Episode 55

ހިތް އެދޭހާ ކަމެއް.. (55 ވަނަބައި)

ރިއާންގެ އަތަށް ދެމުންދިޔަ އަނިޔާ ހުއްޓުނީ އެހިސާބުންނެވެ. އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލުމަށްފަހު ފަހަތަށް ވެއްޓިގަތެވެ. ޒީވާނެތް ހަޔާތެއްގައި އޭނާއަކަށް އުފާވެރިކަމެއް ނުފެނެއެވެ. އެކަނިވެރިކަމާއި ފަޅުކަން ފިޔަވައި އިތުރު އެއްޗެއް ނުފެނެއެވެ. އެފަދަ ހަޔާތެއް އޭނާ ބޭނުމެއްނޫނެވެ. އެއާއެކު ރިއާންއަށް އެއްކަމެއް ޔަގީންވިއެވެ. ޒީވާނެތް ދިރިއުޅުމެއްގައި އުޅޭކަން އޭނާ ބޭނުމެއްނޫނެވެ.

****************

ހަވީރުގެ ވަގުތެވެ. ސުފުރާމައްޗަށް ހަވީރުސައި ތައްޔާރު ކުރަމުންދިޔަ ވާފިޔާގެ މޫނުމަތީގައިވީ އުފާވެރި ހިނިތުންވުމެކެވެ. އަތްމަތި އަވަސްކޮށްލުމަށްފަހު ތަފާތު ދެތިން ހަތަރު ވައްތަރެއްގެ ހެދިކާއާއި ޖޫހުގެ އިތުރުން ސައި އަޅައިފައިވާ ތަރުމޯޒު ގެނެސް ކާމޭޒުމަތީގައި ބެހެއްޓިތަންފެނި އެވަގުތު ބާޒާރު ކޮތަޅުތައް ހިފައިގެން އެތަނަށް އައި ޒީވާއާއި އިޝްވާ ހައިރާންވިއެވެ.

"މިހާރު މި ގޭގަ ހަވީރުސައިވެސް ހަދާތަ؟ މިއީ އަނެއްކާ އަހަރެން ދިޔަފަހުން އަލަށް ފެށިކަމެއްތަ؟ އިއްޔެވެސް ގައިމު ނުފެނޭ މިކަހަލަ ކަމެއް" ޒީވާ ހައިރާންވެފައި އިނދެ އިޝްވާގާތު އަހައިލިއެވެ. ވާފިޔާއަށް އަޑު ނީވޭނެހާ ސިއްރުންނެވެ.

"ނޭނގެ.. އަހަރެންވެސް އަޖައިބުވެފަ މި ހުންނަނީ" ވާފިޔާ ބަދިގެއަށްގޮސް އޮބައިލަންދެން އިނުމަށްފަހު އިޝްވާ ބުންޏެވެ. ޒީވާ ބަލާކަށް ނުހުރެ އަޑުގެ ނެތްތަނަށް ވާފިޔާއަށް ގޮވައިލިއެވެ.

"މަންމާ.. މީހަކު އަންނަނީތަ؟" ޒީވާ ބުންޏެވެ.

"މީހަކު އައިސްގެންތަ؟ ދޮންބެއާ އެލީއާ އައިސްގެން އުޅޭތީ ދެން މިއަދު ހަމަ ސައި ހަދާލީނު" ވާފިޔާގެ ޖަވާބާއެކު އިޝްވާއާއި ޒީވާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"ދޮންބެމެން އައީތަ؟ ކޮން އިރަކު؟" އިޝްވާ އަހައިލިއެވެ. އޭނާއަކަށް އެފަދަ މައުލޫމާތެއް ޝައިނާގެ ފަރާތުންވެސް ލިބިފައެއްނެތެވެ.

"ދެންމެ ހަމަ އައިސް އެ ވަނީ.. އިޝީ ހޯދި ވަރަށް. ގޭގަ ނެތީމަ އިރުކޮޅަކުން ސައިބޯން ފައިބާނަމޭ ކިޔާފަ މައްޗަށް ދިޔައީ. ދަރިފުޅުމެން ކޮންތާކުންތަ ތި އައީ؟" އިޝްވާއާ ދެއްކި ވާހަކައިގެ ތެރެއިން ވާފިޔާ ޒީވާއާ ސުވާލެއް އަމާޒުކޮށްލިއެވެ.

"މިއައީ އިޝްކޮ ކުޅެންދާން ބޫޓެއް ގަނެދޭށޭ ކިޔާވަރުން އެ ގަނެދީގެން. ދެން އަހަރެންނަށް ހެދުންކޮޅެއްވެސް" ޒީވާ ކޮތަޅުތައް ކުޑަކޮށް ހާވައިލަމުން ބުންޏެވެ. ވާފިޔާވެސް އެ ކޮތަޅުތަކުގެ ތެރެއަށް ކަޅިއެެއް އެއްލިއެވެ. އެ ކޮތަޅުތަކުގައި ހުރީ މުޅިންވެސް ޖީންސާއި ޓޮޕްފަދަ އަންނައުނެވެ. ޒީވާ މިހާރު އާންމުކޮށް ލައިއުޅޭ ކަހަލަ ކަށިމައްޗާ ހިސާބަށް ހުންނަ މަޑުކުލަތަކުގެ މާޖެހި އެންމެ ހެދުމެއްވެސް ނެތެވެ.

"ތިއީ ދަރިފުޅު ލާކަހަލަ ހެދުމެއްވެސް ނޫނެއްނު؟" ވާފިޔާ އާދައިގެ ރާގެއްގައި ބުނެލިއެވެ.

"މިހާރު ލާން ވެގެނޭ އެ އުޅެނީ ދޯ ދޮންތީ. މިއީ ދޮންތިގެ ނިއު އެރާ" އިޝްވާ މޭޒުގައިހުރި ހެދިކާތަށިން ހެދިކާއެއް ނަގައި ހަފައިލަމުން ބުންޏެވެ.

"އެރާ އޭ؟ އެއީ ކާކު؟ އެކުއްޖާއަށް ގަތް ހެދުންތަ؟"ވާފިޔާއަށް އެރި އޮޅުން ރަނގަޅުކޮށްދިނުމަށާ ޒީވާ އަނގަހުޅުވައިލި ނަމަވެސް ދެންވެސް ވާހަކަދެއްކީ އިޝްވާއެވެ.

"މަންމައަކަށް ނޭނގޭނޭ ބުންޏަސް.. އެރާ އަކީ މިއީ.. މިއީ.."

"އީރާ އަކީ ޒަމާން. މަންމަ ކީއްކުރަން އީރާގެ މާނަ ހޯދަނީ؟" އިވުނީ ރާހިލްގެ އަޑެވެ. އޭނާ އިޝްވާއާއި ޒީވާގެ ފަހަތުން ވަށައިލައިފައި އައިސް ކާމޭޒު ދޮށުގައި ހުރި ގޮނޑިއެއް ދަމައިލައި އިށީނެވެ. އޭނާއާއެކު އެލީޝާވެސް އައިސް އެތަނުގައި ތިބި އެންމެނަށް ހިނިތުންވެލަމުން އިށީނެވެ. ބަދަލުގައި ޒީވާވެސް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއާ ޚިލާފަށް އިޝްވާ ފާޑަކަށް ތުން އަނބުރައިލުމަށްފަހު އެލީޝާއާ ދުރަށް މޫނު އަނބުރައިލިއެވެ.

"އީރާ އެއް ނޫނޭ ދަރިފުޅާ.. އެރާއެކޯ" ރާހިލްއާއި އެލީޝާގެ ތައްޓަށް ސައި އަޅައިދެމުން ވާފިޔާ ބުންޏެވެ.

"އެރާ އެއީ އިޝްކޮމެން ކިޔާގޮތޭ. ބްރިޓިޝް ކުދިން ކިޔާނީ އީރާ. ދޯ އެލީ" ރާހިލް ކައިރީގައި އިން އެލީޝާއަށް ދޯދިނެވެ. އެދެމީހުންވެސް ތިބީ ނުހަނު ބޮޑަށް ހިނިތުންވެފައެވެ. އެކަކަށްވުރެ އަނެކެއްގެ ދަތްޕިލަ ރީތިކަން ދައްކަން އުޅެނީބާއޭ އިޝްވާގެ ހިތަށް އެރިއެވެ. ހީހީފައި އުޅޭގޮތުން ދުނިޔޭގެ ހަތް އަޖައިބަށް ދަތުރު ކޮށްފައި އައި ބައެކޭ ބުނާހާވެއެވެ. ޝައިނާއަށް އެއިން މަންޒަރެއް ފެނިއްޖެނަމަ އެހިތަށާ ކުރާނެ އަސަރު ވިސްނާލެވުމާއެކު އިޝްވާގެ ގާތަށް ރުޅި އަތުވެއްޖެއެވެ.

