Episode 62

ހިތް އެދޭހާ ކަމެއް.. (62 ވަނަބައި)

"އައި..އައިމް ސޮރީ. ދާނެ އެހެން ތަނެއް ނޭނގުނީމަ ރިއާން ގާތަށް އާދެވުނީ. އެކަމަކު.. ދެން އަޅާނުލާ. ޒީއަށް ބަލާތި" ރާހިލް ލަސްފިޔަވަޅުތަކެއްގައި ފަސްއެނބުރި ލިފްޓާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. ރާހިލް ލިފްޓަށް އަރަންދެން ދޮރުކައިރީގައި މަޑުކޮށްގެން ހުރުމަށްފަހު ރިއާން އެޕަރޓްމެންޓްގެ ދޮރުލައްޕައިލިއެވެ. އަދި ޒީވާ ވަތް ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލުމަށްފަހު ބޯ ހޫރައިލެވުނެވެ.

*****************

ޒީވާ ބަލިވެއިން ހަބަރު އާއިލާއާ ހިސާބަށް ފޯރުމާއެކު އެމީހުންނަށް ރާހިލްގެ ސަބަބުން ލިބިފައިވާ ނުތަނަވަސްކަމަށް މެދުކެނޑުމެއް ލިބުނެވެ. ޑަކްޓަރުގެ ލަފައާ އެއްގޮތަށް ޒީވާ ދެތިން ދުވަސްވަންދެން ގޭގައި އަރާމުކުރުމަށްފަހު ޖެހިގެން އައި ދުވަހުގެ މެންދުރު ކެއުމަށް ޝީރީންމެންގެއަށް ދިޔައިރު އާއިލާގެ އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. ރިޔާޒްވެސްހުރީ ލިބެންއުޅޭ ކާފަ ދަރިފުޅަށްޓަކައި ހިތްހަމަޖެހިފައެވެ. އެ އުފަލުގައި ބައިވެރިވުމަށް ޒީވާގެ އާއިލާވެސް އެގެއަށް އައިސްގެން އުޅުނެވެ.

"ކޮބާ ބަލާބަލަ. ދެމީހުން ދުރުން ދުރުން ރުޅި ހަދައިގެންކަމަށް ހެދިގެން އުޅެފަ ކުރި ކަންތައް ފަޅާއެރީއޭ" އިޝްވާ އައިސް ޒީވާގާތު ސޯފާއަށް ޖެހިގަންނަމުން ދިމާކޮށްލިއެވެ. އެއަޑު ކައިރީގައި އިން ރިއާންއަށް އިވުމާއެކު އޭނާ ބޯންހުރި ފެންތައްޓާއެކު ކޮށިވެސް ނޭރީ ކިރިޔާއެވެ. ޒީވާގެ މޫނަށް ލަދުން ޖަންބުކުލަ އަރައިގެން ދިޔައެވެ.

"އިޝީ. އެހާ ބާރަށް ގޮސް ދޮންތި ގާތު ނީށީންނާށޭ" ވާފިޔާ ގޮވައިލިއެވެ.

"އޯކޭ އޯކޭ. ދޮންތިގާތު އިނދެ ދެން ބާރަށް ނޭވާވެސް ނުލާނަން. އެސްފިޔަވެސް ނުޖަހާނަން. އެވަރު އޯކޭތަ؟" އިޝްވާ ކަޅިއަނބުރައިލަމުން ވާފިޔާމެންނާ ދިމާލަށް ހިނގައިގަތެވެ. ޒީވާ ހެވިފައި އިޝްވާ ދިޔަ ދިމާލަށް ބަލަން އިން ނަމަވެސް އެ ހިނިތުންވުން ފިލައިދާކަށް މާގިނައިރެއްނުވިއެވެ.

"ޝައި ހުރިނަމަ. ރިއާންއަށް އެނގޭތަ؟ އަހަރެމެން ސްކޫލްގަ އުޅުނުއިރު މަޖަލަކަށް ކިޔަމޭ ދެމީހުން މެރީކޮށްގެން ކިޑްސްވެސް ހޯދާނީ އެއްކޮށް އެއްްއަހަރެއްގަ ދޯ އޭ. އޭރުން އަހަރުމެންގެ ކުދިންވެސް ބެސްޓީޒްއަށް ވާނޭ. އެކަމަކު ބަލާ. މިހާރު ޝައިއެއް ނެތް. ޝައި ގާތު އަހަރެން ޕްރެގް ވާހަކަ ބުނީމަވެސް ޝައި އެކަހަލަ ކަމެއް އަންގާވެސްނުލާ" ޒީވާ ދެރަވެފައި ބުންޏެވެ. ރިއާން ޒީވާއަށް ހިތްވަރުދިނުމުގެ ގޮތުން ލޯތްބާއެކު ޒީވާގެ އަތުގައި ހިފައިލިއެވެ. ޒީވާވެސް ރިއާންއަށް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

މަރުހަބާއާއި ތަހުނިޔާގެ ތެރެއިން މާހައުލުގައި ފެތުރިފައިވާ އުފާވެރިކަން އެންމެންގެ މޫނުމަތިން ފެންނަންހުއްޓެވެ. އެހާ އަވަހަށް ރާހިލްއަށް ލިބުނު ހިތާމަތަކުގެ މަތިން މުޅި އާއިލާވެސް ހަނދާން ނައްތައިލިކަހަލައެވެ. އެލީޝާ ފިޔަވައެވެ. އޭނާއާ އެއްކޮޓަރީގައި ދިރިއުޅެމުންދިޔަ ރާހިލްއަށް އަންނަމުންދާ ބަދަލުތައް އެންމެ ގާތުން ދެކެމުންދާ މީހަކީ އޭނާއެވެ. ރޭގަނޑުގެ ނިދި ނަގައިލުމަށްފަހު ރާހިލްގެ ދެލޮލުން އޮހޮރަމުންދާ ކޮންމެ ކަރުނައެއްގެ ހެކިވެރިޔަކަށް އޭނާ ވާނެއެވެ. ކުރިން ރާހިލްގެ ކިބައިން ފެންނަ އުފާވެރި އަދި މަޖާޒީ ގޮތްގަނޑެއް މިހާރަކު ނުފެނެއެވެ. ދުވާލު ގޭގައި މަޑުކުރާ މަދު ވަގުތެއްގައިވެސް ފެންނާނީ ކޮންމެވެސް ހިޔާލެއްގައިވަނިކޮށެވެ. އެއްބައި ފަހަރު ރާހިލްގެ އެކި ރައްޓެހިންނަށް ގުޅައި ޝައިނާ ވީތަނެއް ހޯދަން މަސައްކަތްކުރާކަމުގެ ވާހަކަތައް އެލީޝާއަށް އިވިފައިވާއިރު އަނެއްބައެއްފަހަރު ލެޕްޓޮޕުން މަސައްކަތް ކުރަން އިންނަތަން ފެނެއެވެ. އެވަގުތުތަކުގައިވެސް އޭނާގެ ހިޔާލާއި ގުޅިފައިވަނީ ޝައިނާކަން އެ މޫނުން އެނގެއެވެ. ރާހިލްގެ ފަރާތުން ފެންނަމުންދިޔަ ބީރައްޓެހިކަމުގެ އަސްލަކީ ޝައިނާކަން ވިސްނޭ ކޮންމެ ފަހަރަކު އެލީޝާގެ ހިތް ގޯސްވެއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ނަފްސު ހަސަދައިން ފޯވެއެވެ. ރާހިލްގެ ހަނދާނުގައި ސައުވީސްގަޑިއިރު ރަނިކަން ކުރަން ލިބޭތޯ އޭނާގެ ހިތް ގޮވައެވެ.

އެފަދަ ހިޔާލުތަކެއްގައި އިން އެލީޝާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެތަނުގައިތިބި ޒީވާމެންނަށް ބަލައިލިއެވެ. ޒީވާއާއި ރިއާންގެ ދެމެދުގައިވާ ލޯބި ފެނި އެލީޝާއަށް ހިތާހިތުން އޭނާގެ ނަސީބާމެދު ޝަކުވާކުރެވުނެވެ. ދެފަރާތުގެ އާއިލާއިންވެސް ޒީވާއަށް ލިބެމުންދިޔަ ލޯތްބާއި ސަމާލުކަންފެނި އެ ހިތް ރޯލިއެވެ. ލޯބީގައި ބަދުނަސީބުވެފައިވި ތަނުގައި އެލީޝާއަކަށް އޭނާގެ އާއިލާގެ ފަރާތުންވެސް އެފަދަ އަޅާލުމާއި އޯގާތެރިކަމެއް ލިބުނު ހަނދާނެއްވެސް ނެތެވެ. ބަލިވެ އިންކަން ހާމަކުރިދުވަހުވެސް ބޭރުފުށުން ދެއްކި މަރުހަބާއާއި ހިނިތުންވުމުގެ ތެރެއިން އެކަކު އަނެކަކާ ބައްދަލުކޮށްލި ނަޒަރުތައް އޭނާ ރަނގަޅަށް ދުށްޓެވެ. އެމީހުންގެ މޫނުމަތިން ފެނުނީ އެދަރިފުޅަށްޓަކައިވެސް އާއިލާގެ މުދަލުން ބައެއް އަޅަންޖެހިދާނެތީ އޮތް ކަންބޮޑުވުމެވެ.

އެލީޝާ ދެން ބަލައިލީ ޝީރީންގާތު ވާހަކައިގައި ޖެހިފައި އިން ވާފިޔާއަށެވެ. އަމިއްލަ އާއިލާއިން އެލީޝާ ބާކީކޮށްލުމަށްފަހު އޭނާގެ ޒިންމާ އެހެން ބައެއްގެ ބޮލަށް ފޮޅައިލިހިނދު ވާފިޔާގެ ފަރާތުން އޭނާއަށް ލިބުނު އޯގާތެރިކަމާއި އަޅާލުން އެލީޝާގެ ހިތަކުން ނުފޮހެވޭނެއެވެ. އިޝްވާގެ ފަރާތުން ކުރިމަތިވި ނުރުހުމާއެކުވެސް ވާފިޔާގެ އެއްބާރުލުން އޭނާއަށް ލިބުން ވެގެންދިޔައީ އޭނާގެ ދަތި ދުވަސްތައް ފަސޭހަވި ކަމަކަށެވެ. ނަމަވެސް ޝައިނާގެ ވާހަކަތައް އިވުނު ދުވަހަށްފަހު ރާހިލްއެކޭ އެއްފަދައިން ވާފިޔާއާއި އޭނާގެ މެދުގައިވެސް އުފެދިފައިވަނީ ބީރައްޓެހިކަމެކެވެ. ވީއިރު ޒީވާ ބަލިވެ އިން ހަބަރަށްފަހު ވާފިޔާގެ ފަރާތުން އޭނާއަށް ލިބޭ ސަމާލުކަން އެއްކޮށް ހުއްޓޭނެ ކަމާމެދު އޭނާއަކަށް ޝައްކެއްނެތެވެ. ބީރައްޓެހި ގައުމެއްގައި އޭނާ މުޅިން އެކަނިވާނެ ކަމާމެދަކު ޝައްކެއްނެތެވެ.

އެލީޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެ އުފާވެރި މާހައުލުގައި އޭނާ އިނުމުގެ މާނައެއްނެތްކަށް އިހުސާސްވެ އޭނާ ނިންމީ ގެއަށް ދިޔުމަށެވެ. އެގޮތުން އިޝްވާގެ ފޯނަށް ދަނީ ކަމުގައިބުނެ މެސެޖެއް ކޮށްލުމަށްފަހު އޭނާ އެ މެހެފިލުން ނުކުތެވެ. ޓެކްސީއެއްގައި ގެއާ ހިސާބަށް އާދެވެންދެން އޭނާއަށް ވިސްނެމުންދިޔައީ ދެން ހަދާނެ ގޮތަކާމެދުގައެވެ. ވާފިޔާއާއި އޭނާގެ ގުޅުން ބަދަހިކުރާނެ ގޮތަކާމެދުގައެވެ. ރާހިލްގެ ހިތް އޭނާއަށް އަނބުރައިލާނެ ގޮތަކާމެދުގައެވެ. އެ ވިސްނުމުގައިހުރެ ގެއަށްވަދެ ސިޑިއާ ދިމާލަށް ހިނގައިގަތްއިރު ސިޓިންގްރޫމްގެ ސޯފާގައި އިން ނާޝިދުވެސް އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ. އެހެންކަމުން އެވަގުތު ނާޝިދު އޭނާއަށް ގޮވައިލުމުން އޭނާ ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ.

"ބައްޕާ" އެލީޝާ ލަސްފިޔަވަޅުތަކެއްގައިގޮސް ނާޝިދު އިށީނދެއިން ގޮނޑިއާ ޖެހިގެންހުރި ގޮނޑީގައި އިށީނެވެ.

"ކޮބާތަ މިގޭ އެންމެން؟" ނާޝިދު އަހައިލިއެވެ.

"ރިޔާޒްބެމެން ގޭގަ. ޒީގާތަށްގޮސް" އެލީޝާ ކުރުގޮތަކަށް ޖަވާބުދިނެވެ. އެއާއެކު ނާޝިދު ކުރިއަށްޖެހިލައި ރާހިލްގެ ހާލު އޮޅުންފިލުވިއެވެ.

"ރާހިލް ކިހިނެއްތަ މިހާރު؟ ގޭގަ އެބައުޅޭތަ؟" ނާޝިދު ސުވާލުކުރިއެވެ.

"ހިއެއްނުވޭ.. މިހާރު ވަރަށް ލަހުން ރޭގަނޑު އޮފީސް ނިންމާފަ އަންނަނީ.." އެލީޝާގެ ވާހަކައަށް ނާޝިދު ބޯޖަހައިލިއެވެ. ނާޝިދުގެ ސަމާލުކަން ޓީވީއަށް ހުއްޓުމަށްފަހުގައިވެސް އެލީޝާ އެތަނުން ދާކަށް ނޫޅުނެވެ. އޭނާގެ ސިކުނޑީގައި ރޭވެމުންދިޔަ ވާހަކަތައް ނާޝިދާ ދައްކާނެ ގޮތަކާމެދު ވިސްނަމުންދިޔައެވެ.

"ބައްޕާ.." އެލީޝާ ޖެހިލުންވެފައި އިނދެ ގޮވައިލިއެވެ. "ރާހިލް މިދުވަސްކޮޅު ވަރަށް ބޯ ގޮވާފަ ހުންނަނީ. އަހަރެންނަށް ފެންނަނީ ދުވަސްކޮޅަކަށް ރާހިލް ކޮންމެވެސް އެހެން މާހައުލަކަށް ބަދަލުކޮށްލަން"

"ބައްޕައަށްވެސް ފެންނަނީ ދަރިފުޅު ރާހިލް ގޮވައިގެން ކައިރި ރަށަކަށް ނޫނީ އަވަށްޓެރި ގައުމަކަށްވިޔަސް ގޮސްލަން. ވީކަމެއް ވެ ނިމުނީ. އެއީ ރާހިލްއަށް ހެދުނު ގޯހެއް. ޝައިނާ އަލުން އަނބުރާ ނާންނަހާ ހިނދަކު ރާހިލްއަކަށް ދެން އެކަމާ ވިސްނާކަށް ނުޖެހޭނެ. ކަން އޮންނާނީ އެހެން." އެލީޝާގެ ވާހަކައަށް ނާޝިދު ތާއިދުކުރިއެވެ.

"އަހަރެން؟ ބައްޕާ އަހަރެންނަކަށް މިކަހަލަ ވާހަކައެއް ދައްކާކަށް ނުކެރޭނެ. އެހެންވެ ބައްޕަގާތު މި ބުނީ.. ބައްޕަ ތިވާހަކަ ދައްކަނިކޮށް ރާހިލް ތިކަމާ އެއްބަސްވެދާނެ" އެލީޝާ ބުންޏެވެ.

"އެހެންވީމާ މިރޭ ކާގަޑީގަ ބައްޕަ ތިވާހަކަ ދައްކާނަން" ނާޝިދު އެއްބަސްވިއެވެ.

"އެކަމަކު ރާހިލް ކާން މަޑުކުރާނެހެން ހިއެއްނުވޭ. މިދުވަސްކޮޅު އެއްވެސް ވަރަކަށް ގެއިން ކާތަނެއް ނުފެނޭ" އެލީޝާ ބުންޏެވެ.

"ތިކަމާ ދަރިފުޅު ހާސްވާނެ ކަމެއްނެތް.. ރާހިލް ގެއަށް އައިމަ ބައްޕަ ތި ކަން ހަމަޖައްސާނަން" ނާޝިދުގެ ވާހަކައިން އެލީޝާ ހިތްހަމަޖެހުނެވެ. އޭނާ އަދަބުވެރިކަމާއެކު ނާޝިދަށް ޝުކުރު އަދާކުރުމަށްފަހު ކޮޓަރިއަށް ދިޔައެވެ.

************

"އަހަރެމެން އެކަކު އަނެކެއް ދަންނަތާ ކިހާ ދުވަހެއް.. 10 އަހަރުތަ؟ އަހަރެންނަކަށް ގަބޫލެއްވެސް ނުކުރެވޭ މިއީ ރިއާންގެ ކޮޓަރި އަހަރެންނަށް ފެންނަ ފުރަތަމަ ފަހަރު ކަމަކަށް.."

ގަނޑުވަރެއްފަދަ މ.އެޒެލިއާ ގޭގައިހުރި ރިއާންގެ ކޮޓަރީގައިވާ ބެލްކަނިން ނުކުމެ ކޮޓަރިތެރެއަށް ފިޔަވަޅެއް އަޅައިލަމުން ޒީވާ އެނދުގައި އިން ރިއާންއަށް ބުނެލިއެވެ. އެވަގުތު ރިއާން ފޯނުން އިސްއުފުލައިލުމަށްފަހު ޒީވާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރިއާންއާއި ޒީވާއަކީ ދުވަސްވީ ރަޙްމަތްތެރިން ކަމުގައިވިޔަސް ރިއާން އެއްވެސް އިރެއްގައި ޒީވާވެސް އަދި އިތުރު އެހެން ރައްޓެއްސެއްވެސް އެގެއަކަށް ގެނެސްފައެއް ނުވެއެވެ. ގޭތެރޭގެ އޭރުގެ ހާލަތު އެކަމަށް ތަން ނުދިނީއެވެ. ހުރިހާކަމެއް ހަމައަކަށް އެޅެންފެށީ ރިޔާޒްއަށް އަސާގަނޑުގެ ބޭނުންޖެހެން ފެށުމުންނެވެ. އޭގެ ކުރިން އެގެއަށް ވަދެ އުޅޭ ހަމައެކަނި އޭނާގެ ރަޚްމަތްތެރިޔަކީ ރާހިލްއެވެ. އެއީވެސް ރިޔާޒް މާލޭގަ ނޫޅޭ ދުވަހެއްގައެވެ.

"ރިއާން.. އަހަރެން ވާހަކައެއް އަހާލަންތަ؟"

"ހްމްމް" ރިއާން ދިން ޖަވާބުގެ އަޑެއް ޒީވާއަކަށް ނީވުނެވެ. އެ ކޮޓަރީގައިހުރި ރިއާންގެ ވޯކް-އިން ކްލޮޒެޓަށް ޒީވާ ވަދެ ގެއްލިއްޖެއެވެ. އޭނާއެކޭ ދެފައި އެއްތަނެއްގައި ނުޖެހިގެންއުޅޭ ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ. އެތަންމިތަން ހާވަމުންގޮސް އެންމެފަހުން ކޮޓަރީގެ ކަނަކަށް ވާގޮތަށްހުރި މާ އުސް ނޫން ވަށްބުރެއްގެ މައްޗަށް އަރައި އެތަނުގައިހުރި ޑްރަމްސެޓުގެ ދޮށުގައި އިށީނދެލިއެވެ. އަދި ޑްރަމްސްޓިކް ނަގައި އެތަނުން ބެރެއްގައި ޖަހައިލިއެވެ. އިވުނު އަޑާއެކު އޭނާ އަމިއްލައަށް ސިއްސައިގެންވެސް ދިޔައެވެ.

"ޒީވް" ރިއާން އެނދުން ތެދުވެ ޒީވާއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.

"ކީކޭ؟" ކުރިން އެހި ސުވާލު ޒީވާގެ ހަނދާނުން މުޅިން ކައްސައިލައިފަިއވާ ކަހަލައެވެ.

"ދެންމެ އުޅުނީމެއްނު ކޮންމެވެސް އެއްޗެކޭ އަހަން" ރިއާން ހަނދާންކޮށްލައިދިނެވެ.

"ހްމްމް… ރިއާން.. މިސާލަކަށް އަހަރެމެން މިގެއަށް ބަދަލުވާން އަހަރެން ބުނިއްޔާ ރިއާން އެކަމަށް އެއްބަސް ވާނަންތަ؟" ޒީވާ ކުޑަކޮށް ވިސްނައިލުމަށްފަހު އަހައިލިއެވެ. އެ ސުވާލާއެކު ރިއާންގެ މޫނުމަތި މިލައިދިޔައެވެ.

"ޒީވް.. ޒީވް ބޭނުންވަނީ ކޯއްޗެއް. ވޯކް-އިން ކްލޮޒެޓެއްތަ؟ ޑްރަމްސެޓެއްތަ؟ އަހަރެން ޒީވް ބުނި އެއްޗެއް ހޯދައިދީފާނަން. އެޕަރޓްމެންޓް ކުޑައިއްޔާ ޕެންތްހައުސްއަކަށް ޗޭންޖް ވެވިދާނެ.. ޖަސްޓް ނޭމް ވަޓްއެވާ ޔޫ ވޯންޓް" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރިއާން ދިން ޖަވާބުން ޒީވާއަށް ރިއާން ބުނަން އުޅުނީ ކީކޭކަން ނަގައިގަނެވުނެވެ.

