Episode 56
ހިތް އެދޭހާ ކަމެއް.. (56 ވަނަބައި)
މަދު އިރުކޮޅެއްގެ ތެރޭގައި އެ ދެއެކުވެރިންގެ ސަމާލުކަންވެސް ދެވިފައިހުރީ ކޮޓަރީގެ ޓީވީއިން އަޅުވައިފައިވާ ބިރުވެރި ފިލްމަށެވެ. ފިލްމުގެ މަންޒަރުތަކަށް ނިކަން ވަދެވިފައި ތިއްބައި ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެނެވެ. އެވަގުތު ދޮރު ހުޅުވައިލި މީހަކު ސިހިފައި ކޮޓަރީގެ ބޮކި ދިއްލައިލިއެވެ. އާނއެކެވެ. އެއީ ރިއާން ފިޔަވައި އެހެން ދެވަނަ މީހެއްނޫނެވެ. ރިއާން ފެނުމާއެކު ޒީވާއާއި ޝައިނާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ރިއާންއަށް ނޭނގި އެދެމެދުގައި އެތަށް ވާހަކައެއް ލޮލުން ދެކެވުނެވެ.
"ޕްލީޒް.. ކޭން ޔޫ ގިވް އަސް އަ މޯމެންޓް" ރިއާން މުހާތަބުކުރީ ޝައިނާއާއެވެ. ޒީވާއަށް އެކަން އެނގި ބޯ ހޫރައިލިއެއްކަމަކު ރިއާންއާއި ޒީވާ ވަކިން ވާހަކަދައްކައިލުމުގެ ފުރުސަތެއް ދިނުމުގެ ގޮތުން ޝައިނާ އެތަނުން ދާން ނިންމިއެވެ. ނަމަވެސް އޭނާ އެނދުން ތެދުވި ތަނާހެން ޒީވާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
"ދެން ޝައި. އަހަރެން ބުނީމެއްނު އަހަރެން އަދި އެކަނި ރިއާންއާ ފޭސްކުރާކަށް ބޭނުމެއް ނޫނޭ" ދުރުގައިހުރި ރިއާންއަށް ނީވޭ ވަރަށް ޒީވާ ބުނެލިއެވެ.
"ހަމަޖެހިބަލަ ޒީ. އަހަރެން މިތާ ބޭރުގަ މަޑުކޮށްލާނަން. ރިއާންއަކަށް ޒީ ކައެއް ނުލެވޭނެޔޭ." ޝައިނާވެސް ޒީވާއަށް ކިރިޔާ އަޑު އިވޭނެހާ ސިއްރުން ބުންޏެވެ. އަދި ރިއާންއާ ދިމާލަށް އެނބުރުނެވެ. "އާދޭ ރިއާން. އިށީނދޭ.. އަހަރެން އެބަ އަންނަން އެނގޭ"
ޝައިނާގެ ބަހަށް ރިއާން ލަސްފިޔަވަޅުތަކެއްގައި ޒީވާ އިން އެނދާ ދިމާލަށް ހިނގައިގަތެވެ. އޭނާ ހިޔާލުކޮށްގެން ހުރީ ޒީވާގާތު އެނދުގައި އިނީންނަން ކަމުގައި ވިޔަސް ޝައިނާ އެތަނުގައިހުރި ރީތިވާ މޭޒުދޮށުން ގޮނޑި ނަގައިގެން އައިސް އެނދު ކައިރީގައި ބަހައްޓައި ދިނުމުން އޭނާއަށް އެނދުގައި އިށީންނާކަށް ނުކެރުނެވެ. ޝައިނާ ކޮޓަރިން ނުކުތުމުގެ ކުރިން ޒީވާއަށް ހިނިތުންވެލިއެވެ. ބަދަލުގައި ޒީވާ ފާޑަކަށް ޝައިނާއާ ދިމާލަށް ލޯ އަޅައިލުމަށްފަހު ގޮނޑީގައި އިށީން ރިއާންއަށް ބަލައިލިއެވެ. ރިއާންގެ މޫނުމަތިން ފެންނަމުންދިޔަ ތާޒާކަމާއި ހިތްގައިމުކަމަށް އޭނާގެ ހިތް ހިނދުކޮޅަކަށް ދޫވާން އުޅުނެވެ. ޒައިތޫނި ފެހިކުލައިގެ ލިނެން ގަމީހުގެ އޮޅާލައިފައިވާ އަތުކުރީގެ ސަބަބުން ހާމާވެފައިވާ ރިއާންގެ މުލައްދަނޑިއަށް އެނާގެ ނަޒަރު ހުއްޓުނީ އެއްވެސް އިހްތިޔާރަކާނުލައެވެ. އެ އަތާއި ގުޅިފައިވާ އެތައް މަންޒަރުތަކެއް ސިކުނޑީގައި ކުޅެވިގެންދިޔައީ އެއްވެސް އިހްތިޔާރަކާނުލައެވެ. ފުދޭވަރެއްގެ ދުރުމިނެެއްގައި ތިބެވުނު ނަމަވެސް އެ އަތުގެ ހޫނުކަން ޒީވާއަށް ދެންމެ ދެންމެ އިހުސާސްވި ކަހަލައެވެ. ޒީވާއަށް އުނދަގޫކަމާއެކު ހިންދިރުވައިލެވުނެވެ. އަވަސް އަވަހަށް ޓީވީއަށް ނަޒަރު ހުއްޓައިލަމުން އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވިއެވެ. އަދި ލޮލުގެ ހިމަކޮޅުންވިޔަސް ރިއާންއަށް ނުބަލައި އިނދެވޭތޯ އެނދުކައިރީގައި ހުރި ސްވިޗުގެ އެހީގައި ކޮޓަރި ނިއްވައިލިއެވެ. ޓީވީއިން އަޅުވައިފައިހުރި ފިލްމަށް ގެއްލުނުއިރު ރިއާންއަކީ އެތަނުގައި އިން މީހެއްހެންވެސް އޭނާއަށް ހީނުވާ ކަހަލައެވެ. ނަމަވެސް ރިއާންގެ ތޫނު ނަޒަރު އޭނާއާ އަމާޒުވެފައިވާކަން ޒީވާއަށް އިހުސާސްކުރެވި އޭނާގެ ކަނދުރާގައިވާ ހުރިހައި ލޯލިތައް ކޮޅަށްޖެހިލިއެވެ.
ޒީވާގެ ފަރާތުން ލިބެމުންދިޔަ ހިމޭންކަމުގެ ސަބަބުން ރިއާންއަށްވެސް އިސްނަގައި ވާހަކައެއް ފަށާކަށް ނުކެރުނެވެ. އޭނާއަށް ބުނެވޭ އެއްޗެއްގެ ސަބަބުން ޒީވާ ރުޅިއައިސްގެން އޭނާ އެތަނުން ފޮނުވައިލައިފާނެ ކަމުގެ ބިރު ރިއާންއަށް އޮތެވެ. އޭނާ ބޭނުންވީ އެ ހިމޭންކަމުގައިވިޔަސް ޒީވާގާތު އެކޮޓަރީގައި މަޑުކޮށްލާށެވެ. ދެ ކަކުލުގައި އަޅުވައިލި އުޅަނބޮށީގެ އެހީގައި ރިއާން ޒީވާ އިން އެނދާ ދިމާލަށް ގުދުވެލިއެވެ. އަދި ޖެހިލުންވެފައި އިނދެ ޒީވާގެ އަތްތިލައިގައި ހިފައިލިއެވެ.
