Episode 20
ހިތް އެދޭހާ ކަމެއް.. (20 ވަނަބައި)
" އޯކޭ އޯކޭ. އިޝްކޮވެސް މިހާރު ހާދަ މޮޅު ވެއްޖޭ ދޯ.. ތި މޮޅުކަން އެޖްޒާމްއިން ނިކަން ދައްކަންވާނެ.. ދެން މާ މޮޅެތި ވާހަކަ ނުދައްކާ ދޭ ފޮތްކިޔަން" ރާހިލް އިޝްވާ އަވަހަށް ފޮނުވައިލިއެވެ. އިޝްވާ ދިޔުމާއެކު އޭނާ އަނެއްކާވެސް ފުންހިޔާލެއްގެ ތެރެއަށް ގެއްލުނެވެ. މި ދިމާވި ކަންތަކުގައި އޭނާގެ ކުށެއް ނެތްކަން އިޝްވާ ބުނެދިން ހިސާބުން ހިތްވަރު އައުވިކަހަލައެވެ. ކުއްލިއަކަށް ލިބުނު މޮޅު ހިޔާލާއެކު އޭނާ ހިނިތުންވެލިއެވެ.
************
ގަޑިއެއްހާއިރުވަންދެން ކޮންމެ ދިހަ މިނަޓަކުން ހުއްޓުމެއްނެތި ރިންގުވަމުން ދިޔަ އެލާރމްގެ އަޑު ކަނޑައިލުމަށްފަހު ޝައިނާ އާފުރިލިއެވެ. ނިދި މޫނަކާއެކުގޮސް ފާހަނައަށް ވަތް ނަމަވެސް ފެންވަރާލައިގެން ނުކުތްއިރު އޭނާގެ މޫނުގައި ނިދީގެ އަސަރެއް ނެތެވެ. އަވަސްކަމާއެކު އޮފީހަށްދާން ރީތިވެލައިގެން ގަޑި ބެލުމަށްޓަކައި ފޯނު ބަލައިލިވަގުތު އޭނާގެ މޫނުގައިވާ ކުލަވަރު އޮއްސިގެންދިޔައެވެ. ފޯނުގެ ސްކްރީނަށް އަރައިފައިވާ ރާހިލްގެ ނަން ފެނުމާއެކު ނޭނގޭ އެތަށް ޖަޒުބާތު ތަކެއް ހިތުގައި އުތުރި އަރަން ފެށިއެވެ. ރުޅިވެރިކަމާއި ހިތާމަ އަދި ނާއުއްމީދެވެ. އޭނާގެ ހަޔާތުގެ ބޮޑުބައެއް އޭނާ ވޭތުކުރީ އެ އާއިލާއަށް ނިސްބަތްކޮށް މީހުން ކިޔަމުންދިޔަ ބޭ އަދަބީ ބަސްތައް އަޑު އެހުމުގައެވެ. އެކަމުގައި އޭނާގެ ދޮންތައާ ބޮޑުދައިތަގެ ކުށެއް ނެތްނަމަވެސް މީހުންގެ ދޫތަކުން އެމީހުންވެސް ސަލާމަތްނުވީތީ އެކަހަލަ ކަންކަމަށް ނިސްބަތްކޮށް މީހުން ބުނާ ބުނުންތަކަށް އޭނާ އިންތިހާއަށް ނަފްރަތު ކުރެއެވެ. މިހުރިހަ ހަގީގަތެއް އެނގިހުރެމެ ރާހިލް ކުރިން ކުރި ކުށް ތަކުރާރުކުރީތީ އޭނާ މާޔޫސްވިއެވެ. އޭނާއަކީ ފިރިހެނުންނަށް ކަންދެއްކެން އުޅޭ ގޮތެެއްނެތް އަންހެނެއްކަމުގައި ބުނި ބުނުން ވެގެން ދިޔައީ ޝައިނާގެ ކަންފަތް ދޮށުގައި މީހަކު ގޮއްވައިލި ބޮމަކަށްވުރެ ވަރުގަދަ ހަމަލާއަކަށެވެ.
"ސޮރީ"
"އެއީ އަހަރެންނަށް ވިސްނާނުލާ ބުނެވުނު އެއްޗެކޭ ޕްލީޒް"
"ފޯނު ނަގާބަ ޕްލީޒް"
"ޕްލީޒް ފޮގެޓް ވަޓް އައި ސެޑް! އިޓް މެންޓް ނަތިންގް.. އައި ވޯޒް އެންގްރީ"
"އަހަރެންނާ ވާހަކަދައްކަބަަލަ ޕްލީޒް."
"ފޯނު ނެގިދާނެތަ؟"
"ގަބޫލުކުރަން ރުޅިއައުން ހައްގުކަން.. އަހަރެންނަށް މާފު ނުކުރިޔަސް އޯކޭ.. އެކަމަކު އަހަރެން ބުނި އެއްޗެއްގެ ސަބަބުން ޝައިނާގެ ނަފްސު ކުށްވެރި ނުކުރައްޗޭ.. ޕްލީޒް.."
"ގުޑް ނައިޓް ޑަރލިންގް"
"ހޭލައިފިންތަ؟"
ފުލުފުލުގައި އައިސްފައިވާ ރާހިލްގެ މެސެޖުތައް ކިޔައި ނިމުނުއިރުވެސް ޝައިނާގެ ހިތުގައިވި މާޔޫސްކަމަކަށް ބަދަލެއްނާދެއެވެ. ހަގީގަތަކީ އޭނާ އެކަމާމެދު ރާހިލްދެކެ އެއްވެސް ވަރަކަށް ރުޅި ނާދެވުނު ކަމެވެ. އަދި ހިސާބަކަށް އެކަމުގައި އޭނާގެ އަމިއްލަ އަމަލުތައްވެސް ކުށްވެރި ކުރެވުނުކަމެވެ. އެހެނަސް އޭނާއަށް އެންމެބޮޑު އަސަރެއްކުރީ އެ ބަސްތައް އިވުނީ ރާހިލްގެ ދުލުން ކަމުގައިވާތީއެވެ. ރާހިލް އެގޮތަށް އޭނާއާ ދޭތެރޭ ދެކެމުންދާހެން ހީވާތީއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ދަބަހަށްލަމުން ޝައިނާ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ދޮރު ކުރިމަތީގައި ބާއްވައިފައިއޮތް ރީނދޫކުލައިގެ މާބޮނޑިއަކާއި ކުޑަކުދިން ކުޅެން ގެންގުޅޭ ރީނދޫކުލައިގެ ރަބަރު ޒާތެއްގެ ކުޑަކުޑަ އަސްދޫންޏެއްގެ އިތުރުން ދެރަވެފައިވާ އިމޯޖީއެއް ކުރަހާފައިވާ ރީނދޫ ކަޕްކޭކް އޭނާއަށް ފެނުނެވެ.
"ކޮންމެވެސް ދުވަހަކުން އަހަރެންނަށް މަޢާފުކޮށްދޭނެ ކަމަށް އުއްމީދުކުރަން.. އަހަރެންނަށް ޝައިނާ ގެއްލޭކަށް ބޭނުމެއްނޫން. ޝައިނާ ބޭނުމީ ރަހްމަތްތެރިކަން ކަމުގަ ވަންޏާ ރަހްމަތްތެރިއެއްގެ ހައިސިއްޔަތުންވެސް އަހަރެންގެ ހަޔާތުގަ ހުރެދީ… ޔެލޯ ރޯޒަސް ފޯރ އަވަރ ފްރެންޑްޝިޕް" އަސްދޫނީގެ ފަހަތުގައި ތަތްކޮށްފައިވާ ލިޔުންކޮޅު ކިޔައިލުމާއެކު އެއީ ކާކުގެ ކަމެއްކަން އޭނާއަށް ވަގުތުން އެނގުނެވެ. ހިނި އައިސްފައިހުރެ އޭނާ ކޮޓަރިއަށް މާބޮނޑި ލުމަށްފަހު ރީތިވާ މޭޒުގެ މަތީގައި އަސްދޫނި ބައިންދައިލިއެވެ. އަދި އަތުގައި އޮތް ކަޕްކޭކްގައި ކަމުން އެޕަރޓްމެންޓުން ނުކުތެވެ. އޭނާ ހެއްވާލުމުގައި ރާހިލް ކާމިޔާބުވި ކަމުގައިވިޔަސް އެކަން ރާހިލްއަށް އަންގާކަށް އޭނާއެއް ނޫޅުނެވެ. ރާހިލްގެ މެސެޖަކަށް ރައްދު ދޭކަށްވެސް ނޫޅުނެވެ. މިހިސާބުން ރާހިލް މި ކަންތައްގަނޑު ނިންމާލާާނެ ކަމަށް އޭނާ ހީކުރިއެވެ. އެހެނަސް އެކަންވީ އޭނާއަށް ކުރެވުނު ކުށްހީއަކަށެވެ.
ޖެހިގެންއައި ދުވަހުވެސް އޭނާ އޮފީހަށް ދާން ނުކުތްއިރު ހަމައެފަދަ މާބޮނޑިއަކާއި އަސްދޫންޏެއްގެ އިތުރުން ކަޕްކޭކެއް ދޮރުމަތީގައި ބަހައްޓައިފައި ހުއްޓެވެ. ނަމަވެސް މިފަހަރުގެ ނޯޓު ތަފާތެވެ. އެއީ ކޮންމެ ދުވަހެއްގެ އާދައަކަށްވެ ހަފްތާބަންދު ނިމުނުއިރު އެފަދަ ހަތަރު މާބޮނޑިއާ އަސްދޫނި އޭނާގެ ކޮޓަރީގައި ހުއްޓެވެ. ޝައިނާ އިނީ ރާހިލްގެ އެ މޮޔަކަމާމެދު ވިސްނާނެ ގޮތެއްވެސް ނޭނގިފައެވެ.
***********
"ދެން މަންމަމެންވެސް ބޭރަށް ފުރައިފި. މިހެން ގެ ހުސްކޮށް ލިބޭނީވެސް މަދުފަހަރެއްގަ.. ހިނގާބަލަ ކޮންމެސް ކަމެއް ކުރަން މި ހަފްތާބަންދުގަ ޕްލީޒް ސިސް… އިޝީމެންގެ އެގްޒާމްވެސް ނިމުނީއޭ.." ފޯނުން އިޝްވާގެ ވާހަކަ އަޑުއަހަމުންދިޔަ ޝައިނާ އެއްއަތުން އޭނާގެ އަތުގައި އޮތް ރަބަރު އަސްދޫނި ގޮއްވައިލަ ގޮއްވައިލަ އިނެވެ.
"އަހަރެންނަށްވެސް އެނގެޔޭ އިޝީ.. ޒީ ކައިރި ތިހެން ބުނީމަ ހުރީ ފާޑަކަށް.. އަހަރެން ބުނެފިން ގަރލްސް ނައިޓްއެއް ބާއްވަން ހިނގާބަލާށޭ.. ބުނީމަވެސް މާ ވަރަކަށް އެކަމަކާ ނުވޭ.. އެނގޭ މި ވެޑިންގް ގެ ކަންތަކާކަން އޮފް ވެފަ އެ ހުންނަނީ.. އިޝީ އަދިވެސް ހަމަ ރިއާންގެ ވާހަކަ ޒީއަށް ނާންގަންތަ ތި ހުންނަނީ؟" ޝައިނާ އަހައިލިއެވެ.
