Episode 2
ހިތް އެދޭހާ ކަމެއް.. (2 ވަނަބައި)
ރާހިލް އެނދުން ފައިބައިގެންގޮސް އުނުގައި ތުވާލި އޮޅައިލި ވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. އާފުރެމުންގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ހޫރެއްފަދަ އަންހެންކުއްޖާފެނި އޭނާ ލައިލައިހުރި ނޭވާވެސް އެތެރެހަށީގައި ތާށިވިކަހަލައެވެ. ކަޅިޖަހާނުލައި ބަލަން ހުރެވުނުއިރު މިއީ ދުނިޔެމަތީގެ ކަމެއްބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ނޫނީ އޭނާއަށް އަދި ރަނގަޅަށް ނިދައި ނުހޭލެވެނީބާއެވެ. މިކަހަލަ ހޫރެއް އަސްލަށްވުރެ ފެނުން ގާތީ ހުވަފެނެއްގަވިއްޔާއެވެ. އެކަޅުކަންގަދަ އެސްފިޔަތަކުގެ ހިޔަނިން ފޮރުވައިލެވިފައިވާ ގަދަ މުށިކުލައިގެ ކަޅީގެ ޖާދޫގައި އެނާ ރަނގަޅަށްވެސް ޖެހިއްޖެއެވެ.
"ރިއަލީ ސޮރީ އުނދަގޫ ކުރެވުނީމަ އެކަމަކު ޒީ ބުނީ މި ކޮޓަރީގައޭ ވާނީ. ކޮންމެހެންވެސް އޮފީސް ފެށުމުގެ ކުރިން ބޭނުންވާ ކުރެހުންތަކެއް މިތާ ހުރީމަ" އެރީތިކަމަށް ގެއްލިފައިހުރި ރާހިލްއަށް ހޭވެރިކަންވީ އެކުއްޖާ ވާހަކަދައްކަން ފެށުމުންނެވެ.
"އެކަމަކު ހުރިހާ އެއްޗެހި ކުރީ ދުވަހު ޒީގެ ކޮޓަރިއަށް–"
"އާނ އިނގެޔޭ.. އެކަމަކު ހޯދާހޯދާ ނުފެނިގެން ޒީއަށް ގުޅީމަ ބުނީ މިތާހުރި މޭޒުގެ ވަތްގަޑު ބަލާށޭ" ޝައިނާ ރާހިލްގެ ވާހަކަ މެދުކަނޑައިލިއެވެ.
އަދިވެސް ރާހިލްއަށް ޝައިނާގެ މޫނުން ނަޒަރު ވަކިކޮށްލެވޭގޮތެއް ނުވެއެވެ. އޭނާގެ ދެލޯ މަޑުމަޑުން އުނަގަނޑާއި ހަމައަށް އޮތް ޝައިނާގެ ރާޅުބާނީ އިސްތަށިގަނޑަށް ދަތުރު ކުރިއެވެ. ކޮޓަރީގެ ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރުގައި ދަމައިފައިވާ ދޮރުފޮތިތައް ކެހިފައި ހުރުމުން ކޮޓަރި ތެރެއަށް އެޅިފައިވާ އިރުގެ އަލި ޝައިނާގެ އިސްތަށިގަނޑުގައި ބޮސްދޭއިރު އެ އިސްތަށިގަނޑުން ފެންނަ މުށިކުލަ، އެލޮލުގައިވާ މުށިކުލައިގެ އަސަރު ގަދަކޮށްދެއެވެ.
ރާހިލް ކޮޓަރީގެ ދޮރު ތަންކޮޅެއްބޮޑަށް ހުޅުވައިލިއެވެ. ހަމައެއާއެކު ލަސްވެގެން އުޅޭ މީހެއް ފަދައިން ޝައިނާ އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މީހާ ހުއްޓުންއެރީ އެއްވެސް ނިވާކަމެއްނެތި އެނދުގައި ބަންޑުން ނިދާފައި އޮތް އަންހެންކުއްޖާ ފެނުމުންނެވެ.
"ސޮރީ.. އެކަކުވެސް އަންނާނެ ކަމަކަށް ނޫން ހުރީ… އަދި ސަފުން ޒީގެ ތިހާ ރީތި ފްރެންޑެއް އަންނާނޭ ހިވެސް ނުކުރަން" ރާހިލް ބޯކަހައިލަމުން ބުނެލިއެވެ.
"ނޮޓް މައި ބިޒްނަސް" ޝައިނާ ރައްދުދިނެވެ. އަދި އަވަހަށް ދުވެލައިފައިގޮސް އެނދުގެ އަނެއްފަރާތުގައިހުރި މޭޒުގެ ވަތްގަޑު ހުޅުވައިލަމުން އޭގެއިން ނެގި އޮޅައިލެވިފައިވާ ގަނޑުތަށް ހިފައިގެން ކޮޓަރިން ނުކުތުމަށް ދިޔައެވެ.
"ނަންވެސް ނުބުނެތަ ދާނީ؟ ނޫނީ ތިހާ ރީތި ކުއްޖެއްގެ ފަރާތުން ހިނިތުންވުމެއް ލިބުނަސް އަހަރެންނަށް ފުދޭނެ." ރާހިލް ޝައިނާގެ ކުރިމައްޗަށް އެރިއެވެ. ޝައިނާ ދެބުމަ ގޮށްޖަހައިލަމުން ރާހިލް ދުރަށް ކޮށްޕައިލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރުވެސް ރާހިލް މޮޔައެއްހެން ހެވިދިލިފައި ޝައިނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
"ކޮބާ ފެނިއްޖެތަ ތިބުނާއެއްޗެއް؟" ސިޑިން ފައިބައިގެންއައި ޝައިނާ ފެނި ވާފިޔާ އަހައިލިއެވެ.
"އާނ ދައްތާ ތޭންކްސް. ގޮސްލީ އިނގޭ" ޝައިނާ އަވަސް އަވަހަށް ބުނެލިއެވެ. ފެންނަންވާ ވަރަށްވުރެ މާ ބޮޑަށްވެސް އޭނާއަށް ފެނިއްޖެއެވެ.
"ސައިބޮއިގެން ދާންވީނު" ވާފިޔާ ބުނެލިއެވެ. ޝައިނާ އެހެން ފަހަރަކުންނޭ ބުނެ އަވަހަށް އެޕަރޓްމެންޓުން ނުކުތެވެ.
