Episode 25
ހިތް އެދޭހާ ކަމެއް.. (25 ވަނަބައި)
"ދެން އަޅެ ލަސްވެގެން އުޅޭ އިރުވެސް… މި ރާހިލް ކައިރީގަވެސް މި ނުފޮނުވާށޭ ބުނީމަވެސް ހަމަ–" ދޮރާ ހިސާބަށް އާދެވުމާއެކު ޝައިނާގެ ޖުމްލަ މެދު ކެނޑުނީ އެހެން ދުވަސް ދުވަހު ހަދިޔާ ފޮނުވުމުގައި ބޭނުންކޮށްފައިހުންނަ ރީނދޫކުލައާއި ހިލާފަށް ރަތްކުލައިން މިއަދުގެ ފިނިފެންމާތަށް ހުރުމުންނެވެ. އަދި އެހެންޏާ އޭނާއަށް ލިބޭ ކޭކާއި ރަބަރު އަސްދޫނީގެ ބަދަލުގައި މިއަދު މާބޮނޑިއާއެކު ލިބިފައިވަނީ ރަތްކުލައިގެ ޓެޑީ ބެއާއެކެވެ. ރާހިލްގެ ފިލްމީކަން ހިތަށްއެރުމާއެކު ޝައިނާއަށް ހިނިތުންވެލެވުނެވެ. އޭނާ އަވަސް އަވަހަށް މާ ބޮނޑިއާއި ބެއަރ އެތެރެއަށް ވެެއްދުމަށްފަހު މާބޮނޑީގެ ތެރެއިން ނެގި ނޯޓު ދަބަހަށްލަމުން ގެއިން ނުކުތެވެ.
——————
ރިއާންއަށް ހޭލެވުނީ ހުއްޓުމެއްނެތި ރިންގުވަމުންދިޔަ ފޯނުގެ އަޑަށެވެ. އޭނާ ކަންނެތްކަމާއެކު ސޯފާގެ ކުރިމައްޗަށް ހުރި މޭޒަށް އަތްދަމައިލައި އޭގެ މަތީގައި އޮތް ފޯނު ނަގަމުން ޖަވާބުދިނެވެ.
"ހެލޯ ޒީ..އަދިވެސް ނުހޭލަންތަ؟" ރިއާންއަށް ސިއްސައިގެންގޮސް ކޮޅަށް ތެދުވެވުނީ އޭނާއަށް ކުރިން ދުވަހަކުވެސް އިވިފައިނުވާ އަންހެން އަޑެއް ކަންފަތުގައި ޖެހުމުންނެވެ. ރަނގަޅަށް ލޯ ހުޅުވައި ބަލާލީރު އަތުގައި އޮތީ އޭނާގެ ފޯނެއްނޫނެވެ. ރޭގައި ޕާޓީއިން އައިސް އެތަނުގައި ބޭއްވި ގޮތަށް އޮތް ޒީވާގެ ފޯނެވެ.
"ހަލޯ.. ހަލޯ؟ ހަލޯ ޒީ؟"ރިއާންއަށް އެއްޗެކޭ ނުބުނެވިފައި ހުއްޓާ އެކުއްޖާގެ އަޑު އަނެއްކާވެސް އިވެން ފެށުމުން ރިއާން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ދޮރު ހުޅުވައިލިއިރު އެނދުގައި ގަދަޔަށް ނިދިފައި އޮތް ޒީވާ ފެނި އޭނާ ފޯނަށް ޖަވާބުދިނެވެ.
"ހެލޯ.. ހައި އަމްމް.. ޒީވް.. ޒީ ނިދާފަ" ރިއާން އަޅައަޅައިގަންނަމުން ވާހަކަދެއްކިއެވެ.
"ނިދާފައޭ؟؟ އަޅެ ޒީ ހަނދާންނެތުނީތަ އައިޝްގެ ޕާޓީ އޮތްކަން؟ ޕްލީޒް ގޮވާލަދީބަ" އެކުއްޖާ ބުންޏެވެ. ރިއާން އެންމެރަނގަޅޭބުނެ ފޯނު ކަނޑައިލުމަށްފަހު ޒީވާއަށް ގޮވައިލިއެވެ.
"ޒީވް.. ހޭއި.. ޒީވް.. ހޭލަބަ ކޮންމެވެސް މީހެއް އެބަ ގުޅާ" ބާލީހުގައި ބައްދައިލައިގެން އޮތް ޒީވާގެ ކޮނޑުގައި ކޮށްޓައިލަމުން ރިއާން ގޮވިއެވެ. "ޒީ.."
"ދެން މަންމާ…. އަޅެ އަދި ފަސްމިނަޓު" ޒީވާ އިތުރަށް ބާލީހުގައި މޫނުފޮރުވައިލިއެވެ. ޒީވާގެ އަމަލުކުރިގޮތުން ރިއާން ހިނިއައެވެ. ނަމަވެސް ނިދިފައި އޮތް އިރު އެ މޫނުމަތީގައިވާ މައުސޫމުކަންފެނި އަދި އިރުކޮޅެއްވަންދެން ޒީވާ ނިދަން ބާއްވާނީކަމުގައި ނިންމައި އޭނާ އެތަނުންދިޔައެވެ.
މޫނުދޮވެ ތާޒާވެލައިގެންއައިސް ކޮފީތައްޓާއެކު ސޯފާގައި އިށީން ވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. މިފަހަރު ރިއާން ނިންމީ ފޯނަށް ޖަވާބު ނުދިނުމަށެވެ. އަދި ގަޑިން ޖެހީ މެންދުރު އެކެއްވިއްޔާއެވެ. މިހާ އަވަހާ އޮންނާނީ ކޮން ޕާރޓީއެއްހޭ އޭނާގެ ހިތަށް އެރިއެވެ.
ވިއްސަކަށްމިނެޓު ވަންދެން ފޯނު ރިންގުވުމުން ރިއާން ކުރިއެކޭ އެއްފަދައިން އަނެއްކާވެސް ގޮސް ޒީވާއަށް ގޮވައިލިއެވެ. މިފަހަރުވެސް ޒީވާ ހަމަ ހިލާ އޮތްތަނުން ގުޑާވެސް ނުލިއެވެ. ކަންްތަކާ ޖެހުނީތާއޭ ރިއާންގެ ހިތަށްއެރިއެވެ. އަނެއްކާވެސް އައިސް ލެޕްޓޮޕާއެކު ސިޓިންގްރޫމްގެ ސޯފާގައި އިށީނެވެ. އޭރުވެސް ހުއްޓާނުލާ ފޯނު ރިންގުވަމުން ދިޔައެވެ.
"ފޯރ ދަ ލަވް އޮފް ގޯޑް" ރިއާން ހިސާބަކަށް ހިތްހަމަނުޖެހިފައިހުރެ ފޯނު ނެގިއެވެ." ޔެސް.. ޔެސް އެބަ ގޮވަން..ޒީވް.. ޒީވް..ހޭލަބަ މިއޮތީ ފޯނެއް" ރިއާން ޒީވާގެ ކޮނޑުގައި ހިފައި ތަޅުވައިގަތުމަށްފަހު ޒީވާގެ އަތަށް ފޯނު ލައިދިނެވެ.
"ހަލޯ" ޒީވާ ދެލޯ މަރައިގެންއޮވެ ނިދި އަޑަކުން ފޯނަށް ޖަވާބުދިނެވެ.
