Episode 38
ހިތް އެދޭހާ ކަމެއް.. (38 ވަނަބައި)
ސިޓިންގްރޫމްގެ މެދުގައި އެކަކު އަނެކެއްގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިތިބި ރިއާންއާ ޒީވާ ފެނި ރާހިލްއަށް ކަމެއް ގޯސްވެއްޖެކަމުގައި ޝައްކު ކުރެވުނެވެ. އެ ޝައްކު ޔަގީނަށް ބަދަލުވީ ޒީވާގެ ފައިކައިރީގައިހުރި ފޮށި ފެނުމުންނެވެ. ރާހިލް ލަސްފިޔަވަޅުތަކެއްގައި އައިސް އެދެމީހުންގެ ގާތަށް ހުއްޓުނެވެ. އޭރު އެ މުޅި ތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ.
"ކިހިނެއްވީ؟" ރާހިލް ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.
"ކަމެއްނުވޭ.. ހިނގާދާން" ޒީވާ ރާހިލްގެ އަތުގައި ހިފައިގެންހުރެ ހިނގައިގަތެވެ. ނަމަވެސް ރާހިލް ޒީވާގެ އަތް ނައްޓުވައިލުމަށްފަހު ދެފަރާތަށް ބޯ ހޫރައިލިއެވެ. ކަމެއް ނުވަންޏާ ޒީވާ މިހާ ދަންވަރު މިގެއިން ދާކަށް ނޫޅޭނެކަން އޭނާގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވުނެވެ. ޒީވާއަކީ އިޝްވާއާ ޚިލާފަށް އެހާ ޝަކުވާބޮޑު ބޮޑާހާކާ ޒާތުގެ ކުއްޖެއް ނޫނެވެ. ރިއާންގެ މިޒާޖުވެސް ރާހިލްއަށް އެނގެއެވެ. އެދެމީހުންނާ ކިތަންމެ ވަރަކަށް ސުވާލު ކުރިނަމަވެސް އެއިން އެކަކުވެސް އަނގައިން ބަހެއް ނުބުނާނެކަން އޭނާއަށް އެނގުނެވެ.
"ކޮންމެވެސް އެކަކު އަހަރެންނަށް ބުނެދޭން ވެއްޖެއެއްނު މި ވެގެންއުޅޭ ގޮތެއް؟ ވަޓް ޑިޑް ޔޫ ޑޫޓު ހަރ ރިއާން.. ޒީ މިހާ ދަން ގަޑިއެއްގަ މިގެއިން ދާންއުޅޭ ސަބަބެއް އޮންނާނެ" ރާހިލް ކަންބޮޑުވިއެވެ. އޭނާއަށް ފުރަތަމަވެސް ޝައްކު ކުރެވުނީ ރިއާންއަށެވެ.
"ނަތިންގް ރާހިލް.. ޖަސްޓް ޓޭކް ހަރ ހޯމް.." ރާހިލްއާ ހަތަރުކަޅި ހަމަނުކުރުމަށްޓަކައި ދުރަށް ފިޔަވަޅެއް އަޅައިލަމުން ރިއާން ބުންޏެވެ. ރިއާންގެ އެ ހަރަކާތާއެކު އެތަނުގައި ގޯހެއް ހެދިގެން އެ އުޅެނީ ރިއާންއަށްކަން ރާހިލްއަށް ކަށަވަރުވިއެވެ.
"ވަޓް ދަ ފަ* ޑިޑް ޔޫ ޑޫ ޓު ހަރ ރިއާ–"
"ދޮންބޭ ޕްލީޒް.. ދެން މިގަޑީގަ އަޑުގަދަނުކޮށް ހިނގާ" ރާހިލްގެ އަޑު ބާރުވާން ފެށުމުން ޒީވާ ރާހިލްގެ ވާހަކަ މެދުކަނޑައިލިއެވެ. އަދި ރިއާންއާ ދިމާލަށް ރާހިލް އެޅި ފިޔަވަޅު ހުއްޓުވުމަށްޓަކައި އަނެއްކާވެސް ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
ޒީވާގެ ދެލޮލުގައިވާ ތާޒާ ކަރުނަތައް ފެނުމާއެކު ރާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެގޮތަށް ހަރުކަށިވެގެން ޒީވާގެ އަނގައިން ވާހަކައެއް ނުހޯދޭނެކަން އޭނާއަށް އެނގުނެވެ. އޭނާ ޒީވާގެ ދެއަތުގައި ހިފަހައްޓައިލަމުން ޒީވާއާ އެއްހިސާބަކަށް ގުދުވެލިއެވެ. ޒީވާގެ މޫނަށް އަރަމުންދާ ކޮންމެ ކުލަވަރެއް ފެންނާނެހެނެވެ. އެއަށްފަހު އޭނާގެ ސުވާލު ޒީވާއާ އަމާޒުކޮށްލިއެވެ.
"ޒީ ޕްލީޒް.. ޓެލް މީ ސްވީޓީ.. ވަޓް ޑިޑް ހީ ޑޫ ޓު ޔޫ؟" ރާހިލްގެ އަޑުގައިވާ އޯގާތެރިކަން އިވުމާއެކު ޒީވާއަށް އިތުރަށް ރޮވުނެވެ.
"ޗީޓް ކުރީތަ؟" ރާހިލްގެ ސިކުނޑިއަށް އައި ފުރަތަމަ ކަންތައް ބުނުމާއެކު ޒީވާ އަވަސް އަވަހަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.
"ދޮންބޭ ޕްލީޒް.. އެހާ ބޮޑު ކަމެއް ނުވެޔޭ.."
"ހަޅޭއްލެވީތަ؟" ރާހިލް ޒީވާގެ ކޫސަނި ބަހަނާތައް އަޑުއަހާކަށް ނޫޅުނެވެ. ޒީވާ މިފަހަރުވެސް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ. އެއާއެކު ރާހިލްގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް ދަތުރުކުރިއެވެ.
