Episode 49
ހިތް އެދޭހާ ކަމެއް.. (49 ވަނަބައި)
ކުއްލިއަކަށް ޝައިނާ ބިރެއް ފެނުނު ފަދައިން ރާހިލްގެ އަތުތެރެއިން ވީއްލިގަންނަމުން ދުރަށް ޖެހިލިއެވެ. ރާހިލް ފަސްއެނބުރި ބަލައިލީ ޝައިނާ މާވަރަކަށް ސިއްސައިގެންދިޔަ ސަބަބެއް ހޯދުމަށެވެ. އޭރު އެމީހުންނާ ހައެއްކަ ފިޔަވަޅު ދުރުގައި މަޑުކޮށްލައިގެންހުރި ވާފިޔާފެނި ރާހިލްއަށް ހީވީ މީހަކު އޭނާގެ މެއަށް ފިނިފެން އެއްޗެއް އޮއްސައިލިހެނެވެ. ތެޅިގެންފައި އޭނާ އިށީނދެއިން ސައިކަލު މަތިން ތެދުވެވުނެވެ. ހައިރާންކަމުން ބޮޑުވެފައިވާ ވާފިޔާގެ ދެލޮލުން އެކަނިވެސް އޭނާއަށް ދެންމެ އެތަނުގައި ހިނގައިދިޔަ ހުރިހާކަމެއް ފެނި އިވިފައިވާކަމަށް ހެކިދެއެވެ.
"މޯމް މިއީ-" ރާހިލްއަށް ވާހަކަ ކުރިއަށްގެންދިޔުމުގެ ފުރުސަތު ދިނުމެއްނެތި ވާފިޔާ އެއްއަތް ދަމައިލުމަށްފަހު ޝަހާދަތް އިނގިލި ހިއްލައިލައި އެވާހަކަ ހުއްޓައިލުމަށް އިޝާރާތް ކުރިއެވެ.
"މިފެނުނު އެއްވެސް ކަމެއް!! އެއްވެސް ކަމެއް!! އަހަރެންނަށް ނުފެންނަކަމަށް ހަދައިގެން އަހަރެން ހުންނާނަން! އެކަމަކު މިއަށްފަހު ދެން އިތުރަށް މިކަން ތަކުރާރު ވެގެން ނުވާނެ! ރާހިލް ލަދެއް ނުގަނޭތަ؟ ތިމާގެ ހަލާލު އަނބިމީހާ އިންދާ އެހެން މީހަކާ ކައިވެނީގެ ބޭރުން ގުޅުމެއް ބާއްވާކަށް؟" ވާފިޔާ ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ރާހިލްއާ ދިމާލަށް ބުނެލިއެވެ.
"ދައްތާ ރާހި-"
"ޝައިނާ މަޑުކުރޭ! ޝައިނާގެ ވާހަކަވެސް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން! ޝައިނާއަށް އެހެންމީހެއްގެ ފިރިޔަކާ ނަހަމަ ގުޅުމެއް ބާއްވަން ކެރުނީތީ އަހަރެން އިންތިހާއަށް ލަދުވެތިވަން! ޝައިނާކަހަލަ ރީތި އަދި އެހާމެ ވިސްނުންތޫނު ކުއްޖަކަށް މީހެއްގެ ފިރިއެއް ނޫނީ ހަމަ ނުފެނުނީތަ؟ އަދި އެ ފެނުނު އިރުވެސް މަގޭ ދަރިއެއްގެ ދިރިއުޅުން ނޫން އެހެން ދިރިއުޅުމެއް ނުފެނުނު ދޯ ފުންމާލަންވެސް؟"
ވާފިޔާގެ ފަހު ޖުމްލަ ޝައިނާއަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. އެވަގުތު އޭނާގެ ހިތުގައި އެޅި ވޭނަކީ މިއިން ޒަމާނަކުވެސް އޭނާ އިހުސާސްކޮށްފައިވާ ވޭނެއް ނޫނެވެ. ވާފިޔާގެ ދުލުން އޭނާއަކީ ދަރިއެއްކަމަށްބުނެ ގާތްކުރުމަށްފަހު އޭނާއާ ދޭތެރޭ އެފަދަ ދަށުދަރަޖައިގެ ގޮތަކަށް ދެކުނީތީ ޝައިނާ އިންތިހާއަށް ހިތުގައި ޖެހި އޭނާގެ ދެލޯ ފެންކަޅިވިއެވެ. ރާހިލްއަށްވެސް ހުރެވުނީ ވާފިޔާގެ ދުލުން ބޭރުވި ބަސްތައްއިވި ހިނދުކޮޅަކަށް ގަބުއަރައިފައެވެ.
"މަންމާ! ތިދަނީ މާ މައްޗަށް! އަހަރެންވެސް މިތާ ހުރިކަން ދަނެގެން ވާހަކަދައްކާ! ކިޔާއެއްޗެއް އަހަރެންނާ ދިމާލަށް ކިޔާބަލަ! އަހަރެން މިތާ ހުއްޓާ ޝައިނާއާ ދިމާލަށް މަންމަ ކިޔަންޖެހޭ އެއްވެސް އެއްޗެއް ނޯންނާނެ! އެހެންނޫނަށް އަހަރެން މި އުޅެނީ ޝައިނާއާ ކައިވެނިކޮ-"
"ކައިވެނިކުރަން" ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ އެ ޖުމްލަ ފުރިހަމަކޮށްދިނެވެ. ރާހިލްއަށް ބުމަގޮށްޖަހައިލަމުން ޝައިނާގެ މޫނަށް ބަލައިލެވުނެވެ. ޝައިނާ ކަރުނުން ފުރިފައިވާ ދެލޮލާއެކު ދެފަރާތަށް ބޯހޫރައިލީ ވާފިޔާގާތު ކައިވެނީގެ ވާހަކަ ނުބުނާށޭ ބުނާ ފަދައަކުންނެވެ.
"ކީކޭ؟ ކައިވެނި ކުރާށޭ؟" ވާފިޔާ ގަބޫލުނުކުރެވިފައި އަހައިލިއެވެ.
"ހްމްމް. އެލީޝާ ގޮވައިގެން ރަޝިޔާއަށް އެލީޝާގެ އާއިލާގެ ގާތަށް ގޮސްފަ އަހަރެން އެވާހަކަ އެލީޝާއާ ދައްކާނަން.. އަހަރެން ބޭނުންވަނީ އެލީޝާ ވަރިކޮށްފަ ޝައިނާއާ އެކީގަ ދިރިއު-"
ރާހިލްގެ ވާހަކަ ފުރިހަމަ ނުވަންދެން އޭނާގެ މޫނުމައްޗަށް އެރީ ވާފިޔާގެ އަތްތިލައިގެ ހޫނު ހަމަލާއެކެވެ. ޝައިނާއަށް އެމަންޒަރު ފެނި ލިބުނު ސިހުމުގައި އަނގަމަތީގައި އަތް އަޅައިލެވުނެވެ.
"ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ބަލަ ރާހިލް ހުސްހަށިބަޔަށް ހުރިއިރު ދުވާލަކު އަންހެންކުއްޖަކު ގެންގުޅުނު އުސޫލުން ބަދަލު ކުރެވޭނެ ބައެއް ނޫނޭ އަނބިންނަކީ." ވާފިޔާގެ ލޭ ރުޅިން ކެކެންފެށިއެވެ.