"ދެން މާ މޮޅު ޖޯކެއްތަ މި ކިޔެނީ؟ ދެމީހުން މާ ވަރަކަށް ހީގެން ތި ތިބެނީ.. އެރާއަކަސް އީރާއަކަސް ވަރިހަމަ. މީނައަށް އެކަނިވިއްޔަ އިނގެރޭސިވިލާތަށް ދެވިގެން އުޅެނީ" އިޝްވާ ފޫހިގޮތަކަށް ރާހިލްއާ ދިމާލަށް ތުން އަނބުރައިލުމަށްފަހު އިންތަނުން ތެދުވެ ސިޑިއާ ދިމާލަށް ދުއްވައިގަތެވެ. ވާފިޔާ ދެފަހަރަކު އޭނައަށް ގޮވައިލި އަޑުވެސް އޭނާއަށް ނީވުނެވެ. އެލީޝާއާއި ޒީވާ އެ ވީ ގޮތެއް ނޭނގި ކަންބޮޑުވެފައި ރާހިލްއަށް ބަލައިލިއިރު ރާހިލްގެ މޫނުމަތީގައިވަނީ ހަމަޖެހުމެވެ. އިޝްވާ ހިތްހަމަނުޖެހިފައި ހުރި ސަބަބު ރާހިލްއަށް އެނގޭ ކަހަލައެވެ.

"އެބަ އަންނަން އެނގޭ. އިޝްކޮ އެކަހަލަ ކުދި ކުދި ބޮޑާހާކާނެ. ގިފްޓް ދިނީމަ ހަމައަކަށް އެޅިދާނެ" ރާހިލް އެތަނުން ދިޔުމުގެ ކުރިން އެލީޝާއަށް ބުނެލިއެވެ. އެތަނުގައި ދެންތިބި މީހުންވެސް އެވާހަކައަށް އެއްބަސްވިއެވެ. އިޝްވާއަކީ ހަދިޔާއާ ކިހައި ފޯރިއެއް ހުންނަ ކުއްޖެއްކަން އެ އެންމެނަށްވެސް އެނގެއެވެ. ވަކިން ހާއްސަކޮށް އެ އާއިލާގެ މީހަކު ރާއްޖެއިން ބޭރުން އައިސްފިނަމަ އެމީހެއްގެ ފޮށި އެމީހަކަށްވުރެން ކުރިން ހުޅުވާނީ އިޝްވާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އޭނާގޮސް އިޝްވާގެ ކޮޓަރީގައި ދެފަހަރަކު ޓަކި ދިނުމަށްފަހު ދޮރު ހުޅުވައިލިއެވެ. ލެޕްޓޮޕުން ޖަހައިފައިވާ ލަވައިގެ އަޑު ކޮޓަރިތެރެއަށް ފަނޑުކޮށް އިވެމުން ދިޔައިރު އިޝްވާ އޮތީ ދެލޯ މަރައިގެން އެނދުގައި އުއްޑުން އޮށޯވެލައިގެނެވެ. ރާހިލް ހުޅުވައިލައިގެން ހުރި ދޮރުގައި ތަންކޮޅެއް ބާރަށް ޓަކި ޖަހައިލުމާއެކު އިޝްވާ ސިއްސައިގެންގޮސް ދެލޯ ހުޅުވައިލަމުން އެނދުގައި އިށީނެވެ.

"ކިހިނެއްވީ؟" އިޝްވާ ހިތްހަމަނުޖެހިފައި އަހައިލިއެވެ.

"މިއޮތީ އިޝީގެ ގިފްޓް.. ވަންނަންތަ؟" ރާހިލް އަތުގައި އޮތް ކަޅުކުލައިގެ ބޮޑު ކޮތަޅެއް ދައްކައިލަމުން ބުންޏެވެ. އިޝްވާ ބޯ ޖަހައިލުމާއެކު ރާހިލް ކޮޓަރިއަށްވަދެ އިޝްވާގާތު އެނދުގައި އިށީނެވެ.

"އަހަރެން ހީކުރީ އިޝްކޮ މިފަހަރު ގިފްޓް ބޭނުން ނުވީކަމަށް. ކުރިން އަހަރެން ތަނަކަށް ގޮސްފައި އަންނަންޏާ ގޭގެ ދޮރުން ނުވަދެވެންދެން އިޝްކޮ ގިފްޓް ހޯދަން އާދޭ ވިއްޔަ" ރާހިލް އެ ކޮތަޅުން ނެގި ދެ ފޮށި އިޝްވާގެ ކުރިމަތީގައި ބަހައްޓައިލިއެވެ. އަދިވެސް އިޝްވާގެ ސަމާލުކަމެއް އެއިން ހަދިޔާއަކަށް ނުހުއްޓުނެވެ. އޭނާގެ ވާހަކަ ހުރީ މުޅިން އެހެން މިސްރާބަކަށެވެ.

"ކުރިއާ މިހާރާވެސް ތަފާތެއްނު. ސިސްއަށް އެނގޭތަ ދޮންބެ އައިސްގެން އުޅޭކަން؟" އިޝްވާ އަހައިލިއެވެ.

"އަދި ނުބުނެވޭ. ސަރޕްރައިޒެއް ދޭނީ.. އިޝްކޮ ނުބުނައްޗޭ އެނގޭ.. އަޅެ ގިފްޓް ހުޅުވަބަލަ. އަހަރެން އިޝްކޮއަށް ގިފްޓް ގަނެދޭން ދިޔަތަނާހެން އެލީ ބުނެފި މިފަހަރު އެލީއޭ ގަނެދޭނީ. އަހަރެންވެސް ހިތަށް އެރީ އެލީގެ ޗޮއިސްއަށް މިފަހަރު ދޫކޮށްލާނީއޭ. މިފަހަރު އެންމެންގެ ގިފްޓްސްތައް ޗޫޒް ކުރީ އެލީ.. އަހަރެން ހީކުރިވަރަށްވުރެ މާބޮޑަށްވެސް އެލީގެ ޓޭސްޓް ސަޅި. ބަލާބަ. ޔަގީން އިޝްކޮ ލައިކް ވާނެކަން" އިޝްވާ އެއިން ފޮށްޓެއްގެ މަތި ނަގަން ނޫޅުނީތީ ރާހިލް އެ ފޮށިތަކުގެ މަތިތަށް ނަގައިދިނެވެ.

އިޝްވާ އެ ފޮށިތައް ހޫރައިލިއެވެ. ވީފޫހިންނެވެ. ނަމަވެސް އޭނާ ފޫހިވީ އެ ފޮށިތައް ދެކެއެއް ނޫނެވެ. އެފޮށިތަކުގައި ހުރި ހަދިޔާތައް އޭނާއަށް ނުހަނު ކަމުދިޔައެވެ. އޭގެން އެއްފޮށީގައި ބްރޭންޑެޑް އަތްދަބަހަކާއި އަވިއައިނެއް އޮތް އިރު އަނެއް ފޮށީގައި އޮތީ އެއާގުޅޭ ރީތި ކަޅު ބޫޓެކެވެ. ކަމުނުދާންވީ ކީއްވެހެއްޔެވެ؟ އިޝްވާ ފޫހިވީ ރާހިލްގެ ވާހަކަ ހުރިގޮތުންނެވެ. ރާހިލްގެ ވާހަކައިގައި ތަސްބީހައެއްހެން އެލީޝާގެ ނަން ކިޔަމުންދިޔަގޮތް އޭނާއަކަށް ކަމަކުނުދިޔައެވެ. ހަމަ އެބީދައިން ރާހިލް ޝައިނާގެ ވާހަކަދެއްކި ޒަމާނެއް އޭނާގެ ހަނދާނުގަ އެބަހުއްޓެވެ. އެހެންކަމުން އިޝްވާގެ ބޮލުގައި ނުބައި ގޮތަކަށް ރިއްސައިލިއެވެ. ކިތަންމެ މަސައްކަތްކުރިޔަސް އިޝްވާއަކަށް އެލީޝާއާއި ޝައިނާ އެއްހަމައެއް ނުކުރެވެއެވެ. އެ ކުލުނެއް އެލީޝާގެ މައްޗަކަށް ނުއުފެދެއެވެ. އެންމެ ސަބަބަކާ ލައިގެނެއް ނޫނެވެ. ޝައިނާއަކީ ކުރިއްސުރެން އޭނާ ދެކެފަރިތަ މޫނެވެ. ޝިމާންގެހުރި ހަމައެކަނި އާއިލާއެވެ.

"އިޝްވާ ކިހިނެއް ވެގެންތަ ތި އުޅެނީ؟ މައްސަލައަކީ ކޮބާތަ؟" އިޝްވާ ހެދި ގޮތާމެދު ހިތްހަމަނުޖެހިފައިހުރެ ރާހިލް ހަޅޭއްލަވައިގަތެވެ.

