Episode 6

ހިތް އެދޭހާ ކަމެއް.. (6 ވަނަބައި)

"މާ ވާހަކަ ގިނަ ކުރާކަށް ނެތިން. ތި ދެމީހުން މިތަނަށް ހާޒިރު ކުރުވި ސަބަބު ދެމީހުނަށް ވަރަށް ރަނގަޅަށް އެނގޭނެ. މިވަގުތުން ފެށިގެން ކަލޭމެން ދެމީހުންގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ވާނި ހިފެހެއްޓިފަ. އަދި މިއަދަށްފަހު މި ކުންފުންޏަށް ކަލޭމެންގެ ހިދުމަތެއް ބޭނުމެއް ނުވޭ. ވަރަށް އަވަހަށް ކޯޓުން ދެމީހުނާވެސް ބައްދަލުކޮށްލާނަން. އެހެންވީމާ ދެމީހުންގެ އެކްސެސް ކާޑު މި މޭޒު މަތީގަ ބާއްވާފަ އިމާރާތް ދޫކޮށް ނުކުމޭ. ފަހަތަށް އެނބުރެން ހިޔާލުވެސް ނުކުރާތި." ރިއާން އެދެމީހުނާ މުހާތަބުކޮށް ބުންޏެވެ.

އޭނާ އެންގި ގޮތަށް އަމަލުކުރުމަށްފަހު އެދެމީހުން އެތަނުން ނުކުތުމާއެކު ރިއާންވެސް މާގިނަ އިރަކު މަޑު ކުރާކަށް ގަސްދެއްނުކުރިއެވެ. ކެބިންއިން ނުކުމެ ކުރިން އެތަނުގައި އިން ޒުވާނާއަށް ބޯޖަހައިލުމަށްފަހު ލިފްޓާ ދިމާލަށް ހިނގައިގަތެވެ.

***********

އާދައިގެ މަސައްކަތު ދުވަހެކެވެ. ހޮޓެލްގެ އެކި ދިމާލުގައި ބަހައްޓަން ޖެހޭ ފަރުނީޗަރުތަކުގެ މަސައްކަތް ނިންމައިލުމަށްފަހު ޝައިނާ އޮފީސްބަޔަށް ވަދެލީ ކަރުހިއްކުން ފިލުވައިލުމަށްޓަކައި ފެންފޮދެއް ބޮއެލުމަށެވެ. އެމީހުން އެރަށަށް އައިތާ މިހާރު އެއްމަސްދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެހެންކަމުން އޮފީސްބައިގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި މަސައްކަތްކުރާނެ ސްޓޭޝަންތައް މިހާރުވަނީ އަތުރައި ނިމިފައެވެ. ކުރެވިފައިވާ މަސައްކަތާމެދު ހިތްހަމަ ޖެހިފައިހުރެ ޝައިނާގޮސް މަޑުކޮށްލީ ޕްރިންޓަރާއި އިންވެގެންހުރި ވޯޓަރ ޑިސްޕެންސަރު ކައިރީގައެވެ. އޭރުވެސް ޕްރިންޓަރުން ކޮންމެވެސް ގަނޑުތަކެއް ޕްރިންޓް ކުރެވެމުން ދިޔައެވެ.

ޝައިނާގެ ސަމާލުކަން ޕްރިންޓަރަށް ދެވިފައިވަނިކޮށް މީޓިންގް ރޫމުން ނުކުމެގެންއައި ރާހިލް އޭނާގެ ގާތުގައި މަޑުކޮށްލިއެވެ. ރާހިލްގެ އެދުމަށް އޭނާ މަސައްކަތްކުރާނެ ތަނެއްގެ ގޮތުގައި ރާފިއުވަނީ އެ މީޓިންގްރޫމް ހަމަޖައްސައި ދީފައެވެ. ޝައިނާ މަސައްކަތްކުރީ އެ ކުޑަ ވަގުތުކޮޅުގައިވެސް ރާހިލްއާ ކޮންމެވެސް ވާހަކައެއް ދެއްކުމަށެވެ.

"މިއައީ ހުރިހާ ފަރނިޝިންގެއް ނިންމާލާފަ. ބަލާބަ މަތީގަ ހުންނަ ގްރޭންޑް ސޫޓް. ރީތިދޯ." ޝައިނާ އޭނާގެ ފޯނުން ނަގައިފައިވާ ހޮޓެލްގެ ފޮޓޯތައް ދައްކައިގެން ރާހިލްގެ ސަމާލުކަން ހޯދަން އުޅުނެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އޭނާ ދެއްކި ވާހަކަ އިވޭ ކަމަށްވެސް ހަދައިނުލި ތާނގައި ރާހިލްގެ ނަޒަރުވެސް ޕްރިންޓަރާ ވަކިނުކޮށްލިއެވެ.

"ޕްރިންޓަރުން މާ ޝައުގުވެރި އެއްޗެއް ފެންނަނީތަ؟" ޝައިނާ ސުވާލުކުރިއެވެ. ރާހިލްގެ ފަރާތުން ޖަވާބެއް ނުލިބުނުއިރު އިޝާރާތެއްގެ ހިލަމެއްވެސް ނުވިއެވެ. ގަނޑުތައް ހިފައިގެންގޮސް އަލުން މީޓިންގްރޫމްގެ ތެރެއަށް ގެއްލުނީ ޝައިނާ އެތަނުގައި ހުރިކަމަށްވެސް ހަދައިނުލައެވެ.

ވީފޫހިން ޝައިނާއަށް ތުން އަނބުރައިލެވުނެވެ. އަދި އެެއްބަސްވެފައިވާ ގޮތުގެ މަތިން ރާފިއުއާއެކު މެންދުރުގެ ކެއުމަށް ދާން ހިނގައިގަތެވެ. އޭރު މީޓިންގްރޫމްގެ ބްލައިންޑްތަކުގެ ދޭތެރެއިން އެ މަންޒަރު ބަލަންހުރި ރާހިލްގެ ދެބުމަ ގޮށް ޖެހިފައިވާއިރު މުށްބާރުކޮށްލެވިފައިވާ އަތުގެ ނިޔަފަތިތަކުން އަތްތިލައިގެ ހުދުހަމުގައި ފާހަގަ އެޅެމުންދިޔައެވެ. ބްލައިންޑްތައް ކަހައިލުމަށްފަހު ކައިރީގައިހުރި ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިއިރު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރާފިއުއާއެކު ހިނގާފަ ދިޔަ ވަގުތު ޝައިނާގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި އުފާވެރިކަށް ކުލަ ތަސްވީރެއް ފަދައިން އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. އޭނާއަށް ނުހޯދުނު ގޮތަކަށް ރާފިއުއަށް ޝައިނާގެ ހިތުން ޖާގައެއް ހޯދުނީ ކިހިނެއްހެއްޔެވެ؟ މިރަށަށް އައިއްސުރެން ޝައިނާއާ ރަހްމަތްތެރިކަން ބަދަހިކޮށް ޝައިނާ ހެއްވާލުމަށް އޭނާ ކިހާ މަސައްކަތެއް ކުރިހެއްޔެވެ؟ ނަމަވެސް ޝައިނާގެ ފަރާތުން އެ އުފާވެރިކަން ނުފެނުނު ތާނގައި އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައިވެސް ރިއާނާ ވާހަކަ ދައްކައިގެން އޭނާގެ ކިބައިން ސަލާމާތްވާން މަސައްކަތްކުރީއެވެ. އޭނާ މިހާރު ވަނީ ޝައިނާދެކެ ފޫހިވެފައެވެ. މިހުރިހާދުވަހު ޝައިނާގެ ފަރާތުން ފެންނަމުންދިޔަ ރުންކުރުކަމާމެދު ޒާތަކަށް ހިތްހަމަނުޖެހުނަސް އޭގެ މައްޗަށް މިހާރު ކުރި ހޯދާފައިވަނީ އޭނާ ޝައިނާދެކެވާ ފޫއްސެވެ.

**************

ގިނަ މަސައްކަތްތަށް ނިމިފައިހުރުމުގެ ސަބަބުން މިހާރު މުވައްޒަފުން ހޮޓެލްގައި މާގިނަ ވަގުތު ހޭދަކުރާކަށް ނުޖެހެއެވެ. މިގޮތުން އާދައިގެ މަތިން މަސައްކަތް ނިންމާލަން ހަމަޖެހިފައިވާ ގަޑިއަށްފަހު ގިނަ މުވައްޒަފުން ހޮޓެލްގެ އިމާރާތްދޫކޮށް ދާން ފެށި ދުވަހެކެވެ. ރާހިލް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އޭނާގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި ހޮޓެލްގައި މަޑުކުރުމަށް ނިންމިއެވެ. ޕްރޮޖެކްޓް ފެށުނީއްސުރެން މާލީގޮތުން ކުރަމުންދިޔަ ހުރިހާ ހަރަކާތެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލަން ޖެހިފައިވުމުގެ ސަބަބުން އޭނާހުރީ ރަނގަޅަށްވެސް ބޯ ގޮވައިފައެވެ. އެންމެފަހުން އޭނާ ނުކުތީ އެކަމުގައި އެހީތެރިވާނެ މުވައްޒަފެއް ހޯދޭތޯއެވެ. އޭނާއަށް ފެންނަވަރުވީ ހަމައެކަނި ކެބިންގައި އިން ރާފިއުއެވެ. ކިތަންމެ ފޫހިވި ނަމަވެސް މަސައްކަތް އަވަހަށް ނިންމަން ބޭނުންވާތީ އޭނާ ރާފިއުގެ އެހީ ހޯދުމަށް ނިންމިއެވެ.

"ރާފިއު. ބިޒީތަ؟" ރާހިލް ކެބިންގެ ދޮރު ހުޅުވައިލައި އެތެރެއަށް ވަންނަމުން ބުނެލިއެވެ.

"ނޫން. ކިހިނެއްވީ؟"

"މެއިލް ބަލާލަބަ. އިންނާނެ ފައިލްއެއް ފޮނުވާފަ" ރާހިލް ބުނިފަދައިން ރާފިއު މެއިލް ބަލައިލިއެވެ. ރާހިލް ފޮނުވައިފައިވަނީ މުޅިއަކު ސައްބީސް އެގްރީމެންޓް ހިމަނާފައިވާ ޑްރައިވް ފައިލެކެވެ.

"މީ ކޯއްޗެއް؟" ރާފިއު ސުވާލުކުރިއެވެ.

"އަހަރެންނަށް ކުޑަ އެހީއެއް އެބަ ބޭނުންވޭ. ތީގަ ތިހިރަ އެއްބަސްވުންތައް ކިޔާލާފަ މުހިއްމު ފެކްޓްސްތަކާ ހުރިހާ ފިގަރޒްއާ ގުޅޭ ޑީޓެއިލްސްތައް ހުލާސާކޮށް ނޯޓު ކޮށްލަދީބަ. މާދަން ހެނދުނަށް އަހަރެން ތި ބޭނުން" ރާހިލް އެދުނެވެ.