"ދެން އަޅެ އިޝީގެ ޕްލޭންއެއް އެބަ އޮތޭ.. ސިސް އެކަމާ ހާސްނުވެބަ. ދޮންތި އޯކޭ ވާނެ…. ގަދަކަމުން ގެނައިމަ މާ ގިނައިރެއްނުވެ މަޖާގަނޑުގެ ތެރެއަށް ވަންނާނެ… ހިނގާ ޓެރަހުގަ ބާބެކިއުއެއް ޖައްސަން" އިޝްވާ ހިޔާލު ހުށަހެޅިއެވެ.
"ޕްފްފްޓް.. އަހަރުމެން ތިންމީހުން އެކަނިތަ؟ ކޮން މަޖަލެއްވާނީ" ޝައިނާ ފޫހި ރާގަކަށް ބުނެލިއެވެ.
"ދޮންބެވެސް ހުންނާނެއެއްނު.. ދެން މާނުވެސް ގެންނާނީ.. ޕްލީޒް ދެން މަންމަމެން ނެތިއްޔާއޭ މިކަހަލަ މަޖާގަނޑެއް ނެގޭނީވެސް" އިޝްވާ އާދޭސް ކުރިއެވެ.
"ހޫން. ޝިމާން ނުގެންދެވިގެން ދޯ މި ހުރިހާ އެއްޗެއް މި ކިޔަނީ" ޝައިނާ ދިމާކޮށްލިއެވެ.
"ދެން ޕްލީޒް ސިސް.. އެގްޒާމް ފެށުން ފަހުންވެސް އަދި މާނުއާ ދިމާ ނުވޭ… ސިސްގެ ރައްޓެހިންވެސް ގެންނާނީއޭ.. ދޮންތިގެވެސް ދޮންބެގެވެސް.. މަޖާވާނޭ ދެން ޕްލީޒް" އިޝްވާ ބުންޏެވެ.
"ތިހެން ބުނާއިރުވެސް އެނގޭދޯ އަހަރެންގެ މާ ގިނަ ރައްޓެހިންނެއް ނުހުންނާނެކަން.. ދެން އެކަމަކުވެސް އޯކޭ.. އަހަރެން ޒީއާ ތި ވާހަކަ ދައްކާނަން" ޝައިނާ އެއްބަސްވިއެވެ.
"ޔެސް!! ހިނގާ މާދަމާ ހުކުރުގެ ފަހަށް ރާވަން ދޯ.. ނިންމާފަ ގަރލްސް ނައިޓްއެއް ބާއްވާނީ.. މޯމްމެން އަންނާނެ ހޯމަ ދުވަހު." އިޝްވާ އުފަލުން ހަޅޭއްލަވައިގަތުމަށްފަހު ބުންޏެވެ.
"އޯކޭ އޯކޭ.. މާދަމައަށް ރެޑީ" އިޝްވާ އުޅޭގޮތުން ހިނިއައިސްފައި އިނދެ ޝައިނާ ބުންޏެވެ.
***********
ޝައިނާއާއި އިޝްވާގެ އެތަށް އާދޭހަކާއި މަސައްކަތަކުން ޒީވާ އެއްބަސްކުރެވުނެވެ. އެއަށްފަހު ރަސްމީކޮށް ބާބެކިޔުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފެށުނެވެ. ހުކުރުން ފައިބައި މެންދުރުގެ ކެއުން ނިންމައިލުމަށްފަހު ޝިމާންއާއެކު ޒީވާމެން ގެއަށް ދިޔައިރު އެގޭގައި އެވަގުތު އުޅެނީ ރާހިލްއާއި އިޝްވާ އެކަންޏެވެ.
"ޒީ ކޮބާ؟ ރިއާންއަށް އާދެވޭނީ ތަންކޮޅެއް ލަހުންނޭ ބުނީ.. އިތުރު މީހެއް އާދޭތަ؟" ރާހިލް ސިޑިން ފައިބައިގެން އައިސް ސޯފާގައިތިބި އިޝްވާމެންގާތު އަހައިލިއެވެ. އިޝްވާއާ ޝިމާން ތިބީ އިޝްވާގެ ފޯނަށް ގެއްލި ހުސްވެފައިކަމުން ރާހިލްގެ ސުވާލަށް ޖަވާބުދޭން ޖެހުނީ ޝައިނާއަށެވެ.
"ޒީ ބުނީ އަދި އިރުކޮޅަކުންނޯ ޑިއުޓީ ނިމޭނީ.. އިތުރު މީހެއް އަންނަކަން އެނގިފައެއް ނެތް" ޝައިނާ ބުންޏެވެ. އޭރު އިޝްވާއާއި ޝިމާން އެކުގައި ތެދުވެގެން ސިޑިއާ ދިމާލަށް ހިނގައިގެންފިއެވެ.
"އޭ އޭ.. ކޮންތާކަށް؟" ރާހިލް އެދެމީހުން ހުއްޓުވިއެވެ.
"މާނު ފާހަނައަށް ވަންނަން ވެގެން ފާހަނަ ދައްކަން" އިޝްވާ ބުންޏެވެ.
"ހުރިހާ ކޮޓަރިއެއް ހުރީ ހުސްކޮށް ކޮންމެ ކޮޓަރިއަކަށް ވަނަސް އޭނައަށް ފާހަނަ ފެންނާނެ. އިޝްކޮ ނުޖެހޭނެއެއްނު އޭނައާއެކު ވަންނާކަށް" ރާހިލްއަށް އިޝްވާއާމެދު ސަމާލުވެވުނެވެ.
"ސާބަހޭ ދޮންބެއަށް. އެންމެނަކީ ދޮންބެއެއް ނޫނޭ" އިޝްވާ ރާހިލްއަށް ރައްދުދިނެވެ.
"ރާހިލް… ހަމަޖެހިބަ… ޝިމާންއަށް އިތުބާރު ނުކުރިޔަސް އިޝީއަށް އިތުބާރުކޮށްބަަލަ…" ޝައިނާ މަޑުމަޑުން ރާހިލްގެ އަތުގައި ހިފަހައްޓައިލަމުން ހަމަޖެހެން އިޝާރާތް ކުރިއެވެ. ރާހިލްގެ ފަރާތުން ލިބިދާނެ ރައްދަކަށް ބެލުމެއްނެތި އޭރު އިޝްވާމެން ސިޑިން އަރައިގެންގޮސް އޮބައިލައިފިއެވެ. ޝައިނާއަށް ރާހިލްގެ އަތުން ދޫކޮށްލެވުނެވެ. ދެމީހުން އެކަނިވުމާއެކު އެދެމެދަށް އާދަޔާހިލާފު ހިމޭންކަމެއް ވެރިވެގެންދިޔައެވެ. އެ ދަނޑިވަޅުބަލައި ރާހިލް ޝައިނާއާ ވާހަކަ ދެެއްކޭތޯ މަސައްކަތް ކުރިއެވެ.
"ޝައި.. އަމްމް. އައިމް ރިއަލީ ސޮރީ އައި.. އަހަރެން ޝައިއާ ދޭތެރޭ އެހެނެއްނުދެކެން.. އަހަރެން.. އަހަރެންނަށް އެގަޑީ ރުޅިއާދެވުނީ" ރާހިލް އިސްޖަހައިލަމުން ބުންޏެވެ.
ޝައިނާގެ ބޮލުގައި ފާޑަކަށް ރިއްސައިލިއެވެ. ރާހިލް އޭނާއާ މުހާތަބު ކުރުމުގައި ރައްޓެހިންނާއި ދަންނަމީހުން އޭނާއަށް ނިސްބަތްކުރާ ކުރު ނަން ބޭނުންކުރީތީ އޭނާއަށް ހިސާބަކަށް އުނދަގޫ ވިއެވެ. މީގެ ކުރިން ރާހިލް އަބަދުވެސް އޭނާއަށް ނިސްބަތްކޮށްފައިވަނީ އޭނާގެ ފުރިހަމަ ނަމުންނެވެ. ނުވަތަ ގާތްކޮށްލުމުގެ ގޮތުން ބޭނުންކުރާ ވަނަމަކުންނެވެ. އެހެންކަމުން ޝައިނާއަށް ރާހިލްގެ އަޑުން އިހުސާސްވީ ބީރައްޓެހިކަމެވެ.
"އެކަމާ ދެން އަޅާނުލާ.. ހުރިހާ އެއްޗެއް ރެޑީތަ؟" ޝައިނާ ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ.
"ޔެސް. ގްރިލް ހުންނާނީ ތައްޔާރުކޮށްފަ ދެން ހުރި ހުރިހާ އެއްޗެއްވެސް ހުންނާނީ ބަހައްޓާފަ މޭޒުމަތީ.. ހިނގާބަ ޗެކް ކޮށްލަން. އެހެންނޫނަސް އެންމެންވެސް އައިސް އަރާނީ ޓެރަހަކަށްނު" ރާހިލްގެ ވާހަކައަށް ބޯ ޖަހައިލަމުން ޝައިނާ ރާހިލްއާއެކު ޓެރަހަށް އަރައި ހަމަޖެހިލިއެވެ.
*********
ކޮޓަރިއަށް ވަދެވުނާއެކު އިޝްވާ ދޮރު ތަޅުލުމަށްފަހު ޝިމާންގެ ގަމީހުގައި ހިފައި ދަމައިގަންނަމުން ޝިމާންގެ މޫނާއި ކައިރިވެލިއެވެ.
"ރިއަލީ ބޭބް؟ އެހާވެސް ކެތްމަދުވެފަތަ؟" ޝިމާން އެއްމިޔަކަނިން ހިނިތުންވެލަމުން އިޝްވާގެ ނިއްކުރީގައި ނިއްކުރި ޖައްސައިލިއެވެ. އޭރު އެކެއްއަނެކެއްގެ ހޫނު ނޭވާ ތުންފަތަށް އެޅެމުންދާހާ ގާތަށް އެދެމީހުނަށް ވަނީ ކައިރިވެވިފައެވެ.
"އައި މިސްޑް ޔޫ ސޯ މަޗް" އިޝްވާ އެ ހަނި ޖާގަ ނައްތައިލަމުން ބުންޏެވެ. އިތުރަށް އެ ވަގުތު ކޮޅުގެ ތެރެއަށް ގެނބިގެން ދިޔުމަށްޓަކައި ޝިމާންގެ އިސްތަށިގަނޑަށް އޭނާގެ އިނގިލިތައް މަހައިލެވުނެވެ. އިޝްވާގެ އުނަގަނޑުގައި އަޅުވައިލެވިފައިވާ ޝިމާންގެ އަތްވެސް މަޑުމަޑުން މައްޗަށް ހަރަކާތްކުރަން ފެށިއެވެ.
"އައި މިސްޑް ޔޫ ޓޫ ބޭބް" ޝިމާން އިޝްވާގެ ފަހަތުގައިހުރި ދޮރުފަތުގައި އެއްއަތް ވިއްދައިލުމަށްފަހު އަނެއްއަތް އިޝްވާގެ ކަރުގައި ވަށައިލަމުން އެދޮރުފަތުގައި ޖައްސައިލިއެވެ. ދެމީހުންގެ ނޭވާއާ އެއްވަރަށް ހަރަކާތްތައްވެސް އަވަސްވަމުން ދިޔައެވެ. ޝިމާންގެ ތުންފަތް އިޝްވާގެ ކަނދުރާއިން ފެށިގެން ކަރަށް ދަތުރުކުރުމާއެކު އިޝްވާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ޝިމާން ލައިގެންހުރި ޓީޝާޓުގެ ފަސްބައިގައި ހިފައި މައްޗަށް ހިއްލައިލުމަށް އޭނާގެ އަތް ހަރަކާތްކުރަން ފެށިއެވެ. ނަމަވެސް އެކަން ކާމިޔާބުވުމުގެ ކުރިން ޝިމާން އަވަސްހަރަކާތަކާއެކު އިޝްވާގެ އަތުގައި ހިފެހެއްޓިއެވެ.