"ސާބަހޭ ބަލާބަލަ ގަޑިން ވީ ވަރު. ތިމަންނައާ ކޭކު ހަވާލުކުރާށޭ ކިޔާފަ ދެން ކިހިނެއް އައިޝް އަންނަން ވާއިރަށް މިތަން ތައްޔާރު ކުރާނީވެސް" ފޯނުން ދެއްކި ވާހަކައިގެ އަޑު ޖެހުމާއެކު ޒީވާއަށް ހީވީ މީހަކު އޭނާގެ މޫނު މައްޗަށް ފެންއެއްޗެއް އޮއްސައިލިހެނެވެ. ކުއްލިއަކަށް ތެދުވަން އުޅުމުގެ ތެރޭގައި މީހާ އެނދުން ވެއްޓެން ދިޔަތަންފެނި ރިއާންއަށްވެސް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަމަވެސް އެއަށްވުރެން ކުރިން ޒީވާ އޮތީ ބިންމަތީގައެވެ. ހަމަ ވެއްޓި ތަޅުންގަނޑުގައި ފޫ ޖެހުމާއެކު ފުންމައިގެން ތެދުވިއެވެ. ތިރީގައި އަޅައިފައިވާ މަޑު ކާޕެޓުގެ ސަބަބުން ޒީވާއަށް އަނިޔާ ނުވާނެކަން އެނގި ރިއާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެފަދަ ގޮތަކަށް ޒީވާ އުޅޭތަން ފެނުން ވެގެންދިޔައީ އޭނާއަށް މުޅިން އާ މަންޒަރަކަށެވެ. ޝައުގުވެރިކަމާއެކު ޒީވާގެ ހަރަކާތްތަށް ބަލަން ދޮރުގެ ދާރައިގައި ލެގިލައިގެން ހުރެވުނެވެ.
"ވަޓް؟ އަޅެ ނާނީ ކީއްވެތަ ކުރިން ނުގުޅީ؟ އަދި ގެއަށްގޮސް ކޭކުވެސް އަަޅަން ޖެހޭނެ.. އޯ ގޯޑް.. އަަދި އަހަރެން ފެންވަރައިގެން ގެއަށް ދާންވެސް އެހާ އިރު ނަގާނެ.. ކޯއްޗެއްތަ ލާނީވެސް؟" ޒީވާ ފޯނު ސްޕީކަރަށްލުމަށްފަހު ފޮށީގައިހުރި ހެދުންތައް ހާވަންފެށިއެވެ.
"އަހަރެން އޭރުވެސް ބުނިން ޒީ ގާތު ކޭކާ ހަވާލުވާނެ ކަމެއްނެތޭ.. ޒީ ވެއްޖެ މާ ސްޕެޝަލް ކުރަން.. ޒީގެވެސް ވެޑިންގް ނައިޓް އޭ ބުނިން…" ނާނިގެ ވާހަކަ އަޑު އަހަމުންދިޔަ ޒީވާ ފަހަރަކު ހެދުމެއް ނަގައި ބަލަމުން ދިޔައެވެ.
"އަޅެ އަހަރެން ވަރުބަލިވެފަ ހުރިވަރުން މާ ލަސްވަންދެން ނިދުނީއޭ" ޒީވާ ޝަކުވާކޮށްލިއެވެ.
"ހޫމް ވާނެއެއްނު… ޒީ ކަހަލަ ފުއްގަނޑެއް ލިބުނީމަ ރިއާން އެހާ އަވަހަކަށް ހިތެއް ނުފުރޭނެވިއްޔަ… ނިދާލަން ވަގުތެއްވިކަންވެސް ރަނގަޅެ–" ޒީވާއަށް ތެޅިގެންފައި އަވަސްއަވަހަށް ފޯނު ކަނޑައިލެވުނެވެ. ދޮރު ކައިރީގައިހުރި ރިއާންއަށް ބަލައިލިއިރު ޒީވާގެ މޫނު ލަދުން ރަތްވެފައިވިއެވެ. ރިއާންވެސް ހުރީ އިވުނު ވާހަކަތަކުގެ ސަބަބުން ހިސާބަކަށް ހުއްޓުން އަރައިފައެވެ. ޒީވާ އިތުރަށް އެންމެ މިނެޓެއްވެސް އެތަނުގައި މަޑުކުރުމެއްނެތި އެންމެ އަވަހަށް އަތު ޖެހުނު ހެދުން ހިފައިގެންގޮސް ފާހަނައަށްވަނެވެ.
———-
"އަވަސް އަވަސް އަވަސް… ރިއާން އަޅެ ހިނގާބަލަ އަހަރެން ގެންގޮސްދޭން…" އަތްދަބަސް ހިފައިގެން ދުވެފައި ކޮޓަރިން ނުކުތް ޒީވާ ގޮވައިލިއެވެ. އޭރު އޭނާ މަސައްކަތް ކުރަމުންދިޔައީ ލައިގެން ހުރި މަޑުނޫކުލައިގެ ފަރުމާއެޅި ހުދު ވައްތިރިހެދުމާއި ގުޅޭ ކަންފަތުލާއެތި ހަރުކުރުމަށެވެ.
"ރިއާން އަވަސް" ޒީވާ އަނެއްކާވެސް ގޮވާލުމާއެކު ރިއާން ހުޅުވިފައިހުރި ކޮޓަރީގެ ދޮރު ލައްޕައިލަމުން ޒީވާގެ ފަހަތުން ނުކުތެވެ. ލިފްޓުން ފައިބައިގެން އައިސް ކާރާއި ގާތްވެލި ވަގުތު އައި ނައި ތަނެއް ނޭނގި ހަތަރު ފޮޓޯގްރާފަރުން އެމީހުންގެ ކުރިމައްޗަށް އެރިއެވެ. ޒީވާ ލިބުނު ސިހުމުގައި ރިއާންގެ ފަހަތަށްވަދެ ނިވާވެލިއިރު އެ ސިހުމުގައި އަތުގައި އޮތް ފޯނުވެސް ބިންމައްޗަށް ވެއްޓުނެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް ރިއާން އަވަސްވެގަތީ ޒީވާއަށް ހިމާޔަތްދީ އެތަނުން ގެންދިޔުމަށެވެ. އެހެންކަމުން ބިންމައްޗަށް ވެއްޓިފައި އޮތް ފޯނު ނަގައިގެން އޭނާ ޒީވާއާއެކު އަލުން ލިފްޓަށް ވަނެވެ.
"އޯކޭތަ؟" ރިއާންގެ ސުވާލަށް ޒީވާ ބޯ ޖަހައިލިއެވެ.
"ފޯނު އޯކޭތަ؟ ސޮރީ އަހަރެން ސިއްސައިގެން ދިޔައީ" ޒީވާ ބުންޏެވެ. ރިއާން ޒީވާގެ ފޯނު ދިއްކޮށްލިއެވެ. އެޕަރޓްމެންޓަށް ވަދެވުމާއެކު އަވަސް އަވަހަށްގޮސް ބެލްކަނީގައި ހުއްޓިލީ އެއިން މީހެއްގެ ހިލަމެއް ވޭތޯ ބަލައިލުމަށެވެ. އޭރުވެސް އެމީހުން ތިރީގައި ތިބިތަން ފެނި ރިއާންއަށް ދަތްކުނޑިވިކައިލެވުނެވެ. އޭނާ ޖީބުގައި އޮތް ފޯނު ނަގައި ނީމްއަށް ގުޅައިލިއެވެ.
"ހެލޯ.. ނީމް.. ކުރީދުވަހު ފޮނުވި ލިސްޓުގަ ހުރި ނޫސް އެޑިޓަރުންނަށް ގުޅާފަ ބަލާލަބަ މިގޭގެ ތިރީގަ ތިބީ ކޮން ނޫހެއްގެ ބައެއްތޯ؟ އަވަސް ކޮށްލަދެއްޗޭ.. އެމީހުން ވަކި ކޮށްލާފަ އަހަރެންނަށް ޖޮއިންޓް ކޯލް ޕާސްކޮށްލައްޗޭ.." ރިއާން ބުންޏެވެ.
"ލަސްވޭ ދޯ.. ސޮރީ އިނގޭ.. އަހަރެންވެސް އުއްމީދުކޮށްގެން ހުރި ކަމެއްނޫން މީ.." ރިއާން ޒީވާގާތު ބުންޏެވެ.
"އޯކޭވާނެ. އެކަމަކު ކޭކް.. ދެން އަޅާނުލާ.. ދެން ކޭކެއް ގަންނާނީ.." ޒީވާ ހުރި ކަންބޮޑުވެފައެވެ.
"އައި ޕްރޮމިސް.. މިއީ އެންމެ ފުރަތަމަ އަދި ފަހު ފަހަރު.. ދެން މިހެނެއް ނުވާނެ" ރިއާން ބުންޏެވެ. ފަނަރަ މިނެޓެއްހާއިރު ފަހުން ރިއާންއަށް ނީމްގެ ކޯލު ލިބުނެވެ. އެ ކޯލުގައި ތިބި ހަތަރު ނޫހުގެ އެޑިޓަރުންނާ ރިއާން ވާހަކަ ދައްކަމުން ދިޔައެވެ.
