Episode 57
ހިތް އެދޭހާ ކަމެއް.. (57 ވަނަބައި)
ކުއްލިއަކަށް އިވުނު ރަނގަބީލުގެ އަޑާއެކު ދެމީހުންގެ ނަޒަރު ގޭގެ ދޮރާ ދިމާލަށް ހުއްޓުނެވެ. ޝިމާން ގޮނޑިން ތެދުވެ ދޮރާއި ދިމާލަށް ފިޔަވަޅެއް އަޅައިލިނަމަވެސް އޭނާއަށްވުރެން ކުރިން ޝައިނާ ދުވެފައިގޮސް އެ ދޮރު ހުޅުވައިލިއެވެ. ބޭރުގައި މަޑުކޮށްލައިގެންހުރި ރާހިލް ފެނުމާއެކު ޝިމާންގެ ލޭ ރުޅިން ކެކިގަތެވެ. ކުރިއަށް އަޅައިލި ފިޔަވަޅު މިފަހަރުވެސް އޭނާއަށް ހުއްޓައިލަންޖެހުނީ ޝައިނާގެ ސަބަބުންނެވެ. ދޮރުން ވަތް ރާހިލްގެ ކަންކަށިމައްޗަށް އަރައިގެންދިޔައީ ޝައިނާގެ އަތުގެ ހޫނު ހަމަލާއެކެވެ.
ރާހިލްގެ ދުލުން ދިފާއުގައި އެންމެ ލަފްޒެއްވެސް ނުނިކުތެވެ. ކުށްވެރިއެއްފަދައިން އިސްޖަހައިލައިގެން ހުރުމަށްފަހު އިސްއުފުލައިލި ވަގުތު އަނެއްކާވެސް ހަމަ އެ ހޫނުކަންމަތީ އިތުރުހަމަލާއެއް އޭނާގެ މޫނުމައްޗަށް އަރައިފިއެވެ.
"ނުކުމޭ" ރާހިލްގެ މޭގައި އަތްއަޅައި ކޮށްޕައިލަމުން ޝައިނާ ހަޅޭއްލަވައިގަތެވެ. އެކަމުގެ ސަބަބުން ރާހިލްގެ ހަށިގަނޑަކަށް ކުޑަވެސް ލޮޅުމެއް ނައެވެ.
"ރާހިލް މިގެއަށް އަންނާކަށް ނުޖެހޭނެ. ނުކުމޭ!" ޝައިނާ ދެންވެސް ރާހިލްގެ މޭގައި އަތްއަޅައި ކޮށްޕައިލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.
ރާހިލް ސޯފާގައި އިން ޝިމާންއަށް ލޮލުން އިޝާރާތެއް ކޮށްލުމާއެކު ޝިމާންއަށް ރާހިލް ބުނަން އުޅުނު އެއްޗެއް ދޭހަވި ފަދައިން އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަނެވެ. ޝައިނާއާ ރާހިލްގެ ދެމެދުގައި ވެވޭ ދެބަސްވުމެއްގެ މެދުގައި އޭނާ ހުރުމަކީ ރަނގަޅުގޮތް ނޫންކަމުގައި އޭނާއަށްވެސް ވިސްނުނެވެ. އަދި ރާހިލްގެ ފަރާތުން ޝައިނާއަށް ޖިސްމާނީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ވީއިރު އޭނާ އެތަނުގައި ހުންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ރިއާންއަކަށް ގަބޫލެއް ނުކުރެވުނެވެ.
ރާހިލް ލަސްފިޔަވަޅުތަކެއްގައި އައިސް ސިޓިންގްރޫމްގެ މެދަކާ ހިސާބަށާ ހުއްޓިލި ވަގުތު ހުޅުވިފައިވާ ކޮޓަރީގެ ތެރެއިން ޝައިނާ އޭނާއާ ދިމާލަށް ހިކިފައި އޮތް މާބޮނޑިއެއް ހޫރައިލިއެވެ. އެ މާތަށް ރާހިލްގެ ގައިގައި ޖެހި ކުދިކުދިވެގެން ބިންމައްޗަށް ފޭބުމާއެކު އަނެއްކާ އިތުރު މާބޮނޑިއެއް ހޫރައިލިއެވެ. އެއަށްފަހު ދެން އޭނާއާ ދިމާލަށް އައީ ރީނދޫ ކުލައިގެ ކުޑަ ކުޑަ ރަބަރު އަސްދޫންޏެވެ. އެއީ އޭނާގެ ފަރާތުން ޝައިނާއަށް އެކިފަހަރުމަތިން ހަދިޔާކޮށްފައިވާ މަލާއި ދޫނިތައްކަން ރާހިލްއަށް ނަގައިގަނެވުނެވެ. ރާހިލް އެގޮތް މިގޮތުން އޭނާއާ ދިމާލަށް އައި ކޮންމެ އެއްޗަކުން ރެކެމުން ޝައިނާއާ ގާތަށް ފިޔަވަޅު އަޅަންފެށިއެވެ.
"ޝައިނާ ޕްލީ–"
"އާހް!" ޝައިނާ ރާހިލްގެ ވާހަކަ އަޑު ނޭހުމަށްޓަކައި ކަންފަތުގައި އަތް އަޅަމުން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.
"އަހަރެން ކިޔާ އެއްޗެއް އަޑު އަހާ–"
"ނޫނެކޭ. ބޭނުމެއް ނޫނޭ އަޑު އަހާކަށް. ރާހިލް ކީ ކޮންމެ އެއްޗެއް އަޑު އަހައި ގަބޫލުކޮށްގެން އަހަރެންނަށް ހުރެވިއްޖެއެއްނު! މިއީ ހުސް މަށަށް ހެދި ދޮގާއި މަކަރާއި އޮޅުވާލުމުގެ ހެކިތައް" ޝައިނާ އެންމެފަހަށް އޮތް މާބޮނޑި އަތުގެ ކޮޅަށް ހޫރައިލުމަށްފަހު ކޮޓަރިން ނުކުތެވެ.