ރާފިއު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. މިހާރު އިރުއޮއްސި ހައެއް ޖަހައިފިއެވެ. އޭނާ އަދި މަންމަ ގުޅައިގެން ގެއަށްވެސް ދާން ޖެހެއެވެ. ނަމަވެސް އެއީ ރާހިލް އޭނާގާތު ކަމަކު ކީ އެންމެ ފުރަތަމަ ފަހަރެވެ. ރާހިލްއަކީ ވެގެންވަންޏާ އޭނާއާ ވާހަކަވެސް ދައްކާ މީހެއްނޫނެވެ. އެހެންމީހުނާއެކު ސަކަރާތްޖަހާ ހެދިޔަސް ރާފިއުއާ ބަހައްޓާ ދުރުކަން އެއީ ހުދު ރާހިލްގެ މިޒާޖާވެސް ނުގުޅޭ ބީރައްޓެހި ކަމެކެވެ. ރާފިއުއަކަށްވެސް އެކަމުގެ ސަބަބެއް ނޭނގެއެވެ. އެހެންކަމުން ރާހިލް އޭނާގާތަށް އެ މަސައްކަތް ހިފައިގެން އައުމަކީ އެމީހުންގެ ރަހްމަތްތެރިކަމުގެ ފެށުމެއްކަމަށް ނިންމައި ރާފިއު ނިކަން އަވަހަށް އެކަމާ އެއްބަސްވިއެވެ.

ގެއަށްދިޔުމުގެ ކުރިން ޝައިނާ އައިސް ރާފިއުގެ ކެބިންއަށް ވަދެލީ އާދައިގެ މަތިން ރާފިއުއާ ވަދާއުގެ ސަލާމް ކުރުމަށެވެ. އޭރު ރާފިއު މާ ފޫއްސެއްވެފައި އިނދެ ވަކި މަސައްކަތެއް ކުރަމުންދާތަން އޭނާއަށް ފެނުނެވެ.

"މާ ވަރަކަށް މޫނު ކުނިކޮށްގެން އިނދެ ކޮންކަމެއް ތި ކުރަނީ؟" ޝައިނާ ހިނިތުންވެލަމުން އަހައިލިއެވެ.

"މީ ރާހިލްގެ ކުޑަ ކަމެއްގަ ހެލްޕެއްދެނީ." ރާފިއުގެ ވާހަކައަށް ރާހިލްގެ ނަން އައުމާއެކު ޝައިނާއަށް ސަމާލުކަން ދެވުނެވެ.

"ތީ ކޯއްޗެއް؟"

"އެގްރީމެންޓްތަކެއް" ޝައިނާގެ ސުވާލަށާ ރާފިއު ޖަވާބުދިނެވެ. އަދި އޭނާއާ ރާހިލް ޖެއްސި މަސައްކަތް ތަފްސީލުކޮށް ކިޔައިދިނެވެ. ޝައިނާ ރާފިއުގާތު އިށީނދެލައިގެން ރާފިއު ކުރަމުންދިޔަ މަސައްކަތައް ބަލަމުން ދިޔައެވެ. އޭރު ހުއްޓުމެއްނެތި މޭޒުމަތީގައި އޮތް ރާފިއުގެ ފޯނު ވައިބްރޭޓްވަމުންދިޔައެވެ.

"ވަރަށް ގިނައިރުވެއްޖެ ފޯނު ރިންގުވާތާ. ރާފިއުވެސް ފެންނަކަމަށް ނަހަދާތީ އަހަރެން ނުބުނަން މި ހުންނަނީ" ޝައިނާ އެންމެފަހުން ނުހުރެވިގެން ބުންޏެވެ.

"އާނ އެއީ މަންމަ. ކޮންމެސް ކަމަކު އަންނާށޭ ކިޔާފަ އޮއްވާ މިކަންތައް ލައިގަތީވެސް. ދެން ކިހިނެއް ދާނީ؟" ރާފިއު ފޯނަށް ބަލައިލަމުން ބުންޏެވެ.

"މަންމަވެއްޖެއްޔާ ދާން ވާނެ. ގެނޭ އަހަރެން އަތަށް. އަހަރެން ތީތި ނިންމާލަދޭނަން" ޝައިނާ ބުންޏެވެ.

"އަޅެ ހަމަ އަސްލުވެސްތަ؟" ރާފިއުގެ ސުވާލަށް ޝައިނާ ބޯ ޖަހައިލިއެވެ.

"އާނއެކޭ ދެން. ކިހާވަރެއްތަ ނުނިމި ހުރީ؟" ޝައިނާ އަހައިލިއެވެ.

"އަދި ނިމުނީ ހަތަރުއެތި. ބައެއް އެގްރީމެންޓްތައް ވަރަށް ދިގު. ސާދަ ވަރަކަށް ޞަފްހާވެސް އެބަ އުޅޭ. ބާކީ އަދިވެސް އެބައިން ބާވީސް." ރާފިއު ބުންޏެވެ.

"އިޓްސް އޯކޭ. އަހަރެން މިރޭ ދިއުމުގެ ކުރިން ނިންމާލާނަން" ޝައިނާ ބުނެލިއެވެ. ރާފިއުގެ މޫނު ވަގުތުން އުޖާލާވިއެވެ.

"އަޅެ އަހަރެން ގޮތެއް އޮތްނަމަ ނުދޭނަން އެނގޭ. އެކަމަކު މަންމަ ގުޅީމަ އަހަރެންވެސް ދާން ބޭނުން. ތޭންކްޔޫ ސޯ މަޗް. ތިއީ ހަމަ ޖަވާހިރެއް" ރާފިއު ގޮނޑިން ތެދުވަމުން ޝައިނާއާ މަސައްކަތް ހަވާލުކުރިއެވެ.

ގަޑިން ދިހައެއް ޖެހުމާއެކު ރާހިލް ގެއަށްދާން ތައްޔާރުވެލިއެވެ. ހޮޓަލުން ނުކުތުމުގެ ކުރިން ރާފިއުއާ ހަވާލުކުރި މަސައްކަތް ގޮސްފައިވާ ހިސާބު ބަލައިލުމަށްޓަކައި ދިޔައެވެ. ކެބިންއާ ހިސާބަށް ދެވުނުއިރު ކުޑަކޮށް ހުޅުވައިލެވިފައިވާ ބްލައިންޑްސްތަކުގެ ތެރެއިން ފެނުނު މަންޒަރުން އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނާ ހަވާލުކުރި މަސައްކަތުގައި ރާފިއުގެ ބަދަލުގައި ޝައިނާ މަސްއޫލުވެގެން އިން މަންޒަރުފެނި އޭނާގެ ނިތަށް ރޫތައް ގިނަވިއެވެ. އެވަރު ކަމަކު ބުނީމަވެސް ރާފިއުއަށް އެކަންތަށްވެސް ނުވިތާއެވެ. ވީ ފޫހިން އަލުން އައިސް މީޓިންގްރޫމްގައި އޭނާ މަސައްކަތްކުރަން އިން ގޮނޑީގައި ހަމަ ޖެހިލިއެވެ. ފަސޭހައެއް ހޯދަން އުޅުނަސް އުނދަގުލެއް ނޫނީ ނުވާނޭ އޭނާގެ ހިތަށް އެރިއެވެ. ދެން މިވީ ގޮތުން މި ޖެހުނީ ޝައިނާ ނިމެންދެން އޭނާވެސް އެތަނުގައި މަޑުކުރާށެވެ. އާނއެކެވެ. ޝައިނާ އެކަނި ހޮޓެލްގައި ބައިންދާފައި ދާކަށް އޭނާއަކަށް ނުކެރުނެވެ. ރާފިއު ޝައިނާގެ ކޮނޑަށް އެ މަސައްކަތް ޖަހާފައި ދިޔައީތީ ހިތާހިތުން ރާފިއުއަށް ކުދިކިޔުނެވެ.

"ކޮބާ ނިކަން ޝައިނާދެކެ ފޫހިވާކަން އެބަ އެނގެއެއްނު" ހިތުގެ އަޑުން ރާހިލްއަށް މަލާމާތް ރައްދުކުރަމުން ދިޔައެވެ.

"ނޫން. އެގޮތަށް އަންހެން ކުއްޖެއް އެކަނި ބައިންދާފަ ދާނީ ކާކު. މީ އަހަރެން ކޮންމެހެން އެއީ ޝައިނާއަށްވީތީ ކުރާ ކަމެއްނޫން. ކޮންމެ ކުއްޖެއް އިނަސް އަހަރެން މަޑުކުރީސް" ރާހިލްގެ ސިކުނޑި ހަމަ އެހާމެ އަވަހަށް އެ މަލާމާތައް ރައްދުދިނެވެ. ކޮންމެއަކަސް އެރޭ އޭނާއަށް އަވަހަށް ގެއަށް ދެވެން ނެތްކަމަށް ނިންމާ ރާހިލް ގޮނޑީގައި ހަމަޖެހިލަމުން ލޯމަރައިލީ ކުޑަ އިރުކޮޅަކަށް ސިކުނޑި ތާޒާ ކޮށްލުމުގެ ނިޔަތުގައެވެ.

ކުއްލިއަކަށް މޭޒުމައްޗަށް ފައިލެއް ޖެހުނު އަޑާއެކު އިވުނު ޝައިނާގެ އަޑުން ރާހިލްއަށް ލޯ ހުޅުވައިލެވުނެވެ. "އަން. މިއޮތީ ފޮނުވި އެގްރީމެންޓް ތަކުން ނެގި ނޯޓްސް." ރާހިލް މޫނުގައި އަތް އުނގުޅައިލަމުން ހަމަޖެހިލިއެވެ. ރޭގައި ލަހުން މަސައްކަތް ނިންމާފައި ނިދަން ދާންޖެހުމުގެ ސަބަބުން މިހެނދުނު އޭނާގެ ލޮލަށް ނިދި ސަވާރުވަމުންއައީ ކެތްނުވާވަރަށެވެ.

"އަސްލު ފައިލް އިންނާނެ މެއިލްވެސް ކޮށްލާފަ. އެކަމަކު އަހަރެންނަށް ފާހަގަވި ރާހިލް އާންމުކޮށް ހާޑްކޮޕީޒްގަ ވޯރކް ކުރާކަން. އެހެންވެ ޕްރިންޓެއް ނަގައިދިނީ. އެނގޭ ރާފިއުކައިރީގަކަން ބުނީ އެކަމަކު ރާފިއު ބިޒީ ވީމަ އަހަރެން މިކަން ކޮށްލަދިނީ"

ޝައިނާ މަސައްކަތް ކުރީ ކޮންމެވެސް ގޮތަކުން ރާހިލް އޭނާއާ ވާހަކަ ދައްކާކަހަލަ ގޮތެއްވޭތޯއެވެ. ނަމަވެސް އޭނާގެ ވާހަކަ ނުނިމެންދެން ރާހިލް މެއިލުން އައިސްފައިވާ ފައިލު ހުޅުވައިލުމަށްފަހު ބަލަންފެށިއެވެ. އޭރުވެސް ޝައިނާ ހުއްޓުމެއްނެތި ކޮންމެވެސް ވާހަކައެއް ދައްކަމުންދިޔައެވެ. މިފަހަކަށް އައިސް ޝަައިނާގެ ހުންނަ އަނގަގަދަ ކަމާމެދު ރާހިލް ހުންނަނީ ހައިރާންވެފައެވެ. ޝައިނާ މިހާރު އުޅެމުންދަނީ މީގެ ކުރިން އޭނާ ޝައިނާގެ ސަމާލުކަން ހޯދަން އުޅުނުކަހަލަ ގޮތަކަށެވެ.