"އެންމެ ރަނގަޅު.. މާދަމައަށް ހަތަރު މީޑިޔާގެ އިންޓަރވިއުއެއް ޝެޑިއުލް ކުރޭ.. އެކަމަކު މިވަގުތު އަހަރެންގެ ގެ ކައިރީގަތިބި ހަތަރު މީހުން އެތަނުން ފޮނުވާދެވެންވާނެ" ރިއާން އެމީހުންގެ ޝަރުތާއި އެެއްބަސްވީ އޭނާއަށް އިތުރު ގޮތެއް ނެތުމުންނެވެ. މިފަހަރަކު އޭނާއަށް ކަމުން އަވަހަކަށް ބޯ ދަމައި ނުގަނެވޭނެކަން އޭނާ ދެނެގަތެވެ. ވީއިރު އެފަދަ ހައިޖާނެއްގެ ތެރޭގައި ޒީވާ ޝާމިލުކުރަން އޭނާ ބޭނުން ނުވީއެވެ.
ރިއާން ދެވަނަ ފަހަރަށް ޒީވާއާއެކު ތިރިއަށް ފޭބިއިރު އެތަނުގައި ތިބި މީހުން ކެމެރާތަށް ޕެކް ކުރުމުގައި އުޅުނެވެ.
"އައްސަލާމް އަލައިކުމް" ރިއާން އެތަނުން އެކަކަށް ސަލާމުގެ އަތް ދިއްކޮށްލިއެވެ. އެމީހާ ހައިރާންވެފައިހުރެ ރިއާންގެ ސަލާމަށް ޖަވާބުދިނެވެ.
"އަހަރެންނަށް އެނގޭ އަހަރެމެން މައްޗަށް އެރުމުގެ ކުރިން ތި ކެމެރާއިން އަހަރެންގެ އަންހެނުންގެ ފޮޓޯ ނެގިކަން. އަހަރެން ވަރަށް އަދަބުވެރިކަމާއެކު އެ ފޮޓޯ ފުހެލަދޭން މި ބުނަނީ.." ރިއާން ބުންޏެވެ.
"އަހަރެން އެއްވެސް ފޮޓޮއެއް ނުނަގަން" އެމީހާގެ ޖަވާބާއެކު ރިއާން އެއްމިޔަކަނިން ހިނިތުންވެލަމުން އޭނާގެ ކޮނޑުގައި އަތްޖައްސައިލިއެވެ.
"ލުކް މޭން.. އަހަރެންގެ އުމުރުން މި ވީހާ ދުވަހެއް މި ވީ ތި ކެމެރާ ތަކުގެ ހިޔަނީގަ. ސަރައުންޑެޑް ބައި ދީސް ލެންސަސް.. އެހެންވީމަ އެންމެ 4 ކެމެރާގެ ތެރެއިން ފޮޓޯ ނެގެނީ ކޮން ކެމެރާއަކުންކަމެއް އަހަރެންނަކަށް ނޯޅޭނެ." ރިއާން ބުންޏެވެ.
"ރިއާން ދެން އަޅާނުލާ ހިނގާބަ" ޒީވާ ބުންޏެވެ. ނަމަވެސް ރިއާން ހުރީ އެ ފޮޓޯ ޑިލީޓް ކުރުމަށް އަޒުމުހިފައިލައިފައެވެ. އެތަށް ގޮތަކުން އޭނާއަށް އިންޒާރުތައް ދޭންފެށިއެވެ.
"އޯކޭ އޯކޭ. ސޮރީ.." އެމީހާ ރިއާންގެ ކުރިމަތީގައި ކެމެރާއިން ނެގި ޒީވާގެ ފޮޓޮއާއި އޭގެ ބެކަޕް ޑިލީޓް ކޮށްލިއެވެ. ރިއާން އެންމެރަނގަޅޭ ބުނެ ބޯ ޖަހައިލުމަށްފަހު ޒީވާ ގޮވައިގެން ކާރަށް އަރައި ދުއްވައިލިއެެވެ. އޭރުވެސް އޭނާއަށް ހުރެވުނީ ހިސާބަކަށް ހިނގައިދިޔަ ކަންތައްތަކާމެދު ހިތްހަމަނުޖެހިފައެވެ.
ކޭކު ގަނެގެން ޒީވާ ބޭނުންވާ މަންޒިލަށް ޒީވާ ގެންގޮސް ދިނުމަށްފަހު ރިއާންވެސް މިސްރާބުޖެހީ އޮފީހާ ދިމާލަށެވެ. އެހެނަސް އޮފީހުގެ ދޮރުން ވަދެވުމާއެކު ހުރިހާ މުވައްޒަފުން އެއްއަޑަކުން " ކޮންގްރެޖުލޭޝަންސް" އޭ ކިޔައިގަތް ވަގުތު އޭނާގެ ކަންފަތްހީވީ ފަޅައިގެން ދިޔަހެނެވެ. އޭރު ކުރިމަތީގައި އެ އިބާރާތް ލިޔެވިފައިވާ ކޭކެއް ހުރި މޭޒެއް ބަހައްޓައިފައި ހުއްޓެވެ. ހެޑް އޮފީހުގެ ހުރިހާ މުވައްޒަފުން ވަނީ ތިރީ ލޮބީއަށް ޖަމާވެފައެވެ. ރިއާންގެ ރުޅިގަނޑުވެސް ފިލައިގެންދިޔައެވެ. އޭނާއަކީ މުވައްޒަފުންނާ އޮންނަ ޒާތީ ގުޅުމަށް އިސްކަން ދޭ ވެރިއަކަށް ނުވާއިރު އޭނާއާ ދެތެރޭ އޭނާގެ މުވައްޒަފުން މިހާ ގާތްކޮށް ދެކުނީތީ އާދަޔާހިލާފު ހިތްހަމަ ޖެހުމެއް ލިބުނެވެ.
"ބޮސް. އަވަހަށް ކޭކް ފަޅަން އާދޭ" ރިއާން ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އަދި ކޭކު ފަޅައިލައި އޭގެން ކުޑަ އެތިކޮޅެއް އަނގަޔަށްްލިއެވެ.
"ކޮބާ.. ކައިވެންޏަށް މަރުހަބާ އިނގޭ.. އެކަމަކު ވަރަށްދެރަ! މިތާތިބި ގިނަ ސްޓާފުންނަށް ޕާޓީއަށް ނުކިޔާއިރު ކައިވެނި ސައެއް ދޭންވާނެ" އެޗް. އާރްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މޯޑު ބުންޏެވެ.
"އަހަހަ. ބޭނުން އެއްޗެއް އޯޑަރ ކުރޭ.. އޯކޭ ޑިނަރ އަކަށް ނިންމިޔަސް.. އިޓްސް އޮން މީ.. ތެންކްޔޫ އޯލް" ރިއާން ލިފްޓާ ދިމާލަށް ހިނގައިގަންނަމުން އެންމެނަށް ހިނިތުންވެލިއެވެ.
"ޝައިނާގެ ކަމެއްދޯ މީ" ރިއާންއަށް އެތަނުން ޝައިނާ ފެނުމާއެކު މަޑުމަޑުން އަހައިލިއެވެ.
"އަހަރެންނޭ؟ ނޫންނޫން. މީ ހަމަ އެންމެންވެގެން ރޭވި ކަމެއް… އަހަރެން ހަމައެކަނި ޒީ ގާތު ބުނީ ރިއާން މިކޮޅަށް އަންނަން ނައްޓާލީމަ ބުނެލައްޗޭ.. ޒީ އަކަށްވެސް އެއީ ކީއްކުރަން ކަމެއް ނޭނގޭނެ" ޝައިނާ ބުންޏެވެ.
"ދެން މައްސަލައެއް ނެތްތާ.. އެނގޭ އެންމެންވެގެން ކެއުމެއް ހޯދަންކުރި ކަމެއްކަން.. އެކަމަކުވެސް ދެން އެންމެ ރަނގަޅު.. އެންމެން ނިންމާ ގޮތެއް އަހަރެންނަށް އަންގާލާ." ރިއާން ހިނިތުންވެލަމުން ލިފްޓަށް އެރިއެވެ.