"ޝައިނާ ހެޔޮނުވާނެ. އަހަރެން އެއްވެސް ދޮގެއް ނަހަދަ–"
"އާހް! ނުކުންނާށޭ!!!" ޝައިނާ މޭޒުމަތީގައިހުރި ބިއްލޫރި ތަށްޓެއް ނަގައި ރާހިލްއާ ދިމާލަށް ހޫރައިލިއެވެ. ރާހިލް ފަރާތަކަށް ޖެހިލިނަމަވެސް އެ ތަށި އޭނާގެ ކަންފަތް ކައިރިން ވައި އަޅުވައިލުމަށްފަހު ގޮސް ފާރުގައިޖެހި ބިއްލޫރި އެތިކޮޅުތަކަށް ކުދިކުދިވެގެން ދިޔައެވެ. އޭރު ޝައިނާގެ މުޅި ހަށިގަނޑަށް އަރައިފައިވާ ބާރެއްގެ ސަބަބުން އެ ހަށިގަނޑު ތުރުތުރުލަމުންދިޔައެވެ. އެހިސާބުން ރާހިލްއަށް ޝައިނާގެ ހަރަކާތްތަށް ހުއްޓުވުމަށް މަޖުބޫރުވިއެވެ. ޝައިނާއަކީ ނަފްސާނީގޮތުންވެސް ގޮންޖެހުންތަކެއް ހުރި ކުއްޖެއްކަން އޭނާއަށް އެނގޭތީއާއެކު ޝައިނާގެ ރުޅި ކޮންޓްރޯލުން ނެއްޓެން ފަށައިފިހެން ރާހިލްއަށް ހީވާންފެށިއެވެ. އެ ރުޅީގެ ސަބަބުން ޝައިނާގެ އެއްވެސް އަމަލެއް ހައްދުން ފަހަނައަޅައިގޮސް ފަހުން އެކަމާ ހިތާމަ ކުރާނެ ފުރުސަތެއް ދޭކަށް ރާހިލް ބޭނުމެއްނޫނެވެ. ޝައިނާ ހުއްޓައިނުލައި ރާހިލްގާތު ކުރިއަށް ނައުމަށް އިންޒާރުދެމުން ދިޔަނަމަވެސް ރާހިލް ނުހަނު ވިސްނައިގެން މަޑުމަޑުން ޝައިނާއާ ދިމާލަށް ފިޔަވަޅު އަޅަމުންދިޔައެވެ.
"ނާންނާށޭ ރާހިލް. ނާން.. ނާ.." ޝައިނާގެ ވާހަކަ މެދުކެނޑުނީ ރާހިލް ގެނައި ކުއްލި ހަރަކާތަކާއެކު ޝައިނާގެ ގައިގައި ބައްދައިލުމުންނެވެ. އެއާއެކު ޝައިނާ ރާހިލްދެކެ އައިސްފައިވާ ރުޅި ފިލައިދިޔައީ ކިހިނެއްކަމެއްވެސް ނޭނގުނެވެ. ރާހިލްގެ އެ ކުޑަ އޯގާތެރިކަމުންވެސް ޝައިނާގެ ހިތް މަޑު ފުށްކޮޅަކަށް ބަދަލުވިއެވެ. ދެފަހަރަކު ރާހިލްގެ މޭގައި އަތް އަޅައި ކޮށްޕައިލި ނަމަވެސް ދެވަނަ ސިކުންތުގައި ރޮމުން ރޮމުން ރާހިލްގެ މޭގެ ތެރޭގައި ބޮނޑިވެލިއެވެ.
"ކީއްވެ ރާހިލް؟ ކީއްވެ އެހެންހެދީ؟ ކީއްވެ ކީއްވެ؟" ޝައިނާގެ ޝަކުވާއާ ރުއިމުގެ އަޑު އިވުމާއެކު ރާހިލްގެ ހިތް ކުދިކުދިވިއެވެ. ނަމަވެސް އޭނާ އެލީޝާއަށް ވެފައިވާ ވައުދުގެ މަތިން ހުރިހައި ކަމެއް ޝައިނާއަށް ވިސްނައިދޭވޭތޯ މަސައްކަތް ކުރިއެވެ.
"ޝައިނާ ޕްލީޒް. އަޑު އަހާބަަލަ" ޝައިނާ ރާހިލްގެ ގައިން ދޫކޮށްލުމަށްފަހު އެތަނުގައި ހުރި ސޯފާގައި އިށީނުމާއެކު ރާހިލް އެދުނެވެ.
"ނޫން ރާހިލް ނޫން. ދެން އަޑު އަހާނެ އެއްޗެއް ނެތޭ. ދެން ކުރެވޭނެ އެއްވެސް ކަމެއްނެތް. ރާހިލް އަހަރެންނަށް އޮޅުވާލީ ކީއްވެ؟ ކައިވެނިކުރާތާ މަހެއްހާ ދުވަސްތެރޭ އެލީ ވަރިކުރާނަމޭ ރާހިލް ބުނީމެއްނު؟ އެކަމަކު ރާހިލް ތި ހެދީ ކިހިނެއް؟ އެލީޝާ ގޮވައިގެން އައިސް އާއިލާގެ ކުރިމަތީގަ އެއީ ރާހިލްގެ ކުއްޖެއްކަން އެއްބަސްވީ.. ދުވަހަކުވެސް ތި އާއިލާއަށް އަހަރެމެންގެ ކައިވެނި ނާންގަން ވެގެންތަ؟ ރާހިލް ދުވަހަކުވެސް އަހަރެންނާއެކު އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުން ނުވަނީތަ؟ އޭމް އައި އަ ޖޯކް ޓު ޔޫ ރާހިލް؟ ވައި އާރ ޔޫ މޭކިންގް މީ އަ ފޫލް. އަހަރެންގެ ދިރިއުޅުން.. އަހަރެންގެ އިހުސާސްތައް ރާހިލް ކުޅޭ ކުޅިވަރަކަށް ތި ހަދަނީ ކީއްވެ؟"
ޝައިނާގެ އަޑުގައި އަދިވެސް ރުއިމުގެ އަސަރު ހުއްޓެވެ. އެ ދެލޮލުގައިވާ ކަރުނަތައް ހުއްޓުމަކަށް އައިސްފައިވިޔަސް އެ އަޑުގައިވާ ގިސްލުމުގެ އަސަރު އަދިވެސް ނުކެނޑެއެވެ. ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝައިނާގެ ކުރިމައްޗަށް ވާގޮތަށް ބިންމަތީގައި ދެކަކޫ ޖަހައިލައިގެން އިށީނެވެ.
"ޕްލީޒް ތިހެން ނުބުނޭ. އަހަރެން ޝައިނާދެކެ ވަރަށް ލޯބިވޭ. އެކަމަކު އެލީއަށް އެހީވާން އަހަރެންގެ ހަމަބުއްދި އަހަރެންނަށް މަޖުބޫރުކުރޭ." ރާހިލް ބުންޏެވެ.
"ކޮންކަހަލަ މަޖުބޫރެއް؟ އެލީޝާގެ ދަރިފުޅުގެ ބައްޕައަކީ ރާހިލްއެއް ނޫނެއްނު؟ އެ ޒިންމާ ނަގާނެ އެހެން މީހަކު ހުންނާނެއެއްނު؟" ޝައިނާއަކަށް ނުވިސްނުނެވެ.
"އަހަަރެމެން ތިން މީހުންނަށްވެސް ހީވީ ތިހެން. އެކަމަކު ޖޯޝްއަކީ އެލީ ހީކުރި ކަހަލަ މީހަކަށްނުވި. އަހަރެމެން ރާޝިޔާއަށް ދިޔަތާ ހަތަރުވަނައަށްވީ ދުވަހު ޖޯޝުއާމެންގެ އަވަށަށް ދިޔައިން. އެކަމަކު…" ރާހިލް ފަރުވާތެރިކަމާއެކު އެލީޝާއަށް ދިމާވި ހުރިހާކަމެއް ޝައިނާއަށް ތަފްސީލުކޮށްދިނެވެ.
