Episode 39
ހިތް އެދޭހާ ކަމެއް.. (39 ވަނަބައި)
ރިއާން މާ އަވަހަށް ޕާޓީ ދޫކޮށްފައި އައީތީ އޭނާ ހޯދަން އައި ރާހިލްއަށް އެމަންޒަރު ފެނުނު ވަގުތު ހައިރާންކަމެއް ލިބުނު ކަމަށްވިޔަސް އޭނާވެސް އަވަސްވެގަތީ ރިއާން ހުއްޓުވުމަށެވެ. އެކަން އޭނާއަކަށްވެސް ކާމިޔާބެއް ނުކުރެވުނެވެ. މާގިނައިރެއްނުވެ އެގޭގެ ދޮރު ކައިރިން ބަޔަކު ސަލާން ގޮވައިލި އަޑު އިވުނެވެ. އެތަނުގައި ތިބީ ދެ ފުލުސް އޮފިސަރުންނެވެ.
އެމީހުންގެ ހައްޔަރުގައި ރިއާން ފުލުސް އޮފީހަށް ގެންދެވުނު އިރު ރިޔާޒް ގެންދެވުނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ރިޔާޒް ހަފްތާއެއްހާ ދުވަސް ވޭތުކުރިއިރު އެ ދުވަސްތައް ރިއާން ހޭދަކުރަމުންދިޔައީ ފުލުހުންގެ ހައްޔަރުގައެވެ. އޭނާ އުއްމީދުކޮށްގެން ހުރީ އެތަނުން ނުކުމެގެން އޭނާ ދެން ދާން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފަހަތައް ކަމުގައެވެ. ނަމަވެސް ކަންވީ އޭނާ ހީކުރިގޮތާ ހިލާފަށެވެ. ރިޔާޒް އައި.ސީ.ޔޫ އިން ދޫކޮށްލެވުނު ދުވަހު ރިއާން ހާޒިރުކުރެވުނީ ތަހުޤީޤު ކުރާ ކޮޓަރިއަށެވެ.
"ރިއާން ރިޔާޒް ލަތީފް" ތަހުގީގާއި ހަވާލުވެހުރި އޮފިސަރު އޭނާގެ ނަން އިއްވައިލި ވަގުތު ރިއާން އިސް އުފުލައިލިއެވެ. އެ އޮފިސަރުގެ ކޮނޑުގައިވާ ރޭންކުތަކުން އެކަނިވެސް އެއީ ފުލުހުންގެ މަތީ މަގާމެއް ފުރަމުން އަންނަ މީހެއްކަން ރިއާންއަށް ޔަގީންކުރެވުނެވެ. އެފަދަ މީހަކު އަމިއްލައަށް އޭނާއާ ބައްދަލުކުރަން އައުމަކީ ހަމަ ޔަގީނުންވެސް އެކަމުގައި ރިޔާޒްގެ އަތެއް ވާނެ ކަމެކެވެ.
"އަހަރެން ރިއާން މިތަނަށް ގެނައީ އެއްވެސް ސުވާލެއް ކުރާކަށް ނޫން.. ރިއާންގެ ހިތުގަ އުފެދިފަ އޮވެދާނެ ބައެއް ސުވާލުތަކަށް އަހަރެން ޖަވާބުދޭނަން" ރިއާންގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑީގައި އިށީންނަމުން އެއޮފިސަރު ބުންޏެވެ.
"ރިއާން ހިތަށް އަރާފާނެ ހަފްތާއެއް ވަންދެން އެއްވެސް ސުވާލެއް ނުވަތަ ތަހުގީގަކާއިނުލައި ރިއާން ބަންދުގަ ބެހެއްޓީ ކީއްވޭބާއޭ. އަދި ހިތަށް އަރާފާނެ އެރޭގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ކިހިނެއްބާއޭވެސް" އެ އޮފިސަރު ދައްކަމުންދިޔަ އެއްވެސް ވާހަކައަކަށް ރިއާންގެ ޝައުގެއް ނެތެވެ. އެވާހަކަ ނިމޭނެ އިރެއްގެ އިންތިޒާރުގައި އިން މީހެއް ފަދައިން އޮފިސަރާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.
"އެނގޭތަ ރިއާން ބަންދުގަ ހުރި ހަފްތާގަ ރިއާންގެ ބައްޕަ ރިޔާޒް އޮތީ ކޮންތަނެއްގަކަން؟ ހޮސްޕިޓަލްގެ އައި.ސީ.ޔޫ ގަ! ރިޔާޒްގެ ވަކީލާއެކު ކުރެވުނު މަޝްވަރާގެ ތެރެއިން ރިޔާޒްގެ ހާލަތު ރަނގަޅުވަންދެން ރިއާން ބަންދުގައި ބެހެއްޓީ.. މާނައަކީ މިއަދު މިއީ ރިޔާޒް އައިސީޔޫ އިން ދޫކޮށްލެވުނު ދުވަހޭ!" އޮފިސަރު އޮޅުން ފިލުވައިދިނެވެ.
"އޯހް. އެހެންވީމަ އަދިވެސް މަރެއް ނުވޭތާ ދޯ؟" ރިއާން ހައިރާންވިއެވެ.
"ރިއާން! އެއީ ރިއާންގެ ބައްޕައެއް ނޫންތަ؟ އެނގޭތަ ރިއާންގެ މައްޗަށް މިކަމުން ކިހާބޮޑު ހުކުމެއް އައިސްދާނެކަން. ގަސްތުގައި މީހަކު މަރާލަން އުޅުން.. އެވެސް މަސްތުގެ ހާލަތުގައިހުރެ.. އެޔަށްވުރެވެސް ބޮޑުކަމަކީ އެރޭގެ ކަންތައްތަކަށް ބަލައި ރިއާންގެ ބޮލުގަ އިތުރު މީހެއްގެ މަރުގެ އިލްޒާމްވެސް އެޅުވިފައިވުން"
އެ އޮފިސަރުގެ ފަހު ޖުމްލައާއެކު ރިއާންގެ ސިކުނޑީގައި ސުވާލުމާކު ޖެހުނެވެ. އޭނާ އެރޭ އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ދީފައެއް ނުވާނެއެވެ. ދެން އެހެންވިއްޔާ އިތުރު ކާކުހެއްޔެވެ؟ ކުއްލިއަކަށް ރިއާންގެ ހަނދާނަށް އައީ އެރޭ އޭނާއަށް ލިބުނު ޒީވާގެ މެސެޖުތަކެވެ. ކިތަންމެ ފަހަރަކު ޒީވާ މަރައިނުލީ ކީއްވެތޯ އެ މެސެޖުތަކުގައި ހުއްޓެވެ. ޒީވާއަކީ އަމިއްލައަށް އެވަރު ކަމެއް ކުރާނެ ކުއްޖެއް ނޫންކަމުގައި އެނގިހުރެވެސް ރިއާންގެ ހިތް ބިރުގަތެވެ. ނިއްކުރިމަތިން ދާތިކިތައް ފާޅުވިއެވެ.
"އިތުރު މީހެކޭ؟ އިތުރު؟ އިތުރު ކާކު؟" ރިއާން އަވަސް އަވަހަށް އަހައިލިއެވެ.
"އެރޭގެ އިރާކޮޅު މާލޭގަ ހަރަކާތްތެރިވާ ދެ ގްރޫޕަކުން ހިންގި މާރާމާރީއެއްގަ މީހަކު ވަނީ މަރާލެވިފަ. މަންޒަރު ދުށްމީހުންގެ ބަޔާނަށް ބަލާއިރު މާރާމާރީ ފެށުނީ ދެ ސައިކަލެއްގައި އައިސް އެކްސިޑެންޓްވި ދެ މީހެއްގެ ދެމެދުގަ. އެތަނުގައި ވެއްޓިފައި އޮތް ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލަކީ ރިއާންގެ ސައިކަލު. ރެޖިސްޓްރޭޝަންވެސް އޮތީ ރިއާންގެ ނަމުގަ. ފުލުހުން އެރޭ ރިއާންގެ ގެއަށް ދާން ޖެހުނީ މާރާމާރީ ހިނގި ކްރައިމް ސީންއިން ރިއާންގެ ސައިކަލު ފެނުނީތީ ރިއާންއާ ސުވާލުކުރަން.. އެކަމަކު ދެން ފެނުނީ އެރޭގެ މާރާމާރީގައި ރިއާންގެ އަތެއް ވާކަން ސާބިތުވާފަދަ އަނިޔާވެރި މަންޒަރެއް" އޮފިސަރު އެރޭގެ ކަން ހިނގައިދިޔަ ގޮތުގެ ކުރު ހުލާސާއެއް ދިނެވެ.