"މިއީ އަހަރެންނަށް ފެންނަަ ގޮތްތަ؟ ނޫނީ ރިއާން ހަމަ އަސްލުވެސް މިއަދު އާދަޔާހިލާފަށް ހެވިފަ ހުރި ދުވަހަކީތަ؟" ޝައިނާ އޭނާގެ ކައިރީގައިހުރި މޯޑު ގާތު އަހައިލިއެވެ.
"ދެން މިއަދު ހޭތަން ނުފެންނަ ކަމަށް ހަދާލައިގެން ހުރެލާ… މިކަހަލަ މޫނުމަތި އެހާ އުޖާލާ ދުވަހެއް އަންނާނީ މަދުން.. ރޭގެ ކަންތައް ކަންނޭނގެ އެއީ އަދިވެސް… ފަހަރި މޮޅިއްޔާ އެކަމަކު ގިނަ ގިނައިން މި އޮފީހަށް އުޖާލާ ދުވަސްތަށް ފެންނާނެކަމަށް މި ބަލަނީ. ހަހަހަ" މޯޑު ހިނިގަނޑެއް ޖަހައިލަމުން އެތަނުން ދިޔައެވެ. ޝައިނާ މޯޑު ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ފޯނު ނަގައި ޒީވާއަށް ގުޅައިލިއެވެ.
"ޒީ؟ އަހަރެންގެ ބޮސް ކޮންތާކު ފޮރުވައިގެން ތި އުޅެނީ؟" ޒީވާ ފޯނު ނެގުމާއެކު ޝައިނާ އަވަސްއަވަހަށް އަހައިލިއެވެ.
"ކީކޭ؟ ރިއާން އަދިވެސް އޮފީހަށް ނުދޭތަ؟ އެހެންވިއްޔާ އަހަރެންނަކަށް ނޭނގެ ދިޔަތަނެއް" ޒީވާ އާދައިގެ ރާގެއްގައި ބުނެލިއެވެ.
"ނޫން. އޮފީހަށް އަތުވެއްޖެ. އެކަމަކު އެއީ ރިއާން ކަމާމެދު ހާދަ ޝައްކޭ. ރިއާން ކާލައިގެން އެރި ފުރޭތައެއް ކަންނޭނގެ. ގަރލް.. ވަޓެވަރ ހެޕެންޑް.. އައި ނީޑް ފުލް ޑީޓެއިލްސް" ޝައިނާ ހިނިތުންވެލަމުން ބުންޏެވެ.
———-
"ކީކޭ؟ ހަމަ އެއްވެސް ކަމެއް ނުހިނގާތަ؟ ކިހިނެއް ތިކަން ގަބޫލު ކުރާނީ" ޝައިނާ ކޮފީތަށި ތުނބުގައި ޖަހައިލަމުން ހައިރާންވެފައި ކުރިމަތީގައި އިން ޒީވާއަށް ބަލައިލިއެވެ. ޒީވާ ދާން އޮތް ޕާރޓީ ނިންމައިލުމަށްފަހު އެދެމީހުން ތިބީ ޕާޓީ ބޭއްވި ކެފޭގައެވެ.
"ހޫމް ކަަމެއް ނުވެޔޭ.. އަހަރެން ކީއްކުރަންތަ ދޮގު ހަދަންވީ؟ ދެން އެހެންނޫނަސް ޝައި އަށް އެނގެއެއްނު އަހަރެމެންގެ ހާލަތު.. މީ ކޮންމެހެން ލޯބިން ކުރެވުނު ކައިވެންޏެއްވެސް ނޫނެއްނު؟ މީ ހަމަ އެކަނި ވެވުނު އެއްބަސްވުމެއް.. އަހަރެންގެ ސަލާމަތަށް.. ހިތާމައަކީ ރިއާންއަށް އެކަން ނޭނގޭތީ.. އަހަރެންނަކަށްވެސް އެވާހަކަ ދައްކާނެހާ ހިތްވަރެއް ނުލިބުނު" ޒީވާ އިސް ޖަހައިލިއެވެ. ޒީވާއަށްހިތްވަރު ދިނުމުގެ ގޮތުން ޝައިނާ މޭޒުމަތީގައި އޮތް ޒީވާގެ އަތުގައި ހިފައިލިއެވެ.
"ޒީ.. ތިހެން ހީ ނުކުރޭ.. ޒީ ގެ ފަރާތުން މިކަމުގަ އެއްވެސް އޮޅުވާލުމެއް ނެތެއްނު. އެެހިނގައިދިޔަ ކަންތަކަކީ ޒީއަށް އެކަމުގެ ނަފްސާނީ އަސަރު ކިހާ ބޮޑުވާނެ ކަމެއްކަން އަހަރެންނަށް އެނގޭ.. އެކަމަކު ޒީ އެވާހަކަތައް ކިޔައިދޭން ތައްޔާރު ނޫންނަމަ އެކަން ނުކުރުމަކުން ރިއާންއަށް މާ ބޮޑު ހަގީގަތެއް އުންޏެއްނުވާނެ. ނިކަން މިކަންތައްވެސް ވީ ރަނގަޅަކަށޭ ވިސްނާލަބަ. ކޮންމެ ހާލަތެެއްގަ ކުރެވުނު ކައިވެންޏަކަށް ވިޔަސް.. ރިއާންގެ ލޯބި ހާސިލްކުރަން މިއަށްވުރެން ރަނގަޅު ފުރުސަތެއް ޒީއަކަށް ނުލިބޭނެ. ޒީގެ ހިތް އަހަރެންނަށް އެނގޭ! މަސައްކަތްކުރިއްޔާ ތި ހިތަށް ކުރި ހޯދައިދެވިދާނެ" ޝައިނާ ބުންޏެވެ.
"ބަލަ ތިކަން އަހަރެންނަށްވެސް އެނގެޔޭ.. އެކަމަކު.. އެކަމަކު ރިއާންގެ ލޯތްބަށް މަސައްކަތްކުރުން އަހަރެން މީގެ ހަތަރު އަހަރު ކުރިން ހުއްޓާލައިފިން. އެމަސައްކަތް އަލުން ފަށައިގެން ނާކަމިޔާބުވާތަން ދެކޭނެހާ ހިތްވަރެއް އަހަރެންގެ ނެތް.. އަހަރެން ކިހާ އާދޭހެއް ކުރިން.. ކިހާ ރުއިމެއް ރުއިން.. ޝައިއަަށް ހީވަނީތަ އެ ހުރިހާ ކަމެއް ނުވާ ކަމަކަށް ހަދާފަ މީހެން އުޅުމަކީ އަހަރެންނަށް ފަސޭހަ ކަމެކޭ؟ ރިއާން ފެނުނީމަ އަހަރެންނަށް އެ ހަނދާންތައް ހާދަ އުނދަގޫ ކުރެޔޭ.. އެކަމަކު ރިއާންއަށް އެއީ ނުވާ ދުވަސްތަކެއްހެން ހީވާ ކަހަލަ. އަހަރެންނަށް އިސްނަގަން ކެރޭނީ ކިހިނެތް؟" ޒީވާގެ އަޑު ކުރެހެން ފެށުމާއެކު ވާހަކަ ހުއްޓައިލިއެވެ. ރިއާންއާމެދު ރޭގައި ވެނިމިދިޔަ އެއްބަސްވުމުގެ ވާހަކަ ބުނަން ބޭނުންވި ކަމުގައިވިޔަސް އޭނާއަކަށް އިތުރަަށް ރިއާންގެ ޝަކުވާ ކުރުމުގެ ހިތްވަރެއް ނުލިބުނެވެ. ހިތުގެ ކަނަކުން އެއީ އޭނާގެ ފިރިމީހާ ކަމުގަޔާއި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާގެ ހިތުގައި ފިރިމީހާއާ ދެތެރޭ ނަފްރަތު އުފައްދަން ރަނގަޅު ނޫންކަމުގައި ބުނަމުންދިޔައެވެ.
