Episode 24

ބުނާށޭ ލޯބި ނުވަނީހޭ. (24 ވަނަބައި)

"ލޫނާ؟ ވަޓްސް ހެޕެނިންގް؟" ތެޅިތެޅި އޮތް ހިތަކާއެކު ނަދާލް އަހައިލި އެވެ. ހިތުގައި އުފެދުނު ބިރުވެރި ޝައްކަކީ ހަގީގަތުގައިވެސް ޝައްކަކަށް ވޭތޯ ދުޢާ ކުރަމުންނެވެ. ނަމަވެސް އެވަގުތު އެންމެ ތިރީ ފަންގިފިލާއަށް ލިފްޓުގެ ދޮރު ހުޅުވުމާއެކު އައިލީން ލިފްޓުން ފޭބީ އޭނާގެ ސުވާލު އިވުނު ކަމަށްވެސް ހަދައިނުލަ އެވެ. ނަދާލްއަށް ހުރި ފިޔަވަޅުގެ މަތީ ހުއްޓުން އަރާފައި ހުރެވުނެވެ.

-------

މަޑު ދުވެއްޔެއްގައި ކާރު ދުއްވާފައި އޮފީހަށް ދިޔައިރުވެސް ނަދާލްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އައިލީން އެވެ. އައިލީންގެ އަތްތިލައާއި ނިތްކުރިން ފެނުނު އަނިޔާގެ ނިޝާންތަކެވެ. އައިލީންގެ އަތުގައި އޭނާ ހިފައިލުމާއެކު އައިލީން ސިހިގެންދިޔަ ގޮތެވެ.

ފިކުރުތަކުން އެއްކިބާވެލުމަށް އޮފީސް ހުންނަ ފަންގިފިލާގައިވާ ބެލްކަންޏަށް ނުކުމެލި ހިނދު އެންމެ ފުރަތަމަވެސް އޭނާއާ ބައްދަލުވީ އެތަނުގައި ސިނގިރޭޓެއް ރޯކޮށްލައިގެންހުރި މައިޝާނެވެ. މައިޝާންއަށް ނަދާލް ފެނުމާއެކު މަލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލި އެވެ. ނަމަވެސް ނަދާލް އެވަގުތު ހުރީ މައިޝާންއާ ޖަދަލުކުރާ ކަހަލަ "މޫޑެއްގަ"އެއް ނޫނެވެ. އޭނާ ވަކި އެއްޗެކޭ ނުބުނެ މައިޝާންގެ މޫނަށް ބަލަހައްޓައިގެން ހުރީ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. އެއަށްފަހު ދުރު ފިޔަވަޅުތަކެއްގައި ގޮސް އޭނާއަށް ހާއްސަކުރެވިފައިވާ ކުޑަކުޑަ ކެބިނަށް ވަނެވެ.

"ނޯ އިޓް ކާންޓް ބީ! އައި މަސްޓް ބީ އޯވަރތިންކިންގް" ގޮނޑީގައި އިށީނދެލުމަށްފަހު ލެޕްޓޮޕް ހުޅުވައިލި ނަދާލް އޭނާގެ އަމިއްލަ ޟަމީރަށް ވިސްނައިދިނެވެ. "ހީ އިޒް ޖަސްޓް ކޮމްޕެޓިޓިވް.. ހީ ކާންޓް ބީ ދެޓް އީވިލް" އޭނާ ތުނިކޮށް ކޮށާފައިވާ ތުނބުޅީގައި އަތް ހިނގައިލި އެވެ. "އޯރ ކުޑް ހީ؟" ނަދާލްގެ ޟަމީރު އަނެއްކާވެސް ސުވާލު އުފެއްދި އެވެ.

މަސައްކަތު ދުވަސް ނިމިގެންދިޔަ އިރުވެސް އައިލީންއާމެދު ނަދާލްގެ ސިކުނޑީގައި އުފެދުނު ފިކުރުތައް އެއްފަރާތްކޮށްލުން ވީ ނާދިރު ކަމަކަށެވެ. އޭނާ ބޭނުންވީ އައިލީންގެ ފަރާތުން އެކަމާގުޅޭ ޖަވާބުތައް ހޯދާށެވެ. ނަމަވެސް އައިލީން އޭނާއާ އަނގައިން ބުނެ ނުލާތާކު އިސްއުފުލައި އޭނާއާ ހަތަރުކަޅި ހަމަކޮށް ނުލާތާވެސް މިހާރު ތިން މަސް ފާއިތުވެގެން ދިޔައީ އެވެ. ވީއިރު އައިލީން އޭނާގެ ސުވާލުތަކަށް ފުރުސަތެއް ދޭނެބާ އެވެ؟ ވާރޭވިލާތަކުން ބަނަވެފައިވާ އުޑަށް ބަލައިލުމަށްފަހު ނަދާލް ދުރު ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އެރި އެވެ. ރަނގަޅަށް ކާރު ދުއްވައި ނުލެވެނީސް ބޯ ވާރޭގެ ތިކިތަކުން ބިއްލޫރިގަނޑު ފުސްކޮށްލައިފި އެވެ.

"ރެއިން.. އޯލްވޭޒް އިން މައި ފޭވަރ" ލިބުނު "މޮޅު" ހިޔާލާއެކު ނަދާލްގެ ތުންފަތް ހިނިތުންވުމަކުން ދެމިލި އެވެ. ވައިޕަރު ޖައްސައިލުމަށްފަހު ބިއްލޫރިގަނޑު ސާފުވަންދެން މަޑުކޮށްލާފައި ކާރު ދުއްވައިލި އެވެ. އޭނާގެ މިސްރާބުހުރީ ސަފާޔަރ ޔުނިވާރސިޓީއާ ދިމާލަށެވެ.

ހުޅުމާލޭގެ ތަނަވަސް މަގުތައް ދުއްވާލަން ފަސޭހައެއްކަމަކު މާލޭގެ ކާރޫބާރޫ ބޮޑު ޓްރެފިކުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން އޭނާއަށް މަންޒިލަށް އާދެވުނީ އަންދާޒާ ކޮށްލެވުނު ވަގުތައްވުރެ ލަހުންނެވެ. އޭނާގެ މައުލޫމާތު ދޮގު ނޫންނަމަ އައިލީންގެ ކިލާސްތައް ނިމުނުތާ މިހާރު ބައި ގަޑިއިރު ވެދާނެ އެވެ. މިހާރު އައިލީން ގެއަށް ނުގޮސް ހުރެދާނެ ކަމާމެދުވެސް އޭނާއަށް ޝައްކެވެ. ނަމަވެސް ހިތުގައި އޮތް ކުޑަކުޑަ އުއްމީދުގެ ވާކޮޅުގައި ހިފައިގެންހުރެ ނަދާލްގެ ކާރު ޔުނިވަރސިޓީގެ ގޭޓު ކުރިމައްޗަށް މަޑުކޮށްލި އެވެ. ވަށައިގެންވާ ސަރަހައްދު ރަނގަޅަށް ހޯދައިލުމާއެކު މަގުގެ ކަންމަތީގައި ޓެކްސީއެއް ލިބޭތޯހުރި އައިލީން އޭނާގެ ލޮލުގައި އަޅައިގަތެވެ. ނަދާލް ކުޑަކޮށް ކުރިއަށް ދުއްވާލައި އައިލީން ހުރި ދިމާލަށް ކާރު ހުއްޓައިލި އެވެ.

"ހެންވޭރު ފްލޮރެން-" ނަދާލް ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިހިނދު އެދިމާލަށް ގުދުވެލަމުން ވާހަކަދެއްކި އައިލީންގެ ޖުމްލަ މެދުކެނޑުނީ ޑްރައިވަރު ސީޓުގައި އިން ނަދާލް ފެނުމުންނެވެ. ކާރެއް ހޯދަން ކެތްމަދުވެފައި ހުރިވަރުން އޭނާއާ ކާރުގެ ބޭރުފުށް ރަނގަޅަށް ބަލައިނުލެވުނީ އެވެ. ނޫންނަމަ އެއީ ނަދާލްގެ ކާރުކަން އޭނާއަށް ފާހަގަކުރެވުނީހެވެ.

"އަރާ" ނަދާލް ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.

"ނޫން ރަނގަޅުވާނެ. އަހަރެން އެހެން ޓެކްސީއެއް-"

"މިހާ ވިއްސާރަ ދުވަހެއްގަ ދެ ގަޑިއިރުންވެސް މާލެތެރޭގެ ދަތުރަކަށް ކާރެއް ނުލިބޭނެ. އަހަރެންނަށް ވަރިހަމަ އައިލީން މިތާ ހުއްޓަސް. ޒެފްއާ ބައްދަލުކޮށްލާފަ ދަނިކޮށް ފެނުނީމަ ގެއަށް ދަމުން މި ކައިރި ކޮށްލީ" ނަދާލް ބުންޏެވެ. "ދާންވީތަ؟" އޭނާ އަހައިލި އެވެ. އައިލީން މަގުގެ ދެފަރާތް ބަލައިލުމަށްފަހު ކާރުގެ ފަހަތު ސީޓާ ދިމާލަށް ފިޔަވަޅެއް އަޅައިލި ވަގުތު ނަދާލްގެ ކާރު ތަންކޮޅެއް ފަހަތައް ދުއްވައިލި އެވެ.

"މިއީ ޓެކްސީއެއް ނޫނެއްނު.. އަރަންޏާ ކުރިއަށް އަރާ" ނަދާލް ކުރިއަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލި އެވެ. އެއާއެކު އައިލީން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކާރުގެ ކުރީ ސީޓަށް އަރައި ހަމަޖެހިލި އެވެ.

