Episode 17

ބުނާށޭ ލޯބި ނުވަނީހޭ. (17 ވަނަބައި)

"އެއަށްފަހު.. ފުލުހުން އަޅުގަނޑު ހައްޔަރު ކުރުމާ ހަމައަށް ހިނގައިދިޔަ އެއްވެސް ކަމެއް.. ހަނދާނެއް ނެތް" އިވާން ބުންޏެވެ. ސިރާޖު ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ.

"ތިއީ ތިހާވަރަކުން ނުދެވިގެން ތި އުޅުނު ބަޔާނަކީ؟ އިވާ-" ސިރާޖުގެ ވާހަކަ މެދުކެނޑުނީ އެވަގުތު އިތުރު އޮފިސަރަކު އެތަނަށް ވަނުމުންނެވެ. އެ އޮފިސަރު އަދަބުވެރިކަމާއެކު އައިސް ސިރާޖުގެ ކައިރިއަށް ހުއްޓުނެވެ.

"ސަރ.. ޑްރަގް ޓެސްޓްގެ ނަތީޖާ ލިބިއްޖެ ސަރ" ފޯލްޑަރަކަށް ލާފައިވާ އޭ4 ސައިޒުގެ ކަރުދާހެއް ސިރާޖުގެ އަތަށް ދެމުން އޭނާ ބުންޏެވެ. އަދި ވާހަކަ އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރިން ސިރާޖުގެ ކަންފަތް ކައިރިއަށް ތިރިވެލި އެވެ. ވާހަކައިގެ ބާކީބައި އޭނާ ސިރާޖާ ހިއްސާކުރީ ސިއްރެއްގެ ގޮތުގަ އެވެ. "ލެބް ޓެސްޓްގެ ނަތީޖާ ނުލިބޭތީ އަދި ވަކި ބާވަތެއް ކަށަވަރު ނުކުރެވުނަސް ޔޫރިން ޓެސްޓުން ދައްކާ ގޮތުގަ އިވާންވަނީ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފަ" އެ އޮފިސަރުގެ ޖުމްލައާއެކު ގަބޫލު ނުކުރެވިފައިހުރެ ސިރާޖަށް އަލިފާންކަނި ބުރަމުންދިޔަ ދެލޮލުން އިވާންއަށް ބަލައިލެވުނެވެ.

"ހަނދާނެއް ނެތޯ" ގޮނޑިން ތެދުވި ސިރާޖުގެ އަތުގެ ހޫނު ހަމަލާއެއް މޭޒުމައްޗަށް އެރި އެވެ. އެއާއެކު އިވާންއާއި އަލީގެ އިތުރުން އެތަނުގައި ދެންހުރި އޮފިސަރުވެސް ދިޔައީ ސިއްސައިގެނެވެ. ސިރާޖު އެ އޮފިސަރު ގޮވައިގެން އެތަނުން ނިކުމެގެން ދިޔުމުން އިވާން ގޮނޑީގެ ކުރިއަށް ޖެހިލައި ސިރާޖު މޭޒުމައްޗަށް ދޫކޮށްލާފައިދިޔަ ކަރުދާހަށް ބަލައިލި އެވެ. އެއާއެކު އިވާންއަށް ލިބުނު ސިހުމުގައި މޫނުމައްޗަށް އަނދިރިވެގެން ދިޔަ އެވެ. ފާއިތުވެ މި ދިޔަ ގަޑިއެއްހާއިރުތެރޭ ހިނގައިދިޔަ ހުރިހާ ކަމަކީ ނުބައި ހުވަފެނަކަށްވެ ނިމޭނަމައޭ އޭނާގެ ހިތަށް އަރަމުންދިޔަ އެވެ.

"އިވާން؟" އިވާންއަށް ހޭވެރިކަމެއް ވީ ލެޕްޓޮޕް ލައްޕައިލުމަށްފަހު އަލީ އޭނާއަށް ގޮވައިލުމުންނެވެ.

"އޭޒް އަންއެތިކަލް އޭޒް ދިސް ސައުންޑްސް.. އިވާން ބަޔާނުގަ ލިޔަން ބޭނުން ނުވާ އެއްވެސް ވާހަކައެއް އަހަރެން މި ބަޔާނަކު ނުލިޔާނަން.. އެކަމަކު ރޭގަ އަހަރުމެންވެސް އެތަނުގަ ތިބިން. އަހަރުމެންނަށްވެސް އެނގޭ.. އިވާން ގެއަށް ދިޔައީ މައިރާއާ އެކީގަ ކަން.. އިވާންގެ ސްޓޭޓްމަންޓްގަ އެވަރުގެ މުހިއްމު ޑީޓެއިލެއް އުނިކުރީ ކީއްވެ؟" އަލީ އެ ސުވާލު ކޮށްލީ އިވާންއާއެކު މަސައްކަތްކުރާ ރަޚްމަތްތެރިއެއްގެ ހައިސިއްޔަތުންނެވެ.

"މައިރާ ދިޔައީ އަހަރެންނާ އެކީގައެއް ނޫން" އިވާން ދޮގުހެދި އެވެ.

"ވަޓް؟" އަލީގެ ދެބުމަ ގޮށްޖެހުނެވެ.

"ރޭގަ މައިރާގެ ކަޒިން އަޔެއްނު؟ ހަނދާންވޭތަ؟ މައިރާގެ ބައްޕަ ބަލިވެ އުޅޭތީ މައިރާ ގޮވައިގެން އާޖެންޓުކޮށް މާލެ ދާންވެގެން އޭނަ އައީ.. އަހަރެންނާއެކު މައިރާ ރޭގަ ގެއަކަށް ނުދޭ. ނަދާލްއާއެކު މައިރާ ދިޔައީ އެތަނުން. ހީވާގޮތުން އެ ދިޔަގޮތަށް ފުރަން ދިޔައީ" އިވާން ބުންޏެވެ. އެވަރުގެ ދޮގަކުން ވާނެ އިތުރު ގެއްލުމެއް މިހާރު އެބަ އޮތް ހެއްޔެވެ؟ މިވަގުތު ހުރިހާ ހެއްކެއް ހުރީ އޭނާއާ ދެކޮޅަށް ވިއްޔާ އެވެ. ރޫމީގެ ބަޔާނާއި ހައްޔަރު ކުރިއިރު އޭނާ ހުރި ހާލަތާއި "ސީން" ގެ އިތުރުން ކުރިމަތީގައި މި އޮތް ޑްރަގް ޓެސްޓްގެ ނަތީޖާވެސް ބުނެދެނީ އެއް ވާހަކައެކެވެ. ނޭނގުމެއްގެ ތެރޭގައިވެސް އޭނާއަށް އެވަނީ އެބުނާފަދަ ކުށަކަށް އަރައިގަނެވިފައި ކަމެވެ.

----------

ނިދިފައި އޮތް އައިލީންއަށް ހޭލެވުނީ މާ ބޮޑަށް ހޫނުވާހެން ހީވާން ފެށުމުންނެވެ. ކޮނޑާ ހަމައަށް އަޅާލެވިފައި އޮތް ޑުވޭ ތިރިކޮށްލުމަށްފަހު ތެދުވެ ހެޑް ބޯޑުގައި ލެގިލުމަށްފަހު އެނދުގެ އަރިމަތީގައި ހުރި މޭޒުމަތިން ރިމޯޓު ނަގައި އޭސީގެ ފިނި މަޑުކޮށްލި އެވެ. ދިއްލާފައިހުރި ފާހަނައަށް ބަލައިލުމަށްފަހު ނަދާލް އެތަނުގައި އުޅެނީ ކަމަށް ނިންމަމުން އޭނާ ފޯނު ނެގީ ގަޑި ބަލައިލުމަށެވެ. މިހާރު ހަމަ ގައިމުވެސް އިރު އަރައިފާނެކަން އޭނާއަށް އެނގެ އެވެ. އެހެނަސް ފޯނުގެ ޑިސްޕްލޭ ދިއްލިގެން ދިޔަހިނދު ގަޑީގެ ބަދަލުގައި އޭނާގެ ސަމާލުކަން ދެވުނީ ޝާވިންގެ ފަރާތުން ލިބިފައިވާ 40 މިސްޑް ކޯލާއި ތިން ގަޑިއިރު ކުރިން ލިބިފައިވާ ނަދާލްގެ މެސެޖަށެވެ. ޝާވިންގެ އެއްވެސް ކޯލަކަށް ރައްދު ދިނުމުގެ ކުރިން އޭނާ އަވަސް އަވަހަށް ނަދާލްގެ މެސެޖު ހުޅުވައިލި އެވެ.

"ސޮރީ ލޫނާ.. ހޭޑް ޓު ލީވް އާޖެންޓްލީ.. ރޫމް ހޭޒް ބީން ޕެއިޑް ފޯރ އަ ފުލް ޑޭ" މެސެޖު ކިޔާލުމާއެކު އައިލީންއަށް ދެލޯ މަރައިލެވުނެވެ. އެ މޫނުމަތީގައިވި ހުރިހާ ކުލައެއް އޮއްސިގެން ދިޔަ އެވެ. މާޔޫސްވެފައިހުރެ އޭނާ ޝާވިންއަށް ގުޅައިލީ މުހިއްމު ކަމެއްގައި ނޫނީ ޝާވިން އެވަގުތު އެހާވަރަށް ނުގުޅާނެކަން އެނގޭތީ އެވެ.

