Episode 52
ހިތް އެދޭހާ ކަމެއް.. (52 ވަނަބައި)
ބާރު އަޑުފަށްގަނޑާއެކު ލެއްޕުނު ކޮޓަރީގެ ދޮރާ ދިމާލަށް ކަޅި ހިންގައިލި އެލީޝާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރުޅިއައިސްފައިވާ ރާހިލްގެ މޫނެވެ.
"ރާހިލް.. އަހަރެން.. އަހަރެން މަންމަ ގާތަކު ނުބުނަމޭ މަންމައަށް އެނގުނީ.. ޝައްކުވީ" އެލީޝާއަށް ރޮވެން ފެށުނެވެ.
"ކިހިނެއް؟ ބަލަ އެލީޝާގެ މަންމައަކީ އަންހެނުންގެ ޑޮކްޓަރެއް ނޫނޭ.. ކަށީގެ ޑޮކްޓަރެކޭ.. ފެންނަ އިރަށް ޝައްކުވާކަހަލަ ހެދުމެއްވެސް ނޫން ތިހިރީ ލައިގެން." ރާހިލް ހިތްހަމަ ނުޖެހުނެވެ. ތެދެކެވެ. އެލީޝާ ލައިފައިވާ ގަޔަށްދޫ ސްވެޓަރާއި އޯވަރކޯޓުގެ މަތިން އޭނާގެ ބަނޑު އެއްވެސް މީހަކަށް ފާހަގަވުމަކީ ނާދިރުކަމެކެވެ.
"ސޮ.. ސޮރީ..މަންމަ އެ.. އެހާވަރަށް އެހީމަ އަހަރެންނަށް ބުނެވުނީ.. ސޮރީ ރާހިލް" އެލީޝާއަށް ރޮވޭވަރުން ވާހަކަވެސް ދެއްކެނީ ހަމަ ކިރިޔާއެވެ.
"ދެންމެ ބުނީ ތިމަންނަ ނުބުނަމޭ.. މަންމައަށް ހީވިގޮތޭ.. މިހާރު ތި ބުނަނީ މަންމަ އެހާވަރަށް އެހީމަ ބުނެވުނީއޭ.. އެލީ ކީކޭ ކިޔަން ތި އުޅެނީ؟ ތި ކުރެވުނީ ކިހާވަރު ކަމެއްކަން އެނގޭތަ؟ ދެން އަހަރެން އެލީ ވަރިކުރިއްޔާ އަހަރެން ވަރުގެ ނުބައި މީހެއް ހުންނާނެތަ؟" ރާހިލްގެ އަޑު ކޮޓަރި ތެރެއަށް ގުގުމާލިއެވެ. ނަމަވެސް އޭގެ މަދު ސިކުންތުކޮޅެއް ފަހުން އެތަނުގައި ހަރުލައިފައިހުރީ ހަމައެކަނި އެލީޝާގެ ގިސްލުމުގެ އަޑެވެ. މިހާރު ރާހިލް އެތަނަކުން ފެންނާކަށް ނެތެވެ. އަނެއްކާވެސް ނުކުމެގެން ދިޔައީއެވެ. މިފަހަރު ފަސްއެނބުރި ބެލުމެއްވެސް ނެތެވެ.
*****************
"އެނީގެ ކަންތައްތައް މިހާރު ތި ދަނީ މާ މައްޗަށް! އަހަރެން އެނީއާ ކައިވެނި ކުރީ ހަމައެކަނި އެލީޝާއަށްޓަކައި. އެކަމަކު މިހާރު އެނީ އެ ދަރިފުޅާމެދު ވިސްނާހެނެއް ހިއެއްނުވޭ! އެލީޝާގެ އުފަލާދޭތެރޭ ވިސްނާ ނުލާތަނުގައި އެނީ ރާހިލްއަށް ތި އޮޅުވާލަނީ ކިހާބޮޑު އޮޅުވާލުމެއް؟" އާމިރުގެ ފަހަތުން ކަހަލަ ގޮތަކަށް ކޮޓަރީގެ ދޮރުލައްޕައިލުމަށްފަހު ވަތް އޭނާގެ އަނބިމީހާ އެނީއަށް ނިސްބަތްކޮށް އޭނާ ބުންޏެވެ.
"އާމިރަކަށް ނޭނގޭނެ. އަހަރެން ހުރިހާ ކަމެއްވެސް ކުރަނީ ހަމަ އެލީއަށް ރަނގަޅަކަށް. އެހެންނޫނަސް އާމިރަކަށް ތިހެން ހުރިހާކަމެއް އަހަރެންގެ ބޮލަކަށް ނުޖެހޭނެ. ރާހިލްއަށް އޮޅުވާލުމުގެ ވާހަކަ ދައްކާއިރު އަހަރެންނާ އެއްވަރަށް އާމިރުގެ ހިއްސާވެސް މިކަމުގަ އެބައޮތް. މާބޮޑަށްވެސް އެބައޮތް. ބަލަ ނާޝިދަކީ އާމިރުގެ ރައްޓެއްސެކޭ. ހުރިހާ ވާހަކައެއް ދެއްކީ އާމިރޭ! ހަނދާނެއް ނެތްތަ؟" އެނީގެ އަޑުގައިވަނީ މަލާމާތުގެ އަސަރެވެ.
"އާން ހަމަ އެނީ. އަހަރެން އޭރުވެސް ބުނިން އެނީގާތު އެލީޝާ ކައިވެނި ކުރުވާނެ ކަމެއްނެތޭ! އެލީޝާއާއި އެލީޝާގެ ދަރިފުޅު ބެލޭނެ ވަރުގެ ތަނަވަސްކަން އަހަރުމެންގެ ނެތީތަ؟ އެބަހުރި! މަޖުބޫރު ކޮށްގެން އެލީޝާ ލޯބި ނުވާ މީހަކާ އެލީޝާގެ ކައިވެނި ކުރުވީ.. އެނީއަކަށް އެލީޝާގެ އުފަލެއް މުހިއްމެއް ނުވިއެއްނު؟ އެނީ ބޭނުންވީ އެނީގެ މަންމައާއި ދައްތަމެން އަދި ބޭބެމެންގެ ލޮލުގައި އަނދުން އަޅުވާކަށްނު"
"އާމިރު ތިހިރީ މޮޔަވެފަތަ؟ އެލީޝާގެ ޕްރެގްނަންސީ އަހަރުމެން ސިއްރު ނުކުރިނަމަ މަންމަ މި ހުރިހާ މުދަލެއް ދޭނީ ދައްތައަށާއި އޭނާގެ ދަރިފުޅަށްކަން ނޭނގެނީތަ؟ މަންމަމެންގެ ވިސްނުން އަދިވެސް އެ ހުންނަނީ 1900ގަ. އެލީޝާ ކައިވެނީގެ ބޭރުން ބަލިވެ އިންކަން އެނގުނިއްޔާ އާއިލާއިންވެސް ބޭރުކުރާނެ. އެލީޝާއަށް މި މުދަލުން ބައެއް ލިބެން އޮތް ހަމައެކަނި ގޮތަކީ އެލީޝާ ކައިވެންޏެއް ކުރުން"
"އެނީއަށް ހީވަނީތަ ދުނިޔޭގެ ހުރިހާވެސް އެއްޗަކީ ނަމާއި އިއްޒަތާއި ބާރާއި ތަނަވަސްކަމޭ؟" އާމިރު ހިތްހަމަ ނުޖެހުނެވެ.