"އޯހް.. އިޓްސްއޯކޭ.. އަހަރެން ހަމަ އަހާލީ" ޒީވާ ބުންޏެވެ. ޝީރީން ކިޔައިދިން ވާހަކަތަކުންވެސް ރިއާންއަށް އެގެއަށް އައުން ފަސޭހައެއް ނުވާނެކަން ޒީވާއަށް އެނގުނެވެ. އެގޭގެ ބިޔަ ފާރުތަކުގެ ތެރެއިން ރިއާންގެ ހިތުގައި ލެވިފައިވާ ޒަހަމެއްގައި ލޮނުމިރުސްލާކަށް ޚުދު އޭނާވެސް ބޭނުމެއްނުވެއެވެ. އެ މާހައުލާ ދުރުގައިވިޔަސް ރިއާން އުފަލުގައި ހުރުން އޭނާއަށް މާ މުހިއްމެވެ.

"ޒީވް އައި–"

"ރިއާން. އިޓްސް ރިއަލީ އޯކޭ. އަހަރެންވެސް ބޭނުމެއް ނޫން އަންނާކަށް. ރިއާންއަށް އަދިވެސް މި ޖަހަން އެނގޭނެތަ؟" ޒީވާ ކުރިމަތީގައިހުރި ޑްރަމްސެޓަށް އިޝާރާތްކޮށްލަމުން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

"އަހަހަހަ ނޯ" ރިއާން އަވަސްއަވަހަށް އެތަނުން ދުރަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ޒީވާ އެކަން މަނާކުރުމުގެ ގޮތުން ރިއާންގެ އަތުގައި ހިފެހެއްޓިއެވެ.

"ދެން ޕްލީޒް" ޒީވާ އެދުމުން މިފަހަރު ރިއާން ހަތިޔާރު ބަހައްޓަމުން ބޯ ޖަހައިލިއެވެ. އެއާއެކު ޒީވާ އުފަލުން އަތް ޖަހައިލުމަށްފަހު ރިއާންއަށް ޖާގަ ދިނުމަށްޓަކައި ގޮނޑިން ތެދުވިއެވެ. ރިއާން އެ ގޮނޑީގައި އިށީނުމަށްފަހު ޒީވާގެނެސް އޭނާގެ އުނގުގައި ބޭންދިއެވެ.

"އަހަރެން އެހާ މޮޅެއް ނުވާނެ އެނގޭ. އެކަމަކު ޒީވްއަށް ކިޔާދެވޭވަރުވާނެ. ޒީވް ޖެހޭނީ ޖަހަން" ރިއާން ދޮގުހެދިއެވެ. އެ ޑްރަމްސެޓާ ކުޅުމަކީ އޭނާއަށް އެންމެ ފަރިތަކޮށް ކުރަން އެނގޭ އެއްކަމެވެ. އެއީ އޭނާއަށް އެހާމެ ޚާއްސަ އެއްޗެއްވެސްމެއެވެ. އެގޭގައި އުޅެ ބޮޑުވިއިރު ކަންފަތަށް އިވެމުންދިޔަ ނޭދެވޭ އަޑުތަކުން ސަލާމަތް ހޯދުމުގައި އެ ޑްރަމްސެޓަކީ އޭނާއާ އެންމެ ގާތުގައިވި އެކުވެރިޔާއެވެ. ދެލޮލުގެ ފެނުން ނެތް ކަމުގައިވިޔަސް އޭނާއަށް އެ ޑްރަމްސެޓާ ކުޅެލުން އުނދަގޫ ކަމަކަށް ނުވާނެއެވެ.
ރިއާން ޒީވާއަށް އެ ޑްރަމްސެޓުގެ އެކި އާލާތްތަކުން އަޑު ގެންނާނެގޮތް ކިޔައިދެމުން ދަނިކޮށް ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވި ޒީވާއާއި ރިއާންއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"ޖޫލީ ކަންނޭނގެ. އެބަ އަންނަން" ޒީވާ ދުވެލައިފައިގޮސް ދޮރުހުޅުވައިލިއެވެ. އެދެމީހުންނަށްވެސް ހައިރާންކަމެއް ލިބުނީ ކޮޓަރީގެ ބޭރުގައި ހިނިތުންވެލައިގެންހުރި ޝީރީން ފެނުމުންނެވެ.

"ބިޒީ ވަގުތެއްތަ؟" ޝީރީން ހިތްހެޔޮކަމާއެކު އަހައިލިއެވެ. ޒީވާ އަވަސް އަވަހަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލުމަށްފަހު އިތުރަށް ދޮރު ހުޅުވައިލަމުން ޝީރީން ވަނުމަށް ތަންދިނެވެ.
ޝީރީން ލަސްފިޔަވަޅުތަކެއްގައި ވަދެގެން އައިސް އިށީނީ ބެލްކަނީގެ ދޮރާއި ހުރަހަށް ވާގޮތަށް ކޮޓަރީގައި ބަހައްޓައިފައިހުރި ހިމަ ދިގު ސޯފާގައެވެ. އަދި އޭގެ ކުރިމަތީގައިހުރި ބިއްލޫރި މޭޒެއްގައި އޭނާ ގެނައި ކަޅުކުލައިގެ ފައިލެއް ބާއްވައިލިއެވެ. އެވަގުތު ޒީވާގެ އިތުރުން ރިއާންވެސް އޭނާގާތަށް އައިސް ހުއްޓުނެވެ. އެދެމީހުން ސުވާލުގެ ނަޒަރަކުން މޭޒުމަތީގައިއޮތް ކަޅުކުލައިގެ ފައިލަށް ބަަލަމުންދިޔައެވެ.

"ޒީވާ. ދަރިފުޅު ތިތާ ކޮޅަށް ނުހުރެ އާދެބަަލަ. މިތާ އިށީނދެބަަލަ" ޝީރީންގެ އިޝާރާތަށް ޒީވާ އެތަނުގައި އިށީނެވެ.

"ރިއާން މަންމައާ މި ވާހަކަ ދައްކާތަ ވަރަށް ދުވަސްވެއްޖެ. މިއަދު މިކަމާ ގުޅޭގޮތުން ވަކި ގޮތެެއް ނިންމައިގެން މަންމަ މިއަ–"

ޝީރީންގެ ވާހަކަ ނުނިމެންދެން ރިއާން އަވަސްއަވަހަށް މޭޒުމަތީގައި އޮތް ފައިލު ނަގައި ހުޅުވައިލިއެވެ. ތެޅިތެޅިއޮތް ހިތަކާއެކު ފައިލުގައި އޮތް ކަރުދާހުގެ އެންމެ މަތީގައިވާ ސުރުހީ ކިޔާލުމަށްފަހު ޤަބޫލު ނުކުރެވޭ ފަދައަކުން ޝީރީންއަށް ބަލައިލިއެވެ. އަދި ޝީރީން އަތް ދިއްކޮށްލުމާއެކު ޝީރީންގެ އަތަށް އެ ފައިލު ލައިދިނެވެ. ޝީރީން އެ ފައިލު ހަވާލުކޮށްލީ ޒީވާއަށެވެ. ޒީވާ އެ ފައިލު ހުޅުވައިލުމާއެކު އޭނާއަށްވެސް ވީ ހަމަ ރިއާންއަށް ވިކަހަލަ ގޮތެކެވެ. ހައިރާންވެފައި ޝީރީންގެ މޫނަށް ބަލައިލެވުނެވެ.

"ކުންފުނީގަ އޮތް މަންމަގެ 15 އިންސައްތަ ހިއްސާ ގަންނަންވެގެން ރިއާން ވާހަކަދެއްކީ. އެކަމަކު މިވީހާދުވަހު އެ ވިއްކަން އެއްބަސް ނުވެވުނީ އަހަރެންގެވެސް އަމިއްލަ މަސްލަހަތާ ދޭތެރޭ ވިސްނާފަ. އެކަމަކު މިހާރު ޔަގީންވެއްޖެ އަހަރެންނަކީވެސް އާއިލާކަމުގަ ރިއާން ގަބޫލުކޮށްފިކަން.. އެހެންވީމަ މިހާރު އަހަރެންގެ އެއްވެސް ކަންބޮޑުވުމެއްނެތް. ރިއާން ބުނި ކަންތައް މަންމަ ކޮށްދޭން ނިންމައިފިން" ޝީރީންގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމެވެ.

"އެކަމަކު މަންމާ މީގަ މި އޮތީ…" ޒީވާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަތުގައި އޮތް ގަނޑަށް ބަލަހައްޓައިގެން ދެލޯ ބޮޑުކޮށްފައި އިނދެވުނީއެވެ.

"ރަނގަޅު.. ކުންފުނީގައި މަންމަގެ ހިއްސާގެ ތެރެއިން 10 އިންސައްތަ ހިއްސާ ދަރިފުޅަށް ދޭން ނިންމައިފިން. ދެން މިއީ މަންމަގެ އުފަންދުވަހަށް ބައްޕަ ހަދިޔާކުރި އއ. އަތޮޅުގައި އޮންނަ ރިސޯޓެއްގެ 33 އިންސައްތަ ހިއްސާ. މިއީވެސް މަންމަ ދަރިފުޅަށްދިން ހަދިޔާއެއް ކަމުގައި ބަލާ" ޝީރީން އެތަނުގައި އޮތް ދެވަނަ ކަރުދާސް ދައްކައިލަމުން ހިނިތުންވެލިއެވެ. ޒީވާ ކަންބޮޑުވެފައި ރިއާންއަށް ބަލައިލުމާއެކު ރިއާން ޒީވާގާތު އިށީނދެ އަނެއްކާވެސް އެ ފައިލަށް ނަޒަރު ހުއްޓައިލިއެވެ.

"އެކަމަކު މަންމާ.. އަހަރެންނަކަށް މި ހަދިޔާ ގަބޫލެއް ނުކުރެވޭނެ. ރިއާން.. އައި ކާންޓް އެކްސެޕްޓް ދިސް" ޒީވާ އޭނާގެ ދެފަރާތުގައި ތިބި ދެމީހުންނަށް ބަލައިލަމުން ބުންޏެވެ.

"އެއީ ކީއްވެ؟ ހަދިޔާ ގަބޫލުނުކޮށް ރައްދުކުރުމަކީ އަދި ރަނގަޅުގޮތެއް ނޫން. ދަރިފުޅު އަވަހަށް ތީގަ ސޮއި ކޮށްލާ" ޝީރީން އަތުގައި އޮތް ގަލަން ޒީވާއަށް ދިއްކޮށްލިއެވެ.

"އެކަމަކު އަޅެ. ރިއާން ކީއްކުރަންތަ މަންމަގެ ޝެއަރތައް ގަންނަން އުޅުނީ.. މަންމަވެސް ރިއާންއަށް މި ދިން ނަމަ. ކީއްކުރަން އަހަރެންނަށް.. އަޅެ އަހަރެން ވަރަށް ބިރުގަނޭ މިކަހަލަ ކަންކަންދެކެ. އައި ކާންޓް.. ދިސް އިޒް ޓޫ މަޗް ރިއާން" ޒީވާ ހާސްވިއެވެ.

