Episode 17

ހިތް އެދޭހާ ކަމެއް.. (17 ވަނަބައި)

"އަހަރެން އުޅުނީ އަސްލު ވާހަކައެއް ދައްކަންވެގެން. އެކަމަކު ދެން ތިރިއަށް ފައިބާފަ ދޯ. މިތާކު ނޫން" ރާހިލް ބިލް ގެނައުމަށް ވެއިޓަރަށް އިޝާރާތްކޮށްލަމުން ބުންޏެވެ.

*************

ރެސްޓޯރަންޓުން ފޭބުމަށްފަހު ދެ ޒުވާނުން ކާނިވަލް ސަރަހައްދުގެ ތިރީގައިވާ ހުސްކޮށް އޮތް ޖާގައިގައި ހިނގަމުންދިޔައެވެ. ވަކިހިސާބަކުން އެތަނުގައި އުޅުނު ބުޅާތައް ފެނި ޝައިނާ އެދިމާލަށް ދުއްވައިގަތެވެ. އަދި ކޮންމެ ބުޅަލަކާ ދިމާލަށް ހުއްޓި ދަބަހުން ނެގި ޕެކެޓެއްގައިހުރި އެއްޗެއް އެބުޅަލެއްގެ ކުރިމައްޗަށް އަޅަމުން ދިޔައެވެ. ރާހިލްވެސް ޝައިނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ޝައިނާގެ ގާތުގައި ހަރަކާތްތެރިވަމުންދިޔައެވެ.

"ތީ ހަމަ އަބަދުވެސް ދަބަހުގަ ގެންގުޅޭ އެއްޗެއްތަ؟" ރާހިލް ޝައިނާގެ އަތުގައި އޮތް ބުޅަލަށް ކާންދޭ ޕެކެޓަށް އިޝާރާތްކޮށް ބުންޏެވެ.

"ނޫން. އަބަދު މި ގެންގުޅޭނީ ކިހިނެއް. މިރޭ މިދިމާލަށް އަންނަކަން އެނގުނީމަ ބުޅާތައް ކައިރިއަށް އާދެވިދާނޭ ހީކޮށް ގެނައީ. ސޯ ލޯބި ދޯ؟" ޝައިނާ އެތަނުން ބުޅަލެއް އުރައިލުމަށްފަހު ރާހިލްއާ ދިމާލަށް ދިއްކޮށްލިއެވެ.

"ޗީ. އައި ހޭޓް ކެޓްސް. ޑިސްގަސްޓިންގް ކެހެރި" ރާހިލް ފަހަތައް ފިޔަވަޅެއް އަޅައިލިއެވެ. ޝައިނާ ތުންއަނބުރައިލުމަށްފަހު ރާހިލްއަށް ލޯ އަޅައިލަމުން ބުޅަލުގެ ގައިގައި ފިރުމަށްފެށިއެވެ.

"އެމީހާ ދައްކާ ވާހަކަ އަޑު ނަހައްޗޭ އިނގެ ކެޓް. ޔޫ އަރ ނޮޓް ޑިސްގަސްޓިންގް ހީ އިޒް ޑިސްގަސްޓިންގް" ޝައިނާ އެ ބުޅަލާއި ވާހަކަދައްކަން ފެށިއެވެ. ގަބޫލުނުކުރެވިފައިހުރެ ރާހިލް ހެމުން ހެމުން ދެފަރާތައް ބޯ ހޫރައިލިއެވެ.

"ތިހާ ލޯބިވަންޏާ ކީއްވެތަ ބުޅަލެއް ނުގެންގުޅެނީ؟" ރާހިލް ސުވާލުކުރިއެވެ.

"އަހަރެންނަށް ވަގުތު ނުވެދާނެތީ. އަހަރެން ބޭނުމެއް ނުވޭ އެޓޭޗް ކޮށްލާފަ ދޫކޮށްލާކަށް. އެހެންނޫނަސް ދާ ކޮންމެތާކުވެސް ބުޅާ ހުރެއެއްނު. ރިމެމްބަރ އެކޮޅުގަ ވިހައިގެން އުޅުނު ބުޅާ؟ ވަރަށް ލޯބި އޭގެ ކުދި ބުޅާތައް މިހާރު. ކުރީދުވަހު ތޫބާ ފޮޓޯ ފޮނުވީ. ބަލާބަ" ޝައިނާ އަތުގައި އޮތް ބުޅާ ތިރީގައި ބަހައްޓައިލުމަށްފަހު ރާހިލް ކައިރިއަށްއައިސް ހުއްޓިލަމުން ފޯނު ހުޅުވައިލިއެވެ.

ޝައިނާ ފޯނުން އެކި ފޮޓޯތައް ދައްކަމުން އެ ބުޅާތަކާބެހޭ ވާހަކަތައް ކިޔައިދިން ނަމަވެސް ރާހިލްގެ ސިކުނޑިއަށް އެއިން އެއްވެސް ވާހަކައެއް ފަހުމު ނުވާކަހަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޝައިނާ ހިނިތުންވެފައިވާ މޫނަށެވެ. ޒީވާއާއެކު އުޅޭ ވަގުތުތައް ފިޔަވައި އެހެން ވަގުތެއްގައި ޝައިނާގެ މޫނު އެހާ އުޖާލާވެފައި ހުންނަތަނެއް އޭނާއަށް މީގެ ކުރިން ފެނިފައެއް ނުވެއެވެ. އެހެންވެ އޭނާ ދައްކަން އުޅުނު ވާހަކަ ދައްކައިގެން މިވަގުތު އެ މޫނުގައިވި އުޖާލާކަން ގެއްލިދާނެ ކަމާމެދު ރާހިލް ހާސްވާންފެށިއެވެ. އެދެމުގައި އުފެދިފައިވާ ރަހްމަތްތެރިކަން ގެއްލިދާނެކަމުގެ ބިރު ހީވަމުންދިޔައެވެ. ރެސްޓޯރެންޓްގައި ތިބި އިރުވެސް އޭނާއަށް އެވާހަކަ ދައްކާނެ ހިތްވަރު ނުލިބުނު ސަބަބަކީ އެއީއެވެ.

"ރާހިލް… ރާހިލް. އަޅެ ދެން ބަލާބަ" ޝައިނާ ރާހިލްގެ މޫނުގައި ހިފައި ފޯނާ ދިމާލަށް އަނބުރައިލިއެވެ. އެ ބީހުމާއެކު ރާހިލްގެ ސިކުނޑި އަމިއްލަ ހިޔާލުތަކުން ހޭލައްވައިލި ކަހަލައެވެ.

"އާނ ޔެސް ކީކޭ؟" ރާހިލް ޝައިނާގެ ފޯނަށް ބަލައިލަމުން ބުންޏެވެ. ޝައިނާ ދެއްކި އެއްވެސް ވާހަކައެއް ރާހިލް އަޑުނާހާކަން އެނގުމާއެކު ޝައިނާ މީ ފޫހިން ފޯނުގެ ޑިސްޕްލޭ ނިއްވައިލަމުން ދަބަހަށް ލިއެވެ.

"އަހަރެންނަށް އެނގޭ މިރޭ ރާހިލްއަށް ކޮންމެސް ކަމެއް ވެގެން އެބަ އުޅޭކަން. ނޭނގެނީ އެއީ ކޮންކަމެއްކަން. ރެސްޓޯރަންޓްގަ ތިބިއިރު ބުނީ ތިރިއަށް ފައިބާފަ ވާހަކަ ދައްކާނަމޭ. މިހާރު މިހިރީ ތިރީގަ. ދެން ވީގޮތެއް ބުނަންވީނު." ޝައިނާ ހިތްހަމަ ނުޖެހިފައިހުރެ މޫދުގެ ތޮށިގަނޑާއިވީ ދިމާލުގައި ރާނައިފައިވާ އުސްފާރުގެ މައްޗަށްއަރާ އިށީނދެލަމުން ބުންޏެވެ. ރާހިލް މަޑު ހިނގުމެއްގައި ގޮސް ޝައިނާ ގާތު ހުއްޓިލިއެވެ.

"ޝައިނާއަށް މިކަން ގަބޫލު ނުކުރެވިދާނެ."

"ކޮންކަމެއްތަ؟؟ އަޅެ ބުނީމަ ދޯ އެނގޭނީ"

"ފަހަރެއްގާ ޝައިނާ އަހަރެންދެކެ ހިތްހަމަ ނުޖެހިދާނެ" ރާހިލް ޖެހިލުންވިއެވެ.

"ތީ އެއްވެސް އިރެއްގަ އަހަރެން މާ ހިތްހަމަ ޖެހޭ ގޮތަކަށް އުޅޭ މީހެއްތަ؟"

"އެކަމަކު މިކަން މުޅިން ތަފާތު"

"ބުނީމައެއްނު އެނގޭނީ"

"އަހަރެން ވަރަށް ގަޔާވާ ކުއްޖަކު އެބަހުރި" ރާހިލް ދެހިޔާލެއްގައިހުރެ ބުންޏެވެ. ޝައިނާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަތުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

"ދެން؟" ޝައިނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ހާސްކަމެއް ނުވަތަ ހައިރާން ކަމެއްގެވެސް ނިޝާނެއް ނެތެވެ.

"އަހަރެން ބުނި އެއްޗެއް އަޑު ނީވޭތަ؟ އަހަރެން ވަރަށް ގަޔާވާ ކުއްޖަކު އެބަ ހުއްޓޭ؟" ރާހިލް ތަކުރާރު ކޮށްލިއެވެ.

"އެންޑް؟" ޝައިނާ ކުރިންވެސް އެހި ރާގުގައި އަހައިލިއެވެ.

"ޝައިނާއަށް އަހަރެން މި ކިޔާ އެއްޗެއް ނޭނގެނީތަ؟" ރާހިލްގެ ނިތަށް ރޫތައް ގިނަވިއެވެ. ޝައިނާގެ މޫނުމަތީގައިވާ އޮމާން އަސަރުތަކުން ރާހިލްގެ ހިތް ނުތަނަވަސްވާން ފެށިއެވެ.

"އަހަރެންނަށް ތި ކިޔާ އެއްޗެއް އިވެޔޭ. ޔޫ ލައިކް އަ ގާރލް. އެއީ އާ ކަމެއް ނޫނެއްނު. ތީ މަހަކު ދެތިން ކުދިންދެކެ ލައިކްވާ މީހެއްނު. ތި ބުނާ ގަބޫލުނުކުރެވޭ ޝޮކިންގް ވާހަކައިގެ އިންތިޒާރުގަ އަހަރެން މިހިރީ. އަނެއްކާ އެކުއްޖާ ރާހިލް ރިޖެކްޓް ކުރީތަ؟" ޝައިނާ ހަމަޖެހިފައި ބުންޏެވެ.

"މިދާވަރުން ދަންޏާ ކުރާނެހެން ހީވަނީ" ރާހިލް މަޑުމަޑުން ކިރިޔާ އަމިއްލަ މީހާއަށް އިވޭވަރަށް ބުންޏެވެ.

"ކީކޭ؟" ޝައިނާއަށް ރާހިލް ކީ އެއްޗެއް ރަނގަޅަށް ފަހުމް ނުވުމުން އެހިއެވެ.