"ހެ-ހެލޯ ޝޯން" އަޑުގައިވާ މާޔޫސްކަން ފިލުވައިލަމުން އައިލީން ގޮވައިލި އެވެ.

"ލީން ކޮންތާކުތަ؟ ގެއަކު ނޫން ދޯ؟ ކިހާ ވަރަކަށް ގުޅިއްޖެ؟ އިވާން ބަންދުކޮށްގެން މި އުޅެނީ.. ރޭގަ ފަތިސް ނުވަނީސް ފުލުހުން އައިސް އިވާން ހައްޔަރުކޮށްގެން ގެންދިޔަ އިރުވެސް ލީންއަކަށް ނޭނގޭ ދޯ؟" ޝާވިންގެ ސުވާލުތައް ފަތިފައްޗަށް އަމުނައިލި އެވެ.

"ކީ- ކީކޭ؟ އިވާން؟ ކީއްވެ؟" އައިލީންއަށް ލިބުނު ސިހުމުގައި އެނދުން ތެދުވެވުނެވެ.

"ރޫމީއާ ބެހުނީއޯ. ނޭނގެ މަށަކަށް. އާޒިމާއްތަވެސް ރޮއެ ރޮއެ ހަލާކުވެގެން އެޑްމިޓް ކޮށްފިން.. ލީން ރަނގަޅުދޯ. ކޮންތާކު ތިހިރީ؟" ޝާވިންގެ އަޑުގައި ހިސާބަކަށް ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓެވެ.

"މިއީ.. މިއީ ހަމް މެން ގޭގަ" ތެޅިތެޅި އޮތް ހިތަކާއެކު އައިލީން ހަގީގަތް ފޮރުވި އެވެ.

"އެބަދަން ބަލާ" ޝާވިންގެ ޖަވާބާއެކު އައިލީންގެ ހިތް އަނެއްކާވެސް ތެޅިގަތެވެ.

"ނޫން ޝޯން. އައި މީން.. ނޯ ނީޑް. އަހަރެން މިހާރު މި ދަނީ ހޮސްޕިޓަލާ ދިމާލަށް" އައިލީން އަވަސްއަވަހަށް ފޯނު ކަނޑައިލި އެވެ. ހެދުމާއި ތުވާލި ހިފައިގެން ފާހަނައާ ދިމާލަށް ދުއްވައިގަތްއިރު އޭނާގެ ހަރަކާތްތަކުގައުވަނީ ހަލުވިކަމެވެ.

ހޮސްޕިޓަލުން އައިލީންއަށް ފުރަތަމަވެސް މަރުހަބާ ކިއީ ކަންބޮޑުވެފައިވާ ޝާވިންގެ މޫނެވެ. ޝާވިންއަށް އައިލީން ފެނުމާއެކު ދުވެފައި އައިސް އައިލީންގެ ގައިގައި ބައްދައިލި އެވެ. އައިލީންއަށް އެކަމުން ސިހުމެއް ލިބުނު ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން އޭނާ އެކަމުން މާބޮޑު މާނައެއް ނުނަގަ އެވެ.

"ޑޯންޓް ވޮރީ ލީން.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެން ހުންނާނަން ލީންއާއެކު.. އަބަދުވެސް..." ޝާވިންގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު އައިލީން މަޑުމަޑުން ޝާވިންއާ ދުރަށް ޖެހިލި އެވެ. "މާމަ ކޮބާ؟" އޭނާ އަހައިލި އެވެ. އައިލީންއާއެކު ޝާވިން ހިނގައިގަތީ ވާޑާ ދިމާލަށެވެ. އެތަނުގެ އެނދެއްގައި ބާއްވާފައި އޮތް އާޒިމާގެ އަތުގައި އައިލީން ހިފައިލި އެވެ. އާޒިމާއަށް އެވަގުތު އޮތީ އިންޖެކްޝަންގެ އެހީގައި ނިދިފައި ކަމުން އެއީ ޝާވިން ގާތުން ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށް އެންމެ މުނާސަބު ވަގުތު ކަމުގައި އައިލީން ދުށްޓެވެ.

"އިވާން ކޮބާ؟ އަސްލު ކިހިނެއްތަވީ؟" އާޒިމާ އޮތް އެނދުގެ ކައިރިފަށުގައި އައިލީން އިށީނދެލުމުން ޝާވިން އިށީނީ އެތަނުގައިހުރި ގޮނޑީގަ އެވެ.

"ނޭނގެ. އަހަރެން މައި ލާންޗަށް ލާފަ ގެއަށްގޮސް-"

"ވަޓް؟ މައިވެސް ފުރީތަ؟" އައިލީންއަށް އަހައިލެވުނެވެ.

"ހްމްމް މައިގެ ބައްޕައަށް ކުއްލިއަކަށް ކަމެއް ދިމާވެގެން.. އެނީވޭ… ލޯންގް ސްޓޯރީ ޝޯޓް. އިވާން ރޭޕްޑް ރޫމީ ޔޯ" ޝާވިން ފާޑަކަށް ފޫހިވެފައި އިނދެ ކަޅި އަނބުރައިލި އެވެ. ނަމަވެސް އޭރު އައިލީންއަށް އިނދެވުނީ އިވުނު ވާހަކައިގެ ސަބަބުން ހުއްޓުން އަރައިފަ އެވެ. އެކަން ޝާވިންއަށް ފާހަގަވެ ދެފަހަރެއްގެ މަތިން އައިލީންގެ އަތުގައި ހިފައި ތަޅުވައިލި އެވެ.

"ލީން؟ ލީން؟ ޔޫ އޯކޭ؟ ޖަސްޓް ޑޯންޓް ބިލީވް އިޓް އޯކޭ؟ އިޓްސް ބުލްޝިޓް. އަހަރެންވެސް ގަބޫލެއް ނުކުރަން-"

"ރޫމީ ކޮބާ؟" ޝާވިންގެ ވާހަކަ މެދުކަނޑައިލަމުން އައިލީން ސުވާލު ކުރި އެވެ.

"ނޭނގެ މި ހޮސްޕިޓަލުގެ ކޮންމެވެސް ތާކު ވެއްޖެ. އަހަރެންގާތު ނުދައްކާ އޭނަގެ ވާހަކަ. އައިމް ޕްރިޓީ ޝުއަރ ދެޓް ބި* ފްރޭމްޑް ހިމް-" މިފަހަރުވެސް ޝާވިންގެ ވާހަކަ އަޑުއަހާކަށް އައިލީން ނޫޅުނެވެ. އާޒިމާގެ އަތުން ދޫކޮށްލުމަށްފަހު އޭނާ ދުއްވައިގަތީ ރޫމީ ހޯދުމަށެވެ. އޭނާގެ ފަހަތުން ޝާވިންވެސް ދުއްވައިގަތެވެ. ރިސެޕްޝަންގައި އިން ނަރުސް ކުއްޖަކު ދިން މައުލޫމާތުގެ އެހީގައި އައިލީންގޮސް ބަލިމީހުން ބަލާ ކޮޓަރިއެއްގެ ކައިރިއަށް ހުއްޓިލި އެވެ. އޭނާ އެތެރެއަށް ވަންނަން އުޅުމުން އެކަމަށް ހުރަސްއެޅީ އެވަގުތު އެ ކޮޓަރިން ނުކުތް ނަރުހެކެވެ.

"ރޫމީ އެއީ އަޅުގަނޑުމެންގެ މެއިޑް. އަޅުގަނޑު ބޭނުން ރޫމީއާ ވާހަކަ ދައްކާލަން" އައިލީން ބުންޏެވެ.

"މިކޮޅަށް ގެނައީއްސުރެން އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ… މިއަދު ހެނދުނު މާލެ ގެންގޮސްގެން އިތުރު ސައިކޮލޮޖިކަލް އަދި ލެބް ޓެސްޓްތައް ހަދަންޖެހޭނެ ކަމަށް ޑަކްޓަރ އަންގާފަ އޮތީ" ނަރުސް ކުއްޖާ ބުންޏެވެ.

"އެކަމަކުވެސް އަޅުގަނޑަށް ރޫމީއާ ބައްދަލު ކޮށްލެވިދާނެތަ؟" އައިލީން އެދުނެވެ. ރޫމީގެ ދުލުން ހާދިސާ ކިޔައިދޭ އަޑު ނީވޭހާ ހިނދަކު އޭނާއަކަށް ހަމަޖެހުމެއް ނުލިބޭނެ އެވެ.

"އައިމް ސޮރީ. ޕޮލިހުން އަންގާފަ އޮތީ ތަހުގީގަށް ފޯރާ ނުފޫޒު ކުޑަކުރުމުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތަކާ ގުޅުންހުރި އެއްވެސް ފަރާތަކުން ވިކްޓިމްއާ ބައްދަލު ކުރުމުގެ ފުރުސަތު ނުދިނުމަށް. މިވަގުތުވެސް ރޫމީގާތު ފުލުސް އޮފިސަރަކު އެބަ އިންނެވި. ސޯ އަޅުގަނޑަކަށް ތި ކަމެއް ނުކޮށްދެވޭނެ" ނަރުސް ކުއްޖާ ބުންޏެވެ.