"އެކަމަކު.. އެކަމަކު އަހަރެންނަކަށް ތިބުނާ މަރުވި މީހެއް ނުވެސް އެނގޭ.. އެމީހެއް ގައިގަ ނުވެސް ޖަހަން" ރިއާން ބުންޏެވެ. އެއާއެކު އެ އޮފިސަރު އެތަނުގައި ހުރި ކެމެރާ ނިއްވައިލިއެވެ. އަދި ރިއާންގެ ގާތަށް އައިސް ހުއްޓިލަމުން ގާތްގޮތަކަށް ރިއާންގެ ކޮނޑުގައި އަތް ބާއްވައިލިއެެވެ.
"ރިއާން.. އެރޭގެ ހުރިހާ ހެއްކެއް ހުރީ ރިއާންއާ ދެކޮޅަށް. ގޭގައި ހިނގި ހާދިސާއާ ގުޅިގެން އެތަނުގައި ހުރި ބިދޭސީ އަންހެންމީހާގެ އިތުރުން ދިވެހި ފިރިހެންމީހާގެ ބަހެއް ލިބިފައި ނުވި ނަމަވެސް ރިއާން ހައްޔަރުކޮށްގެން ގެނައި ދެ ފުލުހުންގެ އިތުރުން ޒަރީނާގެ ހެކިބަސް ހުރީ ރިއާންއާ ދެކޮޅަށް.. ރިއާން މަސްތުގެ ހާލަތުގައިހުރެ ރިޔާޒްއަށް ހަމަލާދިންކަން ދޭހަވާފަދަ ގޮތަކަށް. އަދި މި ބުނި ގްރޫޕް މާރާމާރީ ހިނގައިދިޔަ ސަރަހައްދުން ރިއާންއާ ދެކޮޅަށް ވާހަކަދެއްކި މީހުން ބައިވަރު"
ރިއާންއަށް ދަތްކުނޑިވިކައިލެވުނެވެ. ހިނގައިދިޔަ ހުރިހާ ކަމަކަށް ފަހުގައިވެސް ޒަރީނާއަށް އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ކެރުނީތީ ރިއާންގެ ހިތުގައި އެ މަންމައާމެދު އޮތް ކުޑަކުޑަ އިހްތިރާމްވެސް ގެއްލުނެވެ.
"ތި ބުނަން އުޅެނީ ކީކޭ؟" ރިއާން ބުމަ ގޮށްޖަހައިލަމުން އޮފިސަރާ ސުވާލުކުރިއެވެ.
"ބުނަން މި އުޅެނީ.. ރިއާންއަކީ އަދި އެންމެ އަށާރަ އަހަރުގެ ޒުވާނެއް. މި ކަންކަން ރިއާންގެ މައްޗަށް ސާބިތުވެއްޖެނަމަ ރިއާންގެ މުޅި ދިރިއުޅުން ރިއާންއަށް ގެއްލުނީ.. އެކަމަކު ރިއާންއަކީ ވަރަށް ނަސީބުގަދަ ކުއްޖެއް. މިހުރިހާ ކަމަކުން ރިއާންއަށް ސަލާމަތްވެވޭނެ މަގެއް އެބައޮތް" އެ އޮފިސަރު ބުންޏެވެ.
"ދުރު ދުރުން ވާހަކަ ނުދައްކާ ތި ބުނަން އުޅޭ ވާހަކައެއް ސާފުކޮށް ބުނަންވީނު" ރިއާން ރުންކުރު ރާގެއްގައި ބުންޏެވެ.
"ރިޔާޒްހުރީ ރިއާން މިކަމުން ސަލާމަތް ކޮށްދޭ ގޮތަށް.. ވަކިން ހާއްސަކޮށް މާރާމާރީގަ މަރުވި މީހާގެ މައްސަލައިން.. މިބުނީ ކީކޭކަން ރިއާންއަށް ސާފުކޮށްދޭކަށް ނުޖެހޭނެ ކަންނޭނގެ. ބަދަލުގަ ރިއާން ކޮށްދޭންވި ކަމަކީ ރިޔާޒްއާ ބައްދަލުކުރުން.. ދެން ރިއާންއަށް ކަންކުރަންވާ ގޮތް އެނގޭނީ ރިޔާޒްއަށް.. އެހެންވެ ރިޔާޒް އައި.ސީ.ޔޫ އިން ނެރެންދެން ރިއާން ބެހެއްޓީ.. ދެން ރިއާން ދިޔަސް އެންމެ ރަނގަޅު. މި ދޮރުން ބޭރުގައި ރިޔާޒްގެ ވަކީލު ރިއާންއާ ހަވާލުވާން އައިސް ހުންނާނެ"
ރިއާން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާގެ ބައްޕަގެ ރޭވުން ކިހާ މޮޅުހެއްޔެވެ؟ އޭނާގެ ބޮލުގައި އެޅުވިފައި އެވާ ހަގީގަތެއްނެތް ތުހުމަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެޖަލުން ނެރެގެން އޭނާ އެ ގެންގޮސް ލީ އޭނާގެ ބައްޕަގެ ޖަލަށެވެ. އާނއެކެވެ. ވިޔަފާރިވެރިންނަށް ކޮންމެ ކަމެއްވެސް ފެންނާނީ ވިޔަފާރީގެ "ޑީލް" އެއްގެ ސިފައިގައެވެ. އޭނާ އެ ހުށަހެޅުން ގަބޫލުކޮށްފިނަމަ ރިޔާޒްގެ އެ "ހެޔޮކަމަށް" އޭނާ މުޅި އުމުރަށް ދަރަނިވެރިވާނެއެވެ. ނަމަވެސް އެ ހުށަހެޅުން ގަބޫލު ނުކޮށްފިނަމަ ރިޔާޒްގެ ބާރާއި ނުފޫޒުން ރިޔާޒް ބޭނުން މުއްދަތެއް ވަންދެން އޭނާ ޖަލުގައި ބަހައްޓާނެއެވެ. ދެންވެސް އޭނާ މިނިވަންވުމުން ގޮސް އުޅެން ޖެހޭނީ ރިޔާޒްގެ ތައްޕާހުގައެވެ. އޭނާއަކީ މޮޔައެއް ނޫނެވެ. އުމުރުގެ އެންމެ މުހިއްމު ދުވަސްތައް ކުޑަގޮޅީގައި ހޭދަކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އޭނާއަށް އަމިއްލަ ފައިމައްޗަށް ތެދުވެ ރިޔާޒްގެ ބާރު ކަނޑުވައިލެވެންވެސް އޮތީ މިނިވަނެއްގެ ގޮތުގައި ހުރެއެވެ. އެ އަޒުމުގައިހުރެ ރިއާން އޭނާ އިށީނދެ އިން ގޮނޑިން ތެދުވުމަށްފަހު އެތަނުން ނުކުތުމަށްޓަކައި ހިނގައިގަތެވެ. އޭނާގެ މިނިވަންކަމަށްޓަކައި ފުރަތަމަ ފިޔަވަޅު އަޅައިލިއެވެ.
****************
"ޒީ. ތީ ދެން ކޮންކަމެއް؟ މިހާރު ދަންވަރު ދޭއްޖެހީ. މިގަޑީގަ ދިޔައީމާ ކޮންމެ މީހަކަށްވެސް އުނދަގޫވާނެ" ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ނޫން. އަހަރެން ގެއަކަށް ނުދާނަން.. އިވިއްޖެއެއްނު؟ ދޮންބެ އުޅޭ ގެއަކަށް ނުދާނަމޭ ބުނި އަޑު. އައި ހޭވް ހެޑް އިނަފް އޮފް ވަޔަލަންޓް މެން އިން މައި ލައިފް" ޒީވާ ގޮތްދުލެއް ނުކުރިއެވެ. އެވަރލާސްޓް ގޭގެ ބޭރުގައި ކާރު ބާއްވައިގެން އޮތްތާ ދިހަ މިނަޓު ފާއިތުވެ ދިޔައިރުވެސް ޒީވާ ހަމަ އެއްވެސް ވަރަކަށް ކާރުން ފޭބުމުގެ ހިޔާލެއް ނުގެންގުޅުނެވެ.
"ދެން ޒީއަށް އެހެން ހެދީމަ އަހަރެންވީ ރިއާންއާ ސަލާންކޮށް މަރުހަބާކިޔާފަ އަންނަންތަ؟ ވަޓް ޑޫ ޔޫ އެކްސްޕެކްޓް މީ ޓު ޑޫ؟" ރާހިލްއަކަށް ނުވިސްނުނެވެ.