"މިބުނީ އަހަރެން އަދި އެކުއްޖާ ކައިރި ނުބުނަމޭ. އަހަރެން އެކުއްޖާ ކައިރި ބުނާނީ ކިހިނެއްތަ؟" ރާހިލް އަހައިލިއެވެ.

"އަހަރެން ކައިރިތަ ތި އަހަނީ؟ އަހަރެންނަށްވުރެ އިޝީވެސް ތިކަމަށް މާ މޮޅުވާނެ. އެހެންނޫނަސް ރާހިލްއަށް އެނގޭވަރަށް ތިކަހަލަ ކަންކަން އެނގޭނެ އިތުރު މީހެއް ހުންނާނެހެނެއް އަހަންނަކަށް ހިއެއްނުވޭ. އަހަރެންމީ އަދި ކާކު؟ ރާހިލް ހަމަ އެހެންކުދިން ކާމިޔާބު ކުރާ ގޮތަކަށް ތިކުއްޖާވެސް ވާނެއެއްނު" ޝައިނާ ކޮނޑުއަރުވައިލަމުން ފަރުވާކުޑަ ރާގެއްގައި ބުންޏެވެ. ރާހިލް ފުންނޭވާއެއް ދުކޮށްލުމަށްފަހު ޖީބަށް އަތް ޖަހައިިލައިގެން ހުރެ ޝައިނާ އިށީނދެއިން ފާރުގައި ލެގިލިއެވެ.

"ޝައިނާއަކަށް އަދި ނޭނގޭނެ. ތިބުނާ ހުރިހާ އަންހެންކުދިންނާ އޭނައާ ހާދަ ތަފާތޭ.. އެއީ ވަރަށް ގޮތުގަ ހުންނަ ކުއްޖެއް. ވަރަށް ބޯހަރުވާނެ. އެހާ ފަސޭހައިން އޭނަ ކާމިޔާބު ކުރެވޭނެހެން އަހަރެންނަކަށް ހިއެއްނުވޭ. އަހަރެން ކަމެއް ކުރާގޮތުން އޭނާ ރުޅިވެސް އަައިސްފާނެ. ޑޯންޓް ގެޓް މީ ރޯންގް. އޭނާ ރުޅިއައިމަ އަހަރެން ވަކި ބިރެއްނުގަނޭ.. ރުޅި އައިސްފަ ހުންނަ އިރުވެސް އެހާ ލޯބި. އެކަމަކު އަހަރެން އެކުއްޖާ ގެއްލޭކަށް ބޭނުމެއްނޫން. ބޭނުންވަނީ އެ ރީތިކަން އަހަރެންގެ މިލްކަކަށް ހަދަން. ދޯސް ޝަރޕް ބިއުޓިފުލް އައިޒް. ދޯސް ސްވީޓް ލިޕްސް" އެހިސާބަށް ވާހަކަ ދިޔުމާއެކު ރާހިލް ހިންދިރުވައިލިއެވެ. ފަޅިސުކުންތަކަށް އޭނާގެ ނަޒަރު ޝައިނާގެ ތުންފަތަށް ހުއްޓުނު ނަމަވެސް އޭނާގެ ވާހަކަ ހުއްޓާލާކަށް ގަސްދެއް ނުކުރިއެވެ. "ޕަރީއެއްހާ ރީތި. ޕަރީއެއްހާ ހިތްހެޔޮ. މިބިންމަތީގައި ޕަރީން އުޅޭނަމަ އެއީ ޕަރީއެއްބާއޭ އަހަރެން ހިތަށް އަރާ. އަހަރެންގެ ލޮލަށް އޮޅުވާލަން އިންސިއެއްގެ ސިފަ ޖެހިގެން އުޅެނީބާ؟ ނޭނގެ ބުނެދޭކަށް. އެހާ ރީތި ކުއްޖެއް އަހަރެން ހަޔާތުގައިވެސް ނުދެކެން.." ރާހިލްގެ ވާހަކަ ނިމުމާއެކު ޝައިނާ އާގަމަވެފައި އިނދެ އަތްޖަހަން ފެށިއެވެ.

"ވާ. ވާ. ވާ. ބުނަންތަ؟ ތިހާ ފަށުވި މޮޅު އިބާރާތްތަކުން އަންހެންކުއްޖަކަށް ތައުރީފުކުރި ފިރިހެނެއް އަހަރެންގެ ހަޔާތުގަވެސް ނުދެކެން. ވެލް މިސްޓަރ ޕްލޭ ބޯއީ. އަރ ޔޫ އިން ލަވް" ޝައިނާ ދެއަތްތިލަ ޖޯޑުކޮށްލައި ރާހިލްގެ ކޮނޑުގައި އަޅުވައިލިއެވެ. ރާހިލް ޝައިނާއާ ކުރިމަތިލުމަށްޓަކައި ކަނާތްފަރާތަށް މޫނު އަނބުރައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިއުމާއެކު ރާހިލްއަށް ޝައިނާގެ ދެލޮލުން ނަޒަރު ވަކިކޮށްލުން ވީ އުނދަގޫ ކަމަކަށެވެ.

"އޭމް އައި؟" ރާހިލް ސީދާ ޝައިނާގެ ދެ ލޮލާއި ސުވާލުކުރިފަދައެވެ. އޭނާ ބޭނުންވާ ޖަވާބުތައް އެ ދެލޮލުން ހޯދަން އުޅޭކަހަލައެވެ.

ޝައިނާގެ ތުންފަތުގައިވި ލާނެތް ހިނިތުންވުންވެސް ފިލައިގެން ހިނގައްޖެއެވެ. ރާހިލްގެ ސުވާލަށް ދޭނެ ޖަވާބެއް ވިސްނޭ ވަރަށްވުރެ ބޮޑަށް އެ ހިމޭން ހިނދުކޮޅުގެ ތެރޭގައި އޭނާވެސް ޢަރަގުވަމުންދާ ކަހަލައެވެ. އެކެއް އަނެކެއްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތްވެވުނު ވަގުތު ރާހިލްއަށް ޝައިނާގެ ތުންފަތައް ނަޒަރު ހުއްޓައިލެވުނެވެ. އޭނާގެ އަމަލުތަކުގެ ލަގަން ދޫވާން އުޅޭކަން އިހުސާސްވިއެވެ. ނަމަވެސް އެ އިހްސާސްތަކުގެ މައްޗަށް އޭނާ ގަދަވެގަތެވެ. މީގެ ކުރިން ދެމީހުންގެ މެދުގައި އެފަދަ ވަގުތުކޮޅެއް ހިއްސާކުރެވުނު ކަމުގައި ވިޔަސް އެކަމުގެ ވާހަކަ ނުދައްކައި އެކަން ހަނދާން ނައްތައިލުމަށް ދެމީހުންވެސް ނިންމައިފައިވުމުގެ އިތުރުން ދެމިހުންނަށް ތިބެވުނީވެސް އާންމުން ބޭނުންކުރާ ތަނެއްގައި ކަމަށްވާތީ އެފަދަ ކަމެއް ތަކުރާރުވުން ހުއްޓުވިއެވެ. ހިންދިރުވައިލުމަށްފަހު ޝައިނާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ހަށިގަނޑުގެ ހުރިހާ ހިތްވަރަކާއެކު ލަސްލަހުން ޝައިނާގެ އަތްތިލައިގެ ދަށުގައިވި ކޮނޑު ދުރަށް ޖައްސައިލައި ކުރިއަށް ފިޔަވަޅެއްް އަޅައިލިއެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޝައިނާ ރާހިލްގެ ހާސްކަން ދެނެގަތެވެ. އަދި އޭނާއަށް ފުރަގަސްދީގެންހުރި ރާހިލްގެ ނަމުން ގޮވައިލިއެވެ.

"ރާހިލް؟"

"ހްމްްމް؟" ރާހިލް ޝައިނާއާ ކުރިމަތިލުމެއްނެތި ޖަވާބުދިނެވެ.

"އަހަރެންނަކަށް ނޭނގޭ ރާހިލްގެ ހިތުގަ ތި ކުއްޖަކާ ދޭތެރޭ ވާ އިހުސާސްތަކަކީ ކިހާ ބުރަދަނެއް ހުރި އިހުސާސްތަކެއް ކަމެއް. އެކަމަކު އަހަރެން ބުނެލަން ބޭނުން.. ތިބުނާ ބޯހަރު ކުއްޖަކު އެކަކަށްވެސް ކާމިޔާބު ކުރެވެންޏާ އެކަން ކުރެވޭނެ މީހަކީ ރާހިލް. ރާހިލްއާއެކު ހޭދަ މި ކުރެވުނު މަދު ދުވަސްތަކުގަ އަހަރެންނަށް ޔަގީންކުރެވިއްޖެ ރާހިލްގެ ބަސްތަކާއި އާދަތަކަށް ނުގުޑާނެ ކުއްޖެއް މަދުވާނެކަން. ސޯ ޖަސްޓް ބީ ޔޯސެލްފް. އަހަރެންނަށް ޔަގީން ހަަމަ ކުޑަކުޑަ ޖެސްޗަރ އަކުންވެސް ރާހިލްއަށް އެކުއްޖަކު ކާމިޔާބު ކުރެވިދާނެކަން.." ޝައިނާ އޭނާއަށް ވީ ވަރަކުން ރާހިލްއަށް އެހީތެރިވެދޭން މަސައްކަތް ކުރިއެވެ. އެއީ ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން އޭނާ ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކުނެވެ.

"ޖެސްޗަރ؟" ޝަައިނާ އެބުނި އެއްޗެއް އޮޅުން ފިލުވަން ރާހިލް މަސައްކަތްކުރިއެވެ.

"ހޫމް. އެނގެއެއްނު. ހާއްސަކަމެއް.. އެކުއްޖާ ގަޔާވާކަހަލަ.. އެކުއްޖާއަށްޓަކައި ނޫނީ ރާހިލް ނުކުރާނެ ކަހަލަ.. އެހާ ބޮޑަށް ނުވިސްނަބަލަ. ޖަސްޓް ސަމްތިންގް ކިއުޓް އެންޑް ސިމްޕަލް." ޝައިނާ އިށީނދެއިން ފާރުކޮޅުމަތިން ފުންމާލައިގެން އައިސް ރާހިލް ގާތު ހުއްޓުނެވެ.

ހިޔާލަކަށް ގެއްލިފައިހުރި ފަދައިން ރާހިލް ކުރިމަތީގައި އުޅުނު ބުޅާތަކަށް ނަޒަރު ހިންގައިލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ކުރިއަށް ހިނގަމުންގޮސް އެތާ އިން ކުޑަ ކުޑަ އަޅިކުލައިގެ ބުޅަލެއްގާތު އިށީނެވެ. އެއީ ކުރިން ޝައިނާ އޭނާގެ އަތަށް ލައިދޭން އުޅުނު ބުޅަލެވެ. ރާހިލް އެ ބުޅަލުގައި އަތްލަން މަސައްކަތް ކުރިއެވެ. ދެފަހަރަކު ޖެހިލުންވި ނަމަވެސް އޭނާ ހިތްވަތު ކުރުމަށްފަހު އެ ބުޅާ އުރައިލިއެވެ. އަދި މަޑު މަޑުން ހިނގައިފައި ޝައިނާއާ ދިމާލަށް ދާން ފެށިއެވެ. ރާހިލް ކުރަން އުޅޭ ކަމެއް ނޭނގި ހައިރާންވެފަައި ރާހިލްގެ ހަރަކާތްތަކަށް ބަަލަން ޝައިނާއަށް ހުރެވުނެވެ.