"ލީން. ހިނގާ ދާން. މިވަގުތު ރޫމީއާ ވާހަކަދައްކަން އުޅުމަކީ ބޭކާރު ކަމެއް. މާލެ ގެންގޮސް ޓެސްޓުތައް ހެދީމަ ހުރިހާ ކަމެއްވެސް ސާފުވާނެ" އައިލީންގެ ކޮނޑުގައި އަތް ބާއްވައިލަމުން ޝާވިން ބުންޏެވެ. އައިލީން އެކަމާ އެއްބަސްވާ ފަދައަކުން ބޯ ޖަހައިލުމަށްފަހު ބަރު ހިތަކާއެކު އެތަނުން ދުރަށް ހިނގައިގަތެވެ.

------

"ސްޓޮޕް އިޓް މައި! ތިގޮތަށް ކަންތައްތަކާ ކަޓާފަ އިނުމަކީ މައިގެ ގޮތެއްވެސް ނޫނެއްނު؟ އެ ހުރިހާ ކަމެއް ހަނދާން ނައްތާލަބަލަ" ދެކަކުލުގައި ބައްދާލައިގެން ސޯފާގައި އިށީނދެ އިން މައިރާއަށް ބަލައިލަމުން ނަދާލް ފުންނޭވާއެއް ދޫކޮށްލި އެވެ. އިވާންމެންގެ ރަށުން އައިއްސުރެން މައިރާގެ މިޒާޖަށް ވަނީ ތަފާތު ބަދަލުތަކެއް އައިސްފަ އެވެ. ކުރިން މައިރާގެ ކިބައިގައި ހުންނަ މީހުންނާގުޅޭ ހަލަނި މިޒާޖެއް މިހާރަކު ނުހުރެ އެވެ. ހެނދުނު ހޭލާގޮތަށް މުރުޝިދުމެންގެ ފަންގިފިލާ ދޫކޮށް އައިސް މުޅި ދުވަސް ހޭދަ ކުރަމުންދަނީ އޭގެ މަތީ ފަންގިފިލާގައި ހުންނަ ނަދާލްއުޅޭ އެޕަރޓްމެންޓްގަ އެވެ.

"އިޓް ސްޓިލް ޑަޒަންޓް ފީލް ރައިޓް ނެޑް... އަހަރުމެންނަށް ކަންތައް މި ކުރެވުނީ ރަނގަޅަށްތަ؟ އިވާންއަށް މަލްއާ ދޭތެރޭ ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫނަސް މޭބީ ހީ ޑިޒަރވްސް އަ ޗާންސް. މޭބީ ހީ... އާހް އައި ރިގްރެޓް ދިސް ސޯ މަޗް ނެޑް" މައިރާގެ ދެލޯ ފެންކަޅިވާން ފެށި އެވެ.

"މައި.. އެންމެ ފުރަތަމަ ކަމަކަށް މި ޕްލޭނަކީވެސް މައިގެ ޕްލޭނެއް ދޯ. މައި ބަދަލު ހިފަން ބޭނުންވެގެން އަހަރުމެން އެރަށަށް ދިޔައީ.. އެންޑް އިޓް ވޯޒް އަ ސަކްސެސް! ތިންކް އަބައުޓް އިޓް މައި! އިފް ޔޫ ޑިޑިންޓް ފޯލް ފޯރ ހިމް މިއަދު މައި ތިހެނެއް ނުވިސްނާނެ.. ތި ވާހަކަ ތިހެނެއް ނުދައްކާނެ.. މައިއަށް ތިވަރު ވާއިރު އޭނަގެ ސަބަބުން މަލްއަށް ވެފަ ހުންނާނެ ވަރު ވިސްނާލަބަ. ސޯ ޝްޝްޝް. ވީ ޑިޑް އިޓް ފޯރ މަލް." މައިރާގާތު ސޯފާގައި އިށީނދެލަމުން ނަދާލް ބުންޏެވެ.

"ރޫމީ.. ރޫމީ ކޮބާ މިހާރު؟" މައިރާ ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން އަހައިލި އެވެ.

"މާދަން ޑީޕޯރޓުކުރާނެ. ކޭޝްކޮށް ތިން މިލިއަން ރުޕީސް.. އެއީ ގާތްގަނޑަކަށް ސާޅީސްހާސް ޑޮލަރު ރޫމީގެ މަންމައާ ހިސާބަށް މިހާރު ގޮސްފަ އޮންނާނީ.. އެންޑް ޔެސް.. ރޫމީގެ ހަށިގަނޑަކުން އެއްވެސް ކަހަލަ ފޮރެންސިކް ޓެސްޓެއް ނަހަދާ. ނުވެސް ހެދޭނެ. އަހަރެން އޮންނާނީ މިކޮޅުން ރޫމީގެ ސައިކްރޭޓިސްޓާ ވާހަކަ ދައްކައިގެން އެކަންތައް ހަމަޖައަސާފަ. ސައިކޮލޮޖިކަލް އެގްޒަމިނޭޝަންގެ ނަތީޖާގަ ބުނެފަ އޮންނާނެ އެކަހަލަ ރޭޕް ޓެސްޓަކަށް ރޫމީ މެންޓަލީ ތައްޔާރެއް ނޫނޭ. މާނައަކީ އިވާން އެކަން ނުކުރާކަމުގެ މެޑިކަލް ޕްރޫފެއް ދެއްކޭކަށް ނޯންނާނެއޭ" ނަދާލްގެ ވާހަކައިން އޭނާއަށް ކުރެވުނު ކަންތަކާމެދު ފަހުރުވެރިވެފައިވާ މިންވަރު ހާމެވެ އެވެ. މައިރާއަށްވެސް ހިތާހިތުން ނަދާލްގެ ތޫނުފިލިކަމަށް ތައުރީފު ކުރެވުނެވެ. އޭނާ ހުރިހާކަމެއް ހަމަޖައްސާފައި ވަނީ މައިރާ އުއްމީދުވެސް ނުކުރާހާ ފުރިހަމައަށެވެ.

"މައި.. އަހަރެންނަށް އެބަ ހީވޭ މައި ދެވަނަ ވިސްނުމަކަށް ދާން ވަރަށް ބޭނުންވާހެން.. އެކަމަކު މައި ކިތަންމެ ބޭނުންވިޔަސް މިހާރު އިތުރު ކަމެއް ބަދަލު ކުރަން މާ ލަސްވެއްޖެ. މިކަން ރިވަރސް ކުރަން ހަދައިގެން ހަމަ އަހަރުމެންގެ އަތަށް ގޮވާނީ.. އަހަރުމެން އިވާން ފްރޭމް ކުރިކަން މުޅި ރާއްޖެއަށް އެނގޭނީ.. އެހިސާބުން ގެއްލުން ލިބޭނީ ހަމައެކަނި އަހަރެމެން ދެމީހުންނަކަށް ނޫން. މި މުޅި އާއިލާއަށް.. ވިޔަފާރިއަށް.. މައި ކިތަންމެ ދެރަވިޔަސް އެ ރިސްކް ނެގޭކަށް ނެތް. އެހެންވީމަ ދެން މިވާހަކަ ނުދައްކާ. އިވާންއަށް އެ ލިބުނީ މަލްއާ ދޭތެރޭ ކަންތައް ކުރިގޮތުގެ ހައްގު ޝަޒާ.. ދިސް އިޒް ވަޓް އައި ކޯލް.. ޕޮއެޓިކް ޖަސްޓިސް" ނަދާލް ވިސްނައިދިނެވެ.

"އެނގޭ.. އަހަރެންގެ ފީލިންގްސް ކޮންމެ ގޮތަކަށް އޮތަސް ހަގީގަތަކީ ތިއީ.. އެކަމަކު ދެރަވަނީއޭ.. އައި ޑިޑިންޓް އިވަން ސޭ ގުޑްބައި ޓު ލީން.." މައިރާއަށް ވިސްނޭ ކަންކަން އިންތިހާ އެވެ.

"ނޯ ޑިޑް އައި" އެ ބަސްތައްވީ ނަދާލްގެ ހިތުގަ އެވެ. ދެމީހުންގެ ވާހަކަ ކުރިއަށް ގެންދާނެ ފުރުސަތެއް ނުލިބުނީ އެވަގުތު އެޕަރޓްމެންޓްގެ ދޮރުގައި މީހަކު ޓަކި ޖަހައިލުމުންނެވެ.