"މަންމަ ކައިރި އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން ނުބުނަންތަ އަހަރެން އެލީޝާއާ އިންނާކަށް ބޭނުމެއްނޫނޭ.. އަހަރެން ލޯބިވާ ކުއްޖެއް ހުރެޔޭ" ރާހިލް ދިފާއުގައި ބުންޏެވެ.
"ހެޔޮ. ތި ލޯބި ހަނދާންނައްތާލާ. ރާހިލްވެސް ޝައިނާވެސް ދެން އިތުރަށް ތިގުޅުން ކުރިއަށް ގެންދަން މަސައްކަތްކޮށްގެން ނުވާނެ. މިއީ ނުވާކަމެއް ކަމަށް ބަލާފަ ދެން އާދޭ.. ބައްޕައަށް ލަސްވާނެ. އެބައިން ކާރުގަ މަޑުކޮށްގެން" ވާފިޔާ ހަރުކަށިކަމާއެކު ބުންޏެވެ.
ރާހިލް ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ޝައިނާވެސް އަތުގެ ނުފުށުން ލޯ ކައިރި ފޮހެލުމަށްފަހު ރާހިލްގެ ފަހަތުން އައެވެ. އެހެނެއްކަމަކު ރާހިލް އެންމެ ފަހަރަކުވެސް ފަސްއެނބުރި ޝައިނާއަށް ބަލައެއްނުލިއެވެ. ލިބުނު ފުރުސަތުގައިވެސް ވާފިޔާއަށް ކައިވެނި ސިއްރުކުރަން ޝައިނާ ބޭނުންވީތީ އޭނާހުރީ ހިތްހަމަނުޖެހިފައެވެ.
"ޝައިނާ ކޮންތާކަށް؟" ވާފިޔާގެ ސުވާލާއެކު ރާހިލް އަދި ޝައިނާގެ ފިޔަވަޅުތައްވެސް މަޑުޖެހިލިއެވެ.
"މާލެއަކަށްނު؟ ޝައިނާ އައީވެސް މަންމަމެނާ އެއްކޮށެއް ނޫންތަ؟" ޝައިނާއަށް ޖަވާބުދޭނެ ގޮތެއް ނޭނގިފައި ހުރިކަން ރޭކައިލުމާއެކު ރާހިލް ބުންޏެވެ.
"މިކޮޅަށް އައި އިރު ރާހިލްވެސް ނެތެއްނު. އިޝްކޮއާ އެލީއާވެސް އެބައިން. އާއިލާ އެންމެން އެރީމަ އިތުރު މީހަކު އަރާކަށް ކާރުގަ ޖާގައެއް ނޯންނާނެ. ޝައިނާ އެހެން ގެއަކަށް ދާއިރު ޓެކްސީއަކަށް ލާފަ ފޮނުވާލީމަ އޯކޭއެއްނު. އަހަރެން ލާރި ދީފާނަން" ވާފިޔާ ދަބަސް ހުޅުވައިލަން އުޅުނު ވަގުތު ޝައިނާ އެކަން މަނާކުރިއެވެ.
"ނޫން ދައްތާ.. އަހަރެން އަމިއްލައަށް ޓެކްސީއެއްގަ ގޮސްފާނަން" ޝައިނާ ދުރަށް ފިޔަވަޅެއް އަޅައިލިނަމަވެސް ރާހިލް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
"މިއީ ފަތިހެއްނު؟ މިގަޑީގަ ޝައިނާ އެކަނިތަ ފޮނުވާލަނި.. މީހުންވެސް އެހާ މަދުވާނެ. ޓެކްސީއެއްވެސް ފަސޭހައިން ނުލިބޭނެ. މަންމަމެން ޝައިނާ ގޮވައިގެން ދޭ.. އަހަރެން ވަކިން ދާނަން" ރާހިލް އެދުނެވެ.
"ތިގޮތް ކަމަކު ނުދާނެ. އެއަރޕޯޓަށްދާ ވަގުތުވެސް ކުޑަތަންވަނީ.. އަދި ދަބަސް ތައްޔާރު ކުރަންވެސް ޖެހެއެއްނު. ރާހިލް ޖެހޭނެ އަހަރުމެންނާއެކު ދާން" ވާފިޔާ ފަހުބަސް އިއްވައިލިއެވެ.
ރާހިލް ހަދާނެ ގޮތެއްނޭނގި ހުރި ފިޔަވަޅުމަތީގައި ހުއްޓައި ވާފިޔާއާއި ޝައިނާ އޭނާއާ ދުރަށް ހިނގައިގަތެވެ. ދެމީހުން ދެދިމާލަކަށެވެ. އެންމެފަހުން އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހިނގައިގަތީ ޝައިނާގެ ފަހަތުންނެވެ.
"ރާހިލް!! ކީއްކުރަން ތިއައީ؟" ރާހިލް އޭނާގެ ގާތަށް ހުއްޓުނުކަން އިހުސާސްވުމާއެކު ޝައިނާ އަވަސްއަވަހަށް ދެލޯ ފޮހެލިއެވެ.
"ޝައިނާ ގެއަށް ގެންގޮސްދީފަ އަހަރެން ދާނީ" ރާހިލް ސާބިތުކަމާއެކު ބުންޏެވެ. އެއާއެކު ޝައިނާ ހިނގުން ހުއްޓައިލަމުން ރާހިލްއާ ކުރިމަތިލިއެވެ.
"ރާހިލް ހެޔޮނުވާނެ. މިގަޑީގަ ދެން އެމީހުނާ އެއްކޮށް ދޭބަލަ. ރާހިލް ބޭނުންވަނީ އިތުރަށް ދައްތަ އަހަރެންދެކެ ނަފްރަތުކުރަންތަ؟ މިވީވަރު ނުފުދޭތަ؟" ޝައިނާ އިސްޖަހައިލިއެވެ.
"އެކަމަ-"
"ރާހިލް ޕްލީޒް… އައި ވިލް ބީ ފައިން. ކައިރީގަ މިހިރީ ޕޮލިސް ސްޓޭޝަންއެއްނު." ރާހިލް ޝައިނާގެ އަތުގައި ހިފައިލަން އުޅުނު ވަގުތު ޝައިނާ އަތް ދުރުކޮށްލަމުން ރާހިލްގެ ވާހަކަ މެދުކަނޑައިލިއެވެ.
ޝައިނާގެ ހިޔާލު ބަދަލުނުވާނެކަން އެނގި ރާހިލް އިތުރަށް އެތަނުގައި މަޑުކުރާކަށް ނޫޅުނެވެ. ދެއަތުން ޝައިނާގެ މޫނުގައި ހިފައި އިސްއުފުލައިލުމަށްފަހު ޝައިނާގެ ނިއްކުރީގައި ބޮސްދިނެވެ. އަދި ކުޑަކޮށް ދުވެލައިފައިގޮސް ވާފިޔާއާ އެއްވަރުކޮށްލިއެވެ. އެދެމީހުން އެކުގައި ގޮސް ކާރަށް އަރާކަށް މާގިނައިރެއް ނުނެގިއެވެ.
****************
"ރިއާންއަށް ހަމަ އެއްވެސް ވަރަކަށް ނުވިސްނެނީތަ؟ އެވެސް އަމިއްލަ ކާރުން! ތިއީ މިހާރު ކުޑަކުއްޖެއް ނޫނޭ! ރިއާން ކުރާ ކޮންމެ ކަމަކުން ނަގާ ކޮންމެ ފިޔަވަޅަކުން ކުންފުންޏަށް އޭގެ އަސަރު ކުރާނެކަން ވިސްނާލިންތަ؟ ޒީވާއާމެދު ވިސްނާލިންތަ؟" ރިޔާޒްގެ ރުޅިގަނޑުހުރީ ފަޅައިގެންދާ ހިސާބުގައެވެ. ދެއަތްދަށަށް ލައްވާލެވިފައިވާ އަސާގެ އެހީގައި ސިޓިންގްރޫމްގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ހުރި އިރު ސޯފާގައި އިން ރިއާން އިސްޖަހައިލައިގެން އިނެވެ.
