Episode 51

ހިތް އެދޭހާ ކަމެއް.. (51 ވަނަބައި)

ދެ އެކުވެރިން އެކި ވާހަކަ ތަކުގައި ތިބެ ހަވީރުސައި ނިންމައިލުމަށްފަހު ގެއަށް ދިޔައިރު ހުރީ އިރުއޮއްސިފައެވެ. ގެއަށް ވަނީއްސުރެން ރިއާން އަންނާނެ އިރަކަށް ޒީވާއަށް ވަގުތު ގުނެން ފެށިއެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ އެރޭގެ ދިހައެއް ޖެހުމާ ގާތްވެފައި ވަނިކޮށް އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެން އައި ރިއާން ފެނުމުންނެވެ.

ރިއާންއަށް ޒީވާ ފެނުމާއެކު ރިއާންގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ. ލައިގެންހުރި ބޫޓު ބާލައި އެއްފަރާތެއްގައި ބެހެއްޓުމަށްފަހު އައިސް ޒީވާގެ ގައިގައި އޮޅުލައިގަތެވެ.

"ޝަވަރޑް؟" ރިއާން ޒީވާގެ ކޯތާފަތުގައި ބޮސްދިނުމަށްފަހު ކަންފަތްދޮށުގައި އަހައިލިއެވެ. ޒީވާއަށް ރިއާންގެ އެ ބަސްތަކުގައި ފޮރުވިފައިވާ މާނަ ދޭހަވެ އޭނާގެ މޫނަށް ފޫހިކަން ވެރިވިއެވެ.

"ޕިސް.. ރިއާން!! ދެން މިހާރަކު ނޫން!!" ރިއާންގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕައިލަމުން ޒީވާ ބުންޏެވެ.

ޒީވާ އޭނާ ދުރުކޮށްލި ގޮތް ރިއާންއަކަށް ކަމަކު ނުދިޔައެވެ. ނަމަވެސް އެކަމާ އިތުރަށް އެއްޗެކޭ ބުނުމުގެ ބަދަލުގައި އޭނާ އެތަނުން ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ޒީވާވެސް ކަންތައް ކުރެވުނު ގޮތާމެދު ދެރަވީ ކަންނޭނގެއެވެ. ރިއާން ދިޔަތާ މިނެޓެއްހާއިރުތެރޭ އޭނާ ގޮސް ދެފަހަރަކު ކޮޓަރީގެ ދޮރުގަައި ޓަކިދިނުމަށްފަހު ދޮރު ހުޅުވައިލިއެވެ. އެވަގުތުވީ ރިއާންވެސް އުނުގަައި ތުވާލި އޮޅައިލުމަށްފަހު ދޮރު ހުޅުވައިލުމަށް އައި ވަގުތު ކަމަށް ވުމާއެކު އެ ދޮރު ހުޅުވުނު ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. އެހެނަސް ޒީވާގެ ނަޒަރު ރިއާންގެ ލޮލުން ވަކިވެ އެ ރީތި ހަށިގަނޑަށް ދަތުރުކުރާކަށް މާގިނައިރެއް ނުނެގިއެވެ. ރިއާންއަށް އެކަން ފާހަގަވި ނަމަވެސް އެހެންޏާ އޭނާ ޒީވާއާ ކުރާފަދަ ލާނެތް ސަމާސާއެއް ކުރާކަށް ނޫޅުނެވެ. ޒީވާގެ ނަޒަރު ދެވަނަ ފަހަރަށް އޭނާގެ ލޮލާ އަމާޒުވަންދެން މަޑުކޮށްލުމަށްފަހު އެވަގުތު އައުމުން ކިހިނެއްވީހޭ އަހާލާފަދަ އުސޫލަކުން ސީރިއަސް ކަމާއެކު ބުމަ އަރުވައިލިއެވެ. ޒީވާ އަވަސް އަވަހަށް އޭނާގެ އަތުގައި އޮތް ކަންފަތުލާ ދެބޮޅު ރިއާންގެ އަތަށް ދިއްކޮށްލިއެވެ. ރިއާންއަށް އެ ފެނުމާއެކު ސިހުމެއް ލިބުނު ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކައެވެ.

"މި ކޯއްޗެއް؟" ޒީވާ ވަނުމަށްޓަކައި ކޮޓަރީގެ ދޮރު އިތުރަށް ހުޅުވައިލަމުން ރިއާން އަހައިލިއެވެ. އެނާގެ ބޮލުގެ ކަނެއްގައި ރިއްސައިލިއެވެ.

"ރިއާންއަކަށް ނޭނގޭތަ؟ މިގެއިން ފެނުނު އެއްޗެއް." ޒީވާ ޖަވާބުދިނެވެ.

"މިގެއިން ފެނުނިއްޔާ ވާނީ ޒީވްގެ އެއްޗަކަށްނު؟" ރިއާން މަސްލަހަތަށްޓަކައި ދޮގުހެދިއެވެ. ނަމަވެސް ޒީވާއަށް ކުރެވިދާނެ ބޭކާރު ކުށްހީއަކަށްޓަކައި ބިރު އުފެދި އޭނާގެ ހިތް ބާރަށް ތެޅިލިއެވެ. އެއީ ޒީވާއަށް ރިއާން ނަޝްވާއާއެކު އޮފީހުގެ ދޮރުމަތިން ފެނުނު ރޭ ނަޝްވާ ރިއާންގެ ކާރުގައި ބާއްވައިފައިދިޔަ އެއްޗެކެވެ. އޭތި ކާރުގައި ބާއްވަން ބޭނުން ނުވީތީ ރިއާންއަށް އެ ކަންފަތުލާ އެތިކޮޅު ގެއަށް ގެނެވުނީ ކީއްވެކަމެއް ނޭނގުނެވެ. ފަހުން އޭނާ އޭގެ މަތިން ހަނދާނެއްވެސް ނެތެވެ. އެވީތަނެއް ހޯދުންވެސް އޭނާއަކަށް މުހިއްމެއްނުވިއެވެ. ނަމަވެސް ޒީވާއަށް އެ ފެނުމުގެ ކުރިން އެކަމާ ނޫޅެވުނީތީ މިހާރު އޭނާއަށް މޮޔަ ހީވާންފަށައިފިއެވެ. އެންމެ ފުރަތަމަވެސް އޭތި އެއްލައިލެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