"ރާހިލް ކީއް ތި ކުރަނީ ؟؟ ޔޫ ހޭޓް ކެޓް.."

"އެނގޭ މީ ވަރަށް ކުޑަ ކަމެއްކަން.. އެކަމަކު އޯކޭތަ؟" ރާހިލްގެ ހާސްވެފައިހުރެ އަހައިލިއެވެ. މީގެ ކުރިން އަންހެން ކުއްޖަކު ހާސިލްކުރަން މަސައްކަތް ކުރިއިރު ނުވާ ކިތަންމެ ގޮތެއް އޭނާއަށް ވަމުން ދިޔައެވެ. ކިތަންމެ ހިޔާލެއް އޭނާގެ ސިކުނޑިގައި އެނބުރެމުން ދިޔައެވެ. ޝައިނާ ދޭނެ ޖަވާބަކާމެދު ކަންބޮޑުވެ އޭނާގެ އަތްފައިން ދާހިއްލަން ފަށައިފިއެވެ.

"ތިބުނީ؟" ޝައިނާ ސުވާލުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.

"ޝައިނާ ގަޔާވާ ކަމެއް.. ހަމައެކަނި ޝައިނާއަށްޓަކައި އަހަރެން ކުރާނެ ކަމެއް.. ސަމްތިންގް އައި ރިއަލީ ޑިސްލައިކް. ޑަޒް ދިސް ކައުންޓް އޭޒް އަ ޖެސްޗަރ؟" ރާހިލްގެ ދެލޮލުން ފެންނަމުންދިޔަ ނުތަނަވަސްކަން ފެނި ޝައިނާއަށް ރާހިލް އެކުރަނީ ސަމާސާއެއް ނޫންކަން ކަށަވަރުވިއެވެ.

"ތީގެ މާނައަކީ؟" ޝައިނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާންފެށިއެވެ. އެ ސުވާލުއިވި ރާހިލް ފުންނޭވާއެއް ދޫކޮށްލިތަން ޝައިނާއަށް ފެނުނެވެ. ކަކޫ މައްޗަށް ތިރި ވެލުމަށްފަހު އޭނާ ގެނައި ބުޅާ ބިންމައްޗަށް ދޫކޮށްލިއެވެ. އަދި ތެދުވެ ޝައިނާގެ ކޮނޑުގައި ހިފަހައްޓައިލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ.

"ޔެސް ޝައިނާ. މާނައަކީ އަހަރެން މިތާ ހުރެ މިހުރިހާއިރު މި ދެއްކީ ޝައިނާގެ ވާހަކައޭ… ޝައިނާ.. އަހަރެންނަށް ޝައިނާ ވަރަށް ކަމުދޭ… އަހަރެން މިރޭ މިވާހަކަ މިނޫން ގޮތަކަށް ބުނަން ވަރަށް މަސައްކަތް ކޮށްފިން. އަހަރެންގެ މި އިހުސާސްތައް ދޮގުކުރަންވެސް ވަރަށް މަސައްކަތް ކޮށްފިން އެކަމަކު.. އަހަރެންނަށް މި އިހްސާސްތަކަކަށް ނުފިލުނު. ޝައިނާގެ ހިޔާލުތަކާ ދުރަކަށް ނުދެވުނު"

ރާހިލްގެ ވާހަކަ އިވުމާއެކު ޝައިނާއަށް ހީވީ އޭނާގެ ކަންފަތްދޮށުގައި ބޮމެއް ގޮއްވައިލެވުނުހެނެވެ. އޭނާގެ ހިތްވެސް ބާރަށް ތެޅެން ފަށައިފިއެވެ. ރާހިލްއާމެދު އެފަދަ ގޮތަކަށް އޭނާއަށް ދެކެވޭކަށް ނެތެވެ. އޭނާގެ ހިތް ތެޅެމުންދަނީ އޭނާ ދޭންޖެހޭ ޖަވާބުގެ ގޮތުން އެދެމެދުގައި އަރަފޯދެމުން އަންނަ ރަހްމަތްތެރިކަމަށް އަސަރު ކޮށްފާނެތީއެވެ. އޭނާގެ ބޮޑުދައިތަމެން ވަކިވެ ދިޔަ ހާދިސާއިން އަރައިގަތުމަށްވެސް އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ދޭން ގާތުގައިހުރި ރަހްމަތްތެރިޔަކީ ރާހިލްްއެވެ. އެ ރަހްމަތްތެރިކަމަކީ އޭނާ ބާއްވަން ބޭނުންވާ ރަހްމަތްތެރިކަމެކެވެ. ނަމަވެސް ރާހިލް އެ ދެއްކި ވާހަކައިގެ ސަބަބުން ޝައިނާއަށް އިތުރަށް ރާހިލްގެ ލޮލުން ފެންނަމުންދާ އަސަރުތަކަށް ބަލަން ހުންނާކަށް ކުޅަދާނައެއް ނުވިއެވެ. އިސްޖަހައިލަމުން ރާހިލްގެ އަތުގައި އޮތް އޭނާގެ އަތްތިލަ ނައްޓުވައިލިއެވެ. އެ ހަރަކާތާއެކު ރާހިލްގެ ހިތް މޯޅިވި ނަމަވެސް އެހާދުރަށް އެވާހަކަ ގެންދިޔުމަށްފަހު އިތުރަށް ފަސްޖެހޭކަށް އޭނާ ބޭނުމެއް ނުވިއެވެ.

"ޝައިނާ ކޮންމެހެން މިވަގުތު ޖަވާބެއް ނުދިނަސް އަހަރެންގެ މައްސަލައެއް ނެތް. އަހަރެންނަށް އެނގޭ ޝައިނާ ވިސްނަން ވަގުތު ބޭނުންވާނެކަން" ރާހިލް ޝައިނާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަން މަސައްކަތް ކުރިއެވެ. މިފަހަރުވެސް ޝައިނާ މޫނު އަނބުރައިލަމުން ރާހިލްގެ އަތް ދުރުކޮށްލިއެވެ. ޝައިނާގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދުކުރި ނަމަވެސް އެކަމުން ރާހިލްގެ ހިތުގައި ރިއްސައިލިއެވެ.

"ނޫން ރާހިލް.. ނޫންނޫން. އަހަރެން ދުވަހެއް ބޭނުމެއް ނޫން. ކިތަންމެ ދުވަހެެއް ދިނަސް އަހަރެންނަކަށް ތިކަމަކާ އެއްބަހެއް ނުވެވޭނެ. ޕްލީޒް ރާހިލްވެސް ތި ހިޔާލު ދޫކޮށްލާ. ތީ ރާހިލްއަށް ހީވާ ގޮތެއް. ތި ހީވުންތަކުގެ ތެރެއަށް މި އެކުވެރިކަން ބެހިގެންދާނެ ފުރުސަތު ނުދީ" ޝައިނާ ރާހިލްއާ ދުރަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ.

"ޝައިނާ ހެޔޮނުވާނެ.. ހަގީގަތަކީ ޝައިނާ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންނަށް ޝައިނާ ކަމުދިޔަކަން. އެކަމަކު އެއީ ބޭރުފުށުން ފެނުނު ރީތިކަމަށް ކީ ހިތްކިޔުމެއް ކަމަށްވާތީ އަހަރެން އެކަމަކާ ނޫޅެމެއްނު. އަހަރެން މިވާހަކަ މިދެއްކީ ޝައިނާގެ ގޮތް އެނގިހުރެ. ތި ރީތިކަމުގެ އިތުރުން ޝައިނާގެ ކޮންމެ އާދައެއް އަހަރެންނަށް ކަމުދާން ފަށައިފިކަން އެނގުނީމަ. ޝައިނާއަށް ބުނަން ކެރޭނެތަ އަހަރުމެންގެ ދެމެދުގަ ހިނގިކަންކަމަކީ ހަމައެކަނި އެކުވެރިކަމެކޭ؟ އަހަރެންނަށް އެކަނިތަ އަހަރެމެން ދެމީހުންގެ ދެމެދުގަ ހިނގި ކަންކަމުން އަސަރެއް ކުރީ؟" ރާހިލް އަނެއްކާވެސް ޝައިނާގެ އަތުގައި ހިިފައި އޭނާއާ ދިމާލަށް އަނބުރައިލިއެވެ.

"ރާހިލް. އަހަރެންނަށްވެސް އެނގެޔޭ ރާހިލް ބުނަން ތި އުޅެނީ ކީކޭކަން. އެ ދަތުރުގަ ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން އަހަރުމެންގެ ތެރޭގައި އުފެދުނު ޓެންޝަން އަހަންނަށްވެސް އިހުސާސްވިޔޭ ރާހިލް. އެކަމަކު. ދިސް އިޒް އޯލް ޖަސްޓް އެން އެޓްރެކްޝަން. އިޓް ވިލް ފޭޑް އަވޭ. ރާހިލްގެ ދިރިއުޅުމަށް އަންނަ އެހެން ކުދިންނެކޭވެސް އެއްފަދައިން އަހަރެންމަތިން ހަނދާންނެތޭނެ. އެހެންނޫނަސް އަހަރެންނަށް އެނގެޔޭ ރާހިލްގެ ރިލޭޝަންޝިޕްސް ވޯކް ކުރާ ގޮތް. އަހަންނަކަށް ރާހިލް މި ގުޅުންތަކާ ދޭތެރޭ ދެކޭގޮތެއް ކަމަކު ނުދޭ. އަހަންނަކަށް ރާހިލް ބޭނުންވާކަހަލަ ބައިވެރިޔަކަށް ނުވެވޭނޭ" ޝައިނާ ބުންޏެވެ.

"އަހަރެން ބޭނުންވަނީ ޝައިނާއާ އެކު އަސްލު ގުޅުމެއް.. އަހަރެން ނުބުނަންތަ ޝައިނާ އެހެން އެންމެނާ ތަފާތޭ؟ އަހަންނަކަށް އެއީ ކިހިނެއްކަމެއް ކިޔާދޭކަށް ނޭނގޭ. ނޭނގެ ކޮން އިރަކުކަމެއް އެހާ ހާއްސަގޮތަކަށް އަހަރެންނަށް ޝައިނާއާ ދޭތެރޭ ވިސްނެންފެށީ. އަހަރެން އެރަށުގަ ޝައިނާއާ ވާހަކަ ދެއްކުން ހުއްޓާލީވެސް އަހަރެންގެ ހިތާއި ސިކުނޑި އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ދާން ފެށީމަ. އެކަމަކު ޝައިނާ އަހަރެންދެކެ ރުޅިއަންނަންފެށި ހިސާބުން އަހަންނަށް އިތުރަށް އުނދަގޫވާންފެށި. ރާފިއުއާއެއްކޮށް ފެނުނީމަވެސް. ޝަައިނާ ޕްލީޒް. ޝައިނާ ހީކުރީ އަހަރެންވެސް މިކަމާ ދޭތެރޭ ރަނގަޅަށް ނުވިސްނާ މިވަރުބޮޑު ރިސްކެއް ނަގާނެ ކަމަށްތަ؟ ފާއިތުވެދިޔަ ދެމަހެއްހާ ދުވަހު އަހަރެންގެ ލައިފަށް އިތުރު އެއްވެސް ކުއްޖަކު ގެންނަންވެސް ހިތަކަށް ނާރާ. އަހަރެންގެ ދުވަސްތައް ފުރާލެވިފައިވީ ޝައިނާގެ ހިޔާލުތަކުން. އަހަރެން ޝައިނާ ބޭނުން. އަހަރެންނަށް ފުރުސަތެއް ދީ. އަހަރެން މިއީ މިސްޓޭކެއް ނޫންކަން ޝައިނާއަށް ސާބިތުކޮށްދޭނަން.. އަހަރެންނާ ދޭތެރޭ ފީލިންގްސް ނެތަސް އަހަރެން އެ ފީލިންގްސް ކްރިއޭޓް ކޮށްދޭނަން. އަހަންނާމެދު އެ އިހުސާސްތައް އުފަންކުރުވަން މަސައްކަތް ކުރާނަން" ރާހިލް އާދޭހުގެ ރާގެއްގައި ބުންޏެވެ.

