Episode 13

ބުނާށޭ ލޯބި ނުވަނީހޭ. (13 ވަނަބައި)

"ބްރޯ؟ މައިރާއަށްތަ ނޫނީ ތިގޮލާއަށްތަ އެތަނުން ޖިންނި އަވަލީ؟ ތި ހަމަ އިވާންތަ؟" އިވާން ބުނި ފަދައިން ޝާވިން އިނީ ހަގީގަތުގައިވެސް އިވާން ދެއްކި ވާހަކަތަކާމެދު ހައިރާންވެފަ އެވެ. އިވާންގެ ދުލުން އެފަދަ ގޮތަކަށް އަންހެންކުއްޖެއްގެ ވާހަކަ ދައްކާނެކަމަށް އޭނާގާތު މީހަކު ބުނެފިނަމަ އިއްޔެއާ ޖެހެންދެންވެސް އޭނާ ދެކޭނީ އެމީހަކީ ބުއްދިސަލާމަތުން ނެތް މީހެއްކަމުގައި އޭނާ ދެކުނީހެވެ. ނަމަވެސް މިއަދު ހާލަތު މުޅިން ތަފާތެވެ. "އަހަރެންނަށް ހީވަނީ މައިރާކީ ހަންޑިއެއްހެން ބްރޯއަށް ތި އަވަލީ" ޝާވިން މަޑުމަޑުން ގޮނޑީގެ ކުރިއަށް ޖެހިލީ އިވާންގެ ކޮނޑުގައި އަތް ބާއްވައިލި އެވެ. އިވާން ދެލޯ އަޅައިލުމަށްފަހު އެއަތް ދުރަށް ފޮޅުވައިލުމުންވެސް ޝާވިން ޖަހައިލީ ހިނިގަނޑެކެވެ.

"އިސްތިރިއެއްނޫނެއްނު ތިހިރީ ޖެހިފަ. ލޯބި ވެވިފައެއްނު ތިހިރީ. އެވެސް ފުރަތަމަ ނަޒަރުން. ދެން އަވަހަށް ސެޓުކުރަން އުޅޭ" ޝާވިން ހެވިފައި އިނދެ ބުންޏެވެ. ޝާވިންއާ ދިމާލަށް އިވާން ބަލަހައްޓައިގެން އިނީ ޝާވިންގެ ވާހަކަ ދޮގު ކުރާނީ ކިހިނެއްކަން ނުވިސްނިފަ އެވެ. "އެކަމަކު ބުނަން.. މައިއާއެކު ރިލޭޝަންޝިޕަކަށް ދަންޏާ އިވާންގެ ލައިފްގަ މައިއަށް ހިޑަން ސައިޑެއް އޮވެގެން ނުވާނެ.. އެބަ އެނގޭ ދޯ މި ބުނާ އެއްޗެއް.. ތި ކަންތައްގަނޑަކީ ވަރަށް ނުރައްކާ ކަންތައްގަނޑެއް.. އެންމެ ފަހުންވެސް ހުރިހާ ދެރައެއް ލިބުނީ ތި ކަންތައްގަނޑާ ނުވެސް ބެހޭ އިނޮސަންޓް ކުއްޖަކަށް.. ހަމަ އެ ސޭމް ޝޫޒްއަށް މައި ލުމުގެ ކުރިން އިވާން ވާނެ ވަރަށް ރަނގަޅަށް ވިސްނަން" ޝާވިންއަށް ފެންނަގޮތް ހިއްސާކުރި އެވެ.

"ޝޯންއަށްވުރެ ބޮޑަށް އަހަރެން ތި ހުރިހާކަމަކާމެދު ވިސްނާފައޭ މިހެން މި ނިންމީ.. އައިމް ނޮޓް އާސްކިންގް މައިރާ.. އައި ކާންޓް ރިސްކް ހަރ ލައިކް ދެޓް.." އިވާން ބުންޏެވެ.

"ތިއީ އެއްވެސް ހައްލެއް ނޫނެއްނު. އިވާންއަށް މައިރާ ޕްރޮޓެކްޓް ކުރެވޭނެކަން އަހަރެންނަށް އެނގޭ.. އެކަމަކު މައިއަށްވެސް ހުރިހާކަމެއް އެނގިފަ އޮތުން.. އެކުއްޖާއާ ދޭތެރޭ ކަން ހިނގައިދިޔަ ގޮތްވެސް އެނގިފަ އޮތުން މުހިއްމޭ އަހަރެން މި ބުނަނީ." ޝާވިން ބުންޏެވެ.

"ދެން އަޅާނުލާ ޝޯން.. އައި ވިލް ގެޓް އޯވަރ މައި އިން ނޯ ޓައިމް.." އިވާންގެ ސައިތަށި އެއްނޭވާއިން ހުސްކޮށްލި އެވެ. ޝާވިން ބުނިފަދައިން މައިރާއަށް ހިމާޔަތް ދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އިވާންގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތެވެ. އެހެނަސް އޭނާގެ ހަޔާތުގައި ހާސިލްކުރަން ބޭނުންވާ ކަމެއްކުރަން ދުވަހަކުވެސް ފަސްޖެހިފައިނުވާ އިވާން މިއަދު ފިނޑިވެ ޖެހިލުންވެއްޖެ އެވެ. މައިރާގެ ފަރާތުން ލިބޭނީ ސީދާ ނުރުހުމުގެ ޖަވާބެއްކަން އެނގިހުރެ ހިތުގައިވާ އިހުސާސްތައް މައިރާއަށް ބުނެދޭކަށް އިވާން އެއްވެސް ވަރަކަށް ތައްޔާރު ނޫނީ އެވެ.

"އިވާން އަހަން ބޭނުން ނެތިއްޔާ އެއީ އަހަރެންނަކާ ބެހޭ ކަމެއްނޫން. އެކަމަކު އަހަރެންނަށް ފެންނަގޮތަށް އަހަރެން މި ބުނީ.. ޔޫ ޝުޑް ފައިޓް ފޯރ ދަ ޕީޕަލް ޔޫ ލަވް.. ތިހެން ކަންފަސޭހަ ކޮސްލީމަ ތެޔޮނާށި ކާލު ޖަހއިގަންނަތަން ފެންނާނީ" ޝާވިން ދެންވެސް މަސައްކަތްކުރީ އިވާންގެ ވިސްނުން ބަދަލުކުރެވޭތޯ އެވެ. ނަމަވެސް ސައިބޮއި ނިންމައިލުމަށްފަހު އިވާން އަލުން ފުލުސް އޮފީހަށް ދާން ޖެހުނުއިރުވެސް ޝާވިންއަކަށް އެކަން ކާމިޔާބުވާގޮތެއް ނުވި އެވެ. އެންމެފަހުން އިވާން ދިޔަތަން ބަލަން އިނުމަށްފަހު އޭނާ ފޯނު ނަގައި ކޮންމެވެސް މީހަކަށް ގުޅައިލި އެވެ.

"ހަލޯ. އޭ ނާއިލް.."

-----

"އެންމެ ރަނގަޅު. އެހެންވީމަ މިހާރު ސިރާޖު ސަރ ވަޑައިގަންނަވާ ދުވަހު ނާއިލް ދާގޮތަށް އެއްބަސްދޯ؟ އޭރުން އަހަރެން މިކޮޅުން ރިސެޕްޝަންގެ ހުރިހާކަމެއް ހަމަޖައްސާނަން.." އިވާންގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ނާއިލް ބޯ ޖަހައިލި އެވެ.

"އޯކޭ.. ސޯ އަހަރެން ދެން މިއަދު ގެއަށް ގޮސްލާނީ އެނގޭ.. އިތުރު ކަމެއް އެބައޮތްތަ؟" އިވާން އަހައިލި އެވެ. ޝާވިންއާއެކު ކޮފީ ނިންމައިލުމަށްފަހު އޭނާ ސްޓޭޝަނަށް އައީވެސް ކޮންމެހެން ސޮއެކުރަންޖެހޭ މުހިއްމު ލިޔުމެއްގައި ސޮއިކުރުމަށެވެ. އެކަން ނިމުމުން އިވާން ބޭނުންވީ ވީހާވެސް އަވަހަށް ގެއަށްދާށެވެ. ރެއަށްފަހު މައިރާއާ ބައްދަލުވެފައި ނުވާތީ މައިރާ ދެކިލުމަށްޓަކައި އޭނާގެ ދެލޯ ބޭގަރާރުވަމުންދިޔަ އެވެ.

"ޔެސް ސަރ.. މިއީ އަނެއްހެން އޮފީހުގެ ކަމެއްނޫން.. އަނެއްހެން އަޅުގަނޑުގެ އަމިއްލަ ކަމެއް" ބޮލުގެ ފުއްކިބައިގައި އަތްހިންގައިލަމުން ނާއިލް ބުންޏެވެ.

"ކިޔާ" މޭޒުމަތިން ނެގި ފޯނާއި ވޮލެޓު ޖީބަށްލަމުން އިވާން ބުންޏެވެ.

"މިއީ އަޅުގަނޑު-"

"އަމިއްލަ ކަމެކޭ ނޫންތަ ބުނީ. ދެން ކޮން އަޅުގަނޑެކޭ ތި ކިޔަނީ.. ޑްރޮޕް ދަ ފޯރމަލިޓީޒް" އިވާން ބުންޏެވެ.

