Episode 18

ބުނާށޭ ލޯބި ނުވަނީހޭ. (18 ވަނަބައި)

"މާމާ.. މާމާ؟ މާމާ!" ފަހުފަހަރަށް އާޒިމާއަށް ގޮވައިލިއިރު އައިލީންއަށް އާޒިމާގެ އަތުން ދޫކޮށްލެވިއްޖެ އެވެ. އެއާއެކު ވަރުނެތް މަސްގަނޑެއް ފަދައިން އާޒިމާގެ އަތް ގޮދަޑި މަތީގައި ޖެހުނެވެ. ކަޅިމައްޗަށް އަރާފައިވާ އާޒިމާގެ ދެލޮލަށް ބަލަން އައިލީން އިނީ ސިހުމެއްގެ ތެރޭގަ އެވެ. ކުރިމަތީގައި މި އޮތީ އޭނާގެ ލޯބިވާ މާމަގެ ފުރާނަ ނެތް މަސްގަނޑުކަން ގަބޫލުކުރަން ބޭނުން ނުވެފަ އެވެ.

----

"ލީން.. އަން ފެންފޮދެއް" ހިނަވާގޭގެ ބޭރުގައި ބަހައްޓާފައިހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެލައިގެން އިން އައިލީންގެ ގާތުގައި އިށީންނަމުން ހަމްނާ ގެނައި ކަރުދާސްތަށި އައިލީންއަށް ދިއްކޮށްލި އެވެ. އައިލީން ނޭފަތް ދަމައިލުމަށްފަހު ލޮލުން ތިރިއަށް ފޭދިފައިވާ ކަރުނަތައް ފޮހެލަމުން އެ ތަށީގައި ހިފި އެވެ.

"ޔޫ އޯކޭ؟" ހަމްނާ އޯގާތެރިކަމާއެކު އައިލީންގެ ބުރަކަށީގައި ފިރުމައިލި އެވެ. އެ އޯގާތެރިކަން އިހުސާސްވުމާއެކު އައިލީންއަށް އިތުރަށް ރޮވުނީ އެވެ. ހަމްނާ ކަންބޮޑުވެފައިހުރެ އައިލީންގެ އަތުގައިހުރި ފެންތަށި ޖެހިގެންހުރި ގޮނޑީގައި ބަހައްޓައިލަމުން އައިލީންގެ ގައިގައި ބައްދައިލި އެވެ.

"ހަމް.. މާ.. މާމަވެސް އެ ދިޔައީ.. މާމަ އެކަނި ހުރީ ލީންގެ. އެކަމަކު.. މި.. މިހާރު މާމަވެސް އެ. ދިޔައީ.." އައިލީންއަށް ރޮވޭ ވަރުން ވާހަކަވެސް ދެއްކެނީ ކިރިޔާ އެވެ.

"ލީން.. ތިހެން ނުބުނޭ.. އަހަރުމެންވެސް މި ތިބީނު.. އަހަރެންވެސް… ޝޯންވެސް.. އެންޑް ލީންގެ ނަދާލް.. ނަދާލްވެސް ހުންނާނެއެއްނު.. ހިނގާ ނަދާލްއަށް ގުޅާލަން ދޯ؟" ހަމްނާ ބެލީ އައިލީންގެ ހިތް ހަމަޖައްސައި ދެވޭތޯ އެވެ. ނަމަވެސް ހަމްނާގެ ވާހަކައަށް އިންކާރުކުރުމުގެ ގޮތުން އައިލީން ދެފަރާތަށް ބޯ ހޫރައިލި އެވެ.

"ނޫން.. ނަދާލްއެއް ނެތޭ… އެއްވެސް މީހެއް ނެތް.." އައިލީން ރުއިމުގެ ތެރެއިން ވާހަކަދެއްކި އެވެ. އައިލީން ބުނި އެއްޗެއްގެ މާނަ ދޭހަކުރަން ނޭނގިފައި އިން ހަމްނާގެ ދެބުމަ ގޮށްޖެހުނެވެ.

"އަހަރެންނަށް ހެދުނީ މިސްޓޭކެއް.. އަނެއްކާވެސް އަހަރެންގެ ކުށް ތަކުރާރު ކުރެވުނީ.. އަދި ފުރަތަމަ ފަހަރެކޭވެސް އެއްގޮތަށް ނަދާލް އަހަރެން ދޫކޮށްލާފަ ދިޔައީ… ހަމް.. އަހަރެންގެ އެއްވެސް މީހަކު ނެތޭ" ރުއިން ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން އައިލީން ބުންޏެވެ.

"ލީން؟ ކީކޭތަ ތި ކިޔަނީ؟ އެރޭ ނަދާލް ބުންޏެއްނު ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ؟ ނުކިޔާދޭތަ؟ އަހަރެން ހީކުރީ ތި ދެމީހުން ޖެހިފަ އޮތް މައްސަލަ ހައްލު ކުރީކަމަށް" ހަމްނާއަށް ވިސްނިފައި އޮތް މިންވަރު ކިޔައިދިނެވެ.

"ނަދާލް އެރޭ ގުޅާފަ ބުނީ.. ފޭސް-ޓު-ފޭސް ކޮށް ވާހަކަދައްކަން ބޭނުމޭ… ހަމްއަކަށް ނޭނގޭނެ.. އަހަރެން ނަދާލްދެކެ ވަރަށް ލޯބިވޭ. ނަދާލް އެހެން ބުނީމަ ނުގޮސް ނުހުރެވުނީ.. ނަދާލް ބުނެފިއްޔާ އެއްވެސް ކަމެއް މަނާކުރާކަށް ނުކެރޭ.. އަހަރެން އެރޭ ގޮސްފަ-"

"ގޯޝް ލީން.. ޔޫ ސްލެޕްޓް ވިތް ހިމް؟ އަގައިން؟" އައިލީން ވާހަކަ ނުނިމެނީސް ހިސާބެއްގެ ޔަގީންކަމަކާއެކު ހަމްނާއަށް އަހައިލެވުނެވެ. އައިލީންއަށް ކުރެވުނުހާވެސް ކަމަކީ ކުށްވެރިއަކު ފަދައިން އިސްޖަހައިލުމެވެ.

"ލީން ޕްރެގްތަ؟" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ހަމްނާ އަހައިލި އެވެ. އައިލީން އަވަސްއަވަހަށް ނޫނެކޭ ބުނެ ބޯ ހޫރައިލުމާއެކު ހަމްނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އައިލީންގެ ދިރިއުޅުން އެހާ އަޑި އަޅާލާފައިވާ ވަގުތެއްގައި އައިލީންއަށް އިތުރު ހިތާމައެއް ކުރިމަތިވެދާނެތީ ހަމްނާ ވަނީ ކަންބޮޑުވެފަ އެވެ.

"ނަސީބެއްނު. ދެން ކުރާނެ ކަމެއް ނެތް. ލޯބީގަ ބައެއްފަހަރު މިސްޓޭކްސް ވެސް ހެދޭނެ. ލީންގެ އުމުރުން އަދި އެންމެ 20 އަހަރު. ޔޫ އާ ސްޓިލް ޔަންގް. ތި ބުނާ ނަދާލްއެއްގެ މަތިން ދެން ލީން ހަނދާން ނައްތާލަން އަހަރެންނަށް ފެންނަނީ.. ތި ކަމާ ބޯ ގޮއްވައި ތިކަމުގެ ހިތާމައިގެ ބެހިގެންދާނެ ކަމެއް ނެތް. ދެން ވިސްނަންވީ މުސްތަގްބަލަށް" ކުރިއެކޭ އެއްފަދައިން ދެންވެސް ހަމްނާ މަސައްކަތްކުރީ އައިލީންއަށް ވިސްނައިދެވޭތޯ އެވެ. އޭނާގެ ބަސް އައިލީން ގަބޫލުކުރާނެކަމުގެ މާބޮޑު އުއްމީދެއް ނެތަސްމެ އެވެ.

"އަހަރެން ވަރުބަލިވެއްޖެ ހަމް. އަހަރެންދެކެ ލޯބިވާނެ އެކަކުވެސް ގާތުގައެއް ނެތް. މުސްތަޤްބަލާމެދު އުއްމީދު ކުރާނީ ކިހިނެއް؟" އައިލީން ހަމްނާގެ އަތުން ދޫކޮށްލަމުން ދުރަށް ނަޒަރު ހުއްޓައިލި އެވެ. އައިލީންގެ ނަފްސާނީ ހާލަތު ހުރިގޮތުން އައިލީންއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނާނެ އެންމެ ލަފްޒެއްވެސް ހަމްނާގެ ދުލަކަށް ނައެވެ. އެ ހިމޭންކަމުގައި ދެ އެކުވެރިން އިސްޖަހާލައިގެން ތިއްބައި އެދިމާލަށް އައިސް ހުއްޓުނީ ޝާވިނެވެ. ހަމްނާ އިސް އުފުލާލައި ޝާވިންއަށް ހިނިތުންވުމެއް ހަދިޔާކޮށްލި ނަމަވެސް އައިލީން ހަމަ އިންގޮތަށް އިސްޖަހާލައިގެން އިނީ އެވެ. އެންމެފަހުން ޝާވިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކުޑަކަކޫ މައްޗަށް ތިރިވެލަމުން ގޮނޑީގައި އިން އައިލީންގެ ފައިގައި ހިފަހައްޓައިލި އެވެ.

