Episode 23
ހިތް އެދޭހާ ކަމެއް.. (23 ވަނަބައި)
"އަދި ވަގުތު އެބަ އޮތް.. އަވަސް އަރުވާލައިގެން ފަހުން ހިތާމަ ކުރަންޖެހޭވަރު ނިންމުމެއް ނިންމުމުގެ ކުރިން މާދަމާރޭ ވަންދެން ވިސްނާލާ.." ލެއްޕެމުންދިޔަ ލިފްޓުގެ ތެރެއިން ޝީރީންއަށް ބަަލަންހުރި ރިއާންގެ ސިކުނޑީގައި އެބަސްތައް ހަރުލިއެވެ.
އެރޭގެ ހަތަރުދަން ރިއާނަށް ހޭދަކުރެވުނީ ޝީރީން ދެއްކި ވާހަކަތަކާމެދު ވިސްނުމުގައެވެ. ނަމަވެސް އޭނާއަކަށް ވަކި ގޮތެއް ނުނިންމުނެވެ. ޖެހިގެންއައި ދުވަހު އޮފީހަށް ނުކުތުން ވެގެންދިޔައީ އޭނައަށް ހެދުނު ވަރަށްބޮޑު ގޯހަކަށެވެ. ހަފްތާއެއްފަހުން އޮފީހަށް ނުކުތުމުގެ ސަބަބުން ގިނަވެފައިހުރި މަސައްކަތްތައްވީ އޭނާގެ ސިކުނޑިއަށް އިތުރުވި ރިހުމަކަށެވެ. އިރުއޮއްސުމާ ގާތްވެފައި ވަނިކޮށް ޝީރީން ގުޅައިފައި ރިޔާޒް މާލެއައި ހަބަރު ދިނުމާއެކު އޭނާ މަސައްކަތް ހުއްޓައިލުމަށްފަހު ރިޔާޒާއި ބައްދަލު ކުރުމަށް އެގެއަށް ދިޔައެވެ.
"ކޮބާތަ ދައްކަން އުޅުނު ވާހަކައަކީ؟" ރިޔާޒް އޭނާގެ ކުރިމައްޗަށް ވާގޮތަށް ގޭގެ ބޮޑު ގޮނޑީގައި އިން ރިއާންގާތު އަހައިލިއެވެ. ރިއާން އެއްފަހަރު ރިޔާޒަށް އަނެއްފަހަރު ރިޔާޒްގާތު އިން ޝީރީނަށް ބަލައިލިއެވެ. ޝީރީންގެ ބެލުމުގައި ވަނީ އާދޭހާއި އިންޒާރެވެ. ރިއާން އެ ވާހަކަ ދައްކައިފިނަމަ ކުރަން ޖެހިދާނެ ހިތާމައަކަށް އެ ދެލޮލުން އިންޒާރު ދެމުންދާ ކަހަލައެވެ.
"މިހާ ބޮޑު ކަމެއް ނިންމާލިއިރު އަހަރެންނަށް އަންގާނުލީމަ" ރިއާން އުނދަގުކަމާއެކު ބުންޏެވެ. ރިޔާޒާ ދިރިއުޅުގެ ޒާތީ ވާހަކަތައް ދެއްކުމަކީ އޭނާއަށް އެއްވެސް އިރެއްގައި ފަސޭހަކަމެއް ނޫނެވެ. ރިޔާޒްގެ ފަރާތުން އޭނާއަށް ލިބިފައިވާ ނަފްސާނީ ގެއްލުންތަކުގެ ތާޒާކަމަކަށް އަދިވެސް ބަދަލެއް ނާދެއެވެ.
"ރިއާންއަށް އަންގަންޖެހޭ ސަބަބެއް އެބަ އޮތްތަ؟ ހުރިހާ އިންތިޒާމްތަކެއް ނިންމާލުމަށްފަހު އެނގުނީމަ ރިއާންގެ ބޮލަށްވެސް ފަސޭހައެއްނު.. ރިއާންވެސް ޒީވާވެސް ބޭނުންވީ ކައިވެންޏެއް.. ޒީވާއަކީ މި އާއިލާއިން ދަންނަ ރަނގަޅު ކުއްޖެއް.." ރިޔާޒަކަށް އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ.
"އެންމެ ފަހަރަކުވެސް ވިސްނާލިންތަ އަހަރެން ޒީވާއާ ކައިވެނިކުރަން ބޭނުން ނުވެދާނޭ؟" ރިއާން ބުންޏެވެ.
"ތިއީ އަހަރެން ބަލަން ޖެހޭކަމެއް ނޫން.. ސައްބީސްއަހަރު ވީއިރު ރިއާން ރުހޭ މީހަކާ ކައިވެންޏެއް ނުކުރީމެއްނު.. ދެންޖެހޭނީ މި ކައިވެނިކުރަން.. ޒީވާ ވިޔަސް.. އެހެން މީހެއްވިޔަސް" ރިޔާޒްގެ އަޑުގައިވަނީ ސާބިތުކަމެވެ.
"ބަފައެއްކަމަކު އަހަރެންގެ ދިރިއުޅުމަކާ ތިހެނެއް ނުކުޅެވޭނެ.. އަހަރެން އެކަންޏެއްނޫން.. ޒީވާގެވެސް ދިރިއުޅުން.. ޒީވާ މި ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ!!" ރިޔާޒްގެ ބަސްމަގު ހުރިގޮތާމެދު ހިތްހަމަ ނުޖެހި ރިއާން ބުންޏެވެ.
"ޒީވާ ހިތްހަމަ ނުޖެހެންޏާ ޒީވާ މި ކައިވެނި ހުއްޓުވާނެ.. ރިއާންއަކަށް ޒީވާގެ ހައްގަށް ވަކާލާތުކުރާކަށް އަދި ނުޖެހޭނެ.. މިހާރު މިކަމަށް އެތައް ފައިސާއެއް ހަރަދު ކުރެވިއްޖެ.. ރާއްޖެއާ މި ސަރަހައްދުގެވެސް އެތަށް ބަޔަކަށް ދައުވަތު ފޮނުވިއްޖެ.. އެ އެންމެންގެ ކުރިމަތީގަ އަހަރެން ބޭޒާރެއް ނުވާނަން" ރިޔާޒް ބުންޏެވެ. ރިއާން އަނެއްކާވެސް ބަލާލީ ޝީރީންއަށެވެ.
"ނާޝިދުހުރީ ރިއާން ނޫން އެހެން މީހަކާވިޔަސް ޒީވާގެ ކައިވެނި ކުރުވަން.. ރިއާން ނޫނެކޭ ބުނިއްޔާ އެހެން މީހަކާ އެ ކައިވެނި ކުރެވޭނެ.އެގޮތް ރިއާން ބޭނުންތަ.. ގޮތްނޭނގޭ ބައެއްގެ އަތްމައްޗަށް ކުޑައިރުގެ ރަހްމަތްތެރިޔާ ދޫކޮށްލަން ރިއާން ބޭނުންތަ؟"
ޝީރީންގެ ބަސްތައް ރިއާންގެ ސިކުނޑީގައި އެނބުރެމުންދިޔައެވެ. އެދެލޮލުން ރިއާންއަށް ތަކުރާރުކޮށް އެވާހަކަތައް ހަނދާންކޮށްދެމުންދާ ކަހަލައެވެ. އެބަސްތަކުގެ އަޑުއަހައި ކައިވެންޏަށް އެއްބަސްވުން އެއީ އެންމެ ރަނގަޅުގޮތްހެން ހީވާން ފެށިއެވެ. ނަމަވެސް ޒީވާ ނުރުހޭކަން އެނގިހުރެ އެ ކައިވެނި ކުރާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ.
"ހަރަދުވި ފައިސާއަކިއްޔާ އަހަރެން އަނބުރާ ދައްކާނަން.. ދައުވަތު ދެވުނު އެންމެނާވެސް ވާހަކަ ދައްކާނަން.. އެކަމަކު މި ކައިވެންޏަކަށް އަހަރެންނަކަށް އެއްބަހެއް ނުވެވޭނެ" ރިއާން ފަހުބަސް އިއްވައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
"ތިމާ މީހާގެ ފެންވަރު ހަނދާން ނައްތާލަން އަދި ތަންކޮޅެއް އަވަސް.. އަހަރެންގެ ބަސް ފިޔަަވައިލައިފަ ދާވަރަށް ކަލޭގެ ނުފޫޒާ ބާރު އަދި ގަދައެއްނުވޭ… އަހަރެންގެ ކުރިމަތީގަ ކަމަކަށް އިންކާރު ކުރުމުގެ އިހްތިޔާރު ކަލެއަށް ދިނީ ކާކު؟ އެކަންތައް އެހާ އަވަހަށް ހަނދާން ނައްތާލީތަ؟ ރިއާން.. ކަލޭ މަށަށް ދަރައިފައިވާ ދަރަނި ހަނދާންނެތުނީތަ؟ ކަލޭ ޖެހޭނީ މި ކައިވެނި ކުރަން." ރިޔާޒްގެ އަޑު ގޭތެރޭގައި ގުގުމައިލިއެވެ. އެއަޑަށް ރިއާންގެ ފިޔަވަޅުތަށް ހުއްޓުނެވެ. ރިޔާޒްގެ ނުލަފާކަށް ހިތަށް އެރުމާއެކު ކަތުރު ކަށިގަނޑަށް ބާރުކޮށްލެވުނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައިގޮސް ރިޔާޒް އިން ގޮނޑިއާ ހިސާބަށް ގުދުވެ އޭނާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ.