“އިވާން އޭ.. މިއީ.. އަހަރުމެންނާއެކު މަސްދަތުރު ދިޔައެއްނު ކުއްޖެއް.. މައިރާ.. އަހަރެންނަށް އެކުއްޖާގެ ނަންބަރު ދެވިދާނެތަ؟” ނާއިލް ކޮށްލި ސުވާލުން އިވާންއަށް ލިބުނު ސިހުން ސިއްރުކުރުމުގައި އޭނާ ކުރިހޯދިއެވެ.

"ވަ— އެޚެމް.. ވަޓް؟؟ މައިގެ ނަންބަރޭ؟" މޭޒުމަތީގައިހުރި ތަށިން ފެންކޯވަރެއް ދަމައިލި އިވާން ހަމަ ރަނގަޅަށްވެސް ކުށިއެރި އެވެ.

"އާނ.. އަހަރެން ފޮލޯ ރިކުއެސްޓްވެސް ފޮނުވީމޭ.. އެކަމަކު އެކްސެޕްޓް ނުކުރާތީ.. އަހަރެންނަށް އެނގޭ އިވާންއާއި މައި އޭ ކިޔައިގެން ރަށުތެރޭގަ މި ދައްކަނީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫންކަން. އެހެންވެ މައި ހުސްކޮށް ހުރިއްޔާ އަހަރެން ބޭނުން ކުޑަކޮށް މައިއާ ވާހަކަދައްކާލަން.. އަސްލު ދަތުރު ދިޔަދުވަހުވެސް.. އަހަރެންނަށް ވަރަށް ކަމުދިޔައޭ މައި" ނާއިލްގެ ވާހަކަތައް އިވެމުންދިޔަ ވަރަކަށް އިވާންގެ މޭ ނުބައިކުރަމުންދިޔަ އެވެ.

“އިވާން.. އޭތް..” އިވާންގެ ސަމާލުކަން ނުލިބޭހެން ހީވެ ނާއިލް ދެފަހަރަކު އިވާންގެ ކޮނޑުގައި ޖަހައިލިއެވެ.

"އާން.. މިއީ އޭން ކީކޭ؟ މިއީ އަހަރެން ކިހިނެއް ތިކަންތައް ކޮށްދޭނީ؟" ކެބިންގެ އޭސީގައިވާ މަޑުފިނީގެ ތެރެއިންވެސް އިވާންގެ ނިތުން ދާ ހިލިލައިފި އެވެ.

"ހެހެހެ. އިވާންއަށް ނުވެ އެހެން ކާކަށްތަ ވާނީ؟ އަހަރެންނަށް ޔަގީން އިވާން އަތުގަ މައިގެ ނަންބަރު އޮންނާނެކަން" ނާއިލް ބުންޏެވެ.

"މިއީ.. އާން އެކަމަކު މައިގާތު އަހާނުލާ… ތިހެން ބުނާއިރުވެސް ނާއިލްއަށް އެނގޭނެ މައިގެ ހުއްދައެއްނެތި އަހަރެން ނަންބަރު ނުދޭނެކަން" އިވާންގެ ހިތަށް އުނދަގޫވަމުންދިޔަ ހަގީގީ ސަބަބު ފޮރުވި އެވެ.

"އެހެންވިއްޔާ އަހަރެން ދެން މި ޖެހުނީ އަމިއްލައަށް މިކަމާ އުޅެންތާ ދޯ؟" ނާއިލް ހިނިގަނޑެއް ޖަހައިލި އެވެ. އިވާން ވަކި ރައްދެއް ނުދިނެވެ. އަވަސްވެގަތީ އެ ވާހަކަތަކުން ހިތަށް އިތުރު ނުތަނަވަސްކަމެއް ނުލިބެނީސް އެތަނުން ދިޔުމަށެވެ.

----

ނާއިލްގެ ވާހަކަތަކުން އިވާންގެ މުޅި ތަބީއަތު ޚަރާބުވެއްޖެއެވެ. ގެއަށްގޮސް ވަތްއިރުވެސް އޭނާއަށް ހުރެވުނީ ފުސްމޫނު ހަދައިގެނެވެ. ރޫމީއާއި އައިލީންއާއެކު ސޯފާގައި އިން މައިރާ ފެނުމުން އިތުރަށް އެ ވާހަކަތަކުގެ މަތިން ހަނދާންވި އެވެ. އެހެންކަމުން އިވާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެމީހުންގެ ލޯމަތިން ގެއްލުނީ މައިރާ ހަދިޔާކޮށްލި ހިނިތުންވުންވެސް ރައްދުކޮށްލުމަކާ ނުލަ އެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. ދާދި މިދާކަށްދުވަހު ދިމާވި ގޮތްނޭނގޭ އަންހެންކުއްޖަކާމެދު ހިތުގައި އުފެދުނު ޖަޒުބާތުތައް ހިތުން ބޭރުކޮށްލުމަށެވެ. އެކަމަށްޓަކައި ކަނޑައެޅި އަޒުމުގައި އިވާން ފޯނުން މައިރާގެ ޗެޓް ފޮހެލުމަށްފަހު މައިރާގެ ނަންބަރުވެސް ފޮހެލައިފި އެވެ. އެހެނަސް އޭނާގެ ހިތުގައި މައިރާއަށްޓަކައި ވި އިހުސާސްތަކަކީ އެހާ ފަސޭހައިން ފޮހެވޭނެ އެއްޗެއް ނޫންކަން އިވާން ގަބޫލުކުރަން ޖެހުނީ ޖެހިގެން އައި ދުވަހު ކަން ހިނގައިދިޔަ ގޮތުންނެވެ. އަރައިގެން އައި އިރުގެ އަލިކަން ޖައްވުގެ ތެރެއަށް ރަނގަޅަށް ފާއްދާ ނުލެވެނީސް އިވާން އާދައިގެ މަތިން ގަރާޖުގެ މަސައްކަތްތައް ފެށިއެވެ. އަށެއް ޖެހުމާ ހަމައަށް އެ މަސައްކަތުގައި އުޅެފައި ގެއަށްވަނީ ޑިއުޓީއަށްދާން ތައްޔާރުވާށެވެ. ކާގެއާ ދިމާލުން އިވެމުންދިޔަ އެއީ މައިރާއާއި އައިލީންގެ ހުނުމަށް ބީރު ކަންފަތެއް ދިނުމަށްފަހު ސިޑިއާ ދިމާލަށް ހިނގައިގަތްވަގުތު ގޭގެ ސަލާން ގޮވައިލި އަޑު އިވުނެވެ. ދޮރުމަތީގައިހުރި ނާއިލް ފެނި ބުމަ ގޮށްޖެހުނު ނަމަވެސް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ނާއިލްއާއެއްކޮށް އެތަނުގައި ހުރި ޝާވިން ފެނުމުންނެވެ.

"އޭ.. ކޮބާ އެއްކަލަ ކަންތަކުގައޭ މިއައީ .. ހޭލައިފިތަ؟ ކޮބާތަ؟" އިވާންއަށް ސަލާމުގެ ޖަވާބު ނުދެވެންދެން ނާއިލް އެތެރެއަށް ވަނެވެ.

"ކާގޭގަ" އިވާންއަށް އަދިވެސް ހުރެވުނީ ބުމަ ގޮށްޖަހައިލައިގެނެވެ. ނާއިލް ގޮސް ކާގެއަށް ވަނުމުން އެތަނުގައި ހުރި ޝާވިންއަށް ބަލާލައި ނިތް އަރުވައިލީ މި ވަނީ ކީއްހޭ އަހައިލާ ފަދައަކުންނެވެ.

"ނޭނގެ. އަހަރެން ކައިރީ ބުނިހާވެސް އެއްޗަކީ ކުޑަ ކަމެއްގަ މިއަދު މި ގެއަށް ގެންގޮސްދެވިދާނެހޭ. ދެން އަހަރެން މި ގެނައީ" ޝާވިން ދެކޮނޑު އަރުވައިލި އެވެ.

ބުނާނެ އެއްޗެއް ނޭނގިފައިހުރި އިވާން ޝާވިންއާ ކާގެއާ ދޭތެރޭ ދެތިން ނަޒަރެއް ބަދަލުކޮށްލުމަށްފަހު އެތަނުން ދިޔަ އެވެ. ވިއްސަކަށް މިނަޓުފަހުން އޭނާ އައީ އޮފީހަށްދާން ތައްޔާރު ވެގެނެވެ. އޭރު ޝާވިން ސިޓިންގްރޫމްގައި ނެތުމުން އޭނާވެސް ވާނީ ކާގޭގައިކަން އިވާންއަށް ޔަގީން ކުރެވުނެވެ. ދުވަހަކީ ނާއިލްވެސް މެންދުރުފަހު ޑިއުޓީއަށް ނުކުންނަންޖެހޭ ދުވަހެއްކަން އެނގިހުރެ އޭނާ ބޭނުންވީ އެކަން މާބޮޑު ކަމަކަށް ނަހަދައި ދާށެވެ. ނަމަވެސް ނާއިލް ދައްކާ ވާހަކަތަކަށް މައިރާ މާ ގަޔާވެފައި އިނދެ ރައްދު ދޭ އަޑު އިވުމުން އެއީ ފަސޭހަކަމަކަށް ނުވި އެވެ. ދަތްކުނޑި ވިކައިލުމަށްފަހު އޭނާގޮސް ކާގޭގެ ދޮރު ކައިރީގައި މަޑުކޮށްލި އެވެ.