ޒީވާގެ ފަރާތުން އެއްވެސް ދެކޮޅުހެދުމެއް ނުފެނުން ވެގެންދިޔައީ ރިއާންއަށް ލިބުނު ހިތްވަރަކަށެވެ. އޭނާ މަޑުމަޑުން ޒީވާގެ އަތްތިލަ އުފުލައިލުމަށްފަހު އެ އަތްތިލައިގައި ބޮސްދިނެވެ. އަދި އެ އަތްތިލަ އޭނާގެ ކޯތާފަތުގައި ޖައްސައިލިއެވެ. ޒީވާގެ އަމިއްލަ ބާރުގައި އެ އަތްތިލައަށް ކުޑަނަމަވެސް ހަރަކާތެއް ގެނެސް އޭނާގެ މޫނުގައި ފިރުމައިލުމަށް ރިއާންގެ ހިތް އެދެމުންދިޔައެވެ. އެހެނަސް ރިއާންގެ އެހަރަކާތަކުން ޒީވާއަށް އެއްވެސް އަސަރެއް ކުރާކަމެއް އެމޫނުމަތިން ފާޅެއް ނުވެއެވެ. އޭނާއަށް ނޭނގުނުކަމަކީ އެއިން ކޮންމެ ހަރަކާތަކާއެކު ޒީވާގެ ހިތަށް ކުރަމުންދިޔަ އަސަރު ފޮރުވުމަށްޓަކައި އަމިއްލަ ނަފްސާ ޒީވާ ކުރަމުންދިޔައީ ކިހާ ވަރުގަދަ ހަނގުރާމައެއްކަމެވެ. ސިކުންތަކަށްފަހު ސިކުންތެއް ފާއިތުވަމުންދިޔައެވެ. ޒީވާގެ ފަރާތުން ރައްދެއް ނުލިބުމުން ރިއާން މާޔޫސްވާން ފަށައިފައި ވަނިކޮށް ރިއާންގެ ހިއްސާއަކާނުލައި ޒީވާގެ އަތުގެ ބޮޑުވައި އިނގިލި ރިއާންގެ ކޯތާފަތުގައި ބީހިލިއެވެ. ބައި އިންޗިއެއްހާ ކުޑަތަންކޮޅަކަށެވެ. ފަޅި ސިކުންތަކަށް ހިނގައިދިޔަ އެ ބީހިލުމަށްފަހު އެސްފިޔައެއް ޖަހައިނުލެވޭހާ އަވަހަށް ޒީވާ ރިއާންގެ އަތުތެރެއިން އޭނާގެ އަތްދަމައިގަތެވެ. ނަމަވެސް ރިއާން ދެކުނީ އެއީ އޭނާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން އޭނާ ކަރުކެހިލުމަށްފަހު މަޑުމަޑުން ޒީވާއަށް ގޮވައިލިއެވެ.
"ޒީވް.." ރިއާން ދެވަނަ ފަހަރަށް ޒީވާގެ އަތުގައި ހިފުމަށް ކުރި މަސައްކަތް ބޭކާރުވީ ޒީވާ އެ އަތް ދުރުކޮށްލުމުންނެވެ.
"މަޑުން އިނދެބަަލަ. ދުރުގަ އިނދެވެސް ރިއާން ބޭނުން ވާހަކައެއް ދެއްކޭނެއެއްނު" ޒީވާ ހިތްހަމަނުޖެހިފައި ބުންޏެވެ.
ރިއާން ޒީވާގެ އަތުގައި ހިފުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ޒީވާގެ ހުޅިން ނެއްޓިގެން މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅާ ކުޅެލިއެވެ.
"އައި.. އައި ޖަސްޓް މިސްޑް ޔޯރ ޓަޗް" އެ އިސްތަށިކޮޅު ޒީވާގެ ކަންފަތްދޮށުގައި އަޅުވައިލަމުން ރިއާން މަޑުމައިތިރި ކަމާއެކު ބުންޏެވެ.
"ދުރުގަ އިންނާށޭ ބުނީމަ އަޑެއް ނީވޭތަ؟ ގަޔަށްބޮލަށް އަރަނީ ކީއްވެތަ؟" ޒީވާ ރިއާންގެ އަތް ދުރަށް ފޮޅަައިލަމުން ބުނި ޖުމްލައިން ރިއާންއަށް ލިބުނު ސިހުމުގައި އިރުކޮޅަކަށް ގަނޑުވި ނަމަވެސް އޭނާ ނިކަން އަވަހަށް އެ ސިހުމުން އަރައިގަތެވެ. ޒީވާ އޭނާދެކެ މިހާ ރުޅިއައިސްގެން މި އުޅެނީ ހަމަ އޭނާ ލޯބިވާ ވާހަކަ ނުބުނާތީހެއްޔެވެ؟ ނަމަވެސް ދެންމެ އޭނާގެ ކަންފަތަށް އިވުނީ ޒީވާ ދުވަހަކުވެސް އޭނާއާ ވާހަކަދެއްކުމުގައި ގެންގުޅެފައިވާ ބަސްމަގެއްނޫނެވެ. އެހެންކަމުން ކަންތައްތައް އޭނާ ހީކުރިވަރަށްވުރެ ގޯސްވެފައިވާކަން ރިއާންއަށް ޔަގީންވެ އިތުރަށް އެކަމާ ފިޔަވަޅެއް ނާޅައި ދުރުގަ އިންނާކަށް ބޭނުމެއްނުވިއެވެ. ޒީވާ ކިތަންމެ ނުރުހުނަސް ހެޔޮކަމަށް އޭނާގޮސް ޒީވާއާ ކުރިމަތިވާނެހެން ޒީވާގެ މަގަތުން އެނދުގައި އިށީނެވެ.
"ޒީވް ޕްލީޒް. އައި ހޭވް ސޯ މެނީ ތިންގްސް ޓު ޓެލް ޔޫ ޒީވް. އަހަރެން ޒީވްއާ ދައްކަންޖެހޭ ބައިވަރު ވާހަކަ އެބަހުރި. އަހަރެންނަށް އެވާހަކަތައް ދައްކާނެ ފުރުސަތެއް ދީބަލަ. ލެޓްސް ގޯ ހޯމް އެންޑް ޑިސްކަސް ވަޓްސް ބޮދަރިންގް ޔޫ ޕްލީޒް ބޭބީ" ރިއާން އެދުނެވެ.
"ހަތްމަސް ރިއާން. ކައިވެންޏަށް ހަތްމަސް ފުރުނުއިރު ރިއާންއަށް ތި ދައްކަންވާ ވާހަކައެއް ނުދެއްކުނުތަ؟ ތި ބުނާ "މެނީ ތިންގްސް" އެއް ކިޔައެއް ނުދެވުނުތަ؟ އަހަރެން ރިއާންއަށް އެ ފުރުސަތު ނުދެނީތަ؟ އެހެންވީމަ ދެން އަޅާނުލާ. ރިއާން އަހަރެންގާތަށް ތި އަންނަނީ އަހަރެން ބޭނުންވާތީކީ ނޫން. މަންމަމެންގެ ކުރިމަތީގަ އަމިއްލަ އަގު ހިފަހައްޓަންވެގެން. އަމިއްލަ ރަނގަޅުކަން ދައްކަންވެގެން." ޒީވާގެ އަޑުގައި ރުޅިވެރިކަން ހުއްޓަސް އެ އަޑު ކޮޓަރިން ބޭރުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި އޭނާ މަސައްކަތްކުރިއެވެ.
"ނޯ ޒީވް. އެމީހުން އަހަރެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް އަހަރެންގެ މައްސަލައެއްނެތް. އަހަރެން މި އައީ ހަމައެކަނި ޒީވް ބަލާ" ރިއާން އިތުރަށް ކުރިއަށް ޖެހިލައި ޒީވާގެ އަތުގައި ހިފައިލިއެވެ.
"ދުރަށްދޭ. އަހަރެންނަށް އުނދަގޫވޭ. ޓީވީއެއްވެސް ނުފެނޭ" އެހެންދުވަސް ދުވަހާ ހިލާފަށް ރިއާން އޭނާއާ ގާތްވަމުންދާ ވަރަކަށް މިއަދު ޒީވާއަށް ދިޔައީ އުނދަގޫ ވަމުންނެވެ. ރިއާން ޖަހާ ސެންޓުގެ ވަހުން ކުރިން އޭނާގެ ސިކުނޑިއަށް ދިރުން ލިބުނެއްކަމަކު މިރޭ އެވަސް ނޭފަތުގައި ޖެހުމުން އޭނާގެ މޭ ނުބައިކުރަންފެށިއެވެ. އެހެންކަމުން އޭނާ ދެންވެސް އެދުނީ ރިއާން އޭނާއާ ދުރަށްދިޔުމަށެވެ. ނަމަވެސް ރިއާންއަށް އެގޮތެއް ކަމަކު ނުދިޔައެވެ.
"ދުރަށްދޭ ރިއާން" ޒީވާ ރިއާންގެ ގާތުން ރެކިގަތުމަށް މަސައްކަތް ކުރިއެވެ. އެހެނަސް މިފަހަރު ޒީވާ ބޭނުންހާ ގޮތަކަށް އޭނާ ދުރުކޮށްލުމުގެ ފުރުސަތު ދޭކަށް ރިއާން ބޭނުމެއްނުވިއެވެ. ޒީވާއަށް ދުރަށް ނުދެވޭނެހެން އޭނާ ޒީވާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލައިގެން އިނެވެ.