"ވީކަމެއް ނޭނގެނީތަ؟ އެލީ އެލީ އެލީ!! ޑޫ ޔޫ ހިއަރ ޔޯރސެލްފް؟ ދޮންބެ ތިހިރީ މޮޔަވެފަތަ؟ ސިސް އެއީ ހުރިމީހެއްކަންވެސް ދޮންބެގެ ހަނދާނުގަ ނެތްތަ؟" އިޝްވާ ދަތްކުނޑި ވިކައިލަމުން ބުންޏެވެ.

"އަހަރެންނާ ޝައިނާއާ ދެމީހުންގެ ކަންކަމުގެ ތެރެއަށް އިޝްވާ ވަންނާކަށް ނުޖެހޭނެ. ޝައިނާއަށް ނުވާ ވަރެއް އިޝްވާއަށް ތިވަނީ ކީއްވެތަ؟" ރާހިލްގެ އަޑު މަޑެއްނުވިއެވެ. އިޝްވާ ދުވެފައިގޮސް ހުޅުވިފައިހުރި ކޮޓަރީގެ ދޮރު ލައްޕައިލީ އިތުރު މީހަކަށް އެ އަޑު އިވިދާނެ ކަމަށެވެ.

"މާބާރަށް ހަޅޭއްނުލަވާ! ފަޅާއަރާނީ ހަމަ ދޮންބެ! އަހަރެންނަށް ދޮންބެއާ ސިސްގެ ކަންތައްތަކުގެ ތެރެއަށް ނުވަދެވޭނެ ސަބަބެއް ނޯންނާނެ! އަހަރެންނަކަށް ފަސޭހައެއް ނޫނޭ ތިދެމީހުންގެ މި ބޮޑު ސިއްރު ހިފަހައްޓައިގެން ހުންނާކަށް! އަހަރެންނަށް ހުރިހާ ވަރެއް އަރަނީ އަހަރެންނަށް ދޮންބެއާ އެލީޝާއާ އުޅޭގޮތް ފެނި ސިސްއަށްޓަކާ އުފެދޭ ހަމްދަރުދީއިން. އެކަމާ އެއްޗެކޭ ބުނެވެން ނެތީމަ! ސިސްއަށްވެސް ދޮންބެ އެލީޝާއާއެކު ތި ޖަހާހާ ސަކަރާތެއް ފެންނަނަމަ ދޮންބެއަށް އެނގޭނީ ސިސްއަށް ވާނެގޮތް" އިޝްވާ ބުންޏެވެ.

"ދެން މިހާރު ފުދިއްޖެ. އަހަރެންވަރު ނުބައި މީހެއް ނެތްކަމަށް އިޝްވާ ހީކޮށްގެން ތި އުޅެނީ.. އަހަރެން ޝައިނާއަކަށް ދެރަގޮތެއް ނަހަދަން.. ދުވަހަކު ނުވެސް ހަދާނަން.. އެކަމަކު އިޝްވާ ތިފާޑަށް މިގޭތެރޭގަ އެޓިޓިއުޑް ބަހައްޓާއިރު ވިސްނާތި އެލީއަކީވެސް އަހަރެންގެ އަނތްބެއްކަން. ޝައިނާއަށް ދޭންޖެހޭ ހުރިހާ ރެސްޕެކްޓެއް އެލީއަށްވެސް ދޭންޖެހޭނެ"

ރާހިލްއަށް އެބަސްތައް ބުނަން ކިތަންމެހާވެސް އުނދަގޫވިއެވެ. އޭނާގެ ހިތުގައި ޝައިނާއަށް ދެވިފައި އޮތް މަގާމާއި ގާތަށް އެލީޝާ ކީއްކުރަންހެއްޔެވެ؟ އިތުރު އެހެން އަންހެނަކަށްވެސް ނާދެވޭނެއެވެ. ނަމަވެސް އިޝްވާގެ ފަރާތުން އެލީޝާއަށް ލިބެމުންދިޔަ ނަފްރަތާއި ކުރަމުންދިޔަ ޖެއްސުންތައް ހުއްޓުވަން ރާހިލް ބޭނުންވީތީ އިޝްވާއަށް އެލީޝާގެ ހައިސިއްޔަތު ހަނދާންކޮށްދޭން ޖެހުނީއެވެ. ރާހިލްގެ ވާހަކަ ނިމުމާއެކު އިޝްވާ ތަރުހީބު ދޭ ފަދައަކުން މަލާމާތް އެކުލެވޭ ފާޑަކަށް އަތްޖަހަން ފެށިއެވެ.

"ވާ ވާ. އަވަހެއްނު؟ އެ ގޮތްކުޑަ އަންހެނާގެ އިސްތިރީގަ ދޮންބެ–"

"އިޝްވާ" ރާހިލް އިންޒާރެއް ދޭފަދައަކުން ގޮވައިލަމުން އިޝްވާގެ ވާހަކަ މެދުކަނޑައިލިއެވެ. "މިހާރު ތި ދަނީ މާ މައްޗަށް. ހަނދާންކުރާނީ އިޝްވާ ބުނާބަހަކުން އެލީޝާގެ ހިތުގަޖެހިގެން އެލީޝާގެ ބަނޑުގައިވާ ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ.." ރާހިލްއަށް ބުނެވުނި ކީކޭކަން އެނގުމާއެކު އަމިއްލައަށް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. އޭރު އިޝްވާ ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްގެންހުރެ ރާހިލްއަށް ބަލަމުންދިޔައެވެ.

"ކީ..ކީކޭ؟ އެލީ..؟" އިޝްވާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

ރާހިލްބެލީ އަވަހަށް އެތަނުން ނުކުމެވޭތޯއެވެ. މިހާރުވެސް އޭނާއަށް ބުނަން ނުޖެހޭ ކިތަންމެ އެއްޗެއް ބުނެވިއްޖެއެވެ. އިތުރަކަށް އެތަނުގައި ހުންނާކަށް އޭނާ ބޭނުމެއްނުވިއެވެ. ބުނެވިދިޔަ ބަސްތަކުގެ ސަބަބުން ހުދު އޭނާއަށްވެސް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ.

ކޮޓަރިން ނުކުމެވުމާއެކު ރާހިލް ފައިގެ ހުރި ބާރެއްލުމަށްފަހު ކައިރީގައި ހުރި ފާރުގައި ފައިން ޖެހިއެވެ. އެއަށްފަހު އޭނާއަށް އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނެވެ. އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތްކުރަން ފެށިއެވެ. އެންމެފަހުން އޭނާ ނިންމީ އޭނާއަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ކަމުގައެވެ. މިހާރު ވަގުތުވެސް ކުޑަތަންވަނީއެވެ. އެލީޝާ އިން ހާލު ދެން އިތުރަށް ސިއްރުކޮށްފައި ބޭއްވޭކަށެއް ނެތެވެ. އެލީޝާގެ އާއިލާއަށްވެސް އެލީޝާ ބަލިވެ އިން ވާހަކަ އެނގޭއިރު އެންމެ ރަނގަޅުވާނީ ވީހާވެސް އަވަހަކަށް އެވާހަކަ ވާފިޔާމެން ގާތުވެސް ބުނުމެވެ.

ރާހިލް ގޮތް ނިންމުނު ފަދައިން އިސްތަށިގަނޑުން އަތްދޫކޮށްލުމަށްފަހު ސިޑިން ތިރިއަށް ހިނގައިގަތެވެ. އޭރު އެލީޝާ އެތަނުގައި ނެތް ނަމަވެސް ޒީވާއާއި ވާފިޔާ ކާމޭޒުދޮށުގައި އެކި ވާހަކައިގައި ތިއްބެވެ.

"ޒީ.. ޒީ.." ރާހިލް ސިޑިން ފޭބުމަށްފަހު ޒީވާއަށް ގޮވަން ފެށިއެވެ.

"އޯތް ކިހިނެއްތަވީ؟ ތަނެއްގަ ރޯވީތަ؟" ޒީވާ ބުންޏެވެ. އޭރު ރާހިލް އައިސް އެމީހުންގާތަށް މަޑުކޮށްލަނީއެވެ.

"ރިއާންއަށް ގުޅާފަ ބުނެލައްޗޭ މާދަންރޭ މިގެއަށް އައިސްލަން. އަހަރެން ވާހަކައެއް ދައްކަންވެފަ އެބައޮތް" ރާހިލް ބުންޏެވެ.

"ދޮންބެ ގުޅާލަބަލަ" ޒީވާ ފޫހި ރާގެއްގައި ބުންޏެވެ.

