Episode 41

ހިތް އެދޭހާ ކަމެއް.. (41 ވަނަބައި)

"އެކަމަކު" މިފަހަރު ޑަކްޓަރުގެ މޫނުމައްޗަށްއެރި ހާސްކަމުގެ ކުލަވަރު ފެނުމާއެކު ޒީވާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. "ރިއާން ހޭ އަރާނެ ކަމުގެ އުއްމީދު ވަރަށްކުޑަ. ބޮލަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ކޯމާއަކަށް ދިޔުމުގެ ވަރަށްބޮޑު ފުރުސަތެއް އެބައޮތް" ޑަކްޓަރު އެންމެ ފަހުން ބުނެލި ޖުމްލައާއެކު އެތަނުގައި ބޮމެއް ގޮއްވައިލެވުނު ކަހަލައެވެ. ހަމައެއާއެކު ރާހިލް ފުންމައިގެން އަރައި ޑަކްޓަރު ލައިގެން ހުރި ކޯޓުގެ ގިރުއާނުގައި ހިފައިގަތެވެ.

"އޭތް!! ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ އޭން؟ ރިއާން ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަން ނެތިއްޔާ ކަލޭ މިކަމާ ހަވާލުވާންވީ ކީއްކުރަން؟ އޭން؟ ކަލެއަށް އެނގޭތަ ރިއާންއަކީ ކާކުކަން؟ މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ދެހާހަށްވުރެ ގިނަ އާއިލާތިބީ ރިއާން ހޭ އަރާނެ އިރެއްގެ އިންތިޒާރުގަ! ކަލެއަށް އެ ހުރިހާ އާއިލާތަކަށް ޖަވާބުދާރީވާން ކެރޭނެތަ؟ އަހަރެންނަށް ހެޔޮ ދުނިޔޭގެ ކޮންމެ ހިސާބަކުން ޑަކްޓަރުން ގެންނަން ޖެހުނު ކަމަށްވިޔަސް ކަލޭ ތި ފެށި ކަންތައް ކަލޭ ރަނގަޅަށް ނިންމަން ޖެހޭނެ" ރާހިލް ލަވަމުންދިޔަ ހަޅޭއްކަށް ބެލުމެއްނެތި އެތަނުގައި ތިބި ދެ ފުލުސް އޮފިސަރުން އޭނާ އެ ޑަޮކްޓަރާ ދުރުކުރުވިއެވެ.

"ޑަކްޓަރުންނަށްވެސް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށް.. ޝިފާ ދެއްވާނީ މާތް ރަސްކަލާނގެ"

އިތުރަށް ޑަކްޓަރުގެ ވާހަކަ އަޑު އަހަން އެތަނުގައި އިނުމުގެ ބަދަލުގައި ޒީވާ ގޮނޑިން ތެދުވެ އަވަސް އަވަހަށް އެ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ރާހިލްއާ ރިޔާޒްވެސް ނުކުތެވެ. އެ ތިންމީހުން ގޮސް ރިއާން ބާއްވާފައި އޮތް އައި.ސީ.ޔޫގެ ބޭރުގައި މަޑުކޮށްލިއެވެ. އޭރު އެތަނުގައި ތިބި އެންމެންވެސް ތިބީ ޑަކްޓަރު ދެއްކި ވާހަކަ އެނގެން ކެތްމަދުވެފައެވެ.

"އޮޕަރޭޝަން ރަނގަޅަށް ދިޔައި.. ހޭ އަރަންދެން މަޑުކުރަން ޖެހޭނީ.. އެބައަންނަން މިސްކިތައް ގޮސްލާފަ" ރާހިލް ކުރުގޮތަކަށް ޑަކްޓަރުގެ ވާހަކަތައް ހުލާސާކޮށްދިނެވެ.

"ޒީ.. ބަންގި ދެނީނު. ހިނގާ އަހަރުމެންވެސް ނަމާދުކޮށްލައިގެން އަންނަން" ހިމޭން މާހައުލުގެ ތެރެއިން އިވެމުންދިޔަ ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އިޝާރާތްކޮށް ޝައިނާ ބުންޏެވެ.

*************

ހަވީރާ ގާތްވިއިރު ރިޔާޒްގެ ދެމަފިރިންނާއި ޖޫލީ އެތަން ދޫކޮށް ގޮސްފައިވާތީ މިހާރު އެތަނުގައި ތިބީ ވާފިޔާމެންގެ އާއިލާގެ އިތުރުން ޝައިނާ އެކަންޏެވެ. ފާއިތުވަމުންދިޔަ ކޮންމެ ގަޑިއިރަކާއެކު ޒީވާގެ ހާލަތު އިތުރަށް ދަށަށްދާކަމަށް ވާފިޔާމެނަށް ފާހަގަ ކުރެވެމުންދިޔައެވެ.

"ޒީ.. ހިނގާބަލަ މަންމަމެނާ އެއްކޮށް ގެއަށްގޮސް ކައިގެން އަންނަން ދޯ.." ވާފިޔާގެ ވާހަކައަށް ނޫނެކޭ ބުނުމުގެ ގޮތުން ޒީވާ ދެފަރާތައް ބޯ ހޫރައިލިއެވެ. އަދިވެސް އޭނަގެ ދެލޮލުން ކަރުނަ ހިކޭ ތަނެއް ނުފެނެއެވެ. އެވަގުތު ބަރު ފިޔަވަޅުތަކެއްގައި އެތަނަށް ހިނގައިފައި އައި ދެ ފުލުހަކު ޒީވާއަށް ގޮވައިލިއެވެ. އެމީހުން ޒީވާއަށް ދިއްކޮށްލީ އެތެރެ ފެންނަ ޒިބު އަޅުވައިފައިވާ ދެ ޕްލާސްޓިކް ކޮތަޅެވެ. އޭގެތެރެއިން އެއް ކޮތަޅުގައި ހުރީ ރިއާންގެ އަންނައުނެވެ. އޭގައި އޮތް ގަމީހުން އަދިވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ. އަނެއް ކޮތަޅުގައި އޮތީ ރިއާންގެ ފޯނާއި ވޮލެޓާއި ގަޑި އަދި އަނގޮނޓީގެ އިތުރުން ކާރުގެ ތަޅުދަނޑިއެވެ. އެ ތަކެތި ފެނުމުން ޒީވާއަށް ކުރަމުންދިޔަ އަސަރު މާބޮޑަށްވެސް އިތުރުވިއެވެ. ގިސްލަގިސްލާފައި އަނެއްކާވެސް ރޯން ފަށައިފިއެވެ. އެ މަންޒަރު ބަލަން ހުރި އެލީޝާ ފުން ވިސްނުމަކަށް ގެއްލިފައިހުރެ ރާހިލްއަށާއި ވާފިޔާއަށް ގޮވައިލިއެވެ.

"ރާހިލް.. އެހެން އަބަދު ވިސްނައި ރޮންޏާ ޒީވާގެ ހާލަތު މާބޮޑަށް ދެރަވެދާނެ.." އެލީޝާ ބުންޏެވެ.

"ދެން އެކަމަކު ކީއްކުރާނީ ދަރިފުޅާ. ރެއިން ފަށައިގެން އަދި ފެންފޮދެއްވެސް ބޯލީކީ ނޫން.. މަންމަމެން ޒީވާ ގެއަށް ގެންދެވޭތޯވެސް ވަރަށް މަސައްކަތް ކޮށްފިން" ވާފިޔާވެސް ހުރީ ކަންބޮޑުވެފައެވެ.