"ރިއާން އަޅެ ދުރަށް ދާށޭ! ކޮންކަހަލަ ކުނި ސެންޓެއްތަ ޖަހައިގެން ތި އައީ. ހާދަ ނުބައި ވަހެ-" ކުއްލިއަކަށް ޒީވާ އޯކާ ދެމިގަތެވެ. އަދި ރިއާންގެ މޭގައި އަތްއަޅައި ކޮށްޕައިލުމަށްފަހު އެނދުން ފައިބައިގެން ދުވެފައިގޮސް ފާހަނައަށްވަނެވެ.
ރިއާން މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލުމަށްފަހު ދެއަތް ހިއްލައިލައި އަމިއްލަ ގައިން ވަސްބަލައިލިއެވެ. އޭނާ ޖަހައިގެންހުރި މޮންޓްބްލެންކް ސެންޓުގެ ވަސް ފިޔަވައި އިތުރު ވަހެއް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ. އެއީ ޒީވާއަށް އޭނާ ޖަހާ ސެންޓުތަކުގެ ތެރެއިން އެންމެ ކަމުދާ ވަސްކަން އޭނާއަށް ހަމަ ޔަގީނެވެ. މިރޭ ޒީވާއާ ބައްދަލުކުރުމަށް އައި އިރު އެ ސެންޓު ޖެހުމުގެ ކުރިންވެސް އޭނާ ދެތިން ފަހަރަށް އެއީ ހަމަ އެ ސެންޓުތޯ ޔަގީންކުރިއެވެ.
ރިއާންގެ މޫނުމަތީގައި ސުވާލުމާކު ޖެހިފައި އިންދައި އެނދުގެ ބާލީސް ކައިރިން ޒީވާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ރަނގަޅަށް ބަލައިލިއިރު އަންނަމުންދިޔައީ ވާފިޔާގެ ކޯލެކެވެ. އެހެންކަމުން ރިއާން މާބޮޑު ވިސްނުމަކާނުލައި ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.
"ހަލޯ.. ޒީވް ފާހަނައިގަ.. މިއީ އަޅުގަނޑު" ރިއާން ބުންޏެވެ.
"ޒީ ނުކުތީމަ ދެކުދިން ކާން އާދޭ އެނގޭ. މިހާރު ރާހިލްމެން އައިސްފި. ބައްޕަވެސް ތަނަކަށް ދާންޖެހިގެން އިނީ ލަސްވެފަ" ވާފިޔާ ބުންޏެވެ. ގޭތެރެއަށް ވަދެގެން އައި ރާހިލްއާއި އެލީޝާ ފެނުމާއެކު އޭނާ އިތުރަށް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ރާހިލް އެ ދައްކަންއުޅޭ ވާހަކައެއް އަޑުއަހަން އޭނާ ކެތް މަދުވަމުންދިޔައެވެ.
"އެލީ ތިރީގަ މަޑުކޮށްލާ.. ވަރުބަލިވާނެއްނު.. އަހަރެން މި ކޮތަޅުތައް މައްޗަށްލައިފަ ޗޭންޖް ކޮށްލައިގެން އެބަ އަންނަން އެނގޭ" ބާޒާރުން ގެނައި ކޮތަޅުތަކަށް އިޝާރާތް ކުރަމުން ރާހިލް އޭނާއާއެކު ގެއަށް ވަތް އެލީޝާއަށް ބުންޏެވެ. ރާހިލް އެލީޝާއާއެކު ބާޒާރު ކުރަން ދިޔައީ ޑިއުޓީ ނިންމައިލި ގޮތަށްކަމުން އޭނާ އަދިވެސް ހުރީ އޮފީސް ހެދުމުގައެވެ. އަދި ހިޔާލެއް ފިކުރެއްނެތި ފޯނަށް ނަޒަރު ހުއްޓައިލައިގެންހުރެ ރާހިލް ސިޑިން މައްޗަށް ހިނގައިގަތެވެ.
ސިޑީގެ އެންމެ މަތީ ހަރުފަތާ ހަމައަށް އާދެވުމާއެކު ރާހިލް ފޯނު ޖީބަށް ލަމުން އިސްއުފުލައިލިއެވެ. އެވަގުތު އޭނާގެ ދެލޮލާއި އެންމެ ފުރަތަމަވެސް ބައްދަލުކުރީ ސިޑިއާ އެންމެ ގާތަށްހުރި ޒީވާގެ ކޮޓަރީގެ ބޭރުގައިހުރި ޝައިނާގެ ދެލޮލެވެ. ޝައިނާގެ ދެލޮލުން ފެންނަމުންދިޔަ ސިހުމާއި ޝަކުވާގެ ތެރޭގައި ޢަރަގުވަމުންދިޔަ ރާހިލްއަކަށް އިތުރު ހަރަކާތެއް ކުރާކަށް ނޭނގުނެވެ. ހިނގައިގަންނަންވެސް ނޭނގި ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުއްޓައި ޝައިނާ ހިނިތުންވެލިއެވެ. އެއާއެކު ރާހިލްއަށްވެސް ހަރަކާތްކުރަން މަޖުބޫރުވިއެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ޝައިނާގެ ކުރިމަތިން ހުރަސްކޮށް ކޮޓަރިއަށް ވަނެވެ. އަދި އަތުގައިހުރި ކޮތަޅުތަކާއެކު ލައިގެންހުރި އޮފީސް ގަމީސް ބާލައި އެނދުމައްޗަށް ހޫރައިލަމުން ކޮޓަރީގެ ދެފަރާތަށް ހިނގަންފެށިއެވެ. އެފަދަ ކުއްލި ގޮތަކަށް ޝައިނާއާ ބައްދަލުވާނެކަމަށް އޭނާއަކަށް އުއްމީދު ކުރެވިފައެއްްނެތެވެ. އެހެންނަމަވެސް ދެން އިތުރަށް ޝައިނާއަށް ފިލެން ނެތްކަން އެނގުމާއެކު އެންމެ އަވަހަށް އަތުޖެހުނު ކެޝުއަލް ގަމީސް ކޮނޑަށް މަހައިލަމުން އޭގެ ގޮށްވެސް އެޅުވުމެއްނެތި ދެވަނަ ފަހަރަށް ޝައިނާގެ ކުރިމައްޗަށް ދިޔުމަށް ތައްޔާރުވެލިއެވެ. ކޮޓަރިން ނުކުތުމާއެކު ރާހިލް އޭނާގެ މޫނުމަތީގައިވި ހާސްކަން ފިލުވައިލައި މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ގޮސް ޝައިނާގެ ގާތަށް ހުއްޓި ޝައިނާގެ އަތުގައި ހިފައިލިއެވެ.
"ރާހިލް.. ކޮންއިރަކު އައީ؟ ކީއްވެ އަހަރެންގާތު އައި ވާހަކަ ނުބުނީ؟" ރާހިލް ހީކުރި ފަދަ ރުޅިވެރިކަމެއްގެ ބަދަލުގައި ޝައިނާގެ އަޑުގައިވަނީ ޝަކުވާއެވެ.
"އަދި އިއްޔައޭ އާދެވުނީ ލަވް.. ސަރޕްރައިޒެއް ދޭން ދާން އުޅުނީ މިރޭ.. އޮފީހުގަ ކުޑަކޮށް ބިޒީވީމަ ލަސްވީ.. ސޮރީ" ރާހިލް އާދައިގެ ރާގެއްގައި ބުންޏެވެ.
"އެލީ ރަނގަޅުތަ؟ ހެޕީތަ؟" ޝައިނާގެ މައުސޫމު ސުވާލުތައް އިވުމާއެކު ރާހިލްގެ ހިތަށް އިތުރަށް އުނދަގޫވިއެވެ. އޭނާއާއެކު އެލީޝާ ގެނައިކަން ޝައިނާއަށް ޒީވާގެ ފަރާތުންވެސް އަދި އެނގިފައި ނުވާކަން ޔަގީންވިއެވެ. ޝައިނާގެ އެ ރީތި ދެލޮލުން ރާހިލްއަށް ފެންނަމުންދިޔައީ އޭނާއަށްޓަކައި އޮތް ލޯތްބާއި އިތުބާރެވެ. ނަމަވެސް ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި އެކަން ބަދަލުވެ އޭނާއަށްޓަކަަައިވާ ރުޅިއާއީ ނަފްރަތުގެ ދިލަކަނިން ޝައިނާގެ ދެލޯ ވިދަމުން ދާނެކަމާމެދަކު ރާހިލްގެ ޝައްކެއްނެތެވެ. ވުމާއެކު އޭނާ ބޭނުންވީ އެވަގުތު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައި ޝައިނާގެ ލޯބީގައި ދީވާނާވެލުމަށެވެ.