"އެޔެއްނޫންތަ؟ ނޫނިއްޔާ އަހަރެން ދުވަހަކުވެސް ހޮސްޕިޓަލެއްގެ ފަންސާސް ޕަރސެންޓް ދޭގޮތަށް އެލީޝާގެ ކައިވެނި އެ ރާހިލްއާ ކުރުވަން އެއްބަހެއް ނުވާނަން. އަހަރުމެންނާ ބަލާފަ އެއީ ކޮންބައެއް" އެނީގެ ވާހަކަ ހުރިގޮތް އިވުމާއެކު އާމިރަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
"ހަނދާންކުރާތި؟ އެލީޝާ ބޭނުން ނުވާހާ ހިނދަކު އެ ކައިވެނި ދަމަހައްޓަން އެލީޝާއަށް މަޖުބޫރުކޮށްގެން ނުވާނެ! އިވިއްޖެތަ؟ އެހެންނޫނީ އަހަރެން.." އާމިރުގެ ވާހަކަ ކުރިއަކަށް ނުގެންދިޔައެވެ.
"އެހެންނޫނީ ކީއްކުރާނީ؟" އެނީ ޖަދަލުކުރާ ރާގެއްގައި އަހައިލިއެވެ.
"އެހެންނޫނީ އަހަރެންނަށް ޖެހޭނީ އެނީ ވަރިކުރަން. މި އާއިލާގެ ފުރަތަމަ ރޫޅޭ ކައިވެންޏަށް މި ކައިވެނި ވާން އެނީ ބޭނުންތަ؟ އޭރުން އެނގޭނެ އާއިލާގެ ކުރިމަތީގަ އެނީގެ ނަމާއި އިއްޒަތް ހިފެހެއްޓެނީ ކިހާ ވަރަކަށްކަން!" އާމިރުގެ ޖަވާބާއެކު އެދެމީހުންގެ ދެމެދަށް އާދަޔާހިލާފު ހިމޭންކަމެއް ވެރިވިއެވެ.
އާމިރު އިތުރު ވާހަކައަކާނުލައި ކޮޓަރިން ނުކުމެގެން ދިޔުމާއެކު އެނީ ހަޅޭއްލަވައިގަތެވެ. ހީވީ އެ ހުރިހާއިރު ހިފަހައްޓައިގެން ހުރި ރުޅިގަނޑު ބޭރުކޮށްލިހެނެވެ. ކޮޓަރީގައިހުރި ބޮޑު ސޯފާގެ ކުރިމައްޗަށް ވާގޮތަށްހުރި މޭޒުމަތީގައިވާ ހުރިހައި އެއްޗެއް އަތުންޖަހައި ހޫރުވައިލިއެވެ.
****************
ރޭގަނޑުގެ އެއްބައި ފާއިތުވެ މީސްތަކުން ތަންމަތިތަކަށް ޖަމާވި އިރުވެސް މޮސްކޯގެ މަގުމައްޗަކަށް ފަޅުކަމެއް ނާދެއެވެ. ދަންވި ދަންވިހެން ކެފޭ ރެސްޓޯރެންޓްތަކާއި ނައިޓްކްލަބްތަކަށް ހީވަނީ އީދެއް އަންނަހެންނެވެ. މަގުގެ އެއްފަރާތެއްގައިހުރި ފެހި ކުލައިގެ ލަކުނޑި ބެންޗެއްގައި އިން ރާހިލްއަށް އެ މަންޒަރުތައް ފެނި ސިފަވަމުން ދިޔައީ އޭނާ ޔޫކޭގައި ކިޔަވަން އުޅުނު އިރުގެ ހަނދާންތަކެވެ. މިއީ އެދުވަސްނަމަ ރޭގަނޑުގެ މިވަގުތު ޖެހޭއިރު އޭނާވެސް ހުންނާނީ އެއިން ނައިޓް ކްލަބެއްގައިކަން އޭނާއަށް ޔަގީންކުރެވެއެވެ. ނަމަވެސް ވަގުތާއި ހާލަތު މިހާރު ވަނީ ބަދަލުވެފައެވެ. އޭނާގެ މިޒާޖާއި ތަބީއަތަށް އެ ވަނީ ކުރިއެރުން އައިސްފައެވެ. އެހެންކަމުން މިރޭ އެ މާހައުލުގައިވާ ހަލަބޮލިކަމުގެ އެއްވެސް އަސަރެއް ރާހިލްއަކަށް ނުކުރެއެވެ.
އަތުގައި އޮތް ކޮފީ ހުސްކުރި ކަރުދާސްތަށި ކައިރީގައި ބަހައްޓާފައިވާ ދަގަނޑު ވަށިގަނޑުގައި އަނދަމުން ދިޔަ އަލިފާނުގެ ތެރެއަށް ވައްޓައިލުމަށްފަހު ރާހިލް ބެންޗުން ތެދުވިއެވެ. އަދި ފިނިވެފައިވާ ދެއަތްތިލަ ޖޯޑުކޮށް އަނގައިގައި ޖައްސައިލަމުން ދޫކޮށްލި ހޫނު ނޭވާގެ ޒަރީއާއިން އަތްތިލައިގެ ފިނިކަން ކަނޑުވައިލުމަށްފަހު ކޯޓުގެ ޖީބަށް ދެއަތްތިލަ ކޮށްޕަައިލަމުން ގެއާ ދިމާލަށް ހިނގައިގަތެވެ. އޭނާ އެހާ ލަސްކޮށްފައި ގެއަށް އައީތީ އެކަމާ ސުވާލުކޮށް ފާޑުކިޔާނޭ އެތަށް ބަޔަކު އެގޭގައި ތިބޭނެކަން ރާހިލްއަށް އެނގެއެވެ. އެކަމަށްޓަކައި އޭނާ އަދި ތައްޔާރެއްނޫނެވެ. އެހެންކަމުން ގޭގެ ފަޅު ހޯލްވޭ ފެނުމާއެކު ރާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ކޮޓަރި ހުންނަ ފަންގިފިލާއަށް އާދެވުމާއެކު ރާހިލްގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ފޯނު ހިފައިގެން އެތަނުގައި ދެކޮޅަށް ދެކޮޅަށް ހިނގަހިނގައިހުރި އެނީއެވެ. އެނީއާ ދައްކާނެ ވާހަކައެއް އަހާނެ ސުވާލެއް އެވަގުތު އޭނާގެ ސިކުނޑިއަކަށް ނައެވެ. ވުމާއެކު އެނީއަށް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ރާހިލް ގޮސް ކޮޓަރިއަށް ވަނެވެ.