ނަދާލްގެ ތުންފަތަށް ވެރިވި ކާމިޔާބީގެ ހިނިތުންވުން ސިއްރުކޮށްލަމުން ކާރު ދުއްވައިލި އެވެ. އޭރު އައިލީން އިނީ ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެނެވެ. ނިތްކުރި ބިއްލޫރިގަނޑުގައި ޖައްސާލައިގެން އިންއިރު މޫނުމަތިން ވަރުބަލިކަމުގެ އަސަރުތައް ފެންނަމުންދިޔަ އެވެ.

"ސޯ އާރ ޔޫ ގޮނަ ޓޯކް އަބައުޓް އިޓް" ވާރޭ ތިކިތަކުގެ އަޑުން ހިތްގައިމު ހިމޭންކަމެއް ފެތުރިފައިވާ ކާރު ތެރެއިން އިވިލީ ނަދާލްގެ ހިމޭން އަޑެވެ. "ހްމްމް؟" އައިލީން ކުޑަކޮށް ސިއްސައިގެން ދިޔަ އެވެ.

"އަތުގެ ވާހަކަ.. އަތަށް ކިހިނެއްވީ؟" ނަދާލްގެ ދެލޯ އަދިވެސް ސީދާވެފައި ވަނީ ކުރިމަތީގައި އޮތް މަގަށެވެ. ނަމަވެސް އޭނާގެ ސުވާލާއެކު އައިލީން ލައިގެންހުރި ހެދުމުގެ އަތުކުރި ތިރިއަށް ދަމާލައި އަތުގެ ނުފުށް ފޮރުވައިލިތަން ނަދާލް ލޮލުގެ ހިމަކޮޅުން ދެކުނެވެ. ފަރުވާނުކޮށް ހުރުމުން އައިލީންގެ އަތް ވަނީ ހެނދުނު އޭނާއަށް ފެނުނުއިރު ހުރި ވަރަށްވުރެވެސް ރަތްވެ، ހަންފޮޅިފަ އެވެ.

"ހަނދާންނެތި އިސްތިރި ކަނޑާނުލެވި ހުއްޓާ" އައިލީން އިސްޖަހައިލި އެވެ.

"ދެން ނިތްކުރި؟" މަގުން ނަޒަރު ވަކިކޮށްލުމަކާނުލައި ނަދާލް އަނެއްކާވެސް ސުވާލުކޮށްލި އެވެ.

"މި.. މިއީ ފާހަނައަށް ވެއްޓިފަ" އައިލީންއަށް މަޑުމަޑުން ނިތްކުރީގައި އަތް ޖައްސައިލެވުނެވެ. ނަދާލްއަށް އަވަސް ނޭވާއަކާއެކު ކާރުގެ މުއްގަނޑުގައި ހިފަހައްޓައިގެންހުރި އަތަށް ބާރެއްލެވުނެވެ.

"މައި އަންނަނީ ކޮން އިރަކުން؟" އައިލީންގެ ބޭނުމަކަށްވީ ނަދާލްގެ ސަމާލުކަން އެހެން މައުޟޫއަކަށް އަނބުރައިލާށެވެ.

"ތިއީ އަހަރެން އައިލީންއާ ކުރަންޖެހޭ ސުވާލެއްނު. އައިލީން ދޯ މިހާރު މައިގެ އާއިލާއަކީ" ނަދާލް މަލާމާތުގެ ރާގެއްގައި ބުނެލި އެވެ. ނަމަވެސް އައިލީންގެ ފަރާތުން ރައްދެއް ނުލިބުމުން އޭނާ އައިލީންގެ ސުވާލަށް ޖަވާބުދޭން ނިންމި އެވެ. "ޖަސްޓް ޖޯކިން.. މައިގެ ކޯސް އެއްކޮށް ނިމިއްޖެ. ގްރެޖުއޭޝަން ނިންމާލާފަ އަންނަން މަޑުކޮށްލައިގެން ހުރީ.. ވީ ހޭވް އަ.. އަމްމް.. ޕްރޮޕަރޓީ ދެއަރ.. ހަތަރު ކޮޓަރީގެ އެޕަރޓްމެންޓެއް. އެހެންވީމަ މައިއަކަށް އަނެއްހެން އެއްވެސް ދައްޗެއްނުވާނެ"

"މައި ހުންނަނީ އެތާނގަ ދޯ" އައިލީން އަހައިލި އެވެ.

"ހްމްމް. އެއް ކޮޓަރީގަ މައި.. އަނެއް ކޮޓަރީގަ މެއިޑްސް.. ދެން ހުންނަ ދެ ކޮޓަރި ހުންނާނީ ކުއްޔަށް ދީފަ. ދޮންތައާއި ދޮންތަބެގެ ކައިވެންޏަށް ކާފަ ދިން ހަދިޔާ އެއީ. ހީ ވޯޒް ބިގް ވިތް ގިފްޓްސް. ސްޕެޝިއަލީ އިފް ހީ ލައިކްސް ދަ ޕާސަން. މި ކާރަކީވެސް ކާފަ އަހަރެންގެ ވިހިވަނަ އުފަންދުވަހަށް ދިން ހަދިޔާއެއް." މުޖުތަބާގެ ވާހަކަ ދެއްކިއިރު ނަދާލްގެ އަޑަށް ވެރިވި ޖޯޝާއި އުފާވެރިކަން އިވި އައިލީންއަށް ހިނިތުންވެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ނަދާލް ބުނެލި ޖުމްލައިން އެ ހިނިތުންވުން ފިލައިދިޔަ އެވެ. "ކާފަ ދުނިޔޭގަ ހުރިނަމަ ލީންދެކެ ވަރަށް ލޯބިވީސް. ކާފަ ވަރަށް ދެކެން ބޭނުންވި ދުވަހެއް އެއީ ކިޔާ ނޫން ކުއްޖަކާ މައިޝާން ކައިވެނި ކުރާ ދުވަސް" ނަދާލްގެ ވާހަކައަށް ރައްދު ދޭނޭ ގޮތެއް އައިލީންއަކަށް ނޭނގުނެވެ.

އިރުކޮޅެއް ފަހުން ކާރުގެ ދުވެލި މަޑުޖެހިލި އެވެ. އައިލީން ބަލައިލިއިރު ފުޅާ މަގެއްގެ އެއްފަރާތަކުން ލިބުނު ޖާގައެއްގައި ނަދާލް ކާރު ޕާކުކޮށްލަނީ އެވެ. އައިލީންގާތު މަޑުން އިނުމަށް ބުނެފައި ނަދާލް ކާރުން ނުކުމެ މަގުގެ އަނެއްފަރާތަށް ދުއްވައިގަތެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގަ އެވެ. މިނެޓެއްހާއިރު ފަހުން އޭނާ އައިސް ކާރަށް އެރީ މުށިކުލައިގެ ކަރުދާސް ކޮތަޅެއް ހިފައިގެނެވެ. އޭނާ އަވަސް ހަރަކާތަކާއެކު ތެމިފައިވާ އިސްތަށިގަނޑު ފޮޅައިލައި، ގަމީސް ތަޅުވައިލަމުން ގަމީހުން ފެންފޮޅައިލިތަން ފެނުނެވެ. އެއަށްފަހު ކާރުގެ މަތީގައި ހަރުކުރެވިފައިވާ ފަނޑު ބޮތްކެއް ދިއްލައިލި އެވެ. އައިލީންއަށް ދެންވެސް މި ވަމުންދާގޮތެއް ނަގައިގަންނަން ނޭނގިފައި އިންދައި ނަދާލް ގެނައި ކޮތަޅުން ނެގި އުނގުޅާ ބޭސްފުޅިއެއް ކަނޑާލައި ކަފަކޮޅެއްގައި ބޭސް ޖެހުމަށްފަހު އައިލީންގެ އަތުގައި ހިފައިލި އެވެ.

ވިސްނާނުލައި އިންދައި ނަދާލް އެފަދަ ކަމެއް ކުރުމުން އައިލީންއަށް އިނދެވުނީ ނަދާލްގެ އަތުތެރެއިން އަތް ދަމައިގަންނަން ހަނދާންނެތިފަ އެވެ. ނަދާލް ފަރުވާތެރިކަމާއެކު އޭނާގެ އަތުގައި ބޭސް އުނގުޅައިދެމުން ދިޔަ މަންޒަރު ވީ އައިލީންގެ ހިތަށް ހަމަޖެހުން ގެނުވި ހިތްގައިމު މަންޒަރެކެވެ. އެ ހިނދުކޮޅުގެ ތެރެއަށް ގެއްލުނުވަރުން ލަސްލަހުން އަނެއް އަތް ހިއްލައިލުމަށްފަހު ނަދާލްގެ ނިތްކުރިމައްޗަށް ފައިބައިފައިވާ ތެތް އިސްތަށިގަނޑު އެއްފަރާތްކޮށްލެވުނު އިރުވެސް އައިލީންއަކަށް ނޭނގުނެވެ. ކަމެއް ކުރެވިއްޖެކަންވެސް ރޭކައިލީ ނަދާލް ކުއްލިއަކަށް އިސްއުފުލާލައި ސިހިފައިވި ދެލޮލުން އޭނާއާ ހަތަރުކަޅި ހަމަކޮށްލުމުންނެވެ. އެއާއެކު އައިލީންއަށް ތެޅިގެންފައި ނަދާލްގެ އަތުތެރެއިން އަތް ދަމައިގަންނަމުން ދުރަށް ޖެހިލެވުނެވެ.