"ދޮންބޭ ޕްލީޒް.. ދޮންބެއަކަށް ނޭނގޭތަ މިއީ އެރޭންޖްޑް މެރިއެޖްއެއްކަމެއް.. އަހަރުމެން ދެމީހުންވެސް އަދި ވަގުތު ބޭނުން.. ދެން ހިނގާބަ ދާ"
"ޒީ ގައިގަ ޖެހީތަ؟" ޒީވާގެ ވާހަކަ ނުނިމެންދެން ރާހިލް ހިންދިރުވައިލަމުން އަހައިލިއެވެ. އެ ސުވާލާއެކު ރިއާންގެ އިތުރުން ޒީވާވެސް ފިނިވިއެވެ.
"ދޮންބޭ އަޅެ-"
"ޑިޑް ހީ ހިޓް ޔޫ ޒީވާ؟" މިފަހަރު ރާހިލްގެ އަޑުގައި ކުރިން ހުރި އޯގާތެރިކަމުގެ ބަދަލުގައި ވަނީ ހަރުކަށިކަމެވެ. ޒީވާގެ ގައިން އެއްވެސް ޒަހަމެއްގެ ނިޝާން ފެންނަން ހުރިތޯ ބެލުމަށް އޭނާގެ ތޫނުފިލި ސިކުނޑި މަސައްކަތްކުރިއެވެ.
"އަރ ޔޫ އިންސޭން؟ ދޮންބެއަށް ހީވަނީތަ ރިއާން އަހަރެން ގައިގަ-"
ޒީވާގެ ވާހަކަ މެދުކެނޑުނީ ޒީވާގެ ވައަތު ކޯތާފަތުގައި ރާހިލް އަތްޖައްސައިލުމުންނެވެ. ރުއިމުގެ ސަބަބުން ފިލައިފައިވާ މޭކަޕްގެ ސަބަބުން އޭރު އެކޮލުގައި ނޫފައިގެންފައިވާ ހިސާބު ކުޑަކޮށް ފާހަގަވާން ހުއްޓެވެ. ކުރިންވެސް ރަނގަޅަށް ބަލައިިލިނަމަ ރާހިލްގެ ލޮލުގައި އެ ނިޝާން އަޅައިގަތީހެވެ. ނަމަވެސް އޭނާގެ ވިސްނުން އެހިސާބަށް ގެންދަންވެސް ނޭނގުނީ ޒީވާއަށް ގެއްލުމެއް ނުދޭނެކަމަށް ޔަގީންކޮށް އޭނާ ރިއާންއަށްކުރާ އިތުބާރުގެ ސަބަބުންނެވެ.
ރާހިލްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އައިސްފައިހުރި ރުޅީގައި ކަތުރު ކަށިގަނޑަށް ބާރުކޮށްލެވުނެވެ. އަދި ކުއްލިއަކަށް ރާހިލް ޒީވާގެ ކޮލުން އަތް ދޫކޮށްލުމަށްފަހު ދުރުފިޔަވަޅުތަކެއްގައި ގޮސް ރިއާންގެ ގިރުއާނުގައި ހިފައި ފާރާއި ދިމާލަށް ކޮށްޕައިލިއެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރެމެ އަދި ރާހިލްގެ ހަމަލާއިން ރެކިގަންނާނެ ފުރުސަތު އޮވެމެ ރިއާންގެ ފަރާތުން ދިފާއުގައި އެއްވެސް ކަމެއް ކުރިތަނެއް ނުފެނުނެވެ. އަދި އެ ބާރުމިނުގައި ރިއާންގެ މޫނުމައްޗަށް ގޮށްމުށުގެ ދެ ހަމަލާއެއް ދިން އިރުވެސް ރިއާން އެއްވެސް ވަރަކަށް ގަދަ ހަދާކަށް ނޫޅުނެވެ.
"ޔޫ ބްލަޑީ ވަޔަލަންޓް ސަން އޮފް އަ-"
"ދޮންބޭ" ޒީވާއަށް އެމަންޒަރު ފެނި ހަޅޭއްލަަވައިގަތެވެ. އަދި ރިއާންގެ މޫނުމައްޗަށް ތިންވަނަ ހަމަލާއެއް އެރުމުގެ ކުރިން އަވަހަށް އެ ދެމެދަށް ވަދެ ރާހިލް ދުރަށް ކޮށްޕައިލިއެވެ. ނަމަވެސް ރާހިލް ފަހަތަށްދިޔަ ދެ ފިޔަވަޅުގެ ބަދަލުގައި ކުރިއަށް ފިޔަވަޅެއް އަޅައިލިތަން ފެނި ޒީވާ އަވަސްއަވަހަށް ފަހަތައް އެނބުރި ރިއާންގެ ކޮނޑުގައި އެލިގަންނަމުން ރިއާންގެ ގައިގައި ބާރަށް ބައްދައިލިއެވެ.
"ދޮންބޭ ޕްލީޒް ނޯ.. ނޯ ތިހެން ނަހަދަބަލަ" ޒީވާގެ އާދޭހަށް ރާހިލްގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އޭރު ރިއާންގެ ނޭފަތް ފަޅައިގެންގޮސް ލޭ އަންނަމުންދިޔައިރު ތުންފަތްވެސް ފަޅައިގެންގޮސް ލޭގެ އަސަރު ފެންނަން ހުއްޓެވެ. މޫނުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން ރިއާންއަށްވެސް ބޭއިހްތިޔާރުގައި ޒީވާގެ ކަނދުރާގައި މޫނު ފޮރުވައިލެވުނެވެ.
"ޒީވާ އަދިވެސް މިވަރު މީހެއްތަ ތި ދިފާއުކުރަނީ؟ ކިހިނެއްވެފަތަ ތި ހުންނަނީ؟" ރާހިލް ޒީވާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
"އަހަރެންތަ އަދިވެސް މި ގޯސްވީ؟ ކޮބާތަ ތިކަހަލަ ފިރިހެނުންގެ މައްސަލައަކީ؟ ރުޅި އަންނަ ކޮންމެ ފަހަރަކު ދެން ހުންނަ މީހާގެ މައްޗަށް އަތް އިސްކުރަން ޖެހެނީ ކީއްވެތަ؟ ތިމާގެ މުލައްދަނޑީގަ ހުރި ބާރެއް ދައްކާލާނަމޭ ހިތާތަ؟ ވަޔަލަންޓް ވެގެން އަތް އިސްކޮށްގެން ހާސިލްވަނީ ކޮންކަމެއްތަ؟" ޒީވާގެ އަޑުވެސް ވަކި މަޑެއްނޫނެވެ.