"ކަލޭތީ ހާދަހާ ބުނާބަހުގެ އިތުބާރު ނުހުންނަ ގޮތެއްފޮތެއް ނެތް ޖާހިލެކޭ ދޯ.. އަހަރެންގެ މިނިވަންކަމުގެ އަގަކަށް ކަލޭގެ އަޅަކަށް އަހަރެން ހެދުނީމަވެސް ނުފުދުނުތަ؟ ކަލޭ އަހަރެން ސަލާމަތްކޮށްދިނެއް ކަމަކު އެރޭ ހިނގައިދިޔަ މަރަކީ އަހަރެންގެ އަތެއް އޮތް މަރެއް ނޫންކަންވެސް ކަލެއަށް އެނގޭނެ! އަހަރެންގެ ކުށެއްނެތި އައި ތުހުމަތެއްގެ ނާޖާއިޒު ބޭނުން ހިފައިގެން އެއީ ކަލޭގެ ނަސީބެއްކަމަށް ކަލޭ ދެކުނީ!! ތިކަހަލަ މީހުން މައިންބަފައިންނަށް ވާން ހެޔޮވެސް ނުވާނެ.. ބުނަން.. އެދުވަހެކޭ އެއްގޮތަށް މިއަދުވެސް ކަލެއަށް އިތުރު ކަމަކަށް އަހަރެންނަށް މަޖުބޫރުު ކުރެވިދާނެ.. މި ކައިވެނި ކުރަން މަޖުބޫރު ކުރުުވިދާނެ.. އެކަމަކު ކަލޭ ހަތިޔާރު ބަހައްޓަންޖެހޭ ދުވަސް ވަރަށް ކައިރިވެއްޖެ… އަހަރެން މިމަގާމަށް އަންނަށް މަޖުބޫރުކުރުން އެއީ ކަލެއަށް ހެދުނު ވަރަށްބޮޑު ގޯހެއް.. މި މަގާމުގަ ހުރެ އަހަރެން ކަލޭގެ ހުރިހާ ބާރެއް ކަނޑުވައިލާނަން…" ރިއާން ހަމައިސްކޮޅަށް ދެމިލަމުން ޝީރީނާއި ކުރިމަތިލިއެވެ. "ކައިވެނި އޮތީ ކޮންއިރަކު؟" އޭނާ އަހައިލިއެވެ.
"މިއަންނަ ބުރާސްފަތީގަ.. އެކަމަކު ރަންކިޔުން އޮތީ މާދަމާރޭ.. ރިއާން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ.. މަންމަމެން ހުރިހާ ކަމެއް ހަމަޖައްސާނަން.." ޝީރީން އުފަލުން އުދުހިގަތް ކަހަލައެވެ. ރިއާން ބޯ ޖަހައިލަމުން އެތަނުން ދާން ހިނގައިގަތެވެ.
ކުރަން އައި ކަންތައް ނާކާމިޔާބު ވި ކަމުގައިވިޔަސް އޭނާއަކަށް އެކަމުގެ ހިތިކަން އިހުސާސެއް ނުކުރެވުނެވެ. ކާރަށް އެރުމަށްފަހު ފޯނު ނަގައި ޒީވާއަށް މެސެޖެއް ލިޔެލިއެވެ. "ސޮރީ.." ޒީވާއަށް މެސެޖު ފޮނުވައިލަމުން ރިއާން ކާރު ދުއްވައިލިއެވެ.
***********
"ސޮރީ.." ރިޔާންގެ މެސެޖަށް ބަލަހައްޓައިގެން އިން ޒީވާގެ ސިކުނޑި އޮޅުން ބޮޅުން ވަމުން ދިޔައެވެ. ރިއާން މާފަށް އެދެނީ ކޮން ކަމަކަށްބާއެވެ. ކައިވެނި ހުއްޓިދާނެތީ ހެއްޔެވެ؟ ނުވަތަ ކައިވެނި ނުހުއްޓިދާނެތީ ހެއްޔެވެ؟ ސިކުނޑީގައި ސުވާލުމާކު ޖެހިފައި ހުއްޓާ އެހިޔާލުން ބޭރުވެވުނީ ކައިރީގައި ހުރި ޝައިނާ ގޮވައިލި އަޑަށެވެ.
"ޒީ.. ބަލާބަ ތި ހެޔޮވަރުތޯ.. އޭރުންނެއްނު ފަތި ޖަހާލަންވެސް އެނގޭނީ" ޝައިނާގެ ބަހަށް ސިހިފައި ޒީވާ ފޯނު ދަބަހަށް ލިއެވެ. އަދި އަތުގައި އޮތް ހެދުން ހެޔޮވަރު ކުރުމަށްޓަކައި ފާހަނައަށް ވަނެވެ. އެއީ މާދަމާރޭގެ ރަންކިޔުމުގޭ ހަފްލާއަށް އޭނާ ލުމަށް ހަމަޖެހިފައިވާ ކަޅުކުލައިގެ ދިވެހި ލިބާހެކެވެ. ރަންކުލައިން ބޯވަޅު އެޅައިފައިވާ އެ ލިބާސް ޝައިނާ ފަހާފައިވަނީ ޒީވާގެ ހަށިގަނޑަށް ވަރަށްވެސް ހެޔޮވަރުކޮށެވެ. ޒީވާ ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލައިލަމުން ހިނިތުންވެލީއެވެ.
"ހަމަ ހެޔޮވަރު.. އަހަރެންނަށް އޭރުވެސް އެނގޭ ޝައި ފަހާ އެއްޗެއްގަ އުނިކަމެއް ނުހުންނާނެކަން.." ޒީވާ ފާހަނައިން ނުޖުމެ ޝައިނާއަށް ހެދުން ދައްކައިލަމުން ބުންޏެވެ.
"އަޅޭ އާން ވަރަށް ލޯބި.. ޔަގީން ޒީ ފެނިފަ ރިއާން ބަސް ހުއްޓޭނެކަން" ޝައިނާ ދިމާކޮށްލިއެވެ. ޒީވާ ލޯ އަޅައިލިއެވެ.
"ހީނުކުރާތި އަހަރެން މިހިރީ ތިމީހުން ޖެހި ސަކަރާތްގަނޑު ހަނދާން ނެތިފައޭ.. އަދިވެސް ހިތްހަމަ ނުޖެހިފަ މިހިރީ.. ދޮންބެއާ އިޝީއާ ތިބިތާ ބަހައްޓާފަ ޝައި ރަނގަޅެއްނު އަހަރެންނަށް ހިންޓެއް ދޭން" ޒީވާ ތުން އަނބުރައިލިއެވެ.
"އަޅޭ މި ބުނީއެއްނު.. މީ ހުސް އިޝީގެ ކަންތަކޭ.. އެހެންނޫނަސް އަހަރެން ހީކުރީ ޒީ ވާނީ އުފާކަމަށް.. ދެން މާ އެކްޓު ޖައްސާނެ ކަމެއްނެތް.. އަސްލު ބުނެބަ.. ވަރަށް ފޮނިވެފައެއްނު ތިހިރީ ހިތުލައިން އުޅުނު ކަންތައް ވާތީ.. ނުވެސް ވިސްނާ ހުއްޓާ މަޖުނޫނު އެ ވެއްޓުނީ ލައިލާ އުނގަށް.." ޝައިނާ ހިނިގަނޑެއް ޖަހައިލަމުން ޒީވާގެ ކޮނޑުގައި އެލިގަތެވެ. ޒީވާ އަނެއްކާވެސް ޝައިނާއަށް ލޯ އަޅައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޝައިނާގެ ހުނުމުގައި ބައިވެރިވަމުން ޝައިނާގެ ގައިގައި ބައްދައިލިއެވެ.
"އަސްލު ބުނަން.. އެގަޑީގަ ހީވީ ހަމަ ހިތް ހުއްޓުނުހެން. ކުޑަކޮށް އުފާވެސްވި… އަދިވެސް ގަބޫލެއް ނުކުރެވޭ.. އެކަމަކު ރިއާން އަހަރެން ރިޖެކްޓް ކޮށްލިގޮތް ޝައިއަށް ކިޔާދިނީމެއްނު.. ހިއެއްނުވޭ ދުވަހަކުވެސް ރިއާން މިކަމަށް އެއްބަސްވާނެހެނެއް.. މިހާރު ކުޑަކޮށް ބިރުވެސް ގަނޭ ރިއާން ހަދާނެ ގޮތެއް ނޭނގޭތީ.. ރިއާން ބޭނުންނުވާ ކަމަކަށް ރިއާންއަަށް މަޖުބޫރު ކުރާކަށް އަހަރެން ބޭނުމެއްނޫން.. މިވާހަކަ ބައްޕައާ ދައްކަންވެސް ވަރަށް މަސައްކަތް ކޮށްފިން.. އެ ހިތްވަރެއް ނުލިބުނު. އެކަމަކު އަހަރެން ރިއާން ބޭނުން" ޒީވާ ބުންޏެވެ.
"އެކަން އެބަ އެނގެޔޭ.. ކުރިން ވެޑިންގްގެ ކަމަކިއްޔާ ގަދަކަމުން ގެންނަން ޖެހޭ މީހާ މިއަދު މި ހެދުން ހެޔޮވަރު ކުރަން އައި އަވަސްކަން ބަލާބަ.. ހާސްނުވޭ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް" ޝައިނާ ބުންޏެވެ.
"އަހަރެންނަކީ ވަރަށް އަމިއްލަ އެދުންބޮޑު މީހެއްދޯ؟" ޒީވާ ބުންޏެވެ.
"ޒީ..މީ ޒީގެ އެއްވެސް އަމިއްލަ އެދުމަކާލައިގެން ވީ ކަމެއް ނޫނެއްނު.. ކުޑަ މިނުން ޒީއަށްވެސް މީ ރިއާންކަން އެނގުނީ އިއްޔެ.. ޒީ ބޭނުންނަމަ މާ ކުރިންވެސް މިގޮތަށް ރިއާން ހޯދުނީހެއްނު.. ތަންކޮޅެއް ޕޮޒިޓިވްކޮށް ވިސްނަބަ.. އިރާދައިގަ ޒީއަށް ރިއާން ލިބެންހުރީމަ ވީ ގޮތް ކަމުގަ ބަލާ" ޝައިނާ ވިސްނައިދިނެވެ.
***********
އާއިލާއާ ގާތް ރަހްމަތްތެރިންނަށް މުނާސަބުވާނޭހެން ބާއްވާ ކުޑަ ރަންކިޔުމުގެ ހަފްލާއަށް ޒީވާމެން ގޭގެ ޓެރަސް ތައްޔާރުކޮށްފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ރަންކުލައިގެ ބޮކިފަތިތަށް ދަމައި ޓެރަސް އެކީ އެކައްޗަކަށް ދިއްލައިލައިފައިވާއިރު އެއްފަރާތުގައި ފަނުން ހަދާފައިވާ އުނދޯލިގެއެއް ބަހައްޓައިފައި ހުއްޓެވެ. އަދި އަނެއް ފަރާތުގައި ދިވެހި ކެއުމުގެ ޖާފަތެއް ތައްޔާރުކޮށްފައި ހުއްޓެވެ. ގަޑިއެއްހާއިރު ތެރޭ ދައުވަތު ދެވުނު ހުރިހާ އެންމެން އައިސް ހަމަވެއްޖެއެވެ. ނަމަވެސް ރިއާންގެ ހަބަރެއް އެކަކަށްވެސް ނުވެއެވެ.