ނަދާލްއަށްވެސް ވީ ހަމަ އެވަރެވެ. ކަމެއް ނުވާކަމަށްހެދި ކަރުކެހިލުމަށްފަހު ކާރު އިސްޓާޓުކޮށްލުމަށް އަވަސްވެގަތެވެ. އެދެމެދަށް ވެރިވި ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި ނަދާލް ކާރުގެ ބުލޫޓޫތު އޮންކޮށްލުމަށްފަހު ފޯނާ ގުޅައިލަމުން އޭނާ އާންމުކޮށް އެންމެ ގިނައިން ޖަހާއުޅޭ އޭނާއަށް އެންމެ ކަމުދާ ލަވަތައް ހުންނަ "ޕްލޭލިސްޓް" ތަރުތީބެއްނެތި އަޅުވައިލި އެވެ. މާބޮޑު ވިސްނުމަކާ ނުލަ އެވެ. އެހެނަސް އެރޭ ތަގުދީރުވެސް އެދެމީހުންނާ ކުރަމުން ދިޔައީ ސަމާސާއެއް ކަހަލަ އެވެ. ވާރޭގެ އަޑާ އެކުވެ ކާރުގެ ތެރެއިން ފަނޑުފަނޑުކޮށް އިވެންފެށި "އޭރަން ސްމިތް" ގެ "ޑާންސިން" ލަވައާއެކު އެދެމީހުންނަށްވެސް ސިހިފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"ލެޓް މީ ޗޭން-"

"ލެޓް އިޓް ބީ.. ރީތި ލަވައެއްނު" ނަދާލްގެ ވާހަކަ މެދުކަނޑައިލަމުން އައިލީން އަސަރެއްނެތް ގޮތަކަށް ބުންޏެވެ. މީގެކުރިން އެ ލަވަ އަޑުއަހާ ކޮންމެ ފަހަރަކު އެ ލަވައިގެ ޅެމާއި ރާގުގައިވާ އުފާވެރިކަމުން ހިތަށް ފިނިކަން ގެނެސްދިން ނަމަވެސް، މިރޭ އެ ދެމީހުންނަށް އެ ލަވައާއެކު ހިނިތުންވެލަން އުނދަގޫވި އެވެ. އެލަވައިގެ ހަމައާ އެއްވަރަށް ނަށައި ހިނިތުންވެ އުޅުނު އުފާވެރި ރެއެއް އެމީހުންގެ ހަޔާތުގައި އައެވެ. އެހެނަސް މިހާރު އެއީ ވިސްނާލަންވެސް ދުރު މާޒީއެކެވެ. އެހާވެސް ބޮޑަށް ދެމީހުންގެ ރާސްތާ ވަނީ ބަދަލުވެފަ އެވެ. ދެމީހުން ވަނީ ބީރައްޓެހިންނަށް ވެފަ އެވެ.

"އަހަރެން ސުވާލެއް ކޮށްލަންތަ؟" އައިލީން ޖެހިލުންވެފައި އިނދެ އަހައިލި އެވެ. "ކީއްވެ އިޒޫއަށް ދޮގުހެދީ؟ ޔޫ ސެޑް ޔޫ ޑޯންޓް ޑާންސް" ނަދާލްގެ އިޛްނައާއެކު އައިލީން ހަނދާންކޮށްދިނީ އައިލީންއާއި މައިޝާންގެ ކައިވެނި ޕާޓީގައި އިވުނު ވާހަކަ އެވެ. "އެކަމަކު އެރޭ.. އެރޭ ޔޫ ޑާންސްޑް ވިތް މީ. އެންޑް ޔޫ ޑާންސް ރިއަލީ ވެލް" އައިލީންގެ ޖުމްލައާއެކު ނަދާލްގެ ފަރާތުން ލުއި ހީނލުމެއްގެ އަޑު އިވުނެވެ.

"ދޮގެއް ނަހަދަން.. އިޒޫގާތު ނުނަށަމޭ ބުނީ ނުނަށާތީ.. ކޮންމެ ކޮންމެ މީހަކާއެކު" ނަދާލްގެ އަޑުގައިވަނީ ސީރިއަސްކަމެވެ. "އައި ވޮޒަންޓް ލައިން ވެން އައި ސެޑް ޔޫ ވަރ ސްޕެޝަލް. ލޫނާ އައި-"

"ލީން.. ނަދާލް އަހަރެންނަށް ކިޔާނީ ލީން.. އެހެން އެންމެނެކޭ އެއްގޮތަށް" އައިލީން ހަރުކަށިކަމާއެކު ބުންޏެވެ. ދިފާއުގައި ބުނާނެ އެއްޗެއް ނޭނގި ނަދާލްއަށް އަނގަ ލައްޕައިލަމުން ބޯ ޖަހައިލެވުނެވެ.

ގޭދޮށަށް އާދެވުމުން ނަދާލް ފަރިތަކަމާއެކު ގަރާޖަށް ކާރު ވައްދައިލަމުން އޭގެ އިންޖީނު ނިވައިލި އެވެ. އެހެނަސް ދެމީހުންކުރެ އެކަކުވެސް ކާރުން ފައިބާކަށް ނޫޅުނެވެ. ހިމޭންކަމުގެ ސުކޫތަކަށްފަހު އައިލީން ނަދާލްއާ ވީ ފަރާތަށް އެނބުރިލައި ވާހަކައެއް ފެށި އެވެ.

"އަހަރެންނަކަށް އަދިވެސް ނުވިސްނޭ.. ނަދާލްއަށް އަހަރެންނާއެކު އެވަރުގެ މިސްޓޭކެއް ހެދުނު ސަބަބެއް. ކްލިއަރލީ އައިމް ނޮޓް އިވަން ޔޯ ޓައިޕް. އަހަރެންނާ އިޒޫއާ މިއީ ދުވާލާއި ރޭގަނޑުހާ ތަފާތު ދެމީހުން.. ޝީ އިޒް.. ޝީ އިޒް އަ ރޭ އޮފް ސަންޝައިން، ވިތް ފްރެކްލްސް.. އެންޑް ގޯލްޑެން ސިލްކް ހެއަރ.. އެންޑް ބިއުޓިފުލް ބްރައުން އައިޒް.. ޝީ އިޒް ރިޗް.. ޝީ އިޒް ސްމަރޓް.. ޝީ އިޒް އެވްރީތިންގް އައިމް ނޮޓް. ދެން ކިހިނެއް ނަދާލްއަށް އޮޅުނީ؟" އައިލީން ދެއްކީ މުޅިއަކުން ދޮގު ވާހަކަތަކެއް ނޫނެވެ. ހަގީގަތުގައިވެސް އޭނާއާއި އިޒްކާއަކީ އިރާއި ހަނދުހާ ތަފާތު ދެކުދިންނެވެ. ނަދާލް އިޒްކާއާ ކުޑަކޮށްވެސް ގަޔާވާނަމަ ނަދާލްއަށް އައިލީން ކަމުދާންވީ އެއްވެސް ސަބަބެއް ނެތެވެ.

"ޓްރަސްޓް މީ.. އަހަރެންނަށް ދުވަހަކުވެސް އައިލީންއާ އެހެން މީހަކާ ނޯޅޭނެ. އެ ދަތުރުގަ އައިލީންއާ ދިމާވި ހިސާބުން.. ކުޑަ ހިނދުކޮޅަކަށް.. އިޒޫއަކީ އަހަރެންގެ ލައިފްގެ ބައެއްކަންވެސް އަހަރެން ހަނދާން ނެތުނީ" ނަދާލްގެ ވާހަކައިވި އައިލީންގެ ހިތަށް އުފާވެރިކަމުގެ ބަދަލުގައި ވެރިވީ ރުޅިވެރިކަމެވެ. ހުރި "ހަޔާތްކުޑަ"ކަން ނިކަން ދެކި ބަލާށެވެ. އިންނަން އުޅޭ ކުއްޖާގެ މަތިން ހަނދާންނެތުނީއޭ ބުނެލަން މި ފިރިހެނާގެ ދުލަށް ކިހާ ފަސޭހަ ހެއްޔެވެ؟ އިތުރު ކަމަކާމެދު ވިސްނައި ނުލެވެނީސް އައިލީންގެ ހަށިގަނޑުގެ ހުރިހާ ބާރެއް އަތްތިލައަށް ޖަމާވެއްޖެ އެވެ. ދެން ފެނުނީ ހޫނުކަމާއެކު އެ އަތްތިލައިން ނަދާލްގެ ކަންކަށިމައްޗަށް އެތިފަހަރެއް ވީއްލައިލި ތަނެވެ.

"ދެޓްސް ފްރޮމް އިޒޫ.. އައި ޝުޑް ހޭވް ޑަން ދެޓް އަ ލޯންގް ޓައިމް އެގޯ" ނަދާލް ދޭނެ ރައްދަކަށް މަޑުކުރުމެއްނެތި އައިލީން ކާރުން ފޭބި އެވެ. ނަދާލްއަށް ދެފަހަރަކު އަމިއްލަ ކޯތާފަތުގައި ފިރުމައިލެވުނެވެ. ކާރުގެ ތެރެއަށް ވެއްޓިފައި އޮތް ބޭސްކޮތަޅު ފެނުމުން އޭނާ މަގަށް ނުކުމެ އައިލީންއަށް ގޮވައިލި އެވެ. އޭރު އައިލީން ގޭގެ މައި ދޮރާއްޓާ އަރައި ހަމަވަނީ އެވެ. އޭނާ ކުޑަކޮށް ދުވެލާފައިގޮސް އައިލިންގެ ގާތަށް ހުއްޓުމާއެކު އައިލީންގެ ފިޔަވަޅުތައް މަޑުޖެހިލުމުން ނަދާލްއަށް ހީކުރެވުނީ އޭނާގެ އަޑަށް އައިލީން އިޖާބަ ދިނީ ކަމަށެވެ. ނަމަވެސް އައިލީންގެ ދެލޯ އޭރު އަމާޒުވެފައިވަނީ އޭނާއަކަށް ނޫނެވެ. ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި މައިޝާންއަށެވެ.