"ނޫން އިޝީ… ވީ ނީޑް ޓު ސްޓޮޕް.." ޝިމާން މައިނޭވާ ލަމުންދާހާލު އިޝްވާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"އެކަމަކު މިއީ އަހަރުމެން އަލަށް—"
"އެއްފަހަރު ކަމެއް ހިނގުމަކީ އެކަމެއް ތަކުރާރުކުރަންޖެހޭ ސަބަބެއް ނޫނެއްނު. އަހަރުމެންނަކީ އަލިފާނާ ފެނާ ވަކިނުވާވަރު ކުޑަކުދިންނެއް ނޫނެއްނު.. މިއީ ރަނގަޅުގޮތެއް ނޫން ބޭބް.. ސިސްއާ ބޭބެއާ އަހަރުމެންނަށް ކިހާ އިތުބާރުކުރާތީ ވަކިން އެ ފޮނުވީ.. ވީ ކާންޓް ޑޫ ދިސް… އައި ކާންޓް ޑޫ ދިސް.. ނެވަރ އަގައިން" ޝިމާން ލޯތްބާއެކު އިޝްވާގެ ނިއްކުރީގައި ބޮސްދިނެވެ.
"އެކަމަކު މާނު އަހަރެންދެކެ ލޯބިވެއެއްނު؟ ރައިޓް؟؟ މާނު އަހަރެން ދޫކޮށްލާފައެއް ނުދާނަމެއްނު.. އެެހެންވިއްޔާ އެއީ މައްސަލައެއް ނޫނެއްނު.. މާނު އެދުވަހު ބުނީމެއްނު މިހެން" އިޝްވާ ދެއަތުން ޝިމާންގެ މޫނުގައި ހިފަހައްޓައިލިއެވެ.
ޝިމާންއަށް ހިންދިރުވައިލެވުނެވެ. އޭނާއާ އިޝްވާއާ ދެމެދު އެބުނާ ގުޅުމެއް ހިނގި ދުވަހަކީ އިޝްވާއާ އޭނާ ރައްޓެހިވިތާ މަހެއްވީ ދުވަހެވެ. އިޝްވާ ލޯބި ހުށަހެޅުމުން އޭނާ އެ ހުށަހެޅުން ގަބޫލުކުރިނަމަވެސް އޭރު އޭނާގެ ހިތުގައި އިޝްވާއާމެދު އެއްވެސް އިހުސާސެއް ނުވެއެވެ. އޭނާއަށް އިޝްވާ ފެނުނީ ހަމައެކަނި ރައްޓެހިންނަށް ދައްކާލަން ކުރެވުނު މޮޅު ކަމެއްގެ ގޮތުގައެވެ. މުޅި ސްކޫލަށް ބެލިކަމުގައި ވިޔަސް އިޝްވާއަކީ އެންމެ ދޫހެލޭ އެންމެ ހަރަކާތްތެރި ކުއްޖާ ކަމަށްވުމާއެކު ގިނަ ކުދިންތަކެއްގެ މެދުގައި އިޝްވާގެ ނަން ފެތުރިފައިވަނީ އެފަދަ ނަހަމަ ގުޅުންތަކުގައި އަރައިހުރި ކުއްޖެއްގެ ގޮތުގައެވެ. އެހެންކަމުން އިޝްވާއާއެކު އެ ގުޅުމެއް ހިނގިއިރު އިޝްވާއަކީ އެކަމަށް މުޅިންއާ މައުސޫމު ކުއްޖެއްކަމަށް އޭނާއަކަށް އުއްމީދުވެސް ކުރެވިފައެއްނެތެވެ. އެކަން އެނގުނު ހިސާބުން އިޝްވާއަށްޓަކައި އޭނާގެ ހިތް މަޑުވާންފެށިއެވެ. ރަށްޓެހިންގެ އަވައިގައިޖެހި އެވަރު ކަމެއް ކުރެވުނީތީ އޭނާއަށް އަމިއްލަ ނަފްސު އިންތިހާއަށް ކުށްވެރި ކުރެވުނެވެ. އެކަން ނިމުމުން އިޝްވާއާ ވަކިވެ ގުޅުން ކަނޑައިލުމަށް އެމީހުން ބުނި ކަމުގައިވިޔަސް އެމީހުންނަށް ނޭނގުނުކަމަކީ އޭރު އިޝްވާ އޭނާގެ ހިތުގައި ހާއްސަ ވެފައިވާކަމެވެ. އޭނާގެ ހަޔާތުގައިވެސް އެކަހަލަ ގުޅުމެއް އަލަށްވެސް ބޭއްވިފައިވަނީ އިޝްވާއާއެކުގައި ކަމެވެ. އެހެންކަމުން އިޝްވާ ދޫކޮށްލުމަކީ ޝިމާންއަށް އެހާ ފަސޭހަ ކަމަކަށް ނުވީއެވެ. އަދި ދުވަހެއްދުވަހަކަށް އިޝްވާއާމެދު ހިތުގައި އުފެދެމުންއައި ކުލުނު އިތުރުވަމުންގޮސް އިޝްވާދެކެ އިންތިހާއަށް ލޯބިވެވުނީއެވެ. ނަމަވެސް އޭނާ އިޝްވާއާއެކު ލޯބީގެ ގުޅުމަކަށް ދިޔައީ ކުޅޭ ކުޅިވަރެއްގެ ގޮތުގައިކަމާއި އިޝްވާގެ ހަޔާތުގެ އެންމެ އަގުހުރި ހަދިޔާ އޭނާއަށް ދިންއިރު އެހިތުގައި އިޝްވާއަށްޓަކައި ލޯބީގެ ކަންފުޅެއްވެސް ނެތްކަން ހާމަކުރުމުގެ ހިތްވަރު މިއަދާ ހިސާބައްވެސް އޭނައަށް ލިބިފައެއް ނުވެއެވެ.
"މާނޫ.. ކީއްވެ އެއްޗެކޭ ނުބުނީ؟" އިޝްވާ ހާސްވިއެވެ.
"ލޯބިވެޔޭ! ދެން އެކަމަކު. މިވަގުތު ދެން ދާން ހިނގާ.. އެހާ ގިނަ އިރު ވަންޏާ ބޭބެވެސް ހިތްހަމައެއް ނުޖެހޭނެ." ޝިމާންގެ ވާހަކައަށް ބޯ ޖަހައިލަމުން އިޝްވާ ހިނިތުންވެލިއެވެ. އަދި ޝިމާންގެ އަތުގައި ހިފައިގެން ދޮރުން ނުކުމެ ކުރިއަށް ހިނގައިގަތެވެ.
އިޝްވާއާއި ޝިމާން ޓެރަހަށް އައިތާ ގިނަ އިރެއްނުވެ ޝައިނާއަށް ޒީވާގެ ކޯލެއް އައެވެ. ޒީވާ އުޅެނީ އެންމެ ފަހު ވަގުތު ބައިވެރި ނުވާންހެން ހީވުމާއެކު ޝައިނާ ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ޒީވާ ގުޅީ އޭނާއާއެކު އިތުރު ރައްޓެއްސެއް ގެނައުމުގެ ހުއްދައަކަށެވެ. ޝައިނާގެ ހިތްހަމަނުޖެހުން ފިލައިދިޔައެވެ. އަދި ޒީވާގާތު އެމީހަކު ގެނަޔަސް މައްސަލައެއް ނެތްކަމުގައި ބުންޏެވެ. ޝައިނާ ފޯނު ބޭއްވުމާއެކު ރާހިލް ކިހިނެއްވީހޭ އަހާލާ ފަދައަކުން ބުނަ އަރުވައިލިއެވެ.
"ޒީ އިތުރު މީހެއް ގޮވައިގެން އަންނާތީ ކުޑަކޮށް ލަސްވީއޯ.. އެކަމަކު މިހާރު ނައްޓާލައިފީމޯ ބުނީ" ޝައިނާ އޮޅުންފިލުވައިދިނެވެ. މާގިނައިރެއްނުވެ ޒީވާ އެބުނި ރަހްމަތްތެރިޔާއާއެކު އައިސް ގޭގެ ޓެރަހަށް އެރިއެވެ.
"ކޮބާ އަދިވެސް ތި ފެށޭވަރު ނުވަނީތަ؟" ޒީވާ އައިސް ގްރިލް ކައިރިއަށް ހުއްޓިލަމުން އާދައިގެ ގޮތަކަށް އަހައިލިއެވެ. ނަމަވެސް އެތަނުން އެކަކަށްވެސް ޒީވާ ބުނި އެއްޗެއް އަޑު ނީވޭ ކަހަލައެވެ. އެ އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެތަނުގައިހުރި ޒުވާނާއަށެވެ. އޭނާއަށް އެކަން ފާހަގަވީ ކަންނޭނގެއެވެ. އެތަނުގައި ތިބި އެންމެނަށް ހީލުމަށްފަހު ގްރިލްކައިރީގައި ހުރި ރާހިލްއަށް ސަލާމުގެ އަތެއް ދިއްކޮށްލަމުން ތައާރަފުވެލިއެވެ.
"ޑރ. އައިދަން.. ޒީއާ އެއްކޮށް މަސައްކަތް ކުރަނީ" އައިދަން ހިނިތުންވެލަމުން ބުންޏެވެ. ރާހިލް ހިނިތުންވެލައިފައި ސަލާން ކޮށްލަމުން އެތަނުގައި ތިބި އެންމެން ތައާރަފު ކޮށްދޭން ފެށިއެވެ.
"ރާހިލް.. ޒީގެ ދޮންބެ.. އެކޮޅުގަ އެތިބީ އިޝްވާ އަވަރ ޔަންގަސްޓް އެންޑް ޝިމާން ހަރ ބީ.އެފް.ދެން މީ—"
"ޝައިނާ.." ރާހިލްއަށްވުރެން ކުރިން ޝައިނާ ކުރިއަށް ޖެހިލައި އައިދަންއާ ސަލާމް ކޮށްލިއެވެ.
"ލެޓް މީ ގެސް. ޒީގެ ފަހަރިތަ؟" އައިދަންގެ ސުވާލަށް ޒީވާއާ ޝައިނާއާ ދެމީހުން އެއްފަހަރާ "ނޯ" އޭ ބުނެލިއެވެ.
"އައިދަން ދައްކާ ވާހަކަ. މިއީ އަހަރެންގެ ބެސްޓްފްރެންޑް. އެނީވޭޒް ޔޫ ގައިޒް ކެޗްއަޕް.. އަހަރެން އެބަ އަންނަން ޗޭންޖް ކޮށްލައިގެން" ޒީވާ އަދިވެސް ހުރީ ޑިއުޓީ ނިމުން ގޮތަށް ޔުނީފޯމާއެކު ކަމަށްވުމުން އެތަނުން ދިޔައެވެ.