"ވާހަކަދައްކައިގެން ކޮންމެ ކަމެއްވެސް ހައްލު ކުރެވިދާނެއެއްނު. ރިއާންގެވެސް މައްސަލައަކީ އެއީ.. މީހަކާ އަނގައިން ބުނާކަށް ވާހަކައެއް ދައްކައިގެން ކަމެއް ހައްލު ކުރާކަށް ބޭނުމެއްނުވާނެ. ހެޔޮ އަހަރެންނަށް.. އަހަރެން ޝައިމެން ގެއަށް ލާދީ.. މަންމަމެންގެ ސުވާލުތަކާ ކުރިމަތިލާކަށްވެސް އަހަރެން އަދި ތައްޔާރެއް ނޫން" ޒީވާ އެދުނެވެ.
ރާހިލް ބޯ ޖަހައިލުމަށްފަހު ލައިގެން ހުރި ސޯޓުގެ ދެފަރާތުގައިވާ ޖީބުގައި އަތް ޖަހައިލީ ފޯނު ހޯދުމަށެވެ. އެވަގުތު ފޯނު ޗާޖަށް ޖަހައިފައި ޝައިނާމެން ގޭގައި ބޭއްވުނުކަން ހަނދާންވިއެވެ. އެހެންކަމުން އޭނާ ކައިރީގައި އިން ޒީވާ ގާތު ފޯނު ދިނުމަށް އެދުނެވެ. "އެ ކީއްކުރަން؟" ޒީވާ އެއްސެވެ.
"މިހާ ދަންގަޑިއެއްގަ ގުޅާނުލާ ދިޔައިމާ ޝައިނާއަށްވެސް ކިހާ އުނދަގޫވާނެ. ޒީގެ މެނަރޒްވެސް ނެތީތަ؟" ރާހިލް ބުންޏެވެ. ރާހިލްގެ ވާހަކައާ އެއްބަސްވެ ބޯ ޖަހައިލުމަށްފަހު ޒީވާ ޝައިނާއަށް ގުޅައިލިއެވެ.
"ގެނޭ އަހަރެން ވާހަކަދައްކާނަން" ޒީވާގެ ކަންފަތުގައި ފޯނު ޖެހި ވަގުތު ރާހިލް އެ ފޯނު ޖަހައިގަތުމަށްފަހު ކާރުން ނުކުތެވެ. އަދި ޒީވާއަށް އޭނާގެ އަޑު ނީވޭނެކަން ޔަގީންވާހާ ދުރު ހިސާބެއްގައި މަޑުކޮށްލިއެވެ.
"ހާއި ޒީ.. ހާދަ ދަން–"
"ޒީއެއް ނޫނޭ މިއީ އަހަރެން އަޑު އަހާބަ" ޝައިނާ ނިދިއަޑުން ދައްކަމުންދިޔަ ވާހަކަ ރާހިލް މެދުކަނޑައިލިއެވެ.
****************
ރާހިލްގެ ކޯލު ކެނޑުނު އިރު ޝައިނާގެ ލޮލުގައި ނީދީގެ އެއްވެސް އަސަރެއް ނެތެވެ. ޒީވާ އަންނަ ހަބަރު ލިބުމާއެކު އޭނާ އަވަސް އަވަހަށް އަލަމާރި ހުޅުވައިލައި އެތަނުގައި ހުރި ރާހިލްގެ ބައެއް އަންނައުނާއި ރީތިވާ ސާމާނު އަލަމާރި މަތިން ނެގި ފޮއްޓަކަށް އަޅައި ބަންދުކޮށްލިއެވެ. އަދި އެ ފޮށި ކުރިން ހުރި ތަނުގައި ބެހެއްޓުމަށްފަހު ކޮޓަރީގެ އެތަން މިތަނުގައި ހުރި ރާހިލްގެ ގަޑިއާއި އަނގޮޓިއާއި ލެޕްޓޮޕްފަދަ އެއްޗެހި ފޮރުވިއެވެ. މިހާރު އެތަނުގައި ރާހިލް އުޅުނު ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާ އެންމެ ފަހު ކަމަކަށް ކޮޓަރި ތެރެއަށް ސެންޓު ޖަހައިލިއެވެ. އަދި ޗާޖަށް ޖަހައިފައިވާ ރާހިލްގެ ފޯނު ހިފައިގެން ގޮސް ކޮޓަރިން ބޭރަށް ނުކުމެ އެމީހުން އަންނާނެ އިރަކަށް އިންތިޒާރު ކުރަން ފެށިއެވެ. އެ އިންތިޒާރު މާގިނަ ވަގުތަކަށް ދެމިގެނެއް ނުދިޔައެވެ. ގޭގެ ދޮރުގައި ޓަކި ޖަހައިލި އަތް ތިރިނުކުރެވެންދެން އޭނާ ގޮސް އެ ދޮރު ހުޅުވައިލިއެވެ. ޒީވާ ފެނުމާއެކު ހަމްދަރުދީގެ ލޮލަކުން ޒީވާއަށް ބަލައިލުމަށްފަހު ޒީވާގެ ގައިގައި ބައްދައިލިއެވެ.
"ޒި.. އިށީނދެލާބަަ. އަހަރެން އެބަ އަންނަން ފެންތައްޓެއް ހިފައިގެން" ޝައިނާ ޒީވާގެ އަތުގައި ހިފައިގެން ސޯފާއާ ދިމާލަށް ދިޔައެވެ.
"ނިދާލަން ބޭނުމީ.. ވަރަށް ބޮލުގަ ރިއްސާ" ޒީވާ ޝައިނާގެ ރައްދަކަށް ބެލުމެއްނެތި ގޮސް ކޮޓަރިއަށްވަނެވެ. ރާހިލްވެސް ޒީވާގެ ފަހަތުން ގޮސް ކޮޓަރީގައި ފޮށި ބެހެއްޓުމަށްފަހު އައިސް ޝައިނާގާތު ސިޓިންގްރޫމްގައި މަޑުކޮށްލިއެވެ. އޭނާގެ މޫނުމަތިން ފާޅުވާންހުރީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
"ޑޯންޓް ވޮރީ ލަވް.. ޒީ އަދި އޯކޭ ވާނޭ" ޝައިނާ ރާހިލްގެ އަތުގައި ހިފައިލިއެވެ. ރާހިލް ހިނިތުންވެލަމުން ޝައިނާގެ ވާހަކައަށް ބޯ ޖަހައިލިއެވެ. އަދި ޒީވާވެސް ހުރި ރެއަކަށްވުމާއެކު އެތަނުގައި މާގިނައިރު މަޑުކުރުމެއްނެތި އެތަނުން ދިޔައެވެ.
****************
ޖެހިގެންއައި ދުވަހެވެ. ރާހިލްއަށް ނިދިން ހޭލެވުނީ މެންދުރާއި ގާތްވަނިކޮށެވެ. އާފުރެމުން ތެދުވެ މޯޅިއަކަށް ދެމިލުމާއެކު މީހާއަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ސޯފާގައި ނިދުމުގެ ސަބަބުން އޭނާގެ ކަރަށް ތަދެއް އަރައިފައިވެއެވެ.
ރާހިލް ފަހަތައް އެނބުރި އެނދާއި ދިމާލަށް ބަލައިލިއިރު އެތަނުގައި އެލީޝާ ފެންނާކަށް ނެތެވެ. އެކަން މާބޮޑު ކަމަކަށް ނަހަދައި އޭނާވެސް ދުވަހާއިގެން ކުރިއަށް ދިޔައެވެ. އޮފީހަށް ދިޔުމަށްޓަކައި ކުޑަކޮށް ތައްޔާރުވެލައިގެން ތިރިއަށްފޭބިއެވެ.
"ދަރިފުޅާ ކޮންތާކަށް؟ އާދެބަލަ އާދެބަލަ.. މަޑުކޮށްބަލަ" ވާފިޔާގެ އަޑަށް ރާހިލް ދޮރުގެ ތަޅުން އަތް ދޫކޮށްލުމަށްފަހު ގޮނޑިތަކާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭރު ވާފިޔާއާއި އެލީޝާ ސޯފާގައި އިށީނދެލައިގެން ތިއްބެވެ.