މައިޝާން އެއްފަހަރު އައިލީންއަށް އަނެއްފަހަރު ނަދާލްއަށް ބަލައިލުމަށްފަހު އަތުގައި އޮތް ސިނގިރޭޓު ފަހު ފަހަރަށް ދަމާލައި ދުރަށް ހޫރައިލި އެވެ. އަދި ލަސްފިޔަވަޅުތަކެއްގައި އައިސް އެމީހުންގެ ކުރިމަތީގައި ހުއްޓުނެވެ. މައިޝާން ކޮށްފާނެ ކަމަކަށް ބިރުންހުރި އައިލީންއަށް ހިންދިރުވައިލެވުނެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ މައިޝާން މަޑުމަޑުން އޭނާގެ އަތުގައި ހިފައި ގާތަށް ދަމައިލުމުންނެވެ.

"އައި މިސްޑް ޔޫ ވައިފީ.. މިރޭ ހާދަ އިރެކޭ އިންތިޒާރުގަ ތިބެހެއްޓީ" އައިލީންގެ ނިއްކުރިއަށް ދޮނެއް ދިނުމަށްފަހު މައިޝާންގެ ތުންފަތަށް ވެރިކޮށްލީ ލޯބިވެތި ހިނިތުންވުމެކެވެ. ނަދާލްއަށް އެ މަންޒަރު ބަލަން އުނދަގޫވި ފަދައަކުން އެމީހުންނާ ދުރަށް މޫނު އަނބުރައިލި އެވެ.

"ވިއް.. ވިއްސާރަކަމުން ޓެކްސީއެއް ނުލިބިފަ ހުއްޓާ.. މީ.." އައިލީންއަށް ލިބިފައިވާ ހާސްކަމުން ވާހަކަދެއްކުނީ އާގަންނަމުންނެވެ.

"އިޓްސް އޯކޭ ދޫނީ.. އަހަރެން ނާހަމެއްނު." މައިޝާން ބުނެލި އެވެ.

"މިހިރީ.. ލީން ދެންމެ މި ކާރުގަ ބަހައްޓާފަ ނުކުތީމަ.. ގުޑް ނައިޓް ޔޫ ޓޫ" އަތުގައި އޮތް ބޭސްކޮތަޅު އައިލީންގެ އަތަށް ދިނުމަށްފަހު ނަދާލް އެތަނުން ދުރަށް ހިނގައިގަތެވެ.

ނަދާލް ދުރަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އައިލީންގެ ކުޑަހުޅުގައި ވަށާލެވިފައިވާ މައިޝާންގެ އަތްތިލައަށް ބާރުވަމުންދިޔަ އެވެ. ގާތްވަމުންދިޔަ ވިލާގަނޑުގެ ބޯ މިން އިހުސާސްވުމާއެކު އައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. ނަދާލް ގޮސް ލިފްޓަށް އަރާނެހާ ވަގުތަށްފަހު މައިޝާން އައިލީންގެ އަތުގައި ހިފައި ލުތްކެއް ޖަހަމުން ގެއާ ދިމާލަށް ހިނގައިގަތެވެ. އެޕަރޓްމެންޓްގެ ތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އައިލީން ގޮސް ޖެހުނީ ބިންމައްޗަށެވެ. ދެން އިވުނީ އެޕަރޓްމެންޓްގެ ދޮރު ތަޅުލެވުނު އަޑެވެ. ސުކުންތެއްވެސް ލަސްކުރުމެއްނެތި މައިޝާން އައިލީންގެ ގާތަށް ތިރިވެ އައިލީންގެ ކޮލަށް ފިތައިލީ ކޮލުން ލޭރަހަ ލާ ވަރަށެވެ.

ގެއަށް ވަނުމަށްފަހު އައިސް-އަލަމާރިން ފެންފުޅިއެއް ނަގައި އަނގަޔަށް އަޅައިލި ނަދާލް ސިއްސައިގެން ދިޔައީ ކުއްލިއަކަށް މަތީ ފަންގިފިލާއިން ބާރު އަޑުފައްގަނޑެއް އިވުމުންނެވެ. އައިލީންމެން އުޅޭ އެޕަރޓްމެންޓުންނެވެ. ލިބުނު ސިހުމުން ނަދާލްގެ އަނގަޔަށް އަރިކޮށްލައިގެންހުރި ފެންފުޅިވެސް މުޅި ގަމީހަށް އެޅުނެވެ. ބުމަ ގޮށްޖަހައިލަމުން ސީލިންގާ ދިމާލަށް ބަލައިލެވުނުއިރު ނަދާލްގެ ހިތް އިންޒާރުގެ ރާގެއްގައި ތެޅެމުންދިޔަ އެވެ. ނަމަވެސް މިނެޓެއްހާއިރު ފާއިތުވެ ދިޔައިރު އިތުރު އަޑެއް ނީވުމުން އޭނާ އެންމެފަހުން ކޮޓަރިއަށް ވަނެވެ.

"ކަލޭ ތި އުޅެނީ މަގޭ އަގު ވައްޓާ ނުލެވިގެންތަ އޭން؟ އަދިވެސް ނަދާލް ފެންނައިރަށް ހޭބަލިވެފަ ދޯ ތި ހުންނަނީ؟ ނޭނގޭތަ ކަލޭ އޭނައާ ގާތަށް އަޅާ ކޮންމެ ފިޔަވަޅަކީ މަށަށް ލިބޭ ހުތުރު ނަމެއް ކަމެއް؟ ކަލޭ ހުންނަންޖެހޭ އޭނައަށް ފެންނަ ހިސާބުގަ.. އޭނައާ ދުރުގަ.. މަށާ ކައިރީގަ! ނޭނގޭތަ އެ ކަމެއް؟" މައިޝާން ދަތްކުނޑި ވިކާލައިގެންހުރެ އައިލީންގެ ކޮލުގައި ހިފި ހިފީނުން ހަށިގަނޑު ދަމާފައި ގެންގޮސް ފަހަތުގައިހުރި ފާރުގައި ޖައްސައިލުމަށްފަހު އައިލީންގެ ކޮލުން ދޫކޮށްލި އެވެ. އައިލީންއަށް ދެއަތުން އޭނާގެ ކޮލުގައި ހިފަހައްޓައިލެވުނެވެ.

"އަހަރެން.. އަހަރެން އެއްވެސް ކަމެއް ނުކުރަމޭ.. ވާރޭ ވެހޭތޯ ޓެކްސީއެއް ނުލިބިފަ ހުއްޓާ-"

"ކަލޭގެ ދެފައި ނެތްތަ އޭން؟ ކަރުދާސްކޮޅެއްތަ ތީ ވާރޭ ތެރޭގަ ހިނގާފަ ނާދެވޭވަރު؟ މަގޭ ނަންބަރު ނެތީތަ ގުޅާފަ ބަލާ އަންނާށޭ ބުނަން؟ ނޫނީ ތި އުޅެނީ މަގޭ އަތުން މަރުވާނެ ގޮތެއް ނޭނގިގެންތަ؟" އައިލީންގެ އަތުގައި ހިފައި ކޮޅަށް ނަގަމުން މައިޝާން ރުޅިވެރިކަމާއެކު އަހައިލި އެވެ.

"މައިޝާން ބުނީއެއްނު މައިޝާންއަށް ނުގުޅާށޭ.. އަހަރެން ގައިގަ ވަރުނެތީމަ ހިނގާފަ ނާދެވުނީ. އަހަރެން.. އަހަރެން މައިޝާންގެ ނަމަށް ހުތުރުވާނެ އެއްވެސް ކަމެއް ނުކުރަމޭ.. ގަބޫލުކޮށްބަލަ" އައިލީން އިސްޖަހައިލަމުން ރޯންފެށި އެވެ.

"ދެން ފަށާ ރޯން.. އޭރުން ހުރިހާކަމެއް ހަމަވީނު. ކިހާ ބޮޑު ބަ*އެއްތަ މިއީ!" އައިލީން ދުރަށް ކޮށްޕައިލުމަށްފަހު މައިޝާން ކޮޓަރިއަށްވަދެ ދޮރުލެއްޕި އެވެ. މާ ގިނައިރެއްނުވެ އައިލީންވެސް ރުއިން ހުއްޓައިލި އެވެ. ކޮލުގައިވާ ތަދު ފިލުވައިލުމަށް ފިނި ފެންތަށްޓެއް ބޮއެލުމަށްފަހު ސިންކުގެ އިސްކުރު ދޫކޮށްލަމުން މޫނު ދޮވެލި އެވެ. އެއަށްފަހު އަވަސްވެގަތީ ޒީނިޔާމެން އުޅޭ ބަޔަށްގޮސް ޒީނިޔާގެ ހާލު ބަލައިލުމަށެވެ. އޭނާ ކޮލެޖަށް ދިޔައިރު ޒީނިޔާ އުޅުނީ ބަލިވެކަން އޭނާ ހަނދާނެއް ނުނެތެ އެވެ. ހަނދާން ނައްތާލެވޭނީވެސް ކިހިނެއް ހެއްޔެވެ؟ އެކަމާ ގުޅިގެން މައިޝާން އޭނާއަށް ނަގައިދިން ފިލާވަޅުގެ ހަނދާން ކާމޭޒުމަތީގައި ހަލާކުވެފައިހުރި ލެޕްޓޮޕުން އެކަނިވެސް އާވަމުންދިޔަ އެވެ.

