Episode 59

ހިތް އެދޭހާ ކަމެއް.. (59 ވަނަބައި)

"އައިމް ރިޓަޔަރޑް" ރިއާން ކާރުގެ ތަޅުދަނޑިއާއި ކޯޓު ބެންޗުމަތިން ނެގުމަށްފަހު އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އޭރު ޝިމާން އޭނާގެ ފަހަތުން ތިއީ ފިނޑިއެކޭ ގޮވައިލި އަޑު އިވުނެވެ. އެއީ އިޝްވާ އަބަދުމެ ޒީވާގެ ކަންތައްތަކުގައި އޭނާއާ ދިމާލަށް ކުރާ މަލާމާތެކެވެ. ރިއާން ދެފަރާތަށް ބޯ ހޫރައިލަމުންގޮސް ބޭރުގައި އޮތް ކާރަށް އަރައި ހަމަޖެހިލީ ޝިމާންއާއި އިޝްވާގެ އެއްގޮތްކަން ވިސްނި ހިނިތުންވެފައި ހުރެގެންނެވެ.

"ވެލް އެޓް ލީސްޓް ސަމް އޮފް އަސް އިން ލަވް އަރ ޑުއިންގް ވެލް" ހިތާހިތުން އެ ޖޯޑަށް ތައުރީފުކޮށްލަމުން ރިއާން ކާރު ދުއްވައިލިއެވެ.

ރިއާން ދިޔުމާއެކު ޝިމާންގެ މޫނުމަތީގައި ކުރިން ހުރި ސަމާސާ އަސަރުތައް ފިލައިގެންދިޔައެވެ. ގެއަށްއައި މަގުމަތީގައި ޝައިނާއާ ދައްކާނެ ވާހަކަތައް އޭނާގެ ސިކުނޑީގައި ރާވައިލިއެވެ. އޭނާ އުއްމީދު ކުރިފަދައިން އޭނާއަށް ގެއަށް އާދެވުނު ވަގުތު ވެގެންދިޔައީ ޝައިނާވެސް މެންދުރުގެ ހުސްވަގުތުކޮޅަށް ގެއަށްއައި ވަގުތަށެވެ.

ސޯފާގައި އިން ޝިމާންއަށް ހިނިތުންވެލުމަށްފަހު ޝައިނާ އާދައިގެމަތިން ކޮޓަރިއަށް ހިނގައިގަތްތަނާ ޝިމާން އޭނާއަށް ގޮވައިލިއެވެ. އެއާއެކު ޝައިނާ ކިހިނެއްވީހޭ އަހާފަދައަކުން ބުމަ އަރުވައިލިއެވެ.

"ސިސް.. މީ.. އަމް.. ސިސް ޖޮބް އިން ކެނޑެނީތަ؟" ޝިމާން ފެށީ ސީދާ މައުލޫއިންނެވެ.

"އޯހް. ރިއާން ދޯ ބުނީ. ހްމްމް. މިއަދު ކެނޑެން ސިޓީ ލައިފިން" ޝައިނާގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ.

"އެއީ ކީއްވެ؟ އެހެން ތާކުން ރަނގަޅު އޮފަރ އެއް ލިބުނީތަ؟ އަހަރެން އެކެޑެމީއިން ކެނޑިގެން ރަނގަޅު ޖޮބްއެއް ހޯދަންވީތަ؟" ޝިމާން އަހައިލިއެވެ.

"ވަކި ޖޮބްއެއް ހޯދާފައެއް ނޫން ކެނޑެން ނިންމީ" ޝައިނާ ބުންޏެވެ.

"ސިސް. ދެން ކިހިނެއް ހަދާނީ.. ރެންޓް؟ ބިލްސް؟" ޝިމާންހުރީ ޝައިނާ އެފަދަ ދޯދިޔާގޮތަކަށް އެ ނިންމުން ނިންމީތީ ހަދާނެ ގޮތެއްވެސް ނޭނގިފައެވެ.

"އަހަރެން މިގޭގެ ވެރިމީހާއާ ހެނދުނު ވާހަކަދައްކައިފިން.. އެޕަރޓްމެންޓް ދޫކޮށްލަން.. ކުރިންވެސް މިތަނުގަ އުޅެވުނީ އަހަރެންނާ ބޭބެއާ ދެމީހުން މަސައްކަތްކޮށްގެން. އެއަށްފަހު ރާހިލްގެ އެހީތެރިކަންވެސް ލިބުނެއްނު. އެކަމަކު ދެން އަހަރެން ރާހިލްގެ ފަރާތުން ލިބޭ އެންމެ ލޯ ލާރިއެއްގަވެސް އަތްލާކަށް ބޭނުމެއްނޫން. މިވަރު ތަނެއްގެ ކުލި ދައްކާފަ ކައިގެން ބޮއެގެން އުޅޭކަށް އެއްޗެއް ނޯންނާނެ" ޝައިނާގެ ވާހަކަ ދާންފެށި މިސްރާބެއް ޝިމާންއަކަށް ނޭނގުނެވެ.

"ތިކަން އެނގިހުރެ ޕްރޮމޯޝަން ގަބޫލު ކުރިނަމަ ސިސް ތިކަމާ ހާސްވާކަށް ނުޖެހޭނެއެއްނު" ޝިމާން ހިތްހަމަ ނުޖެހުނެވެ.

"އަހަރެން އިތުރަށް މިތަނުގަ މަޑު ކުރާކަށް ގަސްތެއް ނުކުރަން. އެހެންވީމަ ޝިމާން އެކަނި ތިންކޮޓަރިއަށް ކުލި ދައްކައިގެން އުޅުމުގެ ބޭނުމެއްވެސް ނެތެއްނު" ޝައިނާ ލަސްފިޔަވަޅުތަކެއްގައި އައިސް ޝިމާންގާތު ސޯފާގައި އިށީނެވެ.

"ކީކޭ؟ ތިބުނީ؟" ޝިމާން ވަމުންދާގޮތް ނަގައިގަންނަން އުޅޭ ފަދައަކުން ޝައިނާގާތު އަހައިލިއެވެ.

"ހްމްމް. އައިމް ލީވިންގް ޝިމާން." ޝައިނާގެ އެ ޖުމްލައާއެކު ޝިމާންއަށް ހީވީ އޭނާގެ ކަންފަތްދޮށުގައި ބޮމެއް ގޮއްވައިލެވުނުހެނެވެ.

"ލީވިންގް؟ ލީވިންގް ކޮންތާކަށް؟" ޝައިނާ އެ ދައްކަމުންދިޔަ ވާހަކަ ޝިމާންއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ނޭނގެ. ދުރަށްދާން ބޭނުންވަނީ. މި މާލެއާ ދުރަށް. އެންމެނާ ދުރަށް. ޑރ. އައުފާ ބުނީ އަހަރެންނަށް އެންމެ ފަސޭހަވާނީ މާހައުލު ބަދަލުކޮށްލިއްޔާއޭ. އެހެންނޫނަސް. ރާހިލް ފެންނަ ހިސާބެއްގަވެސް އުޅޭކަށް އަހަރެން ބޭނުމެއްނޫން. އަދި މި ދަރިފުޅުގެ މޫނުވެސް އޭނާއަށް ދައްކާކަށް ބޭނުމެއްނޫން" ޝައިނާގެ އަޑުގައި ހިތާމައާއި ރުޅިވެރިކަން އެކުވެފައިވިއެވެ.

"ދެން.. ދެން ސިސް ފަހުން ތި ނިންމުމާމެދު ރިގްރެޓް ކޮށްފިއްޔާ؟ ހުރިހާ އެއްޗެއް ދޫކޮށްފައިދާއިރު އެހެން ވެދާނެ ކަމާމެދު ވިސްނާލިންތަ؟" ޝިމާންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ.

"ރިގްރެޓް ކުރަނީ އެންމެ ކަމަކާމެދު. ރާހިލް އަހަރެންގެ ހަޔާތަށް ގެނެވުނީތީ. ވީއިރު ރާހިލް ދޫކޮށްލައިގެން އަހަރެން ރިގްރެޓް ކުރާކަށް ނުޖެހޭނެ" ޝައިނާ ސާބިތުކަމާއެކު ބުންޏެވެ. އިތުރަށް ބުނެވޭނެ އެންމެ ލަފްޒެއްވެސް ޝިމާންގެ ދުލަކަށް ނައެވެ.

"އަހަރެން ފުރުމުގެ ކުރިން ޝިމާންއަށް އެކަނި އުޅެވޭވަރުގެ ކުޑަ އެއްކޮޓަރީގެ އެޕަރޓްމެންޓެއް ހޯދައިދޭނަން. އެޑްވާންސާއި ފުރަތަމަ މަހުގެ ކުލިވެސް ދައްކައިދޭނަން.. ޝިމާން ބޭނުމިއްޔާ ވަޒީފާއަކަށް ގޮސްގެން އެތަނުގަ އުޅެވިދާނެ. މިގޭގެ ވެރިމީހާ ބުނި މިތަނުގެ ހުރި ފަރުނީޗަރުގެ ހާލަތަށް ބަލާފަ ސެޓްލްމެންޓެއް ހަމަޖައްސައިދޭނަމޭ. ދައްތައާއި ބޭބެ ހައްޖަށްދާން އެއްކުރި ފައިސާވެސް ހުންނާނެ. އަހަރެން ގަސްތުކޮށްގެން ހުރީ ޝިމާންގެ ކައިވެންޏަށް އެ ހަވާލުކުރަން. އެކަމަކު އަހަރެން ދިޔުމުގެ ކުރިން ޝިމާންއާ އެ ހަވާލުކުރާނަ-"

"ދެއަރ ވިލް ބީ ނޯ ނީޑް" ޝައިނާގެ ވާހަކަ މެދުކަނޑައިލަމުން ޝިމާން ސޯފާއިން ތެދުވިއެވެ. "ސިސް އެކަނި ދާތާކަށް ދާން ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް އަހަރެންގެ ނެތް. އަހަރެންވެސް ދާނަން"

"އެކަމަކު ޝިމާން. އަހަރެންނަކަށް އަދި މި ދާތަނެއް ވާނެ ގޮތެއްވެސް ނޭނގެ. އަހަރެން މިދަނީ އަހަރެންނަށް ދެން ރާހިލް އެ ކުޅޭ ކުޅިވަރު ބަލަން މިތާނގަ ކެތް ނުވާނޭ ހީވާތީ. ރާހިލް އައިސްފަ ދެދުވަހަކު ކޮށްލާ އާދޭހަކުން މާފުދޭން ބޭނުން ނުވާތީ. ހީ ޑަޒަންޓް ޑިސަރވް މީ. އެކަމަކު ޝިމާން މިތަނުން ދިޔުމަކީ ރަނގަޅު ގޮތެއް ނޫން. ޝިމާންގެ މުސްތަގުބަލު އޮތީ މިތަނުގައެއްނު. ޝިމާންގެ ކޮލެޖާއި އެކެޑަމީ އަދި ގަރލްފްރެންޑްވެސް" ޝައިނާއަކަށް ޝިމާންގެ ނިންމުން ކަމަކު ނުދިޔައެވެ. އެހެންނަމަވެސް ޝިމާން އެންމެ ތަންފުކެއްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"ޔޫ އަރ މައި އޮންލީ ފެމިލީ. ވެއަރ ޔޫ އަރ އިޒް ވެއަރ އައި ޝުޑް ބީ." ޝިމާން ހީވީ އޭނާގެ ފަހުގެ ނިންމުން ނިންމައިލިހެނެވެ. "އަހަރެންނަށް ފަހުންވެސް ކިޔެވިދާނެ. ރިލޭޝަންޝިޕަކަށްވެސް ދެވިދާނެ. އާ އެކެޑެމީއެއްވެސް ހުޅުވިދާނެ. އެކަމަކު އަހަރެންގެ ލައިފްގަ ރިޕްލޭސް ނުކުރެވޭނެ ހަމައެކަނި މީހަކަށް ހުރީ މިހާރު ސިސް"

"ދެން އިޝީ އޯ؟ އިޝީގެ އެއްވެސް ކުށަކާނުލައި ޝިމާން ތިއުޅެނީ އިޝީ ދޫކޮށްލަންތަ؟ އަހަރެން ނުބުނަންތަ ޝިމާން ލޯބި ނުވަންޏާ އިޝީއާ ދުރުވާށޭ. ޝިމާން ކުޅޭ ކުޅިވަރަކަށް އިޝީ ނަހަދާށޭ. މިހާރު ޝިމާންއާ ރާހިލްގެ ތަފާތަކީ ކޮބާ؟" ޝައިނާ ހިތްހަމަ ނުޖެހިފައި އަހައިލިއެވެ.