"މިއަދު ބަންދު ދުވަހެއްނު؟ ތިންހަތަރު ދުވަސް ލޮލަށް ނުފެނި އައިސް އުޅެފަވެސް އެލީއާއެއްކޮށް ތަނަކަށް ގޮސްލިއްޔާ ވާނީ ކީއްތަ؟ ރާހިލް ހަނދާން ނެތުނީތަ މިގޭގަ ރާހިލްގެ އަންބަކު އިންކަންވެސް؟" ވާފިޔާ ބުންޏެވެ. ރާހިލް ޖަވާބުދިނުމުގެ ގޮތުން އަނގަ ހުޅުވައިލި ނަމަވެސް އެލީޝާ އޭނާއަށްވުރެ ކުރިން އެކަމަށް އިސްވެގަތެވެ.
"ނޫން މަންމާ.. ރަނގަޅުވާނޭ.. ރާހިލްވެސް އޮފީހުގަ މާ ބިޒީވަނީ ކަންނޭނގެ" އެލީޝާ އޭނާ ދިފާއުކުރި ގޮތާމެދު ރާހިލް ހިތްހަމަޖެހުނު ނަމަވެސް ވާފިޔާއާ ވާހަކަ ދެއްކިއިރު ހުރި ގާތްކަމުގެ ސަބަބުން ރާހިލްއަށް އުނދަގޫވިއެވެ.
"އެހެންނޫނަސް ރާހިލްއަށް ޗުއްޓީއެއް ހަމަ ޖެހުނީމަ މި އުޅެނީ މާމަމެންގާތަށް ރަޝިޔާއަށް ގޮސްލަންވެގެން. ދޯ ރާހިލް" އެލީޝާ ރާހިލްއަށް ދޯ ދިނެވެ. ރާހިލް އަވަސް އަވަހަށް ބޯ ޖަހައިލަމުން އެކަމާ އެއްބަސްވިއެވެ.
"ޗިލް މޯމް.. މަންމަ ދެން ހުރިހާ ކަމަކާ ނުބެހިބަލަ.. އަހަރެން އެލީއަށް ގުޅަމޭ.. އެހެންނޫނަސް އެލީ ބުނިހެން އަހަރުމެން މި އުޅެނީ ބޭރަށް ފުރަންވެގެން. މިއަދު މިދަނީ ކޮންމެހެންވެސް ވަރަށް މުހިއްމުކަމެއް އޮތީމަ. ސީ ޔޫ މޯމް" ރާހިލް ވާފިޔާދެއްކި ވާހަކައަށް މާބޮޑު ފަރުވާލެއްނުދީ އެތަނުން ދާން ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތައް މަޑުޖެހިލީ ގޭގެ ދޮރުން ނުކުމެ ނުކުމެ ހުއްޓާ އެލީޝާ އޭނާއަށް ގޮވައިލުމުންނެވެ.
"ރާހިލް.. މަޑުކޮށްބަލަ. މިރޭ ފްރީވާނެތަ؟" އެލީޝާ ދޮރު ކައިރިއަށް ހުއްޓިލަމުން އަހައިލިއެވެ.
"އަދި ފްރީ.. އެއީ ކީއްކުރަން؟" ރާހިލް ޖަވާބުދިނެވެ.
"އަހަރެން ގޮވައިގެން ބޭރަށް ގޮސްލަންވީނު.. އަހަރެންވެސް އަބަދު ގޭގަ އިންނަން ކިހާ ފޫހިވާނެ.. މާލޭގަ އަހަރެން ދަންނަ މާ ގިނަބަޔަކު އުޅެނީކީ ނޫން.. އިއްޔެ އިޝްކޮ ކައިރީގަ ބުނީމަވެސް ނުދިޔަ. ރާހިލްއަށް ނުދެވެންޏާ އޯކޭ ޝައި ނޫނީ ޒީ-"
"އަހަރެން ގޮސްފާނަމޭ.. ކިހާ އިރަކަށްތަ އަންނަންވީ؟" ރާހިލު ރުންކުރު ރާގެއްގައި ބުންޏެވެ. މިދުވަސްކޮޅު ޒީވާއަށްވެސް އަދި ޝައިނާއަށްވެސް އެލީޝާއާއެކު ވަގުތު ހޭދަކުރެވެން ނެތްކަން އޭނާއަށް އެނގުނެވެ.
"ފްރީ ވި އިރަކުން އައިމަ ރަނގަޅުވާނެ.. ރާހިލް.. އެއްޗެކޭ ހީ ނުކުރަންޏާ އަހަރެން ކަމަކު ކިޔަންތަ؟" މިފަހަރު އެލީޝާގެ ވަހަކައަށް ރާހިލް ބުމައަރުވައިލިއެވެ.
"މަންމަ ވަރަށް ޝަކުވާ ކުރޭ ރާހިލް ނާންނާތީ.. އަހަރެން ބޭނުމެއްނޫން އަހަރެމެން ދާން ބޭނުންވާ މިސްރާބާ މިހާ ގާތަށް އާދެވިފަ އޮއްވާ މަންމަމެން އަހަރުމެންނަށް ޝައްކު ކުރާކަށް.. ރާހިލް ތަންކޮޅެއް ގިނައިން މިގޭގަ އުޅެންވީނު. އަހަރެންނަށް ޔަގީން ޝައިއަށްވެސް އަންޑަރސްޓޭންޑް ވާނެކަން"
އެލީޝާގެ ވާހަކައާމެދު ވިސްނާ ފަދައަކުން ރާހިލް ބޯ ޖަހައިލިއެވެ. އޭނާއަށް އެބުނާ ގޮތާ އެއްބަސްވުން ނޫން ގޮތެއްވެސް ނެތެވެ. ޒީވާ ޝައިނާމެންގޭގައި އުޅޭނަމަ އޭނާ ގިނައިން އުޅެންޖެހޭނީ މިގޭގައިކަން ވިސްނުނެވެ. އެހެންކަމުން އޭނާ ހުރިހައި ކަމަކާ އެއްބަސްވުނަށާފަހު އެލީޝާގާތު އެރޭ ތައްޔާރުވެގެން ހުރުމަށް ބުނެފައި ގޮސް ލިފްޓަށް އެރިއެވެ.
***************
ޑިއުޓީ ނިންމައިލުމަށްފަހު ގެއަށް އައި ޝައިނާ އެންމެ ފުރަތަމަވެސް އަވަސްވެގަތީ ޒީވާގެ ހާލަތު ބެލުމަށެވެ. ކޮޓަރިއަށް ވަތްއިރު އެނދުގައި އިށީނދެލައިގެން ފޯނާއި ކުޅެން އިން ޒީވާ ފެނި އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"ޒީ.. މިރޭތަ ޑިއުޓީ؟" ޝައިނާ އަހައިލިއެވެ.
"މިއަދު ނުދަން.. މިހަފްތާ ދުވާލޭ ޑިއުޓީ އޮންނަނީ.. ހިނގާބަލަ.. ހުންނާނެ ކޭކް އަޅާފަ.. ހެދިކާ ގަނެގެން ސައިބޯން އުޅެމާ.. އިޝްކޮއަށްވެސް ގުޅައިފިން" ޒީވާ އެނދުން ތެދުވެ ޝައިނާގެ އަތުގައި ހިފައި ކޮޓަރިން ބޭރަށް ނެރެމުން ބުންޏެވެ. ޝައިނާހުރީ ހައިރާންވެފައެވެ. ޒީވާގެ މޫނުމަތިން ރޭގައި ފެނުނު މާޔޫސްކަމުގެ އެއްވެސް ކުލަވަރެއް މިހާރަކު ނެތެވެ.
"އޮފީސް ކިހިނެއްތަ؟ މަޖާކަމެއް ނުވޭތަ މިއަދު؟" ޒީވާގެ ވާހަކައިގެ މިސްރާބު ހުރިގޮތުން ޝައިނާއަށް ވެގެން އުޅޭގޮތް ރޭކައިލިއެވެ. ޒީވާ ބޭނުންވެގެން އެ އުޅެނީ ރިއާންގެ ހަބަރެއް ހޯދާށެވެ.
"ތިހެން ނުސީދާކޮށް އަހައިގެން އަހަރެން އޭނަގެ ވާހަކަ ދައްކާނެހެން ހީވަންޏާ ތިއީ ޒީއަށް ކުރެވޭ ކުށްހީއެއް. ހަމަ ތެދެއް މިބުނީ.. ހާދަ ފޫހިވެއްޖެއޭ އޭނަދެކެ. ކައިވެންޏަށް ހަތަރުމަސް ވެގެންދިޔައިރު އޭނާއަށް ޒީ އުފަލުގަ ނުގެންގުޅެވުނު އިރު ޒީއަށް ދޭން އިނގުނު ހަދިޔާއަކީ އެ އަނިޔާވެރިކަންތަ؟ އަހަރެން ހިއެއްވެސް ނުކުރަން ރިއާން އެހެންވާނެކަމަކަށް" ޝައިނާ ތަށިތައް ދޮވެގެން އައިސް މޭޒު މަތީގައި ބެހެއްޓުމަށްފަހު ސައިހަދަން ފެށިއެވެ.