"ހްމްމް. ދެން އެވާހަކަ ނުދައްކަމާ.. އައި މިސްޑް ޔޫ ސޯ މަޗް" ރާހިލް ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ. ބަދަލުގައި ޝައިނާގެ ފިޔަވަޅު އަޅައިލީ ފަހަތަށެވެ. އެ ހަރަކާތް ދެތިން ފަހަރަކު ތަކުރާރުވުމަށްފަހު އެންމެފަހުން ޝައިނާ ފަހަތުގައިހުރި ފާރުގައި ޖެހި މަތަވިއެވެ. ރާހިލްގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އޭނާ އިސްޖަހައިލައިގެންހުރި ޝައިނާގެ ދަތްދޮޅީގައި ހިފައި އިސް އުފުލައިލިއެވެ.
"ރާހިލް.. މީހަކަށް.." ޝައިނާގެ އަތްފައި ފިނިވިއެވެ.
"ކާކަށްތަ؟ މަންމައެއް ނާންނާނޭ މައްޗަކަށް." ރާހިލް ޔަގީންކަންދިނެވެ. އޭރު އެދެމީހުންގެ މޫނުވަނީ އެކެއް އަނެއްކެއްގެ ހޫނު ނޭވާ އިހުސާސްވާހާ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. އެ ޖާގަ އިތުރަށް ހަނިކޮށްލުމުގެ ގޮތުން ރާހިލް އޭނާގެ އެއްއަތް ފާރުގައި ވިއްދައިލުމަށްފަހު އަނެއްއަތް ޝައިނާގެ އުނަގަނޑުގައި ވަށައިިލިއެވެ.
"ބުނެބަލަ.. އަހަރެންމަތިން ހަނދާނެއް ނުވޭތަ؟" ރާހިލްގެ ސުވާލަށް ނޫނެކޭ ބުނުމަށް ދޫ ހަރަކާތްތެރި ނުވިނަމަވެސް ޝައިނާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެހާ ދުވަހަށްފަހު ރާހިލްގެ ފަރާތުން އެފަދަ ގާތްކަމެއް އިހުސާސްވާން ފެށުމާއެކު ޝައިނާގެ އަމަލުތައްވެސް އިޚްތިޔާރުން ދޫވާން ފަށައިފިއެވެ. ރާހިލް ލައިގެން ނުކުތް ގަމީހުގެ ގޮށްތައް އަދިވެސް މިނިވަންކޮށްލެވިފައި ހުރުމުގެ ސަބަބުން އެއްވެސް ހުރަހަކާއި ނުލައި އޭނާގެ އަތް ރާހިލްގެ މެއާއި ބަނޑުގައި ރީތިކޮށް އެތުރިފައިވާ މަސްތަކުގައި ބީއްސައިލެވުނެވެ.
"އައި މިސްޑް ޔޫ ޓޫ.. ސޯ މަޗް.. އެކަމަކު—"
ޝައިނާގެ ވާހަކައަށް ހުރަސްއެޅުނީ ކުއްލިއަކަށް ކައިރީގައިހުރި ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. އެއަޑާއެކު ރާހިލްއަށްވެސް ސިހިފައި ޝައިނާއާ ދުރަށް ޖެހިލެވުނެވެ. އޭރު ރިއާން އެކޮޓަރިން ނުކުމެ ދޮރު ލައްޕައިލަނީއެވެ. އޭނާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ޝައިނާއަށް ބަލައިލިއިރު އެ ބެލުމުގައި އެއްވެސް އަސަރެއްނެތެވެ. އެފަދަ ގޮތަކަށް ފަޅާއެރި އެހެން ހާލަތެއްގައިނަމަ އެމީހުންނާ ދިމާކުރުމުގެ ގޮތުން ރިއާން ކޮންމެވެސް އެއްޗެކޭ ބުނެލާނެކަން ރާހިލްއަށް އެނގެއެވެ. ނަމަވެސް މިފަހަރު އެ މޫނުމަތިން އެކަހަލަ އެއްވެސް ޝައުގުވެރިކަމެއް ފެންނަން ނެތީތީ ރާހިލްވެސް ހައިރާންވިއެވެ.
"ޒީވް އެބަ ނުކުމޭ" ރިއާން އެމީހުންނަށް އެކަން އަންގައިލުމަށްފަހު އަވަހަށް ސިޑިން ފައިބައިގެންދިޔައެވެ. ރިއާންއަށް ވީގޮތެއް ނޭނގި ކަންބޮޑުވެފައިހުރި ރާހިލް އަވަސްއަވަހަށް އޭނާގެ ފަހަތުން ހިނގައިގަތެވެ.
"އޭ ބްރޯ.. މަޑުކޮށްބަލަ.. އަހަރެން ފެންނަކަމަށްވެސް ހަދާނުލާ ތި ދަނީ.. ކިހިނެއްވީ؟ ޒީ އާ މައްސަލައެއް ޖެހުނީތަ؟" ރާހިލް އައިސް ސިޑީގެ މެދަކާހިސާބުން ރިއާންއާ އެއްވަރުކޮށްލިއެވެ.
"ތިއެއްނު ނޭނގިގެން މި އުޅެނީ.. ޖެހުނީ ކޮން މައްސަލައެއްކަންވެސް އެނގެނީކީނޫން.. އަހަރެންނަށް ހީވަނީ ރާހިލް ބުނިހެން ގައިމު ޒީވާ އެއީ މިގޭގެ އެންމެ ޑްރާމާނޫން މީހާއޭ. މިހާރު އެކަމަކު އަހަރެންނަށް ޝައްކު" ރިއާންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.
ރާހިލް ރިއާންގެ ކޮނޑުގައި ދެފަހަރަކު ޖަހައިލަމުން ދެމީހުން އެކުގައިގޮސް ކާމޭޒު ދޮށުގައި އިށީއިނެވެ. އެތަނުގައި އިން އެލީޝާ ފެނުމާއެކު މަދު ސުކުންތުކޮޅެއް ކުރިން ރާހިލްގެ މޫނުމަތިން ފެންނަންހުރި ހަމަޖެހުން ފިލައިގޮސް ފުން ވިސްނުމަކަށް ގެއްލުނެވެ. ރިއާންއަށްވެސް އެކަން ފާހަގަކުރެވުނެވެ. އޭގެ ދެތިންމިނަޓު ފަހުން ޒީވާއާއި ޝައިނާ އެކުއެކީގައި ކަހަލަ ގޮތަކަށް ތިރިއަށްއައެވެ. ޝައިނާއަށް އެލީޝާ ފެނުމާއެކު އޭނާގެ ފިޔަވަޅުތައް ހުއްޓުންއެރިއެވެ. ވާނުވާ ނޭނގިފައިހުރެ އެއްފަހަރު އެލީޝާއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލިއެވެ. ރިއާންއަށްވެސް ބަަލައިލެވުނީ ކައިރީގައި އިން ރާހިލްއަށެވެ. ރާހިލް އިނީ އިސް ޖަހައިލައިގެނެވެ. އެތަނުގައި ހިނގާ އެއްވެސް ކަމެއް އޭނާއަށް ނުފެންނަކަހަލައެވެ.
"ޝައި.. ކިހިނެއްވީ ތި ހުއްޓުނީ؟" ޒީވާ ޝައިނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށްގޮސް ބަދިގެއަށް ވަނެވެ.
ޝައިނާގެ ދުލުގައި ތަޅެއް އެޅުވިފައިވާ ކަހަލައެވެ. ޒީވާގެ ސުވާލަކަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. ވާފިޔާއާއެކު ޒީވާ މޭޒުމައްޗަށް ކާން ތައްޔާރު ކުރަމުންދިޔައިރުވެސް އޭނާއަށް ސިންކުދޮށުގައި ތަށި ދޮވެލައި ދޮވެލައި ހުރެވުނީއެވެ.