"ޒީ..މިއޮތީ ކަންފަތުލާ އެތިކޮޅު.. އަވަސް.." ޝައިނާ އައިސް އުނދޯލީގައި އިށީނދެއިން ޒީވާގާތު ހުއްޓިލިއެވެ.
"ރިއާންއެއް ނާދެއެއްނު.. ޝައި.. ރިއާން ގެ ނިންމުން އެ ނިންމީ.. ރިއާންއެއް ނާންނާނެ…" ޒީވާ ކަންބޮޑުވެފައި ބުންޏެވެ.
"ޒީ.. ހަމަ ޖެހިބަ.. ރިއާން އަންނާނެ! ރިއާން ނާންނަންޔާ ކީއްކުރަން ރިޔާޒްއާ ޝީރީންއާ އައިސް އެ ތިބީ؟ ޒީ ހަނދާނެއް ނުވޭތަ އަހަރުމެން ކަމެއް ރޭވިޔަސް އެތަނަކަށް އެންމެ ފަހުން އަންނަ މީހަކީ ރިއާންކަން؟ ޒީ ޖެހޭނީ މެރީކޮށްފަ ފުރަތަމަ ކަމަކަށް ރިއާން ގެންގުޅޭ ގަޑިތަކުގެ ކަށި ހަމަކުރަން ކަންނޭނގޭ." ޝައިނާ ޒީވާ ހިތްހަމަޖައްސައިދޭން ވާހަކަ ދެއްކި ނަމަވެސް އޭނާގެ ހިތުގައިވެސް ފޮރުވިފައިވަނީ ކަންބޮޑުވުމެވެ. ރިއާން އެންމެ ފަހުވަގުތު ޒީވާއަށް އެފަދަ ދެރައެއް ދީފާނެހެއްޔެވެ؟
ހަފްލާ ފެށުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވީއިރުވެސް ރިއާންގެ ހިލަމެއް ނުވުމުން ޝައިނާ ދުރުގައިހުރި ރާހިލްއާ ލޮލުގެ އިޝާރާތުން ރިއާން ކޮބައިތޯ ސުވާލު ކުރިއެވެ. ރާހިލް އަތުގައި އޮތް ފޯނު ދައްކައިލަމުން ދެކޮނޑު އަރުވައިލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ކަންބޮޑުވުމެވެ. އޭރު ކޯޓުން އައިސްތިބި މީހުންވެސް ރިއާން ލަސްވެގެން އެވާހަކަ ދައްކަން ފަށައިފިއެވެ.
"ކޮބާ އެ އައީނު؟ ފެޝަނަބްލީ ލޭޓް އޭޒް އޯލްވޭޒް.." ސިޑިން އަރައިގެން އައި ރިއާން ފެނި ޝައިނާއަށް ފުންނޭވާއެެއް ދޫކޮށްލެވުނެވެ. މަޑުމަޑުން ދެފަހަރަކު ޒީވާގެ ކޮނޑުގައި ޖަހައިލުމަށްފަހު ދުރަށް ހިނގައިގަތެވެ.
"ވަރަށް ލަސްވެއްޖެދޯ؟" ރިއާން ޒީވާގާތު އުނދޯލީގައި އިށީންދެލަމުން އަހައިލިއެވެ.
"ހޫމް.. އަހަރެން ހީކުރީ ރިއާން ނާންނަނީ ކަމަށް.. ނައި ނަމަވެސް ހައިރާނެއްނުވާނެ" ޒީވާ އިސްޖަހައިލަމުން ބުންޏެވެ.
"ނާޝިދުބެއާ ވާހަކަ ދެއްކުނުތަ؟" ރިިއާންގެ ސުވާލަށް ޒީވާ ބޯ ހޫރައިލިއެވެ.
"ރިޔާޒްބެއާ ވާހަކަ ދެއްކިންތަ؟" ރިއާންވެސް ޒީވާއެކޭ އެއްފަދައިން ބޯ ހޫރައިލިއެވެ. ރިއާންގެ މޫނުމަތީގައިވި ޖެހިލުންވުމާއި ހާސްކަން ޒީވާއަކަށް ސިއްރެއްނުވިއެވެ. ޒީވާ ފުންނޭވާއެއް ދޫކޮށްލަމުން ރިއާންގެ އަތުގައި ހިފައިލިއެވެ.
"ރިއާން.. ހަމަޖެހިބަލަ.. މޭބީ ވީ ކޭން ވޯކް ދިސް އައުޓް.. މެރިއެޖެއްގެ ގޮތުގަ ބަލައިގަންނަން އުނދަގުވިޔަސް.. އަހަރެމެންނަށް ދެ ރަހްމަތްތެރިންގެ ގޮތުގަ އުޅެން މަސައްކަތް ކުރެވިދާނެއެއްނު" ޒީވާ ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ޒީވްއަށް ތިހާ ވިސްނެން ފެށީ ކޮންއިރަކުތަ؟" ރިއާން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
"ރިއާން ހީކުރީ އަހަރެންނަކީ އަދިވެސް ނުވިސްނޭ ކުޑަކުއްޖެއް ކަމަށްތަ؟" ޒީވާވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
"އޭ ކޮބާ އަވަސް.. އަދި ގަޑި ޖެހިގެން އައިސްވެސް ޒީއާ ވާހަކަ ދައްކަން ދޯ ތީނީ.. ތި ދެމީހުން ވާހަކަދައްކާނެ ވަގުތެއްނު ދެން އޮތީ މުޅިންވެސް.. އިހަކަށް މި ފޭލި އޮޅާލާފަ ތި ޓީޝާޓު ގެނޭ" ރާހިލް އައިސް ރިއާންގެ މޫނަށް ދިވެހި ފޭއްޔެއް އެއްލަމުން ބުންޏެވެ.
"ކީއްކުރަން ޓީޝާޓު ދޭންވީ" ރިއާން އެހިއެވެ.
"ނޭނގެ މަށަކަށްވެސް.. ޝައިނާ ބުނިގޮތް އެއީ.. ކޮންމެވެސް ތީމެކޯ.. ދެން އަވަސް ކުރޭ.. އަން.. މިއޮތީ އަދި.. މިވެސް އަތުގަ އައްސާށޯ ބުނީ" ރާހިލް ތަވީދެއްހެން އޮތް ވާކޮޅެއް ދިއްކޮށްލަމުން ބުންޏެވެ.
"ކިހިނެއް އެނގެނީ ތީގަ އޮތީ ސިހުރެއް ނޫންކަމެއްވެސް ލިޔެފަ؟ އަހަރެން ތިއެއް ނާޅާނަން" ރިއާން ބުންޏެވެ.
"ސާބަހޭ މީ ހުސް ގަނޑުކޮޅެކޭ އޮޅާފަ. އަން ޒީ މި ހިފާބަ. އަދިވެސް އިނީތަ.. ތި ބަލަން ނުހުރެ އަވަސްކޮށްބަލަ" ރާހިލް ޒީވާއަތަށް އެ ވާކޮޅު ދިއްކޮށްލިއެވެ.
ރާހިލް އެދުނު ފަދައިން ރިއާން ތެދުވެ ލައިގެން ހުރި ސޯޓުގެ މަތިން އުނަގަނޑުގައި ފޭލި އޮޅައިލިއެވެ. އަދި ޓީޝާޓު ބާލައި ރާހިލްގެ އަތަށް ދިއްކޮށްލުމަށްފަހު ކުރިއެކޭ އެއްފަދައިން އުނދޯލީގައި އިށީނެވެ. އުނދޯލިގެއަށް އެޅިފައިވާ ރަންއަލީގައި ޒީވާއަށް ރިއާންގެ ހަށިގަނޑުފެނި އަނެއް ފަރާތައް މޫނު އަނބުރައިލެވުނީ އޭނާއަށް ފެންނަށް ނުވާފަދަ މަންޒަރެއް ފެނުނުހެނެވެ. އޭރު އޭނާގެ ދެ ކޯތާފަތަށް ލަދުން ޖަންބުކުލަ ވެރިވެފައިވިއެވެ.
"ޒީވް—"
"ލައްބަ" ރިއާންގެ އަަޑަށް ޒީވާ އަނެއްކާވެސް ރިއާން އިން ފަރާތަށް މޫނު އަނބުރައިލިއެވެ. އޭރު ރިއާން ޒީވާގެ އަތުގައިވާ ވާކޮޅު ދޭށޭ ބުނާ ފަދައަކުން އަތް ދިއްކޮށްލައިގެން އިނެވެ.
"އޯ ޔެސް މީތި ދޯ.." ޒީވާ އަވަސް އަވަހަށް ރިއާންއަށް އެ ވާކޮޅު ދިއްކޮށްލިއެވެ. ރިއާން މިނެޓެއްހާއިރު ވަންދެންް އެއް އަތުގެ އެހީގައި އަނެއް އަތުގައި އެ ވާކޮޅު އެއްސުމަށްކުރި މަސައްކަތްވީ ބޭކާރެވެ. އެމަންޒަރު ފެނި ޒީވާ އެ އައްސައިދިނުމަށް އިސްނެގިއެވެ.
"ގެނޭ.. އަހަރެން ތި އައްސާލަ ދީފާނަން" ޒީވާ ބުންޏެވެ. ރިއާން ޒީވާގެ އަތަށް އެ ވާކޮޅު ދިނުމާއެކު ޒީވާ ރިއާންއާ ކުޑަކޮށް ގާތަށް ޖެހިލިއެވެ. އެ ރަންއަލީގައި ޒީވާގެ ރީތިކަން އެހާ ގާތުން ފެނުނުހިނދު ރިއާންގެ ހިތް ތައުރީފުން ބަންޑުންވިއެވެ. ޒީވާގެ ދެލޮލުގައިވާ އާދަޔާހިލާފު ވިދުން އޭނާގެ ހިތް ދަމައިގަތެވެ. ލިބާހުގެ ބޯވަޅާއި ގުޅޭނެހެން ލޯ ކައިރީގައި ކޮށްފައިވާ ރަންކުލައިގެ ލުއި މޭކަޕުން އެ ވިދުން އިތުރަށް ގަދަކޮށްދީފައިވާ ކަހަލައެވެ. އެތުންފަތުގައި ފަވާލެވިފައިވާ ރަތްކުލައަކީ އެއްވެސް އިހްތިޔާރަކާނުލާ ރިއާން އެންމެ ގަޔާވާ ކުލަ ކަމުގައި ވެނިމިއްޖެއެވެ.