"އަސްލު ރިއާން ތި ހީކުރާހާ ގޯހެއް ނޫނޭ.. ކައިރީގަ އުޅެލީމަ އެނގޭނީ.. ހީ އިޒް ރިއަލީ ނައިސް. އެންޑް ފަން" ޒީވާ ތުންބިންދައިލައިގެން އިނދެ ބުންޏެވެ.
"ރިއާން؟ ފަން؟ ނައިސް؟" ޝައިނާ ރާގެއް އަޅުވައިލައިފައި ބުންޏެވެ.
"އަސްލުވެސްއޭ! ޝައި ކައިރި ބުނީމެއްނު. އަހަރުމެން އެއްކޮށް ފިލްމްވެސް–"
"ޝިމާން.." ޒީވާގެ ވާހަކައަށް ހުރަސްއެޅުނީ ޝައިނާ އެވަގުތު ކޮޓަރިން ނުކުތް ޝިމާންއަށް ގޮވައިލުމުންނެވެ.
"ކޮންތާކަށް؟" ޝައިނާ އަހައިލިއެވެ.
"އެބަ އަންނަން ތިރީ ފިހާރައަށް ވަދެލާފަ" ޝިމާން ބުންޏެވެ.
"ހްމްމް އަވަހަށް އަންނައްޗޭ ސައިބޯން.. އިޝީވެސް އަންނާނެ މިހާރު" ޝައިނާ ބުންޏެވެ. އެހެން ބުނުމާއެކު ޝިމާންގެ ހިޔާލު ބަދަލުވި ކަހަލައެވެ. އިރުކޮޅަކަށް އޭނާގެ ހަރަކާތްތައް މަޑުޖެހިލިއެވެ.
"މި ހަނދާންވީ އަދި. ތަނަކަށް ދާންވެފަ އެބައޮތް.. ލަހުން އާދެވޭނީ.. އިޝީ ކައިރީގަބުނޭ އަހަރެން ނޫޅެޔޭ އެނގޭ" ޝިމާން ގޭގެ ދޮރުފަތް ލައްޕައިލުމުގެ ކުރިން ބުންޏެވެ. ޝައިނާއާއި ޒީވާއަށް ހައިރާންވެފައި އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. އިޝްވާ އަންނަ ވާހަކަ ބުނުމުން ޝިމާންއަށް އައި ބަދަލު އެދެމީހުނަށް ވަރަށް ރަނގަޅަށް ފެނުނެވެ. އޭނާއަކީ ކުރިން އިޝްވާ އަންނަ ނަމަ ބާކީ ހުންނަ ކަންކަން ފަސްކޮށްލުމަށް ފަހުގައިވެސް އިޝްވާއަށް ވަގުތު ދޭ މީހެކެވެ.
"ޝިމާންއަށް ކިހިނެއްވީ؟" ޒީވާ ހައިރާންވެފައި އަހައިލިއެވެ.
"ނޭނގެ. މައްސަލައެއް ޖެހުނީ ކަންނޭނގެ ދޯ" ޝައިނާ އެކަން މާބޮޑު ކަމަކަށް ނެހެދިއެވެ.
***************
ސައިޑް ކަބަޑު މަތީގައި އޮތް ފޯނުން ފަތިހުގެ އެލަރމްވާން ފެށިއިރުވެސް ރިއާން އޮތީ ހޭލައެވެ. އެލަރމް ކަނޑައިލުމަށްފަހު ތެދުވެ ވުޟޫކޮށް ނަމާދުކޮށްލައިގެން އޮފީހަށް ދާން ތައްޔާރުވިއެވެ. ކަޅުކުލައިގެ ގަމީހާއި ފަޓުލޫނު ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު އަލަމާރިން ނެގި އަޅި ކުލައިގެ ބްލޭޒަރ ހިފައިގެން އެޕަރޓްމެންޓުން ނުކުތެވެ. އޭނާގެ ހަރަކާތްތަކުގައި އެއްވެސް ދިރުމެއްނެތެވެ. ޗާބީ ދީފައިވާ ބުދެކޭ އޭނާއެކޭ ތަފާތެއް ނެތެވެ. ޒީވާ އެގެއިން ދިޔަ ރޭގެ ފަހުން މިހާރު ތިންދުވަސް ފާއިތުވެގެންދިޔައިރު އޭނާވަނީ އޭނާގެ އާދައިގެ ދިރިއުޅުމަށް ރުޖޫއަވެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް އަދި އެކަމުގައި އޭނާއަކަށް ކުރިހޯދޭ ގޮތެއް ނުވެއެވެ. ޒީވާ ނެތުމުގެ ސަބަބުން އޭނާގެ ދިރިއުޅުން މިވަރަށް ބަދަލުވެދާނެކަމަށް މީގެ ކުރިން އޭނާއަށް އަންދާޒާވެސް ކޮށްލެވިފައެއް ނުވެއެވެ.
އެކި ހިޔާލުތަކަށް ގެއްލިފައި އިނދެ އިމާރާތުގެ ތިރީގައީވާ ޕާކިންގް އޭރިޔާއިން ކާރު ނެރުނު ވަގުތު ކުއްލިއަކަށް އެކާރުގެ ކުރިމައްޗަށް އެރި އަންހެންކުއްޖާ ފެނި ރިއާންއަށް ސިހުމެއް ލިބުނެވެ. ނަސީބު ކަންދިމާކުރިގޮތުން ކާރު އެކުއްޖާގެ ގައިގައި ނުޖެހެންދެން އޭނާއަށް ކާރު ހުއްޓައިލެވުނެވެ. ރިއާން އަވަސްއަވަހާ އެކުއްޖާގެ ހާލު ބަލައިލުމަށްޓަކައި ކާރުން ފޭބިއެވެ. ފެންނަފެނުމަށް އެއީ ސަތާރަ-އަށާރަ އަހަރުގެ ޒުވާން އަންހެންކުއްޖެކެވެ. އެކުއްޖާގެ ތެމިފައިވާ އިސްތަށިގަނޑާއި ހެދުމުގެ ސަބަބުން މޫދުން ފައިބައިގެން އައި ކުއްޖެއްކަން ޔަގީންކުރެވުނެވެ. އެވަގުތު އެތަނަށް ހަމަ އެ އުމުރުގެ ފިރިހެންކުއްޖަކު ދުވަމުން އައިސް ހުއްޓުނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާންހުއްޓެވެ.
"ބޭބް. ބުނީމެއްނު ނުދުވާށޭ. ނަސީބެއްނު ކާރުގަ ނުޖެހުނުކަން. އަން.. މި ފައިވާނަށް އަރާ. ފަޔަށް އެއްޗެއް ހެރިދާނެ" އެ ފިރިހެންކުއްޖާ އަރައިގެންހުރި ފައިވާން ބާލައި އެ އަންހެންކުއްޖާއަށް ދިނެވެ. އެކުއްޖާގެ އަތުގައި ކުރިން އަންހެންކުއްޖާ އަރައިގެން އުޅުނު ފައިވާން އޮތެވެ. އެ ފައިވާނުގެ ވަދު އޮތީ ކެނޑިފައެވެ.
"ބަލާލައިގެން އުޅެއްޗޭ.. މިތަނުން ވަރަށް ކާރު ވަދެ ނުކުމެ ހަދާނެ" ރިއާން އަލުން އަނބުރައި ކާރަށް އަރަމުން ބުންޏެވެ.
"ތޭންކްސް މޭން… ނައިސް ކަރ ބައިދަވޭ" އެ ފިރިހެންކުއްޖާ ކުއްޖާ ރިއާންއަށް ގޮވައިލުމަށްފަހު އަތުގެ ދެއިނގިލި ނިއްކުރީގައި ޖައްސައިލައި ސެލިއުޓެއް ދިނެވެ. ރިއާންވެސް ބަދަލުގައި ހަމަ އެފަދަ ސެލިއުޓެއް އެކުއްޖާއަށް ދިނުމަށްފަހު ކާރު ދުއްވައިލިއެވެ. ނަމަވެސް ފެނުނު މަންޒަރުގެ ސަބަބުން އޭނާއަށް އުނދަގޫ ވަމުންދިޔައެވެ. ޒީވާއާއެކު ބީޗަށްދިޔަ ދުވަހުގެ ހަނދާންތައް އާވެ ސިކުނޑިއަށް ބާރުވާންފެށިއެވެ. ހަގީގަތަކީ ޒީވާ އެގެއިން ދިޔައީއްސުރެން ކޮންމެ ދުވަހަކު އޭނާގެ ދުވަސް ފެށެނީ އަދި ނިމެނީ ޒީވާގެ ހަނދާނާއެކުގައެވެ. އެހެނެއްކަމަކު ޒީވާއަށް ގުޅައި ވާހަކަދައްކައިލުމުގެ ހިތްވަރެއް ވެސް އޭނާގެ ނެތެވެ.
