި ކޮށްލީ ސުވާލެކެވެ.

"ނޭނގޭނެއެއްނު.. ރިއާން އަހަރެންނަށް ދެން އެއްވެސް ކަމެއް ސިއްރުކޮށްފައެއް ނޯންނާނެ ދޯ.." ޒީވާ ރިއާންގެ ގައިގައި ބައްދައިލަމުން އެއްސެވެ. ނަމަވެސް އެ ސުވާލުން ރިއާންގެ މުޅި ހަށިގަނޑަށް ފިނިވެލިއެވެ. މަޑުމަޑުން ޒީވާ އެ ހަށިގަނޑާއި ދުރުކޮށްލިއިރު ރިއާންގެ ދެލޮލުގައިވަނީ ހާސްކަމެވެ.

"ޒީވް.. އަހަރެން ޒީވްއަށް ނާންގާ ވަރަށްބޮޑު ކަމެއް އެބައޮތް.." ރިއާން އިސްޖަހައިލަމުން ބުންޏެވެ. ޒީވާ މަޑުމަޑުން ރިއާންގެ އަތުގައި ހިފަހައްޓައިލީ ވާހަކައާއިގެން ކުރިއަށް ދިޔުމަށް އިޝާރާތް ކުރަމުންނެވެ. "ޒީވް އައި.. އައި ޔޫސްޑް ޓު ޑޫ ޑްރަގްސް. އައިމް ސޮރީ އައި ޑިޑްންޓް ޓެލް ޔޫ ބޭބް ބަޓް އައިމް ކްލީން އައި ޕްރޮމިސް އައި ހޭވް ބީން ކްލީން ފޯރ 7 އި–"

"އައި ނޯ ރިއާން.. އަހަރެންނަށް އެނގެޔޭ" ޒީވާގެ ޖުމްލައާއެކު ރިއާންއަށް ލިބުނު ހައިރާންކަމުގައި އިސް އުފުލައިލެވުނެވެ.

"އެނގެޔޭ؟ ޒީ..ޒީވްގާތު ބުނީ ކާކު؟" ރިއާންގެ ބުމަ ގޮށްޖެހުނެވެ.

"ރިއާން ހޮސްޕިޓަލުން ދޫކޮށްލި ދުވަހު.. މެޑިކަލް ޑޮކިއުމެންޓްސްތައް ލާން ވަތްގަނޑު ހުޅުވައިލިއިރު ފެނުނީ.. މެލޭއާއި ލަންޑަންގެ ރިހެބް ޑޮކިއުމެންޓްތައް.. ބަލާކަށް ނޫން ހުރީ އެކަމަކު.. ބެލުނީ.. ސޮރީ.." ޒީވާ ބުންޏެވެ. ޒީވާގެ އަތަށް އެބުނާ ވަތްގަނޑުގެ ތަޅުދަނޑި ދެވުނު ހަނދާންވުމާއެކު ރިއާންއަށް ދެލޯ މަރައިލަމުން ބޯ ޖަހައިލެވުނެވެ. އެ ވަތްގަނޑުގައި ރިހެބްގެ ލިޔެކިޔުންތައް ހުންނާނެކަން އޭނާގެ ހަނދާނުން ކައްސައިލީ ކިހިނެއްހެއްޔެވެ.

"އަހަރެންދެކެ ރުޅިއެއްނާދޭތަ؟" ރިއާންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.

"ދެރަވި.. ރިއާން އެކަން އަހަރެންނަށް ސިއްރުކުރިކަން އެނގުނީމަ.. އެކަމަކު އެއީ މާ ކުރީގެ ކަމެއްވީމަ އެވާހަކަ އަލުން ދެއްކުން މުހިއްމު ކަމަކަށް ނުވީ. ފަސްއަޅައި ވަޅުލައިފައިވާ މާޒީއެއް ކޮނުމުގެ ބޭނުމަކީ ކޮބާ؟ ޝީރީން މަންމަ ކިޔާދިން ވާހަކަތަކަށްފަހު އަހަރެންނަށް ކޮންމެވެސް ވަރަކަށް ވިސްނުނު ރިއާންގެ ހާލަތު. ޔޫ ވަރ ޖަސްޓް އަ ޗައިލްޑް ރިއާން.. އޮންލީ 14 އިޔަރޒް އޯލްޑް. އެންޑް އެކަހަލަ ސިޗުއޭޝަންއެއްގަ އަ ޗައިލްޑް ވުޑް އޯލްވޭޒް ފައިންޑް ދަ އީޒިއަސްޓް ކޯޕިންގް މެކޭނިޒްމް." ޒީވާގެ އަޑުގައިވަނީ އޯގާތެރިކަމެވެ.

"އެކަމަކު ޒީވް.. އަހަރެންނަކަށް އަދިވެސް އަމިއްލަ ނަފްސަކަށް މަޢާފެއް ނުކުރެވޭ. އެދުވަހު ޒީވް ރިޖެކްޓް ކުރަން ޖެހުނީވެސް އޭރު އަހަރެންނަށް ނަފްސުގެ މައްޗަށް އެއްވެސް އިތުބާރެއްނެތީމަ.. އައި ޑިޑްންޓް ވޯންޓް ޓު ހަރޓް ޔޫ.. ހިތަށްއަރާ އަހަރެންމީ ފިނޑިއެކޭ. އަހަރެންގެ ގާތުގަ ރާހިލްފަދަ ސްޓްރޯންގް ރައްޓެއްސެއް ހުރިއިރުވެސް އަހަރެންނަށް އެކަހަލަ މީހަކަށް ނުވެވުނު"

"ރިއާން.. ތިހެން ނުބުނޭ. ދޮންބެއާ ރިއާންގެ ހާލަތު ކިތަންމެ އެއްގޮތްހެން ހީވިޔަސް ދޮންބެގެ އުމުރުން ހަތަރު އަހަރާ ހިސާބުން އަހަރުމެންގެ މަންމަ އެ ދިރިއުޅުމާ ދުރަށް ދިޔައެއްނު. ދޮންބެގެ ސިކުނޑީގައި އޭރު އެއީ ފަނޑު ހަނދާންތަކެއް. އެކަމަކު އެއީ އޭރު ރިއާންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމެއްނު. ރިއަލިޓީއެއްނު. ރިއާންގެ އަތުގަ ފައިސާއާއި ވަގުތު ގިނަވެފަ އެ މާހައުލާ ދުރަށްދާން ބޭނުންވީމަ.. އަދި ދޮންބެގާތުގަ އަހަރުމެންގެ މަންމަ ހުރިގޮތަށް ރިއާންގާތު މަގު ދައްކައިދޭނެ މީހަކު ނެތީމަ ސޮސައިޓީގެ އިންފްލުއެންސްގަ ޖެހެވިދާނެ ކަމަށް އަހަރެން ގަބޫލު ކުރަމޭ.. ވަޓް މެޓަރޒް އިޒް އިޓްސް އޯލް އިން ދަ ޕާސްޓް.." ޒީވާގެ ވާހަކަތަކުން ރިއާންއަށް ހިތަށް ތަސައްލީއެއް ލިބުނެވެ. އޭނާ މަޑުމަޑުން ޒީވާ ގެނެސް މޭގެތެރޭގައި ފޮރުވައިލިއެވެ.

"އައިމް ސޯ ލަކީ.. ތިކަހަލަ ލޯބި އަންބަކު އަހަރެންގެ ތަގުދީރުގަ ލެއްވުނީ ކިހިނެއްބާއޭ ހިތަށް އަރާ" ރިއާންގެ މޫނުގައިވަނީ އުޖާލާކަމެވެ.

"ޔޫ މަސްޓް ހޭވް ޑަން ސަމްތިންގް ރައިޓް ދޯ" ޒީވާ މައުސޫމުކަމާއެކު ބުންޏެވެ.

"ތިއެއް ނޭނގެ. ކުރިން އަހަރެންނަށް ހެދުނު ރަނގަޅާއި ގޯސް ވަކިކުރާކަށް މިހާރު ބޭނުމެއްނޫން. އެނގޭހާވެސް އެއްޗަކީ މީގެ ފަހުން.. އައި ވިލް ޑޫ އެވްރީތިންގް ރައިޓް ފޯރ ޔޫ. ޒީވް ބޭނުން ކަމެއް އަހަރެން ގާތު ބުނޭ" ރިއާންގެ ހުށަހެޅުމާމެދު ޒީވާ ރަނގަަޅަށް ވިސްނައިލިއެވެ.

"ބޭނުން ކަމެއް ދޯ.. ރިއާން.. ދޮންބެއަށް ހެލްޕްވެދީ؟" ޒީވާ އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ބުނެލިއެވެ.

"ތިބުނީ؟" ޒީވާގެ ދެކޮނޑުގައި ހިފައި ގަޔާ ދުރުކޮށްލަމުން ރިއާން ޒީވާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. "އެކަމަކު ޒީވްއެއްނު ބުނީ އެއިން އެއްވެސް ކަމެއްގަ އަހަރެން ރާހިލްއަށް އެހީއެއް ވިއްޔާ"

"އެނގެޔޭ.. އަހަރެން ބުނީމޭ.. އެކަމަކު ރިއާންއަކަށް ނުފެނޭތަ؟ ދޮންބެއަކީ ކޮންމެ ކަމަކާ ކުރިމަތިވިޔަސް އަހަރުމެން އެންމެނަށްވުރެން ރަނގަޅަށް އެކަމަކާ ޑީލް ކުރި މީހެއް. ކިހާ ޕޮޒިޓިވް މައިންޑްސެޓެއް ގެންގުޅުނު ކިހާ ސްޓްރޯންގް މީހެއް.. އެކަމަކު މިއަދު ދޮންބެގެ ހާލަތު މުޅިން ތަފާތު. އެކަން ބަދަލުކުރަން އަހަރެން ބޭނުން" ޒީވާ ބުންޏެވެ.

"ހަމަ އަސްލުތަ؟ އަހަރެން.. އަހަރެން މާދަން ތިކަން ފަށާނަން. ރާހިލްއަށް އެހީ ނުވެވޭތީ އަހަރެންވެސް މި ހުންނަނީ ވަރަށް ގޮތްހުސްވެފަ. އައި ލަވް ޔޫ ސޯ މަޗް ބޭބީ. ތެންކްޔޫ ސޯ މަޗް!!" ރިއާން ލޯތްބާއެކު ޒީވާގެ އަތުގައި ބޮސްދެމުން ބުންޏެވެ. އޭނާ ކުރަން ބޭނުންވެފައި ހުރިކަމަކަށް ޒީވާގެ ހުއްދަ ލިބުނީތީ އެކަމާ އުފާކުރެވުނެވެ.

***************

"ކީއްވެ ވަޒީފާ ދޫކޮށްލަން ބޭނުންވަނީ؟ ރާހިލްގެ ކައިވެންޏަކީ އަދި ވަރަށް ފަހުން ކުރެވުނު ކައިވެންޏެއް. އާ ކައިވެންޏެއްގެ އަލަތު ލޯބި ރަނގަޅަށް ހާސިލްވެސް ނުކުރެވެންދެން އަނބިމީހާ ނިޔާވީމަ.. އަދި ސަފުން އެފަދަ ގޮތަކަށް ދުނިޔެ ދޫކުރީމަ އެކަމުން އަރައިގަތުމަކީ އެކަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެއޭ.. އެއީ ހަމަ ކޮންމެފަދަ މީހަކަށްވެސް ވަގުތު ބޭނުންވާނެ ކަމެއް.. ދުޢާއަކީ އެއްވެސް މީހަކު މިފަދަ ކަމަކާ ކުރިމަތިލާން ނުޖެހުން. ރާހިލް ބޭނުމިއްޔާ މި ދިޔަ އެއްމަސްދުވަހުގެ އިތުރަށްވެސް މަހެއްހާ ދުވަސް ދެވިދާނެ"

އޮފީހުގެ މީޓިންގްރޫމްގައި އިނދެ ރާހިލްއާ ދައްކަމުންދިޔަ ވާހަކަތަކުގެ ތެރެއިން ލީވާން ބުންޏެވެ. ރާހިލްއަށްވުރެން ހަ އަހަރު ދޮށި ކަމުގައިވިޔަސް ލީވާނަކީ ރާހިލް ވަޒީފާ އަދާކުރަމުންދާ "އޮޑިޓް އެންޑް އެޑްވައިޒަރީ" ފާމްގެ އިސްވެރިޔާއެވެ. މީގެ ފަސް އަހަރު ކުރިން ލީވާން ފެށި މަސައްކަތުން މިއަދު ވާދަވެރި އެހެން ފާމްތަކާ އެއްސަފަކަށް އެ ފާމްވެސް ޖެހިލައިފައިވާއިރު މިއަދު ލީވާނަކީ އޭނާ މަސައްކަތްކުރަމުންދާ ސިނާއަތުގައި މަޝްހޫރު މޫނެކެވެ.