"އިރުކޮޅަކުން މާމަގެ މޫނު ދައްކަން ފަށާނެ. ލީން ވަރަށް ހިތްވަރުކުރަން ވާނެ އެނގޭ.. ހަނދާން ކޮށްލާ މިއީ އިންއެވިޓެބަލް ކަމެއްކަން.. ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަން" ޝާވިން އައިލީންއާ ވާހަކަދެއްކީ ތުއްތު ކުއްޖަކާވެސް ވާހަކަ ނުދައްކާނެހާ މަޑުމައިތިރި ކަމާއެކު އެހާމެ ލޯބިންނެވެ. ޝާވިންގެ އަޑުންނާއި މޫނުމަތިން ހަމްނާއަށް އައިލީންދެކެ ޝާވިންވާ ފުން ލޯބި ސާފުކޮށް ފެނުނު ނަމަވެސް އެއިން އެއްވެސް ކަމެއް ފާހަގަނުވާ މިންވަރަށް އައިލީންވަނީ ނަދާލްގެ "ލޯބީގައި" ކަނު މީހަކަށްވެފަ އެވެ.

"ވަށައިގެން ހޯދާލިއްޔާ.. ލީންދެކެ ހަގީގީ ލޯބިވާ މީހުން ލީންއަށް އަދިވެސް ފެންނާނެ.. ލީންއަކީ އެކަނިވެރިއެކޭ އަހަރެން ނުބުނާނަން.. ލީން ބޭނުންވާކަހަލަ އުފާވެރި މުސްތަގްބަލެއް ހޯދުމުގެ ފުރުސަތު އޮތީ ލީންގެ އަތްމަތީގަ" ޝާވިން އެތަނުން ދިޔުމާއެކު އައިލީންގެ އަތުގައި ހިފައިލަމުން ހަމްނާ ބުންޏެވެ. ހަމްނާގެ ލޮލުން އިޝާރާތުން އައިލީންއަށް ދައްކައިލީ ދުރުގައި ހުރި ޝާވިންއެވެ. މިފަހަރު އައިލީންއަށްވެސް ޝާވިންއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. ޝާވިންގެ އެ އަޅާލުމާއި އޯގާތެރިކަމުގެ ފަހަތުގައި އެހެން އިޙުސާސެއް ފޮރުވޮފައި އޮވެދާނެބާއޭ ފުރަތަމަ ފަހަރަށް އައިލީންގެ ހިތުގައި ސުވާލު އުފެދުނެވެ. އެކަމާމެދު އިތުރަށް ވިސްނައިލުމުގެ ފުރުސަތު ނުލިބުނީ އެވަގުތު އާޒިމާގެ މޫނު ދައްކަން ފެށުމުންނެވެ. ހަމްނާގެ އަތުގައި ހިފައިގެންހުރެ އައިލީން ލަސް ފިޔަވަޅުތަކެއްގައިގޮސް އާޒިމާ ބާއްވާފައި އޮތް އަށިގަނޑުގެ ކައިރިއަށް ހުއްޓިލި އެވެ. ލޯތްބާއެކު އާޒިމާގެ އަތުގައި ބޮސްދީފައި ބޮލުގައި ފިރުމައިލެވުނުހިނދު އައިލީންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެ އެވެ. އަޑުން އަޑުނަގައި ނުރުޔެއްކަމަކު އައިލީންގެ ގިސްލުމުގެ އަޑު އެތަނުގައި ތިބި އެންމެނަށްވެސް އިވޭނެކަން ގައިމެވެ. އައިލީންއަށް ކުރަމުންދިޔަ އަސަރު ދެކެން ކެތްނުވާ ހާލު ޝާވިން އައިސް އައިލީން ކޮނޑުގައި ލައްކޮށްގެންހުރެ ކަފުންކޮށްފައުވާ އާޒިމާގެ ހަށިގަނޑާ ދުރަށް ހިނގައިގަތެވެ. މޫނުދައްކާ ކޮޓަރިން ބޭރަށް ނުކުމެވުނުހިނދު އައިލީންއަށް ޝާވިންގެ ގައިގައި ބައްދައިލަމުން އަޑުން އަޑުނަގައި ރޯން ފެށުނެވެ. އެ ވޭނީ އަޑު ކަރުނައާއެކު ޝާވިންގެ މޭގެ ތެރެއަށް ހިނދެމުންދިޔައިރު ޝާވިންއަށް ހުރެވުނީ ހަދާނެގޮތެއް ނޭނގިފަ އެވެ. އައިލީންގެ ގައިގައި ދެއަތް ވަށައިލަމުން ލޯތްބާއެކު އައިލީންގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

"ދެން ހުއްޓާލަބަ ލީން.. މީހުން ބުނެއެއްނު ދިރިތިބީން ރޮންޏާ މައްޔިތާއަކަށް ހަމަޖެހުމެއް ނުލިބޭނޭ.. ލީންގެ މާމައަށް ތިހެން ނަހަދާ އަވަހަށް ހުއްޓާލާ.. ތިއީ ވަރަށް ސްޓްރޯންގް ކުއްޖެއްނު ދޯ" އެ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް އައިލީން ދުރުކޮށްލުމުގެ ހިޔާލެއް ޝާވިންގެ ނެތެވެ. އެ ދެއަތުގެ ހިމާޔަތް އައިލީންއަށް ދީގެންހުރީ ދުނިޔޭގެ ހުރިހާ ހިތާމައަކުން އައިލީން ހިމާޔަތްކުރާނަމޭ ބުނާ ފަދައަކުންނެވެ.

"ލީން.. އާދޭސްކޮށްފަ މި ބުނީ.. އަހަރެންނަކަށް ކެތެއް ނުވާނެ ލީން ރޯއަޑު އަހާކަށް.. ލީން ބުނި އެއްޗެއް ހޯދަދޭނަން.. ބުނި ކަމެއް ކޮށްދޭނަން.. ޕްލީޒް ސްޓޮޕް ކްރައިންގް" ޝާވިންގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވާންފެށި އެވެ. ދެވަނަ ފަހަރަށް އައިލީންގެ އިސްތަށިގަނޑުގައި ބޮސްދިނުމަށްފަހު އިސް އުފުލައިލިވަގުތު ފެނުނު މަންޒަރުން ޝާވިން ހުއްޓުންއެރި އެވެ. "ލީން.. މަންމަ" ޝާވިންއަށް ބުނެވުނެވެ. އައިލީން ހަރަކާތެއް ނުކުރިއެވެ. އޭނާއަށް ޝާވިން ބުނި އެއްޗެއް ފަހުމު ނުވީ ކަންނޭނގެ އެވެ.

"ލީން.. ލީންގެ މަންމައޭ.. އަޒްލީ ދައްތަ.. ލީން" ހިތާ ދެކޮޅަށް އައިލީންގެ ކޮނޑުގައި ހިފައި ދުރުކޮށްލަމުން ޝާވިން ބުނި ވާހަކައިން މިފަހަރު އައިލީންއަށްވެސް ދެލޯ ބޮޑުކޮށްލަމުން ފަސްއެނބުރި ބަލައިލެވުނެވެ.

"މަންމަ؟" އައިލީން ގޮވައިލި އަޑު އަޒްލީނާއަށް ނީވޭ ކަހަލަ އެވެ. އެދިމާލަށް ބަލައިލުމެއްވެސްނެތި އަވަސް ފިޔަވަޅުތަކެއްގައިގޮސް ވަނީ އާޒިމާ ބާއްވައިފައި އޮތް ކޮޓަރިއަށެވެ.

"މަންމާ!!!!" އާޒިމާގެ ފުރާނަ ނެތް ހަށިގަނޑު ފެނުމާއެކު އަޒްލީނާއަށް އަޑުން އަޑުނަގައި ރޮއެގަނެވުނެވެ. އެހިސާބުން އައިލީންއަށްވެސް އަޒްލީނާގެ ގާތަށް ދާން މަޖުބޫރުވިއެވެ.