"ދަރިފުޅާ.. އިޒޫ ބަލާ ދާ ގަޑި ޖެހެނީނު. މަންމައަށް އެނގޭ ދެކުދިން ވާހަކައިގެ ޖެހުނިއްޔާ ނަދާލް ހަނދާން ނައްތާލާފަ ހުންނާނީކަން. ދޭބަލަ ދޮންތަވެސް އެބަ އުޅޭ މިއަދު ނިމްކޮ ގޮވައިގެން އައިސް" ދޮރު ހުޅުވާލުމާއެކު ނުސްރާ އެއްފައްޗަކަށް އަމުނައިލި އެވެ. އޭރު އެ ފަންގިފިލާގައި ދެންހުރި އެޕަރޓްމެންޓްގެ ދޮރު ހުޅުވާފައި ހުރުމުން އެ ބުނިފަދައިން ނަޝްވާމެންގެ އަޑު އިވެމުންދިޔަ އެވެ.

"މިދަނީ މަންމާ. މައި ގެންދެބަ މަންމަމެން ބައިގަ މަޑުކޮށްލަން، ކޮންމެވެސް ކޫސަނި ކަމަކާ ބޮޑާހާކާފަ މީނީ" ކޮފީމޭޒު މަތީގައި އޮތް ފޯނާއި ތަޅުދަނޑިފަތި ހިފައިގެން ނަދާލް އަވަސްއަވަހަށް ނުކުމެ ލިފްޓަށް އެރި އެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން ދުއްވަމުންދިޔަ ސައިކަލު އޭނާ މަޑުކޮށްލީ ގ.ސަފާޔާ ގޭގެ ހައިބަތު ދައްކުވައިދޭ ދަގަނޑު ދޮރާށީގެ ކުރިމައްޗަށެވެ. ޕާކު ކޮށްފައިވާ ވެހިކަލްތަކުން ފުރިފައިވާ މަގުން އެ ޖާގަވެސް އެ ލިބުނީ އެ ދޮރާށީގެ ކުރިމަތީގައި ޕާކު ނުކުރުމަށްބުނެ ހަރުކޮށްފައިވާ ބޯޑުގެ ސަބަބުންނެވެ.

ދޮރާށީގެ ތެރެއިން ފެންނަންހުރި ގެއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ނަދާލް ފޯނު ނަގައި ނަންބަރަކަށް މެސެޖު ކޮށްލިއެވެ. އެވަގުތު ކުއްލިއަކަށް އިވުނު ބަރުގޮނެއްގެ އަޑުން އޭނާ ސިއްސައިގެން ދިޔަ އެވެ. ވަށައިގެން ހޯދައިލި އިރު ހުޅުވެމުންދިޔަ ސަފާޔާ ގޭގެ ގޭޓުގެ އަނެއް ފަރާތުގައި އޮތް ކަނޑު ނޫކުލައިގެ ކާރު ފެނި ނަދާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެ ކާރު ނެރޭނެ ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ނަދާލް ސައިކަލު ދުއްވާލާފައިގޮސް ދުވާރުމައްޗަށް އަރުވައިލި އެވެ.

"ކޮންއިރަކު އައީ؟" ލޮލުގައި އަޅައިފައިވާ އަވި އައިނު ނިތްކުރިން މައްޗަށް ޖައްސައިލަމުން ޒެފަން ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބޯދިއްކޮށްލި އެވެ.

"ރޭގަ އައީ.." ނަދާލް ސައިކަލުން ފައިބައި ދޮރާށިން ނުކުތް ކާރާ ގާތަށް ޖެހިލި އެވެ.

"މައި ނާދޭތަ؟ މައި ނެތީމަ ތަރޒްޑޭ ނައިޓްގަ ރޭހެއް ޖަހާލަން ދާނެ މީހަކުވެސް ނުހުރޭ. ވަރަށް ސަޅި ބައިކެއްވެސް ކުރީދުވަހު ގެނެސްފަ އިންނާނެ. ތިހެން އުޅޭއިރު ޖައްސާލަބަ ރޭހަކަށް" ޒެފަން ސަމާސާ ރާގެއްގައި ބުންޏެވެ.

"ނާ.. ފާސްޓް ބައިކްސް އާ ނޮޓް މައި ތިންގް.. ފާސްޓް ކަރޒް؟ މޭބީ.. ދެން އެހެންނޫނަސް ޒެފްގެ ރޭސިންގް ޕާރޓްނަރ ގޮވައިގެން އެ ރަށުން މި އައީ. މިދުވަސްކޮޅު މަލްކޮގެ ކަންތަކާ ވަރަށް ކަޓާފަ އަބަދު ގޭގަ އޮންނަނީ. ރޭހަކަށް ގުޅާލީމަ ނުކުމެދާނެ. އަދި ދެތިން ހަފްތާ މިކޮޅުގަ މަޑުކޮށްފަ މެލޭއަށް ފުރާނީ." ނަދާލް ބުންޏެވެ.

"އޯކޭ އެހެންވީމަ ދިޔައީއޭ.. މައިއަށް ގުޅާލާނަން.. ބައިދަވޭ އިޒްކޮ އުޅުން ނަދާލްއަށް ގުޅަންވެގެން. ދުވަސްކޮޅުގެ ގޮތުން އަހަރެން ބުނީ މަޑުކޮށްލާށޭ. ނަދާލްވެސް އެސްކޭޕެއް ބޭނުންވެގެން ރަށަކަށް ޖައްސާލީއޭ. ސޮރީ އެނގޭ ކާފަގެ ޖަނާޒާއަށް ނުދެވުނީމަ" ޒެފަން އޮޅުން ފިލުވައިދިނެވެ.

“ރަނގަޅުވާނެ.. އިޒޫ ބަލައޭ މި އައީ. އަސްލު އިޒޫ މާލެ އައިސް އުޅޭކަން އެނގުން ނަމަ ތަންކޮޅެއް ކުރިން އަންނާނަމޭ." ނަދާލް ބުންޏެވެ.

"އަންނާނެތާ ދޯ. އިޒޫ ވިއްޔަ؟" ނަދާލްގެ އަތުގައި އޮތް ގުލްދަސްތާއަށް ލޮލުން އިޝާރާތްކޮށްލަމުން ޒެފަން ދިމާކޮށްލި އެވެ. "އޭ ދެން ދިޔައީ.. ގުޅާބަ ފްރީ ވެފަ" ޒެފަން ލަސްލަހުން ކާރު ދުއްވައިލި އެވެ. އެ ހުރިހާއިރު ކާރުގެ ފަހަތުގައި މަޑުކޮށްލައިގެންހުރި އިޒްކާ ނަދާލްގެ ލޮލުގައި އަޅައިގަތީ އެހިސާބުންނެވެ. މަޑު މުށިކުލައެއް ޖައްސާފައިވާ އިޒްކާގެ ބޮލުގެ އިސްތަށިގަނޑު އެ ދޮން މޫނާ ނުހަނު ގުޅެ އެވެ. ކަށިމައްޗާ ހަމައަށްހުރި ރީނދޫކުލައިގެ މެކްސީގައި އިޒްކާ ފެންނަމުންދިޔައީ އިރުން ވަކިވެގެން އައިސްފައިވާ ރަން ދޯއްޖެއް ފަދައިންނެވެ. ނަދާލް ފެނުމާއެކު ރުޅިއައިސްފައިވާ ޒާތަކަށް ތުން އަނބުރައިލާފައި ނަދާލްއަށް ފަސްދިންގޮތުން ނަދާލްގެ ތުންފަތާ ކުޅެލީ ރީތި ހިނިތުންވުމެކެވެ.

"ބޭބީ" ނަދާލް ލަސްފިޔަވަޅުތަކެއްގައި އައިސް އިޒްކާގެ ފަހަތުގައި ހުއްޓިލަމުން އިޒްކާއަށް ގޮވައިލި އެވެ. ޖަވާބެއް ނައެވެ. އޭނާ ހެވިފައިހުރެ އަތުގައި އޮތް އިރުދޭމަލުގެ ގުލްދަސްތާ އިޒްކާގެ މޫނުމައްޗަށް ހުރަސްކޮށްލި އެވެ. ހީކުރިގޮތާހިލާފަށް އިޒްކާގެ މޫނު އަނބުރައިލީ އެއާ ދުރަށެވެ. ނަދާލްއަށް މަގުގެ ވަށައިގެން ހޯދައިލެވުނެވެ. މަގުގައި ހިނގާބިނގާވެ އުޅޭ މީހުން މަދެއްނޫނެވެ. ނަމަވެސް ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ އަމިއްލަ ދުނިޔޭގަ އެވެ. އެހެން މީހަކަށް ދޭނެ ސަމާލުކަމެއްނެތް ކަހަލަ އެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ނަދާލް ފިޔަވަޅެއްހާތަން ކުރިއަށް ޖެހިލި އެވެ. އިޒްކާގެ ގައިގައި ފަހަތުން ބައްދައިލުމަށްފަހު ކޯތާފަތުގައި ބޮސްދިނެވެ. އެއަށްފަހު ސިއްރު ސިއްރުން އިޒްކާގެ ކަންފަތްދޮށުގައި "ސޮރީ" އޭ ބުނެލި އެވެ. އިޒްކާގެ މޫނު ވަގުތުން އުޖާލާވި އެވެ. ނަދާލްގެ އަތުގައި އޮތް ގުލްދަސްތާ ޖަހައިގަތުމަށްފަހު ހިނިތުންވެލައިގެންހުރެ ނަދާލްއާ ކުރިމަތިލި އެވެ.