"އެންމެ ރަނގަޅު.. ދެން އެވާހަކަ ބާއްވާ. އިރާދަކުރެއްވިއްޔާ ޒީއަށް އަދި ހުރިހާ އުފަލެއް ލިބޭނެ. ތި ދެމަފިރިންގެ ގުޅުން އަދި ބަދަހިވާނެ.. ދެން ބުނެބަލަ.. އައިޝްގެ ބާތްޑޭ ޕާޓީ ދިޔައީ ކިހިނެެއްތަ؟" ޒީވާ މާބޮޑަށް ދެރަވީކަން އެނގި ޝައިނާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.
ޖެހިގެންއައި ދުވަހު ރިއާންގެ އެޕްރޓްމެންޓްގެ ހުސްކޮށް ހުރި ކޮޓަރިއަށް ޒީވާ ބަދަލު ކުރެވުނެވެ. އެކަމާ ޒީވާގެ އެއްވެސް ޝަކުވާއެެއްނެތެވެ. އޭނާއަށް އެތަނުގައި އުޅެން ފަސޭހަވާނެހާ ގޮތްތަށް ރިއާން ފަހިކޮށްދިނެވެ. އޭނާ އެދުނު ފަދައިން ކޮޓަރީގެ ފާރުތަކުގައި މަޑު ދަނބުކުލަ ލައިދިނެވެ. އެއާ ގުޅޭނެ ހުދު ކުލައިގެ މޮޅު ފަރުނީޗަރުތަކުން ކޮޓަރި ޒީނަތްތެރި ކޮށްދިނެވެ. ރިއާންގެ މެހެމާންދާރީ ވަރަށްވެސް ފުރިހަމައެވެ. އެހެނަސް ޒީވާގެ ޝަކުވާއަކީ އެއީއެވެ. އޭނާއަށް އެގޭގައި ކުރެވެމުންދިޔައީ މެހެމާނެއްގެ އިހުސާސެވެ. ކުރިން ދުރުގައި އުޅުނުއިރު ރިއާންއަކީ ނެތް މީހެއްކަމުގައި ދެކިގެން އުޅެވުނު ކަމުގައިވިޔަސް ރިއާންއާ ގާތުގައި ހުރެމެ ކޮންމެ ދުވަހަކު ރިއާންގެ ފަރާތުން ލިބެމުންދިޔަ ބީރައްޓެހިކަންވީ އޭނާގެ ހިތުގައި އަޅާވޭން އިތުރުވި ކަމަށެވެ. ހިތާއި ނަފްސު ކޮންޓްރޯލް ކުރަން ހިތްވަރުކުރި ކަމުގައިވިޔަސް ރިއާންގެ ސަމާލުކަން ހޯދުމަށް އޭނާއަށް މަސައްކަތް ކުރެވެނީ ބޭއިހްތިޔާރުގައެވެ.
"މިރޭވެސް ޒީވް ކެއްކީތަ؟ އަހަރެން ބުނީމެއްނު ޒީވް ކޮންމެހެން ކައްކާކަށް ނުޖެހޭނޭ. އަހަރެން އަންނާނީ ކުރިއެކޭވެސް އެއްގޮތަށް ކައިގެންނޭ.. ޒީވެސް ޑިއުޓީއަށް ދަމުން މިހުރިހާ ކަމެއް ކުރާކަށް ނުޖެހޭނެ" ރިއާން ކާމޭޒު މައްޗަށް ނަޒަރު ހިންގައިލަމުން ކަރުގައި އޮތް ޓައި ދޫކޮށްލިއެވެ. އޭނާގެ ވިސްނުން ހުރީ އެހެން ކޮންމެރެއެކޭ އެއްގޮތަށް މިރޭވެސް ޒީވާ ކެއްކި އެއްޗެއް ނުކައި ގޮސް ނިދުމަށެވެ. ޒީވާ ހިތުގައި ޖެހުނެވެ. ރިއާން ބުނިފަދައިން އޭނާވެސް ވަޒީފާއިން އައިސް ވެފައިހުންނަ ވަރުބައްޔާއެކުވެސް ރިއާންއަށް މީރުވާނެހާ އެއްޗެއް ކައްކާ ކާންހެދުމަށް މަސައްކަތް ފަށަނީ ފޮނި އުއްމީދެއްގައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅައިލުމެއްނެތި ރިއާން ކޮންމެ ދުވަހަކު ދަނީ އޭނާ ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވައިލުމަށްފަހުއެވެ.
"ރިއާން" ޒީވާއަކަށް މިރޭ ހިމޭނަކުން ނީނދެވުނެވެ. ރިއާން ކާމޭޒާ ދުރަށް އަޅައިލި ފިޔަވަޅު ޒީވާގެ އަޑަށް ހުއްޓުނެވެ.
"ރިއާން.. އަހަރެންވެސް މިގޭގަ ކައްކަނީ ކޮންމެހެން ރިއާން ކާން އަންނާނެ ކަމަކަށް އުއްމީދު ކޮށްގެނެއްނޫން.. އެއީ އަހަރެންގެ ޒިންމާއެއް ކަމަށްވެސް ދެކިގެނެއްނޫން.. އެކަމަކު އަމިއްލައަށް ކައްކާއެއްޗެއް ކާން އާދަވެފަ ހުރީމަ އަހަރެންކާން ކައްކާއިރު ރިއާންއާ ލައިގެން ކައްކަނީ" ޒީވާ ބުންޏެވެ.
"ޒީވްގެ ގައިގަ ހުރި އާދައަކިއްޔާ ޒީވް އެކަނި ކޮންމެ ދުވަހަކުވެސް އެއްޗެއް ހަދާލައިގެން ކާލާ" ރިއާން މިފަހަރުވެސް މާބޮޑު ޝައުގުވެރިކަމެއްނެތި އެތަނުން ހިނގައިގަތެވެ. މިފަހަރުވެސް އޭނާއަށް ހުއްޓެން ޖެހުނީ ޒީވާ ގޮވައިލި އަޑަށެވެ.
"ރިއާން.. އެއީ އެކަންޏެއް ނޫނޭ އަހަރެންގެ އާދައަކީ…" ރިއާން ސުވާލު އުފެދިފައި ޒީވާގެ މޫނަށް ބަލައިލިއެވެ. "ރިއާންއަށް އަހަރެންގެ ފެމިލީ އެނގޭނެ. ބައްޕަ ނެތަސް.. ދޮންބެ ނެތަސް.. އަބަދުވެސް މަންމަ ނޫނީ އިޝްކޮ އަހަރެން ކައިރީގަ ހުރޭ.. ގޭގެ ސުފުރާމަތީގަ އޭރަކު ތިބޭ އެންމެން ކާނީ އެކީގަ.. އަހަރެން.. އަހަރެންނަށް އެކަނި ސުފުރާއެެއްގަ އިނދެ ކާން އާދަވެފައެއް ނެތް..ވިލް ޔޫ ސިޓް ވިތް މީ.. ޕްލީޒް؟" ޒީވާ އެދުނެވެ.
ރިއާން އިރުކޮޅަކު ވިސްނައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ބޯ ޖަހައިލިއެވެ. އަދި އެންމެ ގާތަށް ހުރި ގޮނޑި ދަމައިލުމަށްފަހު މޭޒު ދޮށުގައި އިށީނެވެ. ރިއާންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ޒީވާ ކާން ފެށިއެވެ. އެތަނުގައި ހިމޭންކަމާއެކު އިން ވަގުތު ރިއާންއަށް ތަނުގެ ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. ޒީވާ އައުމަށްފަހު ގޭތެރެއަށް އައިސްފައިވާ ބަދަލު ފުރަތަމަ ފަހަރަށް އޭނާގެ ލޮލުގައި އަޅައިގަތެވެ. ބަދިގޭގެ ކައުންޓަރޓޮޕްގައި ތަރުތީބު ކަމާއެކު ބެހެއްޓިފައިވާ ފުޅިތަކުން ފެށިގެން އައިސް އަލަމާރީގައި ތަތްކުރެވިފައިވާ ދަގަތްފާނުކޮޅުތަކުގެ އިތުރުން ކިޗަން އައިލެންޑް މަތީގައިވާ ވާހުގައިހުރި ތާޒާ ލެވެންޑާ މާތަކުން އެކަނިވެސް ގެއަށް އައިސްފައިވާ ބަދަލު ފާހަގަވަމުންދިޔައެވެ. ފަނޑުކޮށް ނަމަވެސް ދުވަމުންދިޔަ ލެވެންޑާގެ ވަހުން ރިއާންއަށް އާދަޔާ ހިލާފު ހިތްހަމަ ޖެހުމެއް ލިބެމުންދިޔައެވެ.
