Episode 60

ހިތް އެދޭހާ ކަމެއް.. (60 ވަނަބައި)

"ދަރިފުޅާ.. މަންމަގާތު.."

ވާފިޔާގެ ވާހަކަ ނުފެށެންދެން ރާހިލްގެ ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. ބަޔަކު ސިއްސައިގެންދާހާ ބާރަށް އޭނާގެ ދެކަކޫ ޓައިލްސްތަކުގެ މަތީގައި ޖެހުނުއިރު އެއަށްވުރެ ބާރަށް އިވެންފެށީ އޭނާގެ ރުއިމުގެ އަޑެވެ. ހިތެއް ފުނޑުފުނޑުވާ އަޑު އިންސާނުންނަށް އިވޭނަމަ އެވަގުތު އޭނާގެ ހިތް ފުނޑުފުނޑުވި އަޑު އެ ދެ އަޑަށްވުރެވެސް ބާރަށް އެތަނުގައިތިބި މީހުނަށް އިވޭނެކަން ގައިމެވެ.

އިޝްވާއަށް އެމަންޒަރު ބަލަން ކެތްނުވުމުން ރާހިލްގެ ގާތު ބިންމަތީގައި އިށީނދެލުމަށްފަހު ރާހިލްގެ ގައިގައި ބައްދައިލިއެވެ. އަދި ދޮރުކައިރީގައި ހުރި އެލީޝާއަށް އެވަގުތު ވާފިޔާ ގޮވައިގެންދިޔުމަށް ލޮލުން އިޝާރާތްކޮށްލީ އެއީ ރާހިލް ބޭނުންވާނެ ގޮތްކަން އެނގޭތީއެވެ. ރާހިލްދެކެ އޭނާ ކިތަންމެ ރުޅިއައިސްފައި ހުރިނަމަވެސް އެއީ އޭނާއާ އެއްލެއެކެވެ. ޝައިނާދެކެ ވީލޯބީގައި ރާހިލް އާވާރާ އާޝިގެއް ފަދައިން އުޅުނު ގޮތް އެނގޭނެ ހަމައެކަނި މީހަކަށް އެ އާއިލާގައި ހުރީ އޭނާއެވެ. އެހެންކަމުން ރާހިލްގެ ހިތުގައިވި އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލުމުގެ ފުރުސަތު މިނިވަންކަމާއެކު ދޭން އޭނާ ބޭނުންވިއެވެ. ތުއްތުއިރުއްސުރެން މިވީހާތަނަށް އޭނާ ކަމަކާ ދެރަވެ ހިތުގައި ޖެހިގެން އުޅުނު ކޮންމެ ހިނދެއްގައި އެކަމެއްގެ ކުޑަބޮޑުމިނެއް ނެތި ރާހިލްވަނީ އޭނާއާ އެންމެ ގާތުގައި ހުރެދީފައެވެ. އެއިން ކޮންމެ ވަގުތެއްގައި އޭނާގެ ކަރުނަތައް ފޮހެލައިދޭ މީހަކީ އޭނާގެ ދޮންބެއެވެ. ޒީވާއަށްވުރެވެސް ގާތްގުޅުމެއް އޭނާއަށް ރާހިލްއާދެމެދު ބޭއްވެނީ އެހެންވެގެނެވެ. ވީއިރު މިވަގުތު އޭނާއަށް ވެވުނު ވަރަކުން ރާހިލްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ބޭނުންވިއެވެ. އުމުރުގެ މިވީހާތަނަށް ރާހިލް އޭނާގެ ކުރިމަތީގައި ހިތްވަރުގަދަ މީހަކަށް ވިފަދައިން ރާހިލްގެ ކުރިމަތީގައި ހިތްވަރުގަދަ މީހަކަށް ވާންވެސް ބޭނުންވިއެވެ. އޭނާއަށް އެކަން ނާކާމިޔާބުވަމުން ދިޔައީ ރާހިލްގެ ފަރާތުން މި ފެންނަމުންދަނީ މުޅިން އާ މަންޒަރަކަށް ވާތީއެވެ. އޭނާގެ ހަޔާތުގައިވެސް ރާހިލްގެ ލޮލުން ހިތާމައިގެ ކަރުނައެއް ދެކެފައި ނުވެއެވެ. އެ ރުއިމުގެ އަޑަކީ އޭނާއާ ބީރައްޓެހި އަޑެކެވެ. ވީއިރު އަޑުއަހާ މީހެއްގެ ގައިން ހީބިހި ނަގުވާލާފަދަ ވޭނާއެކު ރާހިލްއަށް އެ ރޮވެނީ ހަމަ ގައިމުވެސް ކުރިން ނާޅާފަދަ ވޭނެއް އެ ހިތުގައި އަޅަމުންދާތީއެވެ. އެވަގުތު ރާހިލް އެ ބަރުދާސްތު ކުރަމުންދިޔަ ހިތްދަތިކަން ތަސައްވުރުވެސް ކުރާކަށް އޭނާއަކަށް ނޭނގުނެވެ. އެކަމާމެދު ވިސްނެމުންދާ ވަރަކަށް އޭނާއަށްވެސް ދިޔައީ ރޮވެމުންނެވެ.

"ދޮންބޭ ޕްލީޒް.. ހުއްޓާލަބަ. ސިސް ދިޔަތަނެއް ހޯދޭތޯ އަހަރެމެން މަސައްކަތްކުރާނީ.. ސިސް ދޮންބެއަށް މާފުކުރާނެކަން އަހަރެންނަށް ޔަގީން" ރާހިލްގެ އަތުގައި ހިފައިލަމުން އިޝްވާ ޔަގީންކަންދިނެވެ.

"އިޝީ އައި…އައި ޓޯލްޑް… އައި ޓޯލްޑް ހަރ ޓު އެބޯރޓް އަވަރ..އަވަރ ބޭބީ" ގިސްލެވޭވަރުން ރާހިލްއަށް ވާހަކަދެއްކެނީވެސް ހަމަ ކިރިޔާއެވެ.

އިޝްވާއަށް ރާހިލްގެ ބަސްތައް ނަގައިގަނެވުމާއެކު ލިބުނު ހައިރާންކަމުގައި އަނގަމަތީގައި އަތްއަޅައިލެވުނެވެ. އިތުރަށް އިވޭ އެއްްޗެއްގެ ސަބަބުން ގޯސް އެއްޗެކޭ ބުނެވިދާނެކަމުގެ ބިރުގައި އޭނާވެސް އެތަނުން ނުކުމެގެން ދިޔައީއެވެ. ރާހިލް އެކަނިމާއެކަނި އެ ކޮޓަރީގެ ތެރެއަށް ދޫކޮށްލުމަށްފަހުގައެވެ. އެހެނަސް އެކަމާމެދު ރާހިލްގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާގެ ސިކުނޑި އޭރުވަނީ މުޅިން އެހެން ދިމާލެއްގައެވެ. ބިންމަތީގައި ވެއްޓިފައިއޮތް ބޫޓުކޮޅަށާއި އަތުގައި އޮތް ސްކޭނަށް ބަލައިލެވޭ ކޮންމެ ފަހަރަކު ގަޑީގެ ކަށި ނުއަތަށް ހިނގާނޭ ނަމައޭ ރާހިލްގެ ހިތަށް އަރަމުންދިޔައެވެ. ޝަައިނާއާ ދިމާލަށް އޭނާގެ ދުލުން ބުނެވިދިޔަ ބަސްތައް އަނބުރައި ގެންނަން ބޭނުންވިއެވެ. އެދުވަހު އޭނާއަށް އެ ބަސްތައް ބުނަން ކިތަންމެ ފަސޭހަ ކަމުގައިވިޔަސް މިއަދު އަތުގައި އެ އޮތް ސްކޭނަށް ބަލައިލުމަށްފަހު އެފަދަ ކަމެއްގެ ހިޔާލުންވެސް އޭނާގެ ބޮލަށް އެނބުރުން އަރައިފިއެވެ. އެ ސްކޭނުން އަދި ފެންނަމުންދިޔައީ އެ ދަރިފުޅުގެ ސިފަވެސް ނުޖެހޭ ގަނޑު ލޭކޮޅެެއްކަމަކު އެ ފުރަތަމަ ނަޒަރުންވެސް އޭނާގެ ހިތުގައި އެ ދަރިފުޅާމެދު ކުލުނު އުފެދިއްޖެއެވެ. ކަރުނައިގެ ތެރެއިން ރާހިލް އަތުގައި އޮތް ސްކޭން ގެނެސް ތުންފަތުގައި ޖައްސައިލަމުން ލޯތްބާއެކު ބޮސްދިންއިރު އޭނާގެ ތުންފަތައް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

******************

ސަރުކާރުގެ އިސް އޮފިޝަލުންތަކަކާއެކު ބޭއްވުނު ޒޫމް މީޓިންގަށްފަހު ރިއާން އޭނާގެ މެކްބުކް ލައްޕައިލިގޮތުން ހީވީ އެ މީޓިންގް ނިމޭނެއިރެއްގެ އިންތިޒާރުގައި ވަގުތު ގުނައިލަގުނައިލައި އިން މީހެއްހެނެވެ. އޭނާގެ ބޮލުގައި ހަރުލައިފައިހުރި ނިމުމެއްނުވާ ރިހުމަށް ލުޔެއް ލިބޭނެކަމުގެ އުއްމީދުގައި ދެލޯ މަރައިލަމުން ނިއްކުރީގައި ފިރުމައިލެވުނެވެ. އެހެނަސް އެހެން ހުރިހާ ފަހަރެކޭ އެއްފަދައިން އެއީ ނާއުންމީދީ ކަމެއްކަމުގައި ނިންމުމަށްފަހު އޭނާ އިށީނދެގެން އިން ގޮނޑިން ތެދުވެ މޭޒުމަތީގައި އޮތް ފޯނާއި ވޮލެޓު ފަޓުލޫނުގެ ޖީބަށް ކޮށްޕައިލަމުން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ކާރަށް އެރުމަށްފަހު ދުއްވައިލަން ނޭނގިފައި އިނދެވުނީ ދާންވީ މިސްރާބެއް ނޭނގުމުންނެވެ. އޭނާގެ ހިތް ޒީވާއާ ބައްދަލުކުރުމަށް ދާން އެދުނަސް އޭނާގެ ސިކުނޑިން އެކަން މަނާކުރަމުންދިޔައީ މިހާރުވެސް ޒީވާއަށް ވާވަރަށް އުނދަގޫ ކުރެވިއްޖެކަމަށާއި ޒީވާގެ ނިންމުމަށް އިޚްތިރާމް ކުރަންޖެހޭނެ ކަމުގައި އެ ހިތަށް ވިސްނައިދެމުންނެވެ. އެންމެފަހުން ޒީވާ ގާތަށް ދިޔުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ރިއާން ގެއަށް ދިޔުމަށްޓަކައި ކާރުދުއްވައިލިއެވެ. ނަމަވެސް އޭނާގެ އެޕަރޓްމެންޓް ހުންނަ އިމާރާތާއި ދާދި ކައިރިވެފައިވަނިކޮށް ކާރުގެ މިސްރާބު ބަދަލުވެއްޖެއެވެ.
މަޑު ދުވެލީގައި ކާރުގޮސް ގެއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ބީޗުގެ ކައިރިއަށް ހުއްޓާލެވުނީ ރިއާންގެ އަމިއްލަ އިޙްތިޔާރުގައެއްނޫނެވެ.