"ޝައިނާ ބުނެބަލަ. އެލީ އެހާލުގަ އިންދާ އިތުރަށް އެކަނިކޮށްލަން އަހަރެންނަށް ކެރޭނީ ކިހިނެއް؟ އަހަރެން އަދިވެސް ހަނދާން އެބަހުރި މަންމަ ޒީއަށް ޕްރެގްނެންޓް އިރު އެއްވެސް މީހެއްގެ އެހީއަކާ ނުލައި އުޅުނު ހާލު. ސޯ ޖަސްޓް ވެއިޓް. އެލީ ވިހަންދެން ތްރީ މޯރ މަންތް–"
"ތްރީ މަންތްސް؟ ތްރީ މަންތްސް ރާހިލް؟ ތި ތިންމަސް ތިން އަހަރަށް ބަދަލުނުވާނެ ކަމެއް އަހަރެންނަށް އެނގެނީ ކިހިނެއް؟ ފުރަތަމަ އަހަރެންގާތު އެލީޝާގެ ވާހަކަ ދެއްކިއިރުވެސް ބުނީ ހަމަ ތި ތްރީ މަންތްސް އެއްގެ ވާހަކައެއް ނޫންތަ؟ ތިންމަސްތެރޭ އެލީޝާއާ ކައިވެނިކޮށް ރަޝިއާއަށް ގޮވައިގެންގޮސް ވަރިކޮށްފަ އަންނާނަމޭ އެއްނޫންތަ؟ އެ ތިންމަސް އަހަރެން ރާހިލްއަށްޓަކައި ކުރަމުންދިޔައީ ހާދަ ފޮނި އިންތިޒާރެކޭ. ދެން މި ތިންމަސް ނިމުނީމަ ބުނާނީ ކީކޭ. އެލީޝާގެ ދަރިފުޅު ފިރުކެމުންގޮސް ދުއްވައިގަންނަންދެން ތިމަންނާއަށް ވަގުތު ދޭށޭތަ؟ ދެން އަހަރެންނަކަށް ނުވާނެ ރާހިލް. އެލީޝާގެ ދަރިފުޅަށްޓަކައި އަހަރެންގެ ދިރިއުޅުމުން އެންމެ ދުވަހެއްވެސް ދެން ގުރުބާނެއް ނުކުރެވޭނެ. ހެޔޮނުވާނެ ރާހިލް.. އެލީޝާ ދޫކޮށްލާފަ އަހަރެންގާތަށް އާދޭ. އަހަރެންނަކަށް ދެން މިކަމެއްނުވާނެ" ޝައިނާ އެދުނެވެ. އެހެނަސް ރާހިލްގެ ޟަމީރު އެ ހިޔާލަކާ އެއްބަހެއްނުވިއެވެ.
"ތިހެން ވާނީ ކިހިނެއް؟ އެލީގެ ފެމިލީއަށްވެސް އެލީ ޕްރެގްނަންޓްކަން އެނގުމަށްފަހު އެކަހަލަ ގޮތަށް އެލީ ދޫކޮށްލައިފިނަމަ އަހަރެން ވާނީ ދުނިޔޭގެ ކުރިމަތީގަ ކިހާ ނުބައި މީހަކަށް؟"
"ދެން އަހަރެންނޯ؟ ތިހާވަރަށް މީހުން ދެކޭގޮތާމެދު ވިސްނާ މީހަކަށް ރާހިލްވީ ކޮންއިރަކު؟ އަހަރެމެންނާ ދޭތެރޭ ނުވިސްނަންތަ؟ އަހަރެން މިއަދުވެސް ބަލިވެ އިނިއްޔާ ރާހިލް ތި ދެ އާއިލާގެ ކުރިމަތީގައި ހެޔޮ މީހަކަށް ވާންވެގެން އަހަރެން ފަޟީހަތްވާން ދޫކޮށްލާނީތަ؟"
"ޝައިނާ ޕްލީޒް ތިކަހަލަ ގަބޫލު ނުކުރެވޭ ވާހަކަ ނުދައްކަބަލަ. އެލީގެ ސިޓުއޭޝަން ހަމައަކަށް އެޅެންދެން އަހަރުމެންނަށް ބަލައިގެން އުޅެވިދާނެއެއްނު" ޝައިނާ ދައްކަމުންދިޔަ ވާހަކަތަކުގެ ސަބަބުން ރާހިލްގެ ބޮލުގައި ރިއްސައިލިއެވެ. އޭނާ އެ އިންތަނުން ޝައިނާއަށް ފުރަގަސްދިނެވެ. ބުމަ ގޮށްޖަހައިގެންހުރެ ޝައިނާދެއްކި ވާހަކަތަކާމެދު ވިސްނަމުންދިޔައެވެ.
"އެކަމަކު މިވީހާ ތަނަށްވެސް ބެލިފައެއް ނެތެއްނު. ކިހިނެއް އެނގެނީ މިހާރުވެސް އަހަރެން އިން ހާލެއް؟" ރާހިލްގެ ފަރާތުން ލިބިދާނެ ރައްދަކާމެދު ހާސްވެ ތެޅިތެޅި އޮތް ހިތަކާއެކު ޝައިނާ އަހައިލިއެވެ.
"ތިކަހަލަ ކަމެއް ވިއްޔާ އެބޯޝަންއަކަށް ދާކަށް އަދި ލަހެއް ނުވެއެއްނު" ރާހިލްގެ ޖަވާބާއެކު ޝައިނާގެ ނަފްސު މުޅިން ހުއްޓުމަކަށްއައެވެ. ލިބުނު ސިހުމުގައި އޭނާގެ އަޑުގައިހުރި ގިސްލުމުގެ އަސަރުވެސް ކެނޑިގެންދިޔައެވެ.
"ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ!" ޝައިނާ އިންތަނުން ތެދުވެގެން އައިސް ރާހިލްގެ ކުރިމައްޗަށް ހުއްޓުނެވެ.
"އަހަރެންބުނީ އެކަހަލަ ކަމެއް ދިމާވިއްޔާ އެބޯރޝަން–"
"ރާހިލް! ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ! ރާހިލްއަށް ތިހެން އަހަރެންގާތު ބުނަން ކެރެނީ ކޮން ދުލަކުން. އެލީޝާ އެންމެ ފުރަތަމަ ޕްރެގްނެންސީގެ ވާހަކަދެއްކި އިރު ރާހިލްއަށް ތިހެން ބުނަން ނޭނގުނުތަ؟ ނޫނީ އޭރު އެބޯރޝަންއަކީ ވަކި ނެތް އޮޕްޝަނެއްތަ؟" ރާހިލްއަށް އެ ޖުމްލަ ތަކުރާރު ކުރުމުގެ ފުރުސަތެއް ޝައިނާ ނުދިނެވެ.