"ދެން ހަމަ ނުކާނަންތަ؟" ކެއުމުގެ މެދުތެރެއިން ޒީވާ އަހައިލިއެވެ. ރިއާން އޭރު އިނީ ދެހިޔާލެއްގައެވެ. މޭޒުމަތީގައި އަތުރައިފައިވާ މީރު ދިވެހި ކެއުމަށް ފިހެފައިވާ މަހުގެ ވަހަށް އޭނާ ބަނޑުހައިވާން ފެށިހެން ހީވިއެވެ.
"ހަމަގައިމުވެސް އަހަރެން ރިއާންއަކަށް ޒަހަރެއް ނުދޭނަން.. އަހަރެންވެސް އެހާ މޮޔައެއް ނުވާނެއެއްްނު.. ރިއާންއަށް އެކަހަލަ ކަމެއްވިއްޔާ މިހާރު އެންމެ ފުރަތަމަވެސް ޝައްކުގެ އިނގިލި ދިމާވާނީ އަހަރެންނަކަށްނު؟ މިބުނީ ޕްރައިމް ސަސްޕެކްޓަކަށް ވާނީ އަހަރެންނެއްނު؟" ޒީވާގެ ވާހަކައަށް ރިއާން ހިނިތުންވެލިއެވެ.
"އޯކޭ ފައިން" އެންމެފަހުން ރިއާން ހަތިޔާރު ބެހެއްޓިއެވެ. ކުރިމަތީގައިހުރި ތައްޓަށް ވައްތަރަކުން އެއްޗެއް އަޅައިލުމަށްފަހު ޒީވާއާއެކު ކެއުމުގައި ބައިވެރިވާންފެށިއެވެ.
"މީރުތަ؟" ޒީވާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރިއާން ވައަތުގެ ބޮޑުވައި އިނގިލި ދައްކައިލަމުން ބަރާބަރު ކަމުގައި ބުންޏެވެ. ހަގީގަތުގައިވެސް އޭނާހުރީ ހައިރާންވެފައެވެ. އޭނާއަށް އެންމެފަހުން އެނގުނު ޒީވާއަކީ މީގެ އަށްއަހަރުކުރިން އުނދުންވެސް ރަނގަޅަށް ރޯކުރަން އެނގޭ ކުއްޖެއްނޫނެވެ. ޒީވާގެ ކެއްކުމުގެ ހުނަރަށް އައި ބަދަލަށް ރިއާން ހިތާހިތުން ތައުރީފް ކުރިއެވެ.
"މަންމަ ގުޅި. ބުނީ ރިއާން ގޮވައިގެން އަހަރެން ނުދާތީއޯ.. އަހަރެން ބުނިން އަހަރެންވެސް ރިއާންވެސް ވަރަށް ބިޒީއޭ.. ބުނީމާ ބުނީ ހުކުރު ދުވަހު މެންދުރު ވެސް ރިއާން ބިޒީ ހެއްޔޯ.. މަންމަ ކައިރިއަށް ކާން ދެވިދާނެހެއްޔޯ.. އަހަރެން ބުނިން ފަހަރެއްގާ ރިއާ—"
"ހުކުރުދުވަސް އޯކޭ.." ޒީވާގެ ވާހަކަ ރިއާން މެދު ކަނޑައިލިއެވެ. "މިބުނީ.. ވާފިޔާއްތަ ބުނެފަ އޮތިއްޔާ ދާންވާނެ ނޫންހޭ.. އެހެންވީމަ އަހަރެން މި ހުކުރަށް އެއްވެސް ކަމެއް ރާވަފައެއް ނުބައްވާނަން" ރިއާން ޖަވާބުދިނެވެ. ޒީވާ އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިލިއެވެ.
************
އެއްބަސްވެވިފައިވާގޮތުގެ މަތިން ހުކުރު ދުވަހު ވާފިޔާ ގާތަށް ދިޔުމަށް ޒީވާ ތައްޔާރުވިއެވެ. ރިއާން ހުކުރުން ފައިބައިގެން އަންނަންވާއިރަށް ޒީވާ ހުރީ ތިރީގައެވެ. ރިއާންގެ ކާރު އައިސް ޒީވާގެ ކުރިމައްޗަށް ހުއްޓައިލުމާއެކު އަވަހަށް ކާރުގެ ކުރީ ސީޓަށް އަރައި ހަމަޖެހިލިއެވެ. އެވަގުތު އޭނާގެ ނޭފަތުގައި ޖެހުނު ލެވެންޑާގެ މީރު ވަހާއެކު ޒީވާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުރެހުނެވެ. ލޮލުގެ ހިމަކޮޅުން ރިއާންގެ ކާރުގައިހުރި އެއަރ ފްރެޝްނަރ ޑިސްޕެންސަރަށް ބަލައިލެވުނެވެ. އެތަނުގައި ކުރިން ހުރި ކޮފީ ފްލޭވަރގެ ބަދަލުގައިހުރި ލެވެންޑަރ ފްލޭވަރގެ އެއަރފްރެޝްނަރ ފެނި ޒީވާގެ ހިނިތުންވުން ފުންވިއެވެ. ނަމަވެސް އެކަން ރިއާންއަށް ފޮރުވައިލަމުން އޭނާ ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ.
"އަނހަ.. ދަރިފުޅުމެން އައީ ދޯ.. އަވަހަށް ކާން އާދޭ.. މިހާރުވެސް ބައްފަ އެހެރީ ލަސްވެފަ" ގޭގެ މައިދޮރުން ވަތް ޒީވާއާއި ރިއާން ފެނި ވާފިޔާ ގޮވައިލިއެވެ.
"ވޯ ވޯ.. އާދެވުނީ ދޯ ލަވްބާރޑްސް ތަކަަށް.. ވީކެއް ވިއިރުވެސް ދޮންތިއަށް މިގެއަަށް އާދެވޭވަރުވީކީ ނޫންވިއްޔަ. އަނެއްކާ ރިއާންބެ ދޮންތިއަށް ކިހިނެއްތަ ތި ހަދަނީ؟" އިޝްވާ ޒީވާގެ ކޮނޑަށް އަތްވައްޓާލަމުން ރިއާންގާތު ބުންޏެވެ.
"ސާބަހޭ އިޝްކޯ! ބައްޕަ ހުއްޓަސް އިޝްކޮއަކަށް ނުދެއްކޭ ވާހަކައެއް ނޯވޭ ދޯ.." ނާޝިދަށް އެ ޖުމްލަ ނީވުނު ނަމަވެސް ޒީވާ ލޯ އަޅައިލިއެވެ.
"ދިސް ކިޑް އައި ސްވެއަރ" ރިއާން ދެފަރާތަށް ބޯ ހޫރައިލަމުން ޒީވާމެންގެ ފަހަތުންގޮސް ކާގެއަށް ވަނެވެ. އުފާވެރި މާހައުލެއްގައި އާއިލާ އެކުގައި ކެއުމަށް އިންސާފުކުރަމުންދާ މަންޒަރުވީ ރިއާންއަށް އާ ނަމަވެސް ހިތްހަމަޖެހޭ މަންޒަރަކަށެވެ. އެކަމުގައި އެންމެބޮޑު ދައުރެއް އަދާކުރަމުންދާ މީހަކީ އިޝްވާއެވެ.
"ރިއާން.. ދަރިފުޅު އަލަނާސި ޖޫސް ބޯނަން ދޯ.. ބޭނުމިއްޔާ އައިސްޑް ކޮފީވެސް އެބަހުރި" ވާފިޔާ ބުންޏެވެ.
"ވާފިޔާއްތައަށް ފެންނަ އެއްޗެއް ރަނގަޅުވާނެ" ރިއާން ބުންޏެވެ.