ޒީވާ ދުވަހަކުވެސް އެހާ ހަރުކަށިކޮށް ވާހަކަދެއްކި އަޑުއިވިފައި ނުވާތީ ރާހިލްއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ރިއާންއަށްވެސް ލިބުނު ހައިރާންކަމުގައި ޒީވާ އޭނާގެ އަތުގައި ހިފައި ދަމަމުންގޮސް ސޯފާގައި ބޭންދި އިރުވެސް ނޭނގުނެވެ. އިރުކޮޅަކުން ޒީވާ ފަރސްޓްއެއިޑް ފޮށްޓެއް ހިފައިގެން އައިސް ރިއާން ގާތުގައި އިށީނެވެ.
"ތި ދޫކޮށްލާފަ ދާން ހިނގާ" ރާހިލް ޒީވާގެ އަތުގައި ހިފެހެއްޓިއެވެ.
"ލެޓް މީ ޑޫ ދިސް" ޒީވާ ރާހިލްގެ އަތުން އަތް ދަމައިގަނެވޭތޯ މަސައްކަތް ކުރިއެވެ.
"ޒީވާ" ރާހިލް ޒީވާގެ އަތުގައި ހިފައި ގޮނޑިން ތެދުކުރުވަން އުޅުނު ވަގުތު ޒީވާގެ އަތަށް ބާރުކޮށްލިއެވެ.
"އޭތް! ތިފާޑަށް ރުޅިއައިސްފަހުރެ އޭނަ ގައިގަ އަތްނުލައްޗޭ!" ރިއާން ރާހިލްގެ އަތް ދުރަށް ކޮށްޕައިލިއެވެ.
"ތިއީ ތިފާޑަށް ވާހަކަ ދައްކަން ރަނގަޅު މީހެއްނޫން"
"އަހަރެންނަށް އަހަރެންގެ ފިލާވަޅު ދަސްވީމަ ދޯ މި ބުނަނީ.. އެހެންނޫނަސް ބަޔަކު ކީކޭ ހިތަށް އަރައިގެން ޒީވާގެ ކައިވެނި އަހަރެންނާ ކުރުވީ؟ ޑިޑްންޓް އައި ޓެލް ޔޫ ދިސް ވޯޒް އަ ބޭޑް އައިޑި-"
"ޝަޓް އަޕް!! ތި ޒުވާބުކުރުން ހުއްޓާލަފާނަންތަ؟ އަހަރެން މިކަން ނިންމާލާފަ ދާނަމޭ!" ޒީވާ ބުންޏެވެ.
ރާހިލް އިތުރަށް އެތަނުގައި މަޑުކުރުމުގެ ބަދަލުގައި ނުރުހިފަައިގޮސް ބެލްކަންޏަށް ނުކުތެވެ. ޒީވާ ފަރުވާތެރިކަމާއެކު ރިއާންގެ ނޭފަތާއި އަނގަމަތި ސާފުކޮށް ބޭސްއަޅައިދިނެވެ. އަދި އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު ފޮށިގަނޑުން ނެގި ބޭސްގުޅައެއް ނަގައި ފެންތައްޓަކާއެކު ރިއާންއަށް ދިއްކޮށްލިއެވެ.
"އަން.. ބޮޑަށް ތަދުވަންޏާ މި ބޭސް-"
"ސްޓޮޕް އިޓް ޒީވް.. އަހަރެންނާމެދު ތިހާ ރަނގަޅަށް ތި ކަންތައް ކޮށްދެނީ ކީއްވެ؟ އަރ ޔޫ ޓްރައިންގް ޓު ކިލް މީ ވިތް ދިސް ގިލްޓް؟ އަހަރެންނަށް މި ކުރެވޭ ކުށްވެރިކަމުގެ އިހުސާސް އެނގޭނަމަ ޒީވާ ތިހެނެއް ނަހަދާނެ" ރިއާން އެ ބޭސްގުޅައާއި ފެންތަށި ދުރުކޮށްލުމަށްފަހު ގޮނޑީގެ ކުރިއަށް ޖެހިލިއެވެ. "ރާހިލް އެބުނީ ތެދެއް.. އެންމެ ރަނގަޅުވާނީ ޒީ މިތަނުން ދިޔައިއްޔާ"
ރިއާންގެ ވާހަކަ އިވުމަށްފަހު ޒީވާ އިރުކޮޅަކު ހިމޭނުން އިނެވެ. އެއަށްފަހު އަތުގައި ހުރި ފެންތައްޓާއި ބޭސްގުޅަ މޭޒުމަތީގައި ބެހެއްޓުމަށްފަހު ރާހިލްއަށް ގޮވައިލިއެވެ. ރިއާންއަށް ލޯ އަޅައިލުމަށްފަހު ރާހިލް އެތަނުގައި ހުރި ޒީވާގެ ފޮށި ހިފައިގެން އެޕަރޓްމެންޓުން ނުކުތުމަށް ހިނގައިގަތެވެ. އަދި އެ ދިޔަ ބާރުމިނުގައި އަނބުރާލައިފައި އައިސް ޖީބުން ނެގި އޭނާގެ ސައިކަލުގެ ތަޅުދަނޑި އެތަނުގައި އޮތް ކޮފީމޭޒުމަތީގައި ބޭއްވުމަށްފަހު އެތަނުގައި އޮތް ކާރުގެ ތަޅުދަނޑިނަގައި ޖީބަށްލީ ރިއާންގާތު އަހައިލުމެއްވެސް ނެތިއެވެ.