އިރުކޮޅެއްވަންދެން އަޒްލީނާއާއެކު އާޒިމާގެ ކައިރީގައި މަޑުކޮށްލުމަށްފަހު އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް އަޒްލީނާ އެތަނާ ދުރު ކުރުވި އެވެ. ހަމްނާގެ އެހީގައި އަޒްލީނާ ގޮނޑިއެއްގައި ބޭންދުމަށްފަހު ފެންތައްޓެއް ދިނެވެ. އެއަށްފަހު ހިތްވަރު ދިނުމުގެ ގޮތުން އަޒްލީނާގެ ގައިގައި ބައްދައިލި އެވެ. އެވަގުތުވީ ދެ ފުލުހުންނާއި ޖަލުގެ އޮފިސަރަކާއެކު އިވާންވެސް އެތަނަށް އައިސް ވަތް ވަގުތަށެވެ. އަދި އައިލީންއަށް ސިހިފައި އިވާންއަށް ބަލައިލެވުނު ވަގުތު ވެގެންދިޔައީ އިވާންވެސް އައިލީންއަށް ބަލައިލި ވަގުތަށެވެ. ރަތްވެ ދުޅަވެފައިވާ އިވާންގެ ދެލޮލުން އެކަނިވެސް އައިލީންއަށް މާމަގެ މަރާމެދު އިވާން ހިތާމަކޮށް ރޮއެފައިވާވަރު ހާމަވި އެވެ.

އިސްޖަހައިލައިގެންހުރި އިވާން އާޒިމާގެ ކައިރިއަށް ހުއްޓިލުމަށްފަހު ކުޑަކޮށް ގުދުވެލާފައި އާޒިމާގެ ނިއްކުރީގައި ބޮސްދިނެވެ. ހަމަ އިސްކޮޅަށް ދެމިލައި ނޭފަތް ދަމައިލުމަށްފަހު ބިޑި އަޅުވައިފައި އޮތް ދެއަތް ހިއްލައިލައި އަމިއްލަ ލޮލުން ފާއްދައިލި ކަރުނަތިކި ފޮހެލި އެވެ. އާޒިމާގެ ޖަނާޒާ ނިމެންދެން އެތަނުގައި މަޑުކުރަން ބޭނުންވި ކަމުގައިވިޔަސް ފުލުހުން އޭނާއަކަށް އެ ފުރުސަތެއް ނުދިނެވެ. ހިތުން ލޭ ކަރުނަ އޮހޮރެމުންދިޔަ ހާލު އޭނާ އެތަނުން ނުކުމެގެން ދިޔައިރު އެންމެ ފަހުކަމަކަށް އެތަނުގައި ހުރި ޝާވިންއަށް ބަލައިލައި ލޮލުގެ އިޝާރާތުން އައިލީން ދައްކައިލި އެވެ. އެ އިޝާރާތުން އޭނާ ބުނެދެމުން ދިޔައީ އައިލީންއަށް އަޅައިލުމަށެވެ. އައިލީން އެކަނިކޮށް ނުލުމަށެވެ. އައިލީންގެ ގާތުގައި ވެ ދިނުމަށެވެ. ޝާވިން އެކަމަށް ޔަގީންކަން ދޭ ފަދައަކުން އިވާންއަށް ބޯ ޖަހައިލައި ހިނިތުންވެލި އެވެ.

-----

"މަންމާ.. ދެން ހުއްޓާލަބަލަ.. އަން މި ފެންތަށި ބޯލާ" އަޒްލީނާގެ ގާތުގައި އެހެން ބުނެވުނު އަދަދެއްވެސް މިހާރު އައިލީންއަކަށް ނޭނގެ އެވެ. އާޒިމާގެ ކަށުކަމާކެމީގެ ހުރިހައި ކަމެއް ނިންމައިލުމަށްފަހު ގެއަށް އައިތާ މިހާރު ދެ ގަޑިއިރު ފާއިތުވެއްޖެއެވެ. އަދިވެސް އަޒްލީނާގެ ހާލު ކުޑަކޮށްވެސް ރަނގަޅެއް ނުވެ އެވެ.

"ދަރިފުޅާ.. މާމަ ދުނިޔޭގަ ހުރި ފަހު ވަގުތުކޮޅުގަވެސް.. މަންމައަކަށް މާމައާ ބައްދަލެއް ނުވެވުނު.. މަންމައަށް މި އާދެވުނީ މާ ބޮޑަށްވެސް ލަހުން.. މާމަގެ މަޢާފު-"

"ތިހެން ނުބުނޭ.. އަހަރެންނަށް ޔަގީން މާމަގެ ހިތް މަންމައަށް ކިލަނބެއް ނުވާނެކަން.. މާމައަކީ އެޔަށްވުރެން މާ ބޮޑަށް ދަރިންދެކެ ލޯބިވާ ހެޔޮވިސްނޭ މީހެއް" އައިލީން އަވަސްއަވަހަށް ބުންޏެވެ. އާޒިމާ މުސްކުޅިވި ދުވަހު އާޒިމާގެ މައްޗަށް އަޒްލީނާ ފަރުވާކުޑަ ކުރި ކުރުން ޙުދު އައިލީންއަށްވެސް ކުށްވެރި ކުރެވެ އެވެ. އެހެނަސް މިވަގުތު އޭނާ މަސައްކަތް ކުރަމުންދިޔައީ އަމިއްލަ ހިތާމަތަކާއި ޝަކުވާތައް އެއްފަރާތް ކޮށްލުމަށްފަހު ލޯބިވާ މަންމަގެ ހިތަށް ތަސައްލީއެއް ހޯދައިދެވޭތޯ އެވެ. އެތައް މަސައްކަތަކުން އަޒްލީނާ ހަމައަކަށް އަޅުވައިލެވުނުތާ މާ ގިނައިރެއްނުވެ ޝާވިން އެ ގެއަށް އައިސް ވަތްތަން ފެނުނެވެ. އަތުގައިހުރި ދެ ކަރުދާސް ކޮތަޅު ކާމޭޒުމަތީގައި ބަހައްޓައިލުމަށްފަހު ގެއިން ނުކުތުމަށް ހިނގައިގަތެވެ.

"ޝާވިން.. އެކޮއެ މަޑުވެސް ނުކޮށްލާ ދަނީތަ؟" އަޒްލީނާގެ އަޑަށް ޝާވިންގެ ފިޔަވަޅުތައް މަޑު ޖައްސައިލަމުން ފަސް އެނބުރި ބަލައިލި އެވެ.

"އެހެން ފަހަރަކުން މަޑުކޮށްލާނަން ދައްތާ.. ކާ އެއްޗެހި ގެނެސްފަ ހުންނާނީ. ހަނދާންކޮށް ކައްޗޭ.. ލީންވެސް.. ކައިގެން ހުންނާތި އެނގޭ.. މަންމައަށް ބަލާތި" ދުރަށް ހިނގައިގަތުމުގެ ކުރިން ޝާވިން ބުންޏެވެ.

"އާޝިޔާ ވަރަށް ނަސީބު ރަނގަޅު.. އެކަހަލަ ދަރިއެއް މިޒަމާނުގަ މަދުވާނެ" ޝާވިން ދިޔަ ދިމާލަށް ބަލަން އިން އަޒްލީނާއަށް ބުނެވުނެވެ. އޭނާއަށް ހަނދާން ނައްތާލެވިފައިވަނީ ދަރީންގެ ތަރުބިއްޔަތު ފެށެނީ މައިމީހާއާ ހިސާބުންކަމެވެ. އަމިއްލަ އަންހެން ދަރިފުޅު އުޅޭނެ ހާލެއްގައި އުޅޭން ދޫކޮށްލުމަށްފަހު އެހެން މައިންބަފައިންގެ "ނަސީބު"ގެ ވާހަކަ ދެއްކުމުގެ އިޙްތިޔާރެއް އޭނާއަށް އެބަ އޮތް ހެއްޔެވެ؟

"ހްމްމް. ޝޯން ވަރަށް ބަރާބަރު. ވަރަށް ސްޕޯރޓިވް" އައިލީންވެސް އަޒްލީނާގެ ވާހަކައާ އެއްބަސްވި އެވެ.

"މަންމަ ހަނދާންހުރޭ.. ދަރިފުޅު ކުޑައިރު.. އެއީ ދޮންބޭބެ ދުނިޔޭގަ ހުރިއިރު.. އެންމެން މިގޭގަ އުޅުނު އިރު.. ޝޯން އަބަދު އަންނާނެ މި ގޭދޮށަށް.. މިގޭ ކުދިވެރިންނާއެކު ކުޅެން.. އޭރު ނިކަން ލާނެތްވާނެ. އަބަދު ލީންއަށް ޖެއްސުމެއްކޮށް ރޮއްވާލަ ރޮއްވާލަ ހުންނާނީ. އަބަދު ކޮންމެވެސް ކޯޅުމެއްގަ ދެކުދިން އުޅޭނީ" ހިތާމައިގެ ތެރެއިން ފޮނި ހަނދާނެއް އާކޮށްލަމުން އަޒްލީނާ ބުންޏެވެ.

"މިހާރުވެސް ހަމަ އެ ގޮތް.. ޝޯންގެ ކޯޅުންތަކަށް ނިމުމެއް އަންނާނެހެން ހިއެއްނުވޭ.. އެކަމަކު އިވާން ގެންދިޔަފަހުން ވަރަށް ބަދަލުވެއްޖެ.. ވަރަށް މައިތިރި.. ލީންއާ މާ ގިނައިން ދެބަސްވާކަށް ނޫޅޭ" އައިލީންގެ ވާހަކައިން އަޒްލީނާގެ ތުންފަތްމައްޗަށް ވެރިވި ފަނޑު ހިނިތުންވުން ފިލައިދިޔަ އެވެ.