"ބޭހެއް ދީގެންވިޔަސް ޒީ އިހަކަށް ނިންދަވާލަންވީނު.. އެހެންނޫނިއްޔާ ރިއާންގެ ކަންތައް އަދި އޮތްގޮތަށް އޮއްވާ ޒީ މާ ބަލިވެދާނެ" އެލީޝާ ބުންޏެވެ. "އަހަރެން ބުނާ ބޭހެއް ގަނެގެން އައިސް ޒީއަށް ދޭންވީނު.. އަހަރެންވެސް ވަރަށް ދެރަވޭ ޒީގެ ހާލު ފެނިފަ" އެލީޝާ ބުންޏެވެ.

"ދަރިފުޅުމެން ދާންވީނު ތިބުނާ ބޭހެއް ގަނެގެން އަންނަން.. މަންމަ މަޑުކޮށްލާނަން" ވާފިޔާ ބުންޏެވެ. ރާހިލްމެން ބޭސް ހިފައިގެން އައުމުން ވާފިޔާ އަވަސްވެގަތީ ޒީވާއަށް އެ ބޭސް ކާންދިނުމަށެވެ.

"ޒީވާ.. ދަރިފުޅާ ތެދުވެބަލަ.. ތިހެން އެއްޗެއް ނުކައި އޮންނަންޏާ ގައިން ވަރުނެތިދާނެ.. މި ބޭސްގުޅަ ކާލައިގެން އޮވެބަލަ" ޝައިނާގެ އުނގުގައި ބޯ އަޅައިލައިގެން އޮތް ޒީވާ ތެދުކުރުމަށްފަހު ވާފިޔާ އެ ބޭސްގުޅައާއި ފެންފުޅި ދިއްކޮށްލިއެވެ. އެއީ ކޮން ބޭހެއްތޯ ބެލުމުގެ މާބޮޑު ޝައުގެއް އޭނާގެ ނެތެވެ. އަވަސް އަވަހަށް ބޭސްގުޅަ ދިރުވައިލުމަށްފަހު އަނެއްކާވެސް އޮށޯތެވެ. އިސާހިތަކު ޒީވާގެ ދެލޮލަށް ނިދި ސަވާރުވާކަށް މާގިނަ އިރެއް ނުނެގިއެވެ.

"ރާހިލް.. ދަރިފުޅުވެސް ދެން ދާންވީނު އެލީޝާ ގޮވައިގެން ގެއަށް.. އެލީ ވަރަށް ވަރުބަލިވެފަ ހުރިހެން މަންމައަށް ހީވަނީ.. މަންމަމެން މިތާ މަޑުކޮށްލާނަން" ވާފިޔާގެ ވާހަކައިން އެލީޝާގެ އިތުރުން ޝައިނާގެ ސަމާލުކަންވެސް ރާހިލްއަށް ހުއްޓުނެވެ.

"ނޫނޭ.. ރިއާން ހޭ އަރަންދެން އަހަރެން ހުންނާނީ މިތަނުގަ.. މަންމަމެން އެލީޝާ ގޮވައިގެން ދޭ" ރާހިލް ފަހުބަސް އިއްވައިލިއެވެ.

ވާފިޔާއާއި ނާޝިދު އެލީޝާ ގޮވައިގެން ދިޔުމުން ޝައިނާ އެތަނުގައި ހުރި އިޝްވާއަށް ލޮލުން އިޝާރާތް ކޮށްލީ ޒީވާގާތަށް އައުމަށެވެ. އެއަށްފަހު އޭނާގޮސް ދުރުގައި އިން ރާހިލްގާތު އިށީނދެ ރާހިލްގެ ކޮނޑުގައި ބޯއަޅައިލިއެވެ.

*************

ފިނިކޮށްލެވިފައިވާ އައިސީޔޫގެ ތެރޭގައި ހަރަކާތްތެރިވާ ޑަކްޓަރުންނާއި ނަރުހުން އިރުއިރުކޮޅާ ރިއާން ބާއްވައިފައިވާ އެނދާ ކައިރިއަށް ޖެހިލައި ރިއާންގެ ހަބަރެއް ބަލައިލައެވެ. އޮޕަރޭޝަނަށްފަހު މިހާރު ބާރަ ގަޑިއިރު ފާއިތުވެ ގޮސްފައިވާއިރު އަދިވެސް ރިއާން ހޭއަރާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އައި.ސީ.ޔޫ ގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންގެ މޫނުމަތިންވެސް ރިއާންއާމެދު ކަންބޮޑުވަމުންދާކަން ފާޅުވާން ހުއްޓެވެ.

"އެއްވެސް ކަހަލަ ނިޝާނެއް ފެނިއްޖެތަ؟" ޑަކްޓަރު އައިސް ރިއާންގެ ފައިލާ ހަވާލުވެހުރި ނަރުސްކުއްޖާ ގާތު އަހައިލިއެވެ. އެކުއްޖާ ނޫނެކޭ ބުނެ ބޯ ހޫރައިލުމުން އަނެއްކާވެސް އަތަށް ގުޅައިލެވިފައިވާ ލޭ އަދި އައިވީ ފުޅިތައް ބަލައިލުމަށްފަހު ޑަކްޓަރު އަނބުރާ ދާން ހިނގައިގަތެވެ. ނަމަވެސް މާ ދުރަށް ނުދެވެންދެން މިފަހަރު ރިއާންގެ އަތުގެ އިނގިލިތައް ހަރަކާތް ކޮށްލިއެވެ. އެހަށިގަނޑުގެ އެތަން މިތަނަށް ގުޅާލެވިފައިވާ މެޝިންތަކުން އިވެމުންދިޔަ އަޑުތަކަށް ބަދަލު އައިސްފިއެވެ. ރިއާންގާތު ހުރި ނަރުސް ކުއްޖާ އަވަސް އަވަހަށް ޑޮކްޓަރަށް ގޮވައި ރިއާން ހޭ އެރިކަން އެންގުމާއެކު ޑަކްޓަރު އައިސް ރިއާންގެ ކަންތައްތަކާއި ހަވާލުވިއެވެ.

"އެވްރީތިންގް ސީމްސް އޯކޭ.. މިހާރު އާއިލާއަށް އިންފޯރމް ކޮށްލެވިދާނެ" ޑޮކްޓަރު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ނަރުސް ކުއްޖާއަށް އިރުޝާދު ދިނެވެ. އެއާއެކު އެ ނަރުސްކުއްޖާ އެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އަވަސްވެގަތެވެ. އައި.ސީ.ޔޫގެ ބޭރުގައި މަޑުކޮށްގެން ތިބި މީހުންގެ ތެރެއަށް ރިއާންގެ ނަން އިއްވައިލުމާއެކު އެތަނުގައި ތިބި ރާހިލްއާއި ޝައިނާ ދުވެފައި އެދިމާލަށް އައެވެ.