ލިފްޓާ ހިސާބަށް ދެވުނު އިރު މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ޒީވާ އޭނާގެ ދޮންބެއަކީ އަން ކިޔައިފިއްޔާ އަންނާރެއްވެސް ހެޔޮމީހެކޭ މަޖަލަކަށް ހަދައިފައި ބުނެ އުޅުނަސް މިވަރު ވާނެއެކޭ އޭނާ ހިއެއް ނުކުރެއެވެ. ކޮޓަރިތެރޭގައި އެހާލުގައި އަންހެން ކުއްޖަކު އޮއްވައި އިތުރު މީހަކަށް ވަންނަން ހުއްދަ ދޭއިރު އެ ފިރިހެނާގެ ހިތަށް އެކައްޗެއްވެސް ހަމަ ނާރަނީބާއޭ ޝައިނާގެ ހިތަށް އެރިއެވެ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަ ނެތީ ހެއްޔެވެ؟ އަދި އެވަރުން ނުފުދިގެން އެކުއްޖާ އެހާލަށް އޮއްވައި އޭނާއާވެސް ފޮށުނީ ނޫންހެވެ. އެކަން ހަނދާންވުމާއެކު އެވަގުތު ރާހިލް ހުރިގޮތް ޝައިނާގެ ސިކުނޑިއަށް ކުލަ ތަސްވީރެއްހެން ސިފަވިއެވެ. ހަމައެކަނި އުނަގަނޑުން ތިރި ތުވާއްޔަކުން ނިވާ ކޮށްލައިގެން ދޮރުގެ މަތީކަނީގައި އެއްއަތް އަޅުވާއިލައިގެންހުރެ އެތޫނު ދެލޮލުން އޭނާއަށް ބަލަމުންދިޔަގޮތެވެ. ވާންވެލާފައިވި އެ އަތުގެ ނާރުތަކެވެ. މޮޅު ފަރުމާވެރިއެއްގެ ފަންނުވެރި އަތްތެރި މަސައްކަތެއްފަދައިން ބަނޑާއި މޭމަތީގައި ގޮޅި ގޮޅިޖަހައި އެތުރިފައިވި މަސްތަކާއި ފުޅާ ބައިމައްޗެވެ. ޝައިނާއަށްވެސް ރާހިލް ފެނުމާއެކު އިރުކޮޅަކަށް ބަސްހުއްޓިފައި ހުރެވުނެވެ. ނަމަވެސް ރާހިލްގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން އެމީހުންގެ ފުރަތަމަ ބައްދަލުވުމުންވެސް ޝައިނާގެ ހިތުގައި ރާހިލްއާމެދު ފޫހިކަމެއް އުފެދިއްޖެއެވެ.
*************
ތެލެސީމިއާ ސެންޓަރުގެ ބޭރުގައި ރާހިލް ހުންނަތާ ގާތްގަނޑަކަށް ފަސްމިނަޓުފަހުން ރިއާންގެ ސައިކަލު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓާލިއެވެ.
"ލަސްވިތަ ބްރޯ؟" ރާހިލް އައިސް ސައިކަލުގެ ފަހަތަށް އެރުމާއެކު ރިއާން އަހާލިއެވެ.
"އަދި މި ނިމުނީ. ރިއާން އޮފީހަށް ނުދަންތަ؟" ރިއާން ލައިގެންހުރި ގަދަ ފެހިކުލައިގެ އަތްދިގު ޓީޝާޓާއި ކަކުލާ ހިސާބަށްހުރި ސޯޓަށް އިޝާރާތްކޮށް ރާހިލް އަހައިލިއެވެ.
"އެކޮޅަށްގޮސް ޗޭންޖް ކޮށްލާނީ." ރިއާން ސައިކަލު ދުއްވާލަމުން ބުންޏެވެ.
"ޝިޓް ކަންތަކާ ލައިގަތީ. މުޒާހަރާ ކުރާކަށްވެސް ވަކި ވަގުތެއް ނޯވޭތަ؟" ރިއާން ހިތްހަމަނުޖެހިފައި ބުނެލިއެވެ. އޭރު މަގުގައި އޮތް މުޒާހަރާގެ ސަބަބުން މަގު ބަންދުވެފައިވާތީ ހެދިފައިވާ ސައިކަލު ކިޔުގެ ފަހަތުގައި އެ ސައިކަލު މަޑުކޮށްލަނީއެވެ. ފުލުހުން ދިޔައީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި ސައިކަލުތަކަށް ޖާގަ ދެވޭތޯ މަސައްކަތް ކުރަމުންނެވެ.
ކުއްލިއަކަށް ބާރަށް ދުއްވާފައި އައި ސައިކަލެއް ރިއާންމެންގެ ސައިކަލު ކައިރީގައި ހުއްޓައިލި ގޮތުން އެ ސައިކަލުގެ ދުންހޮޅި ރިއާންގެ ފައިގައި ޖެހުނެވެ. ރިއާންއަށް ތެޅިގަނެވުން ނަމަވެސް ދެ ސައިކަލުގެ ދެމެދުގައި ހުސްޖާގަ ނެތުމުން ފައި ދަމައިގަނެވޭނެ ގޮތެއް ނުވިއެވެ. އިސާހިތަކު އެ ސައިކަލް ދުރުކޮށްލެވުނު އިރު ރިއާންގެ ފައިވަނީ ވަރަށްބޮޑަށް ފިހިފައެވެ.
"ސޮރީ މޭން.. ދާންވީނު ކައިރީގަ މިހިރަ ހޮސްޕިޓަލަށް. އަހަރެން ޕޭ ކޮށްދޭނަން" އެ ސައިކަލުގައި އިންމީހާ ހާސްވެފައި ބުނެލިއެވެ. ރިއާން ނުދާން ހުރި ނަމަވެސް ރާހިލްވެސް ކުރު ނުކުރުމުން އެންމެ ފަހުން ދާން އެއްބަސްވިއެވެ. އޭރު ފައިން ނަގާ ދިލައިން އޭނާއަށްވެސް ކެތްކޮށްލެވެނީ ކިރިޔާއެވެ. އެހެނަސް މަގުގެ ހާލަތު ހުރިގޮތުން ސައިކަލު ދޫކޮށްލައިފައި ދެވޭކަށްނެތެވެ.
"ދުއްވަން އެނގޭނެތަ؟ މާލޭގަ؟" ރިއާން ޖެއްސުމަށް ކަހަލަ ގޮތަކަށް ރާހިލްގާތު އަހައިލިއެވެ.
"ތިއީ ދެން އަހާކަހަލަ ސުވާލެއްތަ؟" ރާހިލް ހިނިގަނޑެއް ޖަހާލިއެވެ. ރިއާން އޭނާއާ ޖެހިގެންހުރި ސައިކަލުގަ އިން މީހާ ދިން ފައިސާ ގަބޫލު ކުރުމެއްނެތި ސައިކަލުން ފައިބައިގެން ދިހަވަރަކަށް ފޫޓު ދުރުގައިހުރި ހޮސްޕިޓަލަށް ހިނގައިގަތެވެ.