"ގަބޫލުކުރަމޭ.. އަހަރެންނަށް ވިޔަފާރިއާ ދޭތެރޭ ވިސްނާ ނުލެވުނުކަން.. އެކަމަކު އަހަރެން ޒީވާއާ ދޭތެރޭ ވިސްނާ-"
"ދެޓްސް ބުލްޝިޓް ރިއާން! ރިއާން ޒީވާއާ ދޭތެރޭ ވިސްނި ނަމަ ކަންތައް ކުރާނީ އެހެނެއްނޫން! ލުކް އެޓް ޔޫ ސަން! ޔޫ އޯލްމޯސްޓް މަރޑަރޑް އަ މޭން" ރިޔާޒްގެ ހަޅޭއްލަވައިގަތެވެ.
"އެންޑް އިޓް ވޯންޓް ބީ ދަ ފަސްޓް ޓައިމް!" ރިއާންގެ އަޑު ރިޔާޒަށްވުރެ ވަކި މަޑެއްނޫނެވެ. " ބުނަން؟ ބައްޕައެއްކަމަކު ތިއީ ކޮންމެހެން އަހަރެންނަށް ނަސޭހަތްދެވޭ ފެންވަރުގަ ހުރި މީހެއް ނޫނޭ. އެހެންނޫނަސް މިއީ އަހަރެންގެ އަމިއްލަ ކަމެއް!! އަހަރެން މިކަން ކޮޅެއްގަ ޖައްސާނަމޭ ބުނި އަޑު އިވިއްޖެތަ؟ އިތުރަށް ކޮންމެހެން އަހަރެންގެ ބޯ ގޮއްވަން ހަދާނެ ކަމެއް ނެތް. އައި ވިލް ގެޓް ރިޑް އޮފް ދި ކާރ ޓޫ.. އޯކޭއެއްނު؟ ސޯ ޕްލީޒް! ޓޭކް ޔޯރ ލީވް!" ރިއާން އެޕަރޓްމެންޓްގެ ދޮރާދިމާލަށް އިޝާރާތްކުރިއެވެ.
އެހުރިހާއިރު އެދެބަފައިންގެ ދެމެދުގައި ހިނގި ބަހުސް ބަަލަން އެއްކައިރީގައި މަޑުކޮށްލައިގެންހުރި ޝީރީން ކުރިއަށް ޖެހިލައި ރިޔާޒްގެ އަތުގައި ހިފައިލިއެވެ.
"ހިނގަދާން ރިޔާޒް. އަހަރެމެންނަށް ވިސްނައިދޭން މަސައްކަތް ކުރެވިއްޖެއެއްނު؟ ދެން ބަހައްޓާ! އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހެއް!" ޝީރީން ހުރީ ރިއާންއާމެދު ހިތްހަމަނުޖެހިފައެވެ.
އެމީހުން ނުކުތުމާއެކު ރިއާން އިށީނދެ އިން ގޮނޑިން ތެދުވެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަނެވެ. ކަހައިލެވިފައިވާ ދޮރުފޮތިތަކުގެ ސަބަބުން ދުވަހުގެ ފުރަތަމަ ދޯދިތަކުގެ ފަނޑު އަލިކަން ކޮޓަރީގެ ބިއްލޫރިގަނޑުން އެތެރެއަށް އެޅިފައިވިއެވެ. ރިއާންގޮސް ހުއްޓިލީ ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެންހުރި ޒީވާގެ ގާތަށެވެ. ޒީވާއަށް އެކަން އިހުސާސްވީ ކަންނޭނގެއެވެ. އޭނާ މޫނު އަނބުރައިލުމަށްފަހު ރިއާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ފެންކަޅިވެފައިވާ ޒީވާގެ ދެލޮލުން ރިއާންއަށް ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ. ދެން ފެނުނީ ރިއާންއާ އަނގައިންވެސް ބުނުމެއްނެތި ޒީވާ ފަސްއެނބުރި އެތަނުންދާން ހިނގައިގަތްތަނެވެ.
ޒީވާއަށް ދެތިން ފިޔަވަޅުވެސް ހަމައަށް ނޭޅެންދެން ރިއާން ކުރިއަށް ޖެހިލައި ޒީވާގެ އަތުގައި ހިފެހެއްޓިއެވެ. ޒީވާ އެއަތް ފޮޅުވައިލުމާއެކު އަނެއްކާ އަނެއް އަތުގައި ހިފެހެއްޓިއެވެ. މިފަހަރުވެސް ޒީވާ އެ އަތްވެސް ފޮޅުވައިލިއެވެ. ތަކުރާރުކޮށް އެތަށް ފަހަރަކު ޒީވާ ރިއާންއާ ދުރަށްދާން މަސައްކަތްކުރަން ފެށުމުން ރިއާން ކުއްލިއެއްޖަހައި ޒީވާ އޭނާއާ ގާތަށް ދަމައިލުމަށްފަހު ޒީވާގެ ގައިގައި ބާރަށް ބައްދައިލިއެވެ.
"ދޫކުރޭ! ދޫކުރާށޭ!" ޒީވާ ރިއާންގެ މޭގައި އަތްއަޅައި ކޮށްޕައިލިއިރު އޭނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.
"ރިއާން ކީއްކުރަން ކުރިކަމެއް އެއީ؟ ކީއްވެގެން؟ ރުޅި އައިސްގެން ބަދަލުހިފުމުގެ ނިޔަތުގަވިޔަސް އެހާބޮޑު ކަމެއް ކުރިއިރު އަހަރެންގާތު އަހާލުން ރަނގަޅެއްނު؟ އެކަމުން ރިއާންއަށްވީ ކޮން ފައިދާއެއް؟" ޒީވާ ރޮމުން ރޮމުން އަހައިލިއެވެ.
"އަހަރެން ޒީވް ގާތުން އެހިނަމަ ދުވަހަކުވެސް ޒީވް އެކަމާ އެއްބަސްވާނަންތަ؟ ދެން ފައިސަލް ރަނގަޅުވިޔަސް އޭނަގެ ފަރާތުން ޒީވްއަކަށް އެއްވެސް އުނދަގުލެއް ނުފޯރާނެ! ރަނގަޅު ވާންވާއިރަށް ފައިސަލްގެ މައްސަލަތައްވެސް ކޯޓުގަ ހިނގަން ފަށާނެ! މިއީ އަހަރެން ޒީވްއަށްޓަކާ ކުރި ކަމެކޭ. ޒީވްއަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ހޯދަ-"
"ނޫން. ޑޯންޓް ސޭ ދެޓް! އެއީ ރިއާން އަހަރެންނަށްޓަކާ ކުރި ކަމެއް ނޫން! އަހަރެން ހީކުރީ ރިއާންއަކީ ވަރަށް ވިސްނޭ މީހެއްކަމަށް! ފައިސަލްއަށް އެހެން ހެދީތީ ފައިސަލްގެ ރައްޓެހިން ބަދަލު ނުހިފާ ތިބޭނެހެން ރިއާންއަށް ހީވަނީތަ؟ ދިސް އިޒް ނެވަރ ގޮނަ އެންޑް ރިއާން. އަބަދުވެސް އުޅެންޖެހޭނީ ބިރެއްގެ ތެރޭގަ! ދާހާ ތާކަށް ފައިރޫޒް ނޫނީ ކޮންމެވެސް އެހެންމީހެއް ގޮވައިގެން. އެއީތަ ރިއާން އުޅެން ބޭނުންވާ ދިރިއުޅުމަކީ؟ އެއީތަ ތިބުނާ މިނިވަންކަމަކީ؟ މިއަށްވުރެން ރަނގަޅަށް ކަންކަން ވާންއޮއްވާ ޝަރީއަތް ފަށަންދެންވެސް ރިއާންއަށް ކެތްކޮށް ނުލެވުނީތަ؟" ޒީވާގެ އަޑު ބާރުވިއެވެ. ރިއާންއާ ދުރަށް ޖެހުނެވެ.