"ވާފިޔާއްތައޭ؟ މިހާރު ދެން ޒީވާގެ މަންމަ މީ ރިއާންގެވެސް މަންމައެއްނު.." ވާފިޔާ ބުންޏެވެ. ރިއާންއާއި ޒީވާއަށް އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނެވެ. ވާފިޔާ ރިއާންގެ ފަރާތުން އެ އެދުނީ ކިހާ އުނދަގޫ ކަމެއްގައިކަން ވާފިޔާއަކަށް ނޭނގެއެވެ. "މަންމަ" އެ ލަފްޒަކީ ރިއާންގެ ދުލަށް ކިހާ އުނދަގޫ ލަފްޒެއްކަން ވާފިޔާއަކަށް ނޭނގެއެވެ.
"ކޮބާ ދަރިފުޅުމެން ހަމަ ދެން ތަނަކަށްވެސް ގޮސްނުލާ ގޭގަ ތިބެނީތަ؟ މިހާރުގެ ކުދިން ކިޔާހެން ހަނީމޫނަކަށްވެސް ނުދަންތަ؟" ވާފިޔާގެ ސުވާލު އިވުމާއެކު ރިއާން ކާންއިން އެތިކޮޅުވެސް ކަރުގައި ތާށިވެ ކުށިއަރައިގަތެވެ. ޒީވާ އަވަސްއަވަހަށް ރިއާންގެ ގާތަށް ފެންތަށި ޖައްސައިލިއެވެ.
"ދެން މަންމަ ކިޔާފާނެ ކޮންމެ އެއްޗެއްވެސް.. މި އިޝްކޮގެ މި ހުންނަނީ ހަމަ މަންމަގެ ގޮތްގަނޑު.." ޒީވާ އެހެންބުނިއިރު އޭނާގެ މޫނަށްވެސް ލަދުން ޖަންބުކުލަ އަރައިފައިވިއެވެ.
"ދެން މަންމަ ބުންޏަކަސް އެއީ މުޅިއަކުން ދޮގެއްނޫނެއްނު.. ރާއްޖެއިން ބޭރަށް ނުދިޔަކަސް ދެކުދިން ވަކިން ހިތްހަމަ ޖައްސާލާ އެކަކު އަނެކަކު ދަސްކޮށްލަން ކައިރި ރަށަކަށްވިޔަސް ގޮސްލަން ރަނގަޅެއްނު" ނާޝިދު ހިޔާލު ފާޅުކުރިއެވެ.
"ދެން ބައްޕާ.. އަދި ނުދެވިފައެއްވެސް ނެތެއްނު.. އޭރު ހުރިހާ ޗުއްޓީއެއް ނެގީމަ އަހަރެންނަށްވެސް އެހާ އަވަހަށް ޗުއްޓީއެއް ނުލިބޭނެއެއްނު.." ޒީވާ ބުންޏެވެ. "ދެން އަހަރެންގެ ވާހަކަ ބާއްވަބަލަ… މިއަދު ދޮންބެ ކޮބާތަ؟"
"ދޮންބެގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.. މި ދޭތެރެއަކުން މައިތިރިވެގެން އުޅެފަ މިހާރު އަނެއްކާ ކޮންމެވެސް މީހެއްގެ ހުރި އަންހެން ދަރިއެއްގެ ހިތް ހަލާކު ކޮށްލަން ކަންނޭނގެ އެ އުޅެނީ.. ގޭގަ ހަރުލަނީކީ ނޫން. މިއަދުވެސް ހުކުރުން ފޭބިގޮތަށް އައިސް އެއްޗެހި ބަދަލުކޮށްގެން ނޭނގެ ކޮންތާކަށް ކަމެއްވެސް ދިޔައީކީ" ވާފިޔާ ބުންޏެވެ.
************
"ރާހިލް" މޫދުގައި އޮތް ރާހިލްއަށް ބަލަމުން ޝައިނާ އޭނާގެ އަތުގައިހުރި މަޖާތަށި ދައްކައިލިއެވެ. އޭނާ ލައިގެންހުރި ތެމިފައިވާ ހެދުމުން އޭނާވެސް މޫދަށް އެރުނުކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
"އަހަރެންނަށް ނުދީ ތި ހުސްކޮށްގެން ނުވާނެ" ރާހިލް މޫދުގައި އޮވެ ގޮވައިލިއެވެ.
"ރާހިލްއަކަށް މިއެއް ނުކެވޭނެ.. ހާދަ ކުޅިއޭ" ޝައިނާ މަޖާތަށިން ސަމްސަލެއްނަގައި ރަހަބަލައިލަމުން ބުންޏެވެ. މަދު ސުކުންތު ކޮޅެއްގެ ތެރޭގައި ރާހިލް އެއްގަމަށް އަރައިގެން އައިސް ޝައިނާގާތު އިށީނެވެ.
"ދެން ހަމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަހަރެން އެއްގަމަށް ތި ގެނައީ.. އަނެއްކާ މާބޮޑަށް މިސްވީތަ؟" ރާހިލް އައިސް ވެލިގަނޑު މަތީގައި އޮށޯވެ ޝައިނާގެ އުނގުގައި ބޯ އަޅައިލިއެވެ. ޝައިނާ ލޯތްބާއެކު ރާހިލްގެ ނިއްކުރިމަތީގައި ތަތްލައިފައިވާ އިސްތަށިތަށް ދުރުކޮށްލިއެވެ. އެދެމީހުން ތިބީ ވިލިމާލޭގެ އަތިރިމަތީގައެވެ. ހުކުރުދުވަހުގެ މެންދުރުގެ ވަގުތުކަމަށްވެފައި އާންމުކޮށް ފަތުރުވެރިން އައިސްއުޅޭ ސަރަހައްދެއްކަމުން އެތަނުގައި އޭރު މާގިނަ ބަޔަކު ނެތެވެ.
"ހޫމް.. މިސްވިއްޔާ މައްސަލައަކީތަ؟ އައިސް މި އުޅެނީ އަހަރުމެން ދެމީހުން އެކަނި. ރާހިލް ބޭނުމެއްނުވޭ ވިއްޔާ އިޝްކޮމެންވެސް ގޮވައިގެން އަންނާކަށް.. އެކަމަކު އައިމަ އަހަރެންނަށްވުރެ މުހިއްމުވަނީ މޫދެއްނު.. ދެން އަހަރެން ކިހާ ފޫހިވާނެ" ޝައިނާ ޝަކުވާ ކޮށްލިއެވެ.
"އޯކޭ އޯކޭ. ސޮރީ މެޑަމް. ދެން އަބަދަކު އިޝްކޮމެން ގޮވައިގެން ނޫޅެވޭނެއްނު. އަހަރެންވެސް ބޭނުންވާނެއެއްނު ޝައިނާއާއެކު ވަކިން މިކަހަލަ މެމޮރީޒް ކްރިއޭޓްކުރަން" ރާހިލް ތެދުވެ ޝައިނާގެ ގައިގައި ބައްދައިލަމުން ޝައިނާގެ ކޮލަށް ބޮސްދިނެވެ. ޝައިނާ އަތުގައިހުރި މަޖާތަށިން އެތިކޮޅެއް ރާހިލްގެ އަނގަޔަށް ލައިދިނެވެ. އެކި ވާހަކަތަކުގައި ދެމީހުން ޖެހީފައި ތިބިއިރު ވަކި ހިސާބަކުން ރާހިލްއަށް ޝައިނާގެ ކަޅި ރާހިލްގެ ކޮނޑުމަތިން އެހެން ދިމާލަކަށް ހުއްޓިފައިވިކަން ފާހަގަވިއެވެ. ރާހިލް ފަސްއެނބުރި ބަލައިލިވަގުތު އެތަނުގައި އުޅުނު ކުދިބަޔަކު ފައިތިލަ ފޮރުވޭނެހެން ވެލިން ފެނުޕަރީއެއްގެ ފަތްގަނޑު ފަރުމާކުރަމުން ދިޔައެވެ.
"ރާހިލް ކުޑައިރު އެގޮތަށް މާމެއިޑް އަކަށް ވިންތަ؟" ޝައިނާ އަހައިލިއެވެ.