----------

ޖެހިގެންއައި ދުވަހެވެ. ހުޅުވާލެވިފައިވާ އެޕަރޓްމެންޓުގެ ދޮރުކަނީގައި ލެގިލައިގެންހުރި ނަދާލް އިރުއިރުކޮޅުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ސިޑިން މައްޗަށް ބަލައިލަ އެވެ. އޭނާގެ އިންތިޒާރުގެ ވަގުތުތަށް މާ ގިނައިރަކަށް ދިގުލައިގެނެއް ނުދިޔަ އެވެ. މަތީ ފަންގިފިލާގައި ހުރި އެޕަރޓްމެންޓުން އައިލީން ނުކުތް އަޑު އިވި ނަދާލް ތިރިއަށް ދިޔުމަށްޓަކައި ލިފްޓަށް ފިތައިލީ އެ ލިފްޓުން އައިލީންއާ ދިމާވާނެކަން ޔަގީން ކުރަމުންނެވެ. އެހެން ދުވަސްދުވަހާ ހިލާފަށް އޭނާ އިސްނަގައި އައިލީންއަށް ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. އައިލީން އިސްޖަހައިލީ އޭނާގެ އެ ހިނިތުންވުމަށް މަރުހަބާ ނުކިޔަމޭ ބުނާ ފަދައަކުންނެވެ.

"ޔޫ އޯކޭ؟" ލިފްޓުގެ ތެރޭގައި ދެމީހުން އެކަނިވި ހިނދު ނަދާލް ސުވާލުކުރި އެވެ. އައިލީން ޖަވާބެއް ނުދިނެވެ. "ޑްރޮޕެއް ދެންތަ؟" ނަދާލް އަހައިލި އެވެ. މިފަހަރުވެސް އައިލީންގެ ޖަވާބެއް ނުލިބުނެވެ. އެންމެ ތިރީ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ހުޅުވިގެންދިޔަ ދޮރުން ނުކުމެގެން ދިޔައީ ނަދާލްއަކީ އެތަނުގައި ހުރި މީހެއް ކަމަށްވެސް ހަދައި ނުލަ އެވެ. ނަމަވެސް ނަދާލްގެ ހިތްވަރު އެލުވައިލާކަށް ބޭނުމެއް ނުވި އެވެ. ކާރަށް އެރުމަށްފަހު އޭނާ އެންމެ ފުރަތަމަ ކަމަކަށް މައިރާއަށް ގުޅައިލަމުން ފޯނު ކާރުގެ ބްލޫޓޫތާ ގުޅައިލި އެވެ. "މައި؟ ރަނގަޅު ގަޑިއެއްތަ؟"

"ހްމްމް؟ ނިދާފައޭ މި އޮތީ. ކިހިނެއްތަ ވީ؟" ނިދިމޮޅި އަޑަކުން މައިރާ ޝަކުވާކޮށްލި އެވެ.

"މައި. އަހަރެންނަށް ކަމެއް ޔަގީންކޮށްދޭން ވެއްޖެ" ނަދާލް ބުންޏެވެ.

"ކޮން؟" މައިރާ ފަރުވާކުޑަ ގޮތަކަށް އަހައިލި އެވެ.

"މައިޝާން.. އިޒް ހީ.. އިޒް ހީ ވަޔަލަންޓް؟" އަހަން ނާހަން އުޅެފައިވެސް ނަދާލް އެއްސެވެ.

"ތިބުނީ؟" މައިރާއަކަށް ނަދާލްގެ ސުވާލު ސާފެއްނުވި އެވެ.

"މިބުނީ ދެން.. ރުޅި އައިމަ. އަހަރެން އެއްވެސް އިރަކު މައިޝާންއާ މާ ގާތެއް ނޫންތާ ދޯ؟ އެހެންވީމަ އަހަރެންނަކަށް އަސްލު މާ ރަނގަޅަކަށް ނޭނގޭ އޭނަގެ ގޮތެއް. މައި.. އިޒް ހީ؟" ނަދާލް އިތުރަށް އޮޅުންފިލުވައިދެމުން އެއްސެވެ.

"ބައެއް ފަހަރު. ކިހިނެއްވީ؟" މައިރާގެ އަޑުގައިވަނީ ކުރިން ނެތް ޝައުގުވެރިކަމެކެވެ.

"ޑޫ ޔޫ ތިންކް ހީ މައިޓް.. ޔޫ ނޯ.. އައިލީން؟" ނަދާލްގެ ސުވާލު ފުރިހަމަ ކުރާކަށް ނޫޅުނެވެ. އޭނާ އަހަން އުޅެނީ ކީކޭކަން މައިރާއަށް އޮޅުން ފިލާނެކަން ނަދާލްއަށް އެނގެ އެވެ.

"އަހަހަހަ.. ނޯނޯ.. ނޯ. ދޮންބެއަކީ އަންހެނުންނަށް އަނިޔާކުރާނެ މީހެކޭ އަހަރެން ނުބުނާނަން. ކިޔާއާ އެކީވެސް ކިހާ ލޯބިން އުޅުނީ.. ކިތަންމެ ޓަފް މާސްކެއް އަޅައިގެން އުޅުނަސް ހީ އިޒް އަ ސޮފްޓީ" މައިރާ ޔަގީންކަން ދިނެވެ.

"އޯހް އޯކޭ" ނަދާލްއަށް ބުނެވުނެވެ.

"ކިހިނެއްވީ؟ ކަމަކާ ނުލާ ނެޑް ތިހެން ނާހާނެ ދޯ" ނަދާލްގެ ގޮތް ރަނގަޅަށް އެނގިހުރެ މައިރާ ބުންޏެވެ. ނަދާލްއަކީ ބޭކާރު ގޮތުގައި އެއްވެސް ވާހަކައެއް ދައްކާނެ މީހެއް ނޫނެވެ. އޭނާ ކުރާ ކޮންމެ ކަމަކާއި ދައްކާ ކޮންމެ ވާހަކައެއްގެ ފަހަތުގައިވެސް ސަބަބެއް އޮންނާނެކަން މައިރާއަށް ރަނގަޅަށް އެނގެ އެވެ.

"މިއީ.. މިއީ މިއަދު ލީންއާ ދިމާވި ލިފްޓުން. އަތް ހަލާކުވެ.. ނިތްކުރިވެސް ހަލާކުވެފަ ހުރީ.. އަހަރެން އެހީމަ ބުނީ.. ފާހަނައަށް ވެއްޓުނީއޭ" ނަދާލް ބުންޏެވެ.

"ހަމަ ވެދާނެއެއްނު. ވެއިޓް.. އަރ ޔޫ ޖެލަސް؟" މައިރާގެ ސުވާލާއެކު ނަދާލްއަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާއާއި އައިލީންއާ ދެމެދު ހިނގި އެއްވެސް ކަމެއް މައިރާއަށް ނޭނގޭއިރު އެފަދަ ސުވާލެއް ކުރަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ މައިރާއަށް ކަމެއް ޝައްކުވީބާ އެވެ؟

"ވަޓް؟ ހަހަހަ.. ކޮންކަމަކާ؟" ނަދާލް ގަދަކަމުން ހިނިގަނޑެއް ޖަހައިލި އެވެ.

"ދެން.. މިހާރު އެނގޭދޯ ސީ.އީ.އޯ ޕޮޒިޝަންއަށް ދޮންބެ ކޮމްޕީޓް ކުރާނެކަން. ސޯ އަރ ޓު ފައިންޑް ޑާރޓް އޮން ހިމް؟ ކަމޯން ޔޫ ކޭން ޓެލް މީ. އަހަރެން ޖަޖެއް ނުކުރާނަމޭ" މައިރާގެ ޖަވާބު ލިބުނު ހިނދު ނަދާލްއަށް ދެލޯ މަރައިލަމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. "ވަޓް ނޯ؟ އައި ޑޯންޓް ނީޑް ޓު ޓޭކް ހިމް ޑައުން މައި. ދަ ޕޮޒިޝަން އިޒް އޮލްރެޑީ މައިން. އިޓްސް ޖަސްޓް އަ މެޓަރ އޮފް ޓައިމް" ނަދާލް ޔަގީންކަމާއެކު ބުންޏެވެ.

"އޯކޭ އޯކޭ.. ދެން އަހާލެވިދާނެތާ ދޯ؟ އަހަރެންނަށް ނޫން ކާކަށް އެނގޭނީ ނެޑްގެ ސިކުނޑި މަސައްކަތް ކުރާ ގޮތެއް" މައިރާ ބުންޏެވެ.