ކޮޓަރީގައިހުރި ބޮޑު ސޯފާގައި ހަމަޖެހިލައިގެން ނިދިފައި އޮތް އެލީޝާފެނި ރާހިލް އެދިމާލަށް ހިނގައިގަތެވެ. ނިދާ ބައްތީގެ ފަނޑުއަލީގައިވެސް ރާހިލްއަކަށް އެލީޝާގެ މޫނުމަތީގައިވާ ހާސްކަމާއި ވަރުބަލިކަން ސިއްރެއް ނުވިއެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް އެލީޝާ އެ އޮތް ހާލަށް ދޫކޮށްލާކަށް ރާހިލްގެ ޟަމީރު އެއްބަހެއް ނުވިއެވެ. އެލީޝާއަކީ މާބަނޑު މީހެއްކަން އޭނާ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައެއްނުލައެވެ.
"އެލީ.. އެލީ ހޭލަބަލަ" ރާހިލް ދެފަހަރަކު ގޮވައިލުމާއެކު އެލީޝާ އެސްފިޔަތައް ތަޅުވައިލަމުން ލޯ ހުޅުވައިލިއެވެ.
"ރާހިލް؟" އެލީޝާ އަހައިލިއެވެ.
"ހްމްމް މީ އަހަރެންނޭ.. އެލީ ދޭ އެނދަށް.. ތިހެން އޮންނާކަށް ނުވާނެ" ރާހިލް ބުންޏެވެ.
ރާހިލްގެ ބަސް ގަބޫލުކޮށް އެލީޝާ ތެދުވަން މަސައްކަތް ކުރިނަމަވެސް ބޮލަށް ބަރުވެފައިވުމުގެ ސަބަބުން ބިންމަތީގައި ފައިހަމަ ނުކުރެވެންދެން އޭނާ އަރި އަޅައިލައިފިއެވެ. އެކަމަށް ވިސްނައިގެންހުރި ރާހިލް ފަސޭހަކަމާއެކު އެލީޝާ އަތްދަނޑިމައްޗަށް އުފުލައިލަމުން ގޮސް އެނދުގައި ބޭއްވިއެވެ. އެގޮތަށް ބޮލަށް އެނބުރުން އެރުމަކީ އެލީޝާއަށް އާންމު ކަމަކަށްވާތީ އެފަދަ ހާލަތްތަކުގައި އެލީޝާ އުފުލައިލުމަކީ ރާހިލް އެކަމަށް އާދަވެފައިވާ ކަމެކެވެ. އެކަމުގައި އެއްވެސް ހާއްސަކަމެއް ނެތްކަން ޚުދު އެލީޝާއަށްވެސް އެނގެއެވެ. ނަމަވެސް މިފަހަރު ރާހިލްގެ އެ އަމަލުން އޭނާގެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ.
"ރާހިލް.. އަދިވެސް ރުޅި އައިސްފަތަ؟" ރާހިލް ދުރަށް ހިނގައިގަންނަން އުޅުނު ވަގުތު އެލީޝާ ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
"ރުޅިއައިސްފައެއް ނޫން އެލީ.. ހިތްހަމަ ނުޖެހިފަ.. ހަދާނެ ގޮތެއް ނޭނގިފަ.. އެކަމަކު އެވީ އެންމެ ރަނގަޅު ގޮތް ކަންނޭނގެ. އެލީގެ މަންމަމެނަށް އެހާ ދުވަސްވަންދެން މިކަން ސިއްރުކޮށްފަ ބޭއްވުންވެސް ރަނގަޅެއް ނޫން" ރާހިލް އެލީޝާއޮތް އެނދުގެ އެއްފަޅީގައި އިށީނދެލިއެވެ.
"މިހާރު ހިތަށް އަރާ.. އޭރު ވަގުތު އޮއްވާ.. އަހަރެންނަށް ބޭބީ އެބޯރޓް ކޮށްލެވުނު ނަމައޭ.. އަހަރެން މާ އަމިއްލަ އެދުން ބޮޑުވީ.. ޖޯޝްއާއެކު ބޭނުންވި ހެޕީ އެންޑިންގް ހޯދަން ރާހިލް ބޭނުންކުރެވުނީ.. ހަމަގައިމުވެސް އޭރު އެހެން ހެދުނުނަމަ އަހަރެންނަށް ޖޯޝް ނުލިބުނަސް ރާހިލްގެ ދިރިއުޅުން ސަލާމަތް ވީހެއްނު. އެމީހުން ހީކުރަނީ މިހާރު ރާހިލްއަކީ ބައްޕަކަމަށް. މިއީ ކުޑަކަމެއް ނޫނޭ ރާހިލް. ޝައިނާއަށް އެނގުނިއްޔާ–"
"ދެން ތިވާހަކަ ނުދައްކާ އެލީ.. ވީކަމެއް ވީ. އެކަމާ ކުރެވޭނެ ކަމެއް ނެތް. އަނެއްކާވެސް ކޮންމެވެސް ގޮތެއް ވިސްނާނީ" ރާހިލް އެލީޝާގެ ވާހަކަ މެދުކަނޑައިލިއެވެ. އެ ވާހަކައިގެ ތެރެއަށް ޝައިނާގެ ނަން ގެނައުމުން އޭނާއަށް ކަމުނުދިޔައީއެވެ. ވާނީވެސް އެހެންތާއެވެ. މޮސްކޯގެ ފިނިން ތުރުތުރުލަމުން ދިޔަ ހާލު މިއަދުގެ ހަތަރުދަން އޭނާ މަގުމަތީގެ ބެންޗެއްގައި އިނީ ޝައިނާއަށް އެ ދަތުރުގައި އެ ހިނގައިދިޔަ ހުރިހާކަމެއް ވިސްނައިދޭނެ ގޮތަކާމެދު ވިސްނުމުގައެވެ. އެހެނަސް ޝައިނާގެ ނުރުހުން އަމާޒު ނުވާނެފަދަ ގޮތަކަށް އެކަން ކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ކިތަންމެ ފަހަރަކު އެތަނަށް އެލީޝާ ދޫކޮށްލުމަށްފަހު އޭނާ އެކަނި މާލެދާންވެސް ހިތަށްއެރިއެވެ. ނަމަވެސް އެލީޝާ އިން ހާލަށް ވިސްނި އޭނާގެ ހެޔޮހިތަށް އެގޮތެއްވެސް ކަމަކު ނުވިޔައެވެ. ނުވިތާކަށް އެހެން ކަންތައްކޮށްފިނަމަ ދެ އާއިލާގެ ކުރިމަތީގައި އޭނާ ވާނީ އަނިޔާވެރިއަކަށެވެ. ހަދާނެ ގޮތް ނޭނގިފައި އިން ރާހިލްއަށް ކުޑަ ސިހުމެއް ލިބުނީ އޭނާގެ ކަންފަތުގައި މަޑު ގިސްލުމެއްގެ އަޑު ޖެހުމުންނެވެ. އާނއެކެވެ. އެލީޝާ އަނެއްކާވެސް ރޯން ފެށީއެވެ.