"ތަފާތަކީ އަހަރެން އިޝީ މެނިޕިއުލޭޓް ކޮށްގެން އިޝީގެ ފައިދާ ނުނަގާކަން. އިޝީދެކެ ލޯބިވިކަން. އެކަމަކު އޭނަ ސިސްއަށް ހެދީ ހުސް މަކަރު. ގަބޫލު ނުކުރިޔަސް ހަގީގަތަކީ އަހަރެންނާއި ސިސްގެ ލޮލުގަވެސް އޭނަ އެޅުވީ އަނދުނެއްކަން. ސިސްއަށް ހަރޓްވިޔަސް އަހަރެން މިއަދު ވާހަކަ ދައްކާނީ ހަގީގަތާއި އެއްގޮތަށް. އޭނަ ސިސްއަށް ހެދީ ކިހިނެއް؟ ސިސްއަކީ އަޅާލާނެ މީހަކުނެތް ނިކަމެއްޗެއްކަން އެނގުނީމަ އެ ނިކަމެތި ކަމުގެ ފައިދާ ނަގައިގެން އޭނާ ބޭނުންވިގޮތަށް ސިސްއާ ކައިވެނިކުރީ. ސިސް ނިކަން ބުނެބަލަ؟ އޭނާ ގެއެއްގަ ބަހައްޓާފަ ހުންނަ މުދަލެކޭ ސިސްއެކޭ ހުރި ތަފާތަކީ ކޮބާ؟ އޭނަ ބޭނުންވީ އޭނާގެ އަމިއްލަ ފަޚުރައްޓަކައި ސިސްކަހަލަ ރީތި ސްމަރޓް ކުއްޖަކު އަމިއްލަކުރަން. އެއީ ލޯތްބެއްނޫން. ހިތަށްއަރާ މަންމަމެން ދުނިޔޭގެ ހުރިނަމައޭ. ހަމަގައިމުވެސް އެމީހުންނަށް މާ ދުރުވިސްނޭނެ. ސިސްއަށް މީހަކު ދެރަގޮތެއް ހަދާނެ ފުރުސަތެއް ނުދޭނެ. އެ ފުރުސަތު އަހަރެންނަށް ދެވުނީ. އައި ފެއިލްޑް އޭޒް ޔުއަރ ބްރަދަރ އެންޑް ޔުއަރ ފެމިލީ. އެކަމަކު އަހަރެން ދެވަނަ ފަހަރަކު ފެއިލެއް ނުވާނަން. ސިސް އެކަނި ދޫކޮށެއްނުލާނަން."

ޝިމާންގެ ވާހަކަ ނިމުނުއިރު ޝައިނާގެ ދެލޯ ވަނީ ހަމަ ރަނގަޅަށްވެސް ފެންކަޅިވެފައެވެ. ރާހިލް އޭނާދެކެ ހަޤީޤީ ލޯބިވާކަންބުނެ ދިފާޢުގައި ކިތަންމެ އެއްޗެއް ބުނަން ބޭނުންވި ނަމަވެސް އޭނާގެ ދޫ އެކަމަކަށް ހަރަކާތެއް ނުކުރިއެވެ. ސަބަބަކީ ހަމަބުއްދިން ވިސްނައިފި ކޮންމެ މީހަކަށްވެސް ޝިމާން އެ ދެއްކި ވާހަކަތަކާމެދު ދެބަސްވެވޭނެގޮތެއް ނޯންނާނެތީއެވެ.

"ދެން.. ދެން އިޝްކޮ؟" ޝައިނާ އަވަސްއަވަހަށް އެސްފިޔަތައް ތަޅުވައިލަމުން އެނާއަށް ކޮށްފައިވާ އަސަރު ވަންހަނާކޮށްލިއެވެ.

"އަހަރެން އަދި އިޝީއަށް ޖަވާބުދާރީވާކަށް ނުޖެހޭނެ. ޝީ އިޒް އަ ސްޓްރޯންގް އެންޑް ސްމަރޓް ގަރލް. ޝީ ވިލް އަންޑަރސްޓޭންޑް އެންޑް.. އެންޑް.. މޫވް..އޮން" ޝިމާން ހިތިގޮތަކަށް ހިންދިރުވައިލަމުން އެންމެ ފަހުން ބުނި ލަފްޒުތައް އޭނާގެ އަނގައިން ބޭރުކޮށްލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ.

ޝައިނާ ހަދާނެގޮތް ނޭނގިފައިހުރެ ދެއަތް އުނަގަނޑުގައި އަޅުވައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ކަންތައްތައް މި ދިޔައީ އޭނާ ހީކުރިގޮތާ މުޅިން ހިލާފަށެވެ. ނަމަވެސް އޭނާކުރަން އުޅޭ ކަންތަކުގައި ޝިމާންގެ އެއްބާރުލުން ލިބުނީތީ ބޮލަށް ފަސޭހަވެގެންވެސް ދިޔައެވެ. އެފަދަ ފިޔަވަޅެއް އެކަނިމާއެކަނި އަޅަން ޖެހުނީތީ ކުރިން އެ ހިތުގައި އޮތް ބިރާއި ކަންބޮޑުވުން މުޅިން ފިލައިދިޔައެވެ. މިހާރު އޭނާގެ އޮތް ހަމައެކަނި ކަންބޮޑުވުމަކީ އިޝްވާއެވެ.

******************

"އިޝީ ބުނާނީ މިހާރު ސިސްއާ މާ ގުޅެޔޭ. އިޝީއަށް އަބަދުވެސް މާ ރީތި ތިކަހަލަ ކުރު އިސްތަށިގަނޑު" ފޯނުން ނެގި ސެލްފީ ސޭވްކޮށްލަމުން އިޝްވާ އޭނާގެ ކުރިމައްޗަށް ވާގޮތަށް އިށީނދެ އިން ޝައިނާއަށް ބުންޏެވެ. ގަޑިން ރޭގަނޑު ދިހައެއް ޖެހުމާ ގާތްވެފައި ވާއިރު އެދެމީހުން ތިބީ ގެއާ ތަންކޮޅެއް ދުރު ހިސާބެއްގައިހުރި ކޮފީ ޝޮޕެއްގައެވެ. ފާއިތުވި ދެތިންދުވަހުގެ މަސައްކަތުން ފުރުމުގެ ހުރިހައި އިންތިޒާމްތަކެއް ހަމަޖެހިގެން ދިޔުމާއެކު އޮފީހުގެ ހުރިހައި މަސައްކަތްތަކެއްވެސް ހަވާލުކޮށް ނިމިފައިވާތީ ޝައިނާ އިނީ ނުހަނު ހިތްހަމަ ޖެހިފައެވެ. ނަމަވެސް އިޝްވާއަށް އެއްވެސް ކަމެއް ނާންގައި ދާން ޖެހޭތީ އޭނާ އިނީ ނުހަނު ކަންބޮޑުވެފައެވެ. އޭނާ މިއަދު އެތަނަށް އައީވެސް ފަހު ފަހަރަށް އިޝްވާއާ ބައްދަލުކޮށްލުމުގެ ނިޔަތުގައެވެ.

"އިޝީ.. އަން.. މިއީ އިޝީއަށް އަހަރެން ދޭ ގިފްޓެއް. ޓޭކް ކެއަރ އޮފް ދިސް އެނގޭ." ޝައިނާ އެކި ވާހަކައިގެ ތެރެއިން އިޝްވާގެ އަތުގައި ރަން ކެވެލިކޮޅެއް އަޅުވައިދިނެވެ. ޝައިނާގެ ސިކުނޑީގައި ރޭވެމުންދާ އެއްވެސް ކަމެއްގެ އިޝާރާތެއް ނުވާހާލު އިޝްވާ ހުރީ ޝައިނާގެ ފަރާތުން ހަދިޔާއެއް ލިބުނީތީ އުފާވެފައެވެ. ދަތްޕިލަ އެކީ އެކަށް ދައްކައިލަމުން ޝައިނާއަށް ޝުކުރު އަދާކުރިއެވެ. އިޝްވާގެ އެ މައުސޫމު ހިނިތުންވުން ކަރުނައަށް ބަދަލުވެގެންދާކަށް މާ ގިނައިރެއް ނެތްކަން އެނގި ޝައިނާގެ ހިތަށް އުނދަގޫވި ނަމަވެސް އޭނާ އެކަން ފޮރުވައިލަމުން ހިނިތުންވެލިއެވެ.

*****************

ފަޅުކޮށް އޮތް ގޭގެ ސިޓިންގްރޫމްގައިހުރި ސޯފާގައި ޝިމާން އިނީ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލައިގެން އިނެވެ. އޭގައި ހުޅުވައިލެވިފައިވަނީ އިޝްވާގެ ޗެޓްލޮގެވެ. އިޝްވާއާ ވަދާޢުގެ ސަލާންވެސް ކޮށްލުމެއްނެތި ދާން ގަސްތުކުރަމުންދިޔަ ޝިމާންގެ ހިޔާލު ބަދަލުވާން އުޅޭ ކަހަލައެވެ. ފުންނޭވާއެެއް ދޫކޮށްލުމަށްފަހު ކަންތައްތައް ހިނގައިދިޔަގޮތުގެ ހުލާސާއެއް މެސެޖުގައި ލިޔެލުމަށްފަހު ދެވަނަ ސިކުންތުގައި މެސެޖު ފޮހެލިއެވެ. ފޯނު ލޮކް ކޮށްލުމަށްފަހު ދެއަތުގެ ތެރެއަށް ލައި ފޮރުވައިލިއެވެ. އެހާމެ އަވަހަށް އަނެއްކާވެސް ފޯނު ހުޅުވައިލުމަށްފަހު އިތުރު މެސެޖެއް ޓައިޕުކޮށްލިއެވެ. އެހެނަސް މިފަހަރުވެސް އެ މެސެޖު ފޮހެލުމަށްފަހު ފޯނަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނާގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރުނީ ހުޅުވައިފައިހުރި އެޕަރޓްމެންޓްގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުމުންނެވެ. އެ ދޮރުގެ ބޭރުގައި ހިނިތުންވުމަކާއެކު މަޑުކޮށްލައިގެންހުރީ އެޕަރޓްމެންޓްގެ ވެރިމީހާއެވެ. ޝިމާންވެސް ބަދަލުގައި ހިނިތުންވެލަމުން އޭނާއަށް އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ.

"އެޕަރޓްމެންޓް ދިން އިރަށްވުރެވެސް ރަނގަޅު ހާލަތެއްގަ ދޯ މިހިރީ.." އެޕަރޓްމެންޓްގެ ވަށައިގެންނާއި ފަރުނީޗަރުތަކަށް ނަޒަރު ހިންގައިލަމުން އޭނާ ހިތްހަމަޖެހިފައިހުރެ ބުންޏެވެ.