"ޝްޝްޝް. ކާމް ޑައުން ބޭބީ. ޓްރަސްޓް މީ.. ޖަސްޓް ސައިން އިޓް.." ރިއާން ޒީވާގެ ކޮނޑުގައި ފިރުމައިލަމުން ބުންޏެވެ.

"ދެން އަޅެ.." ޒީވާ ޝީރީންއަށް ބަލައިލުމާއެކު ޝީރީން އަތުގައި އޮތް ގަަލަން ޒީވާގެ އަތަށް ލައިދިނެވެ.

ޒީވާ ދެލޯ މަރައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ދެވަނަ ސިކުންތުގައި ދެލޯ ހުޅުވައިލުމަށްފަހު ނޭވާ ހިފަހައްޓައިލަމުން އޭގެއިން ރިއާން ދެއްކި ހުރިހާ ދިމާލެއްގައި ސޮއެކޮށްލިއެވެ. ނިންމައިލިއިރު އޭނާގެ އަތްވެސް ތުރުތުރުލަމުންދިޔައެވެ. ގަލަން މޭޒުމަތީގައި ބޭއްވުމާއެކު ޝީރީން ޒީވާއަށް މަރުހަބާ ކިޔުމަށްފަހު އޭނާގެ ކޮޕީ ހިފައިގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

"ކޮންގްރެޓްސް ބޭބް" ޝީރީން ނުކުތުމާއެކު ރިއާން އޭނާގެ ގަޔާ ޒީވާ ގާތްކޮށްލަމުން ހިނިތުންވެލިއެވެ. ރިއާންގެ އެ ހިނިތުންވުން ފެނުމާއެކު ޒީވާގެ ހިތުގައިވާ ބިރު މުޅިން ފިލައިގޮސް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

***************

އެހެން ރޭރެއާ ހިލާފަށް އެރޭ ރާހިލް ގެއަށް އައުމަށްފަހު އިތުރަށް ބޭރަށް ދާކަށް ހިޔާލެއްނުކުރިއެވެ. ފެންވަރާލައިގެން އައިސް ލެޕްޓޮޕު ހިފައިގެން މޭޒުދޮށުގައި އިށީނުމާއެކު ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. އެއީ އެލީޝާ ކަމުގައި ހީވެ އެކަމަށް މާބޮޑު ފަރުވާލެއްނުދީ އިންދައި އިވުނީ އިޝްވާގެ އަޑެވެ.

"އެހެމް.. މަންމަ ބުނީ ކާން އަންނާށޯ" އިޝްވާގެ ވާހަކައަށް މަޑު ހޫން އެއް ލައްވައިލުމަށްފަހު ރާހިލް އަނެއްކާވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ.

"ދޮންބޭ. ބައްޕަވެސް ބުނީ އަންނާށޭ" އޭނާ އެކަމާ އެއްބަސްނުވަންދެން އިޝްވާ އެތަނުން ނުދާނެހެން ހީވެ ރާހިލް އެންމެފަހުން އިޝްވާއާއެކު ހިނގައިގަތެވެ. ދެބެއިން އެކުގައިގޮސް މޭޒުދޮށުގައި އިށީންއިރު އެތަނުގައި ނާޝިދު ފިޔަވައި އިތުރު މީހަކުނެތެވެ. އާންމުކޮށް އެގޭގައި ރޭގަނޑު ކާންފަށަނީ އެންމެން ސުފުރާފޮށުގައި އިށީނދެ ހަމަޖެހުމުން ކަމުގައިވިޔަސް ރާހިލް އެއިން އެއްވެސް ކަމަކަށް މަޑުކުރުމެއްނެތި ތައްޓަށް އެއްޗެހި ހަމަކުރުމަށްފަހު ކާންފަށައިފިއެވެ. އެކަމާ އެއްޗެކޭ ބުނާނެ އެކަކުވެސް އެތަނަކުއެއްނެތެވެ. ކެއުން ނިމުމަކާއި ގާތްވި އިރުވެސް އެތަނުގައި އޮތީ ހިމޭންކަމެވެ. ނަމަވެސް އެވަގުތު އެތަނުގައި އިން އެލީޝާގެ ލޮލުން ނާޝިދުއަށް ކަމެއް އިޝާރާތްކޮށްލުމާއެކު ނާޝިދު ކަރުކެހިލަމުން ވާހަކަފެށިއެވެ.

"ރާހިލް.. މިދުވަސްކޮޅު އޮފީހުގަ މާ ބުރަ ދުވަސްކޮޅަކީތަ؟" ނާޝިދުގެ ވާހަކައަށް ބޯ ޖަހައިލުން ފިޔަވައި އިތުރު ރައްދެއް ރާހިލްގެ ފަރާތަކުން ނުލިބުނެވެ.

"ރާހިލް ގިނައިން މަސައްކަތްކުރަނީ ގޭގައެއްނު. މިދެތިން ދުވަހު ގޭތެރެ މި ދިޔަ ހާލަތަށްފަހު ބޯ ހަމަޖައްސާލަން ތަނަކަށް ދާން އަހަރެންނަށް ފެނޭ. އެލީޝާއަކީވެސް ރާހިލްގެ އަނތްބެއް. ވަކި މީހަކަށް އިހުމާލްވުމަކީވެސް ރަނގަޅުގޮތެއް ނޫން.. އެލީޝާ.. ދަރިފުޅު އިސްނަގައިގެން ކޮންމެވެސް ކަމެއް ރާވާލަބަލަ. ރާހިލް ބައިވެރިވާނެ. ދޯ ރާހި–"

"އަދިވެސް ކަލޭ ބޭނުންވި ކަންތައް ނުވަނީތަ އޭން؟" ނާޝިދުގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ރާހިލް އޭނާ އިން ގޮނޑިން ތެދުވެ މޭޒުމައްޗަށް ވިއްލައިލި ގޮށްމުށުގެ އެތިފަހަރާއެކު މޭޒުމަތީގައިހުރި ތަށިތައް ތެޅިލުމުންނެވެ. އެތަނުގައި ތިބި އެންމެނަށްވެސް މޭޒާ ދުރަށް ޖެހިލަމުން ރާހިލްއަށް ބަލައިލެވުނުއިރު އެ އެންމެންގެ މޫނުމަތިންވެސް ފާޅުވާން ހުރީ ސިހުމެވެ.

"ބަލަ މަ ބޯ ހަމަޖައްސަން ވީމައާ ތަނަކަށް ފުރަންވީމައާ މީހަކާ އިންނަންވީމައާ އިންނާނެ މީހަކުވެސް އެނގެނީ ކަލޭމެނަށްދޯ. ކަލޭމެން ބޭނުންވިގޮތަށް ކަންތައް ކޮށްގެން މޮސްކޯގެ ހޮސްޕިޓަލެއްގެ ފަންސާސް ޕަރސެންޓު ހޯދިއްޖެއެއްނު. ކަލޭމެން ބޭނުންވިގޮތަށް ކްލިނިކަށް ބޭނުންވާ އިންވެސްޓްމެންޓްވެސް ހޯދިއްޖެއެއްނު. އަދި ކަލޭމެން ދެމީހުން ބޭނުންވި ގޮތަށް ޝައިނާވެސް އަހަރެންނާ ދުރުކުރެވިއްޖެއެއްނު އެލީޝާއާ ކައިވެނި ނުކޮށްފިނަމަ ޝައިނާގެ ކެރިޔަރ.. ޝައިނާގެ ދިރިއުޅުން ހަލާކުކޮށްލާނެ ކަމަށް ބުނެ ކަލޭ އަހަރެންނަށް ބިރުދެއްކީ.. މަރުހަބާ.. ކަލޭ ބޭނުންވި ކަންތައް ވަރަށް ރަނގަޅަށް ހާސިލުވެއްޖެ" ރާހިލްގެ އަޑު އެޕަރޓްމެންޓްގެ ތެރޭގައި ގުގުމައިގަތެވެ. ވާފިޔާ ހާސްވެފައިހުރެ އިންތަނުން ތެދުވެގެން އައިސް ރާހިލްގެ އަތުގައި ހިފައިލީ ރާހިލްގެ ރުޅިގަނޑު މައިތިރިވޭތޯއެވެ. ނަމަވެސް ރާހިލް އެ އަތް ފޮޅުވައިލިއެވެ.

"މަންމަ މަޑުންހުރޭ. މަންމައަކަށް ބަސްބުނާނެ ފުރުސަތެއް ނޯންނާނެ. ޝައިނާ މިގެއަށް ގެނެސް ދަރިއެއްހެން ގެންގުޅުނުއިރު އަހަރެން ހީކުރީ މަންމަގެ ހިތުގަ ޝައިނާއަށްޓަކައި އެފަދަ މަތިވެރި ކުލުނެއް ވާނެކަމަށް. އެކަމަކު އަހަރެންނާ ޝައިނާގެ ކަންތައްތައް އެނގުނު ހިސާބުން މަންމަވެސް ޝައިނާގެ މައްޗަށް ރަހުމެއްނުކުރި. ޝައިނާއަކީ މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ފުންމާލާނެވަރުގެ ވިޔާނުދާ ކުއްޖެއްކަން ގަބޫލުކޮށް އެ އިތުބާރުވެސް އޭނާއަށް ނުދިނީމު. އަހަރެން ދެެއްކި އެންމެ ވާހަކައެއްވެސް އަޑުއަހަން މަންމަ މަސައްކަތްކުރިންތަ؟ އެރޭ އަހަރެންނަށް ޝައިނާ ދިފާއުކުރުމުގެ ފުރުސަތެއް ދިނިންތަ؟"

ރާހިލްގެ އަޑުގައިވާ ރުޅިކަމުގެ މައްޗަށް އެ އަޑުގައިވާ މާޔޫސްކަން ގަދަވާން ފެށިއެވެ. ނަމަވެސް އެތަނުގައި އެތިބި ހިތެއްނެތް އިންސާނުންގެ ކުރިމަތީގައި އޭނާގެ ލޮލުން އެންމެ ކަރުނައެއްވެސް ފޫދޭކަށް ރާހިލް ބޭނުމެއްނުވިއެވެ. އޭނާ އަވަސްއަވަހަށް އެތަން ދޫކޮށްދާން ހިނގައިގަތެވެ. އެވަގުތު އެލީޝާ އޭނާ ހުއްޓުވަން މަސައްކަތްކުރިއެވެ.

"ރާހިލް ވެއިޓް-"

"ނޮޓް ނައު އެލީޝާ!"