"ދެން ކަލެއަށް ޒީވާ ފެންނާނީ ކޯޓުން" ރާހިލް އެގެއިން ނުކުތުމަށް ހިނގައިގަތުމުގެ ކުރިން ބުންޏެވެ. އެމަންޒަރު ބަލަން އިން ރިއާން ދެފަރާތަށް ބޯހޫރައިލިއެވެ. ރާހިލްގެ އުޅުން ހުރިގޮތާމެދު އޭނާ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވެއެވެ. އެ ރުޅިއާމެދު ޖެހިލުމެެއްނުވެއެވެ. ނަމަވެސް ރާހިލްގެ ފަހު ޖުމްލައާމެދު އޭނާއަށް ވިސްނެމުންދިޔައެވެ. އެއީ ކިހާ ބުރަދަނެއްހުރި ޖުމްލައެއްކަން އޭނާއަށް އެނގުނެވެ. ހަމައެއާއެކު އޭނާގެ އަތްފައިން ހީބިހި ނަގައި ހިތްބިރުގަންނަން ފެށިއެވެ.
ހާސްވެފައިހުރެ ރިއާންއަށް ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލެވުނެވެ. ކުށްވެރިކަމުގެ އިހުސާސް އޭނާގެ ހިތާއި ސިކުނޑި ކަމުންދިޔަކަހަލައެވެ. އިންސާނާގެ ރުޅިއަކީ އޭނާގެ އެންމެ ބޮޑު ދުޝްމަނޭ ބުނާ ބުނުމުގެ ހަގީގަތް އޭނާއަށް މިހާރު ކަށަވަރުވެއްޖެއެވެ. ރޭގައި އޭނާ އެ އައިފަދަ ރުޅިއެއް އެންމެފަހުން އޭނާ އައީ މީގެ އަށް އަހަރު ކުރިންނެވެ. އެއީ ރާހިލްމެންގެ ގްރެޖުއޭޝަން ފާހަގަ ކުރުމަށްޓަކައި އެގޭގައި ޕާޓީ ބޭއްވުނު ރެއެވެ. ޒީވާ އެންމެ ފުރަތަމަ އޭނާއަށް ލޯބި ހުުށަހެޅި ރެއެވެ.
އަށް އަހަރު ކުރި
ރިއާންއާއި ނަޝްވާ ގާތްގޮޅިވަމުންދިޔަ މަންޒަރު އިތުރަށް ބަލަން ޒީވާއަކަށް ކެތެއްނުކުރެވުނެވެ. ކަރުނަތައް ފޮހެލައި އިންތަނުން ތެދުވުމަށްފަހު އަލުން އަނބުރައި ސިޑިން މައްޗަށް ދުއްވައިގަތެވެ. އޭނާއަށް ނޭނގުނުކަމަކީ އޭނާގެ ކޮންމެ ހަރަކާތަކަށް ރިއާން ލޮލުގެ ހިމަކޮޅުން ފާރަވެރިވަމުން ދިޔަކަމެވެ. ނަޝްވާއާ ގާތްވުމަކީ ޒީވާގެ ހިތުގައި ރިއާންގެ މައްޗަށް އުފެދުނު އިހުސާސްތައް ފޮހެލުމަށްޓަކައި އޭނާ ގެންގުޅުނު މޮޅު އުކުޅެއްކަމެވެ. އެހެންކަމުން ޒީވާ ދިޔުމާއެކު ރިއާން ނަޝްވާގެ ގައިން ދޫކޮށްލިއެވެ. ނަޝްވާ ކުރިއަށް ފިޔަވަޅެއް އަޅައިލުމުންވެސް ރިއާން ގަދަކަމުން ހިނިތުންވެލުމަށްފަހު ދާން ޖެހިއްޖެކަމުގައި ބުންޏެވެ.
"އޯކޭ.. ގުޅާނަން އެނގޭ." ނަޝްވާގެ ވާހަކައަށް ވަކި ރައްދެއް ދިނުމެއްނެތި ރިއާން އަވަސްއަވަހަށްގޮސް ލިފްޓަށް އެރިއެވެ. އެ ކުޑަ ވަގުތުކޮޅުގައިވެސް ޒީވާގެ ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރެމުންދިޔައެވެ. ޒީވާ މޭގައި އަތް އަޅައިލަމުން ސިޑިމައްޗަށް ތިރިވެ ރޯންއިން މަންޒަރާއި އަޑު އޭނާގެ ސިކުނޑީގައި ތަކުރާރު ވޭވޭހުއްޓެވެ. ޒީވާގެ ކޮންމެ އާދޭހެއް އޭނާގެ ކަންފަތައް އިވިއިވި ހުއްޓެވެ. މިނަޓަކަށްފަހު މިނަޓެއް ފާއިތުވަމުންދިޔައިރު އެ ފާއިތުވަމުންދިޔަ ކޮންމެ މިނަޓަކާއެކު އޭނާގެ ސިކުނޑީގައި ޒީވާގެ އަޑު އިތުރަށް ގަދަވަމުންދާހެން ހީވިއެވެ. މީގެ ކުރިން ދުވަހަވެސް އޭނާއަކަށް ޒީވާގެ ފަރާތުން އެފަދަ ހިތްދަތިކަމެއް ނުފެނެއެވެ. އޭނާއަށް މިއަދު ވަރަށް ބޮޑަށް ޒީވާގެ ހިތުގައި ޖެއްސިއްޖެއެވެ.
އެކި ހިޔާލުތަކަށް ގޮސް ހުސްވެފައިހުރި ރިއާންއަށް މަގު އޮޅިއްޖެއެވެ. ގެއްލިއްޖެއެވެ. މާލޭގެ މަގުތަކަށް ކިތަންމެ ފަރިތަނަމަވެސް އޭނާއަކަށް ދާންވި މިސްރާބެއް ނޭނގުނެވެ. ކަމާނުވެފައިހުރެ ސައިކަލު ދުއްވަމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ސައިކަލު ކުރިމަތީގައި ހުރި ގޯޅިއަކުން ލަނބައިލި ސައިކަލެއްގައި ޖެހުނެވެ. ދެމީހުނަށްވެސް މާބޮޑު ގެއްލުންތަކެއް ނުވީ އެދެމީހުންވެސް ދުއްވަމުންދިޔައީ މަޑު ދުވެއްޔެއްގައި ކަމަށްވާތީއެވެ. ނަމަވެސް ރިއާންގެ ސައިކަލުން ޖެހި އެމީހާގެ ސައިކަލަށްވަނީ ފުދޭވަރެއްގެ ގެއްލުންތަކެއް ވެފައެވެ.