"އައިދަން ބޭނުންތަ ޗޭންޖް ކުރަން؟ އަހަރެންގެ އެއްޗެހި ހެޔޮވަރު ވާނެހެން ހީވަނީ…" ބަލާބެލުމަށް އައިދަން އަކީވެސް ރާހިލްއާ އެއްވަރުގެ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ޒުވާނެއްކަމަށް ފެންނާތީ ރާހިލް ބުންޏެވެ. ބެގީ ނައްޓައިލެވިފައިވާ މަޑު ދަނބުކުލައެއްގެ ގަމީހާއި ކަޅު ފަޓުލޫނުގައި އައިދަން ހުރުމުން އޭނާވެސް އައީ ޑިއުޓީ ނިންމައިލި ގޮތަށް ކަމުގައި ރާހިލްއަށް ގަބޫލުކުރެވުނެވެ.
"ނޫނޭ ރަނގަޅުވާނެ. ދެން ގެއަށްގޮސް ފެންވަރާލަނީ.. ނަސީބަކުން އަހަރުމެން ނުޖެހެއެއްނު ޒީމެންހެން ޔުނީފޯމް ލާކަށް. ތޭންކްސް އެނގޭ އެކަމް.. ދެންމެ އެހެން ހީކުރެވުނީތީ ސޮރީ.. ތިދެމީހުން އެކަކު އަނެކަކާ ވަރަށް ގުޅޭ.. އެހެންވެ އަހަރެންނަށްވެސް އެހެން ހީކުރެވުނީ"
"އިޓްސް އޯކޭ ރިއަލީ…" ޝައިނާ ބުންޏެވެ. އޭރު ރާހިލްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާ ކަމުގެ އިހުސާސް ޝައިނާއަށް ކުރެވެމުން ދިޔައެވެ. ނަމަވެސް އޭނާ އެކަމާ އަަޅައިނުލާ ދޫކޮށްލިއެވެ. ތިންމީހުން އެކި ވާހަކައިގައި ތިއްބާ ޒީވާ އެނބުރި އަތުވެއްޖެއެވެ. އޭނާ އައިދަން ގެންގޮސް އިޝްވާމެން ތިބި ދިމާލުން ޖޯއްޔެއްގައި ބޭންދުމަށްފަހު އަނެއްކާ އަތުވެއްޖެއެވެ.
"އޯ މައިގޯޑް ޒީ.. ޒީ ކީއްްވެ އަހަރެންގާތު ކުރިން އައިދަންގެ ވާހަކަ ނުބުނީ.. ހީ އިޒް ސޯ ޑްރީމީ.. އަދި ގްރޫމް ބަދަލު ކޮށްލާކަށް ލަހެއް ނުވޭ އެނގޭ" ޝައިނާ ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ.
"އަހަހަހަހަ. ސާބަސް. އަހަރެން ބަހައްޓާ.. އަހަރެންނަށް އޮތް ފުރުސަތަކިއްޔާ މިހާރު ގެއްލިއްޖެ އެކަމަކު ޝައިއަށް އަދިވެސް ފުރުސަތު އެބޮތް.. އެކަމާ އުޅެލަދޭން ވީތަ؟ އައިދަން ވަރަށް ރަނގަޅުވާނެ" ޒީވާ ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ.
"ތިހެން ބުނާއިރުވެސް އެނގޭދޯ އަހަރެން ނޫޅެންކަން.. ދައްކާވާހަކަ" ޝައިނާ ތުންއަނބުރައިލިއެވެ.
"އަޅެ ގޮތް ބަލާލެވިދާނެއެއްނު.. މުޅި އުމުރު ދުވަހު ހުސްހަށިބަޔަށް ހުންނާނީތަ؟" އެހިސާބަށް ވާހަކަ ދިޔުމާއެކު ދުރުގަައިހުރި އައިދަން ގޮވައިލިހެން ހީވެ ޒީވާ އެދިމާލަށް ދުއްވައިގަތެވެ.
"އެއީތަ މި ވާ ގޮތަކީ؟" އެހުރިހާއިރު ޒީވާއާއި ޝައިނާ ދެއްކި ވާހަކަތައް އަޑުއިވޭ ހިސާބުގައިހުރި ރާހިލް އަހައިލިއެވެ.
"ވަޓް؟" ޝައިނާއަށް ރާހިލްގެ ސުވާލު ސާފެއްނުވިއެވެ.
"ޑޮކްޓަރުންތަ ޝައިނާގެ ޓައިޕަކީ.. އެހެންވެތަ އަހަރެން ރިޖެކްޓް ކުރީ؟" ރާހިލް ހިތްހަމަނުޖެހިފައި އަހައިލިއެވެ.
"ސީރިއަސްލީ ރާހިލް؟؟ އަހަރެން ހީކުރީ މިއީ މިހާރު ނިމިފަ އޮތް ވާހަކައެއް ކަމަށް" ޝައިނާ ހިތްހަމަ ނުޖެހުނެވެ. އަދި ގްރިލްގައި ހުރި އެއްޗެހި ފުށުންޖެހުމަށް ބޭނުންކުރާ އޫ ދޫކޮށްލުމަށްފަހު އެތަނުން ހިނގައިގަތެވެ. ރާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ވިސްނުމަކަށް ގެއްލިފައިހުރެ އެކަނިމާއެކަނި ގްރިލްގައި ހުރިހާ އެއްޗެއް އަތުރަމުން ދިޔައެވެ. އޭރު ދެން ޓެރަހުގައި ތިބި ހުރިހާ އެންމެން އުޅުނީ އިރުއޮއްސި އުޑުގައި ފެތުރަމުންދާ ރަތްވިލާތަކުގެ ރީތި މަންޒަރު ފޯނުތަކުގައި ރައްކާކުރުމުގައެވެ.
މަޢްރިބްނަމާދުގެ ވަގުތުޖެހި އެންމެން ނަމާދުކޮށްގެން އަލުން ޓެރަހަށް ޖަމާވިއިރުވެސް ރިއާންގެ ހަބަރެއް ނުވާތީ ރާހިލް ރިއާންއަށް ފޯނު ކުރިއެވެ. ނަމަވެސް އޭނާ ފޯނަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން ރިއާން ނާންނާނެ ކަމަށް ބަލައި ރިއާން ގެންނަން ހަމަޖެހިފައިވާ އެއްޗެހި ގަތުމަށް ޒީވާ ފޮނުވިއެވެ.
"ޒީ!! ހިިއެއްނުވޭ ރިއާން އަންނާނެ ހެނެއް. ދާންވީނު ތިރީ ފިހާރައިން ޑްރިންކްސް ގަނެލައިން އަންނަން. މިހާރު ކާއެއްޗެހި ތައްޔާރުވީ.. އައިދަންވެސް ގޮވައިގެން ދޭ" ރާހިލް ޖީބުން ނެގި ވޮލެޓު ޒީވާއަށް ދިއްކޮށްލަމުން ބުންޏެވެ.
"އިޓްސް އޯކޭ މޭން.. އަހަރެން ގަނެލަފާނަން.." އައިދަން ރާހިލްގެ ވޮލެޓުގައި ޒީވާ ހިފުމުގެ އިޒުނައެއް ނުދިނެވެ. ރާހިލް އައިދަންއަށް ރައްދުދިނުމެއްނެތި އޭނާ ކުރަމުންއައި މަސައްކަތަށް ރުޖޫއަވިއެވެ. ފަރުވާތެރި ކަމާއެކު ޝައިނާއާއި އިޝްވާގެ އިތުރުން ޝިމާން ހިފަހައްޓައިގެންހުރި ތަށިތަކަށް ގްރިލްއިން ނަގާ އެއްޗެހި އަޅަމުން ދިޔައެވެ. އޭނާ ހުރީ އައިދަން ފޮނުވާލެވުނީތީ ހިތްހަމަ ޖެހިފައެވެ. ފުރަތަމަ ދިމާވިއިރު އޭނާ އައިިދަންގެ މިޒާޖާ ގަޔާވި ކަމުގައި ވިޔަސް އެކުގައި ގަޑިއެއްހާއިރު ވެގެން ދިޔައިރު އޭނާ އައިދަން މަތިން ފޫހިވެއްޖެއެވެ. ވަކިން ހާއްސަކޮށް ޝައިނާވެސް އެހެން އެންމެނާ އެއްބައިވެގެން އައިދަންއާ މާ ގާތްކޮށް ވާހަކަ ދައްކައި އައިދަން ކިޔާ ޖޯކުތަކާ މާ ގަޔާވެ ހެމުންދާތީ އޭނާ ބޭނުންވީ އިރުކޮޅަކަށް ނަމަވެސް އައިދަން ފޮނުވައިލައި ޝައިނާގެ ސަމާލުކަން އޭނާއަށް އަނބުރައިލުމަށެވެ.
"ހިތަށްއަރާ އަނެއްކާ ދޮންތިގެ ވެޑިންގް މީ ހަމަ އެންމެ ރަނގަޅު ގޮތްބާއޭ؟ ބަލާބަ އައިދަންއާ ދެމީހުނަށް.. ކިހާ ގުޅޭ؟ ދުވަސްކޮޅަކަށް މަޑުކޮށްލިނަމަ ދޮންތިގެ މާޒީ ހަނދާން ނައްތާލާފަ މޫވް-އޮން ކުރީސް ކަންނޭނގެ؟" އިޝްވާ ވިސްނުމަކަށް ގެއްލިފައިހުރެ ބުންޏެވެ.
"މޫވް-އޮން ކުރިޔަސް އައިދަން ކަހަލަ މީހަކާ ޒީ ގުޅޭކަށް އަހަރެން ބޭނުމެއްނޫން. އިޝްކޮމެނަށް ނުފެނޭތަ؟؟ ތާކުން ޖެހޭހާ މީހަކާ އެކަހަލަ މީހުން ފްލަރޓް ކުރާނެ. ނުފެނޭތަ އިޝްކޮއާވެސް ޝައިނާއާވެސް ކުރިތަނެއް؟" ރާހިލްގެ ބުމަގޮށްޖެހިގެންދިޔައެވެ.
"އަހަރެމެންނަކާ ނުކުރޭ ދޯ ސިސް. ތީ ދޮންބެއަށް ފެނުނުގޮތް. އަޅެ މާނުއަށް ފާހަގަވިތަ އެކަހަލަ ކަމެއް؟" އިޝްވާގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ޝިމާން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ސީ.. މާނުއަކަށްވެސް ފާހަގައެއް ނުވޭ. ތީ މުޅިން އެހެންކަމެއް.. ސިސް އައިދަންއާ ވާހަކަދެއްކީމަ ދޮންބެ ޖޭވަނީ" އިޝްވާ ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ. އެއާއެކު ޝައިނާއާ ރާހިލްއަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލައިލެވުނެވެ.
"ޗީޑި. އަހަރެން އެބަ އުޅެންތަ ޖޭ ވެގެން. ޑޮކްޓަރަކަށްވީތީ އޭނައަށް އެހުންނަނީ އަމިއްލަ މީހާ ފެނިފަ" ރާހިލް ފޫހިރާގަކަށް ބުންޏެވެ. ނަމަވެސް އޭނާގެ މޫނުމަތީގައިވާ ކުލަވަރުން އޭނާއަށް އައިދަންއާއި ޝައިނާގެ ދެމެދުގައި އުފެދިގެންދިޔަ ގުޅުން ކަމުނުދިޔަކަމުގެ ހެކި ޝިމާންއަށާއި އިޝްވާއަށްވެސް ފާހަގަވިއެވެ. އެހެނެއްކަމަކު އިތުރަށް ތަނުގެ މަސްލަހަތު ގޯސް ނުކުރުމަށް އެއިން އެކަކުވެސް އެވާހަކަ ކުރިއަކަށް ނުގެންދިޔައެވެ.