"ޒީ މިފަހަރު ގުޅާލަބަ. މަންމާ.. ބައްޕަގާތުވެސް ބުނާތި މާދަންރޭ ގޭގަ މަޑުކޮށްލަން" ރާހިލް އިތުރު ޖަވާބަކަށް މަޑުކުރުމެއްނެތި ގެއިން ނުކުތުމަށް ހިނގައިގަތެވެ.

"ދެން އަޅެ އަހަރެންތަ ގުޅަންވީ.." ޒީވާއަށް އެހެން ބުނެވުނީ ކިތަންމެ މަޑުން ކަމުގައިވިޔަސް އެ އަޑު ވާފިޔާއަށް އިވުނެވެ. އޭނާއަކަށް އެކަމާ އެއްޗެއް ނުބުނެ މަޑުން ހުންނާކަށް ނޭނގުނެވެ.

"އެއީ ޒީވާގެ ފިރިމީހާއެއް ނޫންތަ؟ ދެން ޒީވާ ނޫން ކާކުތަ ގުޅަންވީ؟ ދޮގު ނުހަދާ މަންމަގާތު ބުނެބަލަ. ދަރިފުޅު ރިއާންއާ މައްސަލައެއް ޖެހިގެންތަ ތި އައީ؟ މަންމައަށް އެނގޭ ކަމެއްވެއްޖެކަން" ވާފިޔާ ބުންޏެވެ.

"ކަމެއް ނުވެޔޭ މަންމާ.. ކުޑަ ކަމަކާ ރިއާންއާ ޒުވާބު ކުރީ" ޒީވާ މިފަހަރުވެސް ހަގީގަތް އޮޅުވައިލިއެވެ.

"ކުޑަކަމެއް ވެގެން އުޅޭ ގޮތަކަށް ނޫން ދެކުދިން ތި އުޅެނީކީ. ޒީވާގެ ކަމަކީ އަބަދު ކޮޓަރީގަ އޮތުން. ކާންވެސް ނުކުންނަނީކީ ނޫން. ތިހެންއުޅެ ގައިގަ ވަރުދެރަވީމަވެސް ދެރަވާނީ ޒީވާއަށް. އަނެއްކޮޅުން ރިއާން ކޮންމެ ދުވަހަކު ޒީވާ ހޯދަން އެބައާދޭ. މިއަދުވެސް އިޝީއާ ދެކުދިން ބޭރަށް ދިޔަވަގުތު މެންދުރު މިގެއަށް އައިސް އުޅެއުޅެފަ ދިޔައީ.." ވާފިޔާ ބުންޏެވެ.

"ރިއާން މިއަދު އައިތަ؟" ޒީވާއަށް ލިބުނީ ހައިރާން ކަމެކެވެ.

"ހްމްމް. މިބުނީނު ދަރިފުޅުމެން އާދޭތޯ ގަޑިއެއްހާއިރު މިތާ އިނދެފަ މުހިއްމު ފޯނެއް އައިސްގެން ކަންނޭނގެ ދިޔައީ. ތިހެން ރިއާންއަށް ފިލައިގެން އުޅޭކަށް ނުވާނެ. މަންމަ ހިއެއް ނުކުރަން ޒީވާ ތިއީ ތިހާ ގޮތްދޫނުކުރާ–"

ވާފިޔާގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން ޒީވާ އިންތަނުން ތެދުވެ ސިޑިއާ ދިމާލަށް ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނާ ދުއްވައިގަތީ ފާހަނައާ ދިމާލަށެވެ. ކިތަންމެ ވަރަކަށް އޯކާދެމުނަސް ނުކައި ހުރުމުގެ ސަބަބުން ރަނގަޅަށް ހޮޑު ލެވޭގޮތެއް ނުވިއެވެ. ޒީވާ މޫނު ދޮވެލައިގެން އައިސް އެނދުގައި އޮށޯވެލުމަށްފަހު ފޯނުން ފެންނަމުންދިޔަ ރިއާންގެ ނަންބަރަށް ބަލައިލިއެވެ. ރިއާންގެ އެތަށް ކޯލެއް މިސްވެފައި ވާތީއާއެކު ރިއާންއަށް ގުޅުމުގެ ހިޔާލު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ނަމަވެސް ރިއާން އެންމެ ފަހުން ފޮނުވައިފައި އޮތް މެސެޖު ފެނުމާއެކު ޒީވާ އެ ހިޔާލު ދޫކޮށްލިއެވެ.

"ޒީވާއަށް ހުރެވެންޏާ އަހަރެންނަށްވެސް ދުރުގަ ހުރެވޭނެ. އެކަން އެނގެއެއްނު؟"

ޒީވާ ފާޑަކަށް ތުން އަނބުރައިލުމަށްފަހު ކޮޓަރިން ނުކުމެގެންގޮސް އިޝްވާގެ ކޮޓަރިއަށްވަނެވެ. އިޝްވާއަށް ޒީވާ ފެނުމާއެކު އަވަސް އަވަހަށް ޒީވާގެ އަތުގައި ހިފައިގެނެސް އެނދުގައި ބޭންދިއެވެ.

"ދޮންތީ.. އަހަރުމެންނަށް ހީވީ ހަމަ ރަނގަޅަށް!!" އިޝްވާ ދައްކަން އުޅުނު ވާހަކައެއް ޒީވާއަކަށް ފަހުމެއްނުވިއެވެ.

"ކޯއްޗެއް؟" ޒީވާ އަހައިލިއެވެ.

"އެލީ ޕްރެގްނެންޓް އޭ.. ދޮންބެ އެހާ އަވަހަަށް އެލީއާ މެރީކުރީ އެހެންވެއޭ އަހަރެން ބުނީމެއްނު" އިޝްވާ ބުންޏެވެ.

"ސާބަހޭ އިޝީ!! އަހަރެން ބުނީމެއްނު އިޝީގާތު ތިކަންކަމާ ނުބެހޭށޭ. އިޝީ ދައްކާފަ ނުދައްކާނެ ވާހަކައެއްވެސް ނޯވޭ ދޯ." ޒީވާ ހިތްހަމަނުޖެހިފައި އިޝްވާގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ.

"ޕިސް ދޮންތީ… ޔޫ އަރ މިސިންގް ދަ ޕޮއިންޓް" އިޝްވާ ޗޮކެއް ކަނޑައިލިއެވެ.

"ދެން ހެވޭ. ކޮބާތަ ގިފްޓް. އެ ބަލާށޭ މި އައީވެސް" ޒީވާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އިޝްވާ އެ ހަދިޔާތައް ދައްކައިލުމާއެކު ޒީވާ އެތަނުގައި އޮތް އަތްދަބަސް ޖަހައިގަތެވެ.

"މި އަހަރެންނަށް" ޒީވާ ވަގުތުން ބުނެލިއެވެ.

"ނޫން ދެން އަޅެ" އިޝްވާ ދެކޮޅުހެދިއެވެ. ކުރިން އެ މާހައުލުގައި އޮތް ނުތަނަވަސްކަން ކެނޑި އެ ދެބެއިންގެ މޫނަށް އުފާވެރިކަމާއި ހިނިތުންވުން އިޔާދަވިއެވެ.

****************

"ނީމް.. މިނިސްޓްރީއަށް ގުޅާފަ އަންގާލާތި މި ހަފްތާބަންދުގަ އޮތް ސެމިނާގައި އަހަރެންނަށް ބައިވެރި ނުވެވޭނެ ވާހަކަ. އާން.. އަދި އެއްކަންތައް.. މޯޑު ކައިރީގަވެސް ބުނެލާ މި މަހަށް ތާވަލުކޮށްފަހުރި މާލެއިން ބޭރު އިވެންޓްތަކަށް އަހަރެންގެ ބަދަލުގަ އެހެން މީހެއްގެ ނަން ފޮނުވާށޭ. ބަދަލުގަ މިއަންނަ މަހަށް ހުރި މާލޭގެ މީޓިންގްތައް މި ދެ ހަފްތާއަށް ކުރިއަށް ޖައްސާލަން މަސައްކަތްކޮށްދީ"

ރިއާން ހަރު ފިޔަވަޅުތަކެއްގައި ކެބިންއާ ދިމާލަށް ހިނގަމުންދިޔައިރު އޭނާގެ ވާހަކަ ކަނުލައި އަޑުއަހަމުންދިޔަ ނީމް ހުށިޔާރުކަމާއެކު އެވާހަކަތައް އަތުގައި އޮތް ޓެބްލެޓުގައި ނޯޓު ކުރަމުންދިޔައެވެ. ގޮނޑީގައި ހަމަޖެހިލުމަށްފަހު އޭނާ އިސްއުފުލައި ނީމްއަށް ބަލައިލިއެވެ. އޭރުވެސް ނީމްގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ޓެބްލެޓަށެވެ.

"ނީމް.."