"ބަ*އެއްނު! ދެލޯ ކަނު މީހުން ސައިކަލާ އެއްޗެހި ނުދުއްވާ ތިބެބަލަ. ދެން މަގޭ ސައިކަލު ހަދާދެނީ ކަލޭ ބަފާތަ އޭން؟" އެމީހާ ވަރަށް ހިތްހަމަ ނުޖެހިފައި ރިއާންއާ ދިމާލަށް ބުންޏެވެ. އޭނާގެ އަތާއި ފައިގައި އެގޮތް މިގޮތަށް ގަތައިފައިވާ ރިހި ޗޭނުތައް އަޅައިފައިވާއިރު ކަންފަތާއި މޫނުގެ އެތަން މިތަންވެސް ތޮށުވައި ޒާތްޒާތުގެ އެއްޗެހި ހަރުކޮށްފައި ހުއްޓެވެ. ބުޅި އިސްތަށިގަނޑު ހުރީ އުނަގަނޑާއި ހިސާބަށް ދިގުކޮށްފައެވެ. ރިއާންއަށް އެކަހަލަ މީހުންގެ ގޮތް އެނގެއެވެ. އެއިން މީހަކާ ޒުވާބު ކޮށްފިނަމަ އަވަސް ރަޙްމަތެއްގައި ސަލާމަތް ނުވާނެކަން އެނގެއެވެ. އެމިހާއާ ޒުވާބުކުރުމުގެ މާބޮޑު ޝައުގެއްވެސް ރިއާންގެ ނެތެވެ. އެހެންކަމުން ވެއްޓިފައި އޮތް ސައިކަލު ނަގައިގެން އެތަނުން ދާން އުޅުނެވެ.
"އޭ އޭ..އަދި އެއްޗެކޭވެސް ނުބުނެ ނައްޓާލަނީތަ؟ މަ މި އަހަނީ ދެން މި ސައިކު ހަދައިދެނީ ކައެގެ ބަފާހޭ؟" އެމީހާ އައިސް ރިއާން ލައިގެންހުރި ޓީޝާޓުގެ ގިރުއާނުގައި ހިފައިގަތެވެ. ރިއާންގެ ގާތަށްވެސް ރުޅިއަންނަން ފަށައިފިއެވެ. ނަމަވެސް ހަމަޖެހޭތޯ މަސައްކަތް ކުރަމުން ރިއާން އެމީހާގެ އަނެއް އަތުގައި އޮތް ނޮކިޔާ ފޯނު އަތުލުމަށްފަހު އޭގައި ނަންބަރެއް ޖަހައިލިއެވެ.
"އާން! މިއޮތީ! މިއީ މަގޭ ބައްޕަ ނަންބަރު. ގުޅާފަ ބުނޭ ކަލޭގެ ދަރީގެ ސައިކަލުން ޖެހި މަގޭ ސައިކަލު ފުނޑިއްޖެޔޭ. ކަލޭގެ ނަސީބު ހުރިއްޔާ އާ ސައިކަލެއް ކީއްކުރަން ކާރެއްވެސް ލިބިދާނެ" ރިއާން ފޫހިގޮތަކަށް ބުންޏެވެ. އަދި އަނެއްކާވެސް ވެއްޓިފައި އޮތް ސައިކަލު ނަގަން ދިމާ ކުރިއެވެ. ނަމަވެސް ރިއާން ދެއްކި ވާހަަކަ ނަގައިގަންނަން ނޭނގިފައިހުރި މީހާ ގާތަށް އައިސްފައިވާ ރުޅި އިތުރަށް ގަދަވީއެވެ.
"އޭ ބަ*** ކަލޭ ހީކުރީ ތި ފާޑަށް މަ މޮޔަ ހައްދާފަ ރައްކާވެވޭނެ ކަމަށްތަ އޭން ކަ–" އެމީހާގެ ވާހަކަ ހުއްޓުނީ އޭނާ ރިއާންގެ ކޮނޑުގައި ހިފައި ކޮށްޕައިލުމަށްފަހު ޖަހަން ދިމާކުރި އަތުގައި މީހަކު ހިފެހެއްޓުމުންނެވެ.
"އޭ މާއްޓޭ ކައޭ މާ ފާޑު ފާޑަށް އޭނައާ ނުބެހެއްޗޭ" އެމީހަކު ރިއާން ދިފާއުކޮށް އެބުނާ މާއްޓެއެއް ދުރަށް ކޮށްޕައިލިއެވެ. އެއީވެސް އެބުނާ މާއްޓެއެއްގެ ސިފައާއި ދާދި އެއްގޮތަކަށް ހުރި ސިފައެއްގެ މީހެކެވެ.
"ކަލޭތަ؟ ކަލޭ މިގޮލާ ދަންނަންތަ؟ އޭނަ މަގޭ ސައިކު ފުނޑާލީއޭ. މީ ކަލެއާ ބެހޭ ކަމެއް ނޫން" މާއްޓެ އެމީހާއާ ދިމާލަށް އައުމުން މިފަހަރު އެމީހަކު މާއްޓެގެ މޫނުމަތީގައި ބާރު ގޮށްމުށުގެ އެތިފަހަރެއް ޖަހައިފިއެވެ. އިސާހިތަކު ދެމީހުންގެ ދެމެދުގައި ހިނގި އަރައިރުންވުނަށް ދެފަރާތުން ގިނަ މީހުންތަކެއް އެއްވެ އެތަނުގައި ބޮޑު މާރާމާރިއެއް ހިނގަން ފަށައިފިއެވެ. އެދޭތެރެއިން ލިބުނު ފުރުސަތެއްގައި ރިއާންގެ ދިފާއުގައި ތެދުވި ޒުވާނާއައިސް ރިއާންގެ އަތުގައި ހިފައި ދުރަށް ދުއްވައިގަތެވެ. ނަމަވެސް ރިއާން އޭނާއާއެކު ނުދާން ގަދަހަދަން ފެށިއެވެ.