"ނާއިލް؟ ކޮބާ… ޑިއުޓީއަށް ނުދަންތަ؟" އިވާންގެ މޫނުމަތިން ހަމަޖެހޭގޮތް ދެއްކޭތޯ މަސައްކަތްކުރަމުން ނާއިލްއާ މައިރާގެ ވާހަކަ މެދުކަނޑައިލި އެވެ.

"މިއަދު އަހަރެން މެންދުރުފަހެއްނު ޑިއުޓީ" ނާއިލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި އެވެ.

"އާނ އެކަމަކު އަހަރެން އެބައޮތޭ ނާއިލްއާ ކުޑަ ކަމެއް ހަވާލުކޮށްލަން ޖެހިފަ" ނާއިލް އެތަނުން ފޮނުވައިލުމަށް ދައްކާނެ އިތުރު ބަހަނާއެއް އިވާންއަކަށް ނޭނގުނެވެ. އޭރު ޝާވިން އެ ހުރިހާ މަންޒަރެއް ބަލަން އިނީ ހިނގަނޑު ބަނޑަށް ހިންދައިލައިގެނެވެ.

"މިއީ… މިއަދު ޑިއުޓީއަށް ނުކުމެލާފަ ތިކަމެއްގަ އުޅެލިއްޔާ ލަސްވާނެތަ؟" ނާއިލް އެތަނުން ދާކަށް ނޫޅުނެވެ.

"އާނ ވަރަށް މުހިއްމު ކަމެއްވީމަ ދޯ އަހަރެންވެސް އޮފް-ޑިއުޓީ ގަޑިއެއްގަ ބުނާނީ" އިވާން ކުރެއް ނުކުރި އެވެ.

"އެކަމަކު-"

"ނާއިލް!" އިވާންގެ އަޑުގައި މިފަހަރުވަނީ އަމުރުވެރި ރާގެކެވެ. ނާއިލަކަށް އިތުރަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކަރުބުޑުން ހިތްހަމަނުޖެހުމުގެ އަޑެއް ލައްވައިލުމަށްފަހު ދެފައި ދަމަމުން ކަހަލަ ގޮތަކަށް އިވާންގެ ފަހަތުން އެގެއިން ނުކުތުމަށް ހިނގައިގަތެވެ.

ގޭގެ މައި ދޮރާށިން ބޭރަށް ނުކުމެ ސައިކަލާ ހަމައަށް ދެވުނުއިރުވެސް އިވާންގެ އަނގައިން އެއްޗެކޭ ނުބުންޏެވެ. ނާއިލްގާތު ކަމަކު ކިޔާށޭ ކިޔާފައި ގެނެސް އިވާން ކަންތައް ކުރަންޖެހޭ ގޮތަކީ މީ ހެއްޔެވެ؟

"އަހަރެން ކީއްތަ ކުރަންވީ؟" އިވާން ސައިކަލަށް އަރައަރައި ހުއްޓައި ނާއިލް އެއްސެވެ.

"އަހަރެންނަށްތަ އެނގެނީ؟ ގެއަށް ދޭބަލަ" ހިނދުކޮޅެއްގެ މަޑުޖެހިލުމަކަށްފަހު އިވާން ޖަވާބު ދިނެވެ. އޭނާ ސައިކަލު އިސްޓާޓު ކޮށްލުމަށްފަހު ހުރިތަނުން ދުއްވައިނުލެވިގެން އުޅެނިކޮށް ނާއިލް ކުއްލިއަކަށް ސައިކަލުގެ ކުރިމައްޗަށް ހުރަސްވެލަމުން ހުންގާނުގައި ހިފެހެއްޓި އެވެ.

"ކަމަކު ކިޔާކަށް ނޫންތަ އަހަރެން އެތަނުން ނެރުނީ؟ އިވާންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އެތާ އިނީ ކޮން ބޭނުމެއްގަކަން. އިވާން ތިއީ މަސައްކަތުގެ ގޮތުން އަހަރެންގެ ވެރިމީހާއޭ ކިޔާފަ އަހަރެންގެ ޒާތީ ކަންކަމަކަށް ތިހެން ހުރަހެއް ނޭޅޭނެ. ކޮބާތަ އިވާންގެ މައްސަލައަކީ؟ ބުނެބަލަ!" ނާއިލްގެ މޫނުމަތީގައިވަނީ ހިތްހަމަ ނުޖެހުމެވެ.

"އަހަރެން ނޫޅެމޭ މައްސަލައެއް އޮވެގެން" އިވާން ޖަވާބުދިނެވެ.

"އެހެންވިއްޔާ އަހަރެން ދަނީ މައި ގާތަށް. ގެއަށް ދާންވީމަ ދާނަން" ނާއިލް އަނެއްކާވެސް ދިމާކުރީ އިވާންމެންގެ ގެއަށް ވަންނާށެވެ. މިފަހަރު އިވާންގެ ހިތުގައި އުފެދެމުންދިޔަ ގޮތްނޭނގޭ އިހުސާސް ހަމަ ރަނގަޅަށްވެސް އޭނާގެ ސިކުނޑީގެ މައްޗަށް ބާރު ފޯރުވައިފި އެވެ. ސައިކަލުން ފޭބިގޮތަށް ގޭގެ ދޮރާށިން އެތެރެއަށް ވަދެވަދެހުރި ނާއިލްގެ ގަމީހުގެ ގިރުއާނުގައި ހިފައި ނާއިލް ދުރަށް ހޫރައިލި އެވެ.

"ސްޓޭ… ސްޓޭ އަވޭ ފްރޮމް މައިރާ" އިވާންގެ އަޑު ކިތަންމެ މަޑު ނަމަވެސް އެ އަޑުގައިވާ އިންޒާރު ނާއިލްއަށް ނަގައިގަނެވުނެވެ.

"އަޖައިބެއް.. އިވާންއަށް ހީވާކަހަލަ ދޯ މިގޭގެ ހަތަރުފާރުތެރޭ ހިމެނޭ ކޮންމެ އެއްޗަކީ އިވާންގެ ތަރިކަ މުދަލޭ. މައިރާ އިޒް ނޮޓް ޔޯ ޕްރޮޕަޓީ!" ނާއިލްގެ އަޑު ބާރުވި އެވެ. ހިތްހަމަ ނުޖެހިފައިހުރެ އިވާންއާ ދިމާލަށް ފިޔަވަޅެއް އަޅައިލި ވަގުތު އޭނާ ހުއްޓުވީ އެވަގުތު އެގެއިން ނުކުތް ޝާވިން އެވެ.

"ނާއިލް.. ނާއިލް އޭ! ހަމަޖެހިބަލަ.. ކިހިނެއްތަ ވީ؟" ޝާވިން އެއްސެވެ. އިވާން ހިމޭންކަން އިޚްތިޔާރުކުރީ ޙުދު އިވާންއަށްވެސް ނާއިލް ދެއްކި ވާހަކަތައް ގަބޫލު ކުރެވޭތީ އެވެ. އެއީ އޭނާ މިކަމުގައި ރުޅި އިސްކޮށްގެން ނުވާނެކަމެވެ. މައިރާގެ މައްޗަށް އޭނާގެ ހައްޤެއް ނެތްކަމެވެ. ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި އިވާން ފުން ނޭވާއެއް ދޫކޮށްލި އެވެ.

"އޭނަގާތު އަހާބަލަ ކީއްތޯ ވީ" ނާއިލް ބުންޏެވެ. "އޭނައަށް ހީވާކަހަލަ މައިރާ މިގޭގަ ހުންނާތީ މައިރާއަކީވެސް އޭނާގެ ޕްރޮޕަރޓީއެކޭ. އޭނަގެ މީހެ-"

"އާނ އަހަރެންގެ މީހެއް! ކަލެއަށްވުރެން ކުރިން މައިރާ ފެނުނީ އަހަރެންނަށް. އެހެންވީމަ ކަލޭ ދެން މައިރާ ހޯދަން ހިޔާލުވެސް ނުކުރާތި" ނާއިލްގެ ވާހަކަ މެދުކަނޑައިލަމުން އިވާން ހަޅޭއްލަވައިގަތެވެ.

"އޭ އޭ ސުބްހާނަﷲ. ބުނަން.. ތިކަން ހުއްޓާލާ. އޭ ނާއިލް. ކަލޭ އިހަށް ނައްޓާލާ ގެއަށް. އަވަސް އަވަސް. އިވާން.. ކަލޭ ހިނގާ އަހަރެންނާއެކު" ނާއިލް އެތަނުން ފޮނުވައިލުމަށްފަހު ޝާވިން އިވާންގެ ގާތަށް ޖެހިލި އެވެ.

-----

"ތިވަރުން ދެން ނާހާ ހުރެވޭނެއޭ ތި ބުނަނީ؟ ތިހިރީ މައިރާއާ މީހަކު އެކަހަލަ މޭރުމަކުން ވާހަކަ ދައްކާލިޔަސް އިވާންއަށް ވާވަރު" ލޮލުގައި އަޅައިފައިވާ އަވިއައިނު ނިތްކުރި މައްޗަށް ޖައްސައިލަމުން ޝާވިން ވާހަކަދެއްކީ އިވާންއާއެވެ. އެދެމީހުން ތިބީ އާންމުކޮށް އެމީހުން ކޮފީތަކަށް އައިސްއުޅޭ ކެފޭގެ މޭޒެއްދޮށުގަ އެވެ.