"އެލީ.. މިހާރު މާ ވަރަކަށް އެނގޭ ތި ރޮނީ.. އަބަދު ބޭބީއަކަށް ބްލޭމްއެއް ނުކުރެވޭނެ" ރާހިލް ބެލީ އެފަދަ ވަގުތެއްގައިވެސް ސަމާސާއެއް ކޮށްލެވޭތޯއެވެ. އޭރުވެސް އެލީޝާގެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. އެލީޝާ ތުރުތުރުލަމުން ދިޔަ އަތަކުން ރާހިލްގެ އަތުގައި ހިފަހައްޓައިލިއެވެ.
"ރާހިލް.. މިކަމާހެދި އެއްވެސް ވަރަކަށް ރާހިލްއަށް ދެރައެއް ލިބޭނެ ކަމަކަށް އަހަރެން ނުވިސްނަމޭ. އެކަމަކު މިހާރު މިވީ ކިހިނެއް. ރާހިލްގެ އެހީތެރިކަމުގެ ބަދަލުގަ އަހަރެންނަށް މި ކުރެވުނީ ކީއް؟" އެލީޝާ ރޮމުންރޮމުންގޮސް ރާހިލްގެ މޭގައި ލައްވެލިއެވެ. ރާހިލް ފުންނޭވާއެއް ދޫކޮށްލިއެވެ.
"އަހަރެން… އަހަރެން ބަހައްޓާފަ ރާހިލް ދޭ.. ޓިކެޓް ކެންސަލް ކޮށްލާ.. އަހަރެން މަންމަމެންގާތު ކޮންމެވެސް އެއްޗެކޭ ކިޔާނަން.. ރާހިލް ދޭ" އެލީޝާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.
ރާހިލް އެލީޝާ އޭނާގެ ގަޔާއި ދުރުކޮށްލުމަށްފަހު އެލީޝާގެ އިސްއުފުލައިލައި ހަތަރުކަޅި ހަމަކޮށްލިއެވެ. އެލީޝާގެ ދެލޮލުގައިވާ ރިހުމާއި ހިތާމަ ފެނި ރާހިލްގެ ހިތް ހަމްދަރުދީން ފުރުނެވެ. ހިތްވަރުދޭ ފަދައަކުން އެލީޝާގެ އަތުގެ މަތީގައި އޭނާގެ އަނެއް އަތްތިލަ ބާއްވައިލިއެވެ.
"އަބަދު އެލީ ބަހައްޓާފަ ދާށޭ ތިކިޔަނީ ކީއްވެތަ؟ މި ގޭގައި ހޭދަކުރެވުނު ދެތިން ދުވަހު އަހަރެންނަށް އިހުސާސްވެއްޖެ އެލީއަށް މިތަނުގަ ވާނެވަރު. މިއީ އެއްވެސް މިނިވަންކަމެއް އިޚްތިޔާރެއް އޮންނަ ތަނެއް ނޫން. މިކަހަލަ މާހައުލެއްގަ އެލީ މޮޔަވެދާނެއެއްނު. ޖޯޝްއަކީ އެލީ ބުނިކަހަލަ މީހަކަށްވެ އޭނައާއެކު އެލީއަށް ދެވުނުނަމަ ކިތަންމެހާވެސް ރަނގަޅު. އެކަމަކު އެލީ ބުނެބަލަ! މިގޭތެރޭގަ އޮންނަނީ ޑިކްޓޭޓަރޝިޕެއް ނޫންތަ؟ އެލީ މި ތަނަށް ދޫކޮށްލާފަ ދާކަށް އަހަރެންނަކަށް ނުކެރޭނެ." ރާހިލް ބުންޏެވެ. އެލީޝާއަށް ލިބުނު ޝޮކުގައި އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް ހުއްޓުނު ކަހަލައެވެ.
"ކީ.. ކީކޭ ރާހިލް؟ ދެން ޝައިނާ؟" އެލީޝާ އަހައިލިއެވެ.
"ޝައިނާއަށް ވިސްނޭނެ. ވިސްނާދޭނީ.." ރާހިލް އަމިއްލަ ނަފްސަށް ވިސްނައިދޭ ފަދައަކުން ވާހަކަދެއްކިއެވެ. އެ ދިން ޔަގީންކަމާއެކު އެލީޝާގެ މޫނުމަތި ހިނިތުންވުމަކުން އުޖާލާވެގެންދިޔައެވެ. ލިބުނު އުފަލުގައި ރާހިލްގެ ގައިގައި ބައްދައިގަތެވެ.
"ތެންކްޔޫ ސޯ މަޗް ރާހިލް!! އަހަރެން ހިއެއް ނުކުރަން ދުނިޔޭގަ ތިހާ ހިތްހެޔޮ ރަނގަޅު އިންސާނުން އުޅޭ ކަމަކަށް. އަދި އެފަދަ މީހަކާ އަހަރެންނާ ދިމާވާނެ ކަމަކަށްވެސް އަހަރެން ވަރަށް ނަސީބުގަދަ. ރާހިލްގެ ތި އެހީތެރިކަން ދުވަހަކުވެސް އަހަރެންގެ ހިތަކުން ނުފިލާނެ" އެލީޝާ ގިސްލެވިފައި ބުންޏެވެ.