"ގަބޫލުކުރަން ލީވާންއަށް ވަރަށް ރަނގަޅަށް މިކަން އަނޑަރސްޓޭންޑް ވާކަން.. އެކަމަކު މި ވަޒީފާގަހުރެ މުސާރަ ހިނގާއިރު އަހަރެންގެ އެއްވެސް އިންޕުޓެއް ނުލިބި.. އޮފީހަށްވެސް ނުނިކުމެވި ގިނަ ދުވަސްވާވަރަކަށް ލީވާނަށާއި ފާމަށްވެސް ލިބޭނީ ގެއްލުންތަކެއް" ރާހިލް އިސްޖަހައިލަމުން ބުންޏެވެ.

"އޮފީހަށް ނުކުތަސް ރާހިލްގެ ފަރާތުން މިވަގުތު އިންޕުޓެއް ލިބޭނެކަމަކަށް އަހަރެން އެކްސްޕެކްޓެއް ނުކުރަމޭ.. އެހެނޭ ކިޔާފަ ރާހިލް މި ކުންފުނީގަ ބެހެއްޓުމަކީ އަހަރެންނަށް ގެއްލުންވާނެ ކަމެއް ނޫން.. މިހާތަނަށް ރާހިލްގެ ފަރާތުން ތައާރަފްވި ފައިނޭންޝިއަލް މޮޑެލްތަކާމެދުވެސް ކްލަޔަންޓުން ތިބެނީ ވަރަށް ހިތްހަމަ ޖެހިފަ. މިދިޔަ ތިން ހަތަރު އަހަރުވެސް އަހަރުމެންނަށް ނުލިބޭފަދަ ބޮޑު ކުރިއެރުމެއް މިވަނީ ލިބިފަ. ރާހިލްއަކީ މި ފާމްއަށް ދުވަހަކުވެސް ލައިބިލިޓީއަކަށް ނުވާނެ." ލީވާންގެ ވާހަކަތަކުން ރާހިލްގެ ނިންމުންވެސް ބަދަލުވާން ފެށިއެވެ.

"ލީވާންއަށް ހީވޭތަ.. އަހަރެންނަށް މިކަން ވެދާނެހެން؟ މި ވަޅުގަނޑުން އަރައިގަނެވޭނެހެން؟" ރާހިލް އަހައިލިއެވެ.

"ހިތްވަރު ކުރިއްޔާ ހަންޑްރެޑް ޕަސެންޓް… ޔޫ ހޭވް އަ ބްރައިޓް ފިއުޗަރ ރާހިލް. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުމެއް ނުވަތަ ވެެއްޓޭ އަނދަވަޅެއްގެ ސަބަބުން ތި ޕޮޓެންޝިއަލް ގެއްލިގެންދާން ދޫކޮށްނުލާ.. ޔޯރ ސްކޯޕް އޮފް ނޮލެޖް އެންޑް އެކްސްޕީރިއަންސް އިޒް ގޯލްޑް ޓު މީ. ބަދަލުގަ އަހަރެން މިހިރީ ރާހިލް ބޭނުން ވަރަކަށް ފުރުސަތު ދޭން. ތިއީ ހަގީގަތުގަ ވަރަށް ލައިކެބަލް ޕަރސަނަލިޓީއެއްގެ މީހެެއް. ރަނގަޅު ޕަރފޯމަންސްއެއް ފެނިއްޖެއްނަމަ އަހަރެންނާއެކު މި ފާމްގެ ޕަރޓްނަރެއްގެ ގޮތުގަވެސް ރާހިލް ބަލައިގަންނަން އަހަރެން މިހިރީ ތައްޔާރަށް" ލީވާން ބުންޏެވެ.

ލީވާނާއެކު ކުރިއަށްދިޔަ ބައްދަލުވުންނިމި މަގުމައްޗަށް ނުކުމެލިއިރު ރާހިލްގެ ހިތުގައިވަނީ އާ އުއްމީދެއް އާވެފައެވެ. ދިރިއުޅުމަށްޓަކައި އޭނާއަށް އާ މަގްސަދެއް ފެނިއްޖެއެވެ. އޮފީހުގެ ބޭރުގައިހުރި ރިއާންގެ ސައިކަލަށް އަރައި ދުއްވައިލުމާއެކު އެ ޖެހުނު ވައިރޯޅީގައިވެސް އެހެން ދުވަސް ދުވަހާ ތަފާތުކަމެއް ހުރިހެން ރާހިލްއަށް ހީވިއެވެ. އޭނާގޮސް މަޑުކޮށްލީ ހެންވޭރުގެ ހަނި މަގެއްގައި ހުރި އާދައިގެ ފެންވަރަކަށް ހަދައިފައިވާ ފަސްބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. އަދި އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއަށް ސިޑިން އެރުމަށްފަހު އަތުގައި އޮތް ތަޅުދަނޑިން އެ ފަންގިފިލާގައިހުރި ހަމައެކަނި އެޕަރޓްމެންޓް ހުޅުވައިލިއެވެ.

އެއީ ރަނގަޅު ފެންވަރެއްގައި ހަދައިފައިހުރި އެއްކޮޓަރީގެ އެޕަރޓްމެންޓެކެވެ. ޖާގައިގެ ގޮތުން ރާހިލް މިހާތަނަށް އުޅެފައިވާ އެހެން ތަންތަނާ ބަލާފައި މާ ބޮޑަށްވެސް ކުޑައެވެ. ކައްކާ ތަންކޮޅަކާއެކު ހަދައިފައިވާ ސިޓިންގްރޫމް އެތަނުގައިހުރި 10 ފޫޓު 10 ފޫޓުގެ ކޮޓަރިއަށްވުރެވެސް ކުޑައެވެ. ރިއާންމެންގެ އެޕަރޓްމެންޓްގައި ދިރިއުޅެން ފެށިތާ ދެތިން ދުވަހުގެ ތެރޭގައި ރިއާން ހޯދައިދިން ތަންތަނުގެ ތެރެއިން އެއީ އެންމެ އާދައިގެ ފެންވަރެއްގައި ހުރިތަނެވެ. ރާހިލް އެތަނަށް ބަދަލުވުމާމެދު ރިއާންއާ ހިޔާލު ތަފާތުވުމެއް ހިނގި ނަމަވެސް އެއީ ރާހިލް އެންމެ ހިތްހަމަޖެހުނު ތަންކަމުގައި ވާތީ ރިއާން އެކަމާ އެއްބަސްވީއެވެ. އޭނާ އެތަނަށް ބަދަލުވިތާ ސައުވީސް ގަޑިއިރު ފުރިހަމަ ނުވާތީއާއެކު އަދި އެތަނުގައި މާ ގިނަ ފަރުނީޗަރުތަކެއްނެތެވެ. އެޕަރޓްމެންޓް ހިފިއިރުވެސް އެތަނުގައިހުރި ކިޗަން ކެބިނެޓްތަކާއި ކާމޭޒެއްގެ އިތުރުން ކޮޓަރީގައިހުރި ބަންކްބެޑް ފިޔަވައި އިތުރު އެއްޗެއް އެތާކު ނެތެވެ.

ރާހިލް އޭނާ ލައިގެން ހުރި ޓީޝާޓު ބާލައި އެނދުގެ މަތީ ފަޑިއަށް އެއްލުމަށްފަހު ބިންމަތީގައި އޮތް ހިމަ ދިގު ކަރުދާސްފޮށިގަނޑެއް ކަނޑައިލިއެވެ. އަދި އޭގައިހުރި އެކި ވަރުވަރަށް ކީހައިފައިވާ ލަކުޑި ފިލާތަށް އެއްކޮށްލައި އަލަމާރި ރޭވުމުގެ މަސައްކަތް ފެށިއެވެ. އެއީ އޭނާ އެފަދަ ކަމެއްކުރާ ފުރަތަމަ ފަހަރަށް ވާތީއާއެކު އެކަމުގައި ދަތިތަކެއް ހުއްޓަސް މެނުއަލްގެ އެހީގައި ގަޑިއެއްހާއިރުތެރޭ އަލަމާރި ކޮޅަށް ޖަހައިލެވޭ ވަރުވެއްޖެއެވެ. އޭރު މީހާ ހީވަނީ ދަލުން ފެންވަރައިލައިގެން ހުރިހެނެވެ. ފާއިތުވެދިޔަ މަހެއްހާ ދުވަސްތެރޭ އޭނާގެ ހަށިގަނޑާމެދު ފަރުވާކުޑަ ކުރެވި މީހާ ފުދޭވަރަކަށް އަނަރޫފަ ވެފައިވުމުގެ ސަބަބުން ލައިގެންހުރި ޖީންސް ހީވަނީ ދެންމެ ދެންމެ އުނަގަނޑުން ތިރިއަށް ސޮއްސައިލައިފާނެހެނެވެ. ރާހިލް އެ ޖީންސް މައްޗަށް އަރުވައިލުމަށްފަހު ހަމަ އިސްކޮޅަށް ހިންދެމިލި ތަނާހެން އެނދުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އަތުގައި އޮތް ބުރުމާ އަލަމާރީގެ ވަތްގަނޑެއް މަތީގައި ބާއްވައިލަމުން އޭނާގޮސް އެ ފޯނަށް ޖަވާބު ދިނެވެ.

"ހަލޯ" ރިއާންގެ ކޯލަށް ޖަވާބުދެމުން ރާހިލް ބުންޏެވެ. ރިއާން އެދުނީ އޭނާއާ ބައްދަލު ކުރުމަށް ރާހިލް އެ އޮފީހަށް އައިސް ދިނުމަށެވެ. މާ މުހިއްމު ވާހަކައެއް ދައްކަން އޮތިއްޔޯލައެވެ.

"އަލަމާރި ރޭވީ މިއީ.. މަޑުކޮށްލާ ދޮރުފަތް ހަރުކޮށްލާފަ ދެން ދެވޭނީ" ރާހިލް ފަރުވާކުޑަ ރާގެއްގައި ބުންޏެވެ. މިއަދުވެސް ރިއާން އެ އުޅެނީ އޭނާ ގެންގޮސްގެން ކޮންމެވެސް ނަސޭހަތެއްދޭށޭ ރާހިލްގެ ހިތަށް އެރިއެވެ.

"ރާހިލް. ތިޔަށްވުރެން މުހިއްމު ކަމެއްގައޭ މި ގުޅީ.. ޝައިނާއާ ގުޅޭ ކަމެއް" ރިއާން ބުންޏެވެ. އެއާއެކު ރާހިލްގެ ހަރަކާތްތައް ގަނޑުވިއެވެ.

"ހަލޯ.. ރާހިލް!! ރާހިލް!!" ރާހިލްގެ ފަރާތުން ރައްދެއް ނުލިބި ގިނައިރު ވާން ފެށުމުން ރިއާން ގޮވައިލިއެވެ.

"ޔެސް.. ޔެސް އައި ވިލް ބީ ދެއަރ އިން ފައިވް" އެނދުގެ މަތީ ފަޑިއަށް އެއްލި ޓީޝާޓުނަގައި ބޮލަށް މަހައިލަމުން ރާހިލް އެޕަރޓްމެންޓުން ނުކުތުމަށް ހިނގައިގަތެވެ. ސައިކަލަށް އަރައި މުއްގަނޑަށް ފެލައިލެވުނުއިރު އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ބަރާބަރު ހައެއްކަ މިނަޓު ހިނގައިދިޔައިރު އޭނާ ހުރީ އާރް.އެލް އިމާރާތުގެ ރިއާންގެ ކެބިން ހުންނަ ފަންގިފިލާގައެވެ.