"ނާއިލްއަށް ކޮންއިރަކުތަ މައިރާ ފެނިގެން އެ އުޅެނީ.. ކޮންމެހެން މާ ކަމުގޮސްގެނެއް ނޫނޭ އެ އުޅެނީކީ.. ރަށަށް ބީރައްޓެއްސަކު އަރާއިރަށް އޭނަ ވާނެ އެމީހަކު ސެޓުކުރަން" އިވާން ޗޮކެއް ކަނޑައިލި އެވެ.

"އޭ އޭ.. ނާއިލްއެއް ނޫނޭ މައުލޫއަކީ.. މައުލޫއަކީ މައިރާ.. ނާއިލް މައިރާއަށް ބަލައިވެސް ނުލާވަރު އިވާންއަށް ކުރެވިދާނެކަން އަހަރެންނަށް އެނގެޔޭ.. އެކަމަކު އޭގެ ފަހުން.. މި ބުނީ މައިރާ މިރަށުން ފޭބުމަށްފަހު އިވާންއަށް ކުރެވޭނީ ކީއް؟ މައިރާއަކީވެސް ޒުވާން ރީތި ކުއްޖެއް. މިރަށުން ފުރައިގެން ދާނީ މާދަމާ ނޫންކަމެއްވެސް ނޭނގޭ. އިވާން ނާހާ ހުރިއްޔާ ނާއިލް ނޫނަސް އެހެން މީހަކުވެސް އަހާނެ. މާލެއިންވިޔަސް.. މެލޭޝިޔާއިންވިޔަސް.. ކަންތައްތައް ރަނގަޅަށް ދިޔައިއްޔާ ކައިވެނިވެސް ކުރާނެ.. ދިރިއުޅުމެއް ފަށާނެ.. ހަނީމޫނަށް ދާނެ…. ދަރިންވެ-"

"ފަ*" އިވާންގެ އަނގައިން ނުކުތީ ޝާވިންއަށް މީގެ ކުރިން ދުވަހަކުވެސް އިވިފައިނުވާ ލަފްޒެކެވެ. އޭނާގެ އަމިއްލަ ދެ ކަންފަތަށް ނީވުނުނަމަ އިވާންގެ ދުލުން ދުވަހަކުވެސް އެފަދަ ލަފްޒެއް ބުނާނެކަމަށް އޭނާ ގަބޫލު ނުކުރީހެވެ. އެކަމުން އެކަނިވެސް އިވާންއަށް އެ ވާހަކަތަކުން ކުރި އަސަރު ޝާވިންއަށް ދޭހަވި އެވެ. އޭނާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އިވާން ކަށްޓެއް ޖެހިފަދައިން އިންތަނުން ތެދުވެ މޭޒުމަތީގައިއޮތް ތޮފި ބޮލަށް ހެޔޮވަރުކޮށްލުމަށްފަހު ރެސްޓޯރެންޓުން ނުކުތުމަށް ހިނގައިގަތެވެ.

ޝާވިންގެ މޫނުމަތީގައިވި ހިނިތުންވުމުން އެކަންތައް ވާނީ އެހެންކަން ޝާވިންއަށް މާކުރިންވެސް އެނގޭކަހަލައެވެ. އިވާންއަށް ނޭނގުނު ކަމުގައިވިޔަސް މައިރާ ފެނުމުން އިވާންއަށް އަންނަ ބަދަލު މިހާތަނަށްވެސް އެންމެ ގާތުން ދެކެންހުރި މީހަކީ އޭނާ އެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އިވާން ހުންނަތާކު ނުގޮތަކަށް މައިރާއަށް ބަލައިލާ ކޮންމެ މީހަކުވެސް ހީވަނީ އިވާންގެ ނަޒަރުން ފިއްސައިލަފާނެހެނެވެ. އެވަރު މީހަކަށް މައިރާ އެހެންމީހަކާ ލޯބީގެ ގޮތުން ގުޅިދާނެކަމުގެ މަންޒަރު ހިޔާލަށްވެސް ނުގެނެވޭނެކަން ޝާވިންއަށް އެނގެ އެވެ. އެހެންކަމުން އިއްޔެއާމެދު ނާއިލްގެ ފަރާތުން ހިނގައިދިޔަ ހުރިހާ ކަމަކީވެސް ޝާވިންގެ މޭސްތިރިކަމުގެ ދަށުން ހިނގައިފައިވާ ކަންކަމެވެ. އިވާންއަށް އެ ކެފޭގެ ދޮރުން ރަނގަޅަށް ނުނިކުމެވެނީސް ޝާވިން ފޯނު ނަގައި ނާއިލްއަށް ގުޅައިފި އެވެ.

"އެހެހެ. އޭ އާން ވަރަށް ސަޅިކޮށް ދިޔައީ.. އަހަރެން ހަމަ ދެތިން އެއްޗެކޭ ބުނެލި އިރަށް ހިތަށް ކެތްނުވެގެން ހިނގައްޖެ. އާން މައްސަލައެއްނެތް ކޮފީ އޮންނާނެ ޔަގީނެއްނު. އާދޭ މިތާ ސްޓޭޝަން ކައިރި މި އިން ކެފޭއަށް. އާން އޯކޭ" އިވާންގެ އުޅުން ހުރި ގޮތާމެދު މަޖާވެފައި އިން ޝާވިން ފޯނު ކަނޑައިލުމަށްފަހު ދެފަރާތަށް ބޯހޫރައިލި އެވެ.

------

އިވާންއަށް ގެއަށް އާދެވުނުއިރު އަދިވެސް ވާހަކައިގައިތިބި މައިރާއާއި އައިލީން ކާމޭޒުދޮށުން ނުފައިބަ އެވެ. ނިކަން ހަމަޖެހޭގޮތް ދައްކަމުންގޮސް އިވާން އެތަނުގައިހުރި އައިސްއަލަމާރިން ފެންފުޅިއެއް ނަގަމުން އައިލީންއަށް ގޮވައިލި އެވެ.

"ލީން.. މިއީ.. އަހަރެން މުބާރާތުގަ ކުޅުނީމެއްނު ޖަރޒީއެއް. އޭތި ދުށިންތަ؟" އިވާން އަހައިލި އެވެ.

"ހްމްމް ދޮންނަން ލާފަ ކަންނޭނގެ ވީ" އައިލީން ބުންޏެވެ.

"ދޭބަލަ އޭތި ހޯދާލަން" އިވާން އެދުނެވެ.

"މިގަޑީގަތަ؟ ދެން އަދި ނޭނގެ އެ ދޮވުނު ކަމެއްވެސް" އިންތަނުން ތެދުވާން ކަންނެތްވެފައި އިން އައިލީން ފަރުވާކުޑަކޮށްލި އެވެ.

"ހްމްމް މިގަޑީގަ ކުއްލިއަކަށް އެ ބޭނުންވެގެނޭ މި އައީވެސް. ދެން ދޭބަލަ އެ ހޯދާލަން ރަނގަޅުވާނޭ ނުދޮވެ އޮތަސް. އެމީހުން ފާޑެއްގެ ފޮޓޮއެއް ނަގަން ބޭނުންވެގެން އުޅޭތީ" އިވާން މޮޅު ވާހަކައެއް ހަދައިލި އެވެ. މަޤްސަދަކަށްވީ އައިލީން އެތަނުން ފޮނުވައިލުމަށްފަހު މައިރާއާ ވަކިން ވާހަކަ ދައްކައިލުމެވެ.

އައިލީން ތުންދަމާލައިގެން ހުރެގޮސް ކާގެއިން ނުކުތުމާއެކު އިވާންގެ އަތުގައި އޮތް ފެންފުޅި އަލުން އައިސްއަލަމާރިއަށް ލައި އޭގެ ދޮރުލައްޕައިލި އެވެ. އަދި ހަމައެވަގުތު އޭނާގެ ކައިރިން އަޅާފައި ސިންކާ ދިމާލަށް ދިޔަ މައިރާގެ އަތުގައި ހިފައި ދަމައިގަތެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި މައިރާގޮސް މަތަވީ އިވާންގެ މެޔަށެވެ. އަތުގައި އޮތް ތަށި ދޫވުމުގެން ކުރިން އިވާންއަށް އެވަރު ވިސްނި އޭގައި ހިފެހެއްޓިކަން ނަސީބެކޭ މައިރާގެ ހިތަށް އެރި އެވެ.

"އި… އިވާން ވަޓް އަރ ޔޫ ޑުއިންގް؟" އިވާންއާއި ދުރުވެލަމުން މައިރާއަށް ވަށައިގެން ހޯދައިލެވުނެވެ. އޭނާ މަސައްކަތްކުރީ އެއްވެސް ވަރަކަށް އިވާންއާ ހަތަރުކަޅި ހަމަނުކޮށް ވޭތޯ އެވެ. އެހާ ގާތުން ފެންނައިރު އިވާންގެ ހިތްގައިމުކަން އިތުރުހެންވެސް މައިރާއަށް ހީވި އެވެ. ހީވީ ދެންމެ ދެންމެ ކަކުލުހުޅުން ވާގިދޫވެގެން އިވާންގެ އެ ބާރުގަދަ އަތުތެރެއަށް ވެއްޓިދާނެހެނެވެ.