"އަހަރެންގެ އެއްޗެއް ނޫންވީމަ ދޯ ރިއާންގާތު އަހާނީ! ތި ދޭންވެގެން އަހަރެން މިއަދު އޮފީހަށް ދިޔައިމަ އެނގުނީ ރިއާން މާލޭގަ ނޫޅޭކަންވެސް. ކޮންތާކަށް ދިޔައީ؟ މާލެއިން ބޭރަށް ދާއިރު އަހަރެންގާތު ބުނެލަން ރަނގަޅެއްނު" ޒީވާ ބެލީ ވީހާވެސް ރުޅިނައިސް މަޑުން ވާހަކަދެއްކޭތޯއެވެ. މީހުންނާ ޒުވާބުކުރުމަކީ އޭނާގެ ސިފައެއްނޫނެވެ.

"ރ.އަތޮޅަށް ދިޔައީ.. ބޯޓުޔާޑުގެ މަސައްކަތްތައް ބަލާލަން. އެންމެ ދުވަހަކަށް ދިޔައިމަ އެވަރަކުން އަންގާނުލެވުނީ." ރިއާން ބުންޏެވެ. އެ އަޑުގައި ރުންކުރުގޮތެއް ހުއްޓެވެ. ރިއާން ކަމަކާދު ހިތްހަމަނުޖެހިއްޖެކަން އެނގި ޒީވާ ރިއާންއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.

"އެކަމަކު ދެން ފަހަރަކުން އަހަރެންގާތު ބުނެލައްޗޭ.. ޕްލީޒް" ޒީވާ ދެރަވެލާފައި ރިއާންގެ އަތުގައި ހިފައިލިއެވެ.

"ހްމްމް ބުނާނަމޭ! ކޮންކަމަކާތަ ޒީވާ ތިހާ ކަންތައްބޮޑު ކުރަނީ؟ އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟ ނޫނީ އަހަރެންގެ ހަމައެކަނި ޒިންމާއަކީ ދުވާލު ހަތަރުދަމު ޒީވާއަށް ބެލުންތަ؟ ފައިރޫޒުމެން މީހަކު ބަހައްޓާކަށްވެސް އެއްބަސްވީކީ ނޫން. ނުވިތާކަށް ގެއަށް އަންނައިރަށް ބޮޑާ ހާކާފަ އަހަރެންގެ ބޯ ގޮއްވުން ނޫންކަމެއް ކުރަން އެނގޭތަ؟ އެހެންވެއޭ އަހަރެން ބުނަނީ އެކަނި އުޅެން މާ ބޮލަށް ފަސޭހައޭ"

ރިއާންގެ ދުލުން ބޭއިޚްތިޔާރުގައި ބުނެވިދިޔަ ބަސްތަކަކީ ހަގީގަތުގައި އޭނާ ޒީވާއާ ދިމާލަށް ބުނަން ބޭނުންވި ބަސްތަކެއް ނޫނެވެ. ނަޝްވާއާހެދި އޭނާގެ ބޮލަށް އުނދަގޫވެފައި ހުރި ވަރުން އެވަގުތު ޒީވާއާ ދިމާލަށް އެބަސްތައް އަމާޒު ކުރެވުނީއެވެ. ވާނީވެސް އެހެންތާއެވެ. މި ނަޝްވާއެއްގެ ކިބައިން އޭނާ ކިތަންމެ މަސައްކަތެއްކުރިޔަސް ސަލާމަތްވެވެނީކީ ނޫނެވެ. އެއްނަންބަރު ބްލޮކް ކުރާތާ މާ ގިނަ ދުވަހެއްނުވެ ކޮންމެވެސް އެހެން ނަންބަރަކުން ގުޅަންފަށާނެއެވެ. މިރޭވެސް އޭނާގެ ފޯނަށް ނަޝްވާގެ ވިހި މިސްޑް ކޯލް އައިސްފައި އޮތެވެ. އޭނާ އެކަމާ ފިޔަވަޅެއް ނާޅައި މަޑުކޮށްލައިގެން ހުންނަނީ ހަފްތާއެއްހާ ދުވަސްފަހުން ނަޝްވާ މެލޭޝިޔާއަށް ބަދަލުވާނެ ކަމުގެ އުއްމީދުގައެވެ. ފަހު ފަހަރަށް ނަޝްވާގެ ބަހަށް އިތުބާރުކޮށްގެނެވެ. އެކަމަކު ގެއަށް އާދެވުމާއެކުވެސް ޖެހިފަ މި އޮންނަނީ ކޮންމެވެސް ނަޝްވާގެ ކަމެކެވެ.

"ޒީވް.." ރިއާންގެ ރުންކުރު ބަސްތައް އިވި ޒީވާ އިސްޖަހައިލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތްތަން ފެނި ރިއާން ގޮވައިލިއެވެ. ޒީވާ ފަސްއެނބުރި ބަލައިނުލި ކަމުގައި ވިޔަސް އޭނާގެ ފިޔަވަޅުތައް ހުއްޓައިލިއެވެ.

"ވަރަށް ނިދިއައިސްފި ރިއާން. ނިދަން މި ދަނީ.. ގުޑްނައިޓް" ޒީވާ ކޮޓަރިން ނުކުމެ ދޮރުލައްޕައިލުމުގެ ކުރިން ބުނެލިއެވެ.

ރިއާން ހާސްވެފައިހުރެ ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާ ނުކުތް ދޮރާއި ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިޔާލު ބަދަލުވެ އަތުގައި އޮތް ކަންފަތުލާ އެތިކޮޅު އަތުގެ ކޮޅަށް ހޫރައިލުމަށްފަހު ފާހަނައަށްވަނެވެ.