"ޕޭޝަންޓް ހޭއަރައިފި.. ހާލު ރަނގަޅު.. ކުޑަ އިރުކޮޅެއްގެ ތެރޭގަ ކޮޓަރިއަށް ބަދަލު ކުރެވޭނެ" ނަރުސް ކުއްޖާގެ ވާހަކަ އިވުމާއެކު ރާހިލްއަށް އުފަލުންގޮސް ޝައިނާގެ ގައިގައި ބައްދައިލެވުނެވެ. އެމަންޒަރު ބަލަން ދުރުގައި އިން އިޝްވާގެ މޫނަށްވެސް ހިނިތުންވުމެއް ވެރިވީ އެ ލިބުނު ހަބަރަކީ އުފާވެރި ހަބަރެއްކަމުގައި ޔަގީން ކުރެވުމުންނެވެ. ރާހިލް އަވަސްވެގަތީ ރިޔާޒްއާއި ޝީރީނަށް ގުޅައި އެހަބަރު ދިނުމަށެވެ.

ބައިގަޑިއެއްހާއިރު ތެރޭ ހޮސްޕިޓަލުގެ ޕްރީމިއަމް ކޮޓަރިއަކަށް ރިއާން ބަދަލުކުރެވުނެވެ. އޭރު ރިޔާޒާއި ޝީރީންވެސް އަލުން އަނބުރައި ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ހުރިހާކަމެއް ހަމައަކަށް އެޅި ޑަކްޓަރުންނާއި ނަރުހުން އެކި ދިމާލަށް ގޮސް ހުސްވުމުން ރިއާން ބާއްވައިފައި އޮތް ކޮޓަރިއަށް ވަތް ފުރަތަމަ ބަޔަކީ ރިޔާޒާއި ޝީރީންގެ އިތުރުން ރާހިލްއާއި ޝައިނާއެވެ. ރިއާން ކުޑަކުޑަކޮށް ލޯ ހުޅުވައިލައިގެން އޮވެ އެތަނުގައިތިބި މީހުންގެ މޫނަށް ބަަލަމުންދިޔައެވެ. ބުމަ ގޮށްޖަހައިލައިގެން އޮވެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަމުން ދިޔައިރު އޭނާގެ ސިކުނޑިއަކަށް މި ހިނގަމުންދާ ކަންތައްތަކެއް ނަގައެއް ނުގަނެވުނެވެ. އޭނާއަށް އެނގުނުހާވެސް އެއްޗަކީ އޭނާއަށް އޮވެވުނީ ހޮސްޕިޓަލެއްގައިކަމެވެ. އަދި އޭނާގެ ވަށައިގެން ރާހިލްއާއި ޝައިނާގެ އިތުރުން ރިޔާޒާއި ޝީރީން ހުއްޓިގެން ތިބިކަމެވެ. ނަމަވެސް އެ އެންމެން އެހާ ކަންބޮޑުވެފައިތިބެ އޭނާއަށް މި ބަލަނީ ކީއްވެ ހެއްޔެވެ؟

ސުވާލުތަކުގެ ސަބަބުން ބޮލަށް ބާރު ކުރަން ފެށުމާއެކު ރިއާން ދެލޯ މަރައި ތަގުޅިކޮށްލަމުން އަނގަމަތީގައި އަޅައިފައި އޮތް އޮކްސިޖަން މާސްކް ނަގައި ދުރުކޮށްލިއެވެ. އަދި ހިނގައިދިޔަ ކަންތައްތައް ހަނދާން ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެއާއެކު އޮޅުން ބޮޅުން ވެފައިވާ ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އޭނާގެ ހަނދާނަށް ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ މަންޒަރުތައް ކުލަވާންފެށިއެވެ.

ރާހިލްގެ ފަރާތުން އަމާޒުވި ގޮށްމުށުގެ އެތިފަހަރެވެ.

އެކަން އެގޮތަށް މެދުވެރިވާން ޖެހުނު ސަބަބެވެ.

ޒީވާ ގެއިން ނުކުމެގެން ދިޔަ ދުވަހެވެ.

އެދުވަހަށްފަހު ދެން އައި ކޮންމެ ދުވަހެކެވެ.

ޒީވާއާ އޭނާއާ ދެމެދު ކުރެވުނު ފޯނުކޯލެވެ.

ދެމީހުން ބައްދަލުކުރަން އެއްބަސްވެވުނު ގޮތެވެ.

ދަނބުކުލައިގެ ކަރުދާހުން ބަންދުކޮށްފައިވާ ޕާރުސަލާއި ލެވެންޑާ މަލުގެ ގުލްދަސްތާއެކެވެ.

މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

ދަގަނޑު ހޮޅިތަކެކެވެ.

ގައިދަށުން ދެމެމުން ދިޔަ ރަތްކުލައިގެ ކޯރެކެވެ.

ލެއެވެ.

ހުސް ލެއެވެ.

ރިއާންއަށް ކުއްލިއަކަށް ދެލޯ ހުޅުވައިލަމުން އެނދުން ތެދުވަން މަސައްކަތް ކުރެވުނެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އޭނާގެ ދެއަތާ މޫނު ފިޔަވައި ހަށިގަނޑުގެ އެއްވެސް ތަނަކަށް ހަރަކާތެއް ގެނައުން އޭނާއަށް ނުކުޅެދުނެވެ. މުޅި ހަށިގަނޑުގެ އެތަން މިތާނގައި ވޭން އަޅަމުން ދިޔައިރު އާދަޔާހިލާފު ބަރުހެލިކަމެއް އިހްސާސް ކުރެވެމުން ދިޔައެވެ.

"ދަރިފުޅާ އަދި ތެދުވާކަށް ނުވެޔޭ.. ދަރިފުޅު އެއްކޮށް ރަނގަޅުވީމަ ތެދުވާނީ" ޝީރީން ލޯތްބާއެކު ރިއާންގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ. ނަމަވެސް އަމިއްލަ ހާލަށްވުރެ ވޮޑަށް އޭނާއަށް ދިޔައީ ޒީވާއާ ދޭތެރޭ ވިސްނެމުންނެވެ.

"މިއީ.. މިއީ ކޮން ހޮސްޕިޓަލެއް؟" އެ ސުވާލު ކުރިއިރުވެސް އޭނާއަށް އޭގެ ޖަވާބު އެނގެއެވެ. އެތަނުގެ ބެޑްޝީޓާއި ބާލީސް އުރައިގައި ޖަހައިފައިވާ ލޯގޯއިން އެކަނިވެސް އޭނާއަށް އެއީ ކޮން ހޮސްޕިޓަލެއްކަން ދެނެގަނެވުނެވެ.

"ކީއްވެ އަހަރެން މިތަނަށް ގެނައި؟ މި ނޫން ހޮސްޕިޓަލެ–" ރިއާންގެ ވާހަކަ އެކީ ފުރިހަމަ ނުކުރެވެންދެން އޭނާ ކެއްސަން ފަށައިފިއެވެ. ކަރުތެރެ ހިކިފައި ހުއްޓައި އެހާ އަވަސް އަވަހަށް ވާހަކަ ދައްކައިގެން ނުވާނެކަން ހުދު އޭނާއަށްވެސް އެނގެއެވެ. އެކަމަކު އޭނާވަނީ އިންތިހާ ދަރަޖައަށް ކަންބޮޑުވެފައެވެ. އޭނާ ހޮސްޕިޓަލަށް ގެނައި ވަގުތު ޒީވާއަށް އޭނާ ފެނުނުބާއެވެ. ނޫނެކެވެ. އެކަން އެހެން ވެގެނެއްނުވާނެއެވެ. އޭނާ އެފަދަ ހާލެއްގައި އޮއްވައި ޒީވާއަށް ފެންނާކަށް އޭނާ ބޭނުމެއްނޫނެވެ. އެއީ ޒީވާގެ ބަލިހިތަށް ބަލަން ކެތްވާނެ މަންޒަރެއްނޫނެވެ.