"ޓްރަސްޓް މީ އައި ހޭވް ބީން އާސްކިންގް ދަ ސޭމް ޑޭމްން ކުއެސްޝަން ޓު މައިސެލްފް.. މައި.. އަރ ޔޫ ފްރީ ޓުނައިޓް؟" މައިރާގެ އަތުން ދޫކޮށްލުމެއްނެތި އިވާން އަހައިލި އެވެ. "އަހަރެންދެކެ ކަމަކާ ހިތްހަމަނުޖެހިފަތަ؟" އިވާން ކުރި ސުވާލަށް މައިރާ ޖަވާބެއް ނުދީ ގިނައިރުވާން ފެށުމުން އަނެއްކާވެސް އަހައިލި އެވެ.

"ނޫން. ކީއްވެ ހިތްހަމަ ނުޖެހެންވީ؟ އިއްޔެ އިންސުރެން މެސެޖަށްވެސް ރިޕްލައިނުކޮށް އަހަރެން އިގްނޯރކޮށްފަ ކުއްލިއަކަށް ތިހެން އެހީމަ ވިސްނާނެ ގޮތެއް ނޭނގިފަ މި ހުންނަނީ" މައިރާ ދިނީ ސީދާ ސާދާ ޖަވާބެކެވެ. ހަގީގަތަކީ ޝާވިންއާ އިއްޔެ ހިއްސާ ކުރެވުނު ވާހަކަތަކަށްފަހު އިވާންއަށް މައިރާގެ މެސެޖުތަކަށް ރައްދު ދޭން ނުކެރުނީކަމެވެ. އަމިއްލަ އިހުސާސްތަކަށް ފިލަން މަސައްކަތް ކުރެވުނީކަމެވެ.

"މައި.. މައިއަށް ތި ހުރިހާކަމެއްވެސް ސާފުވާނެ.. އަހަރެން.. އަހަރެން އެބައޮތް މައިގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަން. ސުވާލެއް ކުރަން އަސްލު. މިރޭ ތަންކޮޅެއް ލަސްވަންދެން ނުނިދާ މަޑުކޮށްލެވޭނެތަ؟ ލީން ނިދާހާއިރު ކޮށްފަ އަހަރެން މައިރާއަށް ގުޅާނަން" އިވާންގެ ވާހަކަތަކުން މައިރާއަށް ކަންތައް މި ދާ މިސްރާބު ރޭކައިލާން ފަށައިފި އެވެ. އުމުރުން ސައުވީސް އަހަރުވީއިރު އޭނާއަށްވެސް މިހާރު ހުންނާނީ ކޮންމެވެސް ވަރަކަށް މިކަހަލަ ކަންތައްތައް ދަސްވެފައިތާ އެވެ. މިކަހަލަ ކަމަކާ އޭނާ މި ކުރިމަތިލަނީ އަލަކަށް ނޫނެވެ. ތަފާތަކީ އެހެން ފަހަރުތަކާއި ހިލާފަށް އެ ސުވާލު އިވިގެންދާނީ އިވާންގެ ދުލުންކަން ވިސްނައިލެވުނުހިނދު މައިރާގެ ހިތުގެ ތެޅުން މެކުހަށް ޖެހިކަމެވެ.

"އޯކޭ.. އަހަރެން މަޑުކުރާނަން އިވާން ގުޅަންދެން. އިވާން.. އަހަރެންގެ ކެމެރާ-"

"ޔެސް.. ކުރީ ދުވަހު ގެނައި ގޮތަށް ސައިކަލުގެ މަޑިދަށުގަ ދޯ ވީ.. މިރޭ ހަވާލުކޮށްދޭނަން" މައިރާގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން އިވާން ބުންޏެވެ. މައިރާ އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލި އެވެ. އެއާއެކު އިވާންގެ ތުންފަތް ހިތްގައިމު ހިނިތުންވުމަކުން ދެމިލި އެވެ. އެއީ މަދުން ނޫނީ ނުފެންނަ ހިނިތުންވުމެއްކަމުން މައިރާއަށްވެސް އިވާންއާއެކު ހިނިތުންވެލެވުނެވެ. ދެމީހުން އެކެއްއަނެކެއްގެ ލޮލަށް ގެއްލިފައި ތިބެވުނު އެ ދަނޑިވަޅުގައި އިވާންއަށް ބޭ އިޙްތިޔާރުގައި އަތް ހިއްލައިލަމުން މައިރާގެ ހުޅިން ނެއްޓިފައިވާ އިސްތަށިތައް ކަންފަތް ދޮށުގައި އަޅުވައިދިނެވެ.

"އައި ޖަސްޓް ހޯޕް ޔޫ ވިލް ގިވް މީ ދަ ރައިޓް އަންސަރ ޓުނައިޓް.." އިވާންގެ އަތް ތިރިކޮށްލަމުން މައިރާއާ ދުރަށް ފިޔަވަޅެއް އަޅައިލި އެވެ. އެހެން ކޮންމެ ފަހަރެކޭވެސް އެއްފަދައިން މައިރާއަށް އިވާންގެ އެ ލަފްޒުތަކުގެ ޖާދޫގައިޖެހި ގުޑިލަން ނޭނގިފައި ހުރެވުނީ އެވެ. ހަރަކާތްކޮށްލަން ހަނދާންވީ އިވާން މައިރާގެ އަތުގައިހުރި ތަށިއަތުލުމަށްފަހު އޭގައި ބާކީހުރި ކޮފީފޮދު ބޮއެލިތަން ފެނުމުންނެވެ.

"ހޭއި ދެޓްސް މައި….. ކޮފީ" މައިރާގެ ޖުމްލަ ނުނިމެންދެން އިވާން އެ ކޮފީފޮދު ހުސްކޮށްލައިފި އެވެ.

"މައިގެ ތަށިން ކޮފީ ބުއިމަ އިތުރަށް މީރުހެން ހީވަނީ. އިޓްސް އިވަން ބެޓަރ ދޭން ދަ ފަސްޓް ޓައިމް ނައު" މައިރާއަށް އެއްލޯ މަރައިލުމަށްފަހު އިވާން އެ ކޮފީޖޯޑު ދޮވެލައިފައި ބަންޑުންޖެހި އެވެ. އެވަގުތު އައިލީން އިވާން އެދުނު ޖަރޒީ ހިފައިގެން އައުމުން ދެމީހުންކުރެ އެކަކަށްވެސް އިތުރު ވާހަކައެއް ނުދެއްކުނެވެ. އިވާން އަވަސްއަވަހަށް ޖަރޒީ ހިފައިގެން ނުކުމެގެން ދިޔުމުން އައިލީން ބަލައިލީ އެތަނުގައިހުރި މައިރާއަށެވެ. މައިރާއަށް ވެފައިހުރިގޮތުން އެ ދެމެދުގައި ކަމެއް ހިނގައިފިކަމަށް އައިލީންގެ ހިތް ބުންޏެވެ. ފަހަކަށްއައިސް އިވާންއާއި މައިރާގެ ދެމެދުގައި ބަދަލުކުރެވޭ ސިއްރު ބެލުންތަކާއި ހިނިތުންވުންތައް އައިލީންއަށްވެސް ވަނީ ފާހަގަވެފަ އެވެ. ހަމަ ގައިމުވެސް އެ ބެލުންތަކުގައިވަނީ އެކުވެރިކަމެއް ނޫނެވެ. އެއިން ކޮންމެ ހިނިތުންވުމެއްގައި ވަނީ ފުން މާނައެކެވެ. ނަމަވެސް އޭނާގެ ޝައްކު ޔަގީނަށް ނުވާހާ ހިނދަކު ސުވާލު ނުއުފައްދަން ހިތުލަމުން އައިލީން މިފަހަރުވެސް ފެނުނު މަންޒަރު ނުފެންނަ ކަމަށް ހެދީ އެވެ.

----

އިވާން ދެއްކި ވާހަކަތަކަށްފަހު މައިރާއަށްވެސް އެރޭ އިންތިޒާރުކުރަމުންދިޔައީ އެމީހުން ގަޑި ކީ ވަގުތަށެވެ. އައިލީން ނިދާތޯ އޭނާވެސް އަވަސްއަވަހަށް އެނދަށްއަރައި މޫނާއެކު ރަޖާ އަޅާލައިގެން އޮށޯތެވެ. ދެލޯ މަރައިލައިގެން އޮތްނަމަވެސް އެދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ހިތަށް ވެރިވަމުންދިޔައީ އިވާންއާއެކު ހިއްސާކުރެވިފައިވާ ވަގުތުތަކުގެ ފޮނިފޮނި ހަނދާންތަކެވެ.