"އަހަރެންވެސް ހިއެއް ނުކުރަމޭ ކަންތައްތައް މިހެން ވާނެ ކަމަކަށް. އެހެންނޫނަސް… ޝައިނާއަށްވެސް އެނގެއެއްނު އަހަރެމެންނަށް ބޭބީއެއް ލިބެން އޮތީ ކިހާ ކުޑަ ޗާންސެއްކަން. އަދި އެއީ ކިހާ ރިސްކީ ކަމެއްކަންވެސް. ޝައިނާ ރިސްކް ކޮށްފަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން. ފުރަތަމަ މެރީކުރި އިރުވެސް ވާހަކަ ދެއްކީ ބޭބީއެއް އެޑޮޕްޓް ކުރާކަށްނު. މިހާރު ކުއްލިއަކަށް ތި ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް؟ ޝައިނާ ވިސްނާލަބަ. މިއީ ރަނގަޅަކަށް ދިމާވި ކަމެއް ކަމަށް ދެކިބަލަ. އެލީގެ ބޭބީއަކީ އަހަރުމެންނަށް ލިބުނު ނިއުމަތެއްކަމަށް ދެކިބަލަ" ރާހިލް ވިސްނައިދޭ ފަދައަކުން ޝައިނާގެ އަތުގައި ހިފައިލިއެވެ.
"ނޫނެކޭ. އަހަރެންނަކީ ތިހާ މާތްމީހެއް ނޫނޭ ރާހިލް" ޝައިނާ މާޔޫސީ ރާގެއްގައި ބުންޏެވެ. "އަހަރެމެން އެޑޮޕްޓް ކުރާ ކުއްޖެއް ވާނީ އަހަރެމެން ދެމީހުންގެ ކުއްޖަކަށޭ ރާހިލް. އެކަމަކު ރާހިލްގެ އަނތްބެއް ގޮތުގަ އިނދެ އެލީޝާ ވިހާ ކުއްޖަކުވާނީ މުޅި އުމުރަށްވެސް ރާހިލްއާއި އެލީޝާއާ ދެމީހުންގެ ކުއްޖަކަށް. އަހަރެންގެ ކުއްޖަކަށް ނުވާނޭ. އެންޑް ރާހިލްގެ ކުއްޖެއްގެ ސްޓެޕްމޯމްއަކަށް ވެވޭނެހާ ސެލްފްލެސް މީހެއް ނޫން އަހަރެންނަކީ. އައިމް ގްރީޑީ އެންޑް ސެލްފިޝް ވެން އިޓްސް އަބައުޓް ޔޫ އެކަމެއް ނޭނގޭތަ؟ ރާހިލް ޕްލީޒް… އަހަރެންނާއެކު އުޅެން ބޭނުމިއްޔާ އެލީޝާ ވަރިކުރޭ!" ޝައިނާގެ ވާހަކަ ނިމުމާއެކު ރާހިލްއަށް ސިހުމެއް ލިބުނެވެ.
"ވަޓް؟ ނޯ ޝައިނާ! އަހަރެންނަކަށް ތިކަމެއް ނުކުރެވޭނެ" ރާހިލް އިންކާރުކުރިއެވެ.
"އެއީ ކީއްވެ؟ އެލީޝާގެ ފަރާތުން ރާހިލްއަށް މާ މޮޅުތަކެއް ވަނީތަ؟ ޓެލް މީ! އަހަރެންގެ ފަރާތުން ނުލިބޭ ހިތްހަމަޖެހުމެއް ވަކި ރާހިލްއަށް ލިބެނީތަ؟" ޝައިނާގެ އަޑަށް އަނެއްކާވެސް ރުޅިވެރިކަން ވެރިވިއެވެ.
"ވަޓް؟ ނޯ! ޝައިނާ ތިކަހަލަ ކަމެއް ހިތަށްވެސް އަރުވަންވީ ކީއްވެ؟ އަހަރެންނާ އެލީއާ ދެމެދުގަ އޮތީ ހަމަ ޖެނުއިން ފްރެންޑްޝިޕެއް. އެލީއާ އަހަރެންގެ ކައިވެންޏަކީ ނަމެއްގަ ކުރެވުނު ކައިވެންޏެއްކަން ޝައިނާއަށް އެނގެއެއްނު؟ އެލީއަކީ އަހަރެންނަށް ހަލާލު އަނތްބެއް ނޫނޭ"
"ލައިކް ދެޓް ހޭޒް އެވަރ ސްޓޮޕްޑް ޔޫ ރާހިލް! ތިބުނި ކަންތަކުގަ ހަރާމާއި ހަލާލުގަ ރާހިލްއަށް ފަރަގެއް އޮވޭތަ؟ އަހަރެންގެ ކުރިން ރާހިލް ގެންގުޅުނު ހުރިހާ އަންހެން ކުދިންނާ އޮތީ ހަލާލު ގުޅުމެއްތަ؟ އަހަރެންނަކަށް މިހާރު އިތުބާރެއް ނުކުރެވޭ!" ޝައިނާ ބުންޏެވެ.
"ޕްލީޒް ތިހެން ނުބުނޭ. ޔޫ އަރ އިނަފް ފޯރ މީ ލަވް. ޝައިނާއަށް ނުފެނޭތަ އަހަރެންނަށް އައި ބަދަލު. މިހާރު މިދުނިޔޭގަ އަހަރެންނަށް އެންމެ މުހިއްމު އެއްޗަކީ ޝައިނާގެ ލޯތްބާއި އިތުބާރު. ތިހެން ވާހަކަދެއްކީމަ އަހަރެންގެ ހިތަށް ވަރަށް އުނދަގޫވޭ. ސޯ ޕްލީޒް. ކާމް ޑައުން ލަވް" ޝައިނާގެ މޫނުގައި ދެއަތުން ހިފައިލުމަށްފަހު ރާހިލް އޭނާގެ ނިއްކުރި ޝައިނާގެ ނިއްކުރީގައި ޖައްސައިލަމުން ބުންޏެވެ.
"ބަދަލު ފެނެޔޭ ރާހިލް. އަހަރެންނާ ރާހިލް ކައިވެނި ކުރަން އުޅުނުއިރު ބަދަލުވިވަރާއި އޭގެ ފަހުން ބަދަލުވި ވަރުވެސް ފެނެއޭ. ތިއީ ހަމަ އަހަރެންދެކެ ލޯބިވާ ރާހިލްތަ؟" ޝައިނާ އަޑަށް މަޑުމައިތިރިކަން ވެރިވިއެވެ.
"އަދިވެސް މިއީ އެ ރާހިލްއޭ. އިތުބާރުކޮށްބަލަ" ރާހިލް އެދުނެވެ. ޝައިނާ އެކަން ގަބޫލުކުރާ ފަދައަކުން ބޯ ޖަހައިލިއެވެ.
"އެކަމަކު މާތް ރަސްކަލާނގެ ގަންދީ ހުވާކުރޭ. ރާހިލްއާއި އެލީޝާއާ ދެމެދުގަ ކުޑަ މިންވަރަކަށްވެސް އެކަހަލަ ކަމެއް ހިނގާފައެއް ނުވާނެކަން. އަދި ރާހިލްގެ ހިތުގަ އެކަހަލަ ނިޔަތެއް ނެތްކަން" ޝައިނާ ބުންޏެވެ.