ރިއާން އޭނާގެ ފޯނު ނަގައި ރާހިލްއަށް ގުޅައިލީ އެ ކޯލަށް ޖަވާބު ދޭނެ ކަމުގެ އެއްވެސް އުއްމީދެއް އޮވެގެނެއް ނޫނެވެ. އެހެނަސް ހީކުރިގޮތާ ހިލާފަށް ދެ ފަހަރަކު ރިންގުވި ތަނާހެން ރާހިލް ފޯނު ނަގައިފިއެވެ.
"ދަ ހެލް ޔޫ ވޯންޓް؟" ރާހިލް އޭނާ އާދައިގެ މަތިން ގެންގުޅޭ އިނގިރޭސިންގެ ރާގުގައި އަހައިލިއެވެ.
"އައި ވޯންޓް މައި ޑޭމްންޑް ކާރ ކީޒް ރާހިލް" ރިއާންވެސް ހިތްހަމަ ނުޖެހިފައި ބުންޏެވެ.
"މިނޫނަސް އެހެން ކާރުވެސް އެބަ ހުއްޓެއްނު" ރާހިލް ހުރީ އެވަރު ކުޑަ ކަމެއްގައިވެސް ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
"ރާހިލް ހީކުރީ މާލޭގަ ކޮންމެ ދުވަހަކު މި ސްޕޯރޓްސް އެއްޗެހި ދުއްވަން މާ ފަސޭހަ ކަމަށްތަ؟ މިއަދުވެސް ކުއްޖެއްގެ ފުރާނަ ނުދިޔައީ ކިރިޔާ. ކޮންތާކު ތިހިރީ؟" ރިއާން އެއްސެވެ.
"ގޭގަ"
"އޯކޭ އެބަ ދަން" ރާހިލްގެ ފަރާތުން ލިބޭނެ ރައްދަކަށް ބެލުމެއްނެތި އޭނާ ފޯނު ކަނޑައިލިއެވެ. އެމީހުން ދިމާވާނޭ އިތުރު އެހެން ތަނެއް ނިންމުމުގެ ފުރުސަތު ރާހިލްއަށް ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެގެއަށް ގޮސްފިނަމަ ޒީވާއާވެސް ބައްދަލުވުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާއަށް ވިސްނުނެވެ. އެހެނަސް ކަންތައްވީ އޭނާ ހީކުރި ގޮތާ މުޅިން ހިލާފަށެވެ.
"ރިއާން.. ދަރިފުޅު އެކަނިތަ؟ ޒީވާ ނާދޭތަ؟" ގެއަށް ވަނުމުން ވާފިޔާގެ ފަރާތުން އިވުނު ސުވާލާއެކު ރިއާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭރު ކާމޭޒު ދޮށުގައި ސައިބޯން އިން ރާހިލް އޭނާއަށް ލޯ އަޅައިލުމަށްފަހު ބޯ ހޫރައިލި ގޮތުން ވާފިޔާއަށް އެއްވެސް ކަމެއް ނޭނގޭކަން ރިއާންއަށް ވިސްނުނެވެ.
"މީ.. އަނެއް.. ޒީ–"
"ތަޅުދަނޑި ބަލާ ދޯ.. ހިނގާ.. އެބަ އަންނަން ހިފައިގެން" ވާފިޔާގެ ސުވާލުތަކުން ސަލާމަތްކޮށްދިނުމުގެ ނިޔަތުގައި ރާހިލް ރިއާން ގޮވައިގެން ކާގެއިން ނުކުމެ ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ.
"ރާހިލް..ރާހިލް.." ރިއާން ވައި އަޑުން ދެފަހަރަކު ރާހިލްއަށް ގޮވައިލިއެވެ.
"ކޮބާ ޒީވާ؟" ރިއާން އަހައިލިއެވެ.
"ޒީވާ ވީ ތަނެއް ރިއާން ބަލާކަށް ނުޖެހޭނެ" ރާހިލް ކޮޓަރިން ނުކުމެ ކާރުގެ ތަޅުދަނޑި ރިއާންއާ ދިމާލަށް އެއްލަމުން ބުންޏެވެ.
"މޭން ޑޯންޓް ޔޫ ގެޓް އިޓް؟ ހުރިހާ ކަމެއް ކޯޓުން ހައްލުކުރަން އުޅޭއިރު ފުރަތަމަ ޒީވާ ބޭނުން ގޮތެއްވެސް ބަލަން ޖެހޭނެއްނު؟ އެހެންނޫނަސް މިއީ އަހަރެންނާ ޒީވާއާ ދެމީހުންގެ ކަމެއް.. އަހަރުމެން ވާހަކަދައްކައިގެން މިކަން ހައްލު ކުރުމުގެ ފުރުސަތު ދޭންޖެހޭނެ" ރިއާން ސިޑިން ފައިބަމުން ދިޔަ ރާހިލްގެ ކޮނޑުގައި ހިފެހެއްޓިއެވެ. ރާހިލް އެއަތް ފޮޅުވައިލުމަށްފަހު ސިޑީގެ ދެތިން ހަރުފަތް ތިރިއަށް ފޭބިއެވެ.
"ރިއާންއަށް އޮތް އެއްވެސް ފުރުސަތެއް އަދި އަހަރެން ގެއްލުވައެއް ނުލަން.. އެކަމަކު އެކަން ބަދަލުވާނެ ދުވަސް ވަރަށް ކައިރިވެއްޖެ. އޭގެ ކުރިން ތި ފިނޑިކަން ކަނޑުވާފަ ރިއާން ބޭނުން ގޮތަކަށް ކަންކުރޭ. އެއްގޮތަކީ އަމިއްލައަށް ފެނިގެން ޒީވާ ވަރިކުރުން އަނެއްގޮތަކީ ކޯޓަށް ގޮސްގެން މިކަން ނިންމުން. އޭރަށް އިވޭ ވާހަކަތައް މާ ރީއްޗެއް ނުވާނެ. އެހެންވީމަ ރިއާންގެ ރެޕިއުޓޭޝަނަށް ވިސްނާލާފަ އަހަރެން މިދެނީ ރިއާން އަމިއްލައަށް މިކަން ކުރުމުގެ ފުރުސަތެއް"
ރާހިލް އެތަނުން ދަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ރިއާން ހާސްވެފައިހުރެ ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފަައިބައިގެން ގޮސް އެތަނުން ނުކުތެވެ.
****************
"އެއީ މިއަހަރަށް ނިންމަން ކަނޑައަޅާފަހުރި މައިގަނޑު މަސައްކަތްތަކަކީ.. އެކަމަކު މި ވިސްނަނީ ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށްފަހު ކޮންމެ ދެތިންމަހުން މި ލަނޑުދަނޑިތަކަށް ބަދަލުގެންނަން.. އެއްވެސް ބޭފުޅެއްގެ ފަރާތުން އިތުރު ސުވާލެއް އެބަ އޮތްތޯ؟" އެގްޒެކެޓިވް ހޯލުގައި އަޅުވައިފައި އޮތް ޕެރެޒެންޓޭޝަން ނިމުނު ވަގުތު އެތަނުގައި ތިބި އެންމެންގެ ހޫނު އަތްތިލަބަޑީގެ އަޑު އިވުނެވެ. އެއާއެކު ޕްރެޒެންޓޭޝަން ދިން ކުއްޖާގެ މޫނުމަތިން ހިތްހަމަޖެހުމެއް ފެނިގެންދިޔައެވެ. އެ ހިނިތުންވުން ފަނޑުވެގެންދިޔައީ މޭޒުގެ އެންމެ ކޮޅުގައި އިން ރިއާންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުންނެވެ.