މިނެޓެއްހާއިރުތެރޭ ރާހިލް އަވަސްކަމާއެކު ފައިލް އެއްކޮޅުން އަނެއްކޮޅަށް ބަލައިލުމަށްފަހު ތެދުވިއެވެ. މޭޒުމައްޗަށް ޝައިނާ ޖެހި ފައިލް ހިފައިގެންގޮސް ރާފިއުގެ ކެބިންއަށްވަނެވެ. ޝައިނާވެސް ވާނުވާ ނޭނގިފައިހުރެ ރާހިލްގެ ފަހަތުން ދިޔައެވެ.

"އަހަރެން މީހަކާ ކަމެއް ހަވާލުކުރިއްޔާ އޭގެ މާނައަކީ އެކަމެއް ކުރާނީ އެމީހެކޭ. ނޫނިއްޔާ ރީއްޗަށް ނުވާނެ ވާހަކަ އަހަރެން ގާތު ބުނާނީ. މީގަ ހުރި އެއްވެސް އެއްޗަކުން އަހަރެންނަކަށް ވާނުވާއެއް ނޭނގޭ. މުޅި މަސައްކަތް ބޭކާރު. ކަމެއް ހަވާލު ކުރާއިރުވެސް ކުރަން އެނގޭ މީހެއް އަތަށް ދޭނަމަ. އަހަރެން އެކަނި ކުރި ނަމަވެސް މިއަށްވުރެ ރަނގަޅުވާނެ." ރުންކުރުކަމާއެކު ރާފިއުގެ މޭޒުމައްޗަށް ފައިލް ޖަހަމުން ރާހިލް ރާފިއުއާ ދިމާލަށް ބުންޏެވެ. ޝައިނާ އެ ފައިލް އަލުން ނެގުމަށްފަހު ރާހިލްގެ ކުރިމަތީގައި ހުއްޓިލިއެވެ.

"މަސައްކަތްކުރީ އަހަރެން. ހިތްހަމަ ނުޖެހެންޏާ ބުނާނީ އަހަރެން ކައިރީ. އަަހަރެން އެތާ ރާހިލްގެ ކައިރީގަ ހުއްޓާ ބުނަން ބޭނުން އެއްޗެއް ބުނެވުނީސް. ކޮންމެހެން ރާފިއުއާ ދިމާލަށް އެއްޗެހި ކިޔާނެ ކަމެއް ނެތް!! އަހަރެންނަށް އެނގޭ ރާހިލް ރަނގަޅަށް އެ ފައިލް ނުވެސް ބަލާކަން. އެކަމަކުވެސް ހެޔޮ. ދެން ކަން ކުރަންވީ ގޮތަކީ މީ" ޝައިނާ ރާހިލްއާ ދިމާލަށް ބުންޏެވެ. އެއަށްފަހު ފައިލްގެ ކުރިމަތީގައިުރި ހުރިހާ ގަނޑެއް ނެގުމަށްފަހު އެއްފަހަރުން އެ ވީދައިކުދިކުދިކޮށް ރާހިލްގެ ފައިކައިރިއަށް އުކައިލިއެވެ.

"މެއިލް އިން ފޮނުވި ފައިލްވެސް ޑިލީޓް ކޮށްލާ" ޝައިނާ ރުޅިއައިސްފައި ބުންޏެވެ. ރާހިލްއަށް ޝައިނާގެ އެކުރި އެއްވެސް ކަމަކުން އަސަރެއް ނުކުރާކަހަލައެވެ. މޫނަށް ރުލެއްވެސް އަރުވައިލުމެއްނެތި އެތަނުން ނުކުމެގެން ދިޔައެވެ. ޝައިނާއަށް އަތުގައި އޮތް ހުސް ފައިލް އަތުގެ ކޮޅަށް ހޫރައިލެވުނެވެ.

"އޭނާގެ މައްސަލައަކީ ކޮބާތަ؟ ރާފިއު އަހަރެންނަށް އަޅެ ބުނެދީބަލަ އޭނާގެ މައްސަލައަކީ ކޮބާކަން" ޝައިނާ ސުވާލުކުރިއެވެ. އެފަދަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާބޮޑު މަސައްކަތެއް ކުރަންޖެހުމަކީ ރާހިލް ރުޅިއައިސް “ސްޓްރެސްވުން” ހައްޤުކަމެއްކަން ޝައިނާއަށްވެސް އެނގެއެވެ. އޭނާގެ މައްސަލައަކީ އެ ރުޅީގެ އަމާޒުފަތްގަނޑަކަށް އޭނާ ހެދުމެވެ.

ގޮނޑީގައި އިށީނދެވުމާއެކު ރާހިލް އޭނާއަށް ޝައިނާ ފޮނުވި ފައިލް ޑެސްކްޓޮޕަށް ސޭވްކޮށްލިއެވެ. އޭނާގެ ތުންފަތަށް ހިތްހަމަ ޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ. ހަގީގަތަކީ ޝައިނާ އެ މަސައްކަތް ކޮށްފައިވަނީ އޭނަ އުއްމީދުވެސް ނުކުރާހާ ފުރިހަމައަށްކަމެވެ. އެހެނަސް ރާހިލް ބޭނުންވީ ޝައިނާ ރުޅިއަރުވައިލާށެވެ. ކެތްތެރިކަމާއެކު ރާހިލްގެ ފަހަތުން އާދޭސް ކުރުމުގައި ޝައިނާ އުޅޭގޮތް އޭނާއަށް ކަމަކު ނުދެއެވެ. އޭނާއަށް ކަމުދަނީ ޝައިނާ ޝައިނާގެ ގޮތުގައި ހުރީމައެވެ. އެގޮތަށް ރުޅިމޫނު ހަދައިފައި ހުންނައިރު ޝައިނާ މާ ލޯބިކަމަށް ދައްކާހެން އޭނާއަށް ހީވެއެވެ. އެހެންވެ ކުޑަ ދުވަސްކޮޅަކަށް އޭނާއަށް ނުފެނި ދިޔަ ޝައިނާގެ އަސްލު މިޒާޖާއި ކުލަތައް ދެކިލަން އޭނާ ބޭނުންވީއެވެ. އެކަން ކާމިޔާބުވުމުން ހެވިފައި އިނދެ ރާހިލް އޭނާގެ މަސައްކަތައް ރުޖޫއަވިއެވެ.

ޝައިނާ އުއްމީދުކުރީ އޭނާ އެ ފަައިލާއިމެދު ކަންތައް ހިނގި ގޮތުގެ ސަބަބުން ދެރަވެ ރާހިލް އޭނާއާ ވާހަކަ ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ. އޭނާއަށް ކުރިން ފެނިފައިވާ ރާހިލްއަކީ އެހާ ހިތްހަރު މީހެއް ނޫންވިއްޔާއެވެ. ނަމަވެސް ކަންތައްތައް ހިނގަމުންދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ރާހިލްގެ ފަރާތުން އޭނާއަށް ފެންނަމުންދިޔައީ ހަމަ ބީރައްޓެހިކަމެވެ. ޖެހިގެންއައި ހަފްތާއަކީ ރާފިއުވެސް ގްރެޖުއޭޝަން ހަފްލާއަށް މާލެދިޔަ ހަފްތާއަކަށް އިތުރުން ރާހިލްގެ ފަރާތުން ފެންނަމުންދިޔަ ދުރުކަމާއިހުރެ އޭނާގެ ފޫހިކަން އިތުރުވިއެވެ. އެދުވަސްތަކުގައި އޭނާ އެންމެ ހަނދާންވީ ޒީވާގެ މަތިންނެވެ. އޭނާ ޒީވާއަށް ގުޅަން މަސައްކަތްކުރި ކަމުގައި ވިޔަސް ނޭނގޭ ސަބަބަކާއިހުރެ ޒީވާވެސް ދިޔައީ އޭނާއާ ދުރުވަމުންނެވެ. އާދަޔާހިލާފު ހިމޭންކަމެއް ޒީވާގެ މިޒާޖަށް އައިސްފައިވާ ކަހަލައެވެ. ގުޅޭ ފަހަރަކުވެސް އޭނާއާ މާގިނަ ވާހަކަ ދައްކާކަށެއް ބޭނުމެއްނުވެއެވެ. އެހެންކަމުން ފޫހިކަން ފިލުވައިލުމަށްޓަކައި ޝައިނާ ނިންމީ ރާފިއު އަންނަން ވާއިރަށް ރާފިއުގެ ކާމިޔާބީ ފާހަގަ ކުރުމަށް ޕާޓީއެއް ބޭއްވުމަށެވެ. އެ ޕާޓީގެ ކަންކަމުގައި މަސްއޫލުވުމަށެވެ. ޕާޓީގައި ބައިވެރިވާނެ މީހުން ހޯދުމުގެ މަސައްކަތް އޭނާ ފެށިއެވެ. އެގޮތުގެ މަތިން ރާހިލްއާވެސް ބައްދަލުކުރަން ނިންމިއެވެ.

"ރާހިލް" މީޓިންގްރޫމްގެ އެތެރެއަށް ފިޔަވަޅު އަޅައިލިވަގުތު ފަހަތުން ޝައިނާގެ އަޑު އިވުމާއެކު ރާހިލް މަޑުކޮށްލިއެވެ. ކުރީދުވަހު ހިނގައިދިޔަ ކަންތަކަށްފަހު ޝައިނާ އޭނާއާ މާވަރަކުން ވާހަކަ ދައްކަން ނޫޅޭތީ އެ ގޮވީ މުހިއްމު ކަމެއްގައި ކަމަށް އޭނާ ނިންމިއެވެ.

"ރާފިއު އަންނާތީ މާދަމާރޭ ކުޑަ ސެލެބްރޭޝަންއެއް ދޭން ހެޑް ކައުންޓެއް ނަގަނީ. ރާހިލް އަންނާނަންތަ؟" ދުވެލާފައި އައިސް ރާހިލްއާ އަރައި ހަމަ ކޮށްލަމުން ބުނެލިއެވެ.

"ވަރަށް މަސައްކަތް އެބައޮތް" ރާހިލް ބަހަނާ ދައްކައިލިއެވެ. ރާފިއުގެ ވާހަކަ ނޫން ވާހަކައެއް ޝައިނާއަށް ދައްކަން ނޭނގެނީބާއެވެ.