"ޒީ.. ޒީވް ކޮބާ؟" ރިއާން ކައިރީގައި ހުރި ރާހިލްއަށް ބަލައިލަމުން އަހައިލިއެވެ.

"ރިއާން.. އިހަކަށް ހަމަ ޖެހިބަލަ.." ރާހިލް ރިއާންގެ ކޮނޑުގައި އަތްބާއްވައިލިއެވެ.

"ޒީވާއަށް އެނގޭތަ؟" ރިއާންގެ މޫނުމަތީގައިވި ކަންބޮޑުވުން ފެނި ރާހިލް ޖެހިލުންވެފައިހުރެ ބޯޖަހައިލިއެވެ. ރިއާންއަށް ހާސްވެފައި ނިއްކުރީގައި އަތްބާއްވައި ލެވުނެވެ.

"ދަރިފުޅު ހޮސްޕިޓަލަށް ގެނައިއްސުރެން ޒީގެ ހާލަތު ވަރަށް ގޯސް. މިހާރު އޮތީ ނިދިފަ. މަންމައަށް ފެންނަނީ އަދި އިރުކޮޅެއް ވަންދެން ބާއްވާލަން" ޝީރީން ބުންޏެވެ. ރިއާން އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.

"ބޭބެމެން ދެން ގޮސްލިޔަސް ރަނގަޅުވާނެ. އަޅުގަނޑާ ޒީވާއާ މިތާ މަޑުކޮށްލާނަން.. ޝައިނާވެސް ހުންނާނެ.. ކަމެއް ދިމާވިއްޔާ ގުޅާލާނަން" ރާހިލް ބޭނުންވީ ވީހާވެސް އަވަހަށް ރިޔާޒްމެން އެތަނުން ފޮނުވައިލުމަށެވެ. އެމީހުން އެތަނުގައި ތިބުމަކީ ރިއާން މާ ގަޔާވާނެކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ނަސީބު ކަންދިމާކުރިގޮތުން ރިޔާޒަކީވެސް ބަލިމީހެއް ކަމަށްވުމާއެކު އެމީހުން ނުހަނު ފަސޭހަކަމާއެކު އެތަނުން ދާން އެއްބަސްވިއެވެ.

"ޒީ ބަލާ ދާންވީނު؟" ރިޔާޒްއާއި ޝީރީން ކޮޓަރިން ނުކުތުމާއެކު އެވަގުތު އެތަނުގައި ހުރި ރާހިލް ސިއްރުސިއްރުން ޝައިނާގެ ކަންފަތް ދޮށުގައި ބުންޏެވެ.

"މިހާ އަވަހަށްތަ؟" ޝީރީން ދެއްކި ވާހަކައާމެދު ފާޑަކަށް އެއްބަސްވެވިފައި ހުރި ޝައިނާ އަހައިލިއެވެ. ޒީވާ އެހާ އަވަހަށް ހޭލައްވާކަށް އޭނާވެސް ބޭނުމެއްނޫނެވެ.

"ހޫމް.. ހިއެއްނުވޭ ރިއާންގެ ހަބަރެއް ނާންގާ އެހާ ގިނައިރު ބާއްވައިފިއްޔާ ޒީ ހިތްހަމަ ޖެހޭނެހެނެއް" މިފަހަރުވެސް ރާހިލް ޝައިނާއާ ވާހަކަދެއްކީ ރިއާންއަށް ނޭނގޭހާ ސިއްރުންނެވެ. އެދެމީހުންގެ ސިއްރު ވާހަކަތައް ބަލަން އޮތް ރިއާންއަށް އެ މާނަ ނެގުނީ މުޅިން ގޯސްކޮށެވެ.

"އޯހް ޕްލީޒް ގެޓް އަ ރޫމް.. މިހެންވެ ދޯ ބައްޕަމެން ފޮނުވާ ނުލެވިގެން އުޅުނީ" ރިއާން ޖެއްސުމުގެ ރާގެއްގައި ބުންޏެވެ. އެއާއެކު ޝައިނާ ރިއާންއާ ދިމާލަށް ލޯ އަޅައިލުމަށްފަހު އަވަސް އަވަހަށް އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"ބުނަން.. މާ މޮޅެތި ވާހަކަ ދައްކަންޏާ ލައިފް ސަޕޯޓް ދަމައިގަންނަން ޖެހިދާނެ އެނގޭ" ޝައިނާ ދޮރުން ނުކުތުމުން ރާހިލް ހެވިފައިހުރެ އައިސް ރިއާން އޮތް އެނދާ ޖެހިގެންހުރި ގޮނޑީގައި އިށީނެވެ.

"ދެޓްސް ފެއަރ.. އަހަރެން މިހިރީ ހައިރާންވެފަ އެދުވަހު މޫނުމަތީގަ ޖެހި ޖެހީނުން ކޯމާއަކަށް ފޮނުވާ ނުލީތީވެސް" ރިއާންގެ އަޑުގައިވަނީ ސީރިއަސްކަމެވެ. އޭނާއަށް އެ ކުރެވުނު ކަންތަކާމެދު ދެރަވާ ކަމުގެ ނިޝާންތަކެވެ.

"އައި ރިއަލީ ޑިޑިންޓް މީން ޓު ޑޫ އިޓް ބްރަދަރ.. އަހަރެންނަކަަށްވެސް ނޭނގެ އެކަން ވީގޮތެއް.. ޒީވާ އަހަރެން ކޮށްޕާލި ހަނދާނެއްވޭ އެންޑް އިޓް.. އިޓް ޖަސްޓް ހެޕެންޑް އިން އަ މޯމެންޓް.. ޔަގީންކުރޭ.. އަހަރެން ގަސްްތުގަ ދުވަހަކުވެސް ޒީވްއަކަށް އަނިޔާއެއް ނުދޭނަން" ރިއާން ބުންޏެވެ.

"ދެން މި ގަޑީ ތި ހުރިހާ ކަމަކާ ނުވިސްނާ.. ޓޭކް ރެސްޓް.. މިފަހަރު ހޭ އެރި ފަހުން ހާދަ ވާހަކަ ގިނައޭ ދޯ.. އަނެއްކާ އަނގަ ގަދަވާގޮތަށް ކިޔެވެއްޔެއް އެއްޗެއް ކިޔަވާފަ ޖެހި ވަޅިއެއްތަ؟" ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. "އެކަމަކު އަޅެ ބޭރުގަ ހުރެ ދިޔަ ހުރިހާ ސެލްފް ޑިފެންސް ކްލާހެއް ހަމަ ބޭކާރެއްނު. ޕިސްޕިސްޕިސް. ތިހިރީ ވިއްޔަ ވެފައި ހުރި ވަރު" ރިއާން އޮށޯވެގެން އޮތް އެނދުގެ ބޯލާކޮޅަށް އުސްކޮށްލަދެމުން ރާހިލް ބުންޏެވެ.

"ޔޫ ޝުޑް ހޭވް ސީން ދަ އަދަރ ގައި" ރިއާންގެ ރައްދު އިވުމާއެކު ރާހިލް ހޭންފެށިއެވެ. މިފަހަރު އެ ހުނުމުގައި ރިއާންވެސް ބައިވެރިވިއެވެ.