"ސަރ އިޒް ވެއިޓި–" ރިއާންގެ ކެބިންއިން ނުކުތް ނީމްގެ ވާހަކައަށް ސަމާލުކަން ދިނުމެއްނެތި ރާހިލް ދުރު ފިޔަވަޅުތަކެއްގައިގޮސް އެ ކެބިނަށް ވަނެވެ. ރިއާންއާއެކު ކެބިންގެ ސޯފާގައި އިށީނދެ އިން މެދުއުމުރުގެ ފިރިހެނާ ފެނުމާއެކު ރާހިލްގެ ނިތައް ރޫތައް ޖަމާވިއެވެ.

"މިއޮއް އައީނު. ރާހިލް އައިސްބަލަ އައިސްބަލަ. މިތާ ޖައްސާލަބަ" ރިއާން އެތަނުގައި ވަކިން ހުރި ސޯފާ ގޮނޑިއަށް އިޝާރާތްކޮށް ބުންޏެވެ.

"އައްސަލާމް އަލައިކުމް އަޅުގަނޑަކީ އަމްޖަދު" ރާހިލް އެ ގޮނޑީގައި އިށީނުމާއެކު އެމީހާ ސަލާމުގެ އަތެއް ދިއްކޮށްލިއެވެ.

"އަދި ނޭނގުނު" ރާހިލް އެމީހާގެ މޫނު ހަނދާންކުރަން އުޅޭފަދައަކުން ބުންޏެވެ.

"ހިއެއްނުވޭ ކުރިން ދިމާވިހެނެއް. އަޅުގަނޑަކީ މިސް މަރިޔަމް ޝައިނާގެ ކޭސްގަ ރިއާން ހަޔަރ ކުރި ޕްރައިވެޓް އިންވެސްޓިގޭޓަރ.."

އެމީހާގެ ވާހަކަ އިވުމާއެކު ރާހިލްއަށް ލިބުނު ސިހުމުގައި އެތަނުގައި އިން ރިއާންއަށް ބަލައިލެވުނެވެ. ރިއާން އެވަރުކަމެއް ކުރީ އޭނާއަށް އަންގައިވެސް ލުމެއްނެތިއެވެ. ނަމަވެސް ރާހިލް ހިތާހިތުން އެކަމަށްޓަކައި ރިއާންއަށް ޝުކުރުވެރިވިއެވެ.

"ޝައިނާއަކީ އަޅުގަނޑުގެ ވައިފް." ރާހިލް ބުންޏެވެ. އެއާއެކު އަމްޖަދު ބޯ ޖަހައިލަމުން އޭނާ ފެށި މަސައްކަތް ގޮސްފައިވާ ހިސާބު ރާހިލްއަށް ކިޔައިދޭންފެށިއެވެ.

"އެހެންވީމާ އަޅުގަނޑު ކުރިއަށް ދާނަން.. މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެއްމަސްދުވަސްކުރިން ޝައިނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައި. އޭގެ ދެދުވަސްކުރިން ޝައިނާގެ ސައިކަލުވެސް ވަނީ އެހެން ފަރާތެއްގެ ނަމަށް ރެޖިސްޓަރ ކުރެވިފަ. ބޮޑަށް ބެލެވެނީ ވިޔަފާރީގެ މުޢާމަލާތެއްގޮތަށް. ދެން މިހިރީ މި މަހެއްހާ ދުވަހުގެ އެއަރޕޯޓުގެ ޑިޕަރޗަރ އެންޑް އެރައިވަލްއާ ގުޅޭ ރިޕޯޓުތަކެއް. ޝައިނާ ލަންކާއަށް ދިޔައީ ރިޓަރން ޓިކެޓެއްގަ. މި ރިޕޯޓުތަކުން ދައްކާގޮތުގައި ފުރައިގެން ދިޔަތާ އަށް ދުވަސްތެރޭގަ އަލުން ރާއްޖެއައިސްފައިވޭ. ހަމަ އެދުވަހު ޝައިނާ ވަނީ މާފުށީ ޖަލަށް ޒިޔާރަތްކޮށް އެތަނުގައި އުޅޭ އުމުރުން 46 އަހަރުގެ ގައިދީއަކާ ބައްދަލުކޮށްފަ. މި މީހާއަކީ އަންހެނެއް.. އަދި އެއީ.."

"..އެއީ ޝައިނާގެ މަންމަ" އަމްޖަދުގެ ވާހަކަ ރާހިލް ފުރިހަމަ ކޮށްދިނެވެ. ރިއާންއަށް ލިބުނީ ހައިރާންކަމެކެވެ. ޝައިނާގެ މަންމަ އިނީ ޖަލުގައިކަމެއް އޭނާއަކަށް މީގެ ކުރިއަކުން އެނގިފައެއް ނެތެވެ. "ތިއީ މުހިއްމު ވާހަކައެއްނޫން. އެ ވާނީ ހަމަ މަންމަގާތަށް ގޮސްލީ ކަމަށް" ރާހިލް ބުންޏެވެ. އަމްޖަދު އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ހަމަ އެރޭ މާލެ އައުމަށްފަހު ބޭންކް އޮފް މޯލްޑިވްސްގެ ޝައިނާގެ ނަންމަތީގައިވާ އެކައުންޓުން ވަނީ ބޮޑު އަދަދެއްގެ ވިތްޑްރޮވަލްއެއް ކޮށްފަ. ބާޒާރު އޭ.ޓީ.އެމް މެދުވެރިކޮށް ޖެހިޖެހިގެން ދެދުވަހު އެކައުންޓުން ފައިސާ ނަގައިފައިވޭ. ދުވާލަކު ތިރީސްހާސް ރުފިޔާގެ ރޭޓުން ފަސްދޮޅަސްހާސް ރުފިޔާ. އެއަށްފަހު ފާއިތުވެ މި ދިޔަ ތިންހަފްތާގެ ތެރޭގައި އެއްވެސް ބޭންކަކުންވެސް އަދި އިދާރާއަކުންވެސް ޝައިނާގެ ނަމުގައި އެއްވެސް މުއާމަލާތެއް ހިނގައިފައެއް ނުވޭ. ޝިމާން މޫސާގެ ނަމުގައިވެސް އެއްވެސް މުއާމަލާތެއް ކުރެވިފައެއް ނުވޭ" އެމީހާ މޭޒުމަތީގައިހުރި ގަނޑުތަކުން ފަހަރަކު ގަނޑެއް ދައްކައި ރާހިލްއަށް ތަފްސީލު ކިޔައިދެމުން ދިޔައެވެ.

"ތިބުނީ.. ތިބުނީ ޝައިނާ މިހާރު ހުރީ މާލޭގައޭތަ؟" ރާހިލްގެ އަޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ.

"ޔަގީންކަމެއް ނުދެވޭނެ. އެކަމަކު މި ތިންހަފްތާގެ ތެރޭގައި އެއަރޕޯޓުގެ އެއްވެސް ރިޕޯޓަކުން ޝައިނާއެއް ނުދައްކާ. އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއްވެސް ފްލައިޓަކުން ދަތުރުކޮށްފައެއް ނުވޭ. ސީޕްލޭންތަކުގެ ރިކޯޑަކުންވެސް ނުދައްކާ. އަދި ރެޖިސްޓަރޑް އެއްވެސް ހޮޓެލްއެއް.. ރިސޯޓެއް.. ނުވަތަ ގެސްޓްހައުސަކަށްވެސް ޗެކް-އިން ވެފައެއް ނުވޭ. އެކަމަކު ކަނޑު ދަތުރުކުރާ އުޅަނދެއްގަ އަތޮޅުތެރެއަށް ނުދެވޭނެއެކޭ ނުބުނެވޭނެ. އެކަހަލަ ކަންކަމުގަ އަހަރުމެންނަށް ހޯދޭނެ ރިކޯޑެއް ނޯންނާނެ" އެމީހާ ބުންޏެވެ.

"ދެން އިތުރު ގޮތެއް ނެތްތަ؟" ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކުފަދައިން ރާހިލް ގޮނޑީގައި ލެގިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އެބަ އޮތްގޮތެއް! ފުލުހުންނަށް މައްސަލަ ހުށަހެޅިދާނެ. ހަގީގަތުގައި މިހާ ނުރަސްމީ އިންވެސްޓިގޭޝަނަކަށް އެއަރޕޯޓުންނާއި ބޭންކްތަކުގެ ރިކޯޑް ހޯދުމަކީވެސް ފަސޭހަކަމެއްނޫން. ރިއާންގެ ނުފޫޒުން އެތެރޭގެ ފަރާތެއް މެދުވެރިކޮށް މި ތަކެތި ހޯދައިގެން މިހާ ހިސާބަށްވެސް މި ތަހުގީގު މި ގެންދެވުނީ.. ދެން އޮތީ ފުލުހުން މެދުވެރިކޮށް ނުވަތަ ކޯޓުގެ އަމުރަކާއެކު ސީ.ސީ.ޓީ.ވީ ތައް ބެލުން. އެކަމަކު އެގޮތަށް މާލެ އެއްކޮށް ކަވަރ ކުރުމަކީވެސް އެއީ ފަސޭހަކަމެއްނޫން" އެމީހާ އެ ވާހަކަތައް ދައްކަމުންދިޔައިރު ރާހިލްގެ ސަމާލުކަން ހުއްޓިފައިވީ އެ ރިކޯޑް ތަކާއެކު މޭޒުމަތީގައި ބާއްވައިފައި އޮތް ޝައިނާގެ ފޮޓޯ ގަނޑަށެވެ. ބޭ އިޚްތިޔާރުގައި އޭނާއަށް އެ ފޮޓޯގައި އިނގިލިތަކުގެ ކުރި ބީއްސައިލެވުނެވެ.

"ޝީ އިޒް އަ ވެރީ ބިއުޓިފުލް ވުމަން" ކުއްލިއަކަށް އަމްޖަދުގެ އަޑު ކަންފަތުގައި ޖެހުމާއެކު ރާހިލް އިސްއުފުލައި ބަލައިލިއެވެ. އޭރު އަމްޖަދުވެސް އިނީ ހިނިތުންވުމަކާއެކު ޝައިނާގެ ފޮޓޮއަށް ބަލަހައްޓައިގެނެވެ. ރާހިލްގެ ހިތް ގޯސް ގޮތަކަށް ތެޅިލިއެވެ. "އަދި މި ކުރެވުނީ އެންމެ ދެތިން ދުވަހުގެ މަސައްކަތް.. ހަމަ ކުޑަ ދުވަސްކޮޅެއްގެ މަސައްކަތުން އިރާދަ ކުރެއްވިއްޔާ ޝައިނާ ހޯދަ–"

"ނޫނޭ.. ތިހާ ހިސާބަށް ކަންތައްތައް ގެންދާނެ ކަމެއް ނެތް.. ތިއީ ޝައިނާ ބޭނުންވާނެ ގޮތެއް ނޫން. އަމްޖަދަށް ވަރަށްބޮޑަށް ޝުކުރިއްޔާ މިހާތަނަށް ތި ކޮށްދިން ފުރިހަމަ މަސައްކަތައް.. އެކަމަކު އިތުރަށް ޝައިނާއަށް ފާރަލާކަށް އަހަރެން ބޭނުމެއްނޫން" ރާހިލް ބުންޏެވެ.

ކުއްލިއަކަށް ރާހިލްއަށް އެ އައި ބަދަލާމެދު ވިސްނައިލަން ނޭނގިފައި އިން އަމްޖަދު އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ރިއާންއަށް ބަލައިލިއެވެ.

"އެހެންވިއްޔާ އަޅުގަނޑު މިވަގުތައް ގޮސްލަނީ.. އިތުރު ކަމެއް އޮތިއްޔާ އަޅުގަނޑަށް އަންގާލާ" ރިއާންއާ ސަލާން ކޮށްލުމަށްފަހު އަމްޖަދު އޭނާ ގެންގުޅުނު ފައިލް ހިފައިގެން ކެބިންއިން ނުކުތެވެ.

"ތީ ކޮންކަމެއް؟" އަމްޖަދު ދިޔުމާއެކު ރިއާން ހިތްހަމަނުޖެހިފައި ރާހިލްގާތު އަހައިލިއެވެ.