**************

މެންދަމުގެ ވަގުތެވެ. އެނދުގެ ދެފަރާތަށް ފުރޮޅިލައި ފުރޮޅިލައި އޮތް ޝައިނާގެ ދެލޮލާ ނިދިވަނީ ބީރައްޓެހި އެއްޗަކަށްވެފައެވެ. ރާހިލްގެ ހަނދާންތަކުން މިރޭ އޭނާގެ ނިދި މުޅިންހެން ނަގައިލައިފައިވާ ކަހަލައެވެ. އެންމެފަހުން އޭނާ ތެދުވެ ހެޑްބޯޑުގައި ލެގިލުމަށްފަހު ފޯނު ހުޅުވައިލައި އާދައިގެ މަތިން ފަހަރަކު ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ބަލަން ފެށިއެވެ. އިސާހިތަކު މުނިފޫހިފިލައިދާކަށް މާ ގިނައިރެއް ނުނެގިއެވެ. އެކިމީހުން ހިއްސާކޮށްފައިވާ މަޖާ ޕޯސްޓްތައް ބަލަން ނިކަން ހެވިފައި އިނދެވުނެވެ. އެހެނަސް ކުއްލިއަކަށް އޭނާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ނޭނގިފައި އިނދެ ފޯނުން ފެންނަމުންދިޔަ އެލީޝާގެ ސްޓޯރީ އެތައްފަހަރަކު ތަކުރާރުކޮށް ބެލުނެވެ. އޭނާއަށް މައްސަލައަކަށްވީ އޭނާއަށް ފާހަގަކޮށްދިނުމުގެ ނަސީބު ނުލިބުނު ރާހިލްގެ އުފަންދުވަސް އެލީޝާ ފާހަގަ ކޮށްދިނުމެއްނޫނެވެ. މައްސަލައަކަށްވީ އެލީޝާ ހިއްސާކޮށްފައިވާ ފޮޓޮއެވެ. އެ ފޮޓޯގައި ރާހިލް ނިކަން ހެވިފައި އުފަންދުވަހުގެ ކޭކު ހިފަހައްޓައިލައިގެން އިން އިރު އެލީޝާ އިނީ ރާހިލްގެ ކޮލުގައި ތުންފަތް ޖައްސައިލައިގެނެވެ. މާ ހަޑި މަންޒަރެއް ނޫންނަމަވެސް އެ ފޮޓޯ ފޮނުމާއެކު ޝައިނާގެ މޭ ނުބައިކުރިއެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއް ހިމެނޭ ފޮޓޮއެއްތޯ ބެލުމުގެ ޝައުގެއް ހިތަށް ވެރިވެއެއް ނުގަތެވެ. ހިތުގައި އުފެދުނީ ރިހުމެކެވެ. އެ ރިހުމުގެ ސަބަބުން އޭނާގެ ލޮލަށް އެތައްހާސް ކަރުނައެއް ޖަމާވިއެވެ. އަތުގައި އޮތް ފޯނު ނަގައި އެނދުމަށްޗަށް ހޫރައިލިއިރު މުޅި މީހާ ތުރުތުރުލަމުން ދިޔައެވެ. މަޑު ގިސްލުމުގެ އަޑާއެކު ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތީ ވެފައި ހުރި ދެރައިންކަމެއް އައިސްފައިވާ ރުޅިންކަމެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ރާހިލްދެކެވާ ލޯތްބަށްޓަކައި އެ ސިއްރު ކައިވެނީގެ މަތީގައި ދެމިހުރުމަށް އޭނާ ދިޔައީ އިންސާނަކަށް ވެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްތެރިވަމުންކަމެވެ. އަދި އެ ކެތްތެރިކަމަށް ނިމުމެއް ގެންނަންވި ވަގުތު މިހާރު ޖެހިއްޖެކަމެވެ.

*****************

ޑިއުޓީގަޑި ނިންމައިލުމަށްފަހު ވިއްސާކޮޓަރީގެ ބޭރުގައިހުންނަ ކައުންޓަރުދޮށުގައި އިށީނދެލި ޒީވާ ސިއްސައިގެންދިޔައީ ކުއްލިއަކަށް އޭނާގެ ގާތަށް ދުވެފައި އައި އައިޝާ ފެނުމުންނެވެ. އައިޝާ ނިކަން އަވަސް އަރުވައިލުމަށްފަހު ކައުންޓަރުގެ އެންމެ ތިރީ ވަތްގަނޑު ދަމައިލައި ނެގީ ކޯއްޗެއްކަން ފެނުމާއެކު ޒީވާ ކުއްލިއަކަަށް ކަމެއް ހަނދާންވި ފަދައިން ވާހަކަ ދެއްކިއެވެ.

"އަޅެ.. އައިޝް މިހާ އަވަހަށްތަ؟ އައިޝްގެ ޑޭޒް އާންމުކޮށް އަންނަނީ އަހަރެންނަަށްވުރެ ފަހުންނެއްނު" ޒީވާ ހައިރާންވިއެވެ.

"ނޫނޭ އަހަރެން ރެގިއުލާ. ޒީ ތިއުޅެނީ ލަސްވެގެން" އައިޝާ އެ ކަބަޑުގެ ދޮރުފަތް ލައްޕައިލަމުން ބުންޏެވެ.

"އަޅެ ދެން އެއީ ކީއްވެ؟" ޒީވާ ތުންދަމައިލިއެވެ.

"އަހަހަހަ. ސާބަސް ޒީއަށް.. ދެން މެރީކޮށްގެން އުޅޭއިރު ތިއީ އަހާކަހަލަ ސުވާލެއްވެސް ނޫނެއްނު؟ އަޅެ ފެންފޮދެއް ހޫނުކޮށްދީބަލަ އެބަ އަންނަން ފާހަނައަށް ވަދެލާފަ" އައިޝާ ދުއްވައިގަތީ ޒީވާ ހާސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހުގައެވެ.

އައިޝާ އެދުނު ފަދައިން ޒީވާ އެތަނުގައިހުރި ޕޭންޓްރީއަށްވަދެ ފެންކައްކާ ޖަގަށް ފެން އަޅައި ސްވިޗު ޖައްސައިލިއެވެ. އޭރުވެސް އައިޝާގެ ބަސްތަކާމެދު އޭނާއަށް ވިސްނެމުންދިޔައެވެ.