"ސީރިއަސްލީ؟ ކާކު ހިތަށް އަރާނީ ރާހިލް ތިވަރުގެ ވޯރކަހޮލިކް އަކަށް ވާނޭ. އަހަރެން ހީކުރީ ތީ ވަރަށް މަޖާ އަދި ސޯޝަލް މީހެއްކަމަށް" ޝައިނާ ދިމާކުރުމުގެ ރާގެއްގައި ބުނެލިއެވެ.

"އެންމެ ފަހަރަކުވެސް އަހަރެންނަށް ދިންކަހަލަ ތާކުންތާކުން ނުޖެހޭ ޑެޑްލައިނެއްގަ މަސައްކަތް ކުރިންތަ؟" ރާހިލް ޝައިނާގެ ވާހަކައަށް ސަމާލުކަން ދިނުމެއްނެތި އެތެރެއަށް ވަނެވެ.

"އަހަންނަށް ހީވަނީ މާދަމާރޭ ދެތިން ގަޑިއިރު ވޯކް ނުކުރިޔަކަސް ރާހިލްއަށް ވޯކް ކުރެވިދާނެހެން. މިތާ އެހެން އެންމެންވެސް ދޭ. އަންނަންޏާ އަންނަންވީ އަހަރެން މި ބަލަނީ ރާހިލް އަންނާނެ ކަމަށް. އަދި އާނ. ކަޅު ނޫނީ އަނދިރި ކުލައެއްލާތި. ހުދުކުލަ ނުލާތި" ޝައިނާ ބުނާނެ އެއްޗެއް ބުނެ ނިންމައިލުމަށްފަހު ރާހިލްގެ ޖަވާބަކަށް މަޑު ކުރުމެއްނެތި އެތަނުން ދާން ނުކުތެވެ.

ރާފިއުގެ ޕާޓީ ބޭއްވުމަށް ހަމަޖެހިފައިއޮތީ ރަށުގެ ރެސްޓޯރެންޓެއްގެ މަތީ ފަންގިފިލައިގައެވެ. އެންމެން އައިސް މޭޒުތައް އެއްކޮށްލުމަށްފަހު އިށީންއިރު ކޭކާއި ކާއެއްޗެހީގެ އިތުރުން ދެންވެސް ބޭނުންވާ ހުރިހާ އެއްޗެއްވަނީ ހަމަ ކުރެވިފައެވެ. ހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުން އައީ ރާފިއު އަންނާނެ އިރަކަށެވެ. ހުދު ކުލައިގެ ގަޔަށްދޫ އަތްކުރު ލިނެން ގަމީހަކާއި ކަޅު ޖިންސެއްގައިހުރި މީހެއް ސިޑިން އަރަމުން އައިތަން ފެނި އެންމެން އެމީހާއަށް މަރުހަބާ ކިޔުމަށް ތައްޔާރުއެވެ. ތަނުގެ އަނދިރި ކަމާއެކު އެމީހުންނަށް ފެންނަނީ އެ ހުދު ގަމީސް އެކަނި ކަމުގައި ވިޔަސް އެ ކުލަ ލައިގެން އަންނާނެ ހަމައެކަނި މީހާކީ ރާފިއު ކަމަށްވާތީ ޕާޓީ ޕޮޕަރ ހިފައިގެން ތިބި ދެމީހުންގޮސް ސިޑީގެ ދެފަރާތުގައި މަޑުކޮށްލިއެވެ. ސިޑީގެ ފަހު ފިޔަވަޅުން ނާރައިގެން އުޅެނުކޮށް ޕާޓީ ޕޮޕަރ ގޮއްވައިލުމާއެކު ސިޑިންއެރި މީހާގެ ގަޔަށް އޭގައި ހުރި ހުރިހާ ކަރުދާސްތަކެއް ފައިބައިގަތެވެ. ނަމަވެސް އެމީހާ މައްޗަށް އެރުމާއެކު އަނދިރީގެ ތެރެއިންވެސް އެތާ ތިބި އެންމެނަށް އެ އިސްކޮޅުގެ ވެރިއަކީ ކާކުކަން އެނގުނެވެ. އެއާއެކު އެންމެންގެ އަޑުން އެއްފަހަރާ މާޔޫސްކަން ފާޅުވެގެން ދިޔައެވެ.

ސިޑިން އަރައިގެން އައި ރާހިލްއަށް ސިހުމެއް ލިބުނީ ރަނގަޅަށް މައްޗަށް ނޭރިގެން އުޅެނިކޮށް ބަޔަކު އޭނާގެ ކަންފަތް ކައިރިން ޕަރޓީ ޕޮޕަރ ގޮއްވައިލި އަޑާއެކު ގަޔަށް ކަރުދާސްތަކެއް އެޅުމުންނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ސިކުނޑިއަށް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ. އެމީހުން ހީކޮށްގެން އެ އުޅެނީ އޭނާއަކީ ރާފިއު ކަމަށްހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއާ ރާފިއުއާ ވައްތަރީ ކޮންގޮތަކުން ހެއްޔެވެ. ރާހިލްއަށް އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލެވުނެވެ.

ރާހިލް ހަމަޖެހިލައިފައި ގޮސް ނިހާމް ގާތު ހުސްކޮށްހުރި ގޮނޑީގައި އިށީންނަން އުޅުނު ވަގުތު އައި ނައި ތަނެއް ނޭނގި ޝައިނާ އައިސް އޭނާގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތެވެ. އަދި އެންމެނާ ދުރަށް ދެވުމުން ކުއްލިއެއް ޖެހުމާއެކު ރާހިލްގެ އަތުން ދޫކޮށްލިއެވެ.

"އަހަަރެން ރާހިލް ގާތު ނުބުނަންތަ ހުދުކުލަ ލައިގެން ނާންނާށޭ. އަހަރެން ހުރީ މިހާ ލަސްވީމަ ރާހިލް ނާންނަނީ ކަމަށް ނިންމައިގެން.. ކޮބާތަ ރާހިލްގެ މައްސަލައަކީ؟ ކޮންމެ ކަމެއް ސްޕޮއިލް ކުރަން ތި އުޅެނީ؟ މި ޕާޓީ ހަރާބު ކޮށްނުލާ ހަމަ ނުފުދުނީތަ؟" ޝައިނާ ރުޅިއައިސްފައި ބުންޏެވެ. އަނދިރީގެ ތެރެއިންވެސް ރާހިލްއަށް ޝައިނާގެ ކަންފަތުން ދުން އަރަމުންދާތަން ފެންނަ ކަހަލައެވެ. ރާހިލް އޭނާގެ ހިނިގަނޑު ހިފެހެއްޓުމަށް މަސައްކަތް ކުރިއެވެ. ހަގީގަތަކީ އޭނާ ހުދުކުލަ ލީ ގަސްދުގައި ޝައިނާ ރުޅި އަރުވައިލުމުގެ ނިޔަތުގައިކަމެވެ. ނަމަވެސް އެކަމުގެ ސަބަބުން މިހާބޮޑު ކަންތައްގަނޑެއް ހިނގާނެ ކަމަކަށް އޭނާއަކަށް އޭރު ވިސްނައެއް ނުލެވުނެވެ.

"އަހަރެ–"

"ޝައީ. މިއޮށް އައީ ރާފިއު" ރާހިލްގެ ވާހަކަ ފަށައިނުގަނެވެންދެން ދުރުން ކުއްޖަކު ގޮވައިލި އަޑަށް ޝައިނާ ރާހިލްއަށް ލޯ އަޅައިލުމަށްފަހު އެދިމާލަށް ދުއްވައިގަތެވެ. ރާހިލްވެސް މަޑުމަޑުންގޮސް ނިހާމް ގާތު އިށީނެވެ.

"އަހަރެން އައުމުގެ މާކުރިން ސެލެބްރޭޝަން ފަށައިފި ދޯ" ބިންމަތީގައިވާ ދަޅައަޅަމުންފިޔަ ކަރުދާސްތައް ފެނި ރާފިއު ސަމާސާ ރާގެއްގައި ބުންޏެވެ. އެވަގުތު ޝައިނާ ނުރުހުމުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.

"ކޮންގްރެޓްސް ރާފީ. އެއީ ކުޑަ އޮޅުމެއްއެރީ. އާދޭ ކޭކް ފަޅާލަން" ޝައިނާ އަތުގައި އޮތް ވަޅި ރާފިއުއަށް ދިއްކޮށްލަމުން ބުންޏެވެ.

"މޭން ކިހިނެއް ތި ހެދީ؟" ކައިރީގައި އިން ނިހާމް ރާފިއުގެ ކަންފަތްދޮށުގައި ބުންޏެވެ.

"އަހަރެންނަށް ކިހިނެއްތަ އެނގެނީ މިވަރު ކަމެއް ވާނެކަމެއް؟ އެހެންނޫނަސް މީ ކައިވެންޏެއްތަ ކުލަކޯޑުކޮށްގެން ލާން" ރާހިލް އަމިއްލަ ނަފްސު ދިފާއުކުރިއެވެ.

"މިތަން އަނދިރި ވީމަ ރަނގަޅަށް މީހުން ނުފެނިދާނެތީއޭ ޝައިނާ އެހެން ނިންމީ. ސާބަހޭ ކަލެއަށް. ކަލޭ ހަމަ އެމަންޖެ ރުޅިއަރުވާލަން ކޮންމެ ކަމެއްވެސް ކޮށްފާނެ ދޯ." ނިހާމްގެ ވާހަކައަށް ރާހިލް ރައްދެއް ނުދިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިހުރީ ކޭކު ފަޅަންހުރި ރާފިއުގެ ގާތުގައި އިން ޝައިނާއަށެވެ. ކޭކުފަޅައި ނިމުމުން ރާފިއު ޝައިނާ ގޮވައިގެން ދުރަށް ޖެހިލިތަން އޭނާއަށް ފެނުނެވެ. އެދެމީހުނަށް ހަމަ އެކަކު އަނެކަކާ ނުލައި ނޭވާވެސް ނުލެވެނީ ހެއްޔެވެ؟

"ހޭއި ކަމެއް ވެފަތަ؟ އަހަރެންނަށް ހާދަ ހީވެޔޭ ޝައި މޫޑު ކަޓާފަ ހުރިހެން" ރާފިއު ޝައިނާ ގާތު އަހައިލިއެވެ.

"މޫޑު ނުކަޓާ ވަރެއްތަ؟ ރާފީއަށް އެނގޭނެ އަހަރެން މީ ކުރާ ކޮންމެ ކަމެއްވެސް ކިހާ ފުރިހަމައަށް ކުރަން ބޭނުންވާ މީހެއްކަން. މިއުޅޭ ރާހިލްގަނޑު–" ޝައިނާ ރުޅިއައިސްފައިހުރެ ރާހިލް ކަންތައްކުރިގޮތުގެ ވާހަކަ ރާފިއުއަށް ކިޔައިދިނެވެ.