ހޮސްޕިޓަލަށް ވަދެގެން އައި އިރު އެތަށް ބަޔަކު ކަޅިޖަހައިނުލައި އޭނާއަށް ބަލަމުން ދިޔަގޮތުން ކިތަންމެ ފަހަރަކު އައިކޮޅަށް އަނބުރާލަން ހިތަށް އެރިނަމަވެސް ފައިގައި އަޅަމުންދިޔަ ވޭން ހިތަށް އަރުވައިލަމުން ރިއާން ކުރިއަށް ދިޔައެވެ. އަވަސް ފަރުވާދޭ ބައިގައި ހުރި ނަރުހުންގެ ޖަގަހައާ ހިސާބަށް އާދެވުނު އިރު އެތަނުގައި ތިބި ކުދިންވެސް އިސްތަށިގަނޑާއި ބުރުގާ ރީތިކޮށްކޮށްފައި އޭނާއަށް ތުއިދެއްކެން ފެށިގޮތުން އާދެވުނު މޮޔަ ހިތަށް އެރިއެވެ. އަދި އެއިން މީހަކު ލައްވައި އޭނާގެ ފައިގައި ބޭސް އެޅުން އެއި ނުވާނެކަމެއް ކަމުގައި ނިންމައި އެތަނުން ދާން އެންބުރުނެވެ. ނަމަވެސް ތަންކޮޅެއް ދުރުން އެއްފައިމައްޗަށް ތިރިވެލައިގެން އިނދެ ގޮނޑިއެއްގައި އިން ބަލިމީހަކާ ވާހަކަ ދައްކަން އިން ނަރުސް ކުއްޖާފެނި އޭނާގެ ފިޔަވަޅުތަށް މަޑު ޖެހިލިއެވެ. އެ މައުސޫމް މޫނުމަތިން ފެންނަން ހުރި ހިތްހެޔޮކަމާއި ކޮލަށް އެޅިގެންދާ އަޑިކޮޅުގެ ސަބަބުން އާދަޔާޚިލާފު ރީތިކަމެއް ގެނެސްދޭ ހިނިތުންވުމަކީ އޭނާއަށް ދުވަހަކުވެސް ހަނދާނުން ފިލުވައިލެވޭނެ ހިނިތުންވުމެއްނޫނެވެ. އެތަނުގެ ކައިރީގައި ބަހައްޓައިފައި ހުރި ސްޓޭންޑްފޭން އަމާޒުވެލާ ކޮންމެ ފަހަރަކު ޖަހައިފައިވާ ހުޅިން ދޫވެ ނިއްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިތަށް އެމޫނާ ކޮށްލާ ސަމާސާ އޭނާއަށް ފެންނަމުން ދިޔައި ލަސްކޮށްލެވިފައިވާ ފިލްމެއްގެ މަންޒަރެއްހެނެވެ.
އެ މަންޒަރަށް ގެއްލިފައި ވަނިކޮށް އެކުއްޖާ އެ އިންތަނުން ތެދުވެ ބޭސްތަކެއްހުރި ތަބަކެއް ހިފައިގެން ނަރުހުން ތިބި މޭޒާ ދިމާލަށް ދިޔައެވެ. ހިތްވަރުކޮށްފައި ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުންގޮސް ރިއާން އެކުއްޖާ ހުއްޓުން ކައުންޓަރުގެ ކައިރިއަށް ހުއްޓިލިއެވެ.
"ހައި އަމްމް. ފައި ފިހިގެން މި އައީ."
ކައިރިން މީހަކު ވާހަކަ ދެއްކި އަޑު އިވުމާއެކު ޒީވާ އިސްއުފުލައިލިއެވެ. ކުރިމަތީގައިހުރީ ޒުވާނާފެނި ކުއްލި ސިހުމެއް ލިބުން ނަމަވެސް އެމީހާ ދެއްކި ވާހަކަ ނަގައިގަނެވުމާއެކު ތެޅިގެންފައި ކައުންޓަރު ކައިރިން ނުކުމެގެން އައިސް އެފަޔަށް ބަލައިލިއެވެ.
"ވަޓް ދަ ހެލް ރިއާން!!" ޒީވާ އަނގަމަތީގައި އަތް އަޅައިލަމުން ރިއާންގެ ފަޔާ ހިސާބަށްތިރިވެލިއެވެ. އޭރު ވަށައިގެން އުޅޭ އެންމެންގެ ނަޒަރު އެމީހުނަށް ހުއްޓިފައިވެއެވެ. ރިއާންއަށްވެސް ހުރީ ޒިވާގެ އެ އަމަލުން ކުއްލި ސިހުމެއް ލިބިފައެވެ.
"އެތެރެއަށްދާން ވީނު" ވަށައިގެންވާ އެންމެނަށް ނަޒަރު ހިންގައިލަމުން ރިއާން ބުނެލިއެވެ. ޒީވާ ބޯ ޖަހައިލުމަށްފަހު އިންތަނުން ތެދުވެ ރިއާންއަށް އޭނާއާއެކު އައުމަށް އިޝާރާތްކުރިއެވެ. ރިއާން ޒީވާގެ ފަހަތުން ގޮސް ބޭސްއަޅާ ކޮޓަރިއަށް ވަނުމާއެކު ޒީވާ އަވަސް އަވަހަށް އޭނާގެ މަސައްކަތައިގެން އުޅުނެވެ. ރިއާން އެނދުގައި އެއްފައި ބޭންދުމަށްފަހު ބޭސް ތަބަކެއް ހިފައިގެން ގޮސް ގާތުގައި މަޑުކޮށްލިއެވެ.
"ކުޑަކޮށް ދިލަ ނަގާފާނެ." ޒީވާ ރިއާންއާ ހަތަރުކަޅި ހަމަ ކޮށްލަމުން ބުނެލިއެވެ. ރިއާން ބޯޖަހައިލިނަމަވެސް ނަގައިގަތް ދިލައާއެކު އޭނާއަށް ޒީވާ ލައިގެންހުރި ޔުނީފޯމްގެ ފަސްބައިގައި ހިފައި ބޮނޑި ކޮށްލެވުނެވެ. އަދި ކައިރިއަށް ދަމައިލެވުނެވެ.
ރިއާންގެ ހަރަކާތުން ޒީވާގެ ނޭވާވެސް ހުއްޓުނު ކަހަލައެވެ. ޒީވާގެ ހިތް ނެގިނެގިފައި ޖެހެމުން ފިޔައެވެ. މިއީ 8 ވަރަކަށް އަހަރަށްފަހު އެނާއަށް ރިއާންއާ މިހާ ގާތުގައިހުރެވޭ ފުރަތަމަ ފަހަރޭ ހިތަށް އެރިވަގުތު މުޅި މީހާ ދާހިއްލަން ފަށައިފިއެވެ.
"ނިމުނީ. އިރުކޮޅެއް ނަގާނެ މައުލޫމާތު ފުރާލާފަ ބޭސް ސިޓީގަ ސޮއެ ކޮށްލައިގެން އަންނަން" ޒީވާގެ ވާހަކައަށް ރިއާން މިފަހަރުވެސް ހަމައެކަނި ބޯޖަހައިލަމުން ފުއްދާލިއެވެ.
ރާހިލްއާ ހިލާފަށް އޭނާއަކީ އެއްވެސްއިރަކު އެހާ ވާހަކަ ގިނަ މީހެއް ނޫންކަމުން އެހާ ގިނަ ދުވަސްކޮށްފައި ދިމާވުމުންވެސް ދައްކާނެ ވާހަކައެއް ރިއާންއަކަށް ނޭނގުނެވެ. ޒިވާ ގެނެސްދީން ބޭސް ސިޓީ ހިފައިގެން އޭނާ ނުކުމެގެން ދިޔައިރު ހިނިތުންވުމެއް ހަދިޔާކޮށްލާފައި ދާނެހާ ހިތްވަރުވެސް އޭނާއަށް ނުލިބުނީތީ ހިތާހިތުން އަމިއްލަ ނަފްސަށް އަޑުލައިގަތެވެ.