"އަހަރެން ހުވާކުރަން. އެލީޝާއާ ދޭތެރޭ އެކަހަލަ އެއްވެސް ނިޔަތަކުން ދުވަހަކުވެސް ދެކިފައެއް ނޯންނާނެ. އެކަމަކު–" ރާހިލްއަށް އޭނާގެ ވާހަކަ ހުއްޓައިލަން މަޖުބޫރުވިއެވެ. މާތް ރަސްކަލާނގެ ގަންދީ ކުރާ ހުވައެއްގައި ޝައިނާއަށް އެއްވެސް ކަމެއް އޮޅުވައިލުމަށް އޭނާ ފަސްޖެހުނެވެ. އޭނާގެ އީމާންކަމުގައި ހަރުދަނާކަމެއް ނެތްހެން ބަޔަކަށް ހީވިޔަސް އަދި އެ ފެންވަރަށް ވެއްޓޭކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ.
"އެކަމަކު ކިހިނެއްވީ؟" ޝައިނާ ޖެހިލުންވެފައިހުރެ ރާހިލްގެ ދެލޮލަށް ބަަލަމުންދިޔައީ އޭނާ ބޭނުންވާ ޖަވާބު ހޯދަން އުޅޭ ފަދައިންނެވެ.
"ވީ ކިސްްޑް.. އަ ކަޕްލް އޮފް ޓައިމްސް.. އައި–" ރާހިލްގެ ވާހަކަ އެހިސާބަށް ދިޔަތަނާހެން ޝައިނާ ކުއްލިއަކަށް ރާހިލް ދުރަށް ކޮށްޕައިލިއެވެ. ރުޅިވެރި ބަސްތަކެއް ނީވުނު ނަމަވެސް ޝައިނާގެ ހިމޭންކަމުގެ ސަބަބުން ރާހިލް އިންތިހާއަށް ކަންބޮޑުވިއެވެ. ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ޝައިނާ ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އިޝާރާތްކޮށްލީ އެޕަރޓްމެންޓްގެ މައި ދޮރާ ދިމާލަށެވެ.
"ގެޓް އައުޓް!" ޝައިނާގެ އަޑު ރާހިލްގެ ކަންފަތާ ހަމައަށް ފޯރަނީ ހަމަ ކިރިޔާއެވެ.
"ލަވް–"
"ޑޯންޓް ކޯލް މީ ދެޓް ރާހިލް! ޓު ހެލް ވިތް ޔޫ އެންޑް ޔޯރ ޖެނުއިން ފްރެންޑްޝިޕް ވިތް ހަރ. ގެޓް ލޮސްޓް!" ޝައިނާ ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ބުންޏެވެ.
"އައި ލަވް ޔޫ"
"ހެޔޮނުވާނެ ރާހިލް. ﷲއަށް ޓަކައި މި ބުނީ. އިތުރު ދޮގުތަކެއް ނުހަދާ އަހަރެންގެ މޫނުމަތިން ދުރަށްދޭ!" ޝައިނާ އިސްޖަހައިލަމުން އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އޭރު އޭނާގެ އިޒުނައާއެކު ފައިބަން ތައްޔާރުވެފައިވާ އެތަށް ކަރުނައެއް އެ ދެލޮލަށް ޖަމާވަމުންދިޔައެވެ.
ޝައިނާގެ ކައިރިން އިތުރަށް ކުރި ނުލިބޭނެކަން އެނގުމާއެކު ރާހިލްއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ. އޭނާ ކުށްވެރިއެއް ފަދައިން އިސްޖަހައިލައިގެންހުރެ ލަސްފިޔަވަޅުތަކެއްގައި އެޕަރޓްމެންޓްގެ ދޮރުން ބޭރަށް ނުކުތެވެ. ޝައިނާވެސް އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ލައްޕަައިލުމަށްފަހު ދެފަރާތަށް ހިނގަން ފެށިއިރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ރާހިލް އެންމެފަހުން އެބުނި ވާހަކަ އޭނާއަށް ގަބޫލުވެސް ނުކުރެވޭ ކަހަލައެވެ.
ސިކުނޑީގައިވާ އަޑުތަކަށް ކެތްނުވެގެން ބޮލަށް އެނބުރުން އަރަން ފެށުމާއެކު ޝައިނާ ފާހަނައަށްވަދެ މޫނުދޮންނަ ތަށީގެ އިސްކުރު ދޫކޮށްލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހިތް ފުރެންދެން ރުއި އިރުވެސް އެ ދެލޮލުން ކަރުނައެއް ނުހިކުނެވެ. ބޮލުގައިވާ ރިހުމަކަށްވެސް ބަދަލެއްނައެވެ. އެހެނަސް އޭނާ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. މޫނަށް ފެންޖަހައިލުމަށްފަހު މޫނުމައްޗަށް ފައިބައިފައިވާ އިސްތަށިތައް ރީތިކޮށްލިއެވެ. އަތުގެ ކުޑަހުޅުގައި އަޅައިފައި އޮތް ވޫލްކޮޅުގެ އެހީގައި އިސްތަށިގަނޑު އައްސައިލަން އުޅުނުވަގުތު ލޯގަނޑުން އެމަންޒަރު ފެނުމާއެކު އޭނާގެ ހަރަކާތްތައް ގަނޑުވިއެވެ. ހީވީ ރާހިލް އޭނާގެ ފުރަގަހުގައި ހުރެ އެ އިސްތަށިގަނޑު އައްސައިލައި ދިންހެނެވެ. އެއީ ރާހިލްގެ ފަރާތުން ފެންނަ ކުދިކުދި އިޝާރާތްތަކުގެ ތެރެއިން އޭނާ އެންމެ ގަޔާވާ އެއް އިޝާރާތެވެ. ބިރެއް ފެނުނު ފަދައިން ޝައިނާ އެ އިސްތަށިގަނޑުން އަތް ދޫކޮށްލިއެވެ. ދެން އޭނާގެ ހިތަށް އެރީ ކީކޭކަމެއް ނޭނގުނެވެ. ދުންޖަހާފައި ފާހަނައިން ނުކުތްގޮތަށް ފަހާފޮށީގެ ކައިރީގައި ބާއްވައިފައި އޮތް ކަތުރު ހިފައިގެން އައިސް އަނެއްކާވެސް ފާހަނައިގައިހުރި ލޯގަނޑުގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ދެވަނަ ވިސްނުމަކާނުލައި އިސްތަށިގަނޑުގެ އެއްފަރާތުގައި ކަތުރު ޖައްސައިލަމުން އެގޮތް މިގޮތަށް އިސްތަށިގަނޑު ކޮށައިލިއެވެ. ކުރިން އުނަގަނޑާއި ހިސާބަށް ބޯކޮށް އޮތް އެ ރާޅުބާނީ އިސްތަށިގަނޑު މިހާރު އޮތީ ކޮނޑުގައި ޖެހޭ ނުޖެހޭ ހިސާބަށް ކޮށައިލާފައެވެ. މިނެޓެއްހާއިރުތެރޭ އެ މިސާލެއްނެތްފަދަ ރީތި އިސްތަށިގަނޑުގެ އަޖަލު ހަމަވީއެވެ. އުމުރުދުވަހު އެ އިސްތަށިގަނޑަށްޓަކައި ކުރި މަސައްކަތް ބޭކާރުވީއެވެ. މިހާރު ލޯގަނޑުން ޝައިނާއަށް ފެންނަމުންދިޔަ އަމިއްލަ ސޫރައަކީ އޭނާއާ މުޅިން ބީރައްޓެހި ސޫރައެކެވެ. އެ ސޫރަ ދެކޭކަށް އޭނާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އަތުގައި އޮތް ކަތުރުން ދޫވެގެންގޮސް ބިންމައްޗަށް ވެއްޓުމާއެކު އޭނާގެ ހަށިގަނޑުންވެސް ހަބަރުހުސްވެގެންގޮސް ބިންމައްޗަށް ވެއްޓިއްޖެއެވެ.