ޒީވާއާއި އައިދަން ފިހާރައިން ނުކުމެ ގެއާ ދިމާލަށް މިސްރާބުޖެހި ވަގުތު އެދެމީހުންގެ ފިޔަވަޅުތަކަށް ހުރަސް އެޅުނީ އެ މަގުގެ ކަންމަތީގައި އޮންނަ ގްރޫޕްގައި އުޅޭ ފައިސަލް ޒީވާއަށް ގޮވައިލުމުންނެވެ.
"ޒީ.. އޭ މަޑުކޮށްބަލަ. ޒީ" ފައިސަލްގެ ގޮވުން ނުހުއްޓާނެކަން އެނގުމުން ޒީވާ ހުއްޓުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބުމަ ގޮށްޖަހައިލަމުން ފައިސަލްއާ ކުރިމަތިލިއެވެ.
"ކިހިނެއްވީ؟" ޒީވާ ރުޅި އައިސްފައި އަހައިލިއެވެ.
"ކަމެއްނުވޭ.. ޒީ މެރީ ކުރަނީތަ؟ މި އުޅޭ އިއްސެ ކީ ޒީ މެރީ ކުރަނީއޭ.. އަހަރެން ބުނިން ޒީ އަހަރެން ނޫން މީހަކާ މެރީއެއް ނުކުރާނޭ" ފައިސަލް ހެވިދިލިފައި އަހައިލިއެވެ.
"ފައިސަލް ތިއުޅެނީ މޮޔަވެގެންތަ؟ އަހަރެން ކިހާ ވަރަކަށްތަ ބުނަންވީ ފައިސަލާ ގުޅުމުގެ އެއްވެސް ނިޔަތެއް އަހަރެންގެ ނެތޭ؟ ކިހިނެއް ވެގެންތަ ތި އުޅެނީ؟ ތި ކައްކަނީ ހުސް ހިޔާލީ ފޮލާ.. އެހެންނޫނަސް އަހަރެން ކޮންމެ މީހަކާ އިނަސް އެއީ ފައިސަލްއާ ބެހޭކަމެއް ނޫން" ޒީވާ ހަރުކަށިކަމާއެކު ބުންޏެވެ. އަދި ފައިސަލްއަށް ފުރަގަސްދީ ހިނގައިގަތެވެ.
"އޭ މަޑުކޮށްބަ ބޭނުންހާ އެއްޗެއް ކިޔާފަ ދެވޭނެ ކަމަށްތަ ހީކުރަނީ؟" ފައިސަލްގެ ރާގު ބަދަލުވިއެވެ. ކުއްލިއަކަށް ރުޅިއައިސްފައިހުރެ ޒީވާގެ އަތުގައި ހިފެހެއްޓިއެވެ. އޭރު އައިސްފައިވާ ރުޅީގެ ސަބަބުން އޭނާގެ ދެލޯ އަނގުރު އަލިފާނުގެ ކުލައަށް ބަދަލުވަމުންދިޔައެވެ.
"ދޫކުރޭ!" ޒީވާ ހަރުކަށިކަމާއެކު ބުންޏެވެ. އެހެން ކޮންމެ މީހެެއްދެކެ ބިރުގަތަސް ފައިސަލްދެކެ އޭނާ ބިރެއްނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ. ވަނީ ފޫއްސެވެ.
"މާބާރަށް ނުފެލި އަހަރެން ކިޔާ އެއްޗެއް އަޑު އަހާ" ފައިސަލް އަމުރުކުރިއެވެ. އަދި ޒީވާގެ އަތަށް އިތުރަށް ބާރުކޮށްލިއެވެ.
"އައްދޯތް ތަދުވެޔޭ.. ފައިސަލްގެ އެއްވެސް ވާހަކައެއް އަހަރެން އަޑު އަހާކަށް ނުޖެހޭނެ. ދޫކުރޭ.. ދޫކުރާށޭ.. ނޫނިއްޔާ ފުލުހުންނަށް ގުޅާނީ.. އައިދަން" ޒީވާ އެހީއަށް އެދުނެވެ.
"މޭން.. ތީ ކޮންކަމެއް.. ދޫކޮށްލާ" އައިދަން ޒީވާގެ އެދުމަށް ފައިސަލްއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
"މީ އަދި ކޮން ސޮ* ގޮލައެއްތަ؟" ފައިސަލް އައިދަންއަށް ކަޅިއެއްލުމަށްފަހު އަނެއްކާވެސް ޒީވާގެ އަތަށް ބާރުކޮށްލިއެވެ.
"އެކަކާވެސް ނީނދެވޭނެ.. ކަލޭ ޖެހޭނީ އަހަރެން ކިޔާ އެއްޗެއް އަޑު އަހަ–" ފައިސަލްގެ ވާހަކަ ނުނިމެންދެން ކުއްލިއަކަށް ކޮންމެވެސް މީހަކު ފައިސަލްގެ ޓީޝާޓުގައި ހިފައި އޭނާ ދުރަށް ހޫރައިލިއެވެ. އެވަގުތު އެތަނުގައި ތިބި އެންމެންގެ ސަމާލުކަން އެމީހަކަށް ހުއްޓުނެވެ. އެއީ ރިއާންކަން އެނގުމާއެކު ޒީވާގެ އިތުރުން ފައިސަލްއަށްވެސް ހައިރާންކަމެއް ލިބުނެވެ.
"ކަލޭދޯ. މަގޭ ކުރިމައްޗަށް ކަލޭ ނާރައިގެން ހުންނަތާ ހާދަ ދުވަހެއް" ފައިސަލް ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ ރިއާން އަނެއްކާވެސް އަތް ދަމައިލާއި ފައިސަލް ދުރަށް ކޮށްޕައިލުމުންނެވެ.
"ކިޔާ އެއްޗެއް ކިޔާނީ ދުރުގަހުރެ… ޒީވާއަށް އުނދަގުވާނެހެން ކުރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް ދެން ކަލެއަށް ކަންތައް ކުރަންޖެހޭނެ ގޮތް އެނގޭނީ މަށަށް" ރިއާން އިންޒާރުދިނެވެ.
"ކަލޭ ބައްޕަގެ ލާރިގަނޑު އޮތީމަ ހީވަނީ ދޯ ލައްކައެކޭ.. ކަލެއަށް މަށަކީ ކާކުކަން އެނގޭތަ އޭން؟" ފައިސަލް ރިއާންއަކަށް ދުލެއް ނުކުރިއެވެ.
"ތެދެއް.. މަށަކަށް ތީ ކާކުކަމެއް ނޭނގޭ. އެކަމަކު ކަލެއަށް މަށަކީ ކާކުކަން އެނގޭކަން އިނގިއްޖެ.. ބަދަލުގަ މަށަށް ކަލޭ ނޭނގެންޏާ އޭގެ މާނައަކި ކަލެއަކީ އެހާ މުހިއްމު މީހެއް ނޫނޭ." ރިއާން މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"އޭ ކައޭ ހަނދާންކުރައް—"
"ޝްޝްޝް.. ތި އިންޒާރުތައް މަށަށް ދިނުމަކީ ބޭކާރުކަމެއް. މަށަކީ ތި ކަންކަމަށް އާ މީހެއް ނޫން. މަ ނޫޅޭ ގޮތަކަށް ކަލޭމެނަކަށް އަދި އުޅެވިފައެއް ނޯންނާނެ. ތީ މަ ނުދަންނަ ބަހުރުވައެއް ކަމަށް ހީކުރީތަ؟ އަމިއްލަމީހާ ފިހެން ބޭނުންނެތިއްޔާ އަލިފާނާ ނުކުޅޭ" ރިއާން ބުންޏެވެ. ބަދަލުގައި ފައިސަލްގެ އަނގައިން ނުކުތް ހަޑިހުތުރު ބަސްތަކަށް ބީރުކަންފަތެއް ދެމުން ރިއާން ޒީވާއާއި އައިދަންގެ ފަހަތުންގޮސް ގޭގެ ދޮރާށިން ވަނެވެ. ލިފްޓަށް އެރުމާއެކު ޒީވާ ރިއާންއަށް އަވަސް ނަޒަރެއްދިނެވެ. ރީތި ވަރަކަށް ގަޔަށް ހިފައިލައިފައިވާ ކަޅުކުލައިގެ އަތްދިގު ޓީޝާޓާއި ޖިންސުގައި ރިއާންހުރިއިރު ޒީވާގެ ލޮލުގައި އެންމެ އަޅައިގަތީ ރިއާންގެ އެއްކަންފަތުގައި ލެވިފައިވާ ކަޅުކުލައިގެ ސްޓަޑެވެ. އެއީ އާންމުގޮތެއްގައި އޭނާއަށް ރިއާންގެ ފަރާތުން ނުފެންނަ ކަމަކަށް ވާތީ އެކަން އޭނާއަށް ފާހަގަކުރެވުނެވެ. ލިފްޓުގެ އަލީގައި ރިއާންއަށްވެސް ފުރަތަމަ ފަހަރަށް ޒީވާގެ ގާތުގައިހުރި ޒުވާނާގެ މޫނަށް ބަލައިލެވުނެވެ. އެ މޫނަކީ އޭނާ ދަންނަ މޫނެއްހެން ހީވި ނަމަވެސް އެކަމާ މާބޮޑަށް ވިސްނުމެއްނެތި އޭނާ އެމީހާއާ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ.
"ޑރ. އައިދަން" ރިއާން ކުރިއަށް އަޅައިލި ފިޔަވަޅު ފެނި އައިދަން އަވަސްކަމާއެކު ސަލާމަށް އަތްދިއްކޮށްލިއެވެ. އެމަންޒަރު ފެނި އެއްމިޔަކަނިން ހިނިތުންވެލި ރިއާންގެ މޫނުމައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ޑރ. އަައިދަން.. ބައި އެނީ ޗާންސް ޑޫ ޔޫ ނޯ އަ ޑޮކްޓަރ ދެޓް ޓްރީޓްސް ޕީޕަލް ވިތް މެންޓަލް ޑިސްއެބިލިޓީޒް؟" ރިއާން އަހައިލިއެވެ. އައިދަންގެ މޫނުމަތީގައި ސުވާލުމާކު ޖެހިގެން ދިޔައެވެ.
"ޔެސް އައި..އައި އެކްޗުއަލީ ހޭވް އަ ފްރެންޑް" އައިދަން ބޯ ކަހައިލަމުން ބުންޏެވެ.
"ގްރޭޓް.. ޓެލް ޔޯ ފްރެންޑް ޓު ގެޓް ޔޯ ބްރެއިން ޗެކްޑް ބިކޮޒް.. ތިމާގެ ކުރިމަތީގަ އަންހެންކުއްޖަކަށް މީހަކު އައިސް ފުރައްސާރަ ކުރާއިރު އެކަމަށް ހުރަސްނާޅާ ބަލަން ހުންނަ ފިރިހެނަކަށްވުރެން ބޮޑަށް ސިކުނޑީގަ އުނިކަމެއް ހުންނާނީ އެހެން ކާކުގެ ކަމެއް އަހަރެންނަކަށް ނޭނގޭ" ރިއާންގެ ވާހަކަ އެހިސާބަށް ދިޔައިރު އެންމެ މަތީ ފަންގިފިލާއަށް ލިފްޓު ހުޅުވިއްޖެއެވެ. އެހެންކަމުން އިތުރަށް އައިދަންގެ ފަރާތުން ލިބިދާނެ ރައްދަކަށް ނުބަލައި އޭނާ އަވަސް ފިޔަވަޅުތަކެއްގައި ޓެރަހަށްދާން ހުރި ސިޑިން އަރައިގެން ގޮސް ގެއްލުނެވެ.