"ކޮބާ ނިމިއްޖެތަ؟" ކުއްލިއަކަށް ފަހަތުން އިވުނު އައިޝްގެ އަޑަށް ޒީވާއަށް ސިހުމެއް ލިބުނެވެ.

"އަޅެ ސޮރީ.. އަހަރެންނާހެދި ސިއްސައިގެން ދިޔައީ ދޯ" ޒީވާއަށް ހޮސްޕިޓަލުގައި ދިމާވި ހާދިސާ އެނގިހުރެ ކުއްލިއަކަށް ޒީވާ ހާސްކޮށްލެވުމުން އައިޝާ ކަންބޮޑުވިއެވެ.

"އިޓްސް އޯކޭ އައިޝް. އަހަރެން މިދަނީ ކައުންޓަރަށް އެކަކުވެސް ނެތެއްނު. އައިޝް އަވަސް ކޮށްލައްޗޭ.. ރިއާން އަހަރެން ބަލާ އެބަ އާދޭ. ކާރު ޕާކު ކޮށްލާފަ އެބަ އަރަމޭ ބުނީ" ޒީވާ އަވަސް އަވަހަށް އެތަނުން ނުކުތެވެ. އާންމުގޮތެއްގައި ރޭގަނޑު އޭނާގެ ޑިއުޓީ ނިމޭ ކަމުގައި ވަނީނަމަ ޒީވާ ބަލައި އެ ފަންގިފިލާއަށް އެރުމަކީ ރިއާންގެ އާދައެކެވެ. އެހެންކަމުން އަައިޝާއަށް އެ އެބަހަނާ ދެއްކުމަށްފަހު އައިސް ކައުންޓަރުދޮށުގައި އިން ގޮނޑީގައި ހަމަޖެހިލެވުނުތާ ދެތިން މިނެޓުފަހުން އެތަނަށް އައިޝާވެސް އަތުވެއްޖެއެވެ.

"އައިޝް.. އައިޝްއަށް ހަމަ ހީވޭތަ؟" އައިޝާ ފެނުމުން ޒީވާ އަހައިލިއެވެ.

"ސާބަސް ޒީއަށް. އަހަރެންނަށް އެނގޭތަ؟ ތިއީ ދެން ކޮޓަރީގެ ހަތަރުފާރު ތެރޭގެ ކަންކަމެއްނު.. ތިއެއް އެނގޭނީ ޒީއަކަށްނު؟ ދެން ރިއާންއަކަށްނު…. ދޯ ރިއާން"

އައިޝާގެ ފަހު ލަފްޒުތައް އިވުމާއެކު ޒީވާއަށް ދެލޯ ބޮޑުކޮށްލަމުން ފަހަތަށް އެނބުރިލެވުނެވެ. އޭރު ރިއާން ޒީވާގެ ފުރަގަހަށް ވާހެން ކައުންޓަރުގައި އަތް އަޅުވައިލައިގެން ހުއްޓެވެ. ރިއާން ކޮންކަމެއްހެއްޔޭ އަހައިލާ ފަދައަކުން އެއްފަހަރު ޒީވާއަށް އަނެއްފަހަރު އައިޝްއަށް ބަލައިލިއެވެ.

"ކޮޓަރީގެ ކޮންކަމެއް؟ އައިޝްއަށް ކޮންކަމެއް ހީވަނީތަ؟" ޒީވާ ދަބަސް ހިފައިގެން ކައުންޓަރުން ބޭރަށް ނުކުތް ވަގުތު ރިއާން އަހައިލިއެވެ.

"އެއީ.. އެއީ.." ޒީވާއަށް ދޭނެ ޖަވާބެއް ނޭނގި އެއްފަހަރު އައިޝާއަށް އަނެއްފަހަރު ރިއާންއަށް ބަލަމުން ދިޔަގޮތްފެނި އައިޝާއަށް މަޖާވިއެވެ.

"އަހަރެން ބުނީ–"

"ކޮޓަރީގެ ފަރުނީޗަރުތައް ބަދަލުކުރަން ހިޔާލެއް ދޭށޭ ބުނީމަ އައިޝް ބުނީ އަހަރެންނާއި ރިއާންއަކަށް ނޫންހޭ ބޮޑަށް އެނގޭނީ އަހަރުމެން ބޭނުންވާގޮތެއް. ދޯ އައިޝް؟" ޒީވާ އަވަސް އަވަހަށް އައިޝާގެ ވާހަކަ މެދުކަނޑައިލަމުން ބުންޏެވެ. އައިޝާ ހެވިފައިހުރެ އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. ރިއާން އިތުރަށް އެވާހަކަ ނުދައްކާ އެތަނުން ހިނގައިގަތުމުން ޒީވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ކީއްވެ ފަރުނީޗަރުތައް ބަދަލުކުރަންވީ؟ ޒީ ހިތްހަމަ ނުޖެހެނީތަ؟" ރިއާން އަހައިލިއެވެ.

"ރިއާންއަށް ހީ ނުވޭތަ ގޭތެރެ މާ ފަޅުހެން" ޒީވާ އެހެން އަހައިލީ މުޅިން އެހެން މާނައެއްގައެވެ.

"ފަޅުތަ؟" ރިއާންވެސް އަހައިލީ ސުވާލެކެވެ.

"ހްމްމް. އެއްވެސް ދިރުމެއް ނެތެއްނު. ކިހާ ފަޅު؟" ޒީވާ ހިނިތުންވެލިއެވެ.

"އެކަމަކު އަހަރެން ހާދަ ވިސްނާފައޭ އެޕަރޓްމެންޓްގެ ކޮންސެޕްޓް ޑިޒައިން ކުރީ"

ރިއާންއަށް ޒީވާގެ ވާހަކަ ދޭހަނުވުމުން ޒީވާ ފާޑަކަށް ތުންއަނބުރައިލިއެވެ.

"ޒީވް ހިތްހަމަ ޖެހޭގޮތަކަށް ޒީވްގެ ކޮޓަރި ބަދަލު ކުރަންވީނު" ރިއާން ހިޔާލު ހުށަހެޅިއެވެ.