*******************
ޕާކިންގް އޭރިޔާއިން ހާއްސަކުރެވިފައިވާ ޖާގައިގައި ކާރު ބާއްވައިލުމަށްފަހު ލިފްޓާއި ދިމާލަށް ހިނގައިގަތް ރިއާންގެ ފޯނު ރިންގުވާންފެށުމާއެކު އޭނާ ފަރުވާކުޑަ ގޮތަކަށް ޖީބުގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. ނަމަވެސް ޑިސްޕްލޭއަށް އަރައިފައި އޮތް ޝިމާންގެ ނަން ފެނި މުޅި މީހާ ސަމާލަށްއައެވެ. ފޯނުގެ ގަޑިން ދައްކާގޮތުގައި މިހާރު މެންދަންވެ ބާރަ ޖަހައިފިއެވެ. ޝިމާންއަކީ މަދު ހާލާތެއްގައި އަދި ކޮންމެހެން ގުޅަން ޖެހިގެން ނޫނީ އޭނާއަށް ގުޅާނެ މީހެއް ނޫންކަމުން މިފަދަ ގަޑިއެއްގައި ގުޅާނީ ކޮންމެވެސް މުހިއްމު ކަމެއްގައިކަން އެނގި އޭނާ ފޯނު ނެގިއެވެ.
"ހަލޯ. ރިއާންބެ؟" ޝިމާން ޔަގީންކުރުމުގެ ގޮތުން އިޝްވާވެސް އޭނާއަށް ނިސްބަތްކޮށްއުޅޭ ނަމުން ގޮވައިލިއެެވެ.
"ޔެސް؟" ރިއާން އަވަސް އަވަހަށް ޖަވާބުދިނެވެ. ޝިމާންގެ އަޑުގައިވާ ހާސްކަން އިވި އޭނާގެ ހިތްވެސް ނުތަނަވަސްވާން ފެށިއެވެ.
"ރިއާންބޭ.. ސިސް އަނެއްކާވެސް ހޮސްޕިޓަލުގެ އެމަރޖެންސީގަ ބާއްވައިގެން މި އުޅެނީ.. ބޭބެ.. ބޭބެއަކަށް ނުގުޅުނު.. އަހަރެންނަކަށް ނޭނގުނު ދެން ގުޅާނެ މީހެއް.. އެހެންވެ ގުޅީ.. އަހަރެން..އަހަރެންނަކަށް ނޭނގެ ހަދަންވި ގޮތެއް" ޝިމާންގެ ވާހަކަ ނުނިމެންދެން ރިއާން ދުރު ފިޔަވަޅުތަކެއްގައި އަނެއްކާވެސް ކާރާއި ދިމާލަށް ހިނގައިގަތެވެ.
"ކޮން ހޮސްޕިޓަލެއް؟" ރިއާން ހުރިހާ މައުލޫމާތެއް އޮޅުން ފިލުވަން ފެށިއެވެ.
ޝިމާންގެ ކޯލު ނިމުމާއެކު ކާރުގެ ބްލޫޓޫތާއި ފޯނު ގުޅައިލަމުން ރާހިލްއަށް ފޯނުކުރެވޭތޯ މަސައްކަތްކުރިއެވެ. ޝިމާން ބުނި ފަދައިން ރާހިލްގެ ފޯނު އޮތީ ނިވައިލައިފައެވެ. އެންމެފަހުން އޭނާ ރާހިލްއަށް ގުޅުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ޒީވާގެ ނަންބަރަށް ގުޅައިލިއެވެ. ދެފަހަރަކު ކޯލު ކެނޑުނުއިރުވެސް ޒީވާގެ ނަންބަރަކުން ޖަވާބެއްނުލިބުނެވެ. އެހެނަސް ރިއާން ކުރަމުން އައި މަސައްކަތް ހުއްޓާލާކަށް ނޫޅުނެވެ.
*******************
"ޒީ. މިއޮތީ ފޯނެއް. ވަރަށް ގިނައިން ގުޅައިފި. މުހިއްމު ކަމެއްގަހެން ހީވަނީ" ބޭސް ތަބަކަކާއެކު ވިއްސާކޮޓަރިން ނުކުމެގެން އައިސް ކައުންޓަރުދޮށަށް ހުއްޓިލި ޒީވާއަށް ބަލައިލަމުން އެތަނުގައި އިން ނަރުސް ކުއްޖަކު ބުނެލިއެވެ. މާސްކާއި އަންގި ބޭލުމަށްފަހު ޑަސްބިނަށް ވައްޓައިލަމުން ޒީވާ ފޯނަށް ބަލައިލިއެވެ. އައިސްފައިހުރީ ހުސް ރިއާންގެ ކޯލު ކަމަށްވާތީއާއެކު އޭނާ އެކަމަަށް މާބޮޑު ސަމާލުކަމެއް ނުދީ ތަބަކުގައިހުރި ބައެއް ބޭސްތައްވެސް ޑަސްބިނަށް ހުސްކޮށްލިއެވެ. އެވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފަށައިފިއެވެ. މިފަހަރު ފޯނު ކެނޑުމާއެކު ރިއާންގެ މެސެޖެއްވެސް އޭނާއަށް ލިބުނެވެ. ގުޅަނީ ވަރަށް މުހިއްމު ކަމެއްގައިކަމާއި ވީހާވެސް އަވަހަށް ފޯނު ނެގުމަށް ރިއާންގެ މެސެޖުގައި އޮތެވެ. ޒީވާގެ ހިތުގައި ބިރުވެރިކަމުގެ ބާންޏެއް ދަތުރުކުރިއެވެ. ރިއާންއަށް ކަމެއް ދިމާވީކަމަށް ހީވެ ހިތާހިތުން އެއީ ކުށްހީއަކަށްވޭތޯ ދުޢާކުރަމުން ރިއާންއަށް ގުޅިއެވެ.
"ހަ.. ހަލޯ.. އާރ ޔޫ އޯކޭ؟" ރިއާންގެ ފަރާތުން ދައްކާނެ ވާހަކައަކަށް ބެލުމެއްނެތި ޒީވާ އަހައިލިއެވެ.