"ބޮޑާހާކަން ނޭނގޭއިރުވެސް ބޮޑާހާކަން ވާނެ އެނގޭ" އިޒްކާގެ ނޭފަތުގައި މަޑުމަޑުން ހިފައިލަމުން ނަދާލް ބުންޏެވެ.

"ދެން މިސްވީއޭ. މެޑިކަލް ސްކޫލް ބިޒީކަމުން އިޒޫއަށް މާލެ މި އާދެވެނީވެސް ކުޑަ ދުވަސްކޮޅަކަށް. އަންނައިރު އަދި ނެޑްއެއް ނުހުރޭ" އިޒްކާ ޝަކުވާކޮށްލި އެވެ.

"އަނހާ.. އިޒޫ ޖެހޭ މޮޅެތި ސަރޕްރައިޒް ދޭން އަހަރެންގާތު ނުބުނެ އަންނަން. ދެން ވާނީ އެހެންތާ. ދެން އަނެއްކާ މި ދިޔަ ޓްރިޕްއަކީ ވަރަށް ފާޑަކަށް ވަރަށް އަންޕްލޭންޑްކޮށް ދިޔަ ޓްރިޕެއް" އިޒްކާ ގޮވައިގެން ސައިކަލާ ދިމާލަށް ހިނގައިގަންނަމުން ނަދާލް ބުންޏެވެ.

"އެއީ ކޮންކަމަކު؟" އިޒްކާގެ ސިކުނޑީގައި ސުވާލުމާކު ޖެހިގެންދިޔަ އެވެ.

"އެއީ.. އެއީ މައިގެ ކަމަކު. ދެން އެވާހަކަ ބާއްވަމާ. ލެޓްސް ޓޯކް އަބައުޓް އަސް. ބޭބީ ހާދަ ރީއްޗޭ މިއަދު" ނަދާލް އިޒްކާއަށް ތައުރީފުކޮށްލީ މައުޟޫ ބަދަލުކޮށްލުމުގެ ގޮތުންނެވެ.

"މިއަދު އެކަނި؟" އިޒްކާ ބުމަ އަރުވައިލި އެވެ.

"އަހަހަ. އެހެނެއް ނުބުނަމެއްނު. ބޭބް ދެން އަބަދުވެސް ރީތި ވާނެ އެއްނު" ނަދާލް ސައިކަލަށް އަރައި ހަމަޖެހިލަމުން ބުންޏެވެ.

"ދެން އޯކޭއޭ މޮޅެތި ވާހަކަ ނުދެއްކިޔަކަސް. ކޮންތާކަށްތަ މި ދަނީ؟" އިޒްކާ ނަދާލްގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލި އެވެ.

"މަންމަމެން އުޅުނު އިޒޫ ނުފެންނާނީ ލޮލަށް ނިދި ނައިސްގެން. ދޮންތަވެސް އެބައުޅޭ ބޭބީ ގޮވައިގެން ގެއަށް އައިސް މިއަދު. ސޯ ގެއާ ދިމާލަށް ދަމާ" ނަދާލްގެ ޖަވާބުއިވި އިޒްކާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަ އެވެ. އޭނާއަށް ނަދާލްއާ އެ ބައްދަލުވީ އަހަރެއްހާ ދުވަސް ފަހުންނެވެ. އެހާ ގިނަދުވަހަށްފަހު ދިމާވުމުން އިޒްކާ އުއްމީދުކޮށްގެން ހުރީ ނަދާލްއާއެކު ވަކިން ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ނަދާލްވެސް ބޭނުންވާނީ އެގޮތްކަމުގައި އޭނާއަށް ހީކުރެވުނެވެ. ނަމަވެސް އެއީ އޭނާއަށް ކުރެވުނު ކުށްހީއެއްތާ އެވެ؟

---------

ދުވަސްތައް އޭގެ ހަލުވިކަމާއެކު ފާއިތުވަމުންގޮސް މާ ގިނަ ދުވަހެއްނުވެ، ތަހުގީގުގެ ބޭނުމަށް އިވާން މާލެ ގެނެވި، ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިވާންގެ މައްޗަށް މައްސަލައިގެ ދައުވާ އުފުލިއްޖެ އެވެ. ފުރަތަމަ އަޑުއެހުން ނިމިގެންދިޔައީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްވެސް ކުރެވިގެނެވެ. މިހާ ހިސާބަށް ކަންތައްދިޔައިރު ފުލުހުންގެ ވަޒީފާއިންވެސް އިވާން ވަކި ކުރެވިއްޖެއެވެ. ރަށުތެރޭގައި ފަތުއަޑު ކިޔާފައި ދެކެވެމުން ދިޔައީ އިވާންގެ "ވިޔާނުދާ" ވާހަކަ އެވެ. ކުރިން ހުއްޓުމެއްނެތި އިވާންއަށް ތައުރީފު ކުރަމުންދިޔަ ދޫތަކުން އިވާންގެ އަބުރު ކަތިލައި ނަމަށް ހުތުރު އަރުވަމުންދިޔަ އެވެ. އިވާންއާ ގުޅުންހުރި ބަޔަކަށްވެސް އެރަށުގައި ދިރިއުޅުމަކީ ދަތި ކަމަކަށް ހަދައިފި އެވެ. މިގޮތުން އާ ޓާމަކަށް ސްކޫލް ހުޅުވުނުތާ ދެވަނައަށްވީ ދުވަހެވެ. އެދުވަހުގެ އެންމެ ފަހު ގަޑި ކިޔަވައިދިނުމަށް ގުރޭޑު 10 ގެ ކުދިންތިބި ކިލާސްރޫމަކަށް އައިލީން ވަނީ ތެޅި ތެޅި އޮތް ހިތަކާއެކުގަ އެވެ. ވާނީވެސް އެހެންތާ އެވެ. ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރަށުގެ އާންމުންނާއި ސްކޫލް ދަރިވަރުންގެ ކިބައިން އެ އާއިލާއަށް ލިބެމުންދިޔަ މަލާމާތްތަކަށް ބީރު ކަންފަތެއް ދޭން އުޅުނަސް އެއީ އެހާ ފަސޭހަކަމެއް ނޫނެވެ.

އައިލީން ކިލާހަށް ވަނުމުން އެއްވެސް ކުއްޖަކު އިޚުތިރާމުގެ ގޮތުން ގޮނޑިއަކުން ނުތެދުވި އެވެ. އެކަން ވާނީ އެހެންކަން އޭނާއަށް މާ ކުރިންވެސް އެނގޭކަހަލަ އެވެ. އެ ކިލާސްރޫމުގައި ކިޔަވަން ތިބި ކުދިންނަށްވުރެން އައިލީން ދޮށިވާނީ އެންމެ ހަތަރު އަހަރު ނަމަވެސް އެހެން ހުރިހާ މުދައްރިސުންނަށް ކުރާ އިޚުތިރާމު މީގެ ކުރިން އެކުދިން އައިލީންއަށް ކުރި އެވެ. މިއަދު މަންޒަރުވަނީ ބަދަލުވެފަ އެވެ. އައިލީން އެކަމަށް މާބޮޑު ފަރުވާލެއްނުދީ ސަލާން ގޮވައިލުމަށްފަހު ބޯޑާ ދިމާލަށް އެނބުރުނީ އެދުވަހުގެ ފިލާވަޅު ބޯޑުގައި ސުރުހީ އަޅައިލުމަށެވެ. އެހެނަސް ބޯޑު ފެނުމާއެކު އައިލީންގެ އަތުގައި އޮތް މާކަރު އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ބޯޑުގައި ބޮޑު އަކުރުން ލިޔެވިފައިވަނީ ހަތަރު އިނގިރޭސި އަކުރެވެ. އާރު. އޭ. ޕީ. އީ އެވެ. އައިލީން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް އެކުދިންނާ ކުރިމަތިލި އެވެ.

"ކޮން ކުދިންނެއް ކުރި ކަމެއް މިއީ.. މިސްއަށް މި މައްސަލަ ޕްރިންސިޕަލާ ހަމައަށްވެސް ގެންދެވިދާނެ. އެކަމަކު މިސް ބޭނުމެއްނޫން އެހިސާބަށް ދާކަށް. މިކަން ކުރި ކުދިން އަމިއްލައަށް ފެނިގެން މިސްގާތު މާފަށް އެދުނިއްޔާ މިސް މި ކަންތައް ހަނދާން ނައްތާލާނަން" އައިލީން ކެތްތެރިކަމާއެކު ވާހަކަދެއްކި އެވެ.

"މަޢާފޭ؟ މަޢާފޯ.. އަހަހަ. ރޭޕް ފެމިލީ" ކިލާހުގެ އެންމެ ފަހަތުގައި އިން ފިރިހެން ކުއްޖަކު ގޮވައިލުމާއެކު އެހެން ހުރިހާ ކުދިންވެސް އެކުއްޖާގެ ހުނުމުގައި ބައިވެރިވި އެވެ.