"ދެން ޝައި އަށް އެނގޭނު ރާހިލްގެ ގޮތް. ހީ ލައިކްސް ޓު ބީ އިން ދަ ސަޕޮޓްލައިޓް. ދެން އެހާވަރު ކަމެއް ނޫނޭ. އައި ރިއަލީ އެޕްރިޝިއޭޓް ޔޫ ޑުއިންގް ދިސް. ތޭންކްޔޫ" ރާފިއުއަށް އެއީ މާބޮޑު މައްސަލައަކަށް ނުވިއެވެ.

"އެއީ އެހާވަރު ކަމެއްނޫން. ނޯ ތޭންކްސް ނީޑަޑް. އެކަމަކު ހުވާ މި ބުނީ. އަހަރެން ރުޅިއަައިސް ލޭމައްޗަށް ގޮސްގެން މަރުވަންޏާ އެކަމުގެ ސަބަބަކަށް ވާނެ މި ރާހިލް" ޝައިނާ އަދިވެސް ހުރީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ.

"ސާބަހޭ ޝައި އަށް. އޭނަ އުޅޭ ގޮތާ މާވަރަށް އަޅާ ނުލާބަލަ. ޝައި ތިހެން އޯވަރރިއެކްޓް ކުރާތީއޭ އޭނަ އެކަހަލަ ކަންކަން ކުރަނީވެސް. ދެން ތި ހީނލާފަ ކާން ހިނގާ. ވަރަށް ބަނޑުހައި" ރާފިއު ޝައިނާގެ ކޮނޑަށް އަތް ވައްޓައިލަމުން ޝައިނާގެ ކޮލުގައި ހިފައިލިއެވެ.

ރާފިއުއާ އެކު މޭޒު ކައިރީގައި އިށީނދެލި ޝައިނާގެ ހިނިތުންވެފައިވާ މޫނު ފެނުމާއެކު ރާހިލްއަށް އަތުގައިއޮތް އުލުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ދަތްކުނޑި ވިކައިލެވުނު ހިނދު އޭނާގެ ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައެވެ. ދެންމެ ޝައިނާ އައިސްފައިހުރި ރުޅި އެންމެ ގާތުން ދުށް އެކަކީ އޭނާއެވެ. އެހާ އަވަހަށް ޝައިނާގެ މޫނު މައްޗަށް ހިނިތުންވުން ގެންނަން ރާފިއު ބޭނުން ކުރަނީ ކޮން އުކުޅެއްބާއޭ ރާހިލްގެ ހިތަށް އެރިއެވެ. ވިސްނަން ނުވާ ގޮތްގޮތަށް ހިޔާލުތަކުގެ މިސްރާބު ދަތުރުކުރަން ފެށުމާއެކު ރާހިލްއަށް ކެއުން ކުރިއަށް ގެންދަން އުނދަގޫވިއެވެ. ކާން ގެންގުޅުނު އުލާއި ސަމްސާ ތަށީގެ ތެރެއަށް ދޫ ކޮށްލުމަށްފަހު އޭނާ އެތަނުން ދިޔައީ ކައިރީގައި ނިހާމްގާތު މަސައްކަތް ބުރަކަމުގެ ބަހަނާ ދައްކަމުންނެވެ.

ޕާޓީ ނިންމައިލުމަށްފަހު ޝައިނާ ހޮޓެލްއަށް އައީ އެންމެ މަގުސަދެއްގައެވެ. ރާހިލް ކުރި ކަންތަކުގެ ބަދަލު ހިފާނޭ ގޮތަކާމެދު ވިސްނުމަށެވެ. އޭނާއަށް ކުރާ ކުދި ގޯނާތަކަށް އަޅައިނުލައި ހުރި ކަމުގައި ވިޔަސް އޭނާ ރާވާ އެކަހަލަ ކަންކަމަށް ހުރަސް އެޅުމަކީ ޝައިނާއަށް އަޅައިނުލައި ދޫކޮށްލެވޭނެ ކަމެއްނޫނެވެ. އެކަން ނުދައްކައި ހުންނަން އޭނާ ޕާޓީ ނިމެންދެން ނުހަނު މަސައްކަތްކުރިއެވެ. އޭނާއަކީ ކުޑަ އިރުއްސުރެންވެސް ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރުމަށް ދެވިހިފައިފައިވާ ޒުވާނެކެވެ.

އެތަން މިތަން ހޯދަމުން ދަނިކޮށް ޝައިނާއަށް މޮޅު ހިޔާލެއް ލިބުނީ މީޓިންގް ރޫމްގައި ހުރި ރާހިލް ބޭނުންކުރާ ބޯޑު ފެނުމުންނެވެ. ރާހިލްގެ މަސައްކަތައް ބޭނުންވާ އެކި ކަހަލަ ޗާޓުތަކާއި ލިޔުންތައް އެ ބޯޑުގައި ހުއްޓެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ރާހިލް ކަމުނުދާ ކަމަށްބުނެ ފޮނުވާލި އޭނާގެ މަސައްކަތުގެ ޕްރިންޓްތަކެއް އެތަނުގައި ހަރުކޮށްފައި ހުރުމުންނެވެ. ވަގުތުން އޭނާއަށް އެދުވަހު ރާހިލް ހެދީ ދޮގެއްކަން ފަޅާއެރިއެވެ. ބަލާކަށް ނުހުރެ އެ ބޯޑުގައި ހުރި ހުރިހާ ގަނޑެއް ނެއްޓުމަށްފަހު ވީދައި ކުދިކުދިކޮށް ބިންމައްޗަށް އަޅައިލިއެވެ. އޭނާގެ ކުށަކާނުލައި އޭނާދެކެ އެހާ ރުޅި އަންނަ މީހަކު އޭނާ މިކަންކޮށްގެން ވަކި އަންނާނެ އިތުރު ރުޅިއެއް އޮންނާނެ ހެއްޔެވެ.

އެރޭ ޝައިނާ އެތަނުން ނުކުމެގެން ދިޔައީ ކުރެވުނު ކަންތަކާމެދު ހިތްހަމަޖައްސައިލަމުންނެވެ. މާދަމާ ރާހިލްއަށް އެމަންޒަރު ފެނުމުން އަންނަ ރުޅީގައި އޮފީހުގައި ރޯކޮށްލަންވެސް ފަސްނުޖެހޭނެކަން އެނގި އޭނާގެ މޫނަށް ކާމީޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. އެކަން ޔަގީންކުރުމަށްޓަކައި ދެން އައި ހެނދުނު އޭނާ އެންމެނަށްވުރެ ކުރިން މަސައްކަތަށް ނުކުތެވެ. ރާހިލް އަންނާނެ އިރެއްގެ އިންތިޒާރުގައި މާ ގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ބައިގަޑިއެއްހާއިރު ފަހުން ހޮޓެލްއަށް ވަދެގެންއައި ރާހިލް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހެނދުނުގެ ތާޒާ އަސަރުތަށް އެމޫނާއި އިސްތަށިގަނޑުން ފާޅުވާން ހުއްޓެވެ. އަތުގައިހުރި ޓޭކްއަވޭ ކޮފީތަށި ތުނބުގައި ޖަހައިލަމުން ދުރުގައި ހުއްޓިހުރި ޝައިނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެހާމެ އަވަސް ފިޔަވަޅުތަކެއްގައިގޮސް މީޓިންގްރޫމްގެ ތެރެއަށް ދެމިގަތެވެ. ޝައިނާގެ ފުރިހަމަ ސަމާލުކަން އެދިމާލަށް ދަތުރު ކުރިއެވެ. އޭނާ އުއްމީދުކުރި ފަދައިން ސިކުންތެއް ނުވަނީސް ރާހިލް ދުން ޖަހާފައި އެތަނުން ނުކުތެވެ. އޭރު ރާހިލްގެ މޫނުމަތީގައިވި ހިތްހަމަ ނުޖެހުން ބަލަން ހުރި މީހަކަށް ސިއްރެއް ނުވާނެއެވެ. އެހެނެއްކަމަކު ޝައިނާ ފެނުމާއެކުހެން އޭނާ އެ އަސަރުތަށް މޫނުމަތިން ފޮރުވައިލަމުން ހަމަޖެހޭގޮތް ދައްކައިލިއެވެ. ތަންކޮޅެއް ބާރަށް އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކަށް ގޮވައިލިއެވެ.

"އަހަރެން އަންނަން ވާއިރަށް މިތަން ކުޑަކޮށް ސާފުކޮށްލަދީބަ. ކޮފީ އެޅިފަހުރީ. ބައެއް ގަނޑުތައްވެސް. ޓޭކް ޔޯ ޓައިމް. އަހަރެން ކުޑަކޮށް ލަސްވާނެ" ރާހިލް އެމީހާގާތު ބުންޏެވެ. އަދި ދުރުގައިހުރި ޝައިނާއަށް ލޯ އަޅައިލާފައި ހޮޓަލުން ނުކުތުމަށް ހިނގައިގަތެވެ. ޝައިނާ އުއްމީދު ކުރިވަރު އަސަރެއް ނުކުރި ކަމުގައިވިޔަސް އޭނާ ކުރިކަންތަކުން ރާހިލްއަށް ސިހުންލިބުންވަރުގެ ހެއްކަކަށް ބަންޑުންވެފައިވާ ކޮފީތަށިވެސް ޝައިނާއަށް ފުދުނެވެ. އެތެރެއަށް ހިނިގަނޑު ހިންދައިލަމުން އޭނާވެސް މަސައްކަތަށް ރުޖޫއަވީ ރާހިލްއަށް އޭނާ ދޭން ބޭނުންވި މެސެޖު ފޯރިކޮށްދެވިއްޖެކަން ޔަގިންކުރާ ހާލުގައެވެ.

***********

މާލެއިން ހުޅުމާލެއަށް ދަތުރުކުރި ބަސް ހުއްޓައިލުމާއެކު ބަހުން ފޭބި ޒީވާ އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. ބަނަވެފައިވާ އުޑުމަތިން ހުޅަނގުމޫސުމުގެ ވިއްސާރަވިލާތަކުގެ އަސަރު ފެންނަން ހުއްޓެވެ. ޖެހެމުންދިޔަ ވައިރޯޅީގެ ފިނިން ސަލާމަތްވުމަށް ކުޑަކޮށް އަމިއްލަ ގައިގައި ބައްދާލައިގެންހުރެ ޒީވާ މަޑުމަޑުން އޭނާގެ މަދަރުސީ ދައުރުގެ ރަހްމަތްތެރިޔެއް ކަމުގައިވާ ޔަލާގެ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ކިޔަވަމުން އައި ކޯހުގެ ބާކީބައި ފުރިހަމަ ކުރުމަށް ޔަލާ ފުރަން އޮތީ އެރޭގެ ނުވައެއްގެ ފްލައިޓުން ކަމަށްވާތީ ޒީވާ ބޭނުންވީ ފުރުމުގެ ކުރިން ޔަލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ހޮސްޕިޓަލުގައި އޭނާއަށް ދިމާވި ހާދިސާއަށްފަހު އޭނާ ގިނަ ދުވަސްތަކެއް މީހުންނާ ވަކިން ގޭގައި ހޭދަކުރަންޖެހުމުން ޔަލާއާ ދިމާކުރެވޭގޮތް ނުވީއެވެ. ދެތިން ހަފްތާގެ ކައުންސެލިންގް ސެޝަންތަކަށްފަހު އޭނާ ޑިއުޓީއަށް ނުކުންނަން ފެށިތާ ހަފްތާއެއް ފާއިތުވެއްޖެއެވެ. ހޮސްޕިޓަލުން އޭނާއަށް އެއްބާރުލުން ދިނުމުގެ ގޮތުން މަސައްކަތް ކުރަންޖެހޭ މާހައުލުބަދަލު ކުރުމަށްޓަކައި އޭނާވަނީ އެހެން ޑިފާޓްމެންޓަކަށް ބަދަލުކޮށްދީފައެވެ.