"އައި ހޭވް ބީން ބެޓަރ.. ބަޓް ދެޓްސް ނޮޓް ދަ ޕޮއިންޓް ޒީވް. ޝައިނާ އެމަރޖެންސީގަ ހޮސްޕިޓަލަށް ގެންގޮސްގެން ޝިމާން ދެންމެ ގުޅީ" ރިއާންގެ ހަބަރާއެކު ޒީވާގެ ހަރަކާތްތައް ގަނޑުވެ މޫނުމަތީގައިވި ހުރިހާ ކުލައެއް އޮއްސިގެންދިޔައެވެ.
"ޝައި.. ކޮން.. ކޮން ހޮސްޕިޓަލެއް؟" ރިއާންގެ ޖަވާބާއެކު ޝައިނާ ގެންދެވުނީ ޒީވާ މަސައްކަތްކުރާ ހޮސްޕިޓަލަށް ނޫންކަމުގައި އެނގުނެވެ.
"ޒީވް. ކޮންތާކު؟" ރިއާންގެ ސުވާލާއެކު ޒީވާއަށް ހޭވެރިކަމެއް ލިބުނެވެ.
"ޑިއުޓީގަ"
"އޯކޭ. އަހަރެން އެބަ ގާތްކޮށްލަން ކާރުގަ. ޒީވް ކޮންމެވެސް ގޮތެއް ހަދާފަ ނުކުމޭ" ރިއާންގެ ކޯލު ކުރުކޮށްލުމަށްފަހު ޒީވާއަށް ކަންބޮޑުވެފައި އެތަނުގައިހުރި ނަރުސްކުއްޖާއަށް ބަލައިލެވުނެވެ. އެކުއްޖާގާތު ވެގެންއުޅޭގޮތް ޚުލާސާ ކޮށްދިނުމަށްފަހު ކަންތައްތައް ކުރަންވީގޮތުގެ އިރުޝާދުތައް ދިނެވެ. އަދި އަވަސްއަވަހަށް ސަލާމުގެ މެސެޖެއް ފޮނުވައިލުމަށްފަހު ދަބަސް ހިފައިގެން އެތަނުން ދުރަށް ހިނގައިގަތެވެ.
ޒީވާއަށް ތިރިއަށް ފޭބުނުއިރު ރިއާންގެ ކާރު އައިސް ހޮސްޕިޓަލުގެ ގޯތިތެރެއަށް މަޑުކޮށްލަނީއެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ޒީވާ ކާރުގެ ފަހަތުސީޓަށް އެރީތީ ރިއާންއަށް އިރުކޮޅަކު ދުއްވައިލަން ނޭނގިފައި އިނދެވުނެވެ. ޒީވާ ކާރުގެ ކުރީގައިހުރި ލޯގަނޑުން ރިއާންއަށް ބަލައިލުމަށްފަހު ނިތް އަރުވައިލުމާއެކު ރިއާން ކަމެއްނުވެއޭ ބުނާ ފަދައަކުން ބޯ ހޫރައިލަމުން ކާރު ދުއްވައިލިއެވެ. ޝައިނާ ބާއްވާފައި އޮތް ހޮސްޕިޓަލުގެ ތެރެއަށް އެދެމީހުން ވަދެގެން އައިއިރު ޝިމާން އަވަސް ފަރުވާދޭކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން އިންތަންފެނުނެވެ.
"ޝައި ކޮބާ؟" ޒީވާ ދުވެފައި އައިސް ޝިމާންގާތު ހުއްޓުނެވެ.
"ހޭ އަރައިފި. މިހާރު ވަދެވޭނެ" ޝިމާން އެ ކޮޓަރިއަށް އިޝާރާތްކޮށްލުމާއެކު ޒީވާ ގޮސް ޓަކި ޖަހައިލުމަށްފަހު އެތެރެއަށްވަނެވެ. ރިއާން ހިތްވަރުދިނުމުގެ ގޮތުން ޝިމާންގެ ކޮނޑުގައި އަތްބާއްވައިލިއެވެ.
"ބޭބެ ރޭގަ ގެއަށް އައިސްފަ ދިޔަފަހުން މިހެންވީ. ފާހަނަތެރޭ ވެއްޓިފަ އޮއްވާ ފެނުނީ. އަހަރެންވެސް ސިސްގެ ހަބަރެއް ބަލާލަން އެކޮޓަރިއަށް ވަތް ވަގުތު ފެނުނީ. އިސްތަށިގަނޑުވެސް.." ޝިމާން އޭނާއަށް ފެނުނު މަންޒަރު ރިއާންއަށް ކިޔައިދިނެވެ.
"ހަމަ އެއްކޮށް ކޮށާލީތަ؟" ރިއާންއަކަށް އަހައިލެވުނެވެ.
"ހްމްމް. ބޭބެމެން ބޭރަށް ފުރިފަހުންވެސް އެއްފަހަރު އަނބުރަައިގަތް. އަހަރެން އެއްވެސް މީހެއް.. އިޝީގާތުވެސް އެއްވެސް ވާހަކައެއް ނުބުނަން. އެނގެއެއްނު މިހާރުވެސް އިޝީ ބޭބެދެކެ ރުޅިއަންނަވަރު. އެކަމަކު މިފަހަރު އަހަރެން ވަރަށް އެބަ ހާސްވޭ.. ސިސް ވެއްޓިފަ އޮތީ ކިހާ އިރެއްވަންދެން ކަމެއްވެސް އަހަރެންނަކަށް ނޭނގޭ. އަނެއްކާ ސިސްގެ ބޭބީއަށް ކަމެއްވިއްޔާ ސިސް ވަރަށް ދެރަވާނެ. އަހަރެންވެސް މިހާރު ބޭބެދެކެ ރުޅިއަންނަން ފަށައިފި" ޝިމާންގެ ވާހަކައިން ރިއާންއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެ ބުނި އެއްޗެއް ދޭހަކުރަން އުޅޭ ފަދައަކުން ބުމަ ގޮށްޖަހައިލިއެވެ.
"ތިބުނީ؟" ރިއާންއަށް އަހައިލެވުނެވެ.
"ހްމްމް. ސިސް ޕްރެގްނަންޓް" ޝިމާން އިތުރަށް ސިއްރުކުރާކަށް ނޫޅުނެވެ. "ހިއެއްނުވޭ ބޭބެއަށް އެނގޭހެނެއް. ޒީއަށްވެސް–"
"ޒީވް–"
ރިއާންއާއި ޝިމާންއަށް ދެލޯ ބޮޑުކޮށްލަމުން އެއްފަހަރާ އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެއާއެކު ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ޝައިނާއޮތް ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ.
"ތިއައީ ދޯ. އަޅުގަނޑު އަދި ގޮވާލަން މި އުޅުނީ.." ޝިމާން ފެނުމާއެކު އެތެރޭގައިހުރި އަންހެން ޑަކްޓަރަކު ހިނިތުންވެލިއެވެ. އޭރު ޝައިނާގެ މޫނުމަތީގައިވި ކަންބޮޑުވުންފެނި ޝިމާން ލޮލުގެ އިޝާރާތުން ޒީވާ އެތަނުން ގެންދިޔުމަށް ރިއާންއަށް އެންގިއެވެ.