"ރިއާންއަކަށް ނުވިސްނޭތަ؟ ޝައިނާ ބޭނުމެއް ނުވެޔޭ އަހަރެން އޭނަ ހޯދާކަށް" ރާހިލް ބުންޏެވެ.

"އަހަރުމެންނަށް ޝައިނާ ހޯދިދާނެޔޭ.. ރާހިލް ބޭނުމިއްޔާ އަހަރެން އެ ފޫޓެޖްތައް–"

"ތިކަމާމެދު އޮތީ ކޮން ޔަގީންކަމެއް ރިއާން… ޝައިނާ ކުރި ކޮންމެ ކަމެއްވެސް ކޮށްފަ އެހެރީ ވަރަށް ވިސްނައިގެން. އަހަރެން ޝައިނާ ހޯދަން އުޅޭނެކަން އެނގޭތީ އެހާ ފަރުވާ ބަހައްޓައިގެން އެކަންތައް ކޮށްފަ އެހެރީ.. މީގެ މާނައަކީ ކޮބާތަ؟ ޝައިނާ ބޭނުން ނުވަނީއޭ އެއްނު އަހަރެންނަށް އެ ފުރުސަތު ދޭން" ރާހިލް ބުންޏެވެ.

"މިހާ ދުރަށް އާދެވިފަ ތިއްބާ ރާހިލް ދެން މި މަސައްކަތް ހުއްޓާލާނީތަ؟" ރިއާންގެ ސުވާލަށް ރާހިލް ބޯ ޖަހައިލިއެވެ.

"ހްމްމް. މިހާތަނަށް.. އަހަރެންނަށް އެންގުމަކާ ނުލައިވިޔަސް ރިއާން ތި ކޮށްދިން ކަންތަކަށް އަހަރެން ވަރަށްބޮޑަށް ޝުކުރުވެރިވަން.. އެ މަސައްކަތުން އަހަރެންނަށް ޝައިނާ ހުރީ ރާއްޖޭގަކަން ޔަގީންކުރެވިއްޖެ.. ޝައިނާއާ އެއްފަސްގަނޑެއްގަ އަހަރެންނަށް ހުރެވޭކަން އެއީވެސް އަހަރެންނަށް ލިބޭ ހާދަ ބޮޑު ހިތްހަމަޖެހުމެކޭ. ޔަގީން ނުވާ ކަމެއްގަ މީހަކު ފޮނުވައިގެން ޝައިނާ އުޅޭ ނޫޅޭގޮތް ބަލައި ނުގަވައިދުން މުއައްސަސާތަކުން ކޮންފިޑެންޝަލް މައުލޫމާތު ހޯދައިގެން ޝައިނާ ކުރާހާ ކަމެއް ބަލައި ފާރަލާކަށް އަހަރެން ބޭނުމެއްނޫން. އެފަދަ ކަމެއްގެ ހިލަންވެގެން ޝައިނާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭކަށްވެސް ބޭނުމެއްނޫން.. އައި ކާންޓް ޓްރަސްޓް އެނީވަން ވިތް ދިސް އެންޑް އައި ވޯންޓް ހަރ ޓު ބީ ސޭފް. ފޯރ ނައު ޝީ އިޒް ސްޓޭބަލް.. ފައިނޭންޝަލީ އިވަން. ޝައިނާގެ މަޢާފު އަހަރެންނަށް ނުލިބުނަސް ޝައިނާ ހެޔޮހާލުގައި ހުރިއްޔާ އަހަރެންނަށް ދިރިހުރެވޭނެ. ޝިމާން ހުރިއްޔާ ޝައިނާ އެކަންޏެއް ނުވާނެ. ވަގުތު ޖެހުނީމަ އަހަރެންނާ ޝައިނާ ބައްދަލުވާނެ" ރާހިލް ބުންޏެވެ.

"އަހަރެންގާތުން އެހީއަށް އެދިފަ އެންމެ ފަހު ވަގުތު ރާހިލް ތިހެން ބުނާނެކަމަކަށް އެކްސްޕެކްޓެއް ނުކުރަން"

"ޝައިނާ ހޯދަން އަހަރެންވެސް ބޭނުމޭ ރިއާން. އެކަމަކު ޝައިނާގެ ގޮތް އަހަރެންނަށްވުރެން ބޮޑަށް ރިއާންއަކަށް ނޭނގޭނެ. ޝައިނާ ބޭނުން ނުވާކަމެއް ޝައިނާ ލައްވައި ކުރުވަން އުޅެންޏާ އަހަރެންނަށް ޝައިނާ މުޅި އުމުރަށްވެސް ގެއްލުމުގެ ފުރުސަތު އެބައޮތް. އަދި އެވެސް ޝައިނާ އަހަރެންދެކެ އެހާ ރުޅިއައިސް ފޫހިވެފަ ހުއްޓާ.. އަހަރުމެންގެ މަސައްކަތް އަދި ކާމިޔާބުވިޔަސް އިފް އައި ފައިންޑް ހަރ ނައު.. ޝީ ވޯންޓް ހެސިޓޭޓް ޓު ލީވް މީ.." ރާހިލްއަށް އެކި ފަހަރު އެކިގޮތަށް ވިސްނެމުންދިޔައެވެ. އެންމެފަހުން ރިއާން އެކަމާމެދު ދެބަސްވާން ނޫޅެ އިންތަނުން ތެދުވެގެން ގޮސް އޮފީސް މޭޒާ ދިމާލަށް ހިނގައިގަތެވެ.

"ފެށުނީއްސުރެން ތިއީ އެއްވަރުގެ ބޯހަރު ދެމީހުން.. އަހަރެން ދެން ނެތިން ތިކަމާ ގުޅުވާ އެއްޗެކޭ ބުނާކަށް.. މިއަދު އޮފީހަށް ކޮންމެހެން މި އައީވެސް މިކަމެއްގަ. ދެން މިދަނީ ދާން. ރާހިލް ދަމުން ނީމް އަތުގަ ހުރި ފޮށިގަނޑު ހިފައިގެން ދައްޗޭ. ޝައިނާގެ ވަރކްސްޓޭޝަން ހުސްކުރި ދުވަހު ނެގި ހުރިހާ ސާމާނެއް ހުންނާނެ އޭގަ" މޭޒުމަތިން ނެގި ފޯނާއި ވޮލެޓު ޖީބަށްލަމުން ރިއާން ބުންޏެވެ.

"ދަނީތަ؟ އަދި މެންދުރު ދޭއްނު އެޖެހީ.. މިއަދު މީ އަންގާރައޭ" ރާހިލް ހަނދާން ކޮށްދިނީ އެދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއްކަމެވެ.

"ކޮންމެ ކޮންމެ އަންގާރައެއް ނޫނޭ.. އިޓްސް މައި ބަރތްޑޭ އެންޑް އަންލައިކް ޔޫ.. އައި ހޭވް އަ ވައިފް ވެއިޓިންގް ފޯރ މީ" ރިއާން ދޮރުން ނުކުތުމުގެ ކުރިން ރާހިލްއަށް މަލާމާތުގެ ބަހެއް ރައްދުކޮށްލިއެވެ. ބަދަލުގައި ރާހިލް މޭޒުމަތިން ގަލަމެއްނަގައި ރިއާންއާ ދިމާލަށް އެއްލި ނަމަވެސް އެއަށްވުރެން ކުރިން ރިއާން ކެބިންއިން ނުކުތުމުން އެ ގަލަން ޖެހުނީ ދޮރުފަތުގައެވެ.

ރާހިލް ޗޮކެއް ކަނޑައިލަމުން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެއްކަމަކު ރިއާންއަށްޓަކައި އޭނާ އުފާކުރިއެވެ. މީގެ ކުރިން ރިއާންއަކީ އަމިއްލަ އުފަންދުވަސް ފާހަގަކުރުމަށް އެއްވެސް ޝައުގެއް ހުންނަ މީހެއްނޫނެވެ. އުފަންދުވަހުގައި ރިޔާޒާއި ޒަރީނާގެ ފަރާތުން އަދި ޒަރީނާ ނިޔާވުމަށްފަހު ޝީރީންގެ ފަރާތުން ދޭ އަގުބޮޑު ހަދިޔާތައްވެސް ގިނަ ފަހަރަށް ދޭނީ އޭނާއަށެވެ. އަގުބޮޑު އަތުކުރީ ގަޑިއެއް ފިޔަވައެވެ. އެއީ ރިއާން ކުރިއްސުރެންވެސް މާ ފޯރި ހުންނަ އެއްޗެކެވެ. އެހެނަސް އެދުވަސްތައްވެސް މިހާރު މާޒީއާ އެކުވެ ދިޔައީތާއެވެ. އަމިއްލަ އުފަންދުވަހަކީ މިހާރު ރިއާންއަށްވެސް ހާއްސަ ދުވަހަކަށް ވެއްޖެތާއެވެ. ޒީވާގެ ފަރާތުން ރިއާންގެ ހަޔާތަށް އުފާވެރި ހެޔޮ ބަދަލުތަކެއް އައީތީ ރާހިލް އެކަމާމެދު ހިތްހަމަޖެހުނެވެ. މާގިނައިރު އެ ފަޅު ކެބިންގައި އިންނަން ނަހަދައި އޭނާވެސް ނުކުތީ ބޭރަށެވެ. އަދި އެތަނުގައި އިން ނީމްގެ އަތުން ރިއާން އެބުނާ ފޮށިގަނޑެއް ހޯދިއެވެ.

"އަސްލު ޝައި ރެޒިގްނޭޝަން ލީމަވެސް އެކަކުވެސް ހިއެއް ނުކުރޭ ޝައި ވީތަނެއް ނޭނގި ގެއްލިދާނެކަމަކަށް. އެނގޭ ބޮސްއަށްވެސް ލިބުނީ ޝޮކެއްކަން. އަހަރެންގާތުވެސް އެހި ޝައި ވީތަނެއް އެނގޭހޭ"

އެތަނުގައިހުރި މޭޒުގެ ދަށުން ނެގި އޭ-4 ސައިޒް ގަނޑުގެ ރީމް ހުސްކުރި ފޮއްޓެއް ނަގައި ރާހިލްއަށް ދިއްކޮށްލަމުން ނީމް ބުންޏެވެ. ރާހިލް އެވާހަކަތަކަށް ރައްދު ދިނުމުގެ ބަދަލުގައި އެ ފޮށިގަނޑުގެ ތެރެއަށް ނަޒަރު ހުއްޓައިލައިގެން ހުއްޓެވެ.

"ޝިމާންއާ ތި ހަވާލު ކުރެވޭނެ ކަމަށް އަހަރެން ތިޔާ ހަވާލުވީ.. އެކަމަކު ޝިމާންވެސް–"

"އޯކޭ ނީމް. ދެން ދަނީއޭ. ތޭންކްސް އަ ލޮޓް"

ނީމްގެ ވާހަކަ އަޑުއެހުމުގެ މާބޮޑު ޝައުގެއްނެތި ރާހިލް ފޮށި ހިފައިގެން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ރާހިލްގެ ފަރާތުން އެހެންޏާ ނުފެންނަފަދަ ރުންކުރުކަމެއް ފެނުނީތީ ނީމް ފާޑަކަށް ތުން އަނބުރައިލުމަށްފަހު އޭނާ ކުރަންއިން މަސައްކަތަށް ރުޖޫއަވިއެވެ.

ގެއަށް ދިޔުމަށްފަހު ރާހިލް އެންމެ ފުރަތަމަވެސް އަވަސްވެގަތީ އަތުގައިހުރި ފޮށިގަނޑު ހުސްކުރުމަށެވެ. ބިންމަތީގައި އެ ފޮށިގަނޑު ބަހައްޓައިލުމަށްފަހު އޭގެން ފަހަރަކު އެއްޗެއްނަގައި ބަަލައިލުމަށްފަހު ކައިރީގައި ބާއްވައެވެ. އޭގެތެރޭގައި ގިނައިން ހުރީ ތަފާތު ވައްތަރުގެ ފޮތް ފަންސޫރުތަކުގެ އިތުރުން އަތަރާއި ސެންޓު އަދި މޭޒުމަތި ފަޅުފިލުވަން ބަހައްޓާ ކަހަލަ އެކި ސާމާނެވެ.