އެލީޝާއަށް އޭނާ ހުއްޓުވުމުގެ ޖާގައެއްނުދީ ރާހިލް އަވަސް އަވަހާގޮސް ސިޑީގެ ހަރުފަތްތަށް ގިރާކޮށް މައްޗަށް އެރިއެވެ. އެވަގުތު މޭޒުދޮށުގައި އިން އިޝްވާވެސް ގޮނޑި ދަމައިލުމަށްފަހު ތެދުވިތަން ފެނުނެވެ. އިޝްވާ ލަސް ފިޔަވަޅުތަކެއްގައިގޮސް ހުއްޓުނީ ކުރިން ރާހިލް އިށީނދެ އިން ގޮނޑި ކައިރީގައި ހުއްޓިލައިގެންހުރި ވާފިޔާގެ ކުރިމައްޗަށެވެ.

"މަންމައަށްވެސް.. ބައްޕައަށްވެސް ދޮންބެ އުޅެން ބޭނުންވީ ސިސްއާ އެއްކޮށްކަން އެނގޭތަ؟" ރާހިލްއާމެދު އުފެދުނު ހަމްދަރުދީގެ ސަބަބުން އިޝްވާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.

"ގަބޫލު ކުރަން އަހަރެންގެ ބައްޕައަކީ ދޮންބެގެ އަސްލު ބައްޕަ ނޫންކަން. ދޮންބެގެ އިހުސާސްތަކަށްވުރެ އަމިއްލަ އެދުން އިސްކޮށްފާނެކަންވެސް. އެކަމަކު ތި މަންމަ ތިއީ އަހަރުމެން ތިން މީހުންގެވެސް މަންމައެއްނޫންތަ؟ ދޮންބެ ސިސްދެކެ ލޯބިވާކަން އެނގިހުރެ ދޮންބެގެ ފީލިންގްސް އަކީ މަންމައަށް މުހިއްމު އެއްޗަކަށް ނުވީތަ؟ ތިއީ.. ތިއީ ކޮންކަހަލަ ބައެއް. ހުރިހާ މައިންބަފައިންނަކީވެސް ހަމަ ތިހާ އަމިއްލައެދުން ބޮޑު ބައެއްތަ؟" އިޝްވާގެ އަޑު ބެދެންފެށިއެވެ. ޝިމާން އޭނައާ ވަކިވެގެންދިޔަ ދުވަހު ދެއްކި ވާހަކަތަކުގެ ހިތި ހަގީގަތް މިއަދު އޭނާއަށް ސާފުވެއްޖެއެވެ. އާނއެކެވެ. އޭނާގެ މަންމައާއި ބައްޕައަށް ޝައިނާގެ ހަގީގަތް އެނގިހުރެ ޝައިނާ ގަބޫލު ނުކުރެވުނު އިރުގައި އެ އާއިލާއަށް ޝިމާން ބަލައިގަންނާނީ ކިހިނެއްހެއްޔެވެ؟ ކަރުނުން ފުރިފައިވާ ދެލޮލުން އޭނާވެސް އެއްފަހަރު ނާޝިދަށް އަނެއްފަހަރު ވާފިޔާއަށް ބަލައިލުމަށްފަހު ދުވެފައިގޮސް ސިޑިން މައްޗަށް އެރިއެވެ.

އެތަނުގައި ބާކީ ތިބީ ވާފިޔާއާއި ނާޝިދުގެ އިތުރުން އެލީޝާ އެކަންޏެވެ. ހިނގައިދިޔަ ކަންތަކަށްފަހު އެއިން އެކަކަށްވެސް އިތުރަށް ކެއުން ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އަދި އެއިން އެކަކަށްވެސް ރާހިލްއާ ކުރިމަތިލާނެ ގޮތެއްވެސް ނޭނގުނެވެ. އެހެންކަމުން އެލީޝާވެސް ތަށިތައްނަގައި މޭޒުމަތި ސާފުކުރުމުގައި ވާފިޔާއަށް އެހީވުމަށްފަހު ވާފިޔާ ކޮޓަރިއަށް ވަނުމުން ސޯފާގައި އިށީނދެލައިގެން އިނީއެވެ. ރާހިލްގެ ރުޅިގަނޑު ފިނިވާނެ އިރެއްގެ އިންތިޒާރުގައި ގަޑިއެއްހާއިރު އެހެން އިނުމަށްފަހު އެންމެފަހުން އޭނާވެސް ދިޔައީ ކޮޓަރިއަށެވެ. އޭރު އާދައިގެ މަތިން ރާހިލް ލެޕްޓޮޕު ހުޅުވައިލައިގެން ކޮންމެވެސް މަސައްކަތެއް ކުރުމުގެ ނަމުގައި އިނެވެ. ނަމަވެސް އެލީޝާއަށް ޔަގީނާގާތަށް ރާހިލް އޮފީހުގެ މަސައްކަތެއް ކުރަނީ ނޫންކަން އެނގުނެވެ.

"ރާހިލް.." އެލީޝާ ޖެހިލުންވެފައިހުރެ ރާހިލްއަށް ގޮވައިލިއެވެ. އަދި އޭނާގެ ހަތްމަހަށްދާ ބަނޑުގައި އަތް އަޅައިލައިގެންހުރެ އުނދަގޫ ގޮތަކަށް ކުރިއަށް ހިނގައިގަތެވެ. އެވަގުތު ލިޔާމޭޒުމަތީގައި ލެޕްޓޮޕު ބަހައްޓައިގެން އިން ރާހިލް އަވަސްއަވަހަށް އޭގައި ހުޅުވައިފައިހުރި ޓެބެއް މިނިމައިޒް ކޮށްލުމަށްފަހު އެލީޝާއާވީ ދިމާލަށް އެނބުރިލިއެވެ.

"ޔެ. އެހެމް..ޔެސް" އަޑު ގޮސްފައިހުރުމުގެ ސަބަބުން ރާހިލް ކަރުކެހިލުމަށްފަހު އެލީޝާއަށް ބަލައިލިއެވެ.

"ތިރިއަށްގޮސް ފެންފުޅިއެއް ހިފައިގެން އާދެވިދާނެތަ؟ އަހަރެން ދެންމެ މައްޗަށް މި އެރީ.. މިހާރު ވަރަށް ވަރުބަލި. ހަނދާން ނެތުނީ ފެން ހިފައިގެން އަންނަން.." އެލީޝާ އެދުނެވެ. ރާހިލް ލޮލުގެ އިޝާރާތުން އެނދާއި ޖެހިގެން ހުރި ކުޑަ އަރިމަތީ ކަބަޑުގެ މަތީގައިވާ ބިއްލޫރި ފެންޖަގު ދައްކައިލިއެވެ. އޭގައި ގާތްގަނޑަކަށް ފުރެންދެން ފެން ހުއްޓެވެ.

"ވަރަށް ފިނިފެން ބޭނުމީ. ޕްލީޒް.. މިހާރު ނެތޭ އެއްވެސް މީހެއް އެތާކު" އެލީޝާއަށް ބުނާނީ ކީކޭކަން ނޭނގުމުން އެންމެފަހުން ބުންޏެވެ.

ރާހިލް މާގިނަ ވާހަކައަކާނުލައި ހަމައެކަނި ބޯ ޖަހައިލުމަކުން ފުއްދައިލިއެވެ. ދިރިއުޅުމުގައި ކޮންމެ ފަދަ އިމްތިހާނެއް ކުރިމަތިވި ނަމަވެސް އޭނާއަކީ އިންސާނެއްކަން އޭނާ ހަނދާން ނައްތައެއްނުލައެވެ. އޭނާގެ ކިބައިގަައިވާ އޯގާތެރިކަމާއި ހަމްދަރުދީގެ ސިފައަކީ އޭނާއަށް ޝައިނާ ގެއްލެން މެދުވެރިވި ސަބަބެވެ. އެލީޝާއަށްޓަކައި އޭނާއަށް މާބޮޑަށްވެސް ހަމްދަރުދީ ވެވުނީއެވެ. ނަމަވެސް އެ ސިފަތަކަކީ ޚުދު ޝައިނާގެ ހިތްވެސް އޭނާއަށް ދީއްލައިލަން މެދުވެރިވި ސަބަބަށްވާތީ ރާހިލް އެ ސިފަތައް ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އޭނާ އެ އިންތަނުން ތެދުވީ އެލީޝާއަށް އެހީވުމަށެވެ. އެލީޝާ އެބުނާ ފެންފުޅިއެއް ގެނެސްދިނުމަށެވެ.

ރާހިލް ކޮޓަރިން ނުކުތުމާއެކު އެލީޝާ އަވަސް އަވަހަށް ރާހިލް މަސައްކަތްކުރަމުންދިޔަ ލެޕްޓޮޕާ ގާތަށް ޖެހިލިއެވެ. އެއީ އޭނާ ކުރިން ދުވަހަކުވެސް ކޮށްފައިވާ ކަމެއް ނޫނެވެ. ރާހިލްގެ ހުއްދަނެތި ރާހިލްގެ އެއްވެސް އެއްޗެއްގައި އޭނާ މީގެކުރިން އަތްލައިފައެއް ނުވެއެވެ. ރާހިލް ލެޕްޓޮޕު ލޮކް ކުރުމަކާނުލައި އެތަނުން ދިޔައީވެސް އެލީޝާގެ މައްޗަށް އެ އިތުބާރު އޮންނާތީކަމުގައި އެލީޝާއަށް އެނގެއެވެ. ނަމަވެސް މިފަހަރު ރާހިލްއަށް ނޭނގުނީ އޭނާ ލެޕްޓޮޕުން އޭރު ހުޅުވައިގެން އިން ޓެބް އެލީޝާއަށް ފެނިފައިވާކަމެވެ. ރާހިލްއަށް ފަހަތުގައި އެލީޝާ ހުރިކަމެއް ރޭކައިނުލި ކަމުގައިވިޔަސް އެލީޝާ އެތަނުގައި ހުންނަތާ މިހާރު އިރުގަނޑެއް ފާއިތުވެއްޖެކަމެވެ. އޭރު ރާހިލް ހުޅުވައިގެން އިނީ ފޮޓޯތަކެއް ހިމެނޭ ފޯލްޑާއެއްކަށް އެނގުނު ނަމަވެސް އޭނާއަކަށް ފެނުނު ފޮޓޯތައް ސާފެއްނޫނެވެ. އެހެންކަމުން އެ ބަލައިލުމުގެ ޝައުގު އޭނާގެ ހިތުގައި އުފެދުނީއެވެ.