"ޔާ. މައި ސިސްޓަރ އިޒް ދަ ބެސްޓް އެޓް ހަރ ވޯކް" ޝިމާންވެސް ވަދާޢުގެ ނަޒަރަކުން އެޕަރޓްމެންޓްގެ އެތަން މިތަނަށް ބަލަމުން ބުންޏެވެ. ޝައިނާގެ ފަންނުވެރިކަމާއި އެ ތަނަވަސް ސިކުނޑީގެ ޖާދޫ އެޕަރޓްމެންޓްގައި ލައިފައިވާ ކުލަތަކާއި ފަރުނީޗަރުތަކުގެ އިތުރުން އެންމެ ކުދިކުދި ޒީނަތްތަކުންވެސް ފާޅުވަމުންދިޔައެވެ. އެ ހުރިހައި ކަމަކަށްވުރެވެސް ބޮޑަށް ޝިމާންގެ ހިތަށް ވެރިވަމުންދިޔައީ އޭނާގެ މައިންބަފައިންނާއެކު އެ އެޕަރޓްމެންޓްގައި ހޭދަކޮށްފައިވާ އުފާވެރި ހަނދާންތަކެވެ. އެއީ މާ ގިނަ ހަނދާންތަކެއް ނޫނެވެ. އެ އެޕަރޓްމެންޓަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރިތާ އަދި ވާނީ އެންމެ ހަތަރު އަހަރެވެ. ނަމަވެސް އެއީ އޭނާގެ މަންމައާއި ބައްޕަގެ އެންމެފަހުގެ ހަނދާންތަކާއި ގުޅިފައިވާ ތަންކަމަށް ވާތީ އެ ޢަލްވަދާއިން އޭނާގެ ހިތަށް ބަޔާންކުރަންދަތި ވޭނެއް ލިބެމުންދިޔައެވެ.

"މިހިރީ އެއްބަސްވެވުނު ގޮތަށް އެޑްވާާންސް ފައިސާގެ އިތުރަށް ތަކެތީގެ އަގާއެކު ދެހާސް ފަސްސަތޭކަ ޑޮލަރު" ކުއްލިއަކަށް ޝިމާންއަށް އޭނާގެ ހިޔާލުތަކުން ނުކުމެވުނެވެ. އޭރު އެގޭގެ ވެރިމީހާ އޭނާއަށް ސިޓީއުރައެއް ދިއްކޮށްލައިގެން ހުއްޓެވެ. ޝިމާން އެ ސިޓީއުރަ ހުޅުވައިލައި އޭގައިހުރި ފައިސާ ގުނައިލުމަށްފަހު އެމީހާއަށް ހިނިތުންވެލިއެވެ.

"ދެން އެހެންވީމާ ނުކުންނަމާ ދޯ. އަޅުގަނޑުވެސް ތާކަށް ދާންވެފަ އެބައޮތް. ކޮއްކޮމެން ދާގޮތަށް އެއަރޕޯޓަށްތަ ދަނީ" އެމީހާގެ ވާހަކައަށް ޝިމާން ބޯ ޖަހައިލިއެވެ. މިއަދު އޭނާގެ ފަރާތުން ފެންނަމުންދަނީ އާދަޔާހިލާފު ބަސްމަދުކަމެކެވެ.

"މި އެކަނިދޯ ހުރީ؟" އެމީހާ އެތަނުގައިހުރި ތިންފޮށްޓަށް އިޝާރާތްކޮށް އަހައިލިއެވެ. އެތަނުން ދެ ފޮއްޓަކީ ޝައިނާގެ ދެފޮއްޓެވެ. އެމީހާ ޝިމާންއާއެކު އެ ފޮށިތައް ތިރިއަށް ބޭލުމަށްޓަކައި އެހީވެދިނެވެ. މަގަށް ނުކުމެވުމާއެކު ޝިމާން ފަހުފަހަރަށް އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަށް ބަލައިލުމަށްފަހު މަތިން ފެންނަންހުރި އެޕަރޓްމެންޓްގެ ބެލްކަންޏަށް ބަލައިލިއެވެ. އަދި އެ ތަޅުދަނޑި އެމީހާއާ ހަވާލުކޮށްލިއެވެ. އެއަށްފަހު ކާރަކަށް ގުޅުމުގެ ކުރިން ހުރިހައި ކަމެއް ނިމިއްޖެކަމުގައިބުނެ ޝައިނާއަށާ މެސެޖެއް ކޮށްލިއެވެ.

*****************

ޝައިނާ އިންތިޒާރު ކުރަމުންދިޔަ މެސެޖު އޭނާގެ ފޯނަށް އަންނާކަށް މާގިނައިރެއް ނުނެގިއެވެ. އެއާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލަމުން އޭނާގެ ކުރިމަތީގައި ވާހަކައަށްގޮސް ހުސްވެފައިއިން އިޝްވާއަށް ބަލައިލިއެވެ. އަދި އިޝްވާގެ ވާހަކަ އަޑު އަހަމުން އިޝްވާއާއެކު ކައުންޓަރާއި ހިސާބަށްގޮސް ބިލް ކަނޑައިލުމަށްފަހު އިޝްވާއާއެކު އެތަނުން ނުކުތެވެ.

"އިޝްކޮ.. އަހަރެން ތަނަކަށް ދާންޖެހިއްޖެ މިގަޑީގަ" އިޝްވާގެ ވާހަކަތަކަށް ނިމުމެއް ނާންނާނެހެން ހީވާން ފެށުމާއެކު ޝައިނާ ބުންޏެވެ.

"އޯކޭ. އަހަރެން ސިސް ޑްރޮޕް ކޮށްލާފަ ދާނަ-"

"އިޓްސް އޯކޭ އިިޝީ.. މާ ދުރަކަށް ނޫނޭ. އަހަރެން އެކަނި ގޮސްލާނަން. މިހާރު ދިހަގަޑި ބައިވަނީނު. އެހާ ދަންވަންދެން ނޫޅެ އިޝްކޮވެސް ދެން އަވަހަށް ގެއަށްދޭ" އިޝްވާގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ އެހެން ބުނީ އިޝްވާއަކީ އޭނާ ބުނާ ބަސް ގަބޫލުކުރާނެ ކުއްޖެއްކަން އެނގިހުރެއެވެ. އޭނާ އުއްމީދުކުރި ފަދައިން މާބޮޑު ދެކޮޅު ހެދުމަކާނުލައި އޭނާގެ ގައިގައި ބައްދައިލުމަށްފަހު މަގުގެ އަނެއްފަރާތަށް ހިނގައިގަތެވެ. އިޝްވާގޮސް ޖެހިގެންހުރި ގޯޅިއަށް އެޅުމާއެކު ޝައިނާވެސް ފައިގެ ހުރިބާރެއް ލައިފައި އެމަގުން ނުކުތުމަށް ހިނގައިގަތެވެ.

ގެއާ ހިސާބަށް ދެވުނުއިރު އޭނާއަށް ހުރީ ހަމަރަނގަޅަށްވެސް މާނޭވައި ލެވިފައެވެ. އޭރު ޝިމާން ފޮށިތައް ހިފައިގެން ގޭގެ ތިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެދެމީހުންގެ ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެއްކުނެވެ. އެންމެ އަވަހަށް އަތުޖެހުނު ކާރަށް އަރައިގެން އެއަރޕޯޓަށް ނައްޓައިލިއިރު ޗެކިން ފެށެން އަދި ވިއްސަކަށް މިނެޓު ބާކީއޮތެވެ.

"މިއީ ގޭގެ ވެރިމީހާ ދިން.." ޝިމާން އަތުގައި އޮތް ސިޓީއުރަ ޝައިނާއަށް ދިއްކޮށްލަމުން ބުންޏެވެ.

"ތި އިހަށް ޝިމާން އަތުގަ ބާއްވާ. އަން މިވެސް" ޝައިނާ ދަބަހުން ނެގި ދިވެހި ފައިސާހުރި ސިޓީއުރައެއް ޝިމާންއަށް ދިއްކޮށްލިއެވެ. ނުބުނި ކަމުގައިވިޔަސް އެއީ ސައިކަލު ވިއްކައިލުމަށްފަހު ލިބުނު ފައިސާކަން ޝިމާންއަށް އެނގުނެވެ. އޭނާ އިތުރަށް އެވާހަކަ ނޭހީ ޝައިނާއަށް އިތުރު ސުވާލުތަކެއް ކުރިމަތިކުރުވައި އުނދަގޫ ނުކުރުމަށެވެ.

އަތުގައިހުރި ހުރިހާ މުދަލަކާއި ހިތުގައިވާ ހުރިހާ ހަނދާންތަކެއް ދޫކޮށްލުމަށްފަހު މުޅިން އައު ދަތުރެއް ފަށާއިރު އެއީ ޝައިނާއަށްވެސް ވަކި ފަސޭހަ ދަތުރަކަށް ނުވާނެކަން އޭނާއަށް އެނގެއެވެ. ހުދު އޭނާގެ ސިކުނޑިވެސް އެވަގުތުކޮޅުގެ ތެރޭގައި އެތަށް ޚިޔާލުތަކަކުން ކަމުންދިޔައެވެ. ތުރުތުރު އަޅަމުންދިޔަ ދެއަތުން އިރު އިރުކޮޅާ ފޯނު ހުޅުވައިލުމަށްފަހު އިޝްވާގެ ޗެޓްލޮގަށް ވަދެވެނީ އެހެންވެގެނެވެ. ޝިމާންއަށް ނޭނގުނު ކަމަކީ އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވަމުންދިޔަ ޝައިނާގެ ލޮލުގައި އެކަން އަޅައިގެންކަމެވެ. ޝައިނާގެ ސިކުނޑީގައި އެވަގުތު ކަމަކާމެދު ގޮތް ނިންމުނުކަމެވެ. އިޝްވާގެ އެއްވެސް ކުށަކާއިނުލައި ޝިމާން އެފަދަ ގޮތަކަށް އިޝްވާގެ ހަޔާތުން ގެއްލެން އެ ނިންމާ ނިންމުމަކީ އިޝްވާއާމެދު ވެވޭ ބޭއިންސާފެއް ކަމުގައި ނިންމަމުން ފޯނު ނަގައި ވީހާވެސް އަވަހަށް އެއަރޕޯޓުން އެމީހުނާ ބައްދަލުކުރުމަށްއެދި ޝައިނާގެ ފޯނުން އިޝްވާއަށް މެސެޖެއް ފޮނުވައިލިއެވެ. އަދި އެ މެސެޖު ފެނޭތޯ ޔަގީންކުރުމަށްޓަކައި ދެފަހަރަކު އިޝްވާގެ ފޯނަށް ރިންގުކޮށްލުމަށްފަހު ކަނޑައިލިއެވެ. ކައިރީގައި އިން ޝިމާންއަށް ބަލައިލުމަށްފަހު ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލިއިރު ޝައިނާގެ ހިތް އެ ކުރެވުނު ކަންތަކުގެ ސަބަބުން ބާރުބާރަށް ތެޅެމުންދިޔައެވެ. އެއަރޕޯޓުގެ ޓެކްސީ ލައިނަށް މަޑުކޮށްލި ކާރުން ފޭބުމާއެކު އިޝްވާގެ ހަބަރެއްވޭތޯ ވަށައިގެން ހޯދައިލެވުނެވެ.

"ޝިމާން މަޑުކޮށްބަލަ. ހިނގާބަލަ މިތާ ބޭރުން ކޮފީއެއް ގަނެގެން ވަންނަން" ޝައިނާ ބެލީ އިޝްވާ އަންނަންދެން ޝިމާން އެތަނުގައި މަޑުކުރެވޭތޯއެވެ.