"ޕިސް ޕިސް.. އިވާން ދޯ.. މަންމައަކަށް ނޭނގޭ އެކަމާ ބުނާނެ އެއްޗެއްވެސް" ކަންބޮޑުވެފައިހުރެ އަޒްލީނާ ދެފަރާތައް ބޯ ހޫރައިލިއެވެ. އައިލީންއަށް ރައްދުގައި ބުނާނެ އެއްޗެއް ނޭނގުނެވެ. އިވާންގެ ދިފާއުގައި ވާހަކަދައްކަން ބޭނުންވިޔަސް އަންހެނަކަށްވެހުރެ އެކަން ކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހިމޭންކަންމަތީ އެކި ފިކުރުތަކުގައި ތިއްބައި ގޭގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަތް މެދުއުމުރުގެ ފިރިހެންމީހާ ފެނި ދެމައިންނަށްވެސް ހައިރާންވެފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"ބައްޕާ؟؟ ބައްޕަވެސް އެބަ އުޅެންތަ؟" އައިލީންއަށް އިށީނދެ އިން ގޮނޑިން ތެދުވެވުނެވެ.

"އާނ ދަރިފުޅާ.. މާމަގެ ކަށުނަމާދަށް ކިރިޔާ މިކޮޅަށް އާދެވޭ ވަރުވީ" އެކަކަށް އިށީނދެވޭގޮތަށް ހުރި ސޯފާއަށް ހަށިގަނޑު ދޫކޮށްލަމުން އަހުމަދު ބުންޏެވެ.

"ބައްޕަ މި ގޭގަތަ ހުންނާނީ؟" ކަންބޮޑުވެފައިހުރެ އެއްފަހަރު އަހުމަދަށް އަނެއްފަހަރު އަޒްލީނާއަށް ބަލައިލަމުން އައިލީން އެއްސެވެ.

"ނޫނޭ.. އެއްކަލަ އާރިފުމެންގޭގަ މިރޭ މަޑުކޮށްލާފަ މާދަމާ ފުރާގޮތަށް ބައްޕަ މިއައީ" އަހުމަދު ބުންޏެވެ. އޭނާ ދެން ބަލައިލީ އެތަނުގައި އިން އަޒްލީނާއަށެވެ. "އަޒޫ.. ކުދިންކޮޅު ނުލާތަ އައީ؟" އޭނާ އަހައިލި އެވެ.

"އަވަހަށް އަންނަންވެގެން އެކަނި މި އައީ" އަޒްލީނާ އިނީ އިސްޖަހައިލައިގެނެވެ. އެންމެ ފަހަރަކުވެސް އެ އިސް އުފުލާލައި އަހުމަދާ ދިމާލަށް ބަލައިލުމުގެ ހިޔާލެއް އޭނާގެ ނެތެވެ. އެޔަށްވުރެން މާބޮޑަށް އަހުމަދު ވަނީ އޭނާގެ ހިތުގައި ޖައްސައިފަ އެވެ.

"އަޒޫ ރަނގަޅުތަ؟" އަހުމަދު މިފަހަރު ކޮށްލި ސުވާލާއެކު އަޒްލީނާއަށް އޭނާގެ ކަރުނަތައް ހިފެހެއްޓުން ވީ ދަތި ކަމަކަށެވެ. އަޅައިގެން ހުރި ބުރުގަލުގެ ކަނުން ލޯ ނިވައިކޮށްލިއިރު އޭނާއަށް ރޮވެން ފަށައިފި އެވެ.

"އަޅޭ މަންމާ.. އާދޭ." އައިލީން އަވަސްވެގަތީ އަޒްލީނާ އެތަނުން ދުރަށް ގެންދިޔުމަށެވެ. އާޒިމާގެ ކޮޓަރިއަށް އަޒްލީނާ ވެއްދުމަށްފަހު އޭނާ އައިސް އަހުމަދާ ކުރިމަތިލި އެވެ.

"ބައްޕާ… މިވަގުތު މަންމައާ ވާހަކަދައްކަން މަސައްކަތް ނުކުރޭ. މަންމަގެ ހާލު އުޅެނީ ވަރަށް ދެރަކޮށް" އައިލީން ބުންޏެވެ.

"ބައްޕަ އައީކީ ކޮންމެހެން މާގިނަ ވާހަކަތަކެއް ދައްކާކަށް ނޫން.. ދެމައިންގެ ހާލު ބަލާލަން.. ދެން އެކަމަކު ބައްޕަވެސް މިވަގުތަށް ގޮސްލީ.. މާދަމާ ހަވީރު ފުރުމުގެ ކުރިން ދަރިފުޅާ ބައްދަލުކޮށްލަން އަންނާނަން" އަހުމަދު ގޮނޑިން ތެދުވެ ގޭގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާ ނުކުމެގެންދިޔަ މަންޒަރު ބަލަންހުރި އައިލީންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާވެސް އާޒިމާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީ އަޒްލީނާގެ ހާލެއް ބަލައިލުމަށެވެ. އާޒިމާ ނިދާ ތަނުގައި އޮށޯވެ އާޒިމާގެ ބާލީހުގައި ބޯ އަޅައިލައިގެން އޮތް އަޒްލީނާގެ ގާތަށް އައިލީން ހިނގައިގަތެވެ.

"މަންމާ.. ދެން މާބޮޑަށް ނުވިސްނާ ނިދާލަން މަސައްކަތްކުރޭ.. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްނު.." އަޒްލީނާގެ ބޮލުގައި ފިރުމައިލަމުން އައިލީން ބުންޏެވެ.

"މަންމަ މިހާރު ރަނގަޅޭ.. ދަރިފުޅުވެސް ދެން ނިދާލަން ދޭ.. މަންމަ މި ކޮޓަރީގަ މަޑުކޮށްލާނަން" އަޒްލީނާ ބުންޏެވެ. އައިލީންވެސް އެކަމާ އެއްބަސްވެ އެކޮޓަރިން ނުކުތެވެ.

އަޒްލީނާގެ ކުރިމަތީގައި ކިތަންމެ ހިތްވަރު ދެއްކި ނަމަވެސް އަމިއްލަ ކޮޓަރީގެ ހިމޭންކަމާއި ފަޅުކަމުގެ ތެރެއަށް އާދެވުމާއެކު އައިލީންއަށްވެސް އޭނާގެ ކަރުނަތައް ހިންދައިލުން ވީ ދަތި ކަމަކަށެވެ. އެނދުގައި އޮށޯވެ ފޯނު ހުޅުވައިލުމަށްފަހު އޭނާ ހޯދައިލީ މީގެ ދެތިންމަސް ކުރިން އައި އޭނާގެ ވިހި ވަނަ އުފަންދުވަހު މާމައާއެކު ނަގައިފައިވާ ފޮޓޮއެކެވެ. އެ ފޮޓޯގައި އިވާންވެސް ހުއްޓެވެ. އައިލީން ފިރުމައިލީ އެ ފޮޓޯއިން ފެންނަންހުރި އާޒިމާގެ ސޫރައިގަ އެވެ. އޭނާގެ އުމުރުން އެގާރަ އަހަރުއްސުރެން އޭނާއަށް މަންމައެއްގެ އިތުރުން ބައްޕައެއްގެ ލޯބިވެސް ދިނީ އެ މާމަ ކަމަށްވާއިރު އެ މާމަގެ ވަކިވެ ދިޔުމުން އޭނާގެ ހިތަށް ކިހާ އަސަރެއް ކުރާނޭ ހެއްޔެވެ؟ ދެލޮލުން ކަރުނަ ނުހިކޭ ހާލުގައި ވަނިކޮށް އައިލީންއަށް އެންމެ ފަހުން ނިދުނެވެ. ފަތިސް ނަމާދަށް ހޭލެވުނުއިރު ބޮލުގައި އާދަޔާ ހިލާފު ރިހުމެއް އުފެދިފައިވުމުން އޭނާ ނަމާދުކޮށްލައިގެން އަނެއްކާވެސް އޮށޯވެލީ އެވެ. އެހެންކަމުން އޭނާއަށް ދެން ހޭލެވުނީ މެންދުރުވާން ގާތްވެފައި ވަނިކޮށެވެ. އަވަސްއަވަހަށް ތާޒާވެލައިގެން އަޒްލީމާގެ ހަބަރެއް ބަލައިލަން ތިރިއަށް ދިޔަ ވަގުތު އިވެންފެށި ވާހަކަތަކުގެ ސަބަބުން އޭނާއަށް ސިޑި މަތީގައި ހުއްޓެވުނެވެ.