*************

"ޒީ.. ޒީ.. ޒީ ހޭލަބަލަ"

"ދޮންތީ.. ހޭލަބަލަ"

"ހްމްމް އަދި ފަސް މިނަޓު"

ނިދިފައި އޮތް ޒީވާއަށް ގޮވަމުންދިޔަ ޝައިނާއާއި އިޝްވާއަށް ފުންނޭވާއެއް ދޫކޮށްލަމުން އެކަކު އަނެކަކާ ދިމާލަށް ބަލައިލިއެވެ.

"ޒީ ހޭލަބަލަ ރިއާން ހޭ އަރައިފި އޭ" ޝައިނާ ޒީވާގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

*************

ރިއާންއާ ރާހިލް އެކި ވާހަކަތަކުގައި ތިއްބައި ކޮޓަރީގެ ދޮރުހުޅުވައިލެވުނު އަޑަށް ދެމީހުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އޭރު ކޮޓަރީގެ ދޮރުމަތީގައި ގުޑިލަން ނޭނގި ގަނޑުވެފައިހުރި ޒީވާ ފެނި ރިއާންއަށް ދެފަހަރަކު އެސްފިޔަ ޖަހައިލެވުނެވެ. މިއީ އޭނާއަށް ހޭލާ ހުއްޓާ ފެންނަމުންދާ ބިލާހެއްކަމުގައި ހީކުރެވުނެވެ. ނަމަވެސް ޒީވާ ދުވެލައިފައި އައިސް އޭނާގެ އަތުގައި ހިފައިލުމާއެކު ރިއާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހަށިގަނޑަށް އެންމެ ފުރަތަމަ ހަމަލާ އެރި ވަގުތުން ފެށިގެން ދެން އޭނާއަށް ޒީވާ ނުފެންނާނެ ކަމުގައި ރިއާން ހުރީ ނިންމައިގެނެވެ. އަދި ޒީވާގެ މަޢާފު ހޯދުމުގެ ފުރުސަތެއް ނުލިބޭނެކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ. އެހެންކަމުން އޭނާ ހެޔޮހާލުގައި ހުއްޓާ ޒީވާއާ ބައްދަލުވީޔީ ރިއާންއަށް ދުލުން ބަޔާންކުރަން ނޭނގޭފަދަ އުފާވެރިކަމެއް ލިބުނެވެ. އެވަގުތުން ވަގުތައް ޒީވާ ގެނެސް އޭނާގެ މޭގެތެރޭގައި ފޮރުވައިލަން ބޭނުންވިއެވެ.

ޒީވާއަށް ރިއާންގެ ހާލަތު ފެނުމާއެކު އެދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އެއްވެސް އިޚްތިޔާރަކާނުލައި އޭނާގެ ކޯތާފަތްމައްޗަށް ފައިބައިގަތެވެ. ލިބުނު ޒަހަމްތަކަށް ދެވުނު ފަރުވާގެ ސަބަބުން ރިއާންގެ ދެފަޔާއި ހަށިގަނޑުގެ ބޮޑުބައެއް ބެންޑޭޖްކޮށްފައިވާއިރު ނިއްކުރިމަތިވެސް ވަނީ ބެންޑޭޖް ކޮށްފައެވެ. އެހާ ގާތުން ރިއާންއަށް ލިބިފައިވާ ގެއްލުންތައް ފެނުންވީ ޒީވާއަށް ބަރުދާސްތު ކުރެވޭވަރު ކަމަކަށް ނޫނެވެ. އޭނާ ރޮމުން ރޮމުން ރިއާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ޒީވާގެ ކަރުނަތައް ގިސްލުމާއި އެކުވެ ރިއާން އޮށޯވެގެން އޮތް ބާލީހުގެ ތެރެއަށް ހިނދެމުންދިޔައިރު ރިއާންއަށް އޮވެވުނީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާއަށް ދިމާވި ކަންތަކުގެ ސަބަބުން ޒީވާއަށް މިހާބޮޑު އަަސަރެއް ކޮށްފާނެކަމަކަށް އޭނާއަށް ހީކުރެވިފައެއްނެތެވެ. ޒީވާގެ ގިސްލުމުގެ އަޑު އިވެމުންދާ ވަރަކަށް ރިއާންގެ ހިތަށްވެސް އަސަރު ކުރަމުން ދިޔައެވެ. ދެލޯ ފެންކަޅިވަމުންދިޔައެވެ. އެ ލޮލުގެ ހިމަކޮޅުން ނީރާލި ކަރުނަތިކި ޒީވާގެ އިސްތަށިގަނޑުގެ ތެރެއަށް ހިނދިގެންދިޔައިރުވެސް ޒީވާ އިސް އުފުލައިލާކަށް ނޫޅުނެވެ.

"ދެން ހުއްޓާލަބަ.. ޕްލީޒް.. އަހަރެން ރަނގަޅެއްނު" ކުރަކިވެފައިވާ އަޑަކުން ރިއާން ޒީވާގެ ކަންފަތްފޮށުގައި ބުންޏެވެ. ޒީވާ ރިއާންއާ ދުރަށް ޖެހިލަމުން ނޭފަތް ދަމައިލިއެވެ. އަދި ރުއިން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ހަމައެވަގުތު ދުރުގާއި ހުރި އިޝްވާ އައިސް ކުއްލިއަކަށް ރިއާންގެ ގައިގައި އޮޅުލައިގަތެވެ.

"އޯ.އެމް.ޖީ ޔެސް!! ފައިނަލީ ރިއާންބޭ!! ޔޫ އަރ ބެކް!!"

"އައްދޯއި.. އާރޖްހް" އިޝްވާ ބާރުބާރަށް ރިއާންގެ ގައިގައި ބައްދައިލުމާއެކު ރިއާންއަށް ހީވީ އޭނާގެ ގައިގެ ހުރިހާ ޒަހަމެއްގައި އެއްފަހަރާ ލޮނުމިރުސް ލެވުނުހެނެވެ. ކަށިތައް ބިންދައިގެން ދިޔަހެނެވެ. ރިއާން ހަޅޭއްލަވައިގަތުމާއެކު ޒީވާ އަވަސް އަވަހަށް ޒީވާގެ އަތުގައި އެތިފަހަރެއް ވީއްލައިލަމުން ރިއާންގެ ގައިން ދޫކޮށްލުމަށް އިޝާރާތްކުރިއެވެ.

"އައުޗް ދޮންތީ.. އަޅެ ސީރިއަސްކޮށޭ މިބުނީ.. ހުރިހާ އެންމެނަށް ހާޓްއެޓޭކް ދީފަ ތި ދެމީހުން ތިހިރީ.. އެއްފަހަރަކު އަހަރުމެންނަށް ހީވި ރިއާންބެ އައި.ސީ.ޔޫ އިން ނުނެރެންދެން އަނެއްކާ މި ދޮންތި އައި.ސީ.ޔޫ އަށް ވައްދަން ޖެހިދާނެއޭވެސް. ދޯ ސިސް" އިޝްވާގެ ވާހަކަ ނިންމައިލަމުން ޝައިނާއަށް ދޯ ދިނެވެ.