ޒީވާގެ ހިތްވެސް ރިއާންއާ ގާތުގައި އިންނަން ޖެހުމުގެ ސަބަބުން އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ރިއާންގެ ހަށިގަނޑުން އަރަމުންއައި މީރުވަހުގެ މަސްތުން އޭނާގެ ސިކުނޑި ފުރެމުންދިޔައެވެ. އެ އިހުސާސްތައް ހާމަވެދާނެތީ ރިއާންގެ ލޮލާއި ނަޒަރު ހަމަކުރުމަށް އޭނާ އުޒުރުވެރިވިއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ދެވިފައިވަނީ ރިއާންގެ އަތުގައި އެ ވާކޮޅު އެއްސުމަށެވެ. ޒީވާއަށް އެއަތުގެ އުޅަނބޮއްޓާއި ކޮނޑުހުޅާއި ދެމެދުގައުވާ މަސްތަކުގެ ހަރުކަން އިހުސާސް ކުރެވިގެންދިޔައެވެ. އޭނާގެ އަތްތިލަ ރިއާންގެ ބާރުގަދަ އަތުގައި ބީހިގެންދާ ކޮންމެފަހަރަކު ޒީވާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރާ ކަހަލައެވެ.
"ނެގުނުދޯ ރީއްޗަށް.. ސަޅިދޯ އެ ފޮޓޯ" ރިއާންއާ ޒީވާއަށްވެސް ސިހުން ލިބުނީ ކައިރިން ޝައިނާގެ އަޑު އިވުމުންނެވެ. އޭރު ފޮޓޯނަގާ މީހާއާއެކު އުނދޯލިގެ ކައިރީގައިހުރި ޝައިނާ ފެނި ޒީވާ ކަޅި އަޅައިލިއެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ޝައިނާ އެމީހުންގެ ފޮޓޯ ނެގުވީ ހެއްޔެވެ.
"ޒީ..އަވަސް ރެޑީވޭ… އެމީހުން އެބަ އާދެޔޭ ބުނަންވެގެން މި އައީވެސް" ޝައިނާ އަވަސް އަވަހަށް ބުންޏެވެ.
"އަޅެ ދެން ޝައި ދަނީތަ އަހަރެން ކައިރި ނުހުރެ… އަހަރެން ކިހިނެއް ހަދާނީ…. އަހަރެންނަކަށް ނޭނގޭ ރަންކިޔާނެ އެއްޗެއްވެސް…" ޒީވާ ޝަކުވާ ކޮށްލިއެވެ.
"ޒީ ބޭނުން އެއްޗެއް ބުނެބަލަ އޯކޭ ވާނޭ" ޝައިނާ އަވަސް އަވަހަށް އެތަނުން ދުރަށް ހިނގައިގަތެވެ.
"އެއީ ތެދެއް.. އަހަރެންނަށް ނުދެވޭ ވަރު އަދަދެއް ކިޔޭނެހެނެއް ހިއެއްނުވޭ" ރިއާން ބުންޏެވެ.
"އަހަރެން ހީކުރީ ހަމައެކަނި ދޮންބެކަމަށް ފޮނިކަނޑަނީ.. އެކަމަކު ފިރިހެން ކީއްޔާ ހަމަ އެއްވަރެއްދޯ.." ޒީވާ ބުންޏެވެ.
————
ކައިވެނީގެ ރަނުގެ ގޮތުގައި ޒީވާ އެދުނީ 24 ކެރެޓުގެ ހުދުރަން ފަށަކަށެވެ. މާގިނައިރެއްނުވެ ހަފްލާނިމި ހުރިހާ އެންމެން ގެއަށްދާން ފެށިއެވެ. ނާޝިދާއި ރިޔާޒްގެ އިތުރުން ވާފިޔާއާއި ޝީރީންވެސް ކޯޓުން އައި މީހުނާއެކު އެތަނުން ދިޔައެވެ. ލިބާހުގެ ސަބަބުން ހޫނުވެފައި އިން ޒީވާވެސް އަވަހަށް އިޝްވާއާއެކު ދިޔައީ ހެދުން ބަދަލުކުރުމަށެވެ. އެތަނުގައި އެންމެ ފަހު ބަޔަކަށް ތިބީ ޝައިނާއާއި ރިއާންއާއި ރާހިލް އަދި އެ ހަފްލާގެ ފޮޓޯނެގި މީހާއެވެ. ޝައިނާ އެމީހާއާއެކު ފޮޓޯތައް ބެލުމުގައި އުނދޯލީގައި އިންއިރު ރާހިލް ދުރުގައިހުރީ އެ މަންޒަރު ބަލާށެވެ.
"އަދިވެސް ދާކަށް ނުވޭތަ؟" ރިއާން ކޮފީތައްޓެއް ހިފައިގެން ރާހިލް ގާތަށް އައިސް ސިނގިރޭޓެއް ރޯކޮށްލަމުން އަހައިލިއެވެ. ރާހިލް ވަކި ޖަވާބެއް ދިނުމެއްނެތި ރިއާންއަށް ބަަލައިލިއެވެ.
"ދެން ބުނޭ ޒީވާއާ މެރީ ކުރާތީ ސިނގިރޭޓު ބުއިންވެސް ހުއްޓާލާށޭ" ރިއާން ބުންޏެވެ. އެއަށްފަހު ފުންނޭވާއަކާއެކު ސިނގިރޭޓުގެ ދުންތައް ބޭރުކޮށްލިއެވެ. ރިއާންގެ މޫނުމަތީގައިވާ ކުލަވަރުން ރާހިލްއަށް އަދިވެސް ރިއާން އޭނާއާމެދު ހިތްހަމަ ނުޖެހިފައިހުރިކަން އެނގުނެވެ.
"އިޒް އިޓް ދެޓް ބޭޑް؟ ޒީ އާ މެރީ ކުރުމުގެ ހިޔާލަކީ ހަމަ ތިހާބޮޑަށް ރިއާން ނަފްރަތު ކުރާ ހިޔާލަކީތަ؟ އަސްލު އަހަރެންނަކަށް ނޭނގެ ތިދެމީހުންގެ މައްސަލައެއް.. ޒީގެ މައްސަލައެއް" ރާހިލް އަހައިލިއެވެ.
"ތިއެއްނު މައްސަލައަކީ ރާހިލް.. ޒީވާއަކީ ރާހިލްގެ ކޮއްކޮއަކަށްވުން ފިޔަވައި އެއްވެސް މައްސަލައެއް ނެތޭ! މައްސަލައަކީ އަހަރެންނޭ!! ރާހިލްއަށް ހަމަ ނޭނގެނީތަ؟ އަހަރެންނަށްވުރެން މާ ރަނގަޅު މީހުން ޒީއަށް ވާނެ.. އައި.. އައިމް—"
"ރިއާން މާ ބޮޑަށް ބިރުގަންނަނީ.. އެކަމަކު އަހަރެން ޔަގީންކުރަން ރިއާންގެ ފުށުން ޒީއަކަށް ގެއްލުމެއްނުވާނެކަން.. އެހެން އެކަކަށްވެސް އިތުބާރު ނުކުރެވޭ ވަރަށް އަހަރެން ރިއާންއަށް އިތުބާރު ކުރަން" ރާހިލް ބުންޏެވެ. އެވަގުތު ރިއާން އެއްނޭވާއިން އަތުގައިހުރި ކޮފީތަށި ދަމައިލިއެވެ.
"މޯރ ކޮފީ؟" ރާހިލް އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.
"ކޮބާ ޝައިނާގެ ކަންތައް ދަނީ ކިހިނެެއް؟" ރިއާން މައުލޫ ބަދަލުކޮށްލިއެވެ.
"ތިވާހަކަ ނުދައްކާ" ރާހިލް ބުންޏެވެ. ހުދު އޭނާއަކަށްވެސް އެސުވާލުގެ ޖަވާބެއް ނޭނގެއެވެ.
"ހަހަހަ ގުޑްލަކް.. އަހަރެން ގޮސްލީ ދެން.. މާދަން ގުޅާނަން" ރިއާން ރާހިލްގެ ކޮނޑުގައި ޖަހައިލުމަށްފަހު އެތަނުން ދިޔައެވެ. ރިއާންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ޝައިނާ ގާތު އިން ފޮޓޯގްރާފަރު ވެސް އެތަނުން ދިޔައެވެ. އަދި ދިޔުމުގެ ކުރިން ޝައިނާއަށް ހިނިތުންވެލަމުން ހަނާއަޅައިލިއެވެ. އޭނާ ދިޔުމާއެކު ޝައިނާވެސް އުނދޯލިން ތެދުވެ އެތަނުން ދިޔުމަށް ހިނގައިގަތެވެ. ޝައިނާ ސިއްސައިގެންދިޔައީ ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ރާހިލް އައިސް އޭނާގެ ކުރި ބެއްދުމުންނެވެ.
"އޯ ގޯޑް ރާހިލް.. ރާހިލްއާހެދި އަދި މިއިން ދުވަހަކު އަހަރެންނަށް ހާޓް އެޓޭކެއް ޖެހޭނެ." ލިބުނު ސިހުމުގައި މޭގައި އަތް އަޅައިލައިގެންހުރެ ޝައިނާ ބުންޏެވެ.
"އެއީ ޝައިނާގެ ޓައިޕްތަ؟" ސިޑިން ފޭބި ފޮޓޯނަގާ މީހާއަށް އިޝާރާތްކޮށް ރާހިލް އަހައިލިއެވެ.
"އަނެއްކާ؟ އައިދަން އައި ދުވަހުވެސް، ކުރީދުވަހު ކާރުގަވެސް.. އަހަރެންގެ ޓައިޕް ހޯދުމަކީ އަޅެ ރާހިލްގެ އާ ހޮބީތަ؟ ކުރީދުވަހު އަމިއްލައަކަށް ނޫންތަ ބުނީ މިހާރު އަހަރެންގެ ޓައިޕް އެނގިއްޖޭ.." ޝައިނާ އަހައިލިއެވެ. ރާހިލް ދެކޮނޑު އަރުވައިލިއެވެ.