"އެކަމަކު އަޒްލީނާ ވިސްނަބަލަ އަހަރެން އައިލީން ގެންދާނެ ގޮތެއް. މިހާރު އަހަރެންގެ ވެސް އިތުރު ދެކުދިން އެބަ ތިބި. އެކުދިންގެ ހަރަދުތައް ހަމަޖައްސަމުން އަހަރެންނަކަށް އައިލީންއެއް ނުބެލޭނެ. އެހެންނޫނަސް އަހަރެން މި ރަށަށް މި އައީ އަޒްލީނާގެ މަންމަ ނިޔާވީމަ ޖަނާޒާގަ ބައިވެރިވެލަން ވެގެން. އެއީ އަހަރެންނަށް އެއްވެސް އިރަކު ގޯސް މައިދައިތައެއް ނޫން. އެހެނޭ ކިޔާފަ މިރަށުން ދާއިރު އަހަރެން އައިލީން ގޮވައިގެން ދިޔައިމަ ވާނީ ކިހިނެއް؟ އަޒްލީނާ ތިއުޅެނީ އަހަރެންގެ ދިރިއުޅުން ރޫޅާ ނުލެވިގެންތަ؟" އަހުމަދުގެ އަޑުން އައިލީންއަށް އިވުނީ އާ ވާހަކަތަކެއް ނޫނެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން އަހުމަދު އެހެން އަންހެނެއްގެ އަވައިގައިޖެހި ކައިވެނި ރޫޅައިލީއްސުރެން އޭނާގެ މައިންބަފައިންގެ ދެމެދުގައި ހިނގާ ދެބަސްވުމެކެވެ. މާމަގާތަށް ދިރިއުޅުން ބަދަލުކުރަން ޖެހުނީވެސް އެހެންވެގެނެވެ.

"ދެން އަހަރެންގެ ދިރިއުޅުން ރޫޅާލަން އެ ދިރިއުޅުމުގެ ތެރެއަށްތަ އޭނަ ގެންދަންވީ؟" އަޒްލީނާ ބުންޏެވެ. އައިލީންއަށް ސިޑީގެ އަތްގަނޑުގައި ހިފަހައްޓައިލަމުން ދެލޯ މަރައިލެވުނެވެ. އަދިވެސް އޭނާގެ މައިންބަފައިން އޭނާއާމެދު ދެކެނީ އުފުލަންޖެހިފައިވާ ބުރައެއްގެ ގޮތުގައިކަން އެނގުމުން އެތައް އަހަރެއްފަހުންވެސް އައިލީންގެ ހިތަށް ނުހަނު އަސަރު ކޮށްފި އެވެ. އިތުރަށް އެ ބަސްތައް އަޑު އަހާނެހާ ހިތްވަރު ނެތުމުން އައިލީން ދުވެލާފައި ސިޑިން ފޭބި އެވެ.

"އެއްވެސް މީހެއްގެ ދިރިއުޅުން ރޫޅޭކަށް ނުޖެހޭނެ" އައިލީން ބުންޏެވެ. އަދި ލަސްފިޔަވަޅު ތަކެއްގައިގޮސް އެމީހުންގެ ދެމެދަށް ވާގޮތަށް ހުއްޓުނެވެ. "އަހަރެން ތިއިން އެއްވެސް މީހަކާ އެއްކޮށް ދާކަށް ނެތިން. މިރަށުގަ އަހަރެން އުޅޭނެ ގެއެއް އެބަހުރި. ވަޒީފާއެއް އެބައޮތް. އިރާދަކުރެއްވިއްޔާ އަހަރެން ބިކައެއް ނުވާނެ" އައިލީން ބުންޏެވެ. އަދި އިތުރަށް އެންމެ ސުކުންތެއްވެސް އެތަނުގައި މަޑުކުރުމެއްނެތި ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން އައިސްއަލަމާރީގައި އޮތް ފެންފުޅި ނަގައި އޭގެއިން ދެތިން ކޯވަރު ބޮއެލި އެވެ. އޭނާ ބަދިގެއިން ނުކުތީ އަހުމަދު އެގެއިން ނުކުންނާނެހާ އިރު ކޮށްފައެވެ. ސޯފާގައި އިން އަޒްލީނާއަށް ބަލައިލުމަށްފަހު އެއްޗެކޭ ނުބުނެ ސިޑިން މައްޗަށް ދުއްވައިގަތެވެ.

------

އައިލީންއާއެކު އޮތް ގުޅުން އިތުރަށް ހީނަރު ވެއްޖެކަން އެނގުމުން އަޒްލީނާ އިތުރަށް އެ ރަށުގައި މަޑުކުރާކަށް ބޭނުމެއްނުވި އެވެ. ދެތިން ދުވަހުގެ ތެރޭގައި ފުރުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު އައިލީންއަށް އެކަން އެންގޭނެ ވަގުތަކަށް މަޑުކުރަންފެށި އެވެ. އެގޮތުން އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އައިލީން އާދައިގެ މަތިން ކާން ހެދުމަށްފަހު އާޒިމާގެ ކޮޓަރިއަށްވަނީ އަޒްލީނާއަށް ކާން ގޮވުމަށެވެ. އެނދުމަތީގައި ހުޅުވާލައިފައިހުރި އާޒިމާގެ ދަބަހާއި އެޔަށްލާން ތައްޔާރުކުރި ސާމާނު ފެނި އައިލީންގެ ބުމަ ގޮށްޖެހުނެވެ.

"މަންމަ ފުރަނީތަ؟" އައިލީންގެ އަޑު އިވި ކޮޓަރީގެ އެތަންމިތަން ހޯދަމުންދިޔަ އަޒްލީނާގެ ހަރަކާތްތައް މަޑުޖެހިލި އެވެ.

"އާން މިއީ.. ލީންގާތު ބުނާނެ ފުރުސަތެއް ނުލިބިފަ މަންމަ މި ހުންނަނީ.. ކޮއްކޮމެންގެ ޓެސްޓު ދުވަސްކޮޅުވީމަ މަންމަ އެހާ ގިނަ ދުވަހު ހުންނާނީ ކިހިނެއް ދޯ؟ އެހެންވެ މިއަދު ހަވީރުގެ ލާންޗުން މަންމަ ފުރަން.. ބޭބެ މިހާރު ޓިކެޓުނަގާ ހުރިހާކަމެއް ހަމަޖައްސައިފި." އަޒްލީނާގެ ވާހަކައަށް އައިލީން ބޯ ޖަހައިލި އެވެ.

"އޯކޭ.. އަހަރެން މަންމަ ފުރުއްވަން ދާނަން.. ކާން ހަދާފަ ހުންނާނެ" ކޮޓަރީގެ ބޭރަށް އައިލީން އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރީ އެވަގުތު އަޒްލީނާ ކުރި ސުވާލަކުންނެވެ.

"ކީކޭ؟" އައިލީންއަށް ގަބޫލު ނުކުރެވިފައި އަހައިލެވުނެވެ.

"މާމަ ގެންގުޅޭ ރަންތައް ލީން ދުށީންހޭ މަންމަ އަހާލީ.." އަޒްލީނާގެ ވާހަކަ އިވި އައިލީންގެ ތުންފަތް ދެމިލީ މަލާމާތުގެ ހިނިތުންވުމަކުންނެވެ. އާޒިމާގެ މަރަށް އަދި މިއުޅެނީ ހަފްތާއެއް ނުހިނގައިގެން ވިއްޔާ އެވެ. އައިލީންގޮސް އާޒިމާގެ ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައިހުރި ފޮތް ހަރުގަނޑުގެ ކައިރިއަށް ތިރިވެލި އެވެ. އެންމެ ތިރީ ހަރުފަތުގައި ކޮޅަށް ބަހައްޓާފައިހުރި ލަކުޑި ދުފާފޮށްޓެއް ނަގައި އެނދުގައި ބާއްވައިލި އެވެ. އަޒްލީނާ ލަސްކުރުމެއްނެތި އެ ފޮށި ހުޅުވައިލުމަށްފަހު އޭގެ ތެރޭގައި ބޮނޑިކޮށްފައިހުރި ބާ ނޫސް ކަރުދާސްތައް ރޫޅަން ފެށްޓެވެ. އޭގައިހުރީ އައިލީންގެ ކާފައާއި ބޮޑުބޭބެ ދުނިޔޭގައި ތިބިއިރު އާޒިމާއަށް ގަނެދީފައިވާ ރަން ގަހަނާތަކެވެ. ކޮންމެ ކަރުދާސްގަނޑެއްގެ ތެރެއިން ގަހަނާއެއް ނަގަމުންގޮސް ހަތަރެސްފައި ކެވެއްޔާއި، ދެ އަނގޮޓިއާއި އުޅާގަނޑެއް ނެގުމަށްފަހު އަދިވެސް ފޮށިތެރެ ހޯދަމުންދިޔަ އެވެ. އައިލީންއަށް އެ މަންޒަރުފެނި ކަރުގައި އަތްޖައްސައިލެވުނެވެ. ހިނަވާގޭގެ ތެރެއިން އޭނާއާ ހަވާލު ކުރެވުނު މާމަގެ ރަން ފަށް އޮތީ އޭނާގެ ކަރުގައިކަން އެނގުމުން އަވަސް އަވަހަށް އެ ފަށް ނަގައި އަޒްލީނާގެ އަތަށް ދިއްކޮށްލި އެވެ. އަޒްލީނާ އެ ފަށުގައި ހިފަމުން ދެން ހުރި ގަހަނާތަކާއެކު އެ ފަށްވެސް ރުމާލެއްގެ ތެރެއަށްލައި އޮޅައިލުމަށްފަހު ދަބަހަށްލި އެވެ. އަދި އަންނައުނާއި އެހެނިހެން ސާމާނުވެސް ދަބަހަށް އަޅައި ހަމަކޮށްލި އެވެ.