"ސިސް އެތެރޭގަވެސް ކޮފީ ހުންނާނޭ ހިނގާ ޗެކް އިންވެފަ ތިކަމާ އުޅެން" ޝިމާންއަށް ޝައިނާގެ ހިޔާލު ކަމަކު ނުދިޔައެވެ. އޭނާހުރީ ވީހާވެސް އަވަހަށް ޤައުމު ދޫކޮށްދާން ބޭނުންވެފައެވެ. ނުވިތާކަށް މިވަގުތު އޭނާގެ ހިޔާލުތަށް އެގޮތްމިގޮތަށް އެނބުރެމުންދާގޮތް އޭނާއަށް އެއްވެސް ވަރަކަށް ކަމަކުނުދެއެވެ. މީގެ އިރުކޮޅެއްކުރިން ޝައިނާ އެކަނި ފޮނުވައިލުމުގެ ހިޔާލެއް ސިކުނޑިއަށް އައީތީ އޭނާހުރީ އެކަމާ ޖެހިލުންވެފައެވެ.

"އެކަމަކު އަދި ކިރިޔާ ޗެކް-އިން ފެށުނީނު. މިހާ އަވަހަ-"

"މާނޫ" މާދުރުނޫން ހިސާބަކުން އިވުނު އިޝްވާގެ އަޑާއެކު ޝައިނާގެ ވާހަކަ ނެދުކެނޑުނެވެ. ޝިމާންއަށް އެ އިވުނު އަޑު ގަބޫލު ނުކުރެވިފައިހުރެ ޝައިނާގެ މޫނަށް ބަލައިލަމުން ދެލޯ ބޮޑުކޮށްލެވުނެވެ. ފަސްއެނބުރި ބަލައިލިއިރު ޓެކްސީގެ ދޮރުފަތް ލައްޕައިލުމަށްފަހު އިޝްވާ ދުވެފައި އައިސް އެމީހުނާ އަރައި ހަމަކުރަނީއެވެ.

"އިޝް.. އިޝީ އެކަނިތަ؟ މިގަޑީގަ؟"

"މާނު މިތާ ކީއްކުރަނީ؟ ތާކަށް ފުރަނީތަ؟ ސިސް ތާކަށް ފުރުވަން އައިސްގެންތަ؟ ކީއްވެ އިޝީގާތު ނުބުނީ؟" ޝިމާންގެ ސުވާލަށް ޖަވާބުދިނުން މުހިއްމު ކަމެއް ކަމުގައި ނުދެކި އިޝްވާވެސް ކުރީ ސުވާލުތަކެކެވެ. ޝައިނާ އެދެމީހުންނަށް ބަލައިލުމަށްފަހު ފޮށިތައް އަރުވައިފައިހުރި ޓްރޮލީ ކޮށްޕަމުން އެތަނުން ދުރަށް ހިނގައިގަތެވެ.

"އިޝީ.. ވީ އަރ ލީވިންގް" ޝިމާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބުންޏެވެ.

"ޔެސް އިޝީއަށް އެބަ ފެނެޔޭ. ކޮންއިރަކުން އަންނަނީ؟ ފުރަނީ ކޮންތާކަށް ކަމެއްވެސް މާނު ނުބުނަމެއްނު؟" އިޝްވާއަކަށް އަދިވެސް މާ ރަނގަޅަކަށް މި ވަމުންދާގޮތެއް ނޭނގެއެވެ. އެ މޫނުމަތީގައި އަދިވެސް ވަނީ ހިނިތުންވުމެކެވެ. އެ މައުސޫމުކަން ފެނުމާއެކު ހިތަށް ވެރިވި ކުށްވެރިކަމުގެ އިހުސާސުން ޝިމާންއަށް ހިންދިރުވައިލެވުނެވެ.

"އިޝީ.. އަހަރެމެން ދެން އަންނާކަށް ގަސްތެއް ނުކުރަން.. އައިމް ސޮރީ.. ބަޓް އައިމް ލީވިންގް ޔޫ" ޝިމާން ބުންޏެވެ.

"ފަނީ ޖޯކް ޝިމާން. ދެން ބުނެބަލަ. ކޮންތާކަށްތަ ތި ދަނީ؟" އިޝްވާގެ ސުވާލަކަށް މިފަހަރު ޝިމާންގެ ޖަވާބެއް ނުލިބުނެވެ. ޝިމާންގެ ދެލޮލުން އެ ޖަވާބު ހޯދުމަށްޓަކައި ތެޅިތެޅިއޮތް ހިތަކާއެކު އިޝްވާ ޝިމާންއާ ހަތަރު ހަމަކޮށްލިއެވެ. ޝިމާންގެ މޫނުމަތީގައިވި ސީރިއަސްކަން ފެނި އިޝްވާއަށް ހީވީ އޭނާގެ ވަށައިގެން ހިނގަމުންދިޔަ ދުނިޔެވެސް ހުއްޓުނުހެނެވެ. އޭނާގެ ދެލޯ ފެންކަޅިވާން ފެށިއެވެ.

"ނޫން ނޫން. ނުވާނެ. ނުދާނެ. އެއީ ކީއްވެ؟ ކީއްވެ ތިދަނީ؟ ދޮންބެއާ ހެދިތަ؟" އިޝްވާގެ ސުވާލަށް ޝިމާން ވަކި ރައްދެއް ނުދީ މަޑުމަޑުން ބޯ ޖަހައިލިއެވެ.

"ނޯ ނޯ ނޯ މާނު ޕްލީޒް ތިހެން ނަހަދާ. ދޮންބެއާ އިޝީއާ މިއީ ދެމީހުންނެއްނު. ދޮންބެ ކުރިކަމެއްގެ އަދަބު އިޝީއަށް ތި ދެނީ ކީއްވެ؟ އިޝީއާ މާނުއާ މިއީ އެމީހުނަށްވުރެ މާ ކުރީގެ ކަމެއްނު؟ ޕްލީޒް ތިގޮތަށް އަހަރެން ދޫކޮށްނުލާ" ޝިމާންގެ ގައިގައި ބައްދައިލަމުން އިޝްވާ އޭނާގެ އާދޭސްތައް ބަންޑުންކޮށްލިއެވެ. "މާނު ތި ދާތަނެއް އަހަރެންގާތު ބުނެބަލަ. އަހަރެން ހުންނާނަމޭ. ވީ ކޭން ފިކްސް ދިސް. ވީ ކޭން ޑޫ އަ ލޯންގް ޑިސްޓަންސް ރިލޭޝަންޝިޕް. އަހަރެން ހުންނާނަން ޝިމާން ކޮންމެ ދުވަހަކުން އަޔަސް–"

"ސްޓޮޕް އިޓް އިޝީ. އަހަރެންނަކަށް އިޝީގެ ތި ބަސްތަކަކަށް އިތުބާރެއް ނުކުރެވޭ" ކުއްްލިއަކަށް ޝިމާން ރުޅިއައިސްފައި އިޝްވާ އޭނާގެ ގަޔާއި ދުރުކޮށްލިއެވެ.

"ތި.. ތިބުނީ؟" އިޝްވާއަށް ލިބުނު ސިހުމުގައި އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް ހުއްޓުނެވެ.

"މިބުނީ ކީކޭކަން އިޝްވާއަށް ހަމަރަނގަޅަށް އެނގޭނެ! އަހަރެން އިޝްވާގެ ބަހަށް އިތުބާރު ކުރާނީ ކިހިނެއް؟ ތި އާއިލާއަށް އިތުބާރު ކުރާނީ ކިހިނެއް؟ މުއްސަނދިންގެ އާއިލާތަކުގަ ކަންކަން ހިނގާގޮތް އަހަރެންނަށް މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެ. ޔޫ އެންޑް އައި ޑޯންޓް ހޭވް އަ ފިއުޗަރ އިޝީ.. އަހަރެންނާއި އިޝްވާވެސް ބަލަން ތިއްބައެއް ނޫންތަ ފުރަތަމަ އިޝްވާގެ ދޮންތަގެ ކައިވެނި އާއިލާއިން ބޭނުން މީހަކާ ކުރުވީ؟ އެއަށްފަހު އިޝްވާގެ ދޮންބެވެސް. އިޝްވާއަށް އެހެން ނުވާނެ ކަމާމެދު އަހަރެންނަށް އޮތީ ކޮން ޔަގީންކަމެއް؟ އަހަރެން ވީ އިޝްވާގެ ކައިވެނިވެސް އެގޮތަށް ކުރެެވޭތަން ބަލަން ހުންނަންތަ؟ ސޭމް ޑްރާމާއެއްގެ ޑިފަރެންޓް ސީޒަންއެއް ބަލާލަ ބަލާލަ ހުންނަންތަ؟" ޝިމާންގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

"މާނުއަށް އަހަރެންގެ ގޮތް އެނގެއެއްނު؟ އެދެމީހުން ގޮތަކަށް އަހަރެން މަޑުންނެއް ނުހުންނާނަން. އަހަރެންނަކަށް އެހެން ނެހެދޭނެ. އައި ވިލް ފައިޓް ފޯރ އަސް" ޝިމާންގެ އަތުގައި ހިފައިލަމުން އިޝްވާ ޔަގީންކަން ދިނެވެ.

"އަހަހަ ފައިޓް؟" ޝިމާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. "ބޭބެވެސް ބުނީ ތިހެން؟ އެކަމަކު އާޚިރުގަ ކަން ވީ ކިހިނެއް؟ ދެއަރ އިޒް ނޯ ޕޮއިންޓް އިން އެނީ އޮފް ދިސް އިޝީ. އައި އޭމް ޑަން ވޭސްޓިންގް މައި ލައިފް އޮން ޔޫ އެންޑް ޔުއަރ ފެމިލީ. ޔޫ އެންޑް އައި.. ވީ އަރ އޯވަރ" ޝިމާން އޭނާއާ އިޝްވާއަށް އިޝާރާތްކޮށްލުމަށްފަހު ބުންޏެވެ. އަދި އިޝްވާއަށް ފުރަގަސްދީ އެތަނުން ހިނގައިގަތެވެ. ދެތިން ފިޔަވަޅު ކުރިއަށް އަަޅައިލުމަށްފަހު އޭނާގެ ހިނގުން ހުއްޓައިލުމަށް މަޖުބޫރުވީ އިޝްވާ ފަހަތުން އައިސް އޭނާގެ ބަނޑުގައި ދެއަތް ވަށައިލުމަށްފަހު ބާރަށް ބައްދައިލުމުންނެވެ. ހަމައެއާއެކު އިޝްވާގެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ދެމީހުންގެ އިސްކޮޅުގައި މާބޮޑު ތަފާތެއް ނެތުމުން އިޝްވާގެ ދެލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތައް އޭނާގެ ކަނދުރާއަށް ހިނދެމުންދާކަމުގެ އިހުސާސް ޝިމާންއަށް ކުރެވެމުންދިޔައެވެ.

"ޝިމާން ޕްލީޒް.." ޝިމާންއަށް ނިސްބަތްކުރަމުން އައި ވަނަން ދޫކޮށްލުމަށްފަހު އިޝްވާ މިފަހަރު ގޮވައިލީ އަސްލު ނަމުންނެވެ.

"ތިގޮތަށް އަހަރެން ތި ދޫކޮށްލަނީ އަހަރެންގެ ކޮން ކުށެއް އޮވެގެން؟ ހެޔޮނުވާނެ އަހަރެންނަށް ތިހެން ނަހަދާ. އާދޭސްކުރަން. އަހަރެން ޝިމާންދެކެ ވަރަށް ވަރަށް ލޯބިވޭ"
ގިސްލުމުގެ ތެރެއިންވިިޔަސް އިޝްވާގެ ދުލުން އިވެމުންދިޔަ ކޮންމެ ލަފްޒަކާއެކު ޝިމާންގެ ހިތަށް ކޮށި ހަންޖަރެއް ހެރެމުންދާހެން ހީވިއެވެ. ކިތަންމެ ފަހަރަކު ފަސްއެނބުރި އިޝްވާގެ ދެލޮލުގައިވާ ކަރުނަތައް ފޮހެލައިދޭން ބޭނުންވިއެވެ. ނަމަވެސް އޭނާއަށް މިހާރު ދެން ކުރިއަށްދިޔުން ނޫން އިތުރު ގޮތެއް ނެތެވެ. ހުރި ހަމައެކަނި އާއިލާ ކަމުގައިވާ ޝައިނާ އެކަންޏަށް ދޫކޮށްލުމަށް އިޝްވާގެ އަތުގައި ހިފައިފިނަމަ މުޅި ދުނިޔެވެސް އޭނާއަށް މަލާމާތްކުރާނޭ އޭނާގެ ޟަމީރު ބުނަމުންދިޔައެވެ.