"އެކަމަކު ޔެސް އަހަރެން އެ ފޯލްޑަރ މަތިމަތިން ބަލާލިއިރު ފާހަގަވި ކަމެއް ބުނެފާނަން. މީގެ ދެއަހަރު ކުރިން ސީ.އެސް.އާރް ޕްރޮގްރާމެއް ގޮތަށް ފުލުހުންނަށް އަމާޒުކޮސް ހުޅުވާލި ސްކޯލަރޝިޕެއްގެ ދަށުން ރެޖިސްޓާ ވެފަ އިނީ.. އިތުރަކަށް ބުނެވޭކަށް ނެތް.. ސޮރީ މައި" ސިކުނޑީގެ ކަނަކުން އެ އިވިލީ ޒެފަންގެ އަޑެވެ. އެއާ ވިދިގެން ނަދާލްގެ އަޑުވެސް އިވެންފެށިއެވެ. "މައި.. ދިސް ޕަރސަން.. އޭނަ ހޯދަން އަހަރުމެންނަށް ޕޮލިހުގެ ތެރެއިންވެސް ކިހާ މަސައްކަތެއް ކުރެވުނު.. މިހާރުވެސް ފުލުހުންނާ ދެކެވުނު ހުރިހާ ވާހަކައެއްގެ ހެކި އަހަރެންގެ އަތުގަ ހުންނާނެ. ހުރިހާ ކަމެއް ގޮސް ހުއްޓެނީ މަލްގެ ބޯއިފްރެންޑާ ހިސާބުން.. އޭނައާ ސުވާލު ކުރަން ގެނެވޭނޭ ބުނި އެކަމަކު އަހަރެން ކުރިންވެސް ބުނިހެން އިޓްސް ލައިކް ހީ ޖަސްޓް ޑިސަޕެއަރޑް. މިހާ ކުޑަކުޑަ ގައުމެއްގަ އެހެންވާނީ ކިހިނެއް؟ އަހަރެން އޭރުވެސް ބުނީމެއްނު އެމީހަކީ ފުދޭވަރަކަށް އަންޓަޗަބަލް މީހެކޭ.. ޒެފަން ރޭގަ ކިޔާދިން ވާހަކަތަކުން އަހަރެންނަށް ޔަގީންވެއްޖެ މިހާރު އެމީހަކީ މަލްގެ ބޯއިފްރެންޑްކަން.. އަދި އެމީހުންގެ ތެރެއިން މީހެއްވީމަކަން އެހިސާބުން ތަހުގީގު ކުރިއަށް ނުގޮސް އޮތީ.." އެ އަޑަށް ރައްދު ދިނުމަށް މައިރާގެ ހިތް އަވަސްވެގަތެވެ.

"ނޫން މައި. އިވާން އެވަރުގެ ގޯސްކަމެއް ނުކުރާނެ.. މަލްއާ ޑޭޓް ކުރިޔަސް.. އޯހް ނޯ.. ހީ ޑޭޓެޑް މަލް.. ދެން އަހަރެން ކިހިނެއް؟ އަހަރެން ކިހިނެއް މަލްއަށް މިވަރުގެ ދޯކާއެއް ދޭނީ" މައިރާގެ ހިތާއި ސިކުނޑި ހަނގުރާމައެއް ފެށިކަހަލަ އެވެ.

"އިވާން ކީއްވެބާ މަލްއަށް އެވަރު ކަމެއްވީމަ މަލް ދޫކޮށްލާފަ އެ އައީ؟ ނެޑް ބުނިހެން މަލްއަށް ދިމާވި ކަންތަކުގެ ފަހަތުގަ ވަނީ އިވާންބާ؟ ނޫނިއްޔާ މާލެކަހަލަ ފުރުސަތުތަކެއް އޮތް ތަނެއް ދޫކޮށްލާފަ އިވާންކަހަލަ ކެރިއަރ އޮބްސެސްޑް މީހަކު ހަމަ ކުއްލިއަކަށް މިރަށަށް ބަދަލުވާންވީ ކީއްވެ؟ ފިލަންވެގެންބާ؟ ނެޑް ބުންޏެއްނު އެމީހަކީ އަންޓަޗަބަލް މީހަކަށްވީމައޭ ތަހުގީގުވެސް ކުރިއަށް ނުދިޔައީ.. މާނައަކީ އިވާންގެ މަގާމާއި ނުފޫޒުގެ ގޮތުން އެކަން ނުވީއޭ.. މިހުރިހާކަމެއް ޕާރފެކްޓްލީ ސެންސްމޭކް ކުރެއެއްނު މައިރާ.. އެހެންނޫނަސް އިވާންއަކީ ތި ހީކުރާހާ މާތްމީހަކަށް ނުވެދާނެ.. ހީ އިޒް ޖަސްޓް ޓޫ ގުޑް ޓު ބީ ޓްރޫ.. ތިހީކުރާހާ ތެދުވެރިއެއްނަމަ ފުލުހުންގެ ރަސްމީ ނިޝާނާއި ތައްގަނޑުހުރި ލިޔުންތަކެއް ގެއަށް ގެނެސްގެން އުޅެންވީ ކީއްވެ؟ މަލް އެހާލުގަ ދޫކޮށްލަންވީ ކީއްވެ؟ އެއީ ހިޔާނާތްތެރިއެއް. މަކަރުވެރިއެއް.."

މައިރާއަށް މިފަހަރު ބުރަވެވުނީ ސިކުނޑިއާ އެއްކޮޅަށެވެ. އެފަދަ ހިޔާލުތަކެއްގައި ވަނިކޮށް ބާލީސްދަށުން ފޯނު ވައިބްރޭޓްވިހެން ހީވެ މައިރާ ތެޅިގެންފައި އެ ފޯނު ނަގައި ބަލައިލި އެވެ. އުއްމީދުކުރިގޮތަށް އިވާންގެ މެސެޖެކެވެ. އައިލީން ނިދިތޯ ޔަގީން ކުރުމަށް ކޮށްފައިވާ މެސެޖެކެވެ. މައިރާ މަޑު މަޑުން އޭނާގެ ކައިރީގައި ނިދާފައި އޮތް އައިލީންގެ ކޮނޑުގައި ކޮށްޓައިލި އެވެ. އަދި ލޯމަތިން އަތްހޫރައިލި އެވެ. އެވަރުން އައިލީން ނިދާފައި އޮތްކަން ޔަގީންވުމުން މައިރާ އިވާންގެ މެސެޖަށް ރައްދުދިނެވެ.

"ބެލްކަންޏަށް ނުކުމެބަ" އިވާން ދެން ފޮނުވި މެސެޖުގައި އޮތެވެ. މައިރާ ލުއި ފިޔަވަޅުތަކެއްގައި އެނދުން ތެދުވި އެވެ. އައިލީން ގެންގުޅޭ ކަކުނި ދަތިތަކުގެ ތެރެއިން ދައްޗެއްގެ އެހީގައި އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލުމަށްފަހު ސިއްރުސިއްރުން ބެލްކަންޏަށް ނުކުތެވެ. އޭނާ ހައިރާންވީ އިވާން ނުވަތަ ދިރިހުރި އެހެން އިންސާނެއްގެ ލިސާނެއްވެސް އެތަނުން ފެންނަން ނެތުމުންނެވެ. މިނެޓެއްހާއިރު އެތަނުގައި މަޑުކޮށްލުމަށްފަހު އޭނާ އެތައް ފަހަރެއްގެ މަތިން އިވާންއަށް ގުޅަންކުރި މަސައްކަތްވީ ބޭކާރެވެ. އަދިވެސް އިތުރު ފަސްމިނަޓު އެތަނުގައި މަޑުކޮށްލުމަށްފަހު އޭނާ އެތެރެއަށްވަނީ އިވާންއަށް ނިދުނީ ކަމުގައި ނިންމަމުންނެވެ.

-----

"އަހަހަހަހަހަހަހާ" ފޯނުގެ އަނެއްފަރާތުގައިހުރި ޝާވިން އެންމެ ފުރަތަމަވެސް ޖަހާލީ ހިނިގަނޑެކެވެ. "ނޫނޭވާ މީހުން ބުނަނީ ތެދެއް. ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ. އަހަރެން ހިއެއްނުކުރަން އިވާންގެ ދުލުން އަންހެންކުއްޖެއްދެކެ ލޯބިވާ ވާހަކަ ދައްކާއަޑު އަހަން ދުވަހަކުވެސް ޖެހޭނެކަމަށް. އެހެންނު ވާނީ.. މީގެ ދެތިން ދުވަސް ކުރިންވެސް ގަދަ ދައްކާފަ ތިމަންނަ ބޭނުން އިރަކު ބޭނުން މީހެއްދެކެއޭ ލޯބިވާނީ ބުނި މީހާވިއްޔަ. އަދި ސަފުން ހިއެއް ނުކުރަން އިވާން ދުވަހަކުވެސް ކަމެއްގަ ތިހާ ފިނޑިވެގެން ކަމެއް ކުރަން ނުކެރިގެން އުޅޭ ދުވަހެއް ފެންނާނެކަމަކަށް. އެކަމަކު އެދުވަސްވެސް މި އޮތީ ފެނިފަ"

"މަޖަލެއް ނޫނޭ ބްރޯ. ހުވާ ނޭނގެ ވީގޮތެއް.. ފާޑަކަށް ގަނޑުވީ.. މައި ފަސްވަރަކަށް މިނަޓުވަންދެން ބެލްކަނީގަ މަޑުކޮށްގެން ހުރެފަ އެތެރެއަށް ވަންނަންދެން ބަލަންވެސް އިނީމޭ. އެކަމަކު ހަމަ ހިލާ އެ ދޮރު ހުޅުވާކަށް ނުކެރުނު" ފުޓުބޯޅަ ކުޅެ ނިންމައިލުމަށްފަހު އެންމެން ދިޔަފަހުން ދަނޑުގެ ވިނަގަނޑުމަތީގައި އިށީނދެލައިގެން އިން އިވާންގެ މޫނުގައިވަނީ ނުތަނަވަސްކަމެވެ. "ދެން އަހަރެން ކީއްތަ ކުރަންވީ؟"

"ކުރާނެ ކަމެއް ނެތް ދެން ތިވަރަކުން. ގިވް އަޕް ކުރޭ. ތި ހިޔާލު ދޫކޮށްލާދެން. ކަލެއަކަށް ނުވާނެ މައިރާގެ ކަންތަކެއް. ނާއިލްއަށް ވޭތޯ ދޫކޮށްލަންވީނު" ޝާވިން ބުންޏެވެ.