މިނެޓެއްހާއިރުވަންދެން ބޮޑު ފިކުރެއްގައި ކާރު ތެރޭގައި އިނުމަށްފަހު އޭނާ ކާރުން ފޭބިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ބީޗާ ދިމާލަށް ހިނގައިގަތެވެ. ރަށްރަށާއި ރިސޯޓުތަކަށްގޮސް އާންމުކޮށް އެތަންތަނުގެ އަތިރިމައްޗާއި ގޮނޑުދޮށްތައް ބަލައިލަން ދިޔަކަމުގައި ވިނަމަވެސް މާލޭގެ ބީޗުތަކަށް އައުމަކީ އޭނާ އެއްވެސް އިރަކު ގަޔާވާ އަދި ކޮށްއުޅޭ ކަމެއްވެސް ނޫނެވެ. މި ފާއިތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައިވެސް އޭނާ މާލޭގެ ގޮނޑުދޮށްތައް ބަލާލަން އައީ އެންމެ ދުވަހެއްގައެވެ. އެއީ ޒީވާއާއެކު ޒީވާގެ އުފަންދުވަސް ފާހަގަ ކުރުމަށްޓަކައި ނުކުތްދުވަހުގައެވެ. މިއަދު އޭނާ އެ ހުރީ އެ ގޮނޑުދޮށުގައެވެ. ވުމާއެކު ރިއާންއަށް އެތަނުން ފެންނަމުންދިޔަ ކޮންމެ މަންޒަރެއް، ކޮންމެ ކުލައެއް އަދި އިވެމުންދިޔަ ކޮންމެ އަޑެއް ކޮންމެ ހުނުމެއް ފެނި އިވެމުންދިޔައީ ޒީވާގެ ހަނދާނެއްގެ ގޮތުގައެވެ.

އެ ފުރިހަމަ ވަގުތުކޮޅު އިތުރަށް ސިކުނޑީގައި ރައްކާކުރުމަށްޓަކައި އޭނާ އަރައިގެންހުރި ބޫޓާއި އިސްޓާކީން ބައިލައި ކައިރިފަށެއްގައި ބެހެއްޓުމަށްފަހު މީހުން މަދު ހިސާބެއްގެ ދޮންވެލިގަނޑުގެ މަތީގައި އިށީނދެލިއެވެ. އިރު އޭގެ މޮޅު ކުލަތަށް އުޑުގައިވާ ވިލާތަކާއި ކަނޑުގައިވާ ބާނިތަކަށް ދޫކޮށްލުމަށްފަހު އޮއްސެންދިޔަ ހިތްގައިމު މަންޒަރުން ރިއާންގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ޖެހެމުންދާ މަޑު ފިނި ވައިރޯޅީގެ ސަބަބުން އޭނާގެ ކަރުގައި އަޅައިފައިވާ ޓައި ވިހުރެމުންއައިސް ބައެއް ފަހަރު މޫނުމަތީގައި ބީހިލާއިރު، އެކަމުންވާ އުނދަގުލަކަށްވެސް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާ ފޯނު ނަގައި އޭގެން ހުޅުވައިލީ ޒީވާއާއެކު އެތަނަށް އައި ދުވަހު ނަގައިފައިވާ ޒީވާގެ ފޮޓޮއެވެ. އެ ފޮޓޯގައި ޒީވާ މޫދުކައިރީގައިހުރެ އޮއްސެމުންދާ އިރަށް ބަލަހައްޓައިގެން ހުއްޓެވެ. ރިއާން އެ ފޮޓޯގައި ޒީވާ ހުއްޓިގެންހުރި ހިސާބު ހޯދައިލުމަށްފަހު އެދިމާލަށް ފޯނު އަނބުރައިލިއެވެ. އެއްލޯ މަރައިލައިގެންހުރެ އެ މަންޒަރާއި ފޯނުގެ މަންޒަރު ޕަޒްލްއެއް ފަދައިން ދިމާވާނެގޮތަށް ފޯނު ހިފަހައްޓައިލިއެވެ. މިހާރު ހީވަނީ އެވަގުތު އެތަނުގައި ޒީވާ ހަމަ އަސްލުގައިވެސް ހުރިހެނެވެ.

ރިއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ދެބުމަ ގޮށްޖެހިގެންދިޔައީ ކުދިކުދި ފިޔަވަޅުތަކެއްގައި އޭނާއާ ދިމާލަށް ހިނގަމުންއައި ދެތިން އަހަރުގެ ތުއްތު އަންހެންކުއްޖަކު ފެނުމުންނެވެ. ފަސްބައި ފުއްޕާލައިފައިހުރި މަޑުމަޑު ދަނބު ކުލައެއްގެ ހެދުމަކާއި އަޑުގޮވާބޫޓެއްގައި ނުފަރިތަކަމާއެކު ދޮންވެލިގަނޑުމަތިން ހިނގަމުންއައި ގޮތުން ބައެއް ފަހަރު އެކުއްޖާ ދެންމެ ދެންމެ ވެއްޓިދާނޭވެސް ހީވިއެވެ. ނަމަވެސް އެކުއްޖާއާއި ފަސްވަރަކަށް ފޫޓު ދުރުގައިހުރި އެކުއްޖާގެ ބައްޕަ އެކުއްޖާގެ ފިޔަވަޅުތަކަށް ސަމާލުވަމުން ކުރިއަށް އައެވެ. ރިއާންއަށްވެސް އޭރު އިނދެވުނީ އެކުއްޖާ ނަގާ ކޮންމެ ފިޔަވަޅަކަށް ސަމާލުވެ ބަލަހައްޓައިގެނެވެ. އެގޮތުން ރިއާންއާއި ދެތިން ފިޔަވަޅު ކައިރިވެފައި ވަނިކޮށް އެކުއްޖާ އަރި އަޅައިލުމާއެކު ރިއާންގެ މޭގަނޑު އަތަށްނައީ ކިރިޔާއެވެ. އަތުގައި އޮތް ފޯނު ވެލިގަނޑު މައްޗަށް ދޫކޮށްލުމަށްފަހު އެކުއްޖާ ވެއްޓުމުގެ ކުރިން އޭނާއަށް އެކުއްޖާ ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ރިއާން އެކުއްޖާ އުރާލައިގެންހުރެ ކޮޅަށް ތެދުވުމާއެކު އެކުއްޖާގެ ބައްޕަ ހިނިގަނޑެއް ޖަހައިލަމުން އައިސް ރިއާންގެ އަތުން އެކުއްޖާ ނެގިއެވެ.

"އަހަހަހަަ. ބޭބެއަށް އުނދަގޫކޮށްލީ ދޯ؟ ބޭބެ ފެނުނީއްސުރެން ހަމަ މިދިމާލަށް އެހިނގަނީ" އެމީހާ އެކުއްޖާގެ ހެދުމުން ވެލި ފޮޅައިލަމުން ބުންޏެވެ. އެކުއްޖާ ލަދުރަކިގޮތަކަށް ހީނލުމަށްފަހު އަނެއްފަރާތައް އެނބުރި ބައްޕަގެ ގައިގައި ބައްދައިލިއެވެ. އެއާއެކު އެދެމީހުންނަށް އެއްފަހަރާ ހީނލެވުނެވެ. ރިއާން އިތުރަށް އެތާ މަޑުކުރުމުގެ ބަދަލުގައި އެކުއްޖާގެ ބައްޕައާއި ސަލާންކޮށްލުމަށްފަހު ބިންމަތީގައި އޮތް ފޯނު ނަގައިގެން އެތަނުން ދުރަށް ހިނގައިގަތެވެ.

ކާރަށް އަރައި ދުއްވައިލިއިރުވެސް އެ ތުއްތުކުއްޖާ އުޅުނުގޮތް ހަނދާންވެ ރިއާންއަށް ހެވެމުންދިޔައެވެ. އޭނާއާއި ޒީވާއަށްވެސް ކުއްޖަކު ލިބިއްޖެނަމަ ހަމަ ހުންނާނީ އެހާ ލޯބިކޮށެވެ. ހަމަގައިމުވެސް ޒީވާ އެންމެ ގިނައިން އެ ދަރިފުޅު ލައްވާނީ އެކުއްޖާ ލައިގެން ހުރިފަދަ ދަނބުކުލައިގެ ހެދުމެވެ. ރިއާންއަށް މި ވިސްނެމުންދިޔައީ ކީކޭކަން އިހުސާސްވުމާއެކު ލިބުނު ސިހުމުގައި ކާރުގެ ބުރަކި ޖައްސައިލެވުނެވެ. އޭނާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ. އޭނާއަށް ޒީވާއާއެކު އެފަދަ މުސްތަގްބަލެއްގެ ހުވަފެން ދެކެވެންފެށީ ކޮންއިރަކު ހެއްޔެވެ؟ މިއީ އޭނާގެ މުޅި އުމުރުގައިވެސް ކުއްޖަކު ލިބުމާމެދު ނުވަތަ ހޯދުމާމެދު ހިޔާލު ކުރެވުނު ފުރަތަމަ ފަހަރެވެ. ރިއާން ބޯ ހޫރައިލުމަށްފަހު ކައިރިން ފެންނަންހުރި އޭނާ ދިރިއުޅޭ އިމާރާތުގެ ޕާކިންގްއަށް ކާރު ވައްދައިލީ އެއީ ޒީވާ ނެތުމުގެ ފަޅުކަން އޭނާގެ ހަމަބުއްދިއާ ކުޅެމުންދާތީ އޭނާއަށް ކުރެވޭ ބޭކާރު ހިޔާލުތަކެއްކަމުގައި ވިސްނަމުންނެވެ.

ރިއާންއަށް އެޕަރޓްމެންޓަށް ވަދެވުނުއިރު ދުވަހުގެ އިރުއޮއްސި ޖައްވަށް އަނދިރިކަން ވެރިވެއްޖެއެވެ. ވުމާއެކު ހުޅުވައިފައިވާ ދޮރުފޮތިތަކުންވެސް އަލީގެ އެއްވެސް ރާހަތެއް އެޕަރޓްމެންޓަކަށް ނުކުރެއެވެ. އެ އަނދިރިކަމަށް ހޭނިފައިވާ މީހަކު ފަދައިން ރިއާންގޮސް ފަރިތަކަމާއެކު ބަދިގެއަށްވަދެ އެތަނުގައި ހުރި އައިސްއަލަމާރި ހުޅުވައިލުމަށްފަހު އޭގެން ރެޑްބުލްދަޅެއް ނެގިއެވެ. އަދި އެ ހިފައިގެން ނުކުތުމުގެ ކުރިން ސިޓިންގްރޫމްގެ އިމާއި ބަދިގޭގެ އިން ވަކިވާގޮތަށްހުރި ކިޗަން އައިލެންޑާ ދިމާލުގައިވާ މޮޑަރން ލައިޓްތައް ދިއްލައިލުމަށްފަހު މަސްޓޭންކުގެ އަލިވެސް ގަދަކޮށްލިއެވެ. އެއީ ސިޓިންގްރޫމް އެއްކޮށް އަލިކުރުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް އަނދިރިކަން ފިލުވައިލުމަށް އޭނާ ބޭނުންކުރި އުކުޅެކެވެ.