"އާން! ކެތް ނުކުރެވުނީ!!" ރިއާން ހަޅޭއްލަވައިގަތެވެ. ޒީވާއަށް ދުވަހަކުވެސް ރިއާން އެހާ ބާރަށް ވާހަކަ ދައްކައިފައިވާ އަޑު އިވިފައި ނުވާތީއާއެކު އޭނާއަށް ސިހިފައި ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ.
"ޒީވްއަކަށް ނޭނގޭނެ.. މީގެ ފަސްމަސްދުވަސް ކުރިން އަހަރެންނަށް އެ ފޫޓެޖް ފެނުނީއްސުރެން އަހަރެން ކެތްކުރަމުންދިޔަ ވަރެއް! އޭރު ވަގުތީ ގޮތުންވިޔަސް އޭނަ ބަންދުގަ ހުރިކަމީ އޭނަގެ ނަސީބުކަމެއް އަހަރެންގެ ނަސީބުކަމެއް ނޭނގޭ. އެނގޭހާވެސް އެއްޗަކީ އެދުވަހު އޭނަ މިނިވަނެއްގެ ގޮތުގަ ހުރިނަމަ ސަލާމަތްވާނީ އަހަރެން ނޫނީ އޭނަ، ކޮންމެވެސް އެކެއްގެ ފުރާނަކަން.. ސޯ ޔެސް! ދެވަނަ ފަހަރަށް އޭނަ ޒީވާގެ މައްޗަށް އަތްގަދަކުރަން މަސައްކަތްކުރީތީ އެކަން ނުވާ ކަމަކަށް ހަދައިގެން އަހަރެންނަށް ނުހުރެވުނީ"
"އެންޑް ޔޫ ހިޓް ހިމް ވިތް ޔޯރ ކަރ؟ ރިއާން ހީކުރީ މީ ފިލްމެއް ކަމަށްތަ؟ ޔޫ ކެނޮޓް ޕްލޭ ހީރޯ ލައިކް ދެޓް" ރިއާންގެ ވާހަކަ ގަބޫލު ނުކުރެވި ޒީވާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ޔެސް އައި ހިޓް ހިމް ވިތް މައި ކަރ. އެންޑް ގެސް ވަޓް؟ އައި ވިލް ގްލޭޑްލީ ޑޫ އިޓް އަގައިން އިފް ސަމްވަން އެލްސް ޑެއަރޒް ޓު ޓަޗް އޭޒް މަޗް އޭޒް އަ ސްޓްރޭންޑް އޮފް ޔޯރ ހެއަރ. އަައި ހޭވް ނޯ އިންޓެންޝަން އޮފް ބީއިންގް އަ ހީރޯ އޯރ ފޮލިއިންގް ދަ ރޫލްސް ވެން އިޓްސް އަބައުޓް ޔޫ ޒީވް." ރިއާންގެ ވާހަކަ އިވި ޒީވާގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހިޔާލު ރިއާންގެ ސިކުނޑިން ބަދަލުނުވާނެކަން އެނގި އޭނާއަށް ގޮތްހުސްވިއެވެ. ގިސްލެވެން ފެށުމާއެކު ރިއާންއަށް ފުރަގަސްދެމުން އެތަނުގައިހުރި ޗެއިންސްލޯންޖް ސޯފާގައި އިށީނެވެ.
"ރިއާން.. އަހަރެން ރިއާންދެކެ ހާދަ ލޯތްބެއްވެޔޭ! އެކަމަކު ރޭގަ ފައިސަލް މަރުވިނަމަ އަހަރެންނަށް އެ ލޯބީގަ ހިފެހެއްޓޭނެހެން ހިއެއްނުވޭ.. ކޮންމެ ސަބަބަކާ ލައިގެންވިޔަސް.. ގާތިލަކާއެކު އުޅޭނެހާ ހިތްވަރެއް އަހަރެންގެ ނުހުންނާނެ ރިއާން… އެވެސް އަހަރެންނާހެދި ރިއާން އެފަދަ ބޮޑުކަމެއް.." ޒީވާއަށް ރޮވޭވަރުން އޭނާގެ ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާގެ ކައިރީގައި އިށީނެވެ.
"އައިމް ސޮރީ. ޒީވްއާ ދޭތެރޭ އަހަރެންނަށް އަތް އިސްކުރެވުނީމަ އަހަރެން ބުނިން ދެން އެހެނެއް ނުވާނޭ.. އެކަމަކު އެހެން މީހަކާ ދޭތެރޭ.. އަހަރެން ނުބުނާނަން ދެން އެކަހަލަ ކަމެއް ތަކުރާރެއް ނުވާނެ އެކޭ.. އެކަމަކު އައި ވިލް ޓްރައި ނޮޓް ޓު ބީ ސޯ.. އެކްސްޓްރީމް" ޒީވާގެ ކަރުނަތައް ފޮހެލައިދެމުން ރިއާން ބުންޏެވެ.
"ތެންކްޔޫ" ޒީވާ ރުއިން ހުއްޓާލަން މަސައްކަތް ކުރަމުން ރިއާންގެ ގައިގައި ބައްދައިލިއެވެ.
"އިޓް ވޯޒް ޔޯރ ފޭވަރިޓް ކަރ" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒީވާ ބުންޏެވެ. ރިއާންގެ ފަރާތުން އިވުނީ ލުއި ހީނލުމެއްގެ އަޑެވެ.
"އައި ލައިކް ޔޫ ބެޓަރ ދޭން ދެޓް ކަރ" ރިއާން ހަމަޖެހިލައިފައި ބުންޏެވެ.
"ރިއަލީ؟"
"ހްމްމް. ދައްކަބަލަ" ރިއާން ޒީވާގެ އިސް އުފުލައިލުމަށްފަހު އެ ކަރުގައިވާ ފާހަގައަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. އަދި ޒީވާގާތު މަޑުން އިނުމަށް ބުނުމަށްފަހު ކޮޓަރިން ބޭރަށް ނުކުތެވެ.
މިނެޓެއްހާއިރުފަހުން ރިއާން އައި އިރު އޭނާގެ އަތުގައި ގަނޑުފެން އަޅައިފައިވާ ތައްޓެއް ހުއްޓެވެ. އޭނާ ޒީވާގާތު އިށީނދެ އެ ތަށި އަތްޖެހޭ ހިސާބުގައި ބަހައްޓައިލިއެވެ. އަދި ޒީވާގެނެސް އޭނާގެ އުނގުގައި ބޭންދިއެވެ.