"ޕިސް. ރިޗީ އޭ ބްރޯ ކަޑައޭ!! ކޮޕުން އަންނަންވާއިރަަށް ނައްޓާލަން ހިނގާ" އެމީހާ ރިއާންއަށް ނިސްބަތްކުރި ނަން އިވުމާއެކު ރިއާން ސިހިފައި ތަންކޮޅެއް ރަނގަޅަށް އެމީހާގެ މޫނަށް ބަލައިލިއެވެ.
"އަހުޒަމް..އަހުއްޓެ؟" ރިއާން ހައިރާންވިއެވެ.
"ބްރޯ ކައޭ ފިލްމް ކުޅެން މިތާ ހުންނަންޏާ މަ މި ނައްޓާލީ" އެމީހާ ރިއާންގެ އަތުން ދޫކޮށްލުމަށްފަހު ބާރަށް ދުއްވައިގަތެވެ. ރިއާންވެސް އެތަނުގައި ހިނގަމުންދިޔަ މާރާމާރީއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެމީހާގެ ފަހަތުން ދުއްވައިގަތެވެ. އެމީހުން އައިސް އެރީ ހަދަމުންދިޔަ އިމާރާތުގެ މެދެއްހާ ހިސާބުގައި ހުރި ފަންގިފިލާއަކަށެވެ. އެތަނުން އެއްކޮޓަރީގައި ދޮރުފަތަކާއި ތަޅެއް ލެވިފައި ހުއްޓެވެ. އެމީހާ އަތުގައި އޮތް ތަޅުދަނޑިން އެތަން ހުޅުވައިލުމަށްފަހު ރިއާން ގޮވައިގެން ވަތްވަގުތު އޭނާއަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް ވަދެވުނުހެނެވެ. އެހެނަސް އެއީ އޭނާ ދަންނަ ދުނިޔެއެކެވެ. ދެޖިންސުގެ ޒުވާނުން ރަލާއި މަސްތުގެ އެކި ކުޅިވަރުތަކުގައި ޝާމިލްވެ އުޅުނުއިރު އެތަނުން ގިނަ މޫނުތަކަކީ އޭނާ ދަންނަ މޫނުތަކަށް ވީތީ މިފަހަރު އެކަމުން އޭނާއަށް އުނދަގޫ ވިއެވެ.
"އޭ އައްމަޑޭ ބަލާބެ މިހިރީ އަހަރުންގެ ރިޗް ބޯއީ.. އޭ ސިޑޭ.. ބަލާބެ މިހިރީ ކާކު؟" އަހުޒަމް އުފާވެފައިހުރެ އެމީހުނަށް ރިއާން ދައްކައިލިއެވެ.
"ރިޗީ މައި މޭން.. ހަހަހަހަ" ސިޑޭ ދެފަރާތަށް ހޫރެމުން އައިސް ރިއާންގެ ގައިގައި ބައްދައިލިއެވެ. އެއްއަހަރަށްފަހު ރިއާން ފެނުމުން އެތަނުގައި ތިބި އެންމެން އުފާފާޅު ކުރަންފެށިއެވެ. އެ އެންމެނަށް ކުޑަ ވަރެއްގެ އީދެއް އައި ކަހަލައެވެ. ނަމަވެސް ރިއާންއަށް އެހުރިހާ ކަމަކުން ދިޔައީ އުނދަގޫ ވަމުންނެވެ. މިއީ މިހާރު އޭނާ އުޅެން ބޭނުންވާ ދިރިއުޅުމެއް ނޫނެވެ. މިކަމުގެ ސަބަބުން އޭނާއަށްވި ފައިދާއެއް ނެތެވެ. މިއަދު ޒީވާގެ ހުށަހެޅުންވެސް އޭނާ ދޫކޮށްލަން ޖެހުނީ އޭނާގެ މި އަނދިރިފަރާތް ޒީވާއަށް ބޭޒާރުވިޔަ ނުދިނުމަށެވެ.
"ބްރޯ ކިހިނެއް ވެފަތަ ތި އިންނަނި.. އިޓްސް ޕާޓީ ނައިޓް.. ރިޗީގެ ވެލްކަމް ބެކް ޕާޓީ" އަހުޒަމް ރިއާންގެ އަތަށް ޒާތެއްގެ ދިޔާ އެއްޗެއް އަޅައިފައިހުރި ބިއްލޫރި ތައްޓެއް ދިއްކޮށްލިއެވެ. ރިއާން ގަދަކަމުން ހިނިތުންވެލަމުން އެ ތައްޓަށް ބަލައިލިއެވެ.
ނޫނެކެވެ. އޭނާ ދެން އިތުރަށް މިކަމެއް ނުޖުރާނަމެވެ.
ރިއާން ޖީބުގައި އޮތް ފޯނު ނެގީ އެތަނުގައި އިން މާހައުލުން ދުރުވެ އަމިއްލަ ހިޔާލުތަކުގެ މައްޗަށް ކޮންޓްރޯލް ހޯދުމަށެވެ. ނަމަވެސް ފޯނު ހުޅުވައިލުމާއެކު އޭނާގެ ހިޔާލުތައް ވީ އިތުރެވެ. ޒީވާގެ އެތަށް މިސްޑްކޯލަކާއި އާދޭހުގެ މެސެޖެއް އޭނާއަށް ފުލުފުލުގައި ލިބެމުން ދިޔައެވެ. އެކި އެޕްލިކޭޝަންތަކުންނެވެ.