ސޯފާތަކުގެ ކުރިމައްޗަށް ވާގޮތަށްހުރި ތިރި ކޮފީމޭޒުމަތީގައި ގެނައި ދަޅު ބެހެއްޓުމަށްފަހު އެތަނުގައި އެކަކަށް އިށީނދެވޭނެހެން ހުރި ސޯފާއަށް ކަންނެތްކަމާއެކު ވެއްޓިގަންނަމުން ރިއާން ކަރުގައި އޮތް ޓައި ދޫކޮށްލިއެވެ. އޭރުވެސް އެވަގުތު އެ އެޕަރޓްމެންޓްގައި އިތުރު މީހެއް އުޅެދާނެ ކަމާމެދު އޭނާއަކަށް ވިސްނައިލެވިފައެއްނެތެވެ. ނަމަވެސް ޖީބުން ނެގި ލައިޓަރުގެ އެހީގައި ކޮފީމޭޒުގެ މަތީގައިހުރި ލެވެންޑާ އުއްބައްތި ރޯކޮށްލިވަގުތު އެ އަލިކޮޅުގެ އެހީގައި މޭޒުމަތި ރަނގަޅަށް ފެނުމާއެކު ރިއާން ހައިރާންވިއެވެ. އުއްބަތީގެ ދަށަށް ލައްވައިލައިފައި އޮތް ސިޓީއުރައަކީ ހަމަ ގައިމުވެސް އޭނާ އެތަނުގައި ބޭއްވި އެއްޗެއްނޫނެވެ. އަނެއްކާ އޭނާ ނެތްވަގުތެއްގައި ޖޫލީ އެ ގެ ސާފުކުރަން އައީބާއެވެ؟

ރިއާން މާބޮޑު ވިސްނުމަކާނުލައި ސިޓީއުރަ ހުޅުވައިލުމަށްފަހު އޭގެން ނެގި ހީރަސް ޖަހައިފައިވާ އޭ4 ސައިޒުގެ ދެތިން ކަރުދާސްގަނޑަށް ނަޒަރު ހިންގައިލިއެވެ. އެއާއެކު ރިއާންއަށް ހީވީ އޭނާގެ އެވަގުތު ލައިލައިހުރި ނޭވާ އުފުރިގެން ދިޔަހެނެވެ. މެޔަށް އެރި ތޫނު ތަދާއެކު ހިތާއި ހަށިގަނޑު ދެތަން ވެގެންދިޔަހެންވެސް ހީވިއެވެ. އަވަސް އަވަހަށް ދެފަހަރަކު އެސްފިޔަ ޖަހައިލެވުނީ އަތުގައި އޮތް ގަނޑު އޭނާއަށް ފެންނަމުންދިޔައީ ރަނގަޅަށްތޯ ޔަގީންކުރުމަށެވެ. އެއީ ހަމަ އޭނާއާއި ޒީވާގެ މައުލޫމާތު ފުރައިފައިވާ ވަރިވުމަށްއެދި ހުށަހަޅާ ފޯމެއްހެއްޔެވެ؟ ފަނޑުއަލީގެ ތެރެއިން ފޯމުގެ ހުރިހާ ތަފްސީލެއް ސަމާލުކަމާއެކު ރަނގަޅަށް ބަލައި ނުލެވުނު ނަމަވެސް ހުރިހާ ޞަފްހާއެއް ފުރިހަމަ ކޮށްފައިވާކަން އެނގެއެވެ. ރިއާންއާގުޅޭ ހުރިހައި މައުލޫމާތެއްވެސް ވަނީ ފުރިހަމަކޮށްފައެވެ. އޭގައި މަދުވަނީ ހަމައެކަނި ފޯމު ހުށަހަޅާ ފަރާތުގެ ސޮއެވެ.

ރިއާންއަށް ލިބުނު ޝޮކުގައި ގަބުވެފައި އިންތާ މާގިނައިރެއްނުވެ ފަހަތުން ކޮޓަރިއެއްގެ ދޮރު ހުޅުވައިލެވުނު އަޑު އިވުނެވެ. މީހާއަށް ހޭވެރިކަންވެ ފަހަތް ބަލައިލެވުނުއިރު ޒީވާ ބޮޑުފޮށްޓެއް ހިފައިގެން އޭނާގެ ފަހަތުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެއީ އެގޭގައި ބާކީހުރި ޒީވާގެ ހުރިހާ ސާމާނެއްކަން ނަގައިގަނެވުމާއެކު ޒީވާ އަބަދަށްމެ އެނާއާ ވަކިވަނީކަން އިހުސާސްވެ ރިއާންއަށް އިންތަނުން ތެދުވެވެން އުޅުނެވެ. ނަމަވެސް އެއަށްވުރެން ކުރިން ޒީވާ އައިސް އޭނާގެ އަތުގައި އޮތް ފޯމު ޖަހައިގަތުމަށްފަހު އެ ފޯމު ކޮފީމޭޒުމަތީގައި ބާއްވައިލަމުން ބިންމަތީގައި ދެކަކޫ ޖަހައިލިއެވެ. ކައިރީގައި އޮތް ގަލަންނަގައި ފޯމުގައި ސޮއެކުރުމަށް ގަލަމުގެ ތުނޑު ޖައްސައިލުމާއެކު ރިއާން ޒީވާގެ އަތުގައި ހިފެހެއްޓިއެވެ.

"ޒީވް" އެ ސޮއެ ނުކުރާށޭ ބުނާ ފަދައަކުން ރިއާން އާދޭހުގެ ރާގެއްގައި ގޮވައިލިއެވެ. އެ އާދޭހަށް ބީރުކަންފަތެއް ދިނުން ޒީވާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެ އާދޭހާ ނުލައިވެސް އެ ނިންމުން ނިންމުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. މީގެ އިރުކޮޅެއްކުރިން އެ ފޯމުގެ ހުރިހައި މައުލޫމާތެއް ފުރުމަށްފަހުގައިވެސް އޭނާއަށް އޭގައި ސޮއެ ކުރާނެ ހިތްވަރު ނުލިބުނެވެ. އެހެންނަމަވެސް ރިއާން ފެނުމާއެކު އޭނާއަށް އެންމެންވެގެން އޮޅުވައިލި އޮޅުވައިލުމުގެ މަތިން ހަނދާންވެ ޒީވާއަށް އެ ހިތްވަރު ލިބުނީއެވެ.

ރިއާންގެ އަތުން އޭނާގެ އަތް ދަމައިގަތުމަށްފަހު ނޭވާ ހިފަހައްޓައިލަމުން ސިކުންތެއްގެ ތެރޭގައި ޒީވާ އެ ފޯމުގައި ސޮއެކޮށްލިއެވެ. އަދި ރިއާންއަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތު ދިނުމެއްނެތި އަވަސް އަވަހަށް އެތަނުން ތެދުވެގެން ހިނގައިގަތެވެ. ކޮޓަރީގެ ދޮރުމަތީގައި ބަހައްޓައިފައިވާ ފޮށި ދަމައިލަމުން އެޕަރޓްމެންޓްގެ ދޮރާއި ދިމާލަށް ހިނގައިގަތް ވަގުތު އައި ނައިތަނެއް ނޭނގި ރިއާންއައިސް ޒީވާގެ އަތުގެ މުލައްދަނޑީގައި ހިފަމުން ގެނައި ކުއްލި ހަރަކާތާއެކު ޖެހިގެން ހުރި ފާރުގައި ޒީވާ ތަތްކޮށްލިއެވެ. އަދި ޒީވާގެ އަތުގައި އޮތް ފޯމު ޖަހައިގަތުމަށްފަހު އަތުގެ ކޮޅަށް ހޫރައިލަމުން ޒީވާއަށް ފަރާތަކަށް ނުޖެހެވޭނެހެން ދެއަތް ގެންގޮސް ޒީވާގެ ދެފަރާތުން ފާރުގައި ވިއްދައިލިއެވެ.

"ސޯ އިޓްސް ރިއަލީ ދިސް އީޒީ ފޯރ ޔޫ؟ ތި ސޮއެ ކޮށްލަން ޒީވާއަށް އެހާވެސް ފަސޭހަތަ؟ އަށް އަހަރުވަންދެން އަހަރެންދެކެ ލޯބިވާކަމަށްބުނެ ޒީވާ ހެދީ ހުސްދޮގުތަ؟ އެއިޓް އިޔަރޒް ޑޭމްން އިޓް!" ރިއާން ރުޅިވެރިކަމާއެކު އޭނާގެ ކަނާތް ހިއްލައިލައި ފާރަށް އެތިފަހަރެއް ވީއްލައިލިއެވެ. ޒީވާގެ ކަންފަތާއި ނުހަނު ގާތުންނެވެ.

ޒީވާއަށް ހިސާބަށް ސިއްސައިގެންގޮސް އިތުރަށް ފާރާގާތަށް ޖެހިލެވުނުއިރު އޭނާ ހުރީ ދެލޯ މަރައި ތަގުޅިކޮށްލައިގެނެވެ. ރިއާންގެ ހަމަލާއެއް އައިސްދާނެކަމުގެ ބިރުގައި އަވަސް ހަރަކާތަކާއެކު އަތްތިލައިން ކޯތާފަތް ނިވާކޮށްލެވުނެވެ. ނަމަވެސް އެ ހަމަލާ އަމާޒުވީ ފާރަށްކަން އެނގުނުވަގުތު އަތް ދުރުކޮށްލަމުން ދެލޯ ހުޅުވައިލެވުނެވެ. އޭރު ބިރާއި ހާސްކަމުގެ ސަބަބުން ކަރުނައިގެ ތިކިތައް މުތީތަކެއްފަދައިން ޒީވާގެ ދެލޮލުގައި ވިދަވިދައި ހުއްޓެވެ. އެ މަންޒަރު ފެނި ރިއާންގެ ރުޅިގަނޑު ފިލައިގެންދިޔަ ހިސާބެއްވެސް ނޭނގުނެވެ. އޭނާގެ އެ ކުޑަ އަމަލުގެ ސަބަބުންވެސް ޒީވާގެ ހަރަކާތްތައް ބަދަލުވެ ދިޔަގޮތް ފެނި ހިތުގެ ކަނެއްގައި ރިއްސައިލިއެވެ. ރިސޯޓުގައި ހިނގައިދިޔަ ހާދިސާގެ ސަބަބުން ޒީވާއަށް ލިބިފައިވާ ސިހުން އަދިވެސް ފިލައިނުދާކަން އެނގުމާއެކު ކުށްވެރިކަމުގެ އިހުސާސު މީހާ ވަށައިލިއެވެ.

ރިއާާންއަށް ޒީވާއާ ދުރަށް ފިޔަވަޅެއް އަޅައިލުމަށްފަހު ބޮލުގެ ފުއްކިބައިގައި ދެއަތް އަޅުވައިލެވުނެވެ. ހަމައެހާމެ އަވަހަށް ޒީވާގެ ގާތަށް ފިޔަވަޅެއް އަޅައިލުމަށްފަހު ޒީވާގެ ގައިގަައި ބާރަށް ބައްދައިލިއެވެ.

"އައިމް ސޮރީ ބޭބީ. ސޮރީ ސޮރީ ސޮރީ ސޮރީ" ރިއާން ހުއްޓުމެއްނެތި މާފަށް އެދެމުންދިޔައެވެ. ޒީވާ ރިއާންގެ މޭގައި އަތްއަޅައި ކޮށްޕައިލުމާއެކު ރިއާން އިތުރު ގަދަހެދުމަކާނުލައި ޒީވާގެ ގައިން ދޫކޮށްލިއެވެ. އޭރު ކުރިންހުރި ރުޅިވެރިކަމުގެ ބަދަލުގައި އެ މޫނުމަތިން ފެންނަމުންދިޔައީ މަޑުމައިތިރިކަމާއި ހިތާމައެވެ. ޒީވާ ކައިރީގައި ހުރި ފޮށި ދަމައިލަމުން ރިއާންއާ ދުރަށް ހިނގައިގަތް ނަމަވެސް މިފަހަރުވެސް ޒީވާ ދާ މަންޒަރު ބަލާކަށް ރިއާންއަކަށް ނުހުރެވުނެވެ.