ބަސްހުއްޓިން ފަށައިގެން ޔަލާގެ ގެއާހިސާބަށް ދިޔުމަށް އޮންނަ ރާސްތާއަކީ ފުދޭ ވަރެއްގެ ދިގު ރާސްތާއެއް ކަމަށްވުމާއެކު ޒީވާ ދިޔަމަގުމަތީ ޝައިނާއަށް ގުޅައިލިއެވެ. ކޮޓަރީގެ އެނދުގައި ރަޖާ އޮޅައިގެން ފިލްމު ބަލަން އޮތް ޝައިނާއަށް ޒީވާގެ ކޯލް ފެނުމާއެކު ފިލްމު ހުއްޓާލަމުން ޖަވާބުދިނެވެ.

"ސާބަހޭ އަދިވެސް އެނދުގަތަ؟ މިހާރު އަހަރެންނަށް މިއާދެވުނީ ހުޅުމާލެ" ޒީވާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.

"ހާދަ ފިންޏޭ. މިކޮޅަށް އަދިވެސް ވެހޭ އެބަ. ނުކުތަސް ނެތޭ ކުރާނެ ކަމެއް ވަރަށް ފޫހި" ޝައިނާ ތުންދަމައިލިއެވެ.

"މިކޮޅުވެސް ވަރަށް ފޫހި. ދޮންބެވެސް އައިތާ ހަފްތާއެއްނުވެ ހިނގައްޖެ އަތޮޅުތެރެ ބަލާލާށޭ ކިޔާފަ. އޭނަ ހުންނަންޏާ މިހާ ފޫއްސެއް ނުވާނެ. އެއީ ވިއްޔާ އަހަރުމެންގޭގެ ޖޯކަރަކީވެސް. ކޮބާތަ ޝައިއާ އެއްކޮށް ތިކޮޅަށް ދިޔަ ބޯއީ. އަހަރެން ހީކުރީ ތި ދެމީހުން މިހާރު ފްރެންޑްސް ކަމަށް" ޒީވާ ދިމާކުރާ ރާގަކަށް ބުންޏެވެ.

"ފްރެންޑްސޭ. އެކަމް ދެން ފޫހިވާ އިރަށް ގޮއްސަ އޭނައަށް އުނދަގޫ ކުރެވޭތަ؟" ޝައިނާ އާދައިގެ ގޮތަކަށް ބުނެލިނަމަވެސް އޭނާއަށް ދިޔައީ ކުށްވެރިކަމުގެ އިހުސާސެއް ކުރެވެމުންނެވެ. ރިއާންވެސް އެދަތުރުގައި ރާހިލް ބައިވެރިވިކަން ސިއްރުކުރަން ބޭނުންވިއިރު އެއީ ރާހިލްގެ އެދުމެއްކަމާއި އެކަމަށް ރިއާން ރުއްސީ ރާހިލްކަން އޭނާއަށް ޔަގީން ކުރެވެއެވެ. ނަމަވެސް ރިއާން އެންގުމުން އޭނާ އެކަމާ އިތުރަށް ސުވާލު ނުކުރީ ހުދު އޭނާއަށްވެސް ޒީވާއަށް އެކަން ވިސްނައިދޭން އުނދަގޫ ވާނެހެން ހީވާތީއެވެ.

"އޯކޭ ބާއްވަނީ އެނގޭ. މިހާރު އާދެވިއްޖެ" ޒީވާގެ އަޑާއެކު ޝައިނާއަށް އޭނާގެ ހިޔާލުތަކުން ދުރުވެވުނެވެ. އަދި ޔަލާއަށް ސަލާމް ރައްދުކޮށްދޭން އެދުމަށްފަހު ކޯލު ކުރުކޮށްލިއެވެ. އޭނާ ހުރީ ފޫހިވެފައެވެ. ދެތިންދުވަސްކުރިން ހޮޓެލްގައި ހިނގައިދިޔަ ކަންތަކަށްފަހު ރާހިލް އޭނާއާ މުޅިންހެން ވާހަކަދެއްކުން ހުއްޓައިލީތީ ގޭތެރޭގައިވެސް އޭނާ މާވަރަކަށް ކޮޓަރީން ބޭރަކަށް ނުނިކުމެއެވެ. ނަމަވެސް މިއަދު އެކަން ބަދަލު ކުުރުމަށް އޭނާ ހިތުލިއެވެ. ރަޖާގަނޑު ކޮނޑުމަތިން ގެނެސް ގައިގައި އޮޅާލައިގެންހުރެ ޝައިނާ ކޮޓަރީން ނުކުތެވެ. މަޑުމަޑުން ހިނގާފައި ސޯފާއާ ހަމައަށް ދެވުނުއިރު ލެޕްޓޮޕް ހިފައިގެން އެތަނުގައި މަސައްކަތްކުރަން އިން ރާހިލް އޭނަގެ ލޮލުގައި އަޅައިގަތެވެ. އާއްމުކޮށް ގޭގައި އުޅޭ އިރު ޓީޝާޓެއް ނުވަތަ ގަމީހެއް ލައިނޫޅުނު ކަމުގައިވިޔަސް މިއަދު ލައިފައިވާ ހުދު ކުލައިގެ ހުޑީއާ ކަޅުކުލައިގެ ސްވެޓްޕޭންސް ފެނުމުން ރާހިލްއަށްވެސް ފިނީގެ އަސަރު ކުރަމުންދާކަން ޝައިނާއަށް ފަހުމްވިއެވެ.

ރާހިލް އިން ހިސާބާ ފޫޓެއްގެ ތަން ބެހެއްޓުމަށްފަހު ޝައިނާ އިށީނެވެ. އޭނާގެ ނަޒަރު ހުއްޓުނީ އިސްޓާކީނާއެކު މޭޒުމައްޗަށް އަރުވައިލެވިފައިވާ ރާހިލްގެ ފައިތިލައަށެވެ. ސިކުނޑިއަށް ވެރިވެގަތް ހިޔާލާ އެއްގޮތަށް އޭނާ ކުރިއަށް ޖެހިލައި އަތުގެ އިނގިލިތަކުގެ ކުރިން ރާހިލްގެ ފައިތިލައިގައި ކޮށްޓާލިއެވެ. އެއާއެކު ރާހިލް ސިއްސައިގެންގޮސް ދެފައި ތިރި ކޮށްލަމުން މޭޒުމަތީގައި ލެޕްޓޮޕް ބެހެއްޓިއެވެ. ނުރުހޭ ޒާތަކަށް ޝައިނާއަށް ލޯ އަޅައިލުމަށްފަހު ގޮނޑީގެ ކުރިއަށް ޖެހިލައި ކަކުލުގައި އުޅަނބޮށި ވިއްދާލަމުން އަނެއްކާވެސް ކުރިމަތީގައިހުރި ލެޕްޓޮޕަށް ކަޅި ހުއްޓައިލިއެވެ.

"ވަރަށް އޮޑް. އެހާ ހެޕީކޮށް އުޅޭ ސަންޝައިން މީހަކާ ބަލާފަ ޔޫ ޗޯޒް ސަޗް އަ ޑަލް ކެރިއާ." ޝައިނާ ބުންޏެވެ.

"ކޮންސިޑަރިންގް ދެޓް ޔޫ އާރ ސަޗް އަ ގްރަމްޕީ އެންޑް ޑަލް ޕަރސަން، އިޓްސް އޮޑް ދެޓް ޔޫ ޗޯޒް ޓު ވޯކް ވިތް ކަލަރޒް" ރާހިލް މާބޮޑު ފިކުރަކާނުލާ ބުންޏެވެ. ޝައިނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މިއީ ފާއިތުވެދިޔަ ހަފްތާގައިވެސް ރާހިލް އޭނާއާ މުހާތަބުކޮށް އެއްޗެއްބުނި ފުރަތަމަ ފަހަރު ކަމަށްވުމާއެކު އޭނާއަށް އެކަމުން އާ އުއްމީދެއް ލިބިގެންދިޔަ ކަހަލައެވެ.

"މޭބީ ވަޓް ވީ ސަރޗް އިން އަވަރ ކެރިއަރ އިޒް ވަޓްސް މިސިންގް އިން އަވަރ ލައިފް.. ވާއު. ދެޓް ވޯޒް ސޯ ޑީޕް ދޯ؟ އަހަރެން ވާންވީ ފަލްސަފާވެރިޔަކަށް ކަންނޭނގެ" ޝައިނާ މަޖާވެލާފައި ބުންޏެވެ. ނަމަވެސް ކުރިއާ ހިލާފަށް މިފަހަރު ރާހިލްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ޝައިނާ ތުން އަނބުރައިލަމުން އަޑު ކަނޑާލައިފައި ހުރި ޓީވީގެ އަޑު ބާރު ކޮށްލިއެވެ.

"ތި އަޑުމަޑުކޮށްބަލަ" ރާހިލް އިރުކޮޅެއްފަހުން ބުންޏެވެ. މޫސުމުގެ ގޮތުން އޭނާހުރީ މަސައްކަތްކުރާ މޫޑެއްގައެއް ނޫނެވެ .ވީއިރު ޓީވީގެ އަޑާހުރެ އަދި އިތުރަށް ސަމާލުކަންދޭން އުނދަގޫ ވަމުންދިޔައެވެ. ކިތަންމެ ފަހަރަކު ނަންބަރުތަށް އޮޅުން ބޮޅުންވާއިރު ޕްރެޒެންޓޭޝަން ނުބައިކޮށް ލިޔެވޭ ފަހަރުތައް މަދެެއްނޫނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ވިސްނާނުލެވުނު ޝައިނާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ރާހިލް ލައްވައި އިތުރަށް ވާހަކަ ދެެއްކުމުގެ ނިޔަތުގައި އިތުރަށް ޓީވީގެ އަޑު ބާރުކޮށްލިއެވެ.