ރާހިލް އެލީޝާގެ ބޮލުގައި ފިރުމައިލަމުން އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އެއާއެކު އެލީޝާ ރާހިލްގެ މޫނާއި އިތުރަށް ކައިރިވެލިއެވެ. އެ މޫނުގައިވާ ތާޒާ ކަރުނައިގެ އަސަރުފެނި ރާހިލްއަށް ހަރަކާތްކުރަން ނޭނގިފައި ހުއްޓައި އެލީޝާ ރާހިލްގެ ތުންފަތުގައި ބޮސްދިނެވެ.
ރާހިލް އެއްފަހަރު އެލީޝާ ދުރުކޮށްލި ނަމަވެސް އެލީޝާގެ ސިކުނޑި އަދިވެސް ނުހޭލާ ކަހަލައެވެ. އަނެއްކާވެސް ރާހިލްއާ ގާތްވެލިއެވެ. ރާހިލް ދެވަނަ ފަހަރަކަށް އެލީޝާ ދުރުކޮށްލިއިރު އޭނާހުރީ އެލީޝާއާ ދިމާލަށް އެެއްވެސް އެއްޗެއް ބުނެވޭފަދަ ހާލަތެއްގައެއް ނޫނެވެ. އޭނާއަކަށްވެސް އެލީޝާގެ އެ ހަރަކާތުގައި ބައިވެރި ނުވެވެޔެކޭ ބުނެވޭކަށް ނެތެވެ.
"ތެންކްޔޫ. އިޓް އޮންލީ މެންޓް ތެންކްޔޫ" އެލީޝާ ސިއްރު ސިއްރުން ރާހިލްގެ ކަންފަތްދޮށުގައި ބުންޏެވެ. އަދި ހިނިތުންވެލިއެވެ. ބަދަލުގައި ރާހިލްވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލުމަށްފަހު އެލީޝާއަށް ފުރަގަސްދެމުން ލަސް ފިޔަވަޅުތަކެއްގައި ބެލްކަންޏަށް ނުކުތުމަށް ހިނގައިގަތެވެ.
ބެލްކަނީގައި ބަހައްޓާފައިހުރި އައުޓްޑޯރ ސޯފާގައި އިށީނދެވުމާއެކު ރާހިލް އިސްޖަހައިލަމުން އޭނާގެ އިސްތަށިގަނޑު އެ ދެއަތުގެ އިނގިލިތަކުގެ ތެރެއަށް މަހައިލާ ބާރުކޮށްލިއެވެ. ޝައިނާގެ ތަސްވީރު ސިކުނޑީގައި ކުރެހެން ފެށުމާއެކު ކުށްވެރިކަމުގެ އިހުސާސުން ނަފްސު ފޯވާން ފެށިއެވެ. އެލީޝާއާއެކު އެ ހޭދަވި މަދު ސިކުންތުކޮޅަކީ ކިތަންމެ ކުޑަ މާނައެއްނެތް ހަރަކާތެއް ނަމަވެސް އެއީ ޝައިނާއަށް ކިހައި ބޮޑު ކަމަކަށް ވާނެކަން ރާހިލްއަށް އެނގެއެވެ.
އެލީޝާގެ އާއިލާއާ ހުޅަނގުގެ އެހެން އާއިލާތަކާ ވަރަަށް ތަފާތެވެ. މި އާއިލާގައި އޮންނަނީ ސައުތު އޭޝިޔާފަދަ ސަރަހައްދުތަކުގައި އޮންނަ ކަހަލަ ސަގާފަތެކެވެ. ބަސްބުނާ ހަމައެކަނި ބަޔަކީ ގޭގެ ބޮޑުންނެވެ. ފަހަރުގައި އެއީ މަހުޖަނުންގެ ގޮތް ކަމަށްވެސް ވެދާނެއެވެ. އެހެނަސް އެލީޝާގެ މިޒާޖު އެ އެންމެނާ ތަފާތެވެ. އޭނާފަދަ ހުޅަނގުގެ ވައްޓަފާޅިއަށް އުޅެ ބޮޑުވި ކުއްޖަކަށް އެހެން ކޮށްލާ ކަމަކީ ހަމައެކަނި "ޝުކުރިއްޔާ" އަކަށް ވެދާނެއެވެ. ނަމަވެސް އެގޮތެއް ޝައިނާއަކަށް ކަމަކު ނުދާނެއެވެ.
***************
"ދެން ކިހިނެއް ހަދާނީ؟" ޒީވާއާއި އައިޝާ ތިބީ ހޮސްޕިޓަލުގެ ސްޓާފް ކެންޓީނުގައެވެ. ޒީވާގެ އަތުގައި އޭނާ ކުރީދުވަހު ހެދި ޓެސްޓުގެ ނަތީޖާ އޮތެވެ.
"ދެން ރިއާންގާތު ބުނާނީނު. އަހަރެންނަކަށް ނޭނގޭ ޒީ އެހާ ހާސްވާންވި ސަބަބެއް.. އިރާދަކުރެއްވީތީ ކުއްޖަކު ބެލޭނެހާ ތަނަވަސްކަންވެސް ޒީމެންގެ އެބަހުއްޓެއްނު" އައިޝާއަކަށް ހަމަ އެއްވެސް ވަރަކަށް ޒީވާ ހާސްވާންޖެހޭ ސަބަބެއް ނޭނގުނެވެ.
"އެހާ އަވަހަށްވީމަ.." ޒީވާގެ އަޑު މަޑުވިއެވެ.
"ދެން ސާބަސް ޒީއަށް. މިހާރު މެރީ ކުރިތާ ހަތްމަސް ވަނީނު.. ކޮން އަވަހެއްތަ؟" އައިޝާ ބުންޏެވެ. އޭނާއަށް ނޭނގޭ ހަގީގަތަކީ ދުނިޔޭގެ ކުރިމަތީގައި އެ ކައިވެންޏަށް ހަތްމަސް ދުވަސް ވި ކަމުގައިވިޔަސް ޒީވާއާއި ރިއާންގެ ކައިވެންޏަށް ހަގީގަތުގައި ވެފައިވަނީ އެންމެ ދެތިންމަސް ކަމެވެ. ރިއާންގެ އަމަލުތަކުން ބައެއްފަހަރު ޒީވާއަަށް ލޯތްބާއި އަޅާލުން އިހުސާސްވިޔަސް ގިނަފަހަރަށް އިހުސާސްވަނީ ބީރައްޓެހިކަން ކަމެވެ. އަދިވެސް ރިއާން އޭނާދެކެ ލޯބިވާކަމަށް ދުލުން އިޤުރާރުވެ އެއްބަސްވެފައެއް ނެތެވެ. ވީއިރު މިފަދަ ހަބަރެއް ލިބުމުން ރިއާން އެކަން ބަލައިގަންނާނެބާއެވެ. ނުވަތަ އިތުރަށް އެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހީނަރުވާނީ ބާއެވެ.