ރާހިލް އިތުރަށް އެ ފޮށިގަނޑު ހާވައިލުމާއެކު ރީނދޫކުލައިގެ އެއްޗެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ރަނގަޅަށް ނަގައި ބަލައިލިއިރު އެއީ ރީނދޫ ކުލައިގެ ރަބަރު އަސްދޫންޏެކެވެ. ކުޑަކުދިން ކުޅެން ގެންގުޅޭ ޒާތުގެ އެ ރަބަރު އަސްދޫންޔަކީ އޭނާ ޝައިނާއަށް ކޮންމެ ދުވަހަކު ފޮނުވަމުންދިޔަ ގުލްދަސްތާ ތަކާއެކު ހަދިޔާކުރެވުނު ދޫނިތަކުގެ ތެރެއިން ދޫންޏެއްކަން ރާހިލްއަށް ނަގައިގަނެވުނެވެ. އެ ދުވަސްތައް ހަނދާންވުމާއެކު އަނެއްކާވެސް ނަފްސު ޖަޒްބާތުގައި ޖެހި އޮޔާދާން އުޅޭ ކަމުގެ އިހުސާސެއް ރާހިލްއަށް ކުރެވުނެވެ. ކަރުނަތައް ހިފެހެއްޓުމަށްޓަކައި ކޮލުގެ އެތެރޭގައި ދަތްއަޅައިލަމުން އަވަސް އަވަހާ އެ އަސްދޫނި ފޮށީގެ ތެރެއަށް ވައްޓައިލިއެވެ. އަދި ކުރިން އެ ފޮށިން ނެގި ހުރިހާ އެއްޗެއްވެސް އަލުން އޭގަށްލައި ހަމަކޮށްލުމަށްފަހު ރާވާފައިހުރި އަލަމާރީގެ މަތީގައި އެ ފޮށި ބަހައްޓައިލިއެވެ. އެވަގުތު އެޕަރޓްމެންޓްގެ ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ. ދެތިން ފަހަރު ޓަކި ދިންފަހުން ރާހިލް މާބޮޑު ވިސްނުމަކާނުލައި އެ ދޮރު ހުޅުވައިލުމާއެކު އޭނާއަށް ލިބުނީ ހައިރާންކަމެވެ. އެއްޗެކޭ ބުނަން އަނގަހުޅުވައިލެވުނު ނަމަވެސް އޭގެ ކުރިން އިޝްވާ އޭނާ ކުރަން އުޅުނު ސުވާލަށް ޖަވާބުދިނެވެ.

"ރިއާންބެ.. މިބުނީ ދޮންތިބެ ކިޔާދިނީމަ މިގެއަށް އަންނަން އެނގުނީ.. ދޮންބެ ކިހިނެއްތަ؟" އިޝްވާގެ އަޑުގައިވަނީ ހިމޭންކަމެވެ. ކުރިން އެ މިޒާޖުގައި ހުންނަ ޖޯޝާއި ފޯރިގަދަކަމެއް މިހާރަކު ނެތެވެ. ރާހިލްއަށް ޝައިނާ ގެއްލުނު ދުވަހުން ފަށައިގެން އިޝްވާއަށްވެސް އޭނާގެ ލޯބިވެރިޔާ ގެއްލިފައިވީތީ އެކަމުގެ ހިތާމަ އެ މޫނުމަތިން ފާޅުވާން ހުއްޓެވެ.

"ދެން.. އެކަހަލަ މިކަހަލަ ގޮތެއް ދޯ.." ރާހިލް ދެކޮނޑު އަރުވައިލަމުން އިސްޖަހައިލިއެވެ.

"އައިސްކްރީމް؟ މައި ޓްރީޓް!" އިޝްވާ ބޭނުންކުރީ މީގެ ކުރިން އޭނާއަށް ހިތާމައެއް ނުވަތަ ކަންބޮޑުވުމެއް ކުރިމަތިވާ ހިނދު ރާހިލްވެސް ބޭނުންކުރާ އުކުޅެވެ. އެ އެޕަރޓްމެންޓްގެ ބޭރުގައިހުރެ އޭނާ މިއަދު އެ ބުނެލީ ރާހިލްވެސް އޭނާގެ ކޮޓަރީގެ ބޭރުގައިހުރެ ބުނެލާ ބަސްތަކެވެ. ރާހިލްއަށް އެކަން އެނގި ހިނިތުންވުމަކާއެކު އިސްއުފުލައިލިއެވެ. އަދި މަޑުމަޑުން އިޝްވާގެ ހުށަހެޅުމަށް އެއްބަސްވަމުން ބޯ ޖަހައިލިއެވެ.

"އެކަމަކު މަންމަ ގާތު ދޮންބެ އޮފީސް ސްކިޕް ކުރި ވާހަކަ ނުބުނާމަތިން" އިޝްވާގެ ޑައިލޮގުގައި ރާހިލްވެސް ބައިވެރިވިއެވެ. އެއީ އިޝްވާގެ ބަހުންނަމަ "މަންމަގާތު އިޝީ ޓިއުޝަން ސްކިޕް ކުރި ވާހަކަ ނުބުނާމަތިން"ނެވެ. ރާހިލްގެ ޖަވާބު އިވުމާއެކު އިޝްވާގެ މޫނުމަތި ހިނިތުންވުމަކުން އުޖާލާވެގެންދިޔައެވެ.

"ޔޭއި ލެޓްސް ގޯ!! އެކަމަކު ނިންމާފައައިސް އިޝީއަށް މި އެޕަރޓްމެންޓްގެ ޓުއަރ ދޭން ޖެހޭނެ އެނގޭ" ރާހިލްގެ އަތުގައި ހިފައި އެޕަރޓްމެންޓުން ނެރެމުން އިޝްވާ ބުންޏެވެ.

*****************

4 މަސް ފަސް…

ފަތިހުގެ ވަގުތެވެ. ހޮސްޕިޓަލުގެ ބޭރުގައި ޒީވާ ހުއްޓިލައިގެންހުރީ ރިއާންގެ ކާރު އެތަނާ ގާތްކޮށްލާނެ އިރެއްގެ އިންތިޒާރުގައެވެ. ހަމަސް ފުރިހަމަވެފައިވާ މާބަނޑު އަދި އެހާބޮޑަށް ފާޅުވާން ނެތްނަމަވެސް އަތްފަޔާއި ކޮލުގައި ޖަހައިލައިފައިވާ މަސްތަކުގެ ސަބަބުން ޒީވާގެ ރޫފަ އިތުރަށް ރަނގަޅުވެލައިފައިވެއެވެ. ވާންވެފައިވާ ހަންގަނޑުގެ ސަބަބުން މޫނާއި ހަށިގަނޑުގެ ކުލަވަނީ އިތުރަށް އަލިވެލައިފައެވެ. ދަންވަރުގެ އަށްގަޑިއިރުގެ ޝިފްޓަކަށްފަހު ހުދުކުލައިގެ ނަރުސް ޔުނީފޯރމްގައި ހުރިއިރުވެސް އެ މޫނުމަތިން ފެންނަމުންދިޔައީ ތާޒާކަމެވެ.

ގާތްގަނޑަކަށް ދެތިން މިނަޓުގެ އިންތިޒާރަކަށްފަހު ރިއާން ދުއްވާ ކަޅުކުލައިގެ މަސްޓޭންގް ކާރުއައިސް ޒީވާގެ ކުރިމަތީގައި ހުއްޓައިލިއެވެ. އޭނާ ލަސްކުރުމެއްނެތި ކުރީ ސީޓުގެ ދޮރުފަތް ހުޅުވައިލުމަށްފަހު ކާރުގެ ތެރެއަށް ދެމިގަތެވެ.

"ލާސްޓް ޑޭ؟" ޒީވާގެ އަތުގައިހުރި ބެކްޕެކަށް އިޝާރާތް ކޮށްލަމުން ރިއާން އަހައިލިއެވެ.

"އާނ ދެން… މިއީވިއްޔާ ރިއާން އެނިވަރސަރީ ގިފްޓަށްވެސް ބޭނުންވި ކަމަކީ" ޒީވާ ފުސްމޫނު ހަދައިލަމުން ބުންޏެވެ.

"ދެން ތިހާ މޫޑީ ނުވެބަލަ ބޭބް. 4 މަންތްސް ދިނިން ދޯ ޖޮބް ދޫކޮށްލަން ރެޑީވާން. އެހެންނޫނަސް ޒީވް އެހާ ބޭނުމިއްޔާ ބޭބީއަށް ފަސްވަރަކަށް އަހަރު ފުރި ވާހަކަދެކެވޭ ވަރުވީމަ.. ނެނީއެއް ހޯދާފަ ޒީވް ޖޮބްއަށް ދާން އަހަރެން ހަމަ އޯކޭއޭ. އެކަމަކު ފައިވް އިޔަރޒް ފަހުން" ޒީވާގެ ފުފިފައިވާ ކޮލުގައި ކޮށްޓައިލަމުން ރިއާން ބުންޏެވެ.

"އޯކޭ އޯކޭ. ދެން އަހަރެންގެ ގިފްޓް މި ދެވުނީ. ރިއާންކަހަލަ މަހުޖަނަކަށް ދެން އަހަރެންނަށް ދެވޭނެ އިތުރު ގިފްޓެއް އޮންނާނެތަ؟ ދެން ކޮބާ ރިއާން އަހަރެންނަށް ދޭ ގިފްޓް؟ މި ކޮން ފޮއްޓެއް؟" ޒީވާ އަތުގައި އޮތް ކޮތަޅު ފަހަތު ސީޓަށްލާން އެނބުރިލި ވަގުތު އެތަނުގައި ބާއްވައިފައި އޮތް މެދުސައިޒެއްގެ ލަގެޖްފޮށި ފެނުމާއެކު ބުންޏެވެ.

"އަނެއްކާވެސް އަހަރެން ބަހައްޓާފަ ތަނަކަށް ފުރައިގެން ދާންތަ ތި ވިސްނަނީ؟ އަހަރެން ވަޒީފާއިންވެސް ކެނޑުނީމަތަ؟ ކޮންމެހެން މިދުވަސްކޮޅު ތި ވިޔަފާރި ދަތުރުތަކަށް އެހެން މީހަކު ފޮނުވިއްޔާ ވާނީ ކީއްތަ؟ އަދި އެވެސް މާދަމާ އަހަރުމެންގެ ވެޑިންގް އެނިވަރސަރީއަށް ވާއިރު" ޒީވާ ތުންބިންދައިލަމުން ބުންޏެވެ. ދެލޯ ފުސްވާން ފެށުމާއެކު ނިކަން ނުރުހިފައި ރިއާން އިން ފަރާތްނޫން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. އެއާއެކު ރިއާންގެ ފަރާތުން އިވުނީ ލުއި ހީނލުމެއްގެ އަޑެވެ. ކާރުގެ ހުންގާނު އެއްއަތުން ކޮންޓްރޯލް ކޮށްލަމުން އޭނާ އަނެއް އަތް ދަމައިލައި ޒީވާގެ ބަނޑުގައި އަތްޖައްސައިލިއެވެ.

"ދަރިފުޅު ހާދަ ވަރަކަށޭ ދޯ މަންމިގެ ހޯރމޯރންސްއާ ތި ކުޅެނީ.. އަނެއްކާ މަންމި ބޮޑާހާކަމުންގޮސް ދެވަނަ ފަހަރަށް ގެއިން ނުކުމެގެންދާވަރު ކޮށްނުލައްޗޭ އެނގޭ." ރިއާން ހެވިފައި އިނދެ ބުންޏެވެ.

"އަޅެ އަހަރެން ކޮންއިރަކުތަ ބޮޑާހޭކީ؟" ޒީވާއަކަށް ރިއާންގެ ވާހަކަ ކަމަކު ނުދިޔައެވެ.