ރާހިލް ޝައިނާގެ އަތުން ރިމޯޓު އަތުލުމަށްފަހު ޓީވީ ނިއްވައިލިއެވެ. ޝައިނާ އަނެއްކާވެސް ހުށިޔާރުކަމާއެކު ރިމޯޓު ޖަހައިގަތުމަށްފަހު ޓީވީ ހުޅުވައިލާފައި ރިމޯޓާއެކު ދުރަށް ދުއްވައިގަތެވެ. ކުއްލި ހަރަކާތަކާއެކު ރާހިލްވެސް ޝައިނާގެ ފަހަތުން ދުއްވައިގަތެވެ. އޭޭރު މުޅި އެފާޓްމެންޓްގެ ތެރޭގައި ޝައިނާގެ ހުނުމުގެ އަޑު ހަރުލާފައި ހުއްޓެވެ. ރާހިލްގެ މޫނުމަތިންވެސް ފެންނަނީ ހަމަޖެހުމެވެ. ހުޅުވައިފައިވާ ޓީވީގެ ބާރު އަޑުގެ ސަބަބުން އޭނާގެ ބޮލުގެ ރިހުން އިތުރުވަމުން އައި ނަމަވެސް މިހާރު އޭނާއަށްވެސް ހުރެވުނީ ރަނގަޅަށް ސަކަރާތުގެ ތެރެއަށްވަދެ ހިނިތުންވެލައިގެނެވެ.

ސޯފާގެ ވަށައިގެން ދެމީހުން އެނބުރެމުން ދިޔަ ވަގުތު ރާހިލް ކުއްލިއަކަށް ސޯފާގެ މަތިން ފުންމާލައި ހުރަސްކޮށްލަމުން ޝައިނާގެ ގައިގައި ހިފެހެއްޓިއެވެ. އެވަގުތު ޝައިނާގެ ފަރާތުން ތޫލި ހަޅޭކެއްގެ އަޑުއިވުނެވެ. ކުއްލިއެއް ޖެހުމާއެކު ޝައިނާ އުފުލައިލާ ކޮނޑުމައްޗަށް އެއްލަމުން ރާހިލް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. މަޖާ ވެފައި ހުރެ ބާރަށް ހީގަންނަމުން ޝައިނާ ރާހިލްގެ ކޮނޑުން ފުންމާލަން އުޅުނެވެ. އޭރު ރާހިލް އަވަސް ހިނގުމެއްގައި ޝައިނާ ކޮނޑަށް ލައިގެންގޮސް ޝައިނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ޝައިނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ރާހިލް ފާހަނާއިގެ ދޮރު ހުޅުވައިލުމުންނެވެ. ތެޅިގަނެފައި ރާހިލްގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރިނަމަވެސް އެ ބާރުގަދަ ދެއަތުގެ ތެރޭގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތި ގޮތްހުސްވިއެވެ. ރާހިލް ހުސްކޮށް ހުރި ބިލިގާ ތެރޭގައި ޝައިނާ ބެހެއްޓުމަށްފަހު ދުވެފައި ނުކުމެ ފާހަނާއިގެ ބޭރުން ތަންޑު އެޅުވިއެވެ. އޭރު ޝައިނާ ދޮރުގައި ތަޅަމުން ދޮރު ހުޅުވުމަށް އާދޭސް ކުރަމުންދިޔައެވެ. ނަމަވެސް މަޖަލުގެ ތެރެއަށް ވަދެވިފައި ހުރިވަރުން ދޮރު ހުޅުވުމުގެ އެއްވެސް ހިޔާލެއް ނެތި ރާހިލް އެތަނުން ދިޔައީ ޝައިނާ ބިރު ގަނެފާނެ ކަމަށް ފާހަނައިގެ ލައިޓް އޮން ކޮށްލުމަށް ފަހުގައެވެ.

************

އެހާ ގިނަ ދުވަހަށްފަހު ޒީވާ ފެނުމުން ޔަލާ ހުރީ ވަރަށް އުފަލުންނެވެ. ކެއުމާއި ވާހަކައިގައި ދެ އެކުވެރިން މަސްއޫލުވެފައިވީއިރު ވަގުތުތަށް ހިނގައިދިޔަ ގޮތްވެސް ނޭނގޭ ކަހަލައެވެ. ފުރަން ދާންވީ ވަގުތު ޖެހުމުން ޔަލާގެ އާއިލާއާއެކު ޒީވާ އެގޭގެ ތިރިއަށް ފޭބިއެވެ. އޭރު ގަޑިން ރޭގަނޑު ދިހަގަޑި ބައިވަނީއެވެ. މާގިނަ އިރެއްނުވެ ކާރު އަތުވެއްޖެއެވެ. ޔަލާވެސް ވަދާއުގެ ސަލާމެއްގެ ގޮތުން ޒީވާގެ ގައިގައި ބައްދައިލިއެވެ.

"ޒީ ހަމަ ނުދާނަންތަ އެއަރޕޯޓަށް" ޔަލާ އަހައިލިއެވެ.

"ދެން ޔަލްއަށް އިނގެ އެއްނު ހޮސްޕިޓަލެއްގަ މަސައްކަތް ކުރިޔަސްް އަހަރެން މީ ވީވަރަކުން މީހުން ގިނަ ތަންތަނަށް ނުގޮސްވޭތޯ ބަލާ މީހެއްކަން. ވަރަށް އުފާވެއްޖެ ފުރުމުގެ ކުރިން ބައްދަލުވީމަ. ދެން އިރާދަ ކުރެއްވިއްޔާ ޔަލް ފެންނާނީ ޑޮކްޓަރ ޔަލާގެ ގޮތުގަ ދޯ ދައްތާ." ޒީވާ ކައިރީގައި ހުރި ޔަލާގެ މަންމައަށް ދޯދިނެވެ.

ޔަލާއާއި ޔަލާގެ މަންމަގެ އިތުރުން ކޮއްކޮ ހިމެނޭ އެ ކުޑަކުޑަ އާއިލާ ކާރަށް އަރަންދެން މަޑުކޮށްލުމަށްފަހު ޒީވާ މަޑުމަޑުން ބަސްހުއްޓިއާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު އުޑުމަތީގައި ނަގާފައިހުރި ވިއްސާރަވިލާތަކުގެ އަސަރު ކުރަންފަށައި ވާރޭ އޮއްސައިލައިފިއެވެ. ހެދިފައިވާ ފެންގަނޑުތަކުގެ ސަބަބުން ލައިގެން ހުރި ހުދުކުލައިގެ ނަރުސް ޔުނީފޯމުގެ ފައިކުރި ކިލާވެދާނެތީ އެކަމަށް ސަމާލުވަމުން ޒީވާ މަގުގެ އެއްފަރާތުން ހިނގާފައިދިޔައެވެ. ނަމަވެސް އެސްފިޔަޖަހާލާފަދަ މަދު ވަގުތުކޮޅެއްގެ ތެރޭގައި އަނދިރިކަން ވެރިވެފައިވި އުުޑުމަތި ދިއްލާލަމުން ވިދައިލި ވިދުވަރާއެކު ޖަހައިލި ހޮނުގުގުރިން ޒީވާގެ ފިޔަވަޅުތަށް ގަނޑުވިއެވެ. ތޫނު ރިހުމެއް މޭގައި އުފެދި ނޭވާ ކުރުވާންފެށިއެވެ. ބާރު އަޑުތަކަކީ ޒީވާގެ ބަލިފައެވެ. ވަކިން ހާއްސަކޮށް ގުގުރީގެ އަޑުދެކެ އޭނާ އަބަދުވެސް ގަންނަނީ އަމަށަކު ބިރެއްނޫނެވެ. އިތުރަށް ހަރަކާތެއް ކޮށްލުންވެސް އޭނާއަށްވީ އުނދަގޫ ކަމަކަށެވެ. އޭރު އޭނާގެ މުޅި ހަށިގަނޑަށް ވަނީ ހިތުގައި އުފެދުނު ބިރުވެރިކަމުގެ ސަބަބުން މަޑު ތުރުތުރެއް އައިސްފައެވެ. ވެހެމުންދާ ބޯވާރޭގެ ސަބަބުން ތަންކޮޅެއް ދުރުގައިހުރި މަގު ބައްތީގެ އަލި ފަނޑުވެފައިވާއިރު ޖެހޭ ގަދަ ވައިގެ ސަބަބުން މަގުގެ އަނެއްފަރާތުގައިހުރި ފިތުރޯނު ގަސްތައް ހެލިލާ މަންޒަރުވެސް ޒީވާއަށް އޭރު ސިފަވަމުންދިޔައީ ބިރުވެރި ހައިވާނުންތަކެއްގެ ނެށުމެއްހެންނެވެ. މުޅި މާހައުލުގައި ނާމާންކަމުގެ ސާލެއް އޮޅާލެވިފައިވާ ކަހަލައެވެ. އެންމެ ކައިރިން ފެންނަންހުރި ފިހާރައިގެ އަސްކަނި ދަށަށްވަދެ ފޯނުން ޓެކްސީއަކަށް ގުޅުމަށް އޭނާ މަސައްކަތްކުރިއެވެ. ހުރިހާ ސެންޓަރުތަކުންވެސް އަންގަމުންދިޔައީ ބިޒީ ކަމަށެވެ. ވިއްސާރަ ދުވަހެއް ކަމަށްވުމާއެކު އެކަންވާނީ އެހެންކަން ޒީވާއަށް މާ ކުރިންވެސް އެނގުނެވެ. ހިތްވަރުކޮށްލާފައި ބަސްހުއްޓިއަށް ދިޔުމަށް ނެގި ފިޔަވަޅު އަނެއްކާވެސް ހުއްޓުނީ ޖަހާލި ހޮނުގުގުރީގެ އަޑުންނެވެ. ހަދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން ފޯނުން ފަހަރަކު ނަންބަރަކަށް ގުޅަމުންދިޔައިރު ޖަވާބު ދޭނޭ އެކަކުވެސް ނުވިއެވެ. މިފަދަ ތޫފާނީ ރެއެއްގައި އަރާމު ތަންމަތި ދޫކޮށްލުމަށްފަހު ބޭރަށް ނުކުމެ އުޅޭނީ ކާކު ހެއްޔެވެ؟

ތުރުތުރު އަޅަމުންދިޔަ އަތަކުން ޒީވާ ރާހިލްގެ ނަންބަރު ފޯނުގައި ޖަހައިލިއެވެ. ރާހިލް ހުރީ މާލޭން ބޭރުގައި ކަމުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތްނަމަވެސް އޭނާގެ ދޮންބެއަށް އޮންނަ އިތުބާރު އެ ހިތުގައި ދެމިއޮތެވެ. މީހުންގެ ނަޒަރުގައި ދޮންބެއަކީ ހިޔާލެއް ފިކުރެއްނެތި އުޅެމުންދާ މީހެއްކަމަށްވިޔަސް އެދެބެއިންނަށް ދިމާވާ ކޮންމެ ކަމަކަށްވެސް ރާހިލް ހައްލެއް ހޯދައިދޭނެކަން ޒީވާއަށް ޔަގީންވިއެވެ.