"އައިދަން.. އޭނާ ދައްކާ ވާހަކައާ އަޅާނުލާ ދާން ހިނގާ.. މިހާރު ދޮންބެމެން ތިބޭނީ ލަސްވެފަ" ރިއާންގެ ބަސްތަކަށްފަހު ގަނޑުވެފައިހުރި އައިދަންގެ އަތުގައި ހިފައިގެން ޒީވާ ލިފްޓުން ނުކުތެވެ.
"ކޮބާ މިއޮށް އައީއެއްނު ބިޒީ މީހާ.. މިހާރު ރިއާންބެ ލަސްވެގެން ދޮންތިމެން ފޮނުވައިފި ޑްރިންކްސް ގަންނަންވެސް.. މި.އައީ ދޯ ދޮންތިމެންވެސް.. އެއްކޮށް ދޯ ތި އައީ" އިޝްވާއަށް ރިއާންގެ ފަހަތުން އައި ޒީވާއާއި އައިދަން ފެނި ބުންޏެވެ.
"ކޮބާ ބިޒީ މީހާ… ހުކުރެއް ހޮނިހިރެއްވެސް ނޯވޭ ދޯ.. އަސްރުން ފައިބައިގެން އަންނަން ބުނި މީހާ ވިއްޔާ ތީ.. ފޯނުވެސް ނަގަނީކީ ނޫން" ރާހިލްވެސް ރިއާންއާ ދިމާކޮށްލިއެވެ. ރިއާން އެއިން މީހަކަށް ރައްދުދިނުމުގެ ބަދަލުގައި އޭނާގެނައި ކޮތަޅުގައި ހުރި ފުޅިތައް ލަކުޑިން ޖަހަިއފައިވާ މޭޒުމަތީގައި ބަހައްޓައިލަމުން ބުންޏެވެ. އޭރު ހުރިހާ އެންމެން ކެއުމަށްޓަކައި މޭޒުގެ ކައިރިއަށް ޖަމާވަމުން ދިޔައެވެ.
"ހޫމް ކޮންކަމަކާތަ ބިޒީވީ؟" ރާހިލް އޮޅޫންފިލުވިއެވެ.
"އެއްކަލަ ހޮޓެލް ކަންތަކުގަ ދައުވާ މި ކުރަނީނު ކުރިން އުޅުނު ދެ މުވައްޒަފުންނަށް. އެކަމުގަ އުޅޭ ލޯޔަރ ގުޅައިގެން ހަވީރު ބިޒީވީ" ރިއާން ބުންޏެވެ.
"ހުމްމް. އެކަންތައް ކިހިނެއްތަ އޮތީ؟ ކިހާވަރެއް ރިކަވަރ ވާނެހެން ހީވަނީ؟" ޝައިނާ އަހައިލިއެވެ.
"ބާކީ އިން ބާރައަކުން ނުވައެއްވަރު ވާނެހެން ހީވަނީ" ރިއާން ބުންޏެވެ.
"ނުވަ ލައްކަ؟" ތައްޓަށް އެއްޗެހި އަޅަމުންދިޔަ ޒީވާ މާބޮޑު ވިސްނުމަކާނުލައި އަހައިލިއެވެ. އޭނާއަކީ އާންމުކޮށް ރިއާން ދައްކާ ވާހަކަތަކާއި ދުރުން އުޅޭ މީހެއް ނަމަވެސް އެވަގުތު އެތަނުގައިއޮތް އެކުވެރި މާހައުލުގެ ސަބަބުން އޭނާގެ ހަނދާނުން އެކަން ކައްސައިލީއެވެ. ނަމަވެސް ޒީވާ އެހެން އެހުމާއެކު އެތަނަށް ވެރިވެގެންދިޔަ ހިމޭން ކަމުގެ ސަބަބުން އޭނާއަށް އެ އެހުނީ ރަނގަޅު ސުވާލެއް ނޫންހެން ހީވިއެވެ.
"ޒީ. ނޮޓް ނައިން ލާކް" ޝައިނާ ޒީވާގެ އަތުގައި ކޮށްޓައިލަމުން ބުންޏެވެ.
"ނައިން މިލިއަން ޒީ.. ޒީއަށް ހީވަނީތަ އެންމެ ނުވަލައްކަ ހޯދަން ރިއާން އިނގިލީގެ ކުރިވެސް ހިއްލާލާނޭ؟" ޝައިނާ ސާފުކޮށްދިނެވެ. ޒީވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރިއާން އެމީހުނާއެކު އުޅޭ އުޅުމުގައި ހުންނަ ސާދާ ގޮތުގެ ސަބަބުން ގިނަފަހަރަށް ރިއާންއަކީ ކިހާ ފެންވަރެއްގެ މުއްސަންޖެއްކަން އޭނާގެ ހަނދާނުގައެއް ނުހުރެއެވެ.
"ކޮބާ ކޮބާ.؟ ގޭމް ކުޅޭ އެންމެން އަވަހަށް އާދޭ މިކޮޅަށް" އިޝްވާ ތަށިހިފައިގެން ޖޯލިފަތިތަށް ކައިރިއަށް ދަމުން ގޮވައިލިއެވެ. އޭނާގެ ފަހަތުން އެހެންމީހުންވެސް ގޮސް އިށީނެވެ. ކުރިމައްޗަށް ވާގޮތަށް ހުރީ ދެ ޖޯލިފަތި ކަމަށްވުމާއެކު އިޝްވާއާ ޝިމާން އިން ޖޯލިފަތީގައި ޝިމާންއާ ޖެހިގެން ހުސްކޮށްހުރި ދެ ޖޯލީގައި ރާހިލްއާއި ރިއާން އިށީނެވެ. އަދި އޭގެ ކުރިމައްޗަށް ވާގޮތަށް ހުރި ޖޯލިފަތީގައި ޝައިނާއާއި ޒީވާގެ އިތުރުން އައިދަން އިށީންއިރު އައިދަން އިނީ އެދެކުދިންގެ މެދަށްވާ ގޮތަށެވެ.
"މިވެސް ޓްރުތް އޯ ޑެއަރ ކަހަލަ ގޭމެއް އެނގޭ" އިޝްވާގެ އިއުލާނާއެކު އެތާތިބި ގިނަމީހުންގެ ފަރާތުން ފޫހިކަމާއި ނުރުހުމުގެ އަޑުތައް އިވުނެވެ.
"ދެން ތިނޫން ގޭމެއް ނެތީތަ؟ ދެމީހަކު އެއްވިއްޔާ ތިނޫން ކަމެއް ނޯވޭ" ރާހިލް ޗޮކެއް ކަނޑައިލިއެވެ.
"ކިހިނެއްވީ؟ ދޮންބެ ހޫނު ފެނަށް ވެއްޓޭލެ މާ ގިނައީ ދޯ" ޒީވާ ބުންޏެވެ.
"ޕިސް އޯކޭ އޯކޭ..އަޑުއަހާ! މީތި ކުޑަކޮށް ތަފާތު ވާނެ އިނގޭ. މިއޮތީ ތާސްބައި. ކޮންމެ މީހަކަށްވެސް ލިބޭނީ މީގެން އެއްގަނޑު. ހަނދާންވޭތަ ކުޑައިރު މެތްސް ގަ ކުރަހާ ބޮޑުމަސް ގޮސް ކުޑަމަސް ކާލާ ފޮޓޯ. މިހަމަ އެކަހަލަ އެއްޗެއް! ގަނޑުތައް ލިބުނީމަ އެންމެން އެއްފަހަރާ އަނެއްފުށަށް ޖަހާނީ.. އެންމެ ބޮޑު ގަނޑު ލިބޭ މީހާ ޖެހޭނީ އޭނައާ ޖެހިގެން ދެން ކުޑަ ގަނޑު ލިބޭ މީހާއާ ސުވާލު ކުރަން. ޑެއަރ އެއްވެސް ކުރެވިދާނެ . ސަލާމަތެއް ނުވެވޭނެ.. ދެން އެމީހާ ޖެހޭނީ އަނެއްކާވެސް އޭނާއާ ޖެހިގެން އެންމެ ކައިރިން ކުޑަ ގަނޑެއް ލިބޭ މީހަކާ ސުވާލު ކުރަން.. އެގޮތަށް ބޮޑުން ކުޑަޔަށް އެ އޯޑަރ އިން އޯކޭ؟؟" އިޝްވާ ކިޔައިދިނެވެ.
"ދެން އެންމެ ބޮޑު ގަނޑު ލިބޭ މީހާއޯ.. އޭނާއާ ސުވާލު ކުރާނީ ކާކު؟" ޝައިނާ އެހިއެވެ.
"އެންމެ ބޮޑުމަސް ކާލެވޭ ވާރު މަހެއް ނޫޅޭނެ އެއްނު.. އެހެންވީމަ ބޮޑު ގަނޑު ލިބޭ މީހާ އެއީ ސޭފް މީހާ. ދެން ކުޑަމަކަށް ކާނެ އިތުރު މަހެއް ނުލިބޭނެއެއްނު ސޯ ކުޑަގަނޑު ލިބޭ މީހާއަށް އެއްވެސް މީހަކާ ސުވާލެއް ނުކުރެވޭނެ ސާފުތަ؟ ބައިދަވޭ ކީޕް ޔޯ ކުއެޝަންސް އެންޑް ރިކުއެސްޓް ފީޖީ ތާޓީން" އިޝްވާ ގަނޑުތައް ބަހައިލަމުން ބުންޏެވެ.
"އެކަމަކު މިތާކު ތޭރަ އަހަރުން ދަށުގެ މީހެއް ނެތެއްނު" ރާހިލް ބުންޏެވެ.
"ދޮންބޭ. ދެން އެނގެއެއްނު މި ބުނަންއުޅެނީ ކީކޭކަން. އޯކޭ އެންމެން.. ގަނޑު އަނެއްފުށަށް" އިޝްވާ ބުންޏެވެ.
"އޯކޭ އޯކޭ" ރާހިލް އެހެން މީހުނާއެކު ގަނޑު އަނެއްފުށަށް ޖަހައިލިއެވެ.
"މިއީ ދެން އެއްވެސް ގޮތެއްނޫން.. އަހަރެންނަށް ތިނެއް" ޒީވާ ޝަކުވާ ކުރިއެވެ.
"އޯކޭ ތިނަކަށްވުރެ ދަށުން ލިބުނު މީހެއް.. ނެތްދޯ.. ދޮންތި ފުލަށް ކާކަށް އެންމެ މަތިން ލިބުނީ" އިޝްވާ ހޯދައިލިއެވެ.
"ކާލާ މަންނަ." ރިއާން ކައިރީގަ އިން ރާހިލްއަށް ބުމަ އަރުވައިލަމުން ބުންޏެވެ.