"އަހަރެންދެކެ ޖެހިލުންވަނީތަ؟ އެހެންވެތަ ތި ދަނީ؟ ޔަގީންކުރޭ. އަހަރެންގެ ފަރާތުން ޒީވްއަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ" ރިއާން އޭނާއަށް ފަސްދީފައި ހިނގައިގަތް ޒީވާގެ އަތުގައި ހިފައި ހުއްޓުވަމުން ބުންޏެވެ.

"ތިކަން އެނގޭ.. އެކަމަކު އަހަރެންނަށް ދެން ރިއާންކަހަލަ ބޮޑު ކެހިވެރިއަކާއެކު އުޅެވޭކަށް ނެތް" ޒީވާގެ ޖުމްލައާއެކު ރިއާންގެ ސިކުނޑީގައި ސުވާލުމާކު ޖެހިގެންދިޔައެވެ.

"ތިބުނީ.. އަހަރެން؟ އަހަރެން ޒީއަށް ކޮންކަމެއް އޮޅުވާލީ؟" ޒީވާގެ އަތުން ދޫކޮށްލުމެއްނެތި ރިއާން މަޑުމަޑުންގޮސް ޒީވާގެ ކުރިމަތީގައި ހުއްޓިލަމުން އެމޫނަށް ބަލައިލިއެވެ.

"ޝައި.. ޝައިއާއި ދޮންބެއާ އުޅެނީ ކައިވެނިކޮށްގެނޭ އެންމެ ފަހަރަކުވެސް އަހަރެންގާތު ނުބުނީ ކީއްވެ؟" ފެންކަޅިވެފައިވާ ދެލޮލުން ރިއާންއާ ހަތަރުކަޅި ހަމަކޮށްލި ޒީވާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ. ރިއާންއަށް ވެގެންއުޅޭގޮތް ނަގައިގަނެވުމާއެކު ދެލޯ މަރައިލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޒީވާއަށް ހަގީގަތް އެނގުނީތީ އޭނާ ކަންބޮޑެއް ނުވިއެވެ. މިދުވަސް އަންނާނެކަން އޭނާއަށް ކުރިންވެސް އޮތީ އެނގިފައެވެ.

"ހައު ޑިޑް ޔޫ ފައިންޑް އައުޓް؟" ސުކޫތެއްގެ ހިމޭންކަމަށްފަހު ރިއާން ސުވާލުކޮށްލިއެވެ.

"ވެލް ނޮޓް ފްރޮމް ޔޫ!" ޒީވާ ރިއާންގެ އަތް ފޮޅުވައިލިއެވެ. ޝައިނާއާމެދު ކަންތައް ހިނގައިދިޔަގޮތް ހަނދާންވުމާއެކު އޭނާގެ އަޑަށް ހަރުކަށިކަމާއި ރުޅިވެރިކަން ވެރިވާކަށް މާގިނައިރެއް ނުނެގިއެވެ.

"ޒީވާ އައި ޓްރައިޑް ޓު ޓެލް ޔޫ އެކަމަކު ރާހިލް–"

"ރިއާންއަށް މިކަމުގަވެސް މުހިއްމުވީ ދޮންބެގެ ބަސް ދޯ؟ ދޮންބެއަކީ ރިއާންގެ އެކުވެރިޔާއަށްވީތީ އަހަރެންގެ އެކުވެރިޔާގެ ދިރިއުޅުން ހަލާކުކޮށްލަންދެން ބަލަން ހުންނަން ކެރުނީދޯ؟ އަދި އެވެސް އަހަރެންނަށް ހިލަމެއްނުވާހާލު" ޒީވާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"އިޓްސް ނޮޓް ޖަސްޓް ހިމް ޒީވް. މި ހުރިހާ ކަމެއް ސިއްރުކުރުމަކީ ރާހިލްގެ އެކަނި ނިންމުމެއް ނޫނޭ. ޝައިނާގެވެސް–"

"އެކަމަކު އަހަރެން މިއީ ރިއާންގެ އަނބިމީހާއޭ! ހަމައެކަނި ރާހިލްގެ ކޮއްކޮއެއް ނޫނީ ޝައިނާގެ އެކުވެރިއެއް ނޫނޭ! އަހަރެންގެ ދިރިއުޅުމުގަ އެންމެ މުހިއްމު ދެމީހެއްގެ ކަންތައްތައް ފެށިގެންގޮސް އެހިސާބަށް ދިޔައިރު ރިއާންއަށް އަހަރެންނަށް އެކަމުގެ އިޝާރާތެއް ކޮށްލުން މުހިއްމެއް ނުވި ދޯ؟" ޒީވާ މިފަހަރުވެސް ރިއާންގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ފުރުސަތެއް ނުދިނެވެ.

"އެއީ އެމީހުންގެ ދިރިއުޅުމެއްނު؟ އެމީހުން ނިންމި ނިންމުމަކާމެދު އަހަރެން ވަކި ބުނަން އޮންނާނީ ކީކޭތަ؟ އިޓްސް ނޮޓް މައި ބިޒްނަސް" ރިއާން ބެލީ ކޮންމެވެސް ގޮތަކުން އޭނާގެ އަމިއްލަ ނަފްސު ދިފާއުކުރެވޭތޯއެވެ.

"ބަޓް އިޓްސް މައި ބިޒްނަސް ރިއާން. އެންޑް އައި ޑެސަރވް ޓު ނޯ! ފާއިތުވެދިޔަ ހަތް މަސްދުވަހު އަހަރެންނާ އެންމެ ގާތުގަ އުޅުން މީހަކީ ރިއާންއެއް ނޫންތަ؟ މިވަރު ބޮޑުކަމެއް ރިއާންއަށް އެނގިގެން ހިނގަމުންދިޔައިރު ރިއާންގެ ފަރާތުން އެވާހަކަތައް އިވެން އަހަރެން އެކްސްޕެކްޓެއް ނުކުރާނެތަ؟ އަހަރެން ނުބުނަންތަ ރިއާންގާތު އަހަރެން މީ ސޭފް ސްޕޭސްއެއް ކަމުގަ ދެކި ބޭނުންވާހަކައެއް ހިއްސާ ކުރާށޭ؟ ނޫން! ބުނެވުނު! އެހެނޭ ކިޔާފަ ރިއާން ދުވަހަކުވެސް އަހަރެންނާ ވާހަކައެއް ދައްކަން އެއްޗެކޭ ބުނަން އަދި ކަމެއް ހިއްސާކުރަންވެސް ބޭނުން ނުވަނީ. އަހަރެންނަށް ހީކުރެވުނީ ތިއީ އަހަރެންގެ ފިރިމީހާ ކަމުގަ. އެކަމަކު އަހަރެންނަށް ހަނދާން ނައްތާލެވުނީ ރިއާންއަށް މި ކައިވެނީގަ އެއްވެސް މާނައެއްނެތްކަން. އަހަރެންނާ ރިއާންގެ ދެމެދުގަ އޮތީ ހަމައެކަނި ޖިސްމުގެ ގުޅުމެއް. ދުވަހަކުވެސް ރިއާންގެ ހިތަކުން އަހަރެންނަކަށް ޖާގައެއް ނުލިބޭނެ. ރިއާންގެ ނަޒަރުގަ އަބަދުވެސް އަހަރެންވާނީ ރާހިލްގެ ކޮއްކޮއަށް. އެހެންވީމަ އަހަރެން ދެން ރިއާންގެ އަނތްބެއްގެ ގޮތުގަ ހުންނާކަށް ބޭނުމެއްނޫން" ޒީވާ އޭނާގެ ފަހުބަސް އިއްވައިލިއެވެ.

"ތިހެން ނުބުނޭ ޒީވް. ވާހަކަ ދައްކައިގެންވެސް މިކަންތައް ހައްލު ކުރެވިދާނެއެއްނު" ރިއާން ބުންޏެވެ.

"ހައްލު ކުރަން އޮތީ ކޮންކަމެއްތަ ރިއާން؟ ހައްލުވާން އޮތީ ކޮންކަމެއް؟ އެ ދެމީހުންގެ އެއްވެސް ކަމެއް ނޭނގޭކަމަށް ހެދިގެންހުރެ.. އޮމާން މޫނުމައްޗެއް އަޅައިގެން ރިއާން މި ހުރިހާދުވަހު އަހަރެންނަށް އޮޅުވާލީ. އަހަރެންނަށް ކިހިނެއް އެނގެނީ އަދި ކިތައް ކިތައް ކަންތައް ނޫންކަމެއް އަހަރެންގެ މޫނުމައްޗަށް އޮޅުވާލީ؟ ސިއްރުކުރީ؟" ޒީވާ ހަޅޭއްލަވައިގަތެވެ.

"ނޫން ޒީވް. ހުވާކޮށްފަ މިބުނީ. މިކަން އެކަނި. އަހަރެން ޒީވްއަށް އިތުރު އެއްވެސް ކަމެއް ސިއްރުކޮށްފައެއް ނޯންނާނެ. އަދި ދުވަހަކުވެސް ކަމެއް އޮޅުވައެއްނުލަން. އެންމެ ފަހަރަކުވެސް ޒީވް އަހަރެންގާތު އެދެމީހުންގެ ކަމެއްގަ ޝައްކެއްވެގެން ސުވާލެއް ކުރިނަމަ އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީސް" ރިއާން ޔަގީންކަން ދޭފަދައަކުން ޒީވާއާ ހަތަރުކަޅި ހަަމަކޮށްލިއެވެ. ބަދަލުގައި ޒީވާގެ މޫނުމަތިން ފެނިގެންދިޔައީ މަލާމާތުގެ ހިނިތުންވުމެކެވެ. ސީދާ އޭނާގެ ދެލޮލަށް ބަލަންހުރެ ރިއާން އެ ހެދި ދޮގުގެ ސަބަބުން ޒީވާގެ ހިތުގައި ރިއާންގެ މައްޗަށް ފޫހިކަމެއް އުފެދުނެވެ.

"އަދިވެސް ދޮގުތަ ހަދަނީ؟" ޒީވާއަށް ދަތްކުނޑިވިކައިލަމުން އަހައިލެވުނެވެ.