"ބޮޑާނުހާކަންޏާ އެންމެ ފަހަރަކުވެސް ފެންނަހާ އެއްޗަކާމެދު ގޮތް ނުނިންމާ އަހަރެންނަށް އޭރު ކުރިސުވާލަށް ޖަވާބު ދެންދެން މަޑު ކުރެވޭނެދޯ؟ ރަނގަޅު.. އަހަރެން މިއުޅެނީ ތަނަކަށް ފުރަންވެގެން. އެކަމަކު ޒީވްވެސް ގޮވައިގެން. ފަހަތުގަ އެއޮތް ފޮށީގަ ހުންނާނީ އަހަރެމެން ދެމީހުންގެ އެއްޗެހި" ރިއާން ބުންޏެވެ.

"ފުރާށޭ؟ ކޮންތާކަށް ފުރަން. މިގަޑީގަތަ؟ އެއަރޕޯޓަށްތަ މިދަނީ؟ އަޅެ މި ލައިގެން ހުރެތަ؟" ޒީވާ އޭނާ ލައިގެންހުރި ޔުނީފޯރމަށް ބަލައިލަމުން ބުންޏެވެ.

"އަން މިއަށް ޗޭންޖް ކޮށްލާ" ރިއާން އޭނާ ގެނައި ހެދުން ޒީވާއަށް ދިއްކޮށްލިއެވެ.

"އަޅެ ދެން މިގަޑީގަތަ؟" ޒީވާ ބޭރަށް ނަޒަރުހިންގައިލަމުން ބުންޏެވެ.

"ރިލޭކްސް ބޭބް.. ބްލެކް ޓިންޓެޑް ގްލާސް. ނޯ ވަން ވިލް ސީ ޔޫ.. އެކްސެޕްޓް މީ" ކާރުގެ ބިއްލޫރިގަނޑުގައި ދެފަހަރަކު ޓަކި ޖަހައިލުމަށްފަހު ރިއާން ޒީވާއަށް އެއްލޯ މަރައިލިއެވެ. ޖެހިލުންވެފައި އިން ނަމަވެސް ޒީވާ ހެދުން ބަދަލުކޮށް ނިންމައިލިއިރު ކާރު އައިސް އެއަރޕޯޓަށް ވަދެއްޖެއެވެ.

ލޯންޗުތައް އަޅައިފައި އޮތް ވާޓަރުގެ ކައިރިއަށް ކާރު ހުއްޓައިލުމާއެކު ރިއާން ޑްރައިވަރު ސީޓުން ފައިބައިގެންގޮސް ޒީވާ އިން ފަރާތުގެ ދޮރު ހުޅުވައިލައިދިނެވެ.

"ރިއާން.. ދެން އަޅޭ އަހަރެން ބުނީމެއްނު އަހަރެން ލޯންޗަކަށް އަރާކަށް ބޭނުމެއް ނޫނޭ" ޒީވާ ބިރުގަނެފައިހުރެ އޭނާގެ ބަނޑުގައި އަތްޖައްސައިލިއެވެ.

"ބޭބް.. ޖަސްޓް ޓްރަސްޓް މީ އޯކޭ؟" އެތަނަށް އައި ޔުނީފޯމުއެޅި މީހެއްގެ އަތަށް ކާރުގެ ތަޅުދަނޑި ހަވާލުކޮށްލަމުން ރިއާން ޒީވާގާތު ބުންޏެވެ. އޭރު ހަމަ އެފަދަ ޔުނީފޯރމެއްގައިހުރި އެހެން މީހަކު ކާރުގައި އޮތް ފޮށި ނަގައިގެން ޒީވާމެނާ ދުރަށް ހިނގައިގަތެވެ. ރިއާންވެސް ޒީވާގެ އަތުގައި ހިފައިލައިގެންހުރެ ދިހަވަރަކަށް ފިޔަވަޅު ކުރިއަށް އަޅައިލިތަނާހެން ފަޅުގައި އަޅައިފައި އޮތް ޔޮޓު ޒީވާގެ ލޮލުގައި އަޅައިގަތެވެ. އެމީހުން ފެނުމާއެކު އެ ޔޮޓުގެ ފަޅުވެރިން މަރުހަބާ ކިޔަން ފެށިއެވެ. އަދި އެތަނުން އެކަކު ޒީވާ ޔޮޓަށް އެރުވުމަށްޓަކައި އެހީގެ އަތެއް ދިއްކޮށްލިއެވެ. ޒީވާ އެ އަތުގައި ހިފައި ޔޮޓަށް އެރުމާއެކު ރިއާންވެސް ޒީވާގެ ފަހަތުން އެ ޔޮޓަށް ފުންމައިލިއެވެ. އޭރު ޒީވާ އާގަމަވެފައިހުރެ ޔޮޓުގެ އެތަން މިތަން ބަލަމުންދިޔައެވެ.

ކުޑަވަރެއްގެ ސަފާރީއެކޭ އެ ޔޮޓެކޭ ހަމަ ތަފާތެއް ނެތެވެ. ރީތި ފަރުމާތަކުން ޒީނަތްތެރި ކުރެވިފައިވާ އެ ޔޮޓުގެ ދެ ފަންގިފިލާގައި އަރާމު ގޮނޑިތަށް ޖަހައިފައިވާއިރު މަތީ ފަންގިފިލާ ހުންނަނީ އުޑު ފެންނާނެހެން ހާމަކޮށެވެ. ޒީވާމެން ތިބީ ތިރީ ފަންގިފިލާގެ އަރާމު ސޯފާތަކުގައެވެ. އެތަނުގައި ބޮޑު ޓީވީއެއްވެސް ހަރު ކުރެވިފައިވާއިރު އޭސީގެ ފިނިކަމުގައި ތިބެ ވަށައިގެންވާ ކަނޑުގެ ރީތި މަންޒަރުތައް ފެންނާނެހެން ދެފަރާތުގައި ސާފު ބިއްލޫރި ޖަހައިފައި ހުއްޓެވެ. ކަނޑުގެ ބާނިތަކުގެ މަތީގައިވެސް އެޔޮޓު ދުއްވާލައިފައި ދިޔަލެއް އޮމާންކަމުން ޒީވާއަށް އެ ޔޮޓު ނައްޓައިލައިފިކަންވެސް އެނގުނީ އެ ބިއްލޫރި ގަނޑުގެ ބޭރުން އެއަރޕޯޓުގެ މަލަމަތި ފެންނަން ފެށުމުންނެވެ.

"ވާއު ރިއާން. ހާދަ ފޭންސީ އެއްޗެކޭ މީ. މިއީ ރިއާންގެތަ؟" ޒީވާ އަހައިލިއެވެ.

"އަސްލު ބުނަންޏާ މިއީ ޒީވްގެ އެއްނު؟" ރިއާން ކުޑަކޮށް ވިސްނައިލުމަށްފަހު ބުންޏެވެ. އެ ބުނި އެއްޗެއް ދޭހަކުރަން ނޭނގިފައި އިނދެ ޒީވާ ރިއާންއަށް ބަލައިލިއެވެ.

"މަންމަ ޒީވްއަށް ގިފްޓު ކުރިއެއްނު އއ. އަތޮޅުގެ ރިސޯޓެއްގައި އޮންނަ މަންމަގެ 33% އޯނަރޝިޕް. ހަނދާންވޭތަ؟" ރިއާންގެ ސުވާލަށް ޒީވާ ބޯ ޖަހައިލިއެވެ.

"ހްމްމް. މިއީ އެ ރިސޯޓަށް ދާން އޮންނަ ޕްރައިވެޓް ހަޔަރ ޔޮޗް. ސޯ ޔާ.. ދިސް އިޒް ޔުއަރޒް. މައި ރިޗް ވައިފްގެ ރިސޯޓު ބަލާލަން މި ދަނީ" ރިއާން ޒީވާއާ ދިމާކޮށްލުމުގެ ރާގެއްގައި ބުންޏެވެ.

"ދެން ރިއާން!!" ރިއާންގެ ބަނޑުގައި އުޅަނބޮށިން އަޅުވައިލަމުން ޒީވާ ގޮވައިލިއެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު ރިސޯޓަށް އާދެވުމާއެކު ރިސޯޓުން އެދެމަފިރިންނަށް ހޫނު މަރުހަބާއެއްކިއެވެ. ރިއާންއާ ޒީވާ އަވަސްވެގަތީ އެމީހުންނަށް ހަމަޖެހިފައިވާ ވޯޓަރ ވިލާއަށް ދިޔުމަށެވެ. ޕޫލް އޭރިޔާއެއްވެސް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އެ ބޮޑު ވިލާއަކީ އެ ރަށުގައިވެސް ހުރި އެންމެ ލަގްޜަރީ ވިލާއެވެ. އަދި ރަށުގެ އެންމެ ހުޅަނގު ފަރާތުގައި ހުންނަ ވިލާއަށްވެސް ވާތީއާއެކު އިރުއޮއްސޭ މަންޒަރު އޭގެ އެންމެ ހިތްގައިމު ކަމާއެކު އެތަނަށް ފެނެއެވެ. ވުމާއެކު އެވިލާ މަޝްހޫރުވެފައިވަނީ ރިސޯޓުގެ "ރޮމޭންޓިކް ވިލާ" ގެ ނަމުގައެވެ. ޒީވާއަށް އެތަން ކަމުދާނެ ކަމާމެދު ރިއާންގެ ހިތުގައި ޝައްކެއްނެތެވެ.

މެންދުރުގެ ކެއުމަށްފަހު ޒީވާ އަރާމުކޮށްލުމަށް ބޭނުންވުމުން ރިއާން ނުކުތީ ރިސޯޓަށް އާދެވުނު ދުވަހު އެތަނުގެ އޮފީސްބަޔަށް ވަދެލުމަށެވެ. ނަމަވެސް އިރުއޮއްސޭ ފުރިހަމަ މަންޒަރު ޒީވާއާއެކު ބަލައިލުމުގެ ފުރުސަތު ހޯދުމަށް ކޮންމެހެންވެސް ދެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ހަވީރުގެ ވަގުތު ފަހަނައަޅައި ދިޔުމާ ގާތްވެފައި ވަނިކޮށް އޭނާގޮސް ވިލާއަށް ވަތްއިރު ޕޫލާ ދިމާލަށް ނުކުންނަންހުރި ދޮރުކަނީގައި ޒީވާ ލެގިލައިގެން ހުއްޓެވެ. ރިއާން ލުއި ފިޔަވަޅުތަކެއްގައި ގޮސް ޒީވާގެ ފަހަތުން ބައްދައިލުމާއެކު ކުއްލިއަކަށް ޒީވާ އޯކާ ދެމެމުން ރިއާން ދުރަށް ކޮށްޕައިލިއެވެ.

"އައްޗީޑި ރިއާން ދުރަށް.." ޒީވާ މޫނު ކުނިކޮށްލަމުން ރިއާންއަށް ބަލައިލިއެވެ.

"އަޅެ މިހާރު ކިހިނެއްތަވީ؟ އަހަރެން ގައިމު އެ ސެންޓެއްވެސް ނުޖަހަމޭ" ލައިގެންހުރި ގަމީހުން ވަސްބަލައިލަމުން ރިއާން ބުންޏެވެ.

"ސިނގިރޭޓު ކާރުހާނާއަކަށް ވަދެފަތަ ތި އައީ؟ މުޅިތަނުން ސިނގިރޭޓުވަސް. ނާންނާތި ކައިރިއަށް" ޒީވާ އަނެއްކާވެސް އޯކާ ދެމިގަތެވެ. ރިއާންއަށް ކަންވީގޮތް ނަގައިގަނެވުނެވެ.