"ހްމްމް. ދެން އަޅާނުލާ.. އެއީ އަހަރެން އެހެން ދެއްކި ވާހަކައެއް ނޫނޭ" ޒީވާ ދެތިން ފިޔަވަޅު އަވަހަށް އަޅައިލައިފައިގޮސް ލިފްޓަށް އަރަމުން ފޫހިގޮތަކަށް ބުންޏެވެ.

"މިހާރު އަހަރެންނަށް ކުރެވުނީ ކޮންކަމެއް" ރިއާންއަށް ހިތާހިތުން ބުނެވުނެވެ. ޒީވާގެ މިޒާޖަށް މިހާރަކަށް އައިސް ކުއްލި ކުއްލިއަށް މި އަންނަ ބަދަލުތައް ދޭހަ ކުރާކަށް އޭނާއަކަށް ނޭނގެއެވެ. ހެވިފައި ހުއްޓައި ފެށޭ މިނެޓެއް ނިމޭއިރު ހިތްހަމަ ނުޖެހިފައި ހުރެދާނެއެވެ. ދެެފަރާތަށް ބޯ ހޫރައިލުމަށްފަހު ޒީވާގެ ފަހަތުންގޮސް ލިފްޓަށް އެރިއެވެ.

***************

އިތުރު ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު އައިޝާ ދެއްކި ވާހަކައިގެ ހަގީގަތާމެދު ޒީވާގެ ހިތުގައިވެސް ޝައްކު އުފެދެން ފަށައިފިއެވެ. އޭނާ އިންތިޒާރު ކުރަމުންއައި އެމަހުގެ ދުވަސްތައް އަދިވެސް ކުރިމަތިނުވެއެވެ. އެހެންކަމުން އެއްދުވަހު ޑިއުޓީގެ މެދުތެރެއިން ލިބުނު ހުސްވަގުތު ކޮޅެއްގައި ޒީވާ އޭނާގެ ޝައްކު ޔަގީންކުރުމުގެ މަސައްކަތްފެށިއެވެ. އަތުގައި އޮތް މެމޯ ހިފައިގެން އައިދަން އިން ކޮޓަރިއަށް ވަނުމާއެކު އައިދަން ޒީވާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

"ޒީ ކަމަކުތަ؟ މަޑު ކޮށްލައްޗޭ ބްރޭކް ކުރީގެ އެންމެ ފަހު ޕޭޝެންޓް މިއީ.. ޓޯކެން ނަންބަރ ދިހައެކަށް ގޮވާލަ ދީބަލަ" އައިދަން އިސްޖަހައިލަމުން އޭނާގެ އަތުގައި އޮތް ފައިލަކަށް ނަޒަރު ހުއްޓައިލިއެވެ.

"އައި.. އައިމް ދަ ޕޭޝެންޓް" ޒީވާގެ ޖަވާބާއެކު އައިދަންއަށް ހައިރާންވެފައި އިސްއުފުލައިލެވުނެވެ. ކޮމްޕިއުޓަރ ގެ ސްކްރީނުން ޕޭޝަންޓްގެ ގޮތުގައި ޒީވާގެ ނަން ފެންނަންހުރުމާއެކު އޭނާއަށް އެވާހަކަ ގަބޫލު ނުކުރެވުނެވެ.

"ޒީ؟؟ އަމްމް.. ވަރަށް ސަރޕްރައިޒިންގް.. އެންޑް ދިސް ފީލްސް އަ ބިޓް އޮކްވަރޑް ޓޫ.. ކިހިނެއްބާ ވީ؟" އައިދަން ކުޑަކޮށް ކަރުކެހިލަމުން އަހައިލިއެވެ.

"ޕްރެގްނަންސީ ޓެސްޓެއް ލިޔެދެވިދާނެތަ؟" ޒީވާ ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް އަހައިލިއެވެ. އޭނާއަށް އެއްވެސް ކަމެއް ޔަގީން ނުވާހާ ހިނދަކު އިތުރު ތަފްސީލު ތަކެއް ކިޔައިދޭކަށް އޭނާ ބޭނުމެއްނުވިއެވެ. އައިދަންގެ ގާތަށްވެސް އަންނަން ޖެހުނު ސަބަބަކީ އެއީއެވެ. އިތުރު ސުވާލު ތަކަކާނުލައި އޭނާއަށް އެކަން ކޮށްދޭނެކަން ޔަގީން ކުރެވޭތީއެވެ. ޒީވާ ބުނި އެއްޗެއް ރޭކައިލުމާއެކު އައިދަންގެ މޫނުން އުފާވެރިކަން ފެނުނެވެ.

"ވާއު.. އައި މީން ޝުއަރ ޒީ.. ބައިދަވޭ.. ކޮންގްރެޓްސް އެނގޭ" އައިދަން އަވަސް އަވަހަށް ކީބޯޑުން އެއްޗެއް ޓައިޕް ކުރަން ފެށިއެވެ.

"ދެން އައިދަން.. އަދި ޔަގީނެއްވެސް ނޫނެއްނު" ޒީވާ ބުންޏެވެ.

"އަހަހަހަ. ދެން ޔަގީން ވާނެއެއްނު. ޒީ ތިއީ ލޭބަރ ނަރސް އެއް. އެހެންނޫނަސް ގޭގަ ބަލާފަ ޔަގީން ވީމައެއްނުު މިތަނަށް އައިސްފަ ޒީ ތިހެން ބުނާނީ" އައިދަން ޕްރިންޓަރުން އައި ގަނޑުނަގައި ތައްގަނޑު ޖަހައިލުމަށްފަހު ޒީވާއަށް ދިއްކޮށްލިއެވެ.

"އެއްވެސް ގޮތަކަށް އަދި ޓެސްޓެއް ނުކުރަން.. ނުކެރުނު… އައިދަން.. އަހަރެން ވަރަށް ހާސްވޭ.." ޒީވާ ކަންބޮޑުވެފައި ބުންޏެވެ. އައިދަން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާއާ ކުރިމަތިލިއެވެ.