"ނޯ ނޯ. ހަމަ އަސްލުވެސް އަހަރެން ނޫޅެން އެއްވެސް އަގްލީ ކަމެއް ކުރާކަށް. މައިޝާން ސީ.އީ.އޯ ޕޮޒިޝަން ބޭނުމިއްޔާ އައި ވިލް ގިވް ހިމް އަ ފެއަރ ޗާންސް ޓު ކޮމްޕީޓް. އެއީ ދެން ހަމަ..." ނަދާލްގެ ވާހަކަ ކުރިއަށް ގެންދަން ފަސްޖެހުނެވެ. "މައިއަށް އެނގޭ ދޯ މައިޝާންމެން އުޅެނީ އަހަރެންގެ އެޕަރޓްމެންޓް މަތީގަ ކަން.. އައި ހޭވް ބީން ހިއަރިން.. ލައުޑް.. ނޮއިސަސް.. އޯލްމޯސްޓް އެވްރީ މޯނިންގް.. ސަމް ނައިޓްސް ޓޫ.. ޔޫ ނޯ"

"އަހަހަހަހަހަ" ނަދާލްގެ ވާހަކައަށް މައިރާ ޖަހައިލީ ހިނިގަނޑެކެވެ. "ސީރިއަސްލީ ނެޑް؟ ސޯ ތިބުނާ އަޑެއް އިވޭތީ ނެޑް ތި ޝައްކުކުރަނީ މައިޝާން ލީންއަށް އަނިޔާ ކުރަނީއޭ؟" މައިރާއަށް ގަބޫލު ނުކުރެވިފައި އަހައިލެވުނެވެ. "ގޯޝް.. ހައު ކޭން ޔޫ ބީ ދިސް ސްޓުޕިޑް ނެޑް. ދޭ އަރ މެރީޑް. ދޭ މަސްޓް ބީ ޑުއިންގް.. ޔޫ ނޯ.. މެރީޑް ޕީޕަލް ތިންގްސް.."

"އޯކޭ އޯކޭ ނައު. ޝަޓް ދަ ހެލް އަޕް" ނަދާލް އަވަސް އަވަހަށް މައިރާގެ ވާހަކަ މެދުކަނޑައިލީ އެވާހަކަތަކުން ޒާތެއްގެ ނުތަނަވަސްކަމެއް ހިތަށް ލިބިގެން ދިޔައީތީ އެވެ. އޭރުވެސް ފޯނުގެ އަނެއް ފަރާތުން ހުއްޓުމެއްނެތި މައިރާގެ ހުނުމުގެ އަޑު އިވެމުންދިޔަ އެވެ.

"އަހަހަ. ޔޫ އަރ ފަނީ ނެޑް! ޔޫ އެކްޗުއަލީ ތޯ-"

"އޯކޭ ބާއި" މައިރާއަށް އިތުރު ވާހަކަތަކެއް ދައްކާނެ ފުރުސަތު ނުދީ ނަދާލް ފޯނު ކަނޑައިލި އެވެ. "މެރީޑް ޕީޕަލް ސްޓަފް" އޭނާގެ އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ބްރިޖުމަތީގައި ދުއްވަމުންދިޔަ ކާރުގެ ދުވެލި އަވަސްކޮށްލި އެވެ.

----------

އެޕަރޓްމެންޓްގެ ބެލް ރިންގުވި އަޑަށް ޓީވީން ބަލަމުންދިޔަ ފިލްމު ހުއްޓައިލުމަށްފަހު ކިޔާރާ ދުވެލާފައިގޮސް ދޮރު ހުޅުވައިލި އެވެ. މައިޝާން ފެނުމާއެކު އޭނާގެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.

"އައި މިސްޑް ޔޫ" މައިޝާންގެ އޮފީސް ޓައިގައި ހިފައި ގާތަށް ދަމައިގަންނަމުން ކިޔާރާ ބުންޏެވެ. ދޮރު ލައްޕައިލުމަށްފަހު ދެމީހުން އެކަކު އަނެކެއްގެ ގައިގައި އޮޅުލައިގަތްގޮތުން ހީވީ ސިކުންތެއްވެސް ބޭކާރުކުރަން ބޭނުން ނުވި ހެންނެވެ. ސޯފާއާ ހިސާބަށް އިރު މައިޝާންގެ ގަމީހާ އެކުއެކީގައި ކަހަލަ ގޮތަކަށް ކިޔާރާ ލައިގެންހުރި ޓީޝާޓުވެސް ގަޔާ ވަކިވެއްޖެ އެވެ. ކިޔާރާ ފަރިތަކަމާއެކު މައިޝާން ސޯފާއަށް ކޮއްޕައިލުމަށްފަހު މައިޝާންގެ އުނގުގައި އިށީނެވެ. ދެމީހުންގެ ހަރަކާތްތައް ހުއްޓުނީ މައިޝާންގެ ކަންފަތްދޮށުގައި ކިޔާރާ ފެށި ވާހަކައިންނެވެ.

"އަބައުޓް ދެޓް.. ވީ ކާންޓް ގޯ ބޭބް" ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން މައިޝާން ރައްދުގައި ބުންޏެވެ.

"އެއީ ކީއްވެ؟" ކިޔާރާގެ ހަރަކާތްތައް ކުއްލިއަކަށް ހުއްޓުނެވެ.

"މެހް.. ސީ.އެފް.އޯ.. މިވަގުތު ބަޖެޓް ހަމަޖައްސާ ދެވޭކަށް ނެތޯ ބުނީ" މައިޝާން ދެވަނަ ފަހަރަށް ކިޔާރާއާ ގާތްވާން އުޅެލިއެވެ.

"އޯކޭ.. އެކަމަކު އެޓްލީސްޓް ރިސޯޓަކަށް ދެވޭވަރު ވާނެ ދޯ؟" މައިޝާންގެ ބީހުންތަކަށް މަރުހަބާ ކިޔަމުން މިފަހަރުވެސް ކިޔާރާ އަހައިލި އެވެ.

"ކާންޓް ބޭބް.. ދެން ތިވާހަކަ ހުއްޓާލާފަ މިކަމާ އުޅެބަ.. އައި މިސްޑް ޔޫ.. މްމްމް" ކިޔާރާގެ ކަރުދޮށުގައި ތުންފަތް ޖައްސައިލަމުން މައިޝާން ވާހަކަދެއްކި އެވެ. މިފަހަރު ފެނުނީ ކިޔާރާ އިސްނަގައިގެން މައިޝާންއާ ދުރަށް ޖެހިލި ތަނެވެ.

"ކީއްވެ؟ މިހާރު ހަތަރުމަސް މި ވަނީ މިގޮތަށް މާލޭގަ ތިބޭތާ" ކިޔާރާގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވި އެވެ. "ކީއްވެތަ މައިޝާން ބޭނުންވީމަ އެއްވެސް ކަމެއް ނުވެފަ ނަދާލް ބޭނުންވީމަ ހުރިހާ ކަމެއް ވަނީ؟"

"ކިޔާ އިޓްސް ނޮޓް ލައިކް ދެޓް އޭ ބޭބީ. އަހަރެން ބޭނުންވާ ކަންކަންވެސް އެބަ ވެއެއްނު. ކިޔާ ބުނީމަ މި އެޕަރޓްމެންޓްވެސް މިހިރީ ނަގާދީފައެއްނު. ކޮންމެ މަހަކު ކްރެޑިޓް ކާޑަށްވެސް އެބަ ޕޭ ކޮށްދެމެއްނު. ސީ.އީ.އޯ ވޯޓަށްވެސް ބާކީ އެންމެ ތިންމަސް އޮތީމައާއެކު އަހަރެންނަށްވެސް މިވަގުތު ވިޔަފާރީގެ ކަންކަން ދޫކޮށްލާފަ ދެވެން ނެތީ އޭ.. ދެން ނެޑް ގެ ވާހަކަ. އަހަރެންވެސް ވިޔަފާރީގެ ތެރެއަށް ވަނީމަ މިހާރު މި އެނގެނީ.. އަސްލު ނެޑް އަކަށްވެސް ތި ބުނާހާ ކަންކަމެއް ކޮމްޕެނީއަކުން ނުކޮށްދެޔޭ.. ވާ ގޮތަކީ ނެޑް ކުރީއްސުރެން މި ވިޔަފާރީގެ ތެރޭގަ އުޅޭތީ.. ކާފަ ދުނިޔޭގަ އުޅުނު އިރުވެސް ގިނަ ބަޔަކަށް ފެނި ދެނިވެ އުޅުނީމަ ނެޑް ދަންނަ މީހުން ގިނައީ. ކަނެކްޝަންސް އޮންނަނީ.. ސޯ ރިސޯޓެއް ނޫން ކޮންމެ ތާކަށް ދިޔަސް ނެޑްގެ ރައްޓެހިން ތިބޭ ކޮންޕެނީން ހަރަދު ނުކުރިޔަސް ހުރިހާ ކަމެއް ފަހިކޮށްދޭން.. ހީ ހޭޒް ޑަން ހިޒް ނެޓްވޯކިން.. ލެޓް މީ ޑޫ މައިން" މައިޝާން ބެލީ ކެތްތެރިކަމާއެކު ހުރިހާކަމެއް ކިޔާރާއަށް ސާފުކޮށްދެވޭތޯ އެވެ.

"ދެން ތި ބުނީ ކުރިއަށް އޮތް ތިންމަސް އެކީ މިހެން މާލޭގަ ބަންދުވެފަ ތިބޭށޭތަ ޖެހޭނީ؟" ކިޔާރާ ހިތްހަމަ ނުޖެހުނެވެ. މައިޝާންގެ އުނގުން ތެދުވެ ދުރަށް ހިނގައިގަތެވެ. "މިހާރު ހުރިހާކަމެއް މާ ގޯހެއްނު؟ ކުރިން މައިޝާން އަހަރެން ބުނާ އިރަކު ބުނާ ތާކަށް ގެންދޭ.. މާފުށްޓަށް.. ތުލުސްދޫއަށް.. ތި މީހަކާ އިނދެގެން ތި ވިޔަފާރިއަކާ އުޅެންފެށި ފަހުން މިހާރު މައިޝާންއަށް އަހަރެންނާއެކު ކައިރި ފަޅެއްގަ އޮންނަ ސަފާރީއަކާ ހަމައަށްވެސް ދެވޭވަރު ވަނީކީ ނޫން"

"ދެން އަހަރެން ކީއްތަ ކުރަންވީ؟ ވިޔަފާރީގެ ކަންތައްތަކުން ދެއަތް ފޮޅާލާފަ ކުރިން އުޅުނުހެން ކިޔާރާއާއެކު ސައުވީސް ގަޑިއިރު ހޭދަކުރަންވީތަ؟ މިއީވެސް ޙުދު ކިޔާރާ ބޭނުންވި ގޮތެއް ނޫންތަ؟ އަހަރެން ބޭނުންވެގެންތަ ނުދަންނަ އަންހެނަކާ އިނދެގެން ނުދަންނަ ކަމެއްގެ ތެރެއަށް ވަދެގަނެގެން މި އުޅެނީ. އަހަރެން އައިލީން ވަރިކުރަން އުޅުނީމަ އެކަމަށްވެސް ހުރަސް އެޅީ ކިޔާރާ ނޫންތަ؟" މައިޝާންގެ އަޑުވެސް ކިޔާރާއެކޭ އެއްވަރަށް ބާރުވި އެވެ.