ޖެހިލުންވެފައިހުރެ ލެޕްޓޮޕުގެ ޓާސްކްބަރގައި މިނިމައިޒް ކޮށްލައިފައި އިން ފޯލްޑަށް ހުޅުވައިލުމާއެކު އެލީޝާގެ ހިތް ގެނބުނުހެން ހީވިއެވެ. މޭގައި ތޫނު ރިހުމެއް އުފެދުނެވެ. އޭނާގެ ހިތުގައިވެސް ރާހިލްއާމެދު އުފެދެމުންދަނީ ލޯބީގެ އިހުސާސްތަކެކެވެ. އެ ލޯބި ހާސިލްކުރަން އޭނާވެސް ބޭނުމެވެ. ޝައިނާ މަންޒަރުން އެއްފަރާތަކަށް ޖެހިލި ހިނދު އެކަން ކާމިޔާބުވެދާނެކަމުގެ ހަނި އުއްމީދެއް އޭނާއަށް ލިބުނުވެސްމެއެވެ. ނަމަވެސް ލެޕްޓޮޕުން އަޅުވައިލެވިފައިހުރި ފޮޓޯ ފެނުމާއެކު އެއީ ވާނެކަމެއް ނޫންކަން އޭނާއަށް ކަށަވަރުވިއެވެ. ޝައިނާ ރާހިލްގެ ދިރިއުޅުމާ ކިތަންމެ ދުރަށް ދިޔަނަމަވެސް ރާހިލްގެ ހިތާ އެންމެ ގާތުގައިވާނީ ޝައިނާއެވެ. ޔަގީނާ ގާތަށް ހީވާގޮތުން އެއީ ކޮންމެވެސް ހަފްލާއެއްގައި އެމީހުން ނަގައިފައިވާ ފޮޓޮއެކެވެ. ފޮޓޯގެ ފަހަތުގައިހުރި އާރ.އެލްގެ ލޯގޯ ފެނުނުހިނދު އެއީ އެ އޮފީހުގެ ހަފްލާއެއްގެ ތެރެއިން ނަގައިފައިވާ ފޮޓޮއެއްކަން އެލީޝާއަށް ނަގައިގަނެވުނެވެ. އޭނާއަށް މުހިއްމުވީ އެ ތަފްސީލުތަކެއްނޫނެވެ. އޭނާއަށް ބެލެމުންދިޔައީ އޭގައިތިބި ދެމީހުނަށެވެ.

ކަޅުނޫކުލައެއްގެ ސޫޓެއްގައިހުރި ރާހިލްގެ އެއްއަތް ޝައިނާގެ އުނަގަނޑުގައި އަޅުވައިލައިގެންހުރިއިރު އެމޭގައި ލައްވެލައިގެންހުރި ޝައިނާގެ ދެލޮލުން ރާހިލްއާ ހަތަރުކަޅި ހަމަކޮށްލައިގެންހުއްޓެވެ. ރާހިލްއަކީ އާންމުކޮށް ކޯޓު ފަޓުލޫނު ލައިއުޅޭ މީހެއް ކަމުގައިނުވިޔަސް އެ ފޮޓޯއަށް ބަލައިލުމާއެކު އެ ސޫޓް ރާހިލްއާ ނުހަނު ގުޅޭކަން ފާހަގަވެ އެލީޝާގެ ހިތްވެސް އަވަސްވެލިއެވެ. ޝައިނާގެ ރީތިކަން ރާހިލްއަށް އެންމެ ތަންފުކެއްވެސް ދުލެއް ނުކުރެއެވެ. ރާހިލްގެ ސޫޓާގުޅޭ ގަދަނޫކުލައިގެ ހެދުމެއްގައިހުރި ޝައިނާގެ ރީތިކަންފެނި އެލީޝާއަށް ހުރެވުނީ އަންތަރީސްވެފައެވެ. ކޮށްފައިވާ މޭކަޕުގެ ސަބަބުން އެ ބޮޑު ދެލޮލުގެ ވިދުން އިތުރަށް ގަދަވެފައިހުއްޓެވެ. ދުނިޔެ މަތީގައި ހޫރުން އުޅޭނަމަ އޭގެން އެންމެ ފުރަތަމަ މީހަކަށްވާނީ ޝައިނާއޭ އެލީޝާއަށް ހިތާހިތުން ބުނެލިއެވެ.

އާނއެކެވެ. ރާހިލް ލައްވައިފައިވަނީ ޝައިނާއަށްޓަކައެވެ. އަދި ޝައިނާ ރާހިލްއަށެވެ. އެހާ ގުޅޭ ޖޯޑެއް އޭނާގެ ހަޔާތުގައިވެސް ދެކިފައެއް ނުވެއެވެ. އެދެމީހުންގެ ރީތިކަމާއި ވާދަކުރެވޭނެ އިތުރު ޖޯޑެއް ދުނިޔޭގައި ލައްވައިފައިވާނެހެން އޭނާއަކަށް ހިއެއް ނުވެއެވެ. އެފޮޓޯގައި އެދެމީހުންވެސް ތިބީ އެކެއް އަނެކެއްގެ ލޮލުގެ ތެރެއަށް ބެހިގެންދާން ތައްޔާރަށް ކަހަލައެވެ. ދެމީހުންގެ ލޮލުންވެސް ފެންނަމުންދިޔައީ އެކަކު އަނެކަކަށްޓަކައިވާ އިންތިހާ ދަރަޖައިގެ ލޯތްބެވެ. މިފަދަ ލޯތްބަކަށް އެޅޭ ހުރަހަކަށްވެހުރެ އޭނާ މިތަނުގައި މި ކުރަނީ ކީއްހެއްޔޭ އެލީޝާގެ ހިތަށް އެރިއެވެ.

އެލީޝާ އެ ފޯލްޑަރ މަތިމަތިން ބަލައިލިއިރު އޭގައި ދެންވެސް ހުރީ ހުސް ޝައިނާގެ ފޮޓޮއެވެ. ދެމީހުން އެކުގައި ހޭދަކޮށްފައިވާ އުފާވެރި ވަގުތުތަކުގެ ހަނދާންތަކެވެ. އެ ހަނދާންތަކާއި ސޫރަ ރާހިލްގެ ހިތުން ނުފޮހެވޭހާ ހިނދަކު އޭނާއަށްޓަކައި އެހިތުން ޖާގައެއް ހުސްވާނީ ކިހިނެއްހޭ އެލީޝާގެ ހިތަށް އެރިއެވެ؟ ޝައިނާގެ އެ މިސާލެއްނެތްފަދަ މުށިކުލައިން ވިދުންއަރާ ކަޅު އިސްތަށިގަނޑުގެ ބަދަލުގައި އޭނާގެ "ބްލޯންޑް" އިސްތަށިގަނޑު ރާހިލްއަށް ކަމުދާނީ ކިހިނެއްހެއްޔެވެ؟ އެ ތޫނު ކަޅިރަވައިގެ ތެރޭގައި ފޮރުވިފައިވާ މުށިކުލައިގެ ދެލޯ ހަނދާން ނައްތައިލުމަށްފަހު އެލީޝާގެ ފެހިކަންގަދަ ދެލޮލުގެ ތެރޭގައި ފީނާކަށް ރާހިލްއަކަށް ނޭނގޭނެއެވެ. އެންމެ ރަނގަޅުވާނީ ރާހިލް ނުފެތެންދެން ސަލާމަތްކުރުމެވެ. ޝައިނާގެ ދެލޮލުގައިވާ މުށިކުލައިގެ އަމާން ބާނިތަކުގެ ތެރެއަށް ރާހިލް ދޫކޮށްލުމެވެ. ރާހިލްގެ ދިރިއުޅުމާ އޭނާ ދުރަށްގޮސް އެ ދިރިއުޅުމަށް ޝައިނާ އައުމުގެ ޖާގަ ދިނުމެވެ. އޭނާއަކަށް ރާހިލްގެ ލޯތްބެއް ދުވަހަކުވެސް ނުލިބޭނެއެވެ.

ރާހިލް އައުމުގެ ކުރިން ކުރިއެކޭ އެއްގޮތަށް އެ ފޮޓޯ މިނިމައިޒް ކޮށްލުމަށްފަހު މޭޒާ ދުރަށްޖެހިލިއިރު އެލީޝާގެ ދެލޮލުގައި ވަނީ ތާޒާ ކަރުނައިގެ އަސަރެވެ. ކޮޓަރީގެ ދޮރު ހުޅުވައިލެވުނު އަޑު އިވި އޭނާ އަވަސްއަވަހަށް ކަރުނަތައް ފޮހެލުމަށްފަހު މޫނުގައިވާ އަސަރުތައް ރާހިލްއަށް ފޮރުވުމަށްޓަކައި އިސްއޮބައިލިއެވެ. އަދި ރާހް ދިން ފެންފުޅި ހިފައިގެންގޮސް ރާހިލްއަށް ފުރަގަސްދެމުން އެނދުގައި އިށީނެވެ. އޭނާގެ މިޒާޖަށް އައި ބަދަލު ރާހިލްއަށް ފާހަގައެއްވެސް ނުކުރެވުނެވެ. އެކަމަކާމެދު އެލީޝާ ރާހިލް ކުށްވެރިއެއް ނުކުރެއެވެ. އެއަށްވުރެ ބޮޑު ހައިޖާނެއް މިވަގުތު ރާހިލްގެ ހަޔާތުގައި ހިނގަމުންދާކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ބޭކާރު ވާހަކަ ތަކަކާނުލައި އޭނާ ބެލީ އަވަހަށް އެނދުގައި އޮށޯވެ ނިދާލެވޭތޯއެވެ.

***************

ދެތިންދުވަސް ފާއިތުވެގެންދިޔައިރު އެލީޝާގެ މިޒާޖަށްވަނި ބޮޑެތި ބަދަލުތަކެއް އައިސްފައެެވެ. ރާހިލްއާ ގުޅުން ރަނގަޅުކޮށް ވާހަކަދެއްކުމަށްޓަކައި ކުރިން ކުރި މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ނެގިމަޑުވެފައި އިންދައެވެ. ކޮންމެވެސް ފުން ވިސްނުމަކަށް ގެއްލިފައި އިންދައެވެ. އެހެނަސް މިކަން ފާހަގަވާ އެކަކުވެސް އޭނާގެ ވަށައިގެންނުވާ ކަހަލައެވެ. އަމިއްލާ އެކަނިވެރިކަމާމެދު ވިސްނި އެލީޝާގެ ނަފްސާނީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވެ އެންމެފަހުން ދިރިއުޅުމުގެ މަޤްސަދާމެދު ސުވާލު އުފެދެން ފަށައިފިއެވެ. ދުނިޔެއިން މާޔޫސްވާން ފަށައިފިއެވެ. ދިރިއުޅުމާމެދު އޭނާގެ ހިތުގައި އޮތް ހަނިހަނި އުއްމީދަށް ފުރުސަތެއް ދިނުމަށް އެލީޝާ ގުޅައިލީ ރަޝިޔާގައިތިބޭ އޭނާގެ އާއިލާއަށެވެ. މަންމައާ ބައްޕައަށެވެ.

ވަޓްސްއެޕުން ކުރަމުންދިޔަ ވީޑިޔޯ ކޯލުގެ ކޮންމެ ރިންގަކާއެކު ހިތުގެ ތެޅުން މެކުހަށް ޖަހައިފައިވަނިކޮށް އެންމެފަހުން ފޯނު ނެގީ އޭނާގެ ބައްޕަ އާމިރެވެ. އެލީޝާ ހިނިތުންވުމަކާއެކު އޭނާގެ ބައްޕައާ ސަލާންކުރިއެވެ. އަދި އެތަށް އިރަކު އޮލަ ވާހަކައިގައި އިނުމަށްފަހު އޭނާ ކުރަން ގަސްތުކޮށްގެންހުރި ސުވާލު ބައްޕައާ އަމާޒުކޮށްލިއެވެ.