"އަމާން!" އައިލީން ހަރު އަޑުން އެކުއްޖާއަށް ގޮވައިލި އެވެ. "މިސް ދުވަހަކުވެސް ނުދެކެން މިސްއަކީ ތި އިން އެއްވެސް ކުއްޖަކަށްވުރެން މާ މަތީ މީހެއް ކަމަކަށް. ބަޓް އައި ޑޫ ޑިސަރވް އަ ބިޓް މޯ ރެސްޕެކްޓް ދޭން ދިސް ޑޯންޓް ޔޫ ތިންކް؟ މިސްއާ ނުވެސް ބެހޭ ކަމެއްގަ މިސްއަށް ތި ބުލީ ކުރަނީ. އަދި ސާބިތުނުވާ ކަމެއްގަ މިސްގެ އާއިލާއަށް… އިވާންއަށް.. ތި ބަދުބަސް ބުނަނީ.. ހީ އިޒް އިނަސަންޓް އަންޓިލް ޕްރޫވަން ގިލްޓީ. އެހެން ބުނާ އަޑެއް ނާހަންތަ؟" އައިލީންއަށް އިވާން ދިފާޢު ކުރެވުނީ ބޭއިޙްތިޔާރުގަ އެވެ.

"ގައިޒް ބަލާބެ އައިލީން މެޑެމް މި ކިޔާ އެއްޗެއް. އިނަސަންޓް އަންޓިލް ޕްރޫވަން ގިލްޓީއޯ.. ގިލްޓީ އެންމެންވެސް ބުނަނީ އެހެން ނޫންތަ؟ އިވާން ޕޮލިސް ސްޓޭޝަނާއި ކޯޓަށް ބްރައިބް ކޮށްގެން ތުހުމަތުން ސަލާމަތްވީމަ އަހަރުމެން ދެން އެގޮލާ އިނަސަންޓް ކަމަށް ގަބޫލު ކުރަންވީ؟" އައިލީންއަށް ހަނގާ ކުރުމުގައި އިސްކޮށް އުޅުނު އަމާން ގޮވައިލި އެވެ.

"ހަޔާތްވެސް ކުޑައީ ދޯ؟ މެއިޑް ގޮލާ ވިއްޔަ. އެހާ ހަޔާތްކުޑަ *** އަމިއްލަ ކޮއްކޮއާވެސް ***. މެޑެމް އައިލީން އެހެންވެ ކަންނެ މި ސިމްޕަތައިޒް ވަނީ.. މާ ގާތީ ކަންނޭނގެ ދޯ" އަމާންގެ ވާހަކައަށް ވާގިދީ އިތުރު ކުއްޖަކު ގޮވައިލި އެވެ.

"އާން ބޮޑު ރޭޕް އެޕޮލޮޖިސްޓެއް.." ފަހަރަކު ކުއްޖަކު އައިލީންއަށް އަނިޔާވެރި ބަސްތައް ރައްދުކުރަން ފެށުމާއެކު އައިލީންއަށް އިތުރަށް އެތަނުގައި މަޑުކުރުން ކުޅަދާނައެއް ނުވި އެވެ. މޭޒުމަތީގައި ބެހެއްޓި ދަބަސް ހިފައިގެން އެ ކިލާހުން ނުކުތްއިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީ އެވެ. ނުކުރާ ކުށަކަށް މަލާމާތާއި ފުރައްސާރަ ލިބެންވީ ކިހާ ވަރަކަށް ހެއްޔެވެ؟ ގިސްލުމުގެ އަޑު ބޭރުވާން އުޅޭހެން ހީވުމާއެކު އައިލީން އަނގަމަތީގައި އަތް އަޅައިލަމުން ސްޓާފުރޫމާ ދިމާލަށް ދުއްވައިގަތެވެ.

"އޭ އަމާން.. މާ ބޮޑުވަރު ކަންނޭނގެ ތި ކޮށްލީ" އައިލީން ދުއްވައިގަތް މަންޒަރު ބަލަން ކުޑަދޮރުގެ ކައިރީގައި އިން ކުއްޖަކު ގޮވައިލި އެވެ.

"ކުރެވުނު ވަރު ކުޑައީ އަދިވެސް. މަ ޔުނީފޯމުގަ ހުރެ ފެގެއް ޖަހާލިއޭ ކިޔާފަ މަށަށް އިންޒާރުދީ މަގޭ ބައްޕައަށް މަ ބާނާލި މީހެއް އެ އިވާނަކީ. މާ މާތް މީހަކަށް ވެގަނެގެން" އަމާން މަލާމާތުގެ ހިނިގަނޑަކާއެކު ޖުމްލަ ނިންމައިލި އެވެ.

ސްޓާފުރޫމުގެ ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އައިލީންގެ މުޅިހަށިގަނޑު އެކީ ތުރުތުރުލާން ފެށި އެވެ. ދެފައިން ވަރުދޫވާހެން ހީވާން ފެށުމުން އޭނާއަށް ބިންމަތީގައި އިށީނދެވުނުއިރު މޭ ފިތެމުންދާކަހަލަ އިޚުސާސެއް ކުރެވެން ފަށައިފި އެވެ. އަނގަ ކުޑަކޮށް ހުޅުވައިލައިގެން ނޭވައަކަށްފަހު ނޭވައެއް ފުންކޮށް ލާންފެށީ ވަށައިގެންވާ ހަތަރުފާރުވެސް އޭނާ ފިއްތާލަން އުޅޭހެން ހީވުމުންނެވެ. އޭރު އައިލީންފެނި ސްޓާފުރޫމުގައި ތިބި ގިނަ ޓީޗަރުން އެ ދިމާލަށް އަންނަމުން ދިޔައިރު އެ ސްކޫލްގެ ކައުންސެލަރވެސް އެމީހުންގެ ތެރޭގައި ހުއްޓެވެ. އެ އެންމެން އައިލީންއަށް ގޮވަމުންދިޔަ ނަމަވެސް އައިލީންއަށް އެ ހުރިހާ އަޑެއް އިވެމުންދިޔައީ ފަނޑު ކޮށެވެ. އޭނާގެ ކަންފަތް ހިނދެއް ހިނދަކަށް ބައްވަމުން ދިޔައިރު ވަށައިގެންވާ މާހައުލުވެސް ފެންނަމުން ދިޔައީ ހުސްކޮށެވެ.

"ލީން ލީން. ބަލާބަ ލީން. ޑީޕް ބްރެތްސް. ލީން.. ޑީޕް ބްރެތްސް. ލިސަން ޓު މީ.. ލީން" އައިލީންގެ ސަމާލުކަން އަތުލީ އެވަގުތު އޭނާގެ އަތުގައި ހިފައިލަމުން އޭނާ އިން ދިމާލަށް ތިރިވެލި ސްކޫލް ކައުސެލަރު ރީޝާއެވެ.

"އެންމެން ކުޑަކޮށް ހުސް ޖާގަ ހަދާފަ ފަހަތައް ޖެހިލަބަ. ލީން.. ކޮންޓިނިއު ބްރީތިންގ.. ޔެސް.. ބްރީތް އިން.. ހޯލްޑް.. ބްރީތް އައުޓް" ކަންފަތް ބައްވަމުން ދިޔަ ނަމަވެސް ރީޝާގެ އަޑަށް ސްމާލުކަން ދެވޭތޯ އައިލީން މަސައްކަތް ކުރި އެވެ.

"އަހަރެ.. ރެންއަށް.. ކިހިނެއް.. މި.." އައިލީންގެ އަޑު ރަނގަޅަށް ބޭރެއް ނުވި އެވެ.

"އިޓްސް ޖަސްޓް އަ ޕެނިކް އެޓޭކް ލީން.. ޔޫ އަރ ޕާފެކްޓްލީ ފައިން.. ޖަސްޓް ކީޕް ބްރީތިންގް އެންޑް ލުކް އެޓް މީ.. ބަލާބަ ލީން.. މިތަނުން ފެންނަ ފަސްމީހުންގެ ނަން ކިޔާބަ.. ލީން" އައިލީން ގަދަ ހިތްވަރުން އިސް އުފުލާލައި އެތަނުން ފެނުނު ފަސް މީހުންގެ ނަން ކިޔައިލި އެވެ. އޭރު ފުސްވަމުންދިޔަ އޭނާގެ ލޮލުގެ ފެނުން ސާފުވާން ފަށައިފި އެވެ.

"ގުޑް.. ދެން ފާހަގަކޮށްދީބަ މިވަގުތު ލީންއަށް އިވޭ ހަތަރު އަޑެއް.. ޖަސްޓް ކީޕް ބްރީތިންގް އެންޑް.. ފޯކަސް އޮން ދި ސައުންޑްސް" ރީޝާ މަސައްކަތްކުރީ އައިލީންގެ ކޮންމެ ހިއްސެއްގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލައިގެން އައިލީން ހަމައަކަށް އެޅުވުމަށެވެ. އެކަން ކާމިޔާބުވެ އައިލީން ފުދޭވަރަކަށް ހަމަޖެހިއްޖެހެން ހީވުމާއެކު އޭނާ ހަމްނާއަށް ގޮވައިލި އެވެ.