"ޔެސް ސަރ"

"ޒީވް.. ޒީވާ ގުޅިތަ ނީމްއަށް؟ އަހަރެން ހޯދިތަ؟" އެ ސުވާލުގެ ޖަވާބަކީ އާނއެކޭ ކަމުގައިވުމަށް ރިއާންގެ ހިތް އެދެމުންދިޔައެވެ. އެހެންނަމަވެސް ނީމް އިރުކޮޅެއްވަންދެން ވިސްނައިލަން ހުރުމަށްފަހު ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިގޮތުން ރިއާންއަށް މާޔޫސްކަމެއް ލިބުނެވެ.

"ޒީވާ މޭމްއަށް ގުޅާލަންވީތޯ؟" ނީމް އާދައިގެ ރާގެއްގައި އަހައިލިއެވެ.

"ނޫން.. ނޫން އަހަރެން ހަމަ.. މިއަދު ޒީވްގެ ކޯލެއް މިސްވެފަ އޮތީމަ ނީމްއަށް ގުޅިތޯ އަހާލީ." ރިއާން ދޮގުހެދިއެވެ. އަދި އޭނާގެ މޫނުމަތިން އެ ދޮގު ފަޅައި އަރައިފާނެ ކަމުގެ ބިރުގައި ގަލަމެއް ނަގައި މޭޒުމަތީގައި ހުރި ލިޔުންތަކުގައި ސޮއިކުރަން ފެށިއެވެ.

"ނީމް ދެން ދިޔަސް އެންމެ ރަނގަޅު. ހަނދާންކޮށް މިނިސްޓްރީއަށާއި މޯޑްއަށް އަންގާލާތި" ރިއާން އިސްއުފުލައިލުމެއްނެތި ބުންޏެވެ.

"ސަރ ހަމަ ޒީދެކެ ލޯބި ނުވަނީތޯ؟" ރިއާންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ނީމްގެ ފަރާތުން އިވުނު ޖުމްލަ ގަބޫލު ނުކުރެވިފައިހުރެ އަލުން ނީމްއަށް ބަލައިލިއެވެ. ޒީވާއާއި އޭނާގެ ދެމެދުގައި އޮތް އެއްވެސް މައްސަލައެއް ނީމްއަށް ނޭނގޭއިރު އެފަދަ އެއްޗެއް ބުނަން އެނގުނީ ކިހިނެއް ހެއްޔެވެ.

"އައިމް ސޮރީ ރިޕީޓް ދެޓް؟" ރިއާން ޝައްކެއްގެ މަތީގައިހުރެ ބުންޏެވެ.

"ސަރ ހަމްދީ ފޮނުވަން އޯކޭ ވާނެތޯއޭ.. މޯޑު އެ އެހީ އެހެން… އަޅުގަނޑު ދެންމެ އިވެންޓްތަކަށްދާނެ އެހެން މީހެއް ހޯދަންބުނެ މެސެޖުކޮށްލީމަ" ނީމް އޮޅުން ފިލުވައިދިނެވެ.

ރިއާންއަށް ދެންމެ އިވުނީ ގޯސްކޮށްކަން ޔަގީންވުމާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ނީމް ބުނި އެއްޗަކާމެދު ވިސްނައިލިއެވެ. ހަމްދީއަކީ ކުންފުނީގެ ޕީ.އާރްގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި އިސްފަންތީގެ މުވައްޒަފެކެވެ. ވުމާއެކު ހަމްދީ ފޮނުވުމުގެ ހިޔާލަކީ ގޯސް ހިޔާލެއް ނޫންކަމުގައި ރިއާންއަށް ނިންމުނެވެ.

"ހްމްމް. ހަމްދީ ރަނގަޅުވާނެ. ޒީވާގާތު– މިބުނީ މޯޑުގާތު ބުނެލާ އަހަރެންގެ މައްސަލައެއްނެތޭ" ރިއާން ދޫ ފުރޮޅައިލަން އުޅުނުވަގުތު އޭގެ މައްޗަށް ބާރުހޯދަމުން ބުނެލިއެވެ. އެއީ ސިކުނޑީގެ ކޮންމެ ދިމާލަކުން އިވެމުންދިޔަ ޒީވާގެ ނަމުގެ ސަބަބުން މިއަދު އެގޮތަށް އޭނާގެ ދޫ އޮޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެކަން ނީމްއަށް ފާހަގަވާނެކަން އޭނާއަށް ޔަގީންވެއެވެ. އެހެނެއްކަމަކު ނީމްގެ ފަރާތަކުން އެކަން ފާހަގަވާކަމުގެ އިޝްރާތެއް ނުދެއެވެ. މިފަހަރުވެސް އަދަބުވެރިކަމާއެކު ރިއާންގެ ބަހަށް ބޯ ޖަހައިލުން ފިޔަވައި އިތުރު އިޝާރާތެއް ނީމްގެ ފަރާތަކުން ނުފެނެއެވެ.

ނީމް އެ ކެބިންއިން ނުކުންނަންދެން ރިއާން އެ އިންގޮތަށް އަތުގައި އޮތް ގަލަމުގެ ތުނޑު ގަނޑުގައި ޖެހޭ ނުޖެހޭ ހިސާބުގައި ގަލަން ހިފަހައްޓައިލައިގެން އިނެވެ. ބަަލައިލި މީހަކަށް އޭނާ އިނީ މަސައްކަތަށް ވަދެ ހުސްވެފައޭ ހީވެދާނެއެވެ. އެހެނަސް ނީމްގެ ފަހަތުން ކެބިންގެ ދޮރު ލެއްޕުމާއެކުހެން އޭނާ ކުއްލި ހަރަކާތަކާއެކު އެ ގަލަން އަތުގެ ކޮޅަށް ހޫރައިލުމަށްފަހު ދެއަތުން ނިއްކުރީގައި ހިފަހައްޓައިލަމުން ގޮނޑީގައި ލެގިލިއެވެ. އެހެން އިރުކޮޅަކު އިނދެފައި ޒީވާގެ ޗެޓް ލޮގް ހުޅުވައިލައި ސަލާމާއި ހާލާއިހުވާލުގެ މެސެޖެއް ޓައިޕްކޮށްލުމާއެކުހެން އެ މެސެޖު ފުހެލައިފިއެވެ. މިޖެހުނީ ކިހާ ދެރަކަމެެއް ހެއްޔެވެ؟ އަހަރުގެ މިހާ މުހިއްމު ދުވަސްކޮޅެއްގައި ކުންފުނީގެ މަސައްކަތްތަކަށް ސަމާލުކަން ނުދެވުމަކީ އެކަމުގެ ސަބަބުން އޭނާ ހަމަރަނގަަޅަށްވެެސް ހޫނުފެނަށް ވެއްޓިދާނެ ކަމެކެވެ. ޒީވާ ހީކުރަނީ ކީކޭ ކަމަށްހެއްޔެވެ؟ އޭނާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި މީހަކަށް ހުންނަނީ ޒީވާ ކަމަށްހެއްޔެވެ؟ ލޯތްބާއި ކުލުނުފަދަ ޖަޒުބާތުތައްދެކެ އޭނާ ފޫހިވަނީ މިހެންވެގެނެވެ. އެއީ އިންސާނާގެ ހަމަބުއްދިއާ ކުޅެލާފަދަ އެއްވެސް ދެކޮޅުނުޖެހޭ ޖަޒުބާތުތަކެވެ. އެފަދަ ޖަޒުބާތެއްގައި ޖެހުމަކީ އެމީހާގެ ނަފްސުގެ ކުރިއެރުމަށްއެޅޭ ހުރަހެކެވެ. މުސްތަޤްބަަލަށް ދިމާވާ ގޮންޖެހުމެކެވެ. ނަމަވެސް އެ ޖަޒުބާތުތަކުން ރެކުމަށްޓަކައި އޭނާކުރި މަސައްކަތް ބޭކާރުވެއްޖެކަން މިއަދު ރިއާންއަށް ކަށަވަރުވެެއްޖެއެވެ. ޒީވާއަށްޓަކައި ރިއާންގެ ހިތުގައި އުފެދިފައިވާ ހާއްސަކަމަކީ ލޯބި ނޫން ކަމުގައިވާނަމަ ހަމަގައިމުވެސް އޭނާ މިވަގުތު މަސައްކަތުން ފުނިޖެހިފައި އޮތް މޭޒާއި ދުރަށް ގޮނޑި ޖައްސައިލައިގެން އިނދެ އާވާރާވެފައިވާ އާޝިޤެއް ފަދައިން ޒީވާގެ ހަނދާނުގައި ހުސް ސީލިންގަކަށް ބަލާކަށް ނޯންނާނެއެވެ.

ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އިން ގޮނޑިން ތެދުވިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ނަޒަރު ކެބިންގެ އެތަން މިތަނަށް ހުއްޓެމުން އައިސް ކުރިން އިށީނދެއިން ގޮނޑިއަށް ހުއްޓުނެވެ. ހަނދާނުގައި ކުޅެވެމުންދިޔައީ މީގެ މަހެއްހާ ދުވަސްކުރިން ޒީވާއާއެކު އެތަނުގައި ހޭދަކުރެފައިވާ އުފާވެރި ވަގުތުކޮޅެވެ.

""އަހަހަހަ. މިއީ ހާދަ ބޮޑު ގޮނޑިއެކޭ ދޯ؟ ވަރަށް މަޖާ. މިހާރު ހީވަނީ ރާނީއެއްހެން" ޒީވާ އުފާވެލައިފައި ބުންޏެވެ. އެ މޫނުމަތީގައިވި މައުސޫމުކަފެނި ރިއާންއަށްވެސް ހީނލެވުނެވެ. ހިނދުކޮޅަކަށްވެސް ޒީވާއަށް ގޯނާކޮށްނުލައި ދުރުގައިހުރުން އޭނާއަށް ދަތިކަމަކަށްވިއެވެ. އެހެންކަމުން ޒީވާ އިށީނދެއިން ގޮނޑި އޭނާއާ ކުރިމަތިވާނެހެން އަނބުރައިލުމަށްފަހު ގޮނޑީގެ ދެއަތްގަނޑުގައި ހިފަހައްޓައިލަމުން ޒީވާއާ ދިމާލަށް ގުދުވެލިއެވެ."

ރިއާން ގޮނޑީގެ ފުރަގަހުގައި އަޅުވައިފައި އޮތް ކޯޓު ނަގައި ކޮނޑުމަތިން މަހައިލަމުން ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. އޭނާގެ ހަރަކާތްތަކުގައި ވަނީ ލަސްކަމެވެ.

"ނީމް.. މާދަމާގެ ކުރިން ކެބިންގަހުރި އޮފީސްގޮނޑި ބަދަލު ކޮށްދެއްޗޭ" ލިފްޓަށް އެރުމުގެ ކުރިން ރިއާންގޮސް ނީމް ގާތަށް ހުއްޓުނެވެ.

"ގޮނޑި ހަލާކުވީތޯ؟" ނީމްގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ރިއާން ބޯހޫރައިލިއެވެ. ނީމްއަށް ރިއާން އެ ގޮނޑި ބަދަލުކުރަން ބޭނުންވި ސަބަބު ނޭނގުނެއްކަމަކު އެއްވެސް ދެކޮޅު ހެދުމަކާނުލައި ރިއާން އެދުނުގޮތަށް އެއްބަސްވިއެވެ.

އިމާރާތުގެ މައި ދޮރުން ނުކުމެވުމާއެކު ރިއާން ކަޅުވިލާތަކުން ބަނަވެފައިވާ އުޑުމައްޗަށް ބަލައިލިއެވެ. އޭނާއަށް ކާރުއޮތް ހިސާބަށް ދެވުނީ ހަމަކިރިޔާއެވެ. ހިމަފޮދުވާރޭގެ ތިކިތައް ބިމަށްހަމަލާދޭން ފަށައިފިއެވެ. ނަމަވެސް ގެއާ ހިސާބަށް ފޯރިއިރު އެ ވާރޭގެ ތިކިތަށް ވަނީ ބޯ ވިއްސާރަގަނޑަކަށް ބަދަލުވެފައެވެ. ބަނަވިލާތައް ފޫ އަޅުވައިލުމުގެ ހިތްވަރުހުރި އިރުގެ މަދު ދޯދިތަކެއް ހިލަން ދުނިޔެމައްޗަށް ވަމުން ދިޔަނަމަވެސް ޖައްވުވަނީ އަނދިރިވެފައެވެ.

ރިއާން ލަސް ފިޔަވަޅުތަކެއްގައިގޮސް ހުޅުވާފައިހުރި ބެލްކަނީގެ ދޮރު ލައްޕައިލުމާއެކު އެ އަނދިރިކަން އެޕަރޓްމެންޓްގެ ތެރެއަށްވެސް ފެތުރިއްޖެއެވެ. ކަރުގައި އޮތް ޓައިއަށް ދޫކޮށްލަމުން ފަޅުކޮށް އޮތް އެޕަރޓްމެންޓަށް ނަޒަރު ހިންގައިލިއެވެ. މީގެ ދެތިން ދުވަސްކުރިން އެތަނުގައިވި އެއްވެސް ދިރުމެއް މިހާރު ނުވާ ކަހަލައެވެ. ސޯފާގެ ކުރިމައްޗަށް ވާގޮތައްހުރި ކޮފީމޭޒު މައްޗާއި ސިޓިންގްރޫމާ ބަދިގެ ވަކިވާގޮތަށްހުރި ކިޗަށް އައިލެންޑް މަތީގައި ހުރި މާ ޓުކުރިތަކުގައި ޖަހައިފައިވާ ލެވެންޑާތަށް ވަނީ މިލައި މޯޅިވެފައެވެ. އަދި ޒީވާ އެ އެޕަރޓްމެންޓަށް ބަދަލުވީއްސުރެން އަބަދާއި އަބަދު އެތަނުގައި ހަރުލާފައިހުންނަ ލެވެންޑާމަލުގެ މީރުވަސްވަނީ ފިލައިގޮސްފައެވެ. ޚުދު ރިއާންއަށްވެސް މިހާރު އެތަނުން ކުރެވެމުންދިޔައީ ބީރައްޓެހި އިހުސާސެކެވެ.

ރިއާން ލަސްފިޔަވަޅުތަކެއްގައި އައިސް ސޯފާގައި އިށީނުމަށްފަހު އެތަނުގައި އޮތް ލެވެންޑާ މަލުގެ ގުލްދަސްތާ ނަގައި އޭގެއިން ބައެއް މާތައް ވަކިކޮށްލިއެވެ. އެއީ އޭނާ ގެއަށް އައި މަގުމަތީގައި ގަނެގެން އައި ގުލްދަސްތާއެކެވެ. މާ ފިހާރައިގެ ބިއްލޫރިގަނޑުން އެ މާތަށް ފެނުނު ވަގުތު އޭނާގެ ހިތަށް އެރީ ކީކޭކަމެއް ނޭނގެއެވެ. ނަމަވެސް އެ ގަނެގެން އާދެވުނީތީ ރިއާންއަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ވަކިކޮށްލި މާތަށް ޓުކުރީގައި މިލައިފައިހުރި މާތަކާއި ބަދަލުކޮށްލުމަށްފަހު ޖީބުން ނެގި ލައިޓަރެއްގެ އެހީގައި ރިއާން އެތަނުގައިހުރި އުއްބައްތިއެއް ރޯކޮށްލިއެވެ. އެއާއެކު ލެވެންޑާގެ މަޑުމަޑުވަސް އޭނާގެ ހިނދުރީގައި ޖެހުނެވެ. ފުންނޭވާއެއް އެތެރެއަށް ދަމައިލަމުން ސޯފާއަށް ހަށިގަނޑު ދޫކޮށްލުމާއެކު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ފާއްދައިލަން އުޅޭކަމުގެ ނިޝާނެއްވިއެވެ.
ރިއާން އެކަމަށް ޖާގަ ދިނުމެއްނެތި އަވަސްއަވަހަށް އެސްފިޔަތައް ތަޅުވައިލަމުން އަނެއްކާވެސް ހަށިގަނޑު ސީދާކޮށްލަމުން ސޯފާގައި އިށީނެވެ. އެކަނިވެރިކަމަކީ އޭނާ ކުރިން ކިތަންމެ ގަޔާވާ އިހުސާސެއް ކަމަށްވިޔަސް މިއަދު އެ އެކަނިވެރިކަން ވަނި އޭނާގެ ހަތުރަކަށްވެފައެވެ. ޒީވާ ނެތުމުގެ ފަޅުކަން އިހުސާސްވަމުންދިޔައީ ހަމައެކަނި އުޅޭ ތަނަކުން ނޫނެވެ. އޭނާގެ ހިތާއި ނަފްސުންވެސް ބައެއް އުނިވެފައިވާ ކަހަލައެވެ. ހަގީގަތަށް ފިލަންއުޅޭ މީހަކު ފަދައިން އިސްޖަހައިލައިގެން އިނދެ ދެއަތުން އިސްތަށިގަނޑުގައި ހިފައި ބާރުކުރަމުންދިޔައިރު ކަންފަތުގައި ހަރުލައިފައިވަނީ ޒީވާގެ އަޑެވެ. ރޯކޮށްފައިވާ އުއްބަތީގެ ހުޅުކޮޅުން ދުވަމުންދިޔައީ ޒީވާގެ މީރު ވަހެވެ. ރިއާންގެ މޭ ފިތެންފެށިއެވެ. ފުންނޭވާތަކެއް ލެވެމުންދިޔަ ނަމަވެސް މެއަށް ކުރާ ބާރާއެކު އޭނާއަށް އެއިން ކޮންމެ ނޭވާއެއް ވީ ވޭނަކަށެވެ. އެ ވޭނަށް ކެތްނުކުރެވޭނޭ ހީވުމާއެކު އަތް ތުރުތުރުހާލު ފޯނުގައި ހިފަހައްޓައިލީ ޒީވާއަށް ގުޅުމަށެވެ. އެ ފޯނުގައި ހަމަ އަތްލުމާއެކު އޭނާއަށް ކޯލެއް އަންނަން ފަށައިފިއެވެ. ދިއްލިފައިވާ ސްކްރީނުން ފެންނަންހުރީ ޒީވާގެ ނަމާއި ފޮޓޮއެވެ. އެއީ އޭނާއަށް ފެންނަމުންދާ ބިލާހެއްހެން ހީވެ ރިއާންއަށް އިރުކޮޅަކު އެ ކޯލު ނަގަން ނޭނގިފައި އިނދެވުނު ނަމަވެސް ކޯލު ކެނޑުމުގެ ކުރިން އޭނާ އެ ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.