"ބާކީ ދެމަސް އޮތީ ޑިއުޑޭޓް ޖެހެން.. ބޭބީ ވިހަން ވާއިރަށް މާލެ އަންނާނަންތަ؟"

ރަޝިޔާބަހުން އެލީޝާ ކޮށްލި ސުވާލާއެކު އާމިރުގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަތަން އެލީޝާއަށް ފެނުނެވެ. އާމިރު އޭނާގާތު މަޑުކޮށްލުމަށް އިޝާރާތްކުރަމުން މާ ދުރުނޫން ހިސާބެއްގައި އިން އެނީއަށް ފޯނު ދިއްކޮށްލިއެވެ. އެލީޝާ އޭނާގެ މަންމައަށް ގޮވައިލިއިރު އޭނާގެ ހިތުގައި ރިއްސައިލިއެވެ. އެ ހުރިހާއިރު މަންމަ ބައްޕަގެ ގާތުގައި އިންކަންވެސް އޭނާއަށް ނޭނގެއެވެ. އެންމެ ފަހަރަކުވެސް މަންމަ އިސްނަގައި އޭނާއާ ވާހަކަ ދައްކައިލަން ބޭނުން ނުވީތީ އެލީޝާގެ ހިތުގައި އެކަމާމެދު ޝަކުވާ އުފެދުނެވެ.

"މަންމާ. ޑިއުޑޭޓް ޖެހެން އޮތީ ބާކީ ދެ މަސް.. މަންމަމެން އަންނާނަންތަ؟" އެލީޝާ އާމިރުގާތު އެހި ސުވާލު ތަކުރާރުކޮށްލިއެވެ.

"ދަރިފުޅަށްވެސް އެނގެއެއްނު ކުރިއަށް މިއޮތީ ސަމަރ ބްރޭކް ކަން. މެޑިކަލް ޓޫރިޒަމް އެންމެ ގިނަވާނެ ދުވަސްކޮޅު އެއީ. ހޮސްޕިޓަލްތަކުގެ އިތުރުން އޮފީސްވެސް އެހާ ބިޒީވާނެ. ތިއީ އެހާވަރު ކަމެއް ނޫނޭ. ރާހިލްވެސް ވާފިޔާވެސް ހުންނާނެއެއްނު ދަރިފުޅުގާތު"

އެނީގެ ޖަވާބު އެލީޝާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅަކީ ރާހިލްއާ އަދި ރާހިލްގެ އާއިލާއާ ގުޅުމެއްއޮތް ކުއްޖެއް ނޫންކަން އެނގިހުރެ އެކުއްޖާ އުފަންވާދުވަހު އާއިލާއެއްގެ ގޮތުގައި ހުރެދިނުމަށް އޭނާގެ މައިންބަފައިން އަންނާނޭ އެލީޝާއަށް ކުރިން ހީވިއެވެ. އެހެނަސް އެ ޖަވާބާއެކު ޒީވާ ބަލިވެއިންކަން އިއުލާންކުރި ދުވަހު އެ އާއިލާގެ އެންމެންގެ ފަރާތުން ފެނުނު އުފާވެރިކަން އެލީޝާއަށްޓަކައި އަމިއްލަ އާއިލާއިން ލިބޭނެ ކަމަށް އޭނާގެ ހިތުގައިވި އެންމެ ފަނޑު އުއްމީދުގެ ކަނިވެސް ނިވިގެންދިޔައެވެ. ލިބުނު މާޔޫސް ކަމުގައި އެލީޝާ ކޯލު ކުރުކޮށްލީ އޭނާގެ ދިރިއުޅުމާމެދު ހިތާހިތުން ގޮތެއް ނިންމަމުންނެވެ.

ޖެހިގެންއައި ދުވަހު އެލީޝާއަށް އިރުއެރީ އެހެން ދުވަސްދުވަހަށްވުރެ މާ އަވަހަށެވެ. ދުވަހުގެ ބޮޑުކަމާހުރެ އެދުވަހާ ކުރިމަތިލާން އޭނާ ފަސްޖެހެމުންދިޔަ ކަހަލައެވެ. ސިކުނޑީގައި ރޭވެމުންދިޔަ ރޭވުމުގެ ސަބަބުން ރޭގައި އޭނާއަށް ހަމަނިދިވެސް ނުލިބުނެވެ. ބިރުވެރި އެތައް ހިޔާލުތަކާއި ހުވަފެންތަކުން އޭނާގެ ނިދި ގެއްލިފައިވިއެވެ. ކިތަންމެ ފަހަރަކު އޭނާ ހިތާހިތުން އެ ނިންމި ނިންމުން ބަދަލުކުރަންވެސް ބޭނުންވިއެވެ. އެހެނަސް އޭނާގެ ހިޔާލު ބަދަލުވީ ކުއްލިއަކަށް ކޮޓަރީގެ ފާހަނައިން އެއްޗެހިތަކެއް ވެއްޓުނު އަޑާއެކު އިވިގެންދިޔަ ރާހިލްގެ ހަޅޭކުގެ އަޑަށެވެ. އެލީޝާ ސިހިފައިގޮސް ބާރުބާރަށް ރާހިލްއަށް ގޮވަމުން ފާހަނައިގެ ދޮރުގައި ތަޅަންފެށިއެވެ. އޭރު ފާހަނައިގެ ތެރެއިން އިވެމުންދިޔަ ރާހިލްގެ ވޭނީ ރުއިމުގެ އަޑާއެކު އޭނާގެ ދެލޯވެސް ފެންކަޅިވާން ފަށައިފިއެވެ.

"ރާހިލް ޕްލީޒް. އޯޕަން ދަ ޑޯރ އައިމް ބެގިންގް ޔޫ ރާހިލް"

އެލީޝާ ހުއްޓުމެއްނެތި ފާހަނައިގެ ދޮރުގައި ތަޅަމުންދިޔަތާ މިނެޓެއްހާއިރުފަހުން ރާހިލް ދޮރު ހުޅުވައިލުމަށްފަހު ފާހަނައިން ނުކުތެވެ. ހުޅުވިފައިވާ ފާހަނައިގެ ދޮރުން އެތެރެއަށް ބަލައިލިއިރު ސައިބޯނި ފުޅިތަކާއި އެހެން ހުރިހާ އެއްޗެއް ބިންމަތީގައިހުރިތަން ފެނި އެލީޝާއަށް އެފަހަރު އެ އިވުނު އަޑަކީ އެއީކަން އޭނާއަށް ޔަގީންވިއެވެ. ދެން އޭނާ ބަލައިލީ ގާތުގައިހުރި ރާހިލްއަށެވެ. މޫނުމަތިން ހަމަޖެހޭގޮތް ދައްކަން މަސައްކަތްކުރި ކަމުގައިވިޔަސް އޭރުވެސް ރާހިލްއަށް ހުއްޓުމެއްނެތި ގިސްލެވެމުންދިޔައިރު އިރުއިރުކޮޅާ ރަތްވެފައިވާ ދެލޮލުން އޮހެމުންދާ ކަރުނަތައް ފޮހެލައެވެ.

ހިތުގައި އުފެދުނު ހަމްދަރުދީއާއެކު އެލީޝާ ބާރަށް ރާހިލްގެ ގައިގައި ބައްދައިލިއެވެ. އެއާއެކު ރާހިލްގެ ބަޑިފަޅައިގެންގޮސް ބާރުބާރަށް ރޯންފެށުނެވެ. އެލީޝާ އިން ހާލާމެދުވެސް ވިސްނޭހާ ހިތްވަރެއް އޭނާގެ ނެތްކަހަަލައެވެ. ދެފައިން ވާގިދޫވާންފެށުމާއެކު އެއްއަތުން މޭގައި ހިފަހައްޓައިލަމުން އަނެއްއަތުން އެލީޝާގެ ކޮނޑުގައި އެލިގަތެވެ. އެލީޝާއަށް ރާހިލްގެ ހަށިގަނޑު ނުހިފެހެއްޓިގެން ދެމީހުން އެކުގައި ބިންމަތީގައި އިށީނެވެ. ރާހިލްގެ މެއަށް އިންތިހާއަށް ބާރުވެ މޭ ފިތިގެންދާކަމުގެ އިހުސާސެއް ކުރެވުނެވެ. އޭނާ ލައިގެންހުރި ގަމީސް މެއާ ދިމާލުން ބޮނޑިކޮށްލަމުން އިތުރަށް އިސްއޮބައިލިއިރު ރުއިމުގެ ތެރެއިންވެސް އޭނާގެ ނޭވާ އަވަސްވެފައިވާކަން އެލީޝާއަށްވެސް ފާހަގަކުރެވުނެވެ.

"ރާހިލް..ރާހިލް.. ވަޓްސް ހެޕެނިންގް ޓު ޔޫ ރާހިލް..ރާހިލް.." އެލީޝާއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ.

"އައި ކާންޓް ޑޫ ދިސް އެނީމޯރ އެލީ. ހެޔޮނުވާނެ. އަހަރެންނަށް ޝައިނާ.. ޝައިނާ ގެނެސްދީ.. ﷲއަށްޓަކައި މިބުނީ އެލީ ޝައިނާ ހޯދައިދީ.. އަހަރެން ބޭނުން ޝައިނާ. ވަރަށް ބޭނުން. ޕްލީޒް އެލީ.. އާހް.. އަހަރެން މޮޔަވެދާނެ. ޝައިނާއާ ނުލައި އަހަރެންގެ އުމުރުގެ 26 އަހަރު ވޭތުކުރިގޮތް އަހަރެންގެ ހަނދާނުގައެއް ނެތް. އަހަރެން ދެން ޝައިނާނުލާ އުޅޭނީ ކިހިނެއް އެލީ؟ އާހް.. ދިސް ހަރޓްސް ސޯ މަޗް.. އައި ކާންޓް ޑޫ ދިސް.." ރާހިލްގެ ކޮންމެ އާދޭހެއްގައިވަނީ އެތައްހާސް ވޭނާއި ޖަޒުބާތެކެވެ.