"ޒީ.. ތިކަހަލަ ކަމަކާ އަލަށް ކުރިމަތިލާއިރު ތިއީ ހަމަ އާދައިގެ ކަމެއް.. އިރާދަކުރެއްވިއްޔާ ކޮންމެ ގޮތަކަށް ނަތީޖާ އަޔަސް އެ އަންނާނީ ޒީ އެންމެ ބޭނުންވާ ގޮތަކަށް.." ޒީވާ ހަމަޖެއްސޭތޯ އައިދަން މަސައްކަތް ކުރިއެވެ.

"އެކަމަކު ރިއާން–"

"ޒީ.. ގަބޫލު ކުރަން އަހަރެންނަކީ ރިއާންއަށް އެންމެ ލައިކްއެބަލް ޕަރސަން އެއް ނޫންކަން އެކަމަކު އައިމް ޝުއަރ ރިއާން ޒީދެކެ ވަރަށް ލޯބިވާކަން. އެންމެ ފުރަތަމަ ތިގޭގެ ލިފްޓުގަ ހުރެ ރިއާން އަހަރެންނާ ވާހަކަ ދެއްކި އިރުވެސް އަހަރެންނަށް ރިއާންގެ ދެލޮލުން ޒީދެކެ ވާ ލޯބި ފެނުނު.. ހާސްނުވޭ. ޒީއަށް ރަނގަޅުގޮތެއް ރިއާންއަކަށް ގޯހެއްނުވާނެ." އައިދަންގެ ވާހަކައިން ޒީވާއަށް ހިތްވަރު ލިބުނެވެ. އަވަސް އަވަހަށް ބޯ ޖަހައިލުމަށްފަހު އައިދަންއަށް ޝުކުރު އަދާކުރަމުން އެކޮޓަރިން ނުކުތެވެ. އޭނާގެ މިސްރާބުހުރީ ހޮސްޕިޓަލުގެ ލެބޯޓަރީއަށެވެ.

****************

ޖޯޝުއާ އާ ބައްދަލުވި ދުވަހަށްފަހު އެލީޝާގެ މޫނުމަތިން އަލަށް ހިނިތުންވުމެއް ފެނިލިއިރު ރާހިލްމެން ރަޝިޔާއަށް އައިތާ މަހެއްހާ ދުވަސް ފާއިތުވެެއްޖެއެވެ. އޭރުވެސް އެދެމީހުން ދިރިއުޅެމުންދިޔައީ މޮސްކޯގެ ހޮޓެލެއްގައިކަމުން އެލީޝާ ހަމައަކަށް އެޅުނުތާ މާ ދުވަހެއްނުވެ އެމީހުން ވިސްނީ އަލުން އަނބުރައި އެލީޝާގެ ގެއަށްދިއުމަށެވެ. އަދި ވީހާވެސް އަވަހަށް މާލެއަށް ދެވޭނެ ގޮތެއް ހަމަޖެއްސުމަށެވެ.

"ރާހިލް.. ދެން ކިހިނެއް ހަދާނީ؟ ފެމިލީ މީހުންގާތު އަހަރުމެން ބުނާނީ ކީކޭ؟" މޯލުގެ ފިހާރައަކުން ނުކުތް އެލީޝާގެ އަތުގައިހުރި ކޮތަޅުތަށް ރާހިލްގެ އަތަށްދިނެވެ.

"ނޭނގެ ދޯ.. ކޮންމެވެސް ގޮތެއް ވިސްނާނީ.." ރާހިލް އެލީޝާއާއެކު ހިނގައިގަތީ މޯލުގައި ހުންނަ މައި ރެސްޓޯރެންޓާ ދިމާލަށެވެ. ހަފްތާބަންދު ދުވަހެއް ނޫންކަމުން އެދުވަހު އެތަނުގައި މާގިނަ މީހުނެއް ނެތެވެ. އެމީހުން އެދުވަހު މޯލަށް އައީ އެލީޝާއަށް ބޭނުންވާ ބައެއް މެޓަރނިޓީ ހެދުމާއި އެހެނިހެން ސާމާނު ގަތުމަށެވެ. ހަމަހަށްދާ ކުޑަކުޑަ ބަނޑާއެކު މިހާރު އެލީޝާގެ ރޫފަވެސް ކުރިއަށްވުރެން ރަނގަޅުވެ މާބަނޑު މީހެއްގެ ސިފަ ހަށިގަނޑަށް ޖެހިލައިފިއެވެ. އެހެންކަމުން އޭނާގެ އަތުގައިހުރި ގިނަ ހެދުންތައް މިހާރު ބޭނުމެއް ނުކުރެވެއެވެ.

އެކި ވާހަކަތަކުގައި ހުރެ އެލީޝާއާއި ރާހިލް އައިސް ރެސްޓޯރެންޓްގެ މޭޒެއް ދޮށުގައި ހަމަޖެހިލުމާއެކު އެލީޝާގެ ފޯނަށް ކޯލެއް އައެވެ. ފޯނަށް އަރައިފައިވާ މަންމަގެ ނަން ފެނުނު ވަގުތު އެލީޝާއަށް ހާސްކަމެއް ލިބުނެވެ. އެ ހާސްކަން ރާހިލްއަށް ފޮރުވައިލަމުން އޭނާ އަވަސް އަވަހަށް އެ ކޯލަށް ޖަވާބު ދިނުމަށް އަވަސްވެގަތެވެ.

"މަންމަ މި ގުޅަނީ.. އެބަ އަންނަން އެނގޭ.. ރާހިލް ބޭނުން އެއްޗަކަށް އޯޑަރުދީ" އެލީޝާ ފޯނު ހިފައިގެން ދުރަށް ޖެހިލިއެވެ. "ހަލޯ؟"

"އެލީ.. ދަރިފުޅު އަދިވެސް އަންނާކަށް ނޫޅެންތަ؟" އެލީޝާގެ އަޑު ޖެހުމާއެކު އޭނާގެ މަންމަ އަހައިލިއެވެ.

"ދާނަން ވަރަށް އަވަހަށް.. މަންމާ.. އަހަރެން މިފަހަރު މާލެ ނުގޮސް މަޑުކޮށްލަންތަ؟" އެލީޝާ އަހައިލިއެވެ.