"އޯކޭ އޯކޭ. އެހެންވީމަ ރިއާންބެ ފުރަތަމަ ސުވާލުކުރަން ޖެހޭނީ. އިޝީއަށް ލިބުނީ ކިންގްއެއް އިޝީއާ ސުވާލު ކުރަން ޖެހޭނީ" އިޝްވާ ބުންޏެވެ.
"އޯކޭ ފޭވްރިޓް ފުޑް؟"
"ރިއާން!!" ރިއާންގެ ފޫހި ސުވާލުގެ ސަބަބުން ޝައިނާއާއި ރާހިލްއަށް އެއްފަހަރާ ސުވާލު ބަދަލުކުރާށޭ ބުނާ ރާގަކުން ގޮވައިލެވުނެވެ.
"އޯކޭ އޯކޭ ޗިލް…. މިތަނުން އިޝްކޮގެ އެންމެ ފޭވަރިޓް މީހުން ރޭންކް ކުރަންވީ.. އޯޑަރުން އެނގޭ" ރިއާން އިރުކޮޅެއްވަންދެން ވިސްނައިލުމަށްފަހު ބުނެލިއެވެ.
"އޯކޭ އޯކޭ.. ފުރަތަމަ ދޮންތި ދެން ސިސް..”
"އަހަރެންނޯ؟" ޝިމާންއާއި ރާހިލްއަށް އެއްފަހަރާ ބުނެވުނެވެ.
"ޔަގީނުންވެސް ޝިމާންއަށްވުރެ ކުރިން އަހަރެން އަންނާނެ" ރާހިލް ޝިމާންއަށް ބުނެލިއެވެ.
"ދެން މާނު، ދެން ރިއާންބެ ދެން އައިދަން.. ފައިނަލީ ދޮންބެ" އިޝްވާގެ ޖަވާބު އިވުމާއެކު ރާހިލްގެ އަނގައިން އިތުރު ބަހެއްވެސް ނުނިކުތެވެ. ރިއާންއަށް އެމަންޒަރުފެނި ހިނިގަނޑު ހިފަހައްޓައިލެވެނީ ކިރިޔާއެވެ. އޭނާ އެސުވާލު އިޝްވާއާ ކުރީވެސް ރާހިލް ދެރަކޮށްލާނެ ކަމުގެ އުއްމީދުގައެވެ.
"އެ ކިހިނެއް؟ އޯކޭ ޝިމާން އެކަމަކު އައިދަން؟" ރާހިލް އައިދަންގެ ޝަކުވާކުރިއެވެ.
"އިޝީ ބަލަ ދޮގު ހަދަންޏާ ގޭމްގެ މާނައެއްނެތް" ޒީވާ ބުނެލިއެވެ.
"އޯކޭ އޯކޭ ފުރަތަމަ ދޮންބެ ދެން ދޮންތި ދެން މާނު" އިޝްވާ ތެދަށް ބުންޏެވެ.
"އަހަރެންގެ މައްސަލައެއްނެތް" ޝައިނާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ. އޭރު ރާހިލް ލިސްޓުގެ އެއްވަނަ އެރުނީތީ ފޮނިވެލިއެވެ.
"އޯކޭ އޯކޭ ދެން އަހަރެން ދޯ.. ސިސްއާ ދޯ ޖެހޭނީ ސުވާލު ކުރަން.. އޯކޭ ހިނގާ ގޭމް ކުޑަކޮށް ޝައުގުވެރިކޮށްލަމާ.. އެއްވެސް ފަސްޓެއްގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫނަ ބަޓް ވެން ޑިޑް ޔޫ ހޭވް ޔޯ ބެސްޓް ކިސް" އިޝްވާ ހިނިގަނޑަކާއެކު އަހައިލިއެވެ.
"އަހަރެން ހީކުރީ ހުރިހާ ސުވާލެއް ޕީޖީ ތަރޓީންކަމަށް" ޝައިނާ ބުންޏެވެ.
"އަހަހަހަ. ތި ސުވާލު ޖެހޭނީ ބަދަލު ކުރަން…ފަސްޓެއް ހުރެގެންނު ބެސްޓެއް ހުންނާނީ" ޒީވާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"ދެން ޒީ…" ޝައިނާ ގޮވައިލިއެވެ. އެ އެންމެންގެ ތެރޭގައި އޭނާ އެގޮތަށް ލަދު ގަންނާކަށް ބޭނުމެއް ނުވިއެވެ.
"ރިއަލީ ނޮޓް އިވަން އަ ފަސްޓް؟" ރާހިލް ހައިރާންވެފައިހުރެ ޝައިނާއަށް ބަލައިލިއިރު އެ ދެލޮލުގައިވަނީ ޝައުގުވެރިކަމެވެ. ނަމަވެސް ޝައިނާ ހާސްވެފައި ރާހިލްއަށް ލޯ އަޅައިލި ގޮތުން ރާހިލްއަށް އެއްމިޔަކަނިން ހިނިތުންވެލެވުނެވެ. އޭނާ ފިޔަވައި އިތުރު އެއްވެސް މީހަކަށް އެ ތުންފަތުން ފޮނިކަމެއް ލިބިފައިނުވާކަން އެނގުމާއެކު އާދަޔާހިލާފަށް ހިތްހަމަޖެހުނެވެ.
"އޯކޭ އޯކޭ.. ސުވާލު ބަދަލު ކުރަންތާ މި ޖެހުނީ ދޯ.. ރިއާންބެ އެހި ކަހަލަ ސުވާލެއް އެނގޭ.. މީހަކު ފެނުނީމަ އެމީހެއްގެ ފަރާތުން އެންމެ ފުރަތަމަ ފާހަގަވަނީ ކޮންކަމެއް..”އިޝްވާ އެހިއެވެ. ރާހިލްވެސް އެ ސުވާލަށް ޝައިނާ ދޭނެ ޖަވާބާމެދު ޝައުގުވެރިވިއެވެ.
"އޯކޭ ކިތައް ކަންތައް ކިޔަންވީ؟" ޝައިނާ އަހައިލިއެވެ.
"ފަހެއް ވަރު އޯކޭ ވާނެ" އިޝްވާ ބުންޏެވެ.
"އޯކޭ.. ސްޓައިލް.. މިބުނީ.. ހެދުން އެޅުމުގެ ފާޑުވެރިކަން.. ކުލަތައް.. ދެން ހިނިތުންވުން… ދެން އަހަރެން ހެއްވާލެވޭ މީހަކަށަ ވާންޖެހޭން އެންޑް ޔެސް ހޭންޑްސް.. ހޭންޑްސް ވިތް ދޯސް ވެއިންސް އެންޑް.."
"އޯކޭ އޯކޭ.. ދެން ހުއްޓާލާ ފުދިއްޖެ." ޝައިނާގެ ވާހަކަ ހުއްޓައިލަމުން ޒީވާ ހީނގަތެވެ. އޭރު ރާހިލް އިނީ ފާޑަކަށް އަމިއްލަ އަތަށް ބަލަހައްޓައިގެނެވެ. ރިއާންއަށް އެ މަންޒަރު ފެނި ހިނިއާދެވުނެވެ.
"ދެން ހުއްޓާލާ. ތިއަތުގެ ވާހަކައެއް ނޫނޭ އެ ދައްކަނީ" ރިއާން ރާހިލްއަށް އެކަނި އިވޭ ވަރަށް ސިއްރުން ބުނެލިއެވެ.
"އޯކޭ އޯކޭ. ދެން ކާކު؟" ޒީވާ އިނީ އެތަނުން ދާން ލަސްވެފައެވެ. ރިއާންވެސް އެތަނުގައި އިނުމުން އޭނާއަށް އުނދަގޫވަމުންދިޔައެވެ. އެންމެން އެކަކުއަނެކަކާ ސުވާލު ކުރަމުންގޮސް ރާހިލްގެ ފަހަރާޖެހުނެވެ. އޭނާގެ ސުވާލު ރައްދުވާފަރާތަކަށްހުރީ އައިދަނެވެ.
"އޯކޭ ދެން އައިދަން ދޯ.. އައިދަން އެންމެ ގަޔާވަނީ ކޮންކަހަލަ އަންހެންކުދިންނަކާ" ރާހިލް އިނީ އެސުވާލު ކުރަން ބޭނުންވެފައެވެ. އައިދަން ޝައިނާއާ ބާއްވާ ގާތް ގުޅުމުގެ ސަބަބުން އެއްވެސް ވަރަކަށް އައިދަންގެ ލެންސަށް ޝައިނާ އަރައިފިތޯ ނުވަތަ ނޫންތޯ ޔަގީންކުރަން އޭނާ ބޭނުންވިއެވެ.
"ސޮރީ ގައިޒް އައި ތިންކް އައި ނީޑް ޓު އެޓެންޑް ދިސް" އައިދަން ރާހިލްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއްދިނުމެއްނެތި ފޯނު ނެގިއެވެ. އަދި އެކޮޅުން ކީ އެއްޗެއް އިވުމާއެކު އެހާމެ އަވަހަށް ފޯނު ކަނޑައިލިއެވެ.
"ސޮރީ ގައިޒް. އެމަރޖެންސީ ޕޭޝެންޓެއް އައިސްގެން ދާން ޖެހިއްޖެ.." އައިދަން ކޮޅަށް ތެދުވެލަމުން ބުންޏެވެ.
"އަހަރެން ދާނަން އައިދަންއާއެކު" ޒީވާ އައިދަންއާއެކު ތެދުވިއެވެ.
"އެކަމަކު ދެން އޮތީ އައިދަންގެ ފަހަރޭ" ޝައިނާ ބުނެލިއެވެ.
"އަހަރެންގެ ސުވާލު މިހާރުވެސް ކޮށްފިން ދޯ ޒީ.. ވަޓް ވުޑް ޔޫ ރޭޓް މީ އައުޓް އޮފް އަ ޓެން؟" އައިދަން ޒީވާއަށް އެއްލޯ މަރައިލިއެވެ. އެސުވާލާއެކު ރިއާންގެ ސިކުނޑީގައި ދުރު ހަނދާނެއް ކޮށްޓައިލިއެވެ. މިއީ ޒީވާގެ އިންސްޓަގްރާމް ސްޓޯރީގައި އެގާރައަކުން ރޭޓްކުރި ޑަކްޓަރުކަން ހަނދާންވިއެެވެ.
"އަށެއް" އެޖަވާބާއެކު ރިއާންއައް ހިތްހަމަ ޖެހުމެއް ލިބުނީ ކީއްވެކަމެއް ނޭނގެއެވެ.
"ސީ– ވަޓް؟ ކުރިން އެކަމަކު އަހަރެންނަށް އެގާރަ ދިނީމެއްނު" އައިދަން ޝަކުވާ ކޮށްލިއެވެ.
"ހޫމް އެއީ ކުރިއޭ މީ މިހާރޭ.. ދެން ލަސްވެގެންނު ތި ދަނީ.. ދެންވެސް އަވަސް ކޮށްބަ.." ޒީވާ އައިދަންގެ ބުރަކަށީގައި އަތް އަޅައި ކޮށްޕައިލިއެވެ.
"އޯކޭ އޯކޭ ބާއީ އިޝީ ޑަރލިންގް.. ސީ ޔޫ ޝައި ލަވް" އައިދަން ދަމުން ގޮވައިލިއެވެ. ރާހިލްއަށް ގަބޫލު ނުކުރެވިފައި އިނދެ ޒީވާއާއި އައިދަން ދިޔަ ދިމާލަށް އިނގިލި ދިއްކޮށްލަމުން އެއްފަހަރު ރިއާންއަށް އަނެއްފަހަރު ޝިމާންއަށް ބަލައިލިއެވެ.