"އަހަރެންވެސް ހަމަ ޝައިނާގެ ޓައިޕް އެނގެން ޝައުގުވެރި ވެދާނެއެއްނު.. އެހެން ކުދިންނާ ނުލާހިކު ތަފާތުވިއްޔަ" ރާހިލް ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ތަފާތީ ކިހިނެއް؟" ޝައިނާ ދެއަތް އުނަގަނޑުގައި އަޅުވައިލަމުން ރާހިލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"އޯލް އަދަރ ގަރލްސް ލައިކް މީ.. ވިޗް ޔޫ ޑޯންޓް ސޯ ޔޫ އަރ ކްލިއަރލީ ޑިފަރެންޓް" ރާހިލް ބުންޏެވެ.
"ރާހިލް އަމިއްލައަށް އުޅެނީ އަހަރެން މާ ކޮމްޕްލިކޭޓެޑް މީހަކަށް ހަދައިގެން.. އަހަރެންނަކީވެސް ހަމަ އެކަހަލަ އަންހެންކުއްޖެކޭ.. އައި ހޭވް ދަ ސޭމް ޓައިޕް ޔޫ ސީ.. އަ ޓޯލް އެންޑް ހެންޑްސަމް ގައި ވިތް އަ ގުޑް ސެންސް އޮފް ހިޔުމަރ.. ދަ ޓައިޕް ދެޓް ލީވްސް ފްލަވަރސް އެޓް މައި ޑޯރސްޓެޕް އެވްރީ މޯނިންގް" ޝައިނާ ރާހިލްއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ.
ޝައިނާގެ ޖަވާބާއެކު ރާހިލްގެ ބުމަގޮށްޖެހުނެވެ. ނަމަވެސް އެ ބުނި އެއްޗެއް ފަހުމުވިހިނދު ކުއްލިއަކަށް އޭނާގެ މޫނު އުފާވެރި ހިނިތުންވުމަކުން އުޖާލާވިއެވެ.
"އިޒް ދެޓް އަ ޔެސް؟" ރާހިލްއަށް ލިބުނު އުފަލުން ޝައިނާގެ އަތުގައި ހިފައިލެވުނެވެ.
"އުޕްސް… ޑިޑް އައި މިސް ސަމްތިންގް؟ އެހާ ފަސޭހައިން އަހަރެންގެ ޔެސް އެއް ނުލިބޭނެ އެނގޭ.. ރީތި ޕްރޮޕޯޒަލްއަކާނުލާ ޔެސް ބުނާ ވަރަށްވުރެން އަހަރެންގެ ސްޓެންޑަރޑްސް ހައި ވާނެ" ޝައިނާ އެއްބުމަ އަރުވައިލަމުން ހިނިތުންވެލިއެވެ.
"ލެޓް ދޯސް ސްޓެންޑަރޑްސް ފްލައި ޑަރލިންގް. ލެޓް ދެމް ޓަޗް ދަ ސްކައި.. ތިބުނާ ސްޓެންޑަރޑްތަކެއް އުޑުގަ އުދުހުނަސް އައި ވިލް ސްޓިލް ރީޗް ދެމް ފޯރ ޔޫ" ރާހިލް ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ނިތްކުރި ޖައްސައިލިއެވެ. އެވަގުތު ޝައިނާގެ ފޯނު ރިންގުވާން ފެށިއެވެ.
"ޝިމާން އެގުޅީ ބަލާއައިސްފަ. މިހާރު އިންނާނެ ތިރީގަ.. ދަނީ އިނގޭ" ޝައިނާ ރާހިލްގެ އަތުތެރެއިން ވީއްލިގަންނަމުން ބުންޏެވެ. ރާހިލް އަވަސް އަވަހަށް ބޯޖަހައިލިއެވެ. މިރޭ އޭނާ އިތުރު އެއްވެސް ކަމެއް ބޭނުމެއް ނޫނެވެ. ޝައިނާގެ ފަރާތުން އެ ލިބުނު އިޝާރާތާއި އުއްމީދު އޭނާއަށް ފުދެއެވެ. އޭނާގެ ހިތް އުފަލުން ނަށަމުން ދާކަހަލައެވެ. ޝައިނާ ލޯމަތިން ގެއްލެންދެން ހުރުމަށްފަހު އޭނާ ވައިގެ ތެރޭގައި ދެއަތް ހޫރައިލަމުން އުފައުފާޅުކޮށްލިއެެވެ.
************
ހޮޓެލް ޖެންގެ ބޭރުގައި އެެއްލޭނެކަށް ފުނިޖެހެމުންދިޔަ ޕްރައިވެޓް ކާރުތައް ފެނި އެމަގުންދާ ކޮންމެ މީހަކަށްވެސް އެތަނުގައި އެރޭ ބޮޑު މުނާސަބާއެއް އޮތްކަން އެނގެމުންދިޔައެވެ. އެއިން ކޮންމެ ކާރެއްވެސް ނިސްބަތްވަނީ ރާއްޖޭގެ މުއްސަނދި އާއިލާއަކަށެވެ. ވިޔަފާރިވެރިންނާ ސިޔާސީ މީހުންގެ އާއިލާތަކަށެވެ. އެމީހުންގެ އަނބިދަރިންނާއި ގާތް ރަހުމަތްތެރިންނަށެވެ. ބައެއް ކާރުތަކުގައި އަންނަނީ ރާއްޖެއިން ބޭރުގެ ވިޔަފާރި ދުނިޔޭގައި މަސައްކަތްކުރާ ފަރާތްތަކެވެ. ހޮޓެލްގެ ތިރީގައި އެ އެންމެނަށް މަރުހަބާ ކިޔުމަށްޓަކައި ރިޔާޒްގެ ދެމަފިރިން މަޑުކޮށްގެން ތިއްބެވެ. އިރުކޮޅެއްގެފަހުން ހޮޓެލްގެ ބޭރަށް މަޑުކޮށްލި ކަޅުކުލައިގެ ފޯޑް މަސްޓޭންގް ކާރާއެކު އެތަނުގައި ދެން ހުރި ހުރިހާ ކާރެއްގެ ވިދުން ފަނޑުވެގެން ދިޔަކަހަލައެވެ. އެކާރުގެ ވެރިފަރާތް ބަލައިލުމަށްޓަކައި ކޮންމެ މީހަކުވެސް ކެތްމަދުވަމުންދިޔައެވެ. ޑްރައިވަރ ސީޓުގެ ދޮރު ހުޅުވައިލުމަށްފަހު ބޭރަށް ފިޔަވަޅު އަޅައިލި ޒުވާނާއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. މުޅިން ކަޅުކުލައިގެ ތްރީޕީސް އިޓާލިއަން ސޫޓެއްގައި ކާރުން ފޭބި ރިއާންފެނި އެ އެންމެންގެ ސުވާލުތަކަށް ޖަވާބުލިބިގެން ދިޔައެވެ. އޭނާއަކީ ކޮން ހައިސިއްޔަތަކުން އެރޭގެ ހަފްލާއަށް އައި މީހެއްކަން ނޭނގޭ ކިތަންމެ އަންހެން ކުދިންނަކާއި، އެކަން އެނގިހުރެވެސް ފަރުވާލެއް ނުބަހައްޓާ ކިތަންމެ އަންހެންކުދިންނެއްގެ ލޯތަށް އޭނަގެ ހިތްގައިމުކަމަށް ފިދާވަމުން ދިޔައެވެ. ރިއާން އެއިން އެއްވެސް ކަމަކަށް ފަރުވާލެއްނުދީ ކާރުން ފޭބުމަށްފަހު ސޫޓުގެ ގޮށް އަޅުވައިލިއެވެ. އަދި ކައިރީގައި ހުރި ޕާކިންގް އެސިސްޓެންޓަށް ތަޅުދަނޑި ހަވާލު ކުރުމަށްފަހު އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. މީޑިއާތަކުގެ ކެމެރާތަކުން އެވަގުތު އޭނާއާ ދިމާލަށް އެޅެމުންދިޔަ ފްލެޝްލައިޓްތަކުގެ އަލިން އެތަން ދިލެމުންދިޔަ ނަމަވެސް އޭނާ ކުރިއަށް ފިޔަވަޅު ބަހައްޓައިފައިހުރީ އެއިން އެއްވެސް ކަމެއް ނުފެންނަފަދައިންނެވެ. ނުވަތަ އެއީ އޭނާ އެކަމަކަށް އާދަވެފައިވާ ކަމެއް ކަމުގައި ވެދާނެއެވެ. އާރް.އެލްގެ ހިންގުމާ ހަވާލުވި ފަހުން އޭނާ އަޅަމުންދާ ކޮންމެ ފިޔަވަޅަކަށް ފާރަލަމުން ދުވާ ނޫސްވެރިންގެ އަދަދު މަދެއްނޫނެވެ. އެކި ނޫސް މަޖައްލާތަކާއި ޓީވީ ޗެނަލްތަކުން އޭނާގެ އިންޓަރވިއުތަކަށް އެދި ފޮނުވަމުންދާ ދައުވަތުތައް އޭނާގެ އެސިސްޓެންޓް ނީމްގެ މޭޒުމަތީގައި ފުނިޖެހިފައިވިއެވެ. ވީއިރު މިރޭ މިއީ އެއިން ކޮންމެ ނޫހަކަށްވެސް ބޮޑު ރެއަކަށް ވާނެއެވެ. އޭނާގެ ނަމާ ގުޅުވައި ފަލަ ސުރުހީއެއް އަޅައިލުމަށް ލިބޭނެ ފުރުސަތަކަށް ވެގެންދާނެއެވެ. އާނއެކެވެ. މިރޭ އެ ހޮޓެލްގައި ބޭއްވެމުން އެ ދަނީ ޒީވާއާއި ރިއާންގެ ކައިވެނީގެ ހަފްލާއެވެ.
"ކޮބާތަ ރިއާން؟ މިހިރީ ވަރެެއްގެ މީހަކާ ދޯ ލައްވާލާފަ.. އޮފީސް ކަމަކު ނޫނިއްޔާ މީނައަށް ގަޑިއަށް އާދެވޭ ތަނެއް އޮވޭތަ؟ މިހާރުވެސް ވިޔަފާރި ބައްދަލުވުމެކޭ ބުނިއްޔާ އަންނާނެ ވިހިމިނަޓު ކުރިން.. އެކަމަކު އަހަރުމެން އަބަދުވެސް ޖެހެނީ ކަމެއް އޮތިއްޔާ މީނަ އަންނަންދެން ގަޑި ގުނާލަ ގުނާލަ ހުންނަން.." ރާހިލް ހާސްވެފައިހުރެ ރިއާންއަށް ގުޅަމުން ކައިރީގައި ހުރި ޝިމާންގާތު ޝަކުވާ ކުރަމުންދިޔައެވެ.