"އެއީ ކީއްވެ؟"

"ދެން މަންމައަށްވެސް އެނގެއެއްނު؟"

"އެލީޝާ އަދިވެސް އަހަރެން ބުނިގޮތަކަށް ނަހަދަންތަ؟ އަހަރެން ބުނީމެއްނު މާ ލަސްނުކޮށް ރާހިލްގާތު ބަނޑުބޮޑު ވާހަކަ ބުނާށޭ. އެހާ ލަސްކޮށްފަ ބުނީމަ ރާހިލްއަށްވެސް ކަމެއް ޝައްކުވެދާނެ" މަންމަގެ ވާހަކަ އިވުމާއެކު އެލީޝާއަށް ގޮތް ހުސްވެފައިވާ މީހަކު ފަދައިން ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ބުނެފީމޭ މަންމާ… އެކަމަކު.."

"އެކަމަކު ކިހިނެއްވީ؟"

"ރާހިލްއަށް އެވަރު ކަމެއް އޮޅުވާލަން ހެޔޮވާނެތަ؟" އެލީޝާ އެހެން ބުނީ މުޅިން ތަފާތު މާނައެއްގައެވެ. އޭނާގެ މަންމަ ހީކުރާގޮތާ ހިލާފަށް ރާހިލްއަށް އެންމެ ފުރަތަމަ ދުވަހުން ފަށައިގެންވެސް އޭނާ ބަލިވެ އިންކަން އެނގެއެވެ. އަދި އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ ކާކުކަންވެސް އެނގެއެވެ. ރާހިލްއަށް ނޭނގެނީ ރާހިލްއާއި އެލީޝާގެ ކައިވެނި ކުރެވުނީ އެލީޝާގެ މައިންބަފައިންނަށްވެސް އެލީޝާ ބަލިވެ އިންކަން އެނގިފައި އޮއްވާ ކަމެވެ. އެމީހުން ރާހިލްގެ ބޮލުގައި އެދަރިފުޅު އަޅުވަން އުޅުނު ކަމެވެ. ނަމަވެސް އެމީހުންގެ ނުބައި ނިޔަތް ރާހިލްގެ ކުރިމަތީގައި ބޭޒާރު ކުރަން އޭނާއަށް ކެރޭނީ ކިހިނަކުންހެއްޔެވެ. ރާހިލްއަކީ މި ވީހާތަނަށް އޭނާއާ ދިމާވި އެންމެ އޯގާތެރި ހިތްހެޔޮ އެއް އިންސާނާއެވެ. ދުނިޔޭގެ އަނިޔާވެރިކަމާއި ކެހިވެރިކަން ބޭޒާރުކޮށް އެފަދަ ހިތެއް ކިލަނބުކުރާނެހާ ހިތްވަރެއް އެލީޝާގެ ނެތެވެ.

"މަންމަ ކީކޭ ބުނީ؟" އެލީޝާ އައިސް އިށީނުމާއެކު ރާހިލް ސުވާލު ކުރިއެވެ.

"ކޮން އިރަކުންހޯ އަންނަނީ" އެލީޝާ ފޫހި ރާގެއްގައި ބުންޏެވެ.

"މާދަން ހެނދުނު ދާނީ ދޯ" ރާހިލް އެލީޝާއަށް ހިނިތުންވެލަމުން އޭނާ ގެނައި ކޮފީތަށި ތުނބުގައި ޖަހައިލިއެވެ.
އެލީޝާގެ ހަރަކާތްތަށް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. މިފަހަކަށްއައިސް ރާހިލްގެ އެ ހިތްހެޔޮކަމާއި ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި އާ ވިންދެއް ޖަހައިލާ ކަހަލައެވެ. އެ ހިތް އުފަލުން ނަށައިލައެވެ. އެކަމުގެ ސަބަބެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް މިހާރު އޭނާގެ އުފާވެރިކަމާއި ރާހިލް ގުޅިފައިވާ ކަމާމެދު އޭނާއަކަށް ޝައްކެއްނެތެވެ.

ޖެހިގެން އައި ދުވަހު އެލީޝާއާއި ރާހިލްއަށް ހޮޓެލް ދޫކޮށްލުމަށްފަހު ގެއަށް ދެވުނުއިރު މެންދުރުވެއްޖެއެވެ. އޭރު އެގޭގެ އެންމެން ތިބީ އެމީހުންގެ އިންތިޒާރުގައި ކަހަލައެވެ. ކާރުން ރަނގަޅަށް ނުފޭބިގެން އުޅެނިކޮށް ގޭގެ ދޮރުވާނު އައިސް އެމީހުންގެ ފޮށިތައް ނަގައިގެން އެތެރެއަށް ވައްދަން ފެށިއެވެ.

"ހައި އިސާކް.. ކޮބާ މަންމަ؟" އެލީޝާއަށް އެ ގޭގެ ބަޓްލަރު ފެނުމާއެކު އަހައިލިއެވެ.

"މެޑަމް އެބައިން ސުފުރާ ދޮށުގަ. އެލީ އަންނަވާހަކަ ބުނީމަ އަދި ކާން ނުފަށާ" އެމީހާ އަދަބުވެރިކަމާއެކު ބުންޏެވެ.

"ލެޓްސް ގޯ ރާހިލް" އެލީޝާ ފަހަތުގައި ހުރި ރާހިލްއަށް ބަލައިލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.

"އެލީ.. އެބަ އަންނަން އެނގޭ ނަމާދުކޮށްލައިގެން." ރާހިލް އެލީޝާގެ ކަންފަތްދޮށުގައި ބުންޏެވެ. އަދި ފެންޑާ ނިމޭ ހިސާބުގައިހުރި ލިފްޓާ ދިމާލަށް ދުއްވައިގަތެވެ. އެލީޝާއާއި އެލީޝާގެ އާއިލާއިން ނަޞާރާ ދީނަށް ތަބާވިޔަސް އެ މާހައުލުގައިވެސް އޭނާއަކީ މުސްލިމެއްކަން ރާހިލްގެ ހަނދާނުގައި ބެހެއްޓިއެވެ.