"ސީ.އީ.އޯ ވޯޓުގެ ކުރިން އައިލީން ވަރިކޮށްގެން މައިޝާންއަށް ކީއްތަ ވާނީ؟ ކުޑަމިނުން މައިޝާން ބައްޕަގެ ވޯޓު މައިޝާނަށް ލިބޭނެތަ؟ މައިރާގެ ވޯޓު ލިބޭނެތަ؟ މައިޝާން ހީކުރަނީ އަހަރެން ކަންތަކު ބުނަނީ ނުވިސްނާ ކަމަށްތަ؟ ކަމެއް ވާއިރަށް މައިޝާންގެ ކަމަކީ މިހާރު އަހަރެންނަށް ބެވުން. މައިޝާން ތިއީ ކުރިން އަހަރެންނާ އަޑުލާ ހަދާ މީހެއްނޫން" ކިޔާރާ ބުންޏެވެ.

"އޯކޭ އޯކޭ ބޭބީ.. އައިމް ސޮރީ" މައިޝާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އިންތަނުން ތެދުވެ ކިޔާރާއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ކިޔާރާ އެއަށްވުރެން ކުރިން ދުވެފައިގޮސް ކޮޓަރިއަށްވަދެ ދޮރު ތަޅުލި އެވެ.

"އަހަރެންނަށް ގޮވާނެ ކަމެއް ނެތް. މައިޝާންގެ ރުޅިގަނޑުގޮސް ކޮންމެވެސް އެހެން މީހަކަށް ބާލާ" ކިޔާރާ ގޮވައިލި އަޑު އިވުނެވެ.

"ކިޔާ ބޭބީ.. އައިމް ސޮރީއޭ.. ގަސްތުގައެއް ނޫނޭ ރުޅި އާދެވުނީ. މިއީ އަހަރެންވެސް ވަރަށް ބޯ ގޮއްވައިގެން އޮފީހުގަ ހުރިހާކަމެއް ދަސްކުރަން އުޅޭ ދުވަސްކޮޅެއް.. އައިމް ޓްރައިންގް ސޯ ހާރޑް ޓު ފިޓް އިން ސަމްވެއަރ އައި ޑޯންޓް ބިލޯންގް.. އޮންލީ ފޯރ ޔޫ ބޭބް. ސްޓްރެސްވާތީ ރުޅި އާދެވެނީއޭ.. ކިޔާ.. މި ދޮރުހުޅުވަބަ ޕްލީޒް" މައިޝާންގޮސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށްޓެވެ. "ކިޔާ.. ބޭބީ ޕްލީޒް. ޑޯންޓް ދޫ ދިސް ޓު މީ.. އައި ސްޓިލް ނީޑް ޔޫ ޓުނައިޓް.. އެޓްލީސްޓް ލެޓްސް ފިނިޝް ވަޓް ވީ ސްޓާޓެޑް.. ޑޯންޓް ކީޕް މީ ހޭންގިންގ ކިޔާ"

"ބުނެފީމެއްނު މަށަށް އުނދަގޫ ނުކުރާށޭ.. މައިޝާންއަށް ކަންކަން ފުއްދައިދޭނެ އެހެން މީހަކު ލިބުނީމައެއްނު މަށަށް ތި ފާޑަށް ތި ބަވަން ފެށީ. ދާން އުޅޭ" ދޮރުގެ އަނެއްފަރާތުން ކިޔާރާ ހަޅޭއްލަވައިގަތެވެ. މައިޝާންގެ ހިތުގައި ޖެހުނެވެ. އޭނާ ވަފާތެރިކަންމަތީ ހުރި ކަމުގައިވިޔަސް ކިޔާރާ އޭނާއަށް އިތުބާރު ނުކުރާކަން މިއަދު އެނގިއްޖެ އެވެ. އިސާހިތަކު ހިތުގައި އުފެދުނު ޝަކުވާ އޭނާއަށް ދެންވެސް ބޭރުކޮށްލެވުނީ ރުޅީގެ ސިފައިގަ އެވެ.

"އާން ހުރެބަލަ ދޮރު ނުހުޅުވާ" މައިޝާން ރުޅި އައިސްފައިހުރެ ބަންލާފައި ކޮޓަރީގެ ދޮރުގައި ފައިން ޖެއްސެވެ. "ކަލޭ ނުކޮށްދިނިއްޔާ މަށަށް ނުވާނެ ކަމަށްތަ ހީކުރަނީ؟ މަ މުޅި އުމުރުދުވަހު ކަލޭގެ ދަށުވެފަ ހުންނާނެ ކަމަށްތަ ހީކުރަނީ؟ މަށަށް ހެޔޮ ކަލޭ ދުވަހަކު މަށާ ކައިރި ނުވިޔަސް. މަ ބޭނުން ކޮންމެ ކަމެއް ފުއްދައިގެން މަ ހުންނާނީ.. ރަނގަޅަށް ބަލާތި" މައިޝާން އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުކުރުމެއްނެތި ބިންމައްޗަށް ވެއްޓިފައި އޮތް އޭނާގެ ގަމީސް ކޮނޑުން މަހައިލަމުން އެ އެޕަރޓްމެންޓުން ނުކުތެވެ.

--------------

އޮފީސް ނިންމައިލުމަށްފަހު ގެއަށްދާން ކާރަށް އެރި ނަދާލް އަތުކުރީގައިވާ ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އާނއެކެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ހިތުގައި އުފެދެމުންދިޔަ ވަހުމަށް ބީރުކަންފަތެއް ދިނުމަށް އޭނާ ވަނީ ނުކުޅެދިފަ އެވެ. އައިލީންއާމެދު ކުރެވޭ ފިކުރުތައްވަނީ އޭނާގެ ހިތާއި ސިކުނޑީގެ ހަމަޖެހުން ނަގާލައިފަ އެވެ. ހިޔާލުތަކަށް ގެއްލިފައި އިނދެ ދުއްވަމުންދިޔަ ކާރު ސަފަޔަރ ކޮލެޖްގެ ގޭޓު ކުރިމައްޗަށް ހުއްޓައިލެވުނީ ކީއްވެ ނުވަތަ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް ކޮލެޖުގެ ދޮރުމަތީގައި ދެތިން ކުއްޖަކާ ވާހަކަ ދައްކަންހުރި އައިލީންފެނި ނަދާލްގެ ނުތަނަވަސްވެފައިވާ ހިތަށް ހިމޭންކަމެއް ވެރިވި އެވެ. އައިލީންގެ ސަމާލުކަން ހޯދުމަށްޓަކައި އޭނާ ކާރުގެ ބަރުގޮނު އަޅައިލި އެވެ.

"ރައިޑެއް ބޭނުންތަ؟ ގެއާ ދިމާލަށް މި ދަނީ" ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ނަދާލް ބުންޏެވެ.

"ލީން؟ ކާކު؟ ހަޒްބަންޑްތަ؟" އައިލީންގެ ގާތުގައިހުރި އަންހެންކުއްޖަކު އަހައިލި އަޑު އިވުނެވެ.

"ނޯ ނޯ.. ހީ އިޒް.. ހީ އިޒް ފެމިލީ" އައިލީން އެކުއްޖާއަށް ރައްދު ދިނުމަށްފަހު ކާރުގެ ތެރެއަށް ބޯ ދިއްކޮށްލަމުން ނަދާލްއަށް ބަލައިލި އެވެ. "އޯކޭ ވާނެ. އަހަރެން ހިނގާލާފަ ދާނަން" އޭނާ ބުންޏެވެ. އޭރު އޭނާއާ ވާހަކަ ދައްކަންތިބި ކުދިންވެސް ދުރަށް ހިނގައިގެންފި އެވެ.

"ދެޓް ވޮޒަންޓް އަ ރިކުއެސްޓް އައިލީން. އަމިއްލައަށް އަރާނީތަ ނޫނީ އުރާލައިގެން އަރުވަންވީތަ؟" ނަދާލް ފަރުވާލެއްނެތް ރާގެއްގައި ބުނެލި އެވެ.

"ޔޫ ވުޑުންޓް" ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގައިލަމުން އައިލީންއަށް ބުނެވުނެވެ.