"ޔޫ އަރ މައިން ބޭބީ.. އޯލް އޮފް ޔޫ.. އައި ވޯންޓް ލެޓް އިވަން އަ ސްކަރ އޮން ޔޯރ ބޮޑީ ރިމައިންޑް ޔޫ އޮފް އެނީވަން އެލްސް" ރިއާން ގެނައި ތަށިން ނެގި ގަނޑުފެންގަނޑެއް ދެތުންފަތުގެ ތެރޭގައި ހިފަހައްޓައިލުމަށްފަހު ޒީވާގެ ކަރުގައި ތުންފަތް ޖައްސައިލިއެވެ. އެ ގަނޑުފެނުގެ ފިންޏާއި ރިއާންގެ ތުންފަތުގެ ބީހުން އެކުވެ ކުރުވި ފިނިފޮނި އިހުސާސާއެކު ޒީވާއަށް ދެލޯ މަރައިލެވުނެވެ. ރިއާން ލޯތްބާއެކު ޒީވާގެ ކަރުގައި ބޮސްދެމުންދިޔައީ އޭނާ ވައުދުވި ފަދައިން ޒީވާއަށް އެ ލަކުނަކީވެސް އޭނާގެ ހަނދާނެއްކަމުގައި ހަދަމުންނެވެ.
****************
މޮސްކޯގެ ޝެރެމެޓެވޯ އެއަރޕޯޓަށް ރާހިލްއާއި އެލީޝާ ދަތުރުކުރި ޓްރާންސިޓް ފްލައިޓް ޖެއްސުމާއެކު ރާހިލް ފޯނު ހުޅުވައިލަމުން ޝައިނާއަށް ގުޅައިލިއެވެ. ލަންކާގެ ވައިގެ ބަނދަރުގައި ޓްރާންސިޓްގައި ހޭދަކުރި ދިހަ ގަޑިއިރު ތެރޭގައިވެސް އޭނާ އެތަށް ފަހަރަކު ޝައިނާއަށް ގުޅަން މަސައްކަތްކުރިިއެވެ. އެ ހުރިހައި ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް އޭނާގެ މަސައްކަތްވީ ބޭކާރެވެ. ޝައިނާގެ ފޯނަށް ގުޅޭގޮތެއް ނުވިއެވެ. ވާފިޔާގެ ވާހަކަ ކޮންމެ ގޮތަކަށްހުރި ކަމުގައިވިޔަސް ޝައިނާ ދޫކޮށްލުމުގެ ހިޔާލެއް އޭނާގެ ނެތެވެ. ނަމަވެސް ސައުވީސް ގަޑިއިރަށްވުރެން މަދު ވަގުތުކޮޅެއްގެ ތެރޭގައި ޝައިނާގެ އުޅުމަށް އައި ކުއްލި ބަދަލުގެ އަސްލަކީ ވާފިޔާގެ އެވާހަކަތައްކަން އެނާއަށް ޔަގީންކުރެވުނެވެ.
ދަތްކުނޑި ވިކައިލަމުން ރާހިލް އަތުގައި އޮތް ފޯނު އޭނާ ލައިގެން ހުރި ސްވެޓަރުގެ ޖީބަށް ކޮށްޕައިލިއެވެ. އަދި މޮސްކޯގެ ފިނިން ސަލާމަތްހޯދުމަށް ގެނައި ޖެކެޓު ކޮނޑުމަތިން އެއްލަމުން އެލީޝާ ފެނޭތޯ ހޯދައިލިއެވެ. އޭރު އެލީޝާ ޗެކްއައުޓް ނިންމާލާފަ ބޭރަށް ނުކުންނަނީއެވެ.
"ޓެކްސީގަ ދޯ ދާނީ! ރޭގަ ނުވެސް ނިދެއެއްނު. ކުޑަކޮށް ރެސްޓް ކޮށްލާފަ މާދަމާ ޓްރެއިންގަ ޖޯޝުއާމެންގެ ޝަހަރަށް ދާނީ" ރާހިލް ހުށަހެޅިއެވެ. ދުވަހުގެ އިރު އޮއްސެން ގާތްވެފައި ވާތީއާއެކު އެ ހުށަހެޅުން އެލީޝާއަށްވެސް ކަމުދިޔައެވެ. ޖޯޝުއާ އުޅޭ ސަރަހައްދަކީ އެއަރޕޯޓެއްވެސް އޮން ސަރަހައްދެއް ނޫނަކަމުން އެތަނަށް ދާން ޖެހޭނީ ރޭލުގައެވެ. އެފަދަ ދިގު ދަތުރެއްގެ ކުރިން އަރާމުކޮށްލުމަކީ މުހިއްމު ކަމެކެވެ.
މޮސްކޯގައި ހުންނަ އެލީޝާމެންގެ ގެއަށް ދިޔުމާއެކު ގޭގެ އެންމެންވެސް ރާހިލްއަށް ހޫނު މަރުހަބާއެއްކިއެވެ. ކޮންމެ މީހަކުވެސް އެލީޝާއާ އެމީހެއްގެ ގުޅުން ހާމަކޮށްދެމުން ތައާރަފުވެލާއިރު ރާހިލްގެ ސަމާލުކަން އެމީހުންނަށްވުރެ ބޮޑަށް ދެވިފައިވަނީ އެ ހައިބަތުހުރި ގެއަށެވެ. އެއީ އެޑިންގބްޜާހާއި ރޯމްފަދަ މަޝްހޫރު އަދި އާސާރީ ސަރަހައްދުތަކުން ފެންނަ ފަރުމާތަކާއި ދާދި އެއްގޮތަށް ފަރުމާކުރެވިފައިވާ ގެއެކެވެ. ގަނޑުވަރުތަކުގައި ހުންނަފަދަ ދަގަނޑު ދޮރާށިން ވަދެގެން އައިސް މައިގެއަށް ވަނުމާ ދެމެދު ދެ ބަގީޗާއާއި ފެންއަރުވާ ވަޑާމެއްގެ އިތުރުން ހިރިގަލުން ހަދައިފައިވާ އެކި ފާޑުފާޑުގެ ފަރުމާތަށް ބެހެއްޓިފައިވެއެވެ. މައިގޭގެ ފެންޑާތެރެއިން ހިނގައިފައި އައިސް ބޮޑު ކޮޓަރިއާ ހިސާބަށް އާދެވުނު އިރު އެލީޝާ ނެތްނަމަ އޭނާއަށް ކިތަންމެ ފަހަރަކު މަގު އޮޅުނީސްކަން ރާހިލްއަށް ގަބޫލުކުރެވުނެވެ. ތަނަވަސްކަމާއި ޖާހަކީ އޭނާއަށްވެސް ބީރައްޓެހި ކަންކަމެއްނޫނެވެ. އެހެނަސް މިވަރުގެ ތަނަވަސް ބަޔަކަށް އެލީޝާގެ އާއިލާ ވެދާނެކަމާމެދު އޭނާއަށް ވިސްނައިލެވިފައެއްވެސް ނުވެއެވެ. މިފަދަ ތަނަވަސް އާއިލާއަކަށް ނިސްބަތްވާއިރު އެލީޝާގެ އެ ހުންނަ ހިތްތިރިކަމަށް އޭނާ ހިތާހިތުން ތައުރީފު ކުރިއެވެ.