"ޒީ" އައިޝާ ޒީވާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ޒީވާގެ ފިކުރުތަކަށް ހުރަސްއެޅިއެވެ. "އަދިވެސް އިންނަނީތަ؟ ޒީ މާ ހާސްވާންޖެހޭ ސަބަބެއް އަހަރެންނަކަށް ނޭނގެ. ރިއާންއަކީ ތިބުނާހާ ގޯސް މީހެއް ނޫން.. އެހެންނޫނަސް ރިއާން ކޮންމެ ގޮތަކަށް ރިއެކްޓް ކުރިޔަސް ޒީ ތިވާހަކަ ބުނަން ޖެހޭނެ. އަވަސްކުރިވަރެއް ކަންނޭނގެ ރަނގަޅުވާނީވެސް" އައިޝާ ބުންޏެވެ.
ޒީވާ އެ ވާހަކަ ގަބޫލުކުރިއެވެ. ސައިބޮއެ ނިންމައިލުމަށްފަހު އައިޝާ އަލުން އަނބުރައި ޑިއުޓީއަށް ދިޔުމުން ދުވަހުގެ ބާކީބައި ސަލާމެއްގެ ގޮތަށް ހަމަޖެއްސުމަށްފަހު ރިއާންގެ ފޯނަށް ގުޅައިލިއެވެ. ރިއާންގެ ފޯނު އެންގޭޖްވެފައި ހުރުމުން އޭނާ ދެން ގުޅީ ރިއާންގެ އެސިސްޓެންޓްގެ ނަންބަރަށެވެ.
"ހެލޯ ރައުހާތަ؟" ޒީވާ ޔަގީންކޮށްލުމުގެ ގޮތުން އަހައިލިއެވެ.
"ނޫނޭ ނީމް" ނީމްގެ އަޑު ޖެހުމާއެކު ޒީވާގެ މޫނަށް އުފާވެރިކަން ވެރިވިއެވެ.
"ނީމް!! ނީމް ކޮންއިރަކު އައީ؟ ކިހިނެއްތަ؟ ބައްޕަ ކިހިނެއް؟" ޒީވާ ފުލުފުލުގައި ސުވާލުތައް އަމުނައިލިއެވެ.
"އަލްހަމްދުލިއްﷲ. އެންމެންވެސް ރަނގަޅު. ޒީ ކޮންކަމަކު މި ފޯނަށް؟" ނީމް އަހައިލިއެވެ.
"ރިއާން އެބަ އުޅޭތަ؟" ޒީވާ އަހައިލިއެވެ.
"ސަރ ހެނދުނު އޮފީހަށް ވަދެލާފަ ކްލަޔަންޓް މީޓިންގ އަކަށް ބިޒްނަސް ހޮޓެލްއަށް ދުރުވީ. ނީމް މިކޮޅަށް އައި އިރަކު ނާދޭ.. ބުނީ ގެއަށް ވަދެލާފައޭ އަންނާނީ" ނީމް ޖަވާބުދިނެވެ.
ނީމްއަށް ޝުކުރު އަދާކުރުމަށްފަހު ޒީވާ ޓެކްސީއެއް ހޯދުމަށް އަވަސްވެގަތެވެ. ޓެކްސީގައި ގެއާ ހިސާބަށް ދެވެންދެން ފައި ތަޅުވައިލައި ތަޅުވައިލައި އިންއިރު އިރުއިރުކޮޅާ އަތުގައި އޮތް ފޯނުގެ ޑިސްޕްލޭއަށް އަރައިފައިވާ ގަޑިއަށް ބަލައިލެވެއެވެ.
**************
މީޓިންގ ނިންމާފައި ރިއާން ގެއަށް އައީ އެދުވަހު ކޮންމެހެންވެސް އޮފީހަށް ގެންދަންޖެހޭ ފައިލެއް ގޭގައި ބޭއްވިފައި އޮތީތީއެވެ. ލިފްޓަށް އަރައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ކަރުގައިވާ ވާންކަން ފިލުވައިލުމަށްޓަކައި ފަރާތް ފަރާތަށް ބޯ އަނބުރައިލިއެވެ.
ލިފްޓު ފަންގިފިލާއަކަށް ހުއްޓުމާއެކު ރިއާން އެއީ ކޮން ފަންގިފިލާއެއްތޯ ބަލައިލުމެއްވެސް ނެތި ލިފްޓުން ނުކުތުމަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނީ ކުރިމަތީގައިހުރި ނަޝްވާ ފެނުމުންނެވެ. ރަނގަޅަށް ބަލައިލިއިރު ލިފްޓު ހުއްޓާފައިވަނީ އެ އިމާރާތުގެ ހަވަނަ ފަންގިފިލާއަށެވެ. ރިއާން ދިރިއުޅެނީ ނުވަވަނަ ފަންގިފިލާގައެވެ. ލިބުނު ހިތްހަމަ ނުޖެހުމުގައި ރިއާން ޗޮކެއް ކަނޑައިލަމުން ފޫހި ގޮތަކަށް ކަޅި އަނބުރައިލިއެވެ. އޭރު ނަޝްވާ ފޮށި ހިފައިގެން ހުޅުވިފައިވާ ލިފްޓުގެ ތެރެއަށް ދެމިގެންފިިއެވެ.
"އަދިވެސް ނުފުރަންތަ؟" ރިއާން އެއްފަހަރު ނަޝްވާއަށް އަނެއްފަހަރު ނަޝްވާގެ ކައިރީގައިހުރި ފޮށްޓަށް ބަލައިލަމުން ބުންޏެވެ.
"ފުރަން މި ދަނި.. މިއީ.. ބުނީމެއްނު މި ބިލްޑިންގގަ ރައްޓެއްސެއް އުޅެޔޭ.. އޭނަ ކައިރިއަށް އައިސްފަ ހިތަށް އެރީ ރިއާންވެސް ދެކިލާފައޭ–"
"މިހިރީ ކުރިމަތީގަ. މިހާރު ފެނިއްޖެއެއްނު؟" ނަޝްވާގެ ވާހަކައަށް ސަމާލުކަން ދިނުމެއްނެތި ރިއާން ނުވަވަނަ ފަންގިފިލާއަށް މަޑުކޮށްލި ލިފްޓުން ނުކުމެ އެޕަރޓްމެންޓަށް ވަނުމަށް ހިނގައިގަތެވެ. އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ނަޝްވާވެސް އައިސް އެތަނަށް ވަނެވެ.
"އަދިވެސް އައީތަ؟" ރިއާން ހިތްހަމަ ނުޖެހިފައި ފަހަތް ބަލައިލިއެވެ.