"ރާހިލް. ޕްލީޒް ދެން ހުއްޓާލަބަ. އަހަރެންނަށް ކޮށްދެވެން އޮތް ކަމަކިއްޔާ ހޯދައިދޭނަން. ރާހިލްއާއި ޝައިނާ އަލުން ގުޅުވޭތޯ ކޮށައިދެވެން ހުރި ހުރިހާ މަގެއް ކޮށައިދޭނަން"

ރާހިލްގެ ރުއިމުގެ ފަނޑުވަމުންގޮސް މަޑު ގިސްލުމަކަށް ބަދަލުވަންދެން އެލީޝާ ރާހިލްގެ ބުރަކަށީގައި ފިރުމައިލައި ފިރުމައިލައި އިނެވެ. އެގޮތުގައި ހައެއްކަ މިނަޓު ފާއިތުވެދިޔަ ފަހުން ރާހިލް ހަމައަކަށް އެޅުމާއެކު އޮފީހަށް ދާން ޖެހޭ ވަގުތު ގާތްވެެއްޖެކަމުގައިބުނެ އެލީޝާގެ ގައިން ދޫކޮށްލިއެވެ. އަދި މޫނުދޮވެ ތާޒާވެލުމަށްޓަކައި އަލުން ތެދުވެ ފާހާނާއަށްވަނެވެ. އެމަންޒަރު ބަަލަން އިން އެލީޝާގެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. ރާހިލްގެ ހާލު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް ރޫޅިގެންދާހެން ހީވިޔަސް އޭނާ ރާހިލްދެކެ ވާލޯބި ދުލުން ބަޔާން ކުރެވޭކަށް އެލީޝާއަކަށްނެތެވެ.

ކޮންމެއަކަސް ރާހިލްގެ އެ އާދޭސްތަކާއި ރުއިމުގެ އަޑު ވެގެންދިޔައީ އެލީޝާ އެކަމަކަށްޓަކައި ތައްޔާރުވަމުން އައި ބޮޑު ކަންތައް ކުރުމަށް ލިބުނު ހިތްވަރަކަށެވެ. ރާހިލްއަށް ރަނގަޅުވާނީވެސް އޭނާ ރާހިލްގެ ހަޔާތުގައި ނެތިއްޔާއެވެ. އޭނާގެ މައްޗަށް ހިތާމަކުރާނެ އާއިލާއެއްވެސް މި ދުނިޔޭގައެއްނެތެވެ. އެހެންކަމުން އޭނާ އިންތިޒާރު ކުރަމުންދިޔައީ އެދުވަހު ރާހިލް އޮފީހަށް ދާނެ ވަގުތަކަށެވެ. ހަމަ ދިޔުމާއެކުހެން އޭނާގެ ސިކުނޑީގައި ރޭވިފައިވާ ގޮތަށް އޭނާ ގޭގެ ތިރީބަޔަށް ފޭބުމަށްފަހު އެންމެ ފުރަތަމަވެސް ދިޔައީ ވާފިޔާ ހޯދުމަށެވެ. ވާފިޔާއަށް އޭނާ ފެނުމާއެކު ސައިބޯން ގޮވައިލި ކަމުގައިވިޔަސް އެ މޫނުމަތީގައި އެހެންޏާ ހުންނަ ހިތްހެޔޮކަމުގެ ހިނިތުންވުމެއް ނެތެވެ.

"ސައި ނުބޯނަން މަންމާ" އެލީޝާ މަޑުމަޑުންގޮސް ބައްދައިލީ ވާފިޔާގެ ގައިގައެވެ. "ތެންކްޔޫ މަންމާ" އޭނާ ވާފިޔާގާތު ބުންޏެވެ.

"ކޮންކަމަކަށް؟" ވާފިޔާހުރީ ހަމަ ރަނގަޅަށްވެސް ވާނުވާގައެވެ. .
"ހުރިހާ ކަމަކަށް. ހަމަ ތެންކްޔޫ ބުނެލާ ހިތްވީ" އެލީޝާ ހިނިތުންވެެލިިއެވެ. އަދި އެވަގުތު އެތަނަށް އައި އިޝްވާއާ ހެނދުނުގެ ސަލާން ކޮށްލަމުން ވާފިޔާގެ ގައިން ދޫކޮށްލިއެވެ. އެލީޝާގެ މޫނުމަތިން މިފަހަކަށްއައިސް ނުފެންނަފަދަ އުޖާލާކަމެއް ފެންނަމުންދިޔައީތީ އިޝްވާވެސްހުރީ ހައިރާންވެފައެވެ. އެ ސަލާމަށް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލަމުން އިޝްވާ ސައިބޯން އިށީނެވެ.

"ބަލާބަ އިޝްކޮވެސް އެ އިށީނީނު ސައިބޯން. ދެން ސައިބޯން އިށީނދެބަލަ" ވާފިޔާ އެދުނެވެ.

"އަދިވެސް ވަރަށް ނިދި އެބަހުރި މަންމާ. ކުޑަކޮށް ނިދާލާފަ އައިސް ކާނީ" އެލީޝާ ބުންޏެވެ. ވާފިޔާ އިތުރަށް އެކަމާ ދެބަސްވާން ނޫޅުނީތީ އެލީޝާއަށް ކަންތައްތައް ފަސޭހަވިއެވެ. ހިތްހަމަޖެހިފައިހުރެ އޭނާ އައިސް އެނދުގެ އެއްފަރާތުގައި އިށީނދެލުމަށްފަހު އެތަނުގައިހުރި ސައިޑްޓޭބަލް މަތީގައިވާ ފެންޖަގުން ފެންތައްޓެއް އަޅައިލިއެވެ. އަދި އެ ސައިޑް ޓޭބަލްގައިވާ ކުޑަކުޑަ ވަތްގަނޑު ހުޅުވައިލިއެވެ.

***************

ފަޅުކޮށް އޮތް ގޭގެ ސިޓިންގްރޫމަށް އަވަސް ނަޒަރެއް ދިނުމަށްފަހު އޮފީހުން އައި ރާހިލް އެތަނުގައި މަޑުކުރުމެއްނެތި ސިޑިން މައްޗަށް އެރިއެވެ. ކޮޓަރިއަށް ވަތްއިރު ނިދިފައި އޮތް އެލީޝާފެނި ފިޔަވަޅެއްގެ އަޑުވެސް ނީވޭނެހާ މަޑުމައިތިރިކަމާއެކު އެއްޗެހި ބަދަލުކޮށްލައިގެން އަނެއްކާވެސް ނުކުތީ ބޭރަށް ދިޔުމަށެވެ. މިސްރާބެއްނެތި މާލޭގެ މަގުތަކުން ދުއްވުމަށްފަހު އެންމެފަހުން މޫދާ ކައިރި ހިސާބެއްގައިހުރި ރެސްޓޯރެންޓަކަށް ވަނެވެ. ކޮފީއަކަަށް އޯޑަރ ދިނުމާއެކު ފޯނު ނަގައި ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.

"ހަލޯ ނިހާމް.. މިއީ.. ޝައިނާގެ ހަބަރެއްވިތަ؟" ފޯނަށް ޖަވާބުދިނުމާއެކު ރާހިލް އަހައިލިއެވެ.

"ސާބަހޭ ދަރިޔާ. ކުރީދުވަހު ގުޅީމަވެސް މަ ބުނީމެއްނު ނޫނެކޭ މި ރަށަކަށްވެސް ނާދެޔޭ.. ބްރޯ ކިހިނެއްތަ އެ މަންޖެއަށް ހަދައިގެން ތި އުޅެނީ؟" ނިހާމްގެ ސުވާލާއެކު ރާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ކަމަކާ ރުޅިއައިސްގެން ގެއިން ނުކުތްގޮތަށް ވީތަނެއް ނޭނގޭ. ހަދާނެގޮތެއް ނޭނގިގެން މި އުޅެނީ" ރާހިލް ހަގީގަތް އޮޅުވައިލިއެވެ.

"ބްރޯއަށް އެނގެއެއްނު އޭނަގެ ކަންތައްތައް ހުންނަގޮތް މިކޮޅުގަ އުޅުނުއިރުވެސް. އެ ރުޅިގަނޑު ފިނިވީމަ އައިސްދާނެ." ނިހާމް މާބޮޑަކަށް އެކަމަކާ އަޅައެއްނުލައެވެ. ވުމާއެކު ރާހިލް ނިހާމަށް ޝުކުރު އަދާކުރަމުން ކޯލު ކުރުކޮށްލިއެވެ. އަދި ރިއާންއަށް ގުޅޭތޯ މަސައްކަތްކުރިއެވެ.

ދެފަހަރެއްގެ މަތިން ކުރި ކޯލު ބިޒީކޮށްލުމަށްފަހު ރިއާން އޭނާއަށް ފޮނުވައިލީ މެސެޖެކެވެ. އޭގައިވަނީ މާދަމާ ބައްދަލުކޮށްލުމަށް ގުޅާނެ ކަމަށެވެ. ރާހިލް ޗޮކެއް ކަނޑައިލަމުން މޭޒުމަތީގައިހުރި ކޮފީތަށި އެއްނޭވާއިން ހުސްކޮށްލުމަށްފަހު ބިލަށް ފައިސާ ބަހައްޓައިފައި އެތަނުން ދިޔައީ އަނެއްކާވެސް ގެއަށެވެ. މިފަހަރު ދޮރު ހުޅުވައިލުމާއެކު އޭނާގެ ކަންފަތުގައި ޖެހުނީ ވާފިޔާގެ އަޑެވެ.

"ދަރިފުޅާ.. އެލީއަށް ގޮވާލަބަލަ. ހެނދުނު އައިސްފަވެސް ސައި ނުބޮއެ ކޮޓަރިއަށް ދިޔަގޮތަށް އަދިވެސް ނާދޭ. މިހާރު ރޭގަނޑު ކާގަޑި ޖެހެނީ.. އަދިވެސް ނުހޭލަނީތަ؟" ވާފިޔާ ކަންބޮޑުވެފައި އަހައިލިއެވެ.

"އެބަ ގޮވަން" ރާހިލް ފަރުވާކުޑަގޮތަކަށް ވާފިޔާއަށް ރައްދެއް ދިނުމަށްފަހުގޮސް ކޮޓަރިއަށް ވަނެވެ. އެނދުގެ ވަށައިލުމަށްފަހު އެލީޝާއޮތް ފަރާތަށް އައިސް އެލީޝާއަށް ގޮވުމަށްޓަކައި ކޮނޑުގައި އަތްޖައްސައިލިއެވެ. އެތަށް ފަހަރަކު ގޮވުމުންވެސް އެލީޝާގެ ފަރާތުން އިޝާރާތެއްނުވުމުން އެލީޝާގެ ކޮނޑަށް ކުޑަ ބާރެއްލުމަށްފަހު އުއްޑުންޖަހައިލިއެވެ. އެއާއެކު ރާހިލްގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

އެލީޝާގެ އަނގައިން ނުކުމެފައިވާ ހުދުކުލައިގެ ފޮނަތައް ފެނުމާއެކު އޭނާއަށް ސިހިފައި ވަށައިގެންވާ ސަރަހައްދު ހޯދައިލެވުނީ ހިތުގައި އުފެދެމުންއައި ހީއަކީ ކުށްހީއަކަށް ވޭތޯ ހިތާހިތުން ދުއާކުރަމުންނެވެ. ނަމަވެސް ސައިޑް ކަބަޑުގެ މަތީގައި ހުރި ބޭސްކާޑުތައް ފެނުމާއެކު ރާހިލްއަށް ކަންތައްތައް ވީގޮތް ނަގައިގަނެވުނެވެ. ޖެހިލުންވެފައި އެލީޝާގެ ގައިން އަތްދޫކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!