ސޯފާމަތީގައި އޮތް ފޯނު ރިންގްވާން ފެށުމާއެކު ފުންނޭވައެއް ދޫކޮށްލަމުން ރާހިލް ލެޕްޓޮޕާއި ދުރަށްޖެހިލިއެވެ. ފޯނަށް އަރައިފައިވާ ޒީވާގެ ނަން ފެނުމާއެކު ފޫހި ގޮތަކަަށް ފޯނަށް ޖަވާބުދިނެވެ.

"ދޮންބޭ" ކުރެހިފައިވާ ހިމަ އަޑަކުން ޒީވާ ރާހިލްއަށް ގޮވާލުމާއެކު އޭނާގެ މޫނުމަތީގައި ހުރި ފޫހިކަން ފިލައިގޮސް ކުއްލިއަކަށް ސޯފާއިން ތެދުވެވުނެވެ.

"ހެލޯ. ޒީ.. ރޮނީތަ؟ ވަޓް ހެޕެންޑް ސްވީޓީ؟" ރާހިލް ހާސްވެފައި އަހައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފޯނުގެ އަނެއްފަރާތުން އިވުނު ބާރުގަދަ ގުގުރީގެ އަޑާއެކު އިވުނު ޒީވާގެ ތޫލި ހަޅޭކުގެ އަޑުން ރާހިލަށް ކަންތައްވެގެން އުޅޭގޮތް ރޭކައިލިއެވެ.

"ޒީ.. ހަލޯ.. އަރ ޔޫ ދެއާ؟ ޒީ ކޮންތާކު..؟ ގޭގަތަ؟ އެއްވެސް މީހެއް ގޭގަ ނެތީތަ؟؟" ރާހިލް ސުވާލުކުރި ނަމަވެސް ޒީވާގެ ފަރާތުން އިވެމުންދިޔައީ ހިމޭންކަމެވެ. "ޒީ.. އަޅެ ލޯ މަރާލާފަ ވާހަކަދައްކަން މަސައްކަތް ކޮށްބަ. ޕްލީޒް" ރާހިލް އާދޭހުގެ ރާގަކަށް ބުންޏެވެ. ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު މިފަހަރު ރާހިލްއަށް ޒީވާގެ އަޑު އިވުނެވެ.

"ދޮން..ބޭ.. ހުޅު..ހުޅުމާލޭގަ..ޔަލް ފުރުވަން.. އަ..އައީ..އެއްވެސް..މީހެއްނުނަގާ.. ޓެކްސީ..ވެސް.. ނުނަގާ.."

ޒީވާ އުނދަގުލާއެކު ނަމަވެސް ރާހިލްއަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ. އަވަށްޓެރި ގައުމަކަށް އައިސްފައިވާ ތޫފާނެއްގެ އަސަރު ރާއްޖެއަށް ކުރަމުންދާކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައި ޒީވާއަށް އަމިއްލަ ހާލަތު އެނގިހުރެ އެކަނި ބޭރަށް ދިޔުމުން ރާހިލް ހިތްހަމަ ނުޖެހުނެވެ. އަދި އެވެސް ހުޅުމާލެއަށެވެ. ނަމަވެސް މި ވަގުތަކީ ޒީވާއާ އެޒުވާބު ކުރަން އެންމެ އެކަށީގެންވާ ވަގުތައް ނުވުމާއެކު ރާހިލް ބެލީ ޒީވާ މަސަލަސް ކުރެވޭތޯއެވެ.

"އޯކޭ ޒީ.. ކާމް ޑައުން އިނގޭ. ފޯނު ކަނޑާނުލާހުރެ ދޮންބެއަށް ލޮކޭޝަން ފޮނުވާލަބަ. ޑޯންޓް ޕެނިކް ޒީ. އައިމް ހިޔަރ." ރާހިލް ބުންޏެވެ. އޭނާ އެދުނުގޮތަށް ޒީވާ ކަންތައް ކުރިއެވެ. "އޯކޭ ޒީ. ދޮންބެ އެބަ ޓްރައި ކުރަން އެނގޭ ގޮތެއް ވޭތޯ. 2 މިނަޓުތެރޭ މި ގުޅަނީ އެނގޭ. ސްޓޭ ކާމް އެންޑް ފުންކޮށް ނޭވާލާ. އެބަ ގުޅަން އެނގޭ" ރާހިލް ޒީވާއަށް އިރުޝާދު ދިނުމަށްފަހު ފޯނު ކަނޑައިލިއެވެ. އޭނާ ރިއާންއަށް ގުޅުމަށް އަވަސްވެގަތެވެ. ދެފަހަރަކު ރިންގްވުމާއެކު އެކޮޅުން ޖަވާބުދިނެވެ.

"ހަލޯ. ކޮންތާކު؟؟" ރާހިލް އަހައިލިއެވެ.

"އަދި އޮފީހުގަ ކިހިނެއްވީ؟؟"

"ދޭބަ ހުޅުމާލެއަށް. މި ފޮނުވަނީ ލޮކޭޝަން."

"އޭ އޭ މަޑުކޮށްބަލަ. ރާހިލްއަށް އެނގޭތަ އެއްވެސް ވަރަކަށް މިކޮޅުގެ ހާލަތު އޮތްގޮތް. އޮފީހުގެ ދޮރުން ނުކުމެގެން ޕާކިންގް ސްޕޮޓާ ހަމައަށް ދާންވާއިރަށް އަހަރެން ތެމޭނެ. މިރޭ އޮފީހުގަ މަޑުކުރާގޮތަށް އަހަރެން މިހިރީ.. ދެން ތީ ކޮންހާ ސަކަރާތެއް" ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.

"ރިއާން އަހަރެން އެހެން ކާކު ކައިރީގަތަ ބުނާނީ؟ އަހަރެން އަދި ރާއްޖެ މި އައީ ދާދި މިދާކަށްދުވަހު. އައިގޮތަށް މިއާދެވުނީ މި ރަށަށް. މިތާވެސް މާލެއަށްވުރެ އަހަރެންގެ ރައްޓެހިން ގިނަވާނެ. ރިއާންއަށް އެނގޭނެ ކުޑަ އިރުއްސުރެން ޒީވާގެ ހުންނަ ބިރެއްކަން ބާރު އަޑަކީ. ޒީ އެބަހުރި ގުގުރާތީއޭ ކިޔާފަ އެތާ ގަބުވެފަ. ރިއާންދިޔަސް ޑްރައިވަރު ފޮނުވިޔަސް އަހަރެންގެ މައްސަލައެއްނެތް އެކަމަކު އަހަރެން ބޭނުން ކުރިއަށް އޮތް ވިހި މިނަޓްތެރޭ ޒީވާގާތަށް ކޮންމެވެސް މީހަކު ފޮނުވަން. އުމުރު ދުވަހުވެސް އަހަރެން މިކަން ހަނދާނުގަ ބަހައްޓާނަން." ރިއާން ވަކި އެއްޗެއް ބުނުމުގެ ކުރިން ރާހިލް ފޯނު ކަނޑައިލިއެވެ. ބަހަނާއެއް ދެއްކުމުގެ ފުރުސަތެއް ނުދީފިނަމަ ރިއާން އެކަމެއް ކުރާނެކަން އެންމެ ރަނގަޅަށް އެނގޭ މީހަކީ ރާހިލްއެވެ. އޭނާ އެގޮތަށް އަމަލުކުރި ސަބަބަކީ އެއީއެވެ.

ރިއާންއަށް ޒީވާގެ ލޮކޭޝަން ފޮނުވާލުމަށްފަހު ރާހިލް ޒީވާއަށް ގުޅޭތޯ އުޅުނެވެ. އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ނަމަވެސް އޭނާ ދިޔައީ ހުއްޓުމެއްނެތި ޒީވާއަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ.

ރާހިލްގެ ކޯލު ކެނޑުމާއެކު ރިއާން އޭނާ ކުރަންއިން މަސައްކަތުގެ ތެރެއަށް ރުޖޫއަވިއެވެ. ނަމަވެސް ރާހިލް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑިން ރިކޯރޑު ކުރެވިފައިވާ އަޑުތަކެެއް ފަދައިން އިވެމުން ދިޔައެވެ. އޭނާގެ ހިޔާލުގައި މީގެ އެތަށް އަހަރެއް ކުރީގެ ހަނދާންތައް ކޮށްޓަމުން ދިޔަ ކަހަލައެވެ. އައު އަހަރަށް މާލޭގައި ހަވާ އަރުވާ ރޭރޭ ޒީވާ އެމީހުނާއެކު ޝޯބަލަން ނުދާ ހަނދާނެވެ. ވިއްސާރަވެ ގުގުރާނަމަ ރާހިލްއަށް ޒީވާ ކައިރި މަޑުކުރަން ޖެހޭތީ ރިއާންމެންގެއަށް ނާދެވޭ ހަނދާނެވެ. ވިއްސާރައިގައި ގުގުރި ރެއަކު ޒީވާ އެކަނި ކޮޓަރީގައި ހުއްޓާ ހަބަރު ހުސްވެގެން އެވާހަކަ ރާހިލް އޭނާ ގާތު ކިޔައިދިން ދުވަހުގެ ހަނދާނެވެ.

އިތުރަށް ގޮނޑީގައި އިންނަން އުނދަގޫ ކަމަކަށްވުމުން ރިއާން ތެދުވެ ދެފަރާތަށް ހިނގަންފެށިއެވެ. ނަމަވެސް އެއްބިތުގައި އެއްކޮށް ޖަހައިފައިވާ ބިއްލޫރި ގަނޑުން އެތެރެއަށް އެޅިގެންދިޔަ ވިދުވަރުގެ އަލިން ކެބިން ދިއްލައިލުމާއެކު އޭނާގެ ފިޔަވަޅުތައް ހުއްޓައިލިއެވެ. އެއާވިދިގެން ކެބިންގެ ތެރެއަށް ފޭދިގެންއައި ފަނޑު ގުގުރީގެ އަޑު އޭނާގެ ކަންފަތަށް އިވުނެވެ. ކެބިންގައި ޖަހައިފައިވާ ސައުންޑް ރެސިސްޓެންޓް ބިއްލޫރި ފޫ އަޅުވައިލާ އެއަޑު އޭނާއާހިސާބަށް ފޯރާނަމަ އެ އަޑު މަގުމަތީގައިހުރި ޒީވާއަށް އިވޭނީ ކިހާބާރަށްކަން އޭނާއަށް އެނގުނެވެ. ވުމާއެކު އިތުރަށް އެންމެ ސުކުންތެއްވެސް ލަސްކުރުމެއްނެތި ކާރުގެ ތަޅުދަނޑި ހިފައިގެން ރިއާން ދޮރުން ނުކުތުމަށް ހިނގައިގަތެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!