"ރާހިލް ހެޔޮނުވާނެ ތި ވަހުމްތައް ސިކުނޑިން ފޮހެލަބަލަ. ތީ ކުށްހީއެކޭ. ރާހިލް އަހަރެންދެކެ ތިބުނާ ގޮތަކަށް ލައިކެއް ނުވެޔޭ ތީ ރާހިލްއަށް ހީވާގޮތެކޭ. ތީ މިފަހުން ދިމާވި ކަންތަކުގެ ސަބަބުން ރާހިލް އަހަރެންނާ ދޭތެރޭ ވާ ހަމްދަރުދީއެެއް. އާނ. ތީ ހަމްދަރްދީ. ތިއީ ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން ރާހިލްއަށް އިހުސާސް ކުރެވޭ ކަމެކޭ ގަބޫލު ކޮށްބަލަ. އަހަރެންގެ ކަންތައްތަކުގަ އުޅެން ހަދައިގެން ރާހިލްއަށް މި ދިޔަ ދުވަސްތަކުގައި އިތުރު ކަމަކާ ވިސްނާލާނެ ފުރުސަތު ނުލިބުނީ. އިތުރު ރިލޭޝަންޝިޕައަކަށްވެސް. އެކަމަށްޓަކައި އަހަރެން މާފަށް އެދެން" ޝައިނާ ރާހިލްގެ ވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

"މައްސަލައެއްނެތް. ޝައިނާ ގަބޫލު ނުކުރާނަމަ މިއީ ނުދައްކާ ވާހަކައެއް. އެކަމަކު ބުނަން…. އަހަރެންގެ އިހުސާސްތައް އަހަރެންނަށް ކިޔާދޭކަށް ޝައިނާއަކަށް ނޭނގޭނެ. އަހަރެން ޝައިނާދެކެ ގަޔާވާކަން ބުނީމަ އެއީ ހަމްދަރުދީކަން އަހަންނަށް ސާބިތުކޮށްދޭކަން ޝައިނާއަކަށް ނުޖެހޭނެ… އަހަރެން ބޭނުމެއްނޫން ނުކުރެވުނު ކަމަކާމެދު ހަޔާތުގަ ފަހުން ހިތާމަ ކުރާކަށް. އެހެންވެ އަހަރެން ޝައިނާގާތު މި ވާހަކަދެއްކީ އަހަރެންގެ ހިތާއި ސިކުނޑިއަށް ތަސައްލީއެއް ހޯދުމަށް. އެއްވެސް ރިގްރެޓެއް ނުބޭއްވުމަށް.. ޝައިނާގެ ޖަވާބު ވަރަށް ސާފު. ޝައިނާ އަހަރެންގެ ފަރާތުން ބޭނުންވަނީ ހަމައެކަނި އެކުވެރިކަން. އެކަމަކު އަހަރެން ޝައިނާގެ ފަރާތުން އެއަށްވުރެން ގާތް ގުޅުމެއް އުއްމީދުނުކުރާނެ ކަމަށް ބުނެފިނަމަ އެއީ އަހަރެންނަށް ހެދޭ ދޮގެއް. ޝައިނާއަށް އެވަރު ބޮޑު އޮޅުވާލުމެއް އޮޅުވާލާ ވަރަށްވުރެ އަހަރެންނަށް ޝައިނާ ހާއްސަ. އެހެންވީމާ.. ތަގުދީރު އަހަރެމެން ދެމީހުންގެ ރާސްތާ ވަކިކުރުވާ ހިސާބަކީ މިއީތާ؟." ރާހިލް ހިންދިރުވައިލަމުން ބުންޏެވެ. އަރުބެދޭހެން ހީވެ ދިލަރިހުމެއް އޭނާގެ މޭގައި އުފެދުނުހެން ހީވިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ނާކާމިޔާބީގެ ހިތިރަހަ އޭނާގެ އަރުގައި ލައިފިއެވެ.

ޝައިނާގެ ފަރާތުން ޖަވާބެއް ނުލިބި ގިނަ އިރުވާންފެށުމުން ރާހިލް ބޯ ޖަހައިލުމަށްފަހު ލަސްފިޔަވަޅުތަކެއްގައި އެތަންދޫކޮށް ދާން ހިނގައިގަތެވެ. ޝައިނާއާ ދުރަށް އެޅޭ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ފަޔަށް އެތައްހާސް ޓަނެއްގެ ބަރުދަން އިތުރުވަމުންދާ ކަހަލައެވެ. ގޮތްހުސްވެފައިވާ މީހެއްފަދައިން އުޑުމައްޗަށް ބަލައިލަމުން ބޮލުގެ ފުއްކިބައާ ހިސާބުން ދެ އަތުގެ އިނގިލިތައް ގުޅުވައިލިއެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއްނާދެއެވެ. ޝައިނާގެ ނިންމުމަށް އިހްތިރާމް ކުރަންޖެހޭނެކަމަށް އޭނާ ގަބޫލުކުރިއެވެ.

ދުރަށް އަޅަމުންދިޔަ ރާހިލްގެ ފިޔަވަޅުތަކުގެ އަޑު ފަނޑުވަމުންދާ ވަރަކަށް ޝައިނާގެ ހިތް ނުތަނަވަސްކަމުން ފުރެމުން ދިޔައެވެ. ހާސްވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯ ދެއަތުން ނިއްކުރީގައި ހިފަހައްޓައިލުމަށްފަހު ދެކޮޅަށް ކުރުކާލިކަނޑަން ފެށުނެވެ. ރާހިލް އެދަނީ ވަރަށް ރަނގަޅަށް އެއީ އެމީހުންގެ ވަދާއީ ސަލާންކަން ޝައިނާއަށް ސާފުކޮށްދިނުމަށް ފަހުގައެވެ. އެއްވެސް ހައިސިއްޔަތަކުން އޭނާގެ ހަޔާތަށް ދުވަހަކުވެސް އަނބުރާ ނާންނާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެފަދަ ކަމަކަށް އޭނާ ތައްޔާރުބާއެވެ؟ އެހެން ވެއްޖެނަމަ ޟަމީރުގެ އަޑުން ރާހިލް ހުއްޓުވަން ގޮވާއަޑު އިވެމުންދަނީ ކީއްވެބާއެވެ؟ ރާހިލްއަކީ އޭނާގެ ހަޔާތުގައި އެހާ މުހިއްމު މީހެއް ހެެއްޔެވެ؟

އެ ސުވާލުތަކުގެ ޖަވާބު ނުލިބުނު ކަމުގައިވިޔަސް ރާހިލްއާއެކު ހޭދަކުރެވިފައިވާ ދުވަސްތަކުގެ ހަނދާންތައް އޭނާގެ ހިޔާލުގައި އާވާން ފެށިއެވެ. ދެމީހުން އެކަކު އަނެކަކަށް ކުރިހައި އުނދަގުލާއި ކޯޅުމުގެ ދުވަސްތަކެވެ. އޭގެ އިތުރަށް ރާހިލްގެ ފަރާތުން ހުއްޓުމެއްނެތި ލިބެމުންއައި އޯގާތެރިކަމެވެ. އޭނާގެ ފިލާވަޅު ހެދުމުގައި އެހީތެރިވި ދުވަހުގެ ހަނދާނާއި މެންދުރު ކާން ނުދެވުނު ދުވަހު ކާން ގެނެސްދިން ހަނދާނެވެ. ދަތުރު ދިޔަ ދުވަހު ޕިކަޕުގައި ހުއްޓާ އަވިދޭން ފެށިވަގުތު އެ ހަށިގަނޑުން އޭނާއަށް އެ ދޯދިތަކުގެ މައްޗަށް ހިމާޔަތް ދިން ހަނދާނެވެ. އޭގެ އިތުރަށްވެސް ދެމީހުން އެކުގައި ހޭދަކުރެވޭ ވަގުތު ތަކުގައި ކޮށްދޭ ކުދި ކުދި ކަންތައްތަކުގެ ހަނދާނެވެ. އަދި އެންމެ ބޮޑު ކަމަކަށް ބޮޑުދައިތައާއި ބޭބެ ވަކިވެ ދިޔަ ދުވަހު އޭނާގެ ހިތާމަތަކުގައި އެންމެ ފުރިހަމައަށް ހިއްސާވި ގޮތާއި އޭގެ ފަހުން އައި ދުވަސްތަކުގައި ރާހިލްގެ ހުރިހާ ވަގުތެއް އޭނައާ ޝިމާންއަށްޓަކައި ހުސްކޮށްލިގޮތުގެ ހަނދާންތަކެވެ. ގިނަ ބައެއްގެ މޫނުމަތިން ހިނިތުންވުން ގެއްލި ބަނަވެފައިވާ މިފަދަ ޒާލިމް ދުނިޔެއެއްގައި ރާހިލްފަދަ ހިތްހެޔޮ އުފާވެރި މިޒާޖެއްގެ އިތުރު ފިރިހެނަކު އުޅެފާނެ ހެއްޔެވެ؟

ޝައިނާ އަދިވެސް އެއްފަހަރު ސައިކަލުތަކާ ދިމާލަށް ހިނގަމުންދިޔަ ރާހިލްއަށް ބަލައިލިއެވެ. ރާހިލްއަށް މިހާރުވަނީ ވަރަށް ދުރަށް ދެވިފައެވެ. އިތުރަށް މަޑުކޮށްފިނަމަ އޭނާގެ ލޯ މައްޗަށް ރާހިލް ގެއްލޭކަށް މާގިނައިރެއްނެތެވެ. އޭނާގެ ހަޔާތުން ރާހިލް ގެއްލޭކަށް މާގިނައިރެއްނެތެވެ. އެހެންކަމުން ފަޔަށްބާރުލައިފައި އޭނާ ރާހިލްއާ ދިމާލަށް ދުއްވައިގަތެވެ. އަދި އެހިސާބަށް ދެވުމާއެކު ރާހިލްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލިއެވެ. ރާހިލްގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. ފަހަތައް އެނބުރެން ނޫޅުނު ކަމުގައިވިޔަސް އެ ބީހުމުން އޭނާއަށް އެއީ ޝައިނާކަން އެނގުނެވެ.