"ޓްރައި މީ" ނަދާލް ދެލޯ ހަނިކޮށްލަމުން އައިލީންއަށް ބަލައިލި އެވެ. އައިލީން ހާސްވި އެވެ. ކޮލެޖުގެ ގިނަ ކިލާސްތަކެއް ނިމުނު ވަގުތެއްކަމުން އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މީހުންގެ އަދަދު މަދެއް ނޫނެވެ. އެ އެންމެންގެ ކުރިމަތީގައި ނަދާލް އެފަދަ ކަމެއް ކޮށްފާނެ ކަމާމެދު އޭނާއަށް ޝައްކެވެ. ނަމަވެސް ނަދާލްއަކީ ގޮތްދޫނުކުރާ މީހެއްކަމާމެދު އޭނާއަކަށް ޝައްކެއް ނެތެވެ.

ނަދާލް ޑްރައިވަރު ސީޓާ ދިމާލުން ކާރުގެ ދޮރުފަތް ހުޅުވަން އަތްގަނޑުގައި ހިފައިލިތަން އައިލީންއަށް ފެނުނެވެ. އެއާއެކު އައިލީން ދުމެއްޖެހި ފަދައިން ހަލުވިކަމާއެކު ކާރުގެ ތެރެއަށް ދެމިގަތެވެ. މިރޭވެސް ނަދާލްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެއްޗެކޭ ބުނުމަށްޓަކައި އަނގަހުޅުވައިލި ވަގުތު އައިލީން ދަބަހުގެ ތެރެއިން އެއަރޕޮޑްސް ނަގައި ކަންފަތަށް ޖަހައިލި ގޮތުން އެވަގުތު އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން އައިލީން ބޭނުން ނުވާނެކަން ނަދާލްއަށް އެނގުނެވެ. އެހެންކަމުން އޭނާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ކާރު ދުއްވައިލި އެވެ.

އައިލީންގެ ކަންފަތަށް ޖެހި އެއަރޕޮޑްސް ނައްޓައިލީ ގޭގެ ގަރާޖަށް ކާރު ވައްދައިލި ފަހުންނެވެ. ނަދާލް ގޮވައިލުމުންވެސް މަޑުނުކޮށް އޭނާ އަވަސްވެގަތީ ކާރުން ނުކުތުމަށެވެ. ނަމަވެސް އެވަގުތު ގަރާޖަށް ވަދެގެން އައި މައިޝާންގެ ކާރުފެނި އައިލީންގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސައިލެވުނު ހެނެވެ.

އައިލީންއާ ދިމާލަށް އަމުރުވެރި ގޮތަކަށް ބަލައިލުމަށްފަހު މައިޝާން ގަރާޖުން ނުކުތެވެ. މައިޝާންގެ ފަސްފަހަތުން އެޕަރޓްމެންޓާ ހަމައަށް ދެވުނުއިރު އައިލީންގެ ހިތް ބިރުން ރޫރޫ އަޅަމުންދިޔަ އެވެ. އެޕަރޓްމެންޓްގެ ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އައިލީންއަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނީ މައިޝާންގެ ހަމަލާއަކަށް ނަފްސު ތައްޔާރުކޮށްލާ ފަދައަކުންނެވެ. އޭނާ ހައިރާންވީ އެފަދަ އެއްވެސް ހަމަލާއެއް މައިޝާންގެ ފަރާތުން ނައުމުންނެވެ. މައިޝާންގެ ރުޅިއަށްވުރެން އެ ހިމޭންކަމުން އޭނާއަށް ލިބެމުނދިޔަ ނުތަނަވަސްކަން މާ ބޮޑެވެ. އެ ހިމޭންކަމަށްފަހު ފެށޭ ކޮޅިގަނޑު މާ ބޮޑުވާނެއޭ އޭނާގެ ހިތް ބުނެލި އެވެ. މައިޝާންގެ ކޮންމެ ހަރަކާތަކަށް އޭނާ ދިޔައީ ފާރަވެރިވަމުންނެވެ. މައިޝާން އަތް ހިއްލާލާ ކޮންމެ ފަހަރަކު އަދި ނުއަތަކަށް ފިޔަވަޅެއް އަޅައިލާ ކޮންމެ ފަހަރަކު އޭނާ ސިއްސައިގެންދެ އެވެ. މައިޝާން ލައިގެންހުރި ގަމީސް ބާލައި އެނދުމައްޗަށް ހޫރައިލުމަށްފަހު ރީތިވާ މޭޒުގެ ކައިރިއަށް ހުއްޓިލުމުން އައިލީން ތުރުތުރު އަޅަމުންދިޔަ އަތަކުން އެ ގަމީސްނަގައި އަލަމާރިން ކޮނޑެއްގައި އަޅުވައިލި އެވެ. އެވަގުތު އިވުނު ބާރު އަޑު ފައްގަނޑާއެކު އައިލީން ދެލޯ ބޮޑުކޮށްލަމުން ފަހަތަށް އެނބުރުނެވެ. އޭރު ރީތިވާމޭޒު މަތީގައިވާ ހުރިހާ ސާމާނެއްވަނީ ބިންމަތީގަ އެވެ. މައިޝާންގެ މޫނު ހުރީ އޭނާގެ މޫނާ ޖެހޭ ނުޖެހޭހާ ކައިރީގަ އެވެ. މައިޝާންގެ ދެލޯ ވަނީ ރުޅިން ރަތްވެފަ އެވެ.

"މަ.. މައިޝާން-"

"ކޮބާތަ ކަލޭމެން އަންހެނުންގެ މައްސަލައަކީ.؟" މައިޝާން ވާހަކަދެއްކީ ކިތަންމެ މަޑުން ނަމަވެސް އެ އަޑު އައިލީންއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. "މަ މި އެހީ ކޮބާހޭ ކަލޭމެންގެ މައްސަލައަކީ! ބުނާހާ ކަމެއް ކޮށްދީގެން އުޅޭ އިރުވެސް ކަލޭމެން އެކައްޗެއްވެސް އަޑު އަހާކަށް ބޭނުމެއް ނުވޭ ދޯ؟" މައިޝާން ދައްކަމުންދިޔައީ އައިލީންގެ ވާހަކަކަމެއް ނުވަތަ ކިޔާރާގެ ވާހަކަ ކަމެއް ނޭނގެ އެވެ. "މަށަށް ކަނޑައެޅިގެން ނުބުނެވޭތަ އޭނައާ ކައިރި ނުވާށޭ! އޭނަ ކަޑަކުރަން މަ ކުރާހާ މަސައްކަތެއް ފެނަށޭ ތި ދުއްވާލަނީ" އޭނާގެ އަޑު ބާރުވި އެވެ.

"މައިޝާން.. އަހަރެ.. އަހަރެން ނަދާލްއަކާ ގާތެއް ނުވަމޭ.. ޕްލީޒް ގަބޫލުކޮށްބަލަ.. މިއަ.. މިއަދުވެސް.. ވާހަކަވެސް ނުދައްކަން. އައްދޯތް މައިޝާން ދޫކޮށްބަލަ ޕްލީޒް.. އާހް.." އައިލީންގެ ވާހަކަ ނުނިމެނީސް މައިޝާން އައިލީންގެ އިސްތަށިގަނޑުގައި ހިފައި ވާންކޮށްލި އެވެ.

"ކަލެއަކަށް ނުޖެހޭނޭ އޭނަގެ ކާރުގަ އަންނާކަށް. މަ ރޭގަ ކީހާ އެއްޗެހި ނީވުނީތަ؟ ކޮބާތަ މި ކަންފަތުގެ ބޭނުމަކީ؟" މިފަހަރު މައިޝާން ހިފައިގަތީ އައިލީންގެ ކަންފަތުގަ އެވެ.

"އަހަ.. އަހަރެން މިއީ މައިޝާންއެއް ނޫނޭ.. މިއީ ކޮންމެ ގޮތަކަށް ކުރެވުނު ކައިވެންޏަކަށްވިޔަސް.. އަދި އަހަރެން ހަމައެކަނި ނަމެއްގަ މައިޝާންގެ އަނތްބެއް ގޮތުގަ އިނަސް.. އަހަރެން މި އިނީ ވަފާތެރިކަން މަތީގައޭ.. މައިޝާން ކިޔާރާއާއެކު އުޅޭތީ މައިޝާންއަށް ހީވަނީ އަހަރެންވެސް އެހެން ފިރިހެނުން- އާހް" މައިޝާން އައިލީންގެ ކަންފަތުގައި ހިފައި އަނބުރައިލި ވަގުތު އައިލީންއަށް ހަޅޭއްލަވައިގަނެވުނެވެ.

"ކަލޭ ކިޔާރާއޭ ކިޔައިގެން ނަންވެސް ނުގަންނައްޗޭ!" އައިލީންގެ އަޑު ބޭރުވުމުގެ ކުރިން މައިޝާން އޭނާގެ ކޮލުގައި ހިފައި ފިއްތައިލި އެވެ. "މަށަށް އެނގިއްޖެ ތި ވެގެން އުޅޭ ގޮތެއް.. ތި ބުނާހެން ކަލޭ ހަމައެކަނި ނަމެއްގަ މަގޭ އަނތްބެއްގެ ގޮތުގަ އިންނާތީ ދޯ ފިރިހެނުން ކައިރިއަށް ތި ދުވަނީ؟ ނޯ ވޮރީޒް.. ވައިފީ.. ވީ ކޭން ޗޭންޖް ދެޓް" މައިޝާންގެ ތުންފަތަށް ވެރިވި ވިހަ ހިނިތުންވުން ފެނި އައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. މީގެ ކުރިން ދުވަހަކުވެސް ނުއުފެދޭފަދަ ބިރުވެރިކަމެއް ހިތުގައި އުފަންވެ ގަތެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (1)

Share Your Thoughts
Ann
Sep 29, 2025

My fav so far
Cant wait for the next ..Your words feel like a warm hug for the heart 🤍🤍thank you for sharing such beauty with us 🤍📖