"ހަމަ ޖެހިބަ ބޭބޭ.. މިހާރު ތިއުޅެނީ ސިސް އުޅޭހެން މާ އަވަހަށް ހާސްވެގެން.. ވެދާނެއެއްނު ރިއާން ޓްރެފިކްގަ ޖެހުނީ ކަމަށްވެސް" ޝިމާން ހަމަޖެހިލައިފައި ބުންޏެވެ.
"މިހާރު ގާޒީ އައިތާވެސް ދިހަ މިނަޓު ހިނގަ–" ރާހިލްގެ ވާހަކަ މެދުކެނޑުނީ ޝީރީނާއެކު އެތެރެއަށް ވަދެގެން އައި ރިއާން ފެނުމުންނެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ގޮނޑީގައި އިން ރިޔާޒްވެސް އެތެރެއަށްވަނެވެ.
"ހޫމް؟ މިއަދު އަނެއްކާ ކޮން ވަކީލަކާ ބައްދަލު ކުރަން ޖެހިގެނޯ ލަސްވީ" ބާބެކިޔު އޮތްރޭ ރިއާންބުނި ވާހަކައަށް އިޝާރާތްކޮށް ރާހިލް ބުންޏެވެ.
"ޔޯރ ގަރލްފްރެންޑް ޓުކް މީ ޓު އަ ފްރީކިންގް ސެލޫން އެންޑް ދޭ ޕެމްޕަރޑް މީ ލައިކް އަ ފްރީކިންގް ކެން ޑޯލް" ރިއާން ދަތްކުނޑި ވިކައިލަމުން ބުންޏެވެ. ރާހިލް ބުމަ ގޮށްޖަހައިލަމުން ރިއާންއަށް ބަލައިލިއެވެ. އެއްފަޅިއަކަށް ހިއްލައި ސްޓައިލް ކުރެވިފައިވާ އިސްތަށިގަނޑާއި ރީތިކޮށް ކޮށައިފައިވާ ތުނބުޅީގެ ސަބަބުން ރިއާންގެ މޫނުން ތާޒާކަން ފެންނަން ހުއްޓެވެ.
"ޝައިނާ އަދި އަހަރެންގެ ގަރލްފްރެންޑަކަށް ނުވޭ އިނގޭ.." ރާހިލް ބުނެލިއެވެ.
"އޯ އައިމް ސޮރީ.. ދެ ގަޑިއިރުތެރޭ ވާންއުޅޭ ގަރލްފްރެންޑް" ރިއާން އަތުކުރީގައިވާ ގަޑިއަށް ބަލައިލަމުން ބުންޏެވެ. އެއީ އޭނާ ލައިފައިވާ ސޫޓުގެ ޝާހީކަން އިތުރުކުރުމަށް ސޫޓުގެ ޖީބާއި ގިރުއާނު ގުުޅުވައިދޭ ރިހި ޗޭނުކޮޅާއި ގުޅޭނެހެން އަޅައިފައިވާ ރިހި ކުލައިގެ ގަޑިއެކެވެ.
"އަދި ނޭނގެއެއްނު ޔެސް ބުނާނެ ކަމެއްވެސް.. އަހަރެންގެ ދެ ގަޑިއިރު ބާއްވާ.. ރިއާންއަށް ތިއުޅެނީ ބައިގަޑިއިރު ތެރޭ އަންބަކު ލިބެން.. އެހެންވީމަ ބަސްއަހައިގެން މިތާ ރީތިކޮށް އިށީނދެލައިގެން އިނދޭ އިނގޭ" ކައިވެނި ކޮންދިނުމަށް ތައްޔާރުކޮށްފައިވާ މޭޒުދޮށުގައި ރިއާން ބައިންދަމުން ރާހިލް ދުރަށްޖެހިލިއެވެ. އޭރު ގާޒީންނާއި ކޯޓުގެ އޮފިޝަލުންގެ އިތުރުން ހެކިވެރިންގެ ގޮތުގައިތިބި ޝިމާންއާއި އާރް.އެލްގެ މުވައްޒަފުވެސް އެތަނުގައި އިށީނދެއިނެވެ. އެތަނުގައި މަދުވަނީ ޒީވާގެ އިތުރުން ޒީވާގެ ވަލީވެރިޔާއެވެ.
މިނެޓެއްހާއިރުފަހުން ހުޅުވިގެންދިޔަ ދޮރަށް އެންމެންގެ ސަމާލުކަން ހުއްޓުނުއިރު ރިއާންއަށްވެސް އެދިމާ ބަލައިލެވުނީ ޒީވާ ދެކިލުމުގެ އުއްމީދުގައެވެ. ނަމަވެސް ދޮރުން ވަދެގެން އައި މެދުއުމުރުގެ ފިރިހެންމީހާފެނި ރިއާންގެ މޫނުމައްޗަށް ހާސްކަން ވެރިވެގެން ދިޔައެވެ. އޭނާގެ ލޮލަށް އެއްވެސް އޮޅުމަކާނުލައި އެއީ ކާކުކަން ދެނެގަނެވުނެވެ. އެހެންކަމުން ވަށައިގެން ހޯދައިލެވުނީ ރާހިލްގެ ހަބަރެއް ބަލައިލުމަށެވެ. ފެންނަހިސާބުގައި ރާހިލް ނެތުމާއެކު ކޯޓުގެ އެތެރޭޖީބުގައި އޮތް ފޯނު ނެގީ ރާހިލްއަށް މެސެޖުކުރުމުގެ ނިޔަތުގައެވެ. އެކަމަށްޓަކައި ފޯނު ހުޅުވައިލި ވަގުތު ރާހިލް ކޮށްފައިވާ މެސެޖު އޭނާގެ ލޮލުގައި އަޅައިގަތެވެ.
"ޒީ އާއި ރިއާންގެ ހަޔާތުގަ އަންނާނެ އެންމެ މުހިއްމު ވަގުތު މިސްކޮށްލަން ޖެހޭތީ މާފަށް އެދެން. އެކަމަކު އަހަރެން އޭނަގެ މޫނުވެސް ދެކޭކަށް ބޭނުމެއްނޫން." ރާހިލްގެ މެސެޖުގައިވިއެވެ. ރިއާން އެ މެސެޖަށް ލައިކެއް ދިނުމަށްފަހު ފޯނު އަލުން ކޯޓުގެ ޖީބަށް ވައްޓައިލިއެވެ. އޭރު އެތަނުގައިހުރި ވާފިޔާ އެމީހާއާ ދައްކަމުންދިޔަ ވާހަކަ ރިއާންއަށް އިވެމުންދިޔައެވެ.
"އަހަރެންނަށް ވަރަށް ރަނގަޅު އަކްރަމް ކުރަންޖެހޭ ކަންތައް ނިމުމަށްފަހު ވީހާވެސް އަވަހަކަށް މިތަނުން ދިޔައިއްޔާ.. މިރެއަަށްފަހު ޒީވާގެ މައްޗަކަށް އަކްރަމްގެ އިތުރު އެއްވެސް ހައްގެއް ނޯންނާނެ. އެހެންނޫނަސް ޒީވާއަކީ އެއްވެސް އިރަކު އަކްރަމްގެ ހަޔާތުގެ ބައެއްނޫނެއްނު.. އަހަރެން ބޭނުމެއްނޫން ޕާޓީން އަކްރަމް ފެންނާކަށް.. އަކްރަމާހެދި ރާހިލްއަށް ޕާޓީގެ އުފާވެރިކަން ގެއްލުނަކަ ނުދެވޭނެ" ވަފިއްޔާ ބުންޏެވެ. ކައިރީގައިހުރި ނާޝިދު ބަހެއްވެސް ބުނެނުލާ އެ ހުރިހައި ވާހަކައެއް އަޑު އަހަމުންދިޔައެވެ.
"ރާހިލް ކޮބާ؟" އަކުރަމް އަހައިލި އަޑު އިވުނެވެ.
"ރާހިލް ވީތަނެއް ބަލާކަށް އަކުރަމަކަށް ނުޖެހޭނެ." ވާފިޔާ ބުންޏެވެ. އަކްރަމް އެކަމާ ދެބަސްވާކަށް ނޫޅުނެވެ. ވާފިޔާމެނަށް ބޯ ޖަހައިލުމަށްފަހު އައިސް މޭޒާއި ކައިރިވެލިއެވެ. އަދި އެއްޗެއް ނަގައިގަންނަން އުޅޭ ފަދައަކުން ރިއާންއަށް ބަަލައިލިއެވެ.
"އައްސަލާމް އަލައިކުމް. ރިއާން ރިޔާޒް ލަތީފް" ރިއާން ތެދުވެ އަމިއްލައަށް ތައާރަފު ވެލަމުން ސަލާމަށް އަތްދިއްްކޮލިއެވެ.
"އަލީ އަކުރަމް" ރިއާންއާ ސަލާންކޮށްލަމުން އަކުރަމް ގޮނޑީގައި އިށީނެވެ. އެއަށްފަހު އެދެމީހުންގެ ދެމެދަށް ވެރިވެގެންދިޔައީ ހިމޭންކަމެވެ. އެހިމޭންކަމުން މާހައުލަށް އައި ނުތަވަސްކަން ފިލައިގެންދިޔައީ އަނެއްކާވެސް އެތަނުގައިތިބި މީހުންގެ ލޯތައް ދޮރާ ދިމާލަށް ހުއްޓުމުންނެވެ. މިފަހަރު ރިއާން އެކަމަކަށް ނުހެއްލުނެވެ. އޭނާ އެއިން ގޮތަށް ފޫހިކަމާއެކު ކުރިއަށް ނަޒަރު ހުއްޓައިލައިގެން އިނެވެ.