"ސަރ؟" އެކުއްޖާ ޖެހިލުންވެފައި ރިއާންއަށް ގޮވައިލިއެވެ. ނަމަވެސް ރިއާންގެ ސަމާލުކަން ދެވިފައިވަނީ އެއްއަތުގައި އޮތް ފޯނަށެވެ. އެފޯނުން ފެންނަމުންދިޔަ ޒީވާގެ ފޮޓޮއާ ދިމާލުން އިނގިލި ހިންގަމުންދިޔައިރު ކިތަންމެ ފަހަރަކު ޒީވާއަށް ގުޅާނީތޯ ނޫންތޯ އޭނާގެ ހިތުގައި ސުވާލި އުފައްދަމުން ދިޔައެވެ.
"ސަރ.. ރިއާން ސަރ" މިފަހަރު ރިއާންގެ ސަމާލުކަން އެކުއްޖާއަށް ހޯދުނެވެ. "ސަރ އިތުރު ކޮށްލަން ބޭނުންވާ އެއްޗެއް އެބަ އޮތްތޯ؟" އެކުއްޖާ އަހައިލިއެވެ. ރިއާން ކަރުކެހިލަމުން ގޮނޑީގައި ހަމަޖެހިލިއެވެ.
"ނޫން. ރަނގަޅުކަމަށް ފާހަގަ ކުރެވުނީ.. އިތުރު ކަމެއް ނެތިއްޔާ މިއަދަށް ނިންމާލެވިދާނެ.. ޑިސްމިސްޑް" ރިއާން ބޭނުންވީ ވީހާވެސް އަވަހަށް އެންމެން އެތަނުން ފޮނުވައިލުމަށެވެ.
ފަހަރަކު މީހެއް ނުކުމެ އެތަން ހުސްވާން ފެށިއެވެ. ޝައިނާވެސް ރިއާންއަށް ކަޅި އަޅައިލުމަށްފަހު އެތަނުން ނުކުތެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާއަށް ސަލާމަތްލިބޭނެ އެންމެ ތަނެއްވެސް ނެތެވެ. ބޭރަށް ނުކުމެއްޖެއްޔާ ރާހިލްއެވެ. އޮފީހުގަވިއްޔާ ރާހިލްގެ އަންހެނުންނެވެ. އެދެމީހުންގެ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު އެމީހެއްގެ ދެލޮލުން ރިއާން ރޮލާ ކައިލަން އުޅޭކަހަލައެވެ. މިކަމަށް ކޮންމެވެސް ހައްލެއް ގެންނަން ޖެހޭނެ ކަމުގައި ވިސްނި އޭނާ ޒީވާއަށް ފޯނު ކުރިއެވެ. އުއްމީދުކުރި ފަދައިން ޒީވާ އޭނާގެ ފޯނަށް ޖަވާބެއް ނުދިނެވެ. ނަމަވެސް މިފަހަރު އޭނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ޒީވާ ފޯނު ނަގަންދެން ފޯނު ކުރުމަށް ހިތުލައިގެންނެވެ. ވިއްސަކަށް ފަހަރު އޭނާ ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. ޒީވާ ޖަވާބުދިނީ އެދުވަހުގެ އިރުއޮއްސުނުފަހުން އޭނާކުރި އެކާވީސްވަނަ ކޯލަށެވެ.
"ހަލޯ" ޒީވާގެ އަޑު ކަންފަތުގައި ޖެހުމާއެކު ރިއާންގެ ދުލުގައި ތަޅުއެޅުވުނު ކަހަލައެވެ. ހިތަށް އާދަޔާހިލާފު ހަމަޖެހުމެއް ލިބުނު ނަމަވެސް ދައްކަންވީ ވާހަކައެއް އަދި ވާހަކަ ފަށަންވީ ހިސާބެއް ނޭނގުނެވެ.
"ޒީވް.." ރިއާން އިށީނދެ އިން ގޮނޑިން ތެދުވެގެން އައިސް ކެބިންގެ ބިއްލޫރި ފާރުކައިރިއަށް ހުއްޓުނެވެ.
"ރިއާން.." ޒީވާވެސް ރިއާން ގޮވައިލި ރާގުގައި ބުންޏެވެ.
"ރިއާން ރަނގަޅުތަ؟" ޒީވާ ސުވާލުކުރިއެވެ. ރިއާންއަށް ހީވީ ޚުދު އޭނާގެ އަމިއްލަ ނަފްސުވެސް އޭނާއާ އެސުވާލު ކޮށްލިހެނެވެ. އޭނާ ރަނގަޅުހެއްޔެވެ؟ އެ ސުވާލަށް އާނއެކޭ ބުނެފިނަމަ އޭނާވާނީ ދޮގުވެރިޔަކަށެވެ. ޒީވާ ދިޔަފަހުން އޭނާގެ ހާލަތުދަނީ ގޯހުން ގޯހަށެވެ. މީހާ ނިދިން މަހުރޫމްވެ ގަދަކަމުން ކައިގެން ބޮއިގެން އުޅެންޖެހިފައިވާ ހިސާބަށް ކަންތައްތައް ގޮސްފައިވާއިރު މަސައްކަތްތައް ފުނިޖެހި ސިކުނޑީގެ ހިޔާލުތައްވެސް ވަނީ ބޮއްސުންލައިފައެވެ.
"އަހަރެން.. އަހަރެންގެ ވާހަކަ ބާއްވާ.. ޒީ ކިހިނެއް؟" ރިއާން އަހައިލިއެވެ.
"ރަނގަޅު" ޒީވާގެ ޖަވާބު ކުރެވެ. "ދޮންބެ.. ދޮންބެ ބޭނުންވަނީ ކޯޓަށްދާން" ޒީވާ ހީކުރީ ރިއާންއަށް އެ މައުލޫމާތު ނޭނގޭ ކަމަށެވެ.
"ޒީވް ބޭނުންވަނީ ކޮން ގޮތެއް؟" ރިއާންއަށް މުހިއްމީ ޒީވާގެ ހިޔާލެވެ. ޒީވާ ދޭނެ ޖަވާބަކާމެދު ކެތްމަދުވެ އޭނާގެ ހިތް ބާރުބާރަށް ތެެޅެމުންދިޔައެވެ.
"ޝައިވެސް ހުރީ ދޮންބެގެ ސައިޑްއަށް. ބުނީ ދޮންބެ އެ ބުނީ ރަނގަޅަށޯ." ޒީވާ ބުންޏެވެ.
"ޒީވް.. މިއީ ރާހިލްގެ ނޫނީ ޝައިނާގެ ދިރިއުޅުމެއް ނޫން. އެމީހުންނަކަށް ޒީވްގެ މައްޗަކަށް ބަހެއް ނުކިޔޭނެ.. މުހިއްމީ ޒީވްގެ ނިންމުން.. ޒީވް ބޭނުންވާ ގޮތް.. މިއީ ޒީވްގެ ދިރިއުޅުމެއްނު؟ ޒީވް ބޭނުންވަނީ ކޮން ގޮތެއް؟" ރިއާން މަސައްކަތްކުރީ ޒީވާއަށް ވިސްނައިދޭށެވެ.
"ރިއާން.. މިއީ ދިރިއުޅުމެއްތަ؟" ޒީވާގެ ކުރެހިފައިވާ އަޑު އިވުނު ވަގުތު ރިއާންއަށް ހިންދިރުވައިލެވުނެވެ. "އަހަރެންވީ އަނެއްކާވެސް ރިއާންގެ ގެއަށް މެހެމާނެއްގޮތަށް ދާންތަ؟" މިފަހަރު ރިއާންގެ ކަންފަތުގައި ޖެހުނީ ޒީވާގެ ގިސްލުމުގެ އަޑެވެ.
"ޒީވް ޕްލީޒް.. ޕްލީޒް ޑޯންޓް ކްރައި.. އަހަރެން.. އަހަރެން ޒީވް ބޭނުން ގޮތަކަށް ކަންތައް ކޮށްދޭނަން. ޒީވް ބޭނުންވަނީ ކޮން ގޮތެއް؟" ރިއާން ތިންވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކޮށްލިއެވެ.
"ނޭނގެ." ޒީވާ ބުންޏެވެ.
"ޒީވް.. ގޮތެއް ނިންމުމުގެ ކުރިން އަހަރެންނަށް.. އަހަރެންނަށް އެއްފަހަރުވިޔަސް ފެނިލެވިދާނެތަ؟" ތެޅި ތެޅިއޮތް ހިތަކާއެކު ރިއާން އަހައިލިއެވެ. އޭނާ ބޭނުންވަނީ އޭނާގެ ދެލޮލުން ޒީވާގެ ހާލަތު ދެކިލުމަށެވެ. އޭރަށް އެ ހިތަށް ތަސައްލީއެއް ލިބިދާނެ ކަމުގައި އޭނާއަށް ވިސްނުނެވެ. ނަސީބު ކަންދިމާކުރިގޮތުން ޒީވާ ނުހަނު ފަސޭހައިން އެކަމާ އެއްބަސްވިއެވެ.