"އަޅެ. އަދި އެއްގަޑިއިރު އެބަ އޮތޭ ޗެކް-އިން ފެށެން.. އަހަރެން އެހާއިރު ވަންދެން ބޭރުގަ މަޑުކުރަންވީތަ؟ ކޮފީއެއް ބޯލަން މިތާ މަޑުކޮށްލެވިދާނެއެއްނު. ޒީ ވެސް ނެތެއްނު. ދެން ޕްލީޒް.. މިއަދު އެކަންޏެއްނު ދެން ރިއާންއާ އަހަރެން ދިމާވާނީވެސް" ނަޝްވާ ފަޅުކޮށް އޮތް އެޕަރޓްމެންޓްގެ ތެރެއަށް ނަޒަރު ހިންގައިލަމުން މައުސޫމު ގޮތަކަށް ބުންޏެވެ.
ރިއާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަޝްވާގެ ގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ. ކިޔަން ފަށައިފިކަމެއް ކުރެއް ނުކުރާނެއެވެ. އެންމެ ބޮލަށް ފަސޭހަވާނެ ގޮތަކީ ނަޝްވާ ބޭނުންވާކަމެއް ވީހާވެސް އަވަހަށް ކޮށްފައި ނިންމައިލުމެވެ. އޭނާގެ ލޯބިވެރިއެއްގެ ގޮތުގައި ނަޝްވާ ގެންގުޅުނު އިރުވެސް އޭނާ ކަންތައް ކުރާ އުސޫލަކީ އެއީއެވެ.
"ކޮން ގޮތަކަށް ބޭނުމީ؟" ރިއާން ޖޯޑެއް ހިފައިގެން ކޮފީމެޝިނާ ގާތަށް ޖެހިލަމުން ބުންޏެވެ.
"ރިއާން ލައިކް ވާ ގޮތެއް" ނަޝްވާގެ ޖަވާބު އިވުމާއެކު ރިއާން ލޯ އަޅައިލިއެވެ. "މި ބުނީ ބްލެކް.." ރިއާންގެ ރުޅިވެރި ނަޒަރުން ސަލާމަތްވުމަށްޓަކައި ނަޝްވާ އަވަސްއަވަހަށް ބުންޏެވެ. ރިއާން ނަޝްވާ އެދުނުގޮތަށް މެޝިން ސެޓުކޮށްލުމަށްފަހު އެތަނުން ދުރަށް ޖެހިލިއެވެ.
"ނިމުނީމަ ކޮފީތަށި ނަގައިގެން ބޮއެ. އަހަރެން އެބަ އަންނަން" ރިއާން އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ގޮސް ކޮޓަރިއަށް ވަނެވެ. ނަޝްވާ ބޭރުގައި އިނީތީ އެތަނަށް ނުނިކުތުމަށްޓަކައި އޭނާ އެނދުގައި އޮށޯވެލިއެވެ. ވިއްސަކަށް މިނަޓު ފަހަށް ކޮށްފައިވާ އެލަރމް އިވި އަވަހަށް ލޯ ހުޅުވައިލަމުން އެނދުން ތެދުވިއެވެ. އަދި އަލަމާރީގެ އެންމެ ތިރީކަނުގައި ހުރި ތިޖޫރި ހުޅުވައިލުމަށްފަހު އޭގައި އޮތް ފައިލު ހިފައިގެން ކޮޓަރިން ނުކުތެވެ.
"އަހަރެން ވަރަށް އަވަހަށް ދާންޖެހިއްޖެ. ނުނިމޭތަ؟" ރިއާން ގޮވައިލިއެވެ.
"ނޫނޭ މަޑުކޮށްލާ މި ޖޯޑު–"
"ޖޯޑު ބަހައްޓާފަ ދާން ހިނގާ.. އަހަރެންނަށް އެބަ ލަސްވޭ" ރިއާން ބުންޏެވެ.
ނަޝްވާ ރިއާންގެ ބަހަށް ބޯ ޖަހައިލިއެވެ. ރިއާންގެ ފިޔަވަޅުތައް އަވަސްކޮށްލައިފައި ހުރުމުން ނަޝްވާއަށް ފޮށި ހިފައިގެންގޮސް ރިއާންއާއެކު ލިފްޓަށް އެރުނީ ހަމަ ކިރިޔާއެވެ.
"ރިއާން.. އަހަރެން އެއަރޕޯޓަށް ޑްރޮޕް ކޮށްދޭނަން ދޯ. އަނެއްކާ ކާރަކަށް ގުޅަން ޖެހޭނީ. ރިއާން ތި ދަނީވެސް މާލެއާ ވީ ފަޅިއަކަށްނު" ނަޝްވާ އެދުނެވެ. "ޕްލީޒް.. ވަން ލާސްޓް ފޭވަރ" ނާޝްވާ އެދުނެވެ.
"ފައިން" ރިއާން ބުންޏެވެ. ނަޝްވާ އުފަލުންގޮސް ކުޑަކޮށް ނަށައިލުމަށްފަހު މައިތިރިވިއެވެ. އިމާރާތުގެ އަންޑަރގްރައުންޑް ޕާކިންގްއަށް ހުއްޓުނު ލިފްޓުން ދެމީހުން އެކީގައި ފޭބިއެވެ. އެތަނުގައި އަދި އިތުރަށް އަޑިއަށް ވާގޮތަށް ހުރި ދެތިން ސިޑިން ނަޝްވާގެ ފޮށި ބޭލޭތޯ ނަޝްވާ މަސައްކަތް ކުރަމުންދިޔައެވެ. އެ ފޮށި ގެންދަން އުޅުނު ގޮތް ފެނި ރިއާންގެ ބޮލަށް އުނދަގޫވިއެވެ.
"ހެޔޮނުވާނެ ތި ދޫކޮށްލާ އަހަރެން ތީގަ ހިފައިފާނަމޭ" ރިއާން ހިތްހަމަނުޖެހިފައި ހުރިނަމަވެސް ނަޝްވާ ދުރަށް ޖައްސައިލަމުން އެ ފޮށީގައި ހިފެހެއްޓިއެވެ.