"އިޝްކޯ" ޝައިނާ އިޝްވާގެ ވާހަކަ ހުއްޓައިލުމަށް އިޝާރާތްކޮށް ގޮވައިލިއެވެ. "ހިނގާބަލަ.. ގެއަށްގޮސް ޒީގެ ހެދުމެއް ހިފައިގެން އަންނަން.. ޑިއުޓީ ނިމުނު ގޮތަކަށްނު އެ އުޅެނީ" އިޝްވާއަކީ ކޮންމެފަދަ ވާހަކައެއްވެސް ދައްކަން ފަސްނުޖެހޭނެ ކުއްޖެއްކަން އެނގި ޝައިނާ ބޭނުންވީ ވީހާވެސް އަވަހަކަށް އިޝްވާ ގޮވައިގެން އެތަނުން ދިޔުމަށެވެ.

"އަހަރެންވެސް އަންނާނަން.. ކޮންމެވެސް ކާއެއްޗެއް ގަނެލައިގެން.. ވަރަށް ބަނޑުހައި.." ރާހިލްވެސް މޮޅު ބަހަނާއެއް ދެއްކުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތެވެ. ޒީވާއާއި ރިއާން ވަކިން ދައްކަންޖެހޭ ވާހަކަތަކެއް ހުރިކަމަަށް އޭނާއަށްވެސް ވިސްނުނެވެ.

"ޒީވް…" ރާހިލް ނުކުތުމާއެކު ރިއާން ހިޔާލަކަށް ގެއްލިފައި އިން ޒީވާއަށް ގޮވައިލިއެވެ.

"ޔެސް.. އަރ ޔޫ އޯކޭ؟؟ ތަނަކަށް ތަދުވަނީތަ؟" ޒީވާގެ ސުވާލަށް ބޯ ހޫރައިލަމުން ރިއާން އޭނާގެ އަތާއި ގުޅުވައިލެވިފައި އޮތް ޒީވާގެ އަތް ނަގައި ތުންފަތުގައި ޖައްސައިލިއެވެ.

"އަހަރެންދެކެ ތިހާ ލޯބިވަނީ ކީއްވެ؟" ރިއާންގެ ހިތުގައި އުފެދުނު ސުވާލު ޒީވާއާ ކޮށްލިއެވެ. އެއީ އޭނާ ވިސްނައި ވިސްނައިވެސް އެސުވާލުގެ ޖަވާބު ނެނގިފައިވާ ސުވާލެކެވެ. ޒީވާފަދަ ކުއްޖެއްގެ ލޯބި އޭނާއަށް މިދުނިޔެމަތީގައި ހާސިލްވީ އޭނާގެ ކިބައިގައި ހުރި ކޮންކަމެއްގެ ސަބަބުން ހެއްޔެވެ؟

"ނޭނގެ ރިއާން.. ތިކަހަލަ ބޭކާރު ސުވާލު ނުކޮށްފާނަންތަ؟ އައިމް ރިއަލީ ސޮރީ.. ފަހަރެއްގާ އަހަރެންނަށް އެރޭ އަންނާށޭ ނުބުނެވުނު ނަމަ–"

"ޝްޝްޝް.. މިއީ ޒީވްގެ އެއްވެސް ކުށަކާލައިގެން ވި ކަމެއް ނޫން. ތިހެން ދުވަހަކުވެސް ނުވިސްނައްޗޭ.. ޒީވް މާފަށް އެދެން ޖެހޭ އެއްވެސް ކަމެއް ނެތް.. މާފަށް އެދެން ޖެހެނީ އަހަރެން.. އައިމް ސޮރީ ބޭބީގަރލް… ފޯރ އެވްރީތިންގް.. ދެން ނުރޮއެ ހުއްޓާލާ.." ރިއާން އެދުނެވެ.

"އަހަރެން ރޭގަ ހީކުރީ ރިއާން ނާންނާނެކަމަށް.. ވަރަށް ރުޅި އައިސްފަ ހުރީ.." މިފަހަރު ޒީވާގެ ވާހަކަ އިވުމާއެކު ރިއާންގެ ގާތަށް ހިނިއައެވެ.

"ޒީވްއަށް ރުޅިއަންނަންވެސް އެނގޭތަ؟" ރިއާން އަހައިލިއެވެ.

"ދެން… ވަރަށް ގޯސް" ޒީވާ ރިއާންގެ ކޮނޑުގައި ވިކައިލިއެވެ.

"އޯކޭ އޯކޭ ސޮރީ.." ރިއާން ހެމުންހެމުން ޒީވާ ވިކައިލި ހިސާބުގައި ފިރުމައިލިއެވެ.

"ރިއާންއަކަށް ނޭނގޭނެ އަހަރެން ހާސްވި ވަރެއް.. އަހަރެން ހީކުރީ ދެން ރިއާން އަހަރެންނަށް– އަހަރެން ހުރީ މަޑުކޮށްގެން.. ރިއާން އަންނަންދެން ހުއްޓަ ހުއްޓާ..ހުއްޓާ.. ހުއް.. ޓާ"

ޒީވާގެ ވާހަކަ މެދުކެނޑެން ފެށުމާއެކު ރިއާން ކުޑަކޮށް ބޯ ހިއްލައިލަމުން ޒީވާއަށް ބަލައިލިއެވެ. އޭރު ރިއާން އޮތް އެނދުގެ ކައިރިފަށުގައި ބޯ އަޅައިގެން ޒީވާއަށް އޮތީ ނިދިފައެވެ. ރިއާން ހައިރާންވިއެވެ. ދެފަހަރަކު ޒީވާއަށް ގޮވައިލުމުންވެސް ޒީވާގެ ހަބަރެއް ނުވިއެވެ. އެގޮތުގައި ބައިގަޑިއެއްހާއިރު ފާއިތުވެ ދިޔުމުން ރިއާން ކަންބޮޑުވާން ފެށިއެވެ. ނަރުހަކަށް ގޮވައިލުމަށްޓަކައި އެނދުކައިރީގައިހުރި ސްވިޗަށް އޮބައިލަން އުޅުނު ވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ރާހިލްއާއި އެލީޝާ ވަނެވެ.

"ޒީއަށް ނިދުނީ ދޯ؟ އަހަހަ އެހެނެއްނު ވާނީ.. އެލީ މާ ވަރުގަދަ ބޭހެއް ދީފި ވިއްޔާ" ރާހިލް އެލީޝާއާ ސަމާސާކޮށްލުމަށްފަހު އޭނާ ގެނައި ކޮތަޅު މޭޒުމަތީގައި ބަހައްޓައިލިއެވެ. އަދި ޒީވާ ގެންގޮސް އެތާހުރި އިތުރު އެނދެއްގައި ބާއްވައިލިއެވެ. އެލީޝާވެސް ޒީވާގާތު އެނދުގައި އިށީނދެލިއެވެ.

"މިރޭ އަހަރެންނާ އެލީއާ މިކޮޅުގަ މަޑުކުރާނީ ދޯ؟" ރިއާންގެ ސިކުނޑި އޮޅުންބޮޅުންވިއެވެ. އެލީޝާއާއި ރާހިލްގެ މެދުގައި އެހާ ގާތްގުޅުމެއް އުފެދުނީ ކޮންއިރަކުތޯ ސުވާލު ކުރަން ބޭނުންވިއެވެ. ނަމަވެސް ވަގުތާއި ހާލަތު އެކަމަށް ތަން ނުދޭތީ އޭނާ އެ ސުވާލު ދޫކޮށްލިއެވެ.