"ނޫން ޒީވް. ގަބޫލުކޮށްބަލަ! އަހަ–"

"ދެން މި ކޯއްޗެއް؟ ދޮގެއް ނޫނިއްޔާ ދެން ހަމަ ރިއާންގެ ވަފާތެރިކަންތަ؟"

ރިއާންގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން ޒީވާ ކޮނޑުގައި އަޅުވައިލައިފައި އޮތް އަތްދަބަހުން ނެގި ފޮޓޯތައް ރިއާންގެ މޫނުމައްޗަށް ހޫރައިލިއެވެ. ރިއާންގެ އަތުގައި ޖެހޭވަރުވީ އެ ހަތަރު ފޮޓޯގަނޑުގެ ތެރެއިން އެންމެ ދެ ފޮޓޯގަނޑެވެ. ބާކީ ދެ ފޮޓޯ ބިންމަތިން ނެގުމުގެ ބަދަލުގައި ރިއާން އޭނާގެ އަތުގައިހުރި ފޮޓޯތަކަށް ބަލައިލިއެވެ. އެއާއެކު އޭނާއަށް ދެބުމަ ގޮށްޖަހައިލެވުނީ ފޮޓޯގައި ހުރީ އޭނާ ކަމުގައިވިޔަސް ފެންނަމުންދިޔަ މަންޒަރަކީ އޭނާއާ މުޅިން ބީރައްޓެހި މަންޒަރަކަށް ވާތީއެވެ. ނަޝްވާއާއެކު އޭނާ ނަގައިފައިހުރި އެ ފޮޓޯތަކުގައި އޭނާގެ އުނަގަނޑުންމަތި އެއްކޮށް ހާމަކޮށްލައިގެންހުރި އިރު އެއިން އެއް ފޮޓޯގައި އޭނާއާއި ނަޝްވާ ބައްދައިލައިގެން ތިއްބެވެ. އެ ފޮޓޯތަކަށް ބަލައިލައިފި މީހަކަށް އެއީ ފަހުގެ ފޮޓޯތަކެއްކަން އެނގޭނެއެވެ. ވުމާއެކު އެފޮޓޯތައް ޒީވާއަށް ދޭހަކުރެވޭނީ ކިހިނެއްކަން ރިއާންއަށް އެނގުނެވެ. ނަމަވެސް ޒީވާ އެ ހީކުރާފަދަ ގުޅުމެއް ނަޝްވާއާ ބޭއްވުނު ހަނދާނެއް އަދި މިފަހުން ނަޝްވާއާ އެފަދަ ގޮތަކަށް ބައްދަލުވި ހަނދާނެއްވެސް އޭނާގެ ނެތެވެ. އެފަދަ ދުވަހެއް ހަނދާންވޭތޯ ސިކުނޑިއަށް ބާރުލައި ވިސްނައިލެވުނެވެ. އެ ފޮޓޯތަކުގައި އޭނާގެ އަނގަމަތި ފަޅައިގެންގޮސް ބޭސްއަޅައިފައި ހުރި މަންޒަރު ފެނުމާއެކު ރިއާންގެ ސިކުނޑީގައި ކުޅެވެންފެށީ މީގެ ހަތަރުމަސް ކުރީގެ ހަނދާންތަކެކެވެ. ރާހިލްއާއި އެލީޝާގެ ކައިވެންޏަށްފަހު ރިސޯޓުން މާލެއަށް އައި ރޭ ރާހިލްއާއެކު ހިނގި ހަމަނުޖެހުމެވެ. އެރޭ ރާހިލް ޒީވާ ގޮވައިގެން އެގެއިން ދިޔުމަށްފަހު ހިނގައިދިޔަ ހާދިސާއެކެވެ. އެރޭގެ ދަންވަރު ދޭއް ޖެހުމާ ގާތްވެފައި ވަނިކޮށް އެޕަރޓްމެންޓްގެ ބެލް އަަޅައިލި އަޑު އިވުމާއެކު އޭނާ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލީ ޒީވާގެ ހިޔާލު ބަދަލުވެ އަލުން އައީ ކަމުގައި އުއްމީދު ކުރަމުންނެވެ. ނަމަވެސް އެ މީހަކަށްވީ ނަޝްވާއެވެ.

————-

"ކަލޭތަ؟" ރިއާން ހިތްހަމަ ނުޖެހިފައި އަހައިލިއެވެ.

"ރިއާން" ނަޝްވާ ރިއާންގެ ދައުވަތަކަށް މަޑުކުރުމެއްނެތި އެތެރެއަށް ވަނެވެ.

"ބުނީމެއްނު އަހަރެންގެ ރައްޓެއްސެއް މިތާ ކައިރީގަ އުޅޭވާހަކަ؟ އެގެއަށް އައިސްފަ ދަނިކޮށް ޒީއާ ރާހިލްއާ ކޮންމެވެސް ތާކަށް ދިޔަތަން ފެނުނީމަ ހިތަށް އެރީ ރިއާން ވަރަށް އެކަނިވާނޭ.. ކޮންތާކަށްތަ އެމީހުން ދިޔައީ؟" ނަޝްވާ ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ. އަދި އޭނާ ގެންގުޅުނު އަތްދަބަސް މޭޒުމަތީގައި ބަހައްޓައިލިއެވެ.

"ނަޝްވާއާ ބެހޭކަމެއްތަ؟ އަހަރެންނަށް ފާރަލަނީތަ؟ ބުނަން ނަޝްވާގެ ތި އެޓިޓިއުޑް ހެންޑްލް ކުރާނެހާ ވަގުތެއް އަހަރެންނަކަށް ނެތް. އައި ހޭވް މައި އޯން ލައިފް އެންޑް މައި އޯން ޕްރޮބްލަމްސް ސޯ ގެޓް އައުޓް" ރިއާން ހަޅޭއްލަވައިގަތެވެ. ނަމަވެސް ނަޝްވާއަށް އެ އަޑު ނީވޭ ކަހަލައެވެ.

"އައި މިސްޑް ޔޫ" ނަޝްވާ ހަމަޖެހިލައިފައި އައިސް ރިއާންގެ ގައިގައި ބައްދައިލިއެވެ. ރިއާންއަށް އިރުކޮޅަކު ހަރަކާތްކުރަން ނޭނގިފައި ހުރެވުނު ނަމަވެސް އޭނާ އަވަސް އަވަހަށް ނަޝްވާ ދުރަށް ކޮށްޕައިލިއެވެ. އަދި ނަޝްވާއަށް އެތަނުން ނުކުތުމަށް އިންޒާރުދިނެވެ. ނަޝްވާ ރިއާންގެ ބަހަށް ބޯޖަހައިލިއެވެ. އަދި މޭޒުމަތީގައި ބެހެއްޓި އަތް ދަބަސް ކޮނޑުގައި އަޅުވައިލަމުން އެތަނުން ނުކުތުމަށް ހިނގައިގަތެވެ.

—————

ރިއާންއަށް ހުރިހާ ކަމެއް ސާފުވިއެވެ. އެރޭ ނަޝްވާ ހަމަ ކުއްލިއަކަށް ގޮތް ދޫކުރީތީ އޭނާއަށް ހައިރާންކަމެއް ލިބުނު ނަމަވެސް މިހާރު އެއީ ކީއްވެކަން އޭނާއަށް އެނގިއްޖެއެވެ. ނަޝްވާ އެތަނަށް އައި ބޭނުން ފުދުނީތާއެވެ. އެރޭ ނަޝްވާގެ ދަބަސް މޭޒުމަތީގައި ބެހެއްޓީ ފޯނުގެ ކެމެރާ ސެޓުކޮށްފައިކަން ރިއާންއަށް ރޭކައިލިއެވެ. އަދި އެކަން ޒީވާއަށް ކިޔައިދިނުމަށް އަވަސްވެގަތެވެ.

"ވެއިޓް އިޒް.. އިޒް ދިސް ވައި ޔޫ ލެފްޓް ދަ ހައުސް؟ މިއާ ހެދިތަ ޒީވް ގެއިން ނުކުމެގެން ދިޔައީ" ރިއާން އަހައިލިއެވެ.

"ތި އެކަންޏެއް ނޫނޭ. އަހަރެންނަށް ފެނުނޭ އެދުވަހު ރިއާން ނަޝްވާއާއެކު ކާރަށް އަރައިގެން ދިޔަތަން. ދެރައީ ރިއާން އަހަރެންގާތު ބުނެ ނުލީމަ. ރިއާން ކޮންމެ މީހަކާއެކު ކޮންމެތާކަށް ގޮސް ކޮންމެ ކަމެއް ކުރިޔަސް އަހަރެންނަށް އެކަން އެންގީމައެއްނު އަހަރެންނަށްވެސް އަހަރެންގެ ހައިސިއްޔަތު އެނގޭނީ! ކޮންމެހެން ސިއްރުން އުޅުމުގެ ބޭނުމަކީ ކޮބާތަ؟" ޒީވާގެ އަޑު ބާރުވިއެވެ. އޭނާގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ.

"ޒީވް. އެއީ.. އެދުވަހު އަހަރެން ދިޔައީ ނަޝްވާ އެއަރޕޯޓަށް ގެންގޮސްދޭށޭ. ދެން މި.. މިއީ އެއްކަލަ ރެއެއްނު؟ ރާހިލް އަހަރެންގެ މޫނުމަތީގަ ޖަހާފަ ޒީވް ގޮވައިގެންދިޔަ ރެއެއްނު. އެރޭގަ ފަހުން ނަޝްވާ އައިމަ–"

"އަހަރެންނަށް ކޮންމެހެން ތިވާހަކަތައް ދެން ކިޔާދޭނެ ކަމެއްނެތް!" ރިއާންގެ ވާހަކަ މެދުކަނޑައިލަމުން ޒީވާ އަތްހިއްލައިލިއެވެ. "މީގެ ކުރިންވެސް ކޮންމެ ފަހަރަކު ރިއާން ދާތަނާއި ވާތަނެއް އަހަރެންނަށް ބުނެދޭންޖެހޭ މީހަކީ ރިއާންގެ އެސިސްޓެންޓެއްނު؟ ނޫނީ އެހެން މުވައްޒަފެއްނު؟ އެމީހުންވެސް އަހަރެންނަށްވުރެން މުހިއްމުވިއްޔަ. އެހެންވީމަ މިއަދު ވަކި ރިއާން އަހަރެންނަށް ދޭންޖެހޭ އެކްސްޕްލެނޭޝަންއެއް ނޯންނާނެ. އަދި އެ އެކްސްޕްލެނޭޝަނެއް އަޑު އަހާކަށް އަހަރެން ރިއާންއަށް ދޭންޖެހޭނެ ވަގުތެއްވެސް ނޯންނާނެ. އަހަރެން ދެން ރިއާންއާ ބައްދަލުކުރަން ބޭނުންވަނީ ގާޒީގެ ކުރިމަތީގަ" ޒީވާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ރިއާން ހޫރައިލި ފޯމު ބިންމަތިން ނަގައިގެން އައިސް ދޮރުން ނުކުތުމަށް ހިނގައިގަތެވެ.

ރިއާންއަށް ގޮތް ހުސްވިއެވެ. ޒީވާ މިވަގުތު ހުރީ އޭނާގެ ވާހަކަ އަޑުއަހާކަހަލަ ގޮތަކަށް ނޫންކަން ޔަގީންކުރެވުނެވެ. އަދި މިރޭ އެ އެޕަރޓްމެންޓުން ނުކުތުމަށްފަހު ޒީވާ އޭނާއާއި އަބަދަށް ވަކިވާނެކަންވެސް ޔަގީންކުރެވުނެވެ. އެކަމަށް ޖާގަދޭކަށް ރިއާންގެ ހިތެއް އެއްބަހެއް ނުވިއެވެ. ޒީވާއާނުލައި ހަފްތާއެއްހާ ދުވަސް ހޭދަކުރެވުނުއިރު މީހާގެ ހަމަބުއްދި ގެއްލޭ ހިސާބަށް އޭނާގެ ހާލަތު ގޮސްފައިވާއިރު ޒީވާއާނުލައި މުޅި އުމުރު އޭނާއަށް ހޭދަކުރެވޭނީ ކިހިނެއް ހެއްޔެވެ؟

ރިއާން ދުރުފިޔަވަޅުތަކެއްގައިގޮސް ޒީވާގެ ފަހަތުގައި ހުއްޓުމަށްފަހު އިންޗިއެއްހާތަނަށް ޒީވާ ހުޅުވައިލި ދޮރު ލައްޕައިލިއެވެ. އަދި އޭނާގެ އަތް ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ދޮރުގެ މަތީގައިހުރި ތަންޑެއް އަޅުވައިލިއެވެ. އެއީ ޒީވާއަށް ކޮރައިގެންވެސް އަތް ނުޖެހޭ ހިސާބުގައި ހަރުކުރެވިފައިވާ ތަންޑެކެވެ.