"ހަ.. ހަލޯ" ރިއާންއަށް އޭނާގެ އަޑު ތުރުތުރު ލަމުންދާކަން އިނގުނީ އެހިސާބުންނެވެ.

"ހަލޯ. ދޮންބެ ބުނެގެން މި ގުޅީ"

ފޯނުގެ އަނެއްފަރާތުން ޒީވާގެ އަޑު އިވުމާއެކު ރިއާންއަށް ދެލޯ މަރައިލަމުން ހިންދިރުވައިލެވުނެވެ. އޭނާގެ އަވަސްވެފައިވި ހިތްވެސް ހިނދުކޮޅަކަށް ހިމޭންވެލިއެވެ. ޒީވާގެ އަޑުގައިވަނީ އެހާވެސް ހިތްގައިމު ޖާދުލެކެވެ. ކިތަންމެ ރުޅިން އޭނާއާ ވާހަކަ ދެއްކިޔަސް އެއީ އަހާލަން ފަސޭހަ ރީތި އަޑެކެވެ.

"ރާހި..ލް.. އެހެމް.. ރާހިލް އައީތަ؟" ރިއާން ކަރުކެހިލުމަށްފަހު އޭނާގެ އަޑު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ އަޑުގައިވާ ތުރުތުރު ޒީވާއަކަށް ސިއްރެއް ނުވިއެވެ.

"ރިއާން؟ ރަނގަޅުތަ؟ ބަލީތަ؟" ޒީވާގެ އަޑުގައިވި ކަންބޮޑުވުން އިވި ރިއާންއަށް މިފަހަރު ލިބުނީ ހިތްހަމަޖެހުމެވެ. އެހެންކަމުން އޭނާ ބޭނުންވީ އިތުރަށް ޒީވާގެ ހަމްދަރުދީ ހޯދާށެވެ.

"ހްމްމް. ކުޑަކޮށް ހުންއައިސްފަ ބޮލުގަ ރިއްސާ. އަޑުވެސް ދާން އުޅޭހެން ހީވަނީ.. ވަރަށް ކަރަށް ތަދުވޭ.. މޭގަވެސް ރިއްސާ.. ރޯގާ ޖެހިފަ ހުރީމަ.. ބަނޑުގަވެސް ރިއްސާ.. ދެފަހަރު ހޮޑުވެސް ލައިފިން. ނުކައި އުޅޭތީ ގޭސްޓްރިކް ވީ ކަންނޭނގެ" ރިއާންގެ ވާހަކައިން އޭނާ ނުވާ ބައްޔެއް ނެތްކަހަލައެވެ. ކޮންމެވެސް ވަރެެއްގެ ހަގީގަތްތަކެއް އެވާހަކައިގައި ހުރިނަމަވެސް ގިނައިން ހެދީ ހުސްދޮގެވެ. ބޭނުންވީ ކޮންމެވެސް ގޮތަކުން ޒީވާގެ ސަމާލުކަން ހޯދާށެވެ.

"އަހަރެންނަށްވުރެން ރިއާންގެ ހާލު ދެރަދޯ"

"ކީކޭ؟" ޒީވާ މާ މަޑުން އެ ކިއީ ކީކޭކަމެއް ރިއާންއަކަށް ނޭނގުނެވެ.

"މިބުނީ ބަދިގޭގަހުރި ކަބަޑުސެޓުގެ ވާތްފަރާތުން ދެވަނަބައިގަ ހުންނާނޭ ބޭސްފޮއްޓެއް. ބޭސްކައްޗޭ. ދޮންބެ ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭތީ މަންމަ ބުނި ރިއާންގާތު މިރޭ ކާން އަންނަން ބުނާށޭ. އެކަމަކު އަހަރެން ބުނެފާނަން ރިއާން ބައްޔޭ"

"ނޫން ނޫން ނޫން.." ރިއާންއަށް އޭނާ އިށީނދެއިން ގޮނޑިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ޒީވާ އެގޭގައި ހުއްޓާ އެގެއަށް ދާން ލިބިފައި އޮތް ދައުވަތެއް އޭނާ ބޭކާރުކޮށްލުމީ ނުވާނެ ކަމެކެވެ.

"ރިއާން ބައްޔެއް ނޫންތަ؟" ރިއާންގެ ޖަވާބު އައިގޮތުން ހައިރާންވެފައި އިނދެ ޒީވާ އަހައިލިއެވެ.

"ނޫން މިބުނީ.. ރާހިލް އެހާ މުހިއްމު ވާހަކައެއް ދައްކަން އުޅެންޏާ.. އަދި މިފަހަރު އައިފަހުން ދިމާވެސް ނުވެއެއްނު. އެހެންނޫނަސް ވާފިޔާއްތަ- މިބުނީ ޒީވްގެ މަންމަ ބުނީމަ ނުގޮސް ހުންނާކަށް ނުކެރޭނެ" ރިއާން ބުންޏެވެ.

"ހްމްމް އޯކޭ. އަހަރެން ބުނާނަން. ދެން ބާއްވަނީ" ޒީވާ ފޯނު ކަނޑައިލިއެވެ.

ރިއާން އެ ފޯނު ސޯފާ މައްޗަށް އެއްލުމަށްފަހު އުފާފާޅު ކުރާ ފަދައިން ވައިގެ ތެރޭގައި އަތް ހޫރައިލިއެވެ. އަދި އަވަހަށް ކޮޓަރިއާ ދިމާލަށް ދުއްވައިގަތީ ފެންވަރައިގެން ޒީވާމެންގެއަށް ދިޔުމަށް ތައްޔާރުވުމަށެވެ. ފެންވަރައިގެން ނުކުމެ އެތަށް އިރެއް ލާނެ ގަމީހެއް ހިޔާރުކުރުމުގައި ހޭދަކުރުމަށްފަހު އެންމެފަހުން ސިޓިންގްރޫމަށް ނުކުމެ ފޯނު ހިފައިގެން އަތުވެއްޖެއެވެ. މިނެޓެެއްހާއިރުތެރޭ ފޯނަށް ޕިންޓްރެސްޓް ޑައުންލޯޑުކޮށްލުމަށްފަހު އަންހެންކުދިންނަށް އެންމެ ކަމުދާ ކަހަލަ ސްޓައިލްތައް އޭގެ އެހީގައި ހޯދައިލިއެވެ. އޭނާހުރީ ކޮންމެހެންވެސް މިރޭ ޒީވާ ގޮވައިގެން އަނބުރާ އައުމުގެ އަޒުމުގައެވެ.

"އައި ސީރިއަސްލީ ކާންޓް ބިލީވް އައިމް ޑުއިންގް ދިސް"

ރިއާން ފޯނުން ފެންނަމުންދިޔަ ފޮޓޯތަކަށް ބަލަންއިނދެ ބުނެލިއެވެ. ކަމުދާކަހަލަ އެންމެ ސްޓައިލެއްވެސް ނުފެނުމުން ޗޮކެއް ކަނޑައިލުމަށްފަހު ފޯނު އެނދުމައްޗަށް ހޫރައިލަމުން އަނެއްކާވެސް އަލަމާރިކައިރިއަށް ހުއްޓިލިއެވެ.