*************
އާރް.އެލް. ހޯލްޑިންގްސް އޮފީހުގެ އިމާރާތަށް ވަދެގެންއައި ޝައިނާ އަވަސް ފިޔަވަޅުތަކެއްގައި ރިސެޕްޝަނާ ދިމާލަށް ހިނގައިގަތެވެ.
"ހެއި.. ސަރ އައިމަ އަންގާލައްޗޭ." ޝައިނާ ރިސެޕްޝަންގައި އިން އަންހެންކުއްޖާއަށް ބުނެލިއެވެ. "ނުހާ ނާދޭތަ؟"
ރިސެޕްޝަންގައި ދެން އިންނަ ކުއްޖާގެ ގޮނޑި ހުހަށް ހުރުމުން ޝައިނާ އަހައިލިއެވެ. އެހެން އެހި އިރުވެސް އޭނާއަށް އެސުވާލުގެ ޖަވާބު އެނގޭ ކަހަލައެވެ. މާގިނައިރު މަޑުކުރަން ނަހަދައި އޭނާ އުޅޭ ފްލޯ އަށް ދިޔުމަށް ލިފްޓަށް އެރިއެވެ. ދެގަޑިއިރު ފާއިތުވެދިޔަ ފަހުން ރިސެޕްޝަނުން ގުޅައިފައި ރިއާން އަތުވެއްޖެ ވާހަކަ ބުނުމުން ޝައިނާ ކުރަން ހުރި މަސައްކަތްތައް ހުއްޓާލުމަށްފަހު ކުރެހުންތައް ހިފައިގެން ރިއާންގެ ކެބިން ހުންނަ ފްލޯއަށް ދިޔައެވެ.
"ރިއަލީ ރިއާން!! މި ފަހަރު ތަފާތޭ. އަހަންނަށް އިނގިއްޖެ މިއަދު ދުނިޔެ މަތީގަ ޕަރީންވެސް އުޅޭކަން" ރާހިލް ކެބިންގެ ބޮޑު ގޮނޑިއަށް ވެއްޓިގަނެގެންއޮވެ ސީލިންގަށް ބަލަމުން ބުނެލިއެވެ.
"ސާބަހޭ. ތިބުނަނީ ކުއްޖަކާ އެއްކޮށް ސްލީޕް ކޮށްފަ އޭނަ ލޯމަތިންވެސް ނުދަންދެން ހެނދުނު ފެނުނު އެހެން ކުއްޖެއްދެކެ ލައިކްވި ވާހަކަ. ތަންކޮޅެއް ހަމަޖެހޭ އެއްޗެކޭ ކިޔާބަ" ރިއާން ހެވިފައިހުރެ އައިސް ރާހިލްއަށް ކޮފީތަށި ދިއްކޮށްލަމުން ބުންޏެވެ.
"ރިއާނަށްވެސް ފެނުނީމަ ބުނާނެ. އިޓްސް ޖަސްޓް އައުޓް އޮފް ދިސް ވޯލްޑް މޭން. އެ ރީތި ދެލޮލާއި ކަޅިރަވަ… ދެޓް ބްރޮންޒް ސްކިން. އިޓްސް ނޮޓް ޖަސްޓް ސަމް ބިއުޓީ. ދަ ގޯޖަސް ގޯޖަސް މެސްމެރައިޒިންގް ޓައިޕް ބިއު–"
ރާހިލްގެ ވާހަކަ މެދެކެނޑުނީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހައިލުމުންނެވެ. ރިއާން ހުއްދަ ދިނުމާއެކު އެސިސްޓަންޓް ދޮރު ކުޑަކޮށް ހުޅުވައިލައި ވާހަކަ ދެއްކިއެވެ.
"ސަރ. ޝައިނާ އައިސް އެބަހުރި" އެކުއްޖާ އަދަބުވެރިކަމާއެކު ބުނެލިއެވެ.
"އޯކޭ. ފޮނުވާ" ރިއާން ކޮފީތަށި މޭޒުމަތީގައި ބަހައްޓައިލުމަށްފަހު އެއްފަރާތުގައި ހުރި ބިލިޔާޑް މޭޒާ ދިމާލަށް ދިޔައެވެ.
"ބުނަން.. މިކުއްޖާ ފެނިފަ އަނެއްކާ އަނބުރައި ނުގަންނާތި. މީނަ މަށަށް މަށަށް ކިޔާލަ ކިޔާލަ އޮފިސް އެންމެން އެ ތިބެނީ." ރިއާން ބުންޏެވެ.
"ރިއާންވެސް؟" ރާހިލް ރިއާންގެ ފަހަތުން ގޮސް ކައިރީގައި ހުއްޓުނެވެ.
"ޕިސް. ހީވޭތަ؟" ރިއާންގެ ސުވާލަށް ރާހިލް ބޯ ޖަހައިލިއެވެ. އެހެން ބުނި އިރުވެސް ރިއާންއާ އަންހެނަކާ އެއްޖުމްލައިގަ ގެނައުމަކީވެސް ކިހާ ބޭކާރު ކަމެއްކަން އޭނާއަށް އެނގެއެވެ.
"އަހަންނަށް އެބަ ހީވޭ މިހާރު ރިއާން އަނެއް ފަޅި ހެންވެސް." ރާހިލް ހިނިގަނޑެއް ޖަހައިލިއެވެ.
"ފަނީ. އަހަރެން ގަބޫލެއް ނުކުރަން މީހުން މި ކިޔާ ލޯބީގެ ފަލްސަފާތަކެއް. އެއީ ހަމައެކަނި މީހުން ލިޔާ މޮޅެތި ވާހަކަތަކާއި ފިލްމާއި ލަވަތައް ސެލްކުރަން ގެންގުޅޭ މޮޅު ޓެކްނިކެއް. އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިއްމު ގުނަވަން ހަތިޔާރަކަށް ހަދައިގެން ކުރާ މެނިޕިއުލޭޝަނެއް. އަހަރެންވެސް ވަގުތު ޖެހުނީމަ މީހަކާ ނީންނާނަމެކޭ ނޫން. އެކަމަކު އެކަންވެސް ހިއެއް ނުވޭ އެހާ އަވަހަށް ވާނެ ހެނެއް."
ރާހިލް އަނެއްކާވެސް ބޯ ޖަހައިލަމުން އަތުގައިހުރި ކޮފީތަށި ތުނބުގައި ޖައްސައިލިއެވެ. އެވަގުތު ދޮރުން ވަދެގެން އައި ކުއްޖާފެނި އޭނާ ދިރުވައިލަން އުޅުނު ކޮފީފޮދު ކަރުގައި ތާށިވެ ކުށި އަރައިފިއެވެ. އަދި ރިއާން ވަގުތުން ރާހިލްގެ ގާތަށް ޖެހިލައި ބުރަކަށީގައި ބޮނޑިއެއް އަޅައިފިއެވެ.
ޝައިނާއަށްވެސް ރާހިލް ފެނުމާއެކު ކުޑަ ސިހުމެއް ލިބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ތުންއަނބުރައިލައިފައި ގޮސް އެތަނުގައިހުރި ބިލިޔާޑް މޭޒުމަތީގައި އޭނާ ގެންގުޅޭ ގަނޑުތައް ފަތުރާލިއެވެ. ރާހިލް ހަމައަކަށް އެޅުމުން ރިއާން އައިސް އެ ގަނޑުތަކުގައިވާ ކުރެހުން ތަކަށް ބަލައިލިއެވެ.