"ލީންއަށް ފެންފޮދެއް-" ރީޝާގެ ވާހަކަ ނުނިމެނީސް ހަމްނާ އައިސްހުރީ ފެންފުޅިއެއް ހިފައިގެނެވެ.

"މިހާރު ކުޑަކޮށް އޯކޭތަ؟ ދެންވެސް އެގޮތަށް އެޓޭކެއް އައިއްޔާ އަހަރެން މި ކިޔައިދިން ގޮތަށް ކަންތައްކުރޭ އެނގޭ" އައިލީން ފެންފޮދެއް ބޮއެލުމުން ރީޝާ އަހައިލި އެވެ. ބަދަލުގައި އައިލީން އާނއެކޭ ބުނެ ބޯ ޖަހައިލުމުން ރީޝާ "އަދި ފެން ބޯށޭ" ބުނެލާފައި އެތަނުން ދުރަށް ދިޔަ އެވެ. އައިލީންވެސް ހަމްނާގެ އެހީއާއެކު އިންތަނުން ތެދުވެގެންގޮސް ކައިރި މޭޒެއް ދޮށުގައި އިށީނދެލި އެވެ.

"ލީން.. އަރ ޔޫ އޯކޭ؟" އައިލީންއާމެދު ކަންބޮޑުވެފައިހުރެ ހަމްނާ އަހައިލި އެވެ.

"މިހާރު ކުޑަކޮށް ރަނގަޅު.. ދެންމެ ހީވީ-" އައިލީންއަކަށް އެ ބިރުވެރި އިހުސާސް ބަޔާންކޮށްދޭކަށްވެސް ނޭނގުނެވެ.

"ދެން އެކަމާ ނުވިސްނާ.. ނަސީބެއްނު ރީޝާ ހުރިކަން.. ނޫނީ ލީންއާ އެއްކޮށް އަހަރެމެންވެސް ޕެނިކް ކަންނޭނގެ ވާނީ.." ހަމްނާ ބުންޏެވެ. އައިލީންގެ ހާލަތައް ވިސްނައި އެ މައުލޫއާ ދުރަށް ވާހަކަ ގެންދަން ބޭނުންވި ނަމަވެސް އައިލީންއަށް އެހެން ދިމާވި ސަބަބު ހޯދަން ހަމްނާ އިންތިހާއަށް ބޭނުންވި އެވެ. "ލީން.. އަސްލު ކިހިނެއްތަ ވީ؟ ލީންއާ ދިމާލަށް މީހަކު އެއްޗެކޭ ބުނީތަ؟" އޭނާ އަހައިލި އެވެ. އައިލީން ކުރުގޮތަކަށް މި ދެދުވަހެއްގެ ތެރޭގައި ސްކޫލުގެ ތެރެއިންނާއި ބޭރުން އޭނާއަށް އަޑު އިވިފައިވާ މާލާމާތާއި ފުރައްސާރަތަކުގެ ވާހަކަ ހަމްނާއާ ހިއްސާކުރީ އެކަމުން ހިތަށް ލުޔެއް ހޯދައިގަތުމަށެވެ.

"އަޅާނުލާ ލީން.. މީހުން އެހެން އުޅޭނެ.. ކުދިންވެސް. ދުވަސްކޮޅަކުން ހަނދާން ނެތިދާނެ" ހަމްނާ ހިތްވަރުދޭ ފަދައަކުން ބުންޏެވެ.

"ރިޒައިން ވާން މި ވިސްނަނީ" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އައިލީން ބުންޏެވެ.

"ވަޓް؟ ކީއްވެ؟ ކުދިން އެހެން އުޅޭނެއޭ.. ލީން ހިތްވަރު-"

"އެއީ ނުވިސްނޭވަރު ކުދިންނެއް ނޫނެއްނު ހަމް." ހަމްނާގެ ވާހަކަ މެދުކަނޑައިލަމުން އައިލީން ވާހަކަ ދެއްކި އެވެ.

"އަހަރެންވެސް ގަބޫލު ކުރަން ހިނގައިގެން މި އުޅޭ އެއްވެސް ކަމެއްގަ.. އެއީ ތެދަކަށް ވިޔަސް ދޮގަކަށް ވިޔަސް އަހަރެންގެ ކުށެއް ނެތްކަން.. އެކަމަކު ހަމްއަކަށް ނޭނގޭނެ އެކުދިން ކިޔާ އެއްޗެއްސެއް.. މިއަދުވެސް ކިޔަނީ އަހަރެންނާ އިވާންއާ- ދެން އަޅާނުލާ.. ކޮންމެ ގޮތެއްވިޔަސް.. އެއްޗެއް އުނގަންނައިދޭން ދާ ޓީޗަރަކާއި އެ އެއްޗެއް އުނގެނެން އަންނަ ދަރިވަރަކާދެމެދު އޮންނާނެ އެންމެ މާތް އަދި އެންމެ މުހިއްމު ކަމަކަށް ވާންވާނީ ރެސްޕެކްޓް.. އެކަމަކު މިހާރު މި ޕްރޮފެޝަންގަ އަހަރެންނަކަށް ރެސްޕެކްޓެއް ނެތް.. އަހަރެން މިތަނުގަ ހުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަންނޭނގެ" އޭނާގެ ވިސްނުން ހުރިގޮތް ހަމްނާއާ ހިއްސާކުރި އެވެ.

"ލީން.. ތިއީ އެކަމަކު އެއްވެސް ގޮތެއްނޫން.. ލީން ބޭނުމިއްޔާ ދުވަސްކޮޅަކަށް ދަށް ގުރޭޑަކަށް ކިޔަވައިދޭން ދެވޭ ކަހަލަ ގޮތެއް ހަމަޖެއްސިދާނެ އެއްނު… އެހެންނޫނަސް އެކުދިންނަށް އަދަބު ލިބެންވާނެ. ހިނގާ ޕްރިންސިޕަލްގާތަށް މި ވާހަކަ ގެންދަން" އައިލީންގެ ވަޒީފާ ދޫކޮށްލަން އުޅޭތީ ހަމްނާ ކަންބޮޑުވި އެވެ. ވަކިން ހާއްސަކޮށް މިފަދަ ވަގުތެއްގައި އެ ވަޒީފާގެ ބޭނުން އައިލީންއަށް ޖެހިފައިވާ މިންވަރު ހަމްނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ.

"ޕިސް. ދެން އަޅާނުލާބަ ހަމް.. އެއީ ގާތްގަނޑަކަށް އަހަރެންނާ އެއް އުމުރުގެ ކުދިންނޭ.. އެކުދިން އިތުރަށް ރުޅި އަޜުވާ އަހަރެންނާ ދެމެދު ނަފްރަތު އުފައްދާކަށް އަހަރެން ބޭނުމެއް ނޫން.. ކޮންމެވެސް ދުވަހަކުން އެމީހުންނަށްވެސް ހެދުނު ގޯސް އިހުސާސްވާނެ. އެހެންނޫނަސް މިވަގުތު އައި ރިއަލީ ޑޫ ނީޑް އަ ބްރޭކް.. ނޫންތަ؟" އައިލީން ގޮތްދޫނުކުރާނެކަން އެނގުމުން ހަމްނާ އެންމެފަހުން ވަކި އެއްޗެކޭ ނުބުނެ ބޯ ޖަހައިލި އެވެ.

"ހްމްމް ތިއީ ތެދެއް.. ދެން އެކަމަކު މާދަމާ ތި ރިޒައިނެއްގެ ކަންތަކާވެސް އުޅޭނީ.. މިއަދު ދެން ރެސްޓް ކޮށްލަން ގެއަށް ދޭ. ޝޯންއަށް ގުޅާފަ ބަލާ އަންނަން ބުނަންތަ؟" ހަމްނާ ފޯނު ނަގައި ޝާވިންގެ ނަންބަރު ހޯދައިލި އެވެ.

ސްކޫލްގެ މައި ދޮރާށީގެ ބޭރުގައިހުރި ތިރި ފާރެއްގެ މަތީގައި އައިލީން އިށީނދެ އިންތާ މާ ގިނައިރެއް ނުވަނީސް ޝާވިންގެ ސައިކަލު އައިސް އެތަނަށް މަޑުކޮށްލި އެވެ. އާދައިގެމަތިން އައިލީންގޮސް ސައިކަލުގެ ފަހަތަށް އަރަން އުޅުނުހިނދު އެކަމަށް ހުރަސް އެޅުނީ ޝާވިން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އައިލީންއަށް އިސް އުފުލާލައި ޝާވިންއާ ހަތަރުކަޅި ހަމަކޮށްލަން މަޖުބޫރުވި އެވެ.

"ލީން؟ އޯކޭތަ؟" އައިލީންގެ ދެލޮލަށް ޝާވިން ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުން ނަމަވެސް އެ ނަޒަރުން އައިލީންއަށް ފެނުނީ ހަމައެކަނި ހަމްދަރުދީ އެވެ. "ލީން.. އައިމް ސޮރީ އަބައުޓް އެވްރީތިންގް.. ލީން ތި ތަހައްމަލު ކުރާ އެއްވެސް ކަމެއް ލީންއަށް ހައްގެއް ނޫން" ޝާވިން އިތުރުކޮށްލި އެވެ.