"ހިނގާ ދޯ ކާން ދާން" ދަބަސް ތައްޔާރުކޮށް ނިމުމުން އައިލީންގެ ކޮނޑުގައި ފިރުމައިލުމަށްފަހު އަޒްލީނާ އެ ކޮޓަރިން ނުކުތެވެ. އައިލީންވެސް އަޒްލީނާގެ ފަހަތުން ހިނގައިގަތެވެ. އެވަގުތު ތޫނު އެއްޗަކަށް ފައިން އެރުނުހެން ހީވެ ބަލައިލިއިރު އެނދު ކައިރިއަށް ވެއްޓިފައި އޮތް އަނގޮޓި ފެނި އައިލީން އެ ނެގި އެވެ. އެ އަނގޮޓި އަޒްލީނާއާ ހަވާލުކުރުމުގެ ހިޔާލު ސިކުނޑީގައި އެނބުރުނު ނަމަވެސް އޭނާގެ ޟަމީރު އެކަމާ ދެކޮޅު ހެދި އެވެ. ލޯބިވާ މާމަގެ ހަނދާނެއްގެ ގޮތުގައި އެ އަނގޮޓި ބޭއްވުމަށް ނިންމި އެވެ.

----

"ހަމް.. އަހަރެންނަކަށް ދެން ސްކޫލަކަށް ނުނިކުމެވޭނެ" ބަނދަރުމަތީގައިހުރި ޖޯލިތަކުން ޖޯއްޔެއްގައި އިށީނދެ ތިބި އައިލީންއާއި ހަމްނާގެ ނަޒަރު ސީދާވެފައިވަނީ ފުރަން ތައްޔާރުވެފައިވާ ލާންޗަށެވެ. އެ ލާންޗަށް އެރުމަށްޓަކައި އަޒްލީނާ ތައްޔާރުވަމުން ދިޔައިރު އޭނާގެ ގާތުގައި އެހީތެރިކަން ފޯރުކޮށްދޭން ޝާވިން އުޅުނެވެ.

"މިހާ އަވަހަށްތަ؟ އަހަރެންނަށް އެނގޭ ލީން ޖޮބުން ކެނޑެން ޕްލޭން ކުރާކަން އެކަމަކު ހާދަ އަވަހަކަށް" ހަމްނާއަށް ބުނެވުނެވެ.

"ހްމްމް. ވީހާވެސް އަވަހެއް ރަނގަޅީ.. މިހާރު ބޭނުމެއްނޫން މިރަށުގަ ހުންނާކަށް" އައިލީން ބުންޏެވެ.

"އެގްރީޑް.. މާހައުލު ބަދަލުކޮށްލުން ލީންއަށްވެސް ރަނގަޅުވާނެހެން އަހަރެންނަށްވެސް ހީވަނީ.. ދެން ލީންގެ މަންމަ ގާތަށް އެރަށަށް ދާންތަ ތި ވިސްނަނީ؟" ހަމްނާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތް ބުންޏެވެ. އައިލީން ނުނެކޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯ ހޫރައިލި އެވެ.

"މާލެ ދާނީ" އައިލީން ހަމަ ރަނގަޅަށްވެސް ގޮތް ނިންމައިފި ކަހަލަ އެވެ.

"ވަޓް؟ މާލެއޭ؟ އެކަމަކު ލީން ކިހިނެއް މާލެގޮސް އުޅޭނީ؟ އަދި އެވެސް ޖޮބުން ކެނޑިގެން.." ހަމްނާ ކަންބޮޑުވި އެވެ.

"މާލެއިން ޖޮބެއް ހޯދާނީ.. ކޮންމެވެސް ގޮތެއް އޮންނާނެއެއްނު. މި ރަށަކީ މިހާރު އަހަރެންނަށް ހިތި ހަނދާންތަކުން ފުރިފައިވާ ބީރައްޓެހި ތަނެއް. މާމައެއްވެސް ނެތް. އެކަކުވެސް ނެތް.." އައިލީންގެ ވާހަކަ އިވި ހަމްނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"ލީން.. ދެން އަބަދު ތިހެން ނުކިޔަބަލަ. ލީންއަކީ އެކަނިވެރިއެއް ނޫނޭ އަހަރެން ބުނީމެއްނު.. އަހަރެން އެދުވަހު ނުސީދާކޮށް ބުނީ ކީކޭކަން ލީންއަކަށް ނުވިސްނުނުތަ؟" ހަމްނާ ސުވާލުކުރި އެވެ.

"އަހަރެންނަށް އެނގޭ ހަމް ބުނީ ޝޯންގެ ވާހަކަކަން. އަހަރެން އެކަމާ ވަރަށް ރަނގަޅަށް ވިސްނައިފިން" ދުރުގައިހުރި ޝާވިންއަށް ބަލައިލަމުން އައިލީން ބުންޏެވެ. އޭރު ހަމްނާގެ ނަޒަރުވެސް އަމާޒުވެފައިވަނީ ޝާވިންއަށެވެ.

"ދެން ލީން އެކަމާ ކީކޭ ބުނަނީ؟" ހަމްނާ އަހައިލި އެވެ.

"އައި ކާންޓް ހަމް.. އައި ކާންޓް ޑޫ ދިސް ޓު ހިމް.. އަހަރެންނަށް ޝޯންދެކެ ލޯތްބެއް ނުވެވޭނެ.." އައިލީން ޔަގީންކަމާއެކު ބުންޏެވެ.

"އެކަމަކު ޝޯން ލޯބިވެޔޭ ލީންދެކެ.. ޔޫ ކޭން ޓްރައި ޓު މޭކް އިޓް ވޯކް" އައިލީންއަށް އުފާވެރި މުސްތަގްބަލެއް ހޯދައިދެވޭނެ މީހަކީ ޝާވިންކަން ހަމްނާއަށް ގަބޫލު ކުރެވެ އެވެ.

"ނޫން ނޫން ހަމް.. އިޓްސް ޓޫ އަންފެއަރ ފޯ ހިމް. ޝޯންއަށް ހައްގުވަނީ ޝޯންދެކެ ލޯބިވާނެ މީހެއް. ހީ ޑިސަރވްސް ބެޓަރ ދޭން މީ.. ޝޯންއަށް ދޭނެ އެކައްޗެއްވެސް އަހަރެންގެ އަތަކު ނެތެއްނު" އައިލީންއަށް ކުށްވެރިއަކު ފަދައިން އިސް ޖަހއިލެވުނެވެ.

"ސާބަސް ލީން.. ތިއީ ދެން މީހުން ކިޔާ ކަހަލަ އެއްޗެހިތަ؟ ޔޯރ ވެލިއު ހޭޒް ނަތިންގ ޓު ޑޫ ވިތް ވަޓް ދެޓް ބާސް** ޑިޑް ޓު ޔޫ! ލީންގެ އަދިވެސް ތި ހުންނަނީ ހާދަ ބޯދާ ހިޔާލެކޭ.." އައިލީންގެ ވާހަކަ ހުރިގޮތުން ހަމްނާ ހިތްހަމަނުޖެހުނެވެ.

"އެކަމަކުވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނޭ ލޯބި ނުވާއިރު ޝޯންއަށް އޮޅުވާލައިގެން އުޅޭކަށް.. އައި ކާންޓް. އަހަރެން މާލެ ދާންވެސް މި ވިސްނީ އެހެންވެ. އަހަރެން ދިޔައިމަ ޝޯންއަށްވެސް އަހަރެން މަތިން ހަނދާން ނައްތާލަން ފަސޭހަ ވާނެ" އައިލީން އިސް އުފުލައިލުމަކާނުލައި ބޯ ހޫރައިލި އެވެ.

"ލީން ހާދަ މޮޔައޭ.. ލީންއަށް ނަދާލްގެ މަތިން ހަނދާން ނައްތާ ނުލެވިގެން އުޅޭއިރު ޝޯން ކިހިނެއްތަ ލީންގެ މަތިން ހަނދާން ނައްތާލާނީ؟ އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ޝޯންއަށްވުރެ ބޮޑަށް ލީންދެކެ ލޯބިވާނެ މީހަކު ނުލިބޭނެކަން. ފެންނަ މީހަކަށްވެސް އެނގޭނެ އެފަކީރު އެ ހުންނަނީ ލީންގެ ލޯބީގަ ދީވާނާ ވެފަކަން" ހަމްނާ ބުންޏެވެ.