"ރާހިލް.. ރާހިލް މަޑުކޮށްބަ.. އަހަރެން.. އަހަރެން ރާހިލްއަށް އިތުބާރު ކުރާނީ ކިހިނެއް؟؟ އެހެން ހުރިހާ ކުދިންނެކޭ އެއްގޮތަށް ވަގުތު ޖެހުނީމަ ރާހިލް އަހަރެން ދޫކޮށްލައިފައި ނުދާނެ ކަމަށް އަހަރެންނަށް ރާހިލްއަށް އިތުބާރު ކުރެވިދާނެތަ؟" ޝައިނާގެ ސުވާލާއެކު ރާހިލްއަށް ފަހަތަށް އެނބުރިލެވުނެވެ.

"އިތުބާރު ކުރުމާއި ނުކުރުމުގެ އިހްތިޔާރު އޮތީ ޝައިނާއަށް.. އަހަރެން ޝައިނާގެ އިތުބާރު ހޯދަން މަސައްކަތް ކުރާނަން" ރާހިލް ބުންޏެވެ.

"ރާހިލްއަށް އަހަރެންގެ ހަޔާތާ ބެހޭގޮތުން އެނގެނީ ކިހާ މިންވަރެއް؟ އަހަރެންނަކަށް އެހާ އޮމާން ސުލްހަވެރި ގުޅުމެއްގެ ޔަގީންކަމެއް ނުދެވޭނެ. އައި.. އައިމް މެސްޑް އަޕް ރާހިލް. ރާހިލްއަށް އަހަރެން ޓޮލެރޭޓް ކުރެވޭނެތަ؟ އަހަރެންގެ މާޒީ ކިތަންމެ އަނދިރި ކަމުގައިވިޔަސް އަހަރެން ގަބޫލު ކުރާނަންތަ؟" ޝައިނާ ރާހިލްއާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.

"އަހަރެން މަސައްކަތް ކުރާނަން. ތިއީ އަހަރެންގެ ކާއެއްޗެއްސަށްވެސް ޒަހަރުލީ— އައި މީން މިރުސް ލީ މީހެއްނު. ޓޮލެރޭޓް ނުކުރެވޭވަރު އިތުރު ކަމެއް ޝައިނާ އަހަރެންނަށް ކުރަން އޮންނާނެތަ؟" ރާހިލް ޝައިނާގެ އަތުގައި ހިފަހައްޓައިލަމުން ބުންޏެވެ. އެ ޖަވާބާއެކު ދެމީހުންނަށްވެސް އެއްފަހަރާ ހީނލެވުނެވެ.

"އަހަރެން އިންތިޒާރު ކުރަންވީތަ؟" ރާހިލް އުއްމީދުން ފުރިފައިވާ ރާގެއްގައި އަހައިލިއެވެ.

"ހްމްމް. ބަލަމާދޯ. ދެންމެ އެއީ ރާހިލް އަހަރެން ހައްލަން އަމުނާލި ފޮނި ބަސްތަކެއްތަ؟ ނޫނި ހަގީގަތުގައިވެސް އަހަރެން ހަމަ އެހާ ރީތީތަ؟" ޝައިނާ ރާހިލް ގޮވައިގެން ކުރިއަށް ހިނގައިގަންނަމުން ބުންޏެވެ.

"ތި ރީތިކަން އަހަރެން ދުލުން ބަޔާން ކޮށްދޭނީ ކިހިނެތް؟ ދަ ޕްރިޓިއަސްޓް ސްމައިލް އައިވް އެވަރ ސީން. ދަ ޕްރިޓިއަސްޓް އައިޒް އައިވް އެވަރ މެޓް. ތި ހިނިތުންވުމާއި ލޮލުގައިވާ ވިދުމުގެ އަސްލަކީ އަހަރެން ކަމުގައިވަންދެން އަހަރެން އިންތިޒާރު ކުރާނަން." ރާހިލް އޭނާގެ އަތާއި ގުޅުވައިލެވިފައިވާ ޝައިނާގެ އަތްތިލައިގައި ބޮސްދެމުން ބުންޏެވެ. ދެޒުވާނުން އެކުގައި ސައިކަލާއި ދިމާލަށް މިސްރާބުޖެހިއެވެ.

*************

ސައިކަލުގައި އައިސް ޝައިނާ އުޅޭ ގޭގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު ޝައިނާ ސައިކަލުން ފޭބުމައްފަހު ރާހިލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ގެއަށް ގޮސް ފެންވަރާލައިގެން ގުޅާނަން އެނގޭ. ޝައިނާގެ ހުރިހާ ވާހަކައެއް އަހަރެން އަޑުއަހާނަން" ރާހިލް ޝައިނާގެ އަތްތިލައަށް ބާރުކޮށްލިއެވެ. ޝައިނާ ބޯ ޖަހައިލުމަށްފަހު ގޭގެ ދޮރާށިން ވަނުމުން ރާހިލް ސައިކަލު ދުއްވައިލިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ޝައިނާގެ މޫނުމަތީގައިވާ މަސްނޫއީ ހިނިތުންވުން ފިލައިދިޔައެވެ. އޭނާއަށް މި ކަންތައްކުރެވެނީ ހަމަ އެންމެ ރަނގަޅަށްބާއޭ ހިތަށް އަރަމުންދިޔައެވެ. ނޫނީ އަވަސް އަރުވާލައިގެން އޭނާއަށް ގޯހެއް ހެދެނީބާއެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތްކަމަށް ވިސްނައި ޝައިނާ ރާހިލްގެ ކޯލު އަންނަން ވާއިރަށް ތައްޔާރުވެލިއެވެ. ގަޑިއެއްހާއިރު ފަަހުން އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ނެގިއެވެ.

"ހެލޯ ބިއުޓިފުލް. ސޯ އައި ހޭވް ޗިޕްސް ޕޮޕްކޯން އެވްރީތިންގް ފޯރ ސްޓޯރީޓައިމް" ރާހިލް އޭނާގެ އުފާވެރި މިޒާޖުގައި ބުންޏެވެ. ޝައިނާއަށް މަޑުމަޑުން ހީނލެވުނެވެ. ރާހިލް އެހެން ބުންޏަސް އެއީ ދޮގުކަން އޭނާއަށް އެނގުނެވެ. ރާހިލްގެ ހަމަބުއްދި ފިލައިނުދާހާ ހިނދަކު އެބުނި ފަދަ ކާއެއްޗެއް އޭނާގެ އަރުން އެތެރެކުރުމަކީ ނާދިރުކަމެކެވެ.

"އައި ނޯ ޔޫ އަރ ލައިންގް ހެލްތް ފްރީކް" ޝައިނާ ބުންޏެވެ.

"ހޭ ޕޮޕްކޯން އިޒް ހެލްތީ.. އިޓްސް ކޯން" ރާހިލް ބުނެލިއަޑު އިވުނެވެ.

"އޯކޭ އޯކޭ… ރާހިލް.. މީ ބެޑްޓައިމް ސްޓޯރީއެއް ނޫނޭ. މިއީ އަހަރެންގެ ހަޔާތް. އެކަމަކު ރާހިލްއަށް މި ވާހަކަ އެނގެން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ" ޝައިނާ މަޑުމައިތިރި ކަމާއެކު ބުންޏެވެ.

"އަޑުއަހަން މީނީ" ރާހިލް ބުންޏެވެ.

"ރާހިލް. އަހަރެންގެ..އަހަރެންގެ ބައްޕައެއް ނުހުރޭ.." ޝައިނާ ބުންޏެވެ.

"އަހަރެންނަށް އެނގެޔޭ ޝައިނާ. އަހަންނަށް އެނގޭ ޝައިނާގެ މަންމައެއްވެސް ނެތްކަން އެންޑް އައިމް ޝުއަރ ދެއި އާރ އެޓް އަ ބެޓަރ ޕްލޭ—"

"އަހަރެންގެ މަންމަ ދުނިޔޭގަ އެބަހުރި ރާހިލް.. މަންމަ.. މަންމަ ވީ ޖަލުގަ.. ބައްޕަ ދުނިޔޭގަ ހުރިކަމެއް ނެތްކަމެއް ނުވަތަ އެއީ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގޭ" ޝައިނާ ރާހިލްގެ ވާހަކަ މެދުކަނޑައިލާމުން ބުންޏެވެ.

ރާހިލްގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. ވާނީވެސް އެހެންތާއެވެ. ޝައިނާ އެބުނި ވާހަކައާއެކު އަމަލު ކުރާނެ ގޮތެއް ނުވަތަ ބުނާނެ އެއްޗެއްވެސް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ.

"ރާހިލް.ހަލޯ. ހަލޯ؟؟"

"ޔެސް. ޔެސް ޝައިނާ.. ޝައިނާއަށް މިވާހަކަތައް ކިޔާދޭން އުނދަގުލިއްޔާ ނޫނީ އަދި އެހާ ރަނގަޅަށް އަހަރެންނަށް އިތުބާރު ނުކުރެވެންޏާ އެންމެ ރަނގަޅު މިވާހަކަ ނުދެއްކިޔަސް. ޝައިނާގެ ބެކްގްރައުންޑް އަހަންނަކަށް މެޓަރ އެއް ނުވޭ… ހަގީގަތުގައި އަހަރެން ޝައިނާ ދަސްކުރަން ބޭނުން. ވަރަށް ބޭނުން.. އެކަމަކު ޝައިނާގެ މާޒީ އެހާ ޕެއިންފުލް ކަމަށްވާނަމަ އަހަރެން ބޭނުމެއްނޫން ޝައިނާ އެކަން ރީ-ލިވް ކުރުވާކަށް ޝައިނާގެ ފަރާތުން ޖަވާބުތައް ހޯދާކަށެއް…" ރާހިލް ހުރީ ޝައިނާއާމެދު ކަންބޮޑުވެފައެވެ.

"ނޯ ނޯ ރާހިލް.. އަހަރެންގެ މާޒީއަކީ ކޮންމެހެން މާބޮޑު ސިއްރެއް ނޫން. އެވާހަކަ ދައްކަން ބޭނުން ނުވާތީ ނުދައްކަނީ.. ފޮރުވާކަށްނޫން.." ޝައިނާ ކަންއޮތްގޮތް އޮޅުން ފިލުވައިދިނެވެ. "ރާހިލްއަށް މިވާހަކަތައް އެނގެން އަހަރެން ބޭނުން" ޝައިނާ ބުންޏެވެ.

"އަހަރެންނަށް ޔަގީން ޝައިނާގެ މަންމައަށް ކުރެވުނީ ކޮންމެފަދަ ކުށަކަށްވިޔަސް އެ މަންމަ ޝައިނާދެކެ ވަރަށް ލޯބިވާނެކަން" ރާހިލް ބުނެލިއެވެ.