"ޕްލީޒް.. އައި ލަވް ޔު-"

"އޯހް ޕްލީޒް ސްޓޮޕް ދެޓް ބުލްޝިޓް. އަހަރުމެންނަކީ އަދި ޓީނޭޖަރޒް. ލޯތްބަކީ ކޯއްޗެއް ކަމެއްވެސް ނޭނގޭނެ. އަދި އެހެން މީހަކު ދެކެވެސް ލޯބިވެވޭނެ. ސޯ އިޝްވާ ކުރާ އެއްވެސް އާދޭހަކުން އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ. އަހަރެންނަށް އިންތިޒާރު ނުކުރޭ. އަދި އަހަރެންގެ ފަރާތުންވެސް އެއްވެސް ވަފާތެރިކަމެއް އުއްމީދު ނުކުރޭ" އިޝްވާގެ ދެއަތް ފޮޅުވައިލުމަށްފަހު ޝިމާން ކުރިއަށް ހިނގައިގަތެވެ. މިފަހަރުވެސް އޭނާގެ ފިޔަވަޅުތަކަށް ހުރަސްއެޅުނީ އިޝްވާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

"ތިބުނީ ޝިމާން އަހަރެންދެކެ ލޯތްބެއް ނުވެއޭތަ؟" އިޝްވާ އަހައިލިއެވެ.

"ލޯތްބަކީ ކޯއްޗެއްކަން ނޭނގި ލޯބިވާނީ ކިހިނެއް؟ އަހަރެން އިޝްވާދެކެ ވީ ލޯތްބެއްނޫން. ރަނގަޅަށް ވިސްނައިލައިފިއްޔާ އެނގޭނެ މިފަހުންވެސް އަހަރެން ކިތަންމެ ފަހަރަކު އިޝްވާގާތުން ސަލާމަތްނުވެވިގެން އުޅެފަ ހުންނާނެކަން" ޝިމާންގެ ވާހަކަ ގަބޫލު ނުކުރުމުގެ ގޮތުން އިޝްވާ ބޯ ހޫރައިލިނަމަވެސް ޝިމާން މި ފަހަކަށްއައިސް އޭނާއާ ދުރުދުރުން އުޅޭކަން އޭނާއަށްވެސްވަނީ ފާހަގަކުރެވިފައެވެ.

"ތިއީ ދޮގެއް؟ ތެދެއްނަމަ އެންމެ ފަހަރަކުވެސް މިފަރާތަށް އެނބުރިބަލަ. އަހަރެންނާ ހަތަރުކަޅި ހަމަކޮށްފަ ތިހެން ބުނެބަލަ" އިޝްވާ ޖަދަލުކުރިއެވެ.

ޝިމާންއަށް ގޮތްހުސްވިއެވެ. ފަސްއެނބުރި އިޝްވާއާ ކުރިމަތިލާކަށް އޭނާ ބޭނުމެއް ނޫނެވެ. ކަރުނައިން ފުރެމުންދާ ދެލޮލުން އިޝްވާއާ ހަތަރުކަޅި ހަމަކުރާކަށް ބޭނުމެއްނޫނެވެ. އެހެންވެއްޖެނަމަ އޭނާގެ ދޮގު ބޭޒާރުވާނެކަން ޔަގީންވާތިއެވެ. އެހެންނަމަވެސް އިޝްވާ އެ ބުނިގޮތަށް އަމަލު ނުކޮށްފިނަމަ އޭނާއަށް ދެންވެސް އިޝްވާއަށް ދެވޭނީ ބޭކާރު އުއްމީދެކެވެ. ވުމާއެކު އަވަސް އަވަހަށް އެސްފިޔަތައް ތަޅުވައިލައި ލޮލުގައިވާ ކަރުނަތައް އޮއްބައިލަމުން އޭނާ އިޝްވާއާ ކުރިމަތިލިއެވެ.

"އަހަރެން އިޝްވާދެކެ ލޯތްބެއްނުވޭ. މިބުނީނު! މިހާރު އިވިއްޖެތަ؟ ސަލާމަތްވެގެން ދާންއުޅުނީމަވެސް މަށަށް އުނދަގޫކުރަން ފަހަތުން އަންނަން އެނގިއްޖެ ދޯ؟ ބުނަން ވާހަކައެއް؟ މިތަނުން ދާމީހުންގެ ކުރިމަތީގަ އިޝްވާ ލަދުގަންނަން ބޭނުން ނެތިއްޔާ ތި އައިތާކަށް ދާންއުޅޭ" ޝިމާން އެތަނުން ހިނގާބިނގާވެ އުޅޭ މީހުންނަށް އިޝާރާތް ކުރަމުން އިޝްވާގެ އަތް ފޮޅުވައިލިއެވެ.

އިޝްވާ ޖެހިލުންވެފައިހުރެ އިސްޖަހައިލަމުން ފަހަތައް ފިޔަވަޅެއް އަޅައިލިއެވެ. އޭނާ އިސްއުފުލައިލިއިރު އެތަނުން ޝިމާން ފެންނާކަށް ނެތެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އޭނާ އެންމެ ފުރަތަމަޖެހުނު ކާރަށް އަރައިގެން ގެއަށް ދިޔުމަށް އަވަސްވެގަތެވެ. ކާރުގައި އިނދެވެސް ރުއިން ކޮންޓްރޯލް ކުރެވޭތޯ ކުރި މަސައްކަތްދިޔައީ ބޭކާރު ވަމުންނެވެ. ޓެކްސީގެ ޑްރައިވަރަށްވެސް އެކަން ފާހަގަވެ އޭނާއާ ސުވާލުކުރިއެވެ. ނަމަވެސް އެޑްރެސް ބުނެލުން ފިޔަވައި އިޝްވާގެ އަނގައިން އިތުރު އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލިއިރު ނަސީބު ކަންދިމާކުރިގޮތުން މުޅި އެޕަރޓްމެންޓްވަނީ އަނދިރި ކޮށްލައިފައެވެ. އެތަނުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބާރަޖަހަން ކައިރިވެފައި ވާތީއާއެކު އެންމެން ނިދަން އޮށޯތީ ކަމުގައި ނިންމަމުން އިޝްވާ އަވަސްއަވަހަށް ސިޑިން މައްޗަށް ދުއްވައިގަތެވެ. ހަމައެވަގުތު ސިޑިން ފައިބައިގެން އައި މީހެއްގެ ގައިގައިޖެހި އޭނާގެ ފައި ފުރޮޅައިލަން އުޅުނެވެ.

ރާހިލް ހުށިޔާރުކަމާއެކު އިޝްވާގެ ގައިގައި ހިފަހައްޓަމުން އިޝްވާގެ މޫނަށް ބަލައިލިއެވެ. އެއާއެކު އޭނާއަށް ލިބުނި ސިހުމުގައި އިޝްވާގެ ގައިން ދޫކޮށްނުލެވުނީ ކިރިޔާއެވެ. އިޝްވާގެ ދެލޯ ރޮއެ ރޮއެ ރަތްވެފައިވާއިރު ކަރުނައިގެ ސަބަބުން ދެ ކޯތާފަތް އެކީ ފޯވެ އިސްތަށިތައްވެސް ވަނީ މޫނުގައި ތަތްލައިފައެވެ. ރާހިލްއަށް ވެގެން އުޅޭގޮތް އަހައިލުމުގެ ފުރުސަތެއްވެސް ނުދީ އިޝްވާ ރާހިލްގެ އަތް ފޮޅުވައިލުމަށްފަހު ސިޑިން މައްޗަށް ދުއްވައިގަތެވެ. ބާރު އަޑާއެކު ކޮޓަރީގެ ދޮރު ލައްޕައިލިވަގުރު އިޝްވާގެ ގައިން ހުރިހައި ހަކަތައެއް ހުސްވެ ދެ ކަކުލުހުޅުން ވާގި ދޫވެގެންދިޔަ ކަހަލައެވެ. ދޮރުގައި ލެގިލަމުން ބިންމައްޗަށް ތިރިވެވުމާއެކު ބާރު ރުއިމާއި ވޭނީ ގިސްލުމެއްގެ އަޑު ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައި ގުގުމައިލިއެވެ.

******************

މަތިންދާބޯޓުގެ ގޮނޑިބަރިތަކާއި ހަމައަށް އާދެވުނުއިރުވެސް ޝިމާންއާއި ޝައިނާގެ ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ހީވާގޮތުން ޝިމާން ހުރީ ހިނގައިދިޔަ ކަންތަކުގެ ސަބަބުން ޝައިނާދެކެ ހިތްހަމަނުޖެހިފައެވެ. ޝައިނާއަކަށް އެގޮތެއް ކަމަކުނުދިޔައެވެ. ޝިމާން ހަމަޖެހޭނެހާ ވަގުތު މިހާރު ދެވިއްޖެކަމުގައި ގަބޫލުކުރަމުން އޭނާ އެދެމެދުގައި އޮތް ހިމޭންކަމަށް ނިމުމެއް ގެނައެވެ.

"ހަމަ އަހަރެންނާ ވާހަކަ ނުދައްކަން ހިތުލައިގެންތަ ތި އިންނަނީ؟" ޝައިނާގެ އަޑަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޝިމާން އަދިވެސް އިނީ ބޯޓުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެނެވެ. ނަމަވެސް އެ އަޑު ޝިމާންއަށް އިވުނުކަމުގައި ޝައިނާ ޔަގީން ކުރުމަށް އަދިވެސް އެއްފަހަރު ސުވާލު ތަކުރާރުކޮށްލިއެވެ.

"ސިސް ކީއްވެ އިޝީއަށް މެސެޖުކުރީ؟ އެހާ ލަސްގަޑިއެއްގަ އިޝީ އެކަނި އެއަރޕޯޓަށް" ޝިމާންއަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އިޝްވާއަށް އެންމެ ފަހުވަގުތު ހުރިހާ ކަމެއް ފަޅާއަރުވައިލީތީ އޭނާ ޝައިނާދޭކެ ރުޅިއަންނަން ޖެހޭނެއެވެ. އެކަމަކު އެހެން އެއްވެސްކަމަކާ ވިސްނޭ ވަރަށްވުރެން އިޝްވާގެ ސަލާމަތާމެދު އޭނާގެ ހިތް ބިރުގަންނަމުންދިޔައެވެ.

"ޝިމާން.. އިޝީ ގެއަށްގޮސްފިއޭ.. ދެންމެ އަހަރެން ޒީއަށް މެސެޖު ކޮށްފަ އިޝީ ކޮބާތޯ ބަލާދޭން ބުނީމަ ޗެކް ކޮށްފަ ބުނީ ނިދާފައޭ" ޝައިނާ ބުންޏެވެ. ޝިމާން އެވާހަކަ ގަބޫލުނުކުރާ ފަދައަކުން ޝައިނާއަށް ބަލައިލުމާއެކު ޝައިނާ ޔަގީންކަން ދިނުމުގެ ގޮތުން ފޯނު ހުޅުވައިލުމަށްފަހު އެންމެ ފަހުގެ ޗެޓް ޝިމާންއަށް ދައްކައިލިއެވެ. އެއާއެކު ޝިމާންއަށް ހީވީ އޭނާ އެ ހުރިހާއިރު ހިފަހައްޓައިގެންހުރި ނޭވާއެއް ދޫކޮށްލެވުނުހެނެވެ. ބޮލުގައިވާ ހިލަގަނޑެއް ނަގައި ދުރަށް އެއްލައިލެވުމުން ލިބޭފަދަ ލުއިކަމެއް ލިބުނެވެ. ދެލޯ މަރައިލުމަށްފަހު ސީޓްގައި ލެގިލިއިރު އިންތިޒާރުކުރެވެމުން ދިޔައީ ފްލައިޓް ރަންވޭއިން ނައްޓައިލާނެ އިރަކަށެވެ.