"މި އައީނު އަހަރުމެންގެ ޝެހެޒާދާ.. ކޮބާތަ ޝެހެޒާދު؟" އެލީޝާގެ ބޮޑުދައިތައަށް އެލީޝާ ފެނުމާއެކު ގޮވައިލިއެވެ.

"އެބަ އަންނަމޭ ބުނީ. މަޑުނުކޮށް ފަށާށޭ" އެލީޝާ ގޮސް އާއިލާގެ މެންބަރުންނާ ކޯތާފަތް ޖައްސައި ސަލާން ކޮށްލުމަށްފަހު އޭނާގެ މަންމައާ ޖެހިގެންއިން ގޮނޑީގައި އިށީނެވެ.

"އެނގެއެއްްނު ތިއީ މިގޭގަ އޮންނަ އުސޫލެއް ނޫންކަން.. ރާހިލްއަށް އަވަހަށް ގުޅާފަ ބުނޭ އަންނަން" އެލީޝާގެ މަންމަ ބުންޏެވެ.

"ރާހިލްއާ މެރީކުރިފަހުން އަހަރުމެންގެ އެލީ އަދި އިތުރަށް ރީތި ވެލައިފި ދޯ.. އަނެއްކާ އުފާވެރި ހަބަރެއް ލިބެން އުޅެނީތަ؟" ބޮޑުދައިތަގެ ސުވާލަށް ސިހިފައި އެލީޝާއަށް ކާމޭޒުދޮށިގައި ތިބި އެންމެނަށް ބަލައިލެވުނެވެ. އެންމެންވެސް އޭނާގެ ފަރާތުން ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔައެވެ.

"އަހަރެންނަށް އަދި ނުބުނެވޭތަ؟ އެލީ އިޒް ޕްރެގްނެންޓް" އެލީޝާގެ މަންމަ ނިކަން ހެވިފައި އެތަނުގައި ތިބި އެންމެނަށް އިއްވައިލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. އެއިން ފަހަރަކު މީހަކު އޭނާއަށް މަރުހަބާ ކިޔަމުން ދިޔައިރު އާމިރު އެކަމާމެދު ބުނާނެ އެއްޗެއް ނޭނގި އިސްޖަހައިލައިގެން އިނެވެ.

"ދެން މަންމާ.." އެލީޝާ ކަންތައް ވި ގޮތާމެދު ހިތްހަމަނުޖެހިފައި އިން ނަމަވެސް މަޑުމަޑުން އޭނާގެ މަންމައަށް ގޮވައިލިއެވެ.

"ކިހިނެއްވީތަ ދަރިފުޅާ؟ އަބަދަކު ސިއްރެއް ގޮތަކަށް ނޯންނާނެއޭ" މަންމަގެ ޖަވާބު އިވުމާއެކު އެލީޝާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެވަގުތު އެތަނަށް ރާހިލް ވަދެގެން އައިތަން ފެނުމާއެކު އެލީޝާގެ މޫނުމަތިން ހާސްކަމުގެ އަސަރުތައް ފެންނަން ފެށިއެވެ. ނިތްކުރިމައްޗަށް ތާޒާ ދަލުގެ ތިކިތަކެއް ހިލިލާކަށް މާ އިރެއް ނުނެގިއެވެ.

"ކޮންގްރެޓްސް މޭން." ކާމޭޒާ އަރައި ހަމަވި ވަގުތު އެތަނުގައި އިން އެލީޝާއާ ދެބެއިންގެ ދެދަރި ފިރިހެންކުއްޖާ ތެދުވެ ރާހިލްގެ ގައިގައި ބައްދައިލިއެވެ. އެއީ އެލީޝާއާ ގާތްގަނޑަކަށް އެއް އުމުރެއްގެ ކުއްޖެކެވެ.

"ވަޓެވަރ ފޯރ؟" ރާހިލް ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާގައެވެ.

"އިޓްސް އޯކޭ މޭން.. ވީ އޮލްރެޑީ ނޯ.. ޔޫ ވިލް ބީ އަ ގްރޭޓް ޑޭޑް"

ރާހިލް ލިބުނު ސިހުމުގައި އެލީޝާއަށް ބަލައިލިއިރު އޭނާ އިސްޖަހައިލައިގެން އިނެވެ. އެއާއެކު ރާހިލްއަށް ވީ ކިހިނެއް ކަމެއް ނޭނގެއެވެ. އޭނާގެ ނިތަށް ރޫތަށް ޖަމާވެ އަވަސް އަވަހަށް އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ލަފައެއް ނުހޯދައި އެލީޝާ އެހާ ބޮޑު ވާހަކައެއް އެމީހުންގާތު ބުނެފާނެ ކަމަކަށް އޭނާގެ ހިޔާލަށްވެސް އައިސްފައެއް ނެތެވެ.

ރާހިލް ދިޔުމުން ކަންބޮޑުވެފައި އިން އެލީޝާއަށް އިތުރަށް ކެއުން ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. ވުމާއެކު އޭނާވެސް ރާހިލްގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ. އެ މަންޒަރު ބަލަން އިން އާމިރު ދެފަރާތަށް ބޯ ހޫރައިލިއެވެ. އަދި އޭނާގެ އަނބިމީހާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލުމަށްފަހު އެތަނުން ތެދުވެ ހިނގައިގަތެވެ. އޭނާއަށް ކޮޓަރިތައް ހުންނަ ފަންގިފިލާއަށް އާދެވުނުވާގުތު އެލީޝާ ގޮސް ކޮޓަރިއަށް ވަތްތަން ފެނުނެވެ.

އެލީޝާ ހަމަ ވަނުމާއެކުހެން ރާހިލް އެތަނުން ނުކުތެވެ. އެހެންނަމަވެސް އާމިރު ފެނުމާއެކު އަނެއްކާ ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ.

ބާރު އަޑުފަށްގަނޑާއެކު ލެއްޕުނު ކޮޓަރީގެ ދޮރާ ދިމާލަށް ކަޅި ހިންގައިލި އެލީޝާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރުޅިއައިސްފައިވާ ރާހިލްގެ މޫނެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!