"ނޫނޭ.. އެކަހަލަ މައިންނަކަށް ލޯބިވާކަށް ނޭނގޭނެ. މަންމައަކަށް އަހަރެންނާ ދޮންތައަކީ މުހިއްމު ބައެއް ނޫން ރާހިލް. ޔެސް އަހަރެންގެ ދޮންތައެއް ހުރޭ. ދޮންތަ ވީ ނިޔާވެފަ. ދޮންތަ ދަންޖެހިފަ ހުރިތަން އަހަރެންގެ އުމުރުން އެންމެ ނުވައަހަރުގަ ހަމަލޮލުން ދުށިން. އެކަމުގެ އަޑީގައިވެސް ވަނީ މަންމަ. އެއީ އެއްވެސް ވަރަކަށް މައިވަންތަކަމުގެ ކުލުނެއް ހުރި މަންމަ އެކޭ ބުނެވޭނެތަ؟؟ މަންމައަކީ…….." ޝައިނާ އުނދަގުލުން ނަމަވެސް އޭނާގެ މާޒީ ރާހިލްގެ ކުރިމަތީގައި ހުޅުވައިލިއެވެ.

ޝައިނާގެ ވާހަކަ ކުރިއަށް ގެންދަން އުނދަގޫވާ ކިތަންމެ ފަހަރަކު ރާހިލް އެވާހަކަ ހުއްޓާލަން މަސައްކަތް ކުރިނަމަވެސް ޝައިނާ އެވާހަކަ ކުރިއަށް ގެންދިޔައެވެ. ބޭނުންވީ އެއަށްފަހު ރާހިލް އޭނާއާމެދު ދެކޭގޮތް ބަދަލުވޭތޯ ބެލުމަށެވެ. އެފަދަ އާއިލާއަކުން އަންނަ ކުއްޖަކު ރާހިލްމެން ފަދަ އަބުރުވެރި އާއިލާއެއްގެ ކުދިންނާ އެކަށީގެން ނުވާނެކަން ރާހިލްއަށް ސާބިތުކޮށްދޭށެވެ. ޝައިނާދައްކާ ކޮންމެ ވާހަކައާއެކު ފޯނުގެ އަނެއްފަރާތުގައި ހުރި ރާހިލްގެ މޫނަށް އަރަމުންދާ ކުލަތައް ޝައިނާއަށް ވަނީ ސިއްރުވެފައެވެ. ޝައިނާގެ ދުލުން ބޭރުވާ ކޮންމެ ޖުމްލައަކާއެކު ރާހިލްގެ އަތް މުށްކެވެމުންދިޔައެވެ. އެކުދިންގެ މަންމަގެ ފަރާތުން ލިބެމުންދިޔަ އަނިޔާއިން ފަށައިގެން ބައެއްގެ ލާއިންސާނީ ވަކިތަކުގެ ދަށުވެ ޝިޔާނާގެ ފުރާނަ ގެއްލިގެން ދިޔަ ގޮތާއި ޝައިނާއަށް އެކަމުން ކުރި އަސަރު އިނގެމުންދިޔަ ވަރަކަށް އޭނާގެ ހިތުގައި އެ އަނިޔާވެރިންނަށްޓަކައި ރުޅިވެރިކަން އުފެދުނެވެ. އިވެމުންދިޔަ ވާހަކަތަކުގެ ސަބަބުން ރާހިލްއަށް އަސަރުކޮށްފައިވާކަން ލަސްވެފައިވާ ރާހިލްގެ ހަރަކާތްތަކުން ފެންނަމުންދިޔައެވެ. ހަމައެއާއެކު އެދުލުން ބޭރުވަމުންދާ ކޮންމެ ލަފްޒަކާއެކު ރާހިލްގެ ހިތުގައި ޝައިނާއަށް ދެވިފައިވާ ކުލުނު އިތުރު ވަމުންދިޔައެވެ. މަގާމު އަރިސްވަމުން ދިޔައެވެ. ޝަައިނާގެ ހިތްވަރަށް ތައުރީފު ކުރެވެމުން ދިޔައެވެ.

"ރާހިލް އަދިވެސް ގަބޫލު ކުރަންތަ މިރޭ އެ ވާހަކަތައް ދެއްކީ އަހަރެންނަކީ ކާކުކަން އެނގިގެން ކަމަށް؟ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް އެންމެ ބޮޑު ހުރަހަކީ ޒީވާ ނޫންކަމާއި މިދެމެދުގައިވާ ފަރަގުތައް މިހާރު ވިސްނިއްޖެތަ؟ ރާހިލް ކަހަލަ އުފާވެރި އާއިލާއެއްގެ ކްލީން ބެކްގްރައުންޑަކުން އައިސްފައިވާ މީހަކަށް އަހަންނާއެކު އުޅެން ކިހާ އުނދަގުވާނެކަން ވިސްނޭތަ؟" ޝައިނާ އޭނާގެ ވާހަކަތައް ކިޔައިދިނުމަށްފަހު ރާހިލްއާ ސުވާލުކުރިއެވެ. އެ އަޑުގައިވާ މަޑު ތުރުތުރާއި އިރުއިރުކޮޅުން އިވޭ ނޭފަތް ދަމާލާއަޑުން ޝައިނާ ރޮނީކަން ރާހިލްއަކަށް ސިއްރެއް ނުވެއެވެ. ޝައިނާގެ ސުވާލުތަކަށް ޖަވާބުދިނުމެއްނެތި ރާހިލް ފޯނު ކަނޑައިލިއެވެ. އަދި އެނދުން ތެދުވެގެން އައިސް ތުވާލިހަރުގައި އަޅުވައިފައި އޮތް ޓީޝާޓު ބޮލަށް މަހައިލަމުން ކޮޓަރިން ނުކުތެވެ.

ރާހިލް ފޯނު ކަނޑައިލިކަން އެނގުމާއެކު ޝައިނާ ދެފަހަރަކު ރާހިލްގެ ފޯނަށް ގުޅަން މަސައްކަތް ކުރިއެވެ. އެކަން ނާކާމިޔާބުމުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އައިސް އެނދުގައި ހުރަހަށް އޮށޯވެލިއެވެ. އޭނާގެ ދެލޮލުގައި ތާޒާ ކަރުނައިގެ އަސަރު ހުރި ނަމަވެސް އެ ކަރުނަތައް ފޮހެލުމަށްފަހު އޭނާ ސީލިންގުގައިވާ ފަންކާއަށް ނަޒަރު ހުއްޓައިލިއެވެ. ދެންމެ ފެނުނު މަންޒަރެއް ފަދައިން ފަންކަލުގައި ދަންޖެހިފައިވާ ޝިޔާނާގެ ހަށިގަނޑު އޭނާއަށް ކުލަވާން ފެށިއެވެ. އެހިޔާލުތަކާއި ދުރުވުމަށް ލޯ މަރައިލި ވަގުތު އޭނާއަށް ސިފަވީ ރާހިލްގެ ސޫރައެވެ. އެއާއެކު އޭނާގެ ހިޔާލުތަކުގެ މިސްރާބު އެހެން ދިމާލަކަށް ދަތުރު ކުރަން ފެށިއެވެ. ރާހިލް ކޯލު ކަނޑައިލި ސަބަބާމެދު ވިސްނަން ފެށިއެވެ. ފަހަރުގައި އޭނާ ހީކުރި ފަދައިން ރާހިލްއަށް އޭނާގެ މާޒީ ކަމުނުދިޔައީއެވެ. އެދެމެދުގައިވާ ތަފާތުތައް ގަބޫލުނުކުރެވި އެރޭގެ އިރާކޮޅު ދެއްކި ވާހަކަތައް ހަނދާން ނައްތައިލުމަށް ނިންމީއެވެ. އެއީ ހުދު އޭނާވެސް ރާހިލްގެ ފަރާތުން އުއްމީދު ކޮށްގެން ހުރި ގޮތަށް ވާއިރުވެސް އެކަން ހިނގުމުން އޭނާއަށް އެކަމާ ޝަކުވާ ކުރެވެނީ ކީއްވެހެއްޔެވެ؟ ރާހިލް ފޯނު ކަނޑައިލުމުން އެކަމާ އޭނާގެ ހިތް މާޔޫސްވަނީ ކީއްވެހެއްޔެވެ؟

އެފަދަ ހިޔާލުތަކެއްގައި ވަނިކޮށް އެނދުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމާއެކު ޝައިނާއަށް ލޯ ހުޅުވައިލެވުނެވެ. އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީނދެލަމުން ފޯނުގެ ޑިސްޕްލޭއަށް ބަލައިލިއެވެ. ސްކްރީނަށް އަރައިފައިވާ ތާހިލްގެ ނަން ފެނުމާއެކު ދެހިޔާލެއްގައި ހުރެ ފޯނަށް ޖަވާބުދިނެވެ.

"ހަލޯ. ދޮރު ހުޅުވަބަ" ރާހިލްގެ އަޑާއެކު ޝައިނާއަށް ފާރުގައި ހަރުކުރެވިފައިވާ ގަޑިއަށް ބަލައިލެވުނެވެ.

"ރާހިލް!! ގަޑި ބަލާބަަލަ. މިއޮށްފަދަ ގަޑީ ކޮންސަކަރާތެއްތަ؟" ޝައިނާ ބުންޏެވެ. މީގެ ކުރިން ރެއަކުވެސް ރާހިލް ވަނީ ދަންވަރު ވަގުތު ދޮރުން ބޭރުގައި ބިރުވެރި މޫނުމައްޗެއް ބޭއްވުމަށްފަހު އޭނާއާ އެޒާތުގެ ސަމާސައެެއް ކޮށްފައެވެ.

"ދެން އަޅެ. ހުޅުވަބަލަ"

"ނޫނެކޭ. ކީއްކުރަންތަ؟"

"އަހަރެން ކިހާ އިރަކު މިތާ ބޭރުގަ ބަހައްޓަންތަ ތި އުޅެނީ. އިރު އަރަންދެންވެސް އަހަރެން ހުރެދާނަމޭ"

ރާހިލްގެ ޖަވާބާއެކު ޝައިނާއަށް ކޮޓަރިން ނުކުތުމަށްފަހު އެޕަރޓްމެންޓްގެ މައި ދޮރަށް ބަލައިލެވުނެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމާއި އަނދިރި ކަމުގެ ސަބަބުން ޝިމާންވެސް ނިދަން ވަދެއްޖެކަން ޝައިނާއަށް ޔަގީންކުރެވުނެވެ. ލުއިފިޔަވަޅުތަކެއްގައި ގޮސް އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި ވަގުތު ބޭރުގައި ހުރި ރާހިލް ފެނުނެވެ. ދޮރު ރަނގަޅަށް ނުހުޅުވިގެން އުޅެނިކޮށް ރާހިލް އެޕަރޓްމެންޓްގެ ތެރެއަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ ހަށިގަނޑު ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

ޝައިނާއަކަށް އިތުރު ހަރަކާތެއް ނުގެނެވުނެވެ. ހުދު އޭނާވެސް ހުރީ މިރޭ ކިޔައިދެވުނު ވާހަކަތަކަށްފަހު އެފަދަ އޯގާތެރިކަމަކަށް ބޭނުންވެފައެވެ. އެވާހަކަތަށް ކިޔައިދިނުމަށްޓަކައި އޭނާގެ ކަށިން ނެރުނު ހިތްވަރު ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެއެވެ. ހަޔާތުގެ އެންމެ އަނދިރި ސަފުހާތަށް އެގޮތަށް މީހެއްގެ ކުރިމަތީގައި ހުޅުވައިލުމަކީ ފަސޭހަކަމެއް ނޫނެވެ.