"އެކަމަކު އަހަރެންނަށް ޝޯންއާ ގުޅެވޭކަށް ނެތް! ސަބަބުތައް ބައިވަރު! އަހަރެން ބުނެފީމެއްނު އަހަރެން މި ރަށުގަ ދިރިއުޅޭކަން ބޭނުމެއްނޫނޭ! ޝޯން ބޭނުންވަނީ މި ރަށުގަ ދިރިއުޅެން. ކައުންސިލްގެ ބައި އިލެކްޝަނަށް.. އެއަށްފަހު އިތުރު ދައުރަކަށް ލާން އެ ވިސްނަނީ.. ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގަ މި ރަށް ދޫކޮށްފަ ދިޔުމުގެ ހިޔާލެއް ޝޯންގެ ނެތް.." އައިލީންގެ ވާހަކަތައް އިވި ހަމްނާއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވި އެވެ. "ދެން ނޭނގެ.. އަހަރެންނަށް ފެންނަ ގޮތް މި ބުނީ. ގޮތް ނިންމާނީ ލީން"

"ކޮންކަމެއް ނިންމާ ވާހަކަ ތި ދައްކަނީ" ކުއްލިއަކަށް އިވުނީ ޝާވިންގެ އަޑެވެ. ދެ މީހުންނަށް ސިހިފައި އިސް އުފުލައިލެވުނުއިރު އެމީހުންނާ ނުހަނު ގާތުގައި ޝާވިން ހުއްޓިލައިގެން ހުއްޓެވެ. "ލީން މާލެ ދަނީ އޯ" ހަމްނާ ހާމަކުރީ ހަގީގަތުގެ އެއްބައެވެ.

"ކިހާ ދުވަހަކަށް ދަނީ؟ އަހަރެން ހިނގައިދާނަން ލީން ގޮވައިގެން" އައިލީންގާތު ހުސްކޮށްހުރި ޖޯއްޔެއްގައި އިށީންނަމުން ޝާވިން ބުންޏެވެ.

"ނޫން.. އަހަރެން އެކަނި ދާނީ.. އަހަރެން.. އަހަރެން އަންނަ ގޮތަކަށް ނޫން ދާން މި އުޅެނީ" އައިލީން އިތުރަށް ފޮރުވާކަށް ނޫޅުނެވެ.

"ކީކޭ؟ އަންނަ ގޮތަކަށް ނޫނޭ؟" ޝާވިންއަށް ލިބުނީ ސިހުމެކެވެ. އެތަނުގައި އިން ހަމްނާ އެއްފަހަރު އައިލީންއަށް އަނެއްފަހަރު ޝާވިންއަށް ބަލައިލުމަށްފަހު ބަހަނާއެއް ދައްކާފައި ގެއަށް ދިޔުމަށް ހިނގައިގަތެވެ. އެދެމީހުންނަށް ވަކިން ވާހަކަދައްކާނޭ ފުރުސަތު ދިނުމަށެވެ.

"ލީން.. އަހަރެން.. އަހަރެން ލީންގާތު ވަރަށް ބޮޑު ވާހަކައެއް-"

"ފުރުމުގެ ކުރިން މަންމަ އެއްޗެކޭ ބުނިތަ؟" ޝާވިން ދައްކަންއުޅޭ ވާހަކަ ކުރިއަށް ގެންދިޔުމުގެ ފުރުސަތެއް އައިލީން ނުދިނެވެ.

"ނޫން.. ލީން ކޮންއިރަކު ދަނީ؟" ޝާވިންވެސް އެ މައުލޫ ދޫކޮށްލި އެވެ.

"ވީހާވެސް އަވަހަކަށް.. މިއަދު ޓިކެޓްގެ ކަންތަކާ އުޅޭނަން" އައިލީން ބުންޏެވެ.

"ނޫނޭ ރަނގަޅުވާނެ.. އަހަރެން.. އަހަރެން ޓިކެޓް ކަންތައް ހަމަޖައްސާނަން.. ލީން ބޭނުން އިތުރު ކަމެއް އޮތިއްޔާ މި ދުވަސްކޮޅުގެ ތެރޭގަ އެކަމެއް ކޮށްލާ" ޝާވިން އިށީނދެ އިން ޖޯލިން ތެދުވި އެވެ. "ދެން ހިނގާ ދާން.. ކޮފީއަކަށް އަރާލާފައެއްނު ދާނީ ދޯ؟" އޭނާ ބުންޏެވެ. އައިލީންވެސް އެކަމާ އެއްބަސްވެ ބޯ ޖަހައިލަމުން ޝާވިންއާއެކު ސައިކަލާ ދިމާލަށް ހިނގައިގަތެވެ.

------

އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެން އައި މައިޝާން ފެނުމުން ޒީނިޔާ ހިނިތުންވެލި އެވެ. އަވަސް އަވަހަށް ކާމޭޒުމަތިން މައިޝާންއަށް ޖާގައެއް ހަދައިލުމަށްފަހު ތަށްޓެއް ބަހައްޓައިދިނެވެ. މައިޝާން އައިސް ގޮނޑީގައި އިށީންހިނދު ތަށްޓަށް ކާއެއްޗެހި އަޅައިދީ ފެނާއި ޖޫސްވެސް އަޅައިދިނީ ޒީނިޔާގެ ދެ އަތުންނެވެ. މި މަންޒަރު ބަލަން މޭޒުގެ އަނެއްފަރާތުގައި އިން މުރުޝިދު ދެފަރާތަށް ބޯ ހޫރައިލި ނަމަވެސް އޭނާ ފެށީ މުޅިން އެހެން ވާހަކައެކެވެ.

"ކޮބާ މައި ފުރީތަ؟ ދަރިފުޅާއެކު ކޮން ބައެއްތަ ދިޔައީ މައި ފުރުއްވަން" މުރުޝިދު އަހައިލި އެވެ.

"ނެޑްއާއި އިޒޫވެސް ދިޔަ" މައިޝާން ކުރު ޖަވާބެއް ދިނުމަށްފަހު ކާން ފެށްޓެވެ.

"ހްމްމް. ބައްޕަ އަޑު އެހިން އިޒޫ މިފަހަރު ފުރުމުގެ ކުރިން އެ ދެކުދިން ކައިވެނި ކުރަން އުޅޭ ވާހަކަ. ދެން މައިޝާން ކޮން އިރަކުންތަ ރަނގަޅު ކުއްޖެއް ހޯދައިގެން އިންނާނީ؟ ގައިމު ނަދާލަށްވުރެން އުމުރުގެ ގޮތުންވެސް ދޮށީ މައިޝާނެއްނު؟" މުރުޝިދު ކޮށްލި ސުވާލާއެކު މައިޝާންއަށް ކެއުން ހުއްޓައިލަމުން ޒީނިޔާއަށް ބަލައިލެވުނެވެ.

"ދެން މުރުޝިދު. އޭނަ ކައި ނިމެންދެންވެސް މަޑުކޮށްނުލެވުނު ދޯ ބޮލުގަ ކޮށާކަށް" މައިޝާންގެ ފަރާތުން ރައްދު ދިނީ ޒީނިޔާ އެވެ.

"ބޮލުގަ ނުކޮށާ ވަރެއްތަ؟ ޒީނިޔާއަކަށްވެސް އަދި މައިޝާނަކަށްވެސް އޮޅިފައެއް ނޯންނާނެ އަހަރެން މި ވާހަކަ މިހެން މި ދައްކާ ސަބަބެއް. ޒީނިޔާ ބޭނުމެއް ނުވޭތަ މައިޝާން އާއިލީ ވިޔަފާރީގެ ތެރެއަށް ވައްދައިގެން ޒިންމާދާރު މީހަކަށް ހަދާކަށް؟ ނަދާލްއާ އެއްހަމައިގެ ފުރުސަތުތަކެއް މައިޝާންއަށްވެސް ފަހިވާކަށް. ޒީނިޔާ އަޑު އަހަން އިންދާ ނޫންތަ ދޮންބެ ސާފުކޮށް އެބުނީ އެކަން ވާން އޮތީ މައިޝާންވެސް ދިރިއުޅުމެއް ފަށާ ހަރުދަނާ މީހަކަށް ވީމައޭ" މުރުޝިދުގެ އަޑަށް ހަރުކަށިކަން ވެރިވާން ފެށި އެވެ. މާޖިދު ދެއްކި ވާހަކައަށްފަހު އޭނާއަށް މައިޝާންގާތު އެ މައުލޫ ނެގުނު އަދަދެއްވެސް ބުނާކަށް ނޭނގެ އެވެ. އެއިން ކޮންމެ ފަހަރަކު މައިޝާން ރުޅިގަދަވެގެން ގެއިން ނުކުތުން ފިޔަވާ އިތުރު ކަމެއް ނުވެ އެވެ.