*******************

"ފާލަ ބަލާ މީހެއްގެގާތަށް ދާންވީ މަގޭ ދަރިންނަށް މި ވެގެންއުޅޭ ގޮތެެއް ބަލަން. މިގޭގަ ކައްކާ ހުރިހާ އެއްޗެއް އަޅަން މި ޖެހެނީ ޑަސްބިނަށް. އެކަކުވެސް ކަނީކީނޫން ބޮނީކީ ނޫން ކޮޓަރިން ނުކުންނަނީކީ ނޫން. އިޝްވާ އެކަނި ކިރިޔާވެސް އަހަރެންގެ ކުރިމައްޗަށް އައިސް އުޅެނީ އެކަމަކު މިއަދު އަދި އޭނައަށް އިރު އެރީކީ ނޫން" ހަވީރުގެ ވަގުތު ގޭގެ ސޯފާގައި އިށީނދެލައިގެން ފޯނާ ކުޅެން އިން ޒީވާއަށް ވާފިޔާ ވަށްބަސް އުކަމުން ދިޔައެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަން އެތަނުގައި އިން އެލީޝާ އަތުގައިހުރި ޔޯގަޓް ތަށި ކަމުންދިޔައެވެ. އެވަގުތު ސިޑިން ފައިބައިގެން އައި އިޝްވާފެނި ޒީވާ އަވަސްއަވަހަށް ވާފިޔާގެ ބަސްތަކަށް ރައްދުދިނެވެ.

"މިއޮށް އައީނު އިޝްކޮ. މިއަަދު އިޝްކޮ ނުހޭލައިގެން މަންމަ ހީވަނީ މި ގެވެސް ވައްޓައިލައިފާނެހެން" ޒީވާ ސަމާސާ ރާގެއްގައި ބުންޏެވެ. ނަމަވެސް އިޝްވާ އައިސް އޭނާގެ ގާތުގައި އިށީނުމާއެކު އެ މޫނުމަތީގައިވި ސަމާސާގެ އަސަރު އެކީ އެކައްޗަކަށް ކެނޑުނެވެ. ދުޅަވެ ރަތްވެފައިވާ އިޝްވާގެ ދެލޮލާއި ފޮއްސިވެފައިވާ މޫނުފެނި އޭނާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އެވަގުތު ތައްޓަކަށް ތަރުކާރި ކޮށަން އެތަނަށްއައިސް އިށީން ވާފިޔާއަށް އިޝްވާގެ މޫނު ފެނި ސުވާލު ނުކޮށެއް ނުހުރެވުނެވެ.

"ދަރިފުޅާ.. ކިހިނެއްވީ؟ ބަލީތަ؟ ލޯވެސް މުޅިން ރަތްވެފައެއްނު ތިހިރީ؟" ވާފިޔާއަށް ކަންބޮޑުވެފައި އަހައިލެވުނެވެ.

"އޯހް.. ރަތްވެފަތަ؟ ރޭގަ މާގިނައިރު ފިލްމް ބަލަން އޮވެފަ މިއަފު މާ ލަސްވަންދެން ނިދުނީމަ ކަންނޭނގެ" އިޝްވާ ފޯނުގެ ކެމެރާއިން އަމިއްލަ މޫނަށް ބަލައިލުމަށްފަހު އަނެއްކާވެސް ޓީވީއަށް ސަމާލުކަންދިނެވެ. އޭނާއަށް ނޭނގުނުކަމަކީ އޭނާ އެ ހެދި ދޮގު ޒީވާއަށް ހަމަ ރަނގަޅަށްވެސް ފަޅާއަރައިފިކަމެވެ. ރޭގެ އެކެއްޖެހުމާ ގާތްވެފައި ވަނިކޮށް ޒީވާ އެކޮޓަރި ބެލިއިރު އިޝްވާ އޮތީ ނިދައިފައިކަން އޭނާއަށް އެނގެއެވެ. އިޝްވާގެ މޫނުމަތިން ފާޅުވާންހުރީ ކޮންމެވެސް ކަމަކާ މިއަދު ވަރަށް ގަދަޔަށް ރޮއެފައި ހުރިކަމުގެ އަލާމާތްތަކެވެ. ނަމަވެސް ވާފިޔާއާއި އެލީޝާ އެތަނުގައި އިނީތީ ޒީވާ އެވާހަކަ ނުދައްކައި މަޑުކޮށްލިއެވެ.

ޓީވީއިން ދައްކަމުންދިޔަ ބޭރުގެ ޑްރާމާއަކަށް އެންމެންގެ ސަމާލުކަން ހުއްޓިފައި ތިބިތާ އިރުކޮޅެއްގެ ތެރޭގައި ގޭގެ ދޮރު ހުޅުވައިލިއަޑު އިވުނެވެ. އެވަގުތަކީ އާންމުކޮށް ރާހިލް އޮފީސް ނިންމައިފައި އަންނަ ވަގުތުކަމުން އެތަނުގައި ތިބި އެންމެނަށްވެސް އެއީ ކާކުކަން އެނގުނެވެ. ރާހިލް ސިޑިއާ ދިމާލަށް އެޅި ފިޔަވަޅު އެމީހުންތިބި ދިމާލަށް އަނބުރައިލިއެވެ.

"އެންމެން ކަސޯޓީ ބަލާ ދުވަހަކީތަ؟" ރާހިލް ޖީބުގައި އޮތް ޓައިއާއި ވޮލެޓުނަގައި މޭޒުމައްޗަށް ދޫކޮށްލަމުން އެލީޝާގާތު ސޯފާގައި އިށީނެވެ. އޭނާ އެގޮތަށް އަމަލުކުރީ ކޮންމެހެން އެލީޝާގާތު އިށީނުމުގެ ނިޔަތުގައެއް ނޫނެވެ. އެއީ އެވަގުތު އެތަނުގައިހުރި ހަމައެކަނި ހުސްޖާގަ ކަމަށްވީތީއެވެ. ނަމަވެސް ރާހިލްގެ ކުށެއް ނުފެނިފައި އިން އިޝްވާގެ ލޭ އެކަމުން ކެކިގަތެވެ. އޭނާ އަވަސް އަވަހަށް އޭނާގެ ސިކުނޑީގައި ރާވައިލި ޕްލޭނާ އެއްގޮތަށް ވާހަކަފެށިއެވެ.

"ދޮންތި ދެކުނިންތަ ސިސްގެ އާ ހެއަރސްޓައިލް؟ ވަރަށް ރީތި ދޯ؟ ސިސްއާ މާ ގުޅޭ ދޯ ކޮށާލީމަ. ވޭވްސްތައް ދުއްވާލާފަ ފަންވެސް ކޮށްލާފަ އޮތީ" އިޝްވާ ލޮލުގެ ހިމަކޮޅުން އެތަނުގައި އިން ރާހިލްއަށް ބަލައިލަމުން ޒީވާގާތު ބުންޏެވެ. އޭނާ އުއްމީދުކުރި ފަދައިން އެ ވާހަކައާއެކު ރާހިލްގެ މޫނުމަތީގައިވާ ކުލަވަރު އޮއްސިގެން ދިޔަތަންފެނި އިޝްވާގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ.

"މި ދޭތެރެއިން ޝައި ހޮސްޕިޓަލްގަ އެޑްމިޓްކުރި ރެއަކު ކޮށާލާފަ އޮއްވާ ދުށިން. އެކަމަކު ސްޓައިލް ކުރިފަހުން އަދި ނުދެކެން. އަޅެ ދައްކަބަަލަ" އިޝްވާގެ ފޯނުން ދައްކައިލި ޝައިނާއާއެކު ނަގައިފައިވާ ސެލްފީއަށް ރަނގަަޅަށް ބަލައިލަމުން ޒީވާ ބުންޏެވެ.

"އެޔޮށް ރީތި އިސްތަށިގަނޑު ކޮށާލީތަ؟ ނުވާނެ އެހެނެއް!" ވާފިޔާއަކަށްވެސް މަޑަކުން ނީނދެވުނެވެ.

"އަޅެ މަންމަ ބަލާބަލަ" ޒީވާގެ އަތުން އަތުލި ފޯނު ވާފިޔާގެ އަތަށްދެމުން އިޝްވާ ބުންޏެވެ.

ވާފިޔާ އަތުގައި އޮތް ވަޅި ތަށީގެ ތެރެއަށް ދޫކޮށްލުމަށްފަހު ފޯނުގައި ހިފިއެވެ. ނަމަވެސް އެ ފޯނުގައިވާ ފޮޓޮއަށް ރަނގަަޅަށް ބަލައިނުލެވެންދެން ރާހިލް އަވަސް ހަރަކާތަކާއެކު ކުރިއަށް ޖެހިލައި އެ ފޯނު ޖަހައިގަތެވެ. ބުމަގޮށްޖަހައިލައިގެން އިނދެ ރަނގަޅަށް އެ ފޮޓޯއަށް ބަލައިލެވުނުއިރު އޭނާގެ ދެއަތް ތުރުތުރުލާން ފަށައިފިއެވެ. އަދި އެ ފޯނު އޭނާގެ އަތުން ވެއްޓުމުގެ ކުރިން އެތަނުގައިހުރި މޭޒުމައްޗަށް ދޫކޮށްލުމަށްފަހު އެތަނުގައިތިބި މީހުންގެ މޫނަށްވެސް ބަލަައިލުމެއްނެތި ހަރު ފިޔަވަޅުތަކެއްގައި ގޭގެ ދޮރާދިމާލަށް ހިނގައިގަތެވެ. ރާހިލްގެ ހަރަކާތްތައް ހުރިގޮތާމެދު ކަންބޮޑުވެފައި އިން އެލީޝާ އަވަސްއަވަހަށް ރާހިލްގެ ފަހަތުން ދުއްވައިގަތެވެ. އޭނާއަށް ރާހިލް އަތުޖެހޭވަރުވީ ގޭގެ ދޮރުން ނުކުތް ފަހުންނެވެ. އޭރު ރާހިލް ގޮސް ލިފްޓުގެ ފިތަށް ފިތައިލަނީއެވެ.