"ރިއާން މޮޔަވީތަ؟ ހުޅުވާ ދޮރު! ހުޅުވާށޭ!" ޒީވާ ފަހަތައް އެނބުރި ހަޅޭއްލަވައިގަތެވެ.

"ޝްޝްޝް." ރިއާން ސިއްސައިގެންގޮސް ދެލޯ ބޮޑު ކޮށްލަމުން ޒީވާގެ އަނގަމަތީގައި އަތްއެޅިއެވެ. ޒީވާ ދުވަހަކުވެސް އެހާ ބާރަށް ވާހަކަދެއްކި އަޑު އޭނާ އަދި އަހައިފައެއް ނުވެއެވެ. "ނޯ. ނޯ. ނުހުޅުވާނަން. ޔޫ ވިލް ލިސަން ޓު މީ" ރިއާން މޮޔައެއްހެން ދެފަރާތަށް ބޯ ހޫރަން ފެށިގޮތުން ޒީވާ ކަންބޮޑުވިއެވެ.

"އޯ މައި ގޯޑް.. އާރ ޔޫ އަ ސައިކޮޕާތް؟ އޯޕަން ދިސް ޑޯރ އައި ވޯންޓް ޓު ލީވް" ޒީވާ ޖެހިލުންވެފައިހުރެ ރިއާން ދުރަށް ކޮށްޕައިލަމުން ބުންޏެވެ.

"އޯޕަން ދިސް ޑޭމްންޑް ޑޯރ ރިއާން" ދޮރު ހުޅުވޭތޯ ދެފަހަރަކު ލުއި ލުއިކޮށް ފުންމައިލުމަށްފަހު އެކަން ހުއްޓައިލި ޒީވާގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. މައްޗަށް ފުންމަން ބޭނުންވިޔަސް އޭނާ އިން ހާލަތަށް ބަލައި އެއީ ކުރުން ބުއްދިވެރި ކަމެއްނޫންކަން ޒީވާއަށް ވިސްނުނެވެ.

"އައި ކާންޓް ލެޓް ޔޫ ލީވް.. އައި..އައި" ރިއާންއަށް ޒީވާއާއި ދުރަށް ހިނގައިގަތެވެ. ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު އިތުރަށް ބޮޑު ނުވަންދެން އޭނާގެ ނަފްސު އަމިއްލަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަޖުބޫރުވިއެވެ. ފާރުގައި އަތްވިއްދައިލަމުން އިސްޖަހައިލައިގެންހުރެ ފުންނޭވާތަކެއް ލާންފެށިއެވެ.

"ވަޓް ދަ ހެލް ރިއާން. ރިއާން ތިއުޅެނީ އުމުރު ދުވަހު އަހަރެން މިތާ ބަންދުކޮށްގެން އުޅެވޭނޭ ހިތާތަ؟" ޒީވާ އައިސް ރިއާންގެ ކޮނޑުގައި ހިފައި އޭނައާވިފަރާތަށް އަނބުރައިލަމުން ބުންޏެވެ.

"އައިމް ސޮރީ ޒީވް.. ޒީވް ދާކަށް އަހަރެންނަކަށް ހުއްދައެއް ނުދެވޭނެ. އަހަރެންނާ ނަޝްވާއާ ދެމެދުގަ އެއްވެސް ކަމެއް ނުހިނގައޭ. ދެން.. ދެން ކީއްވެ ދާން އުޅެނީ؟" ރިއާން އެ ހުރިގޮތަށް އިސްޖަހައިލައިގެންހުރެ މައުސޫމުކަމާއެކު ސުވާލު އުފެއްދިއެވެ. އޭރު ރިއާންގެ ދެލޯ ފެންކަޅިވަމުންދާތަން ޒީވާއަށް ފެނި ޒީވާގެ ހިތްވަރު އެލެން އުޅުނެވެ. ނަމަވެސް ރިއާންއާ ވަކިވުމަށް އޭނާ ނިންމީ އެންމެ ސަބަބެއް ދެ ސަބަބަކާހެދި ނޫންކަން ހަނދާންވިއެވެ.

"ޝައިނާއާ ދޮންބެގެ ކަންތަކާ ބަލާފަ ތިއީ އަހަރެންނަށް މާ މުހިއްމު ކަމެއް ނޫނޭ. އަހަރެން ރިއާން ދޫކޮށްލަން ޖެހެނީ އެންމެ ސަބަބެއް ދެ ސަބަބެއް އޮވެގެނެއްނޫން. އަހަރެންނަށް ދެން ރިއާންއާއެކު އުޅެވެން ނެތީ.. ރިއާން އަހަރެންގާތު ދެންމެ އެހީމެއްނު އަށް އަހަރުވަންދެން އަހަރެން ރިއާންދެކެ ލޯބިވާކަމަށްބުނެ ހެދީ ދޮގުހެއްޔޭ؟ ނޫން! ރިއާންގެ ފަރާތުން ބަދަލުގަ އެއްވެސް ކަމެއް އުއްމީދު ކުރުމަކާނުލައިވެސް އަހަރެން ރިއާންދެކެ ލޯބިވިން. އަހަރެންނަކީވެސް ބުދެއް ނޫނޭ ރިއާން. ރިއާން ފޫހިވީމަ ދުރުކޮށްލާފަ ބޭނުންވީމަ ކައިރިކޮށްލާފަ އުޅުނުއިރު އަހަރެން އެ ހުރިހާ ކަަމަކަށް ކެތްތެރިވީނު. އެކަމަކު މިހާރު އަހަރެންނަކީ އެކަނި ހުރި ނަފްސެއް ނޫން. އިތުރު ކަމަކާމެދު ވިސްނަން ޖެހިއްޖެ. އަހަރެންވެސް ލޯތްބާއި އަޅާލުން ބޭނުން. ރިއާން ނުވި ލޯބި އަހަރެންދެކެ ވާނެ އިތުރު މީހަކު–"

"ކީކޭ؟ ކީކޭ ތިބުނީ؟" ރިއާން އިސް އުފުލައިލުމަށްފަހު ޒީވާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ކުއްލިއަކަށް މުޅި މީހާގެ މޫނުމަތި ބަދަލުވެދިޔައެވެ. ޒީވާ ބަދަލުގައި ފަހަތައް ފިޔަވަޅެއް އަޅައިލިއިރު ފާރުގައި ބުރަކަށި ތައްލައިފިއެވެ. އިތުރަށް ފަހަތައް ޖެހެވޭނެ އެއްވެސް ގޮތެއް އޭނާއަކަށްނެތެވެ. "ޒީވާ ދެކެ ލޯބިވާނެ އިތުރު މީހަކު ބޭނުމީތަ؟"

"ހްމްމް. އަހަރެންނެކޭ އެއްގޮތަށް ރިއާންއަށްވެސް ދެން ރަނގަޅުވާނީ ރިއާންދެކެ ލޯބިވާ އެހެން މީހާކު ހޯދައިގެން ދިރިއުޅުމެއް ފެށުން." ޒީވާ ސާބިތުކަމާއެކު ބުންޏެވެ.

"ޑޫ ޔޫ ހޭވް ސަމްވަން. ކާކު އެއީ؟" ރިއާން އިތުރަށް ޒީވާއާ ގާތްވެލަމުން އެހިއެވެ.

"އެއީ ރިއާން ބަލަންޖެހޭ ކަމެއް ނޫން! މިކަން މި އޮތް ހިސާބުން ދޫކޮށްލާފަ ރިއާންވެސް މޫވްއޮން ކުރީމަ ނިމުނީނު" ޒީވާ ބުންޏެވެ. ރިއާން އެވާހަކައާ ދެކޮޅުހެދިއެވެ.

"ނޫން.. ޒީވާ މޫވްއޮން ކުރިޔަސް އަހަރެންނަކަށް ނުވާނެ. ޒީވް. ޔޫ އަރ ބިއުޓިފުލް އެންޑް ކެއަރިންގް އެންޑް ލަވެބަލް ބަޓް އައިމް ނޮޓް. އިޓްސް ނޮޓް އީޒީ ފޯރ ޕީޕަލް ޓު ލަވް މީ. އިފް އެނީތިންގް ދެއި ވިލް އޮންލީ ޓޮލެރޭޓް މީ ފޯރ މައި މަނީ އެންޑް ސްޓޭޓަސް. އައި ނީޑް ސަމްވަން ހޫ ލަވްސް މީ ފޯރ ހޫ އައި އޭމް ޒީވް. އައި ނީޑް ޔޫ. ސޯ އައި ކާންޓް ލެޓް އެނީވަން އެލްސް ހޭވް ޔޫ. ޒީވާއަށް އެހެން މީހަކާ އެއްކޮށް އުޅުމުގެ ފުރުސަތެއް އަހަރެންނަކަށް ނުދެވޭނެ. ޒީވާއާ ގުޅުވައިގެން އެހެން ފިރިހެނެެއްގެ ވާހަކައެއް އަހަރެންގެ ކަންފަތާ ހިސާބަށް އަންނަ ދުވަސް އެއީ އެމީހެއްގެ ނޫނީ އަހަރެންގެ ފަހުދުވަސް" ރިއާން އިންޒާރެއްދޭ ފަދައަކުން ބުންޏެވެ. އެއާއެކު ޒީވާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"ކީއްކުރާނީ؟ އެމީހެއްގެ ގައިގަ ގޮސް ރިއާންގެ ކާރުން ޖައްސާނީތަ؟" ޒީވާ މަލާމާތުގެ ރާގެއްގައި އަހައިލިއެވެ.

"ހެލް ޔެސް އިފް އައި ހޭވް ޓު" ރިއާންގެ މޫނުމަތީގައިވާ ސީރިއަސްކަންފެނި ޒީވާއަށް އެއީ ސަމާސާއެއް ނޫންކަން ކަށަވަރުވިއެވެ.

"އޯ މައި ގޯޑް ރިއާން ޔޫ އާރ އަ ސައިކޯ. ރިއާންއަށް އަހަރެން ދޫކޮށްނުލެވިގެން ތިއުޅެނީ ތި ސެލްފިޝް ސަބަބުތަކާހެދިތަ؟ ތިއީ ކޮންފަދަ ބޭއިންސާފެއް. އަހަރެންދެކެ ލޯބިވާ އެހެން މީހަކު ހޯދައިގެން ކައިވެނި ކުރުމުގެ ހައްގު އަހަރެންނަށްވެސް އޮންނަންޖެހޭނެ އެއްނު!" ޒީވާގެ އަޑު ބާރުވިއެވެ. ނަމަވެސް ރިއާން އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަންނަމުން ޒީވާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.