ކޮޓަރިއަށްގޮސް ފެންވަރައި ތާޒާވެލައިގެން ރޭގަނޑުގެ ކެއުމަށް ސުފުރާދޮށަށް އައި ވަގުތު ރާހިލްގެ ހައިރާންކަން އިތުރުވިއެވެ. ކުރިން އޭނާއާ ބައްދަލުނުވާ ކިތަންމެ ބަޔަކު އެތަނުގައި ތިއްބެވެ. ފަހުން އެނގުނު ގޮތުގައި އެއީ އެލީޝާއާއި ރާހިލް އަންނަ ހަބަރުލިބި އެގެއަށް ޒިޔާރަތްކުރި އެ އާއިލާގެ މީހުންނެވެ. މޮސްކޯގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނެވެ. އާއިލީ ވިޔަފާރީގެ ސަބަބުންނާއެކު އެތަނުގައި ގިނައިން ތިބީ ޑަކްޓަރުންނާއި ނަރުހުންނެވެ. ދެންތިބި އެންމެނަކީވެސް އެމީހެއްގެ ދާއިރާއިން އަރައިހުރި ތައުލީމީ މާހިރެކެވެ. އެ އާއިލާއެކޭ ޝާހީ އާއިލާއެކޭ ތަފާތެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެ އެންމެންގެ ފަރާތުން ރާހިލްއަށް ލިބުނު އިޚްތިރާމާއި ލޯބީގެ ސަބަބުން ހިނދުކޮޅަކަށް ރަސްދަރިކަލެއްގެ އިހުސާސްވެސް ރާހިލްއަށް ކުރެވުނެވެ. ރާހިލްއަށް އޭނާގެ އަމިއްލަ ނަފްސުވެސް އޮޅުނެވެ. މިއުޅެވެނީ އަނެއްކާ ހުވަފެނެއްގަބާއެވެ؟ ނުވަތަ މިއީ އެހެން ދުނިޔެއެއްބާއެވެ؟ ލަންޑަންގައި އުޅުނުއިރުވެސް އޭނާ މިފަދަކަމެއް ނުދެކެއެވެ.
*****************
ލެޕްޓޮޕުން ފެންނަމުންދިޔަ ރިސޯޓް ރިނޮވޭޝަން ޕްލޭނެއްގެ ތަސްވީރުތަކަށް ބަލަހައްޓައިގެން އިން ޝައިނާގެ ސަމާލުކަން ވަނީ މަސައްކަތައް ކުޑަވެފައެވެ. އޭނާގާތުގައި އިން ސީނިއަރ އާރކިޓެކްޓް ދައްކަމުންދިޔަ އެއްވެސް ވާހަކައެއް އޭނާއަކަށް ދޭހައެއް ނުވެއެވެ. ފަހުން އެ ހުރިހާ މައުލޫމާތެއް އޮޅުންފިލުވައިދިނުމަށް އެދެމުން އޭނާ މަސައްކަތާ ދުރަށް ޖެހިލިއެވެ. ހުސްވަގުތުކޮޅެއް ނެގުމަށްފަހު ފާހަނަބަރިއާ ހިސާބަށް ދެވުނު އިރު ބޮލުގައިވާ ރިހުމުގެ ސަބަބުން އޭނާއަށް ކޮޅަށްވެސް ހުރެވެނީ ހަމަ ކިރިޔާއެވެ. އެއީ ކުރީ ރޭ ވާފިޔާދެއްކި ވާހަކަތަކާމެދު އޭނާއަށް މާބޮޑަށް ވިސްނޭތީހުރި ރިހުމެއްކަމަށް ނިންމައި އޭނާ އެކަން ސިކުނޑިން ފޮހެލެވޭތޯ މަސައްކަތްކުރިއެވެ. އެއްއަތުން ނިއްކުރީގައި ހިފަހައްޓައިލައިގެންހުރެ މޫނުދޮންނަ ތަށި ބަހައްޓައިފައިވާ އަށީގައި ކުޑަކޮށް ލެގިލި ތަނާހެން އޭނާގެ މޭ ނުބައިކޮށް އޯކާދެމިގަތެވެ. ދުވެފައިގޮސް ފާހަނައާ އަރައި ހަމަވި ވަގުތު ލަހެއްނެތި ރެއިންސުރެން އޭނާ ކެއި ހުރިހާ އެއްޗެއް ހޮޑަށްވެ ނިމިއްޖެއެވެ. ހަށިގަނޑު ސީދާކޮށްލި އިރު ބޮލަަށްވެސް އެނބުރުން އަރައިފިއެވެ. ފާހަނައަށް ފެންޖަހައި ފްލަޝްކޮށްލުމަށްފަހު އޭނާ ނުކުމެ މޫނާއި އަނގަ ދޮވެލައި ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. އެހެނަސް ވާފިޔާގެ ބަސްތައް ކަންފަތް ދޮށުގައި ތަކުރާރުވާން ފެށުމުން އޭނާއަށް އަނެއްކާވެސް ރޯން ފެށުނެވެ. މިހާރު އެކަމާމެދު ވިސްނައި އޭނާއަށް ކަރުނައެޅުނު އަދަދެއްވެސް ނޭނގެއެވެ. އޭނާއަކީ އާންމުކޮށް މީހުން ކިޔާ އެއްޗެއްސަށް ކެތްކުރާ ހިތްވަރުގަދަ މީހެކެވެ. ނަމަވެސް ރުއިން ކޮންޓްރޯލް ނުވެ ގިސްލެވެން ފެށިއިރުވެސް އޭނާއަށް މިފަހަރު ހުއްޓޭގޮތެއް ނުވިއެވެ. އޭނާގެ އިހުސާސްތަކުގެ މައްޗަށް އޮތް ކޮންޓްރޯލް ގެއްލި އޭނާ މިހާ ފިނޑި މީހަކަށްވީ ކޮންއިރަކުބާއޭ ޝައިނާގެ ހިތަށް އެރިއެވެ.
ޓިޝޫއެއްނަގައި މޫނު ފޮހެލުމަށްފަހު ޝައިނާ ފާހަނައިން ނުކުތީ އޭގެ ދިހަވަރަކަށް މިނަޓު ފަހުންނެވެ. އޭރު މެންދުރު ބާރަޖަހަން ގާތްވެފައިވާތީއާއެކު އޭނާ ނިންމީ ލަސްނުކޮށް ލަންޗް ބްރޭކަށް ދިއުމަށެވެ. ދަބަސްހިފައިގެން ތިރިއަށް ފޭބި ވަގުތު އޭނާގެ ފޯނު ރިންގުވާން ފެށުމުން ޝައިނާ މާބޮޑު ވިސްނުމަކާނުލައި ފޯނަށް ޖަވާބުދިނެވެ.
"ހަލޯ.. ޝައިނާ؟" ފޯނުގެ އަނެއްފަރާތުން އިވުނު ވާފިޔާގެ އަޑަށް ޝައިނާގެ ބޮލުގައިވާ ރިހުންވެސް ފިލައިދިޔައެވެ. އެ އަޑަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދެވުނެވެ.
"ލަންޗް ގަޑި ޖެހެންދެން މަޑުކޮށްލާފަ މި ގުޅީވެސް. މިގެއަަށް އައިސްދެވިދާނެތަ؟ ދައްތަ ވަރަަށްބޮޑު ވާހަކައެއް ދައްކަންވެގެން" ވާފިޔާ އެދުނެވެ.