"އޭ ނޫން ތިހެން ނުބުނޭ.. މިރޭވެސް ޓްރައި ކުރާނީ ދޯ.. އަހަރެން މިހާރު މައި ބޭނުން. ވަރަށް ބޭނުން. މިވާހަކަ މައިގާތު ނުބުނެވި އޮތީމަ މިހާރު އެހެން ކަމަކާ ނުވެސް ވިސްނޭ.. މަސައްކަތުގެ މޫޑެއްވެސް ނުހުރޭ.. މާދަމާ ސީޕީ އައުމުގެ ކުރިން އަހަރެން ބޭނުން މައިގާތު މިވާހަކަ ބުނެފަ މީހާ ހަމައަކަށް އެޅިލަން.." އިވާން ހިތްވަރު އެލުވައިލާކަށް ބޭނުމެއްނުވި އެވެ.

ފޯނުކޯލު ކުރުކޮށްލުމަށްފަހު އޭނާ ގެއަށް ދިޔައީ މައިރާއާ ދިމާނުވޭތޯ ދުއާކުރަމުންނެވެ. އެވަގުތު މައިރާއާ ކުރިމަތިލާން އޭނާ ބޭނުން ނުވީ އެވެ. ރޭގައި ކަން ވިގޮތާމެދު މައިރާ ކޮށްފާނެ ސުވާލަކަށް ދޭނެ ޖަވާބެއް އޭނާގެ ނެތީ އެވެ. ގޭގެ ތިރީ ފަންގިފިލާއިން މައިރާއާ ދިމާނުވީތީ ކުޑަކޮށް ހަމަޖެހިފައިހުރެ މައްޗަށް އެރި ވަގުތު ސިޑީގެ އެންމެ މަތީ ހަރުފަތާ ހިސާބުން އޭނާއަށް މައިރާއާ ދިމާވި އެވެ. މައިރާގެ ފިޔަވަޅުތައް ހުރިގޮތުން އައީ ސިޑިން ފައިބަންވެގެންކަން ޔަގީންވާހާ ވެއެވެ. ނަމަވެސް އިވާން ފެނުމާއެކު އަލުން ފަސްއެނބުރި ކޮޓަރިއާ ދިމާލަށް ހިނގައިގަތްގޮތުން އިވާންގެ ހިތުގައި ރިއްސައިލި އެވެ. ހީކުރިގޮތާ ހިލާފަށް މައިރާގެ ފަރާތުން ޝަކުވާގެ ބަދަލުގައި ހިމޭންކަން ލިބުމުން އިވާންއަކަށް ކަމަކު ނުދިޔަ އެވެ. އޭނާއަށް އަވަސްއަވަހަށް މައިރާގެ އަތުގައި ހިފެހެއްޓި އެވެ.

"މައި.. އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ؟" ތެޅި ތެޅި އޮތް ހިތަކާއެކު އިވާން ސުވާލުކުރި އެވެ.

"ޕިސް އިވާން.. ކީއްވެތަ އަބަދު ތި ސުވާލު ތި ކުރަނީ؟ އިވާންއަށް ކޮންމެހެން މެޓަރ ވާތީތަ ނޭވައަކު ދެފަހަރު އަހަރެން ހުރީ ހިތްހަމަޖެހިފަތޯ ނޫންތޯ ތި އަހަނީ؟" އިވާންގެ އަތު ތެރެއިން އަތް ދަމައިގަންނަމުން މައިރާ ބުންޏެވެ. އެ އަޑުގައި ވަނީ ރުންކުރުކަމެވެ.

"ކުރިއަކުން ނާހަމެއްނު؟ މިހާރު މައިގެ ހިތްހަމަޖެހުން އަހަރެންނަށް މެޓާރ ވާތީ ދޯ އަހާނީ؟" އިވާންއަށް ބުނެވުނެވެ.

"ވަޓް؟" މައިރާއަށް އިވާން ބުނި އެއްޗެއް ނަގައިނުގަނެވުނެވެ. ނުވަތަ އެ ބަސްތައް ތަކުރާރުކޮށް އަހައިލަން އޭނާގެ ހިތް އެދުނީ އެވެ.

"އެއްޗެކޭ ނޫން.. ސޮރީ މައި.. އައިމް ރިއަލީ ސޮރީ ރޭގަ އެގޮތަށް މައި ގޯސްޓް ކުރެވުނީމަ. ޖަސްޓް ގިވް މީ ވަން މޯރ ޗާންސް ޓުނައިޓް. ޕްލީޒް" އިވާން ނިއްކުރީގައި އަތް ހިންގައިލަމުން ބުންޏެވެ. މައިރާގެ ޖަވާބެއް ނުލިބި ފާއިތުވަމުންދިޔަ ކޮންމެ ސުކުންތަކާއެކު އިވާން ދިޔައީ ނާއުއްމީދު ވަމުންނެވެ.

"ފައިން.. އެކަމަކު މިރޭ އަހަރެން އެންމެ މިނަޓެއްވެސް އިވާންއަކަށް މަޑެއް ނުކުރާނަން.." ދުރަށް ހިނގައިގަތުމުގެ ކުރިން މައިރާ ދިން ޖަވާބާއެކު އިވާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

އިސާހިތަކު މީސްތަކުން ނިދައި ފައި ހިލަވަޅު އޮބުމާއެކު ރޭގެ މަންޒަރުތައް މިރޭވެސް ތަކުރާރުވާން ފަށައިފި އެވެ. ރަޖާ ދަށުގައި އޮވެ ފުން ވިސްނުންތަކެއްގެ ކަނޑުގައި ޢަރަގުވަމުންދިޔަ މައިރާގެ ފޯނަށް އިވާންގެ މެސެޖު އައިސްފި އެވެ. ދާން ނުދާން ހުރެފައިވެސް މައިރާ ބެލްކަންޏަށް ނުކުމެއްޖެ އެވެ. އޭނާގެ ތުންފަތް ހިނިތުންވުމަކުން ދެމިލީ ރެއާ ހިލާފަށް އިވާންވެސް ޖެހިގެންހުރި ކޮޓަރީގެ ބެލްކަންޏަށް ނުކުމެ ނުކުމެ ހުރުމުންނެވެ. އިވާންއަށް މައިރާ ފެނުމާއެކު އަތުގައި އޮތް ކެމެރާއިން މައިރާއަށް ހަނާއަޅައިލި އެވެ. މައިރާ ހިނިތުންވެލައިގެންހުރެ އިވާންގެ ބްލެކަންޏާ ކައިރިއަށް ހިނގަމުންދިޔައިރު އިވާންވެސް މައިރާއާ ގާތަށް ހިނގަމުންދިޔަ އެވެ. ދެ ބެލްކަނި ނިމޭ ހިސާބުގައި ހުއްޓިލިއިރު އެދެމެދުގައި މިހާރުވަނީ ދެފޫޓެއްހާ ދުރުމިނުގެ ހުސްޖާގައެކެވެ.

"ޔޫ ލުކް ކިއުޓް" މައިރާފެނި އިވާންއަށް ތައުރީފު ކޮށްނުލައި ނުހުރެވުނެވެ. މައިރާ އިސްޖަހައިލަމުން ލައިގެންހުރި މަޑުފިޔާތޮށިކުލައިގެ ސްވެޓަރާއި ހަމަ އެކުލައިގެ ނިދާ ހަރުވާޅަށް ބަލައިލި އެވެ. އޭނާގެ ދެކޮލަށް އެ ސްވެޓަރުގެ ކުލައާ ދާދި ގުޅޭ ޖަންބުކުލައެއް ވެރިވެފައިވާއިރު ތުންފަތުގައިވެސް ވަނީ ލަދުވެތި ހިނިތުންވުމެކެވެ. މީގެ އިރުކޮޅެއްކުރިން އިވާންއާމެދު ކުރެވެމުންދިޔަ ހުރިހާ ކުށްހީއަކާއި ވަސްވާހެއް ހަނދާންނެތުނެވެ. އަޖައިބެކެވެ. އިވާންއާ މެދު ކިތަންމެ ގޯސްކޮށް ދެކެވުނަސް އިވާން ފެނުމާއެކު މައިރާގެ ހިތް އިވާންއަށް ސާފުވަނީ ހީނުކުރާހާ އަވަހަށެވެ.

"އަން މިއޮތީ ކެމެރާ" އިވާން އަތް ދަމައިލަމުން ދިއްކޮށްލި ކެމެރާގައި މައިރާ ހިފި އެވެ.

"ކޮން ވާހަކައެއް ދައްކަން އުޅުނީ؟" މައިރާ ހަނދާން ކޮށްލައިދިނެވެ.

"އެކަހަލަ ވާހަކަ ތިހާ ދުރުގަ ހުއްޓާ ނުދެއްކޭނެ. އާދެބަ މިތަނަށް" އިވާން ހުއްޓިލައިގެންހުރި ބެލްކަންޏަށް އައުމަށް އިޝާރާތްކުރާ ފަދައަކުން އިވާން ބުންޏެވެ.