"ރާހިލް. ރާހިލް. މަޑުކޮށްބަލަ. އަރ ޔޫ އިންސޭން. ކޮންތާކަށް ތިދަނީ؟ ރާހިލް ތިހެން އުޅެންޏާ އެންމެނަށް އެނގޭނެ"

"ޔެސް އައިމް އިންސޭން!!" ރާހިލް ހަޅޭއްލަވައިގަތެވެ. "ދެން ހެޔޮ އެލީ. މިހާރު އަހަރެން ބޭނުންވަނީ އެންމެނަށް އެނގެން. މިދިޔަ ދެތިން ދުވަހު އަހަރެން ޝައިނާއާނުލައި އުޅެމުންދިޔަގޮތް އެންމެ ރަނގަޅަށް ފެންނާނީ އެލީއަށް. އެކަމަކު އެލީއަކަށްވެސް އަހަރެންގެ އެތެރެހަށީގަ މި އަޅަމުންދާ ވޭނެއް ނޭނގޭނެ. އައި ކާންޓް ޑޫ ދިސް އެނީމޯރ. އައި ކާންޓް ސްލީޕް ކާންޓް ބްރީތް ކާންޓް ފޯކަސް އޮން ވަރކް. އައި ކާންޓް ފަންކްޝަން ވިތައުޓް ހަރ އެލީ. އަހަރެން މިދަނީ ޝައިނާ ގެންނަން. ޒީ ބުނި އެއްޗެއް އެލީއަކަށް ނީވޭތަ؟ ޝައިނާ.. ޝައިނާ އެޑްމިޓް ކުރިއިރުވެސް އަހަރެންނަކަށް ނޭނގުނޭ! ސަމް ހަޒްބަންޑް އައި އޭމް" ރާހިލް އޭނާގެ އަމިއްލަ ނަފްސަށް މަލާމާތްކުރާ ފަދައަކުން އޭނާގެ ވާހަކަ ނިންމައިލިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

"ރާހިލް. ޖަޒުބާތުގަ ނުޖެހި ހަމަބުއްދިން ވިސްނާލަބަލަ. ތިއީ ރާހިލްއަށް ޝައިނާ އެޑްމިޓް ކުރިކަން ނޭނގުނީމަ މިވަގުތު ވެފައިހުރި ދެރައިން ދެއްކޭ ވާހަކަތަކެކޭ" އެލީޝާ ބުންޏެވެ.

"ނޫން. ޝައިނާއަކީ އަހަރެން ލޯބިވާ އަހަރެންގެ އަނބިމީހާ. އައިމް ސޮރީ އެލީ. އަހަރެންނަކަށް ދެން މިކަން ސިއްރެއް ނުކުރެވޭނެ. ޝައިނާ ބޭނުންނަމަ އެލީ ވަރިކުރަން ޖެހުނަސް އަހަރެން އެކަންވެސް ކުރާނަން" ރާހިލް ލިފްޓަށް އެރިއިރު އޭނާ އެންމެ ފަހުން ބުނި ޖުމްލައާއެކު އެލީޝާއަށް ހުރިތަނަށް ގަނޑުވެފައި ހުރެވުނެވެ. އޭނާއަށް ފަރާތަކަަށް ގުޑިލަންވެސް އެނގުނީ މިނެޓެއްހާއިރު ފަހުންނެވެ. ހަމައެއާއެކު އަވަސްއަވަހަށް އޭނާ ގޭތެރެއަށްވަނެވެ. ސޯފާގައިތިބި ތިންމީހުނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ސިޑިން މައްޗަށް އެރިއެވެ.

*******************

އެންމެ ކައިރިން ލިބުނު ޖާގައިގައި ސައިކަލު ޕާކުކޮށްލުމަށްފަހު ރާހިލް މަގުގެ އަނެއްފަރާތުގައިހުރި އިމާރާތަށް ވަނުމަށް ދުއްވައިގަތެވެ. ހަލުވިކަމާއެކު ސިޑީގެ ހަރުފަތްތަށް ގިރާކޮށްލަމުން ތިންވަނަ ފަންގިފިލާއާ ހިސާބަށް ދިޔައިރު އޭނާގެ ކަސްރަތީ ހަށިގަނޑުން ވަރުބަލިކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. ޝައިނާމެން ދިރިއުޅުނު އެޕަރޓްމެންޓްގެ ތަޅުގައި ދެފަހަރަކު ހިފައިލުމަށްފަހު ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގައި އޭގެން ތަޅުދަނޑިއެއްގެ އެހީގައި ދޮރު ހުޅުވައިލަން މަސައްކަތްކުރިއެވެ. ތަޅު ބަދަލުކޮށްފައި ހުރިކަން އޭނާއަށް ރޭކައިލީ ދޮރު ހުޅުވަންކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. ރާހިލް ފޯނު ނަގައި ޝައިނާއަށް ގުޅަންކުރި މަސައްކަތްވެސް ވީ ބޭކާރެވެ. ފޯނު ނިއްވައިލައިފައި ކަމަށް ތަކުރާރުކޮށް އަންގަމުންދިޔައިރު ސޯޝަލް މީޑިއާގެ އެއްވެސް މަންސައަކުންވެސް ޝައިނާގެ އެކައުންޓެއް ފެންނާކަށްނެތެވެ.

ރާހިލް ރުޅިއައިސްފައިހުރެ ބާރުބާރަށް ފައިން ދޮރުގައި ޖެހި ވަގުތު ތިރީ ފަންގިފިލާގައިހުރި އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި އަޑު އިވުމާއެކު ރާހިލް އަވަސް އަވަހަށް ތިރިއަށް ފޭބިއެވެ.

"ކާކު ހޯދަނީ؟" އެ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި ސާދަ ފަނަރަ އަހަރުގެ ކުޑަ ފިރިހެންކުއްޖާއަށް ރާހިލް ފެނުމާއެކު އަހައިލިއެވެ.

"މިބައިގަ އުޅުނު މީހުން ކޮބާ؟" ރާހިލް ސިޑި މަތީގައި އެހުރިގޮތަށް ހުރެ ބުންޏެވެ.

"ޝިމާންބެމެން ދޯ؟ އެމީހުން އެހެން ގެއަކަށް ބަދަލުވެއްޖެ. ނޭނގެ ދިޔަ ތަނެއް އެކަމަކު އިއްޔެ ދިޔައީ" އެކުއްޖާގެ ޖަވާބާއެކު ރާހިލްގެ ސިކުނޑި ސުމަކަށްދިޔައެވެ. ޝައިނާ ހަމަ ހަގީގަތުގައިވެސް އޭނާ ދޫކޮށްލަން ނިންމައިފިކަން އެނގުމާއެކު ރާހިލްގެ މުޅިދުނިޔެ ހުއްޓުމަކަށް އައިހެން ހީވިއެވެ. ނަމަވެސް އެމީހުން ދިޔަތަނެއް އެނގޭނެ އެކަކުވެސް ހުރިނަމަ އެމީހަކަށްވާނީ އިޝްވާއޭ އޭނާގެ ހިތް ބުންޏެވެ. ރާހިލް އެކުއްޖާއަށް ޝުކުރު އަދާކުރުމަށްފަހު އެތަނުން ދިޔުމަށްޓަކައި އަވަސްވެގަތެވެ.

"އިޝްވާ!! އިޝްވާ!!" ގެއަށް ވަނުމާއެކު ރާހިލް އަޑަށް ބާރުލައިފައި އިޝްވާގެ ނަމުން ގޮވަންފެށިއެވެ. އެއަޑަށް ބަދިގޭގައި އުޅުނު ޒީވާއާއި ވާފިޔާވެސް ދުވެފައި ނުކުތެވެ.

"ދޮންބޭ" ޒީވާއަށް ރާހިލް ފެނުމާއެކު ގޮވައިލެވުނެވެ. ލިބިފައިވާ ހާސްކަމުގެ ސަބަބުން ރާހިލްގެ މޫނުގައި ދާތިކިތައް ވިދަމުންދިޔައެވެ.

"ކޮބާ އިޝްވާ؟" ރާހިލް ސުވާލުކުރިއެވެ. ޒީވާ ޖެހިލުންވެފައިހުރެ މަތީ ފަންގިފިލާއަށް އިޝާރާތްކޮށްލުމާއެކު ރާހިލް ކޮންމެ ދެހަރުފަތުން އެއްހަރުފަތުގައި ފައި އަޅަމުން ސިޑިން މައްޗަށް ދުއްވައިގަތެވެ. ޒީވާއާ ވާފިޔާއަށް ކަންބޮޑުވެފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި ޒީވާވެސް ވެގެންއުޅޭ ގޮތެއް ހޯދުމަށްޓަކައި ރާހިލްގެ ފަހަތުން ދުއްވައިގަތެވެ. އޭނާގެ ފަސްފަހަތުން ކަހަލަގޮތަކަށް ވާފިޔާވެސް ލަސްފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އެރިއެވެ.

"ކޮބާ ޝައިނާ؟ އޭތް ކޮބާހޭ ޝައިނާ؟" ރާހިލް އިންޒާރަކާނުލައި އިޝްވާގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަނެވެ. އެނދުމަތީގައި އިން އިޝްވާ ދެލޯ ފޮހެލުމަށްފަހު އައިސް ރާހިލްއާ ކުރިމަތިލިއެވެ. ރާހިލް ފެނުމާއެކު އައި ރުޅީގައި އޭނާގެ ކަރުނަތައްވެސް ހުއްޓުނީއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރުމައްޗަށް އައިސް ހުއްޓުނު ޒީވާއާއި އެލީޝާފެނި އިޝްވާ ލޮލުން ރާހިލްއަށް އެކަން އިޝާރާތްކޮށްލިއެވެ.

"އައި ޑޯންޓް ގިވް އަ ޑޭމްން އެނީމޯރ! ބުނޭ! ޝައިނާ ކޮބާ؟" ރާހިލް ފަސްއެނބުރި ބަލައިލުމެއްނެތި ބުންޏެވެ. އޭނާގެ އަޑު ރުޅިން ތުރުތުރުލާންފެށިއެވެ. ރާހިލްގެ އެ ސުވާލާއެކު ފަހަތުގައިހުރި ޒީވާއަށް ކަމެއް ނަގައިގަނެވުނު ފަދައިން ދެލޯ ބޮޑުކޮށްލެވުނެވެ.

"އޯކޭ. ސޯ ޔޫ ޑޯންޓް ކެއަރ އަބައުޓް ޔޯރ ނޮޓް ސޯ ލިޓްލް ސީކްރެޓް އެނީމޯރ؟ ފައިން! އެކަމަކު ތި ކެއަރ ކުރުން ހުއްޓާލަންވި ވަގުތު މިހާރު މާބޮޑަށްވެސް ފާއިތުވެއްޖެ! ޝީ އިޒް ގޯން. އެކަންތައްކުރީ ހަމަ ރަނގަޅަށް. ތި ފިނޑި މީހާ ދޫކޮށްލާފަ ސިސް ދާން މިހާރު މާ ލަސްވެސްވެއްޖެ" އިޝްވާގެ އަޑުން އޭނާ ރާހިލްދެކެ ހިތްހަމަނުޖެހިފައި ހުރިމިންވަރު ފާޅުވަމުންދިޔައެވެ.

"ކޮންތާކަށް ދިޔައީ؟" ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރުޅިމަޑުކުރެވޭތޯ މަސައްކަތްކުރަމުން އަހައިލިއެވެ.

"އައި ޑޯންޓް ނޯ! ޔޫ ޓެލް މީ! ޔޫ އަރ ދަ ވަން މެރިޑް ޓު ހަރ ރައިޓް؟" އިޝްވާ ވައްޓައިލި ބޮމާއެކު ޒީވާގެ އިތުރުން އެވަގުތު އެތަނަށް އައިސް މަޑުކޮށްލި ވާފިޔާގެ ހަރަކާތްތައްވެސް ގަނޑުވިއެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން ދޮންބެގާތު ނުބުނަންތަ ސިސްއާ ދުރުގަ ހުންނާށޭ؟ ތި ގުޅުމާ ދެކޮޅެއް ނަހަދަންތަ؟ އެއީ ދޮންބެއާ ސިސްގެ ކޮންމެ މައްސަަލައަކީ އަހަރެންނާއި މާނުގެ މައްސަލައަކަށް ވާނެތީ! އެކަމަކު ދޮންބެ އަހަރެންނާ ދޭތެރޭ ނުވިސްނާ.. ސިސްއާ ދޭތެރޭވެސް ނުވިސްނާ ސިސްގެ ނިކަމެތި ކަމުގެ ފައިދާނެގީ. ސިސްގެ އާއިލާއެއް ނެތީމަ ދުނިޔެއަށް ސިއްރުން ކައިވެނިކޮށްގެން ހިތުހުރިހާ ގޮތެއް ހަދާލެވޭނޭ ހީކުރީތަ؟ ތި ހީވީ ވަރަށްބޮޑު ކުށްހީއެއް. ސިސްއަކީ އެއްވެސް މީހަކަށް އެކަހަލަ ފުރުސަތެއްދޭނެ މީހެއްނޫން. ސީ.. ޝީ އިޒް ގޯން. ލެފްޓް އަސް! ލެފްޓް ޔޫ! ދޮންބެއާހެދި އަހަރެންނާ މާނުގެ ރިލޭޝަންޝިޕްވެސް–" އިޝްވާގެ ވާހަކަ ކުރިއަށް ގެންދަން އުނދަގޫވިއެވެ. ލޮލަށް ގިނަވަމުންއައި ކަރުނަތައް ފޮރުވައިލުމަށްޓަކައި އޭނާ ރާހިލްއާ ދުރަށްގޮސް އެނދުގައި އިށީނެވެ. "މާނުވެސް އަހަރެން ދޫކޮށްލީ ހަމަ ދޮންބެއާހެދި. އަހަރެން ދުވަހަކުވެސް ދޮންބެއަކަށް މާފެއް ނުކުރާނަން!" އެހިސާބަށް އިޝްވާގެ ވާހަކަ ދިޔައިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވެންފަށައިފިއެވެ.

"އިޝީ ޕްލީޒް. އައިމް ބެގިންގް ޔޫ! އެންމެ ފަހަރަކު އަހަރެންގާތު ޝައިނާ ވީތަނެއް ބުނެބަލަ. އަހަރެން ބޭނުން އަހަރެންނަށް ހެދުނު ހުރިހާ ގޯހެއް ރަނގަޅުކުރަން." ރާހިލް އިޝްވާގާތު އިށީނދެލަމުން އާދޭހާއެކު އެދުނެވެ.

"އިޝީ.." ޒީވާއަކަށް މަޑަކުން ނުހުރެވުނެވެ. ކޮޓަރީގެ ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އިޝްވާއާ ސުވާލު ކުރެވުނެވެ. "ޝައި.. ޝައި ކޮންތާކަށް ދިޔައީ؟"

"އައި ކާންޓް ޓެލް ޔޫ ދެޓް" އިޝްވާ ބޯ ހޫރައިލިއެވެ. އޭރު ގޮތްހުސްވެފައިހުރި ރާހިލްގެ ދެލޯވެސް ފެންކަޅިވާން ފަށައިފިއެވެ.

"އިޝީ ޕްލީޒް.. އެޓްލީސްޓް ޝައިނާ ރަނގަޅުތޯ ހުރީ ހެޔޮހާލުގަތޯ އަހަރެންގާތު ބުނެދެވިދާނެތަ؟" ރާހިލް އަހައިލިއެވެ. އެ އަޑުގައިވާ ހިތާމައިގެ އަސަރުން އިޝްވާގެ ހިތްމަޑުވިއެވެ. ރާހިލްދެކެ އައިސްފައިވާ ރުޅި ހަނދާން ނައްތައިލުމަށްފަހު ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ.

"އަހަރެންނަށް ދޮންބެގާތު ބުނެވެން ނެތީ އަހަރެންނަށްވެސް އެ ދިޔަތަނެއް ނޭނގޭތީ. އެނގޭހާވެސް އެއްޗަކީ އެމީހުން ރޭގަ ރާއްޖެ ދޫކޮށް ފުރައިފިކަން. އެކަމަކު އިރާދަކުރެއްވީތީ ސިސްހުރީ ހެޔޮހާލުގަ. އަހަރެން ރޭގަ ސިސްއާ އެއްކޮށް ކޮފީ– ވެއިޓް"

ކުއްލިއަކަށް އިޝްވާ ކަމެއް ހަނދާންވި ފަދައިން އިންތަނުން ތެދުވެގެންގޮސް ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވައިލިއެވެ. ރާހިލްއަށް މިވަމުންދާގޮތް ނޭނގިފައިހުރެ އިންތަނުން ތެދުވި ތަނާހެން އިޝްވާ އެ ވަތްގަނޑުން ނެގި ހުދުކުލައިގެ ކުޑަފޮށްޓެއް ރާހިލްގެ އަތަށް ދިއްކޮށްލިއެވެ.

"ތިއީ ސިސް ރޭގަ ކޮފީއަށްގޮސް އަހަރެންގާތު ދޮންބެއާ ހަވާލުކޮށްދޭށޭ ކިޔާފަ ދިން އެއްޗެއް. އަހަރެން ހީކުރީ ތިއީ ދޮންބެ އެގޭގަ ހަނދާން ނައްތާލާފަ އޮތް އެއްޗެއްކަމަށް. ބަޓް އައި ގެސް ދެޓްސް އަ ގުޑްބައި ގިފްޓް" އިޝްވާގެ ވާހަކަ ނުނިމެންދެން ރާހިލް އޭގައިވާ ރިބަނާއި ޓޭޕްތައް ކަނޑައިލުމަށްފަހު ފޮށި ހުޅުވައިލިއެވެ. އެ ފޮށީގައިވަނީ ތުއްތުކުއްޖެއް ވިހެއުމާއެކު ފަޔަށް ލައްވާނެހާ ކުޑަކުޑަ ހުދުކުލައިގެ ބޫޓުކޮޅެކެވެ. އެ ބޫޓާއެކު މާބަނޑުގައިވާ ކުޑަކުއްޖެއްގެ ސްކޭން ފޮޓޯއެއްވެސް ބާއްވައިފައިއޮތެވެ.

"ހެލޯ ޑެޑީ" ތުރުތުރު އަޅަމުންދިޔަ އަތަކުން ރާހިލް އެ ސްކޭންފޮޓޯ ނެގުމަށްފަހު އޭގެ އަނެއްފަރާތުގައިވާ ކުރު މެސެޖު ކިޔައިލިއެވެ. އެއާއެކު އޭނާގެ ފައިން ހަމަ ކައްސައިލި ފަދައިން ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ.

ޒީވާއަށް ރާހިލްގެ އަތުގައި އޮތީ ކޯއްޗެއްކަން އެނގުމާއެކު އޭނާ ހަމަބުއްދި ފިލައިދިޔަ ކަހަލައެވެ. ތިން ދުވަސްވަންދެން އޭނާ ހޯދަން މަސައްކަތްކުރި ޝައިނާގެ ދިރިއުޅުން ހަލާކުކޮށްލި މީހާ މިހުރީ އޭނާގެ ކުރިމަތީގައެވެ. އެއީ އޭނާގެ ނަފްސަށްވުރެވެސް ބޮޑަށް އެމީހަކަށް އިތުބާރުކުރަމުންދިޔަ އޭނާގެ ބޭބެއެވެ. ސިކުންތެއްވެސް ލަސްކުރުމެއްނެތި އޭނާ ރާހިލްއާ ގާތަށް ދުރުފިޔަވަޅެއް އަޅައިލުމަށްފަހު ރާހިލްގެ ގަމީހުގެ ގިރުއާނުގައި ހިފައިގަންނަމުން އޭނާ ހަޅޭއްލަވައިގަތެވެ.

"އިޓްސް ޔޫ! ޔޫ ޑިޑް ދިސް ޓު ހަރ؟ ޔޫ ބަސްޓަރޑް!! ޝައިނާއަށް އެ ހުރިހާގޮތެއް ހެދިއިރު ކަލޭގެ ލަދުކޮބާ؟ ޑޫ ޔޫ އިވަން ލަވް ހަރ ޔޫ ޕީސް އޮފް ޝިޓް! އައި ޑޯންޓް ކެއަރ އިފް ޔޫ މެރީޑް ހަރ އޯރ ނޮޓް! ބަޓް ޑޫ ޔޫ އިވަން ނޯ ހައު ޑޭންޖެރަސް އިޓް އިޒް ފޯރ ހަރ ޓު ހޭވް އަ ޗައިލްޑް. ޝައިނާގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށްލާން ކަލޭ ކުޑަކޮށްވެސް ޖެހިލުން ނުވީތަ އޭން؟" ޒީވާ ލަވަމުންދިޔަ ހަޅޭކަށް ބަދަލެއް ނައިނަމަވެސް އިޝްވާއާއި ވާފިޔާގެ މަސައްކަތުން ޒީވާ ރާހިލްއާ ދުރުކުރެވުނެވެ.

"ދޮންތީ.. ލީވް އިޓް. ހީ އިޒް އިން އަ ޝޮކް ނައު" ޒީވާ މައިތިރިކުރެވޭތޯ މަސައްކަތްކުރަމުން އިޝްވާ ބުންޏެވެ. ރާހިލްއަށް ބަލައިލުމާއެކު އެއީ ކިހާބޮޑު ތެދެއްކަން ޒީވާއަށް ޔަގީންކުރެވުނެވެ. އަތުގައި އޮތް ސްކޭނަށް ބަލަހައްޓައިގެން ހުރި ރާހިލްއެކޭ މަރުވެފައިހުރި މައްޔިތެކޭ ތަފާތެއްނެތެވެ. އެ ސިކުނޑީގައި ހިނގަމުންދާ ޝުއޫރެއް އެތަނުގައިހުރި އެކަކަށްވެސް ނޭނގެއެވެ.

"ޓެލް މީ. ރިއާންއަށް އެނގޭތަ؟" ޒީވާގެ ސުވާލު މިފަހަރު އަމާޒުކުރީ އިޝްވާއަށެވެ.

"ދޮންތީ.." އިޝްވާ މާޔޫސްވެލައިފައި އޭނާއަށް ގޮވައިލި ރާގުން ޒީވާއަށް އޭނާ އެހި ސުވާލުގެ ޖަވާބު ލިބިގެންދިޔައެވެ. އެއާއެކު އޭނާ އިޝްވާގެ އަތުތެރެއިން ވީއްލިގަންނަމުން ފަހަތައް ޖެހުނެވެ.
"އަޅެ ދޮން–"

"ޝޫޝް" ޒީވާ ހަޅޭއްލަވައިގަތެވެ. "ޔޫ އޯލް ލައިޑް ޓު މީ. ރިއާން.. ރިއާންވެސް. އެންމެން ދޮގު ހެދީ. އެންމެން.. އެންމެން.." ޒީވާ ދެކަންފަތުގައި އަތްއަޅައިގެންހުރެ ބޯ ހޫރަމުން އެތަނުން ފަހަތައް ފިޔަވަޅެއް އަޅައިލިއެވެ. އިޝްވާ ޒީވާގެ ގާތަށް ކުރިއަށް އަޅައިލާ ކޮންމެ ފިޔަވަޅަކާއެކު ޒީވާ ފަހަތައް ފިޔަވަޅެއް އަޅަމުންގޮސް އެންމެފަހުން އެ ކޮޓަރިން ނުކުތުމަށް ދުއްވައިގަތެވެ. އެއާއެކު އިޝްވާގެ ސަމާލުކަން އަނެއްކާވެސް އެތަނުގައިހުރި ރާހިލްއަށް ހުއްޓުނެވެ.

"ދަރިފުޅާ.. މަންމަގާތު.."

ވާފިޔާގެ ވާހަކަ ނުފެށެންދެން ރާހިލްގެ ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. ބަޔަކު ސިއްސައިގެންދާހާ ބާރަށް އޭނާގެ ދެކަކޫ ޓައިލްސްތަކުގެ މަތީގައި ޖެހުނުއިރު އެއަށްވުރެ ބާރަށް އިވެންފެށީ އޭނާގެ ވޭނީ ރުއިމުގެ އަޑެވެ. ނަމަވެސް ހިތެއް ފުނޑުފުނޑުވާ އަޑު އިންސާނުންނަށް އިވޭނަމަ އެވަގުތު ރާހިލްގެ ހިތް ފުނޑުފުނޑުވި އަޑު އެ ދެ އަޑަށްވުރެވެސް ބާރަށް އެތަނުގައިތިބި މީހުނަށް އިވޭނެކަން ގައިމެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!