"ޝްޝް!! ޑޯންޓް ޔޫ ޑެއަރ ޓޯކް އަބައުޓް މެރީއިންޑް ސަމްވަން އެލްސް އެވަރ އަގައިން. ޒީވާއަށް އަހަރެންގެ އަމަލުތަކުން އެއްވެސް ކަމެއް ދޭހަ ނުވަނީތަ؟ ހުރިހާ އެއްޗެއްވެސް ޖެހެނީ ލަފްޒުން ލަފްޒަށް ކިޔާދެންތަ؟ ކާންޓް ޔޫ ސީ ދެޓް އައި ހެލްޕްލެސްލީ އެންޑް އޮބްސެސިވްލީ އިން ލަވް ވިތް ޔޫ. ގަބޫލުކުރަން އަހަރެންނަށް އެކަން އިހުސާސްވުން މާ ލަސްވެއްޖެކަން އެކަމަކު އަހަރެން ދެދުނިޔެއިންވެސް ބޭނުންވާ ހަމައެކަނި އިންސާނަކީ ތިއީ. އައި ލަވް ޔޫ އެންޑް އައި ހޭވް އޯލްވޭޒް ލަވްޑް ޔޫ އައިޝަތު ޒީވާ އަކްރަމް. ޖަސްޓް އޭޒް މަޗް އޭޒް.. އެންޑް އޭޒް ލޯންގް އޭޒް ޔޫ ހޭވް ލަވްޑް މީ.. އިފް ނޮޓް މޯރ" ރިއާންގެ ފަރާތުން އިވިގެންދިޔަ އިގުރާރުގެ ބަސްތަކާއެކު ޒީވާގެ ބޮލަށް އެނބުރުންވެސް އެރިހެން ހީވިއެވެ. އެއީ އޭނާ ކިހާ ދުވަހެއްވަންދެން އެ ލަފްޒު ތަކަކަށްޓަކައި އިންތިޒާރުކުރަމުންދިޔަ ލަފްޒުތަކެއް ހެއްޔެވެ؟

ބަނޑުގައި އުފެދުނު ކުދިކޮކާތަކުގެ އިހުސާސާއެކު ޒީވާގެ މުޅިގައިން ހީބިހި ނަގައިގެންދިޔައެވެ. އޭނާގެ ހިތް އޮބިނޯވެ ތެޅެމުންދިޔަގޮތުން ހީވީ ދެންމެ ދެންމެ މޭކަށިގަނޑު ފަޅައިފައި ނުކުމެދާނެހެނެވެ. ނަމަވެސް މިއަދު އޭނާއަށް ރިއާންގެ އެ އެބަސްތައް ގަބޫލުކުރަން އުނދަގޫވިއެވެ. އެއީ އޭނާ ހިފެހެއްޓުމަށްޓަކައި ރިއާން އަމުނައިލި މާނައެއްނެތް ފޮނި ބަސްތަކެއް ކަމުގައި ގަބޫލުކުރެވުނެވެ.

"ރިއާން ޕްލީޒް.. އައިމް ޓޫ ޓަޔަރޑް އޮފް ޔޯރ ލައިޒް." ޒީވާ މަޑުމަޑުން ރިއާންގެ މޭގައި އަތްއަޅައި ދުރުކޮށްލުމަށްފަހު ދުރަށް ހިނގަައިގަތެވެ. އޭނާގެ ހަރަކާތްތަކުގައިވަނީ ލަސްކަމެވެ.

"ޒީވް ވެއިޓް ޕްލީޒް" ރިއާން ޒީވާގެ އަތުގައި ހިފެހެއްޓުމާއެކު ޒީވާ ކަށްޓެއް ޖެހުނު ފަދައިން އެ އަތް ފޮޅުވައިލައިފިއެވެ. ފެންކަޅިވެފައިވާ ދެލޮލުގެ ސަބަބުން ވަށައިގެންވާ މަންޒަރުތައްވެސް އޭނާއަށް ފެންނަމުންދިޔައީ ފުސްކޮށެވެ. ވިސްނައި ވިސްނައި ސިކުނޑިވެސް ފަޅައިގެންދާން ކައިރިވެއްޖެއެވެ. ޒީވާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް ރިއާން ދެކަކޫމައްޗަށް ތިރިވެ އޭނާގެ ފައިގައި ހިފެހެއްޓުމުންނެވެ.

ޒީވާގެ މޭގަނޑު އަނގަޔަށްނައީ ކިރިޔާއެވެ. ހުވަފެނެއްގައިވެސް ރިއާން އެފަދަ ކަމެއް ކޮށްފާނެ ކަމުގައި ޒީވާއަށް ހީކުރެވިފައެއްނެތެވެ. އޭނާފަދަ އާދައިގެ އަންހެންކުއްޖެއްގެ ގާތުގައި އެފަދަ ގޮތަކަށް ނިކަމެތިވުމަކީ ރިއާންގެ އަބުރުވެރި، ބާރުހުރި އަދި ނުފޫޒުގަދަ ޝަހުސިއްޔަތާ މުޅިން ފުށޫއަރާ ކަމެކެވެ. ޒީވާއަށް ހުރެވުނީ އިތުރު ހަރަކާތެއް ނުކުރެވުނުތަނުގައި ނޭވާލާންވެސް ހަނދާންނެތިފައެވެ.

"ހެޔޮނުވާނެ. އާދޭސްކޮށްފަ މިބުނީ. އަހަރެންނަށް ލޯތްބަކީ ކޯއްޗެއްކަން ނުވިސްނެންދެންވެސް އަހަރެންދެކެ ޒީވް ލޯބިވީމެއްނު. މުޅި އުމުރު ދުވަހު އަހަރެން އުޅުނީ ތި ލޯތްބާއެކުގައެއްނު. މިހާރު ތި ލޯތްބާނުލައި އުޅޭކަށް އަހަރެންނަކަށް ނޭނގޭނެ. އަހަރެންނަށް އަދި އެއްފުރުސަތު ދީބަ ހެޔޮނުވާނެ. ޒީވްއަށްޓަކައި އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކުރާނަން." ރިއާން އާދޭސްކުރިއެވެ. ޒީވާ ގެއްލިދާނެކަމުގެ ބިރު ހިތުގައި އުފެދެންފެށުމާއެކު ދެން އިތުރަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ.

"ދެން ކޮންކަމެއް ބަދަލުވާނީ ރިއާން؟ ޝައިނާއާއި ދޮންބެގެ އެހާބޮޑު ކަމެއް ރިއާން އަހަރެންނަށް ސިއްރުކުރިކަން އެނގިހުރެ ކޮންމެ ގޮތެއްވިޔަސް އަހަރެމެންނަށް ދެން މި ކައިވެނި ދެމެހެއްޓޭކަށް ނެތް. އެކަމުން ލިބުނު ގެއްލުން ރިއާންއަށް އެނގޭތަ؟ ޝައިނާ އަހަރުމެން ދޫކޮށްލާފަ ފުރައިގެން ގޮސްފި. އަހަރެންގެ އެކުވެރިޔާ އަހަރެންނަށް ގެއްލިއްޖެ. އެކަމުގެ އެއްސަބަބަކީ ރިއާން. ފިޔަވަޅު ނަގާނެ ފުރުސަތެއް ނުދީ ބަލަން ހުރިކަން" ޒީވާއަށް ގިސްލެވެމުންދިޔައެވެ.

"ޕްލީޒް ޒީވް.. އައިމް ސޮރީ ޖަސްޓް ޑޯންޓް.. ލީވް މީ." ރިއާންގެ އަޑު ބެދެންފެށިއެވެ. ޒީވާގެ އެ ތުހުމަތުތަކަށް ދެވޭނެ ރައްދެއް އޭނާގެ އަތަކުނެތެވެ. އެކަމުގައި އޭނާގެ ކުށް އެބައޮތެވެ. ދެން އޮތް ހަމައެކަނި ގޮތަކީ އެކަމަށް މާފުކޮށް އޭނާގާތު ހުރެދިނުމަށް އެދި ޒީވާގާތު އާދޭސް ކުރުމެވެ. އެންމެފަހުން ރިއާންގެ ހިތުގައިވި އުދާސްތައް ކޮންޓްރޯލްކުރަން ފެއިލްވެ ކަރުނައާއި ގިސްލުމުގެ ސިފައިގައި ބޭރުވާންފެށިއެވެ. ޒީވާގެ ފައިދޮށުގައި އިނދެ މުޅި މީހާ ތުރުތުރުލާން ފަށައިފިއެވެ.

"ރިއާން ޕްލީޒް ޑޯންޓް ޑޫ ދިސް. ތެދުވެބަަލަ. ތިހެން އުޅުނީނަ ރިއާންއާ ނުވެސް ގުޅެއެއްނު" ޒީވާ ރިއާންގެ ކޮނޑުގައި ހިފައި ތެދުކުރެވޭތޯ އުޅުނެވެ. ނަމަވެސް ރިއާންގެ ހަށިގަނޑު އެ އިންތަނުން ގުޑައިވެސް ނުލިއެވެ. އެވަގުތު ޒީވާގެ ހިތަށް ކުރަމުންދިޔަ އަސަރު ދުލާއި ގަލަމުން ބަޔާންކޮށްދޭކަށް ނޭނގޭނެއެވެ. އުނދަގޫ ގޮތަކަށް ބިންމަތީގައި ދެކަކޫ ޖަހައިލަމުން ރިއާންއާ އެއްވަރަށް ތިރިވެލީ އޭނާގެ ދެފައިގައި ހިފައި އާދޭސްކުރުމުގެ ފުރުސަތު ރިއާންއަށް ނުދިނުމަށެވެ. އެވަގުތު އޭނާގެ ދަށްބަނޑަށް އެރި ކުއްލިތަދާއެކު މޫނުމައްޗަށްވެސް އަނދިރިވާން ފަށައިފިއެވެ.

"ރިއާން…" ޒީވާ ދެރަވެފައި ގޮވައިލިއެވެ. ހަށިގަނޑަށް ވަމުންދިޔަގޮތް ސިކުނޑިން އެއްފަރާތް ކޮށްލުމަށްފަހު ރިއާންއަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ.

"އަހަރެން ހުރިހާ ކަމެއް ރަނގަޅު..ކުރާނަން. ދުނިޔޭގެ ކޮންމެ ހިސާބެއް.. ހިސާބެއްގަ ޝައިނާ ހުއްޓަސް ޒީވްއަށް.. ޝައި.. ޝައިނާ ހޯދައިދޭން މަސައްކަތްކުރާނަން." ރިއާން ގިސްލުމުގެ ތެރެއިން ބުންޏެވެ. އަދި އެކަމަށްޓަކައި ވައުދުވާ ފަދައިން ޒީވާގެ އަތުގައި ހިފައިލުމަށްފަހު އިސްއުފުލައިލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ރިއާންއަށް ހައިރާންކަމެއް ލިބުނެވެ. ޒީވާގެ މޫނުމަތިން ފެންނަމުންދިޔައީ އާދަޔާހިލާފު ވޭނެއް ތަހައްމަލް ކުރަމުންދާކަމުގެ އަސަރުތަކެވެ. ބުމަ ގޮށްޖަހައިލައިގެން އިންއިރު އަނގަވެސްވަނީ ހިސާބަކަށް ހުޅުވައިލެވިފައެވެ. ރިއާންއަށް ރަނގަޅަށް ވިސްނައިނުލެވިގެން އުޅެނިކޮށް ޒީވާގެ ހަށިގަނޑު އަރި އަޅައިލައިފިއެވެ.

"ބޭބީ.. ބޭބީ.. އަރ ޔޫ އޯކޭ؟" ރިއާން ޒީވާ އަތުލަފިކޮށްލަމުން ލިބިފައިވާ އަނިޔާއެއްގެ ނިޝާނެއް ހޯދުމަށް ޒީވާގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހުއްޓައިލިއެވެ. ފަނޑުއަލީގެ ތެރެއިންވެސް ޒީވާ ލައިގެންހުރި މަޑު ރީނދޫކުލައިގެ ހެދުމުގައިހުރި ލޭގެ އަސަރު ރިއާންގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާގެ ހަރަކާތްތަށް ހުއްޓުން އެރިއެވެ.