*****************
ޒީވާ އެދުނު ފަދައިން އޭނާ އައި ޓެކްސީ ހުއްޓައިލީ ޒީވާމެން ދިރިއުޅޭ އެޕަރޓްމެންޓް ކޮމްޕްލެކްސްގެ އަންޑަރގްރައުންޑް ޕާކިންގްއަށެވެ. އެތަނުގައި އޮތް ރިއާންގެ ކާރު ފެނުމާއެކު ޒީވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަވަސްވެފައިވާ ހިތް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން ލިފްޓާ ދިމާލަށް ހިނގައިގަތް ވަގުތު އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. މުށިކުލައިގެ ކުރު ޓީޝާޓަކައި ކަޅު ޖީންސެއްގައިހުރެ ރިއާންގެ ކާރާއި ދިމާލަށް ހިނގައިފައި އައީ ނަޝްވާ ފިޔަވައި އިތުރު މީހެއް ނޫނެވެ. ނަޝްވާގެ ފަހަތުން ކަހަލަ ގޮތަކަށް ރިއާންވެސް އައެވެ. އޭނާގެ އަތުގައި ކަޅުކުލައިގެ ލަޖެޖް ފޮށްޓެއް ހުއްޓެވެ. ރިއާން އެ ފޮށި ދަމާލާފައި ގޮސް ކާރުގެ ޑިކީއަށް އެރުވުމަށްފަހު ޑްރައިވަރު ސީޓުގައި އިށީނެވެ. ނަޝްވާވެސް ބޮލުގައި ޖަހައިފައިވާ ހުޅި ނައްޓައިލަމުން ކާރުގެ ކުރީ ސީޓަށް އަރައި ހަމަޖެހިލިއެވެ. އެއާއެކު ކާރު އޭގެ އެންމެ މަޑު ދުވެލީގައި ޕާކިންގްއިން ނުކުތެވެ.
ފެނުނު މަންޒަރުގެ ސަބަބުން ގަބުވެފައިހުރި ޒީވާއަށް ކުރިއަށް ފިޔަވަޅެއްވެސް އަޅާކަށް ނޭނގުނެވެ. އޭނާއަށް ހަމަބިމަށް އާދެވުނީ އެވަގުތު ޕާކިންގްއަށް ވަތް ކާރެއްގެ ބަރުގޮނުގެ އަޑު އިވުމުންނެވެ. ހަލުވިކަމާއެކު އޭނާ ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. އެޕަރޓްމެންޓަށް ދިޔުމުގެ ހިޔާލެއް އޭނާގެ ނެތެވެ. މިސްރާބެއްނެތް މީހެއް ފަދައިން މަގުމައްޗަށް ނުކުމެ ހިނގަމުންދިޔައިރު އޭނާގެ ސިކުނޑި ފިކުރުތަކުން ފުރި ބާރު ވަމުންދިޔައެވެ. އޭނާގެ އަމިއްލާ ހިތާ އެތައްހާސް ސުވާލެއް ކުރެވުނެވެ.
އެބުނާ ބައްދަލުވުމެއް ނިންމައިލުމަށްފަހު ރިއާން ވަގުތުން ނީމް އޮފީހަށް ފޮނުވައިލީ ނަޝްވާއާ ބައްދަލުކުރުމަށް ހެއްޔެވެ؟ ނަޝްވާއާއެކު ކާރަށް އެރިއިރު ރިއާންގެ އަތުގައިހުރީ ކޮން ފޮށްޓެއްބާއެވެ؟ އަނެއްކާ ރިއާން ނަޝްވާއާއެކު ކޮންމެވެސް ތާކަށް ފުރަނީބާއެވެ؟ ކުރިންވެސް އޭނާގާތު ބުނެ ނުލައި ރިއާން އެތަށް ފަހަރަކު ތަންތަނަށް ފުރައިގެން ދިޔައީ ނަޝްވާ ގޮވައިގެން ހެއްޔެވެ؟
ރިއާންއާމެދު ކުރެވެމުންއައި ޝައްކާއި ވަހުމުތައް ގިނަވާން ފެށި ވަރަކަށް ޒީވާގެ ހިތް އަވަސްވެ ނޭވާ ކުރުވާން ފެށިއެވެ. ފައިން ވަރުދޫވެ ފިޔަވަޅުތައް ލަސްވާންފެށިއެވެ. އޭރު އޭނާގެ ފޯނުވެސް ދިޔައީ ރިންގުވަމުންނެވެ. އެހެންކަމުން އޭނާ ހިނގުން ހުއްޓައިލުމަށްފަހު އެންމެ ކައިރިން ފެނުނު ބަސް ސްޓޭޝަންގައި އިށީނދެ ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. އަދި ދަބަހުން ފޯނު ނަގައި ޖަވާބުދިނެވެ. "ހަލޯ"
"ޒީ.. މިހާރު ދިޔައީތަ؟ އަހަރެން އަދި މި ގުޅީ ދެންމެ ޒީއަށް ސިޓީއުރައެއް އައިސްފަ އޮތީމަ" އިވުނީ އައިޝާގެ އަޑެވެ.
"ސި.. ސިޓީ އުރައެކޭ؟ ހޮސްޕިޓަލަށްތަ؟ އައިޝް.. އަނެއްކާ ކުރިން ލިބުނު ނަތީޖާ ގޯހީތަ؟" ޒީވާއަށް އަހައިލެވުނެވެ.
"ނޫނޭ. ލެބްއަކުން ނޫން. ބޭރުން އައި ސިޓީއުރައެއްހެން ހީވަނީ. އާރް.އެލް. އިން ކަމަށްވެސް ވެދާނެ. ބޭރުމީހެއް އައީ. ރިއާންގެ ވައިފްއަށް ރައްދުކޮށްދޭށޭ ކިޔާފަ ދިޔައީ. ރިއާންއޭ ބުނީމަ ސިއްރު މައުލޫމާތަކަށް ވެދާނެތީ އަހަރެންނަކަށް ނުކެރުނު ބަލާލާކަށް" އައިޝާ ތެދުތެދަށް ޖަވާބުދިނެވެ.
"އެކަމަކު ރިއާންގެ އެއްޗެއް ހޮސްޕިޓަލްއަށް… އޯކޭ އައިޝް މަޑުކޮށްލައްޗޭ! އަހަރެން އެބަ ދަން." މާދުރުނޫން ހިސާބެއްގައި އޮތް ބަސް އަންނަތަން ފެނުމުން ޒީވާ ބުންޏެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ދާދި ކުޑައިރުކޮޅެއްގެ ކުރިން ހިނގައިދިޔަ ކަންތައް އޭނާގެ ސިކުނޑިން ނުފޮހެވެންދެން އަނެއްކާވެސް މި ކުރިމަތިވީ އެއްވަރުގެ ކަމަކާއެވެ. ހިތާހިތުން އަމިއްލާ ނަފްސަށް ހިތްވަރު ދެމުން ޒީވާ ބަހަށް އަރައި އެންމެ ފަހަތުގައިހުރި ހުސް ގޮނޑިއެއްގައި ހަމަޖެހިލިއެވެ.
No comments yet
Be the first to share your thoughts about this episode!