"ކީއްވެ ނަޝް؟ އަހަރެންގެ ރަހްމަތްތެރިއެއް ނޫން މީހަކު ރިއާންއަށް ނުފެނުނީތަ؟"
"ތި މަންޒަރު ނުދައްކާ އަހަރެން މަރާލިނަމަ"
"ރިއާން ބޭނުމީ އަހަރެން މަރާލަންތަ؟"
ޒީވާގެ މެސެޖުތައް ފެނުމާއެކު ރިއާންގެ ސިކުނޑި ސުމަކަށްދިޔައެވެ. ކުރިމަތީގައިހުރި މޭޒު މައްޗަށް ފޯނު ދޫކޮށްލުމަށްފަހު ގޮނޑީގައި ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. ބޮލަށްކުރަމުންދިޔަ ބާރު ކުޑަކުރުމަށްޓަކައި އޭނާއަށް ފެނުނީ ވަގުތީ ހައްލެއްގެ ބޭނުން ހިފުމަށެވެ. އިސާހިތަކު ޝައިތާނާ ބޮލަށް ސަވާރުވެ އަތުގައި ހުރި ތަށި ތުނބުގައި ޖަހައި އެއްނޭވާއިން ދަމައިލެވުނެވެ. ތައްޓަކަށްފަހު ތައްޓެއް ހުސްވަމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ސަމާލުކަން އަތުލީ ކައިރީގައި އިން އަހުޒަމްގެ ވާހަކަތަކެވެ.
"ބްރޯ މި ޗިކު ހާދަ އެބަ ގުޅެޔޭ.. އެހާ ލޯބި ޗިކެެއް.. ކަލޭ ބޭނުން ނެތިއްޔާ އަހަރުން މީހަކަށްވެސް ޕާސްކޮށްލަންވީނު"
ރިއާންގެ ފޯނުގައިވާ ޒީވާގެ ފޮޓޮއަށް ބަލައިލަމުން އަހުޒަމް ބުންޏެވެ. އެއީ ޒީވާގެ ވައިބަރ ޕްރޮފައިލަަށް ލާފައިވާ ފޮޓޮއެކެވެ. ޓެޑީ ބެއަރ އެއްގައި ބައްދައިލައިގެން ރީތިގޮތަކަށް ހީލައިގެން އިން ފޮޓޯ ފެނި އެތަނުގައި ތިބި ގިނަ ބަޔަކަށް ޒީވާ ކަމުދިޔައެވެ. ޒީވާގެ އެ ރީތި ހިނިތުންވުމާއި އެ ހިނިތުންވެލުމުން ދެކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން ފުރަތަމަ ނަޒަރުންވެސް ޒީވާގެ އެ ލޯބިކަމަށް ހިތްނުކިޔާނެ ފިރިހެނެއް މަދުވާނެއެވެ. ނަމަވެސް އެތަނުގައި ޒީވާގެ މައުޟޫއު ފެށުންވީ ރިއާން މާ ގަޔާވި ކަމަކަށް ނޫނެވެ. އޭނާ ނުރުހުންވެފައި އަހުޒަމްގެ އަތުން ފޯނު ޖަހައިގަންނަމުން އެތަނުން ތެދުވިއެވެ. އަހުޒަމް އޭނާ ހިފަހައްޓަން އުޅުމުން އަހުޒަމްގެ މޫނުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލުމަށްފަހި އެތަނުގައި ތިބި އެހެން މީހުނަށް އިންޒާރުގެ އިޝާރާތެއް ކޮށްލިއެވެ. އެ އެންމެން ރިއާންގެ ބަހަށް ހިމޭންވިއެވެ. އެކަން ވާނީ އެހެންކަން ރިއާންއަށް މާކުރިންވެސް އެނގެއެވެ. އޭނާ ވާނީ އެއިން މީހަކު ހުވަފެނުންވެސް ނުދެކޭހާ ބޮޑެތި އަދަދުތަކުން އެމީހުންނަށް ފައިސާދީ ހަރަދުކޮށްފައެވެ. މިއަދުވެސް އޭނާ ފެނުމުން އެއިން ގިނަ ބައެއްގެ މޫނު މައްޗަށް ވެރިވި ހިނިތުންވުމަކީވެސް އެ ފައިސާއަށް ދަހިވެތިވެފައިވާ ކަމުގެ މޫނުމައްޗެއްކަން އޭނާއަށް އެނގެއެވެ.
ޑްރައިވަރަށް ގުޅުމަށްފަހު އޭނާ އެ އިމާރާތުން ފޭބިތާ މާގިނައިރެއްނުވެ ކާރު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓައިލިއެވެ. ކާރުގައި އިން އިރުވެސް އެމީހުންގެ ވާހަކަ ހުރި ރާގާމެދު ހިތުގައި އުފެދުނު ނުރުހުމުގެ ސަބަބުން މީހާ ރުޅިން ތުރުތުރު ލަމުންދިޔައެވެ. އޭގެ އިތުރަށް ހުއްޓުމެއްނެތި ލިބެމުންދިޔަ ޒީވާގެ ކޯލްތައްވީ އޭނާގެ ބޮލަށް އިތުރުވި ރިހުމަކަށެވެ.
ގެއަށް އާދެވުމާއެކު އޭނާ މިސްރާބުޖެހީ އަވަސް އަވަހަށް ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް ސިކުނޑިއަށް ކުރަމުންދިޔަ މަސްތުގެ އަސަރުތަކުގެ ސަބަބުން އެތަށް ފަހަރަކު ފައި ފުރޮޅައިލައި ސިޑިން އެރުމަށް އުނދަގޫވިއެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ރިޔާޒްމެންގެ ކޮޓަރިން ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑަށެވެ.
ރިއާން ސިއްރު ސިއްރުންގޮސް ކޮޓަރީގެ ދޮރުފަތް ހުޅުވައިލިއިރު އެނދު ކައިރިއަށް ވެއްޓިފައި އޮތް ޒަރީނާ ފެނުނެވެ. ޒަރީނާގެ ނިއްކުރިމަތި ފަޅައިގެންގޮސް ލޭގެ އަސަރު ފެންނަން ހުއްޓެވެ. އޭނާގެ ކައިރީގައި ކޮޅަށްހުރި ރިޔާޒްގެ ދެ ކަންފަތުން ދުންއަރައަރަ ހުއްޓެވެ. ރިއާންއަށް ވެގެން އުޅޭ ގޮތް ނަގައިގަނެވުމާއެކު އޭނާ ހިފަހައްޓައިގެންހުރި ދޮރުގެ ތަޅަށް ބާރުކޮށްލެވުނެވެ.