"ހްމްމް ގޯހެއް ނޫން.. އެކަމް ކުޑަ ތަފްސީލެއް ދިނިއްޔާ އަހަންނަށް ފަސޭހަވާނެ. އާން ބައިދަވޭ. ޝައިނާ.. މިއީ ރާހިލް. ރާހިލް މައި ފްރެންޑް، ޝައިނާ މިއީ އާރް.އެލްގެ ޖޫނިއަރ އާކިޓެކްޓް." ރިއާން ބުނެލިއެވެ.
ޝައިނާ އޭނާ ގެންގުޅުނު ފަންސޫރުތަކުން ފަންސޫރެއްގެ އެހީގައި އިސްތަށިގަނޑު ހުޅިއެއް ޖަހާލަމުން ރާހިލްއަށް ހިނިތުންވެލިއެވެ. އަދި ރިއާންއަށް ކުރިމަތީގައިވާ ފްލޯ ޕްލޭންތައް ކިޔައިދޭން ފެށިއެވެ. އޭރުވެސް ރާހިލް ހުރީ ބަސްހުއްޓިފައެވެ. ޝައިނާގެ ހަރަކާތްތަކަށް ގެއްލިފައެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ޝައިނާގެ ވާހަކަތަކަށް ސަމާލުކަން ދިނެވެ.
"އެހާ ސަޅިއެއްނޫން. އަސްލު އެހާ މީހުން ނޫޅޭ ގަސްގިނަ ހިސާބަކާ ބަލާފަ މިހެން ކޮންމެހެން ހޮޓެލްގެ ތެރޭގަ މާގިނަ ގަސް ބެހެއްޓުމުގެ ބޭނުމެއް ނެތް ކަންނޭނގެ. އެ ވާނީ ހަމަ ބޭކާރު ކަމަކަށް.. ރިއާން މީތި ބަދަލު ކުރާނަން ދޯ. އަހަރެން ނަމަ އަސްލު–"
"މި ހޮޓެލް ފަރުމާ ކުރީ ވީހާވެސް ބޮޑަށް ވަށައިގެންވާ މާހައުލުގެ އެޑްވާންޓޭޖް ނަގައިގެން އީކޯ-ފްރެންޑްލީ ގޮތަކަށް މާކެޓް ކުރެވޭނެހެން. ސޯ ޑިއަރ މިސްޓަރ ހޫއެވާ ޔޫ އަރ. ތިއީ ރިއާންގެ ކޮންމެ މީހަކަށްވިޔަސް ތިއީ މި ކުންފުނީގެ މުވައްޒަފެއްކަން އަހަންނަކަށް އިނގިފައެއް ނެތް. މީ އަހަރެންގެ ޕްރޮޖެކްޓެއް ސޯ މިކަމަށް ބޭކާރު ހިޔާލެއް ބޭނުމެއް ނުވޭ." ޝައިނާ ހިތްހަމަނުޖެހިފައިހުރި ނަމަވެސް ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ.
ރިއާންއާއި ރާހިލްއަށްވެސް އެކަމުން ހައިރާންކަމެއް ލިބުނެވެ. މިއި ޝައިނާ ކުރިން ދުވަހަކުވެސް މީހަކާ ވާހަކަ ދައްކަނިކޮށް އޭނާއަށް އިވިފައިވާ ގޮތެއް ނޫނޭ ރިއާންގެ ހިތަށް އެރިއެވެ. ޚުދު ޝައިނާއަށްވެސް ވާހަކަ ދެއްކުނު ގޮތާއިމެދު ވިސްނައިލެވުނެވެ. އޭނާއަކީ އާންމުގޮތެއްގައި ކުރާ މަސައްކަތަށް ލިބޭ ފާޑުކިޔުން ބަލައިގަންނަ މީހެކެވެ. ނަމަވެސް ރާހިލް ފެނުމުން އޭނާގެ ލޭ ރުޅިން ކެކިގަތީއެވެ. ހެނދުނު ހިނގައިދިޔަ ކަންތަކުގެ ސަބަބުން އޭނާ ރާހިލްދެކެ ފޫހިވެފައި ހުރުމުން ކަމުގައިވެސް ވެދާނެއެވެ.
ރާހިލްއަށްވެސް ފާޑަކަށް ޝައިނާދެކެ ހިތްހަމަނުޖެހެވުނެވެ. މިއީ މިއަދު އޭނާ ވާހަކަ ދައްކަނިކޮށް ޝައިނާ ޖުމްލަ މެދު ކަނޑާލި ދެވަނަ ފަހަރެވެ.
"ރިއާން އިޒް މައި ބެސްޓްފްރެންޑް. އަހަރުމެން ދެމީހުން ވިސްނާނީވެސް އެއްގޮތަކަށް. ސޯ އަހަރެންނަށް މިގޮތް ކަމުނުދަންޏާ ރިއާންއަކަށް ވަކި.." ރާހިލް ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. ޝައިނާ ރާހިލްއާ ދިމާލަށް ކަޅި އަޅައިލިއެވެ. އަދި އަނެއްކާވެސް ރިއާންއާ ވާހަކަ ދައްކަން ފެށިއެވެ.
"ހިތްހަމަ ނުޖެހޭ ކަމަށްވާނަމަ އަސްލު އެބައިން އިތުރު ދެ ބެކަޕް ޕްލޭން. އަޅުގަނޑު ސަރ އަށް ދައްކާ–"
"ހައް އަހަރެން ބުނީމަ ދޯ އެއްބަސްވާން ބޭނުން ނުވަނީ. އަމިއްލައަށްވެސް ގަބޫލު ކޮށްފީމެއްނު އަހަރެން ލައިކް ނުވާ ޑިޒައިނެއްވަކި ރިއާނަށް ސެލްއެއް ނުކުރެވޭނެކަން. ވީ ބޯތް ތިންކް އެލައިކް. އަހަރެން އިމްޕްރެސް ނުވާ އެއްޗަކަށް ވަކި ރިއާންގެ އެޕްރޫވަލް ލިބޭނޭ ހީކުރީތަ؟ އަހަންނަކަށް ނޭނގެ ކުއްލިއަކަށް އެހާ ޒާތީވެގެން އަހަންނާ ޒުވާބު ކުރަންވީ ސަބަބެއް" ރާހިލް މަލާމާތުގެ ރާގަކަށް ބުންޏެވެ.
ޝައިނާއަށް ކެތްކުރެވުނީ އެހިސާބަށެވެ. މޭޒުގެ އަނެއްފަރާތުން ނުކުމެގެން އައިސް ރާހިލްގެ ކުރިމަތީގައި ހުއްޓުނެވެ. އަދި މެއާ ދިމާލުން ދެ އަތް ހުރަސްކޮށްލިއެވެ. އަރައިފައިވާ އުސް ފައިވާނުގެ ސަބަބުން ޝައިނާގެ 5 ފޫޓާއި 5 އިންޗީގެ އިސްކޮޅަށް ދެ އިންޗި އިތުރުވެފައި ވިނަމަވެސް އޭނާ އަދިވެސް އަރަނީ ރާހިލްގެ ދަތްދޮޅިއާ ހިސާބަށެވެ. ވީފޫހިން ޝައިނާއަށް ދެންވެސް ފާޑަކަށް ތުން އަނބުރައިލެވުނެވެ.