ޝައިނާ އެއްވެސް ޖަދަލު ކުރުމަކާނުލައި އެކަމާ އެއްބަސްވަމުން ފޯނު ކަނޑައިލިއެވެ. އަދި ޝިމާންއަށް ގުޅައިފައި އޭނާ ބަލައި ނަޔަސް އެންމެ ރަނގަޅުކަމުގައި ބުނަމުން ޓެކްސީއަކަށް އެރިއެވެ. އޭނާއަށް ދެވުނުއިރު ވާފިޔާމެންއުޅޭ އެޕަރޓްމެންޓްގެ ދޮރުހުރީ ހުޅުވައިފައެވެ. ނަމަވެސް އެހެން ދުވަސްތަކާ ހިލާފަށް މިއަދު އޭނާއަށް ހުއްދައަކާނުލައި އެގެއަށް ވަންނާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އަތްދަމައިލުމަށްފަހު ދެތިން ފަހަރަކު ހުޅުވައިފައިހުރި ދޮރުގައި ޓަކިދިނެވެ.
"އަޅެ ދެން މިއޮއްފަދަ ގަޑީ ކާކުތަ– ސިސް؟" ސޯފާއިން ތެދުވެ ދޮރާދިމާލަށް އައި އިޝްވާއަށް ޝައިނާ ފެނި ހައިރާންކަމެއް ލިބުނެވެ.
"ސިސް؟ ކީއްވެ ތި ޓަކި ޖަހަނީ؟" އިޝްވާ ސުވާލު އުފެދިފައި އަހައިލިއެވެ.
"ވަންނަންތަ؟" ޝައިނާވެސް ބަދަލުގައި އަހައިލީ ސުވާލެކެވެ.
"އޮފްކޯސް ސިސް؟ އޯކޭތަ؟ ޑިޑް ޔޫ ހިޓް ޔޯރ ހެޑް ސަމްވެއަރ އޯރ ސަމްތިންގް؟" އިޝްވާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ޝައިނާ އެތެރެއަށް ވަނެވެ.
"ދައްތަ ބުނެގެން މި އައީ. ކޮބާތަ؟" ޝައިނާ އަހައިލިއެވެ.
"އޯހް. މޯމް ދެންމެ ކޮޓަރިއަށް އެ ވަނީ.. ޑޭޑްއެއް ނޫޅޭ.. ދޭބަ ޓަކި ޖަހާލަން" އިޝްވާ ސިޑިން މައްޗަށް ދުއްވައިގަންނަމުން ގޮވައިލިއެވެ. ޝައިނާ ޖެހިލުންވެފައިހުރެ ލަސް ފިޔަވަޅުތަކެއްގައިގޮސް ވާފިޔާ އުޅޭ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ.
"އަނހަ ޝައިނާދޯ؟ އާދޭ އަވަހަށް. ވަދޭ އިށީނދޭ" ވާފިޔާގެ އިޒްނައާއެކު ޝައިނާ ކޮޓަރިއަށްވަދެ ވާފިޔާގާތު އެނދުގައި އިށީނދެލިއެވެ.
"ކައިގެންތަ ތިއުޅެނީ؟ ކައިގެންދޯ ދާނީ.. ދައްތަ ހުންނާނެ ޝައިނާ އަންނަންވާއިރަށް ކައްކައިފަ" ވާފިޔާގެ އަޑުގައިވާ ގާތްކަމުގެ ސަބަބުން ޝައިނާއަށް ހަމަ ރަނގަޅަށްވެސް އޮޅުނެވެ. އެހެންނަމަވެސް އެ ގާތްކަމުގެ ސަބަބުން އޭނާގެ ހިތުގައި އައު އުއްމީދެއްވެސް އުފެދުނެވެ. ވާފިޔާ އުޅެނީ އޭނާ ގާތުން މަޢާފަށްއެދި ކަންހިނގައިފައިވާ ގޮތް އޮޅުން ފިލުވަންކަމުގައި ހީކުރެވުނެވެ. އެ ހީވުން ކުށްހީއަކަށް ވެގެންދިޔައީ ޝައިނާ ކުރި ސުވާލަށް ވާފިޔާ ދިން ޖަވާބުގެ ސަބަބުންނެވެ.
"ދައްތަ މިގަޑީގަ އަހަރެން ތިގެނައީ ވަކި ކަމަކުތަ؟" ޝައިނާ އަދަބުވެރިކަމާއެކު އަހައިލިއެވެ.
"ހްމްމް. ވަރަށްބޮޑު ކަމަކު. ޝައިނާ.. މިއީ ދައްތަ ޝައިނާގެ ކިބައިން އެދޭނެ އެންމެ ފުރަތަމަ އަދި ފަހު ކަންތައް.. ރާހިލްގެ ހަޔާތުން ޝައިނާ ދުރަށްދޭ!" ވާފިޔާގެ ބަސްތަކުން ހައިރާންކަން ނުލިބުނު ކަމުގައިވިޔަސް ޝައިނާއަށް އެ ބަސްތަކަށް ދޭނެ ރައްދެއް ނުލިބުނެވެ. އަތެއްފައެއް ހަރަކާތް ކޮށްލަންވެސް ނޭނގިފައި އެތަށް އިރަކު އިނދެވުނެވެ. އެހެންކަމުން ދެންވެސް ވާހަކަ ދެއްކީ ވާފިޔާއެވެ.
"ޝައިނާއަށްވެސް ހަމަ ރަނގަޅަށް ރާހިލްގެ ގޮތް އެނގެއެއްނު؟ ކައިވެނީގެ ކުރިންވެސް ރާހިލްއަކީ ލާ އަންނައުނު ބަދަލުކުރާ އުސޫލުން އަންހެންކުދިން ބަދަލުކުރާ މީހެއްކަން އެނގެއެއްނު؟ ޝައިނާ ކަހަލަ ރީތިކުއްޖަކު ރާހިލްއަށް ފެނުނީމަ ރާހިލްގެ ސިކުނޑި ތަޢައްޔަރުވުމަކީ އެކަށީގެންވާ ކަމެއްކަން ދައްތަ ގަބޫލުކުރަމޭ.. އެކަމަކު ޝައިނާއާއި ރާހިލް ގުޅުނީ ކޮންމެ ހާލަތެއްގަ ކަމަށްވިޔަސް ހެޔޮ. އާދޭސްކޮށްފަ މި ބުނަނީ.. ތި ގުޅުން ކުރިއަށް ގެންދާނެ ފުރުސަތު ރާހިލްއަށް ނުދީ ދުރުވޭ!"
މިފަހަރު ވާފިޔާގެ ވާހަކަ ނިމުނުއިރު ޝައިނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެދެލޮލުގެ އެސްފިޔަތައް ފޫއަޅުވައިލާ ކޯތާފަތްމައްޗަށް ފައިބައިގަތް ކަރުނަތައް ވާފިޔާއަށް ފޮރުވުމަށްޓަކައި ޝައިނާ އިސްޖަހައިލިއެވެ. ވާފިޔާއަށް އެ ރުއިމުން އަަސަރު ކުރީ ކަންނޭނގެއެވެ. އޭނާ މަޑުމަޑުން އަތް އުފުލައިލާ ޝައިނާގެ ކޮނޑުގައި ފިރުމައިލިއެވެ. އެ އަޑަށް އޯގާތެރިކަން ވެރިވިއެވެ.