"ޑޭޑް ހީކުރަނީ މެރީ ކުރުމަކީ އެހާ ފަސޭހަ ކަމެއް ކަމަށްތަ އޭން؟ ބޮޑުބެ ބޭނުން ގޮތެއްތަ ބިޒްނަސް ތެރޭގަ ހެދެން އޮތީ؟ މީގެ ކުރިން ކާފަ.. މިހާރު ބޮޑުބެ. ޑޭޑް ތިއީ ދެން ކީއްކުރަން ހުންނަ މީހެއްތަ؟ ކުޑަމިނުން އަހަރުމެންގެ ޕަރސަނަލް ލައިފްވެސް ކޮންޓްރޯލް ކުރަންވީ އެމީހުންތަ؟ ބޮޑުބެ ބުނީމަ އަހަރެން އެ ވީ މީހަކާ އިންނަން؟ ވަޓް އަ ޖޯކް؟ ޑޭޑްއަށް ނުބުނެވޭތަ މީހަކާ ނީނަސް އަހަރެންނަށް ވިޔަފާރީގެ ތެރެއަށް ވަދެވެން ވާނެއޭ؟" މައިޝާންގެ އަޑުވެސް މުރުޝިދުގެ އަޑާ އެއްވަރަށް ބާރުވާން ފެށި އެވެ.

"ނުބުނެވެނީކީ ނޫން. އެ ވާހަކަތަކާ އަހަރެންނަށްވެސް އެއްބަސް ވެވެނީ.. މައިޝާން ތި ވިޔާނުދާ ދިރިއުޅުން އުޅޭހާ ހިނދަކު ވިޔަފާރީގެ ތެރެއަށް ވައްދާކަށް އަހަރެންވެސް ބޭނުމެއްނޫން. ހެޔޮލަފާ އަންބަކު ހޯދަން އަހަރުމެންވެސް މި ބާރު އަޅަނީ އެހެންވެ" މުރުޝިދު ބުންޏެވެ.

"އަހަރެން މި ބުނަނީ ކިޔާއާ މެރީ ކުރަންޏާ މިއަދުވެސް އެކަން ވެދާނޭ.. އެކަމަކު އަހަރެންގެ ލައިފަށް އެހެން ކުއްޖަކު ނުގެނެވޭނޭ. ކޮބާތަ ބޮޑުބޭބެގެ މައްސަލައަކީ އެކަމުގަ؟" މައިޝާން ދަތްކުނޑި ވިކައިލަމުން އެއްސެވެ.

"ބޮޑުބޭބެ އެކަންޏެއް ނޫން! އަހަރުމެންގެވެސް މައްސަލަ! އަހަރުމެންވެސް ބޭނުމެއްނޫން މައިޝާން އެ ވިޔާނުދާ އަންހެނާއާ އިނދެގެން މި އާއިލާތެރޭ ފަސާދަކު-"

"އޭތް!" މައިޝާން އައި ރުޅީގައި އިންތަނުން ތެދުވެ ހަޅޭއްލަވައިގަންނަމުން މޭޒުމަތީގައިހުރި ތަށިތައް އަތުން ޖަހައި ހޫރުވައިލި އެވެ. އެކަމުން ލިބުނު ސިހުމުގައި ޒީނިޔާއަށްވެސް ހަޅޭއްލަވައިގަނެވުނު އިރު މުރުޝިދަށް ހުއްޓުން އަރާފައި އިނދެވުނީ އެވެ.

"ވަރަށް ކެތްކޮށްފިން! ދެން އިތުރަށް ކިޔާ އޭ ކިޔައިގެން ތިފާޑަށް ވާހަކަ ނުދައްކައްޗޭ!" މުރުޝިދުގެ މޫނާ ޖެހޭ ނުޖެހޭހާ ގާތަށް މައިޝާން ޝަހާދަތް އިނގިލި ދިއްކޮށްލި އެވެ. އަދި އިތުރު ވާހަކައަކާނުލައި ސިންކުން އަތްދޮވެލައިގެން ހަރު ހިނގުމެއްގައިގޮސް ގެއިން ނުކުތެވެ. މުރުޝިދަށް ބަލައިލެވުނީ ކައިރީގައި އިން ޒީނިޔާއަށެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ޒީނިޔާގެ ދެލޮލުގައި ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް ފެނި އަނގަ ބަންދުކޮށްލަމުން އޭނާވެސް އަތް ދޮވެލައިގެން ކޮޓަރިއަށް ވަނެވެ.

ގެއާ މާ ދުރުނޫން ހިސާބެއްގައި ޕާކުކޮށްފައި އޮތް އަޅިކުލައިގެ ކާރާ ހަމައަށް ދެވުނުއިރުވެސް އައިސްފައިހުރި ރުޅިން މައިޝާންގެ ދެ ކަންފަތުން ދުން އަރަމުންދިޔަ އެވެ. ޑްރައިވަރު ސީޓުގައި ހަމަޖެހިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ތުނބުގައި ޖަހައިލި ސިނގިރޭޓު ރޯކޮށްލަން ތައްޔާރުވެލި އެވެ. ނަމަވެސް ކާރުގެ ކުރީ ބިއްލޫރިގަނޑުން ބޭރަށް ދެވުނު ނަޒަރާއެކު ފެނުނު މަންޒަރުން އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ތުނބުގައި ޖަހައިލި ސިނގިރޭޓު ރޯ ކުރުމަކާނުލައި ތުނބުން ނައްޓައިލި އެވެ. ގޭގެ ދޮރުމައްޗަށް ހުއްޓައިލި ކަޅުފެހިކުލައިގެ ކާރުން ފޭބި ނަދާލް އިޒްކާގެ އަތުން ދޫކޮށްލުމަށްފަހު ދުރުގައިހުރި ބީރައްޓެހި އަންހެންކުއްޖާއާ ދިމާލަށް ހިނގައިގަތް މަންޒަރަށް އޭނާގެ ފުރިހަމަ ސަމާލުކަން ދެވުނެވެ.

-----

ހ. ފްލޮރެންސް ގޭގެ ދޮރުމައްޗަށް މަޑުކުރި ޓެކްސީން ފޭބި އައިލީން އަވަސްވެގަތީ ފޯނުން ހޯދައިލި މައިރާގެ ނަންބަރަށް ގުޅުމަށެވެ. ދެފަހަރަކު ކުރި ކޯލު ރިންގުވެފައި ކެނޑުނުއިރުވެސް މައިރާ ފޯނަށް ޖަވާބު ނުދިނުމުން އޭނާގެ ހިތަށް މާޔޫސްކަން ވެރިވި އެވެ. ދެހިޔާލެއްގައިހުރެ އޭނާގޮސް އެ ގެއާ މާ ދުރުނޫން ހިސާބެއްގައި އޮތް ޕިކަޕެއްގެ ނިވަލުގައި މަޑުކޮށްލި އެވެ. މައިރާއާ ކިތަންމެ ގާތް ރަޚްމަތްތެރިކަމެއް އުފެދިފައިވިނަމަވެސް އެންގުމަކާނުލައި މައިރާމެންގެ ގެއަށް ވަންނާކަށް ނުކެރުނެވެ.

މައިރާ ފޯނު ނަގާނެ އިންތިޒާރުގައި ހުއްޓާ އެ ގޭގެ ކުރިމައްޗަށް މަޑުކޮށްލި ކަޅުފެހި ކުލައިގެ ޕްރައިވެޓް ކާރު އައިލީންގެ ލޮލުގައި އަޅައިގަތެވެ. އަޅިކުލައިގެ ފަޓުލޫނާއެކު ދަށަށް ޖަހާލެވިފައިވާ ކަނޑު ނޫކުލައިގެ އަތްދިގު ގަމީހުގައި އެ ކާރުގެ ޑްރައިވަރު ސީޓުން ފޭބި ޒުވާނާއަކީ އައިލީންއަށް އާ މޫނެއް ނޫނެވެ. އެ ޒުވާނާ ފެނުމާއެކު ހިނދުކޮޅަކަށް ނަމަވެސް އައިލީންގެ މިލައިފައިވާ މޫނަށް އުޖާލާކަން ވެރިވި އެވެ. އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ހިނގައިގަތް ވަގުތު ކާރުގެ ކުރީ ސީޓުން ފޭބި އަންހެންކުއްޖާ ފެނި އައިލީންގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. އޭނާގެ ފިޔަވަޅުތައް އެކީ ހުއްޓުމަކަށް އައީ ކާރު ލޮކް ކޮށްލުމަށްފަހު އެ ޒުވާނާ އެކުއްޖާގެ ގާތަށް ދިޔަވަގުތު އެކުއްޖާ ފަރިގޮތަކަށް ހިނިތުންވެލާފައި އެޒުވާނާގެ އަތުގައި އޮޅުލައިގަތްތަން ފެނުމުންނެވެ.

"ނަދާލް؟" އައިލީންގެ އަޑު ނުކުތީ ކިރިޔަ ކިރިޔާ އެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!