"މުޑުދާރު އަންހެނާ!! ކަލޭ ބަނޑުގަ ތިއޮތީ ކާކުގެ ދަރިއެއްހޭ؟" ރިޔާޒް ރުޅިވެރިކަމާއެކު ޒަރީނާގެ ބަނޑުގައި ވަރަށް ބާރަށް ފައިންޖެހިއެވެ.
"ރިޔާޒް ހެޔޮނުވާނެ ގަބޫލު ކޮށްބަލަ. މިއީ އަހަރުމެން ދެމީހުންގެ ދަރިއެކޭ.. އަހަރުމެންގެ ރިއާންއަށްޓަކައިވިޔަސް ތިހެން ނަހަދަބަލަ" ޒަރީނާ ހަޅޭއްލަވައިގަތެވެ. އެވަގުތު ރިޔާޒްގެ އަތުގައި އޮތް ބެލްޓުން ހޫނު ހަމަލާއެއް ޒަރީނާގެ މޫނުމައްޗަށް އެރިއެވެ. އިތުރަށް އެމަންޒަރު ބަލަން ހުރެފިނަމަ ކަމެއް ގޯސްވެދާނެކަމަށް ނިންމައި ރިއާން ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ބޯ ފާރުތަކުގެ ސަބަބުން ޒަރީނާގެ ވޭނީ ހަޅޭކުގެ އަޑު ފަނޑުވި ނަމަވެސް އޭނާއަކަށް އެކަމާ ނުވިސްނައެއް ނުހުރެވުނެވެ. އިރެއް އިރަކަށް އޭނާގެ ސިކުނޑި ވަސްވާސްތަކުން ފުރެމުންދިޔައެވެ.
ކުއްލިއަކަށް ޒަރީނާގެ ރުއިމުގެ އަޑު ބާރުވިއަޑަށް ރިއާން ސިހިފައި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭރު ރިޔާޒް ޒަރީނާގެ ހެދުން ވީދައިލުމަށްފަހު ކޮޓަރިން ބޭރުގައިވާ ކޮރިޑޯއަށް ޒަރީނާ ކޮށްޕައިލައިފިއެވެ. އެތަނުގެ ރެއިލިންގްގައި ޒަރީނާ ޖެހުނުވަގުތު ތިރީގައި ތިބި ޖޫލީމެންވެސް ރޮއެގަތް އަޑުއިވުނެވެ. ރިއާންއަށް ކެތްކުރެވުނީ އެހިސާބަށެވެ. ކަންތައްތަށް މިއޮތީ ގޯސްވާނެ ވަރަކަށް ގޯސްވެފައިތާއެވެ. މިރޭ އެގޭގައި ހިނގާނީ ކޮންމެވެސް އެކެއްގެ މަރެވެ. ޒަރީނާގެ މަރެވެ. ނުވަތަ ރިޔާޒްގެ މަރެވެ.
ރިއާން އައިސްފައިހުރި ރުޅީގައިގޮސް ރިޔާޒް ސިޑިއާ ދިމާލަށް ކޮށްޕައިލިއެވެ. އެފަދަކަމަކަށް ނުވިސްނައިހުރި ރިޔާޒް އެ މާބަލް ސިޑީގެ ހަރުފަތްތަކުން ފުރޮޅެމުންގޮސް އެންމެ ތިރިއާ ހަމަވިއިރު އެތަނުގައި ލޭގެ ކޯރެއް ދެމިފައިވިއެވެ. އެވަރުންވެސް ރިއާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ސިކުނޑީގައިވި އަވާމެންދުރުގެ އަސަރުވެސް ފިލައިގޮސް މުޅިމީހާއަށް ބާރެއް ލިބުނު ކަހަލައެވެ. ދުވެފައިގޮސް ސިޑީގެ އެންމެ ތިރީ ހަރުފަތުގެ އެއްފަރާތުގައި ޒީނަތްތެރި ކުރުމަށް ބަހައްޓައިފައިހުރި ބޮޑު ގުޅި ވައްޓައި ތަޅައިލުމަށްފަހު އޭގެ ދަށުގައި ހުރި ލަކުޑި މޭޒު ނަގައި އޭގެން ރިޔާޒްއަށް ހަމަލާއަކަށްފަހު ހަމަލާއެއް ދޭންފެށިއެވެ. މޭޒު ކުދިކުދި ވުމަށް ފަހުގައިވެސް އޭގެން ވަކިވި ލަކުޑިގަނޑުން ރިޔާޒްއަށް ހަމަލާދެމުންދިޔައެވެ. އެތަނުގައިހުރި ޖޫލީ އާއި ޒަރީނާއައިސް ރިއާން ދުރުކުރެވޭތޯ މަސައްކަތްކޮށް ނާކާމިޔާބުވަމުންދިޔައެވެ. އެމީހުން ގަނެފައިތިބީ އަމަށަކު ބިރެއްނޫނެވެ. ރިޔާޒްގެ ހަށިގަނޑުން ހަބަރު ހުސްވެފައިވާއިރު ރިޔާޒް ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއްވެސް އެހަށިގަނޑުން ފެންނާކަށް ނެތެވެ.
ރިއާން މާ އަވަހަށް ޕާޓީ ދޫކޮށްފައި އައީތީ އޭނާ ހޯދަން އައި ރާހިލްއަށް އެމަންޒަރު ފެނުނު ވަގުތު ހައިރާންކަމެއް ލިބުނު ކަމަށްވިޔަސް އޭނާވެސް އަވަސްވެގަތީ ރިއާން ހުއްޓުވުމަށެވެ. އެކަން އޭނާއަކަށްވެސް ކާމިޔާބެއް ނުކުރެވުނެވެ. މާގިނައިރެއްނުވެ އެގޭގެ ދޮރު ކައިރިން ބަޔަކު ސަލާން ގޮވައިލި އަޑު އިވުނެވެ.
No comments yet
Be the first to share your thoughts about this episode!