"ޝައިނާ ކީއްވެ.. މިވަރުގެ ބޮޑު ކަންތަކެއް އަހަރެންނާ ފޯނުން ހިއްސާކުރަން ނިންމީ؟ ޝައިނާގެ ހަޔާތުގެ އެންމެ ވޭންހުރި ދުވަސްތައް އަލުން ހަނދާންކުރަމުން އަހަރެންނަށް ކިޔާދޭން ނިންމިއިރު އަހަރެން ޝައިނާގެ ގާތުގައިހުންނަން ބޭނުންވާނެކަން ނޭނގޭތަ؟" ރާހިލް ޝަކުވާގެ ރާގެއްގައި ބުންޏެވެ.

"ރާހިލް. ޝިމާން ނުކުމެދާނެ. މިގަޑީ ރާހިލް ފެނިއްޖެއްޔާ ކަމަކު ނުދާނެ. އާދޭ ކޮޓަރީގަ ވާހަކަ ދައްކަން" ޝައިނާ ހުރީ ހާސްވެފައެވެ. އެފަދަ ވަގުތެއްގައި ރާހިލް އައީތީ އެކަމާ ކަންބޮޑުވި ނަމަވެސް ބުނެދޭން ނޭނގޭ އުފާވެރިކަމެއް އޭނާގެހިތަށް ވެރިވަމުން ދިޔައެވެ. ރާހިލް އޭނާގެ ހާލަތާމެދު ވިސްނީތީ އެކަމާ ޝުކުރުވެރިވެވުނެވެ.

"ރާހިލް އަޅެ މިގަޑީގަ ކީކޭ ހިތަށް އަރައިގެންތަ ތިއައީ؟ މޮޔަވީތަ؟" ޝައިނާ ކިޔަމުންދިޔަ އެއްޗެއްސައް ފަރުވާލެއް ދިނުމެއްނެތި ރާހިލް އެއްފައި ކުރުކޮށްލަމުން އެނދުގައި އިށީނެވެ. އަދި ޝައިނާގެ އަތުގައި ހިފައި ގެނެސް އޭނާގެ ގާތުގައި ބޭންދިއެވެ. ނަމަވެސް އޭނާ އިތުރު ވާހަކައެއް ދައްކާކަށް ނޫޅުނެވެ. މަޑުމަޑުން ހިޔާލަކަށް ގެއްލިފައި އިނދެ ޝައިނާގެ އިނގިލި ތަކާއި ކުޅެމުން ދިޔައެވެ. ރާހިލްގެ ފުށުން ފެންނަމުންދިޔަ މަޑުމައިތިރިކަމުން ޝައިނާއަށްވެސް އުނދަގޫ ވިއެވެ. ރާހިލްއާ މެދު ކަންބޮޑުވާން ފެށިއެވެ.

"އަހަރެން ކިޔާދިން ވާހަކަތަކަށްފަހު ރާހިލް އަހަންނާމެދު ދެކޭގޮތް ބަދަލުވިޔަސް އަހަރެންގެ އެއްވެސް މައްސަލައެ—"

"ތީ ދެންް ކޮންވާހަކައެއްތަ؟ އެކަމަކާ މިކަމަކާ އޮތް ގުޅުމަކީ ކޮބާ؟ ޝައިނާއާ އޮތް ގުޅުމަކީ ކޮބާ؟ ޝައިނާގެ ފެމިލީ އިޝޫޒް ކޮންމެ ގޮތަކަށް އޮތަސް އަހަރެން އެކަމަކާ އަޅައެއްނުލަމޭ. ޝައިނާގެ މަންމަ ނޫނީ ބައްޕަ އަހަރެންނަށް މުހިއްމެއްނޫން. އަހަރެންނަށް މުހިއްމީ ޝައިނާ. އައިމް.. އައިމް ސޯ ސޮރީ… ޝިމާން އަހަރެންނަށް ދޮންތަގެ ވާހަކަ ކިޔާދިނީއްސުރެން އަހަރެން ހުރި އެރޭ ޝައިނާލާފަ ފާހަނައިގަ ތަޅުލެވުނީތީ މާފަށް އެދެންވެގެން. އެެއްވެސް ހާލެއްގައި އެއީ މިހާ ބޮޑުކަމަކާ ގުޅުމެއް އޮވެދާނެ ކަމެކޭ އަހަރެންގެ ހިތަށްވެސް ނާރާ. ޝައިނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންނަށް އެކަމާ ވިސްނި ގިލްޓީވޭ. އަހަރެންނަށް ޝައިނާއާ ދިމާލަށް ކީފަ ހުރީކީވެސް ރަނގަޅު އެއްޗެއްސެއްނޫން. އެއީ އެރޭ އަހަރެންގެ ރުޅި އަހަރެންގެ މައްޗަށް ގަދަވެގަތީ. މިއިން އެއްވެސް ކަމަކާ މާފަށް އެދޭނެ ގޮތެއް އަހަރެންނަކަށް ނޭނގޭ.. ނުވެސް އެނގޭނެ ކަންނޭނގެ. އެކަމަކު އަހަރެން އުއްމީދު ކުރަނީ ޝައިނާ އަހަރެންނަށާ މާފު ކޮށްދޭނެކަމަށް. އައިމް ސޯ ސޮރީ ޑަރލިންގް" ރާހިލް އޭނާގެ އަތުތެރޭގައި އިތް ޝައިނާގެ އަތަށް ބޮސްދެމުން ބުންޏެވެ.

ރާހިލްގެ ވާހަކައިން ޝައިނާއަށް ވެގެން އުޅޭ ގޮތް އޮޅުން ފިލައިދިޔައެވެ. ރާހިލް ދެރަވެގެން އުޅޭ ސަބަބު އޭނާއަށް އެނގުނެވެ. އެކަމުގައި ރާހިލްގެ ކުށެއްނެތްކަން ޝައިނާ ގަބޫލުކުރެއެވެ. ވީ ކަމެއް ވީ ރާހިލްއަށް އެއިން އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވާ ހާލުގައެވެ.

"ތިހެން ނުވިސްނާ. އެކަމުގަ ރާހިލްގެ އެއްވެސް ކުށެއްނެތެއްނު…" ޝައިނާ ރާހިލްގެ މޫނުގައި ހިފަހައްޓައިލަމުން ބުންޏެވެ.

"އައި ވިލް މޭކް އިޓް އަޕްޓު ޔޫ. ޝައިނާގެ ގެއްލިގެންދިޔަ ޗައިލްޑްހުޑް އަހަރެންނަށް ހޯދާ ނުދެވިދާނެ. އެކަމަކު އެޔަށްވުރެން އުފާވެރި ހަނދާންތަކެއް އަހަރެން ޝައިނާއާއެކު ރައްކާކުރާނަން" ރާހިލް ބުންޏެވެ.

"ރާހިލްއަށް އަދިވެސް ނޭނގެނީތަ؟ އައި.. އައިމް ސޯ ޑެމޭޖްޑް ރާހިލް. އައި ވިލް ޑިސްޓްރޯއީ ޔޫ އިން ދި ޕްރޮސެސް" ޝައިނާ އޭގެ ދުވަސްކޮޅެއްކުރިން ރާހިލް ރިއާންއާ ބެހޭގޮތުން ބުނި ޖުމްލަ ތަކުރާރުކޮށްލިއެވެ.

"އިޒް އިޓް ވަޓް ދިސް އިޒް އަބައުޓް.. އަހަރެންނަށް އެދުވަހު އެހެން ބުނެވުނީމަ ޝައިނާއަށް ހީވަނީތަ އަހަރެންނަށް ޝައިނާގެ ޕާސްޓް މެޓަރ ވާނޭ؟ ނޯ އިޓް ޑަޒްންޓް.. ވަޓް އިފް ޔޫ އަރ އަ މެސް.. ޔޫ އަރ އަ ބިއުޓިފުލް މެސް.. އައި ވޯންޓް ޓު ބީ އަ ޕާރޓް އޮފް އިޓް އިން އެވްރީވޭ.. އައި ޑޯންޓް ކެއަރ އިފް ޔޫ ޑިސްޓްރޯއީ މީ. އެންމެ ފުރަތަމަ ދުވަހުވެސް އެކަން ޝައިނާގެ ލައިފް ގޯލްއަކަށް ހަދައިފީމެއްނު" ރާހިލް އެ ލިބުނު ހަނި ފުރުސަތުގައިވެސް ޝައިނާ ހެއްވައިލިއެވެ.

"އެކަމަކު އަހަރެން ވިސްނާލަން ވަގުތުކޮޅެއް ބޭނުން" ޝައިނާ ބުންޏެވެ. އޭނާ މާ ގިނަ ވަގުތު ރާހިލްގާތު ހޭދަކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމުގެ ސަބަބުން ސިކުނޑި އޮޅުންބޮޅުންވެ ގޯސް ނިންމުމެއް ނިންމާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ މިނިވަންކަމާއެކު އެކަނި އިނދެ ވިސްނާލާށެވެ. "ލަސްވެއްޖެއެއްނު.. ރާހިލް ދެން އެންމެ ރަނގަޅުވާނީ ދިޔައިއްޔާ"

ރާހިލް އިނީ ދާހިތަކުން ނޫނެވެ. ނަމަވެސް ޝައިނާ އެހެން ބުނުމުން އޭނާ އިތުރަށް އެތާކު އިންނާކަށް ގަސްތެއްނުކުރިއެވެ. ބޯ ޖަހައިލަމުން ޝައިނާގެ އެދުމަށް ކޮޓަރިން ނުކުމެ އެޕަރޓްމެންޓްގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ޝައިނާވެސް އައެވެ.

"ގުޑްނައިޓް" ދޮރު ހުޅުވައިލުމަށްފަހު ބޭރަށް ނުކުތުމުގެ ކުރިން ރާހިލް ޝައިނާއާ ގާތްވެލުމަށްފަހު ޝައިނާގެ ނިއްކުރިއަށް ބޮސްދިނެވެ.

ރާހިލް ނުކުތުމުން ދޮރު ލައްޕައިލުމަށްފަހު ޝައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވެފައިވި ހިނިތުންވުން ފިލައިދިޔައެވެ. ނިއްކުރީގައި ހިފަހައްޓައިލައިގެންހުރެ ސޯފާގައި އިށީންއިރު ރާހިލްއަށް ދޭނެ ޖަވާބަކާމެދު ވިސްނެމުން ދިޔައެވެ.