"ޝޯން މާފަށް އެދޭކަށް ނުޖެހޭނެ. ޝޯންގެ އެއްވެސް ކުށެއް މިކަމަކު ނެތެއްނު؟" އައިލީން ބުންޏެވެ. އެއަށްފަހު ސައިކަލަށް އަރައި ގެއާ ހަމައަށް އާދެވުނުއިރުވެސް އެ ދެމެދުގައި މާ ގިނަ ވާހަކައެއް ނުދެކެވެ އެވެ.

"ކޮންކަމަކަށް ގެއްލިފަ؟" އެ ދެމެދުގައިވި ހިމޭންކަމަށް ނިމުމެއް އައީ އައިލީންގެ ސުވާލުންނެވެ.

"ވިސްނާލެވުނީ.. އިވާންއާ ދޭތެރޭ.. އެންމެ ރެއަކުން އިވާންގެ މުޅި ހަޔާތް އެފުށް މިފުށަށް ޖެހިގެންދިޔަ ގޮތާ ދޭތެރޭގަ. އިވާން އަސްލު ހާދަ އެކަނި ވާނެއޭ. ލީން.. އަހަރެން މިހެން ބުނީމަ އެއްޗެކޭ ހީނުކުރައްޗޭ… ލީން ހަމަ ބޭނުމެއް ނޫންތަ އެންމެ ފަހަރަކުވެސް އިވާންއާ ބައްދަލު ކުރާކަށް؟ އިވާންގެ ސައިޑުން ސްޓޯރީ އަޑު އަހާކަށް" އައިލީންމެންގެ ގޭދޮށަށް ސައިކަލު މަޑުކޮށްލަމުން ޝާވިން އަހައިލި އެވެ.

"ކޮން ވާހަކައެއް އަޑު އަހަން އޮތީ.. ޝޯންއަށްވެސް އެނގެއެއްނު.. ހީ ޓެސްޓެޑް ޕޮޒިޓިވް ފޯރ ޑްރަގްސް.. އެހެންނޫނަސް.. އަހަރެންނާ ދިމާލަށް މިހާރުވެސް މީހުން ރޭޕް އެޕޮލޮޖިސްޓެކޭ ކިޔާވަރު ޝޯންއަށް ނޭނގޭތަ؟ އަހަރެން ބޭނުމެއްނޫން މިކަމުގަ ވަކި ކޮޅަކަށް ޖެހޭކަށް... ރޫމީގެ ސައިޑުން ސްޓޯރީ ނީވޭހާ ހިނދަކު އިވާންގެ ސައިޑްވެސް އަޑު އަހާކަށް ބޭނުމެއް ނޫން" އައިލީން ސައިކަލުން ފޭބި އެވެ.

"ލީންގެ ވިސްނުން ހުރި ގޮތް އަހަރެންނަށް ކަމުނުދިޔަސް ތި ނިންމުމަށް އަހަރެން އިޙުތިރާމު ކުރާނަން.. އަހަރެންނަށް ދެރައީ އިވާން ލީންއާ ދޭތެރޭ އަމިއްލަ ކޮއްކޮއެއްހާ ގާތްކޮށް ކަންތައް ކުރިއިރުވެސް ލީންއަށް އިވާންގެ މައްޗަށް ކުޑަވެސް އިތުބާރެއް ނެތީތީ" ޝާވިން ބުންޏެވެ. އަދި ކަމަކާ ފިކުރުކުރާ މީހަކު ފަދައިން ދުރަށް ނަޒަރު ހުއްޓައިލި އެވެ. "ލީންއަށް އެނގޭތަ މިކަހަލަ ދަތި ވަގުތެއްގަވެސް އިވާން އަހަރުމެންނާ ދޭތެރޭގަ ވިސްނާ ވަރު؟" ޝާވިން އަހައިލި އެވެ.

"ތިބުނީ؟" އައިލީންއަކަށް ޝާވިން ބުނި އެއްޗެއް ދޭހައެއް ނުކުރެވުނެވެ.

"މިބުނީ.. އިވާން ހަގީގަތުގަ ވަރަށް ވިސްނައޭ.. މާމައާމެދު.. ލީންއާމެދު.. މައިއާމެދު އަދި އަހަރެންނާ ދޭތެރޭގަވެސް.. އަހަރެން އިވާންގާތު ބުނިން އިވާން ބޭނުން ފެންވަރެއްގެ ގާނޫނީ ވަކީލަކު ހަމަޖައްސައިދީފާނަމޭ.. އެކަމަކު އިވާން އެގޮތް ގަބޫލެއް ނުކުރި.. ބުނީ އަހަރެންގެ ސިޔާސީ ކެރިއަރ ލޯންޗުކުރަންވެފަ އޮއްވަ މިކަހަލަ ކަމެއްގެ ތެރެއަށް ވަންނަން ނޫޅޭށޯ.. މައްސަލައިގެ ޒާތުން.. މިވަގުތު އިވާންއާ އެއްކޮޅަށް ހުންނަ ކޮންމެ މީހަކުވާނީ ޕަބްލިކާ ދެކޮޅަށް ހުންނަ މީހަކަށޯ.. އަހަރެންގާތު ބުނީ ކަމެއް ކޮށްދެންޏާ މާމައާއި ލީންއަށް ބަލަން. ދެން ހުރީ މައި. ދެން މިހާރު މައިއަށްވެސް ނޫސްތަކުން ހުރިހާ އެއްޗެއް އެނގިފަ ކަންނޭނގެ އޮންނާނީ.. އެކަމަކު އެރޭ އިވާން ބޭނުމެއްނުވި މައި އަށްވެސް މިއިން ކަމެއް އަންގާކަށް.. މައި ކަންބޮޑުވެދާނެތީ. މައިގެ ކިޔެވުމަށް އަސަރު ކޮށްފާނެތީ. ހީ ތިންކްސް އަބައުޓް އޯލް އޮފް އަސް ލީން" އައިލީންގެ ހިޔާލު ބަދަލުވޭތޯ ޝާވިން މަސައްކަތްކުރި އެވެ.

"އަހަރުމެންނާ ދޭތެރޭގަ ވިސްނަންވީ މިހާރަކު ނޫން ދޯ. އެވަރުގެ ކަމެއް ކުރުމުގެ ކުރިން ހުރިހާ އެންމެނާމެދު ވިސްނާލަން ރަނގަޅެއްނު. ފިރިހެނުންނަށް ދުވަހަކުވެސް އިތުބާރެއް ނުކުރެވޭނެ.. އެންމެންވެސް ދައްކާނީ މޮޅެތި ވާހަކަ. ޝޯންވެސް ތި ނޫން ވާހަކައެއް ދައްކަން ނެތިއްޔާ ދެން ދަނީ" އައިލީން ނުރުހިފައިހުރެ ގޭގެ ދޮރާށިން އެތެރެއަށް ވަނެވެ. އޭނާގެ ފިޔަވަޅުތައްހުރީ އާޒިމާގެ ކޮޓަރިއާ ދިމާލަށެވެ. އާޒިމާ ހޮސްޕިޓަލުން ދޫކޮށްލިތާ އަދި މި ވީ އެންމެ ދުވަހެއްކަމުން، އަމިއްލަ ދިރިއުޅުން ފުންމިން ނޭނގޭ އަނދަވަޅެއްގެ ތުންފަތްމަތީގައި ވާއިރުވެސް އައިލީންގެ ފުރިހަމަ އަޅާލުމާއި ސަމާލުކަން އާޒިމާއަށް ދެމުންދިޔަ އެވެ.

"މާމާ.. މިހާރު ކިހިނެއްތަ؟" އާޒިމާ އޮށޯވެގެން އޮތް އެނދުގެ މަގަތުގައި އިށީނދެލަމުން އައިލީން އާޒިމާގެ އަތުގައި ހިފައިލި އެވެ. ވަކި ރައްދެއް ނުލިބުމުން އޭނާ އަނެއްކާވެސް އާޒިމާއަށް ގޮވަމުން ދުރަށް އަނބުރާލެވިފައިވާ އާޒިމާގެ މޫނުގައި ހިފައި އޭނާއާ ވީ ފަރާތަށް އަނބުރައިލި އެވެ. "މާމާ.. މާމާ؟ މާމާ!" ފަހުފަހަރަށް އާޒިމާއަށް ގޮވައިލިއިރު އައިލީންއަށް އާޒިމާގެ އަތުން ދޫކޮށްލެވިއްޖެ އެވެ. އެއާއެކު ވަރުނެތް މަސްގަނޑެއް ފަދައިން އާޒިމާގެ އަތް ގޮދަޑި މަތީގައި ޖެހުނެވެ. ކަޅިމައްޗަށް އަރާފައިވާ އާޒިމާގެ ދެލޮލަށް ބަލަން އައިލީން އިނީ ސިހުމެއްގެ ތެރޭގަ އެވެ. ކުރިމަތީގައި މި އޮތީ އޭނާގެ ލޯބިވާ މާމަގެ ފުރާނަ ނެތް މަސްގަނޑުކަން ގަބޫލުކުރަން ބޭނުން ނުވެފަ އެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!