"އޯކޭ އެބަ އަންނަން ފެންވަރާލައިގެން. މަޑުކުރައްޗޭ" ޒީވާ އިތުރަށް ރުޅި ނާންނަންދެން ރިއާން އަވަހަށްގޮސް ފާހަނައަށްވަނެވެ. ފަސްވަރަކަށް މިނަޓުފަހުން އުނުގައި ތުވާލި އޮޅައިލައިގެންހުރެ އޭނާ ފާހަނައިން ނުކުތްއިރު އެ ހަށިގަނޑުގައި ތާޒާ ފެންތިކިތަކުގެ އަސަރު ހަރުލައިފައި ހުއްޓެވެ. އޭރު އިރުއޮއްސެމުންދިޔަ މަންޒަރުގެ ރީތި ކުލަތަކުން ކޮޓަރިތެރެ އަލިކޮށްލައިފައި އޮތެވެ. ޒީވާ ހުރީ ހަމަ އެހުރިގޮތަށް ދޮރުކަނީގައި ލެގިލައިގެނެވެ. މިފަހަރު ރިއާންގޮސް ބައްދައިލުމުން ޒީވާ ދުރަށްދާކަށް ނޫޅުނެވެ. ބަދަލުގައި ރިއާންގެ މޭގައި ލައްވެލަމުން އެހަށިގަނޑުގެ ބަރު ރިއާންއަށް ދޫކޮށްލިއެވެ. އެއާއެކު ރިއާން ފޯނުގެ ކެމެރާ ސެޓްކޮށްލުމަށްފަހު ޒީވާއާއެކު އެ ހިތްގައިމު މާހައުލުގައި ސެލްފީއެއް ނަގައިލިއެވެ. އަދި އެ ސެލްފީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓުކުރިއެވެ. ޒީވާއަށް ބުމަ ގޮށްޖަހައިލަމުން ދުރަށް ޖެހިލެވުނެވެ. އެއީ ރިއާން އޭނާގެ ފޮޓޮއެއް އެއްވެސް ތަނެއްގައި ޕޯސްޓްކުރި ފުރަތަމަ ފަހަރެވެ.

"ޑިޑް ޔޫ ޖަސްޓް ޕޯސްޓް ދެޓް؟" ޒީވާ ހައިރާންވެފައި އަހައިލިއެވެ.

"ކިހިނެއްވީ؟ އަހަރެންގެ ތިހާ ލޯބި ވައިފްއެއް ހުންނަކަން މީހުންނަށް އެނގެން މާ ލަސްވެސް ވެއްޖެއެއްނު. އެންޑް މިކަންވެސް. މާ ލަސްވެސްވެއްޖެ. ޒީވްއަށް ކަމުނުދާ ކަމަކިއްޔާ މިއީ ހުއްޓާލީ" މިފަހަރު ރިއާން ޒީވާއާ ދުރަށް ޖެހިލަމުން ނެގީ އެތަނުގައިހުރި ބިއްލޫރި މޭޒުމަތީގައި އޮތް ސިނގިރޭޓު ފޮށްޓެވެ. އަދި އެތަނުގައި ހުރި ބިއްލޫރި ފެންޖަގުން ފެންތައްޓެއް އަޅައިލުމަށްފަހު ފޮށީގައިހުރި ހުރިހައި ސިގިރޭޓެއް އެ ތަށީގެ ތެރޭގައި ފޯވާން ދޫކޮށްލިއެވެ. ޒީވާއަށްހުރީ ފެންނަމުންދާ މަންޒަރު ގަބޫލު ކުރަން ނޭނގިފައެވެ. ރިއާން ކުރިއަށްޖެހިލައި ޒީވާގެ ދެއަތުގައި ހިފައިލިއެވެ.

"ގަބޫލު ކުރަން މިދިޔަ އަހަރަކީ އަހަރެންނާ ޒީވްގެ މެރިއެޖްގެ އެންމެ ޕަރފެކްޓް އަހަރެއް ނޫންކަން. ބަޓް އައި ވިލް ޗޭންޖް ދެޓް. އިރާދަ ކުރެއްވިއްޔާ މީގެފަހުން މި ކައިވެންޏަށް އަންނަ ކޮންމެ އަހަރަކީ އެއް އަހަރަށްވުރެ އުފާވެރި އަނެއް އަހަރަކަށް އަހަރެން ހަދައިދޭނަން. ހެޕީ އެނިވަރސަރީ މައި ލަވް" ޒީވާގެ ނިއްކުރީގައި ނިއްކުރި ޖައްސައިލަމުން ރިއާން ބުންޏެވެ. އޭރު ރިއާންގެ އެ ގާތްކަމާއި އިވިދިޔަ ލޯބި ބަސްތަކުގެ ސަބަބުން ޒީވާއަށް ހުރެވުނީ ނޭވާ ހިފަހައްޓައިލައިގެނެވެ. ރިއާންއަށް އެކަންވީ މަޖާކަމަކަށެވެ.

"އަހަހަ. ބްރީތް ބޭބީ" ޒީވާގެ ނޭފަތު ކުރީގައި ލުއިލުއިކޮށް ފުށްޓަތްކެއް ޖަހައިލުމަށްފަހު ރިއާން އެތެރެއަށް ހިނގައިގަތެވެ. އަދި ގޮނޑީގައި އަޅުވައިލެވިފައިވާ ހުދުކުލައިގެ ތުވާއްޔެއް ނަގައިގެން ބޯހިއްކަމުން ގޮސް ކޮޓަރީގައިހުރި ލޯގަނޑުތަކުން ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިލިއެވެ. ކަޅިޖަހައިނުލައި ރިއާންގެ ކޮންމެހަރަކާތަކަށް ބަލަމުންދިޔަ ޒީވާގެ ތޫނު ދެލޮލާއި އޭނާގެ ދެލޯ ދިމާވީ އެ ލޯގަނޑުގެ އެހީގައެވެ.

"ތިހެން ބަލަންޏާ ގޯހެއް ހެދިދާނެ އެނގޭ" ރިއާން ލާނެތް ކަމާއެކު ބުންޏެވެ.

"ގޯހަކަށް ވާންވީ ކީއްވެ؟ ތިއީ އަހަރެންގެ މީހެއްނު" ޒީވާވެސް ވަކި ރިއާންއަކަށް ދުލެއް ނުދިނެވެ. ލަސްފިޔަވަޅުތަކެއްގައި އައިސް ރިއާންގެ ކުރިމައްޗަށް ހުއްޓިލިއެވެ. ހަމައެކަނި އަނދެލައިފައިހުރި ތުވާލީގެ ސަބަބުން ހާމަވެފައިވާ ރިއާންގެ މޭމައްޗާއި ބަނޑުގައި ރީތިކޮށް އެތުރިފައިވާ ގޮޅިތަކުގައި އިނގިލީގެ ކޮޅުން ފާހަގަ އަޅައިލިއެވެ. އެއާއެކު ރިއާންގެ ހިތުގެ ތެޅުން އަވަސްވެ ތަލިން ކުޅުހިކެމުންދާކަމުގެ އިހުސާސެއް ކުރެވެންފެށިއެވެ.

"ޔޫ އަރ ޕްލެއިންގް ވިތް ފަޔަރ ލަވް" ރިއާން ޒީވާގެ އަތުގައި ހިފެހެއްޓިއެވެ. އޭރު އެދެމެދުގައިވި ޖާގަވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ.

"އިޒް ދެޓް އަ ވަރނިންގް އޯރ އަ ޕްރޮމިސް؟" ޒީވާ ޖަދަލުކުރާ ރާގެއްގައި އަހައިލުމާއެކު ރިއާންއަށް އޭނާގެ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް މުޅީން ގެއްލުނު ކަހަލައެވެ. ޒީވާ އަތްދަނޑި މައްޗަށް އުފުލައިލައިގެންގޮސް އެނދުގައި ބާއްވައިލީ ކިތަންމެ ކުއްލި ގޮތަކަށް ނަމަވެސް އޭނާގެ ކޮންމެ ހަރަކާތެއްގައި ފަރުވާތެރިކަން ހުއްޓެވެ.

"އައި ވުޑްންޓް ޑެއަރ ޓު ތްރެޓެން ސަމްވަން ހޫ ހޭޒް ސޯ މަޗް ކޮންޓްރޯލް އޯވަރ މީ ލަވް. އޮފްކޯސް އިޓްސް އަ ޕްރޮމިސް. އަ ޕްރޮމިސް އައިމް އަބައުޓް ޓު ފުލްފިލް" ޒީވާއާ ދެމެދުގައި އޮތް ދާއިރާ އިތުރަށް ހަނިކޮށްލަމުން ރިއާން ބުންޏެވެ. ޒީވާގެ ފަރާތުން އިވުނީ ލުއި ލުއި ހީނލުމެއްގެ އަޑެވެ.

"ރިއާން.. ރިއާން މަޑުކޮށްބަލަ.. ރިއާން.. ބޭބީ.." ކުއްލިއަކަށް ޒީވާ ކަމެއް ހަނދާންކޮށްދޭ ފަދައަކުން ބުންޏެވެ.

"އިޓްސް އޯކޭ. މައި ބޭބީ އަންޑަރސްޓޭންޑްސް ދެޓް ޑެޑީ ނީޑްސް މޯމީ ޓޫ. ޖަސްޓް ޓްރަސްޓް މީ އޯކޭ؟" ރިއާން ބުންޏެވެ.

"އޯލްވޭޒް" ރިއާންގެ ސުވާލަށް ބޯ ޖަަހައިލަމުން ޒީވާ ވަޢުދުވިއެވެ.

*****************

އުޑުގައިވާ ތަރިތަކުން ހިޔާލިބިފައިވި ހާމަފެންޑާގެ މެދުގައި ބަހައްޓައިފައިހުރި ބޮޑު ހައިވަކަރު އުނދޯލީގައި އިން ޝައިނާގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އޭނާއަށް އެ ފޯނުން ފެންނަމުންދިޔައީ މީގެ ދެތިން ގަޑިއިރު ކުރިން ރިއާންގެ އެކައުންޓަށް ޕޯސްޓްކުރެވިފައިވާ ރިއާންއާއި ޒީވާ އެކުގައި ނަގައިފައިވާ ފޮޓޯއެވެ. ލައްކައެއްހާ ފޮލޯވަރުން ތިބި އެހެނަސް ސާޅީހަކަށް ޕޯސްޓު ކޮށްފައިވާ އެ އެކައުންޓުގައި މުޅިންވެސް ހުރީ ވިޔަފާރިއާ ގުޅޭ ފޮޓޯތަކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކިޔަވަން ހުރިއިރު ޕޯސްޓްކޮށްފައިވާ ލަންޑަންގެ ދެތިން މަންޒަރެއް ފިޔަވައި ރިއާންގެ ޒާތީ ދިރިއުޅުމާ ގުޅޭ ފޮޓޮއަކަށް އެ އެކައުންޓުގައިވާ ހަމައެކަނި ފޮޓޯއަކީ ޒީވާއާއެކު އެދުވަހު ޕޯސްޓްކުރި ފޮޓޮއެވެ.

"ޝައި އެދުވަހު ތިމަންނަ ބެސްޓްފްރެންޑް އުޅެނީ ރިއާންއާ މެރީ ކޮށްގެނޭ ބުނީމަ އަހަރެން ގަބޫލުވެސް ނުކުރަން. އެކަމަކު މި ފޮޓޯ ފެނުނުއިރަށް ޔަގީންވެއްޖެ މިއީ އެދުވަހު ޝައި އަހަރެންނަށް ދެއްކި ކުއްޖާކަން" ޝައިނާ ދިއްކޮށްލި ފޯނުގައި ހިފަމުން ހަފްސާ ބުންޏެވެ.

"ސާބަހޭ ހަފޫއަށް. ހީވަނީ ރިއާންއަކީ ކޮންމެވެސް ހިސާބެއްގެ ސެލެބެރުޓީއެއްހެން" ނިހާމް އޭނާ ކަނޑައިލި ކުރުނބާ ޝައިނާއަށް ދިއްކޮށްލުމަށްފަހު ބުންޏެވެ.

"އަޅެ އެއީ ހަމަ ސެލެބްރިޓީއެއް ނޫންތަ؟ މި ނިހާމްގަނޑު ވަރަށް ޖޭ ވާނެ" ނިހާމްއަށް ލޯ އަޅައިލުމަށްފަހު ހަފްސާ ދެން ފެށީ ޝައިނާގެ ފައި މޮޑެދޭށެވެ.

"ހާދަ ދުޅަވެފައޭ މިއޮތީ ފައި. އެހެންވެ އަހަރެން ބުނަނީ ގިނައިރު ފައި ތިރިކޮށްގެން ނީންނާށޭ. ތަދެއް ނުވޭތަ؟" ހަފްސާ އަހައިލިއެވެ.

"ވޭ. ދެން އެކަމަކު ކިތަންމެ ވަރެއް ވިޔަސް ބާކީ އޮތީ ތިންމަހެއްނު. ކެތްވާނެ" ޝައިނާ އޭނާގެ ބޮޑު ބަނޑުގައި ފިރުމައިލަމުން ހިނިތުންވެލިއެވެ.