"ރާހިލް ރައިޓް؟ އަހަރެންނަކާ ބެހޭކަމެއް ނޫން ރާހިލްއާއި ރިއާން ވިސްނަނީ ކުރަނީ އެއްގޮތަށްތޯ ނޫންތޯ ބެލުންވެސް.. ނޫނީ ރާހިލްއަށް އަހަރެންގެ މަސައްކަތެއް ކަމުދޭތޯ ނުދޭތޯ ބެލުންވެސް. އަހަންނަށް އެނގޭހާވެސް އެއްޗަކީ ރާހިލްހާ އަންހެނުންނަށް ގަދަރުނުކުރާ މީހެއް ނޫންކަން ރިއާން އަކީ. އިނގިއްޖެތަ ޒާތީވި ސަބަބު" ޝައިނާ ރާހިލްއާ ހަތަރުކަޅި ހަމަކޮށްލައިގެންހުރެ ބުންޏެވެ.
"ޝައިނާ… ކާމް ޑައުން" ރިއާން ބުނެލިއެވެ. ނަމަވެސް ޝައިނާއަކަށް އެ އަޑެއް ނީވުނެވެ. ރާހިލް ހަށިގަނޑު އިތުރަށް ސީދާ ކޮށްލަމުން ޝައިނާއަށް ބަލައިލިއެވެ.
"އެނގޭދޯ ކިހާބޮޑު ތުހުމަތެއްކަން ތިކުރެވުނީ. އަހަންނާ ދޭތެރޭ ތިކަހަލަ ގޮތަކަށް ތި ނިންމީ ކިހާވަރަކަށް އަހަރެންގެ ގޮތް އިނގިގެންތޯ އަހައިލެވިދާނެތަ؟" ރާހިލް އަހައިލިއެވެ. ޝައިނާގެ ގާތަށް ހިނިއައެވެ.
"އެކަހަލަ ގޮތަކަށް ކުއްޖަކު އޮއްވާ އަހަންނަށް އެތަނަށް ވަންނަން ހުއްދަ ދިނީމަ ރާހިލް އަންހެނެއްގެ ކަރާމާތް މިންކުރަނީ ކިހާ މިންގަނޑެއްގަ ކަމާމެދު ގޮތް ނިންމަން މާ ބޮޑަކަށް ވިސްނާކަށް ނުޖެހޭނެ ކަންނޭގެ" ޝައިނާ ޖަވާބުދިނެވެ.
"ތި ބުނާ ގަދަރާއި އިހްތިރާމް ހައްޤުވާ ވަރު މީހަކަށް އަހަރެންވެސް ގަދަރު ކުރާނެ. މި އޮފީހުގެ އެކަކަށްވެސް ނުހާގެ ގޮތް އޮޅިފައެއް ނޯންނާނެ ކަންނޭގެ. އަނެއްކާ އެއީ ނުހާއަށްވެފަ ތި ކުއްޖާއަށް ނުވީމަތަ ތިވަރެއް ތިވީ. އަދި ރުޅިއަންނާކަށް ނުވޭނު. މިރޭވެސް އަހަރެން މިހިރީ ހުސްކޮށް" ރާހިލް ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިލައި ދެކޮނޑު އަރުވާލަމުން ބުންޏެވެ. ޝައިނާއަށް ހުރެވުނީ ރާހިލްގެ ވާހަކަ ގަބޫލުވެސް ނުކުރެވިފައެވެ.
"ޔޫ ޗީޕް ޕީސް އޮފް ޝި*. އިންސާނަކަށްވީތީ މީހަކަށް ދޭން ޖެހޭ ރެސްޕެކްޓްދޭން ވަކި ޝަރުތު ތަކެއްވެސް ހުރޭތަ. އެހެންވިއްޔާ ތިކަހަލަ ވިޔާނުދާ ގޮތެއްފޮތެއް ނެތް މީހުނަށް ދުނިޔޭގަ އެއްވެސް ރެސްޕެކްޓްއެއް ހައްގެއްނުވާނެ. ތިކަހަލަ މީހަކަށް އަހަރެން އެ ނަޒަރުން ބަލާލާނޭ ވެސް ހީ ނުކުރައްޗޭ" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝައިނާ ބުނެލިއެވެ.
ރާހިލްއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް ވީއްލާލިހެނެވެ. ނަމަވެސް އޭނާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.
"މީ ޝައިނާއާ އެއްވެސް ގުޅުމެއް އޮތް ކަމެއްނޫން. ކީއްވެ މިކަންތަކާ މާބޮޑަށް އަޅައިގަނެގެން ތި އުޅެނީ. ނިކަން ބުނެބަލަ. މިއަދު އެގޮތަށް ފެނުނީމަ ޝައިނާވެސް" ރާހިލް ޝައިނާއާ ދިމާލަށް ފިޔަވަޅެއް އަޅައިލަމުން އަތުގެ ނުފުށުން އެ ކޯތާފަތުގައި އަތް ބީއްސައިލިއެވެ.
ޝައިނާއަށް ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަމަވެސް ފަހަތުގައި ހުރި މޭޒުގައި އޭނާ ޖެހުމާއެކު އިތުރަށް ފަހަތަށް ދެވޭގޮތެއް ނުވިއެވެ. ޝައިނާ ދުރުގައިހުރި ރިިއާނަށް ބަލައިލީ ރާހިލް ހުއްޓުވާށޭ ބުނާފަދައަކުންނެވެ. އެހެންނޫންނަމަ އޭނާގެ އަތުންފައިން ގޯހެއް ހަދަން މަޖުބޫރުވެދާނޭ ރިއާނަށް އަންގައިލިކަހަލައެވެ. އެ އިޝާރާތް ރިއާންއަށް ފުދުނެވެ. ރިއާން އެ ހުރިހާއިރު މަޑުން ހުރެވުނީވެސް އޭނާއަށް ޝައިނާއާއި ރާހިލްގެ ދެމެދުގައި އޮތީ ކޮން ގުޅުމެއްކަން ދޭހަ ކުރަން ނޭނގިފައެވެ.
"ރާހިލް. މީ އޮފީހެކޭ. ހަމަޖެހިބަލަ" ރާހިލްއަށް ރިއާން ބުނި އެއްޗެއް ނީވޭ ކަހަލައެވެ. އޭނާގެ ސަމާލުކަން ޝައިނާއަކާ ވަތްކެއްނުވެއެވެ.
"ހަޖަމް ނުވީތަ؟ ނުހާގެ ބަދަލުގަ ޝައިނާ ރޭގަ އެ އެނދުގަ ނެތީމަ؟ ނޫނީ" އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާގެ ކަންކަށިމައްޗައް އެރީ ޝައިނާގެ އަތުގެ ހޫނު ހަމަލާއެކެވެ. ޝައިނާ އިތުރަށް އަނގައިން ބަހެއްވެސް ނުބުނެ މޭޒުމަތީގައިހުރި ހުރިހާ ކުރެހުމެއް ނަގަން ފެށިއެވެ.