"ވާއު ހާދަ ރީއްޗޭ.. ހީނުވޭ ދުނިޔެމަތީގެ ކަމެއްހެންވެސް" އެތަނުގައިހުރި ޒީވާގެ ރަހްމަތްތެރި އަންހެންކުއްޖެއްގެ އަޑު އިވި ރިއާން ދޮރާ ދިމާލަށް ބަލައިލިއެވެ. އެވަގުތު އޭނާ ލާންއުޅުނު ނޭވާވެސް ހުއްޓި ވައިނޮޅީގައި ތާށިވިއެވެ. ވަށައިގެންވި ހުރިހައި މަންޒަރެއް ފުސްވެ ހިނދުކޮޅަކަށް އޭނާގެ ދެލޮލުގެ ފެނުން އެންމެ އިންސާނަކަށްޓަކައި ހާއްސަކުރެވުނުހެން ހީވިއެވެ. ގަޔަށް ހިފައިލެވިފައިވާ ހުދުކުލައިގެ ކައިވެނީގެ ހެދުމުގައިހުރި ޒީވާ ފެނުމާއެކު ހިނދުކޮޅަކަށްވެސް އެހެން ދިމާލަކަށް މޫނުއަނބުރައިލުމަށް އޭނާގެ ނަފްސު އުޒުރުވެރިވިއެވެ. ފަލަމަސްގަނޑާއި ހިސާބުން ދޫކޮށްލެވިފަިއވާ ހެދުމުގެ ފަސްބައި ކުޑަކޮށް ހިއްލައިލައިގެންހުރި ޒީވާ އައިސް ރިއާންގާތު ހުރި ގޮނޑީގައި އިށީނެވެ. ހަމައެވަގުތު ޒީވާއާއެކު އައި އިޝްވާއާއި ޝައިނާ އަވަސްއަވަހަށް ވެޑިންގް ލޭހުން ހަދައިފައިވާ ބޮޑު ވެއިލް އަކުން ޒީވާގެ އިސްތަށިގަނޑު ފަރުވާތެރިކަމާއެކު ނިވާކޮށްދިނެއެވެ. އެ ބޮލުގައި ޖަހައިފައިވާ ރީތި ހުޅިއާއި އެ ހުޅީގައި ހަރުކުރެވިފައިވާ ރިހިކުލައިގެ މާތަކަށް ބުރޫނާރާނެ ފަދައިންނެވެ.
"ތޭންކްސް" ޒީވާ ލުއި ހިނިތުންވުމަކާއެކު އިޝްވާއާއި ޝަޢިނާއަށް ޝުކުރު އަދާކުރިއެވެ. އަދި އެމީހުން ދުރަށްޖެހިލުމުން ކައިރީގައި އިން ރިއާންއަށް ބަލައިލައި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެ ހިނިތުންވުން ފެނުމާއެކު ރިއާންގެ ހިތް އަވަސްވެ މީހާ ހާސްވާންފެށިއެވެ. ޒީވާދިން ހިނިތުންވުން ރައްދުކުރަން ބޭނުންވިކަމުގައިވިޔަސް އެކަންވެސް ހަނދާނުން ކައްސައިލިއެވެ. އަވަސްކަމާއެކު ކަރުކެހިލައި ކަރުގައި އޮތް ޓައި ރީތިކޮށްލަމުން ޒީވާއާ ދުރަށް ނަޒަރުހުއްޓައިލިއެވެ. އެމަންޒަރު ފެނި ޒީވާގެ ހިނިތުންވުން ފިލައިދިޔައެވެ. ރިއާންގެ ހިތްހަމަ ނުޖެހުން އޭނާއާ އަމާޒުވިހެން ހީވެ ހިތްމޮޅިވިއެވެ. އެ ނުތަނަވަސްކަން ސިއްރު ކުރުމަށްޓަކައި އިސް ޖަހައިލަމުން އަތުގެ އިނގިލިޔަކާއި ކުޅެން ފެށިއެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާ ފެނުނު ވަގުތުން ފަށައިގެން ރިއާންގެ ސިކުނޑި މަސައްކަތްކުރުން މަޑުޖެހިލިކަމެވެ. އޭނާގެ މައުސޫމު ހިނިތުންވުން ރިއާންގެ ހިތުގެ ކަނެއްގައި ކޮށްޓައިލިކަމެވެ. އަދިވެސް ސިއްރުސިއްރުން އޭނާއަށް ބެލެމުންދަނީ ޒީވާގެ އިސްޖެހިފައިވާ މޫނަށެވެ. ކޮށްފައިވާ ލުއި މޭކަޕުގެ ސަބަބުން ޖަންބުކުލަ އަރައިފައިވާ ޒީވާގެ ދެ ކޮލާއި ކަޅުކަންގަަދަވެފައިވާ އެސްފިޔަތަކުން ޒީވާގެ ރީތިކަން އިތުރުކޮށްދީފައިވަނީ ހީވެސް ނުކުރާހާ ފުރިހަމައަށެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ގާޒީ ބިސްމިއަށްފަހު ކައިވެނީގެ ހުތުބާ ފެށި އަޑު އިވުމުން ރިއާންއަށް ހަމަބިމަށް އާދެވުނެވެ. އަދި އެކަމަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރިއެވެ.
ކައިވެނިކޮށް ނިމުނުވަގުތު އެތަނުގައި ތިބި އެންމެން އުފާ ފާޅުކުރަން ފެށިއެވެ. ކޮންމެ މިހަކުވެސް އައު ދެމަފިރިން ގާތަށް ޖެހިލައި މަރުހަބާގެ ލަފްޒުތައް އޮއްސަމުންދިޔައެވެ. ނަމަވެސް ޒީވާއާ ރިއާންގެ މޫނުމަތިން އެތަނަށް ވެރިވިފަދަ އުފާވެރިކަމެއް ނުފެނުނެވެ. އެކަކު އަނެކަކަށް ބަލައިލައި ބަދަލުކޮށްލި ލުއި ހިނިތުންވުން ފިޔަވައި އިތުރު މުއާމަލާތެއް އެދެމީހުންގެ ދޭތެރެއަކު ނުހިނގައެވެ.
ކައިވެނި ކުރުމަށް ހަމަޖެއްސި ކޮޓަރި ދޫކުރުމަށްފަހު ޕާރޓީ ބޭއްވުމަށް ހަމަޖެހިފައިވާ ހޯލަށް ހުރިހައި އެންމެން ދާން ފެށިއެވެ. އިޝްވާ ބޭނުންވީ އެންމެ ފުރަތަމަ ކަމަކަށް ޒީވާއާއި ރިއާން އެކުގައި ފޮޓޮއެއް ނެގުމަށެވެ. ނަމަވެސް އެކަމަށްޓަކައި މަޑުކުރުމެއްނެތި ރިއާން އެތަނުން ނުކުމެގެން ދިޔައެވެ. އެކަމުން ލިބުނު މާޔޫސްކަން ޒީވާ ފޮރުވައިލީ އެވަގުތު އޭނާ ގާތަށް އައި ޝީރީން ފެނުމުންނެވެ.
"މާޝާﷲ..އަހަރެންގެ ޅީދަރިފުޅު ހާދަ ރީއްޗޭ.. ވަރަށް ބޮޑަށް މަރުހަބާ" ޝީރީން ހިނިތުންވެލަމުން ޒީވާގެ ދަތްދޮޅީގައި ހިފަހައްޓައިލިއެވެ.
"ޝުކުރިއްޔާ ދައްތާ" ޒީވާ އަދަބުވެރިކަމާއެކު ބުނި ނަމަވެސް އެ ބަސްތައް އިވި ޝީރީންގެ ހިިނިތުންވުން ފިލައިދިޔައެވެ.
"އެނގޭ ރިއާންގެ އަންބެއްގެ ހައިސިއްޔަތުން ރިއާން މަންމައެއްގެ ދަރަޖަ ދޭން ބޭނުން ނުވާ މީހަކަށް ޒީވާވެސް މަންމަ ކިޔާކަށް ނުޖެހޭނެކަން.. އެކަމަކު މިއަދުން ފަށައިގެން ޒީވާއަކީވެސް ހަމަ އަހަރެންގެ ދަރިއެއް. އަހަރުމެންގެ ރިއާންއަކީ ހަގީގަތުގަ ވަރަށް ގޮތްދޫނުކުރާ ކުއްޖެކޭ ބުނެވިދާނެ.. ޒީވާ ހިތްވަރުކުރާތި.. ކަމެއް ދިމާވިޔަސް މި މަންމަ ހުރިކަން ހަނދާން ބަހައްޓާތި.. ރިއާން ނަޔަސް ދަރިފުޅުވާނެ މަންމަގާތަށް އައިސްލަން.." ޝީރީންގެ ވާހަކައަށް ޒީވާ ބޯ ޖަހައިލިއެވެ.
—————-
އަވަސްއަވަހަށް ޖީބުގައި އޮތް ފޯނުނަގައި ރާހިލްއަށް ގުޅަމުން ނުކުތް ރިއާންގެ މިސްރާބު ހުރީ ލިފްޓާ ދިމާލަށެވެ. އޭނާ އަވަސްވެގަތީ ރާހިލް ހުރި ދިމާލެއް ހޯދުމަށެވެ.
"ޕާޓީ ހޯލުގަ މިހިރީ…" ރާހިލް ޖަވާބުދިނެވެ. ރިއާން އެންމެ ރަނގަޅޭ ބުނުމަށްފަހު ލިފްޓަށް އަރައި އެ ފްލޯގެ ނަންބަރަށް ފިތައިލިއެވެ. ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވި މާލަމަށް ވަދެވުނު ވަގުތު ރިއާން ހިނދުކޮޅަކަށް ހުއްޓުންއެރިއެވެ. އެ މުޅި މާލަން ޖަރީކުރެވިފައިވަނީ ކަޅާއި ރަނުގެ ކުލަތަކުންނެވެ. މާލަމުގެ ވަށައިގެން ކަޅުފޮތި ދަމައި އެކި އޭގެ ހިސާބުތަކުން ރަން އަލިތައްް އަޅުވައިފައިވާއިރު އަތުރައިފައިވާ މޭޒުތަކުގައިވެސް ވަނީ ކަޅުފޮތި އަޅައި ރަންކުލައިން ސްޕްރޭކުރެވިފައިވާ ގުލްދަސްތާތަށް ބެހެއްޓިފައެވެ. އެެއްފަރާތެއްގައިހުރި ހުދު ބެކްޑްރޮޕްވަނީ ރަންކުލައިގެ ޝާހީ ފަރުމާއަކުން ޖަރީކުރެވިފައެވެ. މާލަމުގެ ކަނެއްގައިހުރި ސްޓޭޖްގައި މިއުޒިކް ބޭންޑެއް ތައްޔާރުވަމުންދިޔައިރު ރާހިލް އެތަނުގައި ހުރިތަންފެނި ރިއާންގޮސް ރާހިލްގެ ކޮނޑުގައި ޖަހައިލިއެވެ.