"އެލީޝާއާ ރާހިލް ކައިވެނި ކުރުމުގެ ކުރިން ޝައިނާ ރާހިލްއާ ގުޅުމެއް ބޭއްވިނަމަ ދައްތަ ހިތުން ރުހުމުން އެކަމާ ގަބޫލުވީސް. ކައިވެނި ކުރަންވެސް ބާރުއެޅީސް… އެކަމަކު މިހާރު މާ ލަސްވެއްޖެ. ޝައިނާއަށް ހަމަ ނޭނގެނީތަ ތިހެން ދަލު ބޭރުން ޖެހިގެން އުޅޭ ކުދިންގެ ގޮތް؟ އެލީޝާއަކީ ރާހިލްގެ އަނބިމީހާ.. ރާހިލް ފޫހިފިލަންދެން ޝައިނާ ގެންގުޅެލާފަ ދެންވެސް ދާނީ ހަމަ އެލީޝާގާތަށް. ދައްތަ ބޭނުމެއްނޫނޭ ޝައިނާއަށްވެސް ދެރައެއް ލިބޭކަށް" ވާފިޔާ މަސައްކަތްކުރީ ޝައިނާއަށް ވިސްނައިދެވޭތޯއެވެ. ޝައިނާ އެވާހަކަ ގަބޫލުނުކުރާ ފަދައިން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ސޮ..ސޮރީ ދައްތާ.. އަހަރެ.. އަހަރެންނަކަށް ތިކަމެއް ނުކޮށްދެވޭނެ.. އަހަރެންވެސް.. ރާހިލްދެކެ. ވަރަށް ވަރަށް ލޯބިވޭ.. ދައްތާ ޕްލީޒް.. ދައްތަ ބޭނުންނަމަ އަހަރެން މި އާއިލާއާ ދުރުގަ ހުރެފާނަން.. ދުވަހަކު.. ދުވަހަކުވެސް އެލީޝާއާއި ރާހިލް ދުރުކުރަން މަސައްކަތްނުކޮށް.. އެ ކައިވެ.. ކައިވެނި ދަމަހައްޓަން ރާހިލްއަށް ހިތް.. ހިތްވަރުވެސް ދީފާނަން.. އެކަމަކު އަހަރެންނަކަށް ރާހިލްއަކާ ވަތްކެއް ނުވެވޭނެ ދައްތާ ޕްލީޒް.. އަހަރެންވެސް ރާހިލްގެ ހަޔާތުގެ ހިއްސާއެއްގެ ގޮތުގައި ބަހައްޓަދީ.. ދައްތާ.. ޝިމާން ނުލާ .. ޝިމާން ނުލާ އަހަރެންގެ ހުރި ހަމައެކަނި މީހަކީ ހަމަ ރާހިލްއޭ.. ހެޔޮނުވާނެ.. އަހަރެންނަށް މި ފުރުސަތުދީ.. އާދޭސްކުރަން.." ޝައިނާ އިސް އުފުލައިލުމަށްފަހު ވާފިޔާގެ ދެއަތުގައި ހިފަހައްޓައިލިއެވެ. ގިސްލެވޭވަރުން އޭނާއަށް ވާހަކަ ދެއްކެނީ ހަމަކިރިޔާއެވެ.
"އެހެންވެގެނޭ މިބުނީ.. ތިއީ މާ އުނދަގޫ ކަމެއް ނޫނޭ.. ރާހިލްއަށް ޝައިނާއަކީ ހަމަ އޭނާގެ ހަޔާތަށް އައިސްދާ އެހެންކުދިން ކަހަލަ ކުއްޖެއް. މާ ގިނަ ދުވަހެއްނުވެ ޝައިނާމަތިން ހަނދާންނައްތާލާނެ. ޝައިނާއަކީވެސް ނުލާހިކު ހިތްވަރުގަދަ ކުއްޖެއްނު. އާއިލާގެ އެތައް ބަޔަކު ބީވެދިޔަ މަންޒަރު ބަލަންވެސް ޝައިނާއަށް ކެތްކުރެވުނެއްނު. ޝައިނާ ތިބުނިހެން މިހާރު ޝައިނާގެ ހުރީ ޝިމާން އެކަނި.. އެހެންވީމަ ޝައިނާވެސް ހުންނާނީ ތި ކެތްތެރިކަމަށް އާދަވެފަ.. ރާހިލް އެއީ ހަމަ ޝައިނާގެ ހަޔާތުން ބީވެދާ އިތުރު މީހެއްކަމަށް ބަލާފަ ހިތްވަރުކޮށްލަބަލަ. އެމީހުނެކޭ އެއްގޮތަށް މިއަދަށްފަހު ޝައިނާއަށް ރާހިލް މަރުވެއްޖެ ކަމުގައި ވިސްނަބަލަ"
ޝައިނާއަށް މިފަހަރު އިނދެވުނީ ބީރައްޓެހި ނަޒަރަކުން ވާފިޔާއާ ދިމާލަށް ބަލަހައްޓައިގެނެވެ. ވާފިޔާއަށް އެހެން ބުނަން ކެރުނު ކަމާމެދު ޝައްކު އުފެދި އަމިއްލަ އިވުމުގެ ހިއްސާމެދުވެސް ސުވާލު އުފެދިފައެވެ.
"ކީކޭ ދައްތާ؟" ޝައިނާއަށް ގަބޫލުނުކުރެވިފައި އަހައިލިއެވެ.
ވާފިޔާ ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟ އޭނާ ދިރިއުޅުމަށްޓަކައި ބަރުދާސްތުކުރިހާ ވޭނާއި ކެތްތެރިކަމަކީ އެކަމުގެ ސަބަބުން އޭނާއަށް އިތުރު ވޭންތަކެއް ތަހައްމަލު ކުރަން ޖެހޭ ކަމެއް ހެއްޔެވެ. ވާފިޔާގެ ނަޒަރުގައި އޭނާވަނީ އެކަހަލަ ކަންކަމަށް އާދަވެފައި ކަމަށްވިޔަސް އޭނާއަށް ހަޔާތުގެ ހުރިހާ މުހިއްމު ޝަހްސިއްޔަތެއް ގެއްލިފައިވުމަކީ ރާހިލް ގެއްލުމުގެ ވޭން އޭނާއަށް ވަކި ކުޑަވާނެ ސަބަބެއް ހެއްޔެވެ؟
"އަހަރެން ރީއްޗަށް ބުނީމަ އަޑު ނީވެނީތަ؟ ޝައިނާ ބޭނުންވަނީ ޒީވާއާއި ނާޝިދަށް މިކަން އަންގައިގެން ބޮޑު މައްސަލަގަނޑަކަށް ހަދަންތަ؟ މިކިޔަނީ މަގޭ ދަރިއާ ކަލޭ އިތުރަށް ވައިވެސް ނޭޅޭށޭ! މިހާރު އެނގިއްޖެތަ؟ ތިއުޅެނީ އަމިއްލަ އަމާ އެޅި ފިޔަވަޅުމަތިން ހިނގާނަމޭ ހިތާތަ؟" ވާފިޔާގެ އަޑު އަނެއްކާވެސް ހަރުކަށިވިއެވެ. ޝައިނާއަށް ކެތްކުރެވުނީ އެހިސާބަށެވެ. އޭނާ އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ވާފިޔާގެ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.
"މަސައްކަތްކުރާނަން ދައްތާ" ވާފިޔާއަށް ފުރަގަސްދީގެންހުރެ ކުރެހިފައިވާ އަޑަކުން ޝައިނާ ބުންޏެވެ. އަދި ސުކުންތެއްވެސް ލަސްކުރުމެއްނެތި އެކޮޓަރިން ނުކުމެ އެ ގެއިންވެސް ނުކުމެގެން ދިޔައެވެ.
No comments yet
Be the first to share your thoughts about this episode!