"ޒީވް.. ޕްލީޒް ޓެލް މީ އިޓްސް ޔޯރ ޑޭޒް" ރިއާންގެ ޖުމްލައާއެކު ޒީވާއަށްވެސް ރިއާންގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ބިރެއް ފެނުނު ފަދައިން އޭނާއަށް ރޮއެގަނެވުނެވެ.

"ރިއާން.. ރިއާން.. ހެޔޮނުވާނެ އަހަރެން ހޮސްޕިޓަލަކަށް ގެންގޮސްދީ.. އާދޭސްކޮށްފަ މިބުނީ. ޕްލީޒް ޓޭކް މީ ދެއަރ" ޒީވާއަށްތެޅިގެންފައި ރިއާން ލައިގެންހުރި ގަމީހުގައި ހިފައިގަނެވުނެވެ.

"އޯކޭ އޯކޭ. ކާމް ޑައުން" ރިއާންއަށް ކަންތައްތައް ވަމުންދާގޮތް ނޭނގި ހާސްވެފައި ހުރިނަމަވެސް އަވަސް އަވަހަށް ބޯ ޖަހަައިލަމުން ޒީވާ ހަމަޖެއްސޭތޯ އުޅުނެވެ. ރަނގަޅަށް ވިސްނައިލުމަށްފަހު ޖީބުގައި އޮތް ފޯނު ނަގައި އިމާރާތުގެ ތިރީގައިހުރި ސެކިއުރިޓީ ގާޑަށް ގުޅައިލުމަށްފަހު އަވަހަށް ކާރެއް ތައްޔާރުކޮށްދިނުމަށް އެދި ކޯލު ކަނޑައިލިއެވެ. އަނެއްކާވެސް ފަޓުލޫނުގެ ޖީބަށް ފޯނު ކޮށްޕަައިލުމަށްފަހު ދެވަނަ ސިކުންތުގައި ޒީވާ އަތްދަނޑިމައްޗަށް ހިއްލައިލަމުން ދޮރުން ނުކުތުމަށް ހިނގައިގަތެވެ.

ކުޑަ އުނދަގުލަކާއެކު ދޮރުގެ މަތީގައި އެޅުވި ތަންޑު ނައްޓައިލުމަށްފަހު ލިފްޓާ ހަމައަށް ދެވުނުއިރު އޭނާގެ މޫނުން ހާސްކަމުގެ ދާތިކިތައް ވިދަން ފަށައިފިއެވެ. އޭރުވެސް ރިއާންގެ ގައިގައި ބައްދައިލައިގެން އޮތް ޒީވާއަށް ހުއްޓުމެއްނެތި ރޮވެމުންދިޔައެވެ. އެމީހުންގެ އިންތިޒާރުގައި ތައްޔާރުކޮށްފައި އޮތް ކާރުގެ ކުރީސީޓު ތިރިކޮށްލައި ޒީވާ ބޭއްވުމަށްފަހު ޑްރައިވަރު ސީޓުން ފޭބި ސެކިއުރިޓީ ގާޑަށް އަވަސް ނަޒަރެއް ދީފައި ރިއާން ކާރަށް އަރައި ދުއްވައިލިއެވެ. ސްޕީޑް މީޓަރުން ދައްކަމުންދިޔަ އެންމެ މަތީ ސްޕީޑުގައި މަގުތަކުން ލިބެމުންދާ ޖާގައަށް ބަލަމުން ކާރު ދުއްވަމުންދިޔައިރުވެސް ޒީވާއަށް އައިސްފާނެ ލޮޅުމަކަށްބަލައި ރިއާންއިނީ އެއްއަތުން ޒީވާގެ ގައިގައި ހިފަހައްޓައިލައިގެނެވެ. އެންމެ ކައިރީގައިހުރި ހޮސްޕިޓަލާ ހިސާބަށް ޒީވާ ގެންދާކަށް އޭނާއަށް ދެމިނަޓުވެސް ބޭނުމެއްނުވިއެވެ. ބާރު ސްޕީޑްގައި އައިސް ހޮސްޕިޓަލުގެ އެމަރޖެންސީ ގޭޓުގެ ކުރިމައްޗަށް ކާރު ހުއްޓައިލުމަށްފަހު ޑްރައިވަރު ސީޓުން ފައިބަމުން އަޑުގެ ނެތްތަނަށް ސްޓްރެޗަރަށް ގޮވައިލިއެވެ. ދުއްވާ އެނދެއް ހިފައިގެން ދުވެފައި އައި ބަޔަކު އެދިމާލަށް ހުއްޓުމުގެ ރިއާންގެ އަތްދަނޑިމަތީގައި ޒީވާ ކާރުން ނެރުނެވެ. އޭރު ޒީވާގެ ދެލޯ މަޑުމަޑުން މެރެމުންދިޔައެވެ.

"ޕްލީޒް ކީޕް ޔޯރ އައިޒް އޯޕެން ބޭބީ… ފިއު މޯ މިނަޓްސް" ރިއާން އެ އެނދުގައި ޒީވާ ބާއްވައިލަމުން ބުންޏެވެ. އެނދު ދުއްވައިލި ވަގުތު އެތަނުގައި ތިބި ނަރުހުން ޒީވާގެ ހަށިގަނޑަށް އަވަސް ނަޒަރެއް ދިނެވެ.

"އެނީ ޓަރމިނަލް އިލްނަސަސް؟ ކިޑްނީ, ހާރޓް, ލިވަރ, އޯރ ކެންސަރ ޕޭޝެންޓް؟" އެމީހުންނާ އެއްވަރަށް ދުވަމުންއައި ރިއާންއާ އެތަނުގައިހުރި ރާއްޖެއިން ބޭރުގެ ނަރުހަކު ސުވާލު ކޮށްލިއެވެ. ރިއާން އަވަސް އަވަހަށް ނޫނެކޭ ބުނިވަގުތު އެމީހާ ދެންކުރި ސުވާލާއެކު ރިއާން ހުއްޓުންއެރިއެވެ. އޭރު ދެންތިބި ނަރުހުން ޒީވާ އޮތް އެނދާއެކު އަވަސް ފަރުވާދޭ ކޮޓަރީގެ ތެރެއަށްވަދެ ގެއްލިއްޖެއެވެ.

"އެކްސްކިއުޒްމީ ސަރ އިޒް ޝީ ޕްރެގްނަންޓް؟" އެ ނަރުސްމީހާ ދެވަނަ ފަހަރަށް ރިއާންގާތު އެ ސުވާލު ތަކުރާރުކޮށްލިއެވެ.

"އައި.. އައި ޑޯންޓް ނޯ.." ރިއާން އަޅައަޅައިގަންނަމުން ބުންޏެވެ.

"އިޒް ދަ ޕޭޝެންޓް ސެކްޝުއަލީ އެކްޓިވް؟" އެމީހާ އަނެއްކާވެސް ސުވާލުކުރިއެވެ. އަދިވެސް ކުރިން ކުރި ސުވާލާމެދު ވިސްނަންހުރި ރިއާން އެމީހާ ފަހުން އެހި ސުވާލަށް ބޯ ޖަހައިލުމާއެކު އެމީހާ ހަލުވިކަމާއެކު ޒީވާ ވެއްދި ކޮޓަރީގެ ތެރެއަށް ދެމިގަތެވެ.

"ޕޮސިބަލް މިސްކެރިއޭޖް! ކޯލް އަ ގައިނީ!"

ލެއްޕެމުންދިޔަ ދޮރުގެ ތެރެއިން ފޭދިގެންއިވުނު އެނަރުސްމީހާގެ އަޑާއެކު ރިއާންއަށް ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ. މޫނުގައި އަޅައިލި ދެއަތް މަޑުމަޑުން އިސްތަށިގަނޑާ ހަަމައަށް ގެންގޮސް ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލެވުނެވެ. ލަސްފިޔަވަޅުތަކެއްގައިގޮސް ކައިރީގައިހުރި ގޮނޑިބަރީގައި އިށީނެވެ. ކުރާނެކަމެއް ހަދާނެގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ތުރުތުރު އަޅަމުންދިޔަ އަތުން ޖީބުގައި އޮތް ފޯނު ނެގިއިރު ޝައިނާ އެވަގުތު ހުރިނަމައޭ އޭނާގެ ހިތަށް އެރިއެވެ. ޝައިނާ ފިޔަވައި އެ ހާލަތުގައި ދެން ގުޅާނެ އިތުރު މީހަކާމެދު ވިސްނައިލުމުން އޭނާގެ ބޮލަށް އައި ހަމަ އެންމެ ނަމެކެވެ. ޝީރީނެވެ. އޭނާއާމެދު ޒީވާ ފިޔަވައި އިތުރު އަންހެނެއްގެ ހިތުގައި ކުލުނެއްވާނަމަ އެމީހަކަށް މި ދުނިޔޭގައި ހުންނާނީ ޝީރީނޭ ރިއާންގެ ހިތް ބުނީ ކީއްވެކަމެއް ނޭނގުނެވެ. ފޯނުން ޝީރީންގެ ނަންބަރު ހޯދުމަށްފަހު ގުޅައިލެވުނީ އެއްވެސް އިޚްތިޔާރަކާނުލައެވެ.

***************

ރޭގަނޑުގެ ކެއުމަށް ތައްޔާރު ކުރެވިފައިވާ ތަށިތައް ޖޫލީގެ އެހީގައި މޭޒުމައްޗަށް އަތުރަމުންދިޔަ ޝީރީނަށް ކާމޭޒު މަތީގައި އޮތް ފޯނު ރިންގުވާންފެށި އަޑުއިވި އެދިމާލަށް ހިނގައިގަތެވެ. ޑިސްޕްލޭއަށް އަރައިފައިވާ ރިއާންގެ ނަން ފެނުމާއެކު އޭނާއަށް އެތަނުގައި އިން ރިޔާޒްއަށް ބަލައިލެވުނެވެ.

"ރިއާން. ކާން އަންނަންވެގެން ކަންނޭނގޭ ދޯ. ނޫނީ އަށެއްޖަހާއިރު ދުވަހަކުވެސް ނުގުޅައެއްނު" ޝީރީން އޭނާއަށް ގުޅަނީ ކާކުތޯ ރިޔާޒްއަށް އަންގައިލުމަށްފަހު ފޯނު ނެގިއެވެ.

"ހަލޯ ދަރިފުޅާ. ކިހިނެއްވީ؟ ރަނގަޅުތަ؟"

ޝީރީން އާދައިގެ މަތިން ރިއާންއާ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. އޭނާއަށް ނޭނގުނީ އެފަދަ އޯގާތެރިކަމަކަށް ނިހާޔަތަށް ބޭނުންވެފައިވި ރިއާން އެ ބަސްތަކާއެކު ފުނޑުފުނޑުވިކަމެވެ. ރިއާންގެ ދެލޮލުގައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯރުލައި ފައިބައިގަތް ވަގުތު ކަކުލުގައި އަޅުވައިލައިގެން އިން އަތުގެ ތެރޭގައި އެ ދެލޯ ފޮރުވައިލިއެވެ. އަދި ކުރެހިފައިވާ އަޑަކުން ޝީރީންއަށް ގޮވައިލެވުނެވެ.

"މަން.. މަންމާ"

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!