މީގެ ކުރިން އޭނާއަށް މީހުން ހުށަހަޅާ ހުށަހެޅުންތަކަށް އިންކާރު ކުރަން އޭނާ ދެވަނަ ވިސްނުމަކަށް ދާކަށް ނުޖެހެއެވެ. އޭނާއާ އެމީހަކާ ދެމެދު އޮންނަ ގުޅުމަށް އަންނާނެ ހީނަރު ކަމަކަށްވެސް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. ނަމަވެސް ރާހިލްގެ ހުށަހެޅުމަށް އިންކާރު ކުރަން އޭނާއަށް އެހާ އުނދަގޫ މިވަނީ ކީއްވެބާއެވެ؟ އެގުޅުން ހީނަރުވެދާނެތީ ކަންބޮޑުވަނީ ކީއްވެބާއެވެ؟ އޭނާގެ ހަޔާތުގައި ރާހިލް އެހާ މުހިއްމު މީހަކަށް ވީ ކޮންއިރަކު ބާއެވެ؟

***********

"ވަޓް؟؟ ދޮންބެ ސިސްގާތު ރައްޓެހިވާން އެހީއޭ؟؟" ސޯފާގައި އިން އިޝްވާއަށް ޝައިނާގެ ވާހަކަ އިވުމާއެކު ފުންމައިގެން ތެދުވެވުނެވެ. ހަމަ ތެދުވުމާއެކުހެން ކައިރީގައި އިން ޝިމާން އިޝްވާގެ އަތުގައި ހިފައި އަނެއްކާވެސް ސޯފާގައި ބޭންދިއެވެ. އޭރު އެދެމީހުންގެ ކުރިމައްޗަށް ވާގޮތަށްހުރި ތިރި މޭޒުގައި އިން ޝައިނާގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ.

"އަޅެ ދެން އަހަރެން ކިހިނެއްތަ ހަދާނީ؟" ޝައިނާ ގޮތްހުސްވެފައި އަހައިލިއެވެ.

"ހަދާނީ ކިހިނެއްހޭ؟؟ އިޓްސް އޮބްވިޔަސް.. ރިޖެކްޓް ހިމް.. ބަލާބަލަ ހުރި ލަދުކުޑަކަން އަދި ސިސް ހައްލާލަން އެބަ އުޅެއެއްނު. ޔޫ ކާންޓް ސޭ ޔެސް. ސިސް އަށް އެނގެއެއްނު ދޮންބެގެ ގޮތް. ޕްލީޒް ޑޯންޓް ބީ އަނަދަރ ވަން އޮފް ހިޒް ޓޯއީޒް. ސިސްއަށް ދެރަގޮތެއްވާކަށް އިޝީ ބޭނުމެއްނޫން. އިޝީ ހިއެއްނުކުރަން ދޮންބެއަށް ސިސް ކައިރީ އަހަން ކެރޭނެ ކަމަކަށްވެސް" އިޝްވާ ބުންޏެވެ.

"އަހަރެން ހުރީ އެކްސްޕެކްޓް ކޮށްގެން.. އަހަރެންނަށް އެނގޭ އަހާނެކަން. ފިރިހެނަކު އަންހެންކުއްޖަކާ ގަޔާވީމަ އުޅޭގޮތް އަހަރެންނަށް އެނގޭ. ސިސް ވިސްނާލަބަ މިދިޔަ މަދު ދުވަސްކޮޅުގަ ބޭބެގެ އުޅުން ހުރި ގޮތަށް. ހީ ވޯޒް ފުލީ ޑިވޯޓެޑް ޓު ޔޫ ހަމަ. ސިސް ނޫން އިތުރު އެއްވެސް މީހަކަށް ބޭބެގެ ދިރިއުޅުމުގަ ވަގުތެއްް ނޯންނަ ކަހަލަ. ޔޯ ވިޝް.. ހިޒް ކޮމާންޑް. އެވަރުން އަހަރެން ޝޮކްވެފަ މިހިރީ އަދި އިންނަން ނޭހީތީވެސް."

"އެކަމަކު އަހަރުމެންގެ ކަމަކީ އަބަދު ކޯޅުމެއްނު" ޝައިނާ ބުންޏެވެ.

"ލައިކް އަ ކަޕްލް.. ސިސް ވިސްނާލަބަ… ސިސްގެ އެއްވެސް ފްރެންޑަކާ ސިސް ފައިޓްކުރަންތަ ބޭބެއާ ކުރާވަރަށް.. ސިލީ ކަންކަމާ.. ދެން އަގައިން ޔޫ ޑޯންޓް އިވަން ހޭވް އަދަރ ގައި ފްރެންޑްސް. ޔޫ ހޭޓް މެން!! އިޓްސް ޖަސްޓް ހިމް" ޝިމާން ބުންޏެވެ.

"އައި ހޭޓް ހިމް ޓޫ.." ޝައިނާ ލޯ އަޅައިލިއެވެ.

"ކާންޓް ފޫލް މީ.." ޝިމާން ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

"މީ އަދި ކީކޭ ކިޔާ މީހެއްތަ؟ ސިސް ޕްލީޒް. މީނަ ކިޔާ އެއްޗެހި އަޑު ނާހާތި!! ސިސް އަމިއްލައަށް ދެރަވާން ބޭނުން ނެތިއްޔާ އެކަހަލަ ގޮތަކަށް ދޮންބެއާ ވައި ވެސް ނޭޅޭތި!!" އިޝްވާ ބުންޏެވެ.

"އެކަމަކު އަހަރެން ނޫނެކޭ ބުނެފިއްޔާ މި ރަހްމަތްތެރިކަން އެކީ ގެއްލޭނެ. މިއީ އަހަރެންނަށް ވަރަށް ހާއްސަ ގުޅުމެއް.. ޝިމާން ބުނިހެން އަހަރެންގެ މާގިނަ ރައްޓެހިންނެއް ނުތިބޭ… ޒީމެން ނުލާ ޖަސްޓް ހިމް.. ހީ އިޒް ނައިސް. ފަނީ.. ޑަޒް ނޮޓް ޖަޖް މީ—"

"ހީ އިޒް އޯލްސޯ ވެރީ ސްވީޓް އެންޑް ކައިންޑް އެންޑް ސަޗް އަ ޖެންޓްލްމޭން. އައި ނޯ ސިސް. ސިސް ހީކުރަނީ އިޝީއަށް އަލަށް ކަމަށްތަ ތިގޮތަށް އަންހެން ކުއްޖަކު ދޮންބެއާ ބެހޭގޮތުން ވާހަކަދައްކާ އަޑު މި އިވެނީ؟ ކޮބާ އެ އެންމެން؟ އެންމެ ގިނަ ދުވަސްވީ ކުއްޖަކަށްވެސް އިޝީ ހަނދާންވަނީ 3 މަސް. އިޝީ އޭރުވެސް ބުނިން ދޮންބެގެ މަޅީގަ ނުޖެހޭށޭ.." އިޝްވާ ޝައިނާގެ ވާހަކަ މެދުކަނޑައިލިއެވެ.

"އެނގެޔޭ ތިކަންވެސް.. އެކަމަ–" މިފަހަރު ޝައިނާއަށް އޭނާގެ ވާހަކަ ކުރިއަށް ނުގެންދެވެންދެން އިޝްވާ އިންތަނުން ތެދުވިއެވެ. އަދި ހަރުފިޔަވަޅުތަކެއްގައި އެ އެޕަރޓްމެންޓުން ނުކުމެގެން ދިޔައެވެ. ޝައިނާއަށް އެ މަންޒަރުފެނި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޝިމާން އިޝްވާ ދިޔަތަން ބަލަން އިނުމަށްފަހު ސޯފާގެ ކުރިއަށް ޖެހިލައި ޝައިނާގެ އަތުގައި ހިފައިލިއެވެ.

"ސިސް.. އަހަރެންނަށްވެސް އެނގޭ އިޝީ އެ ދެއްކީ ތެދު ވާހަކައެއްކަން އެކަމަކު.. އަހަރެންނަށް ބޭބެ ސިސްއާ ދޭތެރޭ ދެރަގޮތެއް ހަދާފާނެކަމަކަށް ނުވިސްނޭ… ނޭނގެ ކީއްވެކަމެއް.. އެކަމަކުވެސް ސިސްއަށް އެނގޭނީ. ސިސް ޖަވާބެއް ދޭ ގޮތަކުން ސިސްއަށް ބޭބެ މުޅި އުމުރަށްވެސް ގެއްލިދާނެ. އެއީ މިހާރު އެބަ ޔަގީންވޭ ސިސްގެ ފަރާތުން ބޭބެ ބޭނުންވަނީކީ އެކުވެރިކަން ނޫންކަން. އެހެންވީމަ ސިސްގެ އަމިއްލަ ނަފްސާ ސުވާލުކުރޭ. ޔޫ ހޭވް ލޮސްޓް އޯލްމޯސްޓް އެވްރިވަން އިން ޔޯރ ލައިފް ސިސް. އަރ ޔޫ ރެޑީ ޓު ލޫޒް ހިމް ޓޫ؟؟" ޝިމާން އަހައިލިއެވެ. ޝައިނާއަކަށް އެ ސުވާލަށްދޭނެ ޖަވާބެއް ނޭނގުނެވެ.

"މި ސުވާލަށް ސިސްއަށް ޖަވާބެއް ދެވުނު އިރަކުން ބޭބެއަށް ޖަވާބެއް ދީ.. އަވަސް އަރުވާލާނެ ކަމެއް ނެތް.. އަހަރެން ދަނީ އިޝީ ވީ ހިސާބެއް ބަލާލަން އެނގޭ. ވެދާނެ ބޭސް ފިހާރައަށް ކަމަށް އެ ދިޔައީ" ޝިމާން ބުނެލިއެވެ.

"އިޝީ ބަލީތަ؟" ޝައިނާ ސުވާލު ކުރިއެވެ.

"ނޫން. ބޭބެ އަތުގަ ފިތްގަނޑުތަކެއް ނަގައިގެން އުޅޭތީ އިޝީ ކައިރި ބުނީއޯ އުނގުޅާނެ ބޭހެއް ގެނެސްދެން.. ރޭގަ ގަޔަށް ބުޅަލެއް ފުންމާލީއޯ.. ބޭބެ އެލަރޖިކް އޯ ކެޓްސް ފަރ އަށް… ސިސްއަށް ނޭނގޭތަ؟" ޝިމާން ބުންޏެވެ.

"އެކަހަލަ ވާހަކައެއް ނުބުނޭ.. މިހާރު ރަނގަޅުތަ؟؟" ޝައިނާއަށް ރޭގައި ރާހިލް އެ ބުޅަލުގައި އަތްނުލާން އުޅުނު އަސްލު ސަބަބު އެނގުނެވެ. އެކަމަކާ ރާހިލްގެ ކިބުރުވެރިކަމަކާ ގުޅުމެއް ނެތްކަން އެނގުނެވެ. ދެން އެވަރަކުން އޭނާއަށްޓަކައޭ ކިޔާފައި ފަހުން އެ ބުޅަލުގަ އަތްލަން ޖެހޭ ހެއްޔެވެ؟ ޝައިނާއަށް ރާހިލް ގެ ހާލާމެދު ކަންބޮޑު ވެވުނެވެ.

"ހާސްނުވޭ… އެހާ ބޮޑުވަރެއް ނުވޭ ކަންނޭނގެ" ޝިމާންގެ ވާހަކައަށް ޝައިނާ ބޯ ޖަހައިލިއެވެ.

"އިޝީ ކައިރި ބުނައްޗޭ އަހަރެން ވަކި އެއްޗެއް ނުބުނަންދެން ރާހިލްއާ ދިމާލަށް އެއްޗެކޭ ނުކިޔާށޭ" ޝައިނާ ބުނެލިއެވެ. ޝިމާން އެކަމަށް ބޯ ޖަހައިލުމަށްފަހު އެޕަރޓްމެންޓުން ނުކުތީ ޝައިނާ ފުން ވިސްނުމެއްގެ ތެރެއަށް ދޫކޮށްލައިފައެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!