"އެލީވެސް ރިއާންއަށް ވިޒިޓް ކުރަން ބޭނުންވީމަ ގޮވައިގެން މި އައީ.. މަންމަވެސް ގުޅި. މާދަމާ އަންނާނަމޯ ބުނީ" ރާހިލް އެނދުކައިރީގައި އިން ގޮނޑީގައި އިށީނދެ ފޯނަށް ނަޒަރު ހުއްޓައިލުމާއެކު ރިއާންވެސް ދެލޯ މަރައިލީ ބޮލުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ލިބޭތޯ ކުޑަކޮށް ނިދައިލުމަށެވެ.

*****************

އާދުވަހަކަށް މަރުހަބާކީ އިރުގެ ދޯދިތަކުގެ އަލި މޫނަށް އެޅުމުން ޒީވާ ކަންނެތްކަމާއެކު އެސްފިޔަތައް ތަޅުވައިލަމުން ލޯ ހުޅުވައިލިއެވެ. ވަށައިގެންވާ ހޮސްޕިޓަލްގެ މާހައުލަށް އަވަސް ނަޒަރެއްދިނުމާއެކު އޭނާއަށް މި އޮވެވުނީ ކޮންތަނެއްގައިކަން ހަނދާންވިއެވެ. ހަމައެއާއެކު ކައްޓެއްޖެހި ފަދައިން ފުންމައިގެން ތެދުވެ އަވަސް އަވަހަށް ރިއާން އޮތް އެނދާ ދިމާލަށް ހިނގައިގަތެވެ. އޭރު އެތަނުގައި އިތުރު އެއްވެސް މީހެއްނެތެވެ. ނަމަވެސް މޭޒުމަތީގައި ބަހައްޓައިފައިހުރި ދަބަހާއި ކޮތަޅުތައް ފެނި ޒީވާއަށް ކުރިން އެތަނުގައި ބަޔަކު ތިބިކަން ޔަގީންކުރެވުނެވެ. ރިއާންގެ ހާލަތު ރަނގަޅުކަމަށް ފާހަގަކުރެވި ޒީވާ ރިއާންގެ އަތަށް ގުޅައިފައިވާ ލެޔާއި އައިވީގެ ސްޕީޑް އަވަސްކޮށްލުމަށްފަހު ރިއާންގެ ކޯތާފަތުގައި ފިރުމައިލިއެވެ. އެވަގުތު ރިއާންގެ އެސްފިޔަތައް ހަރަކާތް ކޮށްލިހެން ޒީވާއަށް ހީވިއެވެ. އޭނާ އަވަސް އަވަހަށް އެތަނުގައިހުރި ދަބަހުގެ ތެރެއިން ނެގި ހެދުމެއް ހިފައިގެންގޮސް ފާހަނައަށްވަނެވެ.

ހުއްޓުމެެއްނެތި ހަށިގަނޑުގެ އެތަން މިތާނގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން ނުނިދިފައި އޮތް ރިއާންއަށް ލޯ ހުޅުވައިލެވުނީ ފިނިފިނި އަތްތިލައަކުން އޭނާގެ ކޯތާފަތުގައި ބީހުލުމުންނެވެ. ނަމަވެސް ރަނގަޅަށް ދެލޯ ހުޅުވައިލެވުނު އިރު އެ ކޮޓަރީގެ ތެރެއިން އޭނާއަށް މަރުހަބާކީ ހިމޭންކަމެވެ. ހަމަ އެހެންމެ އެއްތަނެއްގައި ގުޑިނުލެވިފައި އޮންނަން ޖެހުމުގެ ސަބަބުން އޭނާއަށް އާދަޔާހިލާފު ފޫހިކަމެއް އިހުސާސްކުރަން ޖެހުނެވެ. އެހެންކަމުން ރޭގައި ޗާޖަށް ޖެހިގޮތަށް ބާލީސް ދަށުގައި ބާއްވައިފައި އޮތް ފޯނު ނަގައި ހުޅުވައިލިއެވެ. އެއާއެކު ރިއާންއަށް ލިބުނު ހައިރާން ކަމުގައި އޭނާގެ ދެލޯ ތަލައަށް އެރިއެވެ. މުޅި މީސްމީޑިޔާއާއި އެހެނިހެން ހަބަރުފަތުރާ ވަސީލަތްތަކުގައި އޭނާއަށް ދިމާވި ހާދިސާގެ ވާހަކަތައް އެކި ގޮތްގޮތަަށް ގެނެސްދީފައިވެއެވެ. ބައެއް ނޫސްތަކުން ހަމަލާދިން ތަނުގެ ސީ.ސީ.ޓީ.ވީ ފޫޓެޖްވެސް ހިއްސާކޮށްފައިވާއިރު އަނެއްބައި ނޫސްތަކުން ހޮސްޕިޓަލުގެ ބޭރުން ނަގައިފައިވާ ރިޔާޒާއި ޒީވާގެ ފޮޓޯތައްވެސް ހިއްސާކޮށްފައި ހުއްޓެވެ. އެކަމާ ހިތްހަމަ ނުޖެހިފައިހުރެ ރިއާން ދެން ބެލީ އޭނާއަށް ހަމަލާދިން މީހުންނަކީ ކޮބައިކަން ފޫޓޭޖުން ފާހަގަ ކުރެވޭތޯއެވެ. އެކަން ނުވުމުން ވީ ފޫހިން ޗޮކެއް ކަނޑައިލުމަށްފަހު އޭނާ ފޯނުން ކޮންމެވެސް ނަންބަރަކަށް ގުޅައިލިއެވެ.

"ހަލޯ މޯޑް.. އާން.. މިހާރު ދެން ކުޑަކޮށް ރަނގަޅު.. މިކޮޅަށް ޖައްސާލަދެވިދާނެތަ؟ ޔެސް މީގަޑީގަ.. ވާހަކައެއް ދައްކާލަން ވެގެން.. އިންނާނެ ވަޓްސްއެޕް އިން ފޮނުވާފަ.. ޔެސް.. ޔެސް ނުވަ ވަނަ ފްލޯރ. ތޭންކްސް މޭން. ދެން މިވަގުތު ބާއްވަނީ" ރިއާން ފޯނު ކޯލު ކުރުކޮށްލިތާ މާ ގިނައިރެއްނުވެ ޒީވާ ފެންވަރާލައިގެން ނުކުތެވެ. މަޑު ނޫކުލައިގެ އަތްދިގު ކުުރުތާއަކާއި ހުދު ޖިންސެއްގައިހުރި ޒީވާ އަތުގައި އޮތް ތުވާލިން ބޮލުގެ އިސްތަށިގަނޑު ހިއްކަމުންއައިސް ރިއާންގެ ގާތަށް ހުއްޓިލިއެވެ.

"ގުޑް މޯނިންގް" ޒީވާ އެ ދެކޮލުގެ އަޑިކޮޅު ފެންނާނެހެން ރިއާންއަށް ހިނިތުންވެލިއެވެ. އެ ހިނިތުންވުންފެނި ރިއާންގެ ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ.