"ޝައި.. ދެން ތި ބަހައްޓާފަ ކާން އާދޭ. ފަހުން ތި ދޮންނާނީ" ޒީވާ ބުންޏެވެ. ޝައިނާ ބޯ ޖަހައިލުމަށްފަހު ޒީވާގެ ފަހަތުންގޮސް ކާމޭޒުކައިރިއަށް ހުއްޓިލިއެވެ.
އަށް މީހުންގެ ޖާގައިގެ ދިގުއަކަ ބައްޓަމަށް ހުރި އެ މޭޒުގެ ދެކޮޅުގައި ނާޝިދާއި ރާހިލް އިށީނދެ ތިބިއިރު ނާޝިދުގެ ދެފަރާތަށް ތިބީ ރިއާންއާއި ވާފިޔާއެވެ. ވާފިޔާއާ ޖެހިގެންހުރި ގޮނޑީގައި އިޝްވާ އިށީނުމާއެކު ޒީވާގޮސް ރިއާންއާ ޖެހިގެންހުރި ގޮނޑީގަިއ އިށީނެވެ. އޭނާއާއި ޖެހިގެންއިނީ އެލީޝާއެވެ. އެލީޝާ އިނީ ރާހިލްގެ ވައަތްފަރާތަށް ވާގޮތަށް އިށީނދެގެން ކަމަށްވުމާކު ޝައިނާއަށް ޖެހުނީ އެލީޝާގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑީގައި އިށީންނާށެވެ. އެއީ ރާހިލްގެ ވައަތްފަރާތަށް ހުރި ގޮނޑިއެވެ.
"އޯ .އެމް. ޖީ ސިސް! ހާދަ ދުވަހެއް ކޮށްފައޭ ތިއައީ.. މިސްޑް ޔޫ ސޯ މަޗް" އިޝްވާއަށް އޭނާގާތު އިށީން ޝައިނާ ފެނުމާއެކު އުފަލުން ބައްދައިލިއެވެ.
"ބަލާބަލަ. އަހަރެން އައި ދުވަހުވެސް އެވަރެއް ނުވޭ އިޝީއަކަށް. ދޮންބެ އައި ދުވަހުވެސް. ދޯ މަންމާ"
ޒީވާގެ ވާހަކައަށް ވާފިޔާ ހޫން ލައްވައިލުން ފިޔަވައި އިތުރު ރައްދެއް ނުދެއެވެ.
"ހްމްމް ދަރިފުޅު ތި ތަންކޮޅެއް ރަނގަޅަށް އަޅައިގެން ކައިބަަލަ" ޒީވާގެ ތަށީގައިހުރި ދެތިން ސުވާ ހަމަނުވާ ބަތްކޮޅަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
"ރިއާންއަށް އެނގޭތަ މި ޒީވާވެސް ފިސާރި ބޯހަރޭ މިހާރު. ދެރޭ ދެދުވާ ވެއްޖެ ނުކައި ނުބޮއެ އުޅޭތާ. އަހަރެން ބުނެފިން މިހާރު–"
"އެލީ އިޒް ޕްރަގްނަންޓް" ކުއްލިއަކަށް ރާހިލް އެތަނުގައި ގޮއްވައިލި ބޮމާއެކު ވާފިޔާގެ ވާހަކަ މެދުކެނޑުނެވެ. އެންމެން ސިހިފައި ކަހަލަގޮތަކަށް ރާހިލްއާ ދިމާލަށް ބަލައިލިއިރު އެއިން ކޮންމެ މީހެއްގެ މޫނުމަތިން ފާޅުވާންހުރި ކުލަވަރު ވަރަށް ތަފާތެވެ. ޒީވާއާއި ވާފިޔާގެ އިތުރުން ނާޝިދުގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުންދިޔައިރު އިޝްވާއާއި ރިއާންގެ މޫނުމަތިން ފެންނަންހުރީ ހައިރާންކަމެވެ. ރިއާންއަށް އެއީ އާ ހަބަރަކަށް ނުވިޔަސް ރާހިލް އެފަދަ ގޮތަކަށް އެކަން އިއުލާންކުރާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ.
ރިއާންއަށް ބަލައިލެވުނީ އެތަނުގައި އިން ޝައިނާއަށެވެ. އޭރު ޝައިނާގެ މޫނުމަތިންވެސް ފާޅުވާންހުރީ ހައިރާންކަމުގެ ކުލަވަރުތަކެވެ. އޭނާއަށް އިވުނު އެއްޗެއް ގަބޫލު ނުކުރެވިފައި އިންފަދައިން އެއްފަހަރު ރާހިލްއަށް އަނެއްފަހަރު އެލީޝާއަށް ބަލައިލިއެވެ. އެލީޝާ އިނީ އިސްއުފުލައިލައި ޝައިނާއާ ހަތަރުކަޅި ހަމަކުރަންވެސް ނުކެރިފައެވެ.
"ހަމަ އަސްލުތަ؟ މަންމަ ވަރަށް އުފާވެއްޖެ!" ވާފިޔާ އިންތަނުން ތެދުވެގެންގޮސް އެލީޝާގެ ގައިގައި ބައްދައިލިއެވެ.
"ހްމްމް. އިޓްސް ބީން އަ ވައިލް.. އެލީ ބޭނުން ނުވީ އެހާ އަވަހަށް އެއްވެސް މީހަކަށް އަންގަން ދޯ އެލީ"
އިތުރަށް ރާހިލްގެ ވާހަކަތައް އަޑުއެހުމަަށް ކުޅަދާނަ ނުވުމުން ޝައިނާ އަތް އަވަސްކޮށްލުމަށްފަހު މޭޒުމަތީގައިހުރި ފެން ހުސްކުރި ޖަގު ހިފައިގެން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ލޮލަށް ބޮނޑިވަމުންއައި ޝަކުވާގެ ކަރުނަތައް އޮއްބައިލުމަށްޓަކައި އެއްއަތުގެ ނިޔަފަތިތަކުން އަނެއްއަތުގައި ވަކި އަޅައިލިއެވެ.
"ޑޯންޓް ކްރައި ޝައިނާ ޑޯންޓް ކްރައި… ފޯކަސް އޮން ދި ޕެއިން!!" ޝައިނާ ނިޔަފަތިތަށް އަތުގެ ތެރެއަށް ހަރަމުން ދެފަރާތަށް ހިނގަމުން އަމިއްލަ ނަފްސާ ވާހަކަ ދައްކަންފެށިއެވެ. އޭނާގެ ހިތުގައި އެތަށްހާސް ސުވާލެއް އުފެދުނެވެ. ރާހިލް އެ ވާހަކަ ބުނި ވަގުތު ޝައިނާއަށް އޭނާގެ އަމިއްލަ އަޑުއިވުމުގެ ހިއްސާމެދުވެސް ސުވާލު އުފެދުނެވެ. މީގެ ކުޑައިރުކޮޅެއްކުރިން އެގެއިން އޭނާއާ ބައްދަލުވި ރާހިލްއަކީ ހަމަ އެ ސުފުރާ ދޮށުގައި އިން ރާހިލްބާއެވެ؟ ރާހިލް އެފަދަ ގޮތަކަށް ކަންތައް ކުރަންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. އެލީޝާ ގޮވައިގެން ރާހިލް އަލުން ރާއްޖެ އަންނަންވީ ކީއްވެހެއްޔެވެ؟ އަނެއްކާ އޭނާގެ ހިތުގައި އުފެދެމުންއައި އެންމެ ބޮޑު ބިރު ހަގީގަތަށް ވީބާއެވެ؟ ރާހިލްގެ ހިތް އެލީޝާގެ މައްޗަށް ލެނބެން ފެށީބާއެވެ؟
ޝައިނާ އެތަނުން ދިޔަތާ މާގިނައިރެއްނުވެ އިޝްވާވެސް އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ކޮޓަރިއަށް ދިޔައެވެ. ރިއާންއަށް ކަންތައްތައް ވަމުންދިޔަގޮތް ނަގައިގަނެވުމާއެކު އަވަސް އަވަހަށް ފޯނު ނަގައި ނީމްއަށް މެސެޖެއްކޮށްލިއެވެ. އެއާއެކު އޭނާގެ ފޯނަށް ނީމްގެ ކޯލެއް އަންނާކަށް މިނެޓެއްވެސް ނުނެގިއެވެ.
"އެހެމް.. ހަލޯ؟" ރިއާން ފޯނު ނެގުމާއެކު ކަރުކެހިލަމުން ފޯނަށް ޖަވާބުދިނެވެ. އޭނާ އުއްމީދު ކުރިފަދައިން އެތަނުގައިތިބި މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.