"ހާދަ އަވަހަށް.. ޒީމެން ނުލާތަ ތި އައީ؟" ރާހިލް އާދައިގެ މަތިން ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުމަކުން ރިއާންއަށް އޮޅުވައެއް ނުލެވުނެވެ. ރާހިލްގެ ސިކުނޑީގައި ހިނގަމުންދިޔަ ސުވާލުގެ ޖަވާބުދިނެވެ.
"އޭނާ ހިނގައްޖެ. ކައިވެނިކޮށްދީ ނިމުން އިރަށް ވާފިޔާއްތަ އޭނާ ފޮނުވައިލައިފި" ރިއާން ބުންޏެވެ. ރާހިލް ބޯ ޖަހައިލިއެވެ.
"އަހަރެން އަޑުއެހިން ރާހިލް ކޮބާތޯ ވާފިޔާއްތަކުރެން އެހި އަޑު" ރިއާން ބުންޏެވެ.
"މަންމަ އަހަރެންގެ އެއްވެސް ވާހަކައެއް ދެއްކިތަ؟" ރާހިލް އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.
"ދެން އެކަންތައްވެސް އެނިމުނީނު.. ސޯ.. ހެލޯ ބްރަދަރ އިން ލޯ.. ވެލްކަމް ޓު ދަ ފެމިލީ" ރާހިލް ހިނިގަނޑެއް ޖަހައިލުމަށްފަހު ރިއާންގެ ކޮނޑަށް އަތް ވައްޓައިލިއެވެ.
"ސީރިއަސްލީ.. މިއަށްވުރެން އިތުރަށް މިކަން އޮކްވަރޑް ކުރަން ނޫޅޭ" ރާހިލްގެ އަތް ދުރުކޮށްލަމުން ރިއާން ބުންޏެވެ.
"އޯކޭ ބްރަދަރ އިން ލޯ" ރާހިލް ބުންޏެވެ.
"އައުޗް. ބްރަދަރ އިން ބްރަދަރ އިން ލޯ އަށް ދުރުވީތަ؟" ރިއާން މޭގައި އަތް އަޅައިލަމުން ބުންޏެވެ.
"އަހަހަހަ. ކަމޯން ބްރަދަރ.. ދުރެއް ނުވާނެއްނު… ދެން ބުނެބަލަ.. ޒީމެން އަންނާކަށް ނޫޅޭތަ؟" ރާހިލް އަހައިލިއެވެ.
"މިހާރު ޝައިނާމެންނާ އެއްކޮށް އަންނާނެ ކަންނޭގެ.. މިރެއަށް ހުރިހާ ކަމެއް ހަމަޖެހުނީތަ.. ހިއެއްނުވޭ ޝައިނާ މިރޭ ޒީ ކައިރިން ދުރަށްގެންދަން ފަސޭހަ ވާނެހެނެއް.." ރިއާން ބުންޏެވެ.
"ތިކަން އަހަރެންނަށް ދޫކޮށްލާ.. ރިއާންގެ ފަރާތުން ހުރިހާ ކަމެއް ހަމަޖެހިއްޖެތަ؟" ރާހިލް އަހައިލިއެވެ.
"ޔެސް.. ނީމް އަންނާނެ ޕާޓީއަށް.. އައިމަ ނީމް އަތުން ތަޅުދަނޑި ހޯދާ.." ރިއާން ބުންޏެވެ. އެވަގުތު ޒީވާއާއި ވާފިޔާ ކުރީގައިހުރެ ގިނަބަޔަކާއެކު މާލަމުގެ ތެރެއަށް ވަދެގަތެވެ. ޝައިނާގެ އިޝާރާތަށް ރިއާންވެސް އެތަނުން ދާން ޖެހުނެވެ.
ރިއާން އާއި ޒީވާ ހުރުމަށްޓަކައި އުސްކޮށް ހަދައިފައިވާ ސިޑިކޮޅުގެ މައްޗަށް އެރުމާއެކު ބޭންޑުން ލުއި ލުއި މިއުޒިކެއް ކުޅެން ފެށިއެވެ. އެއާއެކު ޕާރޓީ ފެށުނެވެ. ރިއާންއާއި ޒީވާ ޕާރޓީއަށް އައި މެހެމާނުންނަށް މަރުހަބާކިޔުމުގައި މަސްއޫލުވިއެވެ. އެތަނަށް އައި ކޮންމެ މީހަކުވެސް ދިޔައީ އެތަނުގެ ފުރިހަމަކަމާއި ޒުވާން ދެމަފިރިންގެ ޖޯޑަށް ތައުރީފުކުރަމުންނެވެ. އެ އެންމެންގެ ކަޅި އެ ޖޯޑަށް ހުއްޓެމުންދިޔަ ނަމަވެސް ރާހިލްގެ ކަޅި ހުއްޓިފައިވަނީ ޒީވާއާ މާ ދުރުނޫން ހިސާބެއްގައި އިޝްވާއާއެކު ފޮޓޯ ނަގަން އުޅުނު ޝައިނާއަށެވެ. އޭނާ އެހެން އުޅުމުގެ ތެރޭގައި ޒީވާ ގޮވައިލުމުން ބައެެއްފަހަރު އަތުގައި އޮތް ކުޑަ ފަންކާއަކުން ޒީވާގެ މޫނަށް ވިހެލައިދޭނެއެވެ. އަނެއްބައިފަހަރު ފެންތައްޓެއް ގެނެސްދޭނެއެެވެ. އަބަދުވެސް އުޅެނީ ޒީވާ ގޮވައިލައިފިނަމަ އަޑު އިވޭ ހިސާބުގައެވެ. އެހެންކަމުން ވަގުތު ކުޑަތަންވީއިރުވެސް ރާހިލްއަށް ޝައިނާއާ ހިސާބަށް ވާސިލްވެވޭގޮތެއްނުވިއެވެ. އޭނާގެ މަގުސަދު ހާސިލްވާ ގޮތެއް ނުވިއެވެ. އޭނާއަށް އެ ފުރުސަތު ހުޅުވައިދިނީ ނީމްއެވެ.
"އަދިވެސް ނުދަނީތަ؟ ގުޅާފަ ބުނަންވީދޯ ލަސްކޮށްލާށޭ.." ރާހިލް ގާތަށް ޖެހިލި ނީމް ކަންބޮޑުވެފައި އަހައިލިއެވެ. ރާހިލް ހާސްވެފައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. "އަހަރެން ގުޅާލާފަ ބުނެފާނަ—"
"ނޫން ނޫން. މިހާރު ދެން މި ދަނީ.." ރާހިލް ނީމްގެ ވާހަކަ މެދުކަނޑައިލަމުން ކުރިއަށް ހިނގައިގަތެވެ. އަދި ޝައިނާއާ ހިސާބަށް އަރައިހަމަކޮށްލުމަށްފަހު ކުއްލިއަކަށް ޝައިނާގެ އަތުގައި ހިފައި އެއްފަރާތަކަށް ދަމައިގަތެވެ.
"ރާހިލް.. އަބަދުވެސް ބުނަމެއްނު ކުއްލިއަކަށް ތިކަހަލަ ކަންކަން ނުކުރާށޭ" ޝައިނާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.
"އައިމް ސްޓީލިންގް ތަރޓީ މިންސް އޮފް ޔޯރ ޓައިމް" ރާހިލް ޝައިނާ ގޮވައިގެން މާލަމުގެ ފަހަތުގައިވާ ދޮރާއި ދިމާލަށް ހިނގައިގަތެވެ.
"ރާހިލް..އޯ ގޯޑް.. ރާހިލް އަޅެ މަޑުކޮށްބަލަ.. އަޅެ އަހާލުމެއްވެސް ނޯވޭތަ؟" މާލަމުން ނުކުމެވުމާއެކު ޝައިނާ ހާސްވެފައި ރާހިލް ހުއްޓުވަން މަސައްކަތްކުރިއެވެ.
"ކިހިނެއްވީ؟؟ ޝައިނާގެ ވަގުތުން އެންމެ ތިރީސް މިނެޓުވެސް އަހަރެންނަށްޓަކައި ހުސްކޮށްނުދެވޭނެތަ؟" ރާހިލްގެ އަޑުގައިވި ހިތްހަމަނުޖެހުން ފޮރުވަން މަސައްކަތްކުރިއެވެ.
"ކީކޭ؟ ރާހިލް.. ހަމަ ކޮންމެހެން އެއީ މި ތިރީސް މިނަޓަށް ވާން ޖެހޭތަ؟ ބަލާބަލަ މީ ޒީގެ ވެޑިންގެއްނު.. ޒީ އަހަރުމެން ހޯދިއްޔާ އޯ؟؟ އަޅެ އަހަރެންނާ އެއްވަރަށް ރާހިލްއަށްވެސް ޒީ މުހިއްމެއްނޫންތަ؟" ޝައިނާ ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ޝައިނާ ޕްލީޒް. އިޝީވެސް އުޅޭނެއްނު.. ހަމަ ޖެހިލަބަ.. އިރުކޮޅަކަށް ހަމަޖެހިލާފަ ޝައިނާގެ ހުރިހާ ސަމާލުކަމެއް އަހަރެންނަށް ދީބަލަ .. ޕްލީޒް؟" ރާހިލް ދެއަތުން ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން އަހައިލިއެވެ. ރާހިލްގެ ދެލޮލުގައިވާ އުއްމީދުގެ ކުލަވަރު ގެއްލުވާލުމުގެ ހިތްވަރެއް ޝައިނާއަކަށް ނުލިބުނެވެ. އެހެންކަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"ގުޑް. އާދެބަ އަހަންނާއެކު" ރާހިލް ޝައިނާގެ އަތުގައި ހިފައިގެން ލިފްޓާ ދިމާލަށް ހިނގައިގަތެވެ.
"ކޮންތާކަށް؟"
"އެންމެ ފަހަރަކުވިޔަސް އަހަރެންނަށް އިތުބާރު ކޮށްބަލަ"
No comments yet
Be the first to share your thoughts about this episode!