"ވަޓް؟ މިތާ މަތިންތަ ދާންވީ؟ ވެއްޓުނިއްޔާއޯ؟" މައިރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

"ކުރީ ރޭ ފުރާޅުމައްޗަށް އަރާ އުޅުނީމަ އަހަރެން ހީކުރީ ވަރަށް ކެރޭ ކުއްޖެއްކަމަށް" އިވާން އެއްމިޔަކަނިން ހިނިތުންވެލި އެވެ.

"ދެން އެރޭ މާ ތިރިއަކަށް ނޫނެއްނު ފުންމާލީ.. މިތަނުން ވެއްޓުނިއްޔާ ސީދާ ވެއްޓޭނީ ބިންމައްޗަށް" މައިރާ ހާސްވި އެވެ.

"ޓްރަސްޓް މީ.. އަހަރެން ނުވެއްޓޭހާ ހިނދަކު މައިރާއެއް ނުވެއްޓޭނެ. އަހަރެން ވެއްޓެންދާއިރުވެސް މައިރާ ސަލާމަތްކުރާނަން" އިވާންގެ އަތުގައި ހިފާށޭ ބުނާފަދައަކުން މައިރާއަށް އަތްދިއްކޮށްލި އެވެ.

އިވާންގެ ބަހަށް މައިރާއަށް ވަރަށް ފަސޭހައިން އިތުބާރު ކުރެވުނެވެ. އިވާން އޭނާ ވެއްޓުނަ ނުދޭނެކަން ހިތުގެ އަޑިން ގަބޫލުކުރެވުނެވެ. ބެލްކަނީގައިހުރި ތިރި ގޮނޑިއެއްގެ މަތީގައި ކެމެރާ ބާއްވައިލުމަށްފަހު އިވާން ދިއްކޮށްލި އަތުގައި ހިފި އެވެ. އިވާންގެ އިރުޝާދާއި އެއްގޮތަށް ބެލްކަނީގެ ރެއިލިންގް މައްޗަށް ފައި ނެގިއިރު މައިރާގެ ހިތް ބާރުބާރަށް ތެޅެމުންދިޔަ އެވެ. ދެން އޭނާއަށް ޖެހުނީ އިވާންހުރި ބެލްކަނީގައި އެއްއަތުން ހިފަހައްޓައިލުމަށްފަހު އެ ބެލްކަންޏަށް ފައި އަޅާށެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާގެ އަތުގައި ހިފައިގެންހުރި އިވާންގެ އަތަށް ބާރުލަމުން އެ ބެލްކަންޏަށް ފައި އެޅިވަގުތު މައިރާގެ ފައި ހަމަ ރަނގަޅަށްވެސް ކައްސައިލި އެވެ. ލިބުނު ސިހުމުގައި ހަޅޭއްލަވައިގަންނާނެ ފުރުސަތެއް ނުލިބެނީސް އިވާން މައިރާގެ މެދުހަށީގައި ހިފައި ބައްދައިލަމުން ބެލްކަނީގެ ތެރެއަށް މައިރާ ދަމައިގަތެވެ.

"ޝްޝްޝް" އިވާން އަވަސްއަވަހަށް މައިރާގެ އަނގަމަތީގައި އަތް އެޅިއިރު މައިރާ ބޮޑުކޮށްލެވިފައިވާ ދެލޮލުން އިވާންއަށް ބަލަހައްޓައިގެން ހުއްޓެވެ. "ބްރީތް މައި.. އަހަރެން ބުނީމެއްނު މައިރާ ވެއްޓުނަކަ ނުދޭނަމޭ.." އިވާން މައިރާގެ އަނގަމަތިން ނެގި އަތް މައިރާގެ މެދުހަށީގައި އަޅުވާލެވިފައިވާ އަތާ ގުޅުވައިލިއިރު މައިރާ އަދިވެސް ދިޔައީ ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންނެވެ.

"އައިމް ސޭފް؟" މައިރާއަށް ގަބޫލުނުކުރެވިފައި އަހައިލި އެވެ.

"ޔެސް. ޔޫ އަރ ސޭފް ޑްރާމާކުއީން" އިވާން ޔަގީންކަންދިނެވެ. މައިރާ އެވާހަކަ ގަބޫލުކުރާ ފަދައަކުން ބޯ ޖަހައިލުމަށްފަހު އިވާންގެ އަތުން ވީއްލިގަތެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިލަމުން ކުރިންހުރި ބެލްކަންޏަށް ބަލައިލި އެވެ.

"ޔޫ ސޭވްޑް މީ.. ޔޫ އޯލްވޭޒް ސޭވް މީ" އިވާންއަށް ބަލައިލަމުން މައިރާ ހިނިތުންވެލެވުނެވެ.

"ކީއްކުރާނީ؟ އަބަދު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އުޅޭ ކުދިންނާ ޖެހުނީމަ އަބަދު ސޭވް ކުރާހާ ދޯ ވާނީ؟" ސޯޓުގެ ދެޖީބަށް އަތްޖަހައިލަމުން އިވާން ރެއިލިންގްގައި ލެގިލި އެވެ.

“އެކަމަކު ދެންމެވީ ކަންތަކަށް އަހަރެން ބްލޭމްއެއް ނުނަގާނަން. އިވާން ބުނެގެން ދޯ ދެންމެ އެގޮތަށް ފުރާނަ އަތްމައްޗަށްލީ” މައިރާ ދެލޯ އަޅައިލަމުން ބުންޏެވެ.

"އަހަރެން ބުންޏޭ ކިޔާފަ ކިތަންމެ ނުރައްކާތެރި ކަމެއްވެސް ކޮށްފާނަމޭތަ ތި ބުނީ" އިވާން އަހައިލި އެވެ.

"އިވާން އަހަރެން ސަލާމަތްކުރާނެކަން އެނގެންޏާ ކީއްވެ ނުކުރަންވީ؟" މައިރާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

"ހަމަ ތިވަރަށް އަހަރެންނަށް އިތުބާރު ކުރަންތަ؟" ދުރު ފިޔަވަޅަކުން މައިރާއާ ދެމެދުގައިވި ޖާގަ ހަނިކޮށްލަމުން އިވާން އަހައިލި އެވެ. ބަދަލުގައި މައިރާ ފަހަތައް އަޅައިލި ފިޔަވަޅާއެކު މަތަވީ ފަހަތުގައިހުރި ފާރުގައި ޖެހުމުންނެވެ. އިވާންގެ އެ ގާތްކަމުން ހިތް އަވަސްވެފައިހުރި މައިރާއަށް އިސްޖަހައިލަން މަޖުބޫރުވި އެވެ. ނަމަވެސް އިވާންގެ ތޫނު ނަޒަރުން އޭނާއަށް ސަލާމަތްވެވޭގޮތެއް ނުވި އެވެ. އިވާންގެ ފުރިހަމަ ސަމާލުކަން އޭނާއަށް ހުއްޓިފައިހުރިކަން އެނގު މައިރާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔަ އެވެ.

"މައިރާ؟" މައިރާގެ ފަރާތުން ޖަވާބެއްނުލިބި ގިނައިރުވާން ފެށުމުން އިވާން ގޮވައިލި އެވެ.

"ތެދަ.. ތެދަށް ބުނަންޏާ ޔެސް.. އިތުބާރު ކުރެވޭ.. އިވާން އަހަރެން ސަލާމަތްކުރާނެކަމަށް. ރޭގަވެސް.. އެންމެ ހިނދުކޮޅަކަށްވެސް އަހަރެން އުއްމީދު ކަނޑައެއްނުލަން.. ޔަގީންކަން އޮތް.. އިވާން އަހަރެން ހޯދާނެކަމުގެ.. އެންމެ ފުރަތަމަ އަހަރެންގާތަށް އަންނާނީ އިވާންކަން އެނގުނު" މައިރާ އިސްއުފުލައިލަމުން އިވާންގެ ދެލޮލާއި ހަތަރުކަޅި ހަމަކޮށްލި އެވެ. މައިރާގެ ކޮންމެ ޖުމްލައަކާއެކު އިވާންގެ ހިތަށް ލިބެމުންދިޔައި ބަޔާންކުރަންދަތި އުފާވެރިކަމެކެވެ. ވަގުތުން ވަގުތަށް މައިރާގެ ގައިގައި ބައްދައިލައި އެ މޫނުގައި ބޮސްދޭން ބޭނުންވި އެވެ. ނަމަވެސް އިވާން ކެތްތެރިވި އެވެ. އޭނާގެ އަމަލުތަކުގެ ލަގަން ހިފެހެއްޓި އެވެ.

"މައި.. އަހަރެން މައިގާތު ބުނަން އުޅުނީ.." އިވާންގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ. އެއީ އެވާހަކަ ދައްކަން އެންމެ އެކަށޭނެ ވަގުތުކަން އެނގުނަސް އެވާހަކަ ދުލާ ހިސާބަށް ގެންނާކަށް ނޭނގުނެވެ.

"އިވާން؟" އިވާންގެ އަތުގައި މައިރާ ހިފައިލީ ކިހިނެއްވީހޭ އަހައިލާ ފަދައަކުންނެވެ. އިވާންއާމެދު އޭނާގެ ހިތުގައި ހިސާބެއްގެ ކަންބޮޑުވުމެއްވެސް އުފެދުނެވެ. ވާނީވެސް އެހެންތާ އެވެ. މި ނޫނިއްޔާ އިވާން ދުވަހަކުވެސް ކަމަކާމެދު ފަސްޖެހި ޖެހިލުންވެފައިހުރި ތަނެއް މައިރާއަކަށް ފެނިފައެއް ނުވެ އެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!