"ޔޫސްލެސް" އޭނާ ބުންޏެވެ. އަދި ޒައިތޫނި ފެހިކުލައިގެ ގަމީހަކާއި ކަޅު ޖީންސެއް ގަޔަށް މަހައިލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓި އިސްތަށިގަނޑާއި ތުނބުޅި ރީތިކޮށްލިއެވެ. އެއަށްފަހު ކުރިން އަތުގައި އަޅަައިފައި އޮތް ގަޑި ނިކަން ފަރުވާތެރިކަމާއެކު އެއަށް ހާއްސަކުރެވިފައިވާ ވަތްގަނޑަށްލައި ތަޅުލުމަށްފަހު ޗާޖަށް ޖަހައިފައި އޮތް އައިވޮޗް ނަގަައި އަތުކުރީގައި އަޅައިލިއެވެ. އެންމެ ފަހު ކަމަކަށް ޒީވާއަށް އެންމެ މީރުވަސް ދުވާ އޭނާގެ ސެންޓުފުޅި ނަގައި ގަޔަށް ޖަހައިލިއެވެ. މަޑުރާގަކަށް ތުނބުން ފުމެމުންގޮސް އެޕަރޓްމެންޓުން ނުކުތީ މީގެ ދެގަޑިއިރު ކުރިން އެތަނަށްވަތް ރިއާންއާ މުޅިން ތަފާތު އުފާވެރި ރިއާންއެކެވެ.

****************

މ. އެވަރލާސްޓްގޭގެ ކުރިމައްޗަށް ހުއްޓައިލި ޓެކްސީއިން ފޭބި ޝައިނާގެ ނިއްކުރިމަތީގައި ދާތިކިތައް ވިދަވިދައި ހުއްޓެވެ. ހިތްވަރުކޮށްފައި ގޭގެ ބޮޑު ދޮރާށި ހުޅުވައިލުމަށްފަހު ލިފްޓުގައި އަށްވަނަ ފަންގިފިލާއަށް ދެވުމުން ގޭގެ ރަނގަބީލު ޖެހުމުގެ ބަދަލުގައި އޭނާ ގުޅައިލީ ޒީވާއަށެވެ. މިނެޓެއްހާއިރު ތެރޭ ޒީވާ ދުވަމުންއައިސް ދޮރު ހުޅުވައިލިއެވެ.

"ރިއާން އައީތަ ދަރިފުޅާ؟" ޒީވާ ދޮރު ހުޅުވައިލި ވަގުތު ސޯފާގައި އިން ވާފިޔާ ގޮވައިލިއަޑު ޝައިނާއަށް އިވުނެވެ.

"ނޫނޭ މަންމާ ޝައީ އޭ އައީ.. ރިއާންބުނީ ބަލިވެއޯ މި އުޅެނީ.. ނޭނގެ އަންނާނެކަމެއް" ޝައިނާ ދޮރުން ވަނުމަށް ތަންދައްކަމުން ޒީވާ ބުނެލިއެވެ.

ޝައިނާ އިސް އުފުލައިލަމުން ސޯފާގައި އިން ވާފިޔާއަށް ބަލައިލިއެވެ. ކުރިން ވާފިޔާގެ ފަރާތުން އޭނާއަށް ލިބޭ މަރުހަބާއެއް މިއަދަކު ނުލިބުނެވެ. އޭނާއަށް ގޮވާވެސް ނުލައި އޭނާ ފެނުމުން ދުރަށް މޫނު އަނބުރައިލިއެވެ. ޝައިނާއަށްވެސް އިސްނަގައި ވާފިޔާއަށް ގޮވައިލާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އެތަނުގައި މަޑުކުރުމެއްނެތި ޒީވާގެ ފަހަތުންކަހަލަ ގޮތަކަށް ސިޑިން މައްޗަށް ހިނގައިގަތެވެ.

"ޝައި ކީއްވެތަ ބެލް ނޭޅީ؟ ގައިމު މަންމަވެސް ހުޅުވީހެއްނު" ޒީވާ ކޮޓަރިއަށް ވަދެ އެނދުގައި އިށީންނަމުން ބުންޏެވެ.

"ޒީ ބުނެގެނެއްނު އަހަރެން މި އައީ. އަޅެ އަހަރެން ނުލާހިކު ބިޒީކޮށް އުޅެފަ މި އައީވެސް. ޒީ ކީއްވެތަ ބޭރުން މީޓްކުރަން ނުބުނީ" ވާފިޔާ މަނާކޮށްފައި އޮއްވައި އެގެއަށް އަންނަން ޖެހުނީތީ ޝައިނާހުރީ ކަންބޮޑުވެފައެވެ.

"ބޭރަށް ދާހިތެއް ނެތް." ޓީވީން ހުއްޓައިލައިފައިހުރި ފިލްމް އަލުން އަޅުވައިލަމުން ޒީވާ ބުންޏެވެ.

"އެކަމަކު ޒީ. އަޅެ ބަލާބަލަ. ލުކް އެޓް ޔޫ. ތިހެން އުޅޭކަށް ނުވާނެއެއްނު. ޒީ އެންމެ ފަހުން ކެއި އިރެއް ފެންވެރި އިރެއް ހަނދާން އެބަހުރިތަ؟" ޝައިނާ އެއްސެވެ. ޒީވާގެ މޫނުމަތީގައި ކުރިން ހުންނަ އުޖާލާކަން ފިލައިގޮސް މުޅި މީހާވަނީ މޯޅިވެފައެވެ. ދެލޮލާއި ނޭފަތުގައި އަދިވެސް ކުޑަ ދުޅަކަމަކާއި ރަތްކަމެއް ހުރިއިރު އިސްތަށިގަނޑުވަނީ ތަރުތީބެއްނެތި ހާވައިލެވިފައެވެ. ޝައިނާ އޯގާތެރިކަމާއެކު ޒީވާގެ ބޮލުގައި އަތްފުނާ އަޅައިލިއެވެ. ޒީވާ އެ އަތުގައި ހިފެހެއްޓިއެވެ. އަދި ޝައިނާގެ ގައިގައި ބައްދައިލަމުން ރޯންފެށިއެވެ.

"އައި މިސް ހިމް ޝައި" ޒީވާގެ ގިސްލުމުގެ އަޑު އިވުމާއެކު ޝައިނާ އެނދުގައި އިށީނދެ ޒީވާގެ އަތުގައި ހިފައިލިއެވެ. ދެންވެސް ވާހަކަދެއްކީ ޒީވާއެވެ.

"މިރޭ ދޮންބެ ބުނެގެން ރިއާން މިގެއަށް އައިސްފާނެތީ އަހަރެން ޝައި ގާތު އަންނަން ބުނީ." ޒީވާ ބުންޏެވެ.

"ދޮންބެ؟ ރާހިލް އައިސްފިތަ؟" ޝައިނާއަށް ލިބުނީ ހައިރާންކަމެކެވެ.

"ހްމްމް. ދޮންބެ ކޮންމެވެސް ވާހަކައެއް ދައްކަން އޮތީމަ ރިއާންގާތު އަންނަންބުނީ.. އަހަރެން ބޭނުމެއްނޫން އެކަނި ރިއާންއާ ކުރިމަތިލާކަށް" ޒީވާ ބުންޏެވެ. އޭރު ޒީވާގެ ޝަކުވާތައް އަޑުއެހޭވަރަށްވުރެ ޝައިނާގެ ސިކުނޑިވަނީ އެހެން ދިމާލެއްގަ މަސްއޫލުވެފައެވެ. ރާހިލް އައިހަބަރު ލިބުމާއެކު ވަގުތުން ރާހިލްއާ ބައްދަލުކުރަން ބޭނުންވިއެވެ. އެލީޝާގެ ހާލުވެސް އަހަން ބޭނުންވިއެވެ. ނަމަވެސް ޒީވާގެ ހާލަތައްބަލައި ޒީވާ އެކަނި ދޫކޮށްލާކަށް ޝައިނާއަކަށް ނުކެރުނެވެ. އެހެންކަމުން އެވަގުތަށް އޭނާ މަސައްކަތްކުރީ ޒީވާ މަސަލަސްކުރެވޭތޯއެވެ. އެކަން އޭނާ ވަރަށް ފުރިހަމައަށް ކާމިޔާބު ކުރިއެވެ. މަދު އިރުކޮޅެއްގެ ތެރޭގައި އެ ދެއެކުވެރިންގެ ސަމާލުކަންވެސް ދެވިފައިހުރީ ކޮޓަރީގެ ޓީވީއިން އަޅުވައިފައިވާ ބިރުވެރި ފިލްމަށެވެ. ފިލްމުގެ މަންޒަރުތަކަށް ނިކަން ވަދެވިފައި ތިއްބައި ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެނެވެ. އެވަގުތު ދޮރު ހުޅުވައިލި މީހަކު ސިހިފައި ކޮޓަރީގެ ބޮކި ދިއްލައިލިއެވެ. އާނއެކެވެ. އެއީ ރިއާން ފިޔަވައި އެހެން ދެވަނަ މީހެއްނޫނެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!