"ޔެސް؟ ޔެސް މިހާރު މި ދަނީ.. ނޫނޭ ނީމް ނުގުޅިޔަސް ރަނގަޅުވާނެ.. އަހަރެން ޝައިނާއަށް އިންފޯރމް ކޮށްލާނަން" ރިއާން ފޯނު ކަނޑައިލުމާ ހަމައަށް ދެއްކި އެއްވެސް ވާހަކައެއް ނީމްއަކަށް ފަހުމެއް ނުވިއެވެ. އެކަމާމެދު ރިއާންގެ ފަރުވާލެއްނެތެވެ. ފޯނު ބޭއްވުމާއެކު ސުކުންތެއްވެސް ލަސްކުރުމެއްނެތި ޝައިނާއަށް ގޮވައިލިއެވެ.
"ޝައިނާ.. ޝައިނާ.. ޝައި– ނީމް ދެންމެ ގުޅާފަ ބުނީ އޮފީހުގެ އެމަރޖެންސީ ކަމެއްގަ ޝައިނާ ބޭނުންވާ ވާހަކަ. އަހަރެންވެސް އެކޮޅަށް ދާން މިދަނީ.. މިގަޑީގަ ދާންވީނު" ރިއާންގެ އަޑަށް ބަދިގެއިން ނުކުމެގެން އައި ޝައިނާފެނި އޭނާ ބުންޏެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް ޝައިނާ އެ މާހައުލާ ދުރަށް ގެންދިޔުމަށެވެ. ވާނީވެސް އެހެންތާއެވެ. މިރޭ އެތަނުގައި އިން ރާހިލްއާ އަވަލާފަ އިނީ ކޮންކަހަލަ އިފުރީތެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އެ އެންމެންގެ ކުރިމަތީގައި ރާހިލްއާ ސުވާލެއް ކުރުމަކީވެސް ވާނެކަމެއް ނޫންކަން އޭނާއަށް ގަބޫލުކުރެވެއެވެ.
"ހްމްމް. އެބަ އަންނަން ދަބަސް ހިފައިގެން" ޝައިނާ ސިޑިއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.
"އޯކޭ އަހަރެން ދަނީ ކާރު ނެރެލަން" ރިއާން އެއްނޭވައިން ކައިރީގައިހުރި ފެންތަށި ދަމައިލުމަށްފަހު އެތަނުން ތެދުވިއެވެ. އޭނާ ފަސްއެނބުރި ބެލުމެއްނެތި އެގެއިން ނުކުތް މަންޒަރު ބަަލަން އިން ޒީވާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ތައްޓަށް އެޅި މަދު ކާއެތިކޮޅުވެސް އެ ހުރިގޮތަކަށް ބެހެއްޓުމަށްފަހު އޭނާ އެތަނުން ދިޔައެވެ.
"ހެވެއްނު؟ އޮފީހުން ކޯލެއް އައިމަ ދުވަހަކުވެސް އަހަރެންމަތިން ހަނދާން ހުރޭތަ؟ އައުުޗް.. ޝައި؟؟!!" ހިތާހިތުން ރިއާންއަށް ކުދިކިޔަމުންދިޔަ ޒީވާގެ ގައިގައި ކޮޓަރިން ނުކުތް ޝައިނާ ޖެހުމާއެކު ޒީވާއަށް ކޮނޑުގައި ފިރުމައިލަމުން ގޮވައިލެވުނެވެ. އޭރު ޝައިނާ ދުވެފައިގޮސް ސިޑިން ފައިބަނީއެވެ.
***************
ޒީވާ ގޮވައިލި އަޑަށް ބީރުކަންފަތެއް ދެމުން ސިޑިން ފޭބި ޝައިނާގެ ހަރަކާތްތަކުގައިވަނީ އަވަސްކަމެވެ. އޭނާހުރީ މިވަގުތު ޒީވާއާ ކުރިމަތިލެވޭނެފަދަ ހާލަތެއްގައެއް ނޫނެވެ. އެގޭގައި ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު އޭނާގެ ސިކުނޑި އިތުރަށް ފުސްވެ ބަލިކަށިވަމުންދާކަން އޭނާއަށް އިހުސާސް ކުރެވެމުންދިޔައެވެ. އޭނާގެ އަމާޒަކަށް ވެފައިވީ ވީހާވެސް އަވަހަށް އެގެއިން ނުކުތުމަށެވެ. ނަމަވެސް އެކަމަށްޓަކައި އޭނާ ކުރި މަސައްކަތް ބޭކާރުވީ ގޭގެ ދޮރާއި ހިސާބަށް ދެވުނުތަނާހެން ފަހަތުން ވާފިޔާ ގޮވައިލިއަޑު އިވުމުންނެވެ. ފުރަތަމަ ފަހަރަށް އެ އަޑު ނީވޭ ކަމަށް ހެދުނަސް ދެތިން ފަހަރަކު ގޮވައިލުމުން އެ އަޑަށް ބީރުކަންފަތެއް ދޭކަށް ޝައިނާއަކަށް ނުކެރުނެވެ. ވާފިޔާގެ އެދުނު ފަދައިން ހަލުވި ފިޔަވަޅުތަކެއްގައިގޮސް ވާފިޔާ އުޅޭ ކޮޓަރިއަށްވަނެވެ. ރާހިލްގެ ސަބަބުން އޭނާގެ ހިތުގައި ޖެހިފައިވާ މިންވަރު ބޭޒާރުވިޔަ ނުދިނުމަށްޓަކައި ޝައިނާ ދިޔައީ ވެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްތެރިވަމުންނެވެ. އެކަން ވާފިޔާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެހެންކަމުން ރުޅި އިސްކުރުމުގެ ބަދަލުގައި އޭނާ ހަމްދަރުދީގެ ނަޒަރަކުން ޝައިނާއަށް ބަލައިލުމަށްފަހު ޝައިނާގެ ގައިގައި ބައްދައިލިއެވެ.
ޝައިނާއަށް ކެތްވީ އެހިސާބަށެވެ. އެ ރީތި އެސްފިޔަތަށް ފޫ އަޅުވައިލައި ފައިބައިގަތް ކަރުނަތަކާއެކު ދެތުންފަތް ފޫ އަޅުވައިލައި ނުކުތް ގިސްލުމުގެ އަޑު ވާފިޔާގެ ބުރުގަލުގެ ތެރެއަށް ހިނދިގެންދިޔައެވެ. އެވަގުތު ވާފިޔާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އެފަދަ ވޭނީ ރުއިމެއްގެ އަޑު އޭނާއަަށް މީގެ ކުރިން ދަރިއެއްގެ ފަރާތުންވެސް އިވިފައެއް ނުވެއެވެ. ޝައިނާގެ ހިތުގައި ރާހިލްއާމެދު އޮތީ ކިހައި ފުން ތެދުވެރި ލޯތްބެއްކަން އިތުރު މީހަކަށް އޭނާގާތު ބުނެދޭން ނުޖެހޭ މިންވަރަށް ވާފިޔާއަށް އެކަން ޔަގީންކުރެވުނެވެ.
"ދައްތާ!" ޝައިނާ ކުރެހިފައިވާ އަޑަކުން ވާފިޔާއަށް ގޮވައިލަމުން އިތުރަށް ވާފިޔާގެ ގައިގައި އޮޅުލައިގަތެވެ.
ވާފިޔާއަށް ހުރެވުނީ ޝައިނާ ދުރުކޮށްލާނެ ގޮތެއްވެސް ނޭނގިފައެވެ. ޝައިނާގެ މައުސޫމު ހިތަށް އެހާބޮޑު އަނިޔާއެއް ދިނީތީ ހިނދުކޮޅަކަށް ރާހިލްއާމެދުވެސް ވާފިޔާގެ ހިތް ކިލަނބުވިއެވެ. ނަމަވެސް އެހާމެ އަވަހަށް އެ ކިލަނބުކަން އޭނާގެ ހިތުން ފިލުވައިލިއެވެ. އެއީ މިހާރު ބޭނުމެއް އޮތް ކަމެއް ނޫނެވެ. ވެ ނިމިފައި އޮތްކަމެއް އެކަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ. ދެން އޮތް ގޮތަކީ ޝައިނާއަށް ހިތްވަރުދީ ނަސޭހަތްދިނުމެވެ. ވާފިޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝައިނާ އޭނާގެ ގަޔާ ދުރުކޮށްލިއެވެ.