"ފަހުން މިކަމާ މަޝްވަރާ ކޮށްލާނެ ވަގުތެއް ދެއްވާ" އިސްޖަހައިލައިގެންހުރެ އެހެން ބުނުމަށްފަހު ޝައިނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ދޮރާއި ހަމައަށް ދިޔުމަށްފަހު އެއްޗެއް ހަނދާންވެގެންކަހަލަ ގޮތަކަށް އޭނާ މަޑުޖެހިލިއެވެ. އަލުން އަނބުރައިލައިފައި އައިސް ރާހިލްގެ ކުރިމަތީގައި ހުއްޓުނެވެ.
"ލުކް އެޓް މީ!" ޝައިނާ އެހެންބުނުމާއެކު ކެބިންގެ އެއްދިމާލަކަށް ބަލަހައްޓައިގެން ހުރި ރާހިލް ލާނެތް ގޮތަކަށް ހީލިއެވެ. ދެމީހުންގެ އިސްކޮޅުގައިހުރި ފަރަގުގެ ސަބަބުން ޝައިނާއާ ހަތަރުކަޅި ހަމަކުރުމަށް ރާހިލް ޖެހުނީ އިސްޖަހާށެވެ.
"ޔޫ.. އިވަން އިފް ޔޫ ވަރ ދި ލާސްޓް މޭން އޮން އަރތް. އައި ވިލް ނެވާ ސްލީޕް ވިތް ޔޫ!" ޝައިނާ ސީދާ ރާހިލްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައިގޮސް ކެބިންއިން ނުކުތެވެ. އެހުރިހާ މަންޒަރެއް ބަލަން ބަސްހުއްޓިފައިހުރި ރިއާން އަތްޖަހައިލިއެވެ.
"ވާއު ރާހިލް. މާލެ އައިތާ ތިން ދުވަސްނުވޭ މިހާރާލާ މި އޮފީހުގަ ހަމަނުޖެހުމެއް ހިންގާލީ. ހެޔޮނުވާނެ ރާހިލްގެ ޑޭޓިންގ ލައިފް މި އޮފީހުން ބޭރުގަ ބާއްވާ. އަހަރެން ބޭނުމެއްނޫން އެއްވެސް ފުރައްސާރައެއްގެ ކަމަކާހެދި އޮފީހުގެ ނަން ހަޑިވާކަށް" ރިއާން ގޮނޑީގައި އިށީނދެލަމުން އޭނާގެ ލެޕްޓޮޕް ހުޅުވައިލިއެވެ.
"ޝީޒް އޯސަމް ރިއާން." ރާހިލް އޭނާގެ ހިޔާލީ ދުނިޔޭގައި ހުރެ ސޯފާއަށް ވެއްޓިގަންނަމުން ބުނެލިއެވެ.
"ރާހިލް …ދެންމެ މިބުނި އެއްޗެއް އިވިއްޖެތަ؟" ރިއާން އެއްސެވެ.
"ކޮން އިރަކުތަ އެބުނާ ދަތުރެއްދަނީ. ލާމުގަތަ އެ ހޮޓެލް އަޅަނީ؟" ރާހިލް ރިއާންގެ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދި އެހިއެވެ. ހަގީގަތުގައިވެސް ރާހިލް އެވާހަކަ ދޫކޮށްލީކަމުގައި ރިއާން ހީކުރިއެވެ.
"ހޮނިހިރު ދުވަހު ފުރާ. ލާމުގަ ސަރުކާރުންވެސް ޓޫރިޒަމް ޕްރޮމޯޝަންތައް ގިނަ ކުރާތީ މި ވިސްނަނީ އެއި ޕޮޓެންޝިއަލް މާކެޓެއްކަމަށް." ރިއާން ޖަވާބުދިނެވެ.
"ކޫލް.. އަހަރެންވެސް ދާނަން" ރާހިލް ހަމަޖެހިލައިފައި ބުންޏެވެ.
"ވަޓް؟ ނޫން ރާހިލް. ތިއީ ޝައިނާ ބުނިހެން މިތަނުގެ ސްޓާފެއްވެސް ނޫނެއްނު. އެހެންނޫނަސް އަހަރެންނަށް އިނގޭ ތި ކުރަން އުޅޭކަންތައް. ރާހިލްގެ ތި ކުޅިގަނޑަށް ޝައިނާ ނުވައްދާ!!" ރިއާން ހީވި އޭނާގެ ފަހުބަސް އިއްވާލިހެނެވެ.
"ތި ދެމީހުންގެ މެދުގަ ކަމެއް އޮތީތަ؟. މިހެން މި ބުނީ.. ޝައިނާވެސް ރިއާން ދިފާއު ކުރިއިރު ހީވަނީ އެހެންފަދަ ކަމެއްހެން. މިހާރު ރިއާންވެސް ތިބުނީ ޝައިނާ މިކަމަށް ނުވައްދާށޭ… އެއީ ރިއާންގެ ކަމަކިއްޔާ އަހަރެން ނޫޅޭނަމޭ." ރާހިލް ސީރިއަސް ވެލައިފައި އެހިއެވެ.
"ރާހިލް. ޝައިނާއަކީ ވަރަށް ނިކަމެތި ކުއްޖެއް. ނޯ ޕޭރެންޓްސް. ކިޔަވަނީވެސް މިކޮޅުގެ ސްޕޮންސަރޝިޕެއްގަ.. މިއަހަރު ނިމޭނެ. މި އޮފީހުގެ އެހެން ސްޓާފުން އަހަރެންނަށް އެޓެންޝަން ދޭގޮތް ރާހިލްއަށް އެނގޭނެ. ތުއިވާވަރުން އެއިން މީހަކާ ވާހަކަ ދައްކާ ނުލެވޭނެ. އެކަމަކު ޝައިނާ ތަފާތު.. ޝައިނާ އަހަރެންނަށް ކުރަނީ ހަމަ މުދައްރިސަކަށް ކުރާ އިޙްތިރާމް.. އެހެންވީމަ ޝައިނާއަކީ އަހަރެންގެ ކޮއްކޮއެއްކަހަލަ ކުއްޖެއް. އެހެންނޫނަސް ޝައިނާ މި އޮފީހަށް ވެއްދީ ވާފިޔާއްތަގެ ބުނުމަކަށް. މިހާރު އެކަމަކު އިނގޭ އެއީ ނަސީބުކަން. ރާހިލްއާ ހެދި އެކަހަލަ ސްޓާފެއް އަހަރުމެންނަށް ގެއްލޭކަށް ބޭނުމެއްނޫން." ރިއާންގެ ވާހަކަ ނިމުމާއެކު ރާހިލް ފިލްމީގޮތަކަށް ކަރުނަ ފޮހެލާކަމަށް ހެދުނެވެ.