"ނުހޭނަން ކަމަށް ވައުދުވޭ" ރާހިލް ބުންޏެވެ.
"އަހަހަހަހަހ. ވިން ދޯ؟" ޝައިނާ ހޭންފެށިއެވެ.
"ދެން އަހަރެން ކުރި ކަމެއް ނޫނޭ އެއީ.. އިޝްކޮއާ ޒީއާ ގަދަކަމުން ކުރުވި ކަމެއް.. އެހެންނޫނަސް… ކާކުތަ ކުޑައިރު ވެލި މާމެއިޑަކަށް ނުވަނީ؟" ރާހިލް އާދައިގެ ގޮތަކަށް އަހައިލިއެވެ.
"އަހަރެން" ޝައިނާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ.
"ދޮގު ނުހަދާ" ރާހިލް ގަބޫލެއް ނުކުރިއެވެ.
"ހޫމް.. ވެލި މާމެއިޑަކަށް ވެވޭނީ ފުރަތަމަ ކުޑައިރު ބީޗްއަކާ ހިސާބަށް ދެވިގެންނު.. އަހަރެން ގޮވައިގެން ތަނަކަށް ދާންވެސް ހުންނާނީ ދޮންތަ… އެކަމަކު މަންމަ އުޅޭގޮތުން ރަށުމީހުން ކިޔާ އެއްޗެއްސާހުރެ ދޮންތައަކަށްވެސް ނުކެރޭ ގެއިން ނުކުންނާކަށް.. އަހަރެންގެ އުމުރުން ދިހަ އަހަރު ހޭދަވީ ހަމަ އެ ގޭގެ ހަތަރުފާރު ތެރޭގައޭ ބުންޏަސް ގޮތަކަށް ނުވާނެ.. ބީޗަކީ މަޖާކުރަން މީހުން އަންނަ ތަނެއްކަންވެސް އަހަރެންނަށް އެނގުނީ ބޮޑުދައިތަމެން ގާތަށް ދިޔަތާވެސް ދެ އަހަރު ފަހުން. އެ ދެ އަހަރު އިނީ ގޭގަ ބަންދުވެފަ.. ދެން ދަނީ ޗައިލްޑް ކައުންސެލިންގްއަށް… ދެން ތޭރަ އަހަރަކީ ބީޗްއަށް ގޮސް މާމެއިޑްއަކަށްވާ އުމުރަށްވުރެ ބޮޑެއްނު" ޝައިނާ ހިނިތުންވެފައި ބުނި ކަމުގައިވިޔަސް އެއިން ކޮންމެ ޖުމްލައަކީ ކިހާ އަސަރުހުރި ޖުމްލައެއްކަން ރާހިލްއަށް އެނގުނެވެ. އޭނާގެ ހިތް ޝައިނާއަށްޓަކައި ޝަކުވާއިން ފުރުނެވެ. ކުއްލިއަކަށް ރާހިލް ޝައިނާގެ ދެފައިގައި ހިފައި ތެދުކޮށްލަމުން ވެލިގަނޑު މަތީގައި ދަމައިލިއެވެ.
"ތޭރަ އަހަރަކަސް ތޭވީސް އަހަރަކަސް ހެޔޮ. ޝައިނާ މާމެއިޑްއަކަށް ވާން ބޭނުމިއްޔާ ޝައިނާއަށް މާމެއިޑް އަކަށް ވެވޭނެ" ރާހިލް ޝައިނާގެ ފައިދަށުން ތިލަކޮށް ކޮނެލަމުން ވެލިތައް އެއްފަރާތް ކުރަންފެށިއެވެ.
"ދެން ރާހިލް.. ތީ ކޮންކަމެއް؟" ޝައިނާ ފައި ދަމައިގަންނަން އުޅުނު ވަގުތު ރާހިލް އަނެއްކާވެސް ފައިގައި ހިފެހެއްޓިއެވެ.
"އަހަރެން ނުބުނަންތަ؟ ޝައިނާއަށް އަހަރެން ވައުދު ވީމެއްނު.. ޝައިނާގެ ޗައިލްޑްހުޑްގަ ގެއްލިދިޔަ ހުރިހާ އުފަލަކާއި ލިބެންއޮތް ހުރިހާ އުފަލެއްވެސް ހޯދަދޭނަންކަމުގަ… ޝައިނާއަށް އަހަރެންވި ކޮންމެ ވައުދެއް އަހަރެންގެ ހަނދާނުގަ އެބަހުއްޓޭ!" ރާހިލް ޝައިނާގެ ފައިމައްޗަށް ވެލި އަޅަމުން ބުންޏެވެ.
"އޯ.އެމް.ޖީ ރާހިލް ޔޫ އަރ ސޯ ޑްރެމެޓިކް" ޝައިނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
"ދެޓްސް މީ" ރާހިލް ޝައިނާއަށް އެއްލޯ މަރައިލިއެވެ. އޭނާ ފަރުވާތެރިކަމާއެކު ޝައިނާގެ މުޅި ފައި ވެލިއަޅައި ފޮރުވައިލުމަށްފަހު އެ ވެލިތައް އޮމާންކުރިއެވެ. އޭރު ޝައިނާ ދިޔައީ ރާހިލް ކުރަމުންދިޔަ މަސައްކަތުގެ އެކި މަރުހަލާތައް ފޮޓޯ ނަގަމުންނެވެ.
"ދެން މިހާރު ނިމުނީއެއްނު" ޝައިނާ ބުންޏެވެ.
"ނޫން މަޑުކުރޭ.. އަދި ޑެކަރޭޓް ކުރަން ޖެހޭނެއެއްނު. އެބަ އަންނަން ބޮލި ހިފައިގެން" ރާހިލް މޫދުކައިރިއަށް ދުއްވައިގަތެވެ. މިނެޓެއްހާއިރުފަހުން ތަފާތުވައްތަރުގެ ބޮއްޔާއި ގައު ހިފައިގެން އައިސް ޝައިނާގެ ފައިމައްޗަށް އަޅައިފައިވާ ވެކިތައް މަތީގައި ހަރުކުރަން ފެށިއެވެ.
"މީ އެންމެ ފައިނަލް" ކުއްލިއަކަށް ރާހިލް ޝައިނާގެ ފައިމަތީގައި ބޭންދި ބޮޑު ދެ ބޮލިން ނުކުތް ދެ ބަރަވެލި ފެނުމާއެކު ޝައިނާ ސިއްސައިގެން ދިޔައެވެ.
ރާހިލް ހީނގަތުމަށްފަހު ދުރަށް ހިނގައިގަތް ވަގުތު ޝައިނާ ހަޅޭއްލަވައިގަންނަމުން ފައިމަތީގައިހުރި ވެލިތައް ފޮޅައިލައި ރާހިލްގެ ފަހަތުން ދުއްވައިގަތެވެ. ރާހިލްވެސް ޝައިނާގެ އަތުގައި ނުޖެހިވޭތޯ ދުވަމުން ދިޔައެވެ. ވަކި ހިސާބަކުން ރާހިލް ބިންމަތިން ނެގި ދެ ކަކުންޏަކާއެކު ޝައިނާއާ ދިމާލަށް އެނބުރުނެވެ. އެ މަންޒަރު ފެނި ޝައިނާ އަނބުރާ އައިކޮޅަށް ދުއްވައިގަތެވެ. ދުވުމުގެ މިސްރާބު ބަދަލުވެ މިހާރު ރާހިލް ދުވަމުން ދިޔައީ ޝައިނާ ފަހައެވެ. ވަކި ހިސާބަކުން ޝައިނާ ވަރުބަލިވެ އަމާން ދިނެވެ. ރާހިލް ކަކުންޏަކާއި ކަކުންޏެއް ދޫކޮށްލުމަށްފަހު ގޮސް ޝައިނާ އަތްދަނޑި މައްޗަށް ލައިގެން މޫދަށް އެރުނެވެ. އޭރު އެ އުފާވެރި މާހައުލުގައި ހިފައިލައިފައިވަނީ އެ ދެ ޒުވާނުންގެ އުފާވެރި ހުނުމާއި ސަކަރާތުގެ އަޑެވެ.
No comments yet
Be the first to share your thoughts about this episode!