"މިހާރު ރަނގަޅުހެން ހީވޭތަ؟" ޒީވާގެ ސުވާލަށް ރިއާން ބޯޖަހައިލިއެވެ. އެދެމީހުންގެ ތެރެއިން އެކަކަަށްވެސް ތިބީ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގިފައެވެ. ނަމަވެސް ރިއާންގެ ދެލޮލުން ޒީވާއަށް އެތަށް ހާސް ވާހަކައެއް ކިޔައިދެމުންދިޔައެވެ. އޭނާގެ ތޫނު ނަޒަރުން ހިނދުކޮޅަކަށްވެސް ޒީވާއަކާ ވަތްކެއް ނުވެއެވެ. ހުޅުވައިލެވިފައިވާ ކުޑަދޮރުތަކުން އެތެރެއަށް ފާއްދައިލައިފައިވާ އިރުގެ ދޯދިތަކުގެ ރަންއަލީގައި ޒީވާގެ މޫނުމަތިން ފެންނަމުންދިޔަ ތާޒާކަމުން ރިއާންގެ ހިތުގައި މަޑު މިއުޒިކެއް ކުޅެވެމުން ދިޔައެވެ.

"ނުވައެއް ޖަހަނީ ދޯ.. އިރުކޮޅަކުން ޑޮކްޓަރ އަންނާނެހެން ހީވަ– ހާދަ އަވަހޭ ދޯ.. އެ އައީ ކަންނޭނގެ" ރިއާންގެ ގައި މަތީގައި އޮތް ބެޑްޝީޓް ރީތިކޮށްލަދިން ވަގުތު ދޮރުގައި މީހަކު ޓަކިދިން އަޑު އިވި ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ތުވާލި އިސްތަށިގަނޑުގަައި އޮޅައިލަމުން ގޮސް ދޮރު ހުޅުވައިލިއެވެ.

"ނީމް.." ޒީވާއަށް ހައިރާންކަމާއެކު ބުނެލެވުނެވެ. ނީމްއާއެކު އެތަނުގައި ދެންހުރި ޒުވާނާއަކީ ކާކުކަން ނޭނގުނުކަމަށްވިޔަސް އެއީވެސް ރިއާންގެ ރައްޓެއްސެއް ކަމަށް ބަލައި ޒީވާ އެދެމީހުން އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ.

"މޯޑް" ނީމްއާއެކު ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅައިލި މޯޑަށް ރިއާން ގޮވައިލިއެވެ.

"ހެލޯ ބޮސް. ކޮބާ ކިހިނެއް؟" ނީމް އައިސް ރިއާން އޮށޯވެގެން އޮތް އެނދުގެ ފައިލާކޮޅުގައި ހުއްޓިލަމުން އަހައިލިއެވެ.

"ބެޓަރ.. ޒީވް.. ކޭން ޔޫ؟" އޮށޯވެގެން އޮތުމުން ވާހަކަ ދައްކަން އުނދަގޫވާތީއާއެކު އެނދު ކުޑަކޮށް އުސް ކޮށްލައިދިނުމަށް ރިއާން ޒީވާއަށް އިޝާރާތް ކުރިއެވެ. ޒީވާ އެކަން އެގޮތަށް ކޮށްދިނުމަށްފަހު ރިއާން އޮށޯވެގެން އޮތް ބާލީސް ރަނގަޅު ކޮށްދިނުމަށްޓަކައި ރިއާންއާ ގާތަށް ޖެހިލިއެވެ. އެއީ ޒީވާ މާބޮޑު ވިސްނުމަކާނުލައި ކުރި ކަމެއް ނަމަވެސް ޒީވާގެ މޫނު އެހާ ގާތުން ފެނުމާއެކު ރިއާންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ތެތްކޮށް އޮތް އިސްތަށިގަނޑުގެ ސަބަބުން މޫނަށް ފައިބައިފައިވާ ކުދި ފެންތިކިތަށް ޝަބްނަމުގެ ތިކިތަކެއްފަދައިން ޒީވާގެ ތުންފަތުގައި ބޮސްދެމުންދާ މަންޒަރުފެނި ރިއާންގެ ހިތް އެ ފެންތިކިތަކުގެ މައްޗަށް ހަސަދަވެރިވިއެވެ. އޭނަގެ ހިތް އަވަސްވެ އަރުތެރެ ހިކެންފަށައިފިއެވެ. އެސީގެ ފިނިކަމުގައިވެސް މާހައުލަށް އުދާސްކަން ވެރިވެއްޖެއެވެ. ބޭއިޚްތިޔާރުގައި ރިއާންގެ އަތްތިލަ ޒީވާގެ ތުންފަތުގައި ބީއްސައިލެވުނެވެ. އެވަގުތު ޒީވާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔަ ކަމުގެ އިހުސާސެއް ކުރެވުނެވެ. އަދި ސިހިފައި ރިއާންއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ.

ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ލޮލަށް ގެއްލިފައި ތިބެވުނު އިރު އެވަގުތު ކޮޅު އެދެމީހުންނަށް ހާއްސަކުރެވިފައިވި ކަހަލައެވެ. ވަށައިގެންވާ މާހައުލުވެސް އެދެމީހުނަށްޓަކައި ހިމޭންވެފައިވި ކަހަލައެވެ. ނަމަވެސް އެ ހިމޭންކަން ދިގުލައިގެންދާނެ ފުރުސަތެއް ނުލިބުނެވެ. ކުއްލިއަކަށް ރިއާންގެ ހަށިގަނޑާއި ގުޅައިލެވިފައިވާ ވިންދު ބަލާ މެޝިންގެ އަޑު ގަދަވެ މާހައުލުގެ ހިމޭންކަން ނަގައިލުމާއެކު ދެމީހުންނަށްވެސް ސިހިފައި އެކަކު އެނަކަކާ ދުރަށް ޖެހިލެވުނެވެ.

"ޑޭމް އިޓް" ރިއާންއަށް ދެލޯ މަރައި ތަގުޅިކޮށްލަމުން އަމިއްލަ ނަފްސަށް ބުނެލެވުނެވެ.

"އަމްމް. ޔާ.. އެކްޗުއަލީ.. ވީ ކުޑް އޮލްވޭޒް ކަމް ލޭޓަރ" ނީމް އެތަނުގައި ހުރި މޯޑުގެ އަތުގައި ހިފައި ދަމަމުން ކަހަލަގޮތަކަށް ދޮރާދިމާލަށް ގެންދަން ފެށިއެވެ.

"ޔާ ޖަސްޓް ގިވް އަ ކޯލް ވެން ޔޫ ގައިޒް އަރ ޑަން ވިތް ދަ އަމްމް. ވަޓެވަރ ދެޓް ވޯޒް" މޯޑުވެސް ނީމްގެ ވާހަކައާ އެއްބައިވިއެވެ. އޭރު އެދެމީހުންގެ މޫނުމަތީގައިވެސް ވަނީ ލާނެތް ހިނިތުންވުމެކެވެ. ރިއާން ލޯ ހުޅުވައިލުމަށްފަހު މިހާރު އެ އެނދާއި ތަންކޮޅެއް ދުރުގައި ހުރި ޒީވާއަށް ބަލައިލިއިރު ޒީވާގެ މޫނުވަނީ ވިލާތު ބައްޓެއްހާ ރަތްވެފައެވެ.

"މޯޑް.. ގެޓް ބެކް ހިޔަރ.. އަހަރެން އަދި ދާށެކޭ ނުބުނަމެއްނު" ރިއާންގެ އަޑަށް ދޮރުން ނުކުންނަން އުޅުނު ދެމީހުންގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އަނެއްކާވެސް ހެމުން ހެމުން އައިސް ކޮޓަރީގެ މެދުގައި މަޑުކޮށްލިއެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!