"ޝައިނާ.. ދަރިފުޅާ.. ދައްތަ އޭރުވެސް ޝައިނާގާތު ބުނީމެއްނު. މިއަދު ޝައިނާއަށް ސާފުވެއްޖެއެއްނު ރާހިލްގެ ނިންމުން. ޝައިނާވެސް ހުއްޓައެއްނު ރާހިލް އެހެން އެބުނީ. ޝައިނާ ބުނެބަލަ. ކުރިން ރާހިލްއަކީ ހަމައެކަނި އެލީޝާގެ ފިރިމީހާ. އޭރު ކަންތައް ކޮންމެ ގޮތަކަށްވިޔަސް ދެން ކުރާނެ ކަމެއް ނެތް. ޝައިނާއަށްވެސް ރާހިލްއަށްވެސް ތިއޮތީ ވަރަށްބޮޑު ގޯހެއް ހެދިފަ. އެކަމަކު ޝައިނާ ބޭނުންތަ ދަރިއަކާ ބައްޕައެއްގެ ދެމެދުގަ ހުރަހަކަށްވާން.. ރާހިލްގެ އެ ލޯބި އާއިލާ–"
"ދައްތާ ޕްލީޒް.. އަހަރެންނަށް އެނގޭ.. ތިއީ ދައްތަ އަހަރެންނަށް ހެޔޮއެދިގެން ދައްކާ ވާހަކަތަކެއްކަން.. އެކަމަކު މިވަ.. މިވަގުތު ތިވާހަކަތަކުން އަހަރެންގެ ހިތާމަތަށް އިތުރުވުން ނޫންކަމެއް ނުވޭ. ސޯ ޕްލީޒް ދައްތާ.. އަހަ.. އަހަރެން ދައްތަ ބޭނުންވިގޮތަށް ކަންތައް ކޮށް.. ކޮށްދޭނަން! އަހަރެންނަށް މިއަދު ވަރަށް ފުން ނިންޖަކުން ހޭލެވިއްޖެ. ދެކޭހާ ކޮންމެ ހުވަފެނަކީ ހަގީގަތެއް ނޫންކަން ދަސްވެއްޖެ. ދައްތަ ބުނީ ތެދެއް! ރާހިލްގެ އެ އުފާވެރި އާއިލާއަށް އެޅޭ ހުރަހަކަށް ވާކަށް އަހަރެން ނެތިން ދައްތާ.. އިތުބާރުކުރޭ.. އަހަރެން.. ރާހިލް.. ރާހިލް ދޫކޮށްލާނަން"
ޝައިނާ ގިސްލުމުގެ ތެރެއިން ވާހަކަދެއްކިއެވެ. ވާފިޔާ އެ ވާހަކަތަކާމެދު ރުހޭ ފަދައަކުން ބޯ ޖަހައިލުމަށްފަހު ލޯތްބާއެކު ޝައިނާގެ ކަރުނަތައް ފޮހެލައިދިނެވެ. ވާފިޔާގެ އިޒުނައާއެކު އެންމެ ސުކުންތެއްވެސް އެތަނުގައި މަޑުކުރުމެއްނެތި ޝައިނާ ކޮޓަރިން ނުކުތެވެ. އޭރު ސިޓިންގްރޫމްގައި ތިބީ އެލީޝާއާ ރާހިލް އެކަންޏެވެ. ނަސީބު ކަންދިމާކުރިގޮތުން ނާޝިދުގެ ހިލަމެއްވާކަށް ނެތެވެ.
ޝައިނާ ނުކުތްތަންފެނި ރާހިލް ޝައިނާއާ ދިމާލަށް ފިޔަވަޅެއް އަޅައިލި ނަމަވެސް ޝައިނާ އަތް ދަމައިލަމުން އެކަން މަނާކުރިއެވެ. އަދި ދުރުގައިހުރި އެލީޝާއާ ނަފްރަތުގެ ނަޒަރަކުން ބަލައިލުމަށްފަހު ދުންޖަހާފައިގޮސް ގޭގެ ދޮރުން ނުކުތެވެ.
"ރާހިލް.. ޝައިނާ އެހެރީ އަހަރެންދެކެ ވަރަށް ރުޅި އައިސްފަ ކަންނޭނގެ. އަހަރެމެންނަށް މި ކަންތައް ކުރެވުނީ އެންމެ ރަނގަޅަށްތަ؟" އެލީޝާއައިސް ރާހިލްގާތު ހުއްޓިލިއެވެ.
"ޝައިނާއަށް ވިސްނެން ވަގުތު ނަގާނެ.. އެކަމަކު އިތުރުގޮތެއް އޮތްނަމަ އަހަރެން މިހެން ކަންތަކެއް ނުކުރީސް" ރާހިލް ހަށިގަނޑު ކުރިއަށް ލަންބައިލަމުން ނިއްކުރި ފާރުގައި ޖައްސައިލުމަށްފަހު ދެލޯ މަރައި ތަގުޅި ކޮށްލިއެވެ. އެލީޝާ ހިތްވަރުދިނުމުގެ ގޮތުން ރާހިލްގެ ކޮނޑުގައި އަތްބާއްވައިލިއެވެ. ނަމަވެސް ރާހިލްގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. ޝައިނާގެ ހިތް ފުނޑުފުނޑު ކޮށްލެވުނުކަމުގެ ހިތާމައާއި ޝައިނާ ގެއްލިދާނެކަމުގެ ބިރު އެއްވެ އޭނާގެ އެތެރެހަށި ފޮތިފޮތިކޮށް ކަމުންދިޔަކަހަލައެވެ. އެންމެފަހުން އެލީޝާގެ އަތް ދުރުކޮށްލުމަށްފަހު އެސްފިޔަ ޖާހައިލާފަދަ މަދު އިރުކޮޅެއްގެ ތެރޭގައިގޮސް ގޭގެ ދޮރުން ނުކުތެވެ. ނަމަވެސް އޭނާއަށް މަގުމައްޗަށް ނުކުމެވުނުއިރު ރިއާންމެންދިޔަ ކާރުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
ރާހިލް ޗޮކެއް ކަނޑައިލުމަށްފަހު ސައިކަލު އިސްޓާޓުކޮށްލަމުން އާރް.އެލްގެ މައި އިމާރާތަށް ދިޔުމަށްޓަކައި ދުއްވައިލިއެވެ. ހަލުވި ދުވެލީގައި ދުއްވަމުންދިޔަ ސައިކަލު ފަސްމިނެޓެއްހާއިރުތެރޭ އިމާރާތުގެ ދޮރުމައްޗަށް ހުއްޓައިލިއެެވެ. ގަޑިން ރޭގަނޑު ނުވައެއް ޖަހައިފައި ވާތީއާއެކު އެ ވަގުތަކީ އެ އިމާރާތަށް ފަޅު ވަގުތެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓައި ރާހިލް އެތަނުގައިހުރި އޭނާއަށް ފެނި ދެނިވެ އުޅޭ ދޮރުވާނަށް ހިނިތުންވެލުމަށްފަހު އިމާރާތުގެ ތެރެއަށްވަނެވެ. އާދި އިތުރު ވިސްނުމަކާނުލައިގޮސް އެންމެ މަތީ ފަންގިފިލާގައިހުރި ރިއާންގެ ކެބިންގެ ދޮރު ހުޅުވައިލިއެވެ.
"ވަދޭ ވަދޭ. އަހަރެން މީނީ ރާހިލް އަންނަންދެން" ރިއާން އޭނާ އިށީނދެ އިން ގޮނޑިން ތެދުވެގެން އައިސް ރާހިލްގެ ކުރިމައްޗަށް ހުއްޓުނެވެ. ރާހިލް ކެބިންގެ ވަށައިގެން ހޯދައިލިއެވެ. އެތަނުގައި ޝައިނާ ފެންނަން ނެތުން ވެގެންދިޔައީ ރާހިލް ހައިރާންވި ކަމަކަށެވެ.
"ވެއަރ އިޒް ޝީ ރިއާން؟" ރާހިލް ސުވާލު ކުރިއެވެ.