"ވާ ވާ ވާ. ރޮވިއްޖެ. ރިއާން ކޮއްކޮއެއްހެން ދެކެންޔާ ތިކަމުގަ އަހަރެންނަށް އެއްވެސް ހުރަހެއް ނެތެއްނު. އެހެންނޫނަސް ރިއާނަށް އެނގޭނެ އަހަރެން އަބަދުވެސް ތަންތަން ބަލާލަން ދަތުރުކުރާ ހިތްވާވަރު. އެހެންވެކަން ޗުއްޓީގަ މާލެނައިސް އެކޮޅުގަވެސް މަޑުކުރީ. އަހަރެން މިފަހަރު ދާނަން. ކޮންމެވެސް ކަމެއް ކުރާނީ. ރިއާން އަހަރެންނާ ޖައްސާނީއެއްނު އެކޮޅުގެ ކޮންމެވެސް މަސައްކަތެއް.. އެހެންވީމަ އަހަރެން ގޮސްލީއޭ.. ދަތުރަށް ހަދަން ޖެހެއެއްނު" ރާހިލް ދޮރާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ.
"ވީ އޮލްރެޑީ ހޭވް ޕީޕަލް ފޯ އެވްރިތިންގް ރާހިލް" ކެބިންގެ ދޮރު ލެއްޕުން ވަގުތު ރިއާންގެ އަޑު ފޭދިގެން އިވުނެވެ.
***************
ކޮޓަރީގައި ދެކޮޅަށް ހިނގަހިނގާ ހުރި ޝައިނާ ރުޅިއައިސްފައިހުރެ ކޮންމެވެސް މީހަކާދިމާލަށް ކުދިކިޔަމުން ދިޔައެވެ.
"ހަމަ ހުވާ މި ބުނީ ހިތަށްއެރި އެތަނުންތަނަށް ބޮލުގަ ހިފައިގަނެ ހުރިހާ އިސްތައްޓެއް އުފުރާލަންވެސް. މި ހުސް އޭނަގެ ކަންތައް. އޭނައާހެދި ރިއާން ކުރިމަތީ އެގޮތަށް އޭނައާ ޒުވާބުކުރަން ޖެހުނީ. އޯ ގޯޑް. ލަދުން ބޯހަލާކު" ހެދުން އަޅުވާ އަލަމާރި ހުރި ހިސާބަށްގޮސް ޝައިނާ އޭގައި ނިއްކުރި ޖައްސައިލިއެވެ.
"އައި މީން. ސިސްއަށް އެނގެންވާނެ އެއްނު އެތާ ރިއާން ހުރިކަން.. އެހެންނޫނަސް… ސިސް ކީއްވެތަ އަހަރެން ކައިރި ތިކަހަލަ ކޫސަނި ޝަކުވާ ތި ކުރަނީ؟ ކޮބާތަ ޒީ؟" އެ ހުރިހާއިރު އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިން ޝިމާން އެންމެފަހުން ބުންޏެވެ.
"އެއި ޒީގެ ދޮންބެއޭ. ކިހިނެއްތަ ޒީ ކައިރި ކިޔާނީ…. ހުވާ މިބުނި ހާދަ ފޫހި މީހެކޭ ހިތަށް އަރާ ހަމަ–" ޝައިނާ އޭނާގެ އަތުގެ އިނގިލިތަށް އެތެރެއަށް މަޅައިލަމުން މޫނަށް ވައްތަރެއް ޖައްސައިލިއެވެ.
***************
ދުވެ ނިންމާފައި ގެއަށް އައިއިރު ރާހިލްގެ ގައިން ހުރިހާ ހަކަތައެއް ހުސްވެފައިވާ ކަހަލައެވެ. އައިސްއަލަމާރިން ފެންފުޅިއެއް ހިފައިގެން އައިސް ސިޓިންގްރޫމްގެ ސޯފާއަށް ހަށިގަނޑު ދޫކޮށްލިއެވެ. ލޯމަރައިލައިގެން ނޭވާ ހަމައަކަށް އަޅުވާލަން އޮއްވާ ސިއްސައިގެންދިޔައީ ކުއްލިއަކަށް ފަހަތުން މީހަކު އައިސް އޭނާގެ ލޮލުގައި އަތް އެޅުމުންނެވެ.
"ސާބަހޭ ޒީ" ރާހިލް ޔަގީން ކަމާއެކު ބުނެލިއެވެ.
"ހުއް. އިނގިއްޖެއެއްނު ފޭވަރިޓް ސިސްޓަރ" ރާހިލްގެ ކޮނޑުގައި އަތްއަޅައި ކޮއްޕާލަމުން އިޝްވާގޮސް އެކަކަށް އިށީނދެވޭގޮތަށް ހުރި ސޯފާގައި އިށީނެވެ.
"ކަމޯން އިޝީ.. މާލޭގަ ނޫޅެއޭ ބުނެފަ އޮއްވާ ހިއެއް ނުކުރާނެ ދޯ. އެހެންނޫނަސް އެއްޗެއް ވިސްނޭ ވަރަށްވުރެ ވަރުބަލި" އަދިވެސް މާނޭވާ ލަމުން ރާހިލް ބުންޏެވެ.
"ތިވަރުން ދެން މާ ދުވެވޭ މީހަކަށް ވެގެން ދުވަން ނުދާންވީނު؟" ފަހަތުން ޒީވާގެ އަޑު އިވުނެވެ.
"ސިޑިންނޭ އެރީ. އަށް ފްލޯ." ރާހިލް އޭނާގެ ދިފާއުގައި ބުނެލިއެވެ.
އެވަގުތު އިޝްވާ އެއްލި ކުޝަންއަކުން ރާހިލް އަނގަޔާ ދިމާލަށް އަރިކޮށްލައިގެން ހުރި ފެންފުޅީގައި ޖެހި އޭނަގެ ގަޔަށް ބަންޑުންވިއެވެ. ރައްދުގައި ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އިޝްވާ ދުވެފައިގޮސް ޒީވާގެ ފަހަތަށް ވަނެވެ. އޭރު ޒީވާ ޕަކަޕަކަލާފައި ހެނީއެވެ. ދެމިހުންނަށްވެސް ހައިރާންކަން ގެނުވީ ރާހިލްވެސް އިޝްވާގެ ހަމަލާއަށަ ރައްދުދޭން ނޫޅެ އަމިއްލައަށް މޮޔައެއްހެން ހޭން ފެށުމުންނެވެ. "ކަރްމާ" ރާހިލް ހެވިފައިއޮވެ ބުންޏެވެ.
"އެނގޭތަ ކުރީދުވަހު އަހަރެން ކޮފީއެއް ނިންމާފަ ނުކުތްގަޑީ…" ރާހިލް އޭނާއަށް ދިމާވި ވާހަކަ ކިޔައިދީ ނިމުނުއިރު ޒީވާ އިނީ ދެލޯ ބޮޑުކޮށްލައިނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާ ހޭންފެށިއެވެ.
"އޯމައިގޯޑް… ހަހަހަހަ.. އެނގޭތަ ކާކުކަން އެއީ. ޝައިއެއްނު.. އެދުވަހު ހުއްޓޭ ފޯރިއެއް..އަދި ބުނަނީ.." ޒީވާ ހީހީފައި ޝައިނާ އުޅުން ގޮތުގެ ވާހަކަ ކިޔައިދިންއިރު ރާހިލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ތަޤުދީރު އޭނާއާއި ޝައިނާ މާކުރިންވެސް ބައްދަލު ކުރުވައިފިތާއެވެ؟
No comments yet
Be the first to share your thoughts about this episode!