"ޒީވް. ހިނގާބަ ޝައިނާއަށް ކޮންމެވެސް އެއްޗެއް ގަނެލައިގެން އަންނަން" ރިއާން ޒީވާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ. ނަމަވެސް ޝައިނާގެ އަތުން ދޫކޮށްލުމުގެ ހިޔާލެއް އޭނާ ނުގެންގުޅުނެވެ.
"ތިދެމީހުން ދޭބަލަ. އަހަރެން ޝައި ގާތު މަޑުކޮށްލާނަން. ޑޮކްޓަރ. ޝައި ކިހިނެއްތަ؟" ޒީވާ އަހައިލިއެވެ. އޭރު އެތަނުގައި ދެންތިބި ތިންމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ.
"މިކޮޅަށް ގެނައި އިރު ބްލަޑް ޕްރެޝަރ މާ ބޮޑަށްވެސް މަތީގަ ހުރީ. އެކަމަކު މިހާރު އިރާދަކުރެއްވީތީ މަންމަވެސް ބޭބީވެސް ވަރަށް ރަނގަޅު" ޑޮކްޓަރުގެ ވާހަކައާއެކު ޒީވާގެ ސިކުނޑީގައި ސުވާލުމާކު ޖެހިގެންދިޔައެވެ.
"ހަހަހަ. ޑޮކްޓަރ އަދި ތި ދެއްކެނީ އެހެން ޕޭޝަންޓެއްގެ ވާހަކަ" ޒީވާ ހިނިތުންވެލައިފައި ބުންޏެވެ. ޑޮކްޓަރު ހައިރާންވެފައި އަދިވެސް އެއްފަހަރު ޔަގީންކޮށްލުމުގެ ގޮތުން އަތުގައި އޮތް ފައިލަށް ބަލައިލިއެވެ.
"މަރިޔަމް ޝައިނާ. 24 އަހަރު؟" ޑޮކްޓަރުގެ ފަރާތުން ލިބުނު ޔަގީންކަމާއެކު ޒީވާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ. އޭގެފަހުން ޑަކްޓަރު ދެއްކި އެއްވެސް ވާހަކައެއް އޭނާއަކަށް ނީވުނެވެ. ޑަކްޓަރު އެކޮޓަރިން ނުކުތުމާއެކު އޭނާ ޝައިނާއަށް ބަލައިލިއިރު އެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ޝުއޫރުތަކެކެވެ.
"ޒީވް. ލެޓްސް ގޯ–"
"އެއީ ތެދެއްތަ؟" ރިއާންގެ ވާހަކަ މެދުކަނޑައިލަމުން ޒީވާ ޝައިނާގާތު އަހައިލިއެވެ. ޝައިނާ އެއްފަހަރު ރިއާންއަށް އަނެއްފަހަރު ޝިމާންއަށް ބަލައިލުމަށްފަހު ޒީވާއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ.
"ކީކޭ؟ ޝައި.. ކިހިނެއް ކޮން އިރަކު؟ ޝައި ކީއްވެ އަހަރެންގާތު ނުބުނީ؟ އަހަރެން.. އަހަރެންނަކަށް ނޭނގެ ޝައި ރިލޭޝަންޝިޕަކަށް ދިޔަކަމެއްވެސް؟ ކީއްވެ އަހަރެންގާތު ނުބުނީ؟ އަހަރެންމިއީ ޝައިގެ ބެސްޓް ފްރެންޑެއްނޫންތަ؟" ޒީވާގެ އަޑު ކުރެހިގެންދިޔައެވެ. ޝައިނާއަށްވެސް އިތުރަށް ކެތެއްނުކުރެވުނެވެ. ޒީވާގެ ގައިގައި ބާރަށް ބައްދައިލަމުން ރޯންފެށިއެވެ. އޭރު ޒީވާގެ ދެލޮލުންވެސް ހުއްޓުމެއްނެތި ކަރުނަތައް އޮހެމުންދިޔައެވެ.
"އެއީ ކާކު؟ ޝައިއަށް މީހަކު ދެރައެއް ދިނީތަ؟ ޝައިގެ ރުހުމުގަތަ؟" ޒީވާ ނޭފަތް ދަމައިލުމަށްފަހު ޝައިނާއާ ދުރަށް ޖެހިލިއެވެ. އޭނާގެ ސުވާލުތަކަކަށް ނިމުމެއްނެތެވެ.
"ޒީ… މިވަގުތު އަހަރެންގެ އަތަކު ތި ސުވާލުތަކަށް ދޭނެ އެއްވެސް ޖަވާބެއްނެތް. އަހަރެންނަށް އަދި ވަގުތުކޮޅެއްދީ" ޝައިނާ އެދުނެވެ. އެއާއެކު ޒީވާއަށް އެއީ ޝައިނާގެ ރުހުމުގައި ހިނގައިދިޔަ ކަމެއްކަން ޔަގީންވިއެވެ.
"ބަޓް ޔޫ ޑޯންޓް ހޭވް ޓައިމް ޝައި! ޔޫ އަރ އަ ސްމަރޓް ގަރލް. ދެން ކީއްވެ މިވަރުގެ މޮޔަކަމެއް ކުރީ؟ ޝައިއަށް ނޭނގޭތަ މިކަމުން ޝައިގެ ސިއްހަތަށް ކިހާބޮޑު ގެއްލުމެއް ވެދާނެކަމަށް. ޝައިގެ ފުރާނަ ނުރައްކަލަކަށް ހުށަހަޅާފަ އެވެސް މިވަރުގެ ބޮޑު ފާފައެއް"
ޒީވާއަކަށް ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ. އޭނާ އެ އިންތަނުން ތެދުވެ ދެއަތްދެއަތާ މޮޑެމުން ދުރަށް ހިނގައިގަތެވެ. ނަމަވެސް ދެތިން ފިޔަވަޅު ދުރަށް އަޅަައިލުމަށްފަހު އަނެއްކާވެސް އައިސް ޝައިނާގާތު އިށީނދެ ޝައިނާގެ އަތުގައި ހިފައިލިއެވެ. އޭރު އެ ހުރިހާ މަންޒަރެއްބަލަން ރިއާން ދުރުގައި ހުރިއިރު ހުއްޓައިނުލައި ރާހިލްއަށް ގުޅޭތޯ މަސައްކަތްކުރަމުންދިޔައެވެ.
"ޝައި.. ހިނގާ ބޭބީ އެބޯރޓްކޮށްލަން" ޒީވާ ހުށަހެޅިއެވެ. އެއާއެކު ކުއްލިއަކަށް ޒީވާގެ އަތް ފޮޅުވައިލުމަށްފަހު ޒީވާއާ ދުރަށް ޖެހުނެވެ.
"ކަލޭމެން އެންމެން މަގޭ ދަރިފުޅު މަރާނުލެވިގެން ތިއުޅެނީ ކީއްވެގެންތަ އޭން؟" ޝައިނާ ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. އެކަމުން އެތަނުގައިތިބި ރިއާންއާއި ޝިމާންއަށްވެސް ސިހުމެއްލިބުނެވެ.
No comments yet
Be the first to share your thoughts about this episode!