"ކޮން ޝީ އެއް؟ ރާހިލްގެ މަންމައާއި ދެ ކޮއްކޮގެ އިތުރުން އަނބިމީހާވެސް އިނީ ތި ގޭގައެއްނު؟ ދެން ރާހިލް ހޯދަން އަންނަންޖެހޭ އެއްވެސް "ޝީ" އެއް ހުންނާނެ ކަމަކަށް އަހަރެންނަކަށް ނުބެލެވޭ" ރިއާންގެ އަޑުގައިވަނީ މަލާމާތާއި ހިތްހަމަ ނުޖެހުމެވެ.
"ބުނަން ރިއާން؟ މިއީ ސަކަރާތް ޖަހަންވި ވަގުތެއް ނޫން"
"ސަކަރާތް ޖަހާ ކުޅިވަރު ކުޅެން އުޅެނީ އަހަރެންތަ؟ ނޫނީ ރާހިލްތަ؟" ރިއާން ދުރަށް ކޮށްޕައިލުމަށްޓަކައި ރާހިލް ހޫރައިލި އަތުގައި ހިފަހައްޓަމުން އޭނާ ބުންޏެވެ.
"ކީކޭ ހިތަށް އަރައިގެން ރާހިލް ކުރިކަމެއް އެއީ؟ ތިހިރީ މޮޔަވެފަތަ؟" ރިއާންގެ އަޑު ބާރުވިއެވެ.
"އެއީ ރިއާންއަކާ ބެހޭ ކަމެއް ނޫން. ޝައިނާ ކޮބާ؟" ރާހިލް ބުންޏެވެ.
"ބެހެވޭނެ! ރާހިލް ޝައިނާއަށް ކަޅި އަޅަންފެށި ފުރަތަމަ ދުވަހުއްސުރެން އަހަރެން ނުބުނަންތަ ޝައިނާއަކީ ނިކަމެތި ކުއްޖެކޭ؟ އޭނައަށް ގޮތެއް ނަހަދާށޭ. ޝައިނާގެ ހަގީގަތް ކިޔައެއް ނުދެންތަ؟" ރިއާން ބުންޏެވެ.
"ކިހާ ދެރަކަމެއްތަ އޭން؟ ޝައިނާގެ ހަގީގަތް ރިއާންއަށްވުރެ ބޮޑަށް އެނގޭނީ އަހަރެންނަށޭ! މިއީ އަހަރެންނާ ޝައިނާއާ ދެމީހުންގެ ކަމެއް. އެހެންނޫނަސް ރިއާންއަކީ އަހަރެންގެ ރިލޭޝަންޝިޕަކަށް ފާޑުކިޔޭނެ ހާލަތެއްގަހުރި މީހެއްނަމަ މިހާރު ޒީވާ އަހަރުމެން ގެއަކު ނުހުންނާނެ. ސޯ ފަހު ފަހަރަށް އަހަރެން މި އަހަނީ! ޝައިނާ ކޮބާ؟" ރާހިލް އަހައިލިއެވެ. ރިއާންއަށް ރާހިލްގެ ވާހަކަތައް ގަބޫލު ކުރެވުމާއެކު ބޯ ޖަހައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.
"ގޭގަ. އަހަރެން ކީއްކުރަން ޝައިނާ މިތަނަށް ގެންނަންވީ؟" ރިއާންގެ ޖަވާބާއެކު ރާހިލް ވަގުތު ބޭކާރު ކުރުމެއްނެތި ކެބިންގެ ދޮރާ ދިމާލަށް ހިނގައިގަތެވެ.
"ރާހިލް! ޝައިނާއާއި ރާހިލްގެ ދެމެދުގަ ކޮންމެ މައްސަލައެއް ޖެހުނަސް އަހަރެން އެކަމަކާ ނުބެހޭނަން. އެކަމަކު ޝައިނާއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ޒީވާއަށް ކުޑަވެސް ހިތާމައެއް ލިބޭ ދުވަހަކީ އަހަރެންގެ ހެޔޮކަން ނިމޭ ދުވަސް ކަމުގަ ބަލާތި!" ކެބިންގެ ދޮރު ބާރު އަޑާއެކު ލެއްޕުމުގެ ކުރިން ރިއާން ބުނިއަޑު ރާހިލްއަށް އިވުނެވެ.
*****************
"ސިސް. ދެން ތިހެން ނުހިނގާ ތަނެއްގަ އިށީނދެލަންވީނު" ޝައިނާގެ ހަރަކާތްތަކަށް ބަލަން ސިޓިންގްރޫމްގެ ސޯފާގައި އިން ޝިމާން ބުނަން ނުބުނަން އިނދެފައި ކަހަލަ ގޮތަކަށް ބުންޏެވެ.
ގެއަށް ވަނީއްސުރެން ޝައިނާގެ ހަރަކާތްތައް ހުރީ ދެފަޔަށް ހިނި އަރައިގެން އުޅޭ މީހަކު ފަދައިންނެވެ. ދެފައި އެއްތަނެއްގަައި ނުޖަހައި ހިނގަމުންދިޔައިރު އެއްފަހަރު ކޮޓަރިއަށް ވަނިއްޔާ އަނެއްފަހަރު ސިޓިންގްރޫމަށް ނުކުމެ ދެފަރާތަށް ހިނގަން ފަށައިފާނެއެވެ. އަތުގެ ނިޔަފަތިތަށް ކާން ފަށައިފާނެއެވެ. އިސްތަށިގަނޑު ހުޅި ޖަހައިލުމަށްފަހު ނިއުޅައިލައިފާނެއެވެ. ހަމައެއާއެކު އިރުއިރުކޮޅާ ނޭފަތް ދަމައިލުމަށްފަހު ހުއްޓުމެއްނެތި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާގޮތުން ޝައިނާއަށް ރުއިން ކޮންޓްރޯލް ކުރަން އުނދަގޫވެގެން އުޅޭކަން ޝިމާންއަށް އެނގެއެވެ. ނަމަވެސް ކަންތައްތައް ގޮސްފައި އޮތް ހިސާބަށް ބަލާއިރު ޝައިނާގެ ހިތްހަމަޖައްސައިދިނުމަށް ބުނާނެ ބަހެއް ޝިމާންގެ ދުލަކަށްނައެވެ. މީގެ އިރުކޮޅެއްކުރިން އިޝްވާ ވަނީ އޭނާއަށް ގުޅައިގެން އެގޭގައި ހިނގައިދިޔަ ހާދިސާ އަކުރުން އަކުރަށް ފިލިން ފިއްޔަށް ކިޔައިދީފައެވެ. އެހެންކަމުން ގޮތްހުސްވެފައިވާ މީހަކު ފަދައިން ޝައިނާގެ ހާލު ބަލަން ދުރުގައި އިނުން ފިޔަވައި އިތުރު ކަމެއް ކުރާކަށް އޭނާއަކަށް ނޭނގުނެވެ. ރާހިލްއާ ކުރިމަތިލާން ބޭނުންވި ކަމުގައިވިޔަސް މިވަގުތު ޝައިނާ އެކަނި ދޫކޮށްލައިފައި ދިޔުމަކީވެސް ރަނގަޅުގޮތެއް ނޫންކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެދިނެވެ.
ކުއްލިއަކަށް އިވުނު ރަނގަބީލުގެ އަޑަށް ޝައިނާގެ އިތުރުން ޝިމާންގެ ނަޒަރުވެސް ގޭގެ ދޮރާ ދިމާލަށް ހުއްޓުނެވެ. އެދެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލައިލެވުނީ އެ އައީ ކާކުކަން ޔަގީންކުރާ ހާލުގައެވެ. ޝިމާން ގޮނޑިން ތެދުވެ ދޮރާއި ދިމާލަށް ފިޔަވަޅެއް އަޅައިލިނަމަވެސް އޭނާއަށްވުރެން ކުރިން ޝައިނާ ދުވެފައިގޮސް އެ ދޮރު ހުޅުވައިލިއެވެ. ބޭރުގައި މަޑުކޮށްލައިގެންހުރި ރާހިލް ފެނުމާއެކު ޝިމާންގެ ލޭ ރުޅިން ކެކިގަތެވެ. ކުރިއަށް އަޅައިލި ފިޔަވަޅު މިފަހަރުވެސް އޭނާއަށް ހުއްޓައިލަންޖެހުނީ ޝައިނާގެ ސަބަބުންނެވެ. ދޮރުން ވަތް ރާހިލްގެ ކަންކަށިމައްޗަށް އަރައިގެންދިޔައީ ޝައިނާގެ އަތުގެ ހޫނު ހަމަލާއެކެވެ.
No comments yet
Be the first to share your thoughts about this episode!