"ވިހަން މާލެ ދާކަށް ނުވިސްނަންތަ؟" ނިހާމް ދެން ކަނޑައިލި ކުރުނބާ ހަފްސާއަށް ދިއްކޮށްލަމުން ޝައިނާގާތު އަހައިލިއެވެ.

"ސާބަސް މީނަ ދައްކާ ވާހަކަ. މާލެ ދާން އެއްބަސްވާނި ފުރަތަމަ މިރަށު ސެންޓަރަށް ނޫނީ މިތާ ކައިރި ރަށެއްގެ ހޮސްޕިޓަލަށް ދައްކާލައިގެނެއްނު. މި ޝައި ނޫނިއްޔާ ނޫޅޭނެ މިޒަމާނުގަ ފޫޅުމައިންނަށް އިތުބާރު ކުރާ މީހެއް" ކުރުނބަލުގައި ހިފައިލަމުން ހަފްސާ ބުންޏެވެ.

"އެހެހެހެ. އެހެންތާ ވާނީ އިންޓަރޕޯލަށް ފިލަން އުޅޭ މީހުން ދޯ" ނިހާމް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. އެއާއެކު ޝައިނާގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައި ދިޔައެވެ.

"ނިހާމް.. ރާހިލް..ރާހިލް ގުޅިތަ؟ މިބުނީ އަހަރެން ހޯދަން" ޝައިނާ އަހައިލިއެވެ.

"ނޫނޭ. މިހާރަކު ނުގުޅާ. މީގެ ހަތަރު ފަސްވަރަކަށް މަސް ކުރިން ވަރަށް ގުޅި. ކިހިނެއްވީ ރާހިލްއަށް ގުޅާދޭންވީ–"

"ނޫން ނޫން ނޫން އެއީ ދެން.. އަހަރެން ހަމަ އަހާލީ" ނިހާމް ކުރި ސުވާލުގެ އެއްބައި އަނގައިގައި އޮއްވައި ޝައިނާ އަވަސް އަވަހަށް ބުންޏެވެ.

"ޝައިނާ ހާސްނުވޭ. ރާހިލް އަހަރެންނަށް އިތުބާރު ކުރާނެ. ރާއްޖޭގެ ހުރިހާ ރަށެއް ބަލަންދިޔަސް.. އަހަރެން މިރަށުގަ ޝައިނާ ނެތޭ ބުނިއްޔާ އެބަހަށް އިތުބާރުކޮށް މިރަށަށް ނާރައި ފުއްދާލާނެ. ހިތާމައަކީ މިކަމުގެ ތެރޭގަ އަހަރެން އެ އިތުބާރު ގެއްލުވާލަންޖެހުން" ނިހާމްގެ އަޑަށް އާދަޔާޚިލާފު ހިމޭންކަމެއް ވެރިވިއެވެ.

"ނިހާމް.. ހަފޫ.. އައިމް ސޯ ސޮ-"

"ސިސް! އެބަ އަންނަން އެނގޭ ބޭރަށް ގޮސްލާފަ" ޝައިނާގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ބޮޑު ކޮޓަރީގެ ތެރެއިން ހާމަފެންޑާއަށް ނުކުތް ޝިމާންގެ އަޑުންނެވެ. އަހަރީ ޗުއްޓީއަށް ރަށަށް އައިސްއުޅުނު ނީމްވެސް ޝިމާނާއެކު ނުކުމެގެން އައެވެ.

"ތިއްތިގެ ސައިކު ހިފައިގެން އެނގޭ މި ދަނީ.. ތިއްތިބެދައްތަ ބުނީ އޯކޭއޭ" ނީމް އަތުގައި އޮތް ތަޅުދަނޑި ނިހާމްއަށް ދައްކައިލަމުން ބުންޏެވެ. ނިހާމްއަށް ވަކި އެއްޗެކޭ ނުބުނެވެންދެން އެ ދެމީހުން ދުވެފައިގޮސް ގޭގެ ދޮރާށިން ބޭރަށް ނުކުމެއްޖެއެވެ. ދެން އިވުނީ ސައިކަލު އިސްޓާޓުކޮށް ނައްޓައިލި އަޑެވެ.

"ދެ ލަވްބަރޑްސް ނައްޓާލީ ދޯ ފިނިބުރަށް" ހަފްސާ ހެވިފައި އިނދެ މާހައުލުގަައިވާ ނުތަނަވަސްކަން ފިލުވައިލަމުން ބުންޏެވެ.

"ދާނެއެއްނު މިހާ ދަންކޮށްފަވެސް. ހަފޫ ކީއްކުރަންތަ ތަޅުދަނޑި ދިނީ؟" ނިހާމް ބުންޏެވެ.

"ދޭނެ ދޯ. ނިހާމްއަށް އަހަރެން ގޮވައިގެން ދުއްވާލަން ނުދެވެންޏާ ކީއްކުރާ ސައިކަލެއްތަ؟" ހަފްސާ ނުރުހިފައި ބުންޏެވެ.

"އަހަރެންނަށް ރޭގަ އެކަންޏެއްނު ހަފޫ ގޮވައިގެން ނުދެވެނީ. ބަލާބަލަ. ގައިމު މަށަށްވުރެން އަހަރެއްހާތަން ދޮށީ މީހަކާވެސް އިނީ ވިސްނޭނެކަމަށް. މި ބޮޑާހޭކުން އަޑުއަހަން ނުޖެހޭތޯ" ނިހާމް ސަމާސާ ރާގެއްގައި ބުންޏެވެ.

"ހޫން. އަހަރެން އުމުރުން ދޮށިވީމަ ގޮވައިގެން ނުކުންނަން ލަދުގަންނަނީ ދޯ" ހަފްސާ އުނދޯލިން ފުންމައިލުމަށްފަހު ގޭތެރެއަށް ދުއްވައިގަތެވެ. ނިހާމް ފުންނޭވާއެއް ދޫކޮށްލުމަށްފަހު އުނަގަނޑުގައި ދެއަތްއަޅުވައިލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދެންވެސް ތިހެން ނުހުރެ ދޭބަލަ. ކޮންމެވެސް ކަމަކާ ދެރަވެގެން ކަންނޭނގެ އެ އުޅެނީ" ނިހާމާއި ހަފްސާ އުޅުނުގޮތުން ހެވިފައި އިން ޝައިނާ އެތަނުން ނިހާމް ފޮނުވައިލިއެވެ. "ހަފޫ. މައި ލޯބިގަނޑާ.. މައި ދޫނީ"

ނިހާމް ހަފްސާއަށް ގޮވަމުން އެތެރެއަށް ވަތްމަންޒަރު ބަލަން އިން ޝައިނާ ހިނިގަނޑު އޮއްބައިލަމުން ކައިރީގައި އޮތް ހަފްސާގެ ފޯނު ނެގިއެވެ. އެ ފޯނުން އަދިވެސް ހުޅުވައިލައިފައި އޮތީ އޭރު ބެލި ރިއާންއާއި ޒީވާގެ ފޮޓޮއެވެ. ޝައިނާ ދެވަނަ ފަހަރަށް އެ ފޮޓޯއަށް ބަލައިލުމާއެކު އޭނާގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. އެ ފޮޓޯއިން ޒީވާ އުފާވެފައިހުރި މިންވަރު ޝައިނާއަށް ނަގައިގަނެވުނު އިރު ރިއާންގެ މޫނުމަތީގައިވެސް ވަނީ ހިތްހަމަޖެހުމެކެވެ. އޭނާ އެ އެންމެނާ ވަކިވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ޒީވާއާ ރިއާންގެ ގުޅުން ރަނގަޅުވެ އާ ހަރުފަތަކަށް ގޮސްފައިވާކަމުގެ ހެެއްކަކަށް އެ ފޮޓޯ ފުދެއެވެ.

"ކޮންގްރެޓްސް އޮން ޔޯރ ހެޕީ އެންޑިންގް ބެސްޓީ" ފޯނުގެ ޑިސްޕްލޭ ނިވައިލަމުން ޝައިނާ ބުންޏެވެ.

ޒީވާގެ ހިތުގައި ރިއާންއަށްޓަކައި ލޯބި އުފެދެންފެށީ ޝައިނާއާ ޒީވާ ދިމާވުމުގެ މާކުރިންނެވެ. ނަމަވެސް އެ ލޯބި ޒީވާއަށް ހާސިލްވީ ޝައިނާގެ އަަލަތު ލޯބިވެސް އޭނާއަށް ހާސިލްވުމާ ދާދި ގާތުގައެވެ. ޒީވާއަށް ނޭނގި ނަމަވެސް ދެއެކުވެރިންގެ ލޯބީގެ ހަޔާތްވެސް ހިނގަމުންދިޔައީ ދާދި އެއް ދުވެލީގައެވެ. އެ ލޯބީގައި އެއްގޮތް އަދި ތަފާތު ގިނަ ކަންތައްތަކެއް ތަހައްމަލް ކުރަމުންގޮސް މިހާރު އަލަތު ދަރިފުޅަށް މަރުހަބާ ކިޔަންވެސް ދެ އެކުވެރިން ތައްޔާރުވަމުން ދިޔައީ ދުރުގައި ނަމަވެސް އެކުއެކީގައެވެ. އެއީ އެތަށް ފަހަރަކު އެ ދެމެދުގައި ދެކެވިފައިވާ މޮޔަ ވާހަކަތަކާއި އެއްގޮތް ތަގުދީރެއް ނަމަވެސް ތަފާތަކީ މިއަދު އެ ދެއެކުވެރިންވެސް މިވަނީ އެކަކު އަނެކަކާ އަބަދުގެ އަބަދަށް ވަކިވެފައިކަމެވެ.

އެކުވެރިކަމާއި ލޯތްބަކީ ތިމާގެ ހިތް އެންމެ ބޭނުންވާ ކަންތައްތައް ކަމުގައިވިޔަސް އެކަން ހާސިލްވާނީ ދުނިޔޭގެ މަދު މީހަކަށެވެ. ވަކިން ހާއްސަކޮށް ހިތުގެ ރާޖާ ނުވަތަ ރާނީއާއެކު ލޯބީގެ ދަރުބާރުގައި އަބަދަށް ފިޔަޖެހުމަކީ ކޮންމެ މީހެއްގެވެސް ހިތް އެދޭނެ ކަމެކެވެ. ދިރިއުޅުމުގެ ހުރިހާ މަގްސަދެއް ނެތިފައިވަނިކޮށް ޝައިނާއަށްވެސް އޭނާގެ ހިތުގެ ރާޖާއާ ދިމާވިއެވެ. މި ދުނިޔޭގައި އޭނާގެ ހިތް އެދޭ ހަމައެކަނި މީހާކަމުގައި އެ ރާޖާވިއެވެ. ހިތް އެދުނުހާވެސް ކަމަކީ ރާހިލްއާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރުމެވެ. އެހެނަސް ލޯބީގައި އަނިޔާ ލިބިފައިވާ އެތަށް ބައެކޭ އެއްފަދައިން އޭނާގެ ނަސީބުވެސް އޭނާއަށް ބޭވަފާތެރިވީއެވެ. ހިތުގެ އެދުންތަކަށް ފުރަގަސްދިނީއެވެ. އެ ނަސީބާމެދު ޝަކުވާ ކުރުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ؟ ތިމާ ހިތް އެދޭހާ ކަމެއް ދުނިޔޭގަައި ހާސިލްވި އެކަކުވެސް ދުނިޔެ ދޫކޮށްފައި ވޭ ހެއްޔެވެ؟

ބަނޑުގައި އޮތް ދަރިފުޅު ތޮޅިލިހެން ހީވުމާއެކު ޝައިނާ އަވަސް އަވަހަށް ލޮލުން ވެެއްޓުނު ކަރުނަތިކި ފޮހެލަމުން ބަނޑުގައި ފިރުމައިލިއެވެ. އެކުއްޖާގެ ތުއްތު ފައިތިލަ އިހުސާސްކުރެވުމާއެކު ޝައިނާގެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.

**************

5 އަހަރު ފަސް…

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!