"އަހަރެންނަށް ފެނުނު ގޮތްތަ؟ އޯރ ޑިޑް ދިސް ގައި ޖަސްޓް ފްލަރޓް ވިތް ދަ ތްރީ އޮފް މައި ގަރލްސް އިން ވަން ޝޮޓް؟" ރާހިލްގެ ސުވާލާއެކު ޝައިނާ ލޯ އަޅައިލިއެވެ.
"އޯކޭ އައިމް ސޮރީ.. ކަރެކްޝަން! ޑިޑް ހީ ޖަސްޓް ފްލަރޓް ވިތް ދަ ޓޫ އޮފް މައި ގަރލްސް އެންޑް ދިސް ގްރަމްޕީ އައިސް ކުއީން އިން ވަން ޝޮޓް؟" ރާހިލް ސުވާލު ތަކުރާރު ކޮށްލިއެވެ.
"ހާދަ ގޮތެއްނެތް މީހެކޭދޯ" ޝިމާންވެސް ރާހިލްއާ އެއްބަސްވިއެވެ.
"ސާބަހޭ.. އެއީ ދޭން ފްލަރޓްކުރުންތަ؟ ތި ދެމީހުން މޮޔަ އީ.. މާނުވެސް ދޮންބެއާ އެއްކޮޅަށް އެރީތަ؟" އިޝްވާ ބުންޏެވެ.
"އެމީހުން ފްލަރޓް ކުރާ ބަޔަކަށްނު އެންމެރަނގަޅަށް އެނގޭނީ އެކުރީ ފްލަރޓް ތޯ ނޫންތޯ.. ޝިމާންގެ ގޮތެއް ނޭނގެ. އެކަމަކު އިޝީގެ ދޮންބެ އެހެރީ އެކަމުން ޕީ.އެޗް.ޑީ ނަގަންވެފަ" ޝައިނާވެސް އެމީހުންގެ ވާހަކައިގަ ބައިވެރިވިއެވެ.
"އެ ތެދެއް.. ދޮންބެއަށް ޑރ.އައިދަން ހަޖަމް ނުވަންޏާ ޑރ. އަކަށް ވާންވީނު.. ދާއިރާ ތަފާތުވުމަކުން މައްސަލައެއް ނެތެއްނު ދޯ" އިޝްވާއާއި ޝައިނާ އެކަކު އަނެކަކަށް އަތް ޖަހައިލަމުން ހޭން ފެށިއެވެ.
"އަހަރެން ދޯ އެންމެފަހުން މިކަމުގަވެސް މި ގޯސްވީ؟" ރާހިލް ބުންޏެވެ. އެވަގުތު ރިއާން ރާހިލްގެ އަތުގައި ކޮށްޓައިލަމުން އެތަނުން ދިޔުމުގެ އިޒުނައަކަށް އެދުނެވެ. ވާހަކައިގައި ޖެހިފައި އިން ރާހިލްއަށް އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ބޯ ޖަހައިލެވުމާއެކު ރިއާން އެތަނުން ތެދުވެގެން ހިނގައިގަތެވެ.
ޓެރަހުން ފޭބުމަށްޓަކައި ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔަ ވަރަކަށް އޭނާއަށް ލިފްޓުކައިރީގައި ތިބި ޒީވާއާއި އައިދަންގެ ވާހަކަ އިވެމުންދިޔައެވެ. އޭނާ އެދެމީހުނަށް ނުފެންނާނެހެން ސިޑީގެ ވަކި ހިސާބެއްގައި މަޑުކޮށްލިއެވެ.
"އަހަންނަކަށް ހަމަ އަދިވެސް ނޭނގޭ ޒީ މިކަހަލަ ކައިވެންޏަކަށް އެއްބަސްވާންވި ސަބަބެއް.. ތިއީ ނުލާހިކު ރީތި ރަނގަޅު ކުއްޖެއް" އައިދަން ބުންޏެވެ.
"ދެން ތިވާހަކަ ނުދައްކާ އެއީ އެހާވަރު ކަމެއްނޫން… އެހެންނޫނަސް ތިބުނާހާ އުފާވެރި ކައިވެނިތައް މިޒަމާނުގަ އޮވޭތަ؟ ހިއެއްނުވޭ މިއީވެސް ތި ހީކުރާހާ ބޭޑް އެކްސްޕީރިއަންސަކަށް ވާނެހެނެއް. ލިފްޓް އެ އައީ.. އަވަހަށް ދޭ" އައިދަން ޒީވާގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު ލިފްޓަށް އެރިއެވެ.
އައިދަން ދިޔުމާއެކު ޒީވާގެ މޫނުމަތީގައިވި މަސްނޫއީ ހިނިތުންވުން އެކީ ފިލައިގެންދިޔަތަން ރިއާންއަށް ފެނުނެވެ. ނަމަވެސް ހަމަ އެހާ އަވަހަށް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާ އަލުން ހިނިތުންވުން މޫނު މައްޗަށް ވެރިކޮށްލަމުން އެ ފްލޯގައިވާ އެމީހުންގެ އެޕާރޓްމެންޓްގެ ދޮރާދިމާލަށް ހިނގައިގަތްތަންވެސް ފެނުނެވެ. ރިއާންއަށް އިތުރަށް އެމަންޒަރު ބަލާކަށް ނުހުރެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައިސް ޒީވާގެ ކައިރިއަށް ހުއްޓުނެވެ. އެކަމުން ޒީވާއަށް ސިހުން ލިބުނެވެ.
"ރިއާން؟ ސިއްސައިގެނޭ ދިޔައީ.. ކެއުން ނިންމާލީތަ؟ ދޮންބެމެންވެސް އެބަ އާދޭތަ؟" ޒީވާއަށް ލިބުނު ސިހުމުގެ ސަބަބުން މޭގައި އަތް އަޅައިގެން ހުރެ އެއްފަހަރު ރިއާންއަށް އަނެއްފަހަރު ސިޑިއާ ދިމާލަށް ބަލަމުން އަހައިލިއެވެ.
"އަހަރެން ކިތަންމެ ގަޔާނުވާ މީހަކަސް ތެދެއްވާނީ ތެދަކަަށް..” ރިއާން ޒީވާގެ ސުވާލަށް ޖަވާބުދިނުމެއްނެތި ބުންޏެވެ.
"ކާކު؟" ޒީވާއަަކަށް ރިއާންގެ ވާހަކަ ފަހުމެއް ނުވިއެވެ.
"ދެޓް ޑޮކްޓަރ" ރިއާންގެ ދުލުން އައިދަންގެ ނަންވެސް ކިޔަން ބޭނުން ނުވާ ކަހަލައެވެ.
"އޯހް..އައިދަން؟ ރިއާން އަޑު އެހީތަ؟" ޘީވާއަށް ގަބޫލުނުކުރެވިފައި އަހައިލިއެވެ.
"އެހީކީ ނޫން. އިވުނީ.. އަހަރެންވެސް ގަބޫލު ކުރަން މީ ނޫންކަން ޒީވާއަށް ހައްގު މިންވަރަކީ" ރިއާން ބުންޏެވެ.
"އަހަރެން ނުބުނަންތަ އަހަރެން މިހިރީ މިކަމާ އުފަލުންނޭ.. ރިއާން ތި އުޅެނީ ކީކޭ ކިޔާނަމޭ ހިތާތަ؟" ޒީވާ ހިތްހަމަ ނުޖެހުނެވެ. އަދި ރިއާންއަށް ފަސްދީ ހިނގައިގަތެވެ. ރިއާންއަށް ފުންނޭވާއެއް ދޫކޮށްލަމުން އެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާއަޅައިލެވުނެވެ.
"ޒީވް މަޑުކޮށްބަލަ" ރިއާންގެ އަޑަށް ޒީވާގެ ފިޔަވަޅުތައް އޭގެ އިހްތިޔާރުން ބޭރުގައި މަޑުޖެހިލިއެވެ. ނަމަވެސް ރިއާންއާ ކުރިމަތިލުމުގެ ގަސްދެއް އޭނާގެ ނެތްކަހަލައެވެ.
"އަމް…. މީގެ އަށް އަހަރުކުރިން ޒީވް އަހަރެންނަށްކުރި އޮފަރ.. އިޒް…. އިޒް އިޓް ސްޓިލް ވެލިޑް؟" ރިއާން ހިންދިރުވައިލަމުން އަހައިލިއެވެ. ޒީވާ ދޭނެ ޖަވާބަކާމެދު ކެތްމަދުވެ އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ.
"ނޯ.." ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒީވާ ބުންޏެވެ. އޭނާގެ ނަފްސުގައިވާ ހުރިހާ ހިތްވަރެއް އެ ލަފްޒަށްޓަކަައި ދުލުކުރިއަށް ގެންނަންޖެހުނެވެ. "ނޯ އިޓްސް ނޮޓް ވެލިޑް ރިއާން.. އަހަރެންނަށް ރިއާންއާ އެއްވަރަށް ވިޔަފާރިއާއި ގާނޫނު ނޭނގުނަސް އަހަރެންނަށްވެސް އެނގޭ އެ އޮފަރގެ ގަބޫލުކުރެވޭނެ މުއްދަތު މިހާރު ފާއިތުޖެކަން.. ދި އޮފަރ އިޒް ވޮއިޑް ރިއާން.. ޔޫ އަރ ޓޫ ލޭޓް" ޒީވާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.
"ޒީވާ ޕްލީޒް.. ޒީވާގެ މުޅި ހަޔާތް ތިހެން ހަލާކުގެ ތެރެއަށް ދޫކޮށްނުލާ.. ތިގޮތަށް އަމިއްލަ ނަފްސަށް ގެއްލުންދޭން ހެޔޮނުވާނެ.. އަހަރެން ޒީވާއަށް އެހީވާނެ ފުރުސަތެއްދީ" ރިއާން ޒީވާގެ ފަހަތުން ހިނގައިގަތެވެ. އޭރު ޒީވާ މަސައްކަތް ކުރަމުންދިޔައީ އެޕަރޓްމެންޓްގެ ތަޅު ހުޅުވުމަށެވެ. ރިއާން އެދެމެދަށް ހުރަސްވެލަމުން ޒީވާގެ މަސައްކަތަށް ހުރަސް އެޅިއެވެ.
"ކޮން އެހީއެއް ރިއާން. ރިއާންއަށް ވަކި ކުރެވޭނީ ކީއް؟ އަހަރެންނާ އިންނާނީތަ؟ އޭން؟ ދުރުގަހުރޭ!!" ޒީވާއަށް ރުޅިއައިސްފައި އަހައިލެވުނެވެ. ރިއާންގެ އުޅުން ހުރިގޮތުން އޭނާގެ ރުޅިގަނޑު ފަޅައިގެން ނުގޮސްހުރީ ހަމަ ކިރިޔާއެވެ. ރިއާން ހީކުރަނީ މިއީ އޭނާއަށް ރިއާންއާއެކު ހިއްސާކުރަން މާ ފަސޭހަ މައުލޫއެއް ކަމަށްހެއްޔެވެ؟
"ޔެސް.. މެރީ މީ.."
No comments yet
Be the first to share your thoughts about this episode!