"އޯކޭ.. އެހެންވީމަ މާދަމާރޭ ޑިއުޓީ ނިމޭގަޑިއަަށް އަހަރެން ބަލާދާނަން އެނގޭ.. ޕްލީޒް ވެއިޓް ފޯރ މީ" ރިއާން އެދުނެވެ.
"އޯކޭ.. ގުޑް ނައިޓް ރިއާން"
"ގުޑް ނައިޓް" ޒީވާއާ ބައްދަލުވާނެ އިރަކަށް ވަގުތުތައް ގުނަމުން ރިއާން އެ ކޯލު ކުރުކޮށްލިއެވެ.
****************
އެއްބަސްވެވިފައިވާ ގޮތުގެ މަތިން ޒީވާއާ ބައްދަލު ކުރުމަށްޓަކައި ރިއާން ޖެހިގެން އައި ރެއަށް ތައްޔާރީތައް ވާންފެށިއެވެ. ޒީވާއަކީ އޭނާއަށް ޚާއްސަ ކުއްޖެއްކަން އޭނާއަށް އިހުސާސްވާންފެށީ އިއްޔެއަކު ނުވަތަ މިއަދަކު ނޫނެވެ. އެކަން ފެށުނީއްސުރެންވެސް އޮތީ އެގޮތަށެވެ. އެ ގާތްކަމަށް އޭނާ އަބަދުވެސް އިންކާރު ކުރަމުންދިޔައީ ޒީވާއަށް ދެވިދާނެ ދެރައަކަށް ވިސްނުމަށް ފަހުގައެވެ. އޭނާފަދަ ހަޔާތުގައި ބޮޑު ލަކުނެއް ޖެހިފައިވާ މީހަކަށް ޒީވާފަދަ ކުއްޖެއް ލިބުން ހައްގު ނޫންކަމުގައި އޭނާއަށް ގަބޫލުކުރެއެވެ. އޭނާ އަބަދުވެސް ބުނާ ފަދައިން ޒީވާއަށް އޭނާއަށްވުރެން މާ ރަނގަޅުމީހުން ވާނެއެވެ. އެހެނަސް ޒީވާއަކީ އޭނާގެ މީހަކަށް ނުވިޔަސް އެހެން މީހެއްގެ އަތްމައްޗަށް ޒީވާ ބީވެދާނެ ކަމުގެ ހިޔާލަކީ އެއްވެސް އިރެއްގައި އޭނާއަށް މާ ކަމުދާ ހިޔާލެއް ނޫނެވެ. އެހެންކަމަށްވާނަމަ ދެން އޮތް ގޮތަކީ ޒީވާއަށް އެކަށޭނެ މީހަކަށްވުމަށްޓަކައި މަސައްކަތް ކުރުމެވެ. އެމަސައްކަތް ކުރުމަށްޓަކައި އޭނާ ބޭނުންވާ އެންމެ ބޮޑު ހިތްވަރަކީ ޒީވާ އޭނާގެ ގާތުގައި ހުރުމެވެ. ގޮތް ނިންމާނީ ޒީވާކަން އޭނާއަށް އެނގެއެވެ. ނަމަވެސް ޒީވާގާތު މާފަށް އެދި އޭނާއަށް އެ ފުރުސަތު ދޭން ބުނުމަކީ އޭނާގެ އަތްމަތީގައި އޮތް ކަމެކެވެ. ޒީވާއަކީ ހިތްތިރި މިޒާޖެއްގެ ކުއްޖަކަށް ވުމާއެކު އެފުރުސަތު އޭނާއަށް ލިބިދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ރިއާންއަށް އޮތެވެ.
"ސަރ… މާބޮނޑި ލިބިއްޖެ" ކެބިންގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ބޯ ދިއްކޮށްލި ނީމްގެ އަޑަށް ރިއާން އިސް އުފުލައިލިއެވެ.
"އެތެރެއަށް ގެނޭ" ރިއާން އައިސް އެތަނުގައި ހުރި ބިލިއާޑް މޭޒުގެ ކައިރިއަށް ހުއްޓުނެވެ. ނީމް އޭނާ ގެނައި ލެވެންޑަރ މަލާއި ހުދު ޓިޔުލިޕް މަލުގެ ގުލްދަސްތާ އަދި ދަނބުކުލައިން ބަންދުކުރެވިފައިވާ ހަދިޔާއެއް ރިއާންގެ ކުރިމަތީގައި ބެހެއްޓިއެެވެ.
"މި ކޯއްޗެެއް؟" ރިއާން އެ ހަދިޔާއަށް އިޝާރާތްކޮށް އަހައިލިއެވެ.
"ޝައި ބުނީ ޒީ ވަރަށް ފޮތްކިޔަން ފޯރި ހުންނާނެޔޯ.. އެހެންވެ ޝައި ގާތު އަހައިގެން ޒީ ބޭނުންވާ ބައެއް ފޮތްތައްވެސް ހޯދާލާފަ ގިފްޓެއް ހަދާލީ" ނީމްގެ ވާހަކައިން ރިއާންއަށް ހާސްކަން ލިބުނެވެ.
"ޝައި؟ ޝައިނާއަށް އެނގޭނެތަ؟" ރިއާން އަހައިލިއެވެ.
"ނޫނޭ.. އަހަރެން ވަރަށް ނުސީދާކޮށް އަހާލީ.. ސަރ.. ދެން އިތުރު ކަމެއް ނެތިއްޔާ ގޮސްލީ އިނގޭ.." ނީމް ގަޑިއަށް ބަލައިލަމުން ބުންޏެވެ. އޭރު ރޭގަނޑު ނުވައެއް ޖަހައިފިއެވެ.
"ޔެސް އޯކޭ.. ތޭންކްސް އިނގޭ ނީމް.. ޔޫ އަރ ދަ ބެސްޓް" ރިއާން ޝުކުރުވެރިކަމާއެކު ނީމްއަށް ބަަލައިލިއެވެ.
"އިޓްސް ނަތިންގް. ޔަގީން ޒީ ވަރަށް ލައިކްވާނެކަން.. ގުޑް ލަކް ބޮސް" ނީމް ހެމުން ހެމުންގޮސް ކެބިންއިން ބޭރަށް ނުކުތެވެ.
ރިއާން ހިތްހަމަޖެހިފައިހުރެ ގޮސް އަނެއްކާވެސް ގޮނޑީގައި އިށީނެވެ. ޒީވާގެ ޑިއުޓީ ނިމެން ބާކީ އޮތީ އެންމެ ގަޑިއިރެކެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އަންނާކަށް މާގިނައިރެއް ނެތެވެ.
ގަޑިން ދިހައެއް ޖެހުމާއެކު ރިއާން މަސައްކަތް ހުއްޓައިލުމަށްފަހު މޭޒުމަތީގައި އޮތް މާބޮނޑިއާއި ހަދިޔާ ހިފައިގެން އޮފީހުން ނުކުތުމަށް ހިނގައިގަތެވެ. އަދި އިމާރާތުގެ ބޭރުގައި އިން ދޮރުވާނަށް ބޯ ޖަހައިލުމަށްފަހު ދޮރާއި މާ ދުރުނޫން ހިސާބުގައި ބާއްވައިފައި އޮތް ކާރާއި ދިމާލަށް މިސްރާބުޖެހިއެވެ. ނަމަވެސް ކާރުގެ ދޮރުފަތް ހުޅުވައިލުމާއެކު ރިއާންގެ އަތުގައި އޮތް މާބޮނޑިއާއި ހަދިޔާ ބިންމައްޗަށް ވެއްޓިއްޖެއެވެ. ކަޅި މައްޗަށް އަަރައި މީހާގެ ހަރަކާތް ހުއްޓުނެވެ. އޭރުވެސް ދުވެފައި އައި މޫނު ނިވާކޮށްގެން ތިބި ތިންމީހުންގެ ތެރެއިން އެކަކު ހުއްޓުމެއްނެތި ރިއާންގެ ބުރަކަށީގެ އެތަން މިތަނަށް ވަޅިން ހަމަލާދެމުންދިޔައެވެ.
ރިއާން ލައިގެން ހުރި ގަމީހުގެ ފަހަތް އެއްކޮށް ލެއިން ތަތްތެޅެމުންދިޔައެވެ. އިސާހިތަކު މީހާގެ ގައިން ވަރުދޫވެ ބިންމައްޗަށް ވެއްޓުނެވެ.
